އަވިކް އެނބުރިލި އިރު ނަޒްލާ ހުރީ އެތަނުގައިވެސް އެހީއަށް އެދި އަތްދިއްކޮށްލައިގެންނެވެ. ލޯންޗް ކޮޅުގައި ހުރެގެން ހިޔާގަނޑުތެރެއަށް ފައިބަން ދާން ބިރުގަނެފައެވެ. އަވިކްގެ ތުންފަތަށް ވެރިވި ލުއި ހިނިތުންވުމާއެކު ނަޒްލާ އަތުގައި ހިފާލައި މުށުތެރޭ ބާރުކޮށްލިއެވެ. ވަގުތުގެ ގޮތުން ނަޒްލާއަށް އެއީ މާބޮޑު ކަމަކަށް ނުވިއެވެ. އޭނާ އުޅުނީ ވީ އެންމެ އަވަހަކަށް ހިޔާގަނޑު ތެރެއަށް ފައިބައި އެތަނުން ސީޓެއްގައި ހަމަޖެހިލެވޭތޯއެވެ. ނަޒްލާ ގެންގޮސް ބައިންދާފައި އަވިކްވެސް ޖެހިގެން ހުރި ސީޓުގައި އިށީންދެއްޖެއެވެ. އެވަގުތު އަވިކްގެ ފޯނު ވައިބްރޭޓް ވާން ފެށުމުން ނަގާ ކަންފަތުގައި ޖަހާލިއެވެ.
"ކީކޭ މިކިޔާލް؟" އަވިކް ވާހަކަދެއްކި އަޑަށް ނަޒްލާ އެމޫނަށް ބަލާލިއެވެ. "މި ނައްޓާލަނީ." މިކިޔާލްއަށް ޖަވާބު ދެމުން އަވިކްވެސް ނަޒްލާ އާއި ވީ ފަރާތަށް މޫނު އަނބުރާލިއެވެ. ނަޒްލާ އަވަހަށް ނޫން ކަމަށް ހެދިފައި ބޭރު ބަލަން ފެށުމުން އަވިކްގެ ތުންފަތަށް ވެރިވީ އިތުރު ހިނިތުންވުމެކެވެ. ލޯންޗް ދުއްވަން ފެށި ހިސާބުން ދެމީހުންވެސް ތިބީ އަމިއްލަ ހިޔާލަކަށް ގެއްލިފައެވެ.
ލޯންޗް ފާލަމާއި ކައިރި ކޮށްލިއިރު ރިސޯޓުގައި އެންމެ އިސްކޮށް މަސައްކަތް ކުރާ އެކަކު އެމީހުންގެ އިސްތިޤްބާލުގައި އައިސް ހުއްޓެވެ. ސަމީރު އަކީ އަވިކްގެ އެކުވެރިއެއްވެސް މެއެވެ. "އެހެންމީހުން ކޮންތާކު ތިބޭނީ؟ އެމީހުން މިހާރު ނުތިބޭނެ ދޯ ފާލަން ކައިރިއަކު؟" ރަށަށް އަރާ ވަގުތުޖެހުމުން ނަޒްލާގެ ހާސްކަން ގުޅިގެން ދިޔައީ ދަތުރުގެ އިތުރު ބައިވެރިންނާއެވެ. އެމީހުންނަށް އަދި ފަހުން އެކަން އެނގުނު ކަމުގައިވިއަސް ފުރަތަމަ ފާލަން މައްޗަށް އަރާ ހިސާބުން ދެމީހުން އެކުގައި ފެންނާކަށް ބޭނުމެއް ނޫނެވެ. ޖަވާބު ދިނުމުގެ ބަދަލުގައި އަވިކް އޭނާ އަތުގައި ހިފާ ފާލަމަށް އެރުވީއެވެ. ނަޒްލާ ހާސްކަމާއެކު ވަށައިގެން ހޯދައިލިއެވެ.
"އަވިކް!" ސަމީރު ހިނިއައިސް ހުރެ ކައިރިވެލާފައި އަވިކް އާ ސަލާމް ކޮށްލިއެވެ. "މީ ނަޒޫ." އަވިކް ނަޒްލާ ތައާރަފް ކޮށްދިނުމުން އޭނާވެސް ސަމީރުއަށް ހިނިތުންވުމެއް ދައްކައިލިއެވެ. އެދެމީހުން އަމިއްލަ ވާހަކައިގައި ހިނގައިގަނެގެން ދާން ފެށުމުން ނަޒްލާ ފަހަތުން ދިޔައިރުވެސް ދުރު ދުރަށް ދާންދެން ބެލީ އިތުރު މީހަކު ފެނޭތޯއެވެ.
"ފުރަތަމަ ސައިބޯން ދޯ އުޅޭނީ." ސަމީރު ވަކި ހިސާބަކުން ވާހަކަ ބަދަލު ކޮށްލައިފައި ބުނެލިއެވެ. ދޮންވެލިގަނޑު ކަޑައްތު ކޮށްފައި އެމީހުން ގޮސް ފިލައިން ހަދައިފައިވާ މަގަކަށް އަރައިގެން ކުރިމަތީގައިވާ ގެއަށް ވަންނަން ދިޔައިރު ކައިރީ އޮތް ފަތާ ފެންގަނޑު ނަޒްލާގެ ލޮލުގައި އަޅައިގަތެވެ. އަޖައިބެއް ފެނިގެން ބަލާހެން އޭނާ އެތަކެއް ފަހަރު އެސްފިޔަޖަހާލިއެވެ. އެގެއަށް ވަންނަން ދިޔައިރު އެތަނުގައިވެސް އޭނާ އަޖައިބު ވެގެން ނުބަލާނެ އެކައްޗެއް ނެތެވެ. ރާއްޖޭގައި އަދި އުޅުނަސް ހަމައެކަނި ޓީވީ ތަކުންނާއި ފޮޓޯއިން ފެނިފައި ހުރި މަންޒަރުތައް ލޮލަށް ފެނުމުން މިއުޅެވެނީ ހުވަފެނެއްގައޭ ހިތަށް އެރިއެވެ. ދެފަރާތުން ވައި ވަންނަހެން ގޭގެ ކުރިމަތީ ހަދާފައިވާ ތަންކޮޅުގެ އެއްފަރާތުގައި ދެ ބީޗް ޗެއަރ ބަހައްޓާފައި ހުރިއިރު އަނެއް ފަރާތުގައި ލަކުނޑި މޭޒަކާއި ހަތަރު ގޮނޑި ހުއްޓެވެ. އަވިކްމެން އިށީންދެލީ އެމޭޒު ދޮށުގައެވެ. އިރުކޮޅެއް ނުވެ ޔުނީފޯމްގައި ތިބި ދެ ވޭޓަރުން ތަބައްތައް ގެންނަން ފަށައިފިއެވެ.
ނަޒްލާ ބަލަން ހުއްޓައި އެމޭޒު މައްޗަށް ތާޒާ މޭވާ ތަށިތަކާއި ކޮފީގެ އިތުރުން ކޮންޓިނެންޓަލް ބްރޭކް ފާސްޓް ގެނެސް ހަމަ ކޮށްލިއެވެ. އިރުކޮޅަކުން ބައްދަލު ވާނެ ކަމަށް ބުނެ އެމީހުންނަށް ވަގުތު ދީފައި ސަމީރު އެވަގުތު ފޯނު ހިފައިގެން އެއްފަރާތަކަށް ގޮސް ގެއްލިއްޖެއެވެ. ނަޒްލާ އިނީ އެފުރުސަތަކަށް ބަލަބަލައެވެ. ސަމީރު ހަމަ ލޯ ކުރިމަތިން ގެއްލޭއިރަށް އޭނާ އަވިކްއަށް ގޮވާލައިފިއެވެ.
"ކޮބާ އެހެން މީހުން؟ ކީއްވެ އެއިން އެކަކުވެސް އަހަންނަށް ނުފެންނަނީ؟" ނަޒްލާ ޝައްކު އުފެދިފައި އިނދެގެން ސުވާލު ކުރިއެވެ. އޭނާ އެތަނަށް އާދެވޭންދެން އެހުރިހާއިރު ވަށައިގެން ހޯދިއިރުވެސް އެތަނުން މީހަކު ދައްކައެއް ނުލިއެވެ. "އެމީހުން މިފަސްގަނޑުގައި އުޅޭނަމައެއްނު ފެންނާނީ." އަވިކް ގޮނޑީގައި ހަމަޖެހިލައިގެން އިނދެފައި ކޮފީ ޖޯޑުން ކޯވަރެއް ރަހަ ބަލާލިއެވެ. ނަޒްލާއަށް އެއަޑު އިވިގެން ދެލޯ ބޮޑު ކޮށްލާފައި ނަގަ ނަގާ ހުރި ޗެރީވެސް ތަށި ތެރެއަށް ދޫކޮށްލައިފިއެވެ. "ކޮބާ ތީގެ މާނައަކީ؟ އެމީހުން މިރަށަކު ނޫނޭތަ؟... ދެން އެހެންވިއްޔާ އެމީހުން.... ރަނގަޅަށް ބުނޭ އެމީހުން ވީތަން!" ނަޒްލާ އަޅައި އަޅައިގެން ވާހަކަ ދައްކަދައްކާފައި ކުއްލިއަކަށް ކޮޅަށް ތެދުވިއިރު ހުރީ ކައިރީގައި އޮތް އޫ ނަގައި އަވިކް އާއި ދިމާއަށް ދިއްކޮށްލައިގެންނެވެ. ފަހު ޖުމްލަ އޭނާ ބުނެލީވެސް ނިކަން ބާރުލާފައި އަމުރު ކޮށްލާ ވައްތަރަށެވެ. "އެމީހުންވީ އެހެން ރިސޯޓެއްގައި." އަވިކްގެ މޫނުގައި ކުޑަވެސް ހާސްކަމެއް ނެތެވެ. ހީވަނީ އެހާލަތުން އޭނާ އުފާ ލިބިގަންނަމުން ދިޔަ ހެންނެވެ. "އޯހ ގޯޑް...! އަޅެ އަވިކް ކީކޭ ހިތަށް އަރައިގެން އަހަރެން ގޮވައިގެން އެހެން ތާކަށް ތިއައީ؟ އެމީހުންނަށް އެނގިއްޖެއްޔާ ކީކޭ ބުނާނީ؟" ނަޒްލާ ނިތަށް ރޫ އަރުވާލައިފައި މޮޅިވެރި ގޮތަކަށް އިސްޖަހާލައިފިއެވެ.
"ކަމްއޯން ނަޒޫ. ބޭކާރު ހިޔާލު ނުކޮށް މިތަނުން ފުރުޓް ކޮޅެއް ކާލަބަލަ. މިކަހަލަ އެއްޗެހި ގިނައިން ކެއިމައޭ ދުޅަހެޔޮ ޞިއްހަތެއްގައި ހުރެވޭނީ." އަވިކް ކުއްލިއަކަށް ނަޒްލާ އަތަށް ދަމާލައި ގޮނޑީގައި ބައިންދާފައި ޗެރީއެއް ނަގައި ގަދަކަމުން އަނގައަށް ލަވަން އުޅެނިކޮށް ނަޒްލާ އަތުން ޖަހައި ދުރަށް ބުރުއްސާލިއެވެ. ފުންމައިގެން ތެދުވެފައި އޭނާ ދުއްވައިގަތީ އެނބުރި އައި ކޮޅަށެވެ. އަވިކް ނަޒްލާ ގޮސް ގެއްލޭންދެން ބަލަން އިނދެފައި ސައިބޮއެގެން ގޮސް އަނެއް ފަރާތުގައި ހުރި ބީޗް ޗެއަރގައި ހަށިގަނޑު ދަމާލައިގެން އަރާމުގައި އޮވެ ލޯ މަރާލިއެވެ. ނަޒްލާ ރުޅި އައިސްގެން ދުވާނެ ތާކު ދުވެފައިވެސް އެނބުރި އަންނަން ޖެހޭނީ ހަމަ އޭނާގެ ކައިރިއަށެވެ.
ތަންކޮޅަކަށް ދުވެލި އިރަށް ނަޒްލާ ވަރުބަލިވެގެން ހަލާކު ވާވަރު ވިއެވެ. ނޭވާ ހަމައަކަށް އަޅުވަން މަސައްކަތް ކުރަމުން އޭނާ ހުރި ފިޔަވަޅު މަތީ އިށީންދެލައިފިއެވެ. ޖެހިލާ ލުއި ރޯޅިތައް އައިސް ބީހެން ފެށުމާއެކު ނިއްކުރީގައި ހަރުލި ދާތިކިތައް ނެތިދާން ނެގީ ސިކުންތު ކޮޅެކެވެ. އޭނާ ދުރުން ފެންނަމުން ދިޔަ ބިއްލޫރި ފަދަ ސާފު މޫދަށް ނަޒަރު ހުއްޓާލައިގެން އިނދެފައި ތެދުވެގެން މަޑު މަޑުން އެދިމާއަށް ދާން ފެށިއެވެ. ވަކި ހިސާބަކުން ދެފައިވާން ކިބަ ދޫކޮށްލައިފައި ގޮސް ރާޅު ބީއްސަމުން ދިޔަ ތެތް ފަސްގަނޑުގައި ހުއްޓިލިއެވެ. ކުދި ކުދި ރާޅުތައް އައިސް އެދެފައިގައި ބޮސްދީފައި އަލުން ލޮނުގަނޑު ތެރެއަށް ދަތުރު ފަށައެވެ. ވައިރޯޅި އައިސް އެމޫނުގައި ފިރުމަމުން ދޫކޮށްލައިފައި އޮތް ފަން އިސްތަށިގަނޑު ވިހުރަމުން ދިޔައެވެ.
އަވިކްއަށް ނިދި ޖެހިލާފައި ހޭލެވުނު އިރަށް ފުރަތަމަވެސް ހިތަށް އައީ ނަޒްލާއެވެ. "ނަޒޫ އަދިވެސް ނާންނަނީބާ؟" އޭނާ އާފުރެމުން ތެދުވެފައި ނަޒަރު ހިންގައިލީ ދުރު ދުރަށް ފެންނަން އޮތް ދޮންވެލި ގަނޑަށެވެ. "ޝިޓް. ކަންތަކާއޭ މިޖެހުނީ. އަންހެން ކުދިން ރުއްސުމުން ސަތޭކައިން ސުމެއް ލިބޭ މީހެއް އަހަންނަކީ." އަވިކް ފާޑަކަށް އަނގަ ހަދާލައިފައި ކޮޅަށް ތެދުވަން ވެގެން އެނބުރިލި ވަގުތު ސިއްސައިގެން ގޮއްސައި އަނެއްކާވެސް ދެފައި އަރުވާލެވުނީ ބީޗްޗެއަރ އަށެވެ. ނަޒްލާ އޮތީ ދާދި ކައިރީގައި ޖެހިގެން ހުރި އަނެއް ބީޗްޗެއަރގައި ނިދާލައިފައެވެ. އޭނާ ޤަބޫލު ނުކުރެވިފައި އިނދެގެން އަވަސް އަވަހަށް އެސްފިޔަޖަހާލެވުނެވެ. "ރޭ ހަތަރު ދަމު ނުނިދާ ހުރީމަ ނިދި އައިސްގެން ކެތްނުވީ ކަމަށްވާނީ." އަވިކް ލުއި ހިނިތުންވުމަކާއެކު އިރުކޮޅަކުން ނަޒްލާ އާއި ވީ ފަރާތަށް ދެފައި ބާލާފައި އެމޫނަށް ނަޒަރު ހުއްޓާލިއެވެ.
ނިދާލައިފައި އޮތް އިރު މައުސޫމު ކަމުންވެސް އަވިކްއަށް ބަލަން އިނދެވުނެވެ. ނޭނގުމުގެ ތެރޭގައި އޭނާގެ އަތް އުފުލި ދަތްދޮޅީގައި ވިއްދާލެވުނެވެ. ވައިރޯޅީގެ އެހީގައި އެމޫނަށް ނިވާ އެޅި އިސްތަށި ކޮޅެއް ފެނިގެން އޭނާ ކުރިއަށް ޖެހިލައި އެއިސްތަށިކޮޅު އެއްފަރާތް ކޮށްލަން އުޅުމުގެ ތެރޭގައި ކޯތާފަތުގައި އިނގިލިތައް ބީހުނެވެ. ވަގުތުން ހިތުގެ ތެޅުން ބާރުވެގެން ދިޔައެވެ. ފުރަތަމަ ފަހަރަށް އެހާ ކައިރިން ފެނުމުން އަދިވެސް ގިނައިރު ބަލައިލަން އެހިތް ބުނެލީ ކީއްވެ ކަމެއް ނޭނގުނެވެ. ރީތި ރީތި ބުމައިގައި ޝަހާދަތް އިނގިލި ހިންގާލައިފައި ތިރިއަށް އައިސް މެރިފައިވާ ދިގު އެސްފިޔަތަކުގައި ބީއްސާލިއިރު އޭނާ އިނީ ހިނިތުންވެފައެވެ. ދެން އެހިމަ ނޭފަތުގެ މަތިން ތިރިއަށް އައިސް ތުންފަތުގައި ޖެހުމާއެކު މަޑުމަޑުން އަތް ތިރިކޮށްލެވިއްޖެއެވެ. މަޑު ފިޔާތޮށި ކުލައިގެ ތުނި ތުންފަތަށް ބަލަހައްޓައިގެން އިނދެފައި މޫނު ކައިރިކޮށްލެވުނީ ކިހިނެތް ކޮންއިރަކު ކަމެއްވެސް ނޭނގުނެވެ. ދުވަހަކު އެހެން ކަމަކަށް ބޭނުން ނުވާ ވަރަށް އެތުންފަތުގައި ބޮސްދޭން އޭނާގެ ހިތް އެދުނީ ކީއްވެ ކަމެއް ނޭނގުނެވެ. ފަހުން ވާނެ ގޮތަކާއިމެދު އަވިކް ކުޑަކޮށްވެސް ވިސްނާކަށް ނުހަދައެވެ. ކުރިއަށްވުރެވެސް ބޮޑަށް ގުދުވެލާފައި ނަޒްލާގެ ރީތި ތުންފަތުގައި އޭނާ ތުންފަތް ޖައްސާލިއެވެ. ސިކުންތު ކޮޅެއް ފަހުން ތެދުވެ ހިންދެމިލިއިރު ތުންފަތުގައި ވީ ކާމިޔާބުގެ ހިނިތުންވުމެކެވެ. ނިދީގައި އޮވެ ނަޒްލާވެސް ހިނިތުންވެލީ އެވަގުތުއެވެ. ވީ އުފަލަކުން އަވިކް ހުރި މަޤާމުގައި ހުރެ ގޯސްކަމެއް ކޮށްގެން ރަނގަޅު އިހްސާސެއް ކުރެވުނު އެއީ ދެވަނަ ފަހަރެވެ. ކުރިން އެފަދަ އިހްސާސެއް ކުރެވުނީ ކެބިން ތެރޭގައި ހުރެ ނަޒްލާ އަތަށް ދަމާލުމުން އައިސް މޭގައި ތަތްވި ދުވަހެވެ.
"ނަޒޫ ތީ އެކަނި އަހަރެންގެ އެކުވެރިއެއްނޫން. ޔޫ އާ މޯ ދެން ދެޓް. މިކިޔާލް ބުނީ ތެދެއް." އަވިކް އަދިވެސް ހިނިތުންވެފައި ހުރެގެން އެކަނި ވާހަކަ ދައްކަމުން އެތަނުން ނިކުމެގެން ދިޔައެވެ. ކުޑައިރުކޮޅެއް ފަހުން ނަޒްލާއަށް ހޭލެވުނީ މޫނަށް އަވި އަރައިގެންނެވެ. އޭނާ ތެދުވެ އިށީންދެފައި އަވިކް ފެންނަން ނެތުމުން އަވަހަށް ގޮސް ދަބަހުން ފޯނު ހޯދާލައިފައި ކޮންމެވެސް މީހަކަށް ގުޅާލިއެވެ. ވާހަކަ ދައްކަން ހުއްޓައި މީހެއްގެ ހިލަން ވެގެން ބަލާލިއިރު ސަމީރު އައިސް ހުރީ މަތި ޖަހާފައި ހުރި ކުޑަ ވަށިގަނޑެއްހިފައިގެންނެވެ. ނަޒްލާ ފޯނު ކުރު ކޮށްލައިފައި ސަމީރު އާއި ކުރިމަތިލިއެވެ.
"އަވިކް ބުނީ ނަޒޫއަށް މި ބާސްކެޓް ހަވާލު ކޮށްދޭށޭ. ނަޒޫ ސައިނުބޮއެ ހުރީމަ ވަރަށް ކަންބޮޑުވެފަ ހުރީ." ސަމީރު ހިނިތުންވުމަކާއެކު ވަށިގަނޑު ދައްކާލައިފައި ގެންގޮސް މޭޒުމަތީ ބައިންދާލިއެވެ. "ކޮބާ އަވިކް؟" ސަމީރު އެނބުރި ދާން ތައްޔާރު ކޮށްލިތަނާ ނަޒްލާ ކުއްލިއަކަށް އަހާލިއެވެ. "މިހެން ނިކުންނައިރަށް ފެންނާނެ." ސަމީރު އޮޅުންފިލުވައި ދިނެވެ. ނަޒްލާ މޭޒާއި ކައިރި ވެލާފައި ވަށިގަނޑު މަތި ހިއްލާލިއިރު އެތެރޭގައި ހުރީ ނިކަން ރީތި ދެ ތަށީން ކުރެ އެއްތަށީގައި ސްމައިލީ ފޭސްއެއް ގޮތަށް ޑިޒައިން ކޮށްފައިވާ ސޭންޑްވިޗް އަކާއި އަނެއް ތަށީގައި މަތިމައްޗަށް އަޅާފައި ހުރި ތާޒާ މޭވާއެވެ. އަދި ވަށިގަނޑުގެ އެއްކަނެއްގައި ތިން ހަތަރު ވައްތަރެއްގެ ޔޯގަޓްއެވެ. ބަލަން ހުއްޓައި ނަޒްލާ ލޮލުގައި އަޅައިގަތީ ޔޯގަޓް ތަށިތައް ކައިރީ ފަތް ޖަހާލައިފައި އޮތް ކުޑަ ކަރުދާސް ކޮޅެކެވެ. އޭނާ ކަރުދާސްކޮޅު ނިއުޅާލިއިރު އޭގައި ލިޔެފައި އޮތީ "ނުކާ ކުދިން ބޮޑެއް ނުވާނެ." މިހެންނެވެ. އެހާ ސީރިއަސްވެފައި ހުއްޓާވެސް އެލިއުންކޮޅު ފެނުމުން ނަޒްލާ ގާތަށް ހިނި އަތުވެއްޖެއެވެ. އޭނާ ކަރުދާސްކޮޅު ދަބަސްތެރޭ ރައްކާ ކޮށްފައި އެތަނުން ރަތް އާފަލެއް ނަގައިގެން ކަމުން ދިމާ ތެދަށް ހިނގާލައިފައި ގޮނޑު ދޮށަށް ނިކުމެ އަވިކް ކޮބައިތޯ ހޯދައިލިއެވެ.
ޖެޓް ސްކީއެއްގައި އަވިކް މުޅި ހިސާބުގަނޑު ކުޑަކުރާތަން ފެނުމުން އޭނާ ހުރީ ހައިރާންވެފައެވެ. ހަމަ ކުއްލިއަކަށް ލިބިގެން އެއުޅެނީ ކޮންކަހަލަ ބޮޑު އުފަލެއްބާއޭ އޭނާ ހިތަށް އެރިއެވެ.
"ނަޒޫ! އާދޭ މިކޮޅަށް!" އަވިކްއަށް ނަޒްލާ ފެނިގެން އަނބުރާލައިފައި މިޔަދަށަށް އަންނަމުން ގޮވާލިއެވެ. ނަޒްލާ ކަންބޮޑުވީ އެހިސާބުންނެވެ. އޭނާއަށް ފަތަން ނޭނގޭއިރު އެކަހަލަ އެއްޗަކަށް އަރާކަށް ލާހިކެއް ނޫނެވެ. ނަޒްލާ ދެފަރާތަށް ބޯ ހޫރަމުން މަޑު މަޑުން ފަހަތަށް ޖެހެން ފެށިތަނާ އަވިކް ޖެޓް ސްކީ ފެން ތިލަ ހިސާބުގައި ބާއްވާފައި ފައިބައިގެން އޭނާ ކައިރިއަށް ދުވެފައި އަންނަން ފެށިއެވެ. "ވިކް އަހަންނަކަށް ނުކެރޭނެ ތިއަށް އަރާކަށް. އަހަރެން ވަރަށް ބިރުގަނޭ. އަހަންނަށް ފަތާކަށްވެސް ނޭނގެ." ނަޒްލާ ދެކޮޅުހަދަހަދާ ހުއްޓާ އަވިކް ހެވިލާފައި އެއަތުގައި ހިފާ ދަމަމުން ގެންގޮސްއެއަށް އަރައި ފަހަތަށް ނަޒްލާ އަރުވައިގެން ނައްޓާލައިފިއެވެ. "ޓްރަސްޓް މީ ނަޒޫ." އޭނާ ދެއްކި ވާހަކަތަކުގެ ބަދަލުގައި އަވިކް ބުނެލީ ހަމައެކަނި އެހެންނެވެ. ބިރުން ގޮސް ނަޒްލާއަށް ހަޅޭތްލަވައި ގަނެވުނެވެ. އޭނާއަށް ކުރެވުނު ކަމަކީ އަވިކްގެ ގައިގައި ބާރަށް ބައްދާލުމެވެ. ތަންކޮޅެއް ބިރު ކެނޑުނުހެން ހީވެގެން އިރުކޮޅެއް ފަހުން މަޑުމަޑުން ދެލޯ ހުޅުވާލައިފައި ކުރިއަށް ބަލާލިއެވެ. އެވަގުތު އަވިކް ޖެޓް ސްކީ ގުދު ލައްވަމުން ދުއްވާ ގޮތް ފެނިފައި ކުރިއަށްވުރެވެސް ބޮޑަށް ބިރުގަނެގެން އަނެއްކާ ދެލޯ މަރާ ތަގުޅި ކޮށްލެވުނީއެވެ. އޭރު އަވިކް މަޖާވެގެން ހެމުން އިރު އިރުކޮޅާ "ވޯހ" އޭ ކިޔާލާ އަޑު އިވެއެވެ.
އިރުކޮޅަކުން އަވިކް ޖެޓް ސްކީގައި ގޮސް ރާޅު ޖަހާ ހިސާބަށް ބީއްސާލުމުން ނަޒްލާ އަމިއްލައަށް ފުންމާލައިގެން އެއްގަމާއި ދިމާއަށް ދުއްވައިގަތެވެ. ހިކިފަސްތަނަށް އެރުމުން އޭނާ ހަމަޖެހުމުގެ ނޭވައެއް ލައިފައި ފަސްގަނޑު މަތީ އިށީންދެލައިފިއެވެ. އެވަގުތު އަވިކްވެސް އައިސް ކައިރިއަށް ވެއްޓިގަނެފައި ދެއަތް ފުރަގަހަށް ގެންގޮސް ފަސްގަނޑުގައި ވިއްދާލައިގެން އިނެވެ. "މަޖާތަ؟ ނިއު އެކްސްޕީރިއެންސެއް ދޯ؟" އަވިކް ނަޒްލާގެ މޫނަށް ބަލާލިއިރަށް ފާޑަކަށް ތުންކޮޅު އޫކޮށްލިއެވެ. "ވަރަށް މަޖަލެއްނު. ބިރުންގޮސް އަވިކް ގައިގަ....." ނަޒްލާއަށް ޖުމްލަ ފުރިހަމަ ކުރާކަށް ނުކެރުނެވެ. އޭނާ ނޫން ކަމަށް ހެދިފައި އަވަހަށް ދުރު ބަލަން ފަށައިފިއެވެ. "ބައްދާލައިގެން އިން ވާހަކަތަ ނުބުނެ ތި ނިންމައިލީ. ނަޒޫ މާ ބާރަށް ހިފަހައްޓައިގެން އިނީމަ އެހެންވެ ކަންނޭނގެ މިހިސާބުގައި އެބަ ރިއްސާ." އަވިކް އެއް އަތް އުފުލާލައި ހިތާއި ދިމާލުން މޭގައި ފިރުމާލިއެވެ. ނަޒްލާ އެއަޑަށް އެނބުރި ބަލައިލާފައި ދެފަރާތަށް ބޯ ހޫރާލީ އެވާހަކަ ޤަބޫލު ނުކުރަންވެގެންނެވެ.
"ދެންވެސް ކައިރިއަށް އައިސް މަސާޖެއް ދިނީމައެއްނު ފަސޭހަ ވާނީ." އަވިކްއަށް ނަޒްލާގެ މޫނަށް ވެރިވަމުން ރަތް ކުލަ ފާހަގަ ވެގެން ކަޅި ޖަހާލަން ނޭނގިފައި ބަލަން އިނދެވުނެވެ. "ނޫޅެން." ނަޒްލާ ދެކޮޅު ހަދާފައި ކުއްލިއަކަށް ކޮޅަށް ތެދުވެއްޖެއެވެ. އޭނާ ބޭނުންވީ އަވަހަށް އަވިކް ކުރިމަތިން ދުރަށް ދާށެވެ. "އިހަށް މިތާ އިށީންދެބަލަ! ކޮންތާކަށްތަ ދާން ތިއުޅެނީ؟" އަވިކް ވާހަކަ ދެއްކި ނަމަވެސް ނަޒްލާ މިފަހަރު ނުހުއްޓުނެވެ. "ނަޒޫ އަހަރެން ކޮންމެހެން ބުނަން ޖެހޭ ވާހަކައެއް އެބައޮތް." ނަޒްލާއަށް ތަންކޮޅަކަށް ދެވުނުތަނާ އަވިކް ގޮވާލި އަޑަށް ހުއްޓެވުނެވެ. އޭނާ ފަސްއެނބުރި ބަލައިލިއިރު އަވިކް ކުރިންވެސް އިން ގޮތަށް މޫދާއި ކުރިމަތި ލައިގެން އިނެވެ. އެވަގުތު ދުރުން އައިސް ފާލަމަށް ކައިރި ކޮށްލި ލޯންޗްގެ އަޑު އިވިގެން ދެމީހުންގެ ނަޒަރުވެސް އެދިމާއަށް ދަތުރު ކޮށްލިއެވެ. "ޔައީޝް؟؟" އޭނަ ކީއްކުރަން މިރަށަށް އައީ؟" ފާލަން މައްޗަށް ފޭބި ޔައީޝް ފެނުމާއެކު އަވިކްއަށް ފުންމައިގެން ތެދުވެވިއްޖެއެވެ.
"އަހަރެން ގުޅައިގެން އަހަރެން ބަލާ ޔައީޝް އެއައީ." ފަހަތުން ނަޒްލާ ބުނެލި އަޑު އިވުނެވެ. "ވަޓް؟" އަވިކްއަށް ޤަބޫލު ނުކުރެވިގެން ބާރު ބާރަށް އަހާލެވުނެވެ. އޭނާ އެނބުރިފައި ގޮސް ނަޒްލާ ކައިރިއަށް ހުއްޓުނުތަނާ ނަޒްލާ ހެވިލާފައި އަތް ހޫރާލީ ޔައީޝް އަށެވެ.