"ހިނގާ!" ސަޢީދާ ނަޒްލާ ފެނިގެން އަތުގައި ހިފާލައިފައި ސިޓިންރޫމަށް ނިކުންނަން ދިޔައެވެ. ކަފުން ކޮށްފައި އޮތް މައްޔިތާގެ އޮތް މޭޒުގެ ވަށާލައިގެން މީހުންތައް އެވަގުތުވެސް ތިއްބެވެ. ނަޒްލާ ސަޢީދާއަށް ނަޒަރެއް ދީފައި ގޮސް ދަލޭކަ ދައިތަގެ ހަށަމަށް ނަގާފައިވާ އަތްމަތީގައި އަތް ތިލަ ބާއްވައިލަމުން ހިތާއި ހިތުން ހެޔޮ ދުޢާ ކުރިއެވެ. އެނބުރި ދާންވެގެން ހިނގައިގަނެފައި ކޮންމެވެސް މީހަކު ބަލާހެން ހީވެގެން އިސްއުފުލާލިއިރު އޭނާއަށް ހީވީ ރަނގަޅަށެވެ.
މޭގަނޑު ފިނިވެގެން އައި ނަމަވެސް ނަޒްލާ އެކަމެއް ނުދައްކައެވެ. ފަރޫޝާ ބަލަހައްޓައިގެން އިން ގޮތުން އެއީ ކޮންމެހެން އޭނާ އެނގިގެން ބެލި ބެލުމަކާއި ވައްތަރެއް ނޫނެވެ. ފަހަރުގައި ޝައްކު ނުވާކަމެއް ނޭނގެއެވެ. ނަޒްލާ ނޫން ކަމަށް ހެދިފައި އެތަނުން ދުރަށް ޖެހުނު ގޮތަށް ގޮސް ގޭގެ މައި ދޮރުން ނިކުތްއިރު ބޭރުތެރެ އަދިވެސް ފުދޭވަރަކަށް އަނދިރިއެވެ. މޭގައި އަތް އަޅައިލުމާއެކު އޭނާ ދިޔައީ އަދިވެސް ކުރިއަށެވެ. އެކަމަކު ފޫޓުން ބޭރަށް އެޅި ފުރަތަމަ ފިޔަވަޅާއެކު ދެފައި ބިމުގައި ތަތްލައިފިއެވެ. މަގުގެ އަނެއް އަތުން އައިސް އެގޭގެ ފޫޓު ފާރުތެރެއަށް ވަތް މީހާ އަވަސް އަރުވާލައިފައި ހުރުމުން އެމީހެއްގެ އަތާއި ނަޒްލާގެ އަތް ބީހުނީއެވެ. ސިއްސައިގެންދާ ފަދަ ގޮތަކަށް ނަޒްލާ އެނބުރި ބަލާލިއިރު އެމީހަކު ފުރަގަސްދީފައި ގެއަށް ވަންނަން ދެއެވެ. އޭނާއަކަށް އެކަން އިހްސާސްވި ހެނެއް ހިއެއް ނުވެއެވެ. އެކަމަކު އެލުއި ބީހުން ނަޒްލާގެ އެތެރެހަށީގައި އަޖައިބެއްފަދަ ކަރަންޓެއް އުފައްދައިފިއެވެ. އޭނާ ހައިރާންކަމާއެކު ބަލަން ހުރެފައި ދެއަތްތިލަ އުފުލާލާއި ކަޅި ހުއްޓާލިއެވެ. އެދެއަތްތިލަގައި އުފެދިފައިވާ މަޑު ތުރުތުރަކީ ޔަޤީނުންވެސް ކޮންމެވެސް ކަހަލަ ސިގްނަލެކެވެ.
"އަނެއްކާ އެއީ އަވިކް....؟" ހިތަށްއެރި އެއްޗަކުން ނަޒްލާއަށް އެދެއަތް އެޅުނީ އަނގަމަތީގައެވެ. ނިދިފައި ހޭލެވުމުން އޭނާ އެހުންނަނީ އަވިކް އައިސް އުޅޭކަން ހަނދާން ނެތިފައެވެ. އެވަގުތު އޭނާއަށް އެހުރެވުނީ އަވިކް އާއި އެއްފަސްގަނޑެއްގައިކަން ހިތަށް އެރުމުންވެސް ބަނޑު ތެރޭގައި އާދަޔާ ޙިލާފް ހަރަކާތްތަކެއް ހިނގައިގަތެވެ. އެކަމަކު ދެވަނަ ފަހަރަށް އެތެރެއަށް ވަންނާނެ ހިތްވަރެއް ނަޒްލާއަކަށް ނުލިބުނެވެ. ނިޔަފަތި ހަފަން ފާރު ކައިރީ މަޑުކޮށްލައިގެން ހުއްޓާ ނަސީބަކުން ސަޢީދާ އޭނާ ހޯދަމުން އަތުވެއްޖެއެވެ. މަންމަގެ ހުއްދަ ލިބުމުން ނަޒްލާ އަވަހަށް ދިޔައީ ގެއަށެވެ.
އިރުގެ ފުރަތަމަ ދޯދިތައް ދުނިޔެއަށް މަރުހަބާ ކީއިރު ވާޖިބު އަދާކޮށްފައި އެންމެން މިސްކިތު ގޯތިތެރެއިން ނިކުތީއެވެ. ވަކި ހިސާބަކުން މީސްކޮޅު ބައިބައިވެ އެކި ހިސާބަށް ބެހުމުން ގެއަށް އައިސް ވަނީ އާއިލާއަށް ނިސްބަތްވާ ހަތަރު ފިރިހެނުންނާއި ކަރަމްމެން ދެބަފައިންނެވެ. އޭރު ގޯތިތެރޭގައި އެލުވާފައި ހުރި އުނދޯއްޔެއްގައި ސުދާ އޮތީ އުޑާއި ދިމާއަށް މޫނު ހުއްޓާލައިގެންނެވެ. ސުދާ އެހެން އެންމެންނަށް ވުރެވެސް ދެރަވެގެން ރުއިވަރުން ވަޅުލާ ތަނަށް ނުގެންދިޔައީއެވެ. ސުދާ ކައިރީ އިހުސާނާ މަޑުކޮށްފައި ދެންތިބި މީހުންވެސް ފިރިހެނުންގެ ފަސްފަހަތުން ކަހަލަ ގޮތަކަށް ގެއަށް އަތުވެއްޖެއެވެ. ފަރޫޝާ ގޯތިތެރެއަށް ވަދެފައި ފުރަތަމަވެސް ހޯދައިލީ ކަރަމްއެވެ. ސުދާ އޮތް ޖޯއްޔާއި ތަންކޮޅެއް ދުރުގައި ހުރި ޖޯލިފަތީގައި ކަރަމް އޮތީ ރައްޒާޤުއާއި ވާހަކަ ދައްކާށެވެ. އިހުސާނާ އޭރު ދެކުދިން ގޮވައިގެން ގެއިން ނިކުންނަނީއެވެ. ކައިރީގައި ހުރި މަރިޔަމް އާއި ހަފްސާގެ ފަހަތުން ފަރޫޝާ ގޮސް ވަނީ ބަދިގެއަށެވެ. ގޯތިތެރޭގައި ސުދާ އާއި ކަރަމް ފެންނަ ހިސާބުގައި ނުހުންނަން ވެގެން އޭނާ ސައި ހެދުމުގައި މަރިޔަމް މެނަށް އެހީތެރިވިއެވެ.
ރައްޒާޤު ތެދުވެގެން ގޮސް އެތެރެއަށް ވަނުމުން ކަރަމް ސުދާއަށް ގޮވާލިއެވެ. ސުދާ އޭރު ތެދުވެ އިނީ މަގުމަތީގައި ފޯނު ކަންފަތުގައި ޖަހައިގެން ހުއްޓި ހުރި އަވިކްއަށް ނަޒަރު ހުއްޓާލައިގެންނެވެ. "ސައިބޮއިގެން ނިދާލަންވީއެއްނު. ރޭވެސް އެންމެ ލޮލުފިޔައެއް ނުޖަހާ ތިއުޅެނީ. ހަމަޖެހިލައިގެނެއްނު ފުރާނީ." ސުދާ އޭނާ ގޮވައިލި އަަޑަށް މޫނު އަނބުރައިލުމުން ކަރަމް ބުނެލިއެވެ. "ހަފްތާއެއްވަރު ކޮށްލާފަ ފުރާނީ." އެވަގުތު ފޯނު ނިންމާފައި އެނބުރި އައިސް ވަން އަވިކްއަށް ބައްޕަގެ ޖުމްލަ އިވިގެން ބުނެލިއެވެ. އަވިކް އައިސް އިށީންދެލީ ޖެހިގެން ހުރި ޖޯލީގައެވެ. "މިކަހަލަ ވަގުތެއްގައި އެހާ އަވަަހަށް ފުރުން ރަނގަޅެއް ނޫން. މިކޮޅުގައި އާއިލާމީހުން ކައިރީ މަޑުކޮށްލިއްޔާ އެއީ އެމީހުންނަށްވެސް ލިބޭ އުފަލަކަށް ވެގެންދާނެ .މަންމަ އާއި ކޮއްކޮ އެކު ހަފްތާއެއް ވަންދެން މަޑުކޮށްފަ ދާނީ." އަވިކް އިތުރު ކޮށްލިއެވެ. އޭނާއަށް އެނގެއެވެ. މަންމަވެސް އެހާ އަވަހަށް ފުރަން ބޭނުމެއް ނުވާނެއެވެ. އެމަންމަ އެއީ ފެށުނީއްސުރެވެސް ރަށްދެކެ އެންމެ ލޯބިވި އެއްފަރާތެވެ. އެވަގުތު ކަރަމްވެސް ބޯ ޖަހައިލާފައި އެގޮތާއި ރުހޭކަން އަންގާލިއެވެ.
ފުރުމުގެ ކުރީން އާއިލާ މީހުންގެ ގޭގެއަށް ޒިޔާރަތް ކުރަން ފަރޫޝާ ބޭނުންވިއެވެ. ކަރަމްއާއި ގޭގެ ދެންތިބި ފިރިހެނުން ސައިބޯން އެރި ވަގުތު އޭނާ ލިލީ ގޮވައިގެން ނިކުމެފައި ފުރަތަމަ މިސްރާބު ޖެހީ އަމިއްލަ ގެއަށެވެ. ބޮޑުދައިތަ ވަޅުލަން ގޮސް ހުރިތަނުގައި މަންމަ އާއި ބާކީ މެމްބަރުން ތިބެފައި އެކަން ނިމުމުން މިސްރާބު ޖެހީ ގެއަށެވެ. ފަރޫޝާ އެވަގުތު އިހުސާނާމެން ކައިރީ އެމީހުންނަށް ބަލަން ހުއްޓާ މަންމަވެސް އޭނާ ފެނިގެން މޫނު އަނބުރާލީ އަނެއް ފަރާތަށެވެ. އެހާ ދުވަސް ފަހުން އަދިވެސް އެމީހުން އެތިބީ އޭނާ އާއި ރުޅިން ކަންނޭނގެއެވެ.
ބަދަލުތައް ގިނަ ނަމަވެސް ފަރޫޝާއަށް އަމިއްލަ ގެއަށް ދާން އެނގުނެވެ. އެގޭގެ މޫނުމަތިވެސް އޭނާއަށް ފެނުނީ މުޅިން ބަދަލުވެފައި ހުއްޓައެވެ. ގޭގެ ވަށައިގެން ކުރިން ހުރި ތިރި ފޫޓުފާރު އުސްކޮށް މިހާރު ހުރީ ދޮރޯށި ލައިފައެވެ. ތަޅުގައި އަތްލާފައި ފަރޫޝާ ނޭވާ ހިފަހައްޓާލައިގެން ހުރެ އެތެރެއަށް ހުޅުވާލިއެވެ. ކުނި ކަހާލައިފައި އޮތް ބޮޑު ގޯތިތެރޭގައި މީހަކު ފެންނަން ނެތުމުން އޭނާއަށް އެތެރެއަށް ދާނެ ހިތްވަރު ލިބުނެވެ. ފިޔަވަޅަކަށް ފަހު ފިޔަވަޅެއް ނަގަމުން ގޭގެ ދޮރާއި ދިމާއަށް ބަލަމުން ކުރިއަށް ހިނގަ ހިނގާ ހުއްޓާ ބަޔަކު ވާހަކަ ދައްކާ އަޑު އައީ ބަދިގެ ފަރާތުންނެވެ. ކަނާތް ފަރާތުގައި ހަދާފައި ހުރި ބަދިގެ ފައްޗާއި ދިމާއަށް ގޮސް ނިކުތްއިރު ބަދިގެ ދޮރުމަތީ ޖޯލިފަތި ބަހައްޓައިގެން އެންމެން ކަހަލަ ގޮތަކަށް ތިއްބެވެ. ގިނަ ދުވަސްވެފައި ފެނުމުން ފަރޫޝާއަށް އެމީހުން ވަކި ކުރަންވެސް ނޭނގެއެވެ. އޭނާއަށް ހަމައެކަނި ފާހަގަވީ ދޮންބެ އާއި މަންމަ ބައްޕައެވެ. ދެން ހުރި އަންހެންމީހާ އެއީ ހީވާގޮތުން ދޮންބެ އަންހެނުންނެވެ.
"މަންމާ! ބައްޕާ!" ކުރިއަށް ފިޔަވަޅެއް އަޅާލައިފައި ފަރޫޝާ ގޮވާލިއެވެ. އެއަޑަށް އެންމެން އެއްފަހަރާ އޭނާއަށް ދިމާއަށް މޫނު އަނބުރާލައިފި އެވެ. ލިލީ އޭނާގެ އަތުގައި ހިފާލައިގެން އެމީހުންނަށް ބަލަން ހުރީ ބީރަތްޓެހި ނަޒަރަކުންނެވެ. ގަދަކަމުން ހިންދިރުވައިލުމާއެކު ފަރޫޝާ ގޮސް އެމީހުން ކައިރިއަށް ހުއްޓުނެވެ. އެއެންމެންގެ ތެރެއިންވެސް އޭނާގެ ނަޒަރު ހުއްޓިފައި ހުރީ މަންމައަށެވެ. އޭނާއަށް އެނގެއެވެ. އެހެން އެންމެންނަށްވުރެ ބޮޑަށް އޭނާ ދެކެ ނުރިހިފައި ހުންނާނީ މަންމައެވެ. ބައްޕަ އާއި ދޮންބެވެސް އޭނާ ކަރަމް އާއިއެކު ފުރުމުގެ ކުރިން ކުޑަމިނުން ވަދާޢީ ސަލާމް ކުރިއެވެ. "ޒުހޭރާ! މިއަދު އަދި ހެނދުނު ސަޔަށް އެއްކަމެއް ނުކޮށް މިތިބެވުނީ. ހިނގާ އަވަހަށް ރޮށި ފިހަން ފަށަން." އަނެއްފަރާތަށް މޫނު އަނބުރައިލި މަރިޔަން ދީ ފަރޫޝާއާއި އަޅައިވެސް ނުލައި ތެދުވެގެން ގޮސް ބަދިގެ ދޮރު ހުޅުވާލައިފައި ވަނެވެ. މައިދައިތަގެ ވާހަކަ އިވުމުން ޒުހޭރާވެސް އިތުރަށް މަޑުކުރަން ނުކެރިގެން ފަހަތުން ދިޔައެވެ.
ފަރޫޝާ ދެރަވެފައި މަންމަ ވަދެގެން ދިޔަ ދޮރާއި ދިމާއަށް ބަލަން ހުއްޓާ ލިލީ އާއި ފުރަތަމަ ވާހަކަ ދައްކަން ފެށީ ބައްޕައެވެ. "ލިލީ ކިޔަނީ." ބައްޕަ ކުރި ސުވާލަށް ފަރޫޝާ ޖަވާބުދިނެވެ. ދޮންބެ އާއި ބައްޕަވެގެން ލިލީ ހުސް ޖޯލީގައި ބައިންދާފައި ވާހަކަ ދައްކަން ފެށުމުން ފަރޫޝާގެ ހިތަށް ކުޑަ ނަމަވެސް ހަމަޖެހުމެއް ލިބުނެވެ. އޭނާވެސް ލިލީ ކައިރީ ދެން ހުރި ޖޯލީގައި އިށީންދެއްޖެއެވެ. "ކޮންއިރަކުން ފުރަނީ؟" ދޮންބެ އެހިއެވެ. "ހަތެއްގެ ފްލައިޓުން. ސައިބޮއެގެން ހަމަ ދެވޭވަރު ވާނީ." ފަރޫޝާ ކިޔައިދިނެވެ. ގިނައިރެއް ނުވެ އޭނާ ތެދުވެފައި ދާންވެގެން އެންމެންނާއި ސަލާމް ކުރިއެވެ. ބަދިގެއަށް ނަޒަރެއް ދީފައި މާޔޫސް ކަމާއެކު ލިލީ އަތުގައި ހިފާލައިގެން ނިކުންނަނިކޮށް ކޮންމެވެސް މީހަކު ލިލީ އަތުގައި ހިފެހެއްޓިކަން އެނގިގެން ސިހިފައި ބަލާލެވުނެވެ. ކުރިމަތީގައި މުސްކުޅި މަންމަ ހުއްޓާ ފެނުމުން ލޮލަށް ކަރުނަ ގިނަވީ އިޚުތިޔާރެއް ނެތިއެވެ. "ލިލީ މާމަގެއިން ސައިބޮއިގެން ދާން ވާނީ." މާމަގެ ވާހަކަ އަހާފައި ލިލީ ބަލައިލީ ފަރޫޝާގެ މޫނަށެވެ. ފަރޫޝާ އެކަމާއި އެއްބަސް ވުމުގެ ގޮތުން މަޑު މަޑުން ބޯ ޖަހާލިއެވެ.
"ޒުހޭރާ! ލިލީގެ މަންމަ ކައިރީވެސް ބުނޭ ސައިބޯން އުޅޭށޭ. ގެއަށް އަންނަ މެހުމާނުންނަށް މެހުމާންދާރީ އަދާނުކޮށް ފޮނުވާލުމަކީ އަހަރެމެންގެ ގޮތެއް ނޫން." ފަރޫޝާ އެހުރިތަނުގައި ހުއްޓިލައިގެން ހުއްޓާ މަންމަ ކާގެ ތެރޭގައި ހުރެގެން ދެއްކި ވާހަކަ އިވުނެވެ. އިރުކޮޅެއް ނުވެ ޒުހޭރާ ބޯ ދިއްކޮށްލައިފައި ފަރޫޝާއަށް ހަނާ އަޅާލިއެވެ. ފަރޫޝާ ގޮސް ލިލީގެ ކައިރީ އިށީންދެ ސައިބޯން އިންއިރު އޭނާގެ މަންމަ ނުހަނު ލޯބިން ލިލީއަށް ރޮށި ކޮށައިދީ އުޅުނުތަން ފެނިގެން ހިތްހަމަ ޖެހުނެވެ. މަންމަ އޭނާއާއި އަނގައިން ނުބުންޏެއް ކަމަކު ނުވަ އަހަރުވީ ޒަޚަމަށް ހިސާބެއްގެ ލުއެއް ލިބިއްޖެއެވެ.
ގޭ ދޮރުމައްޗަށް ދެ ކާރު މަޑުކޮށްފައި އޮތެވެ. އެއް ކާރުގައި ދާން ހަމަޖެހިފައި ވަނީ ކަރަމް އާއި ފަރޫޝާމެން ދެމައިންނެވެ. އަނެއް ކާރުގައި ސުދާގެ އާއިލާއެވެ. އެހާ ކުޑަ ވަގުތު ކޮޅަކަށްވެސް އާއިލާގެ މެމްބަރުން ވެގެން ފަރޫޝާމެނަށް ހަދިޔާ ބަދިޔާ ތައްޔާރު ކުރިއެވެ. އެމީހުން ހިފައިގެން އައި ހަމައެކަނި އަތްދަބަހާއެކު އެންމެންނާއި ސަލާމް ގަލާން ކޮށްފައި ގޮސް ކާރަށް އެރިއިރު ސުދާވެސް ޖޯލިފަތީގައި ބަލަހައްޓައިގެން އޮތެވެ. ކާރު ގޮސް ލޯމަތިން އޮބާލުމުން ސުދާ މަޑުމަޑުން ލޯ މަރާލިއެވެ. "ސުދާ ހެޔޮނުވާނެ އެންމެ ފަހަރަކު އަހަންނަށް މަޢާފު ކުރޭ. ބުނޭ އަހަރެން ކީއްކުރިއްޔާ ކުރީގެ ދުވަސްތައް އިޢާދަ ކުރެވޭނީ؟ އަހަރެން މިހުރީ ކޮންމެ ކަމެއް ކުރަންވެސް ތައްޔާރަށް. ހަމަތެދެއް މިބުނަނީ އަހަރެންނަށް ސުދާ ނޫން ފަރާތެއްދެކެ ދުވަހަކުވެސް ލޯއްބެއް ނުވެވޭނެ. ސުދާ ބުނީތީ އަހަރެން ފަރޫޝާ ބަދުނާމުން ސަލާމަތް ކޮށްދިނީ. އެކަމަކު އަހަރެން ދިރިއުޅެން ބޭނުމީ ހަމައެކަނި ސުދާގެ ފިރިއެއްގެ ގޮތުގައި." ފަރޫޝާ އާއި ކައިވެނި ކޮށްފައި ކަރަމް އައިސް ބުނި ވާހަކަތައް ސުދާގެ ކަންފަތުގައި ހަރުލައިގެން ދިޔައީ ދެންމެ ވީ ކަމެއް ހެންނެވެ. "އަހަރެން މަޢާފު ތިހާ ބޭނުމިއްޔާ ފަރޫޝާއަށް ރަނގަޅަށް ކަންތައް ކުރޭ. މިކަމެއް ހިނގުމުގެ ކުރިން އަހަންނާއި ދޭތެރޭ ކަންތައް ކުރިހެން އޭނައާއި ދޭތެރޭ ކަންތައް ކުރޭ. އަދި އަހަރެން އެކަނި ހާލަށް ދޫކޮށްލާ. އެންމެ ކައިރީގައި އުޅެވެސް އަހަރެން މީ އެންމެ ދުރުގައި ހުރި މީހެއްގެ ގޮތުގައި ދެކޭ. އަހަރެން އަމިއްލަ ނަފްސް އަހަރެން ކައިރީ ކަރަމްއަށް މާފު ކުރަން މިހާރު ވެއްޖެއޭ ބުނި ދުވަހަކުން އަހަރެން ކަރަމްއަށް މަޢާފު ކުރާނަން." އެއީ އެދުވަހު ސުދާ ދިން ޖަވާބެވެ.
ދުރުގައި ހުންނަން ސުދާއަށްވެސް ފަސޭހައެއް ނޫނެވެ. ކަރަމް އެއީ އޭނާ މިދުނިޔެއިން ލޯބިވި ހަމައެކަނި ފަރާތެވެ. އަދި ކަރަމްވެސް އޭނާދެކެ ލޯބިވާވަރު ސުދާއަށް ސިއްރުވެފައެއް ނެތެވެ. އެކަމަކު ކަރަމް އޭނާގެ އިތުބާރު ގެއްލުވާލީއެވެ. ބަދަލުގައި ކޮންމެވެސް ސަޒާއެއް ހައްޤުވާނެ ނޫން ހެއްޔެވެ؟
"މަންމާ ހިނގާ ދާން!" އަވިކް ވާހަކަ ދެއްކި އަޑަށް ސުދާ ލޯ ހުޅުވާލިއިރު އައިސް ހުރީ ކުރިމަތީގައެވެ. ކުޑައިރުކޮޅެއްގެ ތެރޭގައި އެމީހުން ތިބި ކާރު މަޑުކޮށްލީ "މިޑޯވިއު" ކުރިމައްޗަށެވެ. އެކުގައި އިހުސާނާވެސް ދިޔައެވެ. އިހުސާނާ އެއީީ ފާއިތުވި ނުވަ އަހަރުއްސުރެ އެގޭގެ ކަންތައްތަކާއި ހަވާލުވެގެން ހުރި މީހާއެވެ. ގޭގައި ރޭގަނޑު ބޮކި ދިއްލުމާއި ގެއާއި ގޯތިތެރެ ސާފުކޮށް ބެލެހެއްޓުމުގެ ޒިންމާ އޭނާ ނުހަނު ރަނގަޅަށް އަދާކޮށްފައި ވެއެވެ. އިހުސާނާ ގޭޓު ހުޅުވާލުމުން އަވިކް ސުދާ އުރާލައިގެން އެތެރެއަށް ވަނެވެ. އީމާ ހުރީ އެމީހުންގެ ފަހަތުގައެވެ. ގޯތިތެރޭގެ ބޮޑު ބަޔަކަށް ހިޔާ އެޅޭގޮތަށް ފެތުރިފައިވާ ބިޔަ އަނބު ގަހުގެ އިތުރަށް އެންމެ ހުސްތަންކޮޅެއް ނެތި ހައްދާފައިވާ މާގަސްތައް ދެމީހުންގެ ލޮލުގައިވެސް އަޅައިގަތެވެ. އެމީހުން ހައްދާފައި ހުރި ގަސްތަކުގެ އިތުރަށްވެސް ކިތަންމެ ވައްތަރެއް މިހާރު ފެންނަން އެބަހުއްޓެވެ. ފޮޅިފައިވާ ކުލަ ކުލައިގެ މާތަކުގެ ސަބަބުން ޒީނަތްތެރިކަން އެތައް ގުނައެއް އިތުރުވެފައި ވެއެވެ. އިހުސާނާ އެއީ ބަގީޗާ ހަދަން އެހާ ޝައުޤުވެރިކަމެއް ހުންނަ ފަރާތަކަށް ވާއިރު އަމިއްލަ ގޭގައި އެކަހަލަ އެއްވެސް އިޝާރަތެއް ފެންނަން ނެތީތީ އެމީހުންގެ ހިތުގައި ސުވާލު އުފެދުނެވެ. ވެދާނެއެވެ. އެގޭ ގޯތިތެރޭ ގިނައިން ރުއް ހުންނާތީވެ ތަން ނެތުމުން އިހުސާނާގެ އެ ޝައުޤު މިޑޯވިއުގެ ގޯތިތެރެއިން ފުރިހަމަ ކޮށްލީއެވެ. މައި ދޮރާއި ދިމާއަށް ދެވެން އޮތް ހިމަ މަގުން އެމީހުން ގޮސް އިހުސާނާ އަވަހަށް ތަޅުދަނޑިފަތި ނެގިއެވެ.
"މީގެ ދެދުވަސް ކުރީންވެސް ހުރިހާ ތަނަކުން ހިރަފުސް ފޮޅައި ސާފުކޮށްފަ ހުންނާނީ." އިހުސާނާ ދޮރު ހުޅުވާލައިފައި ވަންނަމުން ކިޔައިދިނެވެ. އޭނާ ފުރަތަމަވެސް ސޯފާތަކުގެ މަތީ އަޅާފައިވާ ހުދު ފޮތިތައް ނަގައި ފަތްޖަހާފައި ކުޑަ މޭޒުމަތީ ބަހައްޓަން ފެށިއެވެ. ސޯފާގައި މަންމަ ބައިންދާފައި ވަށައިގެން ލޯ ހިންގާލި އަވިކްއަށްވެސް އިހުސާނާ އެބުނީ ތެދެއްކަން ބަލައިލި ކޮންމެ ދިމާއަކުން އެނގުނެވެ. ހުރިހާ ތަނެއްގެ ތަރުތީބުވެސް ހުރީ ހަމަ ކުރީގެ ގޮތަށެވެ. މިކިޔާލް ގުޅާތަން ފެނުމުން ފޯނު ހިފައިގެން އޭނާ ދިމާ ކުރީ ސިޑިއާ ދިމާއަށެވެ. އަވިކް ރަށަށް އައި ފަހުން މިކިޔާލް ގުޅި އެއީ ތިންވަނަ ފަހަރެވެ.
"ނުވެސް ނިދަނީތަ؟" އަވިކް ފޯނު ކަންފަތުގައި ޖަހާފައި ބުނެލިއެވެ. އޭނާ ސިޑިން އަރައިގެން ގޮސް އެންމެ ދުރުގައިވާ ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. އެދޮރުން އެތެރެއަށް އޭނާ އެޅި ފިޔަވަޅާއެކު މާޒީގެ ތެރެއަށް ދަތުރު ކޮށްލެވުނު ކަހަލައެވެ. އެތަކެއް ހަނދާންތައް އެކުވެގެން އައިސް ސިކުނޑީގެ ދޮރުފަތުން އެތެރެއަށް ދެމިގަތެވެ. ނޭނގުމުގެ ތެރޭގައި ފޯނު ތިރިކޮށްލައިފައި އަވިކް ގޮސް ބެލްކަންޏަށް ނިކުތެވެ. އެބެލްކަނިވެސް އެއީ މާބަގީޗާއެކެވެ. އަވިކް ރެއިލިންގައި އަތް އަޅުވާލައިފައި އިސްއުފުލައިލުމުން ދުރުން އެންމެ ކައިރީގައި ޖެހިޖެހިގެން ހުރި ތިންގެ ފެނުނެވެ. އަދި އެތަނުން ތިންވަނައަށް ހުރި ގެއަށް އޭނާގެ ނަޒަރު ހުއްޓިފައި ކުއްލިއަކަށް ސިއްސައިގެން ދިޔައެވެ. "ނަޒޫ!" އަވިކްއަށް ބުނެލެވުނެވެ. ނަޒޫގެ ކޮޓަރި ދޮރުފޮތިގަނޑު ދުރުކޮށްލައިގެން ހުރެފައި ކޮންމެވެސް މީހަކު ދުރަށް ޖެހިލައިފިއެވެ.
"އަވިކް!" ނަޒްލާ ތެޅިގަނެފައި ދޮރުފޮތިގަނޑުން އަތް ދޫކޮށްލި ގޮތަށް އިށީންދެލީ އެނދުގައެވެ. އޭނާއަށް އިއްތިފާޤުން އައިސް ކުޑަ ދޮރުން ބޭރު ބަލައިލެވުނީ އަވިކް ބެލްކަނީ ހުއްޓި ހުރި ވަގުތުގައެވެ. ދުރުން ފެނުމުން މާބޮޑަށް ފާހަގަ ނުވި ނަމަވެސް ނަޒްލާއަށް ޔަޤީންވި އެއްޗަކީ މިއަދު މިގަޑީގައި އެތާ އަވިކް ނޫން މީހަކު ނުހުންނާނެ ކަމެވެ. އޭނާ އަވަސްވެފައިވާ ހިތް ހަމައަކަށް އަޅުވާލަން މަސައްކަތް ކުރަމުން ކޮޓަރިން ނިކުތްއިރު މަންމަ އުނދޯލި ހެއްލާލަން އިނީ ދުފާފޮށި އުނގުގައި ބައިންދާލައިގެންނެވެ. މަންމަގެ މޫނުން ވިސްނުމެއްގެ އަސަރު ފެންނަން ހުރުމުން ނަޒްލާ ނޫން ކަމަށް ހެދިފައި އެތަނުން ނިކުމެވޭތޯ ދިޔައެވެ. ދޮރާއި ހަމައަށް ދެވުނުތަނާ މަންމަ ގޮވާލުމުން އޭނާ ދިޔައީ ސިއްސައިގެންނެވެ. އޭނާ ހިތަށް އެރީ މަންމަ އަވިކްއާއި ގުޅޭގޮތުން އެއްޗެއް ބުނަން އުޅެނީ ކަމަށެވެ. ބިރުގަތީ އެހެންވެއެވެ. މަންމައަށް އަނެއްކާ ޝައްކު ވެއްޖެއްޔާ ވާނީ ކިހިނެތް ހެއްޔެވެ؟
"ހެނދުނު ހެނދުނާ އައި ގޮތަށް އަދި ކިރިޔާ ތި ނިކުތީ ކޮޓަރިން. ކީއްކުރީ މިއޮތް ހުރިހާއިރު؟ ނިދީތަ؟ ބަނޑުހައެއްވެސް ނުވޭތަ ނަޒްލާ؟" މަންމަގެ ވާހަކަ އިވިފައި ކުޑަ ހަމަޖެހުމެއް ލިބިގެން ނަޒްލާ ފުން ނޭވައެއް ލާފައި އެނބުރި ބަލާލިއެވެ. "މިދަނީ ސައިބޯން." ނަޒްލާ މަންމައަށް ބަލައިލާފައި އަނެއްކާ އެނބުރި ބަދިގެ ފަރާތަށް ދާންވެގެން ނިކުތްތަނުން ކޮންމެވެސް މީހެއްގެ ގައިގައި ލައިގެންފިއެވެ. އެވަގުތު ނަޒްލާ ގެ އަނގައިން ނިކުތް ހަޅޭކުގެ އަޑު އަހާފައި ސަޢީދާވެސް އުނދޯލިން ފުންމާލައިގެން އަތުވެއްޖެއެވެ. ބިމުގައި ފައި ހަރުލުމުން ނަޒްލާއަށް އިސްއުފުލައި ނުލެވި އުޅެނިކޮށް މަންމަގެ ޖުމްލަ އިވިގެން އޭނާ ސިހިއްޖެއެވެ. އަވަސް އަވަހަށް އިސްއުފުލާލެވުނު އިރު އަވިކްގެ ތޫނު ދެލޯ ހުއްޓިފައި ހުރީ އޭނާގެ މޫނަށެވެ.
"އަވިކް؟" ނަޒްލާ ޔަޤީން ނުވެފައި ހުރި ފަދަ ގޮތަކަށް އަވިކްއަށް ބަލަމުން އަހާލިއެވެ. "ހޫމ. މީ އަހަރެން. އަވިކް." އަވިކް ބުނެލިއެވެ. އެތުންފަތުގައި ކުޅެލަ ކުޅެލާ ހުރީ ކާމިޔާބީގެ ހިނިތުން ވުމެކެވެ. އެކަޅު ދެލޮލުގައި އަޖައިބެއްފަދަ ވިދުވަރެކެވެ. ނަޒްލާ ފެނުމުން އޭނާ އުފާވެފައި ހުރި މިންވަރު ހަމައެކަނި މޫނުގެ ކުލައިންވެސް ދޭހަ ވޭވޭ ހުއްޓެވެ.
"ކޮބާ އަވިކް މަންމަ؟" ދެޒުވާނުން އެކަކު އަނެކަކަށް ބަަލަހައްޓައިގެން ތިއްބައި ސަޢީދާ ވާހަކަ ދެއްކި އަޑަށް އަވިކް އަވަހަށް ނަޒްލާ އަތުން ދޫކޮށްލައިފައި ދުރަށް ޖެހުނެވެ. "މަންމަ ގޭގައި އެބައިން." އަވިކް ޖީބަށް އަތް ޖަހާލަމުން ސަޢީދާއަށް ހިނިތުންވުމެއް ދައްކާލިއެވެ. "ނަޒްލާ އަވިކްއަށް ސައިދޭންވީއެއްނު." ސަޢީދާ އެނބުރިލީ ނަޒްލާ އާއި ދިމާއަށެވެ. ނަޒްލާ އޭރުވެސް އެސްފިޔަޖަހާލަން ނޭނގިފައި އަވިކްގެ މޫނަށް ބަލަން ހުއްޓެވެ. މަންމަ ވާހަކަ ދެއްކިއަޑަށް ބޯ ޖަހައިލާފައި އޭނާ ބާރު ހިނގުމެއްގައި ގޮސް ކާގެއަށް ވަދެއްޖެއެވެ. ނިކަން އަތްމަތި އަވަސްކޮށް އޭނާ ސައިބޮވޭނެހެން މޭޒުމަތި ތައްޔާރު ކޮށްލިއެވެ.
އަވިކްގެ ފިޔަވަޅު އަޑު އިވުމުން، ނޭވާ ހަށްޓަށް ނުފެތިގެން އުޅޭ މީހަކު ފަދައިން ދެފަަހަރަކު މޭގައި ފިރުމާލެވުނެވެ. ގޮނޑީގައި ނުއިށީންދެވިފައި ނިޔަފަތި ހަފަން ހުއްޓާ އަވިކް އައިސް ވަދެއްޖެއެވެ. "އަސްލު އަހަރެން ސައިބޮއެފިން. އެކަމަކު ނަޒޫ ތައްޔާރު ކުރީމަ ނޫނެކޭ ނުބުނަން ވެގެން މިއައީ." މޭޒު ދޮށުގައި އިށީން އަވިކް ބަލައިލީ ނަޒްލާގެ ރަތްވަމުން އައި މޫނަށެވެ. ނަޒަރު ވަކިކޮށްލަން ނޭނގިފައި އޭނާއަށް އިނދެވުނެވެ. "ނަޒޫ ސައިބޮއެފިންތަ؟" އަވިކް އިރުކޮޅަކުން އަހާލިއެވެ. ނަޒްލާ އެސްފިޔަތައް އުފުލާލުމާއެކު ނޫނެކޭ ބުނުމުގެ ގޮތުން ދެފަރަތާތަށް ބޯ ހޫރުވާލިއެވެ. "ގްރޭޓް. އަވަހަށް އިށީންދޭ." އަވިކްގެ އަޑުގައި ޖޯޝް ވިއެވެ. ނަޒްލާ އަވިކް އެދުނު ފަދައިން އިށީންދެފައި ސައިބޯން ތައްޔާރުވި ނަމަވެސް އޭނާއަށް އެއީ ފަސޭހަ ކަމަކަށް ނުވިއެވެ. އަނގައަށް ލާ ކޮންމެ އެތިކޮޅެއް އަރުން އެތެރެ ވަނީ ފެންތަށީގެ އެހީގައެވެ. އަވިކް އޭނާގެ ހާލު އަހުވާލު އަހައި ފާއިތުވި ނުވަ އަހަރުގެ ރަށުތެރޭގައި ހާލަތާއި ބެހޭގޮތުން ސުވާލު ކުރަން ފެށުމުން އޭނާ ހަަމައެކަނި އެސުވާލުތަކަށް ޖަވާބު ދިނީއެވެ.
ސައިން ނިންމާފައި އަވިކް އަތް ދޮވެގެން ނިކުތުމުން ނަޒްލާ ހުރީ ސިންކު ކައިރީ ތަށި ދޮންނާށެވެ. އިރުކޮޅަކުން އަވިކް އަނބުރާލައިފައި އައިސް އޭނާގެ ފަހަތުގައި ހުއްޓިފައި ގޮވާލިއެވެ. "ފްރީ ވީމަ އަހަރެމެން ގެއަށް ދާތި އިނގޭ. ނަޒޫގެ އެއްޗެއް އޮންނާނެ." ނަޒްލާ ބަލައިލުމުން އަވިކް ބުނެލިއެވެ. އޭނާ ބޯ ޖަހައިލުމުން އަވިކް ނިކުމެގެން ދިޔައީ ގެއަށެވެ. އެކަމަކު އެހިސާބުން ނަޒްލާގެ ހަމަޖެހުން އެކުއެކީ ގެއްލުނީއެވެ. އަވިކް އަތުގައި އޮތް އޭނާގެ އެއްޗަކީ ކޮބައިކަމެއް ނޭނގިގެން ވިސްނާ ވިސްނާ ބޮލުގައި ރިއްސަން ފަށައިފިއެވެ. އެކަމަކު އޭނާއަށް އެގެއަށް ދިއުމުގެ ހިތްވަރެއްވެސް ނުލިބުނެވެ. ދެފަހަރު މަތިން ގެއިން ނިކުމެފައިވެސް އަނބުރާލައިފައި އައީއެވެ. އަވިކް ދެވަނަ ފަހަރަށް އައީ ނަޒްލާ މަޤްރިބް ނަމާދަށް ހުއްޓައެވެ. ސަޢީދާގެ ހުއްދަ ލިބުމުން އޭނާ އައިސް ނަޒްލާގެ ކޮޓަރި ދޮރު ހުޅުވާލައިފައި މުސައްލަމަތީ ހުރި ނަޒްލާއަށް ބަލަން ހުއްޓެވެ. ނަޒްލާ ނަމާދު ކޮށް އަވަދިވެގެން އެނބުރިލިއިރު އަވިކް ފެނުމުން މުޅިކުއްޖާ ފިނިވިއެވެ.