ލައްމާހު ގޮވާލުމުން އަވިކް ހިނިތުންވެލައިފައި އެންމެންެގެ މޫނަށް ހިންގާލި ނަޒަރު ގަނޑުވީ ނަޒްލާ އާއި ހަމައިންނެވެ. ބުދެއްހެން ދެލޯ ބޮޑުވެފައި އިން ނަޒްލާ ކުއްލިއަކަށް ކޮށި އަރައި ކެއްސައިގެން އަޑަށް އެހެން އެންމެންވެސް އޭނާއަށް ބަލާލައިފިއެވެ. ކޮންޓްރޯލް ކުރަންވެގެން ނަޒްލާ ދެ ތުންފަތް ލައްޕާ ބާރު ކޮށްލުމުންވެސް ކެއްސުންވަރު މައިތިރިވާ ގޮތެއް ނުވެއެވެ. އެހެން ހެނދުމުން އުދަނގޫ އިތުރުވެ އެދެލޯ ކަރުނުން ފުރުނެވެ. ލޭނާރުތައް ހިލި ރަތް ކުލަ އަރަން ސިކުންތެއްވެސް ނުނެގިއެވެ. "ނަޒްލާ! ފެން!" ރިދީ އަވަހަށް ކައިރީގައި ހުރި ފެންތަށި ނަގާފައި ނަޒްލާއަށް ދިއްކޮށްލިއެވެ. ފެންތަށީގައި ނަޒްލާ ހިފާފައި އަނެއްކާ ބޮޑަށް ކެއްސައި ގަތުމުގެ ސަބަބުން ފެންތަށިވެސް އަތުން ދޫވެގެން ތިރިއަށް ދިޔައެވެ. 

"ނަޒޫ!" އެވަގުތު އެތަށި ވެއްޓި ތިރީގައި ޖެހިފައި ކުދި ކުދިވި އަޑާއެކު އެހެން އަޑެއްވެސް އެތަނުގައި ގުގުމާލިއެވެ. އެންމެން ބަލަން ފެށުމުން ހާސްކަން ފޮރުވާނެ ގޮތެއް ނޭނގިގެން އަވިކް އަވަހަށް ދުރު ބަލާލައިފިއެވެ. މުށްކަކަވާލެވުނު އަތްތިލަ އޭނާ ކޮށްޕައިލީ ޖީބަށެވެ. އެވަގުތު ނަޒްލާ ފުންމައިގެން ތެދުވެފައި އަނގަމަތީ އަތް އަޅާލައިގެން ދުއްވައިގަތީ ދުރުގައި ފެންނަން ހުރި ރެސްޓް ރޫމާއި ދިމާއަށެވެ. އޭނާގެ ފަހަތުން ރިދީ ތެދުވުމުން ޒުލްފާއަށްވެސް ފާޑަކަށް މަޖުބޫރުވެގެން އެދެމީހުން ފަހަތުން ދިޔައެވެ. 

"އޭ އަހަރުމެން ދެން ގޮސްލަނީ އިނގޭ. ވަރަށް ގިނައިރުވެއްޖެ މިކޮޅުގައި ތިބޭތާ." އަވިކް ނިތުގައި އަނެއް އަތުން ހިފަހައްޓާލައިފައި ތިރިކޮށްލި ގޮތަށް އެއަތްވެސް ޖީބަށް ކޮށްޕައިލިއެވެ. މިކިޔާލް ކައިރީގައި ހުރެފައި ހިނިތުންވެލީ އަވިކްގެ އެވާހަކައަށް އިތުރު އެއްބާރުލުން ދިނުމުގެ ގޮތުންނެވެ. ފަތުހުމެން ބޯ ޖަހާލިތަން ދެކެފައި ދެޒުވާނުން ހަރުކޮށް ހިނގާފައި ގޮސް ބޭރަށް ނިކުމެއްޖެއެވެ.

"ވިކް! އަހަރެން ކުރިން ބުނިން ދޯ އެކުއްޖާ އާއި ވިކްގެ އޮތީ ކޮން ގުޅެއްކަން އޮޅުން ފިލުވާކަށް އިންޓްރެސްޓެއް ނެތޭ. އެކަމަކު ދެންމެ މިފެނުނު މަންޒަރަކުން ހިޔާލު ބަދަލުވެއްޖެ. ބަލާބަ ވިކްގެ މޫނު ފެނުނުއިރަށް އެކުއްޖާއަށް ވީވަރު. އަހަންނަށް ޔަޤީން އާދައިގެ ކަމެއް ނޫންކަން ތިދެމީހުން މެދުގަ ހިނގީ. ކިޔައިދީބަލަ އަހަރެންނަށް!" ކާރަށް އަރައިފައި މިކިޔާލް ފެށްޓިއެވެ. އޭނާ ބަލާލިއިރު އަވިކް ހުންގާނަށް ބާރު ކޮށްލައިގެން އިނީ ވިސްނުމަކަށް ގެއްލިފައި އިންފަދަ ގޮތަކަށެވެ. އެކަމަކު އޭނާ ވާހަކަ ދެއްކި އަޑަށް މޫނު އަނބުރާލައިފައި ބަލާލިއެވެ. "ނޭނގުނިއްޔާ ރަނގަޅު ވާނީ." އަވިކް އަސަރެއްނެތް ޖަވާބަކާއެކު ކާރު ސްޓާޓް ކޮށްލިއެވެ. "އުހު ތިހެން ހަދައިގެން ކަމަކު ނުދާނެ. އައި ނީޑް ޓު ނޯ." މިކިޔާލް އިނީ ގޮތްދޫ ކުރާ ގޮތަކަށް ނޫނެވެ. "ރިލޭކްސް މޭން. ތި ހީކުރާ ކަހަލަ އެއްވެސް ކަމެއް އަހަރެމެން މެދުގަ ނުހިނގައޭ." އަވިކް ކުއްލިއަކަށް މޫޑު ބަދަލު ކޮށްލާފައި ހީލިއެވެ. އެހިސާބުން މިކިޔާލް ތުންފަތަށްވެސް ހިނިތުން ވުމެއް ވެރިވެއްޖެއެވެ.

ޒުލްފާއަށް ދެވުނުއިރު ރިދީ އެތަނުން ފާޚާނާއެއްގެ ދޮރުކައިރީ ހުރެގެން ނަޒްލާއަށް ގޮވަމުން ދިޔައެވެ. ނަޒްލާ ހޮޑުލާ އަޑު އިވުމުން އަނގަޔަށް ގޮތެއް ހަދާލައިފައި އޭނާ ހުއްޓުނީ އިސްކުރު ބަރި ކައިރިއަށެވެ. ޕާސް ބާއްވާލައިފައި އޭނާ އިސްކުރު ދޫކޮށްލައިގެން އަތް ދޮވެލިއެވެ. އަދި ޕާސްތެރެއިން ލިޕްސްޓިކް ނަގައި އަދިވެސް ބޮޑަށް ތުންފަތުގެ ކުލަ ރީތިކޮށްލިއެވެ. އިރުކޮޅަކުން ފާޚާނާގެ ދޮރު ހުޅުވުނު އަޑަށް އަވަހަށް އެދިމާއަށް ބަލާލައިފިއެވެ. "ނަޒްލާ! ޔޫ އޯކޭ؟" ރިދީއަށް ނަޒްލާގެ މިލާފައިވާ މޫނު ފެނިގެން ހާސްކަމާއެކު އަހާލެވުނެވެ. އެދެލޯ އެކަނި ދެކެފައިވެސް ހަމްދަރްދީން ހިތް ފުރޭހާވެއެވެ. ނަޒްލާ ބޯ ޖަހާލައިފައި އައިސް ޒުލްފާގެ ކައިރިއަށް ހުއްޓިއްޖެއެވެ. "ތޭންކްސް." ރިދީވެސް ގޮސް ނަޒްލާގެ އަނެއްފަރާތުގައި ހުއްޓިލުމުން ނަޒްލާ ޝުކުރު އަދާކުރީ ލޯގަނޑަށް ބަލަން ހުރެފައެވެ. ނަޒްލާ މޫނު ދޮވެ ހިއްކާލިތަން ބަލަން ހުރެފައި ރިދީ އޭނާގެ ހުޅިގަނޑު ނިއުޅާލިއެވެ. "މިހާރު މާރަނގަޅު." ނަޒްލާ ހައިރާންކަމާއެކު ބަލައިލުމުން ރިދީ ހިނިތުންވެލިއެވެ. ޒުލްފާ އެވަގުތުވެސް ނޭފަތް އޫކޮށްލިއެވެ.

ތިން އަންހެން ކުދިން އެނބުރި އައިސް ގިނައިރެއް ނުވެ އެމީހުން ކެއުން ނިންމާފައި ރެސްޓޯރެންޓުން ނިކުތެވެ. ނަޒްލާ ފައިމަގުގައި ހިނގާލައިފައި ގޮސް ގެއަށް ވަންއިރު ސަމާ ކާން އިނީ ސިޓިންރޫމްގައެވެ. "ކޮބާ ކިހިނެތް ޑިނަރ ދިޔައީ؟ މަޖާތަ؟" ސަމާއަށް ނަޒްލާ ފެނިގެން ފުރަތަމަވެސް އަހާލިއެވެ. ލުއި ހިނިތުން ވުމަކާއެކު ބޯ ޖަހާލައިފައި ނަޒްލާ ވަނީ ކޮޓަރިއަށެވެ. ދަބަސް މޭޒުމައްޗަށް ދޫކޮށްލައިފައި އޭނާ ގޮސް އުއްޑުން އެނދުމައްޗަށް ވެއްޓިގެންފިއެވެ. ލޯ މަރާލުމުން ހިތަށް ސިފަ ވެގެން ދިޔައީ އަނެއްކާވެސް ރެސްޓޯރެންޓް ތެރޭ ހިނގާ ދިޔަ ހާދިސާއެވެ. ބިއްލޫރި ތަށި ވެއްޓުނު ވަގުތު އަވިކް ގޮވާލި ގޮތް އޭނާގެ ކަންފަތުގައި ގުގުމާލުމުން އިޚުތިޔާރެއްނެތި ދެކަންފަތުގައި އަތް އަޅާލެވުނެވެ. އަދި އެވަގުތު އެތާ ތިބި އެހެން މީހުންގެ މޫނަށް އެރި ކުލަވަރު ހިތް ހާސްކޮށްލިއެވެ. އެމީހުންނަށް އޭނާ އާއި އަވިކްެގެ ގުޅުން އެނގިއްޖެއްޔާ ވާނެ ގޮތެއްވެސް ނޭނގެއެވެ. ތަޤްދީރުވެސް އެކި ފަހަރު ދައްކަނީ އެކި ކުލައެވެ. އޭނާ އެސޫރައެއް ދެކޭ ހިތުން ކުރި އިންތިޒާރަށް ނިމުމެއް ގެނައީ ނުވަ އަހަރު ފަހުންނެވެ. އެކަމަކު މިއަދު އޭނާ އެމާޒީ ހަނދާން ނައްތާލަން ނިންމުމުން އަލުން އައިސް ލޯ ކުރިމަތީ އެނބުރެން ފެށީއެވެ. އެއް އޮފީހެއްގައި އަވިކްގެ ދަށުގައި މަސައްކަތް ކުރާއިރު ދުވާލަކު ކިތައް ފަހަރު އޭނާއަށް އެސޫރަ ދެކެން ޖެހޭނެ ހެއްޔެވެ؟ ކިތައް ފަހަރު އެއަޑު އޭނާގެ ކަންފަތުގައި ހަރުލާނެ ހެއްޔެވެ؟

"ނޫން. ނޫން. ނޫން. އަހަރެން ނުދާނަން ދެން އެއޮފީހަކަށް. އަހަރެން އެތަނުން ކެނޑޭނީ." ހިޔާލުތަކުން ސިކުނޑިއަށް ވާން ކުރިވަރުން އޭނާ ފުންމައިގެން ތެދުވެފައި ބުނެލިއެވެ. ހަމަ އެސިކުންތުގައި އޭނާ ފޯން ނަގާފައި ގުޅާލީ ޒިހާނުއަށެވެ. "ނިދާފައިތަ؟ ވަރަށް މުހިންމު ބޭނުމަކުއޭ މިގުޅީ؟" ފޯނު ނެގިއިރު ޒިހާނުގެ އަޑުގައި ނިދީގެ އަސަރު ހުރުމުން ނަޒްލާއަށް އަހާލެވުނެވެ. "ބުނެބަލަ." ޒިހާނު ހުއްދަ ދިނެވެ. "އަހަރެން ދޫކޮށްލި ކޭޝިއަރގެ ވަޒީފާ އަދިވެސް އެބައޮތްތަ؟" ނަޒްލާ އަހާލިއެވެ. އެއަޑު އަހާފައި ޒިހާނު ހިމޭންކަން އިޚުތިޔާރު ކުރުމުން ނަޒްލާގެ ހިތް ތެޅިގަތެވެ. "ނަޒޫ... ވަރަށް ބޮޑަށް ސޮރީ. ރައްޓެއްސަކު ބުނެގެން އޭނާގެ އެހެން ރަތްޓެއްސަކަށް މިއަދު ހަވީރު އެޖޮބް ދިނީ." ޒިހާނު މޮޅިވެފައި ޖަވާބު ދިނެވެ. "އެހެންދޯ. އަހަރެންވެސް ރަތްޓެހި ކުއްޖަކު ބުނެގެން. ދެން އޭނަ ކައިރީ ބުނާނީ އެހެން ތަނެއް ޓްރައި ކޮށްލާށޭ. އޯކޭ. ގުޑްނައިޓް." ނަޒްލާ ޒިހާނު ކަންބޮޑުވެދާނެތީ ދޮގެއް ހަދާލައިފައި ފޯން ބޭއްވިއެވެ. "އެހެން ޖޮބެއް ލިބެންދެން އިހަށް އެތާ އުޅޭނީ. އިރާދަ ކުރެއްވިއްޔާ އެކަހަލަ އެހެން ޖޮބެއް ލިބޭނެ." ނަޒްލާ އެވަގުތަށް ގޮތެއް ނިންމިއެވެ. 

ހިލޭ ބައެއްގެ ގާތުގައި އުޅޭއިރު ފައިސާ އެއީ އެންމެ މުހިންމު އެކައްޗެވެ. ނިހާޒްބެ އެހާ ރަނގަޅަށް ކޮށްދޭއިރު އޭނާގެ ހާލަތުގެ ސަބަބުން ވިއަސް މަހުން މަހަށް ދޭން ޖެހޭ ފައިސާ ނުދެވި ހުންނާކަށް ނަޒްލާ ނޭދެއެވެ.

ޖެހިގެން އައި ދުވަހު ނަޒްލާ އޮފީހަށް ދާން ނިކުތްއިރު ވާރޭ ވެހެއެވެ. މިމޫސުމުގައި ޓެކްސީއެއް ހޯދަން އަދި ވަކިން އުދަނގު ވާނެކަން އިނގޭތީ އޭނާ އެހިޔާލު ހިތަށް ނުވެސް ވައްދައެވެ. ދަބަސް ނުތެމޭނެހެން ކޮނޑު ހުރަހަށް އަޅުވާލުމަށްފަހު އޭނާ ކުޑަ ހުޅުވާލައިގެން ފައިމަގުގައި ހިނގައިގަތެވެ. އޮފީސް ތެރެއަށް ވަދެގެން ދިޔައިރު ދޮރުމަތީ ހުރި ސެކިއުރިޓީ އޮފިސަރ ފިޔަވާ އެކަކުވެސް ފެންނާކަށް ނެތެވެ. ވިއްސާރަވެ އެހެން އެންމެން ނާދެވިގެން އުޅޭ ދުވަހު އޭނާއަށް އެއާދެވުނީ އެންމެ ކުރިންނެވެ. މޭޒުމަތީ ދަބަސް ބާއްވާފައި ގޮނޑީގައި އިށީންދެލިއިރު އެގޮނޑީގެ އަތްގަނޑުގައިވެސް ހުރީ ފިނި ހިފާފައެވެ. އޮފީސް ހުޅުވި މީހަކު އެހުރީ އެއޮތް ފަދަ ހެނދުނުވެސް އޭސީ އޮން ކޮށްފައެވެ. ނުވިތާކަށް މޫސުމީ ވިއްސާރައިގެ ފިނި އެހާ ގަދައެވެ. ނަޒްލާ، އޮޅާފައި އޮތް ގަމީހުގެ ދެއަތު ކުރި ނިއުޅާލުމަށްފަހު ކޮމްޕިއުޓަރ އޮން ކޮށްލިތަނާ ދާދި ކައިރިން ފިޔަވަޅުގެ އަޑު އައެވެ.

"ގުޑްމޯނިން!" އެއީ އަވިކްގެ އަޑެވެ. ނަޒްލާ ސިއްސައިގެން ގޮސް ކުއްލިއަކަށް އެދިމާއަށް ބަލާލައިފިއެވެ. ތަންކޮޅެއް ދުރުގައި އަވިކް ހުރެފައި ފިޔަވަޅެއް އަޅާލައިގެން އައިސް ޕާޓިޝަންގައި އެއް އަތް އަޅުވާލަމުން ލުއި ހިނިތުން ވުމެއް ތުންފަތަށް ވެރިކޮށްލިއެވެ. ކުކުޅުބިސް ކުލައަށް ދާ ގަމީހާއި ހުދު ފަޓްލޫނާއެކު ބްރައުން ޓައީއެއް ކަރުގައި ބައްދާލައިފައި އޮތްއިރު ހެނދުނު ފަދައިން އެމޫނު ތާޒާވެފައި ހިތްގައިމެވެ. ޚުދު ނަޒްލާއަށްވެސް އެސޫރަ ފެނިގެން އުދަނގޫވިކަން ޔަޤީނެވެ. ނަޒަރު ވަކިކޮށްލަން ބޭނުންވެ އެކަން ނުވެފައި އޭނާއަށް އިނދެވުނެވެ. "ކިހިނެތް ހާލު؟" އަވިކް އަނެއްކާވެސް ވާހަކަ ދެއްކި އަޑަށް ނަޒްލާއަށް ހޭވެރިކަން އައިސްގެން އަވަހަށް އިސްޖަހާލައިފައި ކޮމްޕިއުޓަރ ސްކްރީނަށް ބަލަން ފަށައިފިއެވެ. "ކުރިމަތީ ފެންނަން އެހެރަ ދެގޮނޑިއާތަ ނޫނީ މިޕާޓިޝަން އާތަ ވާހަކަ މިދެއްކެނީ؟" އަވިކް ނަޒްލާއަށް ބަލަން ހުރެގެން ބުނެލިއެވެ. ނަޒްލާ އެވަރުންވެސް އަނގަ ހުޅުވައިލާކަށް ގަސްތެއް ނުކުރިއެވެ. އޭނާގެ ބޭނުމަކަށް ވީ އަވިކް އެތަނުން ފޮނުވާލުމަށެވެ. ރޭ ހިނގާ ދިޔަ ހާދިސާއަށްފަހު އަވިކް އެތަނުން ފެނިއްޖެއްޔާ އެއީ ދޫތަކަށް ދެވޭ އިތުރު ބާރަކަށް ވެގެން ދާނެއެވެ. މިހާރުވެސް ރަނގަޅަށް ވިއްޔާ އޭނާ އާއި އަވިކް އާ ބެހޭގޮތުން ވިސްނަމުން ދާ ސިކުނޑިތައް މަދެއް ނުވާނެއެވެ. 

"އަވިކް މިތަނުން ދޭ! އަހަރެން ބޭނުމެއް ނޫން އަވިކް މިތާ ހުއްޓާ އިތުރު މީހަކަށް ފެންނާކަށް." އިރުކޮޅެއް ފަހުން ދުރުން ފިޔަވަޅުތަކުގެ އަަޑު އަންނަން ފެށުމުން ނަޒްލާ ހާސްވެފައި ކޮޅަށް ތެދުވެއްޖެއެވެ. "ޕްލީޒް!" އަވިކް ޖަވާބުގައި ކޮންމެވެސް އެއްޗެއް ބުނަން އަނގަ ހުޅުވާލިތަނާ ނަޒްލާ ކުރިއަށްވުރެ އާދޭހާއެކު އެދުނެވެ. ބޯ ޖަހައިލާފައި އަވިކް އަނެއްފަރާތަށް އެނބުރުމުން ނަޒްލާ އަތް އަޅައިލީ ހިތާއި ދިމާލުން މޭގައެވެ. އޭނާ ފުން ނޭވައެއް ލައިފައި ގޮނޑިއަށް ވެއްޓިގަތެވެ. ފިޔަވަޅުތަކުގެ އަޑު ކައިރިވެފައި ޒުލްފާ އާއި ރިދީ އައިސް އެތަނަށް ވަނީ އެވަގުތުއެވެ. "އަހަ ނަޒޫ ހާދަ އަވަހަކަށް؟" ރިދީއަށް ނަޒްލާ ފެނުމުން ހެވިލާފައި ގޮވާލިއެވެ. "ނަޒޫއޭ؟ އެއީ މަންޖެގެ ބެސްޓް ފްރެންޑްތަ ނިކް ނޭމްއިން ތިގޮވަނީ؟" ޒުލްފާ ބުނެލި ވާހަކައިގައި ފުން މާނައެއްވިއެވެ. އޭނާ އެހެން ބުނެލިއިރު ބަލަން ހުރީ ސީދާ ނަޒްލާއަށެވެ. "ރޭގައި އަވިކްވެސް ގޮވީ ނަޒޫއޭ ކިޔާފައެއްނު. އަހަންނަށް ހިއެއްނުވޭ އަވިކް އާއި ނަޒްލާގެ ދެމެދުގައި އަދި އެއްވެސް ވަރެއްގެ އެކުވެރިކަމެއް އޮތް ހެނެއް. ދެން އެހެންވީމަ އަހަންނަށްވެސް ގޮވިދާނެއެއްނު." ރިދީ ޒުލްފާގެ ވާހަކަ އާއި ގުޅުވާލިއެވެ. ދެއަންހެން ކުދިން ޝައްކުގެ ލޮލުން އޭނާއަށް ބަލަން ފެށި ގޮތުން ނަޒްލާއަށް ވިސްނުނެވެ. ހެނދުނު ހެނދުނާ އެމީހުން އެއައީ އެގޮތަށް ވާހަކަ ދައްކަން ރާވައިގެންނެވެ. ރައްދު ޖަވާބެއް ދިނުމުގެ ބަދަލުގައި ނަޒްލާ ހުރިހާ ސަމާލުކަމެއް ހުއްޓާލީ މަސައްކަތަށެވެ. އެހެން ހެދުމުން އެމީހުންގެ ސުވާލު ތަކުން ސަލާމަތް ވެވޭނެ ކަމަށް އޭނާ ހީކުރިއެވެ.

ދުވަސްތައް އޭގެ ހަލުވި މިނުގައި ކުރިއަށް ދިޔައެވެ. މަސްދުވަސް ވީއިރު މަސައްކަތުގެ މާހައުލަށް ނަޒްލާ ހުރީ އެންމެ ރަނގަޅަށް ހޭނިފައެވެ. ތަނުގެ މުވައްޒަފުންނާއި އޭނާގެ ގުޅުންވެސް އެންމެ ރަނގަޅެވެ. މި މުއްދަތުގެ ތެރޭގައި ނަޒްލާގެ އެންމެ ބޮޑު އަޒުމެއްގެ ގޮތުގައި އޭނާ ގެންގުޅުނީ އަވިކް އާއި ވީހާވެސް ދުރުން އުޅުމެވެ. އިސްވެރިއަކާއި އޭގެ ދަށުން މަސައްކަތް ކުރާ މުވައްޒަފެއްގެ މެދުގައި އޮންނަންވީ ގުޅުމަށްވުރެ އިތުރު ގުޅުމެއް، އިތުރު ވާހަކައެއް އޭނާ އާއި އަވިކްގެ މެދުގައި ނުބޭއްވުމެވެ. އަނެއްކޮޅުން އަވިކްގެ އަމަލުތައްވެސް ހުރީ ނަޒްލާ އާއި ދާދި އެއް ގޮތެއްގައެވެ. އޭނާއަށް ވިސްނުނު އެއްޗަކީ މާޒީގައި ހިނގާދިޔަ ކަންތައްތަކަށްފަހު އޭނާ އާއި ނަޒްލާ އެކުވެރިންގެ ގޮތުގައި އުޅުމުގެ ކުރީން ނަޒްލާއަށް ވަގުތު ބޭނުން ވާނެ ކަމުގައެވެ. އަވިކްގެ އެ އަޒުމަށް އިތުރު އެހީއަކަށްވީ ބިޒްނެސް ދަތުރެއްގައި ދެހަފްތާ ވަންދެން ރާއްޖޭން ބޭރުގައި އުޅެން ޖެހުމެވެ.

ހެނދުނެވެ. އެނދުން ފައިބާފައި ނަޒްލާ ފުރަތަމަވެސް ގޮސް ހުއްޓުނީ ފާރުގައި ހަރުކޮށްފައި ހުރި ކަލަންޑަރ ކުރިމައްޗަށެވެ. "މިއަދު ހާއްސަ ދުވަހަކީތަ؟" އިރުކޮޅަކުން ސަމާ ލޯ ހުޅުވައިލާފައި އެހިއެވެ. "ހޫމ. މިއަދު މީ އަހަރެންނަށް ޖޮބް ލިބުނުތާ އެއްމަސް ވީ ދުވަސް." ނަޒްލާ ތަންމިނަށް ހިނިތުންވެލިއެވެ. "ދެން؟" ސަމާ ލޯ އުނގުޅަމުން ތެދުވެފައި އެނދުން ތިރިއަށް ދެފައި އެލުވާލިއެވެ. ނަޒްލާ އެނބުރުނުއިރު މޫނުގައި ހުރި ކުލަވަރުން އޭނާއަށް ދޭހަވީ ކޮންމެވެސް ބޮޑުކަމެއް އެސިކުނޑީގައި އެވަގުތު ދައުރުވަމުން ދިޔަ ކަމެވެ. ޖަވާބު ދިނުމުގެ ބަދަލުގައި އޭނާ ވަނީ ފާޚާނާއަށެވެ. ނަޒްލާ ނިކުމެ އޭނާގެ އާދައިގެ މަތިން ސައި ތައްޔާރު ކުރަން އުޅެނިކޮށް ނިހާޒްމެން ދެމަފިރިން ކޮޓަރިން ނިކުމެގެން އައެވެ. ޝީރީން ކޮފީ ތަށްޓެއްް ހަދާފައި ގެންދިއުމުން ނިހާޒް ޓީވީ ހުޅުވާލައިގެން އިނދެ ކޮފީ ބޯން ފެށިއެވެ. ރޮށި ފިހެ ނިންމާފައި ނަޒްލާވެސް ކޮފީ ތައްޓެއް ހަދާލައިގެން ބޯން ފެށިއެވެ. އިރުކޮޅެއް ނުވެ ސަމާ އައިސް ހުއްޓުނީ ނަޒްލާގެ ކުރިމަތީގައެވެ. "ބުނޭ ކޮންކަމެއްތަ މިއަދު އޮތީ؟" ސަމާ ކެތްތެރިކަން ކުޑަވެފައި އެހިއެވެ. 

"ހެހެހެ....ހާދަ ކިއުރިއަސްވީ." ނަޒްލާއަށް މަޖާވިއެވެ. "ސަމާ ދެން ތިހާވަރުން އުޅެންޏާ ބުނެފާނަން. އަހަރެންނަށް މިޖޮބް ލިބުމުގައި އެންމެ ބޮޑު ބައެއް ކުޅުނު ފަރާތަށް ޓްރީޓް ދޭން މިއަދު މިއުޅެނީ." ނަޒްލާ އިތުރަށް ސިއްރު ކުރަން ނޫޅެ ބުނެލައިފިއެވެ. 'އޯހ. ޔައީޝް ދޯ. ހޫމ ހޫމ... ރަނގަޅުކަމެއް. އެކަމަކު މަށަށް ހީވަނީ އަވިކްއަށްވެސް ބައެއް އޮންނާނެހެން." ސަމާ ބުނެލި އެއްޗަކުން ނަޒްލާ ތެޅިގަނެފައި އަތުގައި ހުރި ކޮފީތަށި ދޫކޮށްނުލީ ކިރިޔާއެވެ. އޭނާ އެންމެ ކަންބޮޑުވީ ތަންކޮޅެއް ދުރުގައި ދެމީހުންނަށް އަޑު އިވިދާނެތިއެވެ. "ކޮންކަހަލަ ވާހަކައެއް ތިދައްކަނީ؟" ނަޒްލާ ވައިއަޑުން ވާހަކަ ދައްކަމުން ސަމާ އަތުގައި ވިކައިލިއެވެ.

"އަވިކް ނަޒޫއަށް އޮޅުވާލައިގެން އެއްކަލަ ލިއުމުގައި ސޮއި ނުކުރުވިނަމަ ނަޒޫއަށް ތިޖޮބްގަ ދެމިއެއް ނުހުރެވުނީސް. އެހެންވެ މިހެން މިބުނީ." ސަމާ ކުރީގެ ހަނދާނެއް އާކޮށްދިނެވެ. ސަމާގެ އެވާހަކަ އިވިފައި ނަޒްލާގެ ހިޔާލުތައްވެސް އެދުވަހާއި ދިމާއަށް ދަތުރު ކޮށްލިއެވެ. ތެދެކެވެ. ޔައީޝް އަދި ވަޒީފާ ދިން ކަމުގައި ވިއަސް އޭނާއަށް އެމަގާމުގައި ދެމިހުރެވުމުގެ އަސްލަކީ އަވިކްއެވެ. އޭނާ ވަޒީފާ ދޫކޮށްލަން ހުރިހާ ކަމެއް ރާވައި އިތުރު ވަޒީފާއެއް ހޯދުމުގެ މަގުމަތީ އުޅެނިކޮށް އަވިކް އޭނާ ލައްވާ ލިއުންތަކެއްގައި ސޮއި ކުރުވި ދުވަހެއްގައި އެކަންވެސް ކުރީއެވެ. ލިއުމުގައި އޮތް ގޮތުން އެންމެ މަދުވެގެން އަހަރެއް ނުވަނީސް ވަޒީފާ ދޫކޮށްލުމުގެ ބާރެއް ނެތެވެ. 

"އަވިކް އަދިވެސް ރާއްޖެ ނާދޭތަ؟" ނަޒްލާ ގެއްލިފައި ހުއްޓާ ސަމާ އިތުރަށް އަހާލިއެވެ. "ދެހަފްތާއަށް ކަމަށް ވަނީ ދިޔައީ. މިހާރު އަންނަންވެފަ ހުންނާނީ." ނަޒްލާ އާދައިގެ ގޮތަކަށް ޖަވާބުދީފައި ފެންވަރަންވެގެން ގޮސް ފާޚާނާއަށް ވަނެވެ.

ތަންކޮޅެއް ކުރީން އޮފީހަށް ގޮސް ނަޒްލާ ދެކޮފީ ތަށި ހަދައިގެން ޔައީޝްގެ ކެބިންއަށް ދިޔައެވެ. އިންތިޒާރުގައި އިންދާ ދޮރު ހުޅުވާލި އަޑު އިވިގެން އިޚުތިޔާރެއް ނެތި ތުންފަތަށް ހިނިތުންވުމެއް ވެރިވެއްޖެއެވެ. އޭނާ އެނބުރިލިއިރު ޔައީޝް މޭޒުމަތީ ހުރި ލިއުންތަކެއް ހާވަން ހުރީ އޭނާއަށް ފުރަގަސްދީގެންނެވެ. "ގުޑްމޯނިން ސަރ. ހުއްދަނެތި ވަދެވުނީމަ ވަރަށް ބޮޑަށް ސޮރީ. އެކަމަކު ސަޕްރައިޒެއް ދޭން ބޭނުންވިވަރުން އައީ." ނަޒްލާ ވާހަކަ ދައްކަން ފެށި އަޑަށް ޔައީޝްގެ އަތަށް ހުއްޓުމެއް އައިތަން ފެނުނެވެ. އެކަމަކު އެނބުރި ބަލާލުމުގެ ބަދަލުގައި އަނެއްކާވެސް މަސައްކަތް ގެންދިޔައީ ކުރިއަށެވެ. 

"އަދި އެބައޮތް އެހެން ވާހަކައެއްވެސް. މިރޭ ބިޒީ ނޫނިއްޔާ އަޅުގަނޑާއެކު ޑިނަރއަކަށް ދާން ދައުވަތު ދޭށާއެކު މިއައީ. ވަޒީފާއަށް އެއްމަސްވީމަ އެންމެ ފުރަތަމަ ޓްރީޓް ދޭން މިއުޅެނީ ޔައީޝްއަށް." ނަޒްލާ އިތުރު ކޮށްލިއެވެ. އޭނާ ހިނިތުންވެފައި ހުއްޓާ ޔައީޝް ކުއްލިއަކަށް އެނބުރި ބަލައިލުމުން ތެޅިގަނެވިއްޖެއެވެ. ޔައީޝްކަމަށް ހީކޮށް އޭނާ އެހުރިހާ ވާހަކައެއް އެދެއްކީ އަވިކްއާ މުޚާތަބު ކޮށެވެ.

ކޮމެންޓް 0