"އަވިކް މެރީ ކުރަނީތަ؟" ނަޒްލާއަށް އަހައިލެވުނެވެ. "އޭނަ ލޯބިވާ ކުއްޖާ ބޭނުމެއް ނުވޭ އޭނަ އާއި އިންނާކަށް. އެހެންވެ އެހެން ގޮތެއް ނެތީމަ ބައްޕަމެން ކުރުވަން އުޅޭ ކައިވެންޏަށް ދެކޮޅު ނުހަދަން ވެގެން އިންނަނީ." ލައިލާ ކިޔައިދިނެވެ. ނަޒްލާއަށް އެނބުރެވުނީ އަނެއްފަރާތަށެވެ. އެވަގުތު ހިތަށް ބާރުވެގެން ފިތިގެން އައި ގޮތުން އެޓޭކެއް ޖެހުނު ކަހަލައެވެ. ލޮލުގައި އެސްފިޔަތައްވެސް އެއީ ނެތް އެއްޗަކަށް ވިއެވެ. ހިފެހެއްޓުމެއްނެތި އޮހިގަތް ކަރުނަތައް ކޯތާފަތުން ތިރިއަށް ރޮނގު ދެމިގެންފިއެވެ. ނަސީބަކުން ލައިލާއަށް މިއިން އެއްވެސް މަންޒަރެއް ނުފެނެއެވެ. އެހެން ނޫންނަމަ ރަނގަޅަށް ނަޒްލާ ބޭޒާރު ވާނެ ވަގުތު ކޮޅެކެވެ.
*****

ޖެހިގެން އައި ދުވަހު ހަތެއް ޖެހިއިރު އަދި އިރު ދައްކައެއް ނުލައެވެ. ހަފަރާތުން އުދަރެސް ފެންނަނީ އަޅި ކުލައިގައެވެ. ޖެހިލާ ރޯޅި އައިސް ގައިގައި ބީހިލުމުން ހީކަރުވައި ގަންނަ ގޮތެއް ހުރެއެވެ. އެކަމަކު ނަޒްލާއަށް މި ފިނީގެ އެއްވެސް އަސަރެއް ކުރާ ހެނެއް ހިއެއް ނުވެއެވެ. ލައިލާ ބޮލާއެކު ރަޖާ އަޅައިގެން ގަދަ ނިދީގައި އޮތް އިރު ނަޒްލާ ކުޑަ ދޮރު ހުޅުވާލައިގެން ހުރީ މަގުމައްޗަށް ނަޒަރު ހުއްޓާލައިގެންނެވެ. ދާރަ މަތީގައި އޭނާ ބޯން ގެނަ ކޮފީ މަގު ބަހައްޓާފައި ހުއްޓެވެ. ނަޒްލާގެ ސިކުނޑީގައި ހަރުލާފައި ހުރީ ރޭ ލައިލާ އައިސް ދެއްކި ވާހަކަ ތަކެވެ. ރޭއްސުރެ އޭނާގެ ހިތަށް ކަށި ހަރަމުން ދިޔައީ އެއް ހިޔާލު ތަކެކެވެ. ސުވާލަކީ އަވިކް އެހެން މީހެއްގެ ހައްޤަކަށް ވާތަން ބަލަން އޭނާއަށް ކެތްވާނެ ހެއްޔެވެ؟ ނޫނެކެވެ. ނަޒްލާގެ ޟަމީރު އެތަކެއް ފަހަރު އެސުވާލަށް ޖަވާބު ދީފިއެވެ. އެކަމަކު އޭނާ ހަމަ އަނެއްކާވެސް އެސުވާލު ތަކުރާރު ކޮށްލަނީ ތަފާތު ޖަވާބެއް ހޯދަން އުޅޭ ފަދަ ގޮތަކަށެވެ.

ދުރުގައި އޮތް ފޯނު ރިންގް ވާން ފެށީ ނަޒްލާ އެހެން ހުއްޓައެވެ. އޭނާ އެނބުރި ބަލައިލާފައި ގޮސް ފޯނު އަތަށް ނެގިއިރު ސުދާ ގުޅަނީއެވެ. ނަގަންވީ ކަމެއް ނޫނީ ނުނަގަންވީ ކަމެއް ނުނިންމިފައި އޭނާ ހުއްޓާ ފޯނު ކެނޑިފައި އަނެއްކާވެސް ރިންގް ވާން ފަށައިފިއެވެ. މިފަހަރު ނަޒްލާ ވަގުތުން ފޯން ނެގިއެވެ. ސުދާ ބައްދަލު ކޮށްލަން ބޭނުން ވާހަކަ ބުނުމުން ދެކޮޅު ހަދާކަށް ނަޒްލާއަކަށް ނުކެރުނެވެ. ސުދާ އެދުނު ގަޑިއަށް އެގެއަށް ދާން އޭނާ އެއްބަސްވިއެވެ. 

އަށެއް ޖެހިތަނާ ވެހެން ފެށި ވާރޭ ތުނިކޮށްލީވެސް މެންދުރު ފަސް ވީ ފަހުންނެވެ. ހަވީރު ގަޑިއަށް ވާރޭ ހުއްޓާތޯ ނަޒްލާ ހުރީ ހިތާއި ހިތުން ދުއާ ކޮށްލަ ކޮށްލައެވެ. ވާރޭ ހުއްޓާލީ އޭނާ އެންމެ ބޭނުންވި ގަޑިއަށެވެ. ލައިލާ ބޭރު ބަލަން ހުރެފައި ޓެކްސީ އައި ވާހަކަ އިއްވާލުމުން އަވަހަށް ފޯނު ހިފައިގެން ދުވެފައި ގޮސް ކޮޓަރިން ނިކުމެއްޖެއެވެ. ނަޒްލާ ކާރަށް އަރައިގެން ގޮސް ގެއްލޭންދެން ލައިލާ ހުރީ ބަލާށެވެ. އޭނާ ދޮރު ލައްޕާލީ އެއަށްފަހުއެވެ. 

އަވިކްމެން އުޅޭ އިމާރާތް ކައިރިއަށް ޓެކްސީ މަޑުކޮށްލިއިރު ނަޒްލާގެ ހިތް އޮތީ ތެޅި ތެޅިއެވެ. އޭނާ އިރުކޮޅަކުން ލިފްޓުން ނިކުމެގެން ގޮސް ދޮރުމަތީ ހުއްޓި ބެލް ޖަހާލުމުން އަދި ކުރިއަށްވުރެ ހިތް އަވަސްވިކަން ފާހަގަ ކުރެވުނެވެ. ގަޑިއަކީ އަވިކްވެސް ގޭގައި އުޅޭ ގަޑިއޭ ހިތަށް އެރިއެވެ. އެކަމަކު އޮފީހުން އައިސް ނިދިގަނޑެއް އަޅާލުމަކީ އަވިކްގެ އާދައެކެވެ. ކުރިމަތި ލާން އަދި ޖެހިލުންވިއަސް އެސޫރަ ދެކޭ ހިތުން ކެތްމަދު ވެފައިވާވަރު އެނގޭނީ ހަމަ ނަޒްލާ އަށެވެ. ސުދާ އޭނާ އާއި ބައްދަލު ކުރަން އެދުމުން އޭގެ ފަހަތުގައިވާ ސަބަބެއް ނޭނގިގެން ނުތަނަވަސްވި ވަރަށް ،އުފާވީ އަވިކް ފެންނާނެ ތީއެވެ. 

"ހީނާ! ކިހިނެތް؟" ހީނާ ދޮރު ހުޅުވާލުމާއެކު އެތެރެއަށް ވަންނަމުން ނަޒްލާ ވާހަކަ ދެއްކިއެވެ. ސިޓިންރޫމްގައި ބަޔަކު ތިބިހެން ހީވެގެން އެދިމާއަށް އޭނާ މޫނު އަނބުރައިލީ ދެނެވެ. ކުރިއްސުރެ އައިސް ސޯފާތަކުގައި ތިބި އަޒްމީލްމެން ދެބަފައިންނާއި ކަރަމްމެން ދެމަފިރީންވެސް ނަޒްލާގެ އަޑަށް އެދިމާއަށް ބަލާލީ އެވަގުތުއެވެ. ވަގުތުން ކަރަމް އާއި ފަރޫޝާގެ މޫނު ހުދުވެގެން ދިޔައެވެ. އަނެއްކޮޅުން ނަޒްލާގެ ދެފައި ތަތްލީ ހުރި ހިސާބުގައެވެ. އިތުރަށް އެންމެ ފިޔަވަޅެއްވެސް ކުރިއަށް އަޅާކަށް އޭނާގެ ޟަމީރު އެއްބަހެއް ނުވިއެވެ. ދެލޯ ބޮޑުކޮށްގެން ބަލަން ހުރުން ފިޔަވާ އިތުރު ކަމެއް އެވަގުތު އޭނާއަކަށް ނުކުރެވުނެވެ. 

"އާދޭ ނަޒްލާ! ކީއްވެ ތި ހުއްޓުނީ؟" އިރުކޮޅެއް ނުވެ ސުދާ ވާހަކަދެއްކި އަޑު އައީ އަވިކްގެ ކޮޓަރިއާއި ދިމާއިންނެވެ. އެންމެންގެ ނަޒަރު ސުދާއަށް ބަދަލު ކޮށްލިއިރު ސުދާ އިން ގޮނޑީގެ ދެ މުއްގަނޑުގައި ހިފައިގެން ނިކުތް އަވިކްގެ ނަޒަރު ހުއްޓުނީ ނަޒްލާއަށެވެ. ކުރިމަތީ ބައްޕަ އާއި އަޒްމީލްމެން ތިއްބާ އެގޮތަށް ނަޒްލާ އެގޭތެރެއިން ފެނުމުން އަވިކްއަށްވެސް ލިބުނީ ކުޑަވަރެއްގެ ޝޮކެކެވެ. މަންމަ އެންމެންނާއި ބައްދަލު ކުރަން އެދިގެން ގެނައިރު އެތަނަށް ނަޒްލާ އަންނަ ކަމެއް އޭނާއަށް ކުޑަކޮށްވެސް އެނގިފައެއް ނެތެވެ.

"ނަޒޫ! އާދޭ. އައިސް މިތާ އިށީންދޭ!" ސުދާ ދެވަނަ ފަހަރަށް ވާހަކަ ދެއްކުމުން ނަޒްލާ ޖެހިލުންވެ ހުރެވެސް އެމީހުން ކައިރިއަށް އައެވެ. އަވިކް ސުދާގެ ގޮނޑި އެތާ ހުރި ހުސް ސޯފާގެ ކައިރީގައި ބަހައްޓާފައި އެސޯފާގައި އޭނާ އިށީންދެލުމުން ނަޒްލާއަށް ޖެހުނީ މާނީ ކައިރީ އިށީންނާށެވެ. އަނެއްކޮޅުން ނަޒްލާ ވަނީއްސުރެ ފަރޫޝާގެ ވިހަ ނަޒަރު އެމޫނަކުން ނުނެއްޓެއެވެ. މާނީ ބަލައިލިއިރު ސޯފާ މަތީ ބާއްވާލި ނަޒްލާގެ އަތުގައި މަޑު ތުރުތުރެއް އުފެދިފައިވާ ތަން ފެނިގެން ހަމްދަރްދީ ވެވުނެވެ. އެނުދަންނަ އަންހެންކުއްޖާ އެއީ އަވިކް އާއި ކޮންމެވެސް ގޮތަކުން ގުޅިފައިވާ ކުއްޖެއް ކަމުގައި އޭނާގެ ހިތް ބުނެލިއެވެ. އެހެންނޫންނަމަ ކައިވެންޏާއި ގުޅޭ މަޝްވަރާ ތަކެއް ކުރާ ބައްދަލު ވުމެއްގައި އިނުމުގެ ފުރުސަތެއް ނުލިބޭނެއެވެ.

"އަހަރެން ވަރަށް ހިތްހަމަޖެހިއްޖެ އެހާ ކުއްލި ގޮތަކަށް ގުޅާފަ ބައްދަލުވާން އެދުނު އެދުން އެންމެން ގަބޫލު ކޮށްފަ މިތަނަށް އައިސް ދިނީތީ. އަހަރެން ވާހަކަ ދައްކަން ބޭނުން ވަނީ އަވިކްގެ ކައިވެންޏާއި ގުޅޭ ވާހަކައެއް." ސުދާގެ ވާހަކަ އިވިފައި ނަޒްލާއަށް އިސް އުފުލާލެވުނެވެ. އަވިކް މާ ކުރިއްސުރެ އެމޫނަށް ބަލަން އިނުމުން ދެމީހުންގެ ހަތަރުކަޅި ބައްދަލުވާ ގޮތްވިއެވެ. ބަހެއް ނެތި ހުރިހާ ޝަކުވާއެއް ނަޒްލާ އެވަގުތު ފޮނުވާލީ ލޮލުގެ ޒަރީއާއިންނެވެ. އެހާ ބޮޑަށް ލޯބިވެއޭ ބުނެފައި އެހާ ފަސޭހައިން އަވިކް ހަމަ ދެރަ ޤަބޫލު ކުރީ ހެއްޔޭ ހިތާއި ހިތުން އަހައިލެވުނެވެ. އަދި އެވެސް އެހާމެ އަވަހަށެވެ. އޭނާއަށް އެތަނަށް އާދެވުނު ކަމަށްޓަކާވެސް ދެރަވެއްޖެއެވެ. ސުދާ ދައްތަ އެވަރަކުން އޭނާ ގެނައީ އަވިކްގެ ކައިވެނީގެ މަޝްވަރާ ހަފްލާގައި ބައިވެރި ކުރަންކަން ކުރިން އެނގުނު ނަމަ ކޮންމެވެސް ބަހަނާއެއް ދެއްކުނީހެވެ. އެކަމަކު މިހާރު މިއިނީ ރަނގަޅަށްވެސް ބަނދެވިފައެވެ. ބޭނުން ނުވިއަސް ކަންފަތުން އަހަން ޖެހިފައެވެ. އަދި އަވިކް އިންނަން... އުޅޭ ކުއްޖާ.... ނަޒްލާއަށް ބޭއިޚުތިޔާރުގައި ކައިރީގައި އިން މާނީގެ މޫނަށް ބަލައިލެވުނެވެ. ލޮލަށް ކަރުނަ ގިނަވާން ދެން ނެގީ ސިކުންތެކެވެ. އޭނާ ދެން ބަލައިލިއިރު އަވިކްވެސް އިނީ އިސްޖަހާލައިގެންނެވެ.

"ކައިވެނީގެ ހުރިހާ މަޝްވަރާއެއް އޮތީ ކޮށް ނިމިފަ. މިހާރު ދެން ޒިންމާތައް ވެޑިން ޕްލޭނަރއެއްގެ ބެލުމުގެ ދަށުން ކުރިއަށް އެގެންދަނީ. ދެން އިތުރަށް އެމައުޟޫއަށް ދައްކާނެ ކޮން ވާހަކައެއް އޮތީ؟" ކަރަމް ސުދާގެ ވާހަކަ އާއި ގުޅުވައިގެން ފެށިއެވެ. އޭނާގެ ވާހަކަ ހުރި ގޮތުން އަޒްމީލް އާއި ފަރޫޝާވެސް އެސުވާލުގެ ޖަވާބު ހޯދަން ސުދާގެ މޫނަށް ބަލަން ފަށައިފިއެވެ. 

"އަހަރެން ބޭނުމެއް ނޫން މިކައިވެނި ކުރާކަށް." ސުދާގެ އެންމެ ޖުމްލައަކުން މުޅި މާހައުލަށް ތޫފާނެއް ގެނެއްސިއެވެ. ޖުމްލަ ނިމުނުއިރު ކަރަމް އާއި އަޒްމީލް ތެދުވެ ހުރީ ކޮޅަށެވެ. ދެން ތިބި މީހުން ހައިރާންވެފައި ސުދާގެ މޫނަށް ބަލަނީއެވެ. "ސުދާ ކީކޭ ތިކިޔަނީ؟ އެބަ އެނގޭތަ ތިކިޔޭ އެއްޗެއް؟" ކަރަމްއަށް ބާރަށް ބުނެވުނެވެ. އަޒްމީލް ރުޅި ގަދަވެފައި ހުރީ ދެއުކުޅުގައި އަތް ވިދެލައިގެންނެވެ. އޭނާ ހުރީ ކަރަމް އާއި ސުދާއަށް ފުރުސަތު ދީގެންނެވެ. 

"އަހަރެން ބޭނުމެއް ނުވޭ އަވިކް ބޭނުން ނުވާ މީހަކާއި އޭނާގެ ކައިވެނި ކުރެވޭތަން ބަލަން ހުންނާކަށް." ސުދާ އިތުރަށް ކުރިއަށް ގެންދަން އުޅުނެވެ. "ބަލަ އަވިކް އާއެކޭ ބުނީމައޭ އަހަރެމެން މިކައިވެނީގެ ކަންތައް މިހިސާބަށް ގެންދިޔައީ. އަޖައިބެއް ނުވާނެތަ؟" ކަރަމްއަށް ނުހުރެވިގެން އައިސް ހުރީ ސުދާގެ ކުރިމަތީގައެވެ. "އޭރު އެމީހުން ބުނި އެއްޗެއް ބުނީ. އެކަމަކު އަހަރެންނަށް އިނގޭ ދެކުދިން ކުރެ އެކަކުވެސް މިހާރު މިކައިވެނި ކުރަން ބޭނުން ނުވާކަން. އަހާބަލަ މާނީ ކައިރީ. މީގަ ބަލަންވީ ތައްޔާރީތައް ވެފަ ހުރި މިންވަރެއް ނޫން. މީހުންނަށް އެންގި ކާޑު ބެހިފަ ހުރި އަދަދެއްވެސް ނޫން. މީގަ އަހަރެމެން ބަލަން ޖެހޭ އެއްޗަކީ ދަރިންގެ އުފަލެއް ނޫންތަ؟ ކުރިން ކޮންމެ ވާހަކައެއް ދައްކާފައި އޮތަސް މިހާރު އެމީހުން އެކު އުޅެން ބޭނުން ނުވާ ވާހަކަ ބުނީމަ އަހަރެމެން ޖެހޭނީ ކައިވެނި ހުއްޓުވަން. ގަދަ މަޖުބޫރުން އެކަން ކޮށްގެން ވާން އޮތީ ގެއްލުން." ސުދާ އެންމެ ތަންކޮޅެއްވެސް ދޫ ނުކޮށް ވާހަކަ ދެއްކިއެވެ. "ކާކުހޭ ބުނީ ކައިވެނި ކުރަން ބޭނުމެއް ނުވެއޭ؟ އަވިކްތަ؟ މާނީތަ؟ ކީއްވެ އަހަރެން ކައިރީ އެކަކުވެސް ތިހެން ނުބުނީ؟" ކަރަމް ނިއްކުރީގައި އެއްއަތުން ހިފަހައްޓާލައިފައި އެނބުރުނީ އަވިކް އާއި ދިމާއަށެވެ. ބައްޕަގެ ކުލަވަރު ފެނުމުން އަވިކްވެސް އިނީ ހިސާބަކަށް ޖެހިލުންވެފައެވެ. އެކަމަކު މިއަދު މަޑުން އިނދެފިއްޔާ އެކަމާއިމެދު އަބަދަށް ހިތާމަ ކުރަން ޖެހޭނެކަން އޭނާ ހަނދާން ނައްތައެއް ނުލައެވެ. 

"އަހަރެން ބޭނުމެއް ނޫން މިކައިވެނި ކުރާކަށް. ސުދާ ދައްތަ އެދެއްކީ މުޅިން ތެދު ވާހަކަ." އަވިކް ތެދުވެފައި ބައްޕައަށް ޖަވާބު ދޭން ތައްޔާރު ވެލުމާއެކު އެއަށްވުރެ ކުރިން މާނީ ބުނެލި އަޑު އިވުނެވެ. ކަރަމް ދެލޯ ބޮޑު ކޮށްފައި ވަގުތުން އެދިމާއަށް އެނބުރި މާނީއަށް ބަލައިލިއެވެ. "ކީކޭ؟" ކައިރީގައި ހުރި އަޒްމީލް ބާރު ބާރަށް މާނީ އަތުގައި ހިފާފައި ސުވާލު ކުރިއެވެ. "އަހަންނާއި އަވިކްވެސް ބޭނުމެއް ނުވޭ ކައިވެނި ކުރާކަށް." މާނީ ޖަވާބު ދިންއިރު އަވިކްއަށް ނަޒަރެއް ދިނެވެ. މާނީ ކުރި ކަމަކާއި އަވިކް ފުރަތަމަ ފަހަރަށް ހިތްހަމަ ޖެހުނު ވަގުތަކީ އެއީއެވެ. މާނީގެ އެހިތްވަރާއިމެދު އޭނާ ހިތާއި ހިތުން ތައުރީފް ކުރިއެވެ. "އެއީ ތެދެއް ބައްޕާ." އަވިކްވެސް އެފުރުސަތުގައި މާނީ އާއި އެއްބައި ވެލައިފިއެވެ. 

"ކައިވެނި ކުރަން ބޭނުން ނުވާ ކޮންމެވެސް ސަބަބެއް އޮންނާނެއެއްނު." ކަރަމްގެ ނަޒަރު ދަތުރު ކޮށްލީ ޖެހިލުންވެފައި އެކި މީހުންގެ މޫނަށް ބަލަން އިން ނަޒްލާ އަށެވެ. "އަހަރެންނަށް އިނގޭ ވެގެން މިއުޅޭ ގޮތް. މީ ހުރިހާވެސް މައްސަލައަކީ." ފަރޫޝާ ދަނޑިވަޅުގެ ބޭނުން ހިފާފައި ފުންމައިގެން ތެދުވި ގޮތަށް ގޮސް ނަޒްލާ އަތުގައި ހިފާ ކުއްލިއެއް ޖެހީނުން ސޯފާއިން ނަގައިފިއެވެ. "މީނަގެ އުމުރުން ވީ ދުވަހެއް ވީ އަވިކް މަގު ފުރައްދަން ކެނޑިނޭޅި ކުރި މަސައްކަތުގައި. މިއަދުވެސް މިކައިވެންޏަށް އެޅިގެން އުޅޭ ހުރިހާވެސް ހުރަހަކީ މީ." ފަރޫޝާ ނަޒްލާ ކޮށްޕާލުމުން ހިފެއްޓުމެއްނެތި އޭނާ ވެއްޓެން ދިޔައެވެ. އެކަމަކު އެއަށްވުރެ ކުރިން އަވިކް ހުޝިޔާރު ވެލާފައި ނަޒްލާ އަތުގައި ހިފާ ވެއްޓުނަ ނުދީ ސަލާމަތް ކޮށްފިއެވެ. "ކޮންމެ ފަހަރަކު ކީއްވެތަ ކަލޭ ހުރިހާ އިލްޒާމެއް ނަޒްލާ ބޮލުގަ ތިއަޅުވަނީ؟ އެއްފަހަރުވެސް ކީއްވެ ބުނަން ނުކެރިގެން ތިއުޅެނީ އަހަރެންނޭ؟ އަހަރެން އަމިއްލައަށް އެއްބަސްވީމަވެސް ކޯއްޗެކޭ ތިކިޔަނީ. ކުރިންވެސް އަދި މިފަހަރުވެސް އަހަރެން މިއުޅެނީ ނަޒޫ ނޫން ކުއްޖަކާއި ކައިވެނި ނުކުރަން ވެގެން." ފަރޫޝާ އާއި ދިމާއަށް އަވިކް ހަޅޭތްލަވައިގެން އިރު ލިބިފައި ހުރީ މުޅިން އެހެން ކަހަލަ ޖޯޝެކެވެ. ކަރަމްވެސް ހައިރާންވިއެވެ. ދަރިފުޅުގެ އެސިފަ އޭނާ ދުށީ އަލަށެވެ. އަނެއްކޮޅުން އަޒްމީލް އާއި މާނީވެސް މި އާ ހަޤީޤަތް އަހައިގެން ހައިރާންވެފައި ބަލަން ތިއްބެވެ.

"ބައްޕާ! ދެން ހިނގާ ދާން. މިހިސާބުން މިކަން މި ނިމުނީއެއްނު." މާނީ އަޒްމީލްގެ އަތުގައި ހިފާލައިފައި ބުނެލިއެވެ. އެއާއިލާގެ މައްސަލަ އެމީހުން ހައްލު ކުރަން ފުރުސަތު ދީފައި މާނީ ބޭނުންވީ އެތަނުން ނިކުންނާށެވެ. އޭނާގެ ވާޖިބު މިހާ ހިސާބުން އަދާ ކުރެވުނިއެވެ. ސުދާގެ ރަނގަޅު ކަމުން ބޭނުން ނެތް ކައިވެންޏެއްގައި ނުބަނދެވި ސަލާމަތް ވި ކަމަށް ޓަކައި އޭނާ ހިތާއި ހިތުން ޝުކުރު އަދާ ކުރިއެވެ. 

"އަދި ދާކަށް ނުވޭ އަޒްމީލް. އިހަށް މަޑުކުރޭ. މިކައިވެނި ކުރެވޭނެ. އަހަރެންނަށް އިނގޭ މިމައްސަލަ ގަނޑު ކޮންމެވެސް ގޮތަކަށް ހައްލު ކުރެވޭނެ. މާނީ ދަރިފުޅާ ބައްޕައަށް އެންމެ ފުރުސަތެއް ދީ. ބައްޕަ ދަރިފުޅުގެ ހުރިހާ ޝަކުވާއެއް ފިލުވަ ދީފަ ހުރިހާ ކަމެއް ހަމައަކަށް އަޅުވާނަން. އަވިކްވެސް ދަރިފުޅާއި އިންނަން ތައްޔާރު ވާނެ." ކަރަމްއަށް މާނީގެ ވާހަކަ އިވިގެން އަވަހަށް ގޮސް އެދެ ބަފައިން ކައިރިއަށް ހުއްޓި އާދޭސް ކުރާ ވައްތަރަށް ވާހަކަ ދައްކަން ފެށިއެވެ. މީގެ ކުރިން ކަރަމްގެ ފަރާތުން ފެނިފައި ނުވާ އެސިފަ އެއީ އޭނާގެ ދުވަސްވީ އެކުވެރިޔާ ގެއްލިދާނެ ކަމަށްޓަކައި އެހިތުގައި އުފެދުނު ބިރުވެރިކަން ހާމަ ކޮށްދިން ސިފައެކެވެ. ހިތްހަމަ ނުޖެހިފައި ހުރި ވަރުން އަޒްމީލް އިތުރަށް އެތާ މަޑުކުރާ ހިޔާލެއް ނުކުރިއެވެ. ކަރަމްގެ ވާހަކަތަކަށް ބީރު ކަންފަތެއް ދީފައި އޭނާ މާނީ ގޮވައިގެން ގޮސް އެތަނުން ނިކުމެއްޖެއެވެ. 

ބޭރަށް ނިކުމެފައި މާނީ ބައްޕަ އާއި ވާހަކަ ދައްކަން އުޅުމުން އަޒްމީލް އަތް އުފުލާލައިފައި އެކަން މަނާ ކުރިއެވެ. ކަންބޮޑުވެފައި ހުރެގެން އޭނާ ގޮސް ލިފްޓް ކުރިމައްޗަށް ހުއްޓުނުތަނާ ހުޅުވިގެން ދިޔަ ލިފްޓުން ޒުވާން އަންހެން ކުއްޖަކާއި ފިރިހެނަކު ނިކުމެއްޖެއެވެ. އަންހެންކުއްޖާ އެއީ އެމީހުންގެ "ވެޑިން ޕްލޭނަރ" އެވެ.

"ފިޒް!" މާނީއަށް ކުރިމަތީ ހުރި ޒުވާނާ ފާހަގަ ވެގެން ބުނެލެވުނެވެ. "މާނީ؟ ވާއު... އައި މީން.. ކޮންފަދަ ސަޕްރައިޒެއް." ޒުވާނާއަށް މާނީ ފެނިގެން ލިބުނު އުފާވެރިކަން ސިއްރު ކުރަން ވެގެން ނޫންކަމަށް ހެދުނެވެ. އަޒްމީލް އެއްޗެއް ނުބުނެ އެތެރެއަށް ވަދެ ހަމަޖެހިލުމުން މާނީ އަދިވެސް އެނބުރިގެން އެދެމީހުންނާއި ވާހަކަ ދެއްކޭތޯ މަސައްކަތް ކުރިއެވެ. "ތިދަނީތަ؟ ކޮންތާކަށް ތިދަނީ؟ އަހަރެން އަދި މިއައީ ފަރޫޝާ މިކޮޅަށް އަންނަން ބުނީމަ. ތަންކޮޅެއް ލަސްވެގެން ކޮއްކޮގެ ކާރުގަ މިއައީވެސް. ނިމުނީތަ ޑިސްކަޝަން؟" އަންހެންކުއްޖާ ހިސާބަކަށް ކަންބޮޑުވެފައި މާނީ ކުރެން އެހިއެވެ. "ހޫމ ނިމިގެން މިދަނީ." މާނީ ޖަވާބު ދިނުމާއެކު އަންހެން ކުއްޖާ "އޯހ ނޯ" އޭ ކިޔާފައި އަވަހަށް ގޮސް އަވިކްމެން އެޕާޓްމެންޓް ބެލް ޖަހާލައިފިއެވެ. މާނީ އެތާހުރި ޒުވާނާއަށް ބަލަން ހުރެގެން ލިފްޓަށް ވަންނަން ދިމާކޮށްލިތަނާ އޭނާ ޖެހުނީ ދޮރުފަތުގައެވެ. ނުވަދެ ގިނައިރުވެގެން އަޒްމީލް ލިފްޓްގެ ދޮރު ލައްޕާލީއެވެ. ވަގުތުން ހާފިޒްގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ. 

"ވަރަށް މަޖާ ދޯ. ހުރޭ ހީލަ ހީލާ!" މާނީ ރުޅި އައިސްގެން ހާފިޒްއަށް ބުނެލިއެވެ. ހާފިޒް ނޫންކަމަށް ހެދިފައި އަތުގެ އިނގިލިތައް އިސްތަށިގަނޑުގައި ހިންގާލަމުން އޭނާގެ ދައްތަ ފަހަތުން ގޮސް ދޮރު ކައިރީ މަޑުކޮށްލިއެވެ.

ކޮމެންޓް 0