ނަޒްލާ ސުދާގެ ކޮޓަރިއަށް ވަންއިރު ސުދާ އާއި ކަރަމްގެ މޫނުން ފެނުނު ސީރިއަސްކަން އޭނާގެ ހިތް އަވަސް ކޮށްލިއެވެ. އެވަގުތު އެތަނުން ނަޒްލާ ފެނުމުން ކަރަމް އެންމެ އިރުކޮޅަކުވެސް މަޑުނުކޮށް ނިކުމެގެން ދިޔައީއެވެ. ނަޒްލާ ކަރަމް ނިކުމެގެން ދިޔަ ދޮރާއި ދިމާއަށް ބަލައިލާފައި އެނބުރި ބަލައިލުމުން ސުދާ ހިނިތުންވެލީ ކަމެއް ފޮރުވަން މަސައްކަތް ކުރާފަދަ ގޮތަކަށެވެ.

"މަންމާ އަހަރެން މިއައީ ކުލާހުން. މަންމަ އޭރު އެންމެން ކޭ ގަޑީގަ ތަންކޮޅެއް ފަހުންނޭ ކާނީ ބުނި ހަނދާންވެގެން މިހާރު ކެއީތޯ ބަލައިލަން މިއައީ. ނުކައި ހުރިއްޔާ އަހަރެން މިތަނަށް ކާއެއްޗެހި ގެނެސްދީފާނަން." ނަޒްލާ ގޮސް ސުދާގެ ކުރިމައްޗަށް ހުއްޓިފައި އައި ބޭނުން ހާމަ ކުރިއެވެ. އެވަގުތު ސުދާ އެމޫނަށް ބަލައިލާފައި ހިނިތުންވެލިއެވެ. ޅީ ދަރިފުޅު އޭނާއާއި އަޅާލާ މިންވަރު ފެނިފައި އޭނާ އުފަލުން ފުރުނެވެ. "ކައިފިން. މިއުޅެނީ މިހާރު ނިދަން ވެގެން. ނަޒްލާވެސް ދޭ ދެން ކޮޓަރިއަށް. އަވިކް އުޅޭނެ ކަންނޭނގެ މިހާރު ގެއްލިގެން." ސުދާ ވާހަކަދައްކާ ނިމުމުން ނަޒްލާ ބޯ ޖަހާލައިފައި ނިކުތެވެ. އޭނާ ކުދި ފިޔަވަޅުތަކެއްގައި ގޮސް ދޮރުން ވަންތަނާ އަވިކް އައި ނައިތަނެއް ނޭނގި ކުރިމައްޗަށް އަރާފައި މޫނުގައި ދެއަތުން ހިފަހައްޓާލި ގޮތަށް ތުންފަތުގައި ބޮސްދީފިއެވެ. ނަޒްލާ ސިހުނުވަރުން ފުރަތަމަ އަޑެއް ލައްވާލައިފައި އަވިކްގެ ކޮނޑުގައި ތަޅައިގަތެވެ. އެކަމަކު އިރުކޮޅެއްވީއިރު އޭނާ އެދެއަތުން އަވިކްގެ ކޮނޑުގައި ހިފަހައްޓާލައިފިއެވެ.

"އައި މިސްޑް ޔޫ." ނޭވާ ކޮޅަށް ދިއުމުން އަވިކް ދުރަށް ޖެހިލައިފައި ބުނެލިއެވެ. "އަހަރެން ބިރުން މަރުނުވީ ކިރިޔާ. ދެންވެސް އެގޮތަށް ކަންތައް ނުކުރާތި." ނަޒްލާ ނޭވާހަމައަކަށް އަޅުވަން މަސައްކަތް ކުރަމުން ރައްދު ދިނެވެ. "ރުޅި އައީތަ؟" ނަޒްލާ އެތާ އޮތް އަވިކްގެ ގަމީސް ހިފައިގެން އޭނާ ފަސްދީފައި ހިނގައިގަތުމުން އަވިކް އިށީންދެލީ އެނދުގައެވެ. "ރުޅިއައި ކަމެއް ނޭނގެ. އަހަރެން ނޭވާ ހުސްވެގެން މަރުވާން ކައިރިވީއިރުވެސް ނަޒޫ އަހަރެން ދޫކުރީއެއް ނޫން." ނަޒްލާ އަލަމާރި ކައިރިއަށް ހުއްޓިފައި ޖަވާބުދޭން އެނބުރިލިތަނާ އަވިކް ބުނެލިއެވެ. އޭނާ ބަލާލިއިރު އަވިކް އިނީ ނޫންކަމަށް ހެދިގެން ތިރިއަށް ނަޒަރު ހުއްޓާލައިގެންނެވެ. ރައްދު ދޭން އުޅެފައި އަވިކް އިސްއުފުލާލިތަނާ ނަޒްލާ ރަކިވެގެން އެނބުރުނީ އަވަހަށް އަނެއް ފަރާތަށެވެ. އަވިކް އެބުނި އެއްޗަކުން އޭނާ ގާތަށް ހިނި އައެވެ. މުޅިން ތެދަކަށް ނުވިއަސް އެވާހަކައާއި ދެކޮޅު ހަދާހިތެއް އޭނާ ނުވިއެވެ. "ދެން އެހާ ކުޑައިރުކޮޅަކަށް ނުފެނި ހުރީމަވެސް މިސްވޭތަ؟" ގަމީސް ކޮނޑެއްގައި އަޅުވާފައި ނަޒްލާ އެނބުރުނުއިރު އަވިކް ތެދުވެގެން ފާޚާނާއާއި ދިމާއަށް ދަނީއެވެ. 

"ނަޒޫގެ ގޮތެއް ނޭނގެ. އެކަމަކު އަހަރެން މިސްވޭ މިނިޓަކަށް ނަޒޫ އަހަރެން ކުރިމަތިން ގެއްލުނަސް. މިދަނީ ފެންވަރާލަން. އަންނާތި އިނގޭ އިރުކޮޅަކުން." އަވިކް ފާޚާނާ ދޮރުމަތީ ހުއްޓިފައި އެނބުރި އެއްލޯ މަރާލިއެވެ. ހިނިއައިސްގެން އިސްޖަހާލި ގޮތަށް ނަޒްލާ އެނބުރުނީ އަނެއް ފަރާތަށެވެ. އިރުކޮޅަކުން އަވިކް މާގަނޑު ދޫކޮށްލި އަޑު އަހާފައި ނިކަން ލަސްލަހުން ފިޔަވަޅު ތަކެއް އަޅަމުން ގޮސް ފާޚާނާގެ ދޮރާއި ކައިރި ވެލައިފިއެވެ. އެތެރެއަށް ވަންނަން ވެގެން އޭނާ ކުރިއަށް ފިޔަވަޅެއް އަޅާފައިވެސް އަނެއްކާ އެނބުރުނީ ދޮރާއި ފުރަގަސްވާ ގޮތަށެވެ. ނަޒްލާއަށް ގޮތް ދައްކާފައި މާގަނޑު ދޫކޮށްލައިގެން އައިސް ދޮރު ކައިރީ ހުރި އަވިކް ބޯދިއްކޮށްލީ އެވަގުތުއެވެ. ލާނެތް ހިނިތުންވުމަކާއެކު އޭނާ ކުއްލިއަކަށް ނަޒްލާގެ އުނަގަނޑުގައި ދެއަތުން ވަށާލައި ބިމުން ހިއްލާލި ގޮތަށް އެތެރެއަށް ދެމިގެންފިއެވެ. އަނެއްކާވެސް ސިއްސައިގެން ދިޔަ ނަޒްލާ ތޫލި އަޑަކުން ހަޅޭތްލަވަލަވާ އޮތްވާ އަވިކް އޭނާ ގެންގޮސް ގަންބާލީ ފެންފުރިފައި ހުރި ބިލިގާއަށެވެ. "ދެން އަޅެ ވިކް ހާދަ ގޯހޭ. އަހަރެންގެ ހެދުންވެސް ތެމުނީ. އަންޑްރެސް ކުރާނެ ޗާންސެއް ދިންނަމަ." ނަޒްލާ ތެދުވެ އިށީންދެފައި ދެއަތުން މޫނު ފުހެލަމުން ޝަކުވާ ކުރިއެވެ. "ނަޒޫ އަމިއްލައަށް އަން ޑްރެސް ކުރީމަ ކޮން މަޖަލެއްވާނީ؟" އެވަގުތު އަވިކް ބިލިގާގެ އަރިމަތީ އިނދެފައި ބަލައިލި ގޮތުން ނަޒްލާއަށްވެސް ދުރަކު ނުއިނދެވުނެވެ. ދެކަކޫ މައްޗަށް ތެދުވެލާފައި އަވިކްގެ މޫނުގައި ދެއަތުން ހިފާލިއިރު އެލޮލުގައި ވީ މަސްތު ކަމެވެ. "އައި ލަވްޔޫ. ވިކް." ނަޒްލާ މާނައިން ފުރިގެންވާ ގޮތަކަށް ބުނެލިއެވެ. އަވިކް ކޮންމެވެސް އެއްޗެއް ބުނަން އުޅުމުން ނަޒްލާ އަވަހަށް އެކަމަށް ހުރަސް އެޅިއެވެ. ސިކުންތުކޮޅެއް ވީއިރު އަވިކްވެސް އިނީ ނަޒްލާ ފަދައިން ބިލިގާއަށް އެރިއެވެ. އޭރު ދެޖިސްމުގައި ހުޅު ރޯވެގެން އަންދަން ފެށި ގޮތުން ފެންގަނޑުގައިވެސް އަލިފާން ހިފައިދާން އުޅޭހެން ހީވިއެވެ. 

ޖެހިގެން އައި ދުވަހު ވިއްސާރަ ކަމުން އިރު އެރިއިރުވެސް ހީވަނީ ފަތިސް ހެންނެވެ. ފޯނު އެލާމްވެގެން ލޯ ހުުޅުވައިލާފައި ނަޒްލާ އަދި އެއްފަހަރު ޗެކްކޮށްލިއެވެ. "ވިކް.... ތެދުވޭ އޮފީހަށް ދާން." ނަޒްލާ އާ ފުރެމުން އަވިކްއާއި ވީ ފަރާތަށް އެނބުރިފައި ގޮވާލިއެވެ. އަވިކް ލޯމަރައިގެން އޮވެފައި ބޯ ހަލުވާލުމުން އޭނާ އެނދުން ފައިބަން ހީކޮށްލިތަނާ އަވިކް އެއަތަށް ކުއްލިއެއް ޖެހުމުން އަނެއްކާވެސް ގޮސް ވެއްޓުނީ އަވިކް ގައިމައްޗަށެވެ. "އިހަށް އަދި މަޑުކޮށްބަލަ ބޭބީ. ރޭގަ ހާދަ ލަހުންނޭ ނިދުނީ..." އަވިކް ނިދި އަޑަކުން އެހެން ބުނެލާފައި ނަޒްލާއަށް ދުރަށް ނުދެވޭނެހެން ބާރަށް ބައްދާލިއެވެ. ނަޒްލާ އެވަރުންވެސް ސަލާމަތްވާން ތެޅިގަތުމުން އޭނާ ފުރޮޅިލައިފައި ނަޒްލާ ދަށުގައި ބާއްވައި ބާރަށް ދެއަތުގައި ހިފަހައްޓާފައި ގައިމައްޗަށް އެއްފައި ވައްޓާލުމުން ނަޒްލާއަށް އެއްގޮތެއްވެސް ނުހެދުނެވެ. "ދެން ވިކް. ދެން އަޅެ ދޫކޮށްލާ. ގަޑިޖެހެނީއޭ. ދެން މިހާރަކު ނޫން..." އަވިކްގެ ގޯނާތަކުން ސަލާމަތް ވާންވެގެން ބޭކާރު މަސައްކަތެއް ކުރަމުން ނަޒްލާ ގޮވިއެވެ. އެކަމަކު އެހުރިހާ އެއްޗެއް ކިޔާފައިވެސް ހަތިޔާރު ބަހައްޓަން ޖެހުނީ ހަމަ އޭނާއަށެވެ. 

ތައްޔާރުވެގެން ދެމީހުން ތިރިއަށް ދިޔައިރު ސައި ކޮޓަރީގައި ގޭގެ ދެއަންހެނުން ފިޔަވައި ދެން އުޅެނީ އާޝިމާއެވެ. އަވިކް އަތު ކުރީ ގަޑިއަށް ބަލަމުން ގޮސް މޭޒު ދޮށުގައި އިށިންތަނާ ނަޒްލާ އަވަހަށް ކޮފީ ޖޯޑަކާއި އެހެން ތަށިތައް ކައިރިކޮށްލަ ދީފިއެވެ. ކަޅު ސައިތައްޓެއް ބޯން އިން ސުދާ އިސްއުފުލާލީ އަވިކް ސައިބޯން ފެށި ފަހުންނެވެ. "ދަރިފުޅާ. ދެން ދުވަހަކުންވެސް ގަޑިއަށް ފަރުވާތެރި ވާތި. ޒާތީ ދިރިއުޅުމާހެދި މަސައްކަތަށް ބުރޫ އަރައިގެން ކަމަކު ނުދާނެ." ސުދާ ވާހަކަދެއްކި ރާގުން ދެޒުވާނުންވެސް އިސްއުފުލާލައިފައި ސުދާގެ މޫނަށް ބަލައިލިއެވެ. މަންމަގެ މޫނުން ސީރިއަސްކަން ފެނުމުން އަވިކްއަށް ދޭހަވީ ބައްޕަ ނުރުހިގެން ކޮންމެވެސް އެއްޗެއް ބުނީ ކަމަށެވެ. ނަޒްލާވެސް ކަންބޮޑުވެފައި އިސްޖަހާލިއެވެ. އަވިކް ނިމުމާއެކު ސުދާ އަމިއްލައަށް ގޮނޑި ދުއްވަމުން އެތަނުން ނިކުތް ވަގުތު ފަރޫޝާ އާޝިމާއަށް ގޮވާލައިފައި ނިކުންނަން ބުނެލިއެވެ. ނަޒްލާ ބިރުގަތީ އެހިސާބުންނެވެ. ފަރޫޝާ އޭނާ އެކަނި ކޮށްފައި ދައްކަން އުޅެނީ ކޮންވާހަކައެއް ބާއޭ ހިތަށް އެރިއެވެ.

"ނަޒްލާ. ދަތުރު ކިހިނެތް؟" ފަރޫޝާ ކޮށްލި ސުވާލުން ނަޒްލާ ވަރަށް ހައިރާންވިއެވެ. އޭނާ އިސްއުފުލައިލިއިރު ފަރޫޝާ އިނީ ބަލަހައްޓައިގެންނެވެ. "ރަނގަޅު." ނަޒްލާ ބަލަން އިނދެފައި މަޑުމަޑުން ޖަވާބު ދިނެވެ. "ދެން އެހެންވިއްޔާ މިހާ ހިސާބުން ހަޤީޤަތާއި ކުރިމަތިލާން ތައްޔާރުވޭ." ފަރޫޝާ ބަލަން އިނީ އެއްވެސް އަސަރެއް ނެތް ގޮތަކަށެވެ. "މިގޭގައި އުޅެންޏާ މިގޭގެ ކަންކަން ހުންނަ ގޮތާއި އެއްގޮތަށް ނަޒްލާވެސް ކަންތައް ކުރަން ޖެހޭނީ. އަވިކް އެއީ މިއަދު ހަމައެކަނި މީހެއްގެ އަންބެއް ނޫން. އެއީ ބޮޑު ކޮމްޕެނީއެއްގެ ސީއީއޯ. އަދި އޭގެ އިތުރަށް ކަރަމްގެ ހުރި ހަމައެކަނި ފިރިހެން ދަރިފުޅު އަވިކް އަކީ. ނަޒްލާއަށް ވުރެ ކުރިން އަވިކް އޭނާގެ ބައްޕައަށް އަދާ ކުރަންޖެހޭ ހައްޤުތައް ހުންނާނެ. ކޮމްޕެނީ މިއަދު ގޮއްސައިވާ ހިސާބަކީ ކަރަމްގެ ބުރަ މަސައްކަތުގެ ނަތީޖާ. އަދި ކަރަމްއަށް ފަހު އެހުރިހާ ޒިންމާއެއް އެޅޭނީ އަވިކްގެ ބޮލުގައި. އެހެންވެ މިހާރުއްސުރެ އަވިކް އެބަޖެހޭ އެޒިންމާ ނަގަން ދަސްކުރަން. ހުރިހާ ވަގުތެއް އަނބިމީހާ އާއި ޒާތީ ދިރިއުޅުމަށް ހުސްކޮށްގެން މިބުނާ ކަންކަން ބޮއްސުން ލައިގެން ދާތަން ފެންނާނީ. އެހެންނޫނަސް ނަޒްލާއަށްވެސް އެނގެއެއްނު ކަރަމް ތިޔަ ކައިވެންޏާ ނުރުހޭވަރު. އޭނާގެ އެންމެ ގާތް އެކުވެރިޔާ އާއި އޮތް ގުޅުންވެސް ކެނޑުނީ. ނުވިތާކަށް ކޮމްޕެނީއަށްވެސް ލިބުނު އެއީ ވަރަށް ބޮޑު ގެއްލުމެއް. ކަރަމް ކައިވެންޏަށް އާބަސް ބުނީ ހަމައެކަނި އަވިކްގެ އުފަލަށްޓަކައި. އަހަރެން އުންމީދު ކުރަން ނަޒްލާ މިވާހަކަތަކާމެދު ވިސްނާ ގަބޫލު ކުރާނެ ކަމަށް. ކަރަމްގެ ރުހުން ހޯދަން ބޭނުމިއްޔާ މިކަންކަމާއި ވިސްނައިގެން އުޅެންވާނީ." ނަޒްލާ ހިމޭނުން ބައިންދާފައި ބޮޑު ތަޤުރީރެއް ނިންމާލުމަށްފަހު ފަރޫޝާ ތެދުވެގެން ދިޔައެވެ. އެކަނި ވުމުން ނަޒްލާ ސައިބޯހިތްވެސް ކެނޑުނެވެ. ސުދާވެސް އެހާ މޫޑު ގޯސްވެފައި އެހުރީ ކަރަމް އެކަމާއި ހިތްހަމަ ނުޖެހިގެން އެކަން ކޮންމެވެސް ގޮތަކުން ފައުޅުކުރީމައި ކަމުގައި ނަޒްލާގެ ހިތް ބުންޏެވެ. އެހިސާބުން އޭނާ ނިންމީ ވިސްނައިގެން އުޅުމަށެވެ.

އަވިކް އޮފީހަށް ގޮސް ކެބިންގައި އިންދާ އިރުކޮޅަކުން މިކިޔާލް ވަދެފައި ގޮސް ކުރިމަތީ ހުރި ގޮނޑީގައި އިށީންދެއްޖެއެވެ. "ކޮބާ ކޮންއިރަކުން ޓްރީޓް އޮތީ؟" މިކިޔާލް ގޮނޑީގައި ހަމަޖެހިލާފައި އެހިއެވެ. "ކޮން ޓްރީޓެއް؟" މޭޒުގައި ދެއުޅަބޮށި އަޅުވާލަމުން އަވިކް ބަަލައިލީ ކުޑަކޮށް ހައިރާންވެފައެވެ. "ކޮން ޓްރީޓެއްހޭ؟ ކައިވެނި ކޮށްފަ ޓްރީޓް ދޭން ޖެހޭނެއެއްނު. ނަޒްލާ ހާޞިލް ކޮށްފަ ތިހެން މަޑުހުރެވޭނެ ކަމަށް ހީ ނުކުރައްޗޭ. އަހަރެން މީ އަވިކް ނަމަ އަހަރު ދުުވަސް ވަންދެން ކޮންމެ ދުވަހަކު އެންމެނަށް ކާންދޭނަން." މިކިޔާލް އިނީ ނިކަން ސަމާސަ މޫޑެއްގައެވެ. "ޕާޓީ ބޭއްވި ދުވަހު ގޮސް ކެވުނު އެއްޗެހި މަދީތަ؟" އަވިކްއަށް މިކިޔާލްގެ ވާހަކަ މަޖާވެގެން ހިނިގަނޑެއް ޖަހާލިއެވެ. "އެއީ ކައިވެނި ސައި. އަހަރެން މިދައްކަނީ ކައިވެނި ކުރީމަ މިއޮފީހުގެ މުވައްޒިފުންނަށް ދޭންޖެހޭ ކެއުމުގެ ވާހަކަ. މިތާގަ އަހަރެން މިދައްކަނީ މުޅިން ދެވާހަކައެއް." މިކިޔާލްގެ ވާހަކަ ނިމުނުތަނާ ކޮންމެވެސް މީހަކު ޓަކި ޖަހާލައިފައި ދޮރު ހުޅުވާލުމުން ދެމީހުންމެ އެދިމާއަށް ބަލާލައިފިއެވެ.

"ކަރަމް އެދިލައްވައިގެން އަވިކް ހޯދަން މިއައީ. ކަރަމް އިންނެނީ އަވިކްގެ އިންތިޒާރުގައި." ދޮރުމަތީ ހުރި ރޫޔާ އަދަބުވެރި ކަމާއެކުު ވާހަކަދެއްކިއެވެ. އަވިކް ބޯ ޖަހާލައިފައި އަތުގެ އިޝާރާތުން ދިއުމުގެ ހުއްދަ ދިނުމުން ރޫޔާ ނިކުމެ ދޮރު ލައްޕާލިއެވެ. މިކިޔާލް ބަލައިލިއިރު އަވިކް ނިތުގައި އަތް ހާކާލައިފައި ދާންވެގެން ތެދުވިއެވެ.

"މިހާ އަވަހަށް ދެބަފައިން ވޯރކް ފެށީތަ؟ ކަރަމް ހަމަ ކުއްލިއަކަށް މިއަދު އޮފީހެއް ދުރުވީމަ އަހަރެންވެސް ކުޑަކޮށް ހައިރާންވެފަ މިހުންނަނީ." މިކިޔާލްވެސް އިރުކޮޅަކަށް ސީރިއަސް ވެލިއެވެ. އަވިކް ވަކި އެއްޗެއް ނުބުނެ ނިކުންނަން ދިއުމުން އޭނާވެސް އަވިކް ފަހަތުން ގޮސް އެތަނުން ނިކުމެއްޖެއެވެ. އަވިކް ގޮސް ޓަކި ޖަހާލައިފައި އެތެރެއަށް ވަންއިރު ބައްޕަ އާއެކު ޔައީޝްވެސް އެތާގައި އިނެވެ. އަވިކް ގޮސް މޭޒު ކުރިމައްޗަށް ހުއްޓިފައި ކަރަމް އިޝާރާތް ކޮށްލުމުން ޔައީޝްއާއި ޖެހިގެން ހުރި ގޮނޑީގައި އިށީނެވެ. ޔައީޝް އިނީ އިސްޖަހާލައިގެންނެވެ. އޭނާ އަވިކް ވަނީއްސުރެ އެހިސާބަށް ދަންދެން އިތުރު ހަރަކާތެއް ގެނަ ތަނެއް ނުފެނެއެވެ. "ނާސްތާ ކޮށްގެންތަ އައީ؟" ކަރަމް ފުރަތަމަ އަހާލިއެވެ. ބައްޕަގެ އެސުވާލުން އަވިކް ކުޑަކޮށް ލަދުގަންނަ ގޮތްވިއެވެ. ހުރިހާ ބާރެއް ކޮށްލެވުނީ އިށީންދެގެން އިން ގޮނޑީގެ އަތްގަނޑަށެވެ. ބައްޕަ އެވާހަކަ އެ އެހީ މިއަދު އޭނާ ގަޑި ޖެހުނުކަން ހަނދާން ކޮށްލަދޭން ވެގެންކަން އަވިކް ނަގައިގަނެވުނެވެ. އޭނާ ޖަވާބު ދީފައި އަވަހަށް އިސްޖަހާލިއެވެ.

"އަވިކް މިގެނައީ މިހާރު ކުރިމަތި ވެގެން މިއުޅޭ އާ މައްސަލައިގެ ވާހަކަ ދައްކާލަން. މާނީގެ ކައިވެނި ހުއްޓުނު ހިސާބުން އަޒްމީލް ކޮމްޕެނީއާ ދުޝްމިނު ވެގެން މިއުޅެނީ." ބައްޕަ ފެށި ވާހަކައަކުން އަވިކް ސިހުނެވެ. ވާހަކަ ކުރިއަށް ގެންދިޔަ ވަރަކަށް އެމޫނުގެ ބަަނަކަން ދިޔައީ އިތުރު ވެގެންނެވެ. 

މެންދުރު ހުސް ވަގުތެއް ލިބުމުން އަވިކް ގުޅީ ނަޒްލާއަށެވެ. އޭނާ ބޭނުންވީ ސިކުނޑީގެ ހާސްކަން ދުރު ކޮށްލުމަށްޓަކައި ނަޒްލާގެ އެހީއެވެ. އެވަގުތު ނަޒްލާ އިނީ ލިލީ އާއި އިމާ ކައިރީގައި ބައިންދައިގެން އެކުދިންނަށް ހޯމްވޯކް ހަދަން އެހީވެދޭށެވެ. "ކީއްކުރަނީ؟" ނަޒްލާ ފޯނު ނަގައި ހަލޯއޭ ބުނެލުމުން އަވިކް އަހާލިއެވެ. "މްމްމް... ގޭގަ އުޅެނީ ހަމަ." ނަޒްލާ ކުޑަ މޭޒު ކައިރީ ތިބި ދެކުދިންނާއި ދުރަށް ޖެހިލާފައި ގޮސް ސޯފާގައި އިށީނެވެ. އަވިކްގެ އަޑު ޖެހުމުން އޭނާގެ ހިތަށްވެސް ހަމަޖެހުން ލިބުނެވެ. "އަހަރެން މިވިސްނަނީ ނަޒޫއާދޭތެރޭ." އަވިކް ނަޒްލާ ބުނާ އެއްޗެއް ބަލާލަން ވެގެން ބުނެލިއެވެ. "އޮފީހުގަ އިނދެގެން އަހަރެން މަތިން ހަނދާން ކުރީމަ މަސައްކަތް ކުރެވޭނީ ކިހިނެތް؟ ތީ ރަނގަޅު ގޮތެއް ނޫން." ނަޒްލާ ހިނި އައިސްފައި އިނދެވެސް ނިކަން ނޫންކަމަށް ހެދުނެވެ. "ވަރަށް ބަނޑުހައިވެގެން މިގުޅީ. ރެޑީވެބަލަ ބޭރަށް ނިކުމެލަން. އަހަރެން ބަލައިދާނަން. ބޭނުމީ ނަޒޫއާއެކު ކާން." އަވިކް ދެން ބުނި ވާހަކައިން ނަޒްލާ ކުއްލިއަކަށް ހިމޭންވިއެވެ. "ބޭރަށް ގޮސްގެން ހައްތަހާ ގިނަ ވަގުތެއްނު ދާނީ. މާރަނގަޅު ވާނެ ތިތާ ކެންޓީނުން ކެއިއްޔާ. އެއިރުން ގައިމު ގިނަ ވަގުތެއް ނުގެއްލޭނެ. އެހެންނޫނީ އާދޭ ގެއަށް. މިގޭގައި މިހާރު ކެއުން ތައްޔާރު ވެފަ ހުރީ." ނަޒްލާ ވިސްނާލައިފައި ވާހަކަދެއްކިއެވެ. އެކަމަކު އަވިކް އެގޮތާއި އެއްބަސްވާކަށ ްނޫޅުނެވެ. ނަޒްލާ އެންމެ ފަހުން ސުދާ ގޮވަނީއޭ ކިޔާފައި ކުއްލިއަކަށް ފޯން ކަނޑާލީއެވެ.

ނަޒްލާ ހީކޮށްގެން ހުރީ އަވިކް އޮފީސް ނިންމާފައި އަންނައިރުވެސް ހުންނާނީ އޭނާދެކެ ރުޅި އައިސްފައި ކަމަށެވެ. އެކަމަކު އެއާއި ޚިލާފަށް އަވިކް އެވާހަކަ ނުވެސް ދައްކައެވެ. ނަޒްލާ އެގެއަށް ބަދަލު ވިއިރު ގެނެއްސައި ހުރި ބައެއް އެއްޗެހި ފޮށިގަނޑުގައި ހުރުމުން އެއެއްޗެހި ނަގައިގެން ތަރުތީބުން އެކި ތަންތަނަށް ލާން ހުއްޓާ އަވިކް އައިސް ފުރަގަހަށް ހުއްޓިފައި އޭނާއަށް ދައްކައިލީ އަތުގައި އޮތް ރަތް ފިނިފެންމާ ބޮނޑިއެވެ. ނަޒްލާއަށް ވަގުތުން "ވާއު" އޭ ބުނެލެވުނެވެ. "އަހަންނަށްތަ؟" ނަޒްލާ ޤަބޫލު ނުކުރެވިފައި ހުރެގެން މާބޮނޑީގައި ހިފުމާއެކު އަވިކް އެއިން އަތް ދޫކޮށްލައިފައި ގޮސް ވެއްޓިގަތީ އެނދަށެވެ. "ނޫނޭ. ތީ ފަރޫޝާއަށް ގެނަ އެއްޗެއް." އަވިކް ސަމާސާ ރާގުގައި ދިން ޖަވާބުން ނަޒްލާއަށް ހެވުނެވެ. "އާ މިގޭގައި އަހަރެން އެންމެ ލޯބިވާ އަންހެނަކަށް ހުރީ އެފަރޫޝާ ވިއްޔަ." އަވިކް ކުޑަކޮށް ދެބުމަ ކައިރިކޮށްލައިފައި ބޯދަށަށް ބާލީހެއް ލައްވާލައިގެން ހަމަޖެހިލިއެވެ. "ނޭނގޭނެއެއްނު. މަންމައަށްވެސް ގެނެއްސާނެ ވިއްޔަ. ނޫނީ އީމާއަށްވެސް." ނަޒްލާ އަދިވެސް ހިނި އައިސް ހުރެގެން އެނބުރިފައި ގޮސް އަވިކްގެ މަގަތުގައި އިށީންދެ މާބޮނޑީގައި ވަސްގަނެލިއެވެ. "ތެންކިއު." އިސްއުފުލާލައިފައި އޭނާ ތުންކޮޅު ކައިރިކޮށްލައި އަވިކްއަށް ކިސްއެއް ފޮނުވާލިއެވެ. 

އަވިކް ގާތަށް ހިނި އައިތަން ދެކެފައި ދެން އޭނާ ހިތްހަމަ ޖެހިގެން މާބޮނޑި ބާއްވާފައި ފެށީ އަވިކް ބޫޓު ބާލައި ދިނުމުގެ މަސައްކަތެވެ. އަވިކް އެހެން އޮތްވައި ދެބޫޓު ކިބައާ ސްޓާކިނާއެކު ބާލާފައި ގެންގޮސް ހަރުގަނޑުގައި ބެހެއްޓިއެވެ. އިރުކޮޅަކުން މީހަކު ޓަކި ޖަހާލުމުން ނަޒްލާ ގޮސް ބަލައިލާފައި ބޭރަށް ނިކުތީ ނިކަން އަވަހަށް އަންނާނެ ވާހަކަ ބުނެފައެވެ. އަވިކް އެހެން އޮވެ ފަސްވަރަކަށް މިނިޓްވީއިރުވެސް ނަޒްލާ ދައްކައި ނުލުމުން ތެދުވެ ޓައީއާއި ގަމީސް ބާލާފައި ފާޚާނާއަށް ދަނިކޮށް ލޮލުގައި އަޅައިގަތީ ނަޒްލާ ހާވަ ހާވާފައި ބަހައްޓާފައި ހުރި ފޮށިގަނޑެވެ. އަވިކް ކުރިން ދުވަހެއްގައި އެކަނޑަން އުޅެނިކޮށް ނަޒްލާ އޮތީ މަނާ ކޮށްފައެވެ. ބުނީ އޭގައި ނިކަން "ސިލީ" އެއްޗެހި ހުންނާނެ ކަމަށެވެ. އެފެނިގެން އަވިކް އޭނާއަށް މަލާމާތް ކޮށްފައި ހޭން ބޭނުން ނުވާކަމަށް ބުންޏެވެ. ފުރުސަތު ލިބުމުން ބޭކާރު ކޮށްލާކަށް އަވިކް ބޭނުމެއް ނުވިއެވެ. ދޮރާއި ދިމާއަށް ބަލައިލާފައި އޭނާ ފޮށިގަނޑު ކައިރީ އުޑަފައިން އިށީންދެ އިނދެ ފޮށިގަނޑު ތެރޭ ހުރި އެއްޗެހި ބަލަން ފެށިއެވެ. އެކުގައި ކިޔަވަން އުޅޭ އަންހެން ކުދިން ނަޒްލާދެކެ ވާލޯބިން "ލޯބިވާ" އޭ މުޚާތަބު ކޮށް ލިޔެފައި ހުރި ދެ ސިޓީއެއް ފެނިގެން އަވިކް ގާތަށް ހިނި އައެވެ. އެސިޓީއާއި ގުޅުވައިގެން ނަޒްލާއާއި ދިމާ ކުރަން އޭނާއަށް ކިޔާނެ އެއްޗެއް ވިސްނުމަށް އައެވެ. ކައިފައި ހުންނަ ޗޮކްލެޓް ތަންގަނޑުތަކުގައިވެސް ތާރީހު ޖަހައި ސޮއި ކޮށްފައި ބަހައްޓާފައި ހުއްޓެވެ. ފަހަރަކު އެއްޗެއް ހާވަނިކޮށް އަވިކްއަށް އެންމެ ޝައުޤުވެރި އެއްޗެއްގެ ގޮތުގައި ފެނުނީ ނޫ ކުލައިގެ ކުޑަ ކުޑަ މަހުމާ ފޮށްޓެވެ. އަވިކް އެފޮށި މަތި ނަގާފައި ބަލައިލިތަނާ އެތެރޭގައި އޮތް އެއްޗެއް ފެނިގެން ލިބުނު ސިހުމުގައި ޓައިލްސްމަތީ އިށީންދެވިއްޖެއެވެ. ޔަޤީން ނުކުރެވިގެން އޭނާ އެތެރޭގައި އޮތް ކުޑަ ކުޑަ އެތި ނަގާފައި ބަލައިލުމުން ނިކަން ހިމަކޮށް ލިޔެފައި އިން ދެއަކުރު އޭނާގެ ޝައްކު ޔަޤީނަށް ބަދަލު ކޮށްދިނެވެ. އެކަމަކު އެއަށްފަހުވެސް އޭނާ އެތަކެއްފަހަރު ދެފަރާތަށް ބޯ ހޫރާލައިފައި ދެކޮޅު ހެދިއެވެ. އިރުކޮޅެއް ފަހުން ފޮށި އަނބުރާ އޮތްތަނަށް ލީ ތަނާ ނަޒްލާ އަންނަ އަޑު އިވިގެން އަވަހަށް ގޮސް ފާޚާނާއަށް ވަދެ ދޮރު ލައްޕާލިއެވެ.

ނަޒްލާ ރޭގަނޑު ކުލާހަށް ދާންވެގެން ތައްޔާރުވެ ނިމުނުއިރު އަވިކް އަދި ހުރީ ފޯނެއްގައި ނިކުމެ ބެލްކަނީގައެވެ. އަވިކް އަތުގެ އިޝާރާތުން ނިމޭކަން އަންގާލިތަނާ ނަޒްލާ ބޯ ޖަހާލައިފައި ކުރީގައި ގޮސް ގޯތިތެރެއަށް ނިކުތްތަނާ ގެއަށް ވަންނަން އައީ ޔައީޝްގެ ގައިގައި އަޅައިގަތެވެ. އެވަގުތު ނަޒްލާ ސަލާމަތްވީ ޔައީޝް ހިފެހެއްޓި ކަމުންނެވެ. ފޯނު ނިމިގެން އެނބުރިލަން އުޅުނު އަވިކްއަށް މިމަންޒަރު ރީތިކޮށް ފެނުނެވެ. އޭނާއަށް ބާރު ކޮށްލެވުނީ އަތުތެރޭ އޮތް ފޯނަށެވެ. ގަދަކަމުން ދެތިން ނޭވައެއް ލައި މީހާ ހަމައަކަށް އަޅުވާލައިފައި އަވަހަށް ދިޔައިރު ނަޒްލާ ގޮސް ހުރީ ގޭޓު ކައިރީގައެވެ. ޔައީޝް އޭރު ފެންނާކަށް ނެތެވެ. އަވިކް ކާރުގައި ގޮސް ނަޒްލާ އަރުވައިގެން މަގުމައްޗަށް ނިކުމެފައި ކުއްލިއަކަށް އެމޫނަށް ބަލައިލިއެވެ. ނަޒްލާ ބަލަން އިނުމުން އަވިކްގެ ބެލުމުގައި އެވަގުތު ހުރި ތަފާތުކަން ރަނގަޅަށް ފާހަގަވިއެވެ.

"ވަޓްސް ވިތް ދި ލުކް؟ އަހަރެންގެ މޫނު ހުރީ އަނެއްކާ ރީތިކޮށްތަ؟" ނަޒްލާ މޫނުގައި ދެއަތުން ހިފާލައިފައި ސުވާލު ކުރިއެވެ. އަވިކް އާއެކޭ ބުނުމުގެ ގޮތުން ބޯ ޖަހާލައިފައި ކުރިއަށް ބަލަން ފަށައިފިއެވެ. އެކަމަކު ހިތުތެރެ ހަލަބޮލި ކުރަމުން ދިޔަ ހިޔާލުން ބޭރު ކޮށްނުލައި އޭނާއަށް ގިނައިރަކު ނީނދެވުނެވެ.

"ނަޒޫ އަހަރެންނަށް އެއްވެސް ކަމެއް ސިއްރުކޮށްފައި އޮންނާނެތަ؟" އަވިކް ކުއްލިއަކަށް އަހާލުމުން ނަޒްލާ ހައިރާންވެފައި އެމޫނަށް ބަލައިލިއެވެ. "ކީއްވެ ކުރި ސުވާލެއް؟" އޭނާ އަވިކްގެ މޫނުމަތި ތަރުޖަމާ ކުރަން މަސައްކަތް ކުރިއެވެ. "ސުވާލަށް ޖަވާބު ދީބަލަ!" އަވިކް އެދުނީ ކުރިންވެސް އެދުނު ކަންތަކެވެ. "އުހު. ނޯންނާނެ." ނަޒްލާ ހަމަޖެހިލާފައި ބުނެލިއެވެ. އަވިކް ބަލަން އިންދާ އޭނާ ހިނިތުންވެލާފައި ސީޓުގައި ބުރަކަށި ޖައްސާލައިގެން ބަލަން ފެށީ މަގުމައްޗަށެވެ.

ނަޒްލާ ނިމުމުން ބަލާ ގޮއްސައި ދެޒުވާނުން އައިސް ގެއަށް ވަންއިރު މުޅި ގޭގައި އަޑު ހިއްޕާލައިފައި ހުރީ ލިލީގެ ރުއިމުގެ އަޑެވެ. ނަޒްލާ ސިޓިންރޫމަށް ދަބަސް ދޫކޮށްލައިފައި އަވަހަށް ދުވެފައި ގޮސް ފަރޫޝާ ކައިރީ އިން ލިލީ އަތުގައި ހިފާލައިފައި ވީ ގޮތެއް އޮޅުން ފިލުވައި ދިނުމަށް އެދުނެވެ. އަވިކްވެސް ލިލީ ބުނާ އެއްޗެއް ބަލާލަން އެތާ މަޑުކޮށްގެން ހުއްޓެވެ. ފަރޫޝާދެކެ ނަފްރަތު ކުރިއެއްކަމަކު އޭނާ އެއްފަހަރުވެސް ލިލީއަށް ނުރުހުން ދައްކާފައެއް ނުވެއެވެ. ކުޑަ ކުޑަ ލިލީގެ ކުށެއް އޮތް ކަމަކަށް އޭނާ ގަބޫލެއް ނުކުރެއެވެ. ލިލީއަށް ގިސްލެވޭ ވަރުން ޖަވާބެއް ނުދެވުނެވެ. ނަޒްލާ ދެން ސުވާލު ކުރީ ފަރޫޝާ ކައިރީގައެވެ. ފަރޫޝާ މޫނު ހަދާފައި ކުއްލިއަކަށް ފުންމައިގެން ދިޔަ ގޮތުން ހީވީ ލިލީ އެރޮނީ ނަޒްލާގެ ކުށުން ހެންނެވެ. ކަންބޮޑުވެފައި ނަޒްލާއަށް އެނބުރި ބަލައިލެވުނީ އަވިކްގެ މޫނަށެވެ. އަވިކްވެސް ހުރީ ފަރޫޝާ ހެދި ގޮތުން ރުޅިގަދަ ވެފައެވެ.

"މަށަށް އޭރުވެސް އިނގޭ މިހެން ވާނެކަން. އެއްވަރުގެ ދެއަންހެން ކުދިން އުޅޭއިރު މިކަހަލަ ކިތަންމެ ތަނެއް ފެންނާނެ. ގޭގެ ކަންކަން ކުރަމުން މަށަކަށް ހުރިހާ ވަގުތަކު މިދެމީހުން ކުރާކަމެއް ނުބެލޭ. ދެން އުޅޭ ކޮންމެ ނޯކަރަކު ކުރަން ވަކި މަސައްކަތެއް އޮވޭ. ނަޒްލާވެސް ކިޔަވަން ދިޔައީމަ ވީ. އެހެޔޮ ގޭގެ ޒިންމާއެއް އަދާ ނުކުރިއަސް. އޭނަ ދެން ކީއްކުރަން ކިޔަވާ ކިޔެވުމެއްތަ އެއީ؟ ދެން ރަށަށް ދާނީއެއްވެސް ނޫން ޓީޗަރުކަން ކުރާކަށް. އަހަރެން އަދި އުފަލުން މިހުރީ ނަޒްލާ މިގެއަށް އައިސް ހުރިހާ ވަގުތެއް ގޭގަ ހޭދަ ކުރާނެތީ. އޭނަ އައުމާއެކު ލިލީ އާއި އީމާވެސް ހުރީ ނިކަން އުފަލުން. އަހަންނަށް އެނގޭ އެއްޗަކީ އެމީހުން ބަލަން ދުރުހިލޭ މީހަކު ގެނެސްގެން އިތުރު ގެއްލުމެއް ނޫނީ ނުވާނެކަން." ފަރޫޝާ ކޮޓަރިއަށް ވަންއިރު ކަރަމް އިންދާ ފެނިގެން އޭނާގެ ކުރިމައްޗަށް ހުއްޓިފައި ވާހަކަދެއްކިއެވެ. ކަރަމް އަތުގައި އޮތް ފޮތް ލައްޕާލައިފައި ލޮލުގައި އޮތް އައިނު ނެގިތަނާ ފަރޫޝާ ކުއްލިއަކަށް ގޮތް ބޮޑުކޮށްފައި މޫނުގައި ދެއަތް އަޅައިގެން ރޮއިގެންފިއެވެ.

ކޮމެންޓް 0