ނަޒްލާ ފަރޫޝާ ފޯނުން ދެއްކި ވާހަކަތައް އަހައި ނިމިގެން ކޮޓަރިން ނިކުތުމުގެ ކުރީން ގޭގައި އުޅޭ ނޯކަރަކު އައިސް ދިން ބޮޑު ސިޓީ އުރައިގައި ހިފާފައި އޭގައި އޮތް ލިއުމުގައި ސޮއި ކޮށްލިއެވެ. އެއަށްފަހު ލިޔާ މޭޒު ކައިރިއަށް ގޮސް ނޯޓެއް ލިޔެލާފައި އަވިކްއަށް ފެންނާނެހެން ސިޓީއުރައާއެކު ބޯއަޅާ ބާލީސް ދަށުން އެއްބައި ފެންނަ ގޮތަށް ބޭއްވިއެވެ. ދެން ކަރުނަ ފުހެލާފައި ނިކުންނަން ވެގެން ދިޔައެވެ. "ގުޑްބައި އަވިކް" ނަޒްލާ ނިކުމެފައި ފަހަތުން ދޮރު ލައްޕާލިއިރު ހިތާހިތުން ބުނެލިއެވެ.

ރަށަށް އެރިގޮތަށް ނަޒްލާ އަވަސްވެގަތީ މަންމަ ދެކިލަން ދާށެވެ. ގެއާއި ހަމައަށްވެސް މަޑުނުކޮށް ފޮށްޓާއެކު އޭނާ ދިޔައީ ޞިއްޙީ މަރުކަޒަށެވެ. އޭނާ ޑްރައިވަރ ކައިރީ މަޑުކޮށް ދިނުމަށް އެދިފައި އަތް ދަބަހުން ނެގި ފޯނުން ނުހާއަށް ގުޅަމުން އެތެރެއަށް ވަދެގެން ދިޔައެވެ. ނުހާ ފަރާތުން މަންމަ އޮތް ތަނެއް އެނގުމުން ނިކަން ހަރުކޮށް ގޮސް ވޯޑަށް ވަންއިރު ޞައީދާ އޮތް އެނދުގެ ވަށައިގެން ނުހާމެން ދެމަފިރިންނާއި ޝާނިމްގެ އާއިލާއަށް ނިސްބަތްވާ ދެތިން މީހަކު ތިއްބެވެ. އެވަގުތު ނަޒްލާގެ ފިޔަވަޅު އަޑަށް ނުހާ އެނބުރި ބަލައިލާފައި ނަމުން ގޮވާލިއެވެ. ކުރިއަށް ދިޔައިރު ނަޒްލާގެ ނަޒަރު ހުއްޓިފައި ހުރީ އެނދުގައި އޮތް މަންމަގެ މޫނަށެވެ. ނުހާ އޭނާގެ ނަމުން ގޮވާލި އަޑު އަހާފައި ޞައީދާވެސް އެދިމާއަށް މޫނު އަނބުރާލައިގެން ބަލަން އޮތެވެ. ނަޒްލާ ގޮސް ހުއްޓުނުއިރު ލޮލަށް ކަރުނަތައް ފުރި ބާރުވެއްޖެއެވެ. އެތާގައި އެހެން މީހުން ތިބުމުން އޭނާ ތުންފަތުގައި ދަތް އަޅައިގެން ހުއްޓާވެސް ލޮލުން ކަރުނަ ތިއްކެއް ވެއްޓި ކޯތާފަތުން ތިރިއަށް ރޮނގު ދެމިލިއެވެ. 

"ނަޒޫ ތިއައީ ދޯ. ޑޮކްޓަރ ދެންމެ އައިސް ބަލާފަ ބުނީ އިތުރު މައްސަލައެއް ނެތިއްޔާ މާދަން ދޫކޮށްލާނަމޭ." ނުހާއަށް ނަޒްލާ ލޮލުން ކަރުނަ އައިތަން ފެނިގެން ނަޒްލާ ކޮނޑުގައި ހިފާ ބާރުކޮށްލައިފައި ކުރިމަތީ ތިބި ޝާނިމްއާއި އެގޭ ދެފިރިހެން ކުދިންނަށް ބަލައިލިއެވެ. "އެހެންތަ؟" ނަޒްލާ އަވަހަށް ކޯތާފަތް ފުހެލައިފައި ގަދަކަމުން ތުންފަތަށް ހިނިތުންވުމެއް ވެރިކުރިއެވެ. ލޯންޗްގައި އޭނާ އިންދާ ނުހާ ގުޅާފައި ފަޔާއި ބެހޭ އިތުރު ތަފްޞީލް ދީފައި އޮތުމުން އޭނާ އެއްވެސް ސުވާލެއް ކުރާކަށް ނުހަދައެވެ. ޞައީދާ ބަލަން އޮތުމުން އޭނާ ކައިރިވެލާފައި ދަގަނޑުބޭސް އަޅާފައި އޮތް ފައިގައި މަޑުމަޑުން ހިފަހައްޓާލިއެވެ. ދައްކަން ކިތަންމެ ވާހަކައެއް ހުރި ނަމަވެސް އޭނާއަށް އުދަނގޫވިއެވެ. "މަންމާ. އަހަރެން އިރުކޮޅަކުން އަންނާނަން އިނގޭ." ނަޒްލާ ނިކަން ލޯބިން މަންމަގެ މޫނަށް ބަލައިލިއެވެ. ޞައީދާ ހަރަކާތެއްވެސް ނުކޮށްލާ އެއޮތް ގޮތަށް އޮތެވެ. ނުހާ އަނެއްކާވެސް ކޮނޑުގައި ހިފާލައިފައި ނަޒްލާ އިހަށް ގެއަށް ދިއުމަށް ލަފާ ދިނުމުން އޭނާ ބޯ ޖަހާލައިފައި ދާން ފެށުމުން އެކުގައި ޝާނިމްވެސް ހިނގައިގަތެވެ. ޝާނިމް ނަޒްލާއެކު ކާރާއި ހަމައަށް ގޮސް ކުޑަކޮށް ވާހަކަ ދައްކާލައިފައި އެހިސާބުން ވަކިވީއެވެ. ނަޒްލާ ޑްރައިވަރަށް ޝުކުރު އަދާ ކޮށްފައި ކާރަށް އެރިއިރު ކަރުނަތައް ކޮންޓްރޯލް ނުވެގެން ފައިބަން ފަށައިފިއެވެ. ދުއްވަން އިން ޑްރައިވަރަށްވެސް އެކަން ސިއްރެއް ނުވިއެވެ. އޭނާ އަޑުނިކުމެދާނެތީ ތުންފަތުގައި ދަތް އަޅައިގެން އިނދެ އިރުއިރުކޮޅާ ލޯ ފުހެން ފެށުމުން ޑްރައިވަރ ސުވާލު ކުރީ އާއިލާގެ މީހަކު ނިޔާވީހޭ ކިޔައިފައެވެ. ޑްރައިވަރ ގެ މަޤްސަދަކަށްވީ ކޮންމެވެސް ސިފައެއްގައި އޭނާގެ ހަމްދަރްދީ ނަޒްލާއަށް ރައްދު ކުރުމެވެ. ނަޒްލާ އެވަގުތު ޑްރައިވަރގެ ސުވާލަށް ނޫނެކޭ ބުނެ ބޯ ހޫރާލިއެވެ. 

"އާއިލާގެ މީހަކު ނޫން. އެކަމަކު އަހަރެންގެ ރޫޚު މަރުވީ." އޭނާ ހިތާއި ހިތުން ބުނެ ލޯ މަރާލިއެވެ. ހަނދާނަށް އެވަގުތުވެސް އައީ މާލޭގައި ހުރެ އޭނާ ސޮއި ކުރި ލިއުމެވެ. އެގެއިން އޭނާ ނިކުތީއްސުރެ ޟަމީރު ހުއްޓުމެއްނެތި ކުރަމުން ދިޔައީ އެއް ސުވާލެކެވެ. "ނަޒޫ ކީއްތިކުރީ؟ ނަޒޫ ކީއްތި ކުރީ؟ ނަޒޫ ކީއްތިކުރީ؟" މިހެންނެވެ. އެކަމަކު ނަޒްލާ އުޅެނީ ޟަމީރުގެ އެސުވާލަށް ބީރު ކަންފަތެއް ދީގެންނެވެ. 

ނަޒްލާ ގެއަށް ދިޔައިރު ކުރިންވެސް ހީކޮށްގެން ހުރި ގޮތަށް ގެއޮތީ ހުހަށެވެ. ކޮޓަރި ދޮރު ކައިރިއަށް ސޫޓް ކޭސް ދޫކޮށްލައިފައި އޭނާ ވަންއިރު އެކޮޓަރި އޮތީ އަދިވެސް ކުރިންއޮތް ގޮތަށެވެ. ނަޒްލާ ކުދި ފިޔަވަޅު ތަކެއްގައި ގޮސްއެނދުގައި ފޫޖައްސާލައިގެން އިސްޖެހިފައި އިންދާ ކަންފަތުގައި ޖެހުނީ ކުއްލިއަކަށް އަވިކްގެ އަޑެވެ. ސިއްސައިގެން ގޮއްސައި އިސްއުފުލާލިއިރު އަވިކް ހުރީ ތަންކޮޅެއް ދުރުގައި އޭނާއަށް ބަލަހައްޓައިގެންނެވެ. ނަޒްލާ ފުންމައިގެން ތެދުވެފައި ދެލޯ ބޮޑުކޮށްގެން ހުއްޓާ ދެން ފެނުނީ އެއަށްވުރެ ހައިރާން ކުރުވަނިވި މަންޒަރެކެވެ. އަވިކް ކުރިމަތީގައި އެހުރީ ހަމަ އޭނާއެވެ. 

"ކީއްވެ؟ ކާކު ބުނީ އަހަރެންނަށްޓަކައި އެހެން ހުރިހާ ހުށައެޅުމެއް ޤަބޫލު ނުކުރާށޭ؟ ކާކު ބުނީ އަހަރެންނަށްޓަކައި ނުވަ އަހަރު ވަންދެން އިންތިޒާރު ކުރާށޭ؟ ކާކު ބުނީ އަހަރެންގެ އިންތިޒާރުގައި ނަޒޫގެ މުޅި ލައިފް ތިގޮތަށް ބޭކާރު ކޮށްލާށޭ؟ ކާކު ބުނީ... ކާކުހޭ؟" އަވިކް ހަޅޭތްލަވައިގަތް ލެއް ބާރު ކަމުން ސިއްސައިގެން ގޮއްސައި ނަޒްލާއަށް ހޭވެރިކަން ވިއެވެ. އޭނާއަށް އިނދެވުނީ އެނދުގައި ޖައްސާލި ގޮތަށެވެ. އެހާ ކުޑަ ހިނދުކޮޅަކަށް އެފެނުނީ ހުވަފެނެއް ހެއްޔެވެ؟ އެކަމަކު އެއީ މީގެ ދުވަސްތަކެއް ކުރިން އެކޮޓަރީގައި ހިނގާފައި ހުރި ހާދިސާއެކެވެ. ނަޒްލާ ރަނގަޅަށް ހަނދާން އެބަހުއްޓެވެ. އެއީ އޭނާއާއި އަވިކް ދެވަނަ ފަހަރަށް ވަކިވި ދުވަހެވެ. "އެދުވަހު ވަކިވި ގޮތަށް އަލުން އަހަރެންނާ ވިކް ދިމާނުވިނަމަ.... އަހަރެންގެ ހިތަށް ވާނެ ގޮތެއް ނޭނގެ. އެކަމަކު ވިކްގެ ހިތަށް އަނިޔާ ނުލިބި ސަލާމަތް ވީސް..." ނަޒްލާ އަމިއްލައަށް އެއްބަސްވިއެވެ. އޭނާ އެނދުގައި އޮށޯވެ ދެފައި ކުރުކޮށްލައިގެން އޮތީ ނުރޯން ވެގެންނެވެ. އޭނާ ރޮއިގެން ނުވާނެއެވެ. އޭނާ ކުރި ކަމެއް ވިއްޔާ ކުރީ އަވިކްއަށްޓަކައެވެ. އަވިކްދެކެ ވާލޯބިންނެވެ. ވީއިރު އެނިންމުމާމެދު އޭނާ ހިތާމަ ކޮށްގެން ނުވާނެއެވެ. އޭނާ ޖެހޭނީ ކަރުނަ ހިފަހައްޓާށެވެ. ހިތްވަރު ކުރާށެވެ. 

*****
މުޅި ދުވަހު ގެއާއި ދުރުގައި އުޅެފައި އަވިކް ގެއަށް އައީ އެރޭ ދިހައެއް ޖެހިފަހުންނެވެ. ކޮޓަރިއަށް ވަދެ އެއްޗެހި ބަދަލު ކޮށްގެން އެންމެ މިނިޓެއްވެސް އޭނާ އެތާ އެތެރޭ ހުންނާކަށް ގަސްތެއް ނުކުރިއެވެ. ކޮޓަރީގައި ހުރެގެން ނަޒްލާ މަތިން ހަނދާން ކުރާކަށް އޭނާ ބޭނުމެއް ނުވިއެވެ. ނަޒްލާ ފުރީއްސުރެ ތަކުރާރު ކޮށް ޟަމީރު އޭނާ ކުށްވެރި ކުރަނީއެވެ. އެކަމަކު އަވިކްގެ ނަޒަރުގައި ނަޒްލާއަށް އޭނާގެ ކުށް އިހްސާސް ކުރެވޭނީ އެއްފަހަރު ނަމަވެސް ހަރުކަށި ވެލައިގެންނެވެ. އޭނާ އެއްފަހަރު ހިތްވަރު ކޮށްގެން ދުރުން ހުރެފިއްޔާ ނަޒްލާ ރަށުން އެނބުރި އަންނައިރު ހުންނާނީ ވިސްނިފައެވެ. އަމިއްލަ ކުށް ޤަބޫލު ކުރެވި ކުރަންވީ ކަންތަކާއި ނުކުރަންވީ ކަންކަން އެނގިފައެވެ. އޭނާގެ ހިތަށް އަސަރު ކުރާ ވަރުވެސް ނަޒްލާއަށް އޭރުން އޮޅުން ފިލައިފާނެއެވެ. އަވިކް އަމިއްލަ ސިކުނޑިން މިހުރިހާ އެއްޗެއް ވިސްނަމުން ދިޔައިރު އޭނާ އަށް ނޭނގުނީ ނަޒްލާ ވަކިވެގެން އެދިޔައީ އެނބުރި ނާންނަ ގޮތަށް ކަމެވެ.

"އާޝިމާ! ކޮފީއެއް ތައްޔާރު ކޮށްދީބަލަ." އަވިކް ސިޑިން ތިރިއަށް ފޭބިއިރު ކާކޮޓަރިއަށް ވަންނަން ދިޔަ އާޝިމާ ފެނިގެން ގޮވާލިއެވެ. އޭނާ ނޫނީ ދެންތިބި ހުރިހާ ނޯކަރުން އެއްކޮށްގެން ފަރޫޝާ އުޅެނީ ލިލީ ކޮޓަރިން ނިކުމެގެން ހުންނަ ބެލްކަނި ޒީނަތްތެރި ކުރާށެވެ. ބާރަ ޖަހާއިރު ލިލީގެ އުފަން ދުވަހު ކޭކު ފަޅާއިރު އޭނާ ފާހަގަ ކުރަން އުޅެނީ ދެއުފާ އެއްފަހަރާއެވެ. އެކަމަކު އެކަން އިނގެނީ އޭނާއަށް އެކަންނެވެ. ނަޒްލާއޭ ކިޔާ މުސީބާތުން މުޅިން ސަލާމަތްވީ ކަމުގައި ފަރޫޝާ ހުރީ ނިންމައިގެންނެވެ.

އަވިކް އާޝިމާއާއި ވާހަކަދެއްކިއަޑަށް ސިޓިންރޫމް ސޯފާގައި ޓީވީ ބަލަން އިން ކަރަމްގެ ނަޒަރު އަވިކް މޫނަށް އަމާޒުވިއެވެ. އަވިކްއަށް ބައްޕަ ފެނިގެން ގަދަކަމުން ތުންފަތަށް ހިނިތުންވުމެއް ވެރިކޮށްފައި ގޮސް ކުރިމަތިވާ ގޮތަށް ހުރި ސޯފާގައި އިށީންދެލިއެވެ. "މަންމަ ބުނި ނަޒްލާ ފުރި ވާހަކަ." ކަރަމް ޓީވީ އަޑު މަޑުކޮށްލަމުން ވާހަކަދެއްކިއެވެ. އަވިކް ހަމައެކަނި ހޫމ އަޅުވާލައިފައި އިނީ ޓީވީއަށް ސަމާލުކަން ދިން ކަމަށް ހެދިގެންނެވެ. "ހުރިހާ ކަމެއް ރަނގަޅުތަ؟" ކަރަމްއަށް އަވިކްގެ ހިމޭންކަމުން އެއްޗެއް ވިސްނިގެން އަހައިލިއެވެ. "ރަނގަޅު." އަވިކް ބައްޕަގެ މޫނަށް ބަލައިލިއެވެ. އެވަގުތު އާޝިމާ ކޮފީ ހިފައިގެން އައުމުން އޭނާ ކޮފީ މަގު ހިފައިގެން ތެދުއްޖެއެވެ. ކަރަމް ބަލަން އިންދާ އަވިކް ގޮސް ނިކުތީ ގޯތިތެރެއަށެވެ.

އަވިކް ކޮފީ ބޯން ހުރެފައި ޖީބުގައި އޮތް ފޯނު ނަގަން އިރުކޮޅަކު ބަލަން ހުއްޓެވެ. ނަޒްލާ އަމާން ކަމާއެކު ރަށަށް ހިނގައްޖެތޯ ބަލަން އޭނާ ގުޅަން ބޭނުންވިއެވެ. ދެފިކުރެއްގައި އޭނާ ހުއްޓާ ކުއްލިއަކަށް ކަންފަތުގައި ޖެހުނީ ފަރޫޝާގެ ހަޅޭކުގެ އަޑެވެ. އެއާއެކު ލިލީގެ ރުއިމުގެ އަޑާއި ދާދި ކައިރިއަށް ކޮންމެވެސް އެއްޗެއް ވެއްޓި ޖެހުނު އަޑެވެ. އަވިކް ސިއްސައިގެން ގޮއްސައި މަތި ބަލާލިއިރު ފަރޫޝާ އޮތީ ރެއިލިންގައި ބަނޑުއަޅައިގެން ރޯށެވެ. އޭނާގެ އަތް ދިއްކޮށްގެން ހުރީ ދިމާ ތިރިއަށެވެ. އަވިކްއަށް ތިރި ބަލައިލަން އެނގުނީ ދެނެވެ. އެވަގުތު އޭނާގެ މޭގަނޑު އަނގަޔަށް އައި ކަހަލައެވެ. އަވިކްއަށް ފެނުނީ ތިރީގައި އޮތް ލިލީއެވެ. ބަސްބުނާހާ ހިނދުކޮޅެއްގެ ތެރޭގައި ލިލީގެ ހަށިގަނޑުން ތިރިއަށް ފޭދިގެން ލޭތައް ފެނިފައި އަވިކްގެ މުޅިހަށިގަނޑު ފިނިވެގެން ދިޔައެވެ. ހިނދުކޮޅަކަށް ގަނޑުވެފައި ހުރި ސިކުނޑި މަސައްކަތް ކުރަން ފެށުމުން އޭނާ ދުވެފައި ގޮސް ލިލީ ނަގައި އަތްދަނޑިމައްޗަށް ލައިގެން ދުވެފައި ގޮސް ގެއަށް ވަދެއްޖެއެވެ. ފަރޫޝާ ރޮމުން ސިޑިން ފޭބިއިރު ކަރަމްއާއި ޔައީޝްގެ އިތުރުން ދެންތިބި ހުރިހާ ނޯކަރުންވެސް އައިސް އެތަނަށް ޖަމާވެއްޖެއެވެ. 

ކުޑައިރުކޮޅެއްގެ ތެރޭގައި ލިލީ ހޮސްޕިޓަލަށް ގެންދެވުނެވެ. ސުދާ އީމާ ކައިރީ ގޭގައި މަޑުކުރި މީހާވެސް މިނިޓަކު ދެފަހަރު ކަހަލަ ގޮތަކަށް އަވިކްއަށް ގުޅާފައި ވާނުވާ ބަލައެވެ. ކަރަމް އިނީ ފަރޫޝާ ގޮވައިގެން ގޮނޑިބަރީގައެވެ. އަވިކް އެތާ އިނުމުން ނޫންކަމެއްވެސް ނޭނގެއެވެ. ޔައީޝް ގޮސް ހުރީ ތަންކޮޅެއް ދުރުގައި ކޮޅަށެވެ. ފަރޫޝާ ކަރުނަ ފުހެމުން ރުއިން ކޮންޓްރޯލް ކުރެވޭތޯ މަސައްކަތް ކުރަމުން ދިޔައިރު ކަރަމް އޭނާގެ ކޮނޑުގައި ފިރުމަމުން ހިތްވަރު ލައިދެއެވެ. "އަހަރެންނަކަށް ނޭނގެ ލިލީ ބެލްކަންޏަށް ނިކުންނާނެ ކަމެއް. އަހަރެން ހީކުރީ ލިލީ އޮތީ ނިދާފަ ކަމަށް. އެހެން ހުއްޓާ އެތާ މަސައްކަތުގައި އުޅުނު މީހަކަށް ފެނިގެން ލިލީއޭ ގޮވާލީމަ ބަލާލިއިރު ލިލީ ހުރި އެތާ ހުރި ހަރުގަނޑަށް ކޮޅަށް އަރާ. ލިލީ އުޅުނީ މަތީގައި ދިއްލާފައި ހުރި ޕޭޕަރ ލެންޓަން ތަކުގައި އަތްލަން. ދެން ފެނުނީ ހަމަ ކުއްލިއަކަށް ތިރިއަށް ވެއްޓުނުތަން." ފަރޫޝާ ކަރުނައިގެ ތެރެއިން ކިޔައިދިނެވެ. އިތުރަށް އޭނާ ކޮންމެ އެއްޗެއް ބުންޏަސް ފަރޫޝާގެ ހިތްދަތިކަން ކުޑަ ނުވާނެކަން އިނގޭތީ ކަރަމް އިޚުތިޔާރު ކުރީ ހިމޭންކަމެވެ.

އިމަޖެންސީ ރޫމުން ނެރުނު ގޮތަށް ލިލީ ބަދަލު ކުރީ އައި ސީ ޔޫ އަށެވެ. އިރުގަނޑެއް ފަހުން ޑޮކްޓަރ އައިސް ބައްދަލު ކޮށްފައި އިތުރު ތަފްޞީލް ދިނެވެ. ލިލީގެ ސިކުނޑިއަށް ބޮޑު އަނިޔާތައް ލިބިފައިވާ ކަމާއި ހާލަތު ވަރަށްވެސް ނާޒުކް ކަމެވެ. ފަރޫޝާގެ ހިތާއި އެންމެ ބޮޑަށް ކުޅެލީ ޑޮކްޓަރ އެންމެ ފަހުން ބުނި ވާހަކައެވެ. އެއީ އެމީހުން އެމީހުންނަށް ވެވުނުހާ މަސައްކަތެއް ކުރަމުން ދާނެ ވާހަކައާއި އިތުރަށް އެދަރިފުޅަށް އާއިލާ ގެ މީހުންގެ ހެޔޮ ދުޢާގެ ބޭނުން ޖެހިފައިވާ ވާހަކައެވެ. އެތައް ދުވަހަކަށްފަހު ފުރަތަމަ ފަހަރަށް ހެއްދެވި ފަރާތުގެ ކުރިމަތީ އަމިއްލަ ނަފްސްގެ ކުޑަކަން ފަރޫޝާއަށް އިހްސާސްވިއެވެ. އޭނާ އަމިއްލަ އުފާތައް ހާޞިލް ކުރުމަށްޓަކައި ކުޅެލީ ކިތައް މީހުންގެ ދިރިއުޅުމާ ހެއްޔެވެ؟ ވީއިރު އޭނާ ފަދަ މީހެއްގެ ދުޢާ އެފަރާތުން އިޖާބަ ކުރައްވާނެ ހެއްޔެވެ؟ އޭނާ ކުރި ކުށްތަކުގެ ބަދަލުގައި އެފަރާތުން އޭނާއަށް ދެއްވަން ނިންމާފައިވާ ސަޒާ އަކީ ލިލީ މަރު ކަންނޭނގެއެވެ. 

"ނޫން. ނޫން." އަމިއްލަ ހިޔާލުގައި ހުރެ ފަރޫޝާއަށް ރޮއިގަނެވުނެވެ. އެއަޑަށް ދެންތިބި އެންމެންވެސް ހައިރާންވެފައި ބަލަން ފެށިއެވެ. "ކަރަމް. މިތަނަށް ސުދާ ގެނެސްދީ!" ފަރޫޝާ ކަރަމްއަށް ބަލަން އިނދެފައި އާދޭހުގެ ރާގެއްގައި ބުނެލިއެވެ. "ސުދާ؟" ކަރަމް ހައިރާން ވެގެން އެނަން ކިޔާލިއެވެ. ފަރޫޝާ އެތަނަށް ސުދާ ގެންނަން ބޭނުންވާ ސަބަބެއް އޭނާއަކަށް ނުވިސްނުނެވެ. "ހެޔޮނުވާނެ. މިތަނަށް ސުދާ ގެނެސްދީ. އަހަރެންގެ ލިލީ ސަލާމަތް ކުރެވޭނީ އޭރުން." ފަރޫޝާ ދެއްކި ވާހަކަ އެކަކަށްވެސް ދޭހައެއް ނުވިއެވެ. އެމީހުން ހީކުރީ ލިލީއަށް ވީ ގޮތް ފެނިގެން ފަރޫޝާ މޮޔަ ގޮވަން ފެށީ ކަމަށެވެ. "...އަވިކް ދޭ މަންމަ ގޮވައިގެން އަންނަން." ކަރަމް އެންމެ ފަހުން ފަރޫޝާގެ އެދުން ފުރިހަމަ ކޮށްދޭން ނިންމިއެވެ. އަވިކް ކިޔަމަންތެރި ކަމާއެކު ބޯ ޖަހާލައިފައި އެތަނުން ނިކުމެގެން ދިއުމުން ފަރޫޝާ ދެއަތް ގުޅުވާލައިގެން ހުރެ ދެކޮޅަށް ހިނގަން ފެށިއެވެ. ކުރަން މިއުޅެނީ މުޅި ހަޔާތުގައިވެސް އޭނާ ކުރާނެ އެންމެ ރަނގަޅު ކަންތައް ކަމުގައި ހިތް ބުނަމުން ދިޔައެވެ. ފަހުންވާނެ ގޮތެއް ވިސްނާކަށް ފަރޫޝާ ބޭނުމެއް ނޫނެވެ. ލިލީއަކީ އޭނާގެ މޭގެ އެތިކޮޅެވެ. ލިލީގެ ކުރިމަތީގައި އެހެން ހުރިހާ އުފަލެއް އެއީ އޭނާއަށް ކުނޑި ފަށެކެވެ. މިހާދުވަހު އޭނާ އެއެއްޗެއްގެ ފަހަތުން ދުވި މުދަލާއި ފައިސާ މިއަދު ފުރަތަމަ ފަހަރަށް ބޭކާރު އެއްޗެހިތަކެއްގެ ގޮތުގައި ފެންނަން ފަށައިފިއެވެ. ނޫނީ ފަހަރުގައި ދަރިފުޅުގެ އަނިޔާއިން ލިބިފައި ހުރި ޝޮކްގައި އޭނާއަށް ކުރެވޭ ނުކުރެވޭވެސް ނޭނގެނީ ކަމަށް ވެދާނެއެވެ.

"އަހަރެން ބޭނުމީ ތިއެންމެންގެ މަޢާފު." ސުދާ އައިސް އެންމެން ހަމަވުމުން ފަރޫޝާ ކޮޅަށް ތެދުވެ އެންމެންނާއި ކުރިމަތި ވާގޮތަށް ހުއްޓިފައި ބުނެލިއެވެ. ޔައީޝް ދުރުގައި ހަށަން ބަނދެލައިގެން ހުރި މީހާ ފާޑަކަށް އެއް ބުމަ އަރުވާލިއެވެ. ފަރޫޝާ ބުނި ވާހަކަ އޭނާއަށް ގަބޫލު ކުރަން ދަތިވީއެވެ. ކަރަމް އާއި ސުދާ އެކަކު އަނެކަކަށް ބަލައިލީއިރު އަވިކް އިނީ އިސްޖަހައިގެންނެވެ. ފަރޫޝާގެ ވާހަކައިން އޭނާ ހައިރާނެއް ނުވިއެވެ. އޭނާ ސުވާލު އުފެދުނީ މާ ކުރީގެ ކަމެއްގެ ވާހަކަ ދައްކައިގެން މަޢާފް ހޯދަން އެހާ ނާޒުކް ވަގުތު ކޮޅެއްގެ ބޭނުން ފަރޫޝާ ހިފީމައެވެ. "އަހަންނަކަށް ނޭނގެ ކިހިނެތް ކަމެއް. އެކަމަކު އަހަރެން މިދައްކަން އުޅޭ ވާހަކަ ސުދާއަށް މިހާރު އެނގޭ." ފަރޫޝާ ބުނި އެއްޗަކުން ސުދާ ލޯ ބޮޑުވިއެވެ. އަނެއްކޮޅުން ކަރަމް އާ ދެންތިބި މީހުންގެ ލޮލުގެ އަމާޒުފަތްގަނޑަކަށް ސުދާ ވެއްޖެއެވެ. "އަހަރެންނަށް އެއަޑު އިވުނީ ސުދާ ނަޒްލާ ކައިރީ ދެއްކި ދުވަހު. އަހަރެން ހީކުރީ އަހަރެން ކުރި ކަންތައް އެކަކަށްވެސް ނޭނގޭނެ ކަމަށް." ފަރޫޝާގެ ވާހަކަ އެހިސާބަށް ދިޔައިރު އެބުނާ ވާހަކައެއް ސުދާއަށް ވިސްނިއްޖެއެވެ. 

"ކޮންވާހަކައެއް ފަރޫޝާ އެދައްކަނީ؟" ކަރަމް ސުދާ އަތުގައި އަތް ޖައްސާލައިފައި އެހިއެވެ. ސުދާ ކަންބޮޑުވީ ދެނެވެ. އޭނާއަށް އެނގި ހުރެ ކަރަމްއަށް ސިއްރު ކުރެވުނީތީ މިހާރު ހިތާމަ ކުރަން ޖެހިއްޖެއެވެ. "އަހަރެން ބުނެފާނަން." ފަރޫޝާ ކަރަމްގެ ސަމާލުކަން އެދިމާއަށް އަނބުރާލިއެވެ. "ނުވަ އަހަރު ކުރިން އަހަރެންނަށް ކަރަމްގެ އަންބެއްގެ މަޤާމު ލިބުމުން އަދި އެވަރަކުން އަހަރެންނަކަށް ނުފުދުނު. އަހަރެން ބޭނުންވީ ސުދާ ނައްތާލަން. އެހެންވެ އެއްދުވަހަކު އަހަރެން ސުދާ ސިޑީގެ އެންމެ މަތިންވައްޓާލީ މަރާލަން. ނުބައި ގަޑިއެއްގައި ނުބައި ތާކު ހުރެވިގެން ކުށްވެރިވީ ގޭގައި އޭރު އުޅުނު ނޯކަރު. އޭނަ އަހަރެން މަތި ކުރުމުން އެންމެން ހީކުރީ އޭނަ ސަލާމަތްވާން އަހަރެން ބޮލަށް ޖެހީ ކަމަށް. އެހެންވެ އޭނަ ކަމާ ބެހޭ ފަރާތާ ހަވާލުކޮށް ޑީޕޯޓް ކޮށްލެވުނީ. އެކަމަކު އެވަރުންވެސް ސުދާ މަރެއްނުވި. އެދުވަހުގެ ފަހުން ނުހިނގެން ފެށީ." ފަރޫޝާގެ ވާހަކަ ނިމުނުއިރު ކަރަމް ތެދުވެ ހުރީ ކޮޅަށެވެ. އެދެލޯ ރަތްވެ އަނގުރު އަލިފާން ކޮޅަކަށް ވެއްޖެއެވެ. ކައިރީ ހުރި އެހެން މީހަކަށް ނުބަލާ ކަރަމް ދިއްކޮށްލި އަތުން ހިފީ ފަރޫޝާގެ ކަރުގައެވެ. އަވިކް އާއި ޔައީޝް އެދެމީހުން ދުރުކުރަން އަންނަން ތައްޔާރު ކޮށްލި ވަގުތު ކަރަމް އެހުރި ގޮތަށް ހުރެ ފަރޫޝާ ގެންގޮސް ދިމާ ކުރިމަތީ ހުރި ފާރުގައި ޖައްސާ ބާރުކޮށްލިއެވެ. ފަރޫޝާ ނޭވާ ނުލެވިގެން ތެޅިފޮޅެމުން ކަރަމް އަތުގައި އޭނާގެ ދެއަތުން ހިފާ ދުރުކުރަން މަސައްކަތް ކުރަމުން ދިޔައެވެ. އޭނާ ދެލޯ ހީވަނީ ނިކުމެދާނެ ހެންނެވެ.

"ބައްޕާ ޕްލީޒް. ދޫކޮށްލާ. މިއަންހެންމީހާ އާއި އަހަރެމެންގެ ނަފްރަތުވެސް އެކަށީގެނެއްނުވޭ." އަވިކް ވިސްނުން ތެރިއެއްހެން ކަރަމްގެ އަތުގައި ހިފާ ތިރިކުރިއެވެ. ފަރޫޝާގެ މޫނަށް އޭނާވެސް ބަލައިލީ އަލިފާންފަދަ ބެލުމެކެވެ. "މާފުކުރޭ އަވިކް. ނަޒްލާ އެގޮތަށް އަވިކް ދޫކޮށްފަ އެދިޔައީވެސް އަހަރެންގެ ސަބަބުން." އަވިކް ކަރަމްގެ ދެކޮނޑުގައި ހިފައިގެން އަނެއްފަރާތުގައި ހުރި ގޮނޑިތައް ކައިރިއަށް ގެންދަން އެނބުރިލުމުން ފަރޫޝާ ބުނެލިއެވެ. އަވިކް ބަލައިލިއިރު ފަރޫޝާ ތިރިވެ އިނދެގެން ކެއްސުން ވަރު މައިތިރި ވޭތޯ މަސައްކަތް ކުރަނީއެވެ. 

" ދުވަސްކޮޅެއް ވެއްޖެ އަހަރެން ވަރިއަށް އެދޭ ފޯރމް ތައްޔާރު ކޮށްގެން އުޅޭތާ. ނަޒްލާ މަންމަ ކައިރިއަށް ރަށަށް ދާން އުޅޭކަން އެނގިގެން އަހަރެން ހިތަށް އެރީ ނަޒްލާ ކައިރިން ސަލާމަތްވާން އެޔޭ އެންމެ ރަނގަޅު ވަގުތަކީ. އަހަރެން ގުޅާފަ އޭނަ ކައިރީ ބުނީ ސުދާ ހުރި ހާލުގައި އަވިކް އިންނަން ބޭނުން ނޫނިއްޔާ ވަރީގެ ސެޓްފިކެޓްގަ ސޮއިކޮށްފަ ދާން. އަހަރެންނަށް ނަޒްލާއަށް އިތުރު އެހެން ގޮތެއް ނުވިސްނޭނެކަން. އޭނާގެ މަންމަގެ ހާލަތާއި އަދި އަވިކްއާ ނަޒްލާ މެދުގައި ޖެހިފައި އޮތް މައްސަލައިގެ ސަބަބުން ނަޒްލާ ހުންނާނީ ހާސްކަމެއްގައިކަން." ފަރޫޝާގެ ވާހަކަ އިވިގެން އަވިކް މިފަހަރު ހުރީ ހުއްޓިފައެވެ. އިވުނު ވާހަކަތައް ރަނގަޅަށް ސިކުނޑީގައި ޕްރޮސެސް ނުވެގެން ހުރި ކަހަލައެވެ. "އަދި އެވަރުން ނިމުނީއެއް ނޫން. އަވިކް އާ ނަޒްލާގެ މެދުގައި ހަމަނުޖެހުން އުފައްދަން ޔައީޝްއަށް އެންމެ ބޮޑަށް ބާރު އެޅި މީހަކީވެސް އަހަރެން. އަހަރެން މިއަދު ހުރިހާ ކުށަކަށް މި އިޢުތިރާފްވީ ތިއެންމެންގެ މަޢާފު އަހަރެން އެދޭތީ. އަހަންނަށް ލިލީގެ ފުރާނަ އެދިގެން ﷲގެ ހަޟްރަތުގައި ދެންނެވޭނީ އޭރުން." ފަރޫޝާ ތެދުވިއިރު ލޮލުން ހޯސްލާފައި ކަރުނަ އަންނަނީއެވެ. އެކަމަކު އެތާ ތިބި އެކެއްގެ ހިތަކަށްވެސް މިއަދު އެކަރުނައަކުން އަސަރެއް ނުކުރިއެވެ. 

ސުދާ ކަންބޮޑުވެފައި ހުރީ އަވިކްއާ ދޭތެރޭގައެވެ. އަވިކް އަދިވެސް އެއްދިމާއަކަށް ބަލަހައްޓައިގެން ހުރި ގޮތަށް ހުރީއެވެ. ޔައީޝް ހުރީ އެންމެ ފަހު ވަގުތު އިސްޖެހިފައެވެ. އަޖައިބެއްފަދަ ހިމޭންކަން އެތަނަށް ވެރިވި ހިނދުކޮޅެކެވެ. ދެން ކުއްލިއަކަށް ފެނުނީ އައި ސީ ޔޫއަށް ވަންނަން ދުވެފައި ދިޔަ ދެ ޑޮކްޓަރާއި ނަރުހުންތަކެވެ. އެމީހުންގެ ފަހަތުން ފަރޫޝާ އާއި ކަރަމް ދުއްވައިގަތެވެ. ފަހަތުން ޔައީޝްވެސް ދިޔައެވެ. އެކަމަކު އަވިކް ހުރީ އަދިވެސް ހުއްޓިފައެވެ.

"އަވިކް!" ސުދާ ނިކަން އަސަރާއެކު ގޮވާލިއެވެ. "މަންމާ. އަހަރެން އެބަ އަންނަން." އަވިކް ސުދާއަށް ބަލައިވެސް ނުލައި އިސްޖަހައިގެން އެތަނުން ނިކުންނަން ހިނގައިގެންފިއެވެ. ސުދާ ލޮލަށް ގިނަވެފައި ހުރި ކަރުނަތައް ހިންދާލައިގެން އެހެން މީހުން ފެންނާނެ އިރެއްގެ އިންތިޒާރުގައި އިނެވެ.

އަވިކް ބާރު ބާރަށް ކާރު ދުއްވާލައިފައި ގޮސް ގެއަށް ވަންއިރު ނޯކަރުންގެ އެންމެން ކަހަލަ ގޮތަކަށް ސިޓިންރޫމަށް އެއްވެގެން ތިއްބެވެ. އަވިކް ދޮރުން ވަދެގެން ދާން ފެށުމުން އެންމެން ސޯފާއިން ތެދުވެފައި ލިލީއާ ބެހޭ ގޮތުން ސުވާލު ކުރީ އާޝިމާއެވެ. އެކަމަކު އަވިކް އެސުވާލަށް ޖަވާބެއް ނުދިނެވެ. އޭނާ ހަރުކޮށް ސިޑިން އަރައިގެން ގޮސް ވަނީ ކޮޓަރިއަށެވެ. ދޮރު ހުޅުވާލި ގޮތަށް އޭނާ މޮޔައެއްހެން އެތަން މިތަން ހޯދަން ފެށިއެވެ. އަލަމާރި ހުޅުވައި އެތެރޭގައި ހުރި ހުރިހާ އެއްޗެއް ކަހަލަ ގޮތަކަށް ދަމާ ނެރުނެވެ. ލިޔާމޭޒުގެ ވަތްގަނޑާއި ސައިޑް ޓޭބަލް ވަތްގަނޑުގައި ހުރިއްޔާ ހުރި ލިއެ ކިއުމެއް ޓައިލްސް މައްޗަށް އަޅާލިއެވެ. އެންމެ ފަހުން ރުޅިގަދަ ވެގެން ދެފަހަރު އަޑުގެ ކޮޅަށް ހަޅޭތްވެސް ލަވައިގަތެވެ. ފަރޫޝާ އެބުނާ ލިއުން ނުފެނިގެން އޭނާ މޮޔަވާން ކައިރިވެފައި ހުރެ ގޮސް އެނދަށް ވެއްޓިގެންތަނާ ބާލީސް ދަށުން ނިކުމެފައި އޮތް އެއްޗެއް ލޮލުގައި އަޅައިގެންފިއެވެ. އަވިކް އަވަހަށް ފުންމައިގެން ތެދުވެ އިށީންދެފައި ސިޓީއުރަ ނެގި ވަގުތު އޭގެ މަތީގައި ފަތް ޖަހާލައިފައި އޮތް ކުޑަ ކަރުދާސްކޮޅު ވެއްޓުނީ ތިރިއަށެވެ. އަވިކް ގުދުވެފައި ފުރަތަމަ އެކަރުދާސްކޮޅު ނިއުޅާލިއިރު ނަޒްލާ ލިޔެފައި އޮތީ "ވިކް! އައި ކޭން ނޯ ލޯންގާ ބީ ވިތް ޔޫ. ދިސް ޓައިމް އައެމް ލީވިން...ފޯ ގުޑް. އައި ބްލީވް އިޓްސް ދި ބެސްޓް ފޯ ބޯތް." މިހެންނެވެ. ކިޔާނިމުނުއިރު ކަރުދާސްކޮޅު އޮތީ އަވިކްގެ މުށުތެރޭގައި ބޮނޑިވެފައެވެ. އޭނާ އެކަރުދާސްކޮޅު ތިރިއަށް ދޫކޮށްލައިފައި ދެން ނެގީ ސިޓީ އުރަ ތެރޭ އޮތް ލިއުމެވެ. މަތީގައި ބޮޑު އަކުރުން ވަރިކުރުމަށް އެދޭ ފޯރމް ޖަހާފައި އޮތް ލިއުމުގައި އޮތް ދެނަމުން ކުރެ ނަޒްލާގެ ނަން ޖަހާފައި އޮތް ތާނގައި އޮތީ ނަޒްލާ ސޮއި ކޮށްފައެވެ.

ކޮމެންޓް 0