ލޯ ހުޅުވައިލިއިރު އަވިކް ހުރީ ކަޅިޖަހާ ނުލާ ބަލާށެވެ. އެހާ ކައިރިން އެމޫނު ފެނުމަށްވުރެ އެވަގުތު ނަޒްލާގެ ހިތް އަވަސްވީ އަވިކްގެ ތޫނު ލޮލުގައިވި އެހެން ވިދުވަރަކުންނެވެ. ބިރުން އޭނާއަށް ކުރެވުނުހާވެސް ކަމަކީ އަނެއްކާ ލޯ މަރައި ތަގުޅި ކޮށްލުމެވެ. ނޭނގުމުގެ ތެރޭގައި އެއީ ދެވުނު ދައުވަތެއްކަން ރޭކައެއް ނުލިއެވެ. ލިބުނު ރަނުގެ ފުރުސަތު ގެއްލުވައިލާކަށް އަވިކްގެ ހިތެއްވެސް ނޭދުނެވެ. ކެތްތެރިކަމެއް ނެތި އޭނާ އެރީތި ތުންފަތުގައި ބޮސްދިނެވެ. ތެޅިގަނެގެން ދިޔަ ނަޒްލާއަށް ހިފެހެއްޓުނީ އަވިކްގެ މުލައްދަނޑީގައެވެ. އިނގިލިތަކަށް ލެވުނުހާ ބާރެއް ލައިފައި އެއަތަށް ބާރުކޮށްލެވުނެވެ. އިރުކޮޅެއް ފަހުން އަވިކް މޫނު ދުރުކޮށްލުމުން ނަޒްލާ އަދިވެސް ހުރީ ލޯ މަރައިގެންނެވެ. އޭނާ ލޯ ހުޅުވައިލަން ވެގެން އެނބުރުނީ އަނެއް ފަރާތަށެވެ. އަވިކްގެ އެފަދަ އަމަލަކަށް ދެކޮޅު ނުހެދުނު ކަމަށްޓަކައި އޭނާ ލަދުގަނެ ކަންބޮޑުވެސް ވީއެވެ. ހިތަށް އެރިއެވެ. މީ ވެގެންވާނެ ގޮތެއް ނޫނެވެ. އޭނާއަކީ އެހެން މީހެއްގެ އަމާނާތެކެވެ. ނަޒްލާ ތުންފަތުގައި ދަތް އަޅާލައިގެން ހުއްޓާ އަވިކް އަނެއްފަރާތަށް އެނބުރިފައި އޭނާ މޭޒުމަތީ ބެހެއްޓި ކޮތަޅު ނަގައިގެން ކައިރިއަށް އައެވެ.
"ވިކް! ކޮންއިރަކުން އަހަރެން މިތަނުން ދިޔަ ދޭނީ؟ މާދަމާ ހެނދުނު ރަށު ބޯޓު ފުރާ ގަޑީގައި މަންމަ ހުންނާނެ ޖެޓީގައި އަހަރެންނަށް އިންތިޒާރު ކުރަން." ނަޒްލާ ވާހަކަދެއްކީ ނިކަން މައިތިރިވެފައި ހުރެގެންނެވެ. ހިނގާދިޔަ ކަމަކާ ހުރެ ރުޅި ދައްކަންވެސް އޭނާ ހަނދާން ނެތުނީ ކަހަލައެވެ. "ނަޒޫ ޕްލީޒް އިހަށް ތިވާހަކަ ނުދައްކަފާނަންތަ؟ އަހަރެން މިހުރީ ވަރަށް ބަނޑުހައިވެފަ. ޕާޓީގައި އެހާ ރަނގަޅަށް ކެއުން ތައްޔާރު ކޮށްފަ ހުއްޓާ އެއްޗެއް ކައި ނުލައި އެތަނުންވެސް ނިކުމެވުނީ. އަހަރެން މިއައީ ކައްކަންވެގެން އެއްޗެހިވެސް ހިފައިގެން. އަދި ނަޒޫވެސް ތިހުރީ މިރޭ އެއްޗެއް ނުކައެއްނު. ހިނގާ ފުރަތަމަ ދެމީހުން މިކައްކައިގެން ކާން." އަވިކް ވާހަކަ ދައްކަމުން އަތުގައި ހުރި ކޮތަޅު ހިއްލާލައިފައި ނަޒްލާއަށް ދައްކާލިއެވެ. ނަޒްލާ އެކޮތަޅަށް އަވަސް ނަޒަރެއްދީފައި ވަކި ޖަވާބެއް ނުދިނެވެ. ނަޒްލާ އެހުރި ގޮތަށް ހުއްޓާ އަވިކް އަނެއް ފަރާތަށް އެނބުރިފައި ދިޔަ އަޑު އިވުނެވެ. އޭނާ ހިމޭނުން ހުރެލައިފައި މަޑުމަޑުން ގޮސް ބަދިގެ ދޮރުމަތީ ހުއްޓުނު އިރު އަވިކް އެތާހުރި ކަބަޑު ސެޓުތައް ހުޅުވައިގެން އުޅެއެވެ.
"އަހަންނަށް އޭރުވެސް އެނގުނު އެމާނީ މިތަނުން ނިކުތަސް އޭނަ ބައްޕަދެކެ ރުޅި އަންނަ ކޮންމެފަހަރަކު އެނބުރި އާދެވޭ ގޮތަށްކަން މިތަން ހުންނާނީ. ނިކަން ބަލާބަލަ. މިހާރުވެސް މިތާ ހުރި އެއްޗެއްސަށް ބަލާލަފާ މީހަކު ނުބުނާނެ މީހަކު ނޫޅޭ ހުސް އެޕާޓްމެންޓް އެކޭ." އަވިކްއަށް ނަޒްލާ އައި އަޑު އިވިގެން އެނބުރި ނަޒަރެއް ދީފައި ކަބަޑު ތެރެއިން ކެއްކުމަށް ބޭނުންވާނެ އެއްޗެހި ނަގައި މޭޒުމަތީ ބަހައްޓަން ފެށިއެވެ. "ވިކްގެ ފްރެންޑެއްތަ މިތާ އުޅުނީ؟" ނަޒްލާ ބޮލުގައި ހަރުކޮށްފައި ހުރި ތާޖުކޮޅު ނައްޓާލައިފައި ހުޅިގަނޑުން ވަކިވެފައި އޮތް އިސްތަށިތައް ކަންފަތް ކައިރިއަށް ލައްވާލަމުން އެތެރެއަށް ވަދެގެން ދިޔައެވެ. "ޑޯން އާސްކް." އަވިކް ޖަހައިލީ ހިނިގަނޑެކެވެ. އޭނާ ތެއްޔަށް ފެންއަޅައި އުނދުން މައްޗަށް އުދާފައި އެނބުރިލަން ވާއިރަށް ނަޒްލާ ވަޅި ޖަހާއެތިން ވަޅިއެއް ނަގައިގެން ފިޔާ ކޮށަން ތައްޔާރު ވެލިއެވެ. ހޫނު ވެލި ފެން ތެއްޔަށް ޕާސްތާކޮޅު އަޅައި މަޑު ކުރަން ބަހައްޓާފައި އަވިކް ނަޒްލާ ކައިރީ ހުއްޓައި ލޮލަށް ފިޔާ އާވި އަރައިގެން ފެން އަންނަން ފެށިއެވެ.
"ނަޒޫ ލޮލަށް އާތްވެއް ނަރާތަ؟" އަވިކް ލޯ ފުހެމުން ނަޒްލާއަށް ބަލައިލިއެވެ. "އަހަރެން މަތިން ހަނދާން ކޮށްގެން ދޯ ތިހުންނަނީ؟" އަވިކް އަހާލި އެއްޗަކުން ނަޒްލާ ކުއްލިއަކަށް އިސް އުފުލާލިއެވެ. "ރަށުގައި އުޅުނުއިރު އަންހެން ކުދިން ވަރަށް ކިޔާ އަޑު އަހަން އެންމެ ލޯބިވާ ފަރާތް ހަނދާން ކޮށްގެން ފިޔާކޮށީމަ ލޮލުން ފެނެއް ނާންނާނެއޭ. އެކަމަކު އަދި ކިރިޔާ އެވާހަކައިގެ ހުރި ތެދުކަން މިއެނގުނީ." އަވިކްގެ ވާހަކަ ނިމުނުތަނާ ނަޒްލާ "އެއީ ހުސް ފޭކްއޭ." ބުނެ ދެކޮޅު ހަދައިފިއެވެ. "އެހެންތަ؟ އެހެންވީމަ ނަޒޫ ތިހުރީ އަހަރެން މަތިން ހަނދާންކޮށްގެން އެތައް ފަހަރަކު ޓްރައި ކޮށްފަ ދޯ." ނަޒްލާ އެވަރަކުން ސަލާމަތްވާން އުޅުނީމަވެސް އަވިކް އޭނާގެ ވާހަކައިން ނަޒްލާ ބައްދާލިއެވެ. ކަންބޮޑުވެފައި ނަޒްލާ ވާހަކަ ބަދަލު ކޮށްލީ ޕާސްތާކޮޅު މަޑުވެއްޖެހޭ ކިޔައިފައެވެ. އަވިކްގެ ނަޒްލާގެ މަޤްސަދު ސާފުކޮށް އެނގޭތީ ހިނި އައެވެ.
ސޯސްގަނޑު ތައްޔާރު ކުރިއިރު ދޭފަތް ހިފައިގެން ހުރީ އަވިކްއެވެ. ނަޒްލާއަށް ޖެހުނީ ރަހަތައް ހޭވަރު ކުރާށެވެ. "ދައްކާ ރަހަ ބަލާނަން." އަވިކް ނަޒްލާ އަތުން ދޭފަތް އަތުލައިގެން އެތިކޮޅެއް ރަހަ ބަލާލިއެވެ. "ވަރަށް މީރު. އަޅެ ނަޒޫ ޗެކް ކޮށްލަބަލަ އެއްވެސް ރަހައެއް މަޑު ތޯ" އަވިކް ދޭފަތް ނަޒްލާގެ އަނގަ އާއި ކައިރިކޮށްލަން އުޅުމުން ނަޒްލާ އަވިކް އަތުން ދޭފަތް އަތުލިއެވެ. އަވިކް ހުރީ އެފުރުސަތަށް ބަލަ ބަލައެވެ. އެކަހަލަ ވަގުތެއްގައިވެސް ނަޒްލާއަށް ގޯނާ ކޮށްލާ ހިތް އޭނާ ވިއެވެ. ނަޒްލާ ރަހަ ބަލަން ވެގެން ދޭފަތް އަނގައާއި ކައިރި ކޮށް ކޮށް ހުއްޓާ އަވިކް ކައިރިވެލާފައި އެކޯތާފަތުގައި ބޮސްދީފިއެވެ. ދެލޯ ބޮޑުކޮށްލި ގޮތަށް ނަޒްލާ ހުރީ ގަނޑުވެފައެވެ. އަވިކް ލާނެއް މޫޑުގައި ހުރެގެން ދޭފަތުގައި ޝަހާދަތް އިނގިލި ހާކައިލައިފައި ނަޒްލާ ތުންފަތުގައި ސޯސްތައް ހޭކައިލިއެވެ. ނަޒްލާގެ ހަށިގަނޑަށް އަލުން ބާރު ލިބުނީ އެހިސާބުންނެވެ. އޭނާ ރުޅިއައިސްގެން އަވިކްގެ ގައިގައި ޖަހަން އަތް މަޅާލި ވަގުތު އަވިކް އެހަމަލާއިން ރެކިގެން ދުރަށް ގޮސް ހުއްޓިލިއެވެ. ހޭން ހުރެފައި އަވިކް ފޯން ރިންގް ވެގެން ބަލާލި ވަގުތު ނަޒްލާ އެމޫނަށް ބަލައިލާފައި ސިއްރުން ހީލިއެވެ. އަވިކްގެ އެއަމަލުން އޭނާއަށްވެސް މަޖާވިއެވެ. އެކަމަކު އެކަން ދައްކަން ބޭނުން ނުވީއެވެ. އަވިކް ފޯނު ނަގައިގެން ބޭރަށް ގޮސް ވާހަކަ ދައްކާފައި އެނބުރި އައިއިރު ނަޒްލާ ހުރީ ދެތައްޓަށް ތައްޔާރު ކުރި އެއްޗެހި އަޅައި އަދި ބާކީވި އެއްޗެހިން ކުޑަކޮށް ގާނިޝްވެސް ކޮށްފައެވެ.
"ނެތެއްނު އަދި ފެންފުޅިއެއް. ހުރޭ އަންނާނަން ފެންފުޅިއެއް ހިފައިގެން." އަވިކް މޭޒުމަތީ ހުރި ދެތައްޓަށް ބަލައިލާފައި ބުނެލިއެވެ. އޭނާ ބާރު ބާރަށް ގޮސް ދޮރާއި ހަމަވެފައި އެނބުރި ބަލާލިއިރު ނަޒްލާ އިނީ ބަލަހައްޓައިގެންނެވެ. "ނަޒޫ!" އަހަރެން މިއަންނަނީ. އަހަރެން އަންނަންދެން އެހެން ތާކަށް ނުގޮސް އިންނާތި އިނގޭ!" އަވިކް ބުނެލިއެވެ. ނަޒްލާއަށް ބޯ ޖަހައިލެވުނީ އަމިއްލަ އިޚުތިޔާރެއް ނެތިއެވެ. ވަގުތުން އަވިކް ހެވިލާފައި ނިކުމެގެން ދިޔައެވެ.
އަވިކް އެނބުރި އައީ ފެންފުޅިއަކާއެކު ފްރިޖުގައި ހުރި ދެ ކޯކް ދަޅުވެސް ހިފައިގެންނެވެ. މާބޮޑަށް ހައިވެފައި ތިބުމުން ގިނަ ވާހަކައެއް ނުދައްކާ ތިބެގެން ދެމީހުން ކާން ފެށިއެވެ. އިރުކޮޅަކުން އަވިކް ބަލައިލިއިރު ނަޒްލާގެ މުޅި އަނގަމަތީ ސޯސްތައް އުނގުޅިފައި ހުއްޓެވެ. އަވިކްއަށް ބާރަށް ހެވުނެވެ. "ކީއްވީ؟ އަހަރެން އަނގަމަތީ ކާއެއްޗެހި އުނގުޅިފަ ހުރީ ދޯ. އަވިކް ހޭނެ ކަމެއް ނެތް. އަވިކް ގަސްތުގަ އަހަންނަށް ލަނޑުދޭން ވެގެން ޕާސްތާ މަޑުކުރުމުގެ ކުރީން ބުރިބުރި ކޮށް ނުލާ މިހުރީ." ނަޒްލާ ލޯ އަޅައިލާފައި ކޮތަޅު ތެރޭ އޮތް ޓިޝޫ ޕެކެޓް ކަނޑައިގެން ޓިޝޫއަކުން އަނގަމަތި ފުހެން ފެށިއެވެ. "އަދި އެބަހުރި." ނަޒްލާ ޓިޝޫ ބާއްވާލުމުން އަވިކް ބަލައިލާފައި އަނެއްކާ ބުނެލިއެވެ. "ކޮންތާކު؟" ނަޒްލާ އެހެން ޓިޝޫއެއް ނަގައިގެން ދެވަނަ ފަހަރަށް ފުހެލިއެވެ. "މިހާރު؟" ނަޒްލާ ހަތަރުކަޅި ހަމަކޮށްލާފައި އެހިއެވެ. އަވިކް ހެވިފައި އިނދެގެން މަޑު މަޑުން ދެފަރާތަށް ބޯ ހޫރާލައިފައި ގޮނޑިން ފޫ ހިއްލާލި ގޮތަށް މޭޒާއި ދިމާއަށް ގުދުވެލައިގެން ނަޒްލާގެ މޫނަށް އަތް ފޯރުވައިލިއެވެ. ތުންފަތުގެ އެއް ކަނުގައި ހަރުލާފައި ހުރި ސޯސްކޮޅު ފުހެލަދިން ވަގުތު ދެމީހުންގެ ހަތަރުކަޅި ބައްދަލުވިއެވެ. އަވިކް އެނބުރި ގޮނޑީގައި އިށިން ފަހުންވެސް ނަޒްލާ ހިމޭންވެފައި އިނީ އެމޫނަށް ބަލަހައްޓައިގެންނެވެ.
އެދެލޮލުން އަވިކްއަށް ފެނުނީ އޭނާ އެންމެ ދެކެން ބޭނުންވި ކުލައެވެ. ގިނައިރު އެތާ އިންނަން ވެއްޖެނަމަ ބޭޒާރު ވެދާނެ ކަމަށް ބިރުން ނަޒްލާ އަވަހަށް ތަށި ހިފައިގެން ތެދުވިއެވެ.
"ކީއްވެ ހުސްނުކޮށް ތިދަނީ؟ ބަނޑު ފުރުނީތަ؟" އަވިކް ސުވާލު ކޮށްލުމުން ނަޒްލާ ބޯ ޖަހާލިއެވެ. ހަޤީޤަތުގައިވެސް އޭނާ ކާހިތް ކެނޑިއްޖެއެވެ. އޭނާ ތަށި ދޮންނަން ހުއްޓައި އަވިކް އައިސް ފަހަތުގައި ހުރެފައި އޭނާ ކޭ ތަށި ސިންކު ތެރެއަށް ލިއެވެ. އެހާ ކައިރީގައި އަވިކް ހުއްޓުމުން އެވަގުތުވެސް ނަޒްލާގެ ހިތުގެ ތެޅުމަށް ބަދަލު އައެވެ. ކުރީ ފަހަރުހެން އަވިކް ގޯނާއެއް ކޮށްފާނެތީ އޭނާ ޖެހިލުންވިއެވެ. ނަސީބަކުން ހީކުރި ގޮތަކަށް ނުވިއެވެ. ތަށި ބަހައްޓާފައި އަވިކް ނިކުމެ އިނީ ސިޓިންރޫމް ސޯފާގައެވެ. ކުޑައިރުކޮޅެއް ފަހުން ނަޒްލާ ނިކުމެގެން އައިސް އަވިކް ކުރިމަތީ ހުރި އަނެއް ސޯފާގައި އިށީންދެފައި އިސްތަށިގަނޑު ނިއުޅާލައިގެން އަލުން ރީތިކޮށް ހުޅިއެއް ޖެހިއެވެ. އަވިކް އިނީ ބަލާށެވެ. "މިހާރު ކެވިއްޖެ. ބަނޑުހައިކަންވެސް ފިލައިފި. ދެން އަހަރެން މިތަނުން ދިޔަދޭންވީނު." ނަޒްލާ އަވިކްގެ މޫނަށް ބަލަން އިނދެގެން އަނެއްކާ ފެށިއެވެ. ތުންފަތުގައި ދަތް އަޅާލައިފައި އަވިކް ދުރު ބަލާލިގޮތުން އޭނާ ހިތްހަމަ ނުޖެހުނުވަރު ނަޒްލާއަށް ފެނުނެވެ. "ކުރިންވެސް ބުނީމެއްނު އަހަރެން ނަޒޫ ދިޔަކަ ނުދޭނަމޭ. އަދި އަހަރެންގެ ހިޔާލު ބަދަލުވި ކަމުގާވިއަސް މިދަންވަރު ކިހިނެތް ނަޒޫ ފޮނުވައެއް ނުލާނަން. ނަޒޫ މަންމަމެންވެސް މިހާރު ތިބޭނީ ނިދާފައި. އެހެންވީމަ ނަޒޫވެސް ނިދައިލާފަ މާދަމާ ހެނދުނުން ދެން ތިވާހަކަ ދައްކާނީ. ފަހަރެއްގަ ހަމަ އަހަރެންގެ ހިޔާލު ބަދަލުވެސް ވެދާނެއެއްނު." އަވިކް އެހެން ބުނިއިރުވެސް ހިތުގައި އޮތީ އެހެން އަޒުމެކެވެ. ނަޒްލާ އެއްޗެއް ނުބުނެ ބަލަން އިނދެލާފައި ތެދުވެގެން ގޮސް މާނީގެ ކޮޓަރިއަށް ވަދެ ދޮރު ތަޅުލިއެވެ.
ނަޒްލާ ވަށައިގެން ލޯހިންގައިލާފައި ކޮޓަރިއަށް ވައްދާފައި ހުރި ފޮށި ހުޅުވައިގެން ނިދަންލާ ޓީޝާޓަކާއި ހަރުވާޅެއް ލިއެވެ. ނިދަން ފަސޭހަ ނުވާނެކަން އެނގި ހުރެވެސް އެނދުގައި އޮށޯވެލިއެވެ. އަވިކް މެސެޖް ކުރީ އެހެން އޮތްވައެވެ. ނަޒްލާ ބަލައިލިއިރު އަވިކް ލިޔެލާފައި އޮތީ "އައި ގޮޓް ކީސް." މިހެންނެވެ. ނަޒްލާއަށް ފުންމައިގެން ތެދުވެވުނެވެ. އޭނާ ބަލަން އިނދެފައި އަވިކް ޖަވާބު ފޮނުވައިލީ "ވަދެގެން ނުވާނެ." މިހެންނެވެ. ސިޓިންރޫމް ސޯފާގައި ޓީވީ ބަލަން އޮވެފައި އަވިކް ހީގަތް އަޑު ކޮޓަރި ތެރެއަށްވެސް އިވުނެވެ. ނަޒްލާ ރުޅި އައިސްގެން ފޯނު އެނދު މަޑުމަޑުން އެނދުމައްޗަށް އެއްލާލައިފައި ގޮސް ނިކުތީ ބެލްކަންޏަށެވެ. އުޑުގައި ރަނިކަން ކުރަމުން ދިޔަ ބުރު ހަމަ ހަނދު ފެނުމުން އޭނާގެ ހިތަށް ފިނިކަން ލިބުނެވެ. މަދު މަދުން ލުއި ވައިރޯޅިތައްވެސް އައިސް މޫނުގައި ބީހެން ފަށައިފިއެވެ. ނަޒްލާ އެހެން ހުއްޓައި ކޮޓަރިތެރޭ އޮތް ފޯނު ރިންގް ވާން ފެށިއެވެ. އެނބުރި ބަލައިލާފައި އޭނާ ދިޔައިރު އަވިކް ގުޅަނީއެވެ. އޭނާ ނުނަގަން ހުއްޓާ ފޯނު ކެނޑިފައި އަވިކް ފޮނުވީ އިތުރު މެސެޖެކެވެ.
"ނިދީތަ؟" ނަޒްލާ ހުޅުވާލިއިރު މެސެޖްގައި އޮތެވެ. ޖަވާބު ނުދީ ބަލަން ހުއްޓާ ތަޅުގައި ހިފާލި އަޑު އިވުނެވެ. ނަޒްލާ ކުރި ކަމަކީ އަވަހަށް އެނދަށް އަރައި ލޯމަރައިގެން ބިތްދޮށަށް އެނބުރުނީއެވެ. އޭނާ ނިދާފައި އޮތިއްޔާ އަވިކް ފަހަރެއްގައި އުދަނގޫ ނުކޮށް އެކަނި ދޫކޮލަފާނެއެވެ. އެކަމަކު ދެމީހުން އެކީ ގިނަ ވަގުތު ހޭދަ ކުރަންވެއްޖެއްޔާ ކަންތައް ވާނެ ގޮތް ޚުދު އޭނާއަކަށްވެސް ލަފާކޮށްލާކަށް ނޭނގެއެވެ.
ދެފިކުރެއްގައި ހުރެފައި އަވިކް އެންމެ ފަހުން ތަޅުދަނޑި ބޭނުން ކޮށްގެން ދޮރު ހުޅުވާލިއެވެ. އޭނާއަށް ފެނުނީ ނަޒްލާ ބެލްކަންޏަށް ނިކުންނަ ދޮރު ހުޅުވައިގެން އެނދުގައި ނިދާފައި އޮތްވައެވެ. އޭނާ ބޭރުގައި އިންދާ ނަޒްލާއަށް ނިދުނު ކަމާއިމެދުވެސް ހައިރާންވިއެވެ. ހާދަ ބިރުކުޑަ ކުއްޖެކޭ ހިތަށް އެރިއެވެ. ނޫނީ އޭނާއަށް ކުރާ އިތުބާރު ބޮޑީއެވެ. އަވިކް ހިނިތުންވެފައި ހުރެގެން އެއްފަހަރު އުޑުގައި ރަނިކަން ކުރަމުން ދިޔަ ހަނދަށް އަނެއް ފަހަރު ނަޒްލާއަށް ބަލައިލިއެވެ. އޭނާ ކައިރިވެލައިފައި ނަޒްލާގެ ގައިގައި ރަޖާ އަޅައިލަދިނެވެ. ލޯމަރައިގެން އޮތް ނަޒްލާ އެދެލޯ ތަގުޅިކޮށްލީ އެވަގުތުއެވެ. އެނބުރި ދާން އުޅެފައި ހިޔާލު ބަދަލުވެގެން އަވިކް ނަޒްލާގެ ކައިރީ ބޯދަށަށް އެއް އަތް ލައިގެން އޮށޯވެލައިފިއެވެ. ދާދި ކައިރީގައި އޮތް ނަޒްލާގެ ހިތް ސިކުންތަކަށް ވުރެ ސިކުންތެއް ބާރު ވަމުން އައި ކަމެއް އޭނާއަށް އިނގޭނީ ކިހިނެތް ހެއްޔެވެ؟ އޭނާ ހީކުރީ ނަޒްލާ އޮތީ ގަދަ ނިދީގައި ކަމަށެވެ.
"ނަޒޫ!" އަވިކް ގޮވާލި ގޮތުން ނަޒްލާއަށް ކުއްލިއަކަށް ލޯ ހުޅުވައިލެވުނެވެ އޭނާ ހީކުރީ އަވިކްއަށް އޭނާގެ މަކަރު ފަޅާއެރީ ކަމަށެވެ. "މާފު ކުރޭ ނަޒޫ. މީ އަހަރެން ނަޒޫއާއި ދޭތެރޭ ކަންތައް ކުރަން ދުވަހަކުވެސް ވިސްނި ގޮތެއް ނޫން. އެއްވެސް ކަމަކަށް ނަޒޫއަށް މަޖުބޫރު ކުރާކަށް އަހަރެން ނޭދެން. އެކަމަކު މިހެން މިކަން ނުކޮށް އަހަންނަކަށް ނެތް، ނަޒޫ ސަލާމަތް ކުރެވޭކަށް. އަހަންނަށް އިނގޭ ނަޒޫ ލޯބިވަނީ އަހަރެންދެކެކަން. އަހަންނަށް އިނގޭ ނަޒޫގެ ލައިފްގެ ބާކީ އޮތް ބައި ނަޒޫ ހޭދަ ކުރަން ބޭނުންވަނީ އަހަންނާއެކުގައި ކަން. އެކަމަކު އެކަން އެގޮތަށް އޮތްކަން އެކްސެޕް ކުރާނެ ހިތްވަރު ނަޒޫގެ ނެތީ. އަހަރެން ހުއްޓާ ނަޒޫ ނުޖެހޭނެ ލޯބިނުވާ މީހަކާއި ގުޅޭކަށް. އަހަރެން އެކަން ވިޔަކަ ނުދޭނަން. އަދި އަހަރެން ނަޒޫއަށް ޔަޤީން ކޮށްދޭނަން ނަޒޫގެ ދެކެ އަހަރެން ވަނީ ހަޤީޤީ ލޯބިކަން. މީ ކުރު މުއްދަތެއްގެ އެފެކްޝަންއެއް ނޫން. މީ ފެށުނީއްސުރެވެސް އަހަރެންގެ ހިތުގައި ނަޒޫއާއިމެދު އުފެދިފަ އޮތް ލޯއްބެއް. މިހާރު ވިސްނާލީމަ އަހަންނަށް އިހްސާސްވެއްޖެ އަބަދުވެސް އަހަރެންގެ ހިތް އޮތީ މިގޮތަށްކަން. ލޯބިނުވެއޭ ބުނެ ދެކޮޅު ހެދިއިރުވެސް އަހަރެންގެ ހިތުގައި އޮތީ ހަމައެކަނި ނަޒޫ." އަވިކް ވާހަކަ ދައްކަމުން ނަޒްލާއާއި ވީފަރާތަށް އެނބުރި ކޮނޑުގައި ހިފާލިއެވެ. އޭރު ނަޒްލާގެ ލޯ ފުރިގެން ކަރުނަ އަންނަން ތައްޔާރު ވެއްޖެއެވެ. އަވިކްގެ ވާހަކައިން އޭނާގެ ހިތަށް ވަރަށް ބޮޑަށް އަސަރު ކޮށްފިއެވެ.
ހުރިހާ ކަމެއް ހަނދާން ނައްތާލައިފައި ލޯބިވެއޭ ބުނެލަން އެވަގުތު ނަޒްލާގެ ހިތް އެދުނެވެ. އަނެއް ފަރާތަށް އެނބުރިފައި އަވިކްގެ އަތުތެރެއަށް ވަދެ ހިތް ފުރޭންދެން ކަރުނަ އޮހޮރަން ބޭނުންވިއެވެ. އެކަމަކު މަންމަ އާއި ޒާހިދު ހަނދާން ވެފައި އެހިޔާލުތަކަކީ ހަމައެކަނި ސިކުނޑިއަށް އަރާފައިބައިގެން ދިޔަ ވަގުތީ އެއްޗަކަށް ވެ ނިމިއްޖެއެވެ. ބޭނުން ވިއަސް ބައެއް ކަންތައް ތަކަކީ ކުރުމުގެ ހިތްވަރު ތިމާއަށް ލިބިގެން ނުވާ ކަންތައްތަކެވެ.
ފަތިސް ދަމަށް އަޅާލިއިރުވެސް ނަޒްލާ އޮތީ ހޭލައެވެ. އެންމެ ލޮލުފިޔައެއްވެސް އޭނާ ނުޖަހައެވެ. އަވިކްއަށް ނިދުނު ފަހުން އޭނާ ކުރިކަމަކީ އެދިމާއަށް އެނބުރި އޮވެގެން އެމޫނަށް ބެލުމެވެ. ހިތް ލޯބިން ފުރިގެން އައުމުން ކުރިއަށް ވުރެވެސް ކައިރި ވެލާފައި އަވިކްގެ ނިތުގައި އޭނާ ދެތިން ފަހަރު ބޮސްދިނެވެ. ނިދީގައި އަވިކް އޭނާގެ ގަޔަށް އަތް އެއްލައިގެން ކައިރި ކޮށްލުމުން ގަދަ ހެދުމަކާއި ނުލައި އެމޭގައި މޫނު ފޮރުވާލައިގެން އޭނާ އެތައް އިރަކު އޮތެވެ. އިޚުތިޔާރެއްނެތި ދެލޯ ކަރުނުން ފުރިގެން ބަންޑުން ވާން ފެށުމުން އަވަހަށް ލޯ ފުހެލަނީ އެކަރުނަތަކުގެ ސަބަބުން އަވިކްއަށް ހޭލެވިދާނެތީއެވެ. އެކަމަކު ފަތިސް ނަމާދު ބަންޤި ގޮވަން ފެށި އަޑަށް އޭނާ ތަންމަތި ދޫކޮށްފައި ތެދުވެއްޖެއެވެ.
އަވިކް އެރޭ ދުވަހަކު ނުނިދޭހާ އަރާމު ކޮށް ނިދާލެވުނެވެ. ނަތީޖާއެއްގެ ގޮތުން އޭނާއަށް ހޭލެވުނީވެސް ލަހުންނެވެ. ބެލްކަންޏަށް ނިކުމެވޭ ގޮތަށް ހުޅުވާފައި ހުރި ދޮރުން އިރުގެ ދަޅަތައް އައިސް ކޮޓަރިތެރެ ފުރާލި ހިނދު ކަންނެތް ގޮތަކަށް އަވިކް ލޯ ހުޅުވައިލިއެވެ. އޮތްގޮތަށް އޮވެފައި ގަޑި ބަލާލުމުން އަވަހަށް ފާޚާނާއަށް ދާން ފުންމައިގެން ތެދުވެވުނެވެ. އޮވެވުނު ތަނާއިމެދު ވިސްނާލެވުނީ އަދި އެހިސާބުންނެވެ. "ނަޒޫ!" ދެވަނަ ސިކުންތުގައި އަވިކްއަށް ބާރަށް ގޮވާލެވުނެވެ. ކޮޓަރިން ނިކުމެގެން އޭނާ ސިޓިންރޫމާއި ބަދިގެ ތެރެ ބެލިއިރު އެއްތާކުންވެސް ނަޒްލާއެއް ނުފެނުނެވެ. ކުއްލިއަކަށް ހަނދާންވެގެން ގޮސް ފޮށި ހުރިތޯ ކޮޓަރިއަށް ވަދެފައި ބަލައިލުމުން ދެއަތުން ބޮލުގައި ހިފަހައްޓާ ލެވިއްޖެއެވެ. އޭނާއަށް ނުދެވެނީސް ނަޒޫ ރަށަށް ފުރައިފިއްޔާ ވާނީ ކިހިނެތް ހެއްޔެވެ؟ އަވިކް ދެފަރާތަށް ބޯ ހޫރާލައިފައި އަވަސް އަވަހަށް ގޮސް މަންމަ އެޕާޓްމެންޓްގެ ދޮރު ހުޅުވާލައިފައި އެތެރެއަށް ދެމިގަތެވެ. ސުދާއަށް އަވިކް ފެނިގެން ގޮވާލުމުން އެމަންމައަށްވެސް އޭނާ ދިނީ ބީރު ކަންފަތެކެވެ. އޭނާ ބާރު ބާރަށް ގޮސް ކޮޓަރިއަށް ވަދެފައި އަވަސްވެގަތީ ފެންވަރާ ލުމަށެވެ. އޮފީސް ހެދުން އަޅައިގެން ނިކުތް ނަމަވެސް ކާރަށް އަރާފައި އޭނާ މިސްރާބު ޖެހީ އޮފީހާއި ދިމާއަކަށް ނޫނެވެ. ޖެޓީ ކައިރިއަށް ނަޒްލާ ހޯދާށެވެ.
ކަރަމް ހެނދުނު ހެނދުނާ އޮފީހަށް ދިޔައިރު އެހެން ދުވަސް ދުވަހާއި ޚިލާފަށް ސިކުނޑި ހާސްވެފައި ހުރީ ކީއްވެ ކަމެއް ނޭނގުނެވެ. ރޭ އަވިކް އެއަންހެންކުއްޖާ އަތުގައި ހިފައިގެން ނިކުތީއްސުރެ އޭނާގެ ސިކުނޑިން އެހިޔާލު ފިލާ ނުދިޔައެވެ. އޮފީހަށް ވުރެ އެއަންހެންކުއްޖާއަށް އަވިކް އިސްކަން ދޭނީ ޔަޤީނުންވެސް އެދެމެދުގައި އާދަޔާ ޚިލާފު ގުޅުމެއް އޮވެގެން ކަމުގައި ކަރަމްގެ ހިތް ބުނެދިނެވެ. ފަރޫޝާ ކައިރީވެސް އޭނާއަށް އެވާހަކަ ދެއްކުނެވެ. ފަރޫޝާ އޭނާގެ ހިތްހަމަ ޖައްސައިދިނީ މިޒަމާނުގެ ފިރިހެން ކުދިން ކައިވެނީގެ ކުރިން އެގޮތަށް އަންހެން ކުދިން ގެންގުޅުމަކީ އާދައެއް ކަމުގައި ބުނެފައެވެ. އަވިކްވެސް ކައިވެނި ކުރާންދެން އެފުރުސަތު އޮންނަން ވާނެ ކަމުގައި ފަރޫޝާ ބުނުމުން ކަރަމް އެވަގުތަށް ކުޑަކޮށް ހިތްހަމަ ޖެހުނެވެ. އެކަމަކު އޭނާ ހިތަށް އަރަނީ އެއަންހެން ކުއްޖާ އެއީ އޭނާ ކުރިންވެސް ކޮންމެވެސް ދެކެފައިވާ ކުއްޖެއް ކަމުގައެވެ. އަވިކް އެންމެ ގާތްކޮށް އެގޮތަށް އަންހެން ކުއްޖަކު ގެންގުޅުނީ ނުވަ އަހަރު ކުރިން ސުދާގެ ރަށުގައި އުޅުނު ދުވަސްވަރުގައެވެ. އެކަމަކު ނަޒްލާ އެއީ ރަށުގައި ވަޒީފާ އަދާކުރާ ކުއްޖެކެވެ. މިކިޔާލްވެސް ބުނެފައި އޮތީ އަވިކް ކައިރީ ހުރި އަންހެން ކުއްޖާ އެއީ އެމީހުން އޮފީހުގައި އުޅޭ މުވައްޒިފެއް ކަމަށެވެ. ވީއިރު އެއަންހެން ކުއްޖާ އެއީ ނަޒްލާއަށް ވުން ވަރަށްވެސް ދުރެވެ.
އެހިޔާލެއްގައި ހުރެގެން ކަރަމް ގޮސް ކެބިންގެ ދޮރު ހުޅުވާލިއިރު ކުރިމަތީ ހުރީ މިކިޔާލްއެވެ. "މިކިޔާލް! ކޮބާ ހަވާލު ކުރި މަސައްކަތް ކިހާ ހިސާބެއްގައި އޮތީ؟" ކަރަމް ފުރަތަމަވެސް ހަނދާން ކޮށްދިނީ ރޭ ހަވާލު ކުރި ޒިންމާއެވެ. "ކަރަމް އެދިލެއްވި ހުރިހާ ލިއުމެއް ޑެސްކްމަތީ ގައި ބާއްވާފަ މި ނިކުންނަނީ." މިކިޔާލް އަދަބުވެރިކަމާއެކު ދެއަތް ޖޯޑު ކޮށްލަމުން ޖަވާބު ދިނެވެ. "ވަރަށް ރަނގަޅު." ކަރަމް އެހެން ބުނެލާފައި މިކިޔާލް އެއްފަރާތަކަށް ޖެހިލުމުން ވަދެގެން ގޮސް ގޮނޑީގައި ހަމަޖެހިލިއެވެ. އޭނާ މޭޒުމަތީ އޮތް ފައިލް ނެގީ މިކިޔާލް ނިކުމެގެން ދިޔައީމައެވެ. ފުން ނޭވައެއް ލައިފައި ފައިލް ހުޅުވައިލުމުން ފުރަތަމަވެސް އޮތީ ނަޒްލާގެ އައިޑީ ކާޑު ކޮޕީއެވެ. ބަލަބަލާ ހުއްޓާ ކަރަމްގެ ދެލޮލަށް ރަތް ކުލަ އެރިއެވެ. މޭޒުގައި އޭނާ މުށްކަވާފައި ޖެހި ގޮތަށް ދެވަނަ ސިކުންތުގައި ތެދުވެ ހުރީ ކޮޅަށެވެ. ހަމަ އެހޫނުގަނޑުގައި ހުރެގެން ކަރަމް ގުޅީ މިކިޔާލްއަށެވެ. "ނަޒްލާ ކައިރީ ބުނޭ މިހާރު މިވަގުތު އަހަރެންގެ ކެބިންއަށް އަންނަން!" މިކިޔާލް ފޯނު ނަގައި ހަލޯއޭ ބުނެލާއިރަށް ކަރަމް ބަރު އަޑުން އަމުރު ކުރިއެވެ. "މާފު ކުރައްވާ. ނަޒްލާއާއި ދެން ބައްދަލެއް ނުވާނެ. ނަޒްލާ ހެނދުނު ހެނދުނާ ރެޒިގްނޭޝަން ލެޓަރ ފޮނުވާފަ އޮތީ. އޭނަ މިއަދު އޮފީހަކަށް ނާދޭ." މިކިޔާލް ޖަވާބު ދިނެވެ. ކަރަމް ފޯނު ތިރިކޮށްލިއިރު ސިކުނޑިއަށް އިތުރު ސުވާލުތަކެއް ގިނަވެގެން ދިޔަ ސަބަބަކަށް އެކަން ވިއެވެ. ނަޒްލާ ކަހަލަ އަވިކްގެ ސަމާލުކަން ހޯދަން ބޭނުންވާ ކުއްޖަކު ކުއްލިއަކަށް އެތަނުން ކެނޑެންވީ ސަބަބެއް ކަރަމްއަކަށް ނުވިސްނުނެވެ.
ކާރު ދުއްވަމުން ދިޔައިރު އަވިކް ތަކުރާރު ކޮށް އެތައް ފަހަރަކު ނަޒްލާގެ ފޯނަށް ގުޅިއެވެ. އެކަމަކު އެއްވެސް ފަހަރަކު ނަޒްލާ ފޯނަށް ޖަވާބެއް ނުދެއެވެ. ޓްރެފިކަށް މަޑުކޮށްގެން އިންދާ މެސެޖެއް އައިސްގެން ހުޅުވާލިއިރު މިކިޔާލް ބުނެފައި އޮތީ ނަޒްލާގެ މައުލޫމާތު ބައްޕައަށް ދިން ވާހަކައެވެ. އަވިކްއަށް އެއީ ކަމަކަށް ނުވިއެވެ. އެހެން އެއްވެސް ކަމަކަށް ވުރެ ބޮޑަށް ނަޒްލާ ހުއްޓުވުން އޭނާއަށް މުހިންމެވެ. މަންޒިލާއި ހަމައަށް ފޯރުމުން ކާރު މަޑުކޮށްފައި އަވަހަށް ފައިބައިގެން ބަނދަރުކޮށްފައި އޮތް ބޯޓުތަކާއި ދިމާއަށް އޭނާ ދިޔައީ ދުވެފައި ކަހަލަ ގޮތަކަށެވެ. ވާޓަރާއި އެންމެ ދިހަވަރަކަށް ފޫޓު ދުރުގައި އޮތް ބޯޓު އަވިކްގެ ލޮލުގައި އަޅައިގަތީ ވާޓަރު މަތީ ހުރެ ހޯދަނިކޮށެވެ. އެއީ ރަށު ބޯޓުކަން އެނގުނީ އޭގައި ޖަހާފައި ހުރި ނަންބަރުންނެވެ. "ނަޒޫ.............!!!!!" ގޮތް ހުސްވެފައިވާ މީހަކު ފަދައިން އަވިކްއަށް އަޑުގެ ކޮޅަށް ގޮވާލެވުނެވެ. ވަށައިގެން އެއްވެފައިވާ މީސްތަކުންވެސް ހައިރާންކަމާއެކު އޭނާއަށް ބަލަން ފަށައިފިއެވެ.
"އަވިކް؟" އިރުކޮޅެއް ނުވެ ފަހަތުން ކޮންމެވެސް މީހަކު ގޮވާލި އަޑަށް އަވިކް އެނބުރި ބަލައިލާފައި ބުނާނެ އެއްޗެއް ނޭނގިގެން ބަލަން ހުރެވުނެވެ.