ކުށްހީއެއްގައި ބަނދެވިގެން ގޯސް ނިންމުމެއް ނިންމާކަށް ނަޒްލާ ބޭނުމެއް ނުވިއެވެ. އޭނާ ތަޅުގައި ހިފައި މަޑުމަޑުން އަނބުރާލަމުން ދޮރު ހުޅުވާލިއެވެ. އެތެރެއިން ދުށް މަންޒަރާއެކު އަވަހަށް މޫނުގައި ދެއަތް އަޅައި ފޮރުވާލެވުނީއެވެ.
އެދުވަހު ނަޒްލާ ގެއަށް ދިޔަ ފަހުން ފަރޫޝާ ހުންނަނީ އަބަދުވެސް ސިހި ސިހިއެވެ. ކަރަމްވެސް ފަރޫޝާ އާއި ގުޅުން ކަނޑާލައިފިއެވެ. ފަރޫޝާ ނަޒްލާ އާއި ވަކިން ބައްދަލު ކޮށްފައި އެކި ގޮތްގޮތަށް އެވާހަކަ ނުދެއްކުމަށް އިންޒާރު ދިނެވެ. ނަޒްލާވެސް ސުދާ ދައްތައަށް ވާނެ ގޮތް ހިތަށް އަރުވާލައިފައި ހިމޭނުން ހުންނަނީއެވެ. ކަންތައް ވެގެން ދިޔަ ގޮތުން ފަރޫޝާ ހުރިހާ ކަމެއް އަޅުވަނީ ނަޒްލާގެ ބޮލުގައެވެ. އޭނާ ބަލަ ބަލާ ހުރީ ނަޒްލާ އެއްފަރާތަށް ކޮށްލެވޭނެ ފުރުސަތަކަށެވެ. އަވިކް އާއި ނަޒްލާ ކުޑައިރުއްސުރެ ދެއެކުވެރިން ގޮތުގައި އުޅޭތީ އެކަމާއިވެސް އޭނާ ރުޅި އާދެއެވެ. ސުދާ އާއި ސައީދާ ދެބެން ފަދައިން ވާހަކަ ދައްކާތީ އެކަން ހުއްޓުވަން އޭނާ ހިތާއި ހިތުން ރާވައެވެ.
ފަރޫޝާ އިންތިޒާރު ކުރި ރަނުގެ ފުރުސަތު ލިބުނީ ކަރަމް ފުރަން ހަފްތާއަކަށް ވެފަ އޮތްވައެވެ. އީމާއަށް ހަތަރު މަސްވެ ސުދާ އޭރު ހުރީ އެކަނި އުޅެވޭވަރު ވެފައެވެ. އަވިކް ކާން ނައިސްގެން އެކޮޓަރިއަށް ފަރޫޝާ ގޮސް ވަންނަން އުޅެނިކޮށް އިވެން ފެށި ވާހަކައަކުން އޭނާ ސިއްރުން އަޑު އަހަން ހުރީއެވެ. ލޯގަނޑު ކުރިމަތީގައި ސޯޅަ އަހަރުގެ އަވިކް ހުރެގެން ވާހަކަ ދައްކަމުން ދިޔައީ އަމިއްލަ ސޫރަ އާއެވެ.
"ނަޒޫ އަހަރެން މިވާހަކަ ދައްކަން މަސައްކަތް ކުރާތާ ދުވަސްކޮޅެއް ވެއްޖެ. އެކަމަކު ކޮންމެ ފަހަރަކު ނަޒޫ ރުޅި އައިސްދާނެތީ ބުނަން ނުކެރެނީ. ނަޒޫ އަހަންނަކަށް ނޭނގެ ވީ ގޮތެއް. މިފަހަކަށް އައިސް އަހަންނަށް އެހެން ކަހަލަ ގޮތްތަކެއް ވާން ފަށައިފި. އެހެން ފިރިހެން ކުއްޖަކު ނަޒޫއަށް ބަލާކަށް އަހަރެން ބޭނުމެއް ނޫން. އަހަރެން ނޫން ކުއްޖަކާއި ނަޒޫ ވާހަކަ ދައްކާތަން ފެނުމުން ފާޑެއްގެ ރުޅިއެއް އާދެވެނީ. އިރުކޮޅަކުވެސް ނަޒޫ ނުފެނި ހިނގައްޖެއްޔާ މިސްވާން ފަށާ. އަބަދު ބޭނުން ވަނީ ފެންނަ ހިސާބުގައި ހުންނަން. ނަޒޫ އަހަންނަށް ހީވަނީ ނަޒޫދެކެ ލޯބިވެވުނީހެން. ޔެސް.... ރަނގަޅަށް މިބުނެވުނީ. އައި ލަވް ޔޫ.. ނަޒޫ.......!!!" އަވިކް ވާހަކަ ދެއްކީ ކުރިމަތީގައި ނަޒްލާ ހުރިނަމަ ވާހަކަ ދައްކާނެ ގޮތަށެވެ. އޭނާ ތައްޔާރު ވަމުން ދިޔައީ ނަޒްލާ އާއި ބައްދަލު ކޮށްފައި އެގޮތަށް ވާހަކަ ދެއްކުމަށެވެ.
ފަރޫޝާ އިތުރަށް އެންމެ މިނިޓެއްވެސް ނަގާނުލައި ދުވެފައި ގޮސް ކަރަމްގެ ކޮޓަރިއަށް ވަނެވެ. އީމާ އުރައިގެން ކަރަމް އިނދެފައި ކުއްލިއަކަށް ކޮޅަށް ތެދުވިއެވެ. ސުދާ ފެންނާކަށް ނެތެވެ. "ކީއްކުރަން ތިއައީ؟" ކަރަމް ފާޚާނާގެ ދޮރަށް ބަލާލައިފައި މަޑުމަޑުން އަހާލިއެވެ. ފަރޫޝާއަށް އެހަރަކާތުން ވިސްނުނެވެ. ސުދާ ވީ ފާޚާނާގައެވެ. "ހިގާބަލަ ބޭރަށް. ވަރަށް މުހިންމު ވާހަކައެއް ދައްކަންވެގެން." ފަރޫޝާ ކަރަމް އަތުން ތުއްތު އީމާ އަތުލައިފައި ކުޑަ އެނދުގައި ބާއްވައިލިއެވެ. ފަރޫޝާ ކަރަމް އަތުގައި ހިފައިގެން ކޮޓަރިން ނިކުމެފައި ދެކޮޅު ހޯދާލީ އަވިކް ފެންނަން ހުރިތޯއެވެ. "ކޮން ވާހަކައެއް ދައްކަންވެގެންތަ ތިގެނައީ؟" ކަރަމް ފަރޫޝާގެ އަތް ދުރަށް ޖައްސާލައިފައި ސުވާލު ކުރިއެވެ. އޭނާ ހުރީ ސުދާއަށް ނޫނީ ދަރިފުޅަށް ޝައްކެއް ވެދާނެތީ ޖެހިލުންވެފައެވެ.
"ކަމަކުދާކަށް ނެތް. އެއްކަހަލަ ނަޒްލާ އެންމެ ފަހުން އިނގޭތަ ކުރި މޮޅުކަމެއް؟ މިގޭ އަވިކް އޭނާގެ ލޯބީގެ ދަލުގައި ޖައްސައިފި. އަދި އެހެރީއޭ އެމަންޖެ ވާވަރު މިހާރު ލޯބީގެ ޑްރާމާ ކުޅެން ފެށީ. ކަރަމް ގަބޫލު ނުކޮށްފާނެ އެކަމަކު ހުވާކޮށްފަ މިބުނަނީ އަހަރެން ކަންފަތުން އެހިން އެސަޢީދާ ނަޒްލާ ކައިރީ ކިޔާ އަޑު ކޮންމެވެސް ގޮތަކުން އަވިކް ހައްލާލައިގެންނޭ މިގޭގެ މުއްސަދި ކަމުން އެމީހުންނަށް މޮޅެއް ލިބެން އޮތީ. މަށަށްވެސް އަދި ކިރިޔާ އެދުވަހު މިއެނގުނީ އެދެމައިން މިގޭ މީހުންނާއި ގުޅުން ބަދަހިކޮށްގެން އުޅޭ ސަބަބު. އެމީހުން އެއުޅެނީ ކަރަމްގެ ފައިސާގެ ދަހިވެތި ކަމުގައި. އަހަރެންނަށް އެކަން އެނގުނުކަން އެމީހުންނަށް އެނގުނީމަ ސައީދާ އައިސް ބިރުދައްކަން އުޅުނީ. ބުނީ މިކަން މިގޭ މީހަކަށް އަންގައިފިއްޔާ ކަރަމް އާއި އަހަރެންގެ ކަންތައް ސުދާއަށް ފަޅާ އަރުވާލާނަމޭ. ބުނީ ސުދާ އާއި ކަރަމް އެކުގައި އުޅުނަކަ ނުދޭނަމޭ. އެސައީދާވެސް ދައްތަގެ އެއްބަނޑު މީހެއްހެން އެކްޓް ޖެއްސީ. ދައްތަގެ ދިރިއުޅުން ހަލާކު ކޮށްލަން ކަތިފައި ވިއްދާފަ އެހުރީ އެއީ ފޭކް ނޫނީ ދެން ކޯއްޗެއް؟ މަވެސް އެއްޗެއް ނުބުނަން މިހާ ދުވަހު މިކެތްކުރީ. އެކަމަކު ކަންތައްތައް މިގޮތަށް އަވިކްއާއި ހަމައަށް އައީމަ ކެތްނުވީ. އެދެމައިން އަމިއްލަ އެދުން ހާޞިލް ކުރަން ނުދާނެ ހިސާބެއް ފޫނާޅުވާނެ ފާރެއް ނެތް." ފަރޫޝާ ޖެހިލުމެއްވެސް ނެތި ވާހަކަ ހަދައިގެން ކިއެވެ. އަމިއްލަ މަޤްސަދު ކާމިޔާބު ކުރުމަށްޓަކައި ކަރަމްގެ ސިކުނޑި ޒަހަރުން ފުރިއެވެ.
އެވާހަކަތައް އަހާފައި ކަރަމް ބާރުބާރަށް ގެއިން ނިކުމެގެން ދިޔައިރު ފަރޫޝާވެސް ފަހަތުގައި ހުއްޓެވެ. ކަރަމް ގޮސް އެގޭ ދޮރުމައްޗަށް ހުއްޓުނުއިރު ސައީދާ އިނީ ބޮޑު އުނދޯއްޏަށް އަރައި ހެއްލަ ހެއްލާލައެވެ. "ކަރަމް! ކަމަކުތަ ތިއައީ؟ ކޮބާ ސުދާ؟" ސައީދާ އުފާވެރި މޫނަކާއެކު ހިނިތުންވަމުން އުނދޯލި މަޑުކޮށްލާފައި ފޭބިއެވެ. "ކޮބާ ކަލޭގެ އަންހެން ދަރި؟" ކަރަމް ބާރު ބާރަށް އަހައިލުމުން ސައީދާ ސިހުނެވެ. ކޮޓަރީގައި އުޅުނު ނަޒްލާއަށް ކަރަމްގެ އަޑު އިވިގެން އަވަހަށް ބޯދިއްކޮށްލިއެވެ. ނުހާވެސް ބޭރުގައި ހުރެފައި ދުވެފައި އައިސް ނަޒްލާ ކައިރީ ބަލަން ހުއްޓެވެ. "ބުނަން ރަނގަޅު ވާހަކައެއް. ކަލެއާއި ކަލޭގެ އަންހެން ދަރިވެގެން ތިދެކޭ ހުވަފެން ދުވަހަކުވެސް ކާމިޔާބެއް ނުވާނެ. އަވިކްގެ ސިކުނޑި ޅަވީމަ މިވަގުތަށް ހައްލާލެވިދާނެ. އެކަމަކު އަހަރެން އޭނައަށް ވިސްނަދޭނަން. އަހަރެން ބުނެދޭނަން އަވިކްއަށް ހަޤީޤަތް. މިއޮތް ހުރިހާ ދުވަހު އަހަރެންގެ އާއިލާ އާއި ގުޅުން ބަދަހި ކޮށްގެން ކަލޭމެން އުޅުނީ ފައިސާއަށްޓަކައިކަން ކުރިން އެނގުނު ނަމަ މޫނު އަނބުރާލައި މިދިމާއަށް ބަލައިވެސް ނުލީމުސް. އަހަރެން ރުޅި އައީ އެހެންވެއެއްވެސް ނޫން. އަހަރެންގެ އަވިކްގެ ޅަސިކުނޑި އާއި ކުޅެލީމަ. އޭނައަށް އަދި ސޯޅަ އަހަރު. ކިޔަވާ އުމުރު މީ އަވިކްގެ. ކުޑަމިނުން އަމިއްލަ ދަރިފުޅާއިމެދު ވިސްނާލިނަމަ. މިހާ އަވަހަށް ލޯބީގެ ޑްރާމާ ކުޅެން ހަދައިގެން ނަޒްލާގެ ކިއެވުމަށް ވާނީ ކިހިނެތް؟ ފުރަތަމަވެސް ނަޒްލާއަކީ ބޭނުން ހިފޭ މީހަކަށް ހަދާކަށް ނޫންތަ ވީ؟ އެކަމަކު ފައިސާއަށް ދަހިވެތި ވިއަސް ބޮޑުވަރު ތީ. ތިމާގެ ޅަދަރި ބޭނުންކޮށްގެން އަހަރެންގެ އަވިކް ލޯބީގެ ދަލުގައި ޖެއްސިއިރު އަޅެ ލަދެއްވެސް ނުގަނޭތަ؟ ހަމަ ހިލާ އަވިކް އާއި ނަޒްލާ ގުޅުނަކަ ނުދޭނަން. އަވިކް ގުޅޭނީ އޭނަ އާއި އެކަށީގެންވާ ވަރުގެ ކުއްޖަކާއި." ކަރަމްގެ ވާހަކަ އަހާފައި ސައީދާގެ ތިންމައިން ހުއްޓުން އެރި ގޮތަށް ބުނާނެ އެއްޗެއްވެސް ނޭނގިފައި ބަލަން ތިއްބެވެ. ފަރޫޝާ ކަރަމްގެ ފަހަތުގައި ނޫންކަމަށް ހެދިގެން ކުޅިބަލަން ހުރެ ހިތާއި ހިތުން ހިނިތުން ވަމުން ފަހަރަކު މީހެއްގެ މޫނަށް ބަލަމުން ދިޔައެވެ.
ކަރަމްގެ ވާހަކަ ނިންމާފައި ދާންވެގެން އެނބުރިލުމުން ނުހާ އާއި ސައީދާގެ ނަޒަރު ނަޒްލާއަށް ހުއްޓުނެވެ. ދެލޯ ބޮޑުކޮށްގެން ނަޒްލާ ހުރިއިރު ކަރަމްގެ ވާހަކަތަކުން އޭނާއަށް އޮޅުން ނުފިލީ އަވިކްގެ ވާހަކައެވެ. އޭނާ އާއި އަވިކްގެ މެދުގައި އޮތް އެކުވެރި ކަމަށް ކަރަމް އެފަދަ ނަމެއް ދިނީ ކީއްވެކަން ނަޒްލާއަށް ވިސްނާ ވިސްނާ ނޭނގުނެވެ.
"އެއީ ދޮގެއް." ކުއްލިއަކަށް އަވިކްގެ އަޑު އިވިފައި އެންމެން ހައިރާންވިއެވެ. ކަރަމް ދާންވެގެން އެނބުރިލި އިރު އަވިކް ހުރީ ކުރިމަތީގައެވެ. އޭނާ އައީ ނަޒްލާ އާއި ބައްދަލު ކުރަންވެގެންނެވެ. އަޑު ގަދަވެގެން ބައްޕަ އާއި ބޮޑުދައިތަގެ ފުރަގަހުގައި ހުއްޓިލުމުން ކަންފަތަށް އިވުނީ ދުވަހަކު އުންމީދު ނުކުރާ ވާހަކަތަކެކެވެ. "އަވިކް ކީކޭ ތިކިޔަނީ؟" ކަރަމް ރުންކުރު ވެފައި އަހާލިއެވެ. އަވިކް ބައްޕަގެ އަތު ނުޖެހި ދޮރުން ވަދެގެން އައިސް ހުއްޓުނީ ނަޒްލާގެ ކުރިމައްޗަށެވެ. "ބައްޕަ އެބުނީ ދޮގެއް. ނަޒޫގެ އެއްވެސް ކުށެއް ނެތް. ނަޒޫއެއް ނޫން. އަހަރެން ނަޒޫދެކެ ލޯބިވަނީ. އަދި މީ މީހަކު އަހަރެން ލައްވާ ކުރުވި ކަމެއް ނޫން. އަހަރެން އަމިއްލައަށް ބޭނުންވާ ގޮތް. ނަޒޫ އައި ލަވް ޔޫ...." އަވިކް ނަޒްލާގެ މޫނަށް ބަލަން ހުރެގެން ޖެހިލުމެއް ނެތި ހުރިހާ ވާހަކަތައް އިއްވާލިއެވެ. ސައީދާ އާއި ނުހާ ފަދައިން ޚުދު ނަޒްލާއަށްވެސް ލިބުނީ ޝޮކެކެވެ. "ހަމަ މިހާރު ގެއަށް ދާން ހިނގާ. ކަލޭ ދެން މިރަށުގައިވެސް ނުބަހައްޓާނަން." ކަރަމް އެއަޑު އަހާފައި އަވިކް އަތުގައި ހިފައި ދަމަމުން ނިކުމެގެން ދިޔައީއެވެ.
*****
ކޮނޑުގައި ކޮންމެވެސް މީހަކު އަތް ޖައްސައިލުމުން ފަރޫޝާ ސިހިފައި ބަލާލިއިރު ކަރަމް ހުއްޓެވެ. "ކޮންކަމަކަށް ގެއްލިފަ؟ މިހާރު ދާން ވެއްޖެއެއްނު." ކަރަމް އަތުކުރީ އޮތް ގަޑިއަށް ނަޒަރެއް ދީފައި ވާހަކަދެއްކިއެވެ. އަވަހަށް ބޯ ޖަހައިލުމާއެކު އެނދުން ތެދުވި ގޮތަށް އޭނާ އަވަހަށް ފޮޓޯ ލޯގަނޑު މޭގައި ޖައްސައިލީ ކަރަމް ބަލައިލަން އުޅޭހެން ހީވެގެންނެވެ. އެހާ ހަމަޖެހިފައި ކަރަމް ހުއްޓާ ނަޒްލާގެ ސޫރަ ފެނިގެން މޫޑު ހަރާބު ވާކަށް އޭނާ ނޭދެއެވެ. ފަރޫޝާއަށް އެނގެއެވެ. ކަރަމްވެސް ބޭނުން ވާނީ ނަޒްލާގެ ހިޔަނި އަވިކްގެ ހަޔާތަށް ނޭޅުމެވެ. ހިނިތުން ވުމެއް ތުންފަތަށް ވެރިކުރަމުން ތެދުވެ ހިންދެމިލާފައި ފަރޫޝާ ކަރަމްގެ ޓައީ އިތުރަށް ރީތި ކޮށްލަ ދިނެވެ. ދެމަފިރިން ހަލުވިކަމާއެކު ސިޑީގެ ހަރުފަތްތައް ކަޑައްތު ކޮށްފައި ފައިބައިގެން ދިޔައިރު ޑްރައިވަރ ހުރީ ކާރު ނެރެގެން އިންތިޒާރުގައެވެ. ސާހިބު މީހާ ދުރުވާތަން ފެނިގެން އޭނާ އަވަހަށް ދުރަށް ޖެހިލާފައި ފަހަރަކު މީހަކު އިށިންނަން ދޮރުފަތް ހުޅުވާލަދިނެވެ.
އިރުގަނޑެއް ފަހުން ކާރު އެނބުރި އައިސް ގޭޓުން ވަންއިރު އިންތިޒާރުގައި ތިބި ހުރިހާ ނޯކަރުންގެ ލޯތައް އެކާރަށް ހުއްޓުނެވެ. އެކަމަކު އެމީހުން އުންމީދު ކުރި ގޮތާއި ޚިލާފަށް ކަރަމް އާއި ފަރޫޝާ ފިޔަވައި އިތުރު މީހަކު އެކާރަކުން ނުފޭބިއެވެ. ބަހެއް ނުބުނި ނަމަވެސް ސާހިބު މީހާގެ މޫނުމަތީ ފައުޅުވާން ހުރި ހިމޭންކަން އެމީހުނަށް ޖަވާބަކަށް ފުދުނެވެ. އަވިކް މިފަހަރުވެސް ދަތުރު ކެންސަލް ކޮށްލީ ހެއްޔެވެ؟ ސުވާލު ކުރަން ބޭނުންވެފައި ތިބެވެސް އެމީހުން އިޚުތިޔާރު ކުރީ ހިމޭން ކަމެވެ. ނުބައި ދަނޑިވަޅެއްގައި ބުނެވޭ ބަހަކުން ނުބައި ނަތީޖާއެއް ނިކުތުން އޮންނާނީ ގާތުގައެވެ. ވާރޭ ވެހެމުން ދިއުމުން ޑްރައިވަރ ކުޑަ ހުޅުވާލައިފައި ކަރަމްގެ ބޯ ނިވާ ކޮށްދީގެން ގޭގެ ދޮރާއި ހަމައަށް އެކުގައި އައެވެ. އެވާރޭ އާއެކު ކަރަމްގެ އުންމީދުތައްވެސް ދޮވެވިގެން ދިޔަ ފަދަ މާޔޫސްކަމެއް ލޮލުގައި ވިއެވެ. އިތުރު ނޯކަރަކު ކުޑަ ހިފައިގެން ގޮސް ކައިރި ވެލުމުން ފޭބި ފަރޫޝާގެ ކުލަވެސް ވަކިން ރަނގަޅެކޭ ބުނެވޭކަށް ނެތެވެ. އެހާވަރުން އުންމީދު ކޮށްގެން ދިޔައީމާވެސް އެނބުރި އަންނަން ޖެހުނީ ހުސްއަތާއެވެ. މޫނުވެސް ދައްކާނުލައި އަވިކް މަންމަގެ އެޕާޓްމަންޓަށް ހިނގައިދާނެ ކަމަށް އޭނާ ކުޑަކޮށްވެސް އުންމީދެއް ނުކުރެއެވެ.
" ދެން އެކަމާއި މާބޮޑަށް ނުވިސްނާ ދޭ ކޮޓަރިއަށް. އާޝިމާ ކައިރީ ބުނެގެން އަހަރެން ކޮފީއެއް ފޮނުވާނަން. ބާކީ ދެން މިހުރި ކަންތައްތައް ހަމައަކަށް އަޅުވާލަން މިއުޅެނީ. ނަސީބު މެހުމާނުން ނާންނަނިސް މިކަމެއް ވިކަން." ފަރޫޝާ ފެނުގައި އަސަރު ހުރި މޫނު ފުހެމުން ނުހަނު ލޯއްބާއެކު ކަރަމްގެ އަތުގައި ހިފާލައިފައި ވާހަކަދެއްކިއެވެ. އިތުރު އެއްޗެއް ނުބުނެ ކަރަމް ވަގުތުން މައްޗަށް ދާން މިސްރާބު ޖަހައިފިއެވެ. "އަވިކް ސުދާ ކައިރީ ހުއްޓަސް ބައްޕައާއި ބައްދަލު ކުރަން މިގެއަށް އަންނާނެ." ކަރަމް ސިޑީގެ ވަކި ހިސާބަކަށް އެރިފަހުން ފަރޫޝާ ގޮވާލައިފައި ބުނެލިއެވެ. އެނބުރި ބަލަން ހުރެފައި އެވާހަކައަށް ކަރަމް ބޯ ޖަހައިލިއެވެ. އޭނާގެވެސް އުންމީދަކީ އެއީއެވެ. ކަރަމް ލޯމަތިން ގެއްލުމުން އާޝިމާ ހޯދަން ފަރޫޝާ އަވަސްވެގަތެވެ. އެއަށްފަހު، ފޯނުން ގުޅައިގެން ދައުވަތު ކެންސަލް ކުރުމުގެ މަސައްކަތްވެސް ކުރިއަށް ދިޔައީ ސީދާ ފަރޫޝާގެ ބެލުމުގެ ދަށުންނެވެ.
މެދުކެނޑުމެއްނެތި ވެހެމުން ދިޔަ ބޯ ވާރެއާއެކު އެންމެ ފަހުން ވިދާ ގުގުރަންވެސް ފަށައިފިއެވެ. ސިޓިންރޫމް ސޯފާގައި ފޮތެއް ހުޅުވާލައިގެން ސުދާ އިނދެފައި ގެންގުޅޭ ކުއްޖާއަށް ގޮވާލީ ވަޔާއެކު ވާރޭ ފެންތިކިތައް އެތެރެއަށް ވަންނަކަން ފާހަގަ ކުރެވިގެންނެވެ. އެއަޑަށް ހީނާ ދުވަމުން އައިސް ބިއްލޫރި ދޮރުތައް ލައްޕާލައި ފޮތިތައް ދަމާލިއެވެ. ގޭގެ ބެލް ޖަހާލި އަޑަށް ހީނާ އަނެއް ފަރާތަށް އެނބުރިފައި ދޮރާއި ދިމާއަށް ދާން ފެށުމުން ސުދާގެ ނަޒަރުވެސް އެދޮރާއި ދިމާއަށް ދަތުރު ކުރިއެވެ. "ޔެސް؟" ހީނާ އަހާލި އަޑު އިވުނެވެ. ދޮރު ހުޅުވާލި ނަމަވެސް ސުދާއަށް ބޭރުގައި ހުރި މީހަކު ފެންނަވަރެއް ނުވިއެވެ. އެމީހަކު އޭރު ހުރީ އަދި ފާރާއި ނިވާވެފައެވެ. "ސުދާގެ އެޕާޓްމަންޓަކީ މީތަ؟" އެމީހަކު އަހާލި އަޑު އިވުނެވެ. ސުދާގެ ކަންފަތުގައި އެއަޑު ޖެހިފައި މެއަށް ފިނިވެލިއެވެ. ނޭނގޭ އިހްސާސަކުން އޭނާގެ ހިތް އަވަސް ކޮށްލައިފިއެވެ. ފަރުވާވެ އެދިމާއަށް ބަލަން އިންދާ އެމީހަކު ދޮރުމައްޗަށް އެރިއެވެ. ޒުވާނާ ދިގުވެ ހީނާގެ ބޯމަތިންވެސް އެމޫނު ފެންނަން ހުއްޓެވެ. ސުދާގެ ލޯ ޒުވާނާގެ މޫނަށް ހުއްޓިފައި ނެގީ މަދު ސިކުންތު ކޮޅެކެވެ. އޭނާއަށް އަވިކް އެނގިއްޖެއެވެ.
"އަވިކް!" ސުދާގެ ލޮލަށް ގިނަވެގެން އައި ކަރުނަ ތަކާއެކު ބާރަށް ގޮވާލެވުނެވެ. އަވިކްއަށް ޖަވާބު ދޭން ހީނާ ހުރެފައި އެއަޑު އަހައިގެން އެނބުރި ބަލައިލީ ހައިރާންވެފައެވެ. ސުދާއަށް އެމީހަކު އެނގިއްޖެކަން އެނގުމުން ހީނާ އަވަހަށް ވަންނަން ތަންދައްކާފައި އެއްފަރާތަކަށް ޖެހިލިއެވެ. ލިބުނު އުފަލެއްގެ ބޮޑުކަމުން ފުންމައިގެން ތެދުވަން ސުދާ ބޭނުންވިއެވެ. ދުވެފައި ގޮސް ދަރިފުޅުގެ މޫނުގައި ބޮސްދޭން ހިތް އެދި ގޮވައިލިއެވެ. އެހެނަސް... އާހް! އޭނާއަށް ކުރެވުނުހާވެސް ކަމަކީ އަވިކްއާއި ދިމާއަށް އަތް ދިއްކޮށްލުމެވެ.
ލުއި ހިނިތުން ވުމަކާއެކު ކައިރިއަށް އަންނަން ފެށި އަވިކްގެ ބޮލުން ފެށިގެން ފައިގެ ބޮޑުވައި އިނގިއްޔާއި ހަމައަށް ސުދާގެ ނަޒަރު ދަތުރު ކޮށްލިއެވެ. ނުވަ އަހަރު ތެރޭގައި އޭނާގެ ދަރިފުޅު ޒުވާންވެ ފުރިހަމަ ފިރިހެނަކަށް ވެއްޖެއެވެ. އަވިކްގެ ބިއްލޫރި ފަދަ ސާފު ދެލޮލުގައި ޒުވާން ޖޯޝެވެ. އިސްކޮޅާއި އެއްވަރަށް ރޫފަ ރަނގަޅުވެފައި އެހަށިގަނޑު ވަރުގަދައެވެ. ފަން، ކަޅު އިސްތަށިގަނޑު ކުރުކޮށް ކޮށާލައިފައި އޮތް ގޮތުން އެހާމެ ޝާހީ ގޮތެއް ހުއްޓެވެ. ކުރު ގޮތަކަށް ބުނާނަމަ ދިވެހި ފިރިހެނުންގެ ތެރޭގައި ނަގާކިޔާލެވޭ ފަދަ ރީތި ފިރިހެނެކެވެ.
"މަންމާ!" އަވިކް އައި ގޮތަށް އައިސް ސުދާގެ ކައިރީގައި ކުޑަކަކޫ ޖަހާލައިގެން އިށިންދެއްޖެއެވެ. މަންމަގެ އަތުގައި ހިފާލެވުމުން ފުރަތަމަވެސް ގެނެސް ތުންފަތް ޖައްސާލިއެވެ. ސުދާ އޭރު ވާހަކަ ދައްކަން އުދަނގޫވެގެން އަނެއް އަތުން އަވިކްގެ ބޮލުގައި ފިރުމަނީއެވެ. "މަންމާ." އަވިކްއަށްވެސް ވީ އެވަރެވެ. އެހާ ދުވަސް ފަހުން ބައްދަލު ވުމުން ދައްކާނެ ވާހަކައެއްވެސް ހަނދާނަކަށް ނައެވެ. ބޭނުންވީ ޅަކުއްޖެއް ފަދައިން މަންމަގެ އުނގުގައި ބޯ އަޅާލުމަށެވެ. އެދެއަތުގައި ހިމާޔަތުގައި އޮވެ ނިދާލުމަށެވެ. "މަންމަ ހާދަ އުފާވެއްޖޭ. ހާދަ އުފާވެއްޖޭ ދަރިފުޅު އައީމަ. ދެން ދުވަހަކުވެސް މަންމަ ދޫކޮށްލާފަ ނުދާތި!" ސުދާގެ ލޮލުން ފައިބަމުން ދިޔަ ކަރުނަތަކާއެކު އަވިކްގެ މޫނުގައި ދެއަތުން ހިފަހައްޓާލުމަށްފަހު އެނިތުގައި ދެތިން ފަހަރު ބޮސްދިނެވެ. ކަރުނަ ގިނަވެފައިވާ ދެލޮލުން މަންމަ އާއި ހަތަރުކަޅި ހަމަކޮށްގެން އިނދެފައި އަވިކް އަވަހަށް ބޯ ޖަހާލީ ކޮށްފައި ހުރި ފުން އަސަރަކުންނެވެ. މިވަގުތު މަންމަ ބުނެފިނަމަ އޭނާ ކޮންމެ ފަދަ ކަމެއްވެސް ކޮށްފާނެއެވެ. "ދެން ނުދާނަން މަންމަ ދޫކޮށްފައެއް. އެއްތާކަށްވެސް ނުދާނަން. އައި ޕްރޮމިސް." އަވިކް ހިތްވަރުގަދަ ފިރިހެނަކު ފަދައިން އެވަގުތުވެސް ހިނިތުންވެލިއެވެ. ކަރުނަތައް ކޯތާފަތްމައްޗަށް ފައިބައިފާނެ ކަމުގެ ބިރުގައި އޭނާ ތުންފަތުގައި ދަތް އަޅާލައިގެން ކޮންޓްރޯލް ހޯދިއެވެ. މަންމަގެ އުނގުގައި ބޯ އަޅާލައިގެން އޮވެ ލޯމަރާލުމުން އެމަންމަގެ އަތުގެ އިނގިލިތައް ބޮލުގެ އިސްތަށިގަނޑު ތެރޭ ހަރަކާތް ކުރަން ފެށި ގޮތުން ހުރިހާ އުދާސްކަމެއް އުދުއްސާލި ކަހަލައެވެ.
"ކިހިނެތް މިތަނަށް އަންނަން އެނގުނީ؟ ބައްޕަ ބުނީތަ؟" ދެމައިންގެ ހިތުތެރޭ އުތުރި އެރި ތޫފާން މައިތިރިވެ ހިމޭންވިފަހުން ސުދާ ވާހަކަ ދެއްކިއެވެ. އަވިލް ލޯ ހުޅުވައިލީ އެއަޑަށެވެ. އަދި ލަސްލަހުން ބޯ ހިއްލައިލާފައި ތެދުވެ މަންމަ ކައިރީ ސޯފާގައި އިށީންދެއްޖެއެވެ. "މަންމަ ކީއްވެ އަހަރެންނަށް ސިއްރު ކުރީ؟" އަވިކްއަށް މަންމަގެ ސުވާލު މުހިންމެއް ނުވިއެވެ. ޖަވާބުގައި އޭނާވެސް އެމަންމަ އާއި ކޮށްލީ ސުވާލެކެވެ. "ކޮންކަމެއް؟" ސުދާގެ މޫނުން ހައިރާންކަމެއް ނުފެނެއެވެ. އަވިކް އެބުނި އެއްޗެއް އޭނާއަށް ރަނގަޅަށް ދޭހަ ވެއްޖެއެވެ. ދެރަވެގެން ތުންފަތުގައި ދަތް އަޅާލެވުނީ އެހެންވެއެެވެ. "ކީއްވެ އަހަރެންނަށް ނޭންގީ؟ އެންމެ ފަހަރަކު ބުނެލިނަމަ. ހަމަ އެންމެފަހަރަކު ބުނެލާއިރަށް އަހަރެން ހުންނާނީ މަންމަގެ އެންމެ ކައިރީގައި. މަންމަ އުޅެނީ މިހާލުގައި ކަން ކުރިން އެނގުނު ނަމަ އަހަރެން އެނބުރި އަންނަން މިހާ ދުވަހެއް ނުނެގީސް." އަވިކް މޮޅިވެފައި އިނދެގެން ޝަކުވާ ކުރިއެވެ. އަމިއްލަ ނިންމުމާމެދު އޭނާ މިހާރު ހިތާމަ ކުރަން ފަށައިފިއެވެ. "އެހެންވެ މަންމަ ސިއްރު ކުރީ. ދަރިފުޅަށް އެނގިގެން ހުރިހާ ކަމެއް ދޫކޮށްލައިފަ އަތުވެދާނެތީ. ބައްޕަގެ އަނގަ ބަންދު ކުރި މީހަކީ ހަމަ މިމަންމަ. މަންމަ ހަނދާން އެބަހުރި އެންމެ ފުރަތަމަ ދަރިފުޅު ދާންވެގެން އުޅުނު ދުވަހު ވީ ގޮތް. އިނގޭ ދަރިފުޅުގެ ބޭނުމަކީ އާއިލާގެ މައްސަލަގަނޑާއި ދުރަށް ދިއުންކަން. އެހެންވެ އިތުރު ހާސްކަމެއް ދަރިފުޅަށް ދޭން މަންމަ ބޭނުން ނުވީ." ސުދާ ރޮވިފައިވާ އަޑަކުން ވާހަކަ ދައްކަމުން އަވިކްގެ އަތަށް ބާރު ކޮށްލިއެވެ. ދެއިނގިލިން ނިތަށް ބާރު ކޮށްލަމުން އަވިކް އަނެއް ފަރާތަށް މޫނު އަނބުރާލީ ހިތަށް ކުރި އަސަރަކުންނެވެ. މަންމަގެ ވާހަކަތަކުން އޭނާ ރޮއްވާލައިފިއެވެ. އެކަމަކު ލޮލުން ވެއްޓުނު ކަރުނަތިކި ފޭދިގަތުމުގެ ކުރީން އަވަހަށް ބޮޑުވައި އިނގިލީގެ އެހީގައި ނެތި ކޮށްލިއެވެ.
"ދެން އިހަށް މިވަގުތު ތިވާހަކަ ހުއްޓާލާފަ ހިނގާ ކާން. ބަނޑުހައިވެސް ވެފައެއްނު ހުންނާނީ. ކައިގެން ނިދާލައިފަ މާދަމާ ހެނދުނުން ދެން ވާހަކަ ދައްކާނީ." ސުދާ ނުހަނު ލޯއްބާއެކު އަވިކް ހަމައަކަށް އަޅުވަން ވެގެން ބުނެލިއެވެ. އެމޫނުގައި ހިފާ މަގަތަށް އަނބުރާލުމުން އަވިކް ހަތަރުކަޅި ހަމަކޮށްލާފައި ބޯ ޖަހައިލިއެވެ. ސުދާގެ އެދުމަށް ހީނާ ކޮޓަރި ތައްޔާރު ކުރަން ދިއުމުން އަވިކް މަންމަ އުފުލާލައިގެން ގެންގޮސް އެއްފަރާތުގައި ހުރި ފުރޮޅުލީ ގޮނޑީގައި ބޭންދިއެވެ. ދެމައިން ވާހަކަ ދައްކަމުން ގޮސް ވަނީ ކާކޮޓަރިއަށެވެ. ހީނާ އޭރު ހުރީ ކާން ހަދައިފައެވެ.
"ކީއްކުރަން އޭނައަށް ތިގޮވަނީ؟" މޭޒުދޮށުގައި ތިބެފައި ސުދާ ހީނާއަށް ގޮވައިލުމުން އަވިކް އެހިއެވެ. "ފެންފުޅިއެއް ނެތެއްނު ނަގާފައެއް. ހީނާ ކައިރީ އަބަދު ކިޔާއިރުވެސް ހަނދާނެއް ނުހުންނާނެ." ސުދާ ޖަވާބުދިނެވެ. "ކަމްއޯން މަންމާ. އަހަރެން މިހުރީއެއްނު. އަހަރެން ހުއްޓާ މަންމަ ދެން ނުޖެހޭނެ ކުޑަ ކޮންމެ ކަމެއް ކުރަން އެހެން މީހުންގެ އެހީ ހޯދާކަށް." އަވިކް ނުހަނު ލޯއްބާއެކު މޭޒުމަތީ އޮތް މަންމަގެ އަތްތިލައަށް ބާރު ކޮށްލައިފައި ތެދުވިއެވެ. ފެންފުޅި ނަގައިގެން އައިސް ދެތައްޓަށް އަޅައި ފުރާލައިފައި ދެމީހުންގެ މަގަތަށް ޖައްސާލިތަން ބަލަން ސުދާ އިނީ އަނެއްކާވެސް ފެންކަޅި ވެފައެވެ.
ކެއުން ނިންމާފައި ސުދާ ނިދަން ބޭނުން ވާހަކަ ބުނި ހިސާބުން ހީނާ އާއި ހަވާލު ކޮށްފައި އަވިކް ވަނީ ކޮޓަރިއަށެވެ. ދެއުކުޅުގައި އަތް ވިދެލައިގެން އޭނާ ހުރީ ވަށައިގެން ލޯ ހިންގާލުމުގައެވެ. އިރުކޮޅެއް ނުވެ ކައިރީގައި ހުރި ކިންގް ސައިޒް އެނދަށް އުއްޑުން ވެއްޓިގެންފިއެވެ. މާހައުލު ކިތަންމެ ފިނިކޮށް އޮތަސް ފެންވަރާ ތާޒާ ވެލުމުގެ އެދުން އޭނާގެ ހިތުގައި ހިނގާލިއެވެ. އޭރުން ގައިމު ނިދަންވެސް ފަސޭހަ ވާނެއެވެ. މިހާ ވިއްސާރައިގައި ދެން ބޭރަށް ނިކުތުގެ މާނައެއް އޮތް ކަމަކަށް އަވިކްއަކަށް ނުވިސްނުނެވެ.
ފާޚާނާގެ ދޮރު ހުޅުވާލައިފައި ވަން އަވިކްގެ ފުރަތަމަ މިސްރާބަކަށް ވީ ސްޓީމް ރޫމެވެ. އެތެރެ އެގޭ ގޮތަށް ހުރި ބިއްލޫރި ގޮޅީގެ އެތެރޭގައި ހުއްޓި ހުރެ ސްޓީމް މެޝިން އޮން ކޮށްލުމާއެކު އިރުކޮޅެއް ނުވެ އާވިން ހަށިގަނޑު އުދާސް ކޮށްލިއެވެ. ދެން ނިކުމެ މާގަނޑު ދޫކޮށްލައިގެން ހުއްޓުމުން ފިނިފެންތައް ގައިގައި ބީހިފައި އަރާމުކަމުން އެހެންފަދަ ކަމެކެވެ. އެކަމަކު ނިދަން ވެގެން އެނދަށް އެރުމުން އަނެއްކާވެސް އޮތީ ގޯސްވެފައެވެ. އެނދުގައި އޮވެ ފޫހިވެގެން އަވިކް ސައިޑު ޓޭބަލް މަތީ ހުރި ކޯޑްލެސް ފޯނު ނަގާފައި ނާޝިފްއަށް ގުޅާލިއެވެ. އޮސްޓްރޭލިޔާގައި ދިރިއުޅޭ ނާޝިފްގެ އާއިލާމީހުން ކައިރިއަށް ކުރި ޒިޔާރަތުގައި އޭނާ އާއި ބައްދަލު ނުކުރިނަމަ އަވިކް މިއަދުވެސް ހުންނާނީ އެކޮޅުގައެވެ.
މޫސުމުގެ ފުރަތަމަ ވިއްސާރައަށްފަހު ގަސްތަކުން ހިރަފުސް ދޮވެވި ފެންނަނީ ފެހިކަން ގަދަ ގޮތެއްގައެވެ. ބިންގަނޑު ތެމިފައި އޮތުމުން ފިނިކަމެއް މާހައުލުގައި ހިފާފައި ހުއްޓެވެ. ޖެހިލާ ލުއި ރޯޅިތައްވެސް އެހާމެ ނަލައެވެ. އާދައިގެ މަތިން ހެނދުނު ހެނދުނާ ނަޒްލާ ތައްޔާރު ވެގެން ގެއިން ނިކުތެވެ. ފާރާއި ކައިރީގައި ހުރެގެން ހިނގަމުން ދިޔައިރު ކުރިމަތިން ބައްދަލުވާ ކޮންމެ މީހަކަށް އިސްވެ ހިނިތުންވުމެއް ހަދިޔާ ކޮށްލައެވެ. އަދި އެއިން ކޮންމެ މީހަކުވެސް ހަމަ އެފަދަ ހިތްހެޔޮ ހިނިތުންވުމެއް ނަޒްލާއަށް ރައްދު ކުރެއެވެ. ސުކޫލް ގޯތިތެރެއަށް އޭނާއަށް ވަދެވުނު އިރު ދަތި ހިފައިގެން ގަސްކޮށަން ހުރި މަސައްކަތު މީހާއާއި ވާހަކަދައްކަން ޒާހިދު ހުއްޓެވެ. ނަޒްލާގެ ތާޒާ މޫނަށް ހިސާބެއްގެ ނުތަނަވަސްކަމެއް ވެރިވި ނަމަވެސް ޒާހިދު ބަލައިލި އިރަށް ލުއިކޮށް ހިނިތުންވެލައިފިއެވެ.
"ރޭގައި ހާދަ ވަރަކަށް ވިއްސާރަ ކުރިއޭ ދޯ. އެނގުނުތަ؟" މަސައްކަތު މީހާއާއި ދައްކަން ހުރި ވާހަކަ އެހިސާބުން މެދުކަނޑާލުމަށްފަހު ނަޒްލާ ހަމަ ވުމުން އެކުގައި ހިނގައިގެންފައި ޒާހިދު ފެށިއެވެ. "ހޫމ.." ނަޒްލާ ހަމައެކަނި ބުނެލިއެވެ. "ތިކުލަ ވަރަށް ގުޅޭ." އިރުކޮޅެއް ނުވެ ޒާހިދު އަނެއްކާ ވާހަކަދެއްކިއެވެ. ނަޒްލާ ކުއްލިއަކަށް ޒާހިދުގެ މޫނަށް ބަލާލިއެވެ. "ތޭންކްސް." އުނދަގުލުން ނަޒްލާ ޝުކުރު އަދާ ކުރިއެވެ. ސްޓާފް ރޫމާއި ހަމައަށް ދެވުމުން އޭނާ ބެލީ އަވަހަށް އެތެރެއަށް ވަދެވޭތޯއެވެ. މޭޒު ކައިރިއަށް ގޮސް އިށީންދެފައި އޭނާ އިސްއުފުލާލިއިރު ޒާހިދު ބަލަހައްޓައިގެން ހުރީ ދޮރުކައިރީ މަޑުކޮށްލި ގޮތަށެވެ. ނަޒްލާއަށް ފެނުމުން ލުއި ހިނިތުންވުމަކާއެކު އެތެރެއަށް ވަދެފައި އޭނާ ކުރިމަތިން ހުރަސްކޮށް ގޮސް ޕްރިންސިޕަލްއަށް ހާއްސަ ކެބިންއަށް ވަދެ ދޮރު ލައްޕާލައިފިއެވެ. ނަޒްލާއަށް ހަމަޖެހުމުގެ ނޭވައެއް ލެވުނީ ދެނެވެ. "ހާދަ ލޯބި ހެދުމެއް." އެވަގުތު މުއުމިނާ ވަދެގެން އައިސް ޖެހިގެން ހުރި މޭޒު ކައިރިއަށް ހުއްޓިފައި ބުނެލިއެވެ. "މޫމިވެސްތަ؟" ނަޒްލާ ފާޑަކަށް ތުންކޮޅު ހަދާލިއެވެ. "އައްދެ! ކިހިނެތް ތިވީ؟ ލޯބި ވާހަކަ ބުނާއިރަށް ކޮން ރުޅިއެއް ތިއައީ؟" މުއުމިނާ ހީގެންފައި ސުވާލު ކުރިއެވެ. "ޒާހިދުވެސް ބުނެފި ރަތްކުލަ އަހަރެންނާ ގުޅެނީއޯ." ނަޒްލާ ކިޔައިދިނެވެ. "އޯހ. އެހެން ދޯ މިވީ." މުއިމިނާއަށް ނަޒްލާ ޒާހިދުއާއި ގަޔާ ނުވާކަން އެނގޭތީ އެހިސާބަށް ބުނާއިރަށް އޮޅުން ފިލައިފިއެވެ.