"އަވިކް؟" އިރުކޮޅެއް ނުވެ ފަހަތުން ކޮންމެވެސް މީހަކު ގޮވާލި އަޑަށް އަވިކް އެނބުރި ބަލައިލާފައި ބުނާނެ އެއްޗެއް ނޭނގިގެން ބަލަން ހުރެވުނެވެ. ކުރިމަތީ ހުރީ އޭނާ ކުރިން ދެކުނު އަންހެން ކުއްޖެއް ނޫނެވެ. އެކަމަކު އޭނާ އަވިކްގެ ނަން ކިޔާލި ގޮތުން އެކުއްޖާއަށް އަވިކް އެނގޭހެން ހީވިއެވެ. "ނަޒޫ ދިން އެއްޗެއް." އަންހެންކުއްޖާ ދިއްކޮށްލީ ބަންދުކޮށްފައި އޮތް ސިޓީ އުރައެކެވެ. އަވިކް އޭގައި ހިފާފައި ބަލަހައްޓައިގެން ހުއްޓާ އޭނާ ފަސްދީފައި ގޮސް ދުރުގައި އޮތް ޓެކްސީއަކަށް އަރައިފިއެވެ. "ދީފައި މިއައީ." އަންހެންކުއްޖާ ކާރަށް އަރާފައި ވާހަކަދެއްކިއެވެ. ބިއްލޫރިގަނޑުން ދުރުގައި ހުރި އަވިކްއަށް ބަލަން އިނދެފައި ނަޒްލާ މޫނު އަނބުރައިލީ އެއަޑަށެވެ. "ތޭންކްސް ލައިލާ." ނަޒްލާ ހިނިތުންވެލިއެވެ. ޑްރައިވަރ ކާރު ދުއްވާލުމުން އޭނާ އަނެއްކާ އަވިކް ހުރި ދިމާއަށް މޫނު އަނބުރާލިއެވެ. ސިޓީއުރައަށް ބަލަހައްޓައިގެން އަވިކް އަދިވެސް ހުރީ އެހުރި ފިޔަވަޅު މަތީގައެވެ.

"ސޮރީ އަވިކް. ވަރަށް ބޮޑަށް ސޮރީ. އެކަމަކު ޒާހިދުއަށް އަހަރެން ދަރާފައިވާ ދަރަނި މިއަދު ކުރިއަށްވުރެވެސް ބޮޑުވެއްޖެ." ނަޒްލާ އަވިކް ލޮލުކޮޅަށް ގެއްލުމުން ސީޓުގައި ބުރަކަށި ޖައްސާލަމުން ހިތާއި ހިތުން ބުނެލިއެވެ. ލޯ މަރައިލުމުންމުން ހިތަށް ސިފަ ވެގެން ދިޔައީ ކުޑައިރުކޮޅެއް ކުރިން ހިނގާދިޔަ ހާދިސާގެ މަންޒަރުތަކެވެ.
*****

އުތުރު ބަނދަރު ގައި ދަތުރުވެރިން ތިބުމަށް ހަދާފައި ހުންނަ ތަނުގައި ނަޒްލާ އިންނަތާ އިރުގަނޑެއް ފަހުން ރަށު ބޯޓުން ފުރާ މީހުންތައް އައިސް އަރަން ފެށިއެވެ. އެތަނުން ބައެއް މީހުނަށް އޭނާ ފެނިގެން ގޮވައިލައެވެ. ނަޒްލާ ގަޑި ބަލާލިއިރު ގިނަ ވަގުތެއް ނެތުމުން މަންމަ ކޮބައިތޯ ބަލަން ވެގެން ސޫޓް ކޭސް ދަމަމުން އެތަނުން ނިކުތެވެ. އިރުކޮޅެއް ނުވެ އެތަނަށް ކައިރިކޮށްލި ކާރުން ފޭބިތަން ފެނުނީ ޞައީދާއެވެ. ނަޒްލާ މަންމާއޭ ގޮވާލި އަޑަށް ޞައީދާ ބަލައިލާފައި އޭނާގެ ކައިރިއަށް އައެވެ. "ހިނގާ އަރަން!' ޞައީދާ ހަތަރުކަޅި ހަމަކޮށްލުމުން ނަޒްލާ ކިޔަމަންތެރި ކަމާއެކު ބޯ ޖަހައިލިއެވެ. ބޯޓަށް އަރަން ކައިރިވެތިބި މީހުންގަނޑުގެ ފަހަތުގައި އެމީހުން ހުއްޓިގެން ހުއްޓާ ނަޒްލާގެ ފޯން ރިންގް ވާން ފެށުމުން ބަލައިލިއެވެ. ކަންބޮޑުވެގެން ނަޒްލާއަށް ބަލައިލެވުނީ މަންމަގެ މޫނަށެވެ. އެގަޑީގައި ޒާހިދު ގުޅާތަން ފެނުމުން އޭނާއަށް ވިސްނަންވީ އެއްޗެއް ނޭނގުނެވެ. 

"މަންމާ ޒާހިދު." ޞައީދާ ބަލަން ހުރުމުން ނަޒްލާ ބުނެލިއެވެ. "ދެން ނަގަންވީއެއްނު. ކީއްވެ ތިހުންނަނީ؟" ޞައީދާގެ ޖަވާބު އިވުމުން ނަޒްލާ ސޫޓް ކޭސް އަތްގަނޑުން ދޫކޮށްލައިފައި ދެފިޔަވަޅެއް ވަރު ފަހަތަށް ޖެހިލި ގޮތަށް ފޯނު ނަގައިފިއެވެ.

"ހަލޯ." ނަޒްލާ މަޑުމަޑުން ބުނެލިއެވެ. "ނަޒޫ ކޮންތާކު؟" ޒާހިދު ކޮށްލީ ސުވާލެކެވެ. "ބަނދަރުގަ." ނަޒްލާ ދޮގު ހަދާކަށް ނޫޅުނެވެ. ރަށަށް ދާއިރަށް ހަޤީޤަތް އޮންނާނީ ކުރިމަތީގައެވެ. "ނަޒޫ މަންމަ އެބަހުރިތަ ކައިރީގަ. އަހަރެން ބޭނުން ނަޒޫ މަންމަ އާއި ވާހަކަ ދައްކަން. ދީބަލަ ފޯނު." ޒާހިދު ބޭނުންވާ ގޮތް އެނގުމުން ނަޒްލާގެ ހިތް ސުވާލު ތަކުން ފުރުނެވެ. އޭނާ ދެކޮޅު ބަލާލައިފައި މަންމަ އަތުގައި ހިފާލިއެވެ. ބޯޓުގައި ހުރި އެހީތެރިންގެ މީހުން އެމީހުންގެ ފޮށިތައް އެތެރެ ކުރުމުން ނަޒްލާ ޞައީދާ ގޮވައިގެން އެއްފަރާތަކަށް ޖެހިލައިފައި މީހުން ނެތް ތަނެއްގައި ހުއްޓުނެވެ. "މަންމާ ޒާހިދު ބޭނުންވޭ މަންމަ ކައިރީ ވާހަކައެއް ދައްކަން." ޞައީދާ ސުވާލު ކުރަން ފެށުމުން ނަޒްލާ ފޯނު ދިއްކޮށްލިއެވެ. ބަލަ ބަލާ ހުއްޓާ އޭނާއަށް ފެނުނީ މަންމަގެ މޫނަށް ތަފާތު ކުލަތައް އަރާ ފައިބަމުން ދިޔަ ތަނެވެ. އެންމެން އަރާ ނިމެން ކައިރިވެފައި ހުއްޓާ ޞައީދާ ފޯނު ކަންފަތާއި ވަކި ކޮށްލާފައި ނަޒްލާ އަތަށް ދިނީ އެއްވެސް އެއްޗެއް ނުބުނެއެވެ. މަންމަ އަލުން ބޯޓާއި ދިމާއަށް ދާން ފެށުމުން ނަޒްލާވެސް މަންމަ ފަހަތުން ދިޔައެވެ.

"ނަޒްލާ މަޑު ކުރޭ!" ނަޒްލާ ބޯޓަށް އަރަން ވެގެން އެތާހުރި މީހެއްގެ އަތުގައި ހިފާލަން ތައްޔާރުވިތަނާ ޞައީދާ ބުނެލިއެވެ. "ކިހިނެތްވީ މަންމާ؟" ނަޒްލާ ސުވާލު ކުރިއެވެ. "އަހަރެން ބުނާނީ އެންމެ ވާހަކައެއް. ނަޒްލާއަށް ޒާހިދު އެކުރާ އިތުބާރު ކުރާނެ ދެވަނަ މީހަކު ނުހުންނާނެ. އެކަހަލަ ދެވަނަ ފިރިހެނަކު ދުވަހަކުވެސް ނުލިބޭނެ." މަންމަ ދިން ޖަވާބުން ނަޒްލާއަށް އެކައްޗެއްވެސް އޮޅުމެއް ނުފިލިއެވެ. "ނަޒްލާ ހުރޭ. ޒާހިދުއަށް އިތުބާރު ކޮށްފަ އަހަރެން އަދިވެސް އެއްފަހަރު ނަޒްލާ ކިޔަވަން ފުރުސަތު ދީފިން. އެނގިދާނެ ވާގޮތެއް." ޞައީދާ ކުރިއަށް ޖެހިލާފައި ބޯޓުގައި ހުރި މީހާގެ އެހީތެރިކަމާއެކު އަރައިފިއެވެ. ނަޒްލާ ހުއްޓުން އަރައިފައި އެހުރި ގޮތަށް ހުއްޓާ ޞައީދާ އެމީހާ ކައިރީ ބުނެގެން ނަޒްލާގެ ފޮށިވެސް އަލުން އަނބުރާ ވާޓަރު މައްޗަށް ލައިދީފިއެވެ.

"މަންމާ!" ބޯޓު ނައްޓާލި ފަހުން ނަޒްލާގެ ސިކުނޑި މަސައްކަތް ކުރަން ފެށުމުން ގޮވާލެވުނެވެ. ޞައީދާ އޭރު އެތެރެއަށް ވަންނަނީއެވެ. ނަޒްލާގެ އަޑަށް އޭނާ އެނބުރި ބަލައިލުމުން ނަޒްލާ އަވަހަށް ހަނާ އަޅާލިއެވެ. މަސްހުނި އަސަރުތަކާއި ހުރެ އޭނާގެ ދެލޯ ފެންކަޅި ވެފައި ވެއެވެ. ކޮންމެ ގޮތަކަށް ކަންތައްތައް ހިނގާފައި ވިއެއް ކަމަކު މަންމަ ވަކި ވެގެން ދާތަން ފެނުމުން އޭނާ ދެރަވިއެވެ. 

ޒާހިދުއަށް ނަޒްލާ ގުޅީ ސޫޓް ކޭސް ހިފައިގެން އެނބުރި ގޮސް ދަތުރުވެރިން ތިބޭ ތަނުން ގޮނޑިއެއްގައި އިނދެފައެވެ. މަންމަ ކައިރީ ޒާހިދު ބުނި އެއްޗެއް ބަލަން އޭނާ ކެތްމަދުވިއެވެ. ހުވަފެންތައް ފުނޑު ފުނޑުވެގެން ދިއުމުގެ ކުރިން ޒާހިދު އެމަންމަ ރުއްސީ ކިހިނެތްކަން އޮޅުންފިލުވަން އެދެވުނެވެ. "ޒާހިދު! ޒާހިދުއަށް ކިހިނެތް އެނގުނީ މަންމަ އަހަރެން ރަށަށް ގެންދަން އުޅޭކަމެއް؟" " ނަޒްލާ ފޯނު ކަންފަތުގައި ޖަހައިގެން ހުރެފައި ޒާހިދު ވާހަކަ ދައްކަން ފެށުމުން ފުރަތަމަވެސް އަހައިލިއެވެ. "ނަޒޫ ދޮންތަ ފަރާތުން އަހަރެންނަށް ހުރިހާ ވާހަކައެއް އެނގުނީ. ނަސީބެއްނު ވަގުތު ފާއިތު ނުވަނީސް ނުހާ އަހަރެންނާއި ބައްދަލު ކުރިކަން. އެވަރުވެގެން ދިޔައިރު ނަޒޫ ކީއްވެ އެންމެ ފަހަރަކު ގުޅާލައިފަ ނަމަވެސް ނުބުނީ؟." ޒާހިދުގެ ކޮންމެ ޖުމްލައެއް ނަޒްލާއަށް އަޖައިބަކަށް ވިއެވެ. ދޭނެ ޖަވާބެއްވެސް އެވަގުތު އޭނާގެ ހިތަކަށް ނައެވެ. "ނަޒޫ ހީކުރީ އަހަރެންވެސް ނިންމާނީ މަންމަ ނިންމި ގޮތަށް ކަމަށް ދޯ. ދެންފަހަރަކުވެސް އެހެން ހީނުކުރައްޗޭ. އަހަރެން ނަޒޫއަށް އިތުބާރު ކުރަން. އަހަންނަށް އިނގޭ މަންމަގެ ކަންފަތަށް އިއްވި ވާހަކަ ތަކަކީ ހަޤީޤަތެއް ނޫންކަން. ދޮގު އިލްޒާމްތަކެއްކަން. އެހެންވެ އަހަރެން މަންމަ ކައިރީ އެދުނީ ނަޒޫގެ ކިޔެވުން ނަގާނުލުމަށް. ނަޒޫ ކުރާ ކޮންމެ ކަމެއްގެ ޒިންމާ ދެން އަހަރެން ނަގާނެ ކަމަށް. ނަޒޫއަށް އެނގެއެއްނު އަހަރެންގެ ކޮއްކޮ ލައިލާ. އޭނަ ހުންނަނީ ވަކިން ކޮޓަރިއެއް ހިފައިގެން. އަހަރެން ނަޒޫ މަންމަ ކައިރީ ބުނީ ނަޒޫ އާއި ލައިލާގެ ކައިރީ މީގެ ފަހުން ނަޒޫ ބަހައްޓާނެ ކަމަށް. އަދި ނަޒޫ އުޅޭ ނޫޅޭ ހުރިހާ ގޮތެއް ލައިލާގެ ފަރާތުން އަހަރެންނަށް އިނގޭނެ ކަމަށް. އެކަމަކު ނަޒޫ އެގޮތް ބޭނުން ވަންޏާ ލައިލާ ކައިރިއަށް ދާނީ. އަހަރެންނަށް އޯކޭ ނަޒޫ އެހެން ތާކު ހުއްޓަސް." ޒާހިދުގެ ވާހަކަ ނިމުނުއިރު ނަޒްލާ ދެވަނަ ފަހަރަށް ކަރުނަ ފުހެލައިފިއެވެ. 

ޒާހިދު ފަދަ މީހަކު އޭނާއަށް ލިބުނީ ކިހިނެތްބާއޭ ހިތާއި ސުވާލު ކޮށްލެވުނެވެ. ޒާހިދުގެ އެއިހުސާންތެރި ކަމުގައި އޭނާ މިއަދު ރަނގަޅަށްވެސް ބަނދެވި ނިމިއްޖެއެވެ. ޒާހިދުއަށް ނޫންނަމަ އޭނާ މިއަދު ހުންނާނީ ޑިގްރީ ހެދުމުގެ ހިޔާލު ހިތުން ނެރެ އެއްލާލައިގެން ޒާހިދުގެ އަންބެއްގެ ގޮތުގައެވެ.

ޒާހިދުއަށް އޭނާ ބޭނުންވާ ގޮތް ބުނެދީފައި އެހިސާބުން ނަޒްލާ އަތްދަބަހުން ފޮތަކާއި ގަލަމެއް ނަގައިގެން މަސައްކަތް ފެށީ އަވިކްއަށް ދޭން އޮތް މެސެޖް ލިޔެލުމަށެވެ.
*****

"އަވިކް އުޅެނީ މީހަކާއި އިނދެގެންތަ؟" ހިޔާލީ ދުނިޔެއިން ނަޒްލާގެ ސިކުނޑި ހޭލައްވައިލީ ލައިލާ ވާހަކަދެއްކި އަޑަށެވެ. އޭނާ ސިހިފައި ލައިލާގެ މޫނަށް ބަލައިލިއެވެ. "ނޫން." ނަޒްލާގެ ޖަވާބު ލިބުމުން ލައިލާ ތަންމިނަށް ހިނިތުންވެފައި ހަމަތެދެއްހޭ އަހައިލިއެވެ. ނަޒްލާ ބޯ ޖަހައިލާފައި ކާރު މަޑުކޮށްލުމުން، އުޅުނީ ޑްރައިވަރަށް ފީ ދައްކާށެވެ. 

ލައިލާ ދިން ސިޓީއުރަ ހިފައިގެން އަވިކް ގޮސް އިނީ ކާރުގައެވެ. ކަނޑަން އޭނާ ޖެހިލުންވީ އޭގައި ނަޒްލާ ލިޔެފައި އޮތް ވާހަކަތަކެއްގެ ހުރި ކުޑަ ބޮޑު މިނެއް ނޭނގޭތީއެވެ. އެކަމަކު ނަޒްލާ ފުރައިގެން ދިޔަ ކަމެއް ނޫނީ ނޫންކަމެއްވެސް އެނގޭނީ އޭގައި އޮތް އެއްޗެއް ކިޔާލެވިގެންނެވެ. ތެޅި ތެޅި އޮތް ހިތަކާއެކު އޭނާ އެންމެ ފަހުން ސިޓީ އުރަ ކަނޑާލައިފައި އޭގައި އޮތް ކަރުދާސްގަނޑު ނިއުޅާލައިފިއެވެ.

"ވިކް! ނޯޓެއްގެ ގޮތުގައި އަހަރެން މިވާހަކަތައް މި ލިޔަނީ ނުފެނި ހުރެގެން މި ވާހަކަތައް ފޯރު ކުރަން ބޭނުން ވާތީ. ތެދެއް، އަހަރެން ކިޔަވަން މާލެ އައުމުގެ ފަހަތުގައި އެހެން ސަބަބެއްވެސް އެކުލެވިގެން ވި. ކިޔެވުމުގެ އިތުރަށް އަހަރެންގެ މަޤްސަދަކަށް ވި މަންމަ ހަމަޖައްސާފައި އޮތް ކައިވެންޏާއި ފިލުން. ވިކް ނުލިބޭނެކަން އޭރު ޔަޤީން ކުރެވުނަސް ޖަޒުބާތުގައި ހުރެގެން ކުއްލި ނިންމުމެއް ނިންމަން އަހަރެން ބޭނުން ނުވީ. އެކަމަކު މިއަދު ޤަބޫލު ކުރެވިއްޖެ މަންމަ އަހަރެންނަށްޓަކައި ހޮވާފައިވާ އިންސާނަކީ އެކަހަލަ ދެވަނައެއް ނުވާ މާތް މީހެއްކަން. ވިކްއަށް އެނގޭތަ ޝީރީންދައްތަ އަހަރެން ބޮލުގައި އެޅުވި އިލްޒާމު އަހަރެން ބަނޑުއަޅައި ވިހޭ މައިމީހާ ޤަބޫލު ކުރިއިރު ޒާހިދު ޤަބޫލު ކުރީ އަހަރެންގެ ބަސް. އޭނަ އިތުބާރު ކުރީ އަހަރެންނަށް. އަދިވެސް އޭނާ ހުރީ އަހަރެންގެ އިންތިޒާރުގައި. ޒާހިދު ހުރީ އަހަރެންގެ ހުރިހާ ހުވަފެން ތެދުކޮށްދޭން އަތުކުރި އޮޅާލައިގެން. މިއަދު އަހަރެންގެ މަންމަގެ ހިތްވެސް ޒާހިދު ބަދަލު ކޮށްލައިފި. ދެން އަލުން މިލިބުނު ފުރުސަތުގެ ބޭނުން އަހަރެން އެންމެ ރަނގަޅު ގޮތުގައި ހިފަން މިހުރީ ނިންމައިގެން. އަހަރެން ރަށަށް ދާނީ ރަނގަޅު ނަތީޖާ އަކާއިގެން. އަދި މިފަހަރު އަހަރެން މިހުރީ ހަޤީޤަތުގައިވެސް މާޒީ ހަނދާން ނައްތާލައިފަ މުސްތަޤްބަލާއިގެން ކުރިއަށް ދާގޮތަށް. އެންމެ ރަނގަޅު ވާނީ ވިކްވެސް އަހަރެން ހަނދާން ނައްތާލައިފަ އަހަންނާއި ދުރުން އުޅުނިއްޔާ. ރަނގަޅަށް ވިސްނާލީމަ ވިކްއަށް އިނގޭނެ ވިކްގެ މައިންބަފައިންވެސް އަހަރުމެން ގުޅެން ގަބޫލު ނުވާނެކަން. ޔަޤީނުންވެސް މަންމަ ނުރުހޭ މީހަކާއި އަހަރެންނަކަށް ނުގުޅެވޭނެ. ނުވަ އަހަރު ކުރިން ނުވި ކަމެއް މިހާރަކުވެސް ނުވާނެ. އެހެންނޫންމަ ވިކްގެ ބައްޕަ އާއި މަންމަ މިއަދު އުޅޭނީ އެއް ފުރާޅެއްގެ ދަށުގައި. އުންމީދު ކުރަން ވިކް އަހަރެންނަށް މަޢާފު ކުރާނެ ކަމަށް."
=ނަޒޫ=

ނޯޓް ކިޔާނިމުނުއިރު އަވިކްގެ ދެއަތުގެ ތެރޭގައި ކަރުދާސްގަނޑު ބޮނޑިވެއްޖެއެވެ. އޭނާ އެކަރުދާސްގަނޑު ތިރިއަށް ދޫކޮށްލައިފައި ހުންގާނުގައި ބޯ އަޅާލުމުން އިރުކޮޅެއް ނުވެ ލޮލުން ފޭދިގެން ވެއްޓުނީ ކަރުނަ ތިއްކެކެވެ. "ނަޒޫ ކީއްވެ އަހަރެންނަށް ތިހެން ތިހަދަނީ؟ ކީއްވެ އަހަރެންގެ ލޯބި ޤަބޫލު ނުކުރަން ތިއުޅެނީ؟ އައި ރިއަލީ ލަވް ޔޫ ނަޒޫ. އައި ރިއަލީ ލަވް ޔޫ..." އަވިކް އެހެން އޮވެގެން އަމިއްލައަށް ކިޔެވެ.

ލައިލާ ކޮޓަރި ހުޅުވާލުމުން ނަޒްލާ ސޫޓް ކޭސް ހިއްލާލައިގެން ވަދެފައި ވަށައިގެން ނަޒަރެއް ދިނެވެ. ފުދޭވަރަކަށް ބޮޑު އެކޮޓަރީގައި އެނދަކާއި އަލަމާރިއެއްގެ އިތުރުން ޑްރެސިން ޓޭބަލެއް ހުރެފައި އަދި ކެއްކޭ ގޮތަށް ކަބަޑެއް މަތީ އުނދުނެއް ބަހައްޓާފައި ހުއްޓެވެ. "ދޭ އެނދުގައި ޖައްސާލަން. އަހަރެން ކޮފީއެއް ހަދައިދޭނަން." ލައިލާ އެނދަށް އިޝާރާތް ކޮށްލުމުން ނަޒްލާ ސޫޓްކޭސް ފާރު ކައިރީ ބަހައްޓާފައި ގޮސް އިށީންދެލިއެވެ. "ނަޒޫ ބޭނުމިއްޔާ އެނދުގައި އަހަންނާއެކު ނިދިއަސް އޯކޭ. އެހެންނޫނީ ޓައިލްސް މަތީ ބާއްވަން ގޮދަޑިއެއް ގަންނަން ހިނގާ." ލައިލާ ފެން ހޫނުކުރަން ޖައްސާފައި އެނބުރި ވާހަކަދެއްކިއެވެ. ނަޒްލާ ބުނީ ނިދަން އެނދު ކަމުދާނެ ކަމަށެވެ. މާ ފުޅާ ނޫނަސް ދެމީހުނަށް ހަމަޖެހިގެން އޮވެލެވޭވަރު ވެއެވެ. 

މުޅި ދުވަހު ކޮޓަރީގައި އޮވެފައި އަވިކް ތެދުވީ ރޭގަނޑު ދިހައެއް ޖަހަން ކައިރިވެއްޖެކަން އެނގުނީމައެވެ. އޭނާ ފެންވަރާ ތާޒާ ވެލައިގެން ބޭރަށް ދާން ދޮރާއި ދިމާއަށް ދަނިކޮށް ސުދާ ސިޓިންރޫމް ސޯފާގައި އިނދެފައި ގޮވާލިއެވެ. "އަދި ތިހޭލެވުނީ ދޯ." ސުދާ ވާހަކަދެއްކި އަޑަށް އަވިކް ހުއްޓުނެވެ. "ދަރިފުޅު ބައްޕަވެސް ގުޅި އޮފީހަށް ނުދާތީ ވީ ގޮތެއް ބަލަން. މަންމައަށް ބުނާނެ އެއްޗެއް ނޭނގިގެން ބުނެފިން ބޮލުގަ ރިއްސާތީ ނިދާށޭ އޮތީ. ބުނެބަލަ. ކަމެއް ވީތަ؟ ތަނެއްގައި ރިއްސަންޏާވެސް ބުނީމަ މަންމައަށް އިނގޭނީ މުޅި ދުވަހު ކޮޓަރީގައި ނިދަން އޮތަކަސް ނުވާނެ. ހީނާ ބުނި ހީނާ ދަރިފުޅު ކާން ހޯދަން ވަނީމަވެސް ކިޔާއެއްޗެއް އަޑު ނާހަން ކަންފަތަށް އެއުނގުރި ޖަހައިގެނޭ އޮތީ." ސުދާ ހިތްހަމަ ނުޖެހިފައިވާ ރާގެއްގައި ވާހަކަ ދެއްކިއެވެ. ޖަވާބު ދިނުމުގެ ބަދަލުގައި އަވިކް އަނެއްކާވެސް ހިނގައިގަތީ ނިކުންނާށެވެ. 

އަވިކް ނިކުމެގެން ދިޔަ ފަހުން އެކޮޓަރިން ފޯނެއް ރިންގް ވާ އަޑަށް ސުދާ ގޮނޑި ދުއްވަމުން ގޮސް ދޮރު ހުޅުވާލިއިރު ބަލައިލަން ކެރޭކަށް ނެތެވެ. އެކޮޓަރީގައި ހުރިހާ އެއްޗެއް އޮތީ އެތަން މިތަނަށް އުކާލައިފައެވެ. ހީވަނީ އަވިކް ކޮންމެވެސް ކަމަކާއި ހިތްހަމަ ނުޖެހިގެން ކޮށްފައި އޮތް ކަމެއް ހެންނެވެ. އެކަމަކު އަވިކް އެވަރު ހިތްހަމަ ނުޖެހެންވީ ކޮން ކަމަކާއި ބާވައޭ ސުދާ ހިތަށް އެރިއެވެ.

އަވިކް ކާރު މަޑުކޮށްގެން އޮތީ ނަޒްލާ ކޮލެޖުން ނިކުންނައިރު ފެންނަ ހިސާބުގައެވެ. އުޅޭތަނެއް ސިއްރު ކޮށްގެން އުޅުނަސް ކޮލެޖަށް ދަންޏާ ފިލައިގެން ނޫޅެވޭނެއެވެ. ގިނައިރެއް ނުވެ އަވިކް ދެކެން ބޭނުންވި ސޫރަ ލޯ މައްޗަށް ފައުޅުވިއެވެ. ނަޒްލާ ނިކުތް ހިސާބުން އޭނާ ފައިބަން އުޅެފައި ހަރަކާތް ހުއްޓާލެވުނީ ފަހަތުން ނިކުތް ލައިލާ ފެނިފައެވެ. ލައިލާ ކައިރީގައި ހުއްޓައި އަވިކް ބޭނުންހާ ވާހަކައެއް ނަޒްލާ ކައިރިއަކު ނުދެއްކޭނެއެވެ. އަދި އެއީ ނަޒްލާވެސް ރުހޭނެ ގޮތެއް ނޫނެވެ. ވިސްނަން ހުއްޓައި އަވިކްގެ ހިތަށް އެރި އެހެން އެއްޗަކުން ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ.

ނިދަންވެގެން ނަޒްލާ ހެނދުން ބަދަލު ކޮށްގެން ފާޚާނާއިން ނިކުތްއިރު ލައިލާ އޮތީ ބިތްދޮށަށް އެނބުރިއެވެ. އޭނާ ގޮސް ދަބަސް ތެރޭ އޮތް އާ ސިމް ކާޑު ނަގާފައި ނިއްވާލައިފައި އޮތް ފޯނު މަތި ނަގައިގެން ސިމް ކާޑު ބަދަލު ކޮށްލިއެވެ. ލައިޓު ނިއްވާލައިފައި މަގަތުގައި އޮށޯތް ނަމަވެސް ހިޔާލު ތަކުން ސިކުނޑި ފުރިގެން ދިއުމުން ނިދަން ފަސޭހައެއް ނުވިއެވެ. އެންމެ ހަނދާންވީ އަވިކް މަތިންނެވެ. ނޯޓް ކިޔާފައި އަވިކް އުޅޭނީ ކިހިނެތް ބާއޭ ހިތަށް އަރަމުން ދިޔައެވެ. އިރުކޮޅެއް ނުވެ ދެލޯ ފުރިގެން ފައިބަން ފެށީ ތާޒާ ކަރުނަ ތިކިތަކެވެ. ނަޒްލާ އެހެން އޮވެފައި ނޭފަތް ދަމައިލި އަޑަށް ލައިލާ ކުއްލިއަކަށް މަގަތަށް އެނބުރި ލުމުން ސިއްސައިގެން ދިޔައެވެ. "ނުނިދަންތަ؟" ނަޒްލާ އަވަހަށް ލޯ ފުހެލިއެވެ. "ނަޒޫ ރޮނީތަ؟ މަންމަ މަތިން މާބޮޑަށް މިސްވަނީ ދޯ." ލައިލާ ނަޒްލާގެ މޫނަށް ބަލަން އޮތެވެ. ނަޒްލާ އެއްޗެއް ނުބުނެ ލުއި ހިނިތުންވުމެއް ތުންފަތަށް ވެރިކޮށްލިއެވެ.

"ނަޒޫ އާއި އަވިކް ކުޑައިރުއްސުރެ ރަތްޓެހިތަ؟" ލައިލާ ހިމޭނުން އޮވެފައި އިރުކޮޅަކުން އަހާލިއެވެ. ނަޒްލާއަށް ލައިލާގެ މޫނަށް ބަލައިލެވުނެވެ. އަވިކް ފެނުނީއްސުރެ ލައިލާ އަވިކްއާއިމެދު ޝައުޤުވެރި ވެގެން އުޅޭކަން އޭނާއަށް ފާހަގަވިއެވެ. "ކުޑައިރު ރަތްޓެހިކޮށް އުޅެފަ ދެން ފަހުން އަވިކް ރަށަށް ދިޔައީމަ ބައްދަލު ވީ." ނަޒްލާ އޮޅުންފިލުވައި ދިނެވެ. "އިނގޭތަ އަވިކް އެއީ އަހަރެންގެ ކްރަޝްއެއް. ރަށުގަ އުޅުނުއިރު އަވިކް އުޅުނީ އަހަރެންނަށްވުރެ އެއް ގްރޭޑް މަތީގައި. ދެން އޭރުވެސް އޭނަ ރީތިވެގެން އަހަރެން އަބަދު ކިޔަން." ލައިލާ ކިޔައިދިން ވާހަކަ އަކުން ނަޒްލާ ހައިރާންވިއެވެ. "އަވިކްއަށްވެސް އެނގޭނެ އޭރު އަހަރެން އޭނަ ފަހަތުން އުޅުނުކަން. މިހާރު އެކަމަކު އަހަރެން ފެނުނީމަ ނޭނގެ އޭނަ އަހަރެން މަތިން ހަނދާން ހުންނާނެ ކަމެއް." ލައިލާ އިތުރަށް ބުނެލިއެވެ. ނަޒްލާ އެމައުޟޫއަށް ވާހަކަ ދައްކަން ބޭނުން ނުވާތީ އެހެން އޮވެގެން ނިދާފައި ކަމަށް ހެދުނެވެ. އެކަމަކު އޭނާއަށް ނިދުނީ ލައިލާ ނިދިތާ އެތައް އިރެއް ފަހުންނެވެ.

ދެދުވަހެއް ވެލީއިރު ނަޒްލާ ހުރީ ހިސާބަކަށް ހަމަޖެހިފައެވެ. އެކަމަކު ބޭނުން ނުވިއަސް އޭނާގެ ހިތަށް ތަދުވަނީ އަވިކް އެނޯޓް ކިޔައިގެން އެގޮތަށް ހިތް އެއްބަސް ކުރުވީބާއޭ ހިތަށް އަރައިފައެވެ. އެންމެ ހައިރާންވީ ކުރިއަށް ވުރެވެސް ބޮޑަށް އެސޫރަ ދެކެން ހިތް އެދެން ފެށިވަރުންނެވެ. ފަހަކަށް އައިސް އޭނާގެ އަމިއްލަ އިޚުތިޔާރުގައި ނޫނަސް ގިނަ ވަގުތު ހޭދަ ކޮށްފައި ވަނީ އަވިކްގެ އެންމެ ކައިރީގައެވެ. އަދި އެތަކެއް ރީތި ހަނދާން ތަކެއް ހިތުގައި ހަރުލާފައި ވެއެވެ. ވީއިރު އެހަނދާންތަކާއި ދުރަށް ދާން ފަސޭހަ ވާނީ ކިހިނެތް ހެއްޔެވެ؟

އިތުރު ވަޒީފާއެއް ހަމަ ނުޖެހޭތީ ނަޒްލާ ގިނަ ވަގުތު ހޭދަ ކުރަން ފެށީ ކޮލެޖްގައެވެ. ހުސް ވަގުތު ތަކުގައިވެސް އޭނާ ލެބްގައި ހޭދަ ކުރުމާއި ލައިބްރަރީއަށް ދިއުން ގިނަވިއެވެ. އެއީވެސް އެފަދަ ދުވަހެކެވެ. މެންދުރު ލެބްގައި އުޅެފައި ބަނޑުހައި ވެގެން ކެންޓީނަށް ވަދެލީ ކޮންމެވެސް ފިނި އެއްޗެއް ބޯލުމަށް ގަސްތު ކޮށްގެންނެވެ. އެގަޑީގައި އޮތް ކުލާހަކަށް އައިސް އުޅުނު ލައިލާވެސް އޭނާ ހުރިތަނެއް ހޯދައިގެން އައިސް ބައިވެރިވިއެވެ. ދެމީހުން އެކި އެކި ވާހަކައި ތިއްބާ ލައިލާގެ ފޯނު ރިންގް ވާން ފެށުމުން އޭނާ ހިނިތުންވެލީ ގޮތުން ނަޒްލާގެ ސަމާލުކަމަށްވެސް އެކަން އައެވެ. "ހަލޯ. " ލައިލާ ފޯނު ނަގާފައި ވާހަކަ ދެއްކިއިރު އިނީ ނިކަން އުފާވެފައެވެ. ނަޒްލާވެސް ހޮޅީގައި ތުން ޖަހައިގެން އަނބު ފަނި ބޯން އިނދެފައި ލައިލާގެ ވާހަކަ އަޑު އަހަން ފެށިއެވެ. "ހޫމ. ކޮލެޖް ކެންޓީނުގައި މިވަގުތު މިއިނީ." ލައިލާ އެކޮޅުން ވާހަކަދައްކާ ފަރާތަށް އޮޅުން ފިލުވައިދިނެވެ. "އުހު. އެކަންޏެއް ނޫން. ރޫމްމޭޓުވެސް އެބައިން މިއަދު މިތާގައި. އެނގެއެއްނު ނަޒޫ." ލައިލާ އިތުރަށް ބުނެލިއެވެ. ނަޒްލާ ދުރު ބަލާލިތަނާ ލައިލާ ދެން ބުނެލި ވާހަކަ އިވިގެން އަނެއްކާ ބަލައިލެވުނެވެ. "އޯކޭ. އާދޭ ތިހާ ބޭނުމިއްޔާ." ލައިލާ ފޮނިވެފައި ފޯނު ބޭއްވިގޮތަށް ނަޒްލާ އަތުގައި ކޮށްޓާލިއެވެ. "ކާކާތަ ތި ވާހަކަދެއްކީ؟" ނަޒްލާ ޝައުޤުވެރި ވެފައި އެހިއެވެ. ލައިލާ ޖަވާބު ދޭން އުޅެފައި ކުއްލިއަކަށް ހިޔާލު ބަދަލުވެގެން ނުބުނާނަމޭ ބުނެލުމުން ނަޒްލާ އިތުރަށް އަހާކަށް ނުހަދައެވެ.

ލައިލާގެ އެކުވެރިޔާ އަންނަން ވާއިރަށް އޭނާ އެތަނަށް އިތުރު ބުއިމެއްވެސް ގެނައެވެ. ނަޒްލާ އެއީ ކާކުކަން އޮޅުން ފިލުވަން ބޭނުންވި ނަމަވެސް ގިނައިރު ނީންނަން ވެގެން ދާން ތެދުވިއެވެ. އެވަގުތު އޭނާ ސިއްސައިގެން ދިޔައީ ދުރުން އައިސް އެތާހުރި ހުސްގޮނޑީގައި އަވިކް އިށީންދެލުމުންނެވެ. "ހައި ނަޒްލާ!" ނަޒްލާ ހުއްޓުން އަރާފައި ހުއްޓާ އަވިކް ކަނާއަތް ދައްކާލަމުން އާދައިގެ ގޮތަކަށް ބުނެލިއެވެ. ދެން އޭނާގެ ނަޒަރު ހުއްޓުނީ ކައިރީގައި ހިނިތުންވެފައި އިން ލައިލާއަށެވެ. 

"މީ އަހަރެންނަށްތަ؟" ނަޒްލާ ބަލަން ހުއްޓައި އަވިކް ލައިލާއާއި ސުވާލު ކޮށްލައިފައި ޖޫސްތަށިން އެތިފޮދެއް ރަހަ ބަލާލިއެވެ. އޭނާ ދާން ވެގެން އެމީހުނަށް ފުރަގަސްދިނީ އެވަގުތުއެވެ. އެކަމަކު ކުރިއަށް ދެފިޔަވަޅު އަޅާފައި އިވުނު އަޑަކުން އަނެއްކާ ހުއްޓެވިއްޖެއެވެ. "ލައިލާގެ ތަށި މާމީރުވާނެހެން ހީވޭ. ލެޓް މީ ޓްރައި." ނަޒްލާއަށް ގަބޫލު ނުކުރެވިގެން އެނބުރި ބަލައިލެވުނެވެ. އޭނާއަށް ފެނުނީ އަވިކް ކައިރީގައި ހުރި ތަށިން ހޮޅި ނަގާފައި ލައިލާ ތައްޓަށް ޖަހައިގެން ބޯން ފެށިތަނެވެ. އެވަގުތު އޭނާ ދެލޯ ބޮޑުކޮށްލައިގެން ހުއްޓާ އަވިކް އެސްފިޔަތައް އުފުލާލައިފައި އެމޫނަށް ބަލައިލިއެވެ.

"ބާއި ނަޒްލާ!" އަވިކް ހޮޅި ތުނބުން ނައްޓާލައިފައި ނަޒްލާއަށް އަތުން ހަނާ އަޅާލުމުން ފާޑަކަށް ސިހުނެވެ. އެވަގުތު ލައިލާވެސް އެނބުރި ބަލައިލާފައި ނަޒޫ އެބަ ހުރިންހޭ އަހާލިއެވެ. ނަޒްލާ އެއްޗެއް ނުބުނެ އަވަހަށް އެތަނުން ދުރަށް ގޮސް ކެންޓީނުން ނިކުންނަން އުޅެފައި ބަލާލިއިރު އަވިކް ހިނި އައިސްފައި އިނީ ލައިލާއާއި ވާހަކަ ދައްކާށެވެ. އެވަގުތު ނަޒްލާއަށް އަތް މުށްކަވާ ލެވުނީ ހިތަށް ކުރި އަސަރަކުންނެވެ.

ކޮމެންޓް 0