ނަޒްލާ ހިނިތުންވެފައި ހުއްޓާ ޔައީޝް ކުއްލި އަކަށް އެނބުރި ބަލައިލުމުން ތެޅިގަނެވިއްޖެއެވެ. ޔައީޝް ކަމަށް ހީކޮށް އޭނާ އެހުރިހާ ވާހަކައެއް އެދެއްކީ އަވިކް އާ މުޚާތަބު ކޮށްފައެވެ. "އަވިކް!" ނަޒްލާގެ ދުލުން ނިކުތެވެ. އެއްޗެއް ނުބުނެ އަވިކް ބަލަހައްޓައިގެން ހުރި ގޮތުން އޭނާއަށް އުދަނގުވިއެވެ. އެ މޫނުގައި ހުރީ މާ ހިތްހަމަޖެހިފައި ހުރި ކުލަވަރެއް ނޫނެވެ. "މާފުކުރައްވާ އަޅުގަނޑަކަށް ނޭނގެ އަވިކް ރާއްޖެ ދުރުވިކަމެއް. އެހެންވެ އަޅުގަނޑު ހީކުރީ ޔައީޝް ކަމަށް." ނަޒްލާ އަދަބުވެރި ކަމާއެކު ވާހަކަ ދެއްކި އެވެ. "ނަޒޫއަށް ކީއް އަހަރެން ކޮންމެތާކަށް ދިޔަސް އަދި ކޮންމެތާކުން އެނބުރި އަޔަސް. އަހަރެން ކުރާ އެއްވެސް ކަމަކުން ނަޒޫއަށް ކޮން ފަރަގެއް އަންނާނީ؟" އަވިކް ބާރުބާރަށް ރައްދު ދިނުމުން ނަޒްލާ ބަލާލިއިރު ހުރީ ދެބުމަވެސް ކައިރި ކޮށްލައިގެންނެވެ. އޭނާ ހައިރާންވެފައި ދެފަހަރު މަތިން އަވަސް އަވަހަށް އެސްފިޔަޖަހާލިތަނާ އަވިކް އަނެއްފަރާތަށް މޫނު އަނބުރާލައިފައި އެތަނުން ނިކުންނަން ހިނގައިގެންފިއެވެ.
"ކިހިނެތް އެވީ؟ އޭނަ އަހަރެންދެކެ ރުޅި އައިސްގެންތަ އެދިޔައީ؟...ސްޓްރޭންޖް!" އަވިކް ލޯ ކުރިމަތިން ގެއްލުނު ފަހުން ނަޒްލާ ވާހަކަދެއްކީ ހިތާއި ހިތުންނެވެ. "އައި ހޭވް އެން އައިޑިއާ. ޔައީޝް ނެތްގަޑީ އޭނަ މިތަނަށް އަންނާނީ ކޮންމެވެސް ބޭނުމަކު. އެކަމަކު އަހަރެން ހުރީމަ އޭނާ ސިއްރުން ކުރަން އުޅުނު ކަންތައް ކާމިޔާބު ނުވީ. އެހެންވެ އެކަން ފޮރުވަން ރުޅިދައްކާފަ އެދިޔައީ." ނަޒްލާ އިތުރު ހިޔާލަކަށް ދިޔައެވެ. ހިތާއި ސިކުނޑިވެސް ބުރަވީ އެގޮތަށެވެ. އޭނާ ފާޑަކަށް އަނގަ ހަދާލައިފައި ގޮސް ބްލައިންޑްސްތައް މައްޗަށް އަރުވާލައިގެން ބޭރު ބަލަން ހުއްޓާ އިރުކޮޅަކުން ޔައީޝް އަތުވެއްޖެއެވެ.
"ރިދީ! ޖަވާބު ދީބަލަ. މިހާރު ދެވަނަ ފަހަރަށް އެރިންގްވަނީ. އެނަޒްލާ ޔައީޝްގެ ކެބިންއަށް ދިޔަ ގޮތަށް އަދިވެސް ނާންނަނީތަ؟" ޒުލްފާ ވާހަކަދެއްކީ ރިދީ އާއި މުޚާތަބު ކޮށްފައެވެ. "ނޭނގެ މަށަކަށް. ނާންނަނީ ތޯއްޗެ. މަށެއް ގައިމުވެސް ނުދެކެން އޭނައެއް." ރިދީ ޖަވާބު ދީފައި ތެދުވެގެން ގޮސް އިންޓަކަމް އަތްގަނޑު ނަގައި ކަންފަތުގައި ޖަހާލިއެވެ. "ނަޒްލާ ނެތީތަ؟" އެކޮޅުން އަވިކް އެހިއެވެ. "ނަޒްލާ ވީ ޔައީޝްގެ ކެބިންގައި." ރިދީ ފޫހިކަމާއެކު ޖަވާބުދީފައި ބޭއްވިއެވެ. އޭނާ އެނބުރިލިއިރު ޒުލްފާ އިނީ ސުވާލު ކުރަން ތައްޔާރުގައެވެ. "އަވިކް އެގުޅީ." ރިދީގެ ޖަވާބު އަހާފައި ޒުލްފާ ރުޅިގަދަވިވަރުން ދަތްކުނޑި ވިކާލައިފިއެވެ. "ޔައީޝް، އަވިކް އަދި ނުވިތާކަށް އައިޓީ ބޯއީސްތައްވެސް އެއަންހެނާގެ އަތްދަށުގައި. ހިތަށްއަރާ އެއްފަހަރާ ކިތައް މީހުންނާ އިންނަންބާއޭ އޭނަ އެއުޅެނީ." ޒުލްފާ މޭޒުމަތީ އޮތް ރަފް ކަރުދާސްގަނޑު އަތުތެރޭ ބޮނޑި ކޮށްލައިފައި ޑަސްބިނާއި ދިމާއަށް ހޫރާލި ބާރުމިނުގައި ގޮސް ޖެހުނީ ނަޒްލާގެ ފައިގައެވެ.
އެވަގުތުން ނަޒްލާ އައުޗްއޭ ހަދާލުމުން ޒުލްފާ ބަލައިލާފައި އަނެއްފަރާތަށް މޫނު އަނބުރާލައިފިއެވެ. ރިދީ ހިތްހަމަ ނުޖެހި އިނދެފައިވެސް އަވިކް ގުޅި ވާހަކަ ބުނަން ތައްޔާރުވެލިއެވެ. އެކަމަކު އެއަށްވުރެ އަވަހަށް ނަޒްލާގެ މޯބައިލް ރިންގް ވާން ފެށުމުން އޭނާ މަޑުކޮށްލިއެވެ. ނަޒްލާ ފޯނު އަތަށް ނަގާފައި ސްކްރީނަށް ބަލައިލި ގޮތަށް މޫނުގެ ކުލަ ބަދަލުވިއެވެ. އޭނާއަށް ބަލައިލެވުނީ ރިދީއަށެވެ. ކަންބޮޑުވެފައި ހުރެގެން އޭނާ ފޯނު ނަގައި ކަންފަތުގައި ޖަހާލިއެވެ. "ނަޒްލާ! ވީ އެންމެ އަވަހަކަށް އަހަރެންގެ ކެބިންއަށް އާދޭ!" އަވިކްގެ އަމުރު ކޮށްލާފައި ނަޒްލާގެ ޖަވާބަކަށް އިންތިޒާރު ކުރުމަކާއި ނުލައި ފޯން ކަނޑާލީއެވެ.
"މިފަހަރު އެދިޔައީ ކާކު ކައިރިއަށްބާ؟" ނަޒްލާ ހުރި ހިސާބުން އަނބުރާލައިފައި ދިއުމުން ރިދީ އެކުވެރިޔާއަށް އިއްވާލިއެވެ.
ދޮރު ހުޅުވާލައިފައި ނަޒްލާ ބޯ ދިއްކޮށްލިއިރު އަވިކް އިސްޖަހާލައިގެން އިނީ މޭޒުމަތީ އޮތް ބިއްލޫރި ބޯޅައެއް އަތުތެރޭ އަނބުރާށެވެ. އޭނާ އެތެރެއަށް ވަދެ ދޮރު ލައްޕައިލާފައި ގޮސް މޭޒު ކުރިމައްޗަށް ހުއްޓޭންދެން އިސްއުފުލައި ބަލައިވެސް ނުލައެވެ. ނަޒްލާއަށް އެވަގުތު އިސްވެ ބުނާނެ އެއްޗެއް ނޭނގުނެވެ. އަވިކްއަށް އޭނާ އައިސް ހުރިކަން ނޭނގުނީއެއް ކަމެއް ނޫނީ އަޅައިނުލައި އިނީކަމެއް ނިންމަން އުނދަގޫވިއެވެ. ވިސްނައިލާފައި އޭނާ އެންމެފަހުން ކުޑަކޮށް ކަރު ކެހިލައިފިއެވެ.
"ޔައީޝް އާއި ނަޒޫ އޮތީ ކޮން ގުޅުމެއް؟" އަވިކްގެ ކުއްލި ސުވާލުން ނަޒްލާ ސިހުނެވެ. އޭނާ ބަލާލިއިރު އަވިކް އަދިވެސް އިނީ އިސްޖެހި ގޮތަށެވެ. "އެވާހަކަ އަހަންތަ މިތަނަށް ތިގެނައީ؟" ނަޒްލާވެސް ކޮށްލީ ސުވާލެކެވެ. "އަހަރެން ކުރި ސުވާލަށް ޖަވާބު ދީ!" އަވިކް ކުއްލިއަކަށް ބޯޅަ މައިތިރި ކޮށްލައިފައި އެހިފައިގެން ކޮޅަށް ތެދުވެއްޖެއެވެ. "އެކުވެރިއެއް އެއީ އަހަރެންގެ." ނަޒްލާ މަޑުމައިތިރި ކަމާއެކު އިއްވާލިއެވެ. "ކިހާ ދުވަހެއްވީ އެކުވެރިކަމެއް އެއީ؟" އަވިކް އަނެއްކާވެސް އެހިއެވެ. ނަޒްލާ ފާޑަކަށް ބަލައިލާފައި އިސްޖަހައިލިތަނާ އަވިކް އައިސް ކައިރިވެލުމުން ހިތް ތެޅިގަތެވެ. "އަހަރެން މިއަހަނީ ކިހާ ދުވަހެއްހޭ ވީ ދެމީހުން އެކުވެރިވިފަހުން؟.... ދިހަ އަހަރު؟ ފަސްއަހަރު؟ ތިންއަހަރު ނޫނީ އެއްއަހަރުތަ؟" އަވިކް ސުވާލުތައް އަމުނާލުމުން ނަޒްލާއަށް އުދަނގޫވެގެން އަވަހަށް ތިންމަހޭ ބުނެލެވިއްޖެއެވެ. ޖަވާބު ލިބުމުން އަވިކް ދުރުބަލައިލަމުން ކުރު ހިނިގަނޑެއް ޖަހާލައިފިއެވެ.
"އާ. އަހަރެންނާއި ޔައީޝްގެ އެކުވެރިކަމަށް އަދި ތިންމަސްވީ. ސޯ ވަޓް؟" ނަޒްލާ ހިތްހަމަ ނުޖެހިގެން އަޑަށް ބާރުލީއިރުވެސް ހުރީ ދެއަތް ޖޯޑުކޮށްލި ގޮތަށެވެ. "އެހެންވިއްޔާ ނަޒޫ ހަނދާން އެބަހުރިތަ ނަޒޫގެ ލައިފްގަ އަހަރެން ނުވާއިރެއް؟ ނަޒޫ އަހަރެން ނުދަންނަ ދުވަހެއް؟" އަވިކް އެތާހުރި ގޮނޑި ދުރަށް ޖައްސައިލާފައި ނަޒްލާ އާއި ކުރިމަތި ވާގޮތަށް މޭޒުގައި އިށީންދެލިއެވެ. އެސުވާލުގެ ގޮތުންނާއި ސުވާލު ކުރި ރާގުން އޭނާއަށް އަސަރު ކުރި ނަމަވެސް ދުރުބަލަން ހުރީ ވާހަކަ ނުދައްކާން ނިންމައިގެންނެވެ. "އަހަރެން ފުރަތަމަ ހަނދާން ހުންނަން ފެށިއިރުވެސް ނަޒޫ އުޅެނީ އަހަރެންގެ ކުރިމަތީގައި. އަހަރެން އުފަންވީ ދުވަހުން ފެށިގެންވެސް ނަޒޫތީ އަހަރެންގެ އެކުވެރިއެއް. ވީ ހެޑް ގްރޭޓް މެމޯރީސް ބެކް ދެން. ހަމައެކަނި އަހަރެމެން ދެމީހުންގެ މެދުގައި އޮތް ގާތްކަމެއް ނޫން އަހަރުމެން ދެއާއިލާވެސް އެއްބަޔަކު އަނެއްބަޔަކާއި ގުޅިލާމެހިފަ އޮތީ... އިޓް ވޯޒް ލައިކް.... އަމް އެއްއާއިލާއެކޭ ބުނެގެން ދޮގަކަށް ނުވާނެ." އަވިކް އަސަރާއެކު ވާހަކަ ކުރިއަށް ގެންދިޔައިރު ނަޒްލާގެ ދެލޯ ފެންކަޅި ވަމުން އައެވެ. ކޮންމެ ޖުމްލައެއް އޭނާގެ ހިތާއި ކުޅެލާފައި މާޒީގެ ދުވަސްތައް ލޯ ކުރިމަތީ އިއާދަ ވެގެން އަންނަން ފެށިއެވެ.
"ނަޒޫ އަހަރެން ގަބޫލު ކުރަން އަހަރެންނަކީ ކުށްވެރިއެއް ކަމަށް. ނަޒޫ އަހަރެންދެކެ ރުޅި އައުން ހައްޤު. އެކަމަކު އަހަރެންނަށް ނޭނގުމުގައި ހެދުނު ގޯހެއްގެ ސަބަބުން އަހަރުމެންގެ ދުވަސްވީ އެކުވެރިކަމަށް ބުރޫ އެރުން މީ ކިހިނެތް އިންސާފަކަށް ވާނީ؟ ނަޒޫ ތިންމަސްވީ އެކުވެރިއަކަށް ތިވަރުގެ އަހައްމިއްޔަތުކަމެއް ދޭއިރު، ވަޒީފާއަށް މަސްދުވަސް ވެގެން އެންމެ އުފާވި ދުވަހު އެއުފާވެރިކަންވެސް އެންމެ ތިންމަސްވީ ކުރު މުއްދަތެއްގެ އެކުވެރިޔަކާއި އެކީ ހޭދަކުރަން ނިންމާފައި ވާއިރު ކީއްވެ އަހަރެންނާއި ނަޒޫގެ ގުޅުން ތިހާ ލައިޓް ކޮށް ނަގަނީ؟ ކުޑަމިނުން އަހަންނާއި އަނގައިން ނުބުނެވޭނެތަ؟ ފެނިގެން ހާލު އަހާނުލެވޭނެތަ؟ އަހަރެން ރާއްޖެއިން ބޭރަށް ގޮސް އެނބުރި އައުމުން އަހަރެންގެ ދަތުރު ދިޔައީ ކިހިނެތްތޯ ސުވާލު ކޮށެއް ނުލެވޭނެތަ ނަޒޫ؟ ޖަވާބު ދީބަލަ ނަޒޫ؟ ކީއްވެ އެއްޗެކޭ ނުބުނެ ތިހުންނަނީ؟" އަވިކްގެ ވާހަކަ ނިމިގެން ސުވާލު ކޮށްވެސް ނަޒްލާ އަނގައިން ނުބުނުމުން އޭނާއަށް ކޮޅަށް ތެދުވެވިއްޖެއެވެ.
"ނިމުނީތަ؟ ނިމުނިއްޔާ ދެން ގޮސްލިއަސް އެންމެ ރަނގަޅުތަ؟" ނަޒްލާ ހަތަރުކަޅި ހަމަކޮށްލާފައި ނުހަނު ސާބިތު ކަމާއެކު އަހާލައިފިއެވެ. ޚުދު އަވިކްއަށްވެސް ހުރެވުނީ ހިނދު ކޮޅަކަށް ބަސް ހުއްޓިފައެވެ. އޭނާ ދެއްކި އެހުރިހާ ވާހަކައަކަށް ފަހުވެސް ނަޒްލާގެ ހިތަށް އަސަރެއް ކޮށްލިހެން އެމޫނުން ހީނުވެއެވެ. ވަގުތު އިންސާނާ ބަދަލު ކޮށްލައޭ އެބުނާ ވާހަކައަކީ ތެދެއްތާއެވެ. ކިރިޔާ ކަމެއް ވިއަސް ހިތުގައި ޖެހޭ ބަލިކަށި، ކުޑަ އަންހެންކުއްޖާ މިއަދު އެހުރީ މުޅިން އެހެން މީހަކަށް ވެފައެވެ.
"ތި ހިމޭންކަން އަޅުގަނޑު ބަލާނީ ޖަވާބު ކަމުގައި." އަވިކް އެހެން ހުއްޓާ ނަޒްލާ ދާންވެގެން ފުރަގަސްދިނެވެ. އެކަމަކު އޭނާއަށް ކުރިއަށް އެޅުނީ ދެފިޔަވަޅެވެ. "އަހަރެން ދައްކަން ހުރި ވާހަކަ އަދި ނުނިމޭ." އަވިކް ނަޒްލާ ހުއްޓުވަންވެގެން ކުއްލިއަކަށް އަތުގައި ހިފާ ދަމާލި ގޮތުން ހިފެހެއްޓުމެއްނެތި އައިސް އެމޭގައި އޭނާ ލައްވެއްޖެއެވެ.މ އެވަގުތު ނަޒްލާގެ އިސްތަށިގަނޑުގެ ބޮޑުބައެއް އަވިކްގެ މޫނުގައި ބީހިލާފައި ތިރިއަށް ދިޔައިރު ލުއި މީރުވަހެއް އޭނާގެ ނޭފަތުގައި ހަރުލައިގެން ދިޔައެވެ. އިޚުތިޔާރެއްނެތި ނަޒްލާގެ އަނގައިން ނިކުތް ހަޅޭކާއެކު ދެއަތް މުށްކަވާލައިގެން އޭނާއަށް ޖައްސާލެވުނީ މޭގައެވެ. ލޯމަރައި ބާރުކޮށްލި ނަމަވެސް ދެފައި ބިމުގައި ހަރުލާގޮތްވުމުން ޝުކުރުވެރި ކަމާއެކު އަވަހަށް ލޯ ހުޅުވާލިއެވެ. އެކަމަކު ހަމަ އެސިކުންތުގައި އަވިކްގެ ހޫނު ނޭވާ އޭނާގެ ކަނދުރާއަށް އެޅުނުވަގުތު ހަތަރެސްފައިން ހަރަކާތް ހުއްޓިއްޖެއެވެ. ދެލޯ ބޮޑުވެފައި ނަޒްލާ ހުރިއިރު އަވިކްވެސް އެއީ ހިލައިގެ ބުދެއް ފަދައެވެ. ވަށައިގެން އެނބުރެމުން ދިޔަ ދުނިޔެވެސް އެދެޒުވާނުންނަށް ޓަކައި މަޑުޖެހިލިފަދަ ވަގުތު ކޮޅެކެވެ.
އެގޮތުގައި ސިކުންތުކޮޅެއް ވޭތުވެ ދިޔަ ފަހުން ކޮންމެވެސް މީހަކު ދޮރުފަތުގައި ޓަކި ޖަހާލި އަޑަށް ދެސިކުނޑި އެއްފަހަރާ މަސައްކަތް ފެށިއެވެ. އަވިކް އަވަސްއަވަހަށް ފަހަތަށް ފިޔަވަޅެއް އަޅާލުމާއެކު ނަޒްލާ ދެފަޔަށް ލެވުނުހާ ބާރެއްލައިފައި ދޮރާއި ދިމާއަށް ހިނގައިގެންފިއެވެ. އެވަގުތު އަވިކް އަނެއްފަރާތަށް އެނބުރިފައި ގޮސް ދޮރާއި ފުރަގަސްދީގެން އޭނާ އިންނަ ގޮނޑީ ކައިރިއަށް ހުއްޓި ލެނގޭބައިގެ މަތީގައި އެއްއަތުން ބާރަށް ހިފަހައްޓާލިއެވެ. ފުންކޮށް ދެތިން ނޭވައެއް ބޭރުކޮށްލުމާއެކު އޭނާ އަވަސްވެފައިވާ ހިތާއި ދިމާލުން މޭގައި ދެފަހަރަކު ތަޅާލިއެވެ. އިރުކޮޅަކުން ރޫޔާ ވާހަކަދެއްކި އަޑަށް އެނބުރި ބަލާލައިފައި ރޫޔާ ބާއްވައިލި ލިއުމުގައި ސޮއި ކުރަންވެގެން އިށީނެވެ. އެވަގުތު އަވިކްއަށް ލިބުނީ އިތުރު ހައިރާންކަމެކެވެ. އަތްތިލަ އާދަޔާ ޚިލާފަށް ދާހިއްލާލައިފައި ހުރިކަން އޭނާއަށް އިހްސާސްވީ ސޮއި ކުރަންވެގެން ގަލަން ނެގިތަނާއެވެ. ހިނދުކޮޅަކަށް މަޑުޖެހިލާފައި އޭނާ ޓިޝޫއެއް ނަގައިގެން އަތުގެ ހުދުހަން ރީތިކޮށް ފުހެލިއެވެ. ސޮއި ކުރި ލިއުން އަނބުރާ ރޫޔާއަށް ހަވާލު ކޮށްފައި ފޮނުވާލުމަށްފަހު އޭނާ ގޮނޑީގައި ލެނގިލައިފިއެވެ. "ވަޓް ޖަސްޓް ހެޕެންޑް؟ ނަޒޫ އަހަރެންނަށް ކިހިނެތް ހަދާފަ އެދިޔައީ؟" ހިތާއި ހިތުން އަވިކްއަށް އަހާލެވުނެވެ.
އޮފީސް ނިމުނު ގަޑިއަށް ބޯ ވިއްސާރަ ވިލާގަނޑެއް އޮތީ ތައްޔާރުވެފައެވެ. ކޮންމެ މީހަކު އައިސް ގޭޓުން ނިކުމެފައި ފުރަތަމަ ބަލައިލަނީ އަޅި ކުލަ ޖެހިފައި އޮތް އުޑާއި ދިމާއަށެވެ. ދެން އަވަހަށް އެމީހަކު އައި އުޅަދަނކަށް އަރައިގެން މަންޒިލާއި ދިމާއަށް މިސްރާބު ޖަހައެވެ. އަވިކް ލިފްޓުން ނިކުމެގެން ލަސް ހިނގުމެއްގައި އައިސް ނިކުމެވުނީ ނަޒްލާ ކައިރިއަށެވެ. ނަޒްލާ އޭނާއަށް ފުރަގަސްދީގެން ހުރެ ދަބަސް ތެރެއިން ކޮންމެވެސް އެއްޗެއް ނަގަނީއެވެ. ކުރިއަށް ދިއުމުގެ ބަދަލުގައި އަވިކް ހުއްޓުނެވެ. އޭނާ އަލުން ހިނގައިގަތީ ނަޒްލާ ދަބަހުން ކުޑަ ނަގައިގެން ގޮސް އޮފީސް އިމާރާތުން ނިކުތް ފަހުންނެވެ. އެވަގުތު ނަޒްލާ އެކުގައި އެހެން ކުދިންތައް ތިބޭއިރު އެކަކު އަނެކަކު ފެނިގެން ނުތަނަވަސްކަމެއް ވެރިވާން އޭނާ ބޭނުން ނުވީއެވެ. އަވިކްއަށް ނިކުމެވުނުއިރު ވާރޭ ވެހެން ފަށައިފިއެވެ. އޭރު އެހެން މީހުން އެކި ދިމާއަށް ގޮސް ގޭޓު ކައިރި އޮތީ ހުހަށެވެ. އޭނާ އެއްއަތް ނިއްކުރިއާއި ހިސާބުގައި ޖައްސައި ލޮލަށް ހިޔާއަޅައިގެން އަވަހަށް ގޮސް ކާރަށް އަރައި ދުއްވާލިއެވެ.
ގެއަށް ގޮސް ވަންއިރު އަޑު ގަދަ ކޮށްލާފައި އެންމެން ވާރޭ ވެހޭތީ އުފާވެގެން އެކަން ފާހަގަ ކުރަނީއެވެ. ސޯފާގައި އީމާ އާއި ސުދާ ތިބިއިރު ބޮޑު ބޯތައްޓެއް މަތި މައްޗަށް އުސްކޮށް ހޫނު ކަވާބު ހުއްޓެވެ. އަވިކް ވަންތަން ފެނިގެން ސުދާ ހިނިއައިސް އިނދެގެން އެމީހުންނާއި ބައިވެރި ވުމަށް އެދުނެވެ. އަވިކް އިސްތަށިގަނޑުން ފެން ފޮޅަމުން ކޮޓަރިއާއި ދިމާއަށް ދިޔައީ ގަމީސް ބަދަލު ކޮށްގެން އަންނާނެ ވާހަކަ ބުނެފައެވެ. ހައިވެފައި ހުރުމުން އޭނާ އަވަހަށް ޓިޝާޓަކާއި ކަކުލާއި ހަމައަށް އަންނަ ސޯޓެއް ލައިގެން ނިކުތެވެ. އެވަގުތު ކާކޮޓަރިން ނިކުމެގެން އައިސް ސުދާމެން ކައިރިއަށް ހުއްޓުނު މާނީ ފެނިގެން އަނގައަށް ގޮތެއް ހަދާލެވިއްޖެއެވެ. އެއަންހެންކުއްޖާ ފެނުނަސް އޭނާ ރުޅި ގަދަވެއެވެ. އެއް ގޮތުން ނޫނިއްޔާ އަނެއް ގޮތުން އޭނާއަށް ޖެއްސުން ކުރާނެއެވެ. ހެއްވާ ތަންކޮޅަކީ މާނީ އެހުރިހާ ކަމެއް ކުރާއިރުވެސް ސުދާ އެއްބައިވެފައި މަޖާވެގެން އުޅޭތީއެވެ. މަންމަގެ ދަރިއަކީ އޭނާ ނޫން ކަމުގައި މާނީ ކަމުގައި އަވިކްއަށް ހީވާ ފަހަރުވެސް އާދެއެވެ.
"ހޭއި އަވިކް. އަވަހަށް ކާންފަށާ! މިހުރީ ހޫނު ކަވާބު. މިހުރީ ކޮފީ އާއި ކަޅު ސައިވެސް. ކޯއްޗެއް ބޭނުމީ؟" މާނީ އަތުގައި ހުރި ތަބައް ކުޑަ މޭޒުމަތީ ބަހައްޓާފައި ހިންދެމިލިވަގުތު އަވިކް ފެނިގެން ވާހަކަ ދެއްކިއެވެ. ޖަވާބު ދިނުމުގެ ބަދަލުގައި އަވިކް ގޮސް އިށީންދެލީ ސުދާގެ ކައިރީގައެވެ. އޭނާ ހޫނު ކަވާބެއް ނަގައިގެން ކާން ފެށުމުން މާނީ ފާޑަކަށް ތުންކޮޅު އޫކޮށްލިއެވެ. "މީ ތިރަށު އެންމެންވެސް ކުރާ ކަމެއްތަ ދައްތާ! މިހެން މިއެހީ ވާރޭ ވެހޭ ކޮންމެ ފަހަރަކު ދައްތަ ހަމަ މިކަހަލަ މީރު މީރު ކަވާބު ހަދައިގެން ކާތީ." މާނީ އީމާގެ ކައިރީގައި އިށީންދެ ޖޯޑަށް ސައިއަޅަމުން ވާހަކަ ދެއްކިއެވެ. އެވަގުތު އަވިކްވެސް މަންމަގެ ޖަވާބު އަހާލުމުގެ ގޮތުން ސުދާގެ މޫނަށް ބަލާލައިފިއެވެ. "ހަމައެކަނި ކަވާބެއް ނޫން. އެކަމަކު ހަނޑޫ ބޮނޑިބަތް ކަހަލަ ކޮންމެވެސް ހޫނު އެއްޗެއް ކައްކަން ރަށުގައި އުޅޭއިރުވެސް. އެކުން އަހަރެނަށް މިއާދަ ހިފުނީ ރަށުގައި އުޅުނުއިރު އެންމެ ގާތްކޮށް އުޅުނު މީހުންގެ ފުށުން. ސަޢީދާ ވާރޭ ވެހޭ ކޮންމެދުވަހަކު ކޮންމެވެސް އެއްޗެއް ކައްކައިގެން އަހަރުމެން ގެއަށް ގެންނާނެ. އަވިކްވެސް ވަރަށް ވަރުހުންނާނެ ވާރޭ ވެހޭއިރު ހޫނު އެއްޗެހި ކާން." ސުދާ ޖަވާބު ދީފައި ބަލައިލިއިރު އަވިކް އިނީ ދުރު ބަލަހައްޓައިގެންނެވެ. މަންމަގެ ވާހަކައިން އޭނާގެ ހަނދާންތައްވެސް މާޒީގެ ދުވަސްތަކާއި ދިމާއަށް ދަތުރު ކޮށްލިއެވެ. އެވަގުތު އޭނާގެ ހިތަށް އެރި އެއްޗަކުން ކުއްލިއަކަށް ފޯނު ނަގާފައި މެސެޖެއް ލިޔަން ތައްޔާރު ވެލިއެވެ. އަވިކް ހިތަށް އެރީ ސަޢީދާގެ ފުށުން މަންމައަށް އެއާދަ ހިފުނުއިރު ނަޒްލާވެސް މިހާރު އުޅޭނީ ކޮންމެވެސް އެއްޗެއް ތައްޔާރު ކުރަން ކަމުގައެވެ.
"ހާދަ މީރުވަސް ދުވައޭ. ކުޅު ދިޔާވެއްޖެ." އަވިކް މެސެޖްގައި ލިޔެލިއެވެ. އިރުކޮޅެއް ނުވެ މެސެޖެއް އައިސްގެން ފޯން ވައިބްރޭޓް ވެލުމުން އިޚުތިރަކާނުލައި އޭނާ އަށް ހިނިތުންވެވިއްޖެއެވެ. ކޮފީ ތަށި ތުނބުން ނައްޓާލި ވަގުތު މާނީއަށް އެމަންޒަރު ރީތިކޮށް ފެނުނެވެ. އޭނާ ބަލަން ހުއްޓާ އަވިކް ފޯނާއި ކުޅެލާފައި އަދި ކުރިއަށް ވުރެވެސް ބޮޑަށް ހިނިތުން ވެލައިފިއެވެ.
"ކޮންތާކު ތިހުރީ؟" ނަޒްލާގެ މެސެޖްގައި އޮތެވެ. "ރަހަ ބަލަން ބޭނުމިއްޔާ ކިހިނެތް ހަދަންވީ؟ އެތެރެއަށް ވަންނަންވީތަ؟" އަވިކް ވިސްނައިލާފައި ޖަވާބު ފޮނުވާލިއެވެ. އޭނާ އިންތިޒާރުގައި ފޯނަށް ބަލަބަލާ އިންދާ ނަޒްލާގެ އަނެއް މެސެޖް އައެވެ. "ނޫން ނޫން. ޕްލީޒް ނުވަންނާތި. މިތާ އެބަހުރި އެންމެން. އަހަރެން އިރުކޮޅަކުން މިދަނީ ތިރިއަށް." ނަޒްލާ ލިޔެފައި އޮތެވެ. އިތުރަށް އެންމެ މިނިޓެއްވެސް ބޭކާރު ކުރުމެއް ނެތި އަވިކް ތެދުވެގެން ހިނގައިގަތީ ދޮރާއި ދިމާއަށެވެ. ސުދާއަށް އެތަން ފެނިގެން ސުވާލު ކޮށްލުމުން އޭނާ ރަތްޓެހި ކުއްޖަކު ކައިރިއަށް ދަނީ ކަމުގައި ބުނެލިއެވެ. "އެކަމަކު ދެންމެއެއްނު ތިއައީ. އަނެއްކާ ދާންވީ؟" ސުދާ ބުނެލި އެއްޗަކަށް ނުބަލައި އަވިކް ގޮސް ދޮރު ހުޅުވާލައިފައި ނިކުތްއިރު މާނީ ފަރުވާތެރި ކަމާއެކު ބަލަން އިނެވެ.
ކާރު ދުއްވަމުން ދިޔައިރު އަވިކްގެ ހިތް އޮތީ އުފަލުން ފޮޅިފައެވެ. އޮޅުވާލައިގެން ވިއަސް ނަޒްލާ އާއި އަލުން ބައްދަލު ކޮށް ވާހަކަ ދައްކާލުމަށް ލިބޭ ފުރުސަތު ނަގާލާކަށް އޭނާ ނޭނދެއެވެ. އޭނާގެ މަޤްސަދަކީ ނަޒްލާ ތިރިއަށް ފައިބަން ވާއިރަށް އެގޭ ކައިރިއަށް ދިއުމެވެ. ޓްރެފިކްގައި ޖެހިގެން މަޑުކުރަން ޖެހުނު ދެފަހަރުވެސް އޭނާ ގާތަށް އައީ އާދަޔާ ޚިލާފު ރުޅިއެކެވެ. މީގެ ކުރިން ދުވަހަކުވެސް އެގޮތަށް ތަނަކަށް ދިއުން ލަސްވެގެން އުޅުނު ހަނދާނެއް ނެތެވެ. ނަޒްލާގެ ޕާރސަނަލް ފައިލް ބަލައި އެޑްރެހާއި އެއްޗެހިވެސް ބަލައި އޮޅުން ފިލުވާފައި އޮތްކަން ނަސީބޭ އަވިކް ހިތަށް އެރިއެވެ. އެމަގަށް އަޅާލަން ތައްޔާރު ވެފައި ހުއްޓާ އަނެއްކާވެސް ފޯނު ވައިބްރޭޓް ވެލުމުން އޭނާ ބަލާލިއިރު ނަޒްލާ ސުވާލު ކޮށްފައި އޮތީ "ތި ހުރީ ކޮންތާކުހޭ؟" މިހެންނެވެ. ނަޒްލާ މިހާރު ތިރިއަށް ފައިބައިގެން އޭނާ ހޯދަނީ ކަން އަވިކްއަށް އެނގުނެވެ. އޭނާ އަވަހަށް ކާރު އަނބުރާލައިފައި އެމަގަށް ވަދެއްޖެއެވެ. ދެފަރާތަށް ލޯ ހިންގަނިކޮށް ނަސީބަކުން ނަޒްލާވެސް ފެނިއްޖެއެވެ. ގެއަށްވުރެ ތަންކޮޅެއް ދުރުގައި ނަޒްލާ ހުރީ ކުޑައެއް ހިފަހައްޓާލައިގެންނެވެ. ލައިގެން ހުރި ފެހިކުލައިގެ ޓޮޕާއި ޖިންސާއެކު މަތިން ހުދު ޖެކެޓް ކޮޅެއް ލައިފައި ހުރިއިރު އެފަން އިސްތަށިގަނޑު އޮތީ މިނިވަން ކަމާއެކު ދޫކޮށްލެވިފައެވެ. ވާރޭ ވެހޭލެއް ބޯކަމުން ދޮން ދޮން މޫނާއި އިސްތަށިގަނޑުގައި ފެންތިކިތައް ހަރުލަމުން ދިޔަތަން އަވިކްއަށް ފެނުނެވެ. އޭނާ އިތުރަށް ކުރިއަށް ނުގޮސް މަގުގެ އަނެއްފަރާތުގައި ކާރު ބާއްވާފައި ނިކުމެ ދޮރުފަތް ޖަހާލިތަނާ ނަޒްލާގެ ލޮލުގައި އޭނާ އަޅައިގެންފިއެވެ.
"ވިކް ތިހިރަ ތެމެނީއެއްނު." އަވިކްގެ ހަށިގަނޑު ތެންމަން ފެށި ވާރޭތިކިތައް ދެކެފައި ނަޒްލާ އެހެން ކަމެއްގެ މަތިން ހަނދާނެއް ނެތެވެ. އޭނާ މަގު ހުރަހަށް ދުއްވައިގެންފައި އައީ އަތުގައި އޮތް ކުޑައިން އަވިކް ހިޔާ ކޮށްދިނުމަށެވެ. އެވަރުންވެސް އުޅުނީމައިވެސް އައިސް ހުއްޓުނުއިރު އަވިކް ހުރީ ނުހަނު ބޮޑަށް ތެމިފައެވެ. އެފަންއިސްތަށިގަނޑުން ނިއްކުރިއަށް ފެންތިކި ތަޅަމުން ދިޔައިރު ޓިޝާޓް ގައިގައި ތަތްވެއްޖެއެވެ. "ވިކް ތިއަށްވުރެ ބޮޑަށް ނުތެމެނިސް މިހިފައިގެން އަރާ ކާރަށް. އަހަރެން ދާނީ ވިކް އެރީމަ." ނަޒްލާ ފަސްއެނބުރި ގެއާއި ދިމާއަށް ބަލަމުން އެހެން ބުނެލާފައި އެނބުރުނުއިރު އަވިކް ބަލަން ހުރިގޮތުން ހުއްޓުން އެރިއެވެ.