މާނީ "ވެޑިން ޕްލޭނަރ" ކައިރީ ހުރި ޒުވާނާއަށް ބަލަން ހުރެގެން ލިފްޓަށް ވަންނަން ދިމާކޮށްލިތަނާ އޭނާ ޖެހުނީ ދޮރުފަތުގައެވެ. ނުވަދެ ގިނައިރުވެގެން އަޒްމީލް ލިފްޓްގެ ދޮރު ލައްޕާލީއެވެ. ވަގުތުން ހާފިޒްގެ ހިނިގަނޑު ފަޅައިގެން ދިޔައެވެ.
"ވަރަށް މަޖާ ދޯ. ހުރޭ ހީލަ ހީލާ!" މާނީ ރުޅި އައިސްގެން ހާފިޒްއަށް ބުނެލިއެވެ. ހާފިޒް ނޫންކަމަށް ހެދިފައި އަތުގެ އިނގިލިތައް އިސްތަށިގަނޑުގައި ހިންގާލަމުން އޭނާގެ ދައްތަ ފަހަތުން ގޮސް ދޮރު ކައިރީ މަޑުކޮށްލިއެވެ. ހީނާ ހުޅުވާލި ދޮރުން ދެބެން އެތެރެއަށް ވަންއިރު މާހައުލު ފެނުނީ ހިމޭންވެފައި ވަނިކޮށެވެ. ނިއްކުރީގައި އެއްއަތުން ހިފަހައްޓާލި ގޮތަށް ކަރަމް އިނީ ސޯފާގައި އިސްޖެހިފައެވެ. ކައިރީގައި ފަރޫޝާ ކުރިމަތީގައި ސުދާއެވެ. އަވިކް އާއި ނަޒްލާ ތިބީ އެކަކު އަނެކަކަށް ފުރަގަސްދީގެން ކޮޅަށެވެ. ނަޒްލާ ދެއަތް ދެއަތާއި މޮޑެމުން ދިޔައިރު ހިތް ތެޅޭވަރުން ހީވަނީ ބޭރަށް ފުންމައިލަފާނެ ހެންނެވެ. އޭނާއަށް ހިތްވަރެއް ކުރަން ކެރޭނަމަ މިހާރު އެތަނުން ނިކުމެގެން ހިނގައްޖައީހެވެ. އެވަގުތު ނަދާ ވާހަކަ ދައްކަން އުޅެފައި ހާފިޒް އެއަތުގައި ހިފާލުމުން ބަލައިލިތަނާ އިޝާރާތުން އެންގީ ހިމޭން ވުމަށެވެ. މާހައުލުގެ ސީރިއަސްކަން އޭނާއަށް އެނގުނީއެވެ.
"ދަރިފުޅާ އަވިކް!" ކަރަމް އިރުކޮޅެއް ފަހުން އަތްތިރި ކޮށްލާފައި އަވިކްއަށް ބަލާލިއެވެ. އެހެން އެންމެންގެ ނަޒަރުވެސް ކަރަމްގެ މޫނަށް ދަތުރު ކޮށްލީ އޭނާ ބުނަން އުޅޭ އެއްޗެއް އަަހަން ކެތްމަދުވެފައިވާ ހާލުގައެވެ. "އަދި ލަހެއް ނުވޭ. އަދިވެސް ހުރިހާ ކަމެއް ރަނގަޅު ކުރެވިދާނެ. ބައްޕަގެ ބަސް ޤަބޫލު ކޮށްގެން ހިނގާ އަޒްމީލު ކައިރިން މަޢާފަށް އެދެން." ކަރަމް ތެދުވެގެން އައިސް އަވިކްގެ ކުރިމައްޗަށް ހުއްޓިލިއެވެ. އަވިކް އިސް އުފުލައިލީ ދެނެވެ. ބައްޕަ އާއި އޭނާ ހަތަރުކަޅި ހަމަކޮށްލީ ޤަބޫލު ނުކުރެވިފައި ހުރެއެވެ. އެ ހުރިހާ ވާހަކައެއް ދެއްކުމަށްފަހުވެސް ބައްޕަ އެފަދަ ލަފައެއް ދީފާނެ ކަމަށް އޭނާ ހިއެއް ނުކުރެެއެވެ.
ހިމޭން ކަމާއެކު ބަލަން ހުރެފައި އަވިކް ހިފައިލީ ނަޒްލާގެ އަތުގައެވެ. ނަޒްލާ ސިހިފައި އެނބުރި ބަލައިލިތަނާ އަވިކް އެއަތަށް ދަމަމުން ބާރު ބާރަށް ދޮރާއި ދިމާއަށް ހިނގައިގެންފިއެވެ. ރުޅިގަަދަ ވެގެން ކަރަމް ގޮވާލީ އަޑުގެ ކޮޅަށެވެ. އޭނާގެ ކުރިމަތީ އަވިކް އެހާ ހިތްވަރުގަދަ ވެދާނެ ކަމަށް ކުޑަކޮށްވެސް އުންމީދެއް ނުކުރެއެވެ. އެކަމަކު އަވިކް އެއަޑެއް ނޭހިއެވެ. އެންމެން ކުރިމަތީ އޭނާ ގޮސް ނަޒްލާ ގޮވައިގެން ނިކުމެއްޖެއެވެ.
"ވިކް. ދެން ދޫކޮށްލާ އަތުން. ތަދުވޭ....." ދޮރުން ނިކުމެވުމާއެކު ނަޒްލާއަށް ކެތް ނުވެގެން ބުނެލެވުނެވެ. އެއަޑަށް އަވިކް އޭނާގެ އަތް ފޮޅުވައިލީ މޫނަށް ބަލައިވެސް ނުލައެވެ. ރުޅިގަދަ ވެފައި އަވިކް ހުއްޓާ ފެނުމުން ނަޒްލާ ގަތީ ބިރެވެ. އަވިކް ގޮސް ލިފްޓަށް އެރުމުން އޭނާ އަވަހަށް ގޮސް ފަހަތުން ލިފްޓަށް އެރިއެވެ. ވާހަކަދައްކަން ބޭނުން ވެގެން އޭނާ ބަލައިލާ ކޮންމެ ފަހަރަކު އަވިކް ހުންނަނީ ދުރު ބަލަހައްޓައިގެންނެވެ. އެމޫނުން އަލަށް ފެނުނު ނުރުހުމުގެ ކުލަވަރަކުން ނަޒްލާއަށް އަނގައިން ބުނާކަށްވެސް ނުކެރުނެވެ. ކާރުގައި ނަޒްލާ ހުންނަ ގެއާއި ދިމާއަށް ކުރި ދަތުރުވެސް ދިޔައީ އެކަހަލަ ގޮތަކަށެވެ. އަވިކް ސީރިއަސްވެފައި އިނުމުން ނަޒްލާ އިނީ ތައްބައްދައިގެންނެވެ.
"ވިކް....!" އަވިކް ކާރު މަޑުކޮށްލުމުން ނަޒްލާ ފައިބަން އުޅެފައި މަޑު ޖެހިލިއެވެ. އެކަމަކު އަވިކް ހަމަ މޫނު އަނބުރާލި އިރަށް އޭނާ ބިރުން ދެފަރާތަށް ބޯ ހޫރާލައިފައި ފައިބައިފިއެވެ. އެއަށްފަހު އަވިކް ކާރު ދުއްވާލައިފައި ގޮސް ލޯ މަތިން ގެއްލޭންދެން އޭނާ ހުރީ ބަލަހައްޓައިގެންނެވެ.
ނަޒްލާ ކޮޓަރިއަށް ވަންއިރު ލައިލާ ފެންނާކަށް ނެތެވެ. އެގަޑީގައި އެކަނިވެލަން ލިބުމުން އޭނާ އިންތިހާއަށް ހިތްހަމަ ޖެހުން އިހްސާސް ކުރިއެވެ. ތަޅުދަނޑި މޭޒުމައްޗަށް ދޫކޮށްލައިފައި ގޮސް އެނދަށް ވެއްޓި ގަތުމުން ލޮލުން ކަރުނަ އަންނަން ފެށީ ހިފެހެއްޓުމެއް ނެތިއެވެ. ނަޒްލާ އެންމެ ދެރަވީ އަވިކް ރުޅިއައިސް ހިތްހަމަ ނުޖެހިފައި ހުރެގެންނެވެ. ވާނީވެސް އެހެންނެވެ. އޭނާ އެއީ ތިންފަހަރު މަތިން އަވިކްގެ ލޯއްބަށް ދެކޮޅު ހެދި ކުއްޖާއެވެ. މިއަދު އަވިކް އޭނާއަށް އެދިގެން ކަރަމްއާވެސް ދެކޮޅު ހަދައިފިއެވެ. އެކަމަކު އަދި އެހުރިހާ ކަމެއްގެ ފަހުންވެސް އޭނާ ކައިވެންޏަށް އެއްބަސް ވެދާނެ ކަމާއިމެދު އަވިކްގެ ހިތުގައި ޝައްކު އޮންނާނެއެވެ.
އަވިކް އެނބުރި ގެއަށް އައީ އެރޭ އެގާރަ ޖެހިފަހުންނެވެ. ބޮކިތައް ނިވާފައި ހުރުމުން އޭނާ ހީކުރީ އެންމެން ނިދީ ކަމަށެވެ. ގަޑި ބަލާލަން ވެގެން ފޯން ހުޅުވިތަނާ މެސެޖް އައުމުން ހުޅުވާލިއިރު ނަޒްލާ ލިޔެލާފައި އޮތީ "ސޮރީ" މިހެންނެވެ. އަވިކް ވިސްނާނެ އެއްޗެއް ނޭނގިފައި އެ ލަފްޒަށް ބަލަހައްޓައިގެން އިރުކޮޅަކު ހުއްޓެވެ. މަންމަ ގޮވާލި އަޑު އިވުނީ އޭނާ ކޮޓަރިއަށް ދާން އަލުން ހިނގައިގަތްތަނާއެވެ. އެވަގުތު އަވިކް ދިޔައީ ސިއްސައިގެންނެވެ.
"މަންމަ މިހާ ލަސްވީމަ އަނދިރީގަ ކީއް ތި ކުރަނީ؟" ސޯފާގައި އިނީ މަންމަކަން އެނގުމުން އަވިކް ނޭވާ ހަމައަކަށް އަޅުވާލައިފައި ގޮސް ކައިރިއަށް ހުއްޓުނެވެ. "އިށީންދެބަލަ." ސުދާ ވާހަކަދެއްކީ އިސްޖަހައިގެން އިނދެއެވެ. އަނދިރީގައިވެސް މަންމަގެ މޫނަށް އައިއްސައިވާ ބަދަލު އަވިކްއަށް ކޮންމެވެސް ވަރަކަށް ފާހަގަވިއެވެ. އޭނާ އެހާ ފަސޭހައިން މަންމަގެ ބަހަށް ކިޔަމަންވީ އެހެންވެއެވެ.
"ކިހިނެތްވީ؟ އަހަރެން ދިޔަ ފަހުން ބައްޕަ އެއްޗެކޭ ބުނީތަ؟" އަވިކްއަށް އަހާލެވުނެވެ. އޭނާ މަންމަގެ މޫނުން އެއްޗެއް އޮޅުން ފިލާތޯ ބެލިއެވެ. "އަވިކް ދިޔައީމަ ބައްޕަވެސް ނިކުމެގެން ދިޔައީ. ދެންމެ ގުޅާފަ އެބުނީ އަންނަ ހަފްތާގައި ކައިވެނި ކުރަން ތައްޔާރު ވާށޭ." ސުދާ އަވިކްގެ މޫނަށް ނަޒަރު ހުއްޓާލިއެވެ. "ބައްޕަ އަދިވެސް ހީކުރަނީ ބާރުގެ ބޭނުން ކޮށްގެން ހުރިހާކަމެއް ވާނެއޭތަ؟" އަވިކް ހިތްހަމަ ނުޖެހިފައި އަނެއްފަރާތަށް މޫނު އަނބުރާލި ވަގުތު ސުދާ ބުނި އެއްޗެއް އިވިގެން ސިހުނެވެ.
"ކީކޭ ތިބުނީ؟" އޭނާ ސުވާލު ކުރީ ކަންފަތަށް އިވުނު ގޮތް ގޯހީއޭ ހިތަށް އަރައިފައެވެ. "ދަރިފުޅު ނަޒްލާއާ އިންނަން ތައްޔާރުވާށޭ ބުނީ." ސުދާ ތަކުރާރު ކޮށްލިއެވެ. އެވަގުތު އަވިކް ފުންމައިގެން ތެދުވީ ކޮޅަށެވެ. އެއްފަހަރާ އެތައް ސުވާލެއް އޭނާގެ ސިކުނޑިއަށް ޖަމާވިއެވެ. "މަންމަ ތިބުނީ ނަޒޫއޭތަ؟ ކިހިނެތް ބައްޕަ މައިންޑް ޗޭންޖް ވީ؟ " އަވިކްއަށް އަދިވެސް ޤަބޫލެއް ނުކުރެވުނެވެ. ވާހަކަ ދެއްކިއިރު އޭނާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެއްޖެއެވެ.
" ބައްޕަގެ ޝަރުތަކީ ކައިވެންޏަށްފަހު މަންމަ އާއި އީމާވެސް އެގެއަށް ބަދަލު ވުން." އަވިކްގެ ހިނިތުންވުން ފިލީ އަނެއްކާވެސް ސުދާ ބުނެލި އެއްޗަކުންނެވެ. ބޭއިޚުތިޔާރުގައި އޭނާއަށް މަންމާއޭ ބުނެލެވުނެވެ. ސޯފާގައި އިށީންދެފައި އަވިކްއަށް ދެއަތުން މޫނު ފޮރުވާލެވުނެވެ. އޭނާގެ ސަބަބުން މަންމައަށް އެ ކުރިމަތިވީ ކިހާ އުދަނގޫ ހާލަތެއް ހެއްޔެވެ؟ އަވިކްއަށް ހިތާއި ހިތުން ޝަކުވާ ކޮށްލެވުނެވެ.
"ކަންބޮޑުނުވޭ އަވިކް. މަންމަގެ އެއްވެސް މައްސަލައެއް ނެތް. އީމާވެސް ވާނީ އުފާ. އަނެއްކޮޅުން ނަޒޫ ޅީދަރިއަކަށް ހެދުން އެއީ މަންމަ މިހާރު އަބަދު ދެކޭ ހުވަފެނަކީ. " ސުދާއަށް އަވިކްގެ ހިތްހަމަ ޖައްސައިދެމުން ބުރަކަށީގައި ފިރުމާލިއެވެ. ކައިގެން ހުރިތޯ އަހާފައި އަވިކް ބޯ ޖަހާލުމުން އޭނާ ދެން ގޮނޑި ދުއްވާލީ ކޮޓަރިއާއި ދިމާއަށެވެ.
ހެނދުނު ހޭލެވިގެން ނަޒްލާ ފުރަތަމަ ކަމަކަށް ޗެކް ކޮށްލީ ފޯނެވެ. ރޭ އޭނާ ނިދުމުގެ ކުރިން ފޮނުވި މެސެޖަށް އަވިކް އެއްވެސް ޖަވާބެއް ފޮނުވާފައި ނެތުމުން ދެރަވެގެން ތުންކޮޅު ހަދާލެވުނެވެ. ހިތަށް އެރިއެވެ. އަވިކް މިފަހަރު އެހުރީ ރަނގަޅަށްވެސް އޭނާދެކެ ރުޅި އައިއްސައެވެ. އެހެންނޫންނަމަ އެގޮތަށް އޭނާގެ މެސެޖަކަށް ޖަވާބު ނުފޮނުވައެއް ނުހުންނާނެއެވެ.
"މީހެއްގެ ފޯނަށް އިންތިޒާރު ކުރަނީތަ؟" ލައިލާ ވާހަކަދެއްކި އަޑަށް ނަޒްލާ ބަލައިލިއިރު ހުރީ ކުޑަދޮރު ކައިރީ ކޮފީ މަގެއް ހިފައިގެންނެވެ. ނަޒްލާ ވަކި އެއްޗެއް ނުބުނެ ތެދުވެގެން ވަނީ ފާޚާނާއަށެވެ. ފެންވަރަން އޭނާ ހުއްޓާ ލައިލާ ނިކަން ފޮނިވެގެން ކޮންމެވެސް މީހަކާ ވާހަކަ ދައްކާ އަޑު އިވުނެވެ. އޭނާ ނިކުމެފައި ސުވާލު ނުކުރެވިގެން އުޅެނިކޮށް ލައިލާ އެވާހަކަ ކިޔައިދީފިއެވެ. ލައިލާގެ ފަރާތުން ޒާހިދު މާލެ އަންނަ ވާހަކަ އިވުމުން ނަޒްލާގެ ހަރަކާތްތަކަށް ހުއްޓުމެއް އަތުވެއްޖެއެވެ. ތެތްއިސްތަށިގަނޑު ހިއްކަން ލޯގަނޑު ކުރިމައްޗަށް ހުއްޓުނު ގޮތަށް އޭނާ ހުރީ ބުދަކަށް ވެފައެވެ. އޭނާ އިރުކޮޅަކުން ތުވާލި ބާއްވާފައި ގޮސް ބަލާލިއިރު ޒާހިދުގެ ދެ މިސްކޯލް ހުއްޓެވެ. ވައިބްރޭޓަށް ލައިފައި އެނދުމަތީ އޮތުމުން ލައިލާއަށްވެސް ނޭނގުނީ ކަންނޭނގެއެވެ. އެހެންނޫންނަމަ ޒާހިދު ގުޅާތަން ފެނުމުން ލައިލާ ޖަވާބު ނުދީއެއް ނުހުންނާނެއެވެ.
ލައިލާ ޕްރޮޖެކްޓެއް ހަދަންވެގެން ކޮލެޖަށް ދިއުމުން ނަޒްލާ އިނީ ކޮޓަރީގައި އެކަނިވެފައެވެ. ޒާހިދު ގުޅީ އޭނާ އެހެން އިންދައެވެ. ޒާހިދު ދެއްކީ ލައިލާ ކައިރީވެސް ދެއްކި ވާހަކައެވެ. އޭނާ ވޯކް ޝޮޕަކަށް މާލެ އަންނަ ވާހަކައެވެ. އެއްކޮޅުން އަވިކް އާއި އެއާއިލާގެ ހިޔާލުން ސިކުނޑިއަށް އުދަނގޫ ވެފައި ހުއްޓާ ޒާހިދު މާލެ އަންނަން ހަމަޖެހުމުން ނަޒްލާ ބޯ ގޮވާވަރު ވެފައެވެ. ކަންތައް ކުރަންވީ ގޮތެއް ކުޑަކޮށްވެސް އޭނާގެ ވިސްނުމަކަށް ނާދެއެވެ.
ޒާހިދު ފޯނު ބޭއްވުމުން އޭނާ އަނެއްކާވެސް އުޑުތިލަމަތީން އޮތީ ހިޔާލީ ދުނިޔެއެއްގައެވެ. އިރުގަނޑެއް ފަހުން މީހަކު ދޮރުފަތުގައި ޓަކި ޖެހި އަޑަށް ދޮރު ހުޅުވާލިއިރު ކުރިމަތީ ހުރީ ނުދަންނަ މީހެކެވެ. "ކީއްކުރާ މީހެއް؟" ނަޒްލާ ހައިރާންވެފައި އެހިއެވެ. "ތީ ނަޒްލާތަ؟" ހުދު ގަމީހާއި ކަޅު ފަޓްލޫނުގައި ހުރި ނުދަންނަ މީހާ އެހިއެވެ. "ހޫމ ނަޒްލާ މީ. ކިހިނެތްވީ؟" ނަޒްލާ ހުރީ ވާނުވާ ނޭނގިފައެވެ. "ކަރަމް ވިދާޅުވެގެން އަޅުގަނޑު މިއައީ. ތައްޔާރު ވެލައްވައިގެން ތިރިއަށް ދުރުވަންވީ ނޫންތޯ. ކާރު އެއޮތީ މަގުމަތީގައި." އެމީހާ ވާހަކަދައްކާ ނިމުނުއިރު ނަޒްލާ ހުރީ ދެލޯ ބޮޑު ކޮށްލައިގެންނެވެ. "ކަރަމްއޭަތަ ތިބުނީ؟" އޭނާ އަދިވެސް ޔަޤީން ކުރަންވެގެން އަހާލިއެވެ. "އާދެ." އޭނާ ވަގުތުން ޖަވާބުދިނެވެ. "މަޑުކޮށްލާ އިނގޭ." ނަޒްލާ ކުއްލިއަކަށް ދޮރު ލައްޕާލައިފައި ބުރަކަށި ޖައްސާލީ ދޮރުފަތުގައެވެ. އަނގަމަތީ އަތް އަޅާލަމުން އޭނާއަށް ދެފަރާތަށް ބޯ ހޫރާލެވުނެވެ. އެމީހާ އެދެއްކި ވާހަކަ ހަމަޖެހޭ ކަމަކަށް ނަޒްލާގެ ސިކުނޑި އެއްބަހެއް ނުވިއެވެ. އަނެއްކާ ކަރަމް އޭނާ ގެންދަން އެއުޅެނީ އަދަބު ދޭން ހެއްޔެވެ؟
ދެފިކުރެއްގައި ހުރެގެން ނަޒްލާ ތައްޔާރު ވިއެވެ. ތިރިއަށް ފޭބިއިރު މަގުގެ އެއްފަރާތުގައި އަވިކް ދުއްވާ ކަހަލަ ހުދު ކާރެއްގެ ކައިރީގައި ކުރިން ވާހަކަދެއްކި މީހާ ހުއްޓެވެ. ނަޒްލާ ފިނިވެފައި ހުރެގެން ގޮސް ކައިރިވުމުން އޭނާ ނަޒްލާ އިށީންނަން ފަހަތު ދޮރުފަތް ހުޅުވާލަ ދިނެވެ. ނަޒްލާ އިށީނުމުން ޑްރައިވަރާއި ޖެހިގެން ހުރި ސީޓަށް އޭނާ އަރާފައި ޑްރައިވަރ ކާރު ދުއްވާލައިފިއެވެ.
ޝޭޑީވިލާއަށް ކާރު ވަދެގެން ގޮސް ގޭގެ ކުރިމައްޗަށް މަޑުކޮށްލިއެވެ. ވާން މިއުޅޭ ގޮތެއް ކުޑަކޮށްވެސް ރޭކައި ނުލާ އިން ނަޒްލާ ފޭބީ ޑްރައިވަރގެ އެހީތެރިޔާ ދޮރުފަތް ހުޅުވާލަ ދިނީމައެވެ. ހިސާބަކަށް ތުރު ތުރު އަޅަމުން ދިޔަ ދެފައިން އޭނާ ހިނގާފައި ދިޔައިރު ގޭގެ ބެލްކަންޏަށް ނިކުމެ ހުރި ޔައީޝް ލޮލުގައި އަޅައިގަތެވެ. ޔައީޝްއަށް އޭނާ ފެނުމުން ބަލަހައްޓައިގެން ހުރެލާފައި އެނބުރުނީ އަނެއްފަރާތަށެވެ. އެފަރުވާކުޑަ އަމަލުން ނަޒްލާ އަސަރު ކުރިއެވެ. ފަހަކަށް އައިސް ޔައީޝް އުޅެނީ އޭނާ އާއި ދުރުމިނެއް ބަހައްޓައިގެންނެވެ. އަވިކްގެ ލޯބިވެރިއަކަށް އޭނާ ވުމުން އިތުރަށް ގާތްކަން ބާއްވަން ބޭނުން ނުވަނީ ކަންނޭނގެއެވެ.
"މަތީ ބުރިއަށް ހިންގަވާ!" ނަޒްލާ ދޮރުން ވަނުމާއެކު އާޝިމާ އައިސް ނަޒްލާގެ ކައިރިއަށް ހުއްޓިފައި ދުރުގައި ހުރި ސިޑިއަށް އިޝާރާތް ކޮށްލިއެވެ. ސިޓިންރޫމްގައި ސާފު ކުރަން އޭރު ހުރީ އިތުރު އެހެން ނޯކަރެކެވެ. ގޭގެ އެހެން މީހަކު ލޮލަށް ފެންނާކަށް ނެތެވެ. ނަޒްލާ ސުވާލު ކުރަން ބޭނުންވެ ހުރެ އެސުވާލުތައް ހިންދާލީ ހިތުތެރެއަށެވެ. އޭނާ އާޝިމާ އެދުނު ފަދައިން ސިޑީގެ ހަރުފަތްތައް ގިރާކޮށްފައި އެރިއިރު އެންމެ ކައިރިއަށް ހުރި ކޮޓަރީގެ ދޮރު ހުޅުވާފައި ހުއްޓާ ފެނުނެވެ. "ނަޒްލާ. އަވަހަށް އާދޭ!" އެވަގުތު ނަޒްލާފެ ދެފިޔަވަޅު ބިމުގައި ތަތްލީ އެކޮޓަރިން ނިކުމެފައި އޭނާއާއި ވާހަކަދެއްކި ފަރޫޝާ ފެނިފައެވެ. ފަރޫޝާ އެހާ އުފާވެރި މޫޑަކާއެކު ދުވަހަކު އޭނާއާއި މުޚާތަބު ކުރި ކަމެއް ނޭނގެއެވެ.
ފަރޫޝާ އެއަތުގައި ހިފައިގެން ގެންގޮސް ކޮޓަރި ތެރޭ ބެހެއްޓުމާއެކު ކުރިއްސުރެ އެތާ އުޅުނު ދެއަންހެން ކުދިން ވެގެން ފޫޓު ފީތާއިން އޭނާގެ ހަށިގަނޑުން މިން ނަގަން ފަށައިފިއެވެ. އެމީހުން ބުނިގޮތަށް ދެއަތް އުފުލާ ތިރިކޮށް ހެދިއިރު ނަޒްލާ ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ.
"އަހަރެންނަށް ކޮންމެވެސް މީހަކު ބުނެދީފާނަންތަ މިކޮންކަމެއް ކަން؟" ފަރޫޝާއަށް ފޯނެއް އައިސްގެން އެބަ އަންނަމޭ ކިޔާފައި ނިކުތުމުން ނަޒްލާ ވާހަކަދެއްކިއެވެ. މަސައްކަތުގައި ތިބި ދެއަންހެން ކުދިން މަސައްކަތް ހުއްޓާލައިފައި އެމޫނަށް ބަލައިލީ ހައިރާންވެފައެވެ. "ނޭނގޭތަ؟ ނޫނީ އަހަރެމެން އިމްތިހާނު ކޮށްލަނީތަ؟" އެއްކުއްޖަކު ހީގެންފައި ބުނެލިއެވެ. ނަޒްލާ ދެފަރާތަށް ބޯ ހޫރާލިއެވެ. "އެކަމަކު ތީ ކިހިނެތްވާނެ ކަމެއް ނެތް. ކައިވެނި ކުރާ އަންހެންކުއްޖާއަށް ނޭނގި ކައިވެނީގެ ތައްޔާރީތައް ކުރިއަށް ދޭތަ؟" އަނެކަކު ނަޒްލާގެ ވާހަކަ ޤަބޫލު ނުކުރާ ރާގަކަށް ވާހަކަދެއްކިއެވެ. "ވަޓް؟" ނަޒްލާގެ އަނގައިން ނިކުތެވެ. ދެވަނަ ސިކުންތުގައި އަނެއްކާވެސް ބޯ ހޫރާލެވުނީ ދެފަރާތަށެވެ. އޭނާއަށް އެނގިފައި އޮތް ގޮތުން ވިއްޔާ ކަރަމް އަވިކްގެ ކައިވެނި ކުރުވަން އުޅެނީ މާނީއާއެވެ. ވީއިރު އެމީހުން އެހެން އެކިޔަނީ ކީއްވެ ހެއްޔެވެ؟ މިންތައް ނަގާ ނިމެން ދެން ނަޒްލާ ހުރީ އިތުރު ވާހަކައެއް ނުދައްކައެވެ.
އެދެއަންހެން ކުދީން ހުއްދަ ދިނުމުން އޭނާ ކޮޓަރިން ނިކުމެފައި ވަށައިގެން ހޯދައިލިއެވެ. ސިޑިން ފައިބަން ހީކޮށްލިތަނާ ދުރުން ފިޔަވަޅުގެ އަޑު އިވިގެން ބަލައިލިއިރު ޔައީޝް އެދިމާއަށް އާދެއެވެ.
"ކޮންގްރެޓްސް." ޔައީޝް އައިސް ނަޒްލާގެ ކުރިމައްޗަށް ހުއްޓިފައި ބުނެލިއެވެ. ނަޒްލާ ގަދަކަމުން ކަހަލަ ގޮތަކަށް ތުންފަތަށް ހިނިތުންވުމެއް ވެރިކޮށްލިތަނާ ޔައީޝް ހަމަ ކުއްލިއަކަށް ހިނގައިގެންފައި ގޮސް ލޯމަތިން ގެއްލިއްޖެއެވެ. އިތުރަށް އެންމެ ބަހެއް ބުނާނެ ފުރުސަތެއްވެސް އޭނާއަށް ނުދީއެވެ.
"އޯ ގޯޑް. ކިހިނެތް މިވަނީ؟ އަހަރެންނަށް ހޭލާ ހުއްޓާ ހުވަފެން ފެންނަނީތަ؟" ނަޒްލާ ހިތާއި ހިތުން ވާހަކަ ދައްކަމުން ސިޑިން ފޭބިއިރު ކަރަމް އާއި ފަރޫޝާ ތިބީ ސިޓީންރޫމް ސޯފާގައެވެ. އެވަގުތު މިކިޔާލް އަންނާތީ ފެނުނީ ގޭގެ މައިދޮރުން ވަދެގެންނެވެ. މިކިޔާލްވެސް އޭނާ ހުރަސް ކުރަމުން އެހެންޏާ ނުބަލާ ކަހަލަ ގޮތަކަށް ބަލައިލިއެވެ. ދެން ގޮސް ކަރަމް ކައިރިއަށް ހުއްޓިއްޖެއެވެ. ފަރޫޝާ ގޮވާލުމުން ނަޒްލާ އަދަބުވެރި ކަމާއެކު އެތާ ހުރި ސޯފާގައި އިށީނެވެ. ފަރޫޝާ އިޝާރާތް ކުރީ ކުޑަމޭޒުމަތީ އަތުރާފައި ހުރި ތަބަކަށެވެ. އެތަނުން ކޮފީއެއް ހަދާލައިގެން ބޯން އެދުމުން ނަޒްލާ މަނާވެގަތެވެ. ކަރަމް މިކިޔާލް އާއި ވާހަކަ ދައްކަމުން ތެދުވެގެން ދިޔައީ ނަޒްލާއަށް ބަަލައިވެސް ނުލައެވެ.
"އިރުކޮޅަކުން އަވިކް އަންނާނެ. އޭނަ އައީމައެއްނު ނަޒްލާ ގެއަށް ދާނީ." ފަރޫޝާ ވާހަކަ ދައްކަމުން ކޮފީ ތައްޓެއް ހަދާލައިފައި އެތި ފޮދުފޮދުން ބޯން ފަށައިފިއެވެ. ނަޒްލާ ބޯ ޖަހާލައިފައި މަންމަނެއްހެން އިނދެގެން އިރުއިރުކޮޅާ ކަޅި އެއްލަނީ ދޮރާއި ދިމާއަށެވެ. ގިނައިރެއް ނުވެ ކާރެއް އައިސް މަޑުކޮށްލި އަޑަށް އޭނާއަށް ކޮޅަށް ތެދުވެވުނެވެ. އޭނާ ހީކުރި ގޮތަށް އެކާރުން ފައިބައިގެން އައިސް ވަނީ އަވިކްއެވެ. އެވަގުތު ނަޒްލާ ފެނުމުން އަވިކްގެ ފިޔަވަޅުތަކަށްވެސް ލަސްކަމެއް އައެވެ.
"ނަޒްލާ އަލަށް މިގެއަށް އައި ދުވަސް މީ. އަވިކް ދާންވީއެއްނު ނަޒްލާއަށް ގޭގެ ތަންތަން ދައްކާލަން." ފަރޫޝާ އަވިކް އައިސް ހަމަ ނުވަނީސް ބުނެފިއެވެ. އަވިކްގެ ނަޒަރު ނަޒްލާއަށް ދަތުރުކޮށްލި ވަގުތު ނަޒްލާ އަވަހަށް އިސްޖަހާލިއެވެ. އެނަޒަރުދެކެ އޭނާ މިފަހަރު ބިރުގަނެއްޖެއެވެ. "ހިނގާ." އަވިކް އައިސް ކައިރިވެފައި ނަޒްލާއަށް ބުނެލިއެވެ. އަވިކް ސިޑިއާއި ދިމާއަށް ދާން ފެށުމުން ނަޒްލާ ކުރާނެ ކަމެއް ނޭނގިގެން ފަހަތުން ދިޔައެވެ.
ސިޑިން އަރައިގެން ގޮސް ކޮރިޑޯގެ އެންމެ ކޮޅުގައިވާ ކޮޓަރި ދޮރުމައްޗަށް އަވިކް ހުއްޓުނެވެ. ނަޒްލާ ސުވާލު އުފެދިފައި ހުއްޓާ އަވިކް އެނބުރިފައި އެމޫނަށް ބަލައިލިއެވެ. "މީ އަހަރެންގެ ކޮޓަރި." ދެން އެންމެ ކައިރިއަށް ހުރި ކޮޓަރިއަށް އިޝާރާތް ކޮށްލައިފިއެވެ. ނަޒްލާ އެއްޗެއް ނުބުނެ ހުއްޓާ އަވިކް އެކޮޓަރީގެ ދޮރު ހުޅުވާލައިފައި ނަޒްލާ އެތެރެއަށް ކޮށްޕާލައިފިއެވެ. ތަންކޮޅަކަށް ދެވިފައި ބެލެންސް ލިބުމުން ނަޒްލާ އެނބުރި ބަލައިލިއިރު އަވިކް ވަދެ ހުރީ އޭނާގެ ފަހަތުގައެވެ. އެވަގުތު އޭނާގެ ހިތް ތެޅިގަތީ އަވިކް އެކޮޓަރީގެ ދޮރު އެތެރެއިން ތަޅުލިތަން ފެނިފައެވެ.
ބިރުގަތީމައި ނަޒްލާގެ މޫނު ފެންނަނީ ކުރިއަށްވުރެ މައުސޫމު ކޮށެވެ. އެބޮޑު ބޮޑު ދެލޯ އަދި އިހުނަށްވުރެ ބޮޑުކޮށްލައިގެން ހުރި ގޮތުން ޅަކުއްޖެއް ފަދައެވެ. އަވިކް ކުރިއަށް ނެގި ކޮންމެ ފިޔަވަޅަކާއެކު ނަޒްލާ ފަހަތަށް ފިޔަވަޅެއް ނަގަމުން ގޮސް މަތަވީ އަލަމާރީގައި އޭނާގެ ބުރަކަށި ޖެހިފައެވެ. އެވަގުތު އަވިކް އެއް އަތް އުފުލާލައިފައި އަލަމާރީގައި ވިއްދާލުމުން ނަޒްލާ އަނެއްފަރާތަށް ޖެހެން ފެށިތަނާ އަނެއް އަތްވެސް އަނެއްފަރާތުން ވިއްދާލިއެވެ.
"ވިކް ތިއުޅެނީ އަހަރެން ބިރުގަންނަވަން ވެގެން ކަމަށް ވަންޏާ ތީ ބޭކާރު ކަމެއް. އަހަރެން ބިރެއް ނުގަނޭ." ނަޒްލާ ގަދަކޮށްލާފައި ކުރިމަތިލިއެވެ. އެވަގުތު އަވިކްގެ ސީރިއަސް މޫނަށް ލުއި ހިނިތުންވުމެއް ވެރިވާން އުޅުމުން އިސްއޮބާލުމަކުން ވަންހަނާ ކޮށްލިއެވެ. "އަންހެން ކުދިން އަބަދުވެސް ބުނާނީ ކަން އޮންނަ ގޮތުގެ އިދިކޮޅަށް." އަވިކް އިސްއުފުލާލައިފައި މޫނު ކައިރި ކޮށްލުމުން ނަޒްލާއަށް ކުރެވުނު ކަމަކީ ދެލޯ މަރާ ތަގުޅި ކޮށްލުމެވެ. ނޭނގުމުގެ ތެރޭގައި ނަޒްލާ ދިން އެރަނުގެ ފުރުސަތުގެ ބޭނުން އަވިކް ހިފިއެވެ. ކަޅި ޖަހާނުލާ ހުރެގެން އޭނާ އެމޫނުގެއިވާ ކޮންމެ ގުނަނަކަށް ވަކި ވަކިން ބެލިއެވެ. ރަތްވެފައިވާ ކޯތާފަތުގައި ތުންފަތް ޖައްސާލާ ހިތުން ހިތް ތެޅުނުއިރު އޭނާ ހުރީ ހިތްވަރު ކޮށްލައިގެންނެވެ. އެރީތި ބުމައިގައި ޝަހާދަތް އިނގިލި ހިންގާލައި ފިޔާތޮށި ތުންފަތުގައި ބޮސްދޭން ބޭނުންވެ ހުރެ އަމިއްލަ ނަފްސް ކިޔަމަން ކުރިއެވެ. އުދަނގޫ ވިއަސް ހާލަތުގެ ގޮތުންނެވެ.
"ސޮރީ ވިކް." ދުރަށް ޖެހިލަން އަވިކްއަށް އެނގުނީ ނަޒްލާ ވާހަކަދެއްކި އަޑަށެވެ. އޭނާ ދެއަތް ތިރިކޮށްލިތަނާ ނަޒްލާ ލަސްލަހުން އެސްފިޔަތައް އުފުލާލައިގެން ބަލަން ހުރީ އޭގެ ޖަވާބަކަށް އެދިގެން ކަހަލައެވެ. އެވަގުތު އަވިކް އަނެއް ފަރާތަށް އެނބުރިފައި ގޮސް ބެލްކަންޏަށް ނިކުމެއްޖެއެވެ. ނަޒްލާ އަވިކް ފަހަތުން ގޮސް ދާދި ކައިރިއަށް ހުއްޓުނެވެ. ތާޒާ ވައިރޯޅިތައް އައިސް އިސްތަށިގަނޑާއި ސަމާސަ ކުރަން ފެށުމުން އޭނާ އެއިސްތަށިތައް އެއްފަރާތަށް ކޮށްލިތަނާ އަވިކް މޫނު އަނބުރާލިއެވެ. "ކީއްކުރަން މިގެއަށް އައީ؟" އަވިކް އަހާލިއެވެ. އެއީ އޭނާ ނަޒްލާ ފެނުމުން ފުރަތަމަ އަހަން ބޭނުންވި ސުވާލެވެ. ކައިވެންޏަށް ބައްޕަގެ ރުހުން ލިބުނަސް އޭނާ އެހުންނަނީ ނަޒްލާ ކައިރީ އެކައްޗެއްވެސް ނުކިޔައެވެ. އެހެން ހުއްޓާ ނަޒްލާއަށް އެޚަބަރު ދީގެން ގެނައީ ކާކުކަން ބަލަން އަވިކް ބޭނުންވިއެވެ.
"އަވިކް ބައްޕަ ކާރު ފޮނުވީމަ އަހަރެން އައީ. ކީއްކުރަން ކަމެއް ނޭނގެ އައިސް ވަންއިރަކު." ނަޒްލާ ކިޔައިދިނެވެ. "ދެން މިހާރު އެނގިއްޖެތަ؟" އަވިކް ނަޒްލާއަށް އެނގިފަ އޮތް މިންވަރު އޮޅުން ފިލުވަން އުޅުނެވެ. "އަހަރެންގެ ގައިން މިން ނެގީ." ނަޒްލާ އެހިސާބަށް ބުނެފައި ތުންފަތުގައި ދަތް އަޅާލިއެވެ. އޭނާ ދެން ބަލާލިއިރު އަވިކް ހުރީ އަނެއްކާވެސް ތިރި ބަލަހައްޓައިގެންނެވެ.
"އަހަރެން އަދިވެސް މިހުންނަނީ ކޮންފިއުޒްވެފަ... މިން ނަގަން އުޅުނު ކުދިން ބުނީ އަހަރެންގެ ކައިވެންޏަށް...." ނަޒްލާއަށް ޖުމްލަ ފުރިހަމަ ކުރާކަށް ނުކެރުނެވެ. އޭނާ މިފަހަރުވެސް ބަލައިލީ އަވިކް ބުނާ އެއްޗެއް އަޑުއަހަން ބޭނުން ވެގެންނެވެ. "ބައްޕަގެ ޝަރުތަކީ އަހަރެންގެ މަންމަ އާއި ކޮއްކޮގެ ދިރިއުޅުން މިގެއަށް ބަދަލު ކުރުން. މަންމަ ހުރީ އަހަރެންގެ އުފަލަކަށްޓަކައި އެކަންވެސް ކުރަން. އަދި އަހަރެން ނިންމައިގެން ހުރީ ބައްޕަ އާއި ވަކި ވިއަސް އަހަރެން ލޯބިވާ ކުއްޖާއާއި ނޫނީ ކައިވެންޏެއް ނުކުރަން. އެކަމަކު..... އެކަމަކު އަހަރެންނަށް ކުޑަވެސް ޔަޤީންކަމެއް ނެތް މިހާވަރުގެ ރިސްކެއް ނަގައިގެން އަހަރެންނަށް އުފަލެއް ލިބޭނެ ކަމުގެ. އަހަރެން ލޯބިވާ ކުއްޖާ ކައިރީ އަލުން ކައިވެންޏަށް އަހާނެ ހިތްވަރެއް އަހަރެންގެ ނެތް. ދެން އޭނާގެ ދުލުން ނޫނެކޭ ބުނާ އަޑު އަހާނެ ހިތްވަރެއް އަހަރެންގެ ނެތް. އަހަންނަކަށް ނުވާނެ އެކަމެއް....." އަވިކްގެ ވާހަކަ ނިންމާލައިފައި ބަލާލިއިރު ނަޒްލާވެސް ހުރީ ބަލަހައްޓައިގެންނެވެ. ހަތަރުކަޅި ހަމަވެފައި ސިކުންތުކޮޅެއް ވީއިރު އަވިކްއަށް ފެނުނީ ނަޒްލާގެ ލޮލުން އޮހިގަތް ކަރުނަ ތިކިތަކެވެ.