ޒުލްފާ އޮފީސް ކައިރިއަށް ބާލައިފައި އަވިކް ކާރު އަނބުރާލަން އުޅެނިކޮށް ފަޓްލޫނު ޖީބުގައި އޮތް ނަޒްލާގެ ފޯނު ރިންގް ވާން ފެށުމުން ނަގައި ސްކްރީނަށް އަރާފައިވާ ނަން ކިޔާލިއެވެ. "ޒާހިދު" އަވިކްއަށް އެނަން ފެނިފައި ވަގުތުން އެއީ ކާކުކަން ހަނދާންވިއެވެ. ވިސްނަން ނުހުރެ އޭނާ ފޯނު ނަގާފައި ކަންފަތުގައި ޖަހާލިއެވެ.
"ހަލޯ ޒާހިދު!" އަވިކް ކުޑަވެސް ޖެހިލުމެއްނެތި ވާހަކަ ދައްކަން ފެށިއެވެ. "ކާކު؟" އެއިވުނީ ކޮންމެވެސް އަންހެނެއްގެ އަޑެވެ. ކުއްލި ހައިރާންކަމެއް ލިބިގެން ދިއުމާއެކު އަވިކްއަށް ފޯނު ދުރުކޮށްލައި ދެވަނަ ފަހަރަށްވެސް ސްކްރީނަށް އަރާފައިވާ ނަން ކިޔާލެވުނެވެ. އެއީ ޒާހިދުގެ ނަމެވެ. "ކާކުބާ؟" އަވިކް އެހިސާބުން ކުޑަކޮށް ޖެހިލުން ވެއްޖެއެވެ. "ތީ ކާކު؟" އަންހެންމީހާވެސް ހަމައެ ސުވާލު ތަކުރާރު ކޮށްލިއެވެ. "މީ އަވިކް." އަވިކް އެންމެ ފަހުން ތެދަށް ޖަވާބު ދިނެވެ. "އަވިކްތަ؟ މީ ސައިއްތައޭ." ވާހަކަ ދައްކަނީ އަވިކްކަން އެނގުމުން ޞަޢީދާގެ އަޑަށް އުފާވެރިކަން ވެރިވެގެން އައެވެ. "ޞައިއްތަ ކިހިނެތްތަ؟ ކޮން ނަންބަރެއްމީ؟" އަވިކް އޮޅުން ފިލުވަން ވެގެން އެހިއެވެ. "އިރާދަ ކުރެއްވީތީ ހާލު ރަނގަޅު. ޒާހިދުގެ ނަންބަރ މީ. އޭނަ މިއަދު މިގެއަށް އައިސް އިންދާ އަހަރެން ނަޒްލާއަށް ގުޅާ ވާހަކަ ދެއްކީމަ ގުޅާފަ އަހަންނަށް ދިނީ." ޞައީދާ ކިޔައިދިނެވެ. ނަޒްލާ އާއި ޒާހިދު ގުޅުވަން ޞައިއްތަ ދެކުނު ހުވަފެން އަދިވެސް އެގޮތުގައި ކުރިއަށް ދަނީކަން އަވިކްއަށް ނަގައިގަނެވިއްޖެއެވެ. އޭނާ އަދި ހީކުރީ ނަޒްލާއަށް ކިޔަވަން އާދެވުނީ އެކައިވެނީގެ ވާހަކަ ކޮންމެވެސް ގޮތަކުން ހުއްޓިގެން ކަމަށެވެ.
"ޒާހިދު އާއި ނަޒްލާ އަދިވެސް އިންނަންތަ އުޅެނީ؟" އަވިކް ފުރުސަތުގެ ބޭނުން ހިފިއެވެ. ޞައީދާވެސް ހީކުރާނީ ނަޒްލާ ފަރާތުން އޭނާއަށް ކައިވެނީގެ ޚަބަރު ކޮންމެވެސް ވަރަކަށް ލިބިފައި އޮތީ ކަމަށެވެ. އޭނާ އެވާހަކަތައް އެހީ އިހުސާނާގެ ފުށުންނެވެ. "ކައިވެނި ރޭވިފައި އޮންނަތާ ދުވަސްކޮޅެއް ވެއްޖެ. އެކުން ނަޒްލާ ޑިގްރީ ހަދަން ބޭނުންވެގެން ފަސްވެފައި މިއޮތީ. ނަޒްލާ ބޭނުން ވަނީ ކައިވެނީގެ ކުރިން ކިޔަވާ ކިއެވުމެއް ވިއްޔާ ފުރިހަމަ ކުރަން. އެކަމަކު ނިމިގެން އަންނަހާ އަވަހަކަށް ކައިވެނި ކުރާނެ. އަވިކްވެސް މަންމަ ގޮވައިގެން އަންނަންވާނެ ނަޒްލާ ކައިވެންޏަށް." ޞައީދާގެ ވާހަކަތައް އަހާފައި އަވިކްއަށް ވެރިވެގެން އައީ ކުއްލި ހިމޭން ކަމެކެވެ. އޭނާއަށް ޖަވާބު ދޭން އެނގުނީވެސް ވާހަކަ ނުދައްކައިގެން ޞަޢީދާ ގޮވާލީމައެވެ. "ދާނަން." އަވިކް ޞައީދާގެ ހިތްހަމަ ޖައްސައި ދިނުމުގެ ގޮތުން ބުނެލިއެވެ. "ޞައިއްތާ މިވަގުތު ދެން ފޯނު ބާއްވާލަނީ އިނގޭ. ނަޒްލާ ހަނދާން ނެތި ބާއްވާފަ އޮތްވާ ފެނިގެން އަހަރެން މިފޯނު ނަގައިގެން މިއުޅެނީ. ފެނުނުހާ އަވަހަކަށް ދީފައި ބުނާނަން ގުޅާށޭ." އަވިކް އިތުރަށް ވާހަކަ ދައްކާ ހިތް ކެނޑިގެން ބާއްވަން އަވަސްވެގަތެވެ. ޞަޢީދާގެ ހުއްދަ ލިބުމުން އޭނާ އެންމެނަށް ސަލާމް ބުނަށޭ ބުނެފައި ފޯން ކަނޑާލައިފިއެވެ.
ފޯނުން ދެކެވުނު ވާހަކަ ކޮޅަށްފަހު އަވިކް ކާރު ޕާކް ކޮށްފައި ގޮސް ވަނީ އޮފީހަށެވެ. އޭނާ ފުން ވިސްނުމެއްގައި ކެބިން އާއި ދިމާއަށް ދިޔައިރު ކުރިމަތިން ނަޒްލާ ހުރަސް ކަނޑާފައި ދިޔަކަމެއްވެސް ނޭނގުނެވެ. ފަސްދީފައި ޚުދު ނަޒްލާއަށްވެސް ހުއްޓެވުނީ ލިބުނު ހައިރާންކަމެއްގެ ބޮޑު ކަމުންނެވެ. އޭނާ ފަސްއެނބުރި އަވިކް ދިޔަ ދިމާއަށް ބަލަން އިރުކޮޅަކު ހުއްޓެވެ. އަވިކް އޭނާ އާއި ޔައީޝް ގުޅެން ސީރިއަސްކޮށްވެސް ފުރުސަތު ދިނީތާއޭ ނަޒްލާ ހިތަށް އެރިއެވެ.
"މީ އަހަރެން ވެދާނެތީ އެންމެ ބިރުގަތް ކަންތައް. އަހަރެން ބޭނުމެއް ނުވޭ ނަޒޫ އެއްވެސް ހާލެއްގައި ހިތް ނުރުހޭ މީހަކާއި ގުޅޭކަށް. އަހަރެން ބޭނުން ވަނީ ނަޒޫ ގަޔާވާ މީހަކާއި ނަޒޫ އިންނަން. އެޒާހިދުދެކެ ނަޒޫ ރުޅި އަންނަ ވަރު އަހަރެން މިދެލޮލުން ދުށިން. ދެން އަހަރެން ކިހިނެތް އެކަން ވާން ދޫކޮށްލާނީ؟ ދެން މިކަންވެސް ހުއްޓުވަން އުޅޭއިރަށް މީހުންނަށް ހީވާނީ އަހަރެން ނަޒޫ ބޭނުން ވަނީއޭ. އެހެނެއްނޫން. އަހަރެން ބޭނުން ވަނީ ނަޒޫ މުޅި އުމުރަށް އުފަލުގަ އުޅެން. އަހަރެން ސަބަބުން ނަޒޫއަށް ލިބުނު ހިތާމައިގެ ބަދަލު ދޭން ނަމަވެސް އަހަރެން ބޭނުން ނަޒޫއަށް ރަނގަޅު ގޮތް ވާން. ލޯބިވާތީއެއް ނޫން. އެކަމަކު އެއީ އަހަރެންގެ ގާތް އެކުވެރިއަކަށް ވާތީ. އަހަރެން ނަޒޫއަށް ކެއަރ ކުރާތީ." އަވިކް ކެބިން ތެރޭ ދެކޮޅަށް ހިނގަމުން ވާހަކަ ދެއްކީ އަމިއްލައަށެވެ. އިތުރު މީހަކާއި އެކަން މަޝްވަރާ ނުކޮށް އެކަނި ހިތުގައި ބާއްވާކަށްވެސް އޭނާއަށް ފަސޭހައެއް ނުވިއެވެ. އަނެއްކޮޅުން ބަލާއިރު އެކަހަލަ ވާހަކަ ދައްކަންވެސް ހުރީ އެންމެ ފަރާތެކެވެ. މިކިޔާލް ކައިރީ ބުނެލާ ކޮންމެ އެއްޗަކުން މިހާރު ނަގާނީ ގޯސް މާނައެކެވެ. ކޮންމެ ގޮތެއްވިއަސް ހެޔޮ ކަމަށް ބަލާފައި އަވިކް މިކިޔާލްއަށް އެވާހަކަ ކިޔައިދިނެވެ.
"ދެން ނަޒޫ ނުރުހޭ މީހަކާއި އޭނަ އިންނަން ދޫކޮށްލާ ހިތް ނުވަންޏާ އޭނަ ރުހޭ މީހަކާއި ގުޅުމުގެ ފުރުސަތު ދޭންވީނު." ބުނި އެއްޗެއް ޔަޤީން ނުވެފައި އަވިކް ބަލާލިތަނުން މިކިޔާލް ޖަހައިލީ ހިނިގަނޑެކެވެ. "މެރީ ހަރ!" އަވިކް ބުމަ ކައިރި ކޮށްލުމުން މިކިޔާލް ސީރިއަސް ވި ގޮތް ދައްކާލައިފައި ކުއްލިއަކަށް ބުނެފިއެވެ. "މިކިޔާލް. އަހަރެން ސީރިއަސް ކޮށޭ މިވާހަކަ މިދައްކަނީ." އަވިކްއަށް މިކިޔާލްގެ ސަމާސާ މާ ކަމަކު ނުދިޔައެވެ. "ވިކް ނިކަން ބުނެބަލަ ވިކްއަށް ކީއްވެ އެކަން ނުވާންވީ؟ ވިކް ލޯބިވާ ކުއްޖަކު ހުރީއެއްނޫން. ނަޒޫއާ ވިކް ގަޔާ ނުވަނީއެއް ނޫން. އަދި ކޮންމެހެން އެބަ ބޭނުންވޭ އޭނަ ހިތްއެދޭ މީހަކާ އޭނަ ގުޅުވަން. އޭނަ ހިތްއެދޭ ހަމައެކަނި ފަރާތަކަށް ދުނިޔެމަތީ ހުރި މީހަކީ ތިއެއްނު. ދެން ކޮބާ މައްސަލައަކީ؟" މިކިޔާލްވެސް މިފަހަރު ވާހަކަ ދެއްކީ ހިސާބަކަށް ސީރިއަސްވެފައެވެ. " ނަޒޫ ޑިޒާވްސް ބެޓަރ. އަހަރެންނާއި އިނދެގެން އޭނައަށް ލޯބި ނުދެވިއްޖެއްޔާ އަދި މިހާރު ވެފަ އޮތް ގޮތަށްވުރެ ދެރަގޮތްތަކެއް ދިމާވާނީ." އަވިކް ޖަވާބުދިނެވެ. "ދެން މާނީއާއި އިންނަން ތިއުޅެނީ އޭނަ ޑިޒާވް ކުރާތީތަ؟ އަވިކް ކިކޭ ތިކިޔަނީ. އަވިކް ތިބުނާ އެކުވެރިޔާއަށްވުރެ މާނީ މުހިންމޭތަ؟ ލޯބިނުވާއިރު އޭނަ އާއި ގުޅެން އެއްބަސްވި ގޮތަށް ނަޒޫ އާއި ގުޅޭކަށް ނުކެރޭނެއޭތަ؟ އަހަރެންނަށް އޮޅިއްޖެ." މިކިޔާލްގެ ގެނަ ކުއްލި މައުޟޫއަކުން އަވިކްގެ ކުލަވަރު ބަދަލުވެއްޖެއެވެ.
"މިކިޔާލް ކޮންކަހަލަ ވާހަކައެއް ތިދައްކަނީ؟ އެނގެއެއްނު އެއީ ތިބުނާ ކަހަލަ ކަމެއް ނޫންކަން." އަވިކް ކޮޅަށް ތެދުވެފައި ރައްދު ދިނެވެ. އޭނާ ގޮސް ކުޑަދޮރު ކައިރިއަށް ހުއްޓި ބްލައިންޑްސްތައް އުފުލާލައިގެން ދުރު ދުރަށް ނަޒަރު ހިންގާލިއެވެ.
އަވިކް ހަނދާންކޮށްލީ އެދުވަހެވެ. އެއީ އޭނާ ރަށަށް ގޮއްސައި އެނބުރި އައިތާ ދެވަނައަށް ވީ ދުވަހެވެ. މާނީ އޭނާއަށް ޖޯކު ޖަހާފައި ހެދި ލަވަ ފެނުނު ވަގުތުން ފެށިގެން އޭނާ ހުރީ މާނީ ފަރާތުން ބަދަލު ހިފާނެ ގޮތެއް ނޭނގިފައެވެ. ފެންނަ ފުރަތަމަ ފަހަރުވެސް ރުޅި އައިސްގެން ހަލާކުވާވަރު ކޮށްލަން އޭނާ ނިންމިއެވެ. ކަރަމް އައިސް މާނީގެ ވާހަކަ އޭނާ ކައިރީ ދެއްކީވެސް ހަމަ އެދުވަހުއެވެ. އަޒްމީލް ދިން ހިޔާލެއް ނަމަވެސް ކަރަމް ބޭނުންވީ ފުރަތަމަ އަވިކް ބުނާ އެއްޗެއް ބަލައިލާށެވެ.
"އަޒްމީލް ބައްޕައަށްވެސް މިހިޔާލު ދިނީ. އެކަމަކު އޭނަ އެވާހަކަ ބުނި ވަގުތުން ފެށިގެން ބައްޕައަށްވެސް އެކަމާއި ވިސްނެނީ. ހީވޭ ތިދެކުދިން ވަރަށް ގުޅޭނެހެން. އެކަމަކު ބައްޕަ ކޮންމެހެން މަޖުބޫރެއް ނުކުރާނަން. އަދި ހަމަ ސީދާ އިންނަން އެއްބަސް ނުވިއަސް ދެމީހުން އެކަކު އަނެކަކު ދަސްކޮށްލަން ދަރިފުޅު ޤަބޫލު ވަނިކޮށް ބައްޕަ ވަރަށް އުފާވާނެ. ދެން ކަމުނުދަންޏާ ފަހުންވެސް ނިންމުން ބަދަލު ކުރެވިދާނެތާ. ބައްޕަ އަޒްމީލް ކައިރީވެސް މިގޮތަށް މިވާހަކަ ދައްކާނީ." ކަރަމްގެ ވާހަކަ އެދުވަހު ހުރީ މިގޮތަށެވެ. އަވިކް އާއި ދޭތެރޭ ކުރިއްސުރެ ކަންތައް ކުރެވިފައިވާ ގޮތާއި އަދި އެދެމެދުގައި އުފެދިފައިވި ދުރުމިން އަނެއްކާވެސް އިއާދަ ވެދާނެ ކަމަށް ބިރުން ކަރަމް އަވިކްއަށް މަޖުބޫރު ކުރަން ނުކެރުނީ ކަހަލައެވެ. އަވިކްއަށް އެވަގުތު މަންމަގެ މޫނުން ފެނުނީ ކުރިން ނުދެކޭފަދަ އުފާވެރި ކަމެކެވެ. މަންމަ މާނީދެކެ ލޯބިވާވަރު އޭނާއަށް އޮތީ ފެނިފައެވެ. އެހެންވެ އެމަންމައަށްވެސް ދެވޭ އުފަލެއްކަމުގައި އޭނާ ހަމައެކަނި ގުޅުމަކަށް ފުރުސަތު ދޭން އެއްބަސްވުންވެސް ވެގެންދާނެއެވެ. އަވިކް އެދުވަހު އެގޮތަށް އެއްބަސްވީ މިސަބަބު ތަކަށްޓަކައެވެ. މަންމަ އާއި ބައްޕަގެ އެދުމަށް އިޚުތިރާމް ކުރާކަން ދައްކަން އޭނާ ބޭނުންވިއެވެ. އަދި މާނީ ކިބައިން ބަދަލު ހިފާލުން އެއީ އޭގެވެސް އެންމެ ކުރީގައި އޮތް އަމިއްލަ މަޤްސަދެކެވެ. އަވިކް އެދުނީ އެޚަބަރު މާނީއަށް ދޭ ފަރާތެއް ކަމުގައި ޚުދު އޭނާ ވުމަށެވެ. މާނީ ކައިރީ އެވާހަކަ ބުނި ވަގުތު ތޫލި އަޑުން ހަޅޭތްލަވައިގަތީނުން ދެކަންފަތުގެ ތޫރި ފަޅައިގެން ދިޔަހެން އެދުވަހު ހީކުރެވުނެވެ. އޭނާ އަޒްމީލް ކައިރީ ގޮސް ކުރީ އެންމެ ސުވާލެކެވެ. އެއީ އަވިކް އެބުނީ ތެދެއްހޭ މިހެންނެވެ. ކައިވެންޏަށް އެއްބަސްވާން ދިން މުއްދަތުގެ ވާހަކަ ސިއްރު ކޮށް އެކަނި ކައިވެނީގެ ވާހަކަ އަވިކް ބުނިކަން އަޒްމީލްއަށް އެނގޭނީ ކިހިނެތް ހެއްޔެވެ؟ އޭނާ މާނީއަށް ދިން ޖަވާބަކީ އެއީ ތެދެއް ކަމުގައެވެ.
ޖެހިގެން އައި ދުވަހު އަވިކްއަށް ހޭލެވުނީ މާނީ އައިސް މޫނަށް ފިނި ފެންއެއްޗެއް އޮއްސާލީމައެވެ. " މިއަދުން ފެށިގެން އަހަރެންގެ އަސްލު ކުލަ ކަލެއަށް ދައްކާލާނަން. ކެތްކުރެވޭނެކަން ނުވަތަ ނޫންކަން ކަނޑައަޅާނީ އަމިއްލައަށް. ހަނދާން ކުރާތި! ހޯހޯ ބުނަންޏާ ކައިވެނީގެ ކުރިން ބުނެވޭނީ." މާނީ އެވަގުތު ބުނެލީ އެހެންނެވެ. އޭނާގެ މަޤްސަދު ވަރަށް ސާފެވެ. އަވިކް އާއި ކައިވެނި ހުއްޓުވަން އޭނާ ކޮންމެ ކަމެއް ކުރަންވެސް ތައްޔާރެވެ. އަނެއްކޮޅުން އަވިކް ރާވާފައި އޮތީ މާނީ ތަޅުވާލައި އޭނާ ހިތްހަމަޖެހޭވަރު ވުމުން ބައްޕަ ކައިރީ އޭނާ ބޭނުން ވާގޮތް ބުނާށެވެ.
"އަހަރެމެން ހަދަންވީ ގޮތަކީ ނަޒޫއަށް ރަނގަޅު މީހަކު ހޯދަ ދޭންވީ." އިރުކޮޅެއް ފަހުން އަވިކް އެނބުރިފައި އައިސް މޭޒު ކަނުގައި އިށީންދެލިއެވެ. "އޭރުން ކިހިނެތްވާނީ؟ އެކުއްޖާ އެންމެ ލޯބިވާ މީހާ އެކުއްޖާއަށް އިންނާނެ މީހަކު ހޯދަދޭން އުޅޭކަން އެނގޭއިރަށް އަނެއްކާ ހިތެއްނު ހަލާކު ވާނީ." މިކިޔާލް ތާއީދެއް ނުކުރިއެވެ. "ދެން އަނެއްކޮޅުން ކިތަންމެ ރަނގަޅު މީހަކު އަހަރެމެން ދެއްކިއަސް ނަޒޫއަށް ކަމުނުގޮއްސިއްޔާ އެއްތާކުއެއްނު ޖެހޭނީ. އެހެންނޫނަސް ޒާހިދު ކޮން ގޮތަކުންތަ ގޯހީ. އޭނަ އެއީ ކިޔަވައިގެން ހުރި ތައުލީމީ މީހެއް. އުޅެނީ ރަނގަޅު ވަޒީފާއެއްގަ. އަނެއްކާ ރަށުގައި ނަޒޫ މަންމަމެން ފެންނަ ހިސާބުގައި ޒާހިދު ނަޒޫ ގެންގުޅޭނެ. މަށަށް ހީވަނީ އަވިކް ދެން ނަޒޫ އާއި ޒާހިދު ގުޅެން ދޫކޮށްލަންވީހެން. ނަޒޫއަށްވެސް އޭނަ ގައިގައި ކަމުދާ ކޮންމެވެސް ސިފައެއް ހުރީމަ ކަންނޭނގެ އިންނަން އެއްބަސް ވާނީ. އަހަރެން ބުނާނެ އިތުރު ވާހަކައެއް ނެތް. ނަޒޫގެ އަމިއްލަ ހާލަށް ނަޒޫ ދޫކޮށްލާ އަވިކް." މިކިޔާލް ފަހު ބަސް އިއްވާފައި ތެދުވެގެން ހިނގައިގަތެވެ. އަވިކްއަށް ހިފަހައްޓާލެވުނީ ނިއްކުރީގައެވެ. މިކިޔާލްގެ އެހިޔާލާއި އޭނާއަށް އެއްބަހެއް ނުވެވުނެވެ. ނަޒްލާ އާއި ޒާހިދު ގުޅެން އޭނާއަކަށް ނުރުހެވޭނެއެވެ.
އެދުވަހު އޮފީސް ނިންމާފައި ނިކުމެގެން ދިޔައިރު އެއް ވާހަކައަށް އޮތީ ހޮނިހިރު ދުވަހަށް ހަމަޖެހިފައި އޮތް އޮފީސް ދަތުރުގެ ވާހަކައެވެ. ފަހު ދުވަހަށް ވުމުން ދަތުރުދާ މީހުންގެ ލިސްޓްވެސް އޮތީ އޭރު ނިމިފައެވެ. އަވިކް ފަހަތުގައި ހުރެގެން ނިކުންނަން ދިޔައިރު އެތަނުން ކުއްޖަކު ލިސްޓްގައި ތިބި ނަންތައް ކިޔާ އަޑު އިވިގެން ސަމާލުކަން ދެވުނެވެ. އޭނާ ހަމައެކަނި ބޭނުންވާ ނަޒްލާ ދަތުރުގައި ބައިވެރި ވާކަން ނުވަތަ ނޫންކަން ބަލާލުމަށެވެ. ނަޒްލާ އެދަތުރުގައި ބައިވެރިވެއްޖެނަމަ ދެމީހުންގެ ހީނަރުވެފައިވާ ގުޅުން ބަދަހި ކޮށްލަންވެސް އެއީ ރަނުގެ ފުރުސަތެކެވެ.
"ލިސްޓް އެބައޮތްތަ؟ ދީބަލަ!" އަވިކް ތަންކޮޅެއް ހިނގުން ބާރު ކޮށްލައިފައި ގޮސް އެކުއްޖާ ކުރެން އެހިއެވެ. އަންހެންކުއްޖާއަށް ޖަވާބެއް ނުދެވެނީސް އަތުގައި އޮތް ލިސްޓް ފެނިގެން އޭނާ އެ ދަމައިގެންފައި ތޭންކްސްއޭ ބުނެލަމުން މިސްރާބު ޖެހީ ކާރާއި ދިމާއަށެވެ. ކުދިންތައް ހައިރާންވެފައި އަވިކް ދާތަން ބަލަން ތިއްބެވެ.
އަވިކް ކާރަށް އަރައި އިށީންދެފައި ފުރަތަމަވެސް ކުރީ ނަޒްލާގެ ނަން ހޯދުމުގެ މަސައްކަތެވެ. އޭނާ ނަންތައް ކިޔަމުން މަތިން ތިރިއަށް ޝަހާދަތް އިނގިލި ގެނެސް ފަހު ނަމާއި ޖެހުނުއިރުވެސް ބޭނުންވި ނަމެއް ނުފެނުނެވެ. "އައި ނިއު އިޓް." ހިތްހަމަނުޖެހިގެން ކަރުދާސްގަނޑު ބާއްވާފައި އޭނާ ކާރު ދުއްވާލައިފިއެވެ. އަވިކް ކާރުގައި ގޮސް ނަޒްލާ ހުންނަގޭ ދޮރުމައްޗަށް މަޑުކޮށްލިއިރު ނަޒްލާވެސް ގޮސް އެހިސާބަށް ހުއްޓެނީއެވެ. އެވަގުތު އަވިކް އަވަހަކަށް ކާރުން ފޭބިތަން ފެނިގެން ނަޒްލާއަށް ޖެހިލެވުނީ ދެފިޔަވަޅު ފަހަތަށެވެ. އޭނާ އެއްފަހަރު އަވިކްއަށް އަދި އަނެއްފަހަރު ގޭގެ ދޮރާއި ދިމާއަށް ބަލާލީ ކަންބޮޑުވެފައެވެ. "އަވިކް ކީއްކުރަނީ މިތާ؟ ކީއްކުރަން މިތަނަށް ތިއައީ؟" ނަޒްލާ ސުވާލު ކޮށްލާފައިވެސް އަނެއްކާ ދޮރާއި ދިމާއަށް ކަޅިއެއް އެއްލިއެވެ. ޝީރީން ދައްތައަށް ނޫނީ ނިހާޒްބެއަށް ފެނިދާނެތީ އޭނާ ހުރީ ވަރަށް ބިރުގަނެފައެވެ. "ނަޒޫގެ ފޯނު ހިފައިގެން މިއައީ." އަވިކް ދޮރުފަތުގައި ލައްގަނެލާފައި ޖީބުން ފޯނު ނަގައި ދައްކާލިއެވެ. "އަވިކް އަތުގައިތަ މިއޮތްހާއިރު ފޯނު އޮތީ؟ އަހަރެން ތި ހޯދާ ހޯދާ ވަރުބަލިވެއްޖެ. ހީކުރީ ދެން ނުފެންނާނެ ކަމަށް." ނަޒްލާ އުފަލުން ފުންމައިގެންފައި އަވިކް އަތުން ފޯނު ޖަހައިގަންނަން ދިޔައެވެ. އެކަމަކު އަވިކް އެއަށްވުރެ އަވަހަށް ނަޒްލާއަށް އަތުނުވާނެހެން އަތް މައްޗަށް ހިއްލާލައިފިއެވެ. "ކީއްވެ އަހަރެންނަށް އަތުވާނެހެން ތިހެދީ؟ ގެނޭތި ފޯނު." ނަޒްލާ އަތް ދިއްކޮށްގެން ހުރެ ނުރިހިފައިވާ އަޑުން އަމުރު ކޮށްލިއެވެ. "އެހާ އަވަހަކަށް ނޫން." އަވިކް ހުރީ ހަމަޖެހިލާފައެވެ. ނަޒްލާ ތުން ދަމައިގެން ހުއްޓާ އޭނާ އަތްތިރި ކޮށްލާފައި އެފޯނުގައި ސޭވް ކޮށްފައި އިން ޞަޢީދާގެ ނަންބަރަށް ޑައިލް ކޮށްލައި ކަންފަތުގައި ޖަހާލައިފިއެވެ. ނަޒްލާއަށް އެތަން ފެނިގެން ދެލޯ ބޮޑުވިއެވެ.
"ޑޯން ވޮރީ. އަހަރެން ޒާހިދުއަކަށް ނޫން މިގުޅަނީ." އަވިކް އެހެން ބުނެލިއިރު ނަޒްލާއަށް ވާގޮތެއް ބަލައިލަން ސީދާ އެމޫނަށް ނަޒަރު ހުއްޓާލިއެވެ. ނަޒްލާ ކުރި ކަމަކީ އަވަހަށް ދަބަހުގެ ދިގު ވާގަނޑުގައި ބާރަށް ހިފަހައްޓާލައިފައި އިސްޖަހާލުމެވެ. އޭނާ ދެން އިސްނެގީ އަވިކް ވާހަކަދައްކަން ފެށި އަޑަށެވެ. "ޞައިއްތާ! އަނެއްކާވެސް އަހަރެންނޭ މީ. އަވިކް. ވަރަށް ބޮޑު ކަމަކު މިގުޅާލީ. އޮފީސް ދަތުރުގައި ނަޒްލާ ބައިވެރިވާން ބާރު އަޅައިލަދޭށޭ ބުނަން ވެގެން މިގުޅީ. އަސްލު މިވާގޮތަކީ..." ޞަޢީދާގެ ނަން އިވުނު ހިސާބުން ނަޒްލާ ނިއްކުރިއަށް ރޫ އަރުވާލައިގެން އަޑު އަހަން ހުރެފައި އަވިކްގެ ވާހަކަ އެހިސާބަށް ދިޔަތަނާ ތަނެއް ދޮރެއް ނުބަލާ އަވިކްގެ ކުރިމައްޗަށް ޖެހިގެންފައި އަނގަމަތީ އަތް އަޅައިފިއެވެ. ޚުދު އަވިކްއަށްވެސް ލިބުނީ ޝޮކެކެވެ. އޭނާ ހައިރާންކަމާއެކު ދާދި ކައިރިން ފެންނަން ހުރި ނަޒްލާގެ މޫނަށް ބަލަން ފެށިއެވެ. މަގުމަތީ މީހުން އުޅޭކަންވެސް ނަޒްލާ އެވަގުތު ހަނދާން ނެތް ކަހަލައެވެ. " ޕްލީޒް ޑޯން މެންޝަން ވޭރ އައި ވޯކް. ޝީ ވިލް ނެވަރ އެގްރީ ޓު ވޯކް އިން ޔޯ ޑޭޑްސް ކޮމްޕެނީ." ނަޒްލާ ވާހަކަ ދެއްކީ ޞަޢީދާއަށް ނޭނގޭނެހެން އިގިރޭސިންނެވެ. އަވިކް އެވަގުތު ބޯ ޖަހާލުމުން ނަޒްލާ ހަމަޖެހުމުގެ ނޭވައެއް ލައިފައި ދުރަށް ޖެހުނެވެ.
"ދައްތާ އެބަހުރިންތަ؟ ވެގެން އުޅޭ ގޮތަކީ ނަޒޫ މަސައްކަތް ކުރާ އޮފީހުގެ ބޭނުމަށް ރަށުން ބޭރަށް ދާން ޖެހިގެން މިއުޅެނީ. ނަޒޫ ކިޔައިފި ޞައިއްތަ ގަބޫލެއް ނުވާނެއޭ. އެކަމަކު ވަޒީފާގައި ދެމިހުންނަން ބޭނުމިއްޔާ މިދަތުރު ކޮންމެވެސް ދާން އެބަޖެހޭ. އަހަރެންނަށް މިކަން އެނގުނީ މިދަތުރުގައި އަހަރެމެންގެ ކޮމްޕެނީގެ ފަރާތުން އަހަރެން ބައިވެރިވާތީ. އަހަރެން ބުނެފިން ނަޒްލާ ކައިރީ އަހަރެން ނަޒްލާ ބަލާނަމޭ. ޞައިއްތަ ބުނެބަލަ ޞައިއްތަ ބޭނުންތަ މިވަރުގެ ކުޑަ ކަމަކާއިހެދި ނަޒްލާއަށް ލިބިފައި އޮތް ރަނގަޅު ވަޒީފާ ގެއްލެން؟ ބޭނުމެއް ނުވެއެއްނު." އަވިކްގެ ވާހަކަ ގެންދިޔަ ގޮތް އަޑުއަހައިގެން ނަޒްލާ ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އަވިކް މިހާރުވެސް ދޮގުވެސް ހަދަން ދަސްކުރީއޭ އޭނާ ހިތަށް އެރިއެވެ.
"ތިވާހަކަ އަދި އަހަރެން ކައިރީ ބުނެގެން ވާކަށް ނެތް. އަހަރެން ނަޒޫ އަތަށް ފޯނު ދޭނަން. ޞައިއްތަ އަދި އެއްފަހަރު ތިބުނިހެން ބުނެބަލަ." ޞައީދާގެ ވާހަކަ އަހަން ހިމޭނުން ހުރެފައި އަވިކް އިރުކޮޅަކުން ހިނިތުންވިއެވެ. އޭނާ ފޯނު ދިއްކޮށްލުމުން ނަޒްލާ އޭގައި ހިފާފައި ކަންފަތުގައި ޖަހާލި ގޮތަށް ހަލޯއޭ ބުނެލައިފިއެވެ. "ނަޒްލާ ކައިރީ އަހަރެން ބުނަން އޮތީ އެންމެ ވާހަކައެއް. ކޮންމެހެންވެސް ތިދަތުރު ދާން ޖެހޭނެ. އަވިކް ހުރިއްޔާ ނަޒްލާ ބަލާނެކަމުގެ ޔަޤީންކަން މަންމައަށް އެބައޮތް." މަންމަގެ ވާހަކަ އަޑު އަހަން ހުރެގެން ނަޒްލާ އަވިކްއަށް ބަލައިލިއެވެ. "މަންމަ ކައިރީ އެއްވެސް ވާހަކައެއް ބުނެފިއްޔާ އެހެންނޫނީ ދަތުރު ދާން ދެކޮޅު ހަދައިފިއްޔާ އަހަރެން ބުނާނަން ނަޒޫ ޖޮބް އަދާ ކުރަނީ ކޮންތާކުކަން." އަވިކް ކިރިޔާ ނަޒްލާއަށް އިވޭވަރަށް ބުނެލިއެވެ. "ދާނަން." ނަޒްލާ އެވަގުތު މަންމައަށް ޖަވާބު ދިނެވެ. އޭނާ ޞަޢީދާ ދައްކަން ފެށި އެހެން ވާހަކައަކަށް ސަމާލުކަން ދީގެން ހުއްޓާ އަވިކް ހެވިލާފައި ހުރެގެން ކާރަށް އަރައި ނައްޓާލައިފިއެވެ. ނަޒްލާ މަންމަގެ ވާހަކަ އަހަން ހުރެގެން ދޮރު ހުޅުވާލައިފައި ގެއަށް ވަދެގެން ދިޔައެވެ. އާދައިގެ މަތިން ނިހާޒްއާއި ޝީރީން ބަދިގެތެރޭ ހުރި ކުޑަ މޭޒުގެ ދެފަރާތުގައި ކާން ތިއްބެވެ. ނަޒްލާ ވަންތަން ފެނިގެން ނިހާޒް ކާންވީ ނޫންހޭ ގޮވާލުމުން ނަޒްލާ ބޯ ޖަހައިލާފައި ފުރަތަމަ ވަނީ ކޮޓަރިއަށެވެ.
އޭނާ ފޯނުން ނިމިގެން ގޮސް ވެއްޓިގަތީ އެނދަށެވެ. އޭނާ ކަންބޮޑުވީ ހަދަން ޖެހިފައި އޮތް މަސައްކަތްތައް ނުނިމިދާނެތީއެވެ. ހޮނިހިރު ދުވަހު ދަތުރު ދަންޏާ މިރޭ އާއި މާދަމާރޭ ނުނިދާ ހުރެވެސް އޭނާ ޖެހޭނީ ހުރިހާ މަސައްކަތެއް ނިންމާށެވެ. ހުކުރު ދުވަހަކީ އެކަނި ގޭގެ މަސައްކަތަށް އޮންނަ ދުވަހެކެވެ. އެންމެންގެ އެއްޗެހި ދޮވެ އިސްތިރި ކުރުމުގެ އިތުރަށް މުޅި ގޭތެރެ ފޮޅައި މޮޕްލާން ޖެހެއެވެ. ނުވިތާކަށް ހުރިހާ ކޮޓަރިއެއްގެ ދޮރުފޮއްޗާއި އެނދު ތަންމަތި ބަދަލު ކުރަންވެސް ހަވާލުވެފައި އޮންނަނީ ނަޒްލާއަށެވެ. ޝީރީންގެ ހުންނަ މުރަނަ މިޒާޖުދެކެ ޖެހިލުން ވާވަރުން ނަޒްލާ ކިތަންމެ ވަރުބަލި ވިއަސް ހުރިހާ މަސައްކަތެއް ނިންމައެވެ. އިރު އޮއްސޭން ވާއިރަށް ހިންދެމި ލެވެނީވެސް ކިރިޔާއެވެ.
ކަންތައް ވީ ނަޒްލާ ހީކުރި ގޮތަށެވެ. އެރޭ އޭނާއަށް ނިންމުނީ ދެބައި ކޮށްފައި އެއްބައިހާ މަސައްކަތެވެ. ފަތިސްވީއިރު އޮވެވުނީ މޭޒުގައި ބޯ އަޅާލި ގޮތަށެވެ. ދެން އޮތީ ހުކުރު ދުވަހުގެ މަސައްކަތެވެ. އެރޭ އިރު އޮއްސުނުއިރުވެސް ވަރުބަލި ވެގެން ނިދި އަތުވެއްޖެއެވެ. އެކަމަކުވެސް ހިތްވަރު ކޮށްގެން ދަންވަރު ހޭލާ އިނދެ ހުރިހާ ކަމެއް ނިންމާލިއެވެ. ގަޑި ބަލާލިއިރު ކުޑަ ވަގުތު ކޮޅެއް ހުއްޓާވެސް ނިދާލަން އޭނާ ކެތްމަދުވިއެވެ. ގަޑި ސޯނާ ކޮށްފައި ޖައްސާލި ގޮތަށް ފުން ނިދީގައި އޮވެ ވަގުތު ފާއިތު ވިއިރުވެސް ދެން އޭނާއަށް ލޮލެއް ނުހުޅުވުނެވެ. ބަންދު ދުވަހަކަށް ވުމުން އަނެއްކޮޅުން ސަމާވެސް އޮތީ ގަދައަށް ނިދާފައެވެ.
"ނަޒްލާ ފުރަން ދިޔައީތަ؟" ނިހާޒް ބޭރުގައި އުޅެލާފައި އައިސް ގެއަށް ވަދެފައި ޝީރީން ފެނިގެން ސުވާލު ކުރިއެވެ. އޭނާ ނިންމައިގެން ހުރީ ނަޒްލާ ފުރަން ގެންގޮސްދޭ ގޮތަށެވެ. "ނޭނގެ." ޝީރީން ދޮގެއް ހަދާލައިފައި ގޮސް ވަނީ ކޮޓަރިއަށެވެ. ނިހާޒް ނަޒްލާމެން ކޮޓަރީގެ ދޮރާއި ދިމާއަށް ބަލަން ހުރެލާފައި ގޮސް މަޑުމަޑުން ޓަކި ޖަހާލިއެވެ. ނަޒްލާ ގޭގައި ނެތީކަން ނުވަތަ ނޫންކަން ޔަޤީން ނުކޮށް ދޫކޮށްލާކަށް އޭނާ ބޭނުމެއް ނުވިއެވެ. ގަދަ ނިދީގައި އޮތް ނަޒްލާއަށް ހޭލެވުނީ އެއަޑަށެވެ. ދެލޯ ހުޅުވާލުމާއެކު އޭނާ ފުންމައިގެން ތެދުވިއެވެ. "ނިހާޒްބެ އަހަރެންނަށް އަދި މިހޭލެވުނީ." ގަޑިން ވީ އިރެއް ފެނުމުން ނަޒްލާއަށް ޖަވާބު ދެވުނީވެސް ނިކަން ބާރަށެވެ. އެއަޑަށް ސަމާވެސް ފުންމައިގެން ތެދުވިއެވެ. "އަވަސް ކޮށްލާ ނަޒޫ. މިހާރު އެއޮތް ފަސް މިނިޓަށް ވީ." ނިހާޒް ގޮވާލި އަޑު އިވުނެވެ. "އޯހ ނޯ." ނަޒްލާ އަވަހަށް ރަޖާ އެއްލައިލާފައި އެނދުން ފުންމާލައިގެން ގޮސް ފާޚާނާއަށް ވަދެއްޖެއެވެ. އޭނާ އަވަސް އަވަސް ކޮށްލައިގެން ނިކުތްއިރު ސަމާ ހުރީ ދަބަސް ތައްޔާރު ކޮށްދީފައެވެ. "އަޅެ އަހަރެން މިދަތުރުގައި ބައިވެރި ނުވިއްޔާ އަވިކް ހަދާނެ ގޮތެއްވެސް ނޭނގެ." ކުޑަ ކުއްޖަކު ބޮޑާ ހާކާހެން ރޮމުން ނަޒްލާ ތައްޔާރު ވާން ފެށިއެވެ. ސަމާވެސް އިނީ ކަންބޮޑުވެފައެވެ. އޭނާ ގަޑި ޖެހުނު ވާހަކަ ބުނުމުން ނަޒްލާ އިސްތަށިގަނޑުވެސް އޮތްގޮތަށް ދޫކޮށްލައިފައި ދަބަސް ހިފައިގެން ދުވެފައި ނިކުމެއްޖެއެވެ.
"އަޅެ ނޫން ނޫން ނޫން......" ޖެޓީ ކައިރިއަށް ސައިކަލު މަޑުކޮށްލުމާއެކު ފައިބައިފައި ނަޒްލާ ދެފަރާތަށް ބޯ ހޫރާލިއެވެ. އެއޮފީހުގެ އެކަކުވެސް އެތާގައި ފެންނާކަށް ނެތެވެ. ނިހާޒްވެސް ނަޒްލާ ހިތްހަމަ ޖައްސަދޭން ބުނާނެ އެއްޗެއް ނޭނގިފައި ސައިކަލު މަތީ އިނެވެ. ކުއްލިއަކަށް އެދެމީހުންގެ ސަމާލުކަމަށް އައީ ތަންކޮޅެއް ދުރުގައި އޮވެފައި އައިސް އެތަނަށް ކައިރިކޮށްލި ކާރެކެވެ. ނަޒްލާއަށް އެކާރުގެ ނަންބަރ ފެނުމުން ހިތް ތެޅިގަތެވެ. އެއީ އަވިކް ދުއްވާ ކާރު ކަމާއިމެދު އޭނާއަށް ޝައްކެއް ނެތެވެ. ދެމީހުން ބަލަން ތިއްބައި ކާރުގެ ދޮރު ހުޅުވާލައިފައި އަވިކް ފައިބައިފިއެވެ. "އަދި ތިއާދެވުނީ ދޯ." އަވިކް ވާހަކަ ދެއްކިއިރު ބަލަން ހުރީ ނަޒްލާއަށެވެ. އޭނާ ނިހާޒްއަށް ބަލައިލާފައި ލުއި ހިނިތުންވުމެއް ދައްކާލިއެވެ. "ހިނގާ ދެން ދާން." އަނެއް ފަރާތުން ނިކުތް ޑްރައިވަރ ޔުނީފޯމްގައި ހުރި މީހާގެ ދިއްކޮށްލި ދަބަހުގައި ހިފައި ކޮނޑުގައި އަޅުވާލަމުން އަވިކް ކުރިއަށް އިޝާރާތް ކޮށްލިއެވެ. އެމީހާ އަވިކް އަތުން ތަޅުދަނޑި ހޯދައިގެން ކާރު އަނބުރާލައިފައި ގޮސް ލޯމަތިން ގެއްލިއްޖެއެވެ. އެވަގުތު ނިހާޒްވެސް ދަނީއޭ ބުނެފައި ސައިކަލު ދުއްވާލައިފިއެވެ.
"ކޮބާ އެހެން މީހުން؟ އެކަކުވެސް ނެތެއްނު." ދެމީހުން އެކަނިވުމުން ނަޒްލާ އަވިކްއާއި ސުވާލު ކުރިއެވެ. "އެމީހުން ހިނގައްޖެ." އަވިކް ޖަވާބު ދީފައި ނަޒްލާ އަތުގައި ހިފާލައިގެން ވާޓަރާއި ދިމާއަށް ހިނގައިގެންފިއެވެ. "ހި..ހިނގައްޖެއޭ؟ ދެން އަވިކް ކީއްވެ ނުގޮސް ތިހުރީ..؟" އަވިކް އާއި އެއްވަރަށް ހިނގަމުން ނަޒްލާ އަނެއްކާ ސުވާލު ކުރިއެވެ. "ތީވެސް ދެން މީހުން ކުރާކަހަލަ ސުވާލެއްތަ؟ ނަޒޫ ނާންނާތީ ނަޒޫ ގޮވައިގެން ދާކަށްނު އަހަރެން މި މަޑުކުރީ. ނަޒޫ ހީކުރީ ތިގޮތަށް އަދި ޑްރާމާއެއް ކުޅެލާއިރަށް ސަލާމަތް ވެވޭނެ ކަމަށް ދޯ. ނަޒޫ ދެންމެ މިތަނަށް ނައިނަމަ އަހަރެން ތިގެއަށް ގޮސްގެންވެސް ނަޒޫ ގެންނަ ގޮތަށް ހުރީ." އަވިކް އެމޫނަށް ބަލައިވެސް ނުލައި ވާހަކަ ދައްކަމުން ގޮސް ވާޓަރު މައްޗަށް އަރާފައި ނަޒްލާ ގޮވައިގެން އެންމެ ކައިރީގައި އޮތް ލޯންޗަށް ފުންމާލައިފިއެވެ. އަވިކް ނުދެނަހުރި ކަމަށް ހަދާފައި ނަޒްލާ އަތުން ދޫކޮށްލައިގެން އެތެރެއަށް ވަންނަން ހިނގައިގަތެވެ. އެވަގުތު ނަޒްލާ އަވިކް އޭ ގޮވާލިއަޑު އިވުނެވެ. އޭނާ އެނބުރިލިއިރު ނަޒްލާ ހުރީ އެތަނުގައިވެސް އެހީއަށް އެދި އަތްދިއްކޮށްލައިގެންނެވެ. ލޯންޗް ކޮޅުގައި ހުރެގެން ހިޔާގަނޑުތެރެއަށް ފައިބަން ދާން ބިރުގަނެފައެވެ. އަވިކްގެ ތުންފަތަށް ވެރިވި ލުއި ހިނިތުންވުމާއެކު ނަޒްލާ އަތުގައި ހިފާލައި މުށުތެރޭ ބާރުކޮށްލިއެވެ.