"ނަޒޫ! ގެއަށް ނުދާ ދުވަހަކީތަ؟" މީހަކު ގޮވައިލި އަޑަށް ނަޒްލާ އިސްއުފުލާލި އިރު އެކުގައި މަސައްކަތް ކުރާ މުއުމިނާ މޭޒު ދޮުށުގައި އިނީ ދަބަހަށް އެއްޗެހި ހަމަކުރާށެވެ. ޖަވާބު ދިނުމުގެ ކުރީން ނަޒްލާ ބަލައިލީ އަތުކުރީ އޮތް ގަޑިއަށެވެ. "ނުވައެއް ޖަހަނީ ދޯ. ދާންވީ ދެން." ނަޒްލާ ފާހަގަ ލާން އިން ފޮތް ލައްޕާލުމަށްފަހު ކައިރީގައި ބަރި އަކަށް ހުރި ފޮތްތަކުގެ އެންމެ މައްޗަށް ލިއެވެ. މޭޒުމަތީ އޮތް ފޯނާއި ހެޑްސެޓް އަތްދަބަހަށް ލައި ޒިބު ދަމާލައިގެން އޭނާ ތެދުވިއިރު މުއުމިނާ އައިސް ހުރީ ނަޒްލާ އިންނަ މޭޒު ކައިރީގައެވެ. ސްޓާފް ރޫމްގައި އެވަގުތު އެދެމީހުން ފިޔަވައި އިތުރު މީހަކު ނެތެވެ. ކުރިއަށް ހުކުރު ހޮނިހިރު އޮތުމުން އެހެން ރޭރޭ ދަންވަންދެން އިތުރު ގަޑީގައި މަސައްކަތް ކުރާ ޓީޗަރުންތައްވެސް މިރޭ ގޭގައި އަރާމު ކުރަނީ ކަންނޭނގެއެވެ. ސްޓާފް ރޫމުގެ ބޮކިތައް ނިވާފައި ދެމީހުންނަށް ނިކުމެވުނީ އިދާރީ މަސައްކަތް ތަކުގައި އުޅޭ އަލީގެ ކުރި މައްޗަށެވެ. އަލީ އެއީ އެތަނުގެ ތަޅުދަނޑި ހަވާލުވެގެން ހުންނަ އެކަކެވެ. އަލީ ތަޅުލުމުގެ މަސައްކަތް ފެށުމުން ދެއެކުވެރީން ސުކޫލް ގޯތިތެރެއިން ހިނގާފައި ގޮސް މަގުމައްޗަށް ނިކުތެވެ.

މަގުގެ ކޮންމެ ހިސާބެއްގައި ހޮޅިބުރިއެއް ޖަހާފައި ހުއްޓަސް ގަސްކަރަ ބޯކަމުން ރަށުތެރެ އޮންނަނީ ފުދޭވަރަކަށް އަނދިރި ކޮށެވެ. ވައިގަދަ ކަމުން ނަޒްލާ ހީކަރުވާ ގޮތްވިއެވެ. ވާހަކައިގައި ތިބެ ފަސްވަރަކަށް މިނިޓް ހިނގިފަހުން ނަޒްލާގެ ގެއަށް ފޯރުމުން މުއުމިނާއަށް ވަދާޢު ކިޔާފައި އޭނާ ދޮރާށިން ވަދެއްޖެއެވެ. ގޯތިތެރެ ހުރަސްކޮށްފައި ގެއާއި ދިމާއަށް ދިޔައިރު މަންމަ ކޮންމެވެސް މީހަކާއި ވާހަކަ ދައްކާ އަޑު ނަޒްލާގެެ ކަންފަތުގައި ހަރުލިއެވެ. މާބޮޑު ފަރުވާލެއްނެތި އޭނާ ގޮސް ދޮރުމައްޗަށް އަރާފައި ދެވަނަ ސިކުންތުގައި މަޑުޖެހިލެވުނެވެ. ބޮޑު އުނދޯލީގައި ސައީދާ އިންއިރު އެއްފަރާތެއްގައި ހުރި ގޮނޑިއެއްގައި ސުކޫލްގެ ޕްރިންސިޕަލް ޒާހިދު އިނެވެ. 

"އަހަ މިއޮތް އައީއެއްނު ނަޒްލާ." ނަޒްލާ ފުރަތަމަ ފެނުނީ ސައީދާ އަށެވެ. އެވަގުތު ޒާހިދުވެސް ދޮރާއި ދިމާއަށް ކަޅިއެއް އެއްލާފައި ލަސްލަހުން ކޮޅަށް ތެދުވެއްޖެއެވެ. "މިރެއަށް މަސައްކަތް ނިންމާލީ ދޯ." ޒާހިދު ލުއި ހިނިތުންވުމަކާއެކު އަބަދުވެސް ބޭނުން ކުރާ އެކުވެރި ރާގުގައި ބުނެލިއެވެ. ނަޒްލާ ގަދަކަމުން ހިނިތުންވުމެއް ތުންފަތަށް ވެރިކޮށް ބޯ ޖަހައިލާފައި އަވަހަށް ހިނގައިގަތީނުން މިސްރާބު ހުރީ އުނދޯލިގެ ހުރަސްކޮށްފައި ގޮސް ވަދެވެން ހުރި އޭނާގެ ކޮޓަރިއަށެވެ. ސައީދާއަށް އެއްޗެއް ބުނާނެ ފުރުސަތެއް ނުދީ އެބާރުމިނުގައި އޭނާ ގޮސް ކޮޓަރިއަށް ވަދެ ދޮރު ލައްޕާލިއެވެ. "މާ ބުރަވީމަ ވަރުބަލިވެފަ އެހުރީ." ސައީދާ ކަންބޮޑުވީ ޒާހިދު ހީކޮށްފާނެ އެއްޗަކާއި މެދުގައެވެ. އަމިއްލަ ދަރިފުޅު ދިފާޢު ކުރުމުގެ ގޮތުން އޭނާ އަވަހަށް ހީލައިފިއެވެ. ޒާހިދުވެސް އެވާހަކައާއި އެއްބައި ވުމުގެ ގޮތުން ހިނިއައިސް ބޯ ޖަހައިލިއެވެ. 

"އިށީންދޭ އަވަހަށް. ތިތަނުން އަދި އެކައްޗެއްވެސް ނުކެވެއެއްނު. ނިކަން ރަހަ ބަލައިބަލަ. އަހަރެންގެ ނަޒްލާ އަމިއްލަ އަތުން ހަދާފަ ހުރިހާ އެއްޗެހި ތީ. އެމަންޖެ އެއްޗެހި ބަދަލު ކުރަންވާއިރަށް އަންނާނަން ބޭރަށް އަންނާށޭ ބުނެފަ." ސަޢީދާ ޒާހިދުއަށް އިށީންނަން އިޝާރާތް ކޮށްފައި ޖަވާބަކަށް އިންތިޒާރު ކުރުމެއްނެތި ނަޒްލާ ފަހަތުން ގޮސް އެކޮޓަރިއަށް ވަނެވެ.

ދޮރުފޮތިގަނޑު ދުރު ކޮށްލައިގެން ކުޑަ ދޮރުން ބޭރު ބަލަން ހުރި ނަޒްލާ އެނބުރި ބަލައިލީ ދޮރު ހުޅުވާލި އަޑު އިވިގެންނެވެ. މަންމަ ފެނުމުން އޭނާ އައިސް، އަލަމާރި ހުޅުވާލައިގެން ނިދާ ހެދުން ނެގިއެވެ. "ނަޒްލާ!" ސައީދާ އައިސް ނަޒްލާ ކުރިމައްޗަށް ހުއްޓި ގޮވާލިއެވެ. ބޭރުގައި ހުރި ޒާހިދުއަށް އިވިދާނެތީ މަޑުން ގޮވާލި ނަމަވެސް އެއަޑުގައިވި ނުރުހުން ނަޒްލާއަށް ފާހަގަވިއެވެ. އޭނާ އެނގުނު ކަމަށް ނުހަދާ ހެދުން ބަދަލު ކުރަން ދާން ފާޚާނާއަށް ދިމާއަށް އެނބުރުނެވެ. "އަހަރެން މިދައްކާ ވާހަކަ އަޑުއަހާފަ ނޫނީ އެއްތާކަށްވެސް ނުދެވޭނެ." ސައީދާ ދެދަތްޕިލަ ޖައްސާ ބާރުކޮށްލަމުން ނަޒްލާ އަތުން ހެދުން ޖަހައިގެންފައި ކައިރީގައި ހުރި އެނދުމައްޗަށް ހޫރާލިއެވެ. "މަންމަ ބޭނުން ވަނީ ޒާހިދު ކުރިމަތީ އަހަރެންގެ އަގު ވައްޓާލަންތަ؟ މަންމަ ތިގޮތަށް ކަންތައް ކޮށްގެން އަހަރެން ކިހިނެތް ޒާހިދު އާއި ކުރިމަތިލާނީ. އެއްތާކު މަސައްކަތް ކުރާއިރު އަހަރެމެން ދެމީހުންނަށްވެސް ކިހާ އުދަނގުވާނެ. މަންމައަށް އެނގެއެއްނު އަހަރެން އަދި މީހަކާއި އިންނަން ތައްޔާރު ނޫންކަން. ދެން ކީއްކުރަން އޭނަ އާއި އަހަރެން ގުޅުވުމުގެ ހުވަފެން ދެކިގެން ތިގޮތަށް ތި ގުޅުން ބަދަހި ކުރަނީ؟ މަންމަ ތިގޮތަށް ހެދީމަ އޭނައަށް ހީވާނީ އަހަރެންވެސް އޭނަ އާއި ގަބޫލިއްޔޭ." ނަޒްލާ ދެބުމަ ގޮށްޖަހައިލަމުން ނުރުހިފައިވާ ރާގެއްގައި ވާހަކަދެއްކިއެވެ. އެވަގުތު ސައީދާ އަވަހަށް އޭނާ އަތުގައި ހިފައި ފިއްތާލައިފައި އަޑު މަޑު ކުރުމަށް އެންގިއެވެ. ޒާހިދުއަށް އެއަޑު އިވޭކަށް ސަޢީދާ ނޭދެއެވެ. 

"ކޮބާތަ މައްސަލައަކީ. ނަޒްލާ އަމިއްލަ އަކަށް ނުވިއެއްނު އެކަމެއް. ނުފެނުނެއްނު ކަމުދާ މީހަކު. ދެން އަހަންނަށް ކަމުދާ މީހަކު ގެނެސް ދެއްކިއްޔާ އެއީ އެވަރުގެ ކަމެއްތަ. ބަލަ އަހަރެން މީ މަންމަވިއްޔަ. އަހަރެން ކުރާ ކަމެއް ވިއްޔާ ކުރާނީ ރަނގަޅަކަށް ނޫންތަ؟ ޒާހިދުއަކީ ކިޔަވައިގެން ހުރި މޮޅު މީހެއް. ރަނގަޅު ވަޒީފާއެއްގައި އުޅެނީ. އަނބި ދަރިން ގެންގުޅުމުގެ ތަނަވަސްކަމާއިއެކު އަމިއްލަ ގެދޮރު އެބަހުރި. ދެން ހަމަ ބަލާބޮޑުކުރި މަންމަ ބުނިއްޔާ ނަޒްލާ ނުވާނެތަ ޒާހިދު އާއި އިންނާކަށް؟" ސަޢީދާ ވާހަކައިގެ ވަކި ހިސާބަކުން ކުރިއަށްވުރެވެސް މައިތިރިވެ ރާގު ބަދަލުވިއެވެ. 

"ހެޔޮ. އަހަރެން އަދި ނުވޭ މީހަކާއި އިންނާކަށް." ނަޒްލާ ދައްކާނެ ބަހަނާއެއް ނޭނގިގެން ބުނެލިއެވެ. "ދެން ކޮންއިރަކުން އިންނަން؟ މިހާރު އުމުރުން ފަންސަވީސް އަހަރުވީ. ކިޔަވާ ނިމިއްޖެ. ނުވިތާކަށް ވަޒީފާ އަދާކުރާތާވެސް ތިން އަހަރުވީ. މިރަށުގައި މިހާރުވެސް ނެތް ނަޒްލާ ތިއުޅޭހެން އުޅޭ އެހެން ކުއްޖަކު. މާބޮޑަށް ލޯބި ދީގެން ނަޒްލާ ގެންގުޅެވުނީތީ ތިޔަހުރީ ގޯސްވެފަ." ސައީދާ ގާތަށް އަނެއްކާވެސް ރުޅި އަންނަ ގޮތްވިއެވެ. "އިންނާނަމޭ މީހަކާއި. އެކަމަކު އަހަރެން އަދި ޑިގްރީވެސް ހަދަން ބޭނުން. މީހަކާއި އިނީމަ ދެން އޮންނާނީ ނުކިޔެވިފަ. ދެން އެހިސާބުން އެކަން ދޫކޮށްލާފަ އަމިއްލަ ދިރިއުޅުމާއިގެން އުޅުނީމަ ކޮބާ ކިޔެވި ކިޔެވުމުގެ ބޭނުމެއް؟ ރަށާއި ޤައުމަށް ޚިދުމަތް ނުކޮށް އަމިއްލަ ދިރިއުޅުން ތިޔާގި ކުރަން ކޮންމެ މީހަކު އެއުޅެނީ." ނަޒްލާ ފައިވިއްދާފައި ހުރީ ކައިވެންޏާއި މުޅިން ދެކޮޅަށެވެ. "ރަށާއި ޤައުމު ތަރައްޤީ ކުރެވުނީމަ އެވީ ދޯ މީހާ ހަލާކުވެގެން ދިޔަސް؟ ބުނަން ނަޒްލާ! އަންހެންކުދިން ހިސާބަށްވުރެ ބޮޑަށް ތަރައްޤީ ކޮށްގެން ދާން ފެށީމަ އޮންނާނީ ލަނޑު ލިބިފަ. އަންހެން ކުދިން ނުޖެހޭ ފިރިހެނުންހެން ޑިގްރީއާއި އާއި އަނެއް އެއްޗެއް ހަދާކަށް. މީހަކާއި އިނދެގެން ދަރިން ރަނގަޅަށް ބަލައި ބޮޑުކުރުމަށްވުރެ މޮޅު މަތީ ވަޒީފާއެއް އަންހެނުން އަދާކުރާކަށް ނެތް. އެހެންނޫނަސް މިރަށަކީ ކުޑަ ރަށެއް. އިންނާނެ މީހަކު ނުވާނެ ކިރިޔާވެސް އުމުރުން ދޮށި ވެއްޖެއްޔާ. ނަޒްލާމެން އުމުރުގައި މިހާރު ހުރިހާ ކުދިން މީހުނާއި އިނދެ ދަރިން ލިބުނީ. ޕްރިންސިޕަލް ޒާހިދުމެން ކަހަލަ ދެތިން މީހަކު މިހާރު ނަޒްލާ މެނާއި އިންނަ އުމުރުގައި އެތިބީ. ތިހެން ހުއްޓާ މުސްކުޅިވެގެން އިންނާނެ މީހަކުވެސް ނުވާނެ އެންމެފަހުން. ދެން މިއުޅޭ މީހުންހެން ރަށުން ބޭރުން މީހުނާއި އިނދެގެން ހަނާވިއަސް އަހަރުމެންނަށް ވާނުވާއެއް އެނގޭނީއެއް ނޫން. ގައިމު ލޯކުރިމަތީ އުޅެންޏާ ލޮލަށް ފެންނާނެއެއްނު. ދެން ހެވޭ މަށެއް ނޫޅެން ބަހުސް ކުރާކަށް. ޒާހިދު އިންނާނެ މިހާރު ލަސްވެފަ. ނިދާހެދުން ނުލައި އާދޭ ބޭރަށް." ސަޢީދާ ޒާހިދުމަތިން ހަނދާންވެގެން ވާހަކަ މެދުކަނޑާލައިފައި ނިކުތެވެ. 

ނަޒްލާ އެތަން ބަލަން ހުރެގެން ދަތްކުނޑި ވިކާލިއިރު ރުޅި ގަދަވެގެން ލޮލަށް ކަރުނަ ގިނަވެއްޖެއެވެ.

"ދައްތާ މިވަގުތު ކޮންމެހެން ގޮސްލަން ވެއްޖެ. އެހެން ފަހަރަކުން އަދި އަންނާނަން އިނގޭ." ސަޢީދާ ނިކުތްތަން ފެނިގެން ޒާހިދު ކޮޅަށް ތެދުވެފައި ވާހަކަދެއްކިއެވެ. "ހާދަ އަވަހަކަށް؟ މިހާރު ނަޒްލާ އެބަ ނިކުމޭ." ސަޢީދާ ޒާހިދު ހުއްޓުވަން މަސައްކަތް ކުރިއެވެ. "ނޫނޭ. ދެން މިރެއަކު ނޫން. ނަޒޫވެސް ހުންނާނީ ވަރުބަލިވެފަ. އަރާމު ކުރަން ބޭނުން ވެފަ. މިރޭ ދެެން ދަނީ." ޒާހިދު މަނާވެގަތެވެ. ސަޢީދާ ހިތާއި ދެކޮޅަށްވެސް ބޯ ޖަހާލައިފިއެވެ. ޒާހިދު ނިކުމެގެން ދިއުމުން އޭނާ އަރާ އިނީ ބޮޑު އުނދޯލީގައި ދުފާލާށެވެ. ނަޒްލާ ދެއްކި ވާހަކަތައް ކަންފަތުގައި ހަރުލާފައި ހުރުމުން އޭރުވެސް އޭނާ އިނީ ރުޅި ގަދަ ވެފައެވެ.

"ކިހިނެތްވީ މަންމާ؟ ހާދަ މޫޑު ގޯސްވެފަ ހުރި ވައްތަރު ޖަހައޭ." ޒާހިދު ދިޔަތާ އިރުކޮޅެއް ފަހުން ވަން ނުހާ މަންމަގެ ރޫ ގިނަވެފައިވާ ނިތަށް ބަލައިލަމުން އަހާލިއެވެ. އެއީ ސަޢީދާގެ ދޮށީ ދަރިއެވެ. އެދެކުދީން ފިޔަވައި އޭނާގެ އެކަކުވެސް މިހާރު ދުނިޔެއަކު ނެތެވެ. ފިރިމީހާ ނިޔާވުމުން އަމިއްލަ މަސައްކަތުން އޭނާ ދެކުދިން މީހުނަށް ހެދިއެވެ.

ނުހާ ވަދެގެން އައިއިރު ތުއްތު ދަރިފުޅު އަނާން ކައިރީގައި ހުއްޓެވެ. "މާމަގެ ދޫނިގަނޑު އަދިވެސް ނުނިދަނީތަ؟ މީ ކުޑަ ކުދިން ނިދާ ގަޑިއޭ." މާމަ ދަރިފުޅު ފެނިގެން އުނދޯލި މަޑުކޮށްލާފައި ފޭބިގޮތަށް ސައީދާ އެކުއްޖާ އުރާލިއެވެ. ނުހާގެ ސުވާލަށް އޭނާ ޖަވާބު ދިނީ އެއަށްފަހުގައެވެ. "ދަރިފުޅަށްވެސް އެނގެއެއްނު މިގޭތެރޭގައި އަހަރެން ދައްކާނެ އެންމެ ވާހަކައެއްކަން އޮތީ. އަހަރެން ނަޒްލާ ކައިރީ ޒާހިދު އާއި އިންނަން އުޅޭށޭ ބުނެގެން ނުދައްކާ ބަހަނާއެއް ނެތް." ސަޢީދާ ކުރު ގޮތަކަށް ކިޔައިދިނެވެ. ސައީދާ އަނާން ގޮވައިގެން އުނދޯއްޔަށް އަރައި ހެއްލަން ފެށުމުން ނުހާ މިސްރާބު ޖެހީ ނަޒްލާގެ ކޮޓަރިއާއި ދިމާއަށެވެ. ކައިރި ކޮށްލާފައި ހުރި ދޮރުފަތް ދުރުކޮށްލިއިރު ނަޒްލާ އަނެއްކާވެސް ހުއްޓި ހުރީ ކުޑަ ދޮރު ކައިރިއަށެވެ. ނުހާ މަޑުމަޑުން ގޮސް ނަޒްލާގެ ފުރަގަހަށް ހުއްޓުނެވެ. ނަޒްލާގެ ނަޒަރު ހުއްޓިފައި ހުރީ ދުރުން ފެންނަން ހުރި ދެބުރި ގެއަށެވެ. 

"މިޑޯ ވިއު" އަކީ ފަޅަށް ހުންނަތާ ނުވަ އަހަރުވެފައިވާ އެހެނަސް ރަށުގައި ހުރި އެންމެ ރީތި ގެއެވެ. ގޭގެ ވެރިފަރާތް ކަރަމް އާއިލާއެކު މާލެއަށް ދިރިއުޅުން ބަދަލު ކުރި ފަހުން ޗުއްޓީއަކަށްވެސް އެގެއަށް އެނބުރި އައިއްސައެއް ނުވެއެވެ.

"ނަޒޫ! މަންމަދެކެ ރުޅި އައިސްފަތަ؟" ނުހާ ވާހަކަދެއްކި އަޑަށް ނަޒްލާ ދޮރު ފޮތިގަނޑުން އަތް ދޫކޮށްލާފައި ފަސްއެނބުރުނެވެ. "ރުޅިއެއްނޫން އަންނަނީ. އަހަރެން ބޯ ގޮވަނީ މަންމަ އުޅޭ ގޮތުން. އެއްފަހަރު ޕްރިންސިޕަލް. އަނެއްފަހަރު ކޮންމެވެސް އެހެން މީހަކު. މަންމަ ހީވަނީ އަހަރެން ފޮނުވާ ނުލެވިގެން އުޅޭހެން. އަޅެ ދައްތަ ބުނެބަލަ އަހަރެން މިހާރު ހަމަ އެހާ މުސްކުޅި ވެއްޖެތަ އިންނާނެ މީހަކު ނުވެގެން އުޅޭހާ؟" ނަޒްލާ މައުސޫމު ގޮތަކަށް ސުވާލު ކޮށްލުމުން ނުހާގެ ހިތުގައި ހަމްދަރްދީ އުފެދިގެން ކޮނޑުގައި ހިފަަހައްޓާލެވުނެވެ. "މަންމަ އެހެން އެއުޅެނީ ނަޒޫދެކެ ލޯބިވާވަރުންނޭ. މަޔަކަށް ވީތީ ކަންބޮޑުވާނެ އެއްނު. އެހެންނޫނަސް ނަޒޫވެސް ޤަބޫލު ކުރަމެއްނު މަންމަ ދަރިއަކަށް ދެރަގޮތެއް ނުހަދާނެކަން. ވިސްނާލަބަލަ މަންމަ އެއްފަހަރުވެސް ގޯސްމީހަކާއި ނަޒޫ ގުޅުވަން މަސައްކަތް ކުރިތަ؟ ނޫން ދޯ. އަހަންނަށް ނޭނގިގެން މިއުޅެނީ ނަޒޫއަށް އެކަކުވެސް ކަމު ނުދާ ސަބަބެއް." ނުހާ ވާހަކަ ދައްކަމުން ގޮސް އެނދުގައި އިށީންދެ ތިރިއަށް ލޯ ހުއްޓައިލިއެވެ. ހަށަން ބަނދެލައިގެން ނަޒްލާ އަނެއްކާވެސް އެނބުރުނީ އަނެއް ފަރާތަށެވެ. ދައްތަގެ އެސުވާލަށް ޖަވާބު ދިނުން މުހިންމު ކަމަކަށް އޭނާ ބެލި ހެނެއް ހިއެއް ނުވެއެވެ. 

ނުހާ އިނދެ އިނދެފައި އެއްޗެއް ބުނަން އަނގަ ހުޅުވާލިތަނާ ވަޔާއެކު އައިސް ފައިބުޑަށް ޖެހުނު ކަރުދާސްގަނޑެއް ލޮލުގައި އަޅައިގަތެވެ. އޭނާ ކަރުދާސްގަނޑު ނިއުޅާލިއިރު މަތިން ތިރިއަށް އެތަކެއް ސަތޭކަ ފަހަރު ނަޒްލާ ލިޔެފައި އޮތީ އެންމެ ނަމެކެވެ. "އަވިކް." ނުހާ އަޑު އިއްވާލިއެވެ. އެއަޑަށް ސިއްސައިގެން ދިޔަ ނަޒްލާ އެނބުރި ދައްތަގެ މޫނަށް ބަލައިލީ ބިރެއް ފެނިގެން ބަލައިލި ފަދަ ގޮތަކަށެވެ. ނުހާ ކަރުދާސްގަނޑަށް ބަލަން ހުއްޓާ ނަޒްލާ އައިސް އެޖަހައިގެންފައި އަވަހަށް ބޮނޑި ކޮށްލައިފިއެވެ. "ނަޒޫ މީހަކާއި ނީންނަން ތިހުންނަ ގޮތަކީ މީ ދޯ." ނުހާ ކޮއްކޮގެ މޫނު ދިރާސާ ކުރަމުން ބުނެލިއެވެ. "ޕްލީޒް ދޮންދާ. މަންމަ ކައިރީ ނުބުނާތި!" ނުހާއަށް ފެނުނީ ނަޒްލާގެ ބޮޑު ބޮޑު ދެލޮލުގައި ކަރުނަ ވިދަން ފެށިތަނެވެ. ނަޒްލާ އެގޮތަށް ރޮއިލާފައި އެދުމުން ކުޑައިރުވެސް ނުހާއަށް މަޖުބޫރު ވަނީ ބުނާ ގޮތަށް ކަންތައް ކޮށްދޭށެވެ. އެހާވެސް އޭނާގެ ކޮއްކޮ މައުސޫމެވެ."ނަޒޫ!" ނުހާ އެއްޗެކޭ ބުނަން އުޅުނެވެ. "ޕްލީޒް ދޮންދާ. އަހަރެންނަށް ޓަކައި." ނަޒްލާ ނުހާގެ ދެއަތުގައި ހިފާ ބާރުކޮށްލަމުން އާދޭސް ކުރިއެވެ. އިތުރު އެއްޗެއް ބުނަން އުޅެފައި ސައީދާ ގޮވާލި އަޑަށް އޭނާ ބޯ ޖަހައިލާފައި ނިކުމެގެން ދިޔައެވެ. ނަޒްލާއަށް އަތް އަޅައިލެވުނީ މޭގައެވެ. ނަސީބަކުން ދޮންދަ އޭނާގެ ސިއްރު ހިފަހައްޓައި ދޭން އެއްބަސް ވެއްޖެއެވެ.

އެކަނިވުމުން ނަޒްލާ އެނދު ހުރަހަށް އޮށޯވެ ލައިގެން ބާލީހުގައި މޫނު ފޮރުވާލިއެވެ. "ނަޒޫ... އައި ލަވް ޔޫ...." އަވިކްގެ ޖުމްލަ ނަޒްލާގެ ކަންފަތުގައި މިއަދުވެސް ހަރުލާފައި ހުރީ ދެންމެ ވީކަމެއް ހެންނެވެ.

*****
"ޝޭޑީވިލާ" އަށް ޢީދެއް އައިސްގެން އުޅޭ ކަހަލައެވެ. ހުއްޓުމެއްނެތި ކޮޅު ކޮޅަށް ދުވާ މީހުން ގިނައެވެ. ހަތް ބުރިއަށް ނަގާފައިވާ ބޮޑު އިމާރާތުގެ އެންމެ ތިރީގައިވާ ކުޑަ ބަގީޗާ އާއިއެކު ގޭގެ ތިރީބައި އެކީ އެކީއަށް ޒީނަތްތެރި ކޮށްފައިވަނީ އެންމެ ފުރިހަމައަށެވެ. މަތީގައި ހަރުކޮށްފައިވާ ޕޭޕަރ ލެންޓަން ތަކުން ގެނެސްދޭ ޝާހީ ކަމެވެ. ގޭޓުގެ އެންމެ ކައިރިއަށް ހުދު ލޭހުން ފޭރާން ކުރެވިފައިވާ ކުޑަ މާކުއީގެ ރީތިކަމެވެ. ގޯތިތެރޭއާއި އަދިވެސް ހޯލްތެރޭގައި ޕޮޓްތަކުގައި ހެދިފައިވާ ގިނަ އަދަދެއްގެ ގަސްތަކުގެ ތެރެއިން ބޯދިއްކޮށްގެން ތިބި ކުދި ކުދި ހުދު ބޮކިތައް ފައުޅުވާ ގޮތުން އަލިމަސްތަކެއް ފަދައެވެ. އެއްކޮޅުން އަނެއްކޮޅަށް ހުދު ފޮތި އަޅާފައިވާ މޭޒު ފަޅުފިލުވާލެވިފައިވާ ކާނާގެ އަދަދު ގިނަ ކަމާއި ފެންވަރު ރަނގަޅު ކަމެވެ. ތާޒާވައި ލިބޭ ގޮތަށް ވަށައިގެން ގޮނޑި ޖަހާފައިވާ ދެމޭޒުގެ އިތުރަށް ހޯލްތެރޭގައި ބަހައްޓާފައިވާ ކޮންމެ މޭޒެއްގެ މެދުގައި ތާޒާ ހުދު އޯކިޑް މާބޮނޑިއަކާއި އުއްބައްތިއެއް ހުރެގެން ގެނެސްދޭ ހިތްގައިމު ކަމެވެ. އަދިވެސް އަދިވެސް ކިތަންމެ ކަމެކެވެ. 

ތައްޔާރީ ތަކުގައި ގޭގެ އިސްމީހުންގެ ތެރެއިން އެންމެ ހަރަކާތްތެރިކޮށް އުޅޭތަން ފެންނަނީ ފަރޫޝާއެވެ. ކަރަމްގެ ރީތި އަނބިމީހާއެވެ. ގާތްގަނޑަކަށް ނިމިފައިވާ ހޯލްގެ މެދުގައި ހުރެ ޑެކަރޭޝަން އާއިމެދު ހިތްހަމަޖެހިގެން ފަރޫޝާ އެތެރެއަށް ވަންނަން ދިޔައެވެ. އަތުކުރީ އޮތް އަލިމަސް ޖެހި ގަޑިއަށް ބަލަމުން އޭނާ ގޮސް ކޮޓަރިއެއްގެ ދޮރު ހުޅުވާލައިފައި އެތެރެއަށް ވަނެވެ. އެނދުގެ ބެޑްޝީޓު އަޅަން ނޯކަރަކު ހުރެފައި އެއަޑަށް އެނބުރި ބަލައިލިއެވެ. މީގެ ކުޑައިރުކޮޅެއް ކުރިންވެސް އޭނާ ބަލާފައި ދިޔަ އެކޮޓަރީގެ އެއްވެސް ކަމެއް ފުރިހަމަ ނުވެ ހުރިތޯ އަލުން ޗެކް ކޮށްލިއެވެ. ގޭގެ އެހެން ހުރިހާ ތަނަކަށްވުރެ އެކޮޓަރި ހާއްސަވީ ސަބަބެއް ނެތިއެއް ނޫނެވެ. ފާއިތުވެ ދިޔަ ނުވަ އަހަރު ފަރޫޝާއަށް އެގެއިން ކާމިޔާބު ނުކުރެވިފައިވާ ހަމައެކަނި އެއްޗަކީ އަވިކްގެ ހިތެވެ. މިއަދު ނުވަ އަހަރުފަހުން ލިބެން އުޅޭ ފުރުސަތުގެ ބޭނުން އެންމެ ހަނި މިނުންވެސް ކުރަން އޭނާ އެހުރީ އަތުކުރި އޮޅާލައިގެންނެވެ. 

ވަށައިގެން ބަލަން ހުރެފައި ފަރޫޝާ ގޮސް ޑްރެސިންޓޭބަލް ކުރިމައްޗަށް ހުއްޓި ލޯގަނޑުން އަމިއްލަ ސޫރައަށް ބަލައިލިއެވެ. ކަރުގައި އަޅައިފައިވާ އަލިމަހުގެ ހާރުގައި އަތް ޖައްސާލައިފައި އޮމާންކޮށް މައްޗަށް ހުޅިޖަހާފައިވާ އިސްތަށިގަނޑުގައި އައިބެއް ވޭތޯ ބެލިއެވެ. ޑްރެސިން ޓޭބަލް މަތީ ބަހައްޓާފައިވާ ފޮޓޯލޯގަނޑެއްގައި އޭނާގެ ލޯ އަޅައިގަތީ އެވަގުތުއެވެ. "ކާކު މިފްރޭމް މިތާގައި ބެހެއްޓީ؟" ފަރޫޝާގެ މޫނުން ނުރުހުން ފެނިގެން ދިޔައެވެ. "މޭމް ބުނުއްވީމެއް ނޫންތޯ އަވިކް ދޫކޮށްފައި ދިޔަ ގޮތަށް ހުރިހާ އެއްޗެއްގެ ތަރުތީބު ބަހައްޓާށޭ." އާޝިމާ އެނބުރި ބަލައިލާފައި އަދަބުވެރި ކަމާއެކު ދެއަތް ޖޯޑުކޮށްލައިގެން ވާހަކަދެއްކިއެވެ. "އަހަރެން ބުނިން ތިޔަހެން. އެކަމަކު މިއަންހެން ކުއްޖާގެ އެއްވެސް ހަނދާނެއް މިކޮޓަރީގައި ނުބަހައްޓާތި!" ފަރޫޝާ ފްރޭމް ހިފައިގެން ދޮރުހުޅުވާލައިފައި ނިކުތެވެ. އޭނާ ބާރު ބާރަށް ގޮސް ނިދާ ކޮޓަރިއަށް ވަދެ ދޮރު ލައްޕާލިއެވެ. 

ލޯގަނޑު ކުރިމަތީ ޓައީ އަޅަން ހުރި ކަރަމް ފެނިގެން ފަރޫޝާ ފޮޓޯގަނޑު ބެއްވީ އެނދުމަތީ ބަންޑުންނެވެ. "ކިހިނެތް ހީވަނީ މިފަހަރު؟ އަވިކް އަންނާނެތަ؟" ކަރަމް ވާހަކަދެއްކި އަޑަށް ފަރޫޝާ ބަލާލިއެވެ. ކަޅުކުލައިގެ އަތްދިގު ގަމީހާއި ފަޓްލޫނުގައި ކަރަމް މިރޭ ވަކިން ފުރިހަމައެވެ. މަދުމަދުން ހުދު އިސްތަށި ފައުޅުވާން ހުރި ވަރުގަދަ ފަން އިސްތަށިގަނޑާއިއެކު އަލި މޫނުގައި އަބަދުވެސް ހުންނަ ވިދުން މިރޭ ވަކިން ގަދައެވެ. ނުވަ އަހަރަށްފަހު ދަރިފުޅު ދެކިލާ ހިތުން އޭނާ އެވަނީ ކެތްމަދުވެފައެވެ. އެކަމަކު އެއީ އަނެއްކާވެސް ހަމައެކަނި ކުރެވުނު އުންމީދަކަށް ވެގެން ނިމިދާނެތީ ބިރުހީވަނީއެވެ. އަވިކް އަންނާނެ ކަމަށް އެމީހުން އިންތިޒާރު ކުރި މީ ފުރަތަމަ ފަހަރެއް ނޫނެވެ. މީގެ ކުރިންވެސް ރާއްޖެ ގެންނަން އާއިލާ އިން ކުރި މަސައްކަތް އަވިކް ވަނީ ނާކާމިޔާބު ކޮށްލާފައެވެ. އެކޮޅުގައި އޭނާ އަމިއްލަ ދުނިޔެއެއް ޤާއިމު ކޮށްފައިވާ ކަހަލައެވެ. 

ކަރަމް ނިކުމެގެން ދިއުމުން އަދިވެސް އެއްފަހަރު ގަޑިއަށް ނަޒަރެއް ދީފައި ވަގުތުކޮޅެއް އޮތުމުން ފަރޫޝާ އިށީންދެލީ އެނދުގައެވެ. ފޮޓޯ ފްރޭމް އަނެއްކާވެސް ލޮލުގައި އަޅައިގަނެގެން ނަގާފައި އޭނާ އެއަށް ކަޅި ހުއްޓާލިއެވެ. އަވިކް އާއި ނަޒްލާ އެކަކު އަނެކަކުގެ ކޮނޑަށް އަތް ވައްޓާލައިގެން ހިނިތުންވެފައި ތިއްބެވެ. ނުވަ އަހަރު ކުރީގެ މާޒީ އޭނާގެ ހަނދާނަށް އަންނަން ދެން ނެގީ މަދު ސިކުންތު ކޮޅެކެވެ.

*****
ކަރަމް އާއި ސުދާގެ ލޯބީގެ ވާހަކައަކީ މުޅި ރަށުގައި މަޝްހޫރު ވާހަކައެކެވެ. އެއީ އެންމެން މިސާލު ޖަހާ ޖޯޑެކެވެ. ކަރަމްއަށް ސުދާ ފެނުނީ މާލެއިންނެވެ. ދުވަސްކޮޅެއް ފަހުން ސުދާގެ ހިތް ހޯދައި އެދެމީހުން ކައިވެނި ކުރިއެވެ. އެކަމަކު ރަށާއިމެދު ސުދާގެ ހިތުގައި އޮންނަ ލޯއްބަކުން މާލެ ބަދަލުވާން އޭނާ ބޭނުމެއް ނުވެއެވެ. ލޯބިވާ އަނބިމީހާއަށް ޓަކައި ކަރަމް ހުރީ ކޮންމެ ހިސާބަކަށްވެސް ދާން ތައްޔާރަށެވެ. ސުދާގެ އަމިއްލަ ރަށުގައި ބޮޑު ގެއެއް އަޅައި ޚިދުމަތް ކުރާނެ ނޯކަރުންނާއެކު ސުދާ އެގޭގައި ރަނި ކަނބަލެއްހެން ބެއިންދިއެވެ. އެއަށްފަހު ދޭތެރެއަކުން ސުދާ ގެންގޮސް މާލޭގައި ބެހެއްޓިއަސް ސުދާގެ ދިރިއުޅުން އޮންނަނީ ރަށުގައެވެ. އަބަދު ވިޔަފާރީގެ ކަންތަކުގައި އުޅެމުން އަނބިމީހާއަށް މާ ގިނަ ވަގުތެއް ނުދެވޭނެކަން ކަރަމްއަށް ކުރިންވެސް އެނގެއެވެ. ސުދާގެ އެދުމާއި އެހާ ފަސޭހައިން ޤަބޫލު ވެވުނީ އެހެންވެއެވެ. އެކަމަކު ލިބޭ ކޮންމެ ޗުއްޓީއެއްގައި އޭނާ ދަނީ އަނބިމީހާގެ ރަށަށެވެ. ފުރަތަމަ ދަރިފުޅު އަވިކް ލިބުނު ފަހުން ތަންކޮޅެއް ގިނަ ދުވަހު މަޑުވެސް ކުރެއެވެ. ސުދާގެ ގެއަށް ދުވަސް ކޮޅަކަށް ނަމަވެސް ގޮސް ހުރެލުމަކީ ފަރޫޝާގެ ހުވަފެނެކެވެ. އެގޮތުން އޭނާއަށް އެނގެއަށް ދެވުނީ އަވިކްއަށް ފަހު ސުދާ އީމާ ވިހައިގެން އުޅުނު ދުވަސްވަރު ސުދާއަށް އެހީވުމުގެ ގޮތުންނެވެ. 

އަރާމުގައި އުޅެން ފެށުމުން ފަރޫޝާގެ ހިތް އިތުރަށް އެދެން ފެށިއެވެ. އަމުދުން ކަރަމްގެ ސިހުރުވެރި ސޫރައަށް ހިތް ނުކިޔާ އަންހެން ކުއްޖަކު އެރަށުގައިވެސް ނެތެވެ. ކުށެއްކަން އެނގި ހުރެވެސް ފަރޫޝާގެ ހިތުގައި ކަރަމްގެ ލޯބި އުފެދި ބޮޑުވެގެން އައީ ހީވެސް ނުކުރާހާ އަވަސް މިނުގައެވެ. ދައްތަ ކުޑަމީހާގެ ކަންކަމުގައި އުޅޭތީ ކަރަމްގެ ހުރިހާ ކަމެއްހެން އޭނާއަށް ކުރަން ޖެހުމުން އިންތިހާއަށް އުފާވެފައި ހުރެގެން ކޮށްދެއެވެ. އެދުވަސްވަރު ކަރަމްގެ ބަލި ފަޔަކަށް ވާނީ ކޮންކަމެއްކަން އޭނާ ހުރީ ދަނެގެންނެވެ. ނުސީދާ ގޮތްގޮތަށް ކަރަމްގެ ހިތް އަނބުރާލަން އޭނާ ދިޔައީ މަސައްކަތް ކުރަމުންނެވެ. ކާމިޔާބު ކޮޅުމަތި ފެންނަން ފެށީ ހީކުރި ވަރަށް ވުރެ ފަސޭހައިންނެވެ. އަންހެނަކު އިސްވެ އަމިއްލަ ހަށިގަނޑު ތިމާގެ ކުރިމައްޗަށް އެގޮތަށް އެއްލައިލުމުން ކިތަންމެ އީމާންތެރި މީހަކަށްވެސް ގިނަ ފަހަރަށް އޮންނާނީ ކުށް ކުރެވިފައެވެ. ކަރަމްއަށްވެސް ވީ އެހެންނެވެ. ސުދާދެކެ ކަރަމް ލޯބި ނުވަނީއެއް ނޫނެވެ. އެކަމަކު ފިރިހެނަކަށް ވީތީ ފަރޫޝާގެ ދަލުގައި ޖެހި ހައްޔަރުވީއެވެ.

އާދައިގެ މަތިން ސުދާ ތުއްތު ދަރިފުޅާއެކު ނިދަން އޮށޯތުމުން ފަރޫޝާ ކަރަމް އަންނަން ވާއިރަށް ރޭގަނޑަށް ތައްޔާރު ކުރި ކާނާ ގެނެސް މޭޒުމަތީ އަތުރައިލިއެވެ. ކޮޓަރިއަށް ވަދެ ރީތި ހެދުމެއްލައި ނިކަން ފަރިވެލައިގެން އައިސް އިންތިޒާރުގައި އިނީ ބޮޑުކޮޓަރި ސޯފާގައެވެ. އަވިކް އާއި ނަޒްލާ ގުރޫޕް ސްޓަޑީސް ހަދަން ކޮޓަރިއަށް ދިއުމުން އޭނާއަށް ނުރައްކަލެއް ނެތެވެ. އޭނާއަށް އެނގެއެވެ. އެދެމީހުން އެގޮތަށް ކިތަންމެ އިރެއް ވާންދެންވެސް ކިޔަވަން ތިބެދާނެއެވެ. އިރުކޮޅަކުން މައިދޮރު ހުޅުވުނު އަޑަށް އަވަހަށް ގޮސް ކަރަމްގެ ދަބަސް އަތުލައިގެން ދޮރު ލައްޕާފައި ދެމީހުން އެކުގައި ގޮސް ކަރަމްގެ ކޮޓަރިއަށް ވަނެވެ. ނިދިފައި އޮތް ސުދާއަށް ކަޅިއެއް އެއްލާފައި ފަރޫޝާ އަލަމާރިން ޓީޝާޓަކާއި ސޯޓެއް ނަގައި ދިނުމުން ކަރަމް ވަނީ ފާޚާނާއަށެވެ. ކަރަމް އެނބުރި އައިއިރު ފަރޫޝާ އިނީ ކާމޭޒު ދޮށުގައެވެ. ދެމަފިރިން ފަދައިން ޖެހި ޖެހިގެން ދެގޮނޑީގައި ތިބެ ކައި ނިންމާލައިފައި ކަރަމް ތެދުވެގެން ދިއުމުން ފަރޫޝާ ތަށިތައް ނަގައި ނިންމާލިއެވެ.

ފަރޫޝާ ކޮޓަރިއަށް ދިޔައިރު ކަރަމް ނިކުމެ ހުރީ ބެލްކަނީގައެވެ. އެރެއަށް ހާއްސަކޮށް އޭނާ ބާޒާރުން ގެނަ ފިޔާތޮށި ނިދާ ހެދުން ލައިގެން ނިކުމެ ލޯގަނޑު ކުރިމައްޗަށް ހުއްޓި އިސްތަށިގަނޑު އޮމާން ކޮށްލިއެވެ. ފެހިއަލީގައި އެދޮން މޫނު އިހުނަށްވުރެ ރީތިވެފައި ލައިގެން ހުރި ހެދުމުގައި ލޫޅާފަތިކަން ފައުޅުވަނީއެވެ. ބަލަން ހުރެލައިފައި ފަރޫޝާ ގޮސް ކަރަމްގެ ފުރަގަހުގައި ހުއްޓި ބަނޑާއި ހިސާބުގައި ދެއަތުން ވަށާލިއެވެ. ކަރަމް ކުޑަކޮށް ސިހިފައި ދުރަށް ޖެހިލައިގެން އެނބުރި ބަލައިލުމުން އިތުރަށް އެތާ ހުންނަ ހިތެއް ނުވިއެވެ. ކޮޓަރިއަށް ވަދެ ދޮރު ދަމާލުމާއެކު ޖަޒުބާތުގެ ކަނޑަކަށް ދެޖިސްމު އެކީ ޣަރަޤު ވެގެން ދިޔައެވެ.

ޤުރޫޕް ސްޓަޑީ ނިންމާފައި ނަޒްލާ އެކޮޓަރިން ނިކުތްއިރު ބޭރުގައި އެކަކުވެސް ނެތެވެ. އަވިކްވެސް މާ ގަދައަށް ނިދި އައިސްގެން ރަޖާ ދަށަށް ވަނުމުން ނަޒްލާ ގަސްތު ކުރީ އެކަނި ގެއަށް ދާށެވެ. އެހެންނޫނަސް ނިކުންނައިރު ކުރިމައްޗަށް ދެގެ ދޫކޮށްފައި ތިންވަނައަށް ހުންނާނީ އޭނާގެ ގެއެވެ. ދޮރާއި ހަމައަށް ގޮއްސައި ނަޒްލާގެ ހިޔާލު ބަދަލުވިއެވެ. އޭނާއަށް އިނގެއެވެ. ސުދާ ދައްތަ އީމާ ވިހޭފަހުން މާއަވަހަކަށް ނިދައެވެ. ކަރަމް އައިސް ވަންއަޑު އޭނާއަށް އިވިފައި ހުރުމުން ހީކުރީ ކަރަމްވެސް ނިދަން ވަނީ ކަމަށެވެ. އެހާލަތުގައި ގޭގެ ދޮރުތައް ލެއްޕުމުގެ ޒިންމާ ހަވާލު ވެފައި އޮންނާނީ ފަރޫޝާ ދައްތައަށެވެ. ނަޒްލާ ފަރޫޝާ ކައިރީ ދޮރު ތަޅުލަން ބުނަން ވެގެން ސިޑީގެ ހަރުފަތްތައް ގިރާކޮށްފައި މައްޗަށް އެރިއެވެ. ދޮރާއި ހަމައަށް ގޮއްސައި އޭނާގެ މެއަށް ފިނިވެލީ އެތެރެއިން ދެމީހެއްގެ ހުނުމުގެ އަޑު އިވިފައެވެ. އެއް އަޑަކީ ފަރޫޝާގެ އަޑެވެ. ދެން އެއިވުނު ފިރިހެން އަޑު ކަރަމްގެ އަޑާއި ވައްތަރުވިއެވެ. ކުށްހީއެއްގައި ބަނދެވިގެން ގޯސް ނިންމުމެއް ނިންމާކަށް ނަޒްލާ ބޭނުމެއް ނުވިއެވެ. އޭނާ ތަޅުގައި ހިފައި މަޑުމަޑުން އަނބުރާލަމުން ދޮރު ހުޅުވާލިއެވެ. އެތެރެއިން ދުށް މަންޒަރާއެކު އަވަހަށް މޫނުގައި ދެއަތް އަޅައި ފޮރުވާލެވުނީއެވެ.

ކޮމެންޓް 0