"ބައްޕަގެ ޝަރުތަކީ އަހަރެންގެ މަންމަ އާއި ކޮއްކޮގެ ދިރިއުޅުން މިގެއަށް ބަދަލު ކުރުން. މަންމަ ހުރީ އަހަރެންގެ އުފަލަކަށްޓަކައި އެކަންވެސް ކުރަން. އަދި އަހަރެން ނިންމައިގެން ހުރީ ބައްޕަ އާއި ވަކި ވިއަސް އަހަރެން ލޯބިވާ ކުއްޖާއާއި ނޫނީ ކައިވެންޏެއް ނުކުރަން. އެކަމަކު..... އެކަމަކު އަހަރެންނަށް ކުޑަވެސް ޔަޤީންކަމެއް ނެތް މިހާވަރުގެ ރިސްކެއް ނަގައިގެން އަހަރެންނަށް އުފަލެއް ލިބޭނެ ކަމުގެ. އަހަރެން ލޯބިވާ ކުއްޖާ ކައިރީ އަލުން ކައިވެންޏަށް އަހާނެ ހިތްވަރެއް އަހަރެންގެ ނެތް. ދެން އޭނާގެ ދުލުން ނޫނެކޭ ބުނާ އަޑު އަހާނެ ހިތްވަރެއް އަހަރެންގެ ނެތް. އަހަންނަކަށް ނުވާނެ އެކަމެއް....." އަވިކްގެ ވާހަކަ ނިންމާލައިފައި ބަލާލިއިރު ނަޒްލާވެސް ހުރީ ބަލަހައްޓައިގެންނެވެ. ހަތަރުކަޅި ހަމަވެފައި ސިކުންތުކޮޅެއް ވީއިރު އަވިކްއަށް ފެނުނީ ނަޒްލާގެ ލޮލުން އޮހިގަތް ކަރުނަ ތިކިތަކެވެ. ނަޒްލާ ބުނަން ބޭނުންވި ކިތަންމެ ވާހަކައެއް ހިތުތެރޭ ވިއަސް ހާމަ ކުރަން ފަސޭހައެއް ނުވިއެވެ.
ދުނިޔެމަތިން ވައިރޯޅި ހިނދިފައި އޮންނަފަދަ ގޮތަކަށް އެދެމެދަށް ވެރިވެފައި އޮތް ހިމޭންކަން ކަނޑުވާލީ ރިންގްވާން ފެށި އަވިކްގެ ފޯނެވެ. ނަޒްލާ އެއްޗެއް ބުނެވޭތޯ ތުން ތަޅުވާލި އިރު އަވިކް ފޯނު ނަގައި ބަލައިލާފައި ދޮރާއި ދިމާއަށް ދިޔައެވެ. ނަޒްލާއަށް ކުރެވުނުހާވެސް ކަމަކީ އަވިކް ނިކުމެގެން ދިޔަ ދޮރާއި ދިމާއަށް އަތް ދިއްކޮށްލުމެވެ. އިރުކޮޅަކުން ކަރުނަ ފުހެލާފައި އޭނާ ގޮސް އިށީންދެލީ އަވިކްގެ އެނދުގައެވެ. އެހެން އިނދެގެން ނަޒްލާ ވިސްނިއެވެ. ހަޔާތުގެ ކޮންމެވެސް ހިސާބަކުން އަމިއްލަ އެދުމަކީވެސް ކުރިއަށް ނެރެން ޖެހޭނެ އެއްޗެއް ކަމުގައި ހިތަށް ވިސްނައިދިނެވެ. މަންމަ އާއި ޒާހިދުއަށް ހެޔޮގޮތް އެދިގެން އޭނާ އަވިކް ކިހާ އަނިޔާއެއް ދީފި ހެއްޔެވެ؟ ދެން މިއަދު އެކައިވެންޏަށް ދެކޮޅު ހަދައިފިއްޔާ އަމިއްލަ ނަފްސްވެސް އޭނާއަށް މަޢާފެއް ނުކުރާނެއެވެ. އަވިކް އައިސް ވަންނައިރަށް ދެންވެސް ކައިވެނި ކުރަން ތައްޔާރު ވާހަކަ ބުނަންވީއެވެ. ބައެއް ފަހަރު އެކައްޗެއް ހާޞިލް ކުރުމަށްޓަކައި އެހެން އެއްޗެއް ޤުރުބާން ކޮށްލަން ޖެހޭ ފަހަރު އާދެއެވެ.
އަވިކް ނައިސް ގިނައިރު ވާން ފެށުމުން ނަޒްލާ ތެދުވެގެން ކޮޓަރިތެރޭ ހިނގަ ހިނގާފައި ނިކުމެވުނީ މިކިޔާލް ކުރިމައްޗަށެވެ. ސިއްސައިގެން ދިޔަ ވަގުތު ނަޒްލާ އަވަހަށް މޭގައި އަތް އަޅާ ބާރު ކޮށްލިއެވެ. އެވަގުތު ނަޒްލާއަށް ވީ ގޮތް ފެނިގެން މިކިޔާލް ހަމްދަރްދީވެފައި ސޮރީއޭ ބުނެލައިފިއެވެ.
"ނޮކް ކުރަން އުޅެނިކޮށް ނަޒޫ ތި ނިކުތީ. މިއައީ ނަޒޫ ގެއަށް ލައިދޭން ދާން ވެގެން. ހިނގާ ދާން." މިކިޔާލް ދެއްކި ވާހަކައިން ނަޒްލާގެ މޫނުގައިވި ފަނޑު އަލިކަންވެސް ނެތިގެން ދިޔައެވެ. އޭނާ އުންމީދު ކޮށްގެން ހުރީ އަވިކްގެ ކާުރުގައި ގެއަށް ދިއުމަށެވެ. އެހުރިހާއިރު ކޮޓަރިތެރޭ އިނދެ އެއްކުރި ހިތްވަރުކޮޅުގެ ބޭނުން މިހާރު ނުހިފިއްޖެއްޔާ ދެން އެވާހަކަތައް އަލުން ބުނެވޭނެ ކަމެއްވެސް ނޭނގެއެވެ.
"ކިހިނެތްވީ؟" ނަޒްލާ އެއްޗެއް ނުބުނެ ހުންނަން ފެށުމުން މިކިޔާލް އަހާލިއެވެ. ކަމެއްނުވެއޭ ބުނުމުގެ ގޮތުން ނަޒްލާ ބޯ ހޫރާލީ ދެފަރާތަށެވެ. އެވަގުތު މިކިޔާލް ފުރަގަސްދީފައި ހިނގައިގަތުމުން އޭނާ ފަސްފަހަތުން ދިޔައެވެ. ގެއިން ނިކުމެގެން ގޮސް ކާރަށް އެރޭންދެން އޭނާގެ ނަޒަރު ހޯދީ އަވިކްއެވެ. އެކަމަކު ބަދަލުގައި ލިބުނީ މާޔޫސްކަމެވެ. އަވިކް ބުނެވެސް ނުލައި ދިޔައީ ކޮންތާކަށް ކަމެއް ނޭނގެއެވެ. މިކިޔާލް ހީކޮށްފާނެ އެއްޗެއް ނޭނގޭތީ ނަޒްލާއަށް އަހައިލާކަށް ނުކެރުނެވެ. ކައިވެނި ކުރެވެން އުޅޭއިރު ދެމީހުންގެ ގުޅުން ހީނަރު ވެފައިވާކަން އެެހެން މީހުންނަށް އަންގަން ބޭނުން ނުވީއެވެ.
ގެއަށް ގޮސް ނަޒްލާ އިނީ އަނެއްކާވެސް ހިމޭންވެފައެވެ. ފޯނުގައި ސޭވްކޮށްފައި އިން މަންމަގެ ނަންބަރަށް ބަލަހައްޓައިގެން އޭނާ އިނީ ދެފިކުރެއްގައެވެ. ބައެއްފަހަރު އެނަންބަރަށް ގުޅަންވެގެން ޑައިލް ކޮށްލަން އުޅެފައި ހުއްޓާލައެވެ. އަނެއްބައި ފަހަރު ހަމަ އެއް ގޮތެއްވެސް ނުހަދައި ބަލަން އިނދެއެވެ. ލައިލާ އެނބުރި އައީ ނަޒްލާ މިހިމޭންކަމުގައި އިންދައެވެ. އަނދިރިވެފައި ކޮޓަރިތެރެ އޮތްވާ ލައިޓް ޖައްސާފައި ނަޒްލާ ފެނުމުން ލައިލާ ބިރުން ހަޅޭތްލަވައިގަތެވެ. އޭނާ ދިޔައީ ސިއްސައިގެންނެވެ.
"ނަޒޫ...." ލައިލާ އަކުރުތަކަށް ބާރު ލައިފައި ގޮވާލިއެވެ. ނަޒްލާ އެއަޑަށް އެނބުރި ބަލައިލާފައި އަނެއްކާވެސް ނަޒަރު ހުއްޓާލީ ފޯނުގެ ސްކްރީނަށެވެ. "ކީއްވެ އަނދިރީގަ ތިއިނީ؟ ކަމެއް ގޯސްވީތަ؟" ލައިލާއަށް ނަޒްލާގެ ކުލަވަރު ފާހަގަ ވެގެން އައިސް ކައިރިއަށް ހުއްޓުނެވެ. އެކަމަކު ނަޒްލާ ޖަވާބެއް ނުދިނެވެ. "ކަމްއޮން ނަޒޫ. ބުނެބަލަ ކޮންމެވެސް އެއްޗެކޭ. ތިހެން އިނީމަ އަހަރެން ބިރުގަންނާނީ." ލައިލާ ކަންބޮޑުވެފައި ގޮނޑިއެއް ކައިރި ކޮށްލައިގެން ނަޒްލާ ކައިރީ އިށީންދެއްޖެއެވެ. އޭނާ ޖަވާބަކަށް އިންތިޒާރު ކޮށްގެން އިންދާ ނަޒްލާ ލުއި ހިނިތުންވުމެއް ތުންފަތަށް ވެރިކޮށްލާފައި ތެދުވީ މާބޮޑުކަމެއް ނުވެއޭ ބުނެލި ކަހަލަ ގޮތަކަށެވެ. އިތުރަށް ބާރު ނާޅަން ވެގެން ލައިލާވެސް އެހިސާބުން ދޫކޮށްލީއެވެ.
އިތުރަށް ދެދުވަސް ފާއިތުވެގެން ދިޔައިރު ނަޒްލާއަށް އަވިކް ނުފެނުނުތާނގައި ޚަބަރެއްވެސް ނުވިއެވެ. ކުޑަމިނުން މެސެޖްގަނޑެއްވެސް އަވިކް ނަޒްލާއަކަށް ނުފޮނުވިއެވެ. ސުދާ ފޮނުވައިގެން އޭނާ ދެފަަހަރުމަތީން އެގެއަށް ދިޔައިރު އަވިކްއެއް ނޫޅެއެވެ. ސުދާ އެދުނު ކަންކަމުގައި އޭނާގެ އަމިއްލަ ހިޔާލު ފައުޅުކޮށްފައި ދެ ފަހަރުވެސް ނިކުމެގެން އައީ މާޔޫސް ހިތަކާއިގެންނެވެ. އަނެއްކޮޅުން މަންމައާއި ވާހަކަ ދައްކަންވެގެން ކުރި ހުރިހާ މަސައްކަތެއް ވީ ބޭކާރެވެ. މަންމަ އާއި ވާހަކަ ދެއްކުމުން މަންމަ ބުނާ އެންމެ ބަހަކުން އޭނާގެ މިހާރުގެ ނިންމުން ބަދަލުވެދާނެތީ ބިރުގަތެވެ. ދެން އޭނާ އިންތިޒާރު ކުރީ ޒާހިދު ފެންނާނެ އިރަކަށެވެ. ޔަޤީނުންވެސް މަންމައަށްވުރެ ޒާހިދުއަށް ކިޔައިދޭން ފަސޭހަ ވާނެއެވެ. އަވަހަށް ވިސްނޭނެއެވެ.
"ނަޒޫ ވާހަކައެއް ދައްކަން ބޭނުމޭ ބުނީމަ އަވަސް ކުރަން ހަދައިގެން އަހަރެން މިއައީ ގިފްޓެއްވެސް ނުލައި." ދުވަސްގަނޑަކަށް ފަހު ބައްދަލުވުމުން ޒާހިދުއަށް ލިބިފައި ހުރި ޖޯޝުގައި މޭޒުމަތީ އޮތް ނަޒްލާގެ އަތްތިލައަށް ފިތާލެވުނެވެ. އެވަގުތު ނަޒްލާ ކަންބޮޑުވެފައި ބަލައިލީ ރެސްޓޯރެންޓްގެ އެކި ހިސާބުގައި ތިބި އެހެން މީހުންތަކަށެވެ. ޒާހިދުއަށް ނަޒްލާގެ މި ހަރަކާތް ފާހަގަ ވެގެން ސޮރީއޭ ބުނެފައި އަވަހަށް އަތް ދުރަށް ޖައްސާލައިފިއެވެ. "އަަހަންނަކަށް ނޭނގެ މިވާހަކަ ދައްކާނެ ގޮތެއްވެސް. އަހަރެންނަށް ވަރަށް ޔަޤީން މިވާހަކަ ބުނާ ވަގުތުން ފެށިގެން ޒާހިދު އަހަރެންގެ މޫނުވެސް ދެކެން ބޭނުން ނުވާނެކަން." ނަޒްލާ އިސް އޮބާލައިގެން ދެއަތުގައި އިނގިލިތަކާއި ކުޅެން ފެށިއެވެ. އެވަގުތު ޒާހިދު ހިނިގަނޑެއް ޖަހާލި އަޑަށް އޭނާ ބަލައިލިއިރު އިނީ ނިކަން ހަމަޖެހޭ މޫޑެއްގައެވެ. "އަހަރެން ނަޒޫއަށް ޔަޤީންކަން ދެން ނަޒޫ ކޮންމެ ވާހަކައެއް ދެއްކިއަސް އަހަރެން ނަޒޫގެ މޫނު ދެކެން ބޭނުން ނުވެއެއް ނުހުންނާނެކަން." ޒާހިދު ރައްދު ދިން ގޮތުން ނަޒްލާގެ ހިތަށް އަސަރު ކުރިއެވެ. ޒާހިދު ކަހަލަ މާތް އިންސާނަކަށް އޭނާ ދޭން މިއުޅެނީ ކިހާބޮޑު ދެރައެއް ހެއްޔެވެ؟ އިސްޖަހައިގެން އޭނާ އިންއިރު އެމޫނުގައިވާ ސީރިއަސް ކުލަވަރުން ޒާހިދުއަށް ވިސްނާލަން މަޖުބޫރުވިއެވެ. ނަޒްލާ އެހާ ސީރިއަސްވެފައި ބުނަން އެއުޅެނީ ބޮޑު ވާހަކައެއްކަން އޭނާގެ ސިކުނޑި އަންގައިދިނެވެ.
"ޒާހިދު ތީ ވަރަށް މާތް މީހެއް. ޒާހިދުގެ ހަޔާތުގެ ބައިވެރިއަކަށް ވާނެ ކުއްޖަކީ ނަސީބުވެރިއެއް. އެކަމާމެދު އަހަރެން ޝައްކެއް ނުކުރަން. އަދި ޒާހިދުގެ އިހުސާންތެރި ކަމަކީ އަހަރެން މުޅި އުމުރު ދުވަހު އަދާކޮށް ނުނިމޭނެ އެއްޗެއް. ޒާހިިދުއަށް ނޫންނަމަ އަަހަރެން ޑިގްރީ ހަދަން ދުށް ހުވަފެން މިއަދު އޮންނާނީ ވިއްސިވިހާލި ވެފަ." ނަޒްލާގެ ވާހަކަ މެދުކަނޑާލީ ޒާހިދު ކުއްލިއަކަށް އަތުގައި ހިފާލުމުންނެވެ. "އޯކޭ... ނައު އައެމް ސްކޭޑް." ނަޒްލާ ބަލައިލުމުން ޒާހިދު ބުނެލިއެވެ. "ޒާހިދު...! އަހަރެން... އަހަރެން މިއުޅެނީ އަވިކްއާ ކައިވެނި ކުރަން." ނަޒްލާގެ ޖުމްލަ ނިމޭއިރަށް ޒާހިދު އޭނާގެ އަތުން ދޫކޮށްލި ގޮތުން ހީވީ ވިހަގަދަ ސުއިއްޕެއް ނަމަވެސް އެއްޗެއްގައި އަތް ލެވިގެން ދުރަށްލި ހެނެވެ. ނަޒްލާ ޒާހިދު ބުނާ އެއްޗެއްގެ އިންތިޒާރުގައި އިންދާ އޭނާ ގޮނޑިން ތެދުވެފައި ހިނގައިގަތީ ދޮރާއި ދިމާއަށެވެ. ކުށްވެރި އިހްސާސްތަކުން ނަޒްލާގެ ދެލޯ ކަރުނުން ފުރުނެވެ. ފުސްވެފައިވާ ދެލޮލުން އޭނާ ޒާހިދު ގޮސް ލޯމަތިން ގެއްލޭންދެން ބަލަން އިނެވެ. އެކަމަކު ބޮލުގައި އޮތް ބުރައިން ބައެއް ލުއި ވެއްޖެއެވެ. ދެން ކުރިމަތިލާން ހުރީ މަންމައެވެ.
ގެއަށް ދިޔައިރު ނަޒްލާ ހީކޮށްގެން ހުރީ ޒާހިދު ފަރާތުން ލައިލާއަށް މިހާރު އެވާހަކަ އިނގޭެނެ ކަމުގައެވެ. އެކަމަކު ލައިލާގެ ފުށުން އޭނާއަށް ތަފާތު އެއްވެސް ކަމެއް ފާހަގައެއް ނުކުރެވުނެވެ. ލައިލާ ކަންތައް ކުރީ ހަމަ ކުރިންވެސް ކުރާ ގޮތަށެވެ. ކުޑަވެސް ކިލަބުކަމެެއް އެމޫނަކުން ނުފެނުނެވެ.
ޖެހިގެން އައި ދުވަހުގެ ނުވައެއް ޖެހިއިރު ނަޒްލާ ހުރީ ސުދާގެ އެޕާޓްމެންޓްގައެވެ. ސުދާގެ ފުށުން އަވިކް އޮފީހަށް ނިކުތް ވާހަކަ އިވުމުން ނަޒްލާ ހުރީ ހައިރާންވެފައެވެ. ސުދާ ހީނާގެ އެހީތެރިކަމާއެކު އެއްޗެހިތައް ޕެކް ކުރުމުގައި އަވަދިނެތި އުޅުނުއިރު ނަޒްލާ އިނީ ސިޓިންރޫމް ސޯފާގައެވެ. އޭނާވެސް އެތާ އިނދެގެން ވެވުނު ވަރަކުން ސުދާއަށް އެހީވަމުން ދިޔައެވެ. ކައިވެނީގެ ރަން ކިޔަން މިކިޔާލްމެން އަންނަކަން އެނގިފައި އޮތުމުން އޭނާގެ ހިތް އޮތީ ތެޅި ތެޅިއެވެ.
"ނަޒްލާ އަދިވެސް މަންމަ ކައިރީ ނުބުނަން ދޯ ކައިވެނީގެ ވާހަކައެއް؟" ސުދާ ވާހަކަދެއްކި އަޑަށް ނަޒްލާ ދިޔައީ ސިއްސައިގެންނެވެ. އޭނާ ހާސްކަމާއެކު ސުދާގެ މޫނަށް ބަލައިލިއެވެ. އެވަގުތު ހީނާވެސް އިނީ ނަޒްލާ ބުނާ އެއްޗެއް ބަލަން ބޭނުން ވެފައެވެ. "އަހަރެން އިއްޔެ ގުޅާލިން. ޞައީދާ ދެއްކި ވާހަކައިން އަހަރެންނަށް އެނގުނު ނަޒްލާ ކައިވެނީގެ ވާހަކަ ނުބުނަނީކަން." ސުދާ އޮޅުންފިލުވައި ދިނެވެ. "ބުނަން ވެގެން އުޅެފިން. އެކަމަކު ބުނަން ނުކެރިގެން. މަންމަ ޤަބޫލެއް ނުވާނެ." ނަޒްލާ މޮޅިވެރި ގޮތަކަށް އިސް ޖަހާލިއެވެ. "މިހާރު އެކަމަކު ބުނަން ލަސްވެސްވެއްޖެ. މަންމަ އަދި ނުޤަބޫލު ވިއަސް މަންމަ ކައިރީ ނުބުނެ މިހާ ބޮޑު ފިޔަވަޅެއް އަޅައިގެން ކަމަކުނުދާނެ. މަންމަ ރުޅި ދެއްކިއަސް އަހަރެންނަށް އިނގޭ މަންމަ ހިތުގެ އަޑިން ނަޒްލާއާއި އަވިކް ގުޅެން ބޭނުން ވާނެކަން. އަހަރެން އެވާހަކަ ނުބުނީ ނަޒްލާ ބުނަން ފުރުސަތު ދޭން ވެގެން. އެގޮތް ރަނގަޅު ވާނީ. ދޭބަލަ ބެލްކަންޏަށް ނިކުމެ ގުޅާލަން." ސުދާ ފަތް ޖަހަން ހުރި އަންނައުނުތައް ބަހައްޓާފައި ނަޒްލާގެ އަތުގައި ހިފާ ބާރުކޮށްލިއެވެ. އެވާހަކައާއި އެއްބަސް ވުމުގެ ގޮތުން ބޯ ޖަހާލައިފައި ނަޒްލާ ތެދުވިއެވެ.
ބެލްކަންޏަށް ނިކުމެ މަންމަ ނަންބަރަށް ޑައިލްކޮށްފައި ކަންފަތުގައި ޖަހާލި ފަހުން ކޮންމެ ރިންގަކާއެކު އޭނާގެ ހިތް އިތުރަށް އަވަސްވިއެވެ. "ހަލޯ މަންމާ. މީ އަހަރެން. ނަޒްލާ." ޞައީދާ ފޯނު ނެގުމާއެކު ނަޒްލާ ތަންކޮޅެއް އަވަސް ރާގަކަށް ބުނެލިއެވެ. "އަހަރެންނަށް އަދި ނަޒްލާގެ އަޑު ފާހަގަ ކުރަން އިނގޭ." ޞައީދާގެ ރާގު ހުރީ މިހާރަކަށް އައިސް އަބަދު ނަޒްލާ އާއި މުޚާތަބު ކުރާ ގޮތަށެވެ. "އަނާންގެ އަޑުތަ އެއިވެނީ. ދޮންދަވެސް އެބައުޅޭތަ ގޭގަ؟" ނަޒްލާ އިތުރު އެއްޗެއް ބުނަން އުޅެނިކޮށް ތުއްތު އަނާން ވާހަކަ ދެއްކި އަޑަށް އަހާލިއެވެ. ޞައީދާ އާއެކޭ ބުނުމުން އޭނާ އެދުނީ ދޮންދައަށްވެސް އިވޭ ގޮތަށް ސްޕީކަރަށް ލުމަށެވެ.
"ނުހާ. މި އެންމެނަށް އަޑު އިވޭހެން ހަދާބަލަ." ޞައީދާ ބުނެލި އަޑު އިވުނެވެ. "ނަޒޫ. ކިހިނެތްތަ؟" ދޮންދަގެ އަޑު އިވުމުން އެވަގުތު ނަޒްލާއަށް އިތުރު ހިތްވަރަކަށް ވިއެވެ. ދޮންދަ އޭނާގެ ނިންމުމާއި ރުހޭނެ ކަމާމެދު ކުޑަވެސް ޝައްކެއް ނެތެވެ. "މަންމާ. ދޮންދާ. އަހަރެން ވަރަށް ބޮޑު ވާހަކައެއް ބުނަން ވެގެން...." ނަޒްލާގެ ޖުމްލަ ނިމުމުން އެކޮޅަށް ވެރިވި ހިމޭންކަން އަންގައިދިނީ އެމީހުން އޭނާގެ ވާހަކަ އަހަން ކެތްމަދުވެފައިވާ މިންވަރެވެ. "އަހަރެން މިއަދު މިއުޅެނީ އަވިކްއާއި އިންނަން ރަންކިޔަން." ނަޒްލާ ހިތްވަރު ކޮށްފައި އިއްވާލިއެވެ. ދެވަނަ ސިކުންތުގައި ޞަޢީދާ ބާރު ބާރަށް ނަޒްލާއޭ ކިޔާ ހަޅޭތްލަވައިގަތުމުން ކަންފަތްވެސް ފަޅައިގެން ނުދިޔައީ ކިރިޔާއެވެ. ވަގުތުން ނަޒްލާގެ ލޮލުން ކަރުނަ އައެވެ. ދެން އިވެން ފެށީ އިނާން ބާރު ބާރަށް ރޮއިގަތުމުން ނުހާ އިނާން މަސަލަސް ކުރަން އުޅޭ އަޑެވެ. މާމަ ރުޅިއައިސް މާ ބާރަށް ހަޅޭތް ލަަވައިގަތުމުން އެކުއްޖާ ބިރުގަތީ ކަންނޭނގެއެވެ.
"މަންމާ އަހަރެން މަންމަ ދޭ ކޮންމެ އަދަބެއް ލިބިގަންނާނަން. އެކަމަކު މިވަގުތު އަހަރެން މިއުޅެނީ ކައިވެނި ކުރަން. މިފަހަރު މިކައިވެނި ނުކޮށްފިއްޔާ އަހަރެން މުޅި އުމުރަށް ޖެހޭނީ ހިތާމަ ކުރަން. އެންމެ ފަހަރަކު މަންމަ އަހަންނާމެދު ފިނި ހިތަކުން ވިސްނާލަބަލަ މަންމާ. ހެޔޮނުވާނެ!" ނަޒްލާ ރޮވިފައިވާ އަޑަކުން ވާހަކަ ދެއްކޭތޯ މަސައްކަތް ކުރިއެވެ. "ނަޒްލާ ކުރާ ކަމެއް ކުރޭ. އަހަންނަށް ހެޔޮ ނަޒްލާ ކޮންމެ ކަމެއް ކުރިއަސް. އެކަމަކު މިވަގުތުން ފެށިގެން މަށަށް މަންމަ ނުކިޔާތި!" ޞައީދާގެ ބޭނުން ވާހަކަތައް އިއްވާފައި ފޯން ކަނޑާލީ ނަޒްލާއަށް އެއްވެސް ފުރުސަތެއް ނުދީއެވެ. ބާރަށް ރޮވެން ފެށުމުން އަނގަމަތީ ހިފަހައްޓާލައިގެން ނަޒްލާއަށް އިށީންދެވުނި ތިރީގައެވެ. ހީނާ އިރުކޮޅަކުން އޭނާ ހޯދަން އައިސް ބަލައިލާފައި އެތެރެއަށް ވަނީ ނަޒްލާ އާއި ކުރިމަތިލާން ނުކެރިގެންނެވެ. ހީނާ ގޮއްސައި ދެން އައީ ސުދާއެވެ.
"ނަޒްލާ!" ސުދާ އިރުކޮޅަކު ބަލަން އިނދެފައި ގޮވާލިއެވެ. ނަޒްލާ ބޯ ހިއްލާލި ވަގުތު އެމޫނު ފެނިފައި ސުދާގެ ހިތަށްވެސް ތަދުވިއެވެ. އޭނާ ގޮނޑި ދުއްވާލައިފައި ގޮސް ނަޒްލާގެ ކައިރިއަށް ހުއްޓުނެވެ. ނަޒްލާ އެވަގުތު ކަރުނަ ފުހެލާފައި ނަޒަރު ހުއްޓާލީ ދުރަށެވެ. "މިކިޔާލްމެން އަތުވެއްޖެ. ކިހިނެތް ހަދަންވީ؟ ނަޒްލާ ބޭނުމިއްޔާ ތަންކޮޅެއް ފަހުން އަންނާށޭ ބުނެވިދާނެ." ސުދާ ލޯއްބާއެކު ނަޒްލާގެ ބޮލުގައި ފިރުމައިލާފައި ވާހަކަދެއްކިއެވެ. "އެމީހުން ކައިރީ ބުނޭ މަޑުކުރާށޭ. އަހަރެން އެބަ ދަން." ނަޒްލާ ޖަވާބު ދިނީ އަދިވެސް ދުރު ބަލަން އިނދެއެވެ.
އޭނާ މޫނު ދޮވެލައިގެން ނިކުތްއިރު މިކިޔާލް އާއި ފަތުހު ތިބީ ސިޓިންރޫމް ސޯފާގައެވެ. ލަސްލަހުން ހިނގާލައިފައި ގޮސް ކައިރިވިތަނާ މިކިޔާލްއަށް ފެނިގެން އަވަހަށް ކުރިމަތީ ހުރި ސޯފާގައި އިށީންނަން އިޝާރާތް ކުރިއެވެ. އެމީހުންނަށް ވަގުތު ދީފައި ސުދާ އާއި ހީނާ ތިބީ އެއްފަރާތަކަށް ޖެހިލައިގެންނެވެ. ނަޒްލާ އައިޑީކާޑް ދިނުމުން ފަތުހު ލިޔަން އިން މީހާ އާއި ހަވާލު ކޮށްފައި މިކިޔާލް ނަޒްލާ އާއި މުޚާތަބު ކޮށް ވާހަކަދެއްކިއެވެ. ސުދާ ހިނިތުންވެލީ މިކިޔާލް ކުރި ސުވާލަށް ނަޒްލާ ޖަވާބުދިން ތަން ބަލަން އިނދެފައެވެ. "މަރުހަބާ ދައްތާ." އެވަގުތު ކައިރީގައި ކޮޅަށް ހުރި ހީނާ ސުދާގެ ކޮނޑުގައި އަތް ބާއްވާލިއެވެ. "ޝުކުރިއްޔާ ހީނާ. އިރާދަ ކުރެއްވިއްޔާ އަހަރެންގެ ހުވަފެން ދެން މި ހަޤީޤަތަކަށް ވީ." ސުދާ ނަޒްލާމެނަށް ބަލަމުން ހީނާގެ އަތްތިލައިގައި މަޑުމަޑުން ހިފާލިއެވެ.
ކައިވެނި ކުރަން އޮތް ދުވަހު ހެނދުނު ސަޔަށް ފަހު ނަޒްލާ ފެށީ ޕެކް ކުރުމުގެ މަސައްކަތެވެ. ސުދާ ގުޅާފައި ބުނެފައި އޮތީ ހެނދުނު އޭނާ އެގެއަށް ބަދަލު ވާން ޖެހޭނެ ވާހަކައެވެ. ބަލައި އަންނަން ވާއިރަށް އޭނާ ޖެހޭނީ ތައްޔާރު ވެގެން ހުންނާށެވެ. ލައިލާ އެނދުން ހިއްލާލިއިރު ނަޒްލާ މަސައްކަތުގައި އުޅޭތަން ފެނުމުން ސުވާލު އުފެދުނެވެ. އެންމެ ކައިރީގައި އުޅުނުއިރު ނަޒްލާ ލައިލާ ކައިރީގައިވެސް ކައިވެނީގެ ވާހަކައެއް ނުދައްކައެވެ.
"ނަޒޫ ތަނަކަށް ދާންތަ ތިއުޅެނީ؟" ލައިލާ އާ ފުރެމުން އައިސް ނަޒްލާގެ ކައިރިއަށް ހުއްޓިފައި އެހިއެވެ. "ހޫމ. މިކޮޓަރިން ނިކުންނަނީ." ނަޒްލާ ލައިލާގެ މޫނަށް ބަލައިލާފައި ޖަވާބު ދިނެވެ. "އެއީ ކީއްވެ. ޒާހިދުބެ އައިސް އެހެން ތަނެއް ހޯދައިދިނީތަ؟" ލައިލާ ކުރިއަށްވުރެ ބޮޑަށް ހައިރާންވިއެވެ. "ޒާހިދު ނުބުނޭތަ އެއްވެސް ވާހަކައެއް؟" ނަޒްލާވެސް ކޮށްލީ ސުވާލެކެވެ. "ހޫމ. އޭނަ އައި ފަހުން އަދި އަހަރެންނާއި ދިމާވެސް ނުވޭ. އެއްފަހަރު ގުޅާފަ ބުނީ ވަރަށް ބިޒީކޮށޭ އުޅެން ޖެހޭނީ. އެހެންވެ ވޯކްޝޮޕް ނިމުނީމައޭ މީޓް ވާނީ. އޭނަ މިތަނަކަށްވެސް ނާދެއެއްނު. ކޮންއިރަކު ނަޒޫއާ މީޓް ކުރީ؟" ލައިލާ އިސްތަށިގަނޑުގައި ހުޅި ޖަހަމުން އެތާހުރި ގޮނޑި އަނބުރާލައިގެން އިށީނެވެ.
"ދެން ސައިބޯންވީއެއްނު. ބުނީމެއްނު މިއަދު މޯނިން ކްލާހެއް އޮންނަ ވާހަކަ. ސައިހަދާފަ ހުންނާނީ." ނަޒްލާ ކުއްލިއަކަށް ވާހަކަ ބަދަލު ކޮށްލިއެވެ. ލައިލާ ބޯ ޖަހާލައިފައި ގޮސް ފާޚާނާއަށް ވަނުމުން އޭނާ ފޮށި ބަންދު ކޮށްފައި އިނީ ފޯނަށް ބަލަހައްޓައިގެން އެނދުގައެވެ. އިރުކޮޅެއް ނުވެ ކޮންމެވެސް މީހަކު ދޮރުފަތުގައި ޓަކި ޖަހާލުމުން ތެދުވެގެން ދޮރު ހުޅުވާފައި ޖެހިލެވުނީ ފަހަތަށެވެ. "ޒާހިދު؟" ނަޒްލާއަށް ބުނެލެވުނެވެ. "ހާދަ ހައިރާންވީ. އެހެން މީހަކަށް އިންތިޒާރު ކުރަނީތަ؟" ޒާހިދު ޖީބުގައި އޮތް އަތް ނަގާފައި ދޮރުގައި ހިފާ ބޮޑަށް ހުޅުވާލަމުން އެތެރެއަށް ވަނެވެ. ނަޒްލާ އެހުރި ގޮތަށް ހުރެފައި އެނބުރިލިއިރު ޒާހިދު ގޮސް އެނދުގައި އިށީންދެލައިފިއެވެ.
"ކޮބާ ލައިލާ؟" ޒާހިދު ވަށައިގެން ބަލައިލާފައި އެހިއެވެ. ނަޒްލާ އަތުން އިޝާރާތް ކޮށްލީ ފާޚާނާއަށެވެ. "ރަނގަޅު. އަހަރެން މިއައީ އަސްލު ނަޒޫ އާއި ބައްދަލު ކުރަން." ޒާހިދުގެ ވާހަކަ އިވުމުން ނަޒްލާގެ ހިތް އަވަސް ވެލިއެވެ. އޭނާ ގޮސް ލިޔާމޭޒު ކައިރީ ހުރި ގޮނޑީގައި އިށީންދެއްޖެއެވެ. "ސޮރީ އަހަރެން ނަޒޫއަށް ޖަވާބެއް ދޭން މިހާ ގިނަ ވަގުތު ނެގީމަ. އެރޭ އަހަރެން އެތަނުން ނިކުމެގެން ދިޔައީ ރަނގަޅަށްވެސް ބަސް ހުސްވެގެން. ބުނާނެ އެއްޗެއް ނޭނގިގެން." ޒާހިދު ބަލައިލިއިރު ނަޒްލާ އިނީ އިސްޖަހައިގެންނެވެ. "އަހަރެން ކޮޓަރިއަށް ގޮސް ވަރަށް ވިސްނިން. ތެދުތެދަށް ބުނަންޏާ މީ އަހަރެން އަންނާނެކަމަށް ހީކުރި ދުވަހެއް. އަހަރެންނަށް އަބަދުވެސް އެނގޭ ނަޒޫ އަހަރެންދެކެ ލޯބި ނުވާކަން. ކިތަންމެ ފަހަރަކު ހިތަށްއެރި ނަޒޫއަށް އެހެންމީހަކު ދެކެ ލޯބި ވެވިއްޖެއްޔާ އަހަރެންނާއި ވަކިވާނެއޭ. އެހެންވެ އަހަރެން އެހާ ހައިރާނެއް ނުވޭ." ޒާހިދު ވާހަކަ ދައްކަދައްކާފައި ހިމޭން ވުމުން ނަޒްލާ އިސްއުފުލާލިއެވެ. "ސޮރީ." ނަޒްލާއަށް އެވަގުތު ބުނާނެ އިތުރު އެއްޗެއް ނޭނގުނެވެ. "ދެން އަޅާނުލާ. އަހަރެންމީ ދުނިޔޭގަ ލޯބި ނުލިބުނު ފުރަތަމަ މީހާއެއް ނޫނެއްނު." ޒާހިދުގެ ތުންފަތަށް ވެރިވި ހިނިތުންވުން އެތައްހާސް ކަރުނައަށްވުރެ އަސަރުގަދައެވެ.
"ކޮންގްރެޓްސް ނަޒޫ. އަހަރެން ދެން ދަނީ." ޒާހިދު ދާންވެގެން ތެދުވިއެވެ. އޭނާ ގޮސް ތަޅުގައި ހިފާލިތަނާ ނަޒްލާ ކުއްލިއަކަށް ގޮވާލުމުން ހުއްޓި ހުރީ ދޮރާއި ކުރިމަތި ލައިގެންނެވެ. "އަހަރެން ކުޑައިރުއްސުރެ ލޯބިވަނީ އަވިކްދެކެ. އެކަމަކު އަހަރެންގެ ހިތުގައި އަވިކްގެ ލޯބި ނެތްނަމަ ކުޑަވެސް ޝައްކެއް ނެތް އަހަރެންގެ ހިތް ޒާހިދުއަށް ލެނބިއްޖައީސް...." ނަޒްލާ އިއްވާލިއެވެ. އޭނާ ބޭނުންވީ އެހިތުން ޒާހިދުއަށްޓަކައި ދެވިފައިވާ އިއްޒަތާއި ހާއްސަކަން އަންގައިދޭށެވެ. އެވަގުތު ޒާހިދު އެހުރި ގޮތަށް ނަޒްލާއަށް ފުރަގަސްދީގެން ހުރެ ބޯ ޖަހައިލާފައި ނިކުމެ ލޮލުން ފޭދުނު ކަރުނަ ތިކި ފުހެލިއެވެ. ދެން އަނެއްކާވެސް ލުއި ހިނިތުންވުމެއް ތުންފަތަށް ވެރި ކޮށްލައިފިއެވެ. ނަޒްލާއަށްޓަކައި އޭނާ އެހުރީ އުފަލުންނެވެ.
"އެހެންވީމަ އަވިކް ލޯބިވާ ކުއްޖަކީ ތީ ދޯ." ފާޚާނާގައި ހުރިހާ ވާހަކައެއް އަހަން ހުރެފައި ނިކުމެ ލައިލާ ބުނެލިއެވެ. ނަޒްލާ ފެންކަޅިވެފައިވާ ލޮލުން ލައިލާއަށް ބަަލއިލާފައި ބޯ ޖަހާލިއެވެ. ދެވަނަ ފަހަރަށް ޓަކި ޖަހާލުމުން އޭނާ ގޮސް ދޮރު ހުޅުވާލިއިރު މިކިޔާލްއެވެ. "ލައިލާ. ތެންކްސް ފޯ އެވްރީތިން. އަހަރެން އުންމީދު ކުރަން ކޮންމެވެސް ދުވަހަކުން ލައިލާ އަހަރެންނަށް މަޢާފު ކުރާނެ ކަމަށް." ނަޒްލާ ސޫޓް ކޭހުގެ އަތްގަނޑުގައި ހިފާފައި އެނބުރި ލައިލާއަށް ބަލައިލިއެވެ. އޭނާ ގޮސް އެދެމީހުންނަށް ބަލަން ތިބި މިކިޔާލް އެދިގެން ސޫޓް ކޭސް ހަވާލު ކޮށްފައި އަތްދަބަސް ހިފައިގެން ނިކުމެ ދޮރު ލައްޕާލިއެވެ.
*****
ކައިރީގައި އުޅުނު ދެ އަންހެން ކުދިން އޭނާ ތައްޔާރު ކޮށްދީފައި ދިއުމުން ނަޒްލާ އިނީ ކޮޓަރިތެރޭގައި އެކަނިވެފައެވެ. ޑްރެސިން ޓޭބަލް ކުރިމަތީ ހުރި ގޮނޑީގައި އިންއިރު އޭނާގެ ނަޒަރު ހުއްޓިފައި ހުރީ އަތުތެރޭ އޮތް ފޯނަށެވެ. އިންތިޒާރު އެކުރަނީ ކާކުގެ ފޯނަކަށް ކަމެއް ޚުދު އޭނާއަކަށްވެސް ނޭނގެއެވެ. އޭނާ ހެނދުނު ގެއަށް އައީއްސުރެ އެންމެ ފަހަރަކު ނޫނީ އަވިކް ފެނި ނުލައެވެ. އެފަހަރުވެސް އަވިކް އަނގައިން ނުބުނެ ދިޔައީ ފޯނެއްގައި ހުރެގެންނެވެ. މެންދުރާއި ހަވީރުގެ ސަޔަށް އޭނާ އިންސާފު ކުރީ ގޭގައި އުޅޭ ކުޑަ ދެއަންހެން ކުދިންނާއެކު ގައެވެ. ދެންތިބި މީހުން އުޅެނީ އެކި ކަންކަމުގައި އަވަދިނެތި ކަންނޭނގެއެވެ.
"މާޝަﷲ...!" ނަޒްލާ ސިހުނީ ފަހަތުން ކޮންމެވެސް އަންހެން ކުއްޖަކު ވާހަކަދެއްކި އަޑަށެވެ. އޭނާ އިރުކޮޅެއް ވަންދެން އިނީ އެއިވުނު އަޑަކީ އޭނާއަށް ހީވި އަޑުކަން ޔަޤީން ކުރަންވެގެން އެނބުރި ނުލައެވެ. އެހެން އިނދެފައި ލޯގަނޑަށް ބަލައިލިއިރު އެއީ ހަމަ އޭނާގެ ހިތް ބުނި ފަދައިން އޭނާގެ ދޮންދައެވެ. "ދޮންދާ! ތިއައީ ދޯ؟" ނަޒްލާ އެތައް އަސަރެއް އެކުލެވިފައިވާ އަޑަކުން ގޮވާލިއެވެ. އެވަގުތު ނުހާ ދުވެލާފައި އައިސް އޭނާގެ ފުރަގަހަށް ހުއްޓި ބޮލުގައި ބޮސްދީފިއެވެ. "އެސްފީނާ ނުޖައްސަވާށި!" ނުހާ އަނެއްކާވެސް ތައުރީފް ކޮށްލީ ނަޒްލާގެ ސިފައަށެވެ. ހުދު ކުލައިގެ ކައިވެނީގެ ހެދުމުގައި ކޮއްކޮ ރީތިކަމުން އޭނާ މުޅިން ހައިރާން ކޮށްލައިފިއެވެ.
"ކޮބާ އެހެން މީހުން؟" ނަޒްލާ ކެތްމަދުވެފައި ބަލައިލީ ދޮރާއި ދިމާއަށެވެ. ނުހާގެ ހިމޭންވީ ކޮއްކޮގެ އެ ހަރަކާތުންނެވެ. "މަންމަ ނާދޭ." ނުހާ މޮޅިވެރި އަޑަކުން އޮޅުންފިލުވައި ދިނެވެ. ނަޒްލާވެސް ދެރަވެގެން އިސްޖަހާލިއެވެ. "އެކަމަކު އިނާން އާއި ޝާއިން ވެއްޖެ ތިރީގައި." ނުހާ ނަޒްލާގެ މޫޑު ބަދަލު ކޮށްލަން ވެގެން ހިނިތުންވެލިއެވެ. އިނާންގެ ވާހަކަ ބުނުމުން ނަޒްލާގެ މޮޅިވެރިކަން ހިނދުކޮޅަކަށް ނަމަވެސް ފިލާއްޖެއެވެ. އޭނާ އަވަހަށް ތިރިއަށް ދާންވެގެން ތެދުވިއެވެ. އެވަގުތު އާޝިމާ އައިސް ދޮރު ކައިރީ ހުރެފައި ކައިވެނި ކުރާ ވަގުތު ޖެހިއްޖެކަން އަންގާލުމުން ނުހާގެ އަތުގައި ހިފައިގެން ކޮޓަރިން ނިކުމެއްޖެއެވެ.
ތިރިއަށް ދިޔައިރު ސިޓިންރޫމްގައި ހުރި މޭޒު ދޮށުގައި ކަރަމްއާއި ފަރޫޝާ އަދި ސުދާއާއި އަވިކްގެ އިތުރުން ދެ ހެކީންނާއި ގާޟީ ތިބީ ނަޒްލާގެ އިންތިޒާރުގައެވެ. ނުހާގެ ފިރިމީހާ އާއި އަނާން އާއެކު ކުޑަ ދެ އަންހެން ކުދީން ތިބީ އެތާހުރި ސޯފާގައެވެ. އޭނާއަށް ހާއްސަ ކުރެވިފައިވާ ގޮނޑިއާއި ހަމައިން ނުހާ ދުރަށް ޖެހިލުމުން ނަޒްލާ އިށިންނަން ވެގެން ބަލާލެވުނީ އިސްޖަހައިގެން އިން އަވިކް އަށެވެ. އޭރު އެހެން އެންމެންގެ ނަޒަރު ހުރީ ނަޒްލާއަށެވެ. ކޮންމެ މީހަކު ހިތާއިހިތުން ނަޒްލާގެ ރީތި ކަމަށް ތައުރީފް ކޮށްލިއެވެ. ނަޒްލާ އިށީންދެފައި އިސާހިތަކު ކައިވެނީގެ ކަންތައް ފެށިއްޖެއެވެ. ގިނައިރެއް ނުވެ އޭނާ އިންތިޒާރު ކުރަމުން އައި އަޑު ކަންފަތުގައި ހަރުލައިފިއެވެ.
"އަނބި ޤަބޫލު ކޮށްފިން." އަވިކް އެޖުމްލަ ބުނެލި ވަގުތު ނަޒްލާއަށް ބޭއިޚުތިޔާރުގައި އެމޫނަށް ބަލައިލެވިއްޖެއެވެ. އެވަގުތު އެދެލޮލަށް ޖަމާވެގެން އައީ އުފާވެރިކަމުގެ ކަރުނަ ތިކިތަކެވެ. މިއޮތް ހުރިހާ ދުވަހު ދެކުނު ހުވަފެން ސީދާވީއެވެ.