ނަޒްލާ ކަންބޮޑުވެފައި އެއްޗެއް ބުނަން އަނގަ ހުޅުވާލިތަނާ އަވިކް އައިސް ހިފެހެއްޓީ އޭނާގެ އަތުގައެވެ. އަދި ކުޑަވެސް ޖެހިލުމެއް ނެތި އެންމެން ކުރިމަތީ އޭނާގެ އަތަށް ދަމަމުން ދުރުގައި ހުރި ލިފްޓާއި ދިމާއަށް ހިނގައިގެންފިއެވެ. ހިނދު ކޮޅަކަށް ނަޒްލާގެ ހިތްވެސް ހުއްޓުނު ކަހަލައެވެ. ދެކޮޅު ހެދުމުގެ ގޮތުން ބުނަން ބޭނުންވި އެތައް ވާހަކައެއް ހިތުތެރޭ ގިނަވެގެން ދިޔައިރު އެންމެ ބަހެއްވެސް ދުލާއި ހަމައަކަށް ނައެވެ. ބިރުން ދެލޯ ބޮޑުކޮށްގެން އޭނާއަށް ފަސްއެނބުރި އެނބުރިފައި ބެލުނީ ދުރުވަމުން ދިޔަ މުވައްޒަފުންތަކާއި ދިމާއަށެވެ. އެހުރިހާ އެންމެން ހައިރާން ކަމާއެކު އެސްފިޔަ ޖަހާލަ ޖަހާލާ ކުޅި ބަލަން ތިއްބެވެ.
އިރުކޮޅެއް ނުވެ އަވިކް އޭނާ ގޮވައިގެން ލިފްޓް ތެރެއަށް ދެމިގަތުމުން އެކުޑަ ގޮޅީގައި ދެމީހުން އެކަނިވީއެވެ. ނަންބަރަށް އޮބާލައިފައި އަވިކް އައީ ސީދާ ނަޒްލާގެ ކައިރިއަށެވެ. ނަޒްލާ ދުރަށް ދާން ވެގެން ދެފިޔަވަޅެއް އަޅާލިއިރު ހުރީ ލިފްޓްގެ އެއް ކަނަކަށް ވަދެ ހައްޔަރު ވެފައެވެ. "ކޮންމެ ފަހަރަކު އަހަރެންގެ ވާހަކަ ނުނިމެނީސް ނަޒޫ ފިލައިގެން ދަނީ. އެކަމަކު މިފަހަރު ހިލާ އެހެނެއް ނުވާނެ. މިފަހަރު ނަޒޫ އަހަރެން ކުރިމަތިން ގުޑިލާނީވެސް އަހަރެން ދައްކަން ބޭނުން ހުރިހާ ވާހަކައެއް ނިމުނީމަ." އަވިކް ދެއަތް އުފުލާލައި ނަޒްލާގެ ދެފަރާތުން ބިތުގައި ވިއްދާލިއިރު އެދެމެދުގައި ހުރީ ނިކަން ކުޑަ ދުރު މިނެކެވެ. ނަޒްލާ އިތުރަށް ނޭވާ ހާސްވެ ހިތުގެ ތެޅުން ބާރުވިއެވެ. އޭނާއަށް އަސަރު ކުރާނެ ވަރު އަވިކްއަށް ހަމަ ނޭނގެނީ ހެއްޔެވެ؟ އެހާ ކައިރިން މޫނަށް ބަލާއިރު އޭނާ ފިނިވާނެކަން އިހްސާސް ނުވަނީ ހެއްޔެވެ؟ ތަފްޞީލު ކޮށް ހުރިހާ ވާހަކައެއް ކިޔައި ދިނުމުންވެސް ވީ ފައިދާއެއް ނެތެވެ. ހީވަނީ އަވިކް ގަސްތުގައި ކޮށްލާ ޖެއްސުމެއް ހެންނެވެ. ރުޅިގަދަވެގެން ނަޒްލާއަށް އަތްތިލަ މުށްކަވާލެވުނެވެ. އެންމެން ކުރިމަތީ އޭނާގެ އަގު ވައްޓާލައިފައި އަދި އެވަރުން ނުވެގެން އައިސް އެހުރީ ކިރިޔާ ޖެހޭ ނުޖެހޭ ހިސާބުގައެވެ. އަޅެ އެއަށްވުރެ ދުރުގައި ހުއްޓަސް އަވިކް ދައްކަން ބޭނުން ހުރިހާ ވާހަކައެއް ދައްކަން އެއޮތީ ފުރުސަތެވެ. އިތުރު މީހަކުވެސް ހުރީއަކީ ނޫނެވެ.
"ދެރަކަމެއްނު އަވިކް. ކިތައް ފަހަރުތަ އަހަރެން މިވާހަކަ ރިޕީޓް ކުރަން ޖެހޭނީ؟ އަވިކް ކައިރީ އަހަރެން ދައްކަން ޖެހޭ ވާހަކައެއް އަދި އަހަރެން އަވިކް ފަރާތުން އަހަން ޖެހޭ އެއްވެސް ވާހަކައެއް ނޯންނާނޭ." ނަޒްލާ ރައްދު ދީފައި އަވިކްއަށް ފުރުސަތުނުދޭން ވެގެން ކުއްލިއަކަށް ދެއަތް ނަގައި ކަންފަތުގައި އަޅައިފިއެވެ. އަވިކްއަށް އެކަން ވީ މަޖަލަކަށެވެ. ނަޒްލާ އެކަހަލަ ކަމެއް ކޮށްފާނެ ކަމަށް އޭނާ ކުޑަކޮށްވެސް ހިއެއް ނުކުރެއެވެ. ނަޒްލާ ކިތަންމެ ސީރިއަސް ގޮތެއް ބޭރު ފުށުން ދެއްކިއަސް އަދިވެސް ކުޑަކުދިން ކުރާ ކަހަލަ ކަންތައް ކުރަނީތާއޭ ހިތަށް އެރިއެވެ.
"އަހަރެން ދެއަތެއް ނެތްތަ ނަޒޫގެ ތިދެއަތް ދުރުކުރަން؟" އަވިކް ނުލަފާ ގޮތަކަށް ހެވިލާފައި ނަޒްލާގެ ދެއަތު ކުޑަހުޅުގައި ހިފާލުމާއެކު ތިރިކޮށްލައިފިއެވެ. އެއަށްފަހު ނަޒްލާ އެދެއަތް ފޮޅުވާލަން ކުރިހާ މަސައްކަތެއް ދެކެން އޭނާ ހުރީ ހަމަޖެހިލާފައެވެ. "އަހަރެން ނަޒޫއަށް ދެރަ ގޮތެއް ވާން ނޭނދޭތީ މިވާހަކަ މިދައްކަނީ. ޔައީޝްއަކީ ރަނގަޅު މީހެއް ނޫން. އެއީ އަހަރެންގެ ކަޒިންއަކަށް ވިއަސް އަހަރެން ޖެހިލުމެއް ނުވޭ މިހެން ބުނާކަށް. އޭނައަށް ނެތް މިހާތަނަށް އެއްވެސް އަންހެން ކުއްޖަކާއިއެކު މަހަކަށްވުރެ ގިނަ ދުވަހު އެކީ އުޅެވިފައެއް." އަވިކް ވާހަކަ ކުރިއަށް ގެންދަން މަސައްކަތް ކުރިއެވެ. އަހަންނަށް އަދިވެސް ދައްކާ ވާހަކަ އަޑު ނާހައި ހުރެވިދާނެ ގޮތްތައް އިނގޭ. ނަޒްލާ އެވަގުތުވެސް ބުނެލީ އެހެން ވާހަކައެކެވެ. އޭނާ އިތުރަށް އަޑު އިވިދާނެތީ ކުރި ކަމަކީ ތަސްބީހައެއް ކިޔާހެން އަޑުގަދަކޮށް "އަޑެއް ނާހާނަން." މިހެން ކިޔަމުން މަޑުމަޑުން ދެފަރާތަށް ބޯ ހަލުވަން ފެށީއެވެ.
"ހަނ!...ސީރިއަސްލީ ނަޒޫ؟" އަވިކް ހުރީ ނަޒްލާގެ މި ހަރަކާތްތަކާއި ހެދި ބުނާނެ އެއްޗެއް ނޭނގިފައެވެ އޭނާ ގާތަށް ހިނިވެސް އައެވެ. ރުޅިވެސް އައެވެ. "ނަޒޫ. ހުއްޓާލާ! އެހެންނޫނީ..... އެހެންނޫނީ އައި ވިލް ކިސް ޔޫ." އަވިކް ނަޒްލާ އަނގަމަތީ އަތް އަޅާ އޮބަހައްޓާލަމުން ކުރިއަށްވުރެވެސް މޫނު ކައިރިކޮށްލީ ބިރު ދައްކާލުމުގެ ގޮތުންނެވެ. ނަޒްލާއަށް ލިބުނު ސިހުމުގައި ދެލޯ ބޮޑުކޮށްލި ގޮތަށް އަތުގައި އޮތް ފޯނުވެސް ދޫކޮށްލެވިއްޖެއެވެ. އެވަގުތު އެފޯނު ތިރިއަށް ގޮސް ޖެހުނު އަޑު ލިފްޓްތެރޭ ގުގުމާލިއެވެ. "މިކިޔާލް!" ހުޅުވިގެން ދިޔަ ލިފްޓަށް އަރަން ތައްޔާރުވެފައި ހުރި މިކިޔާލް ފެނުނީ ނަޒްލާ އަށެވެ. އަވިކް އޭރު ހުރީ ލިފްޓްގެ ދޮރާއި ފުރަގަސްދީގެންނެވެ. "ކީކޭ؟" އަނގަމަތީ އަތްއަޅާފައި ހުރުމުން ނަޒްލާ ބުނި އެއްޗެއް ނޭނގިގެން އަވިކް އެއަތް ތިރިކޮށްލާފައި އެހިއެވެ. "މިކިޔާލް." އެވަގުތު ނަޒްލާ ތަކުރާރު ކޮށްލިއެވެ. އޭނާ އަދިވެސް ހުރީ ލޯ ބޮޑުކޮށްލައިގެންނެވެ. އަވިކްއަށް ނަޒްލާ ބުނި އެއްޗެއް ދޭހަވެގެން އެނބުރި ބަލައިލާފައި މިކިޔާލް ފެނިގެން ކުޑަކޮށް ސިހުނެވެ. ނަޒްލާ ހިފީ އެފުރުސަތުގެ ބޭނުމެވެ. ދެޒުވާނުން އެކަކު އަނެކަކަށް ބަލަން ތިއްބާ އަވަހަށް އަވިކް އަތް ދަށުން ރެކިލައިގެން ގޮސް ލިފްޓުން ބޭރަށް ދެމިގެންފިއެވެ.
"ވަޓް ވޯޒް ދެޓް އެބައުޓް؟" މިކިޔާލް ވަދެ ނަންބަރަށް އޮބާލައިފައި ބަލައިލިއިރު ތުންފަތުގައި ވީ ލާނެތް ހިނިތުންވުމެކެވެ. އަވިކް އޭރު ހުރީ ތިރީ ތުންފަތުގައި ދަތް އަޅާލައިގެންނެވެ. އެމޫނުމަތީގައި ކުރިން ނުވި ނުތަނަވަސްކަމެއް ވިއެވެ. ބުނެވުނު ވާހަކައިގެ ބޮޑުކަން އަދި ކިރިޔާ އޭނާއަށް ރޭކާލީއެވެ. ނަޒްލާގެ ކުރިމަތީ އޭނާ އެފަދަ ވާހަކައެއް ބުނީ ކޮން މޮޔައެއް ވެގެންހޭ މިހާރު ހިތަށް އަރައިފިއެވެ. "އައި މަސްޓް ބީ ކްރޭޒީ." އަވިކް ނިއްކުރީގައި ފިރުމައިލާފައި މިކިޔާލްއަށް ބަލާލައިފިއެވެ. މިކިޔާލްގެ ހިނިތުންވުން ފުން ވެގެން ދިޔައެވެ. އަވިކްއަށް އިހްސާސް ނުވިއަސް އަވިކްއަށް އެވާ ގޮތް އޭނާއަށް އެނގެއެވެ. "ކީއްވެ ތިހެން ތިބުނީ؟" މިކިޔާލް ހުރީ އަވިކް ބުނަން އެއުޅޭ އެއްޗެއް ބަލާލާ ހިތުންނެވެ. "އަހަރެން ދެންމެ ނަޒޫ ކައިރީ ބުނި އެއްޗެއް ބުނެފިއްޔާ މިކިޔާލް ޤަބޫލެއްވެސް ނުކުރާނެ." އަވިކް ހުރީ ސީރިއަސްވެފައެވެ.
"ނަޒޫ އަހަރެންގެ ވާހަކަ އަޑު ނާހައި އަޑުގަދަ ކުރާތީ އަހަރެން އޭނަ ހުއްޓުވަން ވެގެން އިންޒާރު ދިނީ ކިސް ކުރާނަމޭ ކިޔާފަ." އަވިކްގެ ވާހަކަ ނިމުނުއިރަށް މިކިޔާލް ހަމަތެދެއްހޭ އަހާލައިފިއެވެ. "އެހެން ބުނީ ހަމައެހެން މީންކޮށްފަތަ؟" މިކިޔާލް އަވިކްއަށް ވާގޮތް ބަލާލަން ވެގެން އެހިއެވެ. "ސާބަސް. އެކުވެރިއަކާއި މެދު އަހަރެން އެގޮތަށް ވިސްނާނެތަ؟" އަވިކް ވަގުތުން ދެފަރާތަށް ބޯ ހޫރާލިއެވެ. "ވެލް ޔޫ މަސްޓް ބީ ކްރޭޒީ ނޮޓް ޓު މީން އިޓް. ކުޑަމިނުން އެކަހަލަ އެއްޗެއް ބުނި ވަގުތެއްގަ. ހަމަގައިމުވެސް އަހަންނަކަށް... އަދި ކީއްކުރަން އެހެން އެކަކަށްވެސް އެގޮތަށް ނުވިސްނައެއް ނުހުރެވޭނެ. ނަޒޫގެ ރީތި ލިޕްސް.... އޭނަގެ އެއޮމާން މަޑު ފިޔާތޮށި ކުލައިގެ ލިޕްސް... އޫހ... ފުރަތަމަ ފެނުނު ދުވަހުވެސް ހިތަށް އެރި ހިފަހައްޓާ ބަހައްޓާފަ ކިސްކޮށްލަފާނަމޭ...." މިކިޔާލް ހިޔާލީ ފޮލާ ކައްކަމުން އަދި މޫނަށްވެސް ވައްތަރުތަކެއް ޖައްސަމުން ވާހަކަ ދައްކަ ދައްކާ ހުއްޓާ އަވިކް ކުރިއަށް ޖެހިލާފައި މިކިޔާލްގެ ބޮލު ފުށްކިބައިގައި ގުއްޑެއް އަޅައިފިއެވެ. "ވަޓް ދަ ހެލް...." ތަދުވެގެން ނިތަށް ރޫ ގިނަ ކޮށްލާފައި އޭނާ ބަލައިލިއިރު އަވިކްވެސް ހުރީ ކުޑަކޮށް ދެބުމަ ކައިރިކޮށްލައިގެންނެވެ.
"މިއޮތްހާ ދުވަހު މާ އެކުވެރިވެ ގަނެގެން އުޅުނުއިރު ތީ ދޯ ކުރިކަމަކީ. ޔަޤީނޭ ލިޕްސްއަށް އެކަނި ނޫންކަން ބަލާނީ. " އަވިކްގެ ވާހަކަ މުޅިން ނުނިމެނީސް "ދެން އިނގެއެއްނުންހޭ" ކިޔާފައި މިކިޔާލް ރަކި ހިނިތުންވުމަކާއެކު އެވާހަކަ އާއި އެއްބައިވެލައިފިއެވެ. އަވިކްގެ އަތް އަނެއްކާވެސް އުފުލުނީ އެވަގުތުއެވެ. އޭނާ ދެވަނަ ހަމަލާވެސް އަމާޒު ކޮށްލީ ފުށްކިބައަށެވެ. "އަޖައިބެއްނު. އަވިކް ކޮން ރުޅިއެއްތަ ތިއަންނަނީ؟ ނަޒޫ އެއީ މީހަކު ރިޒާވް ކޮށްފަ ކުއްޖެއްވެސް ނޫންވިއްޔަ ދެން ކޮބާތަ މައްސަލައަކީ. ސެޓުވީއެއްވެސް ނޫން. ދެން ކުޑަކޮށް ބަލާލައިގެން ހިތްހަމަ ޖައްސާލީމަ އެއީ އެވަރުކަމެއްތަ؟" މިކިޔާލް ތަދުވެގެން ބޮލުގައި ފިރުމަން ފެށިއެވެ. "މައްސަލައެއް އެއީ. ދެން ނުބަލާތި އޭނައަށް." އަވިކް މިކިޔާލްއަށް އިންޒާރު ދީފައި ތިރީގައި ދެބައިވެފައި އޮތް ނަޒްލާގެ ފޯނާއި ބެޓެރި ފެނިގެން ގުދުވިއެވެ.
"ދެން އޭނަ ވާހަކަ ދައްކާއިރު އެހެން ދިމާއަކަށް ބަލަން ހުރީމަ ކިހާ ރޫޑްވާނެ. ކުޑަމިނުން ލިޕްސްއަށް ބަލަން މަޖުބޫރުވާނެ." މިކިޔާލް އަދިވެސް ހުއްޓާލާކަށް ނޫޅުނެވެ. "ވާހަކަ ދައްކާއިރު ލޮލަށް ބެލީމަ ރަނގަޅުވާނެ." އަވިކް ފޯނަށް ބެޓެރި ލައްވާލައިފައި ކޮޅަށް ތެދުވިއެވެ. "ގްރެޓް... އަހަންނަށް ނަޒޫގެ ދެލޯ އަދި ވަރަށް ރީތި." މިކިޔާލް ފޮނިވެލި ގޮތް ދައްކާލިއެވެ. "އުހު.. ލޮލަށްވެސް ނުބަލާތި." އަވިކް އަވަހަށް ބުނެލިއެވެ. "ދެން؟" މިކިޔާލް އެހިއެވެ. "ވާހަކަ ދައްކާއިރު އެންމެ ނަޒަރެއްދީފަ ދެން ހުންނާނީ އިސްޖަހައިގެން. އެބަލައިލާ އެއްފަހަރުވެސް ހިތުގައި ބާއްވާނީ ނަޒޫ އެއީ ސިސްއެއް ކަހަލަ ކުއްޖެއް ކަމަށް." އަވިކް ވިސްނައިލާފައި ފަހުގެ ނިންމުމަށް ދިޔައެވެ."ތީ އަދި ހާދަ އުދަނގުވާނެ ކަމެކޭ... އަވިކް އަޅެ މިކަމާ އަޅާނުލައި ދޫކޮށްލިއްޔާ ކީއްތަވާނީ. ނަޒޫއަކަށް ގެއްލުމެއް ނުވާނޭ އަހަރެމެން އަދި ބަލާލިއަކަސް." މިކިޔާލް އަވިކްގެ ނިންމުން ބަދަލު ކުރަން މަސައްކަތް ކުރިއެވެ. "އަހަރެން ނުހުންނާނަން މިކިޔާލްމެން ހެދިހާ ގޮތެއް ބަލާކަށް. އެއީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާއޭ." އަވިކް ވަގުތުން ދެކޮޅު ހެދިއެވެ.
"ޔަޤީންތަ؟" މިކިޔާލްގެ މަޤްސަދު ކާމިޔާބު ވާތަން ފެނުމުން ހެވިލާފައި އެހިއެވެ. އަވިކް އަށް އަނެއްކާވެސް މެސެޖެއް އައިސްގެން ބަލައިލާފައި މިކިޔާލްއަށް ބަލައިލީ ސުވާލުގެ ނަޒަރަކުންނެވެ. މިކިޔާލް އެކުރީ ކޮން ސުވާލެއްކަން އޭނާއަށް މުޅިއަކުން ދޭހައެއް ނުވިއެވެ. "ޝީޒް މޯ ދެން ޖަސްޓް އެ ފްރެންޑް" މިކިޔާލް ލިފްޓުން ނިކުންނަމުން އަވިކްއަށް އެއްލޯ މަރާލައިފައި ކުރިއަށް ހިނގައިގެންފިއެވެ. އަވިކް ފަހަތުން ދާން އުޅެނިކޮށް މިކިޔާލް އާއި އެހެން މުވައްޒަފަކު ދިމާވިތަން ފެނިގެން އޭނާ މިސްރާބު ބަދަލު ކޮށްލާފައި ގޮސް ވަނީ އޭނާގެ ކެބިން އަށެވެ.
"މިކިޔާލް ކީކޭތަ އެކީ؟ މޯ ދެން އެ ފްރެންޑް.......؟" އަވިކް ގޮނޑިއަށް ވެއްޓިގެން ގޮތަށް ވިސްނުން ހިންގަން ފެށީ މިކިޔާލް ދެއްކި ވާހަކަ އާއި މެދުގައެވެ. ވިސްނާލިއިރަށް އަވިކް އަށް އެނގުނެވެ. ނަޒޫ އާއި އޭނާގެ ތާރީހަށް ބަލާފައި އެއީ ހަމައެކަނި އެކުވެރިއެއް ނޫނޭ މިކިޔާލްއަށް ބުނެވިދާނެއެވެ. ކުޑަ ދުވަކޮޅަކަށް ދެމިގެން ދިޔަސް ނަޒޫ އެއީ އޭނާގެ "ފަސްޓް ކްރަޝް" އެވެ. ކުއްލިއަކަށް އެއްފަހަރާ އެތައް ނޯޓިފިކޭޝަންއެއް އައި އަޑު އިވިގެން އޭނާ ފޯނު ބަލާލިއިރު ވައިބަރ އިން އައި މެސެޖްތަކެކެވެ. އޭނާ ޝައުޤުވެރި ވެފައި ހުޅުވާލިއިރު ގިނަ އަދަދެއްގެ އޮފީސް ކުދިން ހިމެނޭ ޤުރޫޕެއް ހަދާފައި މިކިޔާލް ކޮށްފައި އޮތް ސުވާލަކަށް ފަހަރަކު ކުއްޖަކު ޖަވާބު އިތުރު ކުރަނީއެވެ. އަވިކް ފުރަތަމަ ބަލާލަން ބޭނުންވީ މިކިޔާލް ބުނެފައި އޮތް އެއްޗެކެވެ.
"އަންހެންކުއްޖާގެ އަތުގައި އެހެން ފިރިހެނަކު ހިފާލިއަސް ފިރިހެންކުއްޖާ ރުޅިއާދޭ. އެހެންފިރިހެނަކު އެކުއްޖާއަށް ބަލާކަށް ނުރުހޭ. އޭނަ އިގްނޯ ކޮށްލާފަ އެހެން މީހުންނާއި އެކުވެރިކަން ބާއްވާތަން ބަލަން ފިރިހެން ކުއްޖާއަށް ކެތެއް ނުވޭ. އެއަންހެންކުއްޖާގެ އެންމެ ގާތުގައި އަބަދުވެސް ވާން ފިރިހެންކުއްޖާ ބޭނުންވޭ. އެންމެ ބިރުގަންނަނީ އެހެން ފިރިހެނަކާއި އެއަންހެންކުއްޖާ ލޯބީގެ ގޮތުން ގުޅިފާނެތީ. ސުވާލަކީ މިއަށް ކިޔާނީ ކޮން ނަމެއްހޭ؟ ފިރިހެންކުއްޖާގެ ހިތުގައި އަންހެން ކުއްޖާ އާއި ދޭތެރޭ އޮތީ ކޮންކަހަލަ އިހްސާސެއްހޭ؟" ކިޔާ ނިމުނުއިރު އަވިކްއަށް ހުރެވުނީ ތެދުވެ ކޮޅަށެވެ. މިކިޔާލް އެކަހަލަ ކަމެއް ކޮށްފާނެ ކަމަކަށް އޭނާ ހިއެއް ނުކުރެއެވެ. އޭނާ ވަގުތުން މިކިޔާލްއަށް ގުޅަން ހީކޮށްލާފައިވެސް ކުދިން ދީފައި ހުރި ޖަވާބުތައް ބަލައިލާ ހިތްވިއެވެ.
ބަލާލިތަނުން އޭނާއަށް ފެނުނީ މިކިޔާލް އަނެއްކާވެސް އިތުރު އެއްޗެއް ލިޔެލިތަނެވެ. "ރަނގަޅު ޖަވާބު ދީގެން ގުރުއަތުން ހޮވޭ ކުއްޖަކަށް އޮތް އިނާމަކީ އަވިކް އާއެކު މިއަދު މެންދުރު ލަންޗް." ލިއުންކޮޅު ކިޔާލިހާއިރުން އަވިކް ގާތަށް ހިނިއައެވެ. މިކިޔާލް މޮޔަވީ ނޫންބާއޭ ހިތަށް އެރިއެވެ. އޭނާ ޖަވާބުތަކަށް ނަޒަރެއް ދިންއިރު ބަރިއަކަށް ހުރިހާ ކުދިން ލިޔެލާފައި އޮތީ އެއް ވާހަކައެކެވެ. "ހީ އިޒް އިން ލަވް ވިތް ހަރ." މިހެންނެވެ.
އަވިކް އެންމެ އިރުކޮޅެއްވެސް މަޑު ކުރުމެއްނެތި މިކިޔާލްއަށް ގުޅައިފިއެވެ. "މިކިޔާލް ކޮން މޮޔައެއްވެގެން ތިއުޅެނީ؟ އަނެއްކާ ހިނދުކޮޅު އައިއްސާތަ މިއަދު ތިހުންނަނީ؟ ލިފްޓްތެރޭވެސް މާ އަނގަ ގަދަވެގެން އުޅުނީ." މިކިޔާލްގެ އަޑު ޖެހޭއިރަށް އަވިކް އެއް ފައްޗަކަށް އަމުނާލިއެވެ. "ޖަވާބު ކިޔާލިންތަ؟" މިކިޔާލް އެވާހަކައަށް ސަމާލުކަމެއް ނުބަހައްޓާ ކޮށްލީ އެހެން ސުވާލެކެވެ. "އެމީހުންނަށް ކޯއްޗެއްތަ އިނގޭނީ. އެހެންނޫނަސް މިކިޔާލްއަށް އިނގޭތަ ތިގޮތަށް މީހުން ޕުޝްކޮށްގެން އަހަރަކު އެތައް ބަޔަކު މިސްއަންޑަސްޓޭންޑް ވާކަން. އެއީ އަދި ލޯބި ނޫންކަން އެމީހުންނަށް ރިއަލައިޒް ވާއިރު ހުރިހާ ކަމެއް އޮންނަނީ ގޯހުން ގޯހަށް ގޮއްސަ." އަވިކް ދެއްކީ އިދިކޮޅެވެ. އެހެންވިއްޔާ އަވިކްއަށް އިނގޭނެތަ ލޯބިވެވުނީމަ؟" މިކިޔާލްގެ ސުވާލަށް ދޭނެ ޖަވާބެއް އަވިކްއަކަށް ނޭނގުނެވެ. އިސާހިތަކު ފުން ހިމޭންކަމެއް އެދެމެދަށް ވެރިވިއެވެ. ހީވާގޮތުން މިކިޔާލް އިނީ އަވިކް ޖަވާބު ދޭނެ އިރެއްގެ އިންތިޒާރުގައެވެ. "މިކިޔާލް ކިހިނެތްވެގެންތަ އެއުޅެނީ؟ ލޯއްބަކީ ކުޅޭ ކުޅިވަރެއްތަ؟ ނަޒޫ އަކީ އަހަރެންގެ އެކުވެރިއެއް.. އަހަރެން ކަންބޮޑެއް ނުވޭ ޔައީޝް އާއި ނަޒޫ ގުޅިދާނެތީއެއް. އަހަރެން ކަންބޮޑުވަނީ އަނެއްކާވެސް ނަޒޫގެ ހިތް ހަލާކު ވެދާނެތީ." އަވިކް ފޯނު ކަނޑާލައިފައި ކަންފަތުން ވަކި ކޮށްލިގޮތަށް ފުން ވިސްނުމަކަށް ގެއްލުނެވެ.
ވޮޝް ރޫމުގައި ނަޒްލާ ހުރެގެން އިރު އިރުކޮޅާ މޫނަށް ފެން ގޮށްޓެއް ވިއްސާލައެވެ. ހީވަނީ ފުން ނިންޖަކުން ހޭލަން މަސައްކަތް ކުރާ ހެންނެވެ. ލިފްޓުން ނިކުތީއްސުރެ އޭނާ އައިސް އެހުންނަނީ އެތާގައެވެ. އަވިކްގެ ޖުމްލަ އިރުއިރުކޮޅާ ކަންފަތުގައި ގުގުމާލުމާއެކު ދެލޯ މަރާ ތަގުޅި ކޮށްލެވެއެވެ. އަވިކް އޭނާ ކުރިމަތީ އެކަހަލަ އެއްޗެއް ބުނީވެސް ކިހިނެތް ހެއްޔެވެ؟ ނަޒްލާއަކަށް ނުވިސްނުނެވެ. އިރުކޮޅަކުން އިސްކުރު ބަންދު ކޮށްލާފައި ލޯގަނޑުން ފެންނަން ހުރި އަމިއްލަ ސޫރައަށް ބަލަން އޭނާ ހުއްޓާ ދޮރު ހުޅުވާލައިފައި ކުދިންތަކެއް ވަން އަޑު އިވުނެވެ. ނަޒްލާ އެމީހުންނަށް ނުފެންނަނީސް އެންމެ ކައިރިއަށް ހުރި ފާޚާނާ ތެރެއަށް ވަދެ ފިލައިފިއެވެ.
"އަހަރެންނަށް އޭރުވެސް އެނގުނު އަވިކްއާއެކު ލަންޗަށް ދާން ލިބޭނީ ޒުލްއަށްކަން. ތިނޫނީ ނުވެސް ނެތް އަވިކްއާ އެކަށީގެންވާ އެހެން ކުއްޖަކު. އަހަންނަށް ހީވޭ މިކިޔާލްވެސް އެވަރު ދަނެގެންހެން ގުރުއަތުލީ." ޒުލްފާ އާއި ރިދީ އައިސް މޫނު ދޮންނަ ތަށިތައް ކައިރިއަށް ހުއްޓިފައި ރިދީ ވާހަކަދެއްކިއެވެ. ޒުލްފާ އުފާވެފައި ހުރެގެން ޕާސް ހުޅުވާލައިފައި ލިޕްސްޓިކް ނަގައި ތުންފަތުގެ ކުލަ ގަދަކޮށްލިއެވެ. "މިހާރު ދެން އަހަރެންނަށް ހަނދާން ނައްތާލެވިދާނެ އަވިކް ކުރީން އެނަޒްލާ އަތުގައި ހިފައިގެން ދިޔަކަން. އަހަރެން އަވިކްއަށް މާފު ކުރާނަން މިފަހަރު." ޒުލްފާ ހިނިތުންވެލީ ލޯގަނޑުން ފެންނަން ހުރި އަމިއްލަ ސޫރައަށެވެ. "އެންމެ ލަންޗްއަކަށް ދާއިރަށް އަވިކް މޮޔަވާނެ ޒުލްއާހެދި." ރިދީ އަދި ބޮޑަށް ޒުލްފާ ފޮނިކޮށްލިއެވެ. "ދެން އެކަމަކު އަހަރެންގެ ޔައީޝްއަށް އަނެއްކާ ނުރައްކާ އޮންނާނެ ދޯ." ރިދީ ކުއްލިއަކަށް ހަނދާން ވެގެން ބުނެލިއެވެ. "ހާސްނުވޭ. އަހަރެމެން އެކަން ކާމިޔާބު ވިޔަކަ ނުދޭނަން." ޒުލްފާ އެކުވެރިޔާއަށް އުންމީދު އާކޮށްދިނެވެ. އެދެމީހުން ނިކުމެގެން ދިޔަ އަޑު އަހާފައި ނަޒްލާ ނިކުތްއިރު ސުވާލު އުފެދިފައި ހުރީ ޒުލްފާ ދެއްކި ވާހަކަ އާ މެދުގައެވެ. ހިތަށްއެރިއެވެ. އަވިކްއަކީ ހަމަ ފައްކާ "ޕްލޭ ބޯއި" އެކެވެ.
ނަޒްލާ އެނބުރި ގޮސް ކެބިންއަށް ވަންއިރު ޒުލްފާ ދޮރާއި ދިމާއަށް ގޮނޑި އަނބުރާލައިގެން އިނީ އަވިކްގެ އިންތިޒާރު ގައެވެ. އަތުކުރީ އޮތް ގަޑިއަށް ބަލާވަރަށް ވުރެ ގިނައިން އޭނާ ބަލައިލަނީ ފޯނުގެ ސްކްރީނުން މޫނަށެވެ. ކައިރީގައި ރިދީވެސް ނިކަން ހެވިލާފައި އިނެވެ. ނަޒްލާ އަވަހަށް ގޮނޑީގައި އިށީންދެފައި މެދުކަނޑާލައިފައި ދިޔަ މަސައްކަތް ކުރިއަށް ގެންދެވޭތޯ އުޅުނެވެ. އިރުކޮޅެއް ނުވެ ދުރުން ފިޔަވަޅުގެ އަޑާއި ޒުލްފާ ފޮނިވެގެން ހީލިއަޑު އިވުނެވެ. ނަޒްލާ އިނީ އިސް އުފުލައިނުލާން ހުވާ ކޮށްގެން ކަހަލައެވެ. އަވިކް އައިސް ދޮރުމަތީ މަޑުކޮށްލާފައި އެއްފަހަރު ނަޒްލާއަށް އަނެއްފަހަރު ޒުލްފާއަށް ބަލައިލާފައި މިފަހަރުވެސް އައިސް ހުއްޓުނީ ނަޒްލާގެ ކައިރިއަށެވެ. "ނަޒްލާ! ކުރިން ކަންތައްކުރެވުނު ގޮތުން ދެރަވެފަ މިހުންނަނީ. މާފު ކޮށްދެވިދާނެތަ؟" އަވިކް ދެއްކި ވާހަކައަށް ނަޒްލާ ހައިރާންވެފައި އިސްއުފުލާލިއެވެ. މޫނުހަދައިގެން ތިބި ރިދީ އާއި ޒުލްފާވެސް އެވާހަކަ އަހައިގެން އެކަކު އަނެކަކަށް ބަލާލިއެވެ. "ދެން ނުވާނެ އެހެނެއް. އަދި.... "އަވިކް އެވާހަކަ ކުރިއަށް ގެންދަންވެގެން އެނބުރި ރިދީމެނަށް ނަޒަރެއް ދިނެވެ. އޭނާ ކުޑަކޮށް ހެވިލާފައި އަނެއްކާ ނަޒްލާއާއި ދިމާއަށް މޫނު އަނބުރާލިއެވެ.
"ޔައީޝް އެހެން ކުދިންނާއެކު މަހެއް ހާ ދުވަސް އެކު އުޅުނަސް ނަޒޫކަހަލަ ކުއްޖަކު ލިބިއްޖެއްޔާ ލައިފްގެ ބާކީ އޮތްބައިވެސް އެކުގައި އުޅެން ނިންމަފާނެ. އެހެންވީމަ އަހަރެން ބުނެލަން އޮތީ ގުޑްލަކްއޭ." އަވިކް ނަޒްލާ އާއި ދިމާއަށް ގުދުވެލާފައި ކަންފަތާއި އަނގަ ކައިރިކޮށްލަމުން މަޑުމަޑުން ބުނެލިއެވެ. އެހެން ހެދިއިއިރު އޭނާގެ އަތުގައި އޮތް ފޯނު ނަގައި އަނގައާއި ކައިރިކޮށްލި ކަން ފާހަގަވިއެވެ. ހީވީ އެހެން މީހަކަށް އެއްޗެއް އިއްވާލި ހެންނެވެ. ދެން ދުރަށް ޖެހިލާފައި ގޮސް ޒުލްފާ ގެ ކައިރިއަށް ހުއްޓި އެއަތުގައި ހިފާލައިގެން ނިކުންނަން ހިނގައިގެންފިއެވެ. ރިދީ ފޮނިވެގެން ލޯ ބޮޑުކޮށްލިއިރު ނަޒްލާ ހުރީ ފާޑަކަށް ހުއްޓުން އަރައިފައެވެ.
"ސީ.. އައި އެމް ނޮޓް އިން ލަވް ވިތް ހަރ." އަވިކް މަގުމައްޗަށް ނިކުމެވުމާއެކު ޒުލްފާ އަތުން ދޫކޮށްލައިފައި މިކިޔާލްއަށް މެސެޖް ފޮނުވާލިއެވެ. ދެމީހުން ގޮސް ކާރަށް އަރައި ދުއްވާލަން އުޅެނިކޮށް މިކިޔާލްގެ ޖަވާބު އައިސްގެން ބަލާލިއިރު ލިޔެލާފައި އޮތީ "ޔޫ ވިލް ރިގްރެޓް އިޓް." މިހެންނެވެ. އަވިކް ޖަހާލީ ހިނިގަނޑެކެވެ. އެއަށްފަހު ކާރު ދުއްވާލައިފިއެވެ. ޒުލްފާ ކައިރީގައި އިނދެ ފޮނި ވާހަކަތަކެއް ދައްކަން ފެށުމުން ސެޓުން ބާރަށް ލަވައެއް ޖަހާލައިފިއެވެ. ކާރު ދުއްވަމުން ދިޔައިރު ލަވައިގެ މިއުޒިކާއި އެއްވަރަށް ހުންގާނުގައި ތަޅަމުން ދިޔައެވެ. ދަތުރު ނިމޭންދެންވެސް ކާރުގައި އިނީ އޭނާ އެކަންޏޭ އަވިކްއަށް ހީވާ ކަހަލައެވެ. ކާރު މަޑުކޮށްލާފައި އޭނާ ނިކުމެގެން ދިޔައިރު ޒުލްފާ ފަހަތުން އާދޭތޯވެސް ބަލާނުލިއެވެ.
" އައި ހޭޓް ހިމް. އައި ހޭޓް އަވިކް!" ޒުލްފާ އެނބުރި އައިސް ގޮނޑިއަށް ވެއްޓިގެންފައި ދަބަސްގަނޑު މޭޒުމައްޗަށް ޖެހިއެވެ. ރިދީ އަށް އެކުވެރިޔާގެ ނުރުހިފައިވާ މޫނު ފެނުމުން އަވަހަށް ފުންމައިގެން އައިސް އޭނާގެ ކައިރިއަށް ހުއްޓި، ވެގެން އުޅޭ ގޮތެއް އޮޅުން ފިލުވަދޭން އެދެން ފެށިއެވެ. "އޭނަ ނަމެއްގަ އަހަރެން ގޮވައިގެން ލަންޗަށް ދިޔައީ. ކާރުގައި އިންއިރުވެސް އަނގައިން ނުބުނޭ. ފާޑެއްގެ ބޮލަށް ތުރާ ލަވައެއް ޖަހައިގެން އިނީ. ރެސްޓޯރެންޓަށް ގޮސް ވަދެފަ ބުނަނީ ކައި ނިމިގެން ގުޅާށޭ. އެހެން ކިޔާފަ މީނަ ގޮސް އިނީ އެހެން ކުއްޖަކާއެކު ކޮފީ ބޯން. އަހަރެން އުޅުނީ ނުބުނެ އަންނަން. އެކަމަކު ނިކުތްތަނާ ފެނިގެން ބުނެފި އެކުގައޭ އަންނަން ވާނީ. އަމާ ބުނީތީ ފަރަށް ގޮސް ބޮލިހިލާފަ އެއައީ." ޒުލްފާ ދެރަވެފައި ހުރިވަރުން އިހްސާސްތައް ބޭރުކޮށް ނުލައި ނީނދެވުނީއެވެ. ވާހަކައިގެ ވަކި ހިސާބުން ރިދީ ހިމޭންވުމަށް ކުރި އިޝާރާތްވެސް ދެނެނުގަނެވުނީ އެހެންވެއެވެ.
ނަޒްލާ ބްރޭކް ނިންމާފައި އައިސް ވަނި ޒުލްފާ އެވާހަކަ ފެށިތަނާއެވެ. މާފަހުން ޒުލްފާއަށް ރިދީ އެއްޗެކޭ ބުނަން އުޅޭހެން ހީވެގެން އެނބުރި ބަލާލައިފައި ނަޒްލާ ފެނިގެން ކޮޅަށް ތެދުވެއްޖެއެވެ. "ޔޫ ކޭން ހޭވް ހިމް!" ޒުލްފާ ނަޒްލާއަށް އިއްވާލައިފައި އަނެއްކާ ނިކުމެގެން ދިޔައެވެ. ފަހަތުން ރިދީވެސް ނިކުމެގެން ދިއުމުން ނަޒްލާ ކުރަން ފެށި މަސައްކަތް ހުއްޓާލައިފައި ގޮނޑީގައި ލައްގަނެލެވިއްޖެއެވެ. މުޅި ދުވަހު އަވިކް ކަންތައް އެކުރަނީ އެކި ފަހަރު އެކި ގޮތަށެވެ. އަވިކްއަށް ވެގެން އެއުޅެނީ ކިހިނެތް ހެއްޔެވެ؟
ޒުލްފާ އޮފީސް ކައިރިއަށް ބާލައިފައި އަވިކް ކާރު އަނބުރާލަން އުޅެނިކޮށް ފަޓްލޫނު ޖީބުގައި އޮތް ނަޒްލާގެ ފޯނު ރިންގް ވާން ފެށުމުން ނަގައި ސްކްރީނަށް އަރާފައިވާ ނަން ކިޔާލިއެވެ. "ޒާހިދު" އަވިކްއަށް އެނަން ފެނިފައި ވަގުތުން އެއީ ކާކުކަން ހަނދާންވިއެވެ. ވިސްނަން ނުހުރެ އޭނާ ފޯނު ނަގާފައި ކަންފަތުގައި ޖަހާލިއެވެ.