"އަދިވެސް އަހަރެންދެކެ ރުޅި އައިއްސަތަ؟" އަވިކް ސޯފާގައި ފޯނާއި ކުޅެން އިންދާ ނަޒްލާ ގޮސް ކުރިމަތީ ހުރި ސޯފާގައި އިށީންދެފައި ވާހަކަ ދެއްކިއެވެ. އަވިކް ހޫމ އަޅުވާލީ އެމޫނަށް ބަލައިވެސް ނުލައެވެ. "އަހަރެން މިހުރީ އަދަބު ލިބިގަންނަން ތައްޔާރަށް." ނަޒްލާ ވިސްނައިލާފައި އިތުރު ކޮށްލިއެވެ. "ގުޑް." އަވިކް އިއްވާލީ މިފަހަރުވެސް ކުރު ޖަވާބެކެވެ. "ދެން އަހަރެން ކިހިނެތް ހަދަންވީ؟ މިބުނީ އަހަރެން ކިހިނެތް ކަންތައް ކުރީމަ ވިކްގެ ތި ރުޅި ފިލާނީ؟ ކޮން ކަންތައްތަކެއް އަހަރެން ކުރަންވީ؟" ނަޒްލާ ހަށަން ބަނދެލައިގެން އިނދެ ސުވާލު ކުރަން ފެށިއެވެ. "އަހަރެން ބުނާ ކޮންމެ ކަމެއް." އަވިކްގެ ޖަވާބު އިވުމުން ނަޒްލާ ކަންބޮޑުވިތަން އަވިކް ބަލާއިލީ ވަށްކަޅިއަކުންނެވެ. ދެން ނަޒްލާއަށް ނޭނގޭނެހެން ކުޑަކޮށް ހިނިތުންވެލިއެވެ.

"އޯކޭ.. އައި ވޯނަ ސީ ޔޫ ނޭކެޑް..." ނަޒްލާ އިސްޖަހައިގެން އަތުގެ އިނގިލިތަކާ ކުޅެން އިންދާ އަވިކް ބުނެލި އަޑު އިވުނެވެ. ސިކުންތުކޮޅެއް ވަންދެން ނަޒްލާ ފުރަތަމަ އިނީ އެއްވެސް ހަރަކާތެއް ނުގެނެހެވެ. ދެން ހަމަ ކުއްލިއަކަށް ފުންމައިގެން ކޮޅަށް ތެދުވެއްޖެއެވެ. "ތިބުނީ؟.... ތިބުނީ ހަމަ މިހާރުތަ؟" ނަޒްލާ ހުރީ ދެލޯ ބޮޑުވެފައެވެ. "މިހާރު." އަވިކް ފޯނު ސޯފާގައި ބާއްވާފައި ރީތިކޮށް ހަށަން ބަނދެލައިގެން ނަޒަރު ހުއްޓާލީ ސީދާ ނަޒްލާގެ މޫނަށެވެ. "މިހާރު.... މިހާރު... ދެންމެއެއްނު މިއައީވެސް..." ނަޒްލާ ހާސްކަން ފޮރުވަމުން ކުޑަކޮށް ހީލައިފިއެވެ. އަވިކް ހިތްހަމަ ނުޖެހުނު ކަމަށް ހެދިގެން ފުން ނޭވައެއް ބޭރުކޮށްލައިފައި ތެދުވީ އެތަނުން ދާންވެގެންނެވެ. އެތަން ފެނިގެން ނަޒްލާ އަވަހަށް އަވިކް ކުރިމައްޗަށް އަރައި ހުއްޓުވިއެވެ. "މިހާރުވެސް އޯކޭ." ނަޒްލާ އަވިކް ކުރިން އިންތާނގައި ބައިންދާފައި ފުރަގަސްދީގެން ނިޔަފަތި ހަފަން ފަށައިފިއެވެ. އޭނާ ދެން އަނެއްކާވެސް ހީލައިފައި އަވިކްއަށް ދައްކާލީ ހުޅުވާފައި ހުރި ދޮރެވެ. ބާރު ބާރަށް ގޮސް ދޮރު ލައްޕާ ތަޅުލާފައި އައިސް އަނެއްކާ އަވިކް ކުރިމައްޗަށް ހުއްޓުނެވެ. ރޫރޫ އަޅަން ފެށި އިނގިލތަކުން ގަމީހުގެ ފުރަތަމަ ގޮށް ނައްޓާފައި ދެވަނަ ގޮށްވެސް ނައްޓާލިއެވެ. އަވިކް ބަލަން އިނދެފައި ކުއްލިއަކަށް ކޮޅަށް ތެދުވީ އެވަގުތުއެވެ. 

"މާ ލަސްވީމަ މޫޑު ޗޭންޖްވެއްޖެ މިހާރު. ދެން ފަހަރަކުންވެސް ބުނާކަމެއް ތަންކޮޅެއް އަވަހަށް ވޭތޯ ބަލާތި!" އަވިކް ނަޒްލާ ތަޅުވާލައިފައި ގޮސް އެރީ ސިޑިން މައްޗަށެވެ. އެނބުރި ބަލައިލާފައި އަވިކްގޮސް ގެއްލުމުން ނަޒްލާ މޭގައި ތަޅާލައިފައި ފުން ނޭވައެއް ދޫކޮށްލިއެވެ. މޫޑު ބަދަލުވިކަން ނަސީބޭ ހިތަށް އެރިއެވެ. 

އިޝާނަމާދު ފަހުން ދެމީހުން ކާން ދިޔައީ އަވިކް މާމަ ގެއަށެވެ. އެރަށުގައި އެމީހުން އެންމެ ހަފްތާއެއް ހޭދަކުރާއިރު ގޭގައި ކައްކައި ކާކަށް އެކަކުވެސް ޤަބޫލެއް ނުވިއެވެ. އެގެއަށް ގޮސް ވަންހާއިރުން އެންމެން ހީވީ އެދެމީހުން ރޮލުން ކާލަފާނެ ހެންނެވެ. ހާއްސަކޮށް ކުޑަ ކުދިންތައް ތިބީ އެމީހުން ފެނިގެން މޮޔަ ވެފައެވެ. އެއް ހަފްތާ ތެރޭގައި ކުރާނެ ކަންތައްތައް ރޭވީ އެންމެން ކާންވެގެން މޭޒު ދޮށުގައި ތިބެފައެވެ.

އައި މަގުމަތީގައި ނަޒްލާ މަންމަ ގެއާއި ހަމަވުމުން އަވިކް މަޑުކުރިއެވެ. ނަޒްލާ ސުވާލު އުފެދިފައި ބަލައިލުމުން އަވިކް ބޮލުން އިޝާރާތް ކުރީ އެތެރެއަށް ވަނުމަށެވެ. "މިހާރުތަ؟ އަދި މާދަންވެސް އޮތީނު؟" ނަޒްލާ ފަސްޖެހުނެވެ. "މިހާރު ނުކެރުނިއްޔާ ފަހަކުންވެސް ނުވާނެ." އަވިކް ބާރު އެޅިއެވެ. ނަޒްލާ ބޯ ޖަހައިލައިފައި ދޮރާށީން ވަދެގެން ދާން ފެށުމުން އަވިކްވެސް ފަހަތުން ދިޔައެވެ. ޞައީދާ އާދައިގެ މަތިން ދުފާފޮށި އުނގަށްލައިގެން އުނދޯލި ހެއްލަން އިނދެފައި ދޮރުމަތީން ފިޔަވަޅުގެ އަޑު އިވިގެން ބަލައިލިއެވެ. އެވަގުތު އެދޮރުން ވަން ނަޒްލާ އާއި އަވިކް ފެނުމުން ބޭއިޚުތިޔާރުގައި ތިރީގައި ދެފައި ޖައްސައި އުނދޯލި މަޑުކޮށްލެވިއްޖެއެވެ. ދެވަނަ ސިކުންތުގައި އޭނާ މޫނު އަނބުރާލީ އަނެއްފަރާތަށެވެ. 

މަންމަގެ މިފަރުވާ ކުޑަ އަމަލުން ނަޒްލާއަށް ބަލައިލެވުނީ އަވިކް މޫނަށެވެ. އަވިކް މަޑުމަޑުން ބޯ ޖަހައިލީ ކުރިއަށް ދާން އިތުރު ހިތްވަރުލައިދޭ ފަދަ ގޮތަކަށެވެ. ނަޒްލާ ހުއްޓިނުލައި ގޮސް އުނދޯލީގެ އަނެއް ކޮޅަށް އަރައި އިށީނެވެ. އަވިކް އިށީންދެލީ ދުރުގައި ހުރި ގޮނޑިއެއްގައެވެ.

"މަންމާ. އަހަރެން ނުބުނާނަން މަޢާފު ކުރާށެކޭ. މަންމަ ބޭނުން އިރަކުން އަހަރެންނަށް މަޢާފު ކުރާނީ..." ނަޒްލާ ވާހަކަދައްކަން ފެށިއެވެ. ޞައީދާ އެއްޗެއް ނުބުނުމުން އަނެއްކާވެސް ވާހަކަ ދައްކަން ޖެހުނީ ނަޒްލާއަށެވެ. "އަހަރެންނަށް އިނގޭ މަންމަ އަބަދުވެސް ބޭނުން ވަނީ މަންމަގެ ދަރިން އުފަލުގަ ބަހައްޓަންކަން. އެނގޭ އެހެންވެކަން މަންމަ އަހަރެންނާ ޒާހިދު ގުޅުވަން އުޅުނީ. މަންމަގެ ހޮވުމާމެދު އަހަރެން މިއަދުވެސް ޝައްކެއް ނުކުރަން. އެކަމަކު އަހަރެން މިކައިވެންޏާމެދު ހިތާމައެއް ނުކުރަން. ކުރިއަށް އޮތްތާނގައި އަދި ކޮންމެ ކަމެއް ހިނގިއަސް އަހަރެން އަބަދުގެ އަބަދަށް ފަޚުރުވެރިވާނަން އަވިކްގެ އަންބަކަށް އަހަރެންނަށް ވެވުނީމަ. މިއަދު މިހުރީ އެހާވެސް އުފަލުން. އަހަރެންނަށް އިނގޭ މަންމަވެސް އަހަރެންނަށްޓަކައި އުފާވާނެކަން." ނަޒްލާ އިތުރަށް ބުނަން ބޭނުންވި ވާހަތައް އިއްވައިލާފައި އުނދޯލިން ތެދުވީ ޞައީދާ ދެންވެސް އެއްޗެއް ނުބުނީމައެވެ. ނަޒްލާގެ ފަހަތުން ކަހަލަ ގޮތަކަށް ތެދުވެގެން ވަކި ހިސާބަކަށް ގޮއްސައި އަވިކް އެނބުރި ބަލައިލިއިރު ޞައީދާ އިނީ ބަލަހައްޓައިގެންނެވެ.

"މަންމަ އެއްގޮތަކަށްވެސް ކަންބޮޑުނުވާތި. އަހަރެން ނަޒޫއަށް ދެރަގޮތެއް ނުހަދާނަން. އައި ޕްރޮމިސް." އަވިކް ޞައީދާ އާއި ހަތަރު ހަމަކޮށްލާފައި ނަޒްލާ ފަދައިން ނިކުމެގެން ދިޔައެވެ. އަވިކްއަށް ދެވުނުއިރު ނަޒްލާ އޮތީ އެނދަށް އަރައި ބިއްދޮށަށް އެނބުރިގެންނެވެ. ނަޒްލާ ސިއްރުން ރޮނީކަން އެނގުމުން އަވިކްގެ ހިތަށް އަސަރު ކުރިއެވެ. އޭނާ އެނދުގެ މަގަތުގައި އޮށޯވެލައިފައި ނަޒްލާގެ ކޮނޑުގައި މަޑުމަޑުން ހިފާލުމުން ނަޒްލާ ތެޅިގަތީ ސިހިގެންނެވެ. ދެން ހަަމަ ކުއްލިއަކަށް އެނބުރިގެންފައި އައިސް ނަޒްލާ ވަނީ އަވިކްގެ އަތުތެރެއަށެވެ. އޭނާއަށް ނިދުނީ އެގޮތަށް އަވިކްގެ މޭގައި މޫނު ފޮރުވާލައިގެން ރޯން އޮތްވައެވެ.

ހެނދުނު އަވިކްއަށް ހޭލެވުނުއިރު ނަޒްލާ ފެންނާކަށް ނެތެވެ. ފާޚާނާއަށް ވަދެލާފައި އޭނާ ބެލްކަންޏަށް ނިކުމެލިތަނާ ނަޒްލާ ފެނުނީ މަންމަގޭ ދޮރުމަތި ކުނިކަހަން އޮތްވައެވެ. ނަޒްލާގެ މިއާދަޔާ ޚިލާފް ހަރަކާތުން އަވިކް ހިތުގައި ސުވާލު އުފެދުނެވެ. ޞައީދާ މިހާ އަވަހަށް ނަޒްލާއަށް ރުހުން ދިނީބާއޭ ހިތަށް އެރިއެވެ. އެނބުރި އައިސް ގެއަށް ވަންއިރު ނަޒްލާ އުފާވެފައި ހުރިވަރުން އަވިކްއަށް ޔަޤީންވިއެވެ.

"މަންމަ ނިކުންނަން ވާއިރަށް ކުނިކަހާލާފަ މިއައީ." ނަޒްލާ އައިސް ގެއަށް ވަދެފައި އަވިކް ފެނިގެން ބުނެލިއެވެ. "އަހަރެން އަދި މި ހީކުރީ މަމް އޯކޭވެގެން ކަމަށް ނަޒޫ ކުނިކަހަން ދިޔައީ." އަވިކް ހައިރާކަން ފައުޅު ކުރިއެވެ. އެމީހުން ސައިބޯން ދިޔަ މަގުމަތީގައި ޒާހިދުއާއި ދިމާވިއެވެ. ނަޒްލާ ކުއްލިއަކަށް ހުއްޓުމުން އަވިކް ބަލައިލިއިރު ޒާހިދު ސުކޫލު ގޭޓުން ނިކުމެ ހުރީ ފޯނެއްގައެވެ. އެދެމީހުން ބަލަން ތިއްބާ ޒާހިދު ފޯން ބާއްވާފައި އެނބުރިލިތަނުން ފެނިއްޖެއެވެ. އެވަގުތު ޒާހިދުގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިކޮށްލާފައި އެތެރެއަށް ވަނެވެ.

އެރޭ ރޭގަނޑަށް އަތިރިމަތީ ބާބެކިއު ބާއްވާފައި އާއިލާއަށް ނިސްބަތްވާ އެންމެން ބައިވެރިވިއެވެ. ރޯކޮށްފައިވާ އަލިފާނުގެ އޮރެންޖް އަލި އެތައް ހިސާބު ދުރަކަށް ފެތުރިފައިވާއިރު ޖެހިލާ ރޯޅިތައްވެސް އެހާމެ ނަލައެވެ. ކައި ނިމިގެން ގެއަށް ދިއުމުގެ ކުރީން ލަވަ ކިޔައި މަޖާ ނެގިއެވެ. ޝާއިނު ގެންގޮސްގެން އުޅޭ ބެރެއް ޖަހަމުން ލަވަ ކިޔަން ފެށިތަނާ އަވިކްގެ އެކުވެރި ދެ ފިރިހެންކުއްޖަކު އަރައިގެން ނަށަން ފެށުމުން އެންމެނަށް މަޖާވިއެވެ. ނަށާ ކުދިންގެ ހަރަކާތްތަކަށް ބަލަން ހެވިފައި ނަޒްލާ އިންދާ ފޯނަށް މެސެޖެއް އައެވެ. އޭނާ ބަލައިލިއިރު އަވިކް ލިޔެލާފައި އޮތީ ހިނގާލަން ދާން އެދިފައެވެ. ނަޒްލާ ބަލައިލިއިރު އަވިކް ތަންކޮޅެއް ދުރުގައި އިނީ އޭނާއަށް ބަލަހައްޓައިގެންނެވެ. ވަގުތުން ނަޒްލާ ހިނިތުންވެފައި ތެދުވެގެން އެހެން މީހުނަށް ނޭނގޭނެހެން ދުރު ދުރުން ގޮސް އެތާ ހުރި ގަހެއްގެ ކައިރިއަށް ހުއްޓުނެވެ. އެހިސާބުން އަވިކްވެސް ތެދުވެފައި ނަޒްލާ ދިޔަ މިސްރާބަށް ގޮސް އަރާ ހަމަ ކޮށްފިއެވެ.

އެންމެން ސަކަރާތުގައި މަޝްއޫލު ވެފައި ތިއްބާ ދެޒުވާނުން އަތާއި އަތް ގުޅުވާލައިގެން ރާޅު ޖަހާ ހިސާބުން އެއްކޮޅަށް ހިނގައިގެންފިއެވެ. "އަހަރެން ހަމަ ކުއްލިއަކަށް ބޭނުންވެއްޖެ ނަޒޫ ލޯބިވެއޭ ބުނާ އަޑު އަހާލަން." އަވިކް ހިނގަހިނގާފައި ހުއްޓުނެވެ. އެވަގުތު ނަޒްލާ ލުއި އަޑަކުން ހީލިއެވެ. "މިއިނީ އަޑު އަހަން." ނަޒްލާ އަތުން ދޫކޮށްލައިފައި އަވިކް އިށީންދެލީ ފަސްގަނޑުގައެވެ. ނަޒްލާވެސް އަވިކްގެ އެއްފަރާތުގައި ޖައްސައިލިއެވެ. "އައި ލަވް ޔޫ..." ވިސްނަން އިނދެފައި އޭނާ އެހެން ބުނެލީ ނިކަން އަވަހަށެވެ. އެވަގުތު އަވިކް އެމޫނަށް ބަލައިލާފައި ހީގަތެވެ. "އަހަރެންނަށް ޖޯކެއްތަ މިކިޔައިދެވުނީ؟" ނަޒްލާއަށް އަވިކް ކަންތައް ކުރިގޮތް ކަމަކު ނުދިޔައެވެ. ނުރުހިފައި އޭނާ ތުންކޮޅު އޫކޮށްލައިގެން މޫނު އަނބުރައިލީ ދުރަށެވެ. "ތިހެން ތުންކޮޅު އޫކުރީމަ ފްރެންޗް ކިސްއެއް ބޭނުންވެއްޖެ." އަވިކް ދެން ބުނެލި ވާހަކައިން ނަޒްލާ އަވަަހަށް އަނގަމަތީ އަތް އެޅިއެވެ.

"ބުނީމެއްނު އަހަރެން ބުނާ ކޮންމެކަމެއް ކުރަން ޖެހޭނެއޭ؟ ނަޒޫވާނީ މިފަހަރު އިސްނަގަން. އަހަރެން އިންނާނަން މަޑުން." އަވިކް ހައްތަހާ ބޮޑަށް ނަޒްލާ ތަޅުވާލިއެވެ. "ވިކް ޖެހޭނީ ލޯމަރައިގެން އިންނަން." ނަޒްލާވެސް ޝަރުތެއް ހުށައަޅާލިއެވެ. "އޯލްރައިޓް." އަވިކް ނަޒްލާ އެދުނު ގޮތަށް ލޯމަރާލިއެވެ. ނަޒްލާ ފާޑަކަށް އިނދެފައި ކުރިކަމަކީ ކުއްލިއަކަށް ތެދުވެގެން ދުރަށް ދުއްވައިގަތީއެވެ. އެކަމަކު އެގޮތުގައި އޭނާއަށް ދެވުނީ ތަންކޮޅަކަށެވެ. އަވިކްއަށް އެނގިގެން ތެދުވެފައި ފަހަތުން ގޮސް ދާދި އަވަހަށް އޭނާ އަތުލައިގެންފިއެވެ. ދެން ސަލާމަތް ނުވާނެކަން ޔަޤީންވުމުން ނަޒްލާއަށް ޖެހުނީ އަވިކް އެދުނު ގޮތަށް ކަންތައް ކޮށްދޭށެވެ.

"ހިނގާ ސްކިނީޑިޕިން ހަދަން." ނަޒްލާއަށް ނޭވާ ލެވޭވަރު ވިތަނާ އަވިކް އަނެއް ވާހަކަ ބުނެލިއެވެ. "ވަޓް؟" ނަޒްލާ ފާޑަކަށް ހަޅޭތްލަވައިގަތެވެ. "ނަޒްލާ ކަންބޮޑުވިވަރު ފެނިފައި އަވިކް ގާތަށް އައީ ނުލަފާ ހިންޏެކެވެ. "ވިކް މޮޔަވީތަ؟ މީހަކަށް ފެނިދާނެ. މީ ފަޅުރަށެއް ނަމަވެސް ރަނގަޅު. އެހެންނޫނަސް އަހަންނަކަށް ނުކެރޭނެ ރޭގަނޑު މޫދަށް އެރޭކަށް." ނަޒްލާ ކަންބޮޑުވުމުން ފައުޅު ކުރިއެވެ. "އެމީހުން މިހާރު އެއުޅެނީ ގެއަށް ދާން. އެމީހުން ދިޔައީމައޭ ޖައްސާނީ. މިހާރު އެކެއް ޖަހަނީ. މިގަޑީގަ ދެން ނާންނާނެ އެކަކުވެސް މިތަނަކަށް. ސީރިއަސްކޮށްް އިޓް ވިލް ބީ ފަން. ބަލާ ކިހާ ކްލިއަރ ކޮށް މޫދު މިއޮތީ. ހަނދުވަރުވެސް ދޭ." އަވިކް ނަޒްލާ ދުރަށް ދާން އުޅޭތީ ބާރަށް އެއަތުގައި ހިފާލައިގެން ހުރެ ވާހަކަދެއްކިއެވެ.

އެންމެން ދިޔަތަން ބަލާފައި އަވިކް ޓީޝާޓް ބޭލިތަން ފެނުމުން ނަޒްލާ ނިޔަފަތި ހަފަމުން އެނބުރުނީ އަނެއް ފަރާތަށެވެ. އިރުކޮޅެއް ނުވެ ލޮނުގަނޑުތެރެއަށް އަވިކް ޖެހިގަތްއަޑު އިވިގެން ބަލައިލިއިރު އަވިކް ލައިގެން ހުރި އެއްޗެހި ވެލިގަނޑުމަތީ އޮތެވެ. "ކަމްއޯން ނަޒޫ. ދެން އާދެބަލަ!" އަވިކް ގޮވާލިއެވެ. ނަޒްލާ ވަށައިގެން ހޯދާލައިފައި އަވިކްއަށް އަމުރު ކުރީ ލޯމަރައިގެން ހުރުމަށެވެ. އަވިކް ހިނިގަނޑެއް ޖަހާލައިފައި ލޯމަރާލުމުން ނަޒްލާ ބެލީ ދެން އެލޯ ހުޅުވަން ވާއިރަށް ލޮނުގަނޑު ތެރެއަށް އެރެވޭތޯއެވެ. އެވަރުން އުޅެގެން ކާމިޔާބެއް ނުވިއެވެ. އަވިކް ލޯ ހުޅުވާލީ އޭނާއަށް ކިރިޔާ ކަކޫތާ ފެނަށް އެރެވުނުތަނާއެވެ. ދެން އަވިކް." ނަޒްލާ ވަގުތުން މޫނުގައި އަތް އެޅިއެވެ. ދެން އެހެން ހުރެގެން ކައިރިއަށް ގޮއްސައި ފުރަތަމަވެސް އަވިކް ކޮނޑުގައި އަތުން ތަޅައިގެންފައި އެމޭގައި މޫނު ފޮރުވައިފިއެވެ. އެކަމަކު އިރުކޮޅެއް ވީއިރު އޭނާ ހުރީ މުޅިން ހަމަޖެހިފައެވެ. 
******

ހީވެސް ނުކުރާހާ އަވަހަށް ހަފްތާއެއް ވޭތުވެގެން ދިޔައެވެ. ރަށުގައި އާއިލާގެ މީހުންނާއެކު ހޭދަ ކުރި އުފާވެރި ވަގުތު ތަކަށްފަހު ނަޒްލާ އާއި އަވިކް މާލެ އަތުވެއްޖެއެވެ. އެނބުރި އައުމާއި ހަމައަށް ނަޒްލާއަށް ހާޞިލް ނުވީ އެންމެ ކަމެކެވެ. އެއީ މަންމަގެ ރުހުން ހޯދުމެވެ. އޭނާ އަމިއްލަ ހިތަށް ވިސްނައިދިނީ އެހާޞިލް ވާން އަދި ވަގުތު ނަގާނެ ކަމުގައެވެ. އައި ގޮތަށް ނަޒްލާ އަވަދިނެތި އުޅެން ފެށީ ގެއްލުނު ފިލާވަޅުތައް އަނބުރާ ހޯދާށެވެ. ދެދުވަސް ވަންދެން ރެސްޓް ނަގާފައި އަވިކްވެސް އާދައިގެ މަތިން އޮފީހަށް ނިކުންނަން ފެށިއެވެ. ނަޒްލާ އެންމެ ހައިރާންވީ ފަރޫޝާ އާއި ސުދާ އެއްގެއެއްގެ ތެރޭގައި އެހާ އަމާން އޮމާންކޮށް އުޅޭތަން ދެކިފައެވެ. އޭނާއަށް ނުވިސްނުނީ ކޮންމެ ތޫފާނެއް އައުމުގެ ކުރީން އެއަމާން ކަމަކީ އަންނަ އެއްޗެއް ކަމެވެ.

ރޭގަނޑު ނަޒްލާ ކުލާސް ނިންމާފައި އައިސް ކާކޮޓަރިއަށް ވަނީ ފިނި ފެންތައްޓެއް ބޯލަން ވެގެންނެވެ. އޭނާ ވަންއިރު ކޮފީ މޭކަރު ކައިރީގައި ޔައީޝް ހުއްޓާ ފެނުމުން ސަމާލުކަމަށް އައެވެ. ޔައީޝް ބަލައިލުމުން ނަޒްލާ ހިނިތުންވެލިތަނާ ޔައީޝްވެސް ހަމަ އެގޮތަށް ހިނިތުން ވުމަކުން ރައްދު ދީފައި ކޮފީ މަގު ހިފައިގެން ނިކުންނަން ދިޔައެވެ. ނަޒްލާ ޔައީޝްއަށް ގޮވައިލީ އޭނާ ގޮސް ދޮރާއި ހަމަވީ ތަނާއެވެ.

"އަހަރެން ބޭނުން ވާހަކަ ދައްކާލަން. ވަގުތުކޮޅެއް ދެވިދާނެތަ؟" ޔައީޝް ހުއްޓުނު ގޮތަށް ފުރަގަސްދީގެން ހުއްޓާ ނަޒްލާ ވާހަކަދެއްކިއެވެ. "ނަޒޫ އަހަރެންނާއި ދައްކަން އޮންނާނީ މިހާރު ކޮން ވާހަކައެއް؟" ޔައީޝްގެ އަޑުގައި ހުރީ ބީރަތްޓެހި ގޮތެކެވެ. "އެހީމައެއްނު އިނގޭނީ." ނަޒްލާ ޖަވާބު ދިނެވެ. "އަވިކް ރުޅިއެއް ނާންނާނެތަ؟" ޔައިޝް އެނބުރި ބަލައިލުމުން ނަޒްލާގެ ކުލަ ހިސާބަކަށް ބަނަވިއެވެ. "ނާންނާނެ." ނަޒްލާ ޖަވާބު ދިނީ ސާބިތުކަމާއެކުގައެވެ. އެވަގުތު ޔައީޝް ބޯ ޖަހާލައިފައި ނިކުމެވުނީ ފަރޫޝާގެ ކުރިމައްޗަށެވެ. ނަޒްލާ ފެންބޯން ހުއްޓާ ފަރޫޝާ ވަދެ އިތުރު ފެންފުޅިއެއް ނަގައިގެން އެތަނުން ނިކުތީ އެއްވެސް އެއްޗެއް ނުބުނެއެވެ. ކައިވެނި ކޮށްގެން އައިފަހުން ފަރޫޝާ އެގޮތަށް ވާހަކަ ނުދައްކައި ދިޔަ އެއީ ފުރަޔަމަ ފަހަރުކަން ނަޒްލާއަށް ފާހަގަ ކުރެވުނެވެ. ވިސްނާލައިފައި އޭނާ އެއީ މާބޮޑު ކަމަކަށް ނުހަދައެވެ. އެތަނުން ނިކުމެގެން އޭނާ ގޮސް ސުދާގެ ކޮޓަރިއަށް ވަންއިރު ސުދާ އާއި ކަރަމްގެ މޫނުން ފެނުނު ސީރިއަސްކަން އޭނާގެ ހިތް އަވަސް ކޮށްލިއެވެ. އެވަގުތު އެތަނުން ނަޒްލާ ފެނުމުން ކަރަމް އެންމެ އިރުކޮޅަކުވެސް މަޑުނުކޮށް ނިކުމެގެން ދިޔައީއެވެ. ނަޒްލާ ކަރަމް ނިކުމެގެން ދިޔަ ދޮރާއި ދިމާއަށް ބަލައިލާފައި އެނބުރި ބަލައިލުމުން ސުދާ ހިނިތުންވެލީ ކަމެއް ފޮރުވަން މަސައްކަތް ކުރާފަދަ ގޮތަކަށެވެ.

ކޮމެންޓް 0