"ވިކް ތިއަށްވުރެ ބޮޑަށް ނުތެމެނިސް މިހިފައިގެން އަރާ ކާރަށް. އަހަރެން ދާނީ ވިކް އެރީމަ." ނަޒްލާ ފަސްއެނބުރި ގެއާއި ދިމާއަށް ބަލަމުން އެހެން ބުނެލާފައި އެނބުރުނުއިރު އަވިކް ބަލަން ހުރިގޮތުން ހުއްޓުން އެރިއެވެ. "އަހަރެން ކައި ނިމެންދެން ކާރުގައި އަހަންނާއެކު އިންނަންވީއެއްނު." އަވިކް ބަލަން ހުރެފައި ހިނިތުންވެލީ ގޮތުން ދެކޮޅު ހަދަން ނަޒްލާގެ ހިތެއް ނޭދުނެވެ. އެކަމަކު އެހިތާއި އެއް މިސްރާބަކަށްވެސް ކުރިއަށް ދެވޭކަށް ނެތެވެ.
"އަހަރެން..." ނަޒްލާ ވާހަކަ ދައްކަން މަސައްކަތް ކުރިއެވެ. "ތެންކިއު." އެވަގުތު އަވިކް އެއަށްވުރެ އަވަހަށް ނަޒްލާގެ ވާހަކަ މެދުކަނޑާލައިފައި އެއަތުން ކުޑަ އަތުލައިގެން ކާރު ތެރެއަށް ކޮށްޕާލައިފި އެވެ. ނަޒްލާ ނިކުންނަން އުޅެފާނެތީ އޭނާ ވިދުވަރެއްހެން އަނެއްފަރާތަށް ގޮސް އަރައި އިށީންދެފައި ދޮރުތައް ތަޅުލައިފައި ކާރު ދުއްވާލިއެވެ. "ވިކް! ކޮން މޮޔަކަމެއް މީ؟ ކޮންތާކަށް އަހަރެން ތިގެންދަނީ؟ ދައްތަމެން ކައިރީ ނުބުނެ އަހަރެން މިގޮތަށް ހިނގައްޖެއްޔާ ވާނެ ގޮތް އިނގޭތަ؟ އެމީހުން އަހަރެން މަންމަ ކައިރީ ބުނެފިއްޔާ ހުރިހާ ކަމެއް ނިމުނީ. މަންމަ ފަހަކަށް ނުޖެހޭނެ އަހަރެންގެ ކިއެވުން މެދުކަނޑާލާފަ ރަށަށް ގެންދާކަށްވެސް. އެންމެ ފުރަތަމަ އަހަރެން އަންނަން އެއްބަސްވީވެސް ކުލާ ހަށާއި ޖޮބަށް ދާން އެކަނި ގެއިން ނިކުންނަ ގޮތަށް ޝަރުތު ކޮށްގެން." ނަޒްލާ ހާސްވެގެން ދެފަރާތަށް ބޯ ހޫރަމުން އެއްފަހަރާ ހުރިހާ ވާހަކައެއް އަމުނާލިއެވެ.
"ސައިއްތަ ހަމަ އެހާ ސްޓްރިކްޓްތަ. ތީ އަދި އަހަރެންނަށް ނުފެންނަ ސިފައެއް." އަވިކް ޖަހައިލީ ހިނިގަނޑެކެވެ. "އަހަރެން ދެއްކި ވާހަކަ އަހައިގެން ތީތަ ހިތަށް އެރި އެއްޗަކީ؟ އަންބިލީވެބްލް!" ނަޒްލާ ރުޅިގަދަވެގެން ދެއަތް މުށްކަވާލިއެވެ. "އައެމް ކިޑްނެޕިން- ޔޫ..." އަވިކް އިރުކޮޅަކުން އިއްވާލިއެވެ. ނަޒްލާ އެއަޑުއަހައިގެން ލޯ ބޮޑުކޮށްލި ވަގުތު ނަޒްލާއަށް އިތުރު ފުރުސަތެއް ނުދޭންވެގެން އަވިކް އަވަހަށް ސެޓު އޮން ކޮށްލައިފިއެވެ. ތުންކޮޅު އޫކޮށްލައިފައި ނަޒްލާ ވަގުތުން މޫނު އަނބުރާލީ އަނެއްފަރާތަށެވެ. ބިއްލޫރިގަނޑުގައި ވާރޭ ތިކިތައް ބޮސްދީފައި ތިރިއަށް ފިރުކެމުން ދިޔަ މަންޒަރު ފެނުމުން އޭނާ ހިސާބަކަށް ހަމަޖެހުނެވެ. ސީޓުގައި ބޯ ޖައްސާލި ގޮތަށް ދަތުރު ނިމޭންދެން އޭނާ ދެން އިނީ އެބިއްލޫރި ގަނޑަށް ނަޒަރު ހުއްޓާލައިގެންނެވެ. އަވިކް ދޭތެރެއަކުން އެމޫނަށް ކަޅިއެއް އެއްލާފައި ހިނިތުންވެލައެވެ. އަޖައިބެއްފަދަ ހިތްހަމަޖެހުމެއް އެވަގުތު އޭނާ ދިޔައީ އިހްސާސް ކުރަމުންނެވެ. ނޭނގޭ އުފަލަކާއި މީރު ކަމެއް އޭނާގެ ނާރު ތަކުގައި ބާނިލަމުން ދިޔައެވެ.
"ކޮންތަނެއް މީ؟" އަވިކް ކާރު މަޑުކޮށްލުމުން ނަޒްލާ އަވަހަށް ސުވާލު ކޮށްލިއެވެ. "ކުޑަ އިރުކޮޅަކުން އެނގިދާނެ." އަވިކް ހުރީ ހަމަޖެހިލާފައެވެ. "މަޖައެއް ނޫން އިނގޭ އަވިކް. މީ އެއްގޮތަކަށްވެސް ރަނގަޅު ކަމެއް ނޫން. ދޮގު ހަދައި އޮޅުވާލައިގެން އަހަރެން ކާރަށް އަރުވާ ބަހައްޓާފަ އަދި އެވަރުން ނުވެގެން އަހަރެންގެ ރުހުމަކާއި ނުލައި މިގޮތަށް އަހަރެން ގޮވައިގެން ބޭނުންހާ ތާކަށް ގެނައުން މީ ކުށެއް." އަވިކް ކާރުން ފައިބައިގެން އަނެއް ފަރާތަށް އައިސް ނަޒްލާ ނިކުންނަން ދޮރު ހުޅުވާލަ ދިން ވަގުތު އޭނާ ފަށައިގަތެވެ. "ތިވާހަކައެއްނު ކުރިންވެސް ބުނީ. ތިހުރީ ކިޑްނެޕް ކޮށްފައޭ" އަވިކް ނަޒްލާ އަތުގައި ހިފާލި ގޮތަށް ކާރުން ބާލުވައިފިއެވެ. "ތެދުތެދަށް ބުނަންޏާ ވަރަށް ސްޓްރޭންޖް ކަމެއް މީ. އެކަމަކު މިގޮތަށް ކުށެއް ކޮށްގެން މިހާ ޕްރައުޑް ފީލްވި ފުރަތަމަ ފަހަރު މީ." އަވިކް ނަޒްލާ އަތަށް ދަމަމުން ގެންގޮސް ލިފްޓް ހުޅުވާފައި ވަދެއްޖެއެވެ. ނަޒްލާ އަނގައަށް ގޮތެއް ހަދާލަމުން ބަލާލިއިރު އަވިކް ހުރީ އުފާވެރި ގޮތަކަށް ހިނިތުންވެފައެވެ.
"މިހާރު ކިހިނެތްވީ؟" އަވިކް ކުއްލި އަކަށް ނަޒްލާ މޫނުގައި އަތް އަޅަން އުޅެން ފެށުމުން އޭނާ އަތުން ޖަހައި އެއަތް ފޮޅުވާލިއެވެ. "އޯކޭ ނަޒޫއަށް މިގޮތް ކަމުނުދަންޏާ ލޯމަރާ." އަވިކް ކޮނޑު އަރުވާލައިފައި ދެއަތްކޮށްޕާލީ ޖީބަށެވެ. "ބޭނުމެއް ނޫން. އިތުރު ސަޕްރައިޒަކަށް އުންމީދެއް ނުކުރަން." ނަޒްލާ ވަގުތުން ދެކޮޅު ހެދިއެވެ. އޭނާ އަނެއްފަރާތަށް މޫނު އަނބުރާލަމުން ހަށަން ބަނދެލައިފިއެވެ. އަވިކްގެ ހިނިތުންވުން ފުންވެގެން ދިޔައެވެ. ނަޒްލާގެ މި ގޮތްދޫ ނުކުރާ އާ ސިފަ އޭނާއަށް ވަރަށް ކަމުހިނގައްޖެއެވެ. "އޯލްރައިޓް. ނަޒޫ ބޭނުން ގޮތެއް." އަވިކްވެސް މިފަހަރު ގަދަ އަޅާކަށް ނޫޅެއެވެ.
ލިފްޓް ހުޅުވުނު ތަނުން އަވިކް ނިކުމެގެން ދާން ފެށުމުން ނަޒްލާ މިފަހަރު ފަހަތުން ދިޔައެވެ. އެޕާޓްމަންޓްގެ ދޮރު މަތީ ހުއްޓި އަވިކް ކޯޑު ޖަހަން ފެށުމުން ނަޒްލާއަށް އަނެއްކާވެސް ސުވާލު ނުކޮށެއް ނުހުރެވުނެވެ. އެއީ ކާކުގެ ގެއެއްތޯ އާއި އެތަނަށް އޭނާ ގޮވައިގެން އައި ސަބަބެއް އޮޅުން ފިލުވަދޭން އެދުނެވެ. "ސީ ފޯ ޔޯ ސެލްފް." އަވިކް ދޮރު ހުޅުވާލައިފައި ނަޒްލާ ވަންނަން ތަން ދެއްކީއެވެ. ދެފިޔަވަޅެއް އަޅާފައި ނަޒްލާ އެނބުރި ބަލައިލީ އަވިކް އަށެވެ. ދެން އަނެއްކާވެސް މަޑުމަޑުން ކުރިއަށް ދާން ފެށިއެވެ. އިރުކޮޅެއް ނުވެ ސިޓިންރޫމްގައި ތިބި ސުދާ އާއި އީމާ އޭނާގެ ލޮލުގައި އަޅައިގަތެވެ. އަވިކް ހުރީ ބަލާށެވެ. އެމީހުންނަށް ފެނުނު އިރަށް ނަޒްލާގެ މޫނަށް އުފާވެރިކަން ވެރިވެގެން އައެވެ. މަޤްސަދު ކާމިޔާބު ވެއްޖެ ކަމުގައި އަވިކްއަށް ޤަބޫލު ކުރެވުނެވެ. އޭނާ ކުރިއަށް ފިޔަވަޅެއް އަޅާލައިފައި އައިސް ނަޒްލާގެ ދާދި ކައިރިއަށް ހުއްޓިއްޖެއެވެ.
"މަންމާ! ބަލާބަލަ ކާކު އައިސް މިހުރީ!" އަވިކް ސުދާއަށް އިވޭ ވަރަށް ގޮވާލިއެވެ. އެއަޑަށް އެތާ ތިބި ތިންމީހުން އެނބުރި ބަލާލިއެވެ. ވަގުތުން ސުދާގެ މޫނު އުޖާލާވެގެން އައެވެ. އީމާ ފޮނިވެގެން އަވަހަށް ދުވެލާފައި އެމީހުން ކައިރިއަށް އަތުވެއްޖެއެވެ. ހީނާވެސް އިނީ ސުދާ އާއި އީމާގެ ކުލަވަރު ފެނުމުން ހިނިތުން ވެފައެވެ. އީމާ އައިސް އަތުގައި ހިފާލުމުން ނަޒްލާ ގޮސް ސުދާގެ ކައިރީގައި އިށީންދެފައި ވާހަކަ ދައްކަން ފެށިއެވެ. އައީ ކޮންއިރަކު ތޯ އާއި ކުރަނީ ކީއްތޯ ފަދަ ސުވާލުތައް ސުދާ ކުރަން ފެށުމުން ނަޒްލާ އެސުވާލުތަކަށް ޖަވާބު ދާރީ ވާން ފެށިއެވެ. އަވިކް ދުރުގައި ބަލަން ހުރެފައި ގޮސް އެމީހުންނަށް ކުރިމަތި ވާގޮތަށް އިށީންދެފައި ނަޒްލާ އަތުން އަތުލި ތަށި ކުޑަ މޭޒުމަތީ ބެހެއްޓިއެވެ.
"ތީ ކޯއްޗެއް؟" އެވަގުތު ސުދާއަށް އެތަށި ފެނިގެން އެހިއެވެ. "ނަޒޫ ގެނަ އެއްޗެއް." އަވިކް ތަށީގެ މަތި ނަގާފައި ބަލާލިއިރު އާވި އަރަ އަރާ ހުރި ހަނޑޫ ބޮނޑިބަތް ތަށްޓެކެވެ. "އަހަ! އަދި ކިރިޔާ ކެއުން ފުރިހަމަ މިވީ. ހީނާ ދޭބަލަ ފްރިޖްގަ އޮންނާނެ އެއްކަލަ ވަޅޯމަސްގަނޑު. ތަށްޓަކަށް އެތިކޮޅެއް ކޮށާލައިގެން ގެނޭ!" ސުދާ ހީނާއަށް އެންގިއެވެ. "ނަޒްލާއަށް ކޮފީ ތަށްޓެއްވެސް ގެންނާތި!" ސުދާ އަނެއްކާ ހަނދާންވެގެން ގޮވާލިއެވެ.
"މަންމާ! މާނީ ދިޔައީތަ؟" އަވިކް ވަށައިގެން ހޯދަން އިރުކޮޅަކު އިނދެފައި ކުއްލި އަކަށް އަހާލިއެވެ. އެއަޑަށް ނަޒްލާގެ ނަޒަރުވެސް ސުދާއަށް ހުއްޓުނެވެ. "ސުދާ ބޯ ޖަހާލި ތަން ފެނުމުން އަވިކްއަށް ހަމަޖެހުމުގެ ނޭވައެއް ދޫކޮށްލެވުނެވެ. އެއަންހެންކުއްޖާ އެތަނުގައި ނެތީ ނަސީބޭ އޭނާގެ ހިތަށް އެރިއެވެ. އިރުކޮޅެއް ވީ ތަނާ މިކިޔާލްގެ ފޯނެއް އައިސްގެން އަވިކް ތެދުވިއެވެ. "ވިއްސާރަވެ ގެއިން ނުވެސް ނިކުންނަ ދުވަހަކީތަ؟ ހިނގާބަލަ ކޮފީއަކަށް!" އަވިކް ކޮޓަރިއަށް ވަދެ ފޯނު ނެގިތަނާ މިކިޔާލް ވާހަކަ ދެއްކިއެވެ. "ފިނިކަމުން ތަނަކަށް ދެވޭވަރުތަ؟ އެހެންނޫނަސް މިކިޔާލް ކޮން މޮޔައެއް ވެގެން މިއަދު ބޭރަށް ދާން ތިއުޅެނީ؟ މީ މީހުން ނިދާ ކަހަލަ ދުވަސް ދުވަހޭ." އަވިކް ބެލީ ނުގޮސްވާނެ ގޮތެއް ވޭތޯއެވެ. އޭނާ އެކުން ނަޒްލާ ގެއަށް ގެނައީވެސް ދެމީހުން އެކުގައި ހޭދަ ކޮށްލާނެ ވަގުތު ކޮޅެއް ހޯދުމުގެ ގޮތުންނެވެ. ބޭރަށް ގޮސްގެން ހުރިހާ މަސައްކަތެއް ބޭކާރަށް ދާކަށް އޭނާ ނޭދެއެވެ. "އޭ ދެން ސަކަރާތް ނުޖަހާ އާދެބަލަ!" މިކިޔާލް ހުރީ ފަސޭހައިން ދޫކޮށްލާ މޫޑެއްގައެއް ނޫނެވެ. "ސީރިއަސް ކޮށް ނެތޭ ދެވޭކަށް. ކުޑަ ކަމެއްގަ މިއުޅެނީ. އިހަށް ބާއްވާލީ. މަންމަ މިހާރުވެސް އެބަ ގޮވާ." އަވިކް ދޮގެއް ހަދާލައިފައި އަވަހަށް ފޯނު ބޭއްވިއެވެ. އޭނާ ނިކުތްއިރު ނަޒްލާ ފެންނަން ނެތުމުން ބާރަށް ގޮސް ސުދާ ކުރެން އަހާލިއެވެ.
"އީމާ ކަންތައް އެއީ. އީމާގެ ކޮޓަރި ނަޒްލާއަށް ދައްކަން ވެގެންނޭ ކިޔައިގެން އޭނަ ގޮވައިގެން ހިނގައްޖެ." ސުދާ ހެވިފައި ކިޔައިދިނެވެ. އަވިކް އެދިމާއަށް ކަޅިއެއް އެއްލާފައި އިށީންދެލީ ސުދާގެ ކައިރީގައެވެ. "ދަރިފުޅު ވަރަށް ރަނގަޅަށް ތިހެދީ. މަންމަ ވަރަށް އުފާވެއްޖެ ނަޒްލާ މިގެއަށް ގެނައީމަ. އީމާވެސް ވަރަށް ހިތްހަމަޖެހިފަ އެހުންނަނީ." ސުދާ ވާހަކަ ދެއްކި އަޑަށް އަވިކް ބަލައިލާފައި ބޯ ޖަހާލިއެވެ. އޭނާ ނަޒްލާ ނިކުންނާނެ އިރެއްގެ އިންތިޒާރުގައި ފޯނާއި ކުޅެލަ ކުޅެލާ އިނދެފައި އެންމެފަހުން ތެދުވެގެން ގޮސް އީމާގެ ކޮޓަރި ދޮރު ހުޅުވާލައިފިއެވެ. އެއަޑަށް އެނދުގައި ތިބި ދެއަންހެން ކުދިން އެނބުރި ބަލާލިއެވެ. ނަޒްލާ އެނދުގައި ބައިންދައިގެން އީމާ އެނދަށް ކޮޅަށް އަރައި އިނީ ނަޒްލާގެ އިސްތަށިގަނޑުގައި ފުނާ އަޅައި ދޭށެވެ. އަވިކްއަށް ކުރިންވެސް ކިތަންމެ ފަހަރަކު އެމަންޒަރު ފެނިފައި އެބަހުއްޓެވެ. އެކަމަކު ނަޒްލާގެ މަޤާމުގައި މާނީ އިންދައެވެ.
"ދޮންބެ ނޮކްވެސް ނުކޮށް ތިއައީ." އަވިކް އީމާ ބުނެލި ވާހަކައަށް ސަމާލުކަމެއް ނުދީ ގޮސް އެމީހުން ކައިރިއަށް ހުއްޓުނެވެ. ”ވިކް ކޮންއިރަކުން އަހަރެން ގެއަށް ގެންދާނީ؟ ދައްތަމެން މިހާރު އުޅޭނެ އަހަރެން ވީތަނެއް ނޭނގިގެން." ނަޒްލާ އަވިކް އާއި ހަތަރު ކަޅި ހަމަކޮށްލަމުން ސުވާލު ކުރިއެވެ. އެވަގުތު އަވިކް ބަލާލީ އަތުކުރީ އޮތް ގަޑިއަށެވެ. "އީމާ ދެން ތިމަސައްކަތް ނިންމާލަންވީ އެއްނު. ނަޒޫ ގެއަށް ދާންޖެހޭނެ." އަވިކް އެހެން ބުނެލުމުން އީމާ ތުންކޮޅު ހަދާލައިފައިވެސް އެއްބަސްވިއެވެ. އަވިކް އެނބުރި ދޮރާއި ދިމާއަށް ދާން ފެށުމުން ނަޒްލާ ބޮލުގައި އިން ވޫލް ކޮޅުތައް ނައްޓާލައިފައި އީމާ އަތަށް ދިނެވެ. އީމާ ރުއްސުމުގެ ގޮތުން އަދިވެސް އަންނާނެ ވާހަކަ ބުނެ ސަލާމް ކޮށްލައިފައި އޭނާ ގޮސް އަވިކް ފަހަތުން ބޭރަށް ނިކުމެއްޖެއެވެ.
ސިޓިންރޫމްގައި ސުދާ އާއި ހީނާ އެވަގުތުވެސް ޓީވީއަށް ނަޒަރު ހުއްޓާލައިގެން ތިއްބެވެ. ނަޒްލާ ސިއްސައިގެން ދިޔައީ އަވިކް އަތުގައި ހިފާލުމުންނެވެ. އޭނާ ވާހަކަ ދައްކަން ތައްޔާރު ވެލުމުން އަވިކް ބަލައިލާފައި އިޝާރަތުން ސުދާމެން ދައްކާލިއެވެ. އޭނާ އެމީހުނަށް ބަލައިލާފައި ވަކި ގޮތެއް ނުނިންމިގެން އުޅެނިކޮށް އަވިކް އޭނާ ގެންގޮސް ކޮޓަރިއަށް ވައްދައި ދޮރު ލައްޕައިފިއެވެ. "އަވިކް!" ނަޒްލާގެ ކެތްތެރިކަން ކޮޅުންލީ އެހިސާބުންނެވެ. އަވިކް ދޮރާއި ފުރަގަސްދިން ތަނާ އޭނާ އަތް ފޮޅުވާލައިފިއެވެ. އަވިކް ފުރަގަސްދީގެން ހުރެފައި ދެއުކުޅުގައި އަތް ވިދެލިއެވެ. ފުން ނޭވައަކާއެކު އެނބުރި ނަޒްލާގެ ރުޅި މޫނަށް އޭނާގެ ނަޒަރު ހުއްޓާލިއެވެ. "ނަޒޫ ޕްލީޒް. އަޑުއަހާބަލަ! އަހަރެން ހަމައެކަނި ބޭނުން ވަނީ ނަޒޫގެ ގާތްކަން. ކުރިންވެސް އަހަރުމެން ދެމީހުންގެ މެދުގައި އޮތް އެކުވެރިކަން. އެއީ ނުވާނެ ކަމެއްތަ؟ މިހެން ބުނާއިރު އަހަންނަށް އިނގޭ އުދަނގު ވާނެކަން، އެކަމަކު މާޒީ ހަނދާން ނައްތާލައިފަ އާފެށުމަކުން ނުފެށޭނެތަ؟ އަހަރެންގެ ކުރިމަތީ ނަޒޫ އުޅޭއިރު އަހަންނަށް ނުދަންނަ ކަމަށް ހަދައިގެން ބަލަން ނުހުރެވޭނެ. އަހަރެން މީ ނުދަންނަ މީހަކަށް ހަދާފަ ނަޒޫ އެހެން މީހުންނާއި އެކުވެރިކަން އުފައްދައިގެން އުޅޭތަން ބަލަން އަހަންނަށް ކެތެއް ނުވާނެ. އަހަންނަށް އެއް ޗާންސް ދީ ނަޒޫ. އަހަރެންގެ ސަބަބުން ނަޒޫއަށް ލިބުނު ހިތާމަތަކުގެ ބަދަލު ދުވަހަކުވެސް އަދާ ނުކޮށްދެވޭނެ. އެކަމަކު އޭގެ ކުޑަ މިންވަރެއް ނަމަވެސް އަދާ ކުރާނެ ފުރުސަތު އަހަންނަށް ދީ!" އަވިކް ކުރިއަށް ފިޔަވަޅެއް އަޅާލުމުން ނަޒްލާ އަވަހަށް އެދެމެދަށް އަތް ހުރަސް ކޮށްލީ އެއަށްވުރެ ކުރިއަށް އައުން މަނާ ކުރަމުންނެވެ.
"ވިކް ބުނެބަލަ. އަހަރެންނާއި އަހަރެންގެ ދިރިއުޅުމަކީ ވިކްގެ ކުރިމަތީ ޖޯކެއްތަ؟" ނަޒްލާ އަށް ހަތަރު ކަޅި ހަމަކޮށްގެން ނުހުރެވިގެން އަނެއް ފަރާތަށް މޫނު އަނބުރާލިއެވެ. ރުޅި އާއި ހިތާމަ އެކުވެގެން އޭނާގެ ލޮލަށް ކަރުނަ ޖަމާވާން ފަށައިފިއެވެ. "ނަޒޫ ކީކޭ ތިކިޔަނީ؟ ކީއްވެ ތިގޮތަށް ވިސްނަނީ؟ އަހަންނަކަށް ނޭނގެ ނަޒޫ ތިބުނާ އެއްޗެއް؟" އަވިކްގެ މޫނުންވެސް ކަންބޮޑުވުން ފައުޅުވާން ފެށިއެވެ.
"އަހަރެން ސާފު ބަހުން ކިޔައި ދިނިއްޔާ އިނގޭނެތަ؟" ނަޒްލާ ކުއްލިއަކަށް ހަތަރު ކަޅި ހަމަކޮށްލިއެވެ. އަވިކް ބުނާނެ އެއްޗެއް ނޭނގިގެން ތިރީ ތުންފަތުގައި ދަތް އަޅާލައިފިއެވެ. ނަޒްލާގެ މޫނަށް ވެރިވަމުން އައި ކުލަވަރު ބަލަން އުދަނގޫ ވެގެން އޭނާއަށް އިސް އޮބައިލެވުނެވެ.
"ވިކް! އަހަރެންގެ އިހްސާސް ތަކަކީ އަހަރެންގެ އަމިއްލަ އެއްޗެއް. އަހަރެން މިހާރު ނުދެކެން އެއިހްސާސް ތަކާއި ވިކް އާއި އެއްވެސް ގުޅުމެއް އޮތް ކަމަކަށް. އަހަންނަށްވެސް މިހާރު ވިސްނިއްޖެ އޭގެ ވިކް ކުރާނެ ކަމެއް ނެތްކަން." ނަޒްލާ މަޑުމައިތިރި ކަމާއެކު ބުނެލިއެވެ. އޭނާ އަވިކްއަށް ފުރަގަސްދީފައި ގޮސް ހުއްޓުނީ ކުޑަ ދޮރު ކައިރިއަށެވެ. "ތިން މަސް ކުރިން ވިކް ރަށުން ފުރައިގެން އައުމުން ތިން ދުވަސް ވާންދެން އަހަރެން ރުއީ. ކެއުމެއް ބުއިމެއް ނެތި ހިތާމަ ކުރީ. އަހަރެންގެ ހިތް ހަލާކުވި. ކިތަންމެ ވަރަށް ކަރުނަ އޮއްސިއަސް ހިތަށް ފަސޭހަވާހެން ހީނުވޭ. ކުރާނެ ކަމެއް ކުރާ ހިތްވާ ކަމެއް އެވަގުތު އަހަރެންނަކަށް ނެތް. އެހާލަތުން އަހަރެން އަރައިގަތީ އަހަރެންގެ ދިރިއުޅުމުގައި ދެން އޮތް އެންމެ މުހިންމު މަޤްސަދު ކުރިއަށް ނެރެގެން. އެއީ ކިޔަވައިދިނުމުގެ ރޮނގުން ޑިގްރީ ހެދުން. އަހަރެން ކަރުނަ ފުހެލީ ކިޔަވަން ވެގެން. އިރާދަ ކުރެއްވީތީ އަހަރެން މިއަދު މިހުރީ އަހަރެންބޭނުންވި ހިސާބުގައި. އަހަރެންގެ އުންމީދަކީ އިތުރު އުދަނގުލެއް ނެތި ޑިގްރީ ފުރިހަމަ ކޮށްގެން ރަށަށް އެނބުރި ދިއުން. އެކަމަކު އެކަން އަހަންނަށް ވާނީ ވިކްވެސް އަހަރެންނަށް އެހީވެގެން. އެއްބާރުލުން ދީގެން." ނަޒްލާ އެނބުރި ބަލާލި އިރު އަވިކްގެ މޫނު އުޖަލާވެގެން އައިތަން ފެނުނެވެ. އަވިކްއަށް އޭނާ ބުނި އެއްޗެއްގެ މާނަ މުޅިން ދޭހަ ނުވަނީކަން އެވަގުތުވެސް ނަޒްލާއަށް ވިސްނުނެވެ.
"އޮފްކޯސް. އަހަރެންނަށް ދެވުނު ހުރިހާ ގޮތަކުން ނަޒޫއަށް އެއްބާރުލުން ދޭނަން. އަހަންނަށް ވެވުނު ހުރިހާ އެހީއަށް ނަޒޫއަށް ވާނަން. ނަޒޫ ބުނެފި ކޮންކަމެއް އަހަރެން މިހުރީ ކޮށްދޭ ގޮތަށް. އައި ޕްރޮމިސް." އަވިކް ދިގު ފިޔަވަޅު ތަކެއް އަޅައިލާފައި އައިސް ނަޒްލާގެ ދެކޮނޑުގައި ހިފާލިއެވެ. ނަޒްލާ އިސްއުފުލާލައިފައި އަވިކްގެ އުފާވެރި މޫނަށް ބަލަން އިރުކޮޅަކު ހުއްޓެވެ. "ދެން ސްޓޭ އަވޭ ފްރޮމް މީ....!" ނަޒްލާ އިއްވާލިއެވެ. "ކި..ކީކޭ ތިބުނީ؟" އަވިކްގެ ދެއަތް ތިރިއަށް އެލުވާލެވުނެވެ. އޭނާ ކުރު ހިނިގަނޑެއް ޖަހާލައިފައި ބަލައިލިއިރު ނަޒްލާގެ މޫނުގައި ވި ސީރިއަސްކަން އެއީ ދޮގެއް ނޫންކަން އަންގައިދިނެވެ. އިސާހިތަކު އަވިކްގެ ކުލަ ފަނޑުވެގެން ދިޔައެވެ. "ރަނގަޅަށް ތި އިވުނީ. އަހަރެންނަށް އެހީވާން ބޭނުމިއްޔާ އަހަރެންނާއި ދުރުގަ އުޅޭ." ނަޒްލާ ތަކުރާރު ކޮށްލިއެވެ. "ނުވިސްނުނު. އަހަރެންނަކަށް ނުވިސްނުނު." އަވިކް އަދިވެސް އެމޫނަށް ބަލަނީއެވެ. "އަނެއްކާވެސް ވަރަށް ސާފު ބަހުން އަހަރެން ކިޔައިދީފާނަން. އަހަންނަށް އުދަނގުވޭ އަވިކްގެ ކައިރީގައި އުޅެން. އުދަނގޫވޭ އަވިކް ފެންނާތީ. ތިމޫނު ފެންނަ އިރަށް ހިތް ތެޅެން ފަށާ. ތި އަޑު އިވޭ އިރަށް ހަތަރެސްފައި ފިނިވޭ. އަތުގައި ހިފީމަ ހީވަނީ އެތެރެހަށީގައި ތޫފާނެއް އުފެދޭހެން. އަހަރެން ކުރިމަތީ ހިނިތުންވީމަ ދެން ދުވަހުގެ ބާކީ އޮތްބައިގަ އަބަދު ހިތަށް ފެންނަނީ އެހިނިތުންވުން. ކިތަންމެ ބޭނުން ނުވިއަސް ނިދަން އޮންނަ އިރުވެސް ހަނދާންވަނީ. ރޭގަނޑު ނުނިދެނީ. ހުވަފެނުގަވެސް ފެންނަނީ. ކިޔަވަން ފޮތް ހުޅުވާލިއަސް ތި މޫނު ފެންނާތީ އެކަމަށް ސަމާލުކަން ނުދެވެނީ. ދަސްކުރާ އެއްޗެހި ބޮލަށް ނުވަންނަނީ. އަހަރެން މިބުނާ އެއްޗަކީ ވިކް އަހަރެންނާއި ގާތްވާން މަސައްކަތް ކުރި ވަރަކަށް އަހަރެންނަށް ވިކް ހަނދާން ނައްތާލަން އުދަނގޫ ވަމުން އަންނަ ވާހަކަ. އެހެންވެގެން އަހަންނަށް ވިކްގެ އެކުވެރިއަކަށް ނުވެވޭނެ. އައެމް ސޮރީ." ނަޒްލާގެ ވާހަކަ ނިމުނުއިރު އޭނާގެ އަޑު ކުރެހިއްޖެއެވެ. ލޮލުން ވެއްޓުނު ކަރުނަ ތިކި ކޯތާފަތާއި ދިމާއަށް ފިރުކި ނުގަންނަނީސް އަވަހަށް ފުހެލާފައި އޭނާ ދުވެފައި ގޮސް ދޮރު ހުޅުވާލައިފައި ނިކުތެވެ. އަވިކް އޭރު އެވާހަކަތައް އިވިފައި ބުދެއްހެން ހުއްޓެވެ.
ނަޒްލާ ދޮރާއި ދިމާއަށް ދަނިކޮށް ސުދާއަށް ފެނިގެން ގޮވާލިއަޑަށް ހުއްޓުނެވެ. "އެކަނިތަ ދަނީ؟ ކޮބާ އަވިކް؟" ސުދާގެ މޫނުމަތިން ސުވާލު މާކުތައް ފައުޅުވާން ހުއްޓެވެ. "ދައްތަމެން ކައިރީ ނުބުނެ އާދެވުނީމަ އެމީހުން ހޯދާނެތީ އަވަހަށް މިދަނީ. އަދި ފަހުން އަންނާނަން އިނގޭ. ދަނީ." ނަޒްލާ ދިނީ މުޅިން އެހެން ޖަވާބެކެވެ. އޭނާ ސުދާއަށް އިތުރު ފުރުސަތެއް ނުދީ އަވަހަށް ނިކުމެއްޖެއެވެ. އިރުކޮޅެއް ފަހުން ސުދާއަށް ފިޔަވަޅުގެ އަޑު އިވިގެން ބަލާލިއިރު އަވިކްވެސް ގެއިން ނިކުންނަން ދަނީއެވެ. "އަވިކް ކީއްވެ ނަޒްލާ އެކަނި ފޮނުވާލީ؟" ސުދާ ވާހަކަ ދެއްކި އަޑަށް އަވިކް ހުއްޓުނު ނަމަވެސް ފަސްއެނބުރި ބަލައެއް ނުލިއެވެ. "ނަޒޫ އަވަހަށް ދާން ވެގެން ދިޔައީ." އަވިކް ޖަވާބު ދީފައި ނަޒްލާ ފަދައިން ނިކުމެގެން ދިޔައެވެ.
އަވިކް ކާރު މަޑުކޮށްލާފައި މިކިޔާލް އިން ރެސްޓޯރެންޓް ތެރެއަށް ވަދެގެން ދިޔައީ ވަށައިގެން ލޯ ހިންގަމުންނެވެ. އޭނާ ފޯނު ނަގާފައި ގުޅުމުގެ ކުރިން މިކިޔާލް ފެނިގެން އެދިމާއަށް ގޮސް މޭޒު ދޮށުގައި އިށީންދެއްޖެއެވެ. "ތިއައީތަ؟ އަހަރެން އަދި ދާންކަމަށް މިއުޅެނީ. ތިވީ ގޮތުން އަދި އެއް ކޮފީ ގެންނަންވީ." މިކިޔާލް ސަމާސާ ރާގެއްގައި ވާހަކަ ދެއްކިއެވެ. އަވިކް ރައްދު ނުދިން ތާގައި ހިނިތުންވެލުމެއްވެސް ވެރި ނުކުރުމުން އޭނާ ސީރިވެފައި އިންވަރު މިކިޔާލް ދެނެގަތެވެ. "ކީއްވެތަ މިހެން ވަނީ؟" އަވިކް ވާހަކަ ދެއްކީ ކޮފީއަށް އޯޑަރ ދީފައި އޭގެ ފަހުންނެވެ. "ކިހިނެތްވަނީ؟" މިކިޔާލް މެޒުމަތީ ދެއަތް އަޅާލަމުން އެކުވެރިޔާގެ ވާހަކައަށް ޝައުޤުވެރިކަން ހުސްކޮށްލިއެވެ.
"އަހަރެންނަށް ހަމައެކަނި ކުރެވެން އޮތް ކަމަކީ އޭނައަށް ހާޓް ކުރުން." އަވިކް އެހެން ބުނެލިއިރުވެސް ބަލަން އިނީ ދުރެވެ. މިކިޔާލްއަށް ނުވިސްނުނު ނަމަވެސް އޭނާ އެއްޗެއް ނުބުނެ އިނީ އަވިކް އިތުރަށް ކިޔައިދޭނެ ކަން އެނގޭތީ ފުރުސަތު ދީގެންނެވެ. "ނަޒޫ ކައިރިން އެކުވެރިކަމަށް އެދުނީމަ އޭނަ އެދުނީ އަހަރެން އޭނައާއި ވީހާވެސް ދުރުގަ އުޅެން." އަވިކް ފޮރުވުމެއްނެތި ބުނެލިއެވެ. އެކަހަލަ ވާހަކަ ދައްކަން އޭނާގެ ހުރީވެސް ހަމައެކަނި މިކިޔާލްއެވެ. "އޭނައަށް އަހަރެން ފެނުނީމަ އުދަނގޫ ވަނީއޯ. މިކިޔާލް ބުނެބަލަ އޭނަ ގެޓްއޯވަރ ވަންދެން އަހަރެން ދެންވީ ދުރުން އުޅެންތަ؟ ކިހިނެތް އެނގެނީ އެބުނާ ގެޓްއޯވަރ ވާ ދުވަހެއް އަންނާނެ ކަމެއްވެސް." އަވިކް ހިފަހައްޓައިލީ ނިއްކުރީގައެވެ. އޭނާ އިސްތަށިގަނޑު ތެރެއަށް އިނގިލިތައް މަހާލައިފައި ތިރިކޮށްލިއިރު މިކިޔާލް ފާޑަކަށް ހެވިފައި އިނެވެ. އެވަގުތު މިކިޔާލްގެ ހިތުގައި އޮތް އެއްޗެއް އަވިކްއަށް ވިސްނުނެވެ. "އޯކޭ އޯކޭ އައި ވިލް ޓެލް ޔޫ އެވްރީތިން." އަވިކް އެންމެފަހުން ކިޔައިދޭން ނިންމިއެވެ.
"ތީ ރަނގަޅު މީހެއް. އެކުއްޖާ ވިކް އާއި ހެދި އެވަރުވެފަ ހުއްޓާ އަހަރެން އޭނަ ސެޓު ކުރަން އޯކޭ ދީފަ ތިހުންނަނީ. ނަސީބެއްނު އެނގުނުކަން. މަދެން އެމަންޖެއާއި ވައިވެސް ނޭޅޭނަން. ވިކް މެލޭގަ މިދޭތެރެއިން ގޮސް ހުރި ދުވަސްކޮޅުވެސް މަ ނިކަން އުޅުނީމޭ އޭނަ އަތު އަޅުވައިލަން. އެކަމަކު ހަމަ ވާގޮތެއް ނުވި. އެހެންވެ ދޫކޮށްލައިގެން މިހާރު މިހުންނަނީ. އެކަމަކު ތެދެއް ބުނަން. އެކުއްޖާ ވިކް އާއި ހެދި އެހާވަރު ވެފަ ހުރިކަން އެނގުނީމަ ކުޑަކޮށް ޖެލަސްވެއްޖެ." އަވިކް ވީހާވެސް ކުރުކޮށް އެދެމެދުގައި ހިނގާދިޔަ ހާދިސާ ކިޔައިދީ ނިމުމުން މިކިޔާލް ރައްދުގައި ބުނެލިއެވެ. އެކުވެރިޔާ އެންމެ ފަހުން ބުނެލި ވާހަކަ އިވުމުން އަވިކް ގާތަށްވެސް ހިނި އައެވެ. "އަދިވެސް އަހަރެންގެ މައްސަލަ ހައްލު ކޮށްދޭކަށް ނޫން ދޯ ތިއުޅެނީ. މިހުރިހާ ވާހަކައެއް މިކިޔައިދިނީ ގައިމު ކަމަކުއެއްނު." އަވިކް ކުރިން ދެއްކި ވާހަކައަށް މިކިޔާލްއަށް ހަނދާން ކޮށްދީފައި ކޮފީ ޖޯޑު ނަގައި އެންމެ ފަހު އެތިފޮދު ބޯލިއެވެ.
"އަހަރެންނަށް ފެންނަނީ މުޅިން އޮޕަސިޓް ކޮށް. ވިކް ބުނިހެން ދުރުގަ އުޅެން ވެއްޖެއްޔާ އެތަކެއް އަހަރު ނަގައިފާނެ. އެކަމަށް އޮތް އެންމެ ރަނގަޅު ހައްލަކީ ވިކް ނަޒްލާ އާއި ވީހާވެސް ކައިރިކޮށްލުން. ގިނައިން ފެންނަން ފެށީމަ ވާހަކަ ދައްކަން ފެށީމަ އޭނަ އެކަމަށް އާދަވާނެ. ހޭނެން ފަށާނެ. އޭރުން އުދަނގުވުންވެސް ހުއްޓިދާނެ. ވިކް އޭނައަށް އެކުވެރިއެއްހެން ޓްރީޓް ކުރަން ފެށީމަ އޭނައަށްވެސް އެގޮތަށް ދެކެން ފަސޭހަ ވާނެ. އެންމެފަހުން އޭނަ އަމިއްލައަށްވެސް ގަބޫލުވެދާނެ އެކުވެރިވާން." މިކިޔާލްގެ ހިޔާލު ހުރި ގޮތް އަވިކްއަށް ކިޔައިދިނެވެ. "އަހަރެންވެސް ހަމަ ހިތަށްއެރި ގޮތް." އަވިކްގެ މޫނުމަތިން އުފާވެރިކަން ފެނިގެން ދިޔައެވެ.
ދިހައެއް ޖެހިއިރު ކުލާސް ނިންމާފައި އައި ގޮތަށް ނަޒްލާ ތައްޔާރު ވާން ފެށީ ބޭރަށް ދާށެވެ. ލޯގަނޑު ކުރިމަތީ އޭނާ ހުއްޓާ ސަމާ އައެވެ. ސަމާއަށް ފާހަގަ ކުރެވުނީ ހެނދުނު ފުރަތަމަ ކެއުމުގެ ވާހަކަ ދެއްކިއިރު ނަޒްލާގެ މޫނުން ފެނުނު އުފާވެރިކަން އެވަގުތު ފެންނަން ނެތްކަމެވެ. އޭނާ ބަލަން ހުއްޓައި ނަޒްލާ ރީތިވެ ނިމިގެން އެނބުރިލިއެވެ. ލުއި ހިނިތުންވުމެއް ދައްކާލައިފައި އޭނާ ނިކުމެ އަދިވެސް އެއްފަހަރު ޝީރީން ކައިރި ބޭރަށް ދާ ވާހަކަ ބުނެ ހަނދާން ކޮށްލަދިނެވެ. ޝީރީން ބޯ ޖަހައިލުމުން ތިރިއަށް ފައިބަން ދިޔައިރުވެސް ހުރެވުނީ ހިޔާލެއްގައެވެ. ހަޤީޤަތުގައިވެސް މިހާރު އޭނާގެ މޫޑެއް ނެތެވެ. އެކަމަކު އެކަމަކީ ވެވިފައި އޮތް ވަޢުދެއް ފަދަ ކަމެކެވެ. އަމުދުން ޔައީޝް ފަދަ ބިޒީ މީހަކަށް ގަޑި ކިޔާފައި ނުދިއުމުމުން އެއީ ޔައީޝްއަށްވެސް ވެވޭ ވަރަށް ބޮޑު ބޭއިންސާފަކަށް ނޫނީ ނުވާނެއެވެ.
ވާރޭ ހުއްޓާލައިފައި އޮތް ނަމަވެސް މާހައުލު އޮތީ ފިނި ކޮށެވެ. ނަޒްލާ މަގުމައްޗަށް ނިކުމެ ހުއްޓާ ކާރެއް އައިސް މަޑުކޮށްލާފައި މީހަކު ފައިބައިފިއެވެ. "މޭމް!" ކުރިމަތީ ހުރި ޑްރައިވަރ ނަޒްލާ އިށީންނަން ކާރުގެ ފަހަތު ދޮރުފަތް ހުޅުވާލަ ދިނެވެ. އޭނާއަށް ބަލައިލެވުނީ ކުރީ ސީޓުގައި އިން ޔައީޝްގެ މޫނު ފެނޭތޯއެވެ. އެކަމަކު ކަޅު ބިއްލޫރީގެ ތެރެއިން އެތެރޭގައި ވާ އެކައްޗެއްވެސް ސާފު ވާވަރެއް ނުވިއެވެ. ވިސްނައިލާފައި އޭނާ ޑްރައިވަރ ދެއްކި މަގުން ކާރަށް އަރައި އިށީންދެއްޖެއެވެ. އެވަގުތު ދޮރުފަތް ޖަހާފައި ޑްރައިވަރ ޖެހިލީ އެއްފަރާތަށެވެ. ބަދަލުގައި ކާރު ދުއްވައިލީ އެވަގުތު ޑްރައިވަރ ސީޓުގައި އިން އެހެން މީހެކެވެ. "ޔައީޝް!" އަނދިރި ކަމުންނާއި ހަމައެކަނި ފުރަގަސް ފެންނަން ހުރުމުން އެއީ ޔައީޝްކަން ޔަޤީން ކޮށްލަންވެގެން ނަޒްލާ ގޮވާލިއެވެ.