ނަޒްލާ ލިފްޓުން ނިކުމެގެން ދިގު ކޮރިޑޯގެ ކޮޅުގައިވާ މީޓިން ރޫމަށް މިސްރާބު ޖެހިތަނާ އައި ނައިތަނެއް ނޭނގި ކޮންމެވެސް މީހަކު އޭނާގެ ފުރަގަހުން އަނގަމަތީ އަތް އަޅައި އަނެއްއަތުން އެއުނަގަނޑު ވަށާލީނުން ދަމާފައި ކަހަލަ ގޮތަކަށް ގެންގޮސް އެންމެ ކައިރިއަށް ހުރި ދޮރު ހުޅުވާލައިފައި އެތެރެއަށް ދެމިގެންފިއެވެ. ހިނދު ކޮޅަކަށް ނޭވާ ކަރުތެރޭ ތާށިވިހެން ނަޒްލާއަށް ހީވިއެވެ. ހަފަރާތުން ވެރިވެގެން އައި އަނދިރިކަމާއެކު ބިރުވެރި ހިޔާލުތައް އައިސް ހިތާއި ސިކުނޑި ވަށާލި ހިނދުން ހިފެހެއްޓުމެއްނެތި ލޮލުން ކަރުނަ އަތުވެއްޖެއެވެ.
"ނަޒޫ!" އެއިވުނީ އަވިކްގެ އަޑެވެ. ސަލާމަތްވާން ވެގެން ނަޒްލާ ކުރަމުން ދިޔަ މަސައްކަތަށް އެހިސާބުން ހުއްޓުމެއް އަތުވެއްޖެއެވެ. އަވިކްވެސް އެހަށިގަނޑުން އަތް ވަކި ކޮށްލާފައި ފިޔަވަޅެއް ފަހަތަށް ޖެހިލައިގެން ހުއްޓުނެވެ. "އަވިކް؟" ނަޒްލާ ގޮވާލިއެވެ. ހީވަނީ އަދިވެސް ޔަޤީން ކުރަންވެގެން އުޅުނު ހެންނެވެ. ލޯ ފުހެލާފައި އޭނާ އަވިކް ހުރި ތަނެއް ފާހަގަ ވޭތޯ ފަރާތް ފަރާތަށް ބަލާލިއެވެ. "ހޫމ. އަހަރެން." އަވިކް އަތް އުފުލާލައިފައި ސްވިޗް ޖައްސާލިހާއިރުން މުޅި ތަން އަލިވެގެން ދިޔައެވެ. ނަޒްލާ ދެލޯ ބޮޑުކޮށްގެން ހުރެފައި ކުރިމަތީ އަވިކް ފެންނަން ނެތުމުން އަނެއްފަރާތަށް އެނބުރުނެވެ. އަވިކް ހިނިތުންވެލީ އެވަގުތުއެވެ. އިސްތަށިގަނޑު ކުރިއަށްވުރެ ކުރުކޮށްލާފައި އޮތުމުން ކުއްލިއަކަށް ތަފާތު ކުލަ ޖަހާލައިފިއެވެ. އަތްދިގު އަޅި ޓީޝާޓާއި ކަޅު ފަޓްލޫނެއްގައި އެހުރީ އޮފީހުގައި އޮތް މީޓިންއަކަށް އައިސް ހުރި މީހަކާއި ވައްތަރެއް ނޫނެވެ.
"އަވިކް ކޮން މޮޔައެއް ވެގެން ތިއުޅެނީ؟" ނަޒްލާ ބަލަން ހުރެފައި ކުއްލިއަކަށް ފެށިއެވެ. "އަދިވެސް ޝުކުރު އަދާ ނުކޮށް އެތިވަރު ގޮވަންތަ ފެށީ؟ ނަޒޫއަށް އެނގޭތަ އަހަރެން ނަޒޫ މިސަލާމަތް ކުރީ ކިހާވަރެއްގެ ޕްރޭންކްއަކުން ކަން؟" އަވިކް ބުނި އެއްޗެއް ނަޒްލާއަކަށް ދޭހައެއް ނުވިއެވެ. އޭނާ ފާޑަކަށް ބަލަން ހުރެފައި ގަޑި ޖެހެނީއޭ ބުނެ ހިނގައިގަތީ އަނެއްކާވެސް ދޮރާ ދިމާއަށެވެ. "ޑޯންޓް!" އަވިކް ފުންމައިގެން އައިސް ނަޒްލާ ކުރިމައްޗަށް ހުއްޓި އަތް ހުރަސްކޮށްލިއެވެ. "އަވިކް އަހަރެން ކުރިމަތިން ދުރަށް ދޭ!" ނަޒްލާ އެއަޑެއް ނޭހިއެވެ. އަވިކް އަތް ތިރިކޮށް ނުލުމުން އޭނާ ގުދުވެފައި އެތަނުން ދެމިގަތެވެ. ނަޒްލާގެ އެގޮތްދޫ ނުކުރާ އަމަލުން އަވިކް ގާތަށްވެސް ކުޑަކޮށް ރުޅިއައެވެ. އޭނާ ދަތްކުނޑި ވިކާލައިފައި އަނެއްކާވެސް ނަޒްލާ ފަހަތުން ދިޔައެވެ. ނަޒްލާ ގޮސް ތަޅުގައި އަތްލިތަނާ އަވިކް އޭނާގެ ކޮނޑުގައި ހިފާ މަގަތަށް އަނބުރާލި ގޮތަށް ގެންގޮސް އެދޮރުފަތުގައި ތަތްކޮށްލައިފިއެވެ. ނަޒްލާ ރުޅިއައިސްގެން ހަޅޭތްލަވައިގަންނަން ތައްޔާރު ކޮށްލިއިރަށް އަވިކް އޭނާގެ ދެފަރާތުން ދޮރުގައި އަތް ވިއްދާފައި ޖެހޭ ނުޖެހޭ ހިސާބަށް ކައިރިވެލުމުން ނޭވާ ހިފަހައްޓާލެވުނީއެވެ. ކުއްލިއަކަށް އެހާ ކައިރިން އަވިކްގެ މޫނު ފެނުމުން އޭނާގެ ދެތުންފަތުގައި ތަޅެއް ލެވުނު ކަހަލައެވެ.
"ނަޒޫ ކޮންއިރަކު ތިހާ ސްޓަބަންވީ؟" އަވިކް ސުވާލު ކޮށްލިއެވެ. ޖަވާބު ނަޒްލާގެ ހިތަށް އައި ނަމަވެސް އޭނާއަށް އަދިވެސް ވާހަކައެއް ނުދެއްކުނެވެ. "އަހަރެން ނަޒޫ ކައިރީ މުހިންމު ވާހަކައެއް ބުނަން ވެގެން ގެއަށް ހޯދަން ދިޔައީ ފޯނަށް ގުޅަ ގުޅާ ނުނެގީމަ. އެކަމަކު ގެއަށް ދިޔައީމަ ނަޒޫގެ ފޯނު ލިބުނީ. ނަސީބެއް ދެން އަހަރެންނަށް ނަޒޫގެ ފޯން ޗެކްކޮށްލެވުނުކަން." އަވިކް އިތުރަށް ބުނެލިއެވެ. ނަޒްލާގެ ދުލަށް ބާރު ލިބުނީ އެހިސާބުންނެވެ. އޭނާ ދެލޯ ބޮޑުކޮށްފައި އަވިކް ގެއަށް ދިޔައީ ކީއްކުރަންހޭ ބުނެލިއިރު ކުރިއަށްވުރެ ބޮޑަށް އަތްފައި ފިނިވެގެން އައެވެ. "އަދި އެވަރުންވެސް ނަޒޫއަށް ކަމުނުދިޔައީ އަހަރެން ތިގެއަށް ގޮސްގެން ދޯ؟ ކޮންކަހަލަ ކުއްޖެއް ތީ؟ ޔައީޝް ނަމުގަ މެސެޖް ކުރި މީހަކު ރާވާފައި އަދި އޮތީ ކިހާ ވަރެއްގެ ކަމެއްކަން ލަފާކޮށްލަންވެސް ނޭނގޭ. ނަޒޫއަށް ދެރަގޮތެއް ވިނަމަ......" އަވިކް ޖުމްލަ ފުރިހަމަ ނުކޮށް ދުރުބަލާލިއިރު ހިތުގައި އޮތީ އެކަމެއްގެ އަޑީގައި ހުރި މީހެއްގެ ހިޔާލެވެ. އެއީ އަދި ކޮންމެ މީހަކު ކަމުގައިވިއަސް އެމީހަކު އެކުރީ ރަނގަޅު ކަމެއް ނޫނެވެ. ނަޒްލާ އަވިކް ދެއްކި ވާހަކަ އާއި މެދު ވިސްނަން ހުއްޓައި އަވިކް ކުއްލިއަކަށް އަތް މުށްކަވާލައިފައި ފާރުގައި ޖެހި ގޮތުން ހަޅޭތްލަވައިގެންފައި ދެލޯ މަރާ ތަގުޅި ކޮށްލެވުނެވެ. އައި ރުޅީގައި ކުރެވުނު ކަންތައް އަވިކްއަށްވެސް ރޭކާލީ އެހިސާބުންނެވެ. އޭނާ އެކަމެއް ކުރީ ނަޒްލާއަށް ލަނޑު ދޭން އުޅުނު މީހަކާއިމެދު ވިސްނަން ހުރެގެންނެވެ.
ބިރުގެންފައި ހުރި ނަޒްލާގެ މޫނަށް އަވިކްގެ ނަޒަރު ހުއްޓުމާއެކު ހަމްދަރްދީން ހިތް ފުރިގެން އައެވެ. ނަޒްލާ ބިރުގަތްވަރު ދޭހަ ކޮށްދިނީ އޭނާގެ ލޮލުން ވެއްޓިގެން ކޯތާފަތުން ތިރިއަށް ފިރުކެމުން ދިޔަ ކަރުނަ ތިއްކެވެ. ތުންފަތުގައި ދަތް އަޅައިގެން ހުރިލެއް ބާރުކަމުން ތުންފަތްވެސް ހުރީ ރަތްވެފައެވެ.
"އޮފީހުގެ އެއްވެސް މީޓިންއެއް މިރެއަށް ހަމަޖެހިފައެއް ނެތް. އެހެންވެ އަހަރެނަށް އެނގުނީ ކޮންމެވެސް މީހަކު ނަޒޫއަށް ލަނޑެއް ދޭން މަސައްކަތް ކުރަނީކަން." އަވިކް ހިމޭންވެފައި އިއްވާލިއެވެ. އަޑު އައީ ދުރުކަން ފާހަގަވެގެން ނަޒްލާ ކުއްލިއަކަށް ލޯ ހުޅުވާލިއިރު އަވިކް ފުރަގަސްދީފައި ގޮސް ތަންކޮޅެއް ދުރުގައި ހުއްޓެނީއެވެ. "ތީ އަޖައިބެއް. އެކަމަކު ޔައީޝް ނަމުގަ އެހެން މީހަކަށް މެސެޖް ކުރެވޭނީ ކިހިނެތް؟ އޭނަގެ ފޯނު ވަގަށް ނެގީތަ؟ ގައިމު އެކަހަލަ ކަމެއް ނަމަ އަހަރެންނަށް އެކަންޏެއްނު މެސެޖް އަންނާނީ. ޒުލްފާ އާ ރިދީއަށްވެސް ހަމަ އެމެސެޖް އައި. އަވިކް ދޮގު ހަދަނީ. އަހަރެން ގަބޫލެއް ނުކުރާނަން." ނަޒްލާ އެވަރުންވެސް ކުށްވެރި ކުރީ އަވިކްއެވެ. "ޒުލްފާ އާއި ރިދީ؟" އަވިކްއަށް ފާހަގަ ވީ އެދެނަމެވެ. "ކަމް ވިތް މީ!" އަވިކް ވިސްނަން ނުހުރެ އަނބުރާލައިފައި އައިސް ނަޒްލާ އަތުގައި ހިފައިގެން އެތަނުން ނިކުންނަން ހިނގައިގަތެވެ. ވާނުވާއެއް ނޭނގިފައި ނަޒްލާ ހުއްޓާ އަވިކް އޭނާ ގޮވައިގެން ގޮސް މީޓިން ރޫމްގެ ދޮރު ހުޅުވާލައިފިއެވެ. އެވަގުތު ދެމީހުންނަށްވެސް ލިބުނީ ކުއްލި ހައިރާންކަމެކެވެ. އެބޮޑު މީޓިންރޫމް ތެރޭގައި ފެތުރިފައި އޮތީ ދިއްލާފައި ހުރި އުއްބައްތި ތަކުގެ އައްޔެވެ. "ތިއައީތަ؟" ކުރިންވެސް އައިސް އެތެރޭގައި އިން މީހަކު އަހާލި އަޑު އައެވެ. ދެމީހުންގެ ނަޒަރު އެއަޑުގެ ވެރިޔާ ހޯދަން އެކި ދިމާއަށް ދަތުރު ކޮށްލިއެވެ. އެމީހަކު އިނީ އެތާ މެދުގައި ހުރި ދިގު މޭޒުގެ ކޮޅުގައި ހުރި ގޮނޑީގައެވެ. ފުރަގަސްދީގެން އިނުމުން ކާކު ކަމެއް ވައްކެއް ނުވެއެވެ.
"ކާކު؟" ނަޒްލާ ކައިރިއަށް ދަމުން އަހާލިއެވެ. އަވިކް ހުއްޓި ހުރީ އެތާ އިތުރު މީހަކު އުޅޭކަން އެމީހަކަށް ނާންގަން ވެގެންނެވެ. "އެހެން މީހަކަށް ނުވަދެވޭނެހެން ރަނގަޅަށް ދޮރު ތަޅުލިންތަ؟" އޭނާ ދެއްކީ އެހެން ވާހަކައެކެވެ. ނަޒްލާ ހައިރާންވެގެން އެނބުރި އަވިކްއަށް ބަލާލިއެވެ. އަވިކް އަތުން އިޝާރާތް ކޮށްލީ އަދިވެސް ކުރިއަށް ދިއުމަށެވެ. "އަހަންނަކަށް ނުވިސްނުނު ތިކިޔާ އެއްޗެއް. ކީއްކުރަން ދޮރު ތަޅުލަންވީ؟ މިތަނުގައި އޮންނަ މީޓިންއަށް އިތުރު މީހުން އަދި އަންނާނެއެއްނު." ނަޒްލާ އިތުރަށް އޮޅުން ފިލުވަން ވެގެން އެހިއެވެ. "ތިހާ އިނޮސެންޓް ނުވެބަލަ ނަޒޫ. އަހަރެންނަށް އިނގޭ އެންމެން ކުރިމަތީ ދުރަށް ދުވިއަސް އެއެންމެންގެ އެޓެންޝަން ލިބޭތީ ނަޒޫ އުފާވާކަން. ޔައީޝް އާއި އަވިކްއަށްވުރެ އަހަރެން އަދި މޮޅުވާނެ ނަޒޫ އުފާކޮށްދޭން." ލައްމާހު ގޮނޑި މަގަތަށް އަނބުރާލީ އެޖުމްލަ ނިންމާފައެވެ. އެވަގުތު އެންމެ ފުރަތަމަ އޭނާގެ ލޮލުގައި އަޅައިގަތީ ދާދި ކައިރީގައި ދެލޯ ބޮޑުވެފައި ހުރި ނަޒްލާއެވެ. ތުންފަތަށް ވެރިކޮށްލި ހިނިތުންވުމާއެކު ލައްމާހު ތެދުވެގެން ނަޒްލާ ކައިރިއަށް ދާން ނެގީ ދެފިޔަވަޅެވެ. ދުރުން އެދިމާއަށް އެހެން މީހަކު އަންނަ އަޑު އިވިގެން އޭނާ ބަލައިލާފައި ކަންބޮޑުވެގެން އަވިކްގެ ނަން ކިރިޔާ ގޮވާލެވުނުކަމެވެ. ރުޅި އައިސްފައިވާ ސިންގާއެއްހެން އަވިކް އައިސް ކުރިމަތީ ހުއްޓިފައި ލައްމާހު މޫނަށް ދޫކޮށްލި ގޮށްމުށުގެ އެތިފަހަރާއެކު އޭނާ ދެފިޔަވަޅެއްވަރު ފަހަތަށް ގޮސް އުއްޑުން ވެއްޓިޖެހިއްޖެއެވެ. ނަޒްލާއަށް އެމަންޒަރު ފެނިގެން އަނގަމަތީ އަތް އަޅައިލާފައި ދެފަރާތަށް ބޯ ހޫރާލެވުނެވެ. ލައްމާހު ތެދުވެ އިށީންދެފައި ޝައްކުވެގެން ނޭފަތުގައި އިނގިލި ޖައްސާލިއިރު އޮތީ ހުސް ލެއެވެ. "ވަޓް ދަ ހެލް އިޒް ދިސް؟" ލައްމާހުގެ ނުރުހުންވެފައިވާ މޫނު އަވިކްއަށް އަމާޒު ކޮށްލަމުން ބުނެލިއެވެ. އަވިކްގެ ދެވަނަ ހަމަލާ އައީ އެވަގުތުއެވެ. އޭނާ ބަލާކަށް ނުހުރެ ކަނާތު ފައިން ލައްމާހުގެ ބަނޑުގައި ޖަހައި އަނެއްކާވެސް އުއްޑުން ވައްޓާލައިފިއެވެ. ނަޒްލާއަށް ހަޅޭތްލަވައިގަނެވުނީ އެވަގުތުއެވެ. އޭނާ ދުއްވައިގެންފައި އައިސް އަވިކްގެ މުލައްދަނޑީގައި ދެއަތުން ހިފަހައްޓައި ކުރިއަށް ދިޔަ ނުދޭން ހުއްޓުވައިފިއެވެ.
"ތިދެލޮލުން ދެން ނަޒޫއަށް ނުބަލާތި! ތިމުޑުދާރު ދުލުން ނަޒޫގެ ނަން ނުކިޔާތި ކަލޭ. ކަލޭ ތިހީކުރާ ކަހަލަ މުޑުދާރު ކުއްޖެއްނޫން އެއީ. ނަޒޫއަކީ ތޯޚިރު ކުއްޖެއް. އޭނާގެ ރަނގަޅު ކަމުން ކަލޭމެން ކަހަލަ މީހުންނާއިވެސް އޭނާ އަނގައިން ބުނާތީތަ ހިތު ހުރިހާ ގޮތަށް އޭނާގެ ކެރެކްޓަރ ތި ސިފަ ކުރަނީ؟" ނަޒްލާ ހިފަހައްޓައިގެން ހުއްޓާވެސް އަވިކް ފިޔަވަޅެއް ކުރިއަށް ޖެހިލާފައި ބާރު ބާރަށް ވާހަކަދެއްކިއެވެ. އެއަޑު އިވިގެން ނަޒްލާގެ ދެލޯވެސް އަވިކްގެ މޫނަށް ހުއްޓާލެވުނެވެ.
"ކަލޭ ކޮން ރުޅިއެއް އަންނާކަށް އަވިކް؟ ނަޒްލާ އެއީ ކަލޭ އަންހެނުންތަ؟" ލައްމާހު ޖަހައިލީ މަލާމާތުގެ ހިނިގަނޑެކެވެ. "އާ. ނަޒްލާ އެއީ ހަމައެކަނި އަހަރެންގެ މީހެއް. އަހަރެން ލޯބިވޭ ނަޒްލާދެކެ. އެއީ އަހަރެންގެ ވާން އުޅޭ އަނބިމީހާ. އަހަރެން މިއުޅެނީ އޭނައާއި އިންނަން. އެހެންވެގެން މިބުނަނީ ކަލޭ ދެން އޭނައަށް ބަލާލިއަސް ނިމުނީ. " ލައްމާހުގެ ހިނިގަނޑާއެކު އިތުރަށް އަނދައިގަތް އަވިކް އެވާހަކައަށް ރައްދު ދިން އަޑު އަހާފައި ނަޒްލާއަށް އެދެއަތް ތިރި ކޮށްލެވިއްޖެއެވެ. މަޑުމަޑުން ދެފަރާތަށް ބޯ ހޫރާލަމުން އޭނާ ޖެހިލީ ދެފިޔަވަޅު ފަހަތަށެވެ. ދެން އަނެއްފަރާތަށް އެނބުރިފައި ކުއްލިއަކަށް ދޮރާއި ދިމާއަށް ދުއްވައިގެންފިއެވެ. އެއަޑަށް އަވިކްގެ ނަޒަރު އެދިމާއަށް ދަތުރު ކޮށްލިއެވެ. ނަޒްލާ ދާތަން ފެނުމުން އޭނާ ބޭނުންވީ ހުއްޓުވާށެވެ.
"ހަނދާނުގަ ބަހައްޓާތި އަހަރެން މިބުނި ވާހަކަތައް!" އަވިކް ލައްމާހުއަށް އިންޒާރު ދީފައި ބާރު ބާރަށް ގޮސް ނިކުތްއިރު ނަޒްލާ ލިފްޓާއި ދިމާއަށް ދުވެފައި ދަނީއެވެ. ލިފްޓް އަތުނުދެވާނެތީ އަވިކްވެސް އެންމެ ފަހުން ދުއްވައިގަތެވެ. އޭނާ އެތެރެއަށް ދެމިގަތީ ދޮރު ލެއްޕި ލެއްޕި ހުއްޓައި އެދެމެދަށް އަތް ކޮށްޕާލައި ދޮރު ހުޅުވާލައިގެންނެވެ.
"ކީއްވެ؟" އަވިކް ނަޒްލާއަށް ބަލައިލާފައި ވާހަކަ ފަށާނެ ގޮތަކާއިމެދު ވިސްނަން ހުއްޓައި ނަޒްލާ އަހާލި އަޑު އިވުނެވެ. އޭނާ އެމޫނަށް ބަލައިލިއެވެ. "ކީއްވެހޭ އެހެން ބުނީ؟" ދެވަނަ ފަހަރު ނަޒްލާ ސުވާލު ކޮށްލިލެއް އަޑު ގަދަކަމުން އަވިކް ދިޔައީ ސިއްސައިގެންނެވެ. "އަވިކް ހީކުރީ ތިކުރެވުނީ މޮޅު ކަމެއް ކަމަށްތަ؟ ހިތުން އަހަރެންގެ ދިފާޢުގައި ވާހަކަ ދައްކާފަ ދޯ ތިއައީ. ނޭނގޭތަ ތިބުނި އެއްޗެއްގެ ސަބަބުން އަހަރެންނަށް ދިމާވާނީ އިތުރު މައްސަލައެއް ކަމެއް." ނަޒްލާ ރުޅިއައިސްފައި ހުރިވަރުން އަވިކްގެ މޫނަށް ނުބަލަން ވެގެން ބަލަން ފެށީ ތިރިއެވެ. "ނަޒޫ ހީކުރީ އެއީ އަހަރެން ނަޒޫ ދިފާޢު ކުރަން ބުނި ވާހަކަތަކެއް ކަމަށްތަ؟ އަހަރެން މީ ހަމަ އެހާ ފީކަޅާ މީހެއް ގޮތުގަ ތަ ނަޒޫ ދެކެނީ؟ ކާކުތަ ކައިވެނީގެ ވާހަކަ އެފަދަ ތާކުން ތާކު ގޮތަށް ގެންނާނީ؟" ނަޒްލާގެ ވާހަކަ އިވުމުން އަވިކް ހުރީ އަޖައިބުވެފައެވެ. އޭނާ ދެލޯ ބޮޑުކޮށްފައި ނަޒްލާއަށް ބަލައިލިއެވެ. "އަހަރެން ހިއެއް ނުކުރަން މިވާހަކަ މިގޮތަށް ބުނަން ޖެހިދާނެ ކަމަކަށް. އެކަމަކު އަހަރެން މިރޭ ނަޒޫއަށް ގުޅީ ލޯބިވާ ވާހަކަ ބުނަން. އަހަރެން ޕްލޭން ކޮށްފަ އޮތީ ނަޒޫ ގޮވައިގެން ޑިނަރއަށް ގޮއްސަ އެކަން ފާޅު ކުރަން. އެކަމަކު ހުރިހާ ކަމެއް މިވީ ހީކުރި ގޮތާއި ޚިލާފަށް." އަވިކް ވާހަކަ ދައްކަމުން ނަޒްލާގެ ކުރިމައްޗަށް ހުއްޓުނެވެ. ނަޒްލާ ފާޑަކަށް ބަލަން ހުއްޓައި އަވިކް އެދެއަތުގައި ހިފާލިއެވެ.
"ނަޒޫ އަހަންނަކަށް ނޭނގެ ކިހިނެތް ކޮންއިރަކު ކަމެއް އަހަރެންގެ ހިތް ނަޒޫއަށް ފޯލްވީ. ކުޑަކޮށް ރޭކައެއްނުލި ނަޒޫދެކެ ލޯބިން ހިތް ފުރިގެން އަންނަ ކަމެއް. މިކިޔާލް ބުނީމަވެސް އަމިއްލައަށް ދެކޮޅު ހެދީ މީ ލޯއްބެއް ނޫނޭ ކިޔާފަ. އެކަމަކު ކޮންމެފަހަރަކު ނަޒޫ އެހެން ފިރިހެނަކާއި ގާތްކަން ބާއްވާތަން ފެންނައިރަށް ރުޅިއާދެވޭ." އަވިކް ވާހަކަ ދައްކަ ދައްކާ ހުއްޓައި ނަޒްލާ ހީގެންފިއެވެ. އެދެއަތުން އަވިކްއަށް ދޫކޮށްލެވުނެވެ. ކުޑައިރުކޮޅެއް ވާންދެން އޭނާއަށް ހުރެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އެހާ ސީރިއަސްވެފައި ދެއްކި ވާހަކަ ނަޒްލާ މަޖަލަކަށް ނެގުމުން ހިތަށް ތަދުވެއްޖެއެވެ.
"ކޮން ފިލްމެއްގެ ޑައިލޮގެއް ތީ؟ ނަޒްލާ ހީހީފައި ކޮށްލި ސުވާލަކީ އެއީއެވެ. އަވިކް ޖަވާބެއް ނުދީގެން އޭނާ ބަލައިލާފައި އެސީރިއަސްކަން ފާހަގަވެގެން ޅަކުއްޖެއްހެން އަނގަމަތީ ޝަހާދަތް އިނގިލި އަޅާލިއެވެ. "ނަޒޫ ގަބޫލެއް ނުކުރެވޭދޯ އަހަރެން މިދައްކާ ވާހަކައެއް؟" އަވިކް އަހާލުމުން ނަޒްލާ އެގޮތަށް ހުރެގެން ބޯ ޖަހާލިއެވެ. ދެމީހުން އެކަކު އަނެކަކަށް ބަލަން ބަހެއް ނުބުނެ ތިއްބާ ނަޒްލާގެ ފޯނު ރިންގް ވާން ފެށިއެވެ. ނަޒްލާ އަތް ތިރިކޮށްލާފައި ދަބަހުން އެފޯނު ނަގަން ވެގެން ގެންދިޔަ އަތުގައި އަވިކް ހިފާލުމުން ސިހުނެވެ. އިސްއުފުލާލިއިރު އަވިކްގެ ލޮލުގައިވި ކުލަވަރު ތަފާތު ކަމުގައި ހިތް ބުނެލިއެވެ. އެކަމަކު އިތުރަށް ވިސްނާލާނެ ފުރުސަތެއް އަވިކް ނުދިނެވެ. އެންމެ ހަރަކާތަކާއެކު އެދެމެދުގައި ދުރުމިން އަވިކް ނެތި ކޮށްލައިފިއެވެ. ފިނި ފެން އެއްޗެއްގެ ތެރެއަށް އެހަށިގަނޑު ގެނބިގެން ދިޔަހެން އެވަގުތު ނަޒްލާއަށް ހީވިއެވެ. ނޭވާ ކުރުވެފައިވާ ވަރު އިހްސާސްވީ ހަރަކާތެއްވެސް ނުގެނެވި ގަނޑުވެފައި އޭނާ ހުއްޓާ މިނިޓެއްހާއިރު ފަހުން އަވިކް މޫނު ދުރުކޮށްލުމުންނެވެ.
"އައި ލަވް ޔޫ ނަޒޫ......" އަވިކް ލަސްލަހުން އިއްވާލިއެވެ. ނަޒްލާ އަދިވެސް ބުދެއްހެން ހުއްޓެވެ. އޭނާއަށް ހޭވެރިކަން ގެނައީ ކެނޑިފައި އަލުން ރިންގް ވާން ފެށި ފޯނެވެ. ހުޅުވިގެންދިޔަ ދޮރުން އަވަހަށް ދެމިގެންފައި ކުރިއަށް ދަމުން ދަބަހުން ފޯނު ނެގިވަގުތު އަނެއްކާވެސް ޖެހުނީ ހުއްޓޭށެވެ. "ނަޒޫ އަހަރެންނަށް ޖަވާބެއް ނުދީއެއް ނުދެވޭނެ. ތިގޮތަށް އެއްޗެއް ނުބުނެ ފިލާކަށް ދޫކޮށެއް ނުލެވޭނެ." ފަހަތުގައި އަވިކް ހުރެފައި ނަޒްލާގެ އަތުގައި ހިފާލީ ފޮޅުވާލެވޭ ވަރަށްވުރެ ބާރަށެވެ. ނަޒްލާ ފޯނު ހިއްލާލައިފައި ސްކްރީނަށް އަރާފައިވާ ޒާހިދުގެ ނަމަށް ބަލަން ހުއްޓައި އަވިކް އައިސް ހަމަވެފައި ނަޒްލާ އަތުން އެފޯނު ޖަހައިގެންފިއެވެ. "ގެނޭ ތިފޯނު. ގެނޭ ހަމަ މިހާރު." ނަޒްލާ ކައިރިއަށް އަންނަން ފެށުމުން އަވިކް ޖެހިލީ ފަހަތަށެވެ. ސްކްރީނަށް ބަލައިލާފައި ގުޅަނީ ޒާހިދު ކަން އެނގުމުން އޭނާ އަވަހަށް ފޯނު ނަގައި ކަންފަތުގައި ޖަހާލައިފިއެވެ. އެކަމަކު އޭނާއަށް އެއްޗެއް ނުބުނެވި އުޅެނިކޮށް ނަޒްލާ އެފޯނު ޖަހައިގެންފިއެވެ. އަވިކް ވާހަކަދައްކަން ހުޅުވާލި އަނގަ ބަންދުވީ ކޯތާފަތަށް އަރައިގެންދިޔަ ދިލަ އަކުންނެވެ. ޤަބޫލު ނުކުރެވިފައި ނަޒްލާގެ މޫނަށް އޭނާ ބަލާލިއެވެ. "ޖަވާބު ލިބިއްޖެ ކަމަށް އުންމީދު ކުރަން." ނަޒްލާގެ ހަތަރުކަޅި ހަމަކޮށްގެން ހުރެފައި ބުނެލިއެވެ. އަވިކް އެހުރި ގޮތަށް ހުންނަން ދޫކޮށްލާފައި އޭނާ ފޯނު ކަންފަތުގައި ޖަހާލައިގެން ޒާހިދު އާއި ވާހަކަ ދައްކަމުން ދާން ހިނގައިގަތެވެ.