"މަށަށް އޭރުވެސް އިނގޭ މިހެން ވާނެކަން. އެއްވަރުގެ ދެއަންހެން ކުދިން އުޅޭއިރު މިކަހަލަ ކިތަންމެ ތަނެއް ފެންނާނެ. ގޭގެ ކަންކަން ކުރަމުން މަށަކަށް ހުރިހާ ވަގުތަކު މިދެމީހުން ކުރާކަމެއް ނުބެލޭ. ދެން އުޅޭ ކޮންމެ ނޯކަރަކު ކުރަން ވަކި މަސައްކަތެއް އޮވޭ. ނަޒްލާވެސް ކިޔަވަން ދިޔައީމަ ވީ. އެހެޔޮ ގޭގެ ޒިންމާއެއް އަދާ ނުކުރިއަސް. އޭނަ ދެން ކީއްކުރަން ކިޔަވާ ކިޔެވުމެއްތަ އެއީ؟ ދެން ރަށަށް ދާނީއެއްވެސް ނޫން ޓީޗަރުކަން ކުރާކަށް. އަހަރެން އަދި އުފަލުން މިހުރީ ނަޒްލާ މިގެއަށް އައިސް ހުރިހާ ވަގުތެއް ގޭގަ ހޭދަ ކުރާނެތީ. އޭނަ އައުމާއެކު ލިލީ އާއި އީމާވެސް ހުރީ ނިކަން އުފަލުން. އަހަންނަށް އެނގޭ އެއްޗަކީ އެމީހުން ބަލަން ދުރުހިލޭ މީހަކު ގެނެސްގެން އިތުރު ގެއްލުމެއް ނޫނީ ނުވާނެކަން." ފަރޫޝާ ކޮޓަރިއަށް ވަންއިރު ކަރަމް އިންދާ ފެނިގެން އޭނާގެ ކުރިމައްޗަށް ހުއްޓިފައި ވާހަކަދެއްކިއެވެ. ކަރަމް އަތުގައި އޮތް ފޮތް ލައްޕާލައިފައި ލޮލުގައި އޮތް އައިނު ނެގިތަނާ ފަރޫޝާ ކުއްލިއަކަށް ގޮތް ބޮޑުކޮށްފައި މޫނުގައި ދެއަތް އަޅައިގެން ރޮއިގެންފިއެވެ.
"ވިކް ދޭ ކޮޓަރިއަށް. އަހަރެން ދާނަން ފަހުން." ނަޒްލާ ލިލީ ރުއްސަން ވެގެން އެކުއްޖާގެ ކައިރީ ސޯފާގައި އިށީންދެފައި ބުނެލިއެވެ. އަވިކް ބޯ ޖަހާލައިފައި ވަދެގެން ދިއުމުން އޭނާ ނުހަނު ލޯބިން ލިލީގެ ކަރުނަތައް ފުހެދިނެވެ. ނަޒްލާގެ ވާހަކަ ތަކުން ލިލީ ރުއިން ހުއްޓާލައިފައި ދާދި އަވަހަށް ހަމަޖެހުނެވެ. އޭނާ ކޮޓަރިއަށް ދިޔައީ ލިލީ ގެންގޮސް ނިދަން ބާއްވައިފައެވެ.
"އަހަރެންނަށް އަދި އަހައެއްވެސް ނުލެވޭ ދޯ. ކިހިނެތް މިއަދު އޮފީސް؟" ނަޒްލާ ވަންއިރު އަވިކް ބިތްދޮށަށް އެނބުރި އޮތުމުން އަހާލިއެވެ. ޖަވާބެއް ނައުމުން އޭނާ އަނެއްފަރާތަށް ގޮސް ކައިރި ވެލިއިރު އަވިކް އޮތީ ލޯމަރައިގެންނެވެ. "އައްދެ. ނިދީތަ؟" ނަޒްލާ ކުޑަކޮށް ހައިރާންވިއެވެ. އޭނާ އަނގައަށް ގޮތެއް ހަދާލައިފައި އޮށޯވެލީ އެނދުގެ އަނެއް ފަރާތުގައެވެ. ލޮލުގައި ނިދީގެ އަސަރު ނެތުމުން އެގޮތަށް ގިނައިރަކު ނޯވެވުނެވެ. ގަޑިން ވީ އިރެއް ބަލާލައިފައި އޭނާ އެނދުން ފައިބައިގެން އައިސް ދެފައި ވަށްކޮށްލާފައި އިށީންދެލީ ޓައިލްސްމަތީ ހުރި ފޮށިގަނޑު ކައިރީގައެވެ. ނުހަނު ގަޔާވެފައި އިނދެގެން ފަހަރަކު އެއްޗެއް ނަގައި ބަލަމުން އެއާއި ގުޅިފައިވާ ހަނދާން އާކުރަމުން ހިނިތުންވެލައެވެ. ހުރިހާ ސިޓީތައް ވަކި ހާއްސަ ދަބަހަކަށް އަޅަން ވެގެން ދެން ހުރި އެއްޗެއްސާއި ވަކި ކުރަން އުޅުމުގައި އެންމެ އަޑީގައި އޮތް މަހުމާ ފޮށި ނެގުނެވެ. އެވަގުތު އެފޮށްޓަށް ބަލަން އިނދެފައި ނަޒްލާއަށް ކުއްލިއަކަށް އެނބުރި ބަލައިލެވުނީ ނިދިފައި އޮތް އަވިކްގެ މޫނަށެވެ.
"ވިކް މިރޭ ކުއްލިއަކަށް ކަމެއް ސިއްރު ކުރިންހޭ އެ އެހީ އަނެއްކާ މިފެނިގެންބާ؟" ނަޒްލާގެ ހިތަށް އެރި އެއްޗަކުން މޭގަނޑު ރޫރޫ އަޅައިގަތެވެ. "އޮފްކޯސް ނޮޓް. ވިކްއެއް ނުބަލާނެ މިފޮށްޓެއް. އަދި ބެލި ކަމުގައި ވިއަސް އޭނައަކަށް ނޭނގޭނެ މީ އަހަރެންނަށް ކާކު ފަރާތުން ލިބުނު އެއްޗެއް ކަމެއް." ނަޒްލާ އަމިއްލަ ހިތަށް ވިސްނައިދޭން ވެގެން ބުނެލިއެވެ. އޭނާ ހުރިހާ ސިޓީތައް ކުޑަ ދަބަހަކަށް އަޅާފައި ދެން ހުރި އެއްޗެހި ފޮށިގަނޑާއެކު އަލަމާރީގެ ތިރީގައި ހުރި ވަތްގަނޑަކަށް ލީ އިރު އެމަހުމާ ފޮށި ވަކިން ނަގާފައި ބޭއްވީ ފަތްޖަހާފައި ހުރި އަންނައުނު ތަކެއްގެ ދަށުގައެވެ. ނަޒްލާ ޔަޤީން ކުރި ގޮތުގައި އެތަނުން އަވިކްގެ ނަޒަރުގައި އެފޮށި އަޅައެއް ނުގަންނާނެއެވެ.
ޖެހިގެން އައި ދުވަހު އެންމެން އޮފީހަށް ދިއުމުން ނަޒްލާ ގިނަ ވަގުތު ހޭދަ ކުރީ ގޭގައި އުޅޭ އެހެން މީހުންނާއި އެކުގައެވެ. ދެއަންހެން ކުދީން ސުކޫލަށް ދާ ގަޑި ޖެހެންދެން ސިކުންތަކަށްވެސް އޭނާ ފަހަތަކުން ނުނައްޓައެވެ. މިނިވަންކަން ލިބުމުން ފަރޫޝާ ފޮނިވެފައި ދިޔައީ ބޭރަށެވެ.
"މަންމަ ކައިރީ އަހަރެން ވާހަކައެއް އަހާލަންތަ؟" މެންދުރު ކުދިން ކޮޅު ސުކޫލަށް ދިއުމުން ނަޒްލާ ސުދާގެ ކޮޓަރީގައި އަންނައުނު ފައްޖަހައިދޭން އިނދެފައި އެހިއެވެ. ސުދާ ނަޒްލާ ބަލާލުމާއެކު ހިނިތުންވެފައި ބޯ ޖަހާލިއެވެ. "މަންމަ ވީއެއްނު ފަޔަށް ދިވެހި ބޭސް ކުރަން." ނަޒްލާ އެހެން ބުނުމުން ސުދާ ވަކި އެއްޗެއް ނުބުނެ ބަލައިލީ ދުރަށެވެ. "ޑޮކްޓަރ ނުހިނގޭނެއޭ ބުނި ކިތަންމެ ބަޔަކު އެބަހުރި ދިވެހި ބޭސްކޮށްގެން ހިނގާފަ. މަސައްކަތް ކޮށްލީމައެއްނު ވާގޮތެއްވެސް އެނގޭނީ." ނަޒްލާ މަސައްކަތް މެދު ކަނޑާލައިފައި އައިސް ސުދާގެ އެންމެ ކައިރީގައި އިށީންދެލިއެވެ. "ޑޮކްޓަރ ނުބުނެޭ ނުހިނގޭނެއެކޭ." ސުދާ ކުއްލިއަކަށް ވާހަކަދެއްކި ވަގުތު ނަޒްލާ ސިއްސައިގެން ދިޔައެވެ. އޭނާ ސުދާގެ މޫނަށް ބަލައިލީ ގަބޫލު ނުކުރެވިފައެވެ. "އޭރު އަހަރެން ބޭނުން ނުވީ ހިނގަން. އޭރު އަހަރެން ހުރީ ދުނިޔެމަތިން ފޫހިވެފަ. ހިތަށް އެރީ ގޮނޑިއެއްގައި އަބަދު އިނުމާއި ދެފައި މައްޗަށް ކޮޅަށް ހުރުމާއި ވާނީ އަހަރެންނަށް އެއްގޮތެކޭ. ދެން ފަހުން ހިތަށް އެރި ހިނގަން. އެކަމަކު ފަހުން ބިރުގަނެގެން ނުކެރުނު ހިނގަން އުޅޭކަށް." ސުދާގެ ވާހަކަ ނިންމާލައިފައި ހަތަރުކަޅި ހަމަކޮށްލިއިރު ނަޒްލާ އެމޫނަށް ބަލަން އިނީ ފެންކަޅިވެފައެވެ. "އަހަންނަށް މާފުކުރޭ މަންމާ!" ނަޒްލާ އެހެން ބުނީ އެތައް މާނައެއްގައެވެ. އެއް ކަމަކީ އޭނާގެ ކައިވެންޏާ ގުޅިގެން ސުދާއަށް އަލުން އެގެއަށް އަންނަން ޖެހުމެވެ. ކޮންމެ ދުވަހަކު ލޯކުރިމަތީ ފިރިމީހާގެ ދެވަނަ އަނބިމީހާ އުޅޭގޮތް ދެކެން ޖެހުމެވެ. އަނެއް ސަބަބަކީ މާ ކުރިން ހިނގާދިޔަ ހާދިސާއެވެ. ކަރަމް އާއި ފަރޫޝާގެ ގުޅުން ފެށުނު ހިސާބުން އޭނާއަށް ސުދާ ކައިރީ އެވާހަކަ ބުނެވުނު ނަމަ ކަންތައްތައް މިހާ ހިސާބަށް ނުގޮސް ހުއްޓުނީސް ކަމުގައި އަދިވެސް އޭނާގެ ހިތް ބުނަނީ ކީއްވެ ކަމެއް ނޭނގެއެވެ. ނަޒްލާގެ ނަޒަރުގައި އޭނާ އެއީ ސުދާގެ ކުށްވެރިއެކެވެ. ފުރުސަތު އޮތްވާ އޭނާގެ ފިނޑިކަމުން އެފުުރުސަތު ގެއްލުވާލީއެވެ.
ސުދާގެ ކޮޓަރިން ނިކުމެގެން ނަޒްލާ ދަނިކޮށް ކުރިމަތިން ޔައީޝް ފެނިގެން އޭނާ ހައިރާންވިއެވެ. "އޮފީހަށް ނުދަންތަ؟" ނަޒްލާ ބަލައިލިއިރު ޔައީޝްގެ މޫނުން ބަލިވެ އުޅޭ ކުލަވަރު ފެނުނެވެ. "ހޫމ ކުޑަކޮށް ބަލިވެ މިއުޅެނީ." ޔައީޝް ވާހަކަ ދެއްކިއިރު އަޑުވެސް ހުރީ ބަދަލު ވެފައެވެ. "ކިހިނެތްވީ؟ ރޯގާ ޖެހުނީތަ؟" ނަޒްލާ ހުއްޓި ހުރުމުން ޔައީޝްވެސް އެހިސާބުން ހުއްޓުނެވެ. "ހުރިހާ ކަމެއް އެއްފަހަރާ ޖެހިގެން މިއުޅެނީ. އަރިދަފުސް އަޅައި ބޮލުގަ ރިހެނީ. ހުންވެސް އެބަހުރި." ޔައީޝް އޮޅުވާނުލިއެއް ކަމަކު ސީރިއަސް ނޫންކަން އަންގަންވެގެން ހިނިތުންވެލިއެވެ. "ތިހުރިހާ ގޮތެއް އެއްފަހަރާ ވަންޏާ މީހުން ނުކިޔާނެ ކުޑަކޮށް ބައްޔެކޭ. ދެން އަދިވެސް ރެސްޓް ނުނަގައި ކޮންތާކަށް ތިދަނީ؟ އެއްޗެއް ބޭނުމިއްޔާ އަހަރެން ގެނެސްދީފާނަން." ނަޒްލާ ގާތް އެކުވެރިއެއްހެން ވާހަކަދެއްކިއެވެ. "ނޫނޭ. ނަޒޫ ބުރަ އުފުލާނެ ކަމެއް ނެތް. އާޝިމާ ކައިރީ ބުނެލަދީ އަހަރެންނަށް ޖިންޖަ ސައިތައްޓެއް ގެނެސްދޭށޭ." ޔައީޝް ނަޒްލާގެ އެހީއާ ދެކޮޅު ހަދާފައި ބުނެލިއެވެ. "ދޭ ކޮޓަރިއަށް." ނަޒްލާ ވަގުތުން އަނެއްފަރާތަށް އެނބުރިފައި ހިނގައިގަތެވެ. އާޝިމާ ހޯދުމުގެ ބަދަލުގައި އޭނާ ބަދިގެއަށް ވަދެ ޔައީޝްއަށް ސައިތަށި ތައްޔާރު ކުރީ އަމިއްލަ އަތުންނެވެ. ތަބަކަށް ސައިތަށި ލައިގެން ދަމުން ހިތަށް އެރި އެއްޗަކުން އަމިއްލަ ކޮޓަރި ދޮރުމައްޗަށް ހުއްޓިފައި އަނެއްކާ ހިޔާލު ބަދަލު ވެގެން ފަސްދީ ހިނގައިގަތެވެ.
ނަޒްލާ އެތެރެއަށް ވަންއިރު ޔައީޝް ފެންނަން ނެތުމުން ތަބައް ސައިޑު ޓޭބަލް މަތީ ބަހައްޓާފައި ހޯދަމުން ގޮސް ބެލްކަންޏަށް ނިކުތެވެ. އެވަގުތު ޔައީޝް ދޮރު ހުޅުވާލައިފައި ނިކުތް އަޑު އިވުނީ ފާޚާނާއިންނެވެ. ޔައީޝް އެނދުގައި އިށީންދެފައި ނަޒްލާގެ ފިޔަވަޅު ގެ އަޑު އިވިގެން އިސްއުފުލާލައިފައި ކަންބޮޑުވިއެވެ. "ނަޒޫ ކީއްވެ ތިއައީ؟ އަހަރެން ބުނީމެއްނު އާޝިމާ ކައިރީ ބުނެދޭށޭ." ސައިތަށި ތައްޔާރު ކުރީ ނަޒްލާކަން އެނގުމުން ޔައީޝް ހިތްހަމަ ނުޖެހުނެވެ. "އަހަރެން އައި ފަހުން މިރޫމް ހާދަ ޗޭންޖްވެއްޖޭ ދޯ." ވަށައިގެން ލޯ ހިންގައިލާފައި ނަޒްލާ އައިސް އިށީންދެލީ ކުރިމަތީ ހުރި ގޮނޑިއެއްގައެވެ. އެވަގުތު ނަޒްލާ ބުނި އެއްޗަކުން ޔައީޝްވެސް ދެފަރާތަށް ނަޒަރެއް ދިނެވެ. "ނަޒޫ މިގެއިން ފުރަތަމަ ވަނީ މިކޮޓަރިއަށްކަން އެނގިއްޖެއްޔާ ވިކް ވަރަށް ރުޅި އަންނާނެދޯ." ނޫންކަމަށް ހެދިފައި ޔައީޝް ނަޒްލާއަށް ދިން އެއީ އިންޒާރެކެވެ. އޭނާ ސަމާލު ނުވެއްޖެނަމަ އެއީ ބިރުވެތި ގޮތަކަށް ނިމިގެންދާނެ ކަމެކެވެ. އަވިކްގެ ނަން އައުމުން ނަޒްލާވެސް އިސާހިތަކު ސީރިއަސް ވެއްޖެއެވެ. އޭނާ އެތާ ނީންނަން ވެގެން ބަހަނާއެއް ދައްކާފައި ނިކުންނަން ދިޔައެވެ.
"ނަޒޫ ހަނދާން އެބަހުރިތަ ސިމީ؟" ދޮރާއި ހަމައަށް ދެވުނުތަނާ ޔައީޝް ގޮވާލުމުން ނަޒްލާ ހުއްޓިފައި ހުރީ ފުރަގަސްދީގެންނެވެ. "އެއީ ނަޒޫ އެރޭ މިގެއަށް އައި ދުވަހު އުޅުނު ހަމައެކަނި ނޯކަރު." ޔައީޝް ހަނދާން ކޮށްދިނެވެ. ނަޒްލާ އެނބުރި ބަލައިލީ ދެނެވެ. "ހިތަކަށް ނާރާތަ އޭނަ މިހާރު ނުފެންނަނީ ކީއްވެބާއޭ؟" ޔައީޝް އިތުރު ސުވާލެއް ކުރި ނަމަވެސް ނަޒްލާ ބަލަން ހުރީއެވެ. "އަހަރެން، އޭނަ މިގެއިން ފޮނުވާލި މީހަކީ." ޔައީޝް ބުނެލިއެވެ. "ޔައީޝްގެ ހެޔޮކަން އަހަރެން ދުވަހަކުވެސް ހަނދާން ނައްތައެއް ނުލާނަން." ނަޒްލާ ވާހަކަދެއްކި ވަގުތު ޔައީޝް ފެންކަޅިވެފައި މަޑުމަޑުން ބޯ ޖަހައިލިއެވެ. ނަޒްލާ ނިކުމެ ދޮރު ލައްޕާލުމުން އޭނާއަށް ނިތުގައި އަތުން ހިފަހައްޓާލެވުނެވެ.
ކޮޓަރިއަށް ގޮސް ނަޒްލާ ފުރަތަމަވެސް ހުއްޓުނީ އަލަމާރި ކައިރިއަށެވެ. އޭނާ އަލަމާރި ތެރޭ ފޮރުވި މަހުމާ ފޮށި ހިފައިގެން އެނދުގައި އިށީންދެ އެތެރޭގައި އޮތް އަނގޮޓި ނެގިއެވެ. "އަދި އަހަރެއްވެސް ނުވޭ އޭގެ ފަހުން. އެކަމަކު ހީވަނީ އެއަށްވުރެ މާގިނަ ދުވަސް ކުރިން ހިނގި ކަމެއްހެން." ނަޒްލާ އަނގޮޓި ނަގައި ދެއިނގިލިން ހިފަހައްޓާލަމުން އެކަނި ވާހަކަދެއްކިއެވެ. ހުސް ފޮށި އެނދުމައްޗަށް ދޫކޮށްލައިފައި އުއްޑުން އެނދަށް ވެއްޓި ގަނެގެން އޮތްވާ ހިޔާލުތައް މާޒީގެ ތެރެއަށް ދަތުރު ކޮށްލަން ނެގީ މަދު ސިކުންތު ކޮޅެކެވެ.
*****
ނަޒްލާއަށް ފުރަތަމަ ޔައީޝް ފެނުނީ އޭނާ ރެސްޓޯރެންޓްގައި މަސައްކަތް ކުރަން ފެށި ދެވަނަ ދުވަހުއެވެ. ޔައީޝްގެ އޯޑަރަށް ކޮފީ ގެންގޮސް ބަހައްޓާލި ވަގުތު ފުރަތަމަ ފަހަރުވެސް އެމޫނަށް ޔައީޝް ބަަލައިލީ ހާއްސަ ނަޒަރަކުންނެވެ. އެކަން ފާހަގަ ނުވީ ނަޒްލާއަށެވެ. އެދުވަހަށްފަހު ގިނަ ގިނައިން ނަޒްލާއަށް ޔައީޝް ފެންނަން ފެށިއެވެ. ކޮންމެ ފަހަރަކުވެސް އޭނާ އިންނަނީ ވަކި ހާއްސަ މޭޒެއްގައެވެ. ފަހުން ފަހުން ނަޒްލާ ޔައީޝްއަށް ކޮފީ ގެންދަނީވެސް އޯޑަރ ނުނަގައި އަމިއްލައަށެވެ. ދެ ހަފްތާއެއް ވީއިރު ހަމައެކަނި ހިނިތުން ވުންތަކުން އެކަނިވެސް އެދެމެދުގައި އޮތީ ދެކެފަރިތަ އެކުވެރިކަމެއް އުފެދިފައެވެ. އެކަމަކު ދެމީހުން ފުރަތަމަ ތައާރަފްވީ ތިންވަނަ ހަފްތާއަށް ފެށުނު ދުވަހުއެވެ.
"އަހަރެންނަށް ކިޔަނީ ޔައީޝް." ނަޒްލާ ކޮފީތަށި ބަހައްޓާފައި އެނބުރިލަނިކޮށް ޔައީޝް ބުނެލީ އަމިއްލަ ނަމެވެ. ނަޒްލާ ހައިރާންވެފައި ކުއްލިއަކަށް ޔައީޝް މޫނަށް ބަަލައިލިއެވެ. ކޮފީތަށީގައި އަތްލުމުގެ ބަދަލުގައި ޔައީޝް ފަހަތަށް ޖެހިލައި ގޮނޑީގައި ލެނގިލައިގެން އިން ގޮތުން ނަޒްލާގެ ޖަވާބަަށް އިންތިޒާރު ކުރާކަން ދޭހަވިއެވެ. "ނަޒްލާ." ނަން ބުނެލާފައި ނަޒްލާ އަވަހަށް އެތަނުން ދިޔައީއެވެ. އެއަށްފަހު ދެން ވާހަކަދެއްކި ދުވަހު ޔައީޝް ކާރުގައި ނަޒްލާ ގެންއަށް ގޮސްދިނީއެވެ. ޝިފްޓް ނިމިގެން ނިކުމެ އަސްކަނި ދޮށުގައި އޭނާ ހުރީ ވާރޭ ނުހުއްޓައިގެންނެވެ. ފުރަތަަމަ އަލަށް ރޭގަނޑު މަސައްކުރި ދުވަހަކީ އެއީއެވެ. ޒިހާނު އެރޭ އޮފް ރެއަކަށް ވުމުން އެކުގައި ދާނެ ފަރާތެއް ނެތެވެ. ނަޒްލާ ދުރު ބަލަބަލާ ހުރިއިރު ޔައީޝް ތަންކޮޅެއް ދުރުގައި ކާރުގައި އިނީ ނަޒްލާގެ ހަރަކާތްތަކަށް ބަލާށެވެ. އެންމެ ފަހުން ކައިރިކޮށްލާފައި ލޯގަނޑު ތިރި ކޮށްލައިގެން އަރަން އެދުނީއެވެ. އެވަގުތު ނަޒްލާ ބޭނުންވީ އަވަހަށް ގެއަށް ދެވޭނެ ގޮތެކެވެ. އެހެން ނޫނަސް ޔައީޝް އެއީ އެކުގައި ދާން ނުކެރޭ ފަދަ ބީރައްޓެއްސެއް ކަމުގައި އޭނާއަކަށް ނުދެކެވުނެވެ. ކާރުގައި އެރޭ ގެއަށް ދިޔަ މަގުމަތީ ދެމީހުންގެވެސް އެންމެ އާންމު މައުލޫމާތުތައް އެކަކު އަނެކަކާ ހިއްސާ ކުރިއެވެ. އެކުވެރި ކަމުގެ ފެށުމަކީ އެއީއެވެ. އެގެއަށް ނަޒްލާ ދިޔަ ދުވަހަކީ އެތައް ދުވަހަކަށް ފަހު ޔައީޝް ރެސްޓޯރެންޓުން ނުފެނުނު ފުރަތަމަ ދުވަހެވެ. ޝިފްޓް ނިމުނުއިރުވެސް ދައްކައި ނުލީމައި ނަޒްލާ ގުޅީއެވެ. ޔައީޝް ބަލިވެ އުޅޭކަން އެނގިގެން އޭނާ ބައްދަލު ކުރަން ދިޔައީ ޔައީޝްގެ ރޯގާއަށް ރަނގަޅު ވާނެހެން "ސަމާހާ" ޕެކެޓްތަކެއް ގަނެގެން ހިފައިގެންނެވެ.
އޮފީހާއި ގުޅޭ ހާއްސަ އިވެންޓެއް ކުރިއަށް ދާތީ އެކަކުގެ ތައްޔާރީ ތަކުގައި ފަރޫޝާ އާއި ކަރަމްގެ އިތުރުން ގޭގެ ނޯކަރުންތައްވެސް ބޭރުގައި އުޅުނުއިރު ޔައީޝް ބަލިވެ ގޭގައި މަޑުކުރީ އެކަނި ސިމީއެވެ. ނަޒްލާ ޓެކްސީގައި ގޮސް އެގެއަށް ވަންއިރު އެއީ އަވިކްގެ ގެކަމެއް ކުޑަކޮށްވެސް ނޭނގެއެވެ. އެއްޗެއް ނުކައި އެނދުގައި ރަޖާ ލައިގެން އޮތުމުން ނަޒްލާ އަތުން އެރޭ ހޫނުކޮށް ސޫޕް ހަދާފައި ޔައީޝްއަށް ގެންދިޔައެވެ. ބަދިގޭަގައި އޭނާއަށް އެހީވެދިނީ ސިމީއެވެ. އެއަށްފަހު ސިމީ އެދެމީހުން އެކަނި ކޮށްލާފައި ތިރިއަށް ފޭބީއެވެ. ސޫޕް ބޮއިގެން ހިސާބަކަށް ރަނގަޅު ވެލުމުން ޔައީޝް ތެދުވެ ނަޒްލާ އާއި ވާހަކަ ދައްކަން އިނެވެ. ހިތުގައި ފޮރުވާފައި އޮތް ވާހަކަ ހާއްސަ މުނާސަބަތަކަށް ލަސްކޮށްގެން ހުރެފައިވެސް އެރޭ ޔައީޝްގެ ކެތްތެރިކަން ކޮޅުންލީއެވެ. ބުނަން ވެގެން އަނގަ ހުޅުވާލައިފައި ފަށްޓާނެ ގޮތެއް ނޭނގިގެން އޭނާ ކުރިކަމަކީ އެނދުގެ މަގަތުގައި އިން ނަޒްލާގެ މޫނުގައި ދެއަތުން ހިފާފައި ކުއްލިއަކަށް ތުންފަތުގައި ބޮސްދިނީއެވެ. ނަޒްލާ އަވަހަށް ޔައީޝް މޭގައި އަތް އަޅާފައި ކޮށްޕާލިއިރު އެމޫނުގައިވި ކުލަވަރުން ނަޒްލާގެ ހިތް އޮތް ގޮތް އެނގުނެވެ. އޭނާ ސާފު ބަހުން ލޯބިވާ އެހެން މީހަކު ހުރިކަން ހާމަ ކޮށްފައި ނިކުމެގެން ދިޔައެވެ. އިތުރަށް ދެ ދުވަހެއް ވަންދެން ދެމީހުން އެއްވެސް ވަރަކަށް ނުފެނި ފޯނެއް ކޮށްނުލައި ތިއްބެވެ. އެއަށްފަހު ޔައީޝް އަލުން ރެސްޓޯރެންޓުން ބައްދަލު ކޮށް މަޢާފަށް އެދިފައި އެދުނީ އެކުވެރިކަން ކަނޑާނުލުމަށެވެ. ނަޒްލާ އެއްބަސްވީ ދެކޮޅު ހަދަން ނުކެރިގެންނެވެ. އެކަމަކު ޔައީޝް އެފަހަރު ވަޢުދުވި ގޮތަށް އެކުވެރިއެއްހެން އަމަލުތައް ބެހެއްޓުމުން އެދެމެދަށް ވެރިވި ހިނދުކޮޅެއްގެ ދުރުކަން ނެތިގޮސް ދެމީހުން ހަޤީޤީ އެކުވެރިންނަށް ވިއެވެ.
*****
އަވިކް އޮފީހުން އައިސް ދޮރު ހުޅުވާ އަޑު އިވިގެން ނަޒްލާ ފުންމައިގެން ތެދުވެފައި ކިރިޔާ އަނގޮޓި ފޮށްޓަށް ލައި ލައްޕާލެވުނީއެވެ. އަވިކް ދޮރު ހުޅުވާލައިފައި ވަނުމުން ތެދުވެގެން ދާނެ ފުރުސަތު ނެތިގެން އޭނާ އެފޮށި ކޮށްޕާލީ އަވިކް ނޭނގޭ ގޮތަށް ބާލީސް ދަށަށެވެ.
"ކީއްވެ ލަސްވީ؟" ނަޒްލާ ގަޑި ބަލާލިއިރު އަވިކް އެހެން ދުވަސް ދުވަހަށްވުރެ ލަހުން އައިކަން ފާހަގަ ވެގެން ސުވާލު ކުރިއެވެ. "އައި ގޮތަށް ފުރަަތަމަ ބައްޕަ އެދިގެން އެކޮޓަރިއަށް ގޮއްސަ މިއައީ." އަވިކް ޖަވާބު ދީފައި ގޮސް އިށީންނީ ނަޒްލާގެ ކައިރީ އެނދުގައެވެ. "ނަޒޫ ގަސްތު ކުރަންތަ ކޯސް ހުއްޓާލަން؟" އަވިކް ކުއްލިއަކަށް އަހާލި ސުވާލުން ނަޒްލާ ހައިރާންވެފައި ބަލައިލިއެވެ. "ކިހިނެތްވީ؟" ނަޒްލާ ކޮޅަށް ތެދުވެފައި އަވިކްގެ މޫނަށް ބަލަން ފެށިއެވެ. "ބައްޕަ ބުނީ ނަޒްލާ ދެން މިކޮޅުގައި މިގޭގައި އުޅެންޏާ ކީއްކުރަން ހަދާ ކޯހެއްހޯ." އަވިކް ގަމީހު ގޮށް ނައްޓަމުން ކިޔައިދިނެވެ. "ދެން... ދެން ވިކް ބުނީ ކީކޭ؟" ނަޒްލާއަށް ވާހަކަ ދައްކަން އުދަނގޫވިކަން ފާހަގަ ވެގެން އަވިކް ބަލާލިއިރު ހުރީ ލޯ ބޮޑު ކޮށްލައިގެންނެވެ. "އަހަރެން ބުނީ ނަޒޫ ބޭނުން ކަމަށް ވަންޏާ މިގޭގައި އުޅުނަސް އަދި ކޮންމެތާކު އުޅުނަސް އަހަރެން ފުރުސަތު ހޯދަ ދޭނަމޭ." އަވިކް ޖަވާބު ދިނެވެ. އަވިކް ގަމީސް ބާލާފައި ގޮސް ފާޚާނާއަށް ވަނުމުން ނަޒްލާ ވިސްނާލަން ވެގެން ދެކޮޅަށް ދެކޮޅަށް ހިގަން ފެށިއެވެ. އަވިކް ނިކުތްއިރު އޭނާ ހުރީ ބުނަންވީ އެއްޗެހި ކަނޑައަޅައިގެންނެވެ.
"އަހަރެން ބޭނުން ކޯސް ފުރިހަމަ ކުރަން. އަހަރެން ބޭނުމެއް ނުވޭ މުޅި އުމުރު ވިކްއަށް ޑިޕެންޑް ވެގެން ހުންނާކަށް. އަހަރެން އަބަދުވެސް ދުށް ހުވަފެނެއް އެއީ ފިރިމީހާއަށް ޑިޕެންޑް ނުވެ އުޅެވޭފަދަ އަންހެނަކަށް ވުން. ކިހިނެތް އެނގެނީ ކުރިއަށް ވާނެ ގޮތެއް. ކަމެއް ދިމާވާ ދުވަހަކުން އަހަރެންގެ ފިރިމީހާވެސް އަހަރެންގެ އެހީގައި އުޅެވޭފަދަ ގާބިލުކަން އަހަރެންގެ ކިބައިގައި ހުންނަން އަހަރެން ބޭނުން." އަވިކް ނިކުމެގެން ތުވާލިން މޫނު ފުހެމުން އައިއިރު ނަޒްލާ ބޭނުންވި ވާހަކަތައް އިއްވިއެވެ. އަވިކް ތުވާލި ނަޒްލާގެ ބޮލަށް އެއްލާފައި ގޮސް ލޯގަނޑު ކުރިމަތީ ހުއްޓުނުއިރު އޭނާގެ ހިތުގައި ތަފާތު ހިޔާލެއްވެސް ހިނގައިލިއެވެ. ފަހަރުގައި ނަޒްލާ އެވިސްނަނީ އޭނާ ނަޒްލާ ދޫކޮށްލަފާނެ ފަދަ ދުވަހެއްގެ ވާހަކަ ބާއޭ ހިތަށް އެރިއެވެ.
"އަހަރެން ވާހަކައެއް އަހާލަންތަ؟" އަވިކް ވާހަކަދެއްކި އަޑަށް ނަޒްލާ ބަލައިލިތަނާ ލޯގަނޑުން އެމޫނުގައިވި ތަފާތު ކުލަވަރު ފާހަަގަ ވެގެން ހިތް ތެޅިލިއެވެ. އަވިކް އަހަން އުޅެނީ ކޮން ސުވާލެއް ކަމާމެދު ޖެހިލުންވެ ހުރެވެސް އޭނާ ހުއްދަ ދިނެވެ.