ނަޒްލާ އަވަހަށް ގޮސް ކެންޓީނުން ނިކުންނަން އުޅެފައި ބަލާލިއިރު އަވިކް ހިނި އައިސްފައި އިނީ ލައިލާ އާއި ވާހަކަ ދައްކާށެވެ. އެވަގުތު ނަޒްލާއަށް އަތް މުށްކަވާ ލެވުނީ ހިތަށް ކުރި އަސަރަކުންނެވެ. އިތުރަށް އެންމެ ސިކުންތަކުވެސް އެތާ ނުހުންނަން ވެގެން އޭނާ ދިޔައީ ގެއަށެވެ. އަވިކް އެހާ އަވަހަށް ލައިލާ އާއި ގުޅުން އުފެއްދީ އޭނާ ޖެލަސް ކުރަންކަން އެނގޭއިރުވެސް އޭނާއަށް އަމިއްލަ ހިތަށް ވިސްނައެއް ނުދެވުނެވެ. އެނދަށް ވެއްޓި ގަނެގެން އިރުގަނޑަކު އޮވެ އޮވެފައި އެގާރަ ޖެހުމުން ތެދުވެ ހަނޑޫ ދޮންނަން ހުއްޓާ ލައިލާ އެނބުރި އައިސް ވަނެވެ.
"ނަޒޫ. ނަޒޫ. ނަޒޫ....!"ލައިލާ މޭޒުމައްޗަށް ތަޅުދަނޑިފަތި ދޫކޮށްލައިފައި ނަޒްލާ ފެނިގެން ދުވެފައި އައިސް ފަހަތުން ބައްދައިގަތެވެ. "ކިހިނެތްވީ؟" ހިތްހަމަ ނުޖެހިފައި ހުރެވެސް ނަޒްލާ އަހާލިއެވެ. "އަހަންނަށް ހީވަނީ އަވިކް އަހަރެންދެކެ ލޯބިވާހެން." ލައިލާ ދިން ޖަވާބަކުން ނަޒްލާގެ ދެއަތަށް ހުއްޓުމެއް އަތުވެއްޖެއެވެ. އޭނާ އެނބުރި ބަލައިލީ ލައިލާ އެހެން ބުނި ސަބަބެއް އޮޅުން ފިލުވަން ބޭނުން ވެގެންނެވެ. "އޭނަ ބުނީ ދެމީހުން އެކީ މިރޭ ޑިނަރ ކުރަން ބޭނުމީ ގޭގައޯ. އަހަރެން ބޭރަށް ނުދަނީ ކީއްވެހޭ އެހީމަ ބުނަނީ ދެމީހުން އެކީ ކައްކައިގެން ކެއީމަ އެކީގަ ޓައިމް ސްޕެންޑް ކުރެވިފަ މާ މަޖާވެސް ވާނެއޭ. އެހެންވެ މިބުނީ އޭނަ އަހަންނާއެކު ޓައިމް ސްޕެންޑް ކުރަން އެހާ ވަރެއް ދައްކާލައިފަ އެހުންނަނީ ލޯބިވާތީއެއް ނޫންތަ؟ އަޅެ އަޅެ އޭނަ އެވާހަކަ ބުނާ ވަގުތު އަހަރެން ފެއިންޓް ވާނެ ކަންނޭނގެ." ލައިލާ ފޮނިވެގެން ފުމެ ފުމެފައި ގޮސް ވެއްޓިގަތީ އެނދަށެވެ.
"އެހެންވީމަ އަހަރެން މިރޭ ދާންވީ ބޭރަށް ދޯ؟" ނަޒްލާ އެނބުރި ލައިލާއަށް ނަޒަރެއް ދީފައި ބުނެލިއެވެ. "ނަޒޫ މިރޭ ކޮލެޖަށް ދާނަމެއްނު. އެގަޑީގައޭ އަވިކް އަންނާނީ. މިރޭ އަހަރެން ކުލާހެއް ނޯންނާނެ." ލައިލާގެ ޖަވާބު އަހާފައި ނަޒްލާ އަނެއް ފަރާތަށް އެނބުރި ހަނޑޫ ދޮންނަން ފެށިލެއް ބާރު ކަމުން ހަނޑޫތައްވެސް ދިޔައީ އެތަން މިތަނަށް ބުރަ ބުރައިގެންނެވެ. އޭނާ ހަނޑޫކޮޅު ކުކަރަށް އަޅާލައިފައި އައިސް އިނީ ލިޔާމޭޒު ކައިރީ ހެޑްސެޓް ޖަހައިގެން ލަވަ އަޑު އަހާށެވެ. ނަޒްލާ ބޭނުން ނުވީ ލައިލާ އަވިކްއޭ ކިޔައިގެން އިތުރު ވާހަކަތަކެއް ދައްކާނެ ފުރުސަތެއް ދޭށެވެ.
*****
ފިނި ހަވީރެކެވެ. ވާރޭ އަދި ނުވެހުނަސް އުޑުމަތި އޮތީ ކަޅު ވިލާތަކުން ބައްދާލައިފައެވެ. ކަރަމް ނިކުމެ އިނީ ސިޓިންރޫމް ސޯފާގައެވެ. ދިގު ދޮރުފަތްތައް ހުޅުވާލައިފައި ހުރުމުން ބާރު ވައިރޯޅިތައް އެތަނަށްވެސް ވަންނަމުން ދިޔައެވެ. ބޭރު ތެރޭގައި ހުރި ގަސްތައްވެސް މިއަދު އުޅެނީ އޮބި ނޯވެގެންނެވެ. އިރުކޮޅަކުން ފަރޫޝާ އެތަނަށް އައިސް މަޑުކޮށްލީ ހަވީރު ސައި ހިފައިގެންނެވެ. ފަރޫޝާ އަތުގައި ހުރި ތަބަކުގައިވާ ދެ ތަށި ހެދިކާ ކަރަމް ކުރިމަތީ މޭޒުގައި ބަހައްޓާފައި ހުސް ތަބައް ދިއްކޮށްލީ އާޝިމާއަށެވެ. އާޝިމާ އަތުގައި ހުރި ތަބައް ބަހައްޓާފައި ފަރޫޝާ ދިއްކޮށްލި ތަބައް ހިފައިގެން ހިނގައްޖެއެވެ.
"ކޮންކަމަކާ ތި ވިސްނަނީ؟" ފަރޫޝާ ސައި ފޯންޗުން ޖޯޑަކަށް ހޫނު ފެން އަޅާފައި ސައިފަތް ޕެކެޓެއް ވައްޓާލިއެވެ. ކަރަމް އެދިމާއަށް މޫނު އަނބުރާލައިފައި ވަކި ޖަވާބެއް ނުދީ އިންދާ އޭނާ ހަކުރު އަޅައިގެން ސައިޖޯޑު ގިރާލައިފައި ވަތު ތައްޓާއެކު ދިއްކޮށްލައިފިއެވެ. "މި ވިސްނަނީ އަވިކްއާމެދު." ކަރަމް ވަތު ތަށީގައި ހިފާފައި ފޮރުވުމެއް ނެތި ބުނެލިއެވެ. "ކައިވެންޏާ މެދުތަ؟ ކިހާ ދުވަހެއްތަ މިހާރު އޮތީ؟ ދެ ހަފްތާވެސް ނެތް ދޯ؟ ވެޑިން ޕްލޭނަރ އަކާއި ހުރިހާ ޒިންމާއެއް ހަވާލު ކޮށްގެން އުޅޭތީ ގޭތެރެއަކުން ނޭނގޭ ވިއްޔަ ބޮޑު ދުވަހެއް އަންނަކަމެއް." ފަރޫޝާ ހަނދާން ކޮށްލަމުން ކަރަމްގެ ކުރިމައްޗަށް ވާ ގޮތަށް ހުރި ސޯފާގައި ހަމަޖެހިލިއެވެ.
"ފަރޫޝާ ދެނަ ހުރިންތަ ނަޒްލާ މިކޮޅުގައި އުޅޭކަން؟" ކަރަމް ކުއްލިއަކަށް އަހާލިއެވެ. ފަރޫޝާގެ ތުންފަތުގައިވި ހިނިތުންވުން ފިލާ ދިޔައީ އެއަޑު އަހައިގެންނެވެ. އޭނާ ބުރަކަށި ތެދު ކޮށްލައިފައި ހައިރާން ވެގެން ކަރަމްގެ މޫނަށް ބަލަން ފެށިއެވެ. "ހޫމ. އެބައުޅޭ. އަހަރެން އެންމެ ހައިރާންވީ އަހަރެންގެ ކުރިމަތީ އެކުއްޖާ އުޅުނު އިރު ކުޑަކޮށްވެސް ރޭކާ ނުލީމަ." ކަރަމްގެ ވާހަކަ ހުރި ގޮތުން ފަރޫޝާއަށް އެތާވެސް ނީނދެވުނެވެ. އޭނާ އައިސް އިށީންނީ ކަރަމްގެ އެންމެ ކައިރީގައެވެ. "ކޮންތާކު އުޅުނީ؟" ފަރޫޝާ ހާސްކަމާއެކު އަހައިލިއެވެ. "ނަޒްލާ އުޅުނީ އަހަރުމެން އޮފީހުގައި. އަވިކްގެ އެންމެ ކައިރީގައި. ކުރީ ރޭ ޕާޓީ ތެރެއިން އަހަރެންނަށް އޭނަ ފެނިގެން މިކިޔާލް ކައިރިން އޮޅުން ފިލުވީ." ކަރަމް ކިޔައިދިނެވެ. "ދެން ކިހިނެތް ވާނީ؟" ފަރޫޝާގެ ހިތް ބާރު ބާރަށް ތެޅެން ފެށިއެވެ. އޭނާ ޖެހިލުންވީ ނަޒްލާގެ ސަބަބުން އަވިކްގެ ކައިވެންޏަށް ހުރަހެއް އެޅިދާނެތީއެވެ. "ކިހިނެތް ވާނީ ދެން. އެކަމަކު އަހަރެން ވަރަށް ހައިރާންވެފަ މިހުންނަނީ ނަޒްލާ ކުއްލިއަކަށް ވަޒީފާ ދޫކޮށްލައިފަ ދިޔައީމަ. ފަރޫޝާއަށް އަޅެ ހީވޭތަ ނަޒްލާ އާއި އަވިކްގެ މެދުގައި ކުރިން އޮތް ކަހަލަ ގުޅުމެއް އުފެދިދާނެ ހެން؟" ކަރަމްގެ ހިތަށް ކަށި ހަރަމުން އައި ސުވާލު އަނބިމީހާ އާއި ކޮށްލިއެވެ.
"އެނަޒްލާ ޔަޤީނުންވެސް ހުންނާނީ އަވިކް މަގު ފުރައްދަން ފުރުސަތަކަށް ބަލަބަލާ. އެކަމަކު އަވިކްގެ ހިތުގައި އެކަހަލަ އެއްޗެއް އޮތް ނަމަ މިކައިވެންޏަށް ޤަބޫލު ވާނެބާ؟ އަހަންނަށް ވަރަށް ހީނުވޭ." ފަރޫޝާ ހާމަ ކުރީ އޭނާ އެދިހުރިވެސް ގޮތެވެ. ނަޒްލާ އާއި އަވިކް ގުޅިއްޖެއްޔާ އޭނާއަށް ހަމަޖެހުމެއް ނެތެވެ.
"އަހަންނަށް ފެންނަނީ ކައިވެނި އަދިވެސް އަވަސް ކުރަން." ފަރޫޝާ ބުނެލި އެއްޗަކުން ކަރަމް ކުއްލިއަކަށް ހީލިއެވެ. "ކަންބޮޑު ނުވޭ ފަރޫޝާ. ދެން ނެތޭ ދެ ހަފްތާވެސް. އެހެންނޫނަސް ކައިވެނި އަވަސް ކުރަން އުޅެފިއްޔާ އަޒްމީލުގެ ހިތުގައިވެސް ސުވާލު އުފެދޭނެ. އަހަރުމެން އަވިކް އަކީ ކިޔަމަންތެރިއެއް. އޭނަގެ ފުށުން ނުފެންނާނެ އަހަރުމެންނަށް ދެރަ ލިބޭނެ އެއްވެސް ކަމެއް." ކަރަމް އަމިއްލަ ދަރިފުޅާމެދު ފަޚުރުވެރި ވެލާފައި ބުންޏެވެ.
ރޭގަނޑު ކެއުން ބޭރުން ހަމަޖައްސާފައި އޮތް ވާހަކަ ބުނެފައި އަވިކް ވަނީ ފެންވަރާށެވެ. އޭނާ ތައްޔާރު ވެގެން ނިކުންނަން ދަނިކޮށް ސުދާ ގޮވައިލީ ސޯފާގައި އިނދެފައެވެ. "މަންމަ ކޮންމެ ފަހަރަކު އަހަރެން ބޭރަށް ދާ ގަޑީގަ ގޮވަނީ ކީއްވެތަ؟" އަވިކް ހުއްޓިފައި ޝަކުވާގެ ރާގެއްގައި ބުނެލިއެވެ. "އަވިކް ގޭތެރެއިން ފެންނަނީ ކޮންމެ ފަހަރަކު ވަދެ ނިކުމެވާ ގަޑީގައި އެކަނި. ދެން އެގަޑިތަކުގައެއްނު ގޮވޭނީ. އޮފީހުން އަންނަ ގަޑީ ގޮވާލާއިރަށް ބުނާނެ ވަރަށް ވަރުބައްޔޭ. ނިދަން ދަނީއޭ. ބޭރަށް ދާ ގަޑީގަ ކޮންމެވެސް ތަނަކަށް ދާން ލަސް ވެގެން. ކިހިނެތްތަ މިހާރަކަށް އައިސް ވެގެން ތިއުޅެނީ؟ މަންމަ އާއެކު ހޭދަ ކުރާ ވަގުތު އެއްގޮތަކަށްވެސް ނާދެއޭ ބުންޏަސް ދޮގަކަށް ނުވާނެ. އަނެއްކޮޅުން ވެގެން އުޅޭ އެއްވެސް ގޮތެއް ކިޔައިދެނީއެއް ނޫން." ސުދާ އަވިކްގެ މޫނަށް ބަލަން އިނދެގެން ވާހަކަ ދެއްކިއެވެ. އަވިކް އަނބުރާލައިފައި އައިސް މަންމަ ކައިރީ އިށީންދެލިއެވެ.
"ސޮރީ މަންމާ. މިހާރު އަސްލުވެސް މާ ގިނައިން ބޭރަށް ދެވެނީ." އަވިކް ދެރަ ވެލާފައި އިއްވާލިއެވެ. "ކައިވެނި ކުރަން އުޅޭއިރު އެކަމުގެ އަލާމާތެއްވެސް ދަރިފުޅު ފަރާތަކުން ނުފެނޭ. ކޮންއިރަކުތަ އެންމެ ފަހުން މާނީ އާއި ބައްދަލު ކުރީ؟ އޭނަ ގޮވައިގެން މިގެއަށް އައިސްބަލަ މަންމަ ބައެއްފަހަރު ހިތަށް އަރާ ދަރިފުޅު ހަމަ ބޭނުން ވެގެން ބާއޭ މާނީ އާއި އިންނަން އެއްބަސްވީ." ސުދާގެ ވާހަކަ އެހިސާބަށް ދިއުމުން އަވިކް ނިންމީ ހަޤީޤަތް ހާމަ ކުރުމަށެވެ. ނަޒްލާގެ ވާހަކަ މަންމަ ކައިރީ ބުނަން އެއަށްވުރެ ރަނގަޅު އެހެން ފުރުސަތެއް ނުލިބޭނެއެވެ. މަންމަ ފަރާތުން ބައްޕައަށް އެނގޭ ހިސާބުން އެކަމުގައި އޭނާ ކުޅެން ޖެހޭ ރޯލުވެސް ދިޔައީއެވެ.
"މަންމާ...އަހަރެން ވަރަށް ބޮޑު ވާހަކައެއް ބުނަން ވެފަ އެބައޮތް." އަވިކް ވާހަކަދެއްކިއިރު މޫނުގެ ކުލަވަރު ސީރިއަސް ކަމުން ސުދާގެ ހިތް ތެޅިގަތެވެ. އަވިކް ބުނަން އެއުޅެނީ އޭނާ ބުނި ވާހަކަ ތަކާއި ގުޅޭ ވާހަކައެއްކަން ވަގުތުން ދެނެގަނެވުނެވެ. "އަހަރެންނަށް އެނގޭ މަންމައަށް މާނީ ކަމުދާވަރު. އެނގޭ އަހަރެންނާއި މާނީ ގުޅެން މަންމަ ވަރަށް އެދޭކަންވެސް. އެކަމަކު އަހަރެން ލޯބިވާ އެހެން ކުއްޖަކު އެބަހުރި." އަވިކް އެންމެ ފަހުން ހާމަކޮށްލިއެވެ. ސުދާ އަވިކްގެ ކޮނޑުގައި ހިފާލައިގެން ހުރި އަތްތިލަ ދުރު ކޮށްލެވުނީ ކުއްލިއަކަށެވެ. އޭނާ ޤަބޫލު ނުކުރެވިފައި އަވިކްގެ މޫނަށް ބަލަން އިނެވެ. "ދެން ކީއްވެ މާނީ އާއި އިންނަން އެއްބަސްވީ؟ އަވިކްއަށް އެނގޭތަ ވިސްނާ ނުލާ ތިހެން ކަންތައް ކުރީމަ އޭގެ އެހެން މީހުނަށް ލިބޭނެ ގެއްލުން. އަވިކްގެ ބައްޕަ އާއި އަޒްމީލްގެ ގުޅުން ހީނަރުވާނެ ވަރާމެދު ވިސްނާލިންތަ؟ އަވިކްގެ ސަބަބުން އަވިކްގެ ބައްޕަގެ ޤަދަރު ވެއްޓިގެން ދާނެކަން އެނގޭތަ؟ އެހުރިހާ ކަމަކަށްވުރެ ބޮޑަށް މާނީ... ކޮބާ އޭނާގެ ކުށަކީ؟ ކަމަކާނުލާ ތިގޮތަށް އެކުއްޖާގެ އިހްސާސްތަކާއި ކުޅެލީމަ ވާނީ ކިހިނެތް؟" ސުދާގެ އަޑަށް ކުރިން ދުވަހަކު ނާންނަހާ ހަރުކަށިކަމެއް އައެވެ. އޭނާ އަވިކްދެކެ ނުހަނު ބޮޑަށް ހިތްހަމަ ނުޖެހިއްޖެއެވެ.
"މަންމާ މާނީއަށް އެނގޭނެ އަހަރެން އޭނަދެކެ ލޯބި ނުވާކަން. އޭނަ އަމިއްލައަށްވެސް ކިތަންމެ ފަހަރަކު ބުނެފި މިކުޅިގަނޑު ހުއްޓާލަން." މަންމަގެ ނުރުހުންވެފައިވާ މޫނު ފެނުމުން ހިތުގައި ޖެހިގެން އަވިކް އަވަހަށް ބުނެލިއެވެ. އެވަގުތު ސުދާ މޫނު އަނބުރާލީ އަނެއް ފަރާތަށެވެ.
"މަންމަ ނާހާނަންތަ އަހަރެން ލޯބިވަނީ ކާކުދެކެ ކަމެއް؟ ބޭނުމެއް ނޫންތަ އޮޅުން ފިލުވާކަށް؟" އަވިކް އިސްޖަހައިގެން އިނދެފައި އިރުކޮޅަކުން އަހާލިއެވެ. ސުދާ ޖަވާބެއް ނުދިނުމުން އޭނާ ބަލާލިއިރު އަދިވެސް އިނީ ދުރު ބަލާށެވެ.
"މަންމަ އަބަދުވެސް ބުނަމެއްނު ރަށް ދޫކޮށްލައިފަ އަންނަން ޖެހުނު ސަބަބަކީ ކޮބައިހޭ؟ އެސުވާލުގެ ޖަވާބު މަންމައަށް ބުނެދޭނެ އެކަކުވެސް ނުވި. އެކަމަކު އަހަރެންނަށް ވަރަށް ރަނގަޅަށް އެނގޭ އެއީ ކީއްވެކަން. ބައްޕަ އަހަރެމެން މިކޮޅަށް ބަދަލު ކުރީ އަހަރެންނާއި ނަޒްލާ ދުރު ކުރުވަން ވެގެން." އަވިކްގެ ވާހަކަ އިވިގެން ސުދާ ސިހިފައި ކުއްލިއަކަށް އަވިކްގެ މޫނަށް ބަލައިލިއެވެ. އަވިކް އިސްޖަހައިގެން އިނީ އެވާހަކަ އިތުރަށް ކުރިއަށް ގެންދާށެވެ. "ބައްޕައަށް ކަމުނުދިޔައީ ނަޒޫއަކީ ނިކަމެއްޗަކަށް ވީމަ. ބައްޕަގެ ސިކުނޑީގައި ހުރީ ފަރޫޝާގެ ވިސްނުން. ނަޒޫއަށް ނުވެސް އެނގިހުއްޓާ ބައްޕަ ހުރިހާ އިލްޒާމެއް އެޅުވީ ނަޒޫ ބޮލުގަ. ނަޒޫ މަންމަ ބޮލުގަ. އަހަރެމެންގެ މުއްސަދި ކަމާއި ފައިސާތައް ބޭނުމުގައި ނަޒޫ އާއި އޭނާގެ މަންމަ އަހަރެންގެ ހިތާއި ކުޅެލިކަމުގެ އިލްޒާމު އެޅުވިއިރު ނަޒޫއަށް ނުވެސް އެނގޭ އަހަރެން ނަޒޫދެކެ ލޯބިވާކަމެއް. އެކުއްޖާ މައުސޫމުކަމުން ނޭނގެ ލޯބި އެއީ ކޯއްޗެއް ކަމެއްވެސް." އަވިކްގެ ހިޔާލުތައް މާޒީވި އެދުވަހާއި ދިމާއަށް ދަތުރު ކޮށްލި ހިނދު ދެލޯ ފެންކަޅިވިއެވެ. އޭނާ ކޮޅަށް ތެދުވެފައި ޖީބަށް އަތް ކޮށްޕާލައިގެން ގޮސް ހުއްޓުނީ ކުޑަ ދޮރު ކައިރިއަށެވެ.
"އެދުވަހު ނަޒޫ ހިތަށް އެންމެ އަސަރު ކުރީ އޭނަގެ މަންމައާ ދިމާއަށް ބައްޕަ ކީ އެއްޗެހިން. އެހެންވެގެން ނަޒޫ ބުނި ދުވަހަކުވެސް އަހަރެންގެ ލޯބި ޤަބޫލު ނުކުރާނެ ކަމަށް. އެކަމަކު މިއަދުވެސް ނަޒޫ ލޯބިވަނީ އަހަރެންދެކެ. މިހާރު އޭނަ އަހަރެންނާއި ނުގުޅެން އެހުންނަނީ ޞައިއްތަ ޤަބޫލު ނުވެގެން. ޞައިއްތަ ބުނި މީހަކާއި އިންނަން އެހުންނަނީ އެއްބަސްވެގެން." އަވިކް ވާހަކަ މެދުކަނޑާލައިފައި އެނބުރިލުމުން ސުދާގެ ދެލޯ ފެނުނީ ކަރުނުން ފުރިފައި ވަނިކޮށެވެ. މަންމަގެ މިކުލައިން އަވިކްގެ ހިތަށްވެސް އަސަރު ކުރިއެވެ. އޭނާ ގޮސް ކުޑަ ކަކޫ ޖަހައިލީ ސުދާގެ ކުރިމަތީގައެވެ.
"މަންމާ. ނަޒޫ ނޫން ކުއްޖަކާއި އަހަރެން ގުޅެން ވެއްޖެއްޔާ ހަމައެކަނި އަހަރެންގެ ދިރިއުޅުމެއް ނޫން އެކުއްޖެއްގެ ދިރިއުޅުންވެސް އެވައްޓާލެވެނީ ހަލާކުގެ ތެރެއަށް. އަހަރެންނަށްކަށްވެސް އަދި އެކުއްޖަކަށްވެސް އުފަލެއް ނުލިބޭނެ. މަންމަ ބޭނުންތަ މަންމަ ތިހޭދަ ކުރާ ދިރިއުޅުން އަހަރެން އުޅެން؟" އަވިކްގެ ވާހަކަ އެހިސާބަށް ދިޔަތަނާ ސުދާ އަވިކްގެ އަނގަމަތީ އަތް އަޅައިފިއެވެ. ސުދާއަށް ވާހަކަ ދައްކަން އުދަނގޫ ވެގެން ދެފަރާތަށް ބޯ ހޫރާލީ އެހެން ނުބުނާށޭ ބުނާފަދަ ގޮތަކަށެވެ. "މަންމާ އަހަރެން ހަމައެކަނި ބޭނުމީ ނަޒޫ. މަންމަ ޤަބޫލު ވާނަން ދޯ އަހަރެން ނަޒޫ އާއި ގުޅެން. މަންމައަށް ކަމުދެއެއްނު ނަޒޫ." އަވިކް އިތުރަށް ބުނެލި ކޮންމެ ވާހަކައަކަށް ސުދާ ޖަވާބު ދިނީ ބޯ ޖަހައިލުމަކުންނެވެ. އޭނާ ލޮލުން ވެއްޓުނު ކަރުނަ ތިކި ފުހެލާފައި އަވިކްގެ މޫނުގައި ދެއަތުން ހިފާލި ގޮތަށް ނިތުގައި ބޮސްދީފިއެވެ. "މަންމަގެ ހެޔޮދުޢާ ވަނީ ދަރިފުޅާއެކު." ސުދާ ބުނެލިއެވެ. އުފަލުން ގޮސް އަވިކްއަށް ބައްދާލެވުނީ މަންމަގެ ދެފައިގައެވެ. އޭނާ ހިނިތުންވަމުން އެދެކަކޫ މަތީ ބޯ އަޅައިލުމުން ސުދާވެސް ހެވިފައި އިނދެގެން އަވިކްގެ އިސްތަށިގަނޑުގައި ފިރުމަން ފެށިއެވެ.
މަންމަ އާއި ވަކިވެގެން އަވިކް ދިޔައިރު ހިޔާލު ހުރީ މުޅިން ބަދަލުވެފައެވެ. އޭނާ ނިންމީ ލައިލާއަށް ދެރައެއް ނުލިބެނީސް ކޮންމެވެސް ރަނގަޅު ގޮތަކަށް އެކަން ނިންމާލުމަށެވެ. ކާރުގައި އިނދެފައި ގުޅަން ތައްޔާރު ކޮށްލިތަނާ އެއްލި ކަޅިއަކުން އޭނާއަށް ނަޒްލާ ފެނުނީ ހުޅުވާފައި ހުރި ކުޑަ ދޮރުންނެވެ. ނަޒްލާ މިގަޑީ ކުލާހަށް ނުގޮސް ގޭގައި ހުރި ސަބަބަކާމެދު އޭނާ ހައިރާންވިއެވެ.
"އަވިކް އެގުޅަނީ؟" ލައިލާ ޑްރެސިން ޓޭބަލް ކުރިމަތީ ހުރެފައި އަވިކް ގުޅާތަން ފެނުމުން ފޮނިވެގެން ބުނެލިއެވެ. ނަޒްލާ ކުޑަ ދޮރާއި ފުރަގަސްދީގެން ހުރީ ފޯނާއި ކުޅޭށެވެ. ތާޒާ ވައިރޯޅިތައް އޭރު ވިހުރާލެވިފައި އޮތް އެއިސްތަށިގަނޑާއި ސަމާސާ ކުރަމުން އުފާ ހޯދަމުން ދިޔައެވެ. ލައިލާ ވާހަކަ ދެއްކި އަޑަށް ނަޒްލާ ފޯނުގެ ސްކްރީނުން ނަޒަރު ވަކި ކޮށްލާފައި ލައިލާ ކިޔާ އެއްޗެއް އަޑު އަހަން ހުއްޓެވެ.
"ކީކޭ އަވިކް؟ އައީތަ؟" ލައިލާ ބުނެލި އެއްޗެއް އިވިގެން ނަޒްލާ ކުއްލިއަކަށް ހަނދާންވެފައި ކުޑަ ދޮރުން ބޭރު ބަލާލެވުނެވެ. އެވަގުތު މަގުގެ އެއްފަރާތުގައި އޮތް އަވިކްގެ ކާރު ފެނިގެން އަވަހަށް ގޮސް އެނދުގައި އިށީންދެލިއެވެ. "ހޫމ. ނަޒޫ އެބައުޅޭ. އޭނަވެސް މިރޭ ކުލާސް ކެންސަލްވީ. ދެން އޭނަ ހުއްޓަސް އޯކޭއެއްނު." ލައިލާ ވާހަކަ ދައްކަމުން ނަޒްލާއަށް ބަލައިލާފައި ހީލިއެވެ. "އޯކޭ. ވިކް ބޭނުން ގޮތެއް. މަޑު ކުރޭ އިނގޭ މިދަނީ." ލައިލާ އެންމެ ފަހުން ބުނެލި ވާހަކައިން ނަޒްލާގެ ނިތަށް ރޫ ގިނަވިއެވެ. ހިތަށް އެރިއެވެ. އަވިކް ބޭރަށް ދާން ނިންމީ އޭނާ އިނީމައި ބޭނުން ގޮތަކަށް ނޫޅެވިދާނެތީ ހެއްޔެވެ؟ އޭނާ އަދި ހީކޮށްގެން މިހުރީ އަވިކް އޭނާއަށް ދައްކަން ބޭނުންވާތީ މިގެއަށް އަންނަނީ ކަމަށެވެ. މިހާރު އަދި އެކަން އެހާ ބޮޑަށް ފަހިވެފައި އޮތްވާވެސް އަވިކް ދަނީ ހެއްޔެވެ؟ ކުޅި ކުޅިއަށް ފެށި ކަންތައްގަނޑު ސީރިއަސް ލޯއްބަށް ބަދަލު ވީކީ ނޫން ހެއްޔެވެ؟
"ނަޒޫ ދަނީ އިނގޭ. ވިކް އެބަހުރި ބޭރުގަ. އެއްޗެކޭ ހީނުކުރާތި. އަހަންނަށް ހީވަނީ ނަޒޫ ފްރެންޑެއްވީމަ ނަޒޫ ކުރިމަތީ އޭނަ ބުނަން ބޭނުން ހުރިހާ އެއްޗެއް ނުބުނެވިދާނެތީ ހެން ބޭރަށް އެގެންދަނީ؟ ކިހިނެތް އެނގެނީ މިރޭ އަހަރެންގެ ކަށި އިނގިލި ފަޅުނުފިލާނެ ކަމެއްވެސް." ލައިލާ ޕާސްނަގައިގެން ދުވަމުން ގޮސް ދޮރާއި ހަމައިގައި ހުއްޓި ހުރެގެން ވާހަކަދެއްކިއެވެ. ފަހު ޖުމްލަ ބުނެލިއިރު އޭނާ ވާއަތްތިލަ އުފުލާލައިގެން ކަށި އިނގިއްޔަށް ނަޒަރެއް ދިނެވެ. ނަޒްލާއަށް ހީވީ އޭނާގެ ހިތުގައި ކޮންމެވެސް މީހަކު ބާރަށް ޖެހިހެންނެވެ. ނޭނގުމުގެ ތެރޭގައި އެނދުގައި އޮތް ބެޑްޝީޓުން ބައެއް މުށުތެރޭ ބާރަށް ބޮނޑި ކޮށްލެވުނެވެ. ނަސީބަކުން ލައިލާ އިތުރު އެއްޗެއް ނުބުނެ ނިކުމެ ދޮރު ލައްޕާލައިފައެވެ. ދެވަނަ ސިކުންތުގައި ނަޒްލާ ތެދުވެ ހުރީ ކޮޅަށެވެ. އޭނާ އަވަހަށް ގޮސް ފާރާއި ނިވާވެ ހުރެ ކުޑަ ދޮރުން ތިރި ބަލައިލިއެވެ. ލައިލާ ފައިބައިގެން ގޮސް ކާރަށް އަރާފައި ކުޑައިރުކޮޅެއް ވުމުން އޭނާގެ ހިތް ތެޅިގަތެވެ. ކަޅު ބިއްލޫރި ޖަހާފައި ހުންނަ އެކާރުގެ އެތެރޭގައި ތިބެ ބަޔަކު ކޮންމެ ފަދަ ކަމެއް ކުރިއަސް ބޭރުގައި ހުންނަ މީހަކަށް ނޭނގޭނެއޭ ހިތަށް އެރިއެވެ. އަވިކް ކާރު ދުއްވާލުމުން އެންމެ ފަހުން އައިސް އެނދުގައި އިށީންދެއްޖެއެވެ.
"ހުސް ފޭކު. އަވިކްއަކަށް އެހެން މީހެއްދެކެ ލޯއްބެއް ނުވެވޭނެ. އޭނަ އެއުޅެނީ އަހަރެން ތަޅުވަން. އަހަރެން ޖެލަސް ކުރުވަން. އެހެންނޫނަސް އަހަރެންނަށް މައްސަލައަކަށް ވެގެން ނުވާނެ މިއިން އެއްވެސް ކަމެއް. އަހަރެން ޖެހޭނެ އެކަން ކަމަށް ހޭނެން. އަހަރެން ބޭނުން ނުވިއަސް އަވިކް އެހެން މީހަކާއި ގުޅޭނެ ކޮންމެވެސް ދުވަހަކުން. އަހަރެން ޖެހޭނީ އެތަން ބަލަން ހުންނަން. ދުނިޔެމަތީގައި އަހަރެން އެކަންޏެއް ނޫން ލޯބިވާ މީހާ ދޫކޮށްލާފައި އެހެން މީހަކާއި ކައިވެނި ކުރަނީ." ނަޒްލާ އަމިއްލަ ހިތަށް ވިސްނައިދޭން މަސައްކަތް ކުރާ ފަދަ ގޮތަކަށް އެކަނި އިނދެގެން ކިއެވެ. އެކަމަކު އެވާހަކަތައް ދައްކާފައިވެސް ލޮލުން ފައިބަން ތައްޔާރުވި ކަރުނަތައް ހުއްޓުވާނެ ބާރެއް ނުލިބުނެވެ. އޭނާއަށް ނިދުނީވެސް ރޯލަ ރޯލާ އޮތްވައެވެ.
*****
ލައިލާ އެނބުރި އައިސް ދޮރު ހުޅުވި އަޑަށް ނަޒްލާއަށް ހޭލެވުނެވެ. އޭނާ ނިކަން ކުޑަކޮށް އެސްފިޔަތައް ދުރު ކޮށްލާފައި ބަލައިލިތަނާ ލައިލާ ގޮސް ވެއްޓިގަތީ ލިޔާމޭޒު ކައިރީ ހުރި ގޮނޑިއަށެވެ. މޮޅިވެފައިވާ މޫނަކާއެކު ގޮނޑީގެ އަތްގަނޑުގައި ބޯ އަޅާލިތަން ފެނުމުން ނަޒްލާއަށް އިތުރަށް އެހެން އޮންނާކަށް ނުކެރުނެވެ. އޭނާ ތެދުވެ އިށީންދެފައި ނަމުން ގޮވާލުމުން ލައިލާ ބޯ އުފުލާލައިފައި ބަލާލިއެވެ.
"ކިހިނެތްވީ؟" ނަޒްލާ ލައިލާގެ މޫނުގައިވާ އަސަރުތައް ތަރުޖަމާ ކުރަން މަސައްކަތް ކުރިއެވެ. ފަނޑު ފެހި އަލީގައިވެސް އެމޫނު ފެންނަނީ މިލާފައި ވަނިކޮށެވެ. "އަވިކް ލޯބިވަނީ އެހެން ކުއްޖަކުދެކެ." ލައިލާ ޖަވާބު ދިނެވެ. ނަޒްލާ ކޮޅަށް ތެދުވަން އުޅެފައި އެޖަވާބު އިވިގެން އަނެއްކާ އިށީންދެވުނީއެވެ . އެންމެ ހައިރާންވީ ހިތަށް ލިބުނު ނުތަނަވަސްކަމަށްވުރެ ބޮޑު އުފަލެއް އިހްސާސް ކުރެވުނީތީއެވެ. ހިނިތުން ވެވުމުން އޭނާ ގަދަކަމުން ކަހަލަ ގޮތަކަށް މޫނުގެ ކުލަވަރު ބަދަލު ކޮށް އިސްޖަހާލިއެވެ. " އަހަންނަށް ހީވީ މުޅިން ގޯސްކޮށް. އަވިކް ދެކެނީ އަހަރެންމީ ހަމައެކަނި އެކުވެރިއެއް ގޮތަށް. ނަސީބެއް މާ މައްޗަށް ނުދަނީސް ބުނިކަން. އަވިކްއަށް ޝައްކުވީ ކަންނޭނގެ އަހަރެން އުޅޭ ގޮތުން. އެކަމަކު އަހަރެން ދެރަވެގެން މިއުޅެނީ އެހެންވެއެއް ނޫން. އަހަރެން ދެރަވެގެން މިއުޅެނީ އަވިކް ލޯބިނުވާ ކުއްޖަކާއި އިންނަން އުޅޭތީ." ލައިލާ އަނެއްކާވެސް އަތްގަނޑުގައި ނިއްކުރި ޖައްސާލަމުން ބުނެލިއެވެ. ނަޒްލާއަށް ކޮޅަށް ތެދުވެވުނީ އެވަގުތުއެވެ. އާދަޔާ ޚިލާފަށް ބާރެއް ދެފަޔަށް ލިބި އޭނާ ބާރު ބާރަށް އައިސް ލައިލާގެ ކައިރިއަށް ހުއްޓިއްޖެއެވެ.
"އަވިކް މެރީ ކުރަނީތަ؟" ނަޒްލާއަށް އަހައިލެވުނެވެ. "އޭނަ ލޯބިވާ ކުއްޖާ ބޭނުމެއް ނުވޭ އޭނަ އާއި އިންނާކަށް. އެހެންވެ އެހެން ގޮތެއް ނެތީމަ ބައްޕަމެން ކުރުވަން އުޅޭ ކައިވެންޏަށް ދެކޮޅު ނުހަދަން ވެގެން އިންނަނީ." ލައިލާ ކިޔައިދިނެވެ. ނަޒްލާއަށް އެނބުރެވުނީ އަނެއްފަރާތަށެވެ. އެވަގުތު ހިތަށް ހީވީ ބާރުވެގެން ފިތިގެން އައި ގޮތުން އެޓޭކެއް ޖެހުނު ކަހަލައެވެ. ލޮލުގައި އެސްފިޔަތައްވެސް އެއީ ނެތް އެއްޗަކަށް ވިއެވެ. ހިފެހެއްޓުމެއްނެތި އޮހިގަތް ކަރުނަތައް ކޯތާފަތުން ތިރިއަށް ރޮނގު ދެމިގެންފިއެވެ. ނަސީބަކުން ލައިލާއަށް މިއިން އެއްވެސް މަންޒަރެއް ނުފެނެއެވެ.