ދުރުން އައިސް ފާލަމަށް ކައިރި ކޮށްލި ލޯންޗްގެ އަޑު އިވިގެން ދެމީހުންގެ ނަޒަރުވެސް އެދިމާއަށް ދަތުރު ކޮށްލިއެވެ. "ޔައީޝް؟؟" އޭނަ ކީއްކުރަން މިރަށަށް އައީ؟" ފާލަން މައްޗަށް ފޭބި ޔައީޝް ފެނުމާއެކު އަވިކްއަށް ފުންމައިގެން ތެދުވެވިއްޖެއެވެ. "އަހަރެން ގުޅައިގެން އަހަރެން ބަލާ ޔައީޝް އެއައީ." ފަހަތުން ނަޒްލާ ބުނެލި އަޑު އިވުނެވެ. "ވަޓް؟" އަވިކްއަށް ޤަބޫލު ނުކުރެވިގެން ބާރު ބާރަށް އަހާލެވުނެވެ. އޭނާ އެނބުރިފައި ގޮސް ނަޒްލާ ކައިރިއަށް ހުއްޓުނު ތަނާ ނަޒްލާ ހެވިލާފައި އަތް ހޫރާލީ ޔައީޝް އަށެވެ.
"އަހަރެން ކުރިންވެސް ބުނެފަ އޮންނާނީ ވިކް އަހަރެންނާއި ދުރުގަ ހުރުމަށް. އެކަމަކު ވިކް ހީވަނީ އަހަންނަށް ޖެއްސުމެއް ކުރާހެން. އެހެންވެ އަހަންނަށްވެސް މަޖުބޫރުވީ އަމިއްލަ ދިފާޢުގައި ތެދުވަން." ނަޒްލާ އަވިކް އާއި ހަތަރުކަޅި ހަމަކޮށްލާފައި ޔައީޝް ކައިރިއަށް ދާން ހިނގައިގެންފިއެވެ. އަވިކް ބަލަން ހުއްޓައި އެދެމީހުން އަރާ ހަމަވެފައި އެކަކު އަނެކަކުގެ މެދުގައި ދެކެވުނު ވާހަކަކޮޅަށްފަހު ކައިރިއަށް އަންނަން ފެށުމުން އަވަހަށް ފުރަގަސްދިނެވެ. ބޭނުމަކަށް ވީ ޔައީޝް ކައިރިއަށް ހުއްޓެން ވާއިރަށް މޫނުގެ ކުލަވަރު ރީތި ކޮށްލުމެވެ. އެކަން ކާމިޔާބުވެސް ވިއެވެ. އެމީހުން އައިސް ހުއްޓުނުއިރަށް އޭނާ އެނބުރި ބަލައިލީ ލުއި ހިނިތުންވުމަކާ އެކުގައެވެ.
"ނަޒްލާ އެބުނީ ތެދެއްތަ؟" ޔައީޝް ކޮށްލި ސުވާލުން ނަޒްލާ ހާސްވިއެވެ. އަވިކްވެސް ވާނުވާ ނޭނގިފައި ބަލައިލީ ނަޒްލާ އަށެވެ. "އެކަމަކު އަހަރެން ހިއެއް ނުކުރަން އެހާ ކުޑަ ޓްރިކްއަކުން އަވިކް މޮޔަ ހައްދާލެވޭނެ ކަމަކަށް." ޔައީޝް މަލާމާތުގެ ހިނިގަނޑެއް ޖަހާލައިފައި އަވިކް ބަލައިލުމުން ދުރު ބަލާލި ގޮތް ނަޒްލާއަށް ވަރަށް ކަމުދިޔައެވެ. އޭނާ ނޭފަތުގައި އަތް ހާކާލި ކަމަށް ހެދިގެން އެއަތް ނިވާ ފަށަކަށް ހަދައި ސިއްރުން ހީލިއެވެ. "ޔައިޝް. އަހަރެން މިއަންނަނީ އިނގޭ ދަބަސް ހިފައިގެން. އަވިކްވެސް ހިނގާ. ލަނޑެއް އަދި ލިބުނަސް އެންމެ ފަހު ވަގުތުވެސް ދަތުރުގަ ބައިވެރިކަން އޮންނާނެ ދިޔައިއްޔާ." ނަޒްލާ އެއްފަހަރު އަވިކްއަށް އަނެއްފަހަރު ޔައީޝްއަށް ބަލައިލާފައި އެމީހުން ތިބޭ ގެއާއި ދިމާއަށް ދުވެފައި ދާން ފެށުމުން އަވިކްވެސް ވިސްނާލައިފައި ފަހަތުން ހިނގައިގަތެވެ.
އަވިކްއަށް ދެވުނުއިރު ނަޒްލާ ދަބަސް ނަގައި ކޮނޑުގައި އަޅުވާލައިގެން ބަލަން ހުރީ މޭޒުމަތީ ބަހައްޓާފައި ހުރި ވަށިގަނޑަށެވެ. އޭނާގެ ފިޔަވަޅުގެ އަޑު އިވިގެން ސިހިފައި އަވަހަށް ގޮނޑު ދޮށަށް ނިކުންނަން އަނބުރާލައިފައި އަންނަން ފެށިއެވެ. "ޔައީޝް ކައިރީ ކޯއްޗެކޭ ކިޔައިގެން ތިއުޅެނީ؟" ނަޒްލާ އައިސް ހަމަ ވުމާއެކު އަވިކް އެއަތުގައި ބާރަށް ހިފާ ހުއްޓުވަމުން ސުވާލު ކުރިއެވެ. "އަހަރެން ބުނީ ކުއްޖަކު އަވިކްއަށް ލަނޑެއް ދޭން ރިސޯޓުގެ ނަން އޮޅުވާލާފަ ބުނީއޭ. ދެން އަހަންނަށް ލަހުން ދެވުނުތަނާ އަވިކްއާ ދިމާވެގެންނޭ ދެމީހުން އެކީ މިތަނަށް އާދެވިފަ މިހުރީ." ނަޒްލާ އަވިކްދެކެ ނުރުހިފަ ހުރިވަރުން އެމޫނަށް ބަލައިވެސް ނުލައި ވާހަކަދެއްކީ ދުރު ބަލަހައްޓައިގެންހުރެއެވެ. "ވާއު! ދޮގު ހަދަންވެސް ހާދަ މޮޅުވެއްޖެއޭ ދޯ މިހާރު." އަވިކްއަށް ނަޒްލާގެ އެވާހައާއިމެދު ހިތްހަމައެއް ނުޖެހެވުނެވެ. 'ދެން އަހަރެން ކީކޭ ބުނަންވީ؟ އަވިކްއަށް ކަމުނުދިޔައީ އަހަރެންމީ އަވިކް ބޭނުން ނުވެގެން ދޫކޮށްލި ކުއްޖާއޭ ނުބުނީމާތަ؟" ނަޒްލާ ހަތަރުކަޅި ހަމަކޮށްލިއިރު ލޮލުގައި ގިނަވެފައި ހުރި ކަރުނަތަކާއެކުވެސް އަލިފާންކަނި ބުރާހެން ހީވިއެވެ. އަވިކް ބަސް ހުއްޓުނީ އެކުލަ ދެކިފައެވެ. އެގޮތަށް ރުޅިއާއި ކަރުނުން އެކުވެފައި ހުންނައިރު އެދެލޯ ތޫނުކަމުގެ އިންތިހާއެވެ.
"ނަޒޫ ދޭ. އަހަރެން ދާނީ ފަހުން." ނަޒްލާ އަތް ފޮޅުވާލައިފައި ފަސްދިން ފަހުން އަވިކް އިއްވާލިއެވެ. ވަގުތުން ނަޒްލާގެ ފިޔަވަޅު ހުއްޓުނެވެ. އެކަމަކު އޭނާ އެނބުރި ބަލައިލުމެއް ނެތި އަނެއްކާވެސް ހިނގައިގަތީ ކުރިއަށެވެ.
ނަޒްލާ ފުރައިގެން ދާން ދޫކޮށްލައިފައި އަވިކް ގޮސް ކުރިންވެސް ޖައްސާލި ބީޗް ޗެއަރގައި ލޯމަރާލައިގެން އޮތްވާ ސަމީރު އައިސް ގޮވާލުމުން މޫނުމަތީ ބާއްވާފައި އޮތް ތޮފި ތިރިކޮށްލާފައި ބަލާލިއެވެ. "އެކުގައި ގެނަ ކުއްޖާ ކީއްވެ ފޮނުވާލީ؟" ސަމީރު އިށީންދެލީ ޖެހިގެން ހުރި ގޮނޑީގައެވެ. "އަމިއްލައަށް ދިޔައީ." އަވިކް ކޮންމެހެން އޮޅުވާލާކަށް ނޫޅެއެވެ."ޔައީޝް ދޯ އޭނަ ބަލާއައީ؟ އޮފީހުގަ ގެންގުޅޭ ކުއްޖެއްތަ އެއީ؟ އަހަރެން އަދި ހީކުރީ ވިކްގެ ގާރލް ކަމަށް." ސަމީރު ވާހަކަ ދައްކަމުން ނަޒަރު ހުއްޓާލީ ފޯނަށެވެ. އަވިކް ބަލާލިއިރު ސަމީރު އިނީ ފާޑަކަށް ހިނި އައިއްސައެވެ. އަވިކް ސުވާލު ކޮށްލަން އުޅެނިކޮށް ސަމީރު ފޯނު އަނެއް އަތަށް ޖަހާފައި އޭގައި އިން އެއްޗެއް އަވިކްއަށް ދައްކާލިއެވެ. "ތީ ކިހިނެތް ނެގި ފޮޓޯއެއް؟" އަވިކް ފުންމައިގެން ތެދުވެ އިށީންދެފައި ވަގުތުން ސަމީރު އަތުން ފޯނު ޖަހައިގަނެގެން ފޮޓޯގަނޑަށް ބަލައިލިއެވެ. އެއީ ހަމަ އެމަންޒަރެވެ. ނިދިފައި އޮތް ނަޒްލާ އާއި ދިމާއަށް ގުދުވެލައިގެން އޮވެ އެތުންފަތުގައި އޭނާ ބޮސްދިން މަންޒަރު ސަމީރު އެއޮތީ ފޮޓޯ ނަގާފައެވެ. "ސަމީރު. ޔޫ އާ ސަޗް އެ ޑެވިލް." އަވިކްގެ ތުންފަތަށް ވެރިވި ލާނެތް ހިނިތުންވުމާއެކު ބުނެލިއެވެ. ސަމީރު އެފޮޓޯ ނަގައިގެން ހަޤީޤަތުގައި އޭނާ ވީ އުފަލެވެ. އެ ހާއްސަ ވަގުތު ކޮޅު އަބަދަށް ދެމެހެއްޓޭނެ ގޮތް ފަހިވީއެވެ. "ކުރިއަކުން ނުދެނަހުރިން އަވިކް ތީ ފެންނަ ކޮންމެ ކުއްޖަކާއެކު މިހިސާބަށް ދާނެ ކަހަލަ މީހެއް ކަމަކަށް."
ސަމީރުގެ މަޤްސަދަކީ އަވިކް އަނގައިން ތެދު ބުނުވުމެވެ. "ޝީޒް ނޮޓް ޖަސްޓް އެނީ ގާރލް. ޝީޒް މައި ގާރލް." އަވިކް ފޮޓޯގަނޑުން ނަޒަރު ވަކި ނުކޮށްލައި އިނދެގެން ސަމީރުއަށް ރައްދު ދިނެވެ. ސަމީރުގެ ހިނިތުންވުން ފުންވެގެން ދިޔައީ އެވަގުތުއެވެ. ހިތަށް އެރިއެވެ. އޭނާއަށް ހީވީ މުޅިން ރަނގަޅަށްތާއެވެ. "ހޫމ... ސަމީރު ދެން މި ބަހައްޓާނެ ކަމެއް ނެތް." އަވިކް ފޯނަށް އެފޮޓޯ ފޮނުވައިލާފައި ސަމީރަށް ފޯނު އަނބުރާ ދިނުމުގެ ކުރިން ފުހެލިއެވެ.
"އައި މަސްޓް ޓެލް ހަރ." އިރުކޮޅަކު ވާހަކަ ދައްކާލައިފައި ސަމީރު ތެދުވެގެން ދިއުމުން އަވިކް ފޮޓޯގަނޑަށް ބަލަން އޮވެ އަމިއްލައަށް ބުނެލިއެވެ.
އަވިކް މާލެ ދިޔައީ އިރު އޮއްސެން ކައިރިވެފައި ހުއްޓައެވެ. ގެއަށް ގޮސް ވަދެފައި އޭނާ ފުރަތަމަވެސް ނަޒްލާ އަތުވެއްޖެތޯ ބަލައިލަން އެނަންބަރަށް ގުޅާލިއެވެ. ނަޒްލާ ހަމަ ގަސްތުގައި ނުނަގަނީކަން އަވިކް ދެނެގަތެވެ. ދެން އޭނާ ފޮނުވައިލީ މެސެޖެކެވެ. ހަމައެކަނި އަތުވެއްޖެތޯ އަހާލައިފައި ލިޔެލި މެސެޖެކެވެ. އޭނާ ފޯނު އެނދުމަތީ ބާއްވާފައި ފެންވަރާލައިގެން ނިކުމެވެސް ޖަވާބު އައިތޯ ޗެކް ކޮށްލިއެވެ. މިކިޔާލް ގުޅީ އޭނާ އެގޮތަށް ފޯނަށް ބަލަން ހުއްޓައެވެ.
"ކޮބާ މާލެ އައީތަ؟" އަވިކް ފޯނު ނަގާފައި ސުވާލު ކުރިއެވެ. "އަވިކް ރަނގަޅު މީހެއް ތީ އިނގޭ. ހުރިހާ ފިރިހެނުން ނަޒްލާ ގޮވައިގެން ދަތުރު ދެވޭތީ ފޮނިވެފަ ހުއްޓާ އަވިކް އެކުއްޖާ އަމިއްލަ ކޮށްލައިގެން ފިލާފަ ތިހުންނަނީ. ނަސީބެއް ދެން ފަހު ވަގުތުވެސް ނަޒްލާ އައިކަން. އެހެންނޫންނަމަ ޓޯޓަލް ފްލޮޕްއަކަށް ވާނީ. އަދި ބުނެފިއޭ ސްޓާފަކު އޮޅުވާލީއޭ." މިކިޔާލް ފުރަތަމަވެސް ފެށީ އެތިވަރު ގޮވާށެވެ. "ނަސީބެކޭ ތިބުނީ ކީއްވެ؟" އަވިކް އަޅައިގަތީ އެތަންކޮޅުގައެވެ. ދެން ދެއްކި ވާހަކައަށް ޖަވާބު ދިނުން އޭނާއަށް މުހިންމެއް ނުވިއެވެ. "ނަސީބެކޭ މިބުނީ ނަޒްލާ އައި ފަހުން ދެން ވަރަށް މަޖަލޭ. މިއަދު ގަބޫލު ކޮށްފިން ޔައީޝްއަކީވެސް ވަރަށް ކޫލް އެމްޑީއެއްކަން. އޭނަ ނަޒޫގެ އެކުވެރިއަކަށް ވެ ހުރެވެސް ވިކްހެން އެކުއްޖާ އަމިއްލަ ކޮށްލާކަށް ނޫޅޭ. ނަޒޫ އެއްބައި ވަގުތު ޔައީޝް އާއެކު އަނެއްބައި ވަގުތު އަހަރެމެން ހުރިހާ ފިރިހެން ކުދިންނާއެކު އުޅުނީ." މިކިޔާލްގެ ޖަވާބު އިވިފައި އަވިކްއަށް ނޭނގި އަތް މުށްކަވާލެވުނެވެ. އޭނާ ރުޅި އައީ ނަޒްލާދެކެއެވެ. އޭނާއެކު އެންމެ ވަގުތުކޮޅެއް ހޭދަކޮށްނުލެވޭ ކުއްޖާއަށް ކިތަންމެ ގިނަވިއަސް އެހެން ފިރިހެނުންނާއިއެކު ވަގުތު ހޭދަކުރަން ހަމަ ރަނގަޅު ހެއްޔެވެ؟ އަވިކް ރުޅިގަދަ ވެގެން އިތުރަށް ވާހަކަވެސް ނުދައްކާ ފޯން ކަނޑާލައިފިއެވެ.
އެރޭ ނިދޭން ދެން އަވިކްގެ ހިތުގައި ރަސްކަން ކުރީ ނަޒްލާގެ ހިޔާލުތަކެވެ. އެއްބައި ފަހަރު އޭނާ ހިނިތުންވެލަނީ ރިސޯޓުގައި ހިނގާދިޔަ ތާރީޚީ ވަގުތުތައް ހަނދާންވެފައެވެ. އަނެއްބައި ފަހަރު މިކިޔާލްގެ ވާހަކަތައް ސިކުނޑީގައި ތަކުރާރު ވެގެން އަންނައިރު ރުޅި އައިސްގެން ހަލާކު ވާވަރު ވެއެވެ. އެތަކެއް ފަހަރު ނަޒްލާގެ ފޯނަށް އޭނާ ގުޅިއެވެ. އުދަނގޫ ވާނެކަން އެނގޭއިރުވެސް އެއަޑު އަހާލަން ހިތް އެދުނު ވަރުންނެވެ. ފަހަރެއްގައި ނަޒްލާ ހަމައެކަނި ހަލޯއޭ ބުނެލާ އަޑު އިވުނަސް އޭނާގެ ހިތްހަމަ ނުޖެހުން ދުރުވެދާނެ ކަމުގައި އެހިތް ބުނެލިއެވެ. އެކަމަކު އެންމެ ފަހުން ހުއްޓާލަން ޖެހުނީ ނާކާމިޔާބު ވެގެންނެވެ. އޭނާ ގުޅަ ގުޅާ ނަޒްލާގެ ފޯނު ނިވުނީއެވެ.
ޖެހިގެން އައި ދުވަހު އިރު އަރައިގެން އައިއިރު އަވިކް ކޮފީ މަގެއް ހިފަހައްޓާލައިގެން ނިކުމެ ހުރީ ބެލްކަނީގައެވެ. ތާޒާ ވައިރޯޅިތައް އައިސް ބީހެމުން ދިޔަ މޫނުގައި އަޖައިބެއްފަދަ ވިދުވަރެއް އެކުލެވިފައި ވިއެވެ. އަރައިގެން އައި އިރާއެކު ރޭގެ އުދާސްގަނޑުވެސް ބޭރުވެފައިވާ ކަހަލައެވެ. ނޫނީ އެއީ ދުވަހުގެ އާ ޝެޑިއުލް ރޭވިފައިވާ ގޮތުން ލިބިގެން އުޅޭ އުފަލަކަށްވެސް ވެދާނެއެވެ. އޭނާ ތައްޔާރު ވެލައިގެން ނިކުތްއިރު އަދި އޮފީސް ހުޅުވުމާ ދެމެދު ތިރީހަކަށް މިނިޓް އިތުރަށް ހުއްޓެވެ. ދިޔަ މަގުމަތީގައި އަވިކް ބުނެގެން ޑްރައިވަރ މާވިއްކާ ފިހާރައެއް ކައިރިއަށް ކާރު މަޑު ކޮށްލިއެވެ. އަވިކް އެދުނު ފަދައިން ތަނުގެ ވެރިޔާއަށް ގުޅައިގެން މާ ބޮނޑިއެއް ލިބޭނެ ގޮތް ހަމަޖެއްސީ ޚުދު ޑްރައިވަރެވެ. މާ ގަންނަން އުޅެނީ ކާކުކަން އެނގުނު ވަގުތު ވެރިޔާވެސް އަވަހަށް ބެލީ ތަން ހުޅުވަން މީހަކު ފޮނުވޭތޯއެވެ. އިންތިޒާރުގައި އެމީހުން ތިއްބައި ކުޑައިރުކޮޅެއް ފަހުން ޒުވާން ފުރައިގެ ލަންކާ މީހަކު އައިސް އެތަން ހުޅުވައިދީފިއެވެ. ދޮރުފަތުގައި ލައްގަނެލައިގެން އިންތިޒާރުގައި ހުރި ޑްރައިވަރ އަތުން އިޝާރާތް ކޮށްފައި އެވާހަކަ ބުނުމުން އަވިކް ދޮރު ހުޅުވާލައިފައި ނިކުމެއްޖެއެވެ. އޭނާ އެކުޑަ ފިހާރަގަނޑަށް ވަދެގެން ދިޔައިރު ވަށައިގެން ވި ހުރިހާ ވައްތަރެއްގެ މާމެލާމެއްޔަށް ލޯ ހިންގިއެވެ. އެކަމަކު ހިތް ދަމައިގަތީ ތާޒާ ރަތް ފިނިފެންމާތަކެވެ.
އަވިކް އޮފީހަށް ވަދެ މާބޮނޑި ނަޒްލާ އިންނަ މޭޒުމަތީ ބާއްވާފައި ގޮސް ސީސީޓީވީ ކެމެރާތައް ހަރުކޮށްފައިވާ ތަންތަނުން އޮފީސް ތެރެއަށް ވަންނަ ދޮރާއި ކޮރިޑޯ އަދި ނަޒްލާ އިންނަ ކެބިން ކުރިމަތި، މިތިންތަން ފެންނަ ގޮތަށް ހަދާލައިގެން ގޮނޑީގައި ހަމަޖެހިލިއެވެ. އެހެން އިން އިރު ކޮންމެ މިނިޓެއްވެސް އޭނާއަށް ގަޑި އިރަކާއި އެއްވަރުވިއެވެ. އޭނާ އުންމީދު ކޮށްގެން އިންގޮތަށް އަނެއް ދެކުދީންނަށްވުރެ ކުރިން ނަޒްލާ އައިސް ވަންތަން ފެނުނެވެ. އަވިކް އަށް އެއިން ގޮތަށް ނީނދެވިގެން ހަށިގަނޑު ތެދުކޮށްލައިފައި ކޮމްޕިއުޓަރާއި ކައިރިވެލެވުނެވެ. ނަޒްލާ ވަދެފައި ގޮނޑީގައި ޖައްސާލި ގޮތަށް ފުރަތަމަވެސް ފެނުނީ މާބޮނޑި ފެނިގެން ފުންމައިގެން ތެދުވިތަނެވެ. އޭނާ ހައިރާންވެފައި ހުރެގެން މާބޮނޑި ނަގާ ބަލަން ހުރެފައި ދެން ހަމަ ކުއްލިއަކަށް ތެދުވެގެން ގޮސް ކެބިން އިން ބޭރަށް ނިކުމެ ވަގެއްހެން ދެކޮޅު ހޯދައިލިއެވެ. ނަޒްލާ ކުރަން އެއުޅޭ ކަމެއް ނޭނގިގެން އަވިކްވެސް ޝައުޤުވެރިވެފައި ދަތްދޮޅީގައި އަތްވިދާލިއެވެ.
އިރުކޮޅެއްނުވެ އޭނާ ތެދުވެ ހުރީ ކޮޅަށެވެ. މީހަކު ނެތްކަން ޔަޤީން ކޮށްފައި ނަޒްލާ ކުރި ކަމަކީ މާބޮނޑި ގެންގޮސް ދުރުގައި ހުރި ބޮޑު ޑަސްބިނަށް ވައްޓާލީއެވެ. އެގޮތަށް ވަކި ކެބިންއަކަށް ހާއްސަވެފައި ނެތް ޑަސްބިނަކަށް ލުމުން ކާކު ލީ އެއްޗެއްކަން ވަކިކުރަން އުދަނގޫ ވާނެއެވެ. ނަޒްލާ އެހެން ހެދީ އެމަޤްސަދުގައި ކަން އަވިކްއަށް ޔަޤީންވިއެވެ. އެކަމަކު އެއަށްވުރެ ބޮޑަށް އޭނާ ހައިރާންވީ އަދި ކާކު ދިން އެއްޗެއް ކަމެއް ނޭނގުނަސް ހަދިޔާއަކަށް އެގޮތަށް ލިބުނު މާބޮނޑި ނަޒްލާ ޑަސްބިނަށް ވައްޓާލީމައެވެ. އެހާ ހެނދުނާ މާފިހާރަ ހުޅުވައިގެން ހުރިހާ ގަނޑެއްގަތީމައިވެސް ނަތީޖާ ނިކުތީ އެންމެ ހީނުކުރާ ގޮތަށެވެ. އަވިކް ވިސްނަން ނުހަދައި ފޯނު ނަގާފައި ވަގުތުން ނަޒްލާގެ މޯބައިލަށް ގުޅާލިއެވެ. ކެބިންއަށް ވަންނަން ހިނގަ ހިނގާ ހުރެފައި ފޯނު ރިންގް ވެގެން ނަޒްލާ ހުއްޓުނެވެ. އަވިކް ހުރީ ބަލާށެވެ. ނަޒްލާއަށް ފޯނު ކުރަނީ ކާކުކަން އެނގުމުން ފުރަތަމަވެސް ތުންފަތުގައި ދަތް އަޅާލައިގެން ބަލަން ހުރީއެވެ. ދެން ކެނޑިދާނެހެން ހީވީމައި ފޯނު ނަގައި ކަންފަތުގައި ޖަހާލައިފިއެވެ.
"ކީއްވެ މާބޮނޑި ޑަސްބިނަށްލީ؟" އަވިކްގެ އަޑު އިވިފައި ނަޒްލާ ވަގުތުން ގަނޑުވިއެވެ. ނޭވާ ނުލެވިފައި އޭނާ ސިކުންތު ކޮޅެއް ވާންދެން ހުއްޓުނެވެ. "ނަޒޫއަކަށް ނޭނގޭނެ އަހަރެން ކިހާ މަސައްކަތަކުން ކަމެއް ހެނދުނު ހެނދުނާ އެތަން ހުޅުވައިގެން މާހޯދީ." އަވިކް ދެވަނަ ފަހަރަށްވެސް ވާހަކަދެއްކިއެވެ. އެވަގުތު ނަޒްލާއަށް އެއްޗެއް ވިސްނިގެން ވަށައިގެން ހޯދާލައިފިއެވެ. "ވިކް ދިން އެއްޗެއްކަން އެނގުނު ނަމަ ޑަސްބިނަކަށްވެސް ނޫން ސީދާ ބެލްކަނިން މަގުމައްޗަށް އެއްލާލީހީ." ނަޒްލާ ދަތްކުނޑި ވިކާލައިފައި އެންމެ ކައިރީގައި ހުރި ކެމެރާއަށް ލޯ ހުއްޓައިލީ އަވިކް ހުރިނަމަ އަވިކްއަށްވެސް ބަލައިލާނެފަދަ ގޮތަކަށެވެ. އަވިކްއަށް އަތް އަޅާލެވުނީ ހިތާއި ދިމާލުން މޭގައެވެ. އެހިތަށް އަސަރު ކުރިކަން ޔަޤީނެވެ. އެހެން ނޫންނަމަ އަނގައިން ނުބުނެވިފައި ހުންނާކަށް ނުޖެހުނީހެވެ. "ވާހަކަ ނުދައްކަންޏާ ބާއްވަނީ." ނަޒްލާ ފޯން ކަނޑާލައިފައި ބާރު ބާރަށް ގޮސް ކެބިންއަށް ވަދެ ގޮނޑި ތަންކޮޅެއް އެތެރެއަށް ޖައްސާލުމުން އަވިކްގެ ކުރިމަތީން ގެއްލުނީއެވެ. މުށްކަވާލި އަތުން ނިއްކުރީގައި މަޑުމަޑުން ތަޅާލައިފައި އަވިކް ވެއްޓިގަތީ އަނެއްކާވެސް ގޮނޑިއަށެވެ.
ޒުލްފާ އޮފީހަށް ވަދެފައި އަމިއްލަ ކެބިންއަށް ނުގޮސް ފުރަތަމަ ދިޔައީ ލައްމާހު ހޯދާށެވެ. އެކުގައި ރިދީވެސް ދިޔައެވެ. ދެއަންހެން ކުދީން އައިޓީ ޑިޕާޓްމަންޓަށް ވަދެގެން ދާން ފެށުމުން އެތާ ތިބި ފިރިހެން ކުދިންތައް އެނބުރި އެނބުރިފައި ބަލަން ފެށިއެވެ. ޒުލްފާ ބައެއް ކުދިންނަށް ތުއި ގޮތަކަށް އަތް ހޫރާލައިފައި ގޮސް ހުއްޓުނީ ސީދާ ލައްމާހުގެ ކައިރިއަށެވެ. އެވަގުތު ލައްމާހު މަސައްކަތް މެދުކަނޑާލައިފައި ގޮނޑީގައި ލެނގިލަމުން އެދެމީހުންނަށް ނަޒަރު ހުއްޓައިލިއެވެ.
"ވާހަކައެއް ދައްކާލަން މިއައީ. ވަގުތު އެބައޮތްތަ؟" ޒުލްފާ ވާހަކަދެއްކީ އާދައިގެ ވަރަށްވުރެ މަޑުންނެވެ. "މިއިނީ އަޑު އަހަން." ލައްމާހު އެފުރުސަތުވެސް ހުހަށް ދިޔަ ނުދީ ޒުލްފާގެ ހަށިގަނޑުގެ އެކިހިސާބަށް ނަޒަރު ހިންގަމުން ދިޔައެވެ. "ރިދީ ބުނި އިއްޔެ ޔައީޝް ފޯނުގަ ހުރެގެން ނަޒްލާ އޭ އަވިކް އޭ ކިޔައިގެން ކޮންމެވެސް ވާހަކައެއް ދައްކާފައި ނަޒްލާ ބަލައި ދަމުން މިކިޔާލް ކައިރީ ކޮންމެވެސް ވާހަކަތަކެއް ދެއްކި ކަމަށް. ރިދީއަށްވެސް ދުރުގަ ހުރީމަ ޔައީޝް ކީއެއްޗެއް ސާފެއް ނުވި. ލައްމާހު އޭރު އިނީ ޔައީޝް ދެއްކި ވާހަކަ އިވޭ ހިސާބުގައެއްނު. އަސްލު ކީކޭތަ ޔައީޝް މިކިޔާލް ކައިރީ ކީ؟ އަހަރެން އަޖައިބުވެފަ މިހުންނަނީ ނަޒްލާ ދަތުރު ނާންނަން ހުރި މީހަކު އެހާ ލަސްވެފަ ހުއްޓާ އައިސް އަހަރުމެންނާއި ބައިވެރިވި ގޮތެއް ނޭނގިގެން." ޒުލްފާ ލައްމާހު އާއި ގާތްވެލާފައި އަދި ކުޑަކޮށް ގުދުވެލައިގެން އޮވެ ވާހަކަދެއްކިއެވެ. ޖަވާބު ދިނުމުގެ ބަދަލުގައި ލައްމާހު ތުންފަތަށް ހިނިތުންވުމެއް ވެރިވެގެން އައީ ސިކުނޑީގައި ހިނގާލި ހިޔާލަކުންނެވެ.
ޖަވާބެއް ނައުމުން ޒުލްފާ ހަށިގަނޑު ތެދު ކޮށްލާފައި ލައްމާހުގެ މޫނުން އެއްޗެއް ދޭހަ ވޭތޯ ބަލަން ފެށިއެވެ. "ކޮންމެކަމެއް އަހަރެން ކޮށްދޭންވީ؟ ބުނޭ." ޒުލްފާއަށް ވިސްނިގެން އިރުކޮޅަކުން ބުނެލިއެވެ. "ނަޒްލާ." ލައްމާހު ދުރުބަލައިލިއިރު ތުންފަތުގައިވި ހިނިތުންވުން އިތުރަށް ފުންވެގެން ދިޔައެވެ. "ނަޒްލާ؟" ރިދީ ވަގުތުން ދެލޯ ބޮޑުކޮށްލިއެވެ. "އެއްރެއަށް މަށަށް ނަޒްލާ ލިބޭ ގޮތެއް ހަދާދޭންވީ." ލައްމާހުގެ ޖުމްލަ އަހާފައި ޒުލްފާ ވަގުތުން އެއްބަސްވެ ބޯ ޖަހާލިއެވެ. އޭނާ ދެފަރާތަށް ބޯ ހޫރައިލީ ލައްމާހު ދެން ބުނެލި ވާހަކަތައް އަހައިފައެވެ.
"ރިދީ އަޅެ ޤަބޫލު ކުރެވޭތަ ލައްމާހު އެދެއްކި ވާހަކަ؟ އަވިކް އެނަޒްލާ އެކަނި ގޮވައިގެން އެހެން ރިސޯޓެއްގައި އެހުރިހާއިރު ގޮސް އުޅުނު ކަމަށް އޭނަ އެބުނީ. އެހެންވީމަ އޭނާ މީހުންގެ ލޯމައްޗަށް ދެއްކިގެން އުޅޭހާ އިނޮސެންޓެއް ނޫނެއްނު. ގައިމު އަންހެނަކާއި ފިރިހެނަކު އެކަނި އެގޮތަށް ގޮސް ޚަތިމު ހުޅުވައިގެން ޤުރުޢާން ކިޔަވާކަށް ނޫން ތިބޭނީ." އައިޓީ ޑިޕާޓްމެންޓުން ނިކުމެގެން ދެއަންހެން ކުދިން ކެބިން އާއި ދިމާއަށް ދަމުން ޒުލްފާ ވާހަކަދެއްކިއެވެ. "ދެން އެކަމަކު އެހާ ސިއްރުން ގޮސް އުޅެފަ އެނަޒްލާ ކީއްވެބާ ޔައީޝް ގެންގޮސްގެން އެވަރަކުން އަހަރެމެންނާއި ބައިވެރިވާން އައީ؟" ރިދީ ޒުލްފާގެ ވާހަކަ އާއި އެއްބަސްވުމުގެ ގޮތުން ބޯ ޖަހާލައިފައި ހިތުގައި އޮތް އެހެން ސުވާލެއް ހުށައަޅާލިއެވެ. "އެވާނީ އެންމެ މީހަކުން ހިތް ނުފުރުނީ ކަމަށް. ރިދީ ދުށީމެއްނު އޭނާ އައީމަ ހުރިހާ ބޯއީސްތައް އޭނަ ފަހަތުން އުޅުނު ގޮތް. އަދި ތުއި ދައްކަން މާ ނޫންކަމަށް ހެދިގެން ދުރު ދުރުންނޭ އުޅެނީ. އޭނައަށް ރަނގަޅަށް އެނގޭ އެގޮތަށް ދުރަށް ދުވި ވަރަކަށްކަން ފިރިހެނުން ފަހަތު އަޅުވާލާނީ." ޒުލްފާ ވާހަކަދެއްކިއިރު ރުޅި އައިސްގެން ދެއަތް މުށްކަވާލިއެވެ.
ޒުލްފާމެން ގޮސް ވަދެފައި އިރުކޮޅެއްނުވެ ތިން ފޯނަށް މެސެޖް އައީ އެކުއެކީގައި ކަހަލަ ގޮތަކަށެވެ. ނަޒްލާ މެސެޖް ކިޔާލިއިރު އެއީ މިރޭ ހާއްސަ ބައްދަލު ވުމެއް އޮންނަ ވާހަކަ ލިޔެފައި ޔައީޝް ފޮނުވާފައި އޮތް މެސެޖެކެވެ. އޭނާ މެސެޖް ކިޔާލައިފައި ބަލާލިއިރު ރިދީ އާއި ޒުލްފާވެސް ތިބީ ފޯނަށް ބަލަން މެސެޖް ކިޔާށެވެ. "ރިދީ މިރޭ މީޓިންއަށް އަންނަމުން އަހަރެން ހޯދަން ދާންވާނެ." ޒުލްފާ ނަޒްލާއަށް އިއްވާލަން ވެގެން ބުނެލިއެވެ. ރިދީ ހެވިލާފައި ބޯ ޖަހާލި ގޮތުން ޒުލްފާއަށް ދޭހަ ވީ ރިދީއަށް އެކައްޗެއްވެސް އަދި ނޭނގޭ ކަމަށެވެ. އޭނާ ވިހަ ގޮތަކަށް ހީލައިފައި ރިދީއަށް އިތުރު މެސެޖެއް ފޮނުވާލިއެވެ. މެސެޖް ކިޔާލައިފައި ރިދީ ލޯ ބޮޑުކޮށްލިއެވެ. އޭގައި އޮތީ އެއީ ލައްމާހުގެ ސޮފްޓްވެއަރއެއް ބޭނުން ކޮށްގެން ޔައީޝް ނަމުގައި ފޮނުވާފައި އޮތް ތިން މެސެޖްކަމުގައެވެ. ރިދީ ގަބޫލު ނުކުރެވިގެން ބަލާލުމުން ޒުލްފާ ޔަޤީން ކޮށްދޭންވެގެން ބޯ ޖަހާލިއެވެ.
މެސެޖްގައި ބުނެފައި އޮތް ގަޑިއަށްވުރެ ފަނަރަ މިނިޓް ކުރިން ނަޒްލާ ތައްޔާރުވެގެން އެރޭ ގެއިން ނިކުތެވެ. ފޯނު ނުގެނެވޭކަން އޭނާ ހަނދާންވީއޮފީހަށް ވަދެ ގަޑި ބަލާލަން އުޅެނިކޮށެވެ. ކަމަކަށް ނުހަދާ އޭނާ ގޮސް ކެބިންއަށް ވަދެ ނޯޓް ފޮތަކާއި މީޓިންއަށް ބޭނުން ވެދާނެހެން ހީވާ ބައެއް އެއްޗެހި ހޯދާލައިގެން އިރުކޮޅަކު އެތާ އިނެވެ. އެހެން އިންއިރު އޭނާ ހައިރާންވީ އިތުރު އެހެން މީހަކު އަންނަތަން ނުފެންނާތިއެވެ. ވަދެގެން އައިއިރު ސެކިއުރިޓީ ބަލަހައްޓާ މީހާ ކައިރީ އެހެން މީހަކު އަތުވެއްޖެތޯ އަހާލުމުން ބުނެފައި އޮތީ އޮފީސް ތެރޭ މީހުން އުޅެނީ ހަމައެކަނި އައިޓީ ޑިޕާޓްމެންޓްގައި ކަމަށެވެ. ނަޒްލާ ވިސްނަން އިނދެފައި ގަޑި ޖެހިދާނެތީ އަވަހަށް މީޓިން ރޫމަށް ދާންވެގެން ގޮސް ލިފްޓަށް އެރިއެވެ. އޭނާ ލިފްޓުން ނިކުމެގެން ދިގު ކޮރިޑޯގެ ކޮޅުގައިވާ މީޓިން ރޫމަށް މިސްރާބު ޖެހިތަނާ އައި ނައިތަނެއް ނޭނގި ކޮންމެވެސް މީހަކު އޭނާގެ ފުރަގަހުން އަނގަމަތީ އަތް އަޅައި އަނެއްއަތުން އެއުނަގަނޑު ވަށާލީނުން ދަމާފައި ކަހަލަ ގޮތަކަށް ގެންގޮސް އެންމެ ކައިރިއަށް ހުރި ދޮރު ހުޅުވާލައިފައި އެތެރެއަށް ދެމިގެންފިއެވެ.