ސެކިއުރިޓީ އޮފިސަރވެސް ނިކުމެގެން ދިއުމުން އެކަނިމާ އެކަނި އިންދާ ދުރުން ފިޔަވަޅު ތަކެއްގެ އަޑު އިވިގެން އެދިމާއަށް ބަލައިލެވުނެވެ. މޫނަށްވުރެ ކުރީން ނަޒްލާގެ ދެލޯ ހުއްޓުނީ އޭނާ އާއި ކައިރިއަށް އައި ފިޔަވަޅު ތަކާއި ދިމާއަށެވެ. ފަހަތުގައި ހުރި ދެ އެހީތެރިންނާއެކު އައިސް ކައިރިއަށް ހުއްޓުނު ޒުވާނާއަށް ނަޒްލާ ފެނުމުން އުފާވެރި އަޑަކުން އޭނާއަށް ގޮވާލައިފިއެވެ. އެއަޑުގައި ދަންނަ ގޮތެއް ހުރިކަން ޔަޤީންނެވެ. ވިސްނާލަން ވެގެން ސިކުނޑިއަށް ބާރު ލަމުން ނަޒްލާ އިސް އުފުލާލައިފިއެވެ.
ކުރިމަތީ ހުރި ޒުވާނާގެ ދިގު އިސްކޮޅާއި އެންމެ އެކަށީގެންވާ ރޫފައެއް ލިބިފައިވެއެވެ. ފަތިހަށިގަނޑާއި ގުޅޭ މޫނެކެވެ. ރީތި ކަޅު ދެލޮލާއި ފަން އިސްތަށިގަނޑެކެވެ. ނޫ ކުލައިގެ އަތްދިގު ގަމީހާއި ރޮގުދެމި ކަޅު ފަޓުލޫނާއެކު ބެގީކޮށް ޓައީ އަޅާލައިފައި ހުރުމުން އޮފިޝިއަލް ވެފައި ނުހަނު ހިތްގައިމެވެ. އުޅަބޮށްޓަށްވުރެ ތަންކޮޅެއް ތިރިއަށް އަތުކުރި އޮޅާލައިފައި އޮތުމުން ބޮޑުބައެއް ހާމަވެފައިވާ ދެއަތުގައި އެންމެ ރީތިވަރަށް ފަޅާފައިވާ ލޯލިތަކުން ފިރިހެންވަންތަކަން އިތުރު ކުރުވައެވެ.
"ޔައީޝް؟" ނަޒްލާގެ ހިތުން އަޑު އައެވެ. ހައިރާން ކަމާއެކު ދެލޯ ބޮޑުކޮށްލަމުން އޭނާ ކޮޅަށް ތެދުވިއެވެ. މީގެ ދެމަސް ކުރިން އަލަށް ބައްދަލުވެ އެކުވެރިކަން އުފެދިފައިވާ ޒުވާނާ އެތަނުން ފެނިދާނެ ކަމަށް އޭނާ ކުޑަކޮށްވެސް އުންމީދެއް ނުކުރެއެވެ. "ކީއްކުރަނީ މިތާ؟" ނަޒްލާއަށް ވުރެ ކުރިން ޔައީޝް ވާހަކަ ދެއްކިއެވެ. "އަމް... އިންޓަވިއ ުއަކަށް އައިސް. އެކަމަކު... ވިއްސާރައިގަ ޖެހިގެން ވަރަށް ދެރަކޮށް ދިމާވީ." ޔައީޝްގެ ކުރިމަތީ އެވާހަކަ ބުނަން އެހާ ހިތްހަމަ ނުޖެހުނު ނަމަވެސް ދޮގު ހަދާކަށް ނަޒްލާ ބޭނުމެއް ނުވިއެވެ. އޭނާ މޮޅިވެރި ގޮތަކަށް އިސް އޮބައިލި ނަމަވެސް ދެވަނަ ސިކުންތުގައި ހިނިތުންވެލައިފިއެވެ.
"ޔައީޝް ކީއްކުރަނީ މިތާ؟" ނަޒްލާ ހަތަރުކަޅި ހަމަކޮށްފައި އެހިއެވެ. "ވިއްސާރައިގަ ޖެހިގެން ކިހިނެތް؟ ގަޑިއަށް ނާދެވުނީތަ؟" ޔައީޝްގެ ސަމާލުކަން ހުރީ ނަޒްލާ ކުރިން ބުނި ވާހަކައަށެވެ. "އެއީ އެވަރު ކަމެއް ނޫން. އަދި މާދަމާވެސް އެބައޮތް. މާދަން އަންނާނީ." ނަޒްލާ އަނެއްކާވެސް ހީލިއެވެ. އޭނާ އުޅުނީ އެތަނުން ނިކުންނަން ދާށެވެ. "ނަޒޫގެ ފައިލްދޯ މީ. ދައްކާ އަހަރެން ބަލައިލާނަން. ކަމް ވިތް މީ!" ސުވާލު ކުރި ހެނެއް ހިއެއްނުވެ ނަޒްލާ އަތުގައި އޮތް ފައިލް ޖަހައިގެންފައި ގަނޑު އުކަމުން ޔައީޝް ހިނގައިގަތީ ކުރިއަށެވެ. ނަޒްލާ ފާޑަކަށް އަނގަ ހުޅުވި ދެން ހަދާނެ ގޮތެއް ނޭނގިފައި ހުއްޓާ ޔައީޝް ގޮސް ދޮރެއް ހުޅުވާލައިފައި ވަދެގެން ދިޔައެވެ. ތުންފަތް ހަފައިލާފައި އޭނާވެސް ޔައީޝް ދިޔަ މަގުން ހިނގައިގަތެވެ. އޭނާ އިތުރަށް ފިނިވެގެން ދިޔައީ ޔައީޝް ވަދެގެން ދިޔަ ދޮރުފަތުގައި ހަރުކޮށްފައިވާ "މެނޭޖިން ޑިރެކްޓަރ"ގެ ނަން ބޯޑު ފެނިފައެވެ. ގާތް އެކުވެރި އަކަށް ވިއަސް އޭނާއަށް އެހީވުމުގެ ގޮތުން ޔައީޝް އެއްވެސް ކަމެއް ކުރާކަށް ނަޒްލާގެ ހިތެއް ނުރުހުނެވެ. އޭނާ ކާމިޔާބު ބޭނުން ވަނީ އަމިއްލަ މަސައްކަތުންނެވެ.
ޖެހިލުންވެފައި ނަޒްލާ ހުއްޓާ ދޮރު ހުޅުވާލީ ޔައީޝް ފަހަތުން ވަން ދެމީހުން ކުރެ އެކަކެވެ. "ވަންނަވާ!" އެމީހާ ދޮރުފަތުގައި ހިފަހައްޓައިގެން ހުރެ ނުހަނު އަދަބުވެރި ކަމާއެކު އެދުނެވެ. އެހެން ގޮތެއް ނެތް މީހަކު ފަދައިން ނަޒްލާ ބޯ ޖަހައިލިއެވެ. އޭނާ އެތެރެއަށް ވަންއިރު ދެވަނަ މީހާ ހުރީ ޑިރެކްޓަރ އިން މޭޒުމަކައިރީ ހުއްޓި ދެއަތް ޖޯޑުކޮށްލައިގެންނެވެ. ޔައީޝް ނުފެނިގެން ދެކޮޅު ހޯދާލައިފައި މޭޒު ދޮށުގައި އިން ޑިރެކްޓަރަށް ލޯ ހުއްޓައިލި ތަނާ އަތުގައި އޮތް ފައިލް ތިރިކޮށްލި ތަނުން އޭނާއަށް ޖެހިލެވުނީ ފަހަތަށެވެ. އަނގަ ހުޅުވުނީ ނަޒްލާގެ އަމިއްލަ އިޚުތިޔާރަކު ނޫނެވެ. ޑިރެކްޓަރގެ މޭޒުގައި އިނީ ޔައީޝް ނޫން ދެވަނަ މީހެއް ނޫނެވެ. "ރޫޔާ! ލިސަން ޓު މީ ކެއަރފުލީ. ނިއު އެޑްމިންސްގެ އިންޓަވިއު މިވަގުތުން ފެށިގެން ކެންސަލް ކޮށްލާ. އައި ޖަސްޓް ފައުންޑް އަވަރ ނިއު އެޑްމިން." ނަޒްލާއަށް ބަލައިވެސް ނުލައި ޔައީޝް އިންޓަކަމް އަތްގަނޑު ނަގާފައި ބުނެލިއެވެ. އަތްގަނޑު ބޭއްވި ގޮތަށް އޭނާ އަތުގައި އޮތް ފައިލް ދިއްކޮށްލީ ކައިރީގައި ހުރި މީހާއަށެވެ. ބަހަކުން ބަހެއްނެތި އެމީހާ ފައިލްގައި ހިފާފައި އެތަނުން ނިކުމެގެން ދިޔައެވެ.
"ކޮންގްރެޓްސް. މިވަގުތުން ފެށިގެން ނަޒްލާ ތީ މިއޮފީހުގެ އާ އެޑްމިން." ނަޒްލާ އަނގައިން ނުބުނެވިފައި އެސްފިޔަ ޖަހާލަ ޖަހާލަ ހުއްޓާ ޔައީޝް ވާހަކަދެއްކިއެވެ."ޔަ... ޔައީޝް އަ...އަޅުގަނޑު..." ނަޒްލާއަށް ވާހަކަ ދައްކަން ފަސޭހައެއް ނުވިއެވެ. "އައްދެ މިހާ އަވަހަށް އަޅުގަނޑަށް ބަދަލުވީތަ؟ ނޮޓް ބޭޑް. ބޭރުތެރޭ އާދައިގެ ބަހުން ވާހަކަ ދެއްކިއަސް މިތާ ސްޓާފުން ތެރޭގައި މާތްބަސް ބޭނުން ކުރަން އާދަ ކުރަން ޖެހޭނެތާ." ޔައީޝް ދެއްކީ މުޅިން އެހެން ވާހަކައެކެވެ. އެއަޑުގައި އޯގާތެރިކަމާއި މޫނުގައި އުފާވެރިކަން ފެންނަން ހުއްޓެވެ. "އަހަރެންނަށް އެބަ އެނގޭ ނަޒޫ ތިވިސްނާ އެއްޗެއް. އެކަމަކު ގޯސްކޮށް ހީ ނުކުރޭ. އަހަރެން ނަޒޫއަށް މި ޖޮބް މިދިނީ ހުރިހާ ޝަރުތެއް ހަމަވާތީ. އެހެންވީމަ ފުރަތަމަ ކަމަކަށް ހިނގާ ކުޑަ މަސައްކަތެއް ކޮށްލަން." ނަޒްލާ އިތުރަށް ބުނާނެ އެއްޗެއް ނޭނގިފައި ހުއްޓާ ޔައީޝް މޭޒުމަތިން ނެގި އިތުރު ފައިލެއް ދިއްކޮށްލިއެވެ.
ނަޒްލާ ކުރިއަށް ޖެހިލައި ފައިލްގައި ހިފަން ދިއްކޮށްލި އަތުގައި މަޑު ތުރުތުރެއް ނުފިލާ ވިއެވެ. "މިފައިލްގަ ހުންނާނެ ޖަވާބު ތައްޔާރު ކޮށްލަން ޖެހޭ ސިޓީތަކެއް." ނަޒްލާ ފައިލްގައި ހިފުމާއެކު ޔައީޝް ކިޔައިދިނެވެ. އޭނާ ބޮލާއި ލޮލުން ކޮށްލި އިޝާރާތް ވިސްނިގެން މޭޒުކައިރީ ހުރި ޒުވާނާ ނަޒްލާގެ ކުރީގައި ގޮސް ނިކުންނަން ދޮރު ހުޅުވާލަދީފިއެވެ. އެޒުވާނާ ދެއްކި މަގުން އޭނާ ގޮސް ހުއްޓުނުއިރު ދެފަރާތުން ވަދެވެން ހުރި ގިނަ އަދަދެއްގެ ކެބިން ތަކުގައި މުވައްޒަފުންތައް އަވަދިނެތި މަސައްކަތް ކުރަނީއެވެ. އެހީތެރިޔާ ބުނެދިން ގޮތަށް އޭނާ ގޮސް އެތަނުން ހުސްކޮށް ހުރި ކެބިންެއަކަށް ވަދެ މޭޒުގައި އިށީންދެލުމުން އޭނާ އަނބުރާލައިފައި ހިނގައްޖެއެވެ. ކޮމްޕިއުޓަރ އޮން ކޮށްލާފައި ނަޒްލާ މަސައްކަތް ފަށަން އުޅެނިކޮށް ޝައްކެއްވެގެން އެނބުރި ބަލާލިއިރު ކެބިން ދޮރުމަތީގައި ދެއަންހެން ކުދިން ސިއްރެއް ކިޔާލައިފައި ބަލަން ފެށީ އޭނާއަށެވެ.
"ހައި!" ލުއި ހިނިތުންވުމެއް ތުންފަތަށް ވެރިކޮށްލަމުން ނަޒްލާ ކަނާއަތް ކުޑަކޮށް އުފުލާލިއެވެ. އެކަމަކު އޭނާ ހީކުރި ގޮތާއި ޚިލާފަށް އެ ދެއަންހެން ކުދިން އަނެއް ފަރާތަށް މޫނު އަނބުރާލައިފައި ގޮސް ގެއްލުނީއެވެ. މާބޮޑު ކަމަކަށް ނުހަދައި ކޮނޑު އަރުވާލައިފައި ނަޒްލާ ބެލީ ޔައީޝް ހަވާލު ކުރި މަސައްކަތް އަވަހަށް ނިންމާލެވޭތޯއެވެ.
އިރުކޮޅެއް ފަހުން މާހައުލު ހަލަބޮލި ވެގެން ދިޔަކަން ނަޒްލާއަށް އިހްސާސްވިއެވެ. މަސައްކަތް މަޑު ޖައްސާލައިފައި އޭނާ ބަލާލިއިރު އަންހެން ކުދިންތައް ބައިހަދާފައި ކެބިންތަކުގެ ދޮރުކައިރިއަށް އެއްވަމުން ދިޔައެވެ. އޭނާ މާބޮޑު ފަރުވާލެއް ނުދީ ހުއްޓަސް އެކުދިން ދެއްކި ވާހަކަތައް ކޮންމެވެސް ވަރަކަށް ކަންފަތަށް ފޯރިއެވެ. އެންމެން މާ ކަންތައް ބޮޑުކޮށްލައިގެން އުޅެނީ ކޮންމެވެސް މީހަކު އެދިމާއަށް އަންނާތީކަން އެނގުނީ އެހިސާބުންނެވެ. ނަޒްލާ އަޅައިނުލައި އިންދާ ދެން ފެނުނީ އެހުރިހާ ކުދިން އެނބުރި އައިސް އެކުއްޖެއްގެ މޭޒު ދޮށުގައި އިށީންތަނެވެ. "އަޅެ އަޅެ ކޮންމެ ދުވަހަކު އެތައް ފަހަރަކު ފެންނައިރުވެސް ހިތެއް ނުފުރޭ. ހިތަށް އަރާ ބަލާ ފޫހިވަންދެން ކުރިމަތީ ހުރެވޭނެ ނަމައޭ." ނަޒްލާ މަސައްކަތް ނިންމާފައި ތެދުވިތަނާ ކުއްޖަކު ވާހަކަދެއްކި އަޑަށް ބަލާލެވުނެވެ. އަންހެންކުއްޖާ ލޯމަރާލައިގެން އިނީ ހިތާއި ދިމާލުން މޭގައި އަތް އަޅާލައިގެންނެވެ. "ދުނިޔެ ނިމުނަސް ތިބުނާ ފޫހިވާ ދުވަހެއް ނާންނާނެ." އަނެއް ކުއްޖަކު ރައްދު ދިނެވެ. ނަޒްލާ އަމިއްލައަށް ހީލައިފައި މިސްރާބު ޖެހީ ޔައީޝްގެ ކެބިންއާއި ދިމާއަށެވެ.
ދޮރު ހުޅުވިގެން ދިޔަ އަޑު އިވުނު ނަމަވެސް މަސައްކަތުގައި އިނުމުން ޔައީޝް ބަލައެއް ނުލައެވެ. އޭނާ އިސްއުފުލައިލީ އެތެރޭގައި ހުރި މީހާ ނަމުން ގޮވާލީމައެވެ. "ކިހިނެތްވީ؟" އަވިކް ފެނުމުން ޔައީޝް ހަމަޖެހިލާފައި ލައްގަނެލީ ގޮނޑީގައެވެ. "އަހަރެންނަށް މި އިވުނީ ރަނގަޅު އަޑެއްތަ؟" އަވިކް ސީރިއަސްވެފައި އެހިއެވެ. އޭނާ ކުރިމަތީ ހުރި ގޮނޑި ދުރު ކޮށްލައިފައި ކުރިއަށްވުރެ ބޮޑަށް މޭޒާއި ކައިރިވެލިއެވެ. "ސޮރީ؟" ޔައީޝް ހެދީ ނޭނގޭ ކަމަށެވެ. އޭނާ އިނދެފައި ބުމަ އަރުވާލިއެވެ.
"ނޭނގޭ ކަމަށް ނުހަދާ ޔައީޝް. އަހަރެން މިދައްކަނީ އަލަށް ވަޒީފާ ހަމަޖެއްސި އެޑްމިންގެ ވާހަކަ. ޔައީޝްއަށް އެނގެއެއްނު ކޮމްޕެނީގެ ކޮންމެ މަޤާމަކަށްވެސް މި ނަގަނީ އެންމެ ފެންވަރު ރަނގަޅު ކުދިންކަން. އެކަން އެހެން އޮތްވާ ކޮންމެފަހަރަކު ޔައީޝް ހިތްއެދޭ ކޮންމެވެސް މީހަކަށް ވަޒީފާ ދިނީމަ ކޮމްޕެނީގެ ޤަވާއިދު ތަކަށް ބުރޫ އަރާނީ. އެކުއްޖާއަށްވުރެ މާ ކުޅަދާނަ ކުދިންވެސް ކުރިއަށް އޮތް ދެދުވަހު މިތަނަށް އަތުވެދާނެ. އެހެންނޫނަސް ކުދިން ހޮވުމަކީ ތީ ވަކި ބަޔަކު އެކަމަށް ކަނޑައަޅާފައި އޮންނަ މަސައްކަތެއް. އެކަމަށް އެންމެ ރަނގަޅުވާނީވެސް އެމީހުން." އަވިކް މަޑުމައިތިރި އަޑަކުން ވާހަކަދެއްކިއެވެ. "ވަޒީފާ ދީފައި އެވަނީ އެއްގޮތަކަށްވެސް ޤަވާއިދާއި ޚިލާފަކަށް ނޫން. އެކަމަކު އެޑްމިން މެނޭޖަރ ތިހާ ހިތްހަމަ ނުޖެހެންޏާ މަޤާމް އަލުން އަނބުރާ ގެނަޔަސް އެންމެ ރަނގަޅު. އެއަންހެން ކުއްޖާ އެބައިން އޭނާގެ ކެބިންގަ. އަމިއްލައަށް ގޮސް ބުނޭ ވަޒީފާއިން ވަކި ކުރި ވާހަކަ." ޔައީޝް މޭޒުގައި ދެއުޅަބޮށި ވިއްދާލައިގެން އެއްމިޔަކަނުން ހިނިތުންވެލީ އަމިއްލަ ކާމިޔާބުގެ މައްޗަށް ފަޚުރުވެރިވާ ޚާލުގައެވެ. އަވިކްގެ އެފަދަ ހިތްވަރެއް ނުހުންނާނެކަން އޭނާއަށް ރަނގަޅަށް އެނގެއެވެ. ކިތަންމެ ނުރުހުނަސް އަވިކް ދެން ޖެހޭނީ ނަޒްލާގެ ކުށެއް ފެންނަން ދެން މަޑުކުރާށެވެ.
މުށްކަވާލި އަތްތިލަ ޖީބަށް ކޮށްޕާލައިގެން އަވިކް ނިކުންނަންވެގެން އެނބުރިލިއެވެ. ދޮރުފަތުގައި އޭނާ ހިފާލިއިރު ނަޒްލާވެސް އައިސް އަނެއްފަރާތުގައި މަޑުކޮށްލަނީއެވެ. ދޮރު ހުޅުވަން ވެގެން އޭނާ ތައްޔާރުވެލި ވަގުތު ކޮންމެވެސް އެހެން މީހަކު އެދޮރުފަތް ހުޅުވާއަޑަށް އޭނާ ދިޔައީ ފާޑަކަށް ސިހިގެންނެވެ. އެވަގުތު އަތުގައި އޮތް ފައިލް ދޫވެގެން ތިރިއަށް ގޮސް ޓައިލްސް މަތީ ޖެހިފައި އެތެރޭ ހުރި ހުރިހާ ކަރުދާހެއް ފެތުރިގެން ދިޔައެވެ. ދޮރު ހުޅުވާލައިފައި ނިކުތް އަވިކްއަށް ފެނުނީ ކުރިމަތީގައި ކުޑަ ކަކޫ ޖަހާލައިގެން ކަރުދާސްތަކެއް ހޮވަން އިން ކުއްޖެކެވެ. މާބޮޑަށް ގުދުވެގެން އިނުމުންނާއި އަދި އެމޫނުގެ ބޮޑު ބަޔަކަށް އިސްތަށިގަނޑުން ނިވާ އަަޅައިފައި އޮތުމުން ކާކުކަމެއް އެނގޭވަރެއް ނުވިއެވެ. އަދި އެކަމުގެ ޝައުޤުވެރިކަމެއްވެސް އަވިކްގެ ނެތްމެއެވެ. އޭނާ ހަމައެންމެ ނަޒަރެއް ދީފައި ކަރުދާސްތަކުން ސަލާމަތްވާން ވެގެން ދިގު ފިޔަވަޅު ތަކެއް އަޅާލައިފައި ދުރަށް ގޮސް ގެއްލުނީއެވެ.
ނަޒްލާ އައިސް އޭނާ އެތެރެއަށް ވަންތަނާ ޔައީޝް ފޯނެއްގައި އިނދެފައި އަތުގެ އިޝާރަތުން ފައިލް ބާއްވަން ބުނެލިއެވެ. ޔައީޝް ބުނި ގޮތަށް ކަންތައް ކޮށްފައި ދެން ހަދާނެ ގޮތެއް ނޭނގިގެން ނަޒްލާ ހުއްޓާ ޔައީޝް ގޮވާލުމުން އިސްއުފުލާލިއެވެ.
"މިއަދު ދެން އެންމެ ރަނގަޅު ގެއަށް ދިޔަސް. މާދަމާ އަށެއް ޖަހާއިރު ހުންނަންވާނީ މިތާގައި. އެހާއިރަށް ނަޒޫ ސޮއި ކުރަން ޖެހޭ ހުރިހާ ލިއެކިއުމެއް ތައްޔާރު ވެފަ ހުންނާނީ." ޔައީޝް ކަންފަތުން ނައްޓާލި އަތްގަނޑުގައި އަނެއް އަތް އަޅާލައިގެން އިނދެ ވާހަކަދެއްކިއެވެ. ބޯ ޖަހައިލާފައި ނަޒްލާ އެނބުރި ގޮސް ދަބަސް ނެގިތަނާ ޖެހިގެން ހުރި މޭޒުން ފޯނު ރިންގް ވާން ފެށިއެވެ. އޭނާ ބަލާލިއިރު އިތުރު މީހަކު ފެންނާކަށް ނެތެވެ. ދެންމެ އެތާއިން ދެ ކުދިން މިހާ އަވަހަށް ވަނީ ކޮންތާކަށް ކަމެއް ނޭނގެއެވެ. ފަހަރުގައި ހެނދުނު ސައިބޯން ދިޔައީ ކަމަށް ވެދާނެއެވެ. ވިސްނާލައިފައި ނަޒްލާ އެންމެ ފަހުން އަތްގަނޑު ނަގައި ކަންފަތުގައި ޖަހާލަމުން ހަލޯއޭ ބުނެލައިފިއެވެ.
ކަންފަތުގައި ޖެހުނު އަޑާއެކު އަވިކްގެ މެއަށް ފިނިވެގެން ދިޔައެވެ. އިންތަނުން އޭނާއަށް ތެދުވެވުނީ އަމިއްލަ އިޚުތިޔާރަކު ނޫނެވެ. އޭނާއަށް އެއްޗެއް ނުބުނެވި އުޅެނިކޮށް ދެވަނަ ފަހަރަށްވެސް ހަލޯއޭ ބުނެލީ ހަމަ އެއަޑުންނެވެ. "ނަޒޫ!" އަވިކްގެ ހިތުން އަޑު އައެވެ. އެކަމަކު އެއީ ކިހިނެތް ވާނެ ކަމެއް ހެއްޔެވެ؟ ނަޒޫގެ އަޑު މިތަނުން އޭނާއަށް އިވޭނީ ކިހިނެތް ހެއްޔެވެ؟ ހަމަ އެސިކުންތުގައި ހިތް އޭގެ ޖަވާބުވެސް ދިނެވެ. "އަމް.... ޒުލްފާ... ޒުލްފާތަ؟" އަވިކް އުދަނގުލުން އަހާލިއެވެ. "މާފުކުރައްވާ. ޒުލްފާ މިވަގުތު ނެތް ފެންނާކަށް." ނަޒްލާ ޖަވާބުދިނެވެ. އެކޮޅުން އަތްގަނޑު ބޭއްވުމުން އޭނާވެސް ދާންވެގެން އަލުން އެނބުރިލިއެވެ. އެވަގުތު ފިޔަވަޅު ތަކަށް ހުއްޓުން އެރީ ހިތަށް އެރި އެއްޗަކުންނެވެ. ދެވަނަ ސިކުންތުގައި ލޯ ބޮޑު ކޮށްލަމުން އަމިއްލައަށް އަނގަމަތީ އަތް އަޅާލެވުނެވެ. "ނޫން ނޫން. ކުށްހީއެއް މީ. އެނުވާނެ އަވިކް އަޑަކަށް. އާންމުކޮށް ފިރިހެނުންގެ އަޑު ހުންނާނީ ވަރަށް އެއްގޮތް ކަހަލަ ގޮތަކަށް." ނަޒްލާ އަމިއްލަ ހިތަށް ވިސްނައިދީފައި ނިކުމެގެން ދިޔައެވެ.
ފޯނު ބޭއްވީއްސުރެ ދަތްދޮޅީގައި ހިފަހައްޓާލައިގެން އިން އަވިކްގެ ހިތަށް އެރީ ކީކޭ ކަމެއް ނޭނގެއެވެ. އޭނާ ތެދުވީ ކުއްލިއަކަށެވެ. ހަލުވި ފިޔަވަޅު ތަކެއްގައި ކެބިން ނިކުމެގެން ކުރިއަށް ދިޔައިރު އެމޭގައި އޮތް ހިތް ތެޅެމުން ދިޔައީ އޭގެ އެންމެ ބާރު މިނުގައެވެ. އެވަގުތު އޭނާ އައިސް އެޑްމިން ގެ ކުދިންކޮޅު ތިބޭ ކެބިންތައް ކައިރިއަށް ހުއްޓުނުތަން ފެނިގެން ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނެވެ. އެލޯތަކުގައި ވި ހައިރާންކަން ޚުދު އަވިކްއަށްވެސް އިހުސާސްވިއެވެ. އެގޮތަށް އަމިއްލަ ބޭނުމެއްގައި މުވައްޒަފުން ކައިރިއަށް އައުމަކީ އޭނާގެ ހައިސިއްޔަތުވެސް ހުއްދަ ކުރާ ކަމެއް ނޫނެވެ. ހައިރާންކަމުގެ އިތުރަށް މުވައްޒަފުންގެ ކަންބޮޑު ވުމުގެ ސަބަބަކަށްވެސް އެކަންވިއެވެ. އަމިއްލަ ވާހަކައިގައި ތިބި ބައެއް ކުދިން އަވަހަށް ގޮސް މޭޒުތަކުގައި އިށީންދެ މަސައްކަތުގައި މަޝްއޫލު ވެއްޖެއެވެ. ނޫންކަމަށް ހެދިފައި އަވިކް ރަނގަޅު ކޮށްލީ ޓައީއެވެ. އޭނާ ޒުލްފާ އިންނަ ކެބިން ތެރެއަށް ވަދެފައި ހުސްކޮށް ހުރި ތިން މޭޒަށް ކަޅިއެއް އެއްލިއެވެ. ވީހާވެސް އާދައިގެ ގޮތް ދައްކަމުން ޕާޓިޝަންގައި އަތް އަޅުވާލައިގެން ހުއްޓި އެންމެ ކައިރީ، އަނެއްފަރާތުގައި އިން ކުއްޖާ ކުރެން އަހާލުމުން އޭނާ ބުނީ ޒުލްފާ ދިޔައީ ބޭރަށް ސައިބޯން ކަމުގައެވެ. އެވަގުތު ފޯނު ނެގީ ޖަވާބު ދިން ކުއްޖާ ކަމާއިމެދު އަވިކް ޔަޤީން ކުރިއެވެ. ބޯ ޖަހައިލުމާއެކު އެހިސާބުން އަވިކް އަނބުރާލައިފައި ގޮސް ކެބިންއަށް ވަނީއެވެ. ޝައްކު ހަޤީޤަތަކަށް ނުވުމުން އަޖައިބެއްފަދަ މާޔޫސްކަމެއް އެވަގުތު ހިތަށް ލިބުނެވެ.
ގެއަށް ގޮސް ވަންއިރުވެސް ނަޒްލާގެ ތުންފަތުން ހިނިތުން ފިލާ ނުދެއެވެ. އޭނާ ޅަކުއްޖެއްހެން ދުވެލާފައި ސިޑިން އެރިއެވެ. ކުޑަ ކުޑަ ސިޓިންރޫމްގައި އެކަކުވެސް ނެތުމުން ބަދިގެ ބަޔަށް ގޮސް ވަންއިރު ޝީރީންދައްތަ އުޅެނީ ކޮންމެވެސް ކާއެއްޗެއް ތައްޔާރު ކުރާށެވެ. ޝީރީން އާއި ނާހިޒް އަކީ މާލޭގައި ތިބި އޭނާގެ ބެލެނިވެރީންނެވެ. ސަމާ އެއީ ޝީރީންގެ ކޮއްކޮއެވެ. ނަޒްލާ ދެރަވީ އެތަނުގައި ސަމާ ނެތިގެންނެވެ. ޝީރީން އަކީ ފެށުނީއްސުރެވެސް މާގިނަ ވާހަކަ ދައްކާ މީހެއް ނޫނެވެ. އެއަށްވުރެ އޭނާ ބަސް މަދެވެ. ނޫނީ ކޮންމެވެސް ސަބަބަކާއި ހުރެ ޝީރީން އޭނާ އާއި ގަޔާނުވަނީ ކަމަށް ވެދާނެއެވެ. ނާހިޒްގެ ބާރު ނޯންނަނަމަ އޭނާއަށް އެގޭގައި ހުރެވިދާނެ ކަމާއިމެދުވެސް ނަޒްލާއަށް އަބަދު ޝައްކު ހީވެއެވެ. ނަޒްލާ ކޮޓަރިއަށް ވަންނަން ދަނިކޮށް ޝީރީން އެނބުރި ބަލާލިއެވެ. ކަންތައް ވީ އޭނާ ހީކުރި ގޮތަށެވެ. އޭނާ އަވަހަށް ގެއަށް އައިސްގެން ޝީރީން އެކައްޗެއްވެސް ނޭހިއެވެ. އަމިއްލަ އުފާވެރިކަން އަމިއްލަ ހިތުގައި ސިއްރު ކޮށްލައިގެން ނަޒްލާ އެތެރެއަށް ވަދެ ދޮރު ލައްޕާލިއެވެ. އޭނާ ދެން ތައްޔާރުވާން ފެށީ މިހާރު ވަޒީފާ އަދާ ކުރާ ތަނުގައި ފަހު ދުވަސް ހޭދަ ކުރަން ދާށެވެ. ލައިގެން ހުރި ކުރުތާ ބާލައިފައި ބުޑު ނިވާވާ ވަރުގެ އަތްކުރު ގަމީހަކާއި ޖިންސެއް ލިއެވެ. މާލެ އައި ފަހުން، ބުރަކަށީގެ މެދާއި ހަމައަށް ކޮށާލައިފައި އޮތް ބޯ އިސްތަށިގަނޑުވެސް މައްޗަށް ވޫލް ކޮޅަކުން އައްސާލިއެވެ. ޝީރީން ކައިރީ ދަނީއޭ ބުނެލާފައި ދަބަސް ހިފައިގެން ގޮސް ގެއާއި ނުހަނު ކައިރީގައިވާ ރެސްޓޯރެންޓް ތެރެއަށް ވަދެ ފުރަތަމަވެސް ހޯދައިލީ ހެނދުނު ޝިފްޓްގައި އެކުގައި މަސައްކަތް ކުރާ ޒިހާންއެވެ.
"ޖޮބް ލިބުނީތަ؟" ނަޒްލާ ގޮސް ހުއްޓުނުއިރަށް ޒިހާން އެހިއެވެ. އޭނާ އަތްމަތި އަވަސް ކޮށްލާފައި ތަބަކެއްގައި ކޮފީ ޖޯޑުތައް އަތުރަމުން ދިޔައެވެ. "ކިހިނެތް އެނގުނީ؟" ނަޒްލާއަށް ލިބުނު ހައިރާން ކަމާއި އެއްވަރަށް އުފާވެސް ވިއެވެ. "މޫނަށް ބަލައިލީމަ އެނގުނީ." ޒިހާން ހަތަރުކަޅި ހަމަކޮށްލައިފައި ޖަވާބުދިނެވެ. ނަޒްލާއަށް އިތުރު އެއްޗެއް ނުބުނެވި އުޅެނިކޮށް އޭނާ ތަބައް ހިފައިގެން ބަދިގެއިން ނިކުމެއްޖެއެވެ. އެކަނި ހުރެ ހީލައިފައި ނަޒްލާ ގޮސް ކޭޝިއަރ އިންނަ މަޤާމުގައި ހަމަޖެހިލިއެވެ.
"ނަޒޫ ދޭބަލަ ފަސްވަނަ ޓޭބަލް އަށް ސާވް ކުރަން. އަހަރެން މިވަގުތު ތަންކޮޅެއް ބިޒީވެގެން މިއުޅެނީ. ވަރަށް ގިނަ މީހުން އެބައާދޭ މިއަދު." ނަޒްލާ ފޯނާއި ކުޅެން އިންދާ ޒިހާން އައިސް ކައިރިވެފައި ވާހަކަދެއްކިއެވެ. ބޯ ޖަހާލައިފައި އޭނާ ޒިހާނު ގެނެސް ކައިރީ ބެހެއްޓި ކޮފީ ތަބައް ހިފައިގެން ފަސްވަނަ މޭޒު ކައިރިއަށް ދާން ހިނގައިގަތެވެ. އޭނާ ކައިރިވެލައިފައި ދެ ކޮފީތަށި މޭޒުމަތީ ބަހައްޓާލުމަށްފަހު ތަބައް ތިރިކޮށްލަމުން އިތުރު އެއްޗެއް ބޭނުން ތޯ ސުވާލު ކޮށްލިއެވެ. އޭނާ ވާހަކަ ދެއްކި އަޑު އަހާފައި ފޯނާއި ކުޅެން ތިބި ދެޒުވާނުންގެ ތެރެއިން އެކަކު ކުއްލިއަކަށް ބަލާލައިފިއެވެ. ނަޒްލާއަށް އެކަން އިހްސާސް ވެގެން އޭނާގެ ނަޒަރުވެސް އެޒުވާނާގެ މޫނަށް ހުއްޓާލިއެވެ. އެވަގުތު ފައިދަށުން ބިންގަނޑު ދެމިގަތް ނަމަވެސް ނަޒްލާ އެވަރަކަށް ނުސިހުނީއެވެ. އެމޫނަށް ހުއްޓިފައިވާ އަވިކްގެ ދެލޯ ދެކެފައި އޭނާ އަތުން ތަބައްވެސް ދޫވެގެން ވެއްޓި ޖެހުނެވެ. ތަބައް ތިރީގައި ޖެހުނު އަޑު އަހާފައި އެހެން މޭަޒުތަކުގައި ތިބި މީހުންތައް ބަލަން ފަށައިފިއެވެ. މިކިޔާލްއަށް ބަލާލެވުނުއިރު ނަޒްލާ ތަބައް ނަގައިގެން ފަސްދީފައި ހިނގައިގެންފިއެވެ. އަވިކް އޭރުވެސް އިނީ ހުއްޓިފައެވެ. މިކިޔާލް ކޮނޑުގައި އަތް ޖައްސާލުމުން އޭނާއަށް ހޭވެރިކަން ވެގެން ހިނިތުންވެލީ ހާސްކަން ފޮރުވުމަށެވެ.
ބަދިގެއަށް ވަދެފައި ތަބައް ބެހެއްޓި ގޮތަށް ނަޒްލާއަށް ދެއަތް އަޅާލެވުނީ މޫނުގައެވެ. އެހެން ހުރެގެން އޭނާ އެތައް ފަހަރަކު ދެފަރާތަށް ބޯހޫރުވާލިއެވެ. ޒިހާނު އައިސް ވަންއިރުވެސް ނިކުންނަން ނޭނގިފައި ކުޑަވައި އިނގިލީގައި ދަތް އަޅާލަ އަޅާލާ ހުއްޓެވެ. "ކީއްވެ ތިހުންނަނީ މިހާރު؟ ދެން އޯކޭ ދިޔަސް. ރަޝީ އެކަނި ވީމަ ކަސްޓަމަރުންނަށް ލަސްވާނެ." ޒިހާނު ކައިރިވެލާފައި ވާހަކަދެއްކިއެވެ. "ފާޚާނާއަކަށް ގޮސްލާފަ ދެވޭނީ. " ނަޒްލާ ބަހަނާއެއް ދައްކާފައި ބެލީ އަވިކް އިންދާ އެތަނަށް ދެވަނަ ފަހަރަށް ނުނިކުންނާނެ ގޮތެއް ވޭތޯއެވެ. އޭނާ ފާޚާނާގައި ގިނައިރުވެގެން ޒިހާނު އައިސް ޓަކި ޖަހާލުމުން ނިކުމެގެން ދިޔައިރު ދެއަތްވެސް ވަނީ ފިނިވެފައެވެ. ވަގެއްހެން ދެކޮޅު ހޯދަމުން ދަނިކޮށް އަވިކްމެން އިން މޭޒު ހުސްވެފައި ހުއްޓާ ފެނުނެވެ. ހަމަޖެހުމާއެކު ފުން ނޭވައެއް ދޫކޮށްލައިފައި އަވަހަށް ގޮސް އޭނާގެ ގޮނޑީގައި ހަމަޖެހިލިއެވެ.
އެކެއް ޖެހުމާއެކު ބްރޭކަށް ދާންވެގެން ނަޒްލާ ތެދުވިއެވެ. ޒިހާނު އޭރު ބްރޭކް ނިންމާފައި އައިސް ވަންނަނީއެވެ. އޭނާ ޒިހާނު ކައިރީ ދަނީއޭ ބުނެލާފައި ގޮސް މަގުމައްޗަށް ނިކުމެފައި ކުރިއަށް އެޅުނީ ދެފިޔަވަޅެވެ. އެއްލި ކަޅިއަކުން މަގުގެ އަނެއްފަރާތުގައި ޕާކްކޮށްފައި އޮތް ކާރުގެ ދޮރުފަތް ހުޅުވާލައިފައި ނިކުތް އަވިކް ދެކެފައި ވަގުތުން ދެފައި ބިމުގައި ތަތްލައިފިއެވެ. ހަށަން ބަނދެލަމުން ދޮރުފަތުގައި އަވިކް ލައްގަނެލި ގޮތުން ހީވަނީ އޭނާގެ އިންތިޒާރުގައި އިންނަތާ އެތަކެއް ގަޑިއިރު ހޭދަވެގެން ހިނގައްޖެ ހެންނެވެ. ބަލަހައްޓައިގެން ހުރެލައިފައި އިސްޖަހާލި ގޮތަށް ނަޒްލާ އެނބުރުނީ އަނެއްފަރާތަށެވެ. އެމަގުން ގޮސްގެން ގެއާއި ދުރުވިއަސް އަވިކް ކައިރިއަށް ދާކަށް ބޭނުމެއް ނުވިއެވެ. ހަރުކޮށް ހިނގާފައި ވަކި ހިސާބަކަށް ދެވުނު ފަހުން ދާދި ކައިރިން ކާރެއްގެ އަޑު އިވިގެން މޫނު އަނބުރާލިއިރު އަވިކް ކާރުގައި އައިސް އޭނާ އާއި އެއްވަރު ކުރީއެވެ.
"ނަޒޫ ހުއްޓިބަލަ!" ލޯގަނޑު ތިރިކޮށްލާފައި އަވިކް ގޮވާލިއެވެ. "ކީއްކުރަން؟" ނަޒްލާ ވާހަކަ ދެއްކިއިރު ނަޒަރު ހުރީ މަގުމައްޗަށެވެ. "އަހަރެން ދައްކަން ހުރި ވާހަކަ އެބަހުރި." އަވިކް ޖަވާބުދިނެވެ. "އެކަމަކު އަހަރެން ދައްކާނެ އިތުރު ވާހަކައެއް ނެތް." ނަޒްލާ ބަލައިވެސް ނުލައި ރައްދު ދީފައި ސަލާމަތް ވާންވެގެން ކުރި ކަމަކީ އެންމެ ކައިރީގައި ހުރި ފިހާރައިގެ ދޮރު ހުޅުވާލައިފައި ވަނީއެވެ. އޭނާ ސިއްރުން ބަލައިލިއިރު އަވިކް ކާރު މަޑުކޮށްގެން އޮތެވެ. އޭނާ ނުނިކުންނަން ހުއްޓާ ނަސީބަކުން ގިނައިރެއް ނުވެ ހިނގައްޖެއެވެ. ގަޑި ބަލާލައިފައި ނަޒްލާ އަވަހަށް ނިކުމެގެން އަނެއްކާވެސް ގެއާއި ދިމާއަށް މިސްރާބު ޖެހިއެވެ.
ގެއަށް ގޮސް ވަންއިރު އަވިކްގެ ނިއްކުރީގައި ގަދަ ރިހުމެއް ހުއްޓެވެ. ސޯފާގައި އިން މަންމައަށްވެސް ގޮވާނުލައި އޭނާ ގޮސް ވަނީ ކޮޓަރިއަށެވެ. އަވިކް އޭސީ އޮން ކޮށްފައި ކަރުގައި އޮތް ޓައީ ނަގައި އެއްލައިލުމާއެކު އެނދުމައްޗަށް ވެއްޓިގަތެވެ. ބަންޑުން އިރުގަނޑެއް ވާންދެން އޮވެފައި އުއްޑުން ވާގޮތަށް ފުރޮޅިލުމާއެކު ހިފަހައްޓާލެވުނީ ނިތުގައެވެ. އެވަގުތު ކޮންމެވެސް މީހަކު ދޮރު ހުޅުވާލައިފައި ވަދެއްޖެއެވެ. އަވިކް އަޅާވެސް ނުލައި އޮތްވައި މާނީ ގޮވާލުމުން ތެޅިގެންފައި ތެދުވެ އިށީނެވެ. "ކީއްކުރަނީ މިތާ؟" އަވިކްގެ އަޑުގައި ހަރުކަށި ގޮތެއް ހުއްޓެވެ. "ވަރަށް މީރު އެއްޗެއް ކައްކައިގެން އަވިކްއަށް ރަހަ ދައްކާލަން މިގެނައީ." މާނީ ދައްކައިލީ އަތުގައި ހުރި ކުޑަ ބޯތަށްޓެވެ. އަވިކް ޖަވާބެއް ނުދީ އުޅެނިކޮށް މާނީ އެތަށި ސައިޑު ޓޭބަލް މަތީ ބަހައްޓާފައި ނިކުމެގެން ދިޔައެވެ. މާނީ ބެހެއްޓި އެތަށިން އެރި މީރުވަހާއެކު ބަނޑުހައިކަން އިހްސާސް ވުމުން އަވިކް ނިންމީ އެތިކޮޅެއް ކާލުމަށެވެ. އޭނާ ސައިޑު ޓޭބަލްއަށް އަތް ފޯރުވާލައިފައި ކައިރީކައި ބާއްވާފައި އޮތް ސަމުސާ ނަގައި އެސަމުސާ ފުރެންދެން ތަށީން ކާއެއްޗެހިނަގައިގެން އަނގައަށް ލައި ހަފާލިއެވެ. ދެވަނަ ސިކުންތުގައި ދެކަންފަތުންވެސް ހީވީ ދުން އަރައިގެން ދިޔަހެންނެވެ. ތަލީގައި އަލިފާން ޖެހުނު ކަހަލައެވެ. ކުޅި ކަމުން އެއީ މިރުހުގެ "ޑެފިނޭޝަން" އޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.
ސަމުސާ ތަށި ތެރެއަށް ދޫކޮށްލައިފައި ދުވަމުން ނިކުތްއިރު މާނީ ހެވިލާފައި އިނީ ސުދާ ކައިރީގައެވެ. އެވަގުތު އަވިކް ބަލައިލުމުން ނުލަފާ ގޮތަކަށް އެއްލޯ މަރާލައިފިއެވެ. "ބިޗް!" މަންމަ އިނުމުން އަވިކް ބުނެލީ އެކަނި ހިތަށް އިވޭ ވަރަަށެވެ. ކާކޮޓަރިއަށް ވަދެ ދެތަށި ފެނާއި ޖޫސްތައްޓެއް ބޯލިފަހުންވެސް ކުޅި މަޑު ނުވެގެން އޭނާ ހަކުރު ސަމުސަލެއްވެސް އަނގައަށް އެޅިއެވެ. އޭރު ނިއްކުރިންވެސް ދާ ހިއްލާލައިފިއެވެ.
ނަޒްލާއަށް އާ ވަޒީފާ ލިބުމުން އެކަން ފާހަގަ ކުރުން އޮތީ އެރޭ ގޭގައެވެ. ގޭގައި އުޅޭ ތިން މީހުންގެ އިތުރަށް ޒިހާނު އާއި ރަޝީއަށްވެސް ދައުވަތު ދީގެން ގެނައެވެ. ޕިއްޒާ އާއި ކޯކު ބޯން ތިބެގެން އެންމެން މަޖާ ވާހަކަ ދައްކާފައި ހުނެވެ. ނިހާޒް އިނުމުން ޝީރީންވެސް ތަންކޮޅެއް ގިނައިން ނަޒްލާ އާއި ވާހަކަދެއްކިއެވެ. ބޭރުން އައި ދެމީހުން ފޮނުވައިލާފައި އޭނާ ނިދަން ވަންއިރު ދިހަ ގަޑި ބައިވެއްޖެއެވެ. އެންމެ ބޭނުން ނުވި ހިޔާލު އައިސް ސިކުނޑި ވަށާލީ ފޯން އެލާމް ކޮށްފައި ނިދަންވެގެން ލޯމަރާލި ތަނާއެވެ.