ލިފްޓްގެ ދޮރު ކިރިޔާ ނުލެއްޕި ހުއްޓާ އެތެރެއަށް ދެމިގަތް އަންހެންކުއްޖާ ވަން ބާރުމިނުގައި އައިސް ޖެހުނީ އަވިކްގެ ގައިގައެވެ. އެފަދަ ހަމަލައަކަށް ތައްޔާރު ނުވެ ހުރި އަވިކްގެ ހަށިގަނޑު ނުހިފޭއްޓިގެން އިސާހިތަކު ދެމީހުން އެކީ ވެއްޓި ޖެހިއްޖެއެވެ. ކަށްޓެއްހެން އޭނާ ކޮޅަށް ތެދުވިލެއްވެސް އަވަހެވެ. އަވިކްއަށް ތެދުވެވުނު އިރު އަންހެން ކުއްޖާ އުޑަފައިން އިނީ އަތުގައި އޮތް ބާޒާރު ކޮތަޅުތަކުން ތިރިއަށް ފެތުރިފައިވާ އެއްޗެހިތަށް ހޮވާށެވެ. ފަންއިސްތަށިގަނޑުން މޫނުގެ ބޮޑު ބަޔަކަށް ނިވާ އެޅިފައި އޮތެވެ. އަމިއްލަ ކުށުން ނޫންކަމަށް ވިއަސް ސޮރީއޭ ބުނެލަން އަވިކް ނިންމިއެވެ. އަންހެންކުއްޖާ އިނީ ވެދިޔަ ކަންތަކާއި ހެދި ލަދުންކަމަށް ހީކޮށް އެކަން ކުޑަކޮށް ދިނުމަށެވެ. މަޢާފަށްވެސް އެދެން ނުކެރިފައި އެއިނީ އެހެންވެ ކަންނޭނގެއޭ ހިތަށްއެރިއެވެ.
"ސޮރީ.! އަވިކް އިއްވާލިއެވެ. އިސްޖަހައިލަމުން އޭނާ ދެއަތް ކޮށްޕާލީ ޖިންސްގެ ޖީބަށެވެ.
"އޯހ ޕްލީޒް!" އަވިކްގެ ވާހަކަ އަހާފައި އަންހެންކުއްޖާ ފުންމައިގެން ތެދުވެއްޖެއެވެ. ސިހިގެން ގޮސް އަވަހަށް އިސް އުފުލާލެވުނެވެ. އަވިކްއަށް ފެނުނީ އަންހެންކުއްޖާގެ ކައިރިކޮށްލެވިފައިވާ ދެބުމައެވެ. އެބޮޑު ދެލޮލުންވެސް އަލިފާން ކަނި ބުރާހެން ހީވިއެވެ. އޫކޮށްލެވިއި ހުރި ފިޔާތޮށި ކުލައަށްދާ ތުންކޮޅުގެ ވާހަކަ އަދި ނުދެއްކިއްޔާ ރަނގަޅެވެ. ސޮރީއޭ ބުނެގެނެް މިކުރެވުނީ އަނެއްކާ ގޯސް ކަމެއް ބާއޭ އަވިކްގެ ހިތަށް އަރައިފިއެވެ. ހައިރާންކަމާއެކު އޭނާއަށް ބަލަން ހުރެވުނީއެވެ. " ކޮންމެ ކަމެއް ކޮށްފަވެސް ސޮރީއޭ ބުނީމަ އެދެން ނިމުނީ. ދަންނަ ވައްތަރެކޭ ތީ. ދެން ނިކުމެ އެންމެން ކައިރީ ދޮގު ޚަބަރު ފަތުރާނީއެއް ނޫން ލިފްޓްތެރޭ ދެމީހުން ކުރީ މިވެނި ކަމެކޭ އެވެނި ކަމެކޭ. ދޮގު ޚަބަރު ފަތުރައިގެން މަޝްހޫރު ކަމެއް ނޫން އެލިބެނީ. އަހަރެންނާއެކު ތިމާގެ އަމިއްލަ ކެރެކްޓަރގެ އަގުވެސް ވައްޓާލެވެނީ." އަވިކް ހައިރާން ކޮށްލައިފައި އަންހެންކުއްޖާ އެތިވަރު ގޮވާލުމަށްފަހު އަނެއްކާ ފުރަގަސްދިނެވެ. ވާނުވާ ނޭނގިފައި ހުރި އަވިކް ކަނާއަތް ޖީބުން ނަގައި ތުނިކޮށް ހުރި ތުނބުޅީގައި ފިރުމާލެވުނެވެ. އަންހެންކުއްޖާގެ އެވާހަކައިން އޭނާއަށް އެކައްޗެއްވެސް އޮޅުމެއް ނުފިލިއެވެ. އިތުރު އަޑެއް އިވެން ފެށުމުން އަވިކް ބަލާލިއިރު އަންހެންކުއްޖާ އަރައިގެން ހުރި ބޫޓުގެ ކަށިން ތިރީގައި މަޑުމަޑުން ތަޅަނީއެވެ. އެހަރަކާތުން އޭނާ ހާސްވެފައި ހުރިކަން ދޭހަ ކޮށްދިނެވެ. އެކަމަކު އެހާ ގަޓުގައި އެތިވަރު ގޮވާލި ކުއްޖަކު ނުތަނަވަސް ވާންވީ ކޮންކަމަކާއި ހެއްޔެވެ؟
"ހިތުން ފަސްޓް ލޭޑީ ކަންނޭނގެ." އަވިކް ހިތްހަމަ ނުޖެހުނު ނަމަވެސް އިތުރު އެއްޗެއް ނުބުނެ ހިމޭނުން ހުންނަން ނިންމިއެވެ. ދެން ބުނެވޭ އެއްޗަކުން އަންހެންކުއްޖާ އައިސް އަރައިގަންނާނީ ގަޔަށް ބޮލަށް ނޫންކަމެއް ނޭނގެއެވެ. ނަސީބަކުން އިރުކޮޅެއް ނުވެ މަންޒިލަށް ފޯރައިފިއެވެ. އަންހެންކުއްޖާގެ ފަހަތުން ނިކުތް އަވިކްއަށް މަޑު ޖެހިލެވުނީ ޖީބުގައި އޮތް ފޯން ވައިބްރޭޓް ވާން ފެށުމުންނެވެ. ސްކްރީނަށް އަރާފައިވާ ނަންބަރަށް ބަލަން އަވިކް ލިފްޓް ދޮރުމަތީ ހުރީ ހައިރާންވެފައެވެ. އެހާ އަވަހަށް އޭނާގެ ނަންބަރު ލިބުނީ ކާކަށްބާވައޭ ހިތަށްއެރިއެވެ. ކޮޓަރިތެރޭ އޮތް ފޯނު ފޮށިގަނޑާއެކު އާ ސިމް ކާޑު ދިންއިރު މިކިޔާލްވެސް އެނަންބަރ ނޯޓް ކުރި ހެނެއް ހިއެއް ނުވެއެވެ. އަވިކް ވިސްނަން ހުރެފައި އެންމެފަހުން ފޯން ނަގައި ކަންފަތުގައި ޖަހާލިއެވެ.
"ހެލޯ. އަވިކް. މީ އަހަރެން. މިކިޔާލް." އަވިކް އެއްޗެއް ނުބުނަނިސް އެކޮޅުން ހުރިހާކަމެއް އޮޅުންފިލުވަ ދިނެވެ. "ކީކޭ މިކިޔާލް؟" ހަމަޖެހުމުގެ ނޭވައަކާއެކު އަވިކް އެހިސާބުން އެޕާޓްމަންޓްގެ ދޮރާއި ދިމާއަށް ދާން ހިނގައިގަތެވެ. އަންހެން ކުއްޖާ ފެންނަން ނެތްކަން ކުޑަކޮށްވެސް އޭނާގެ ސިކުނޑިއަކަށް އެވަގުތު ނާރައެވެ. "އަޅުގަނޑު ކުށްވެރިވެގެން މިގުޅީ." މިކިޔާލް ބުނި އެއްޗެއް އަވިކްއަށް ކޮންމެވެސް ވަރަކަށް ނަގައިގަނެވުނެވެ. މިކިޔާލް އޭނާ ނުހުއްޓުވައިގެން ބައްޕަ އެކަމާއި ހިތްހަމަ ނުޖެހުނީއެވެ. "ދެންމެ ބުނުއްވައިފި އަވިކްގެ ފޯނު ނަންބަރ ދޭން. ނަންބަރ ނުދެވި އުޅެނިކޮށް ކޮންމެވެސް ކަމަކު ޖެހިގެން ބޭރަށް ނިކުންނެވީ. އެހެންވެ ނަންބަރ ދެންތޯ އަހަން ވެގެންނާ އެއްކޮށް އަސްލު މިގުޅީ." އަވިކް އެއްޗެއް ނުބުނެ ހުއްޓާ މިކިޔާލް އިތުރަށް ވާހަކަދެއްކިއެވެ. އަވިކްގެ ހައިރާންކަން އިތުރުވީ ބައްޕަގެ އެހާ ގާތް މީހަކަށްވެ ހުރެ އޭނާ ކައިރިން ހުއްދަ އެހުން މުހިންމު ކަމުގައި މިކިޔާލް ދެކުނީތީއެވެ. "ބައްޕައަށް ނަންބަރ ދީ." އަވިކް ބޭނުންވާ ގޮތް އެންގިއެވެ. ފޯނު ބާއްވާފައި އޭނާ ވަންއިރު ސުދާ ޓީވީ ދޮށުގައި ޚަބަރު ބަލަން އިނެވެ. އަވިކް މަޑު ކުރުމެއްނެތި އެތެރެއަށް ވަދެގެން ދާން ފެށުމުން ސުދާ ގޮވާލިއެވެ.
"ކައިގެންތަ ތިއައީ؟ ހިނގާ ކާން!" ސުދާ ދަރިފުޅުގެ މޫނުގައިވާ ކުލަތައް ދިރާސާ ކުރަން މަސައްކަތް ކުރަމުން ވާހަކަ ދެއްކިއެވެ. "އިރުކޮޅަކުން." އަވިކް ގޮސް ކޮޓަރިއަށް ވަނެވެ. ލައިޓްތައް ޖައްސާލުމާއެކު އޭނާ ގޮސް ވެއްޓިގަތީ އެނދުގެ އަނެއްފަރާތުގައި ހުރި އަރާމު ގޮނޑިއަށެވެ. ސީލިންގާ ދިމާއަށް މޫނު އުފުލާލައިގެން ލޯ މަރާލިއިރު ބޮލުގައި މަޑު ރިހުމެއް އުފެދެމުން އައިކަން އިހްސާސްވިއެވެ. މަންމަ އާއި ބައްޕަގެ މެދުގައި އޭނާ ރަނގަޅަށް ތާށިވީއެވެ. ބައްޕަ އެދުނަސް މަންމަ ދޫކޮށްފައި ގޮސް އެގޭގައި އުޅެން އަވިކް ބޭނުމެއް ނުވެއެވެ. މިވަގުތު އޭނާގެ އެހީތެރިކަމަށް އެންމެ ބޭނުންވެފައި ވަނީ މަންމައެވެ.
ހީނާ ކާން ހަދާފައި އައިސް ގޮވުމުން އަވިކް ވަރަށް ފަސޭހައިން ނިކުތެވެ. އޭނާ ކަމަކާއި ވިސްނާކަން އެނގިއްޖެއްޔާ މަންމަ ކަންބޮޑުވާނެ ވަރު އެނގޭތީ މަންމައަށް އެފުރުސަތު ދޭން ބޭނުން ނުވީއެވެ. މޭޒު ދޮށުގައި އާއިލާގެ ތިން މެމްބަރުންނާއިއެކު ހީނާވެސް ބައިވެރިވުމުން އިތުރަށް ފުރިހަމައެވެ. ސުދާ ފެށުނީއްސުރެވެސް ހީނާ އަކީ އާއިލާ ކުއްޖެއްފަދައިން ދެކި ގާތްކޮށް ކަންތައް ކޮށްދޭތީ އެދެމެދުގައި އޮންނަނީވެސް އާއިލީ ގުޅުމެވެ. މޭޒު ދޮށުގައި އިނދެގެން ހީނާ އަވިކްއަށް މާތްބަހުން މުޚާތަބު ކުރަން ފެށުމުން ސުދާ އެކަން މަނާކޮށް ނަމުން ކިޔަން އެންގިއެވެ. މަންމަގެ އެވާހަކަ އާއި އަވިކް ނިކަން ޤަބޫލު ވެގެން އަވަހަށް ބޯޖަހައިލިއެވެ. މިކިޔާލްވެސް އޭނާ އާއި މުޚާތަބު ކުރާއިރު މާތްބަސް ބޭނުން ކުރާތީ އަވިކް ހުންނަނީ އުދަނގޫވެފައެވެ. އޭނާ ނިންމައިގެން ހުރީ ދެން އެންމެ އަވަހަކަށް ބައްދަލުވާ އިރުން މިކިޔާލްގެ އެސިފަވެސް ބަދަލު ކުރަން ބުނުމަށެވެ.
ކަރަމް ގުޅީ ކައި ނިމެން އުޅެނިކޮށެވެ. ފޯނު ކަންފަތުގައި ޖަހައިގެން އިނދެފައި އަޑުން އެއީ ބައްޕަކަން އެނގުމުން އަވިކްގެ ނަޒަރު ހުއްޓާލެވުނީ މަންމަ އަށެވެ. އޭރު ސުދާވެސް ކާން އިނދެފައި އަވިކް ފޯނު ނެގުމުން އިނީ ބަލަހައްޓައިގެންނެވެ. ކުޑައެތި ކޮޅަކަށްވެފައި ހުރި ތަށިތެރެއަށް އަތުގައި އޮތް ސަމުސާ ދޫކޮށްލައި ތަށި ދުރަށް ޖައްސާލައިފައި އޭނާ ތެދުވީ ކޮޅަށެވެ. އަދި އެއްޗެއް ބުނުމުގެ ކުރީން އެތަނުން ނިކުމެގެން ފެންޑާއަށް އަތުވެއްޖެއެވެ. "ދަރިފުޅު ކީއްވެ ދިޔައީ؟ ފޮށި ބަލައި މިކިޔާލްވެސް ފޮނުވުނީހެއްނު." ކަރަމް ޝަކުވާ ކުރިއެވެ. ހިތާއި ހިތުން އޭނާ ޤަބޫލު ކޮށްގެން ހުރީ އަވިކް އޭނާ ދޫކޮށްފައި ސުދާގެ ކައިރިއަށް ނުދާނެ ކަމުގައެވެ. ހަޤީޤަތް ކުރިމަތީ އޮތްވާވެސް ކުރިމަތި ނުލާން އެއުޅެނީ އެވިސްނުން ސިކުނޑީގައި ހިފާފައި ހުރިލެއް ވަރުގަދަ ކަމުންނެވެ. "ބައްޕާ އަޅުގަނޑު މިކޮޅުގައި މަޑުކުރާނީ." އަވިކް ފަސްޖެހިފައި ހުރެގެން މަޑުމަޑުން ބުނެލިއެވެ. އެއަޑު އަހާފައި ބައްޕަ ހިމޭންކަން އިޚުތިޔާރު ކުރުމުން އޭނާ ކަންބޮޑުވެގެން އަނެއްއަތުން ބޮލުގައި ހިފަހައްޓާލެވުނެވެ.
"އެހާ ދުވަސްކޮށްފަ އައިސް ފެނިލާފަ ދިޔައީމަ މަންމަ ދެރަވާނެ. އެހެންނޫނަސް ބައްޕައެކު ވޯކް ކުރަން ފެށީމަ އަޅުގަނޑު ގިނަ ވަގުތު ހޭދަ ކުރަން ޖެހޭނީވެސް ބައްޕަ ކައިރީ އޮފީހުގައި." އަވިކް ބައްޕަގެ ހިތްހަމަ ނުޖެހުން ދުރުކޮށްދޭން އުޅުނެވެ. "އެންމެ ރަނގަޅު." އިރުކޮޅަކުން ކަރަމް އިއްވާލިއެވެ. އަވިކްއަށް ދޫކޮށްލެވުނީ ފުން ނޭވައެކެވެ. ބައްޕަ އެހާ ފަސޭހައިން އޭނާގެ އެދުމާއި ޤަބޫލު ވެދާނެކަމަށް ޤަބޫލު ކުރަން ދަތިވިއެވެ. ފަހުން އަދި އޭނާގެ ވިސްނުން ބަދަލުވެދާނެ ކަމަށް އުންމީދު ކުރަނީ ނޫންކަމެއްވެސް ނޭނގެއެވެ.
އަވިކް ކޮޓަރިއަށް ވަދެ ނާޝިފްއަށް ގުޅާލިއިރު ނާޝިފް އުޅެނީ އަންހެނުން ގޮވައިގެން ހޮސްޕިޓަލަށް ގޮހެވެ. ފޫހިވެގެން އޭނާ އިންދާ މިކިޔާލް މަތިން ހަނދާންވިއެވެ. ބައްޕަވެސް ހުންނަނީ އޭނާގެ ހުރިހާ ކަމެއްހެން މިކިޔާލް އާއި ހަވާލު ކޮށްފައެވެ. އަވިކް މިކިޔާލްއަށް ގުޅާލުމުން ދާދި ފަސޭހައިން ފޯނު ނެގިއެވެ. "ބިޒީތަ؟" އަވިކް ފުރަތަމަ ކޮށްލީ ސުވާލެކެވެ. "ނޫނޭ. ބިޒީއެއް ނޫން. ކޮންކަމެއް ބޭނުންވެލައްވަނީ؟" މިކިޔާލް ޖޯޝާއެކު އެހިއެވެ. "މިއުޅެނީ ފޫހިވެގެން. ލައިސެންސް ނުނަގާ އޮތީމަ ދުއްވާލާކަށްވެސް ނުދެވޭނެ. އަމުދުން އަހަރެން އަދި މާލެއަށް ވަރަށް ނުފަރިތަ. ކޮފީއަކަށް ދާނެ ހިތްގައިމު ތަނެއް ބުނެބަލަ!" އަވިކް ވާހަކަ ދައްކަމުން ތެދުވެގެން ގޮސް އަލަމާރި ހުޅުވާލައިފައި ކޮނޑުގައި އަޅުވާފައިވާ ޓީޝާޓްތަކަށް ބަލަން ހުއްޓެވެ. "އަޅުގަނޑު ކުޑަ އިރުކޮޅެއްގެ ތެރޭގައި މިދަނީ ޕިކް ކުރަން." މިކިޔާލް ދިނީ އަވިކް އެންމެ ބޭނުންވި ޖަވާބެވެ.
"އަދި އެއްވާހަކަ. އަހަރެންގެ ވަރަށް ބޮޑު އެދުމެއް އެއީ މިކިޔާލް އަހަރެންނާއި ވާހަކަ ދައްކާއިރު އާދައިގެ ބަހުރުވަ ބޭނުން ކުރުން!" އަވިކް ފޯނު ބާއްވަން އުޅެފައި ބުނެލިއެވެ."ޕްލީޒް!" މިކިޔާލް އެއްޗެއް ނުބުނުމުން އަވިކް އަނެއްކާ އިއްވާލިއެވެ. "އޯކޭ." މިކިޔާލް އެންމެފަހުން އެއްބަސްވިއެވެ. އަވިކް ހިތްހަމަޖެހިފައި ހުރެގެން ފޯނު ބޭއްވިއެވެ. އޭނާ އެންމެ ކަމުދިޔަ ކަޅު ކުލައިގެ ޓީޝާޓް ނަގައި އެނދުމަތީ ބާއްވާފައި ދެން ވަނީ މޫނު ދޮވެލަން ވެގެން ފާޚާނާއަށެވެ.
އިޝާ ނަމާދަށްފަހު ނަޒްލާ ނިކުތީ ރޭގަނޑަށް ކާން ހަދާށެވެ. ފެންޑާގައި އުނދޯލި ހެއްލާލަން ތިބެގެން ނުހާ އާއި ސަޢީދާ ކޮންމެވެސް ވާހަކައެއް ދައްކާތަން ފެނުމުން އޭނާ ކައިރި ވެލިތަނާ އެމީހުން ހުއްޓާލައިފިއެވެ. "ސިއްރު ވާހަކައެއްތަ؟" ނަޒްލާ ޝައުޤުވެރިވެފައި އަހާލިއެވެ. ނުހާ ބަލައިލީ ސަޢީދާ އަށެވެ. "ކިހިނެތްވީ؟" ނަޒްލާ ހަށަން ބަނދެލައިގެން ހުއްޓިލީ ގޮތުން އޮޅުން ނުފިލަނީސް ނުދާނަމޭ ބުނެލި ކަހަލައެވެ. "މިދައްކަނީ ދަލޭކަދައިތަގެ ވާހަކަ. ދަލޭކަ ދައިތަ ބަލިވެގެން ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައި އެބައޮތް." ނުހާ އެންމެފަހުން ޖަވާބުދިނެވެ. ނަޒްލާއަށް ކުޑައިރުކޮޅެއް ކުރިން އެޚަބަރު ލިބިފައި އޮތުމުން މާބޮޑަށް ހައިރާނެއް ނުވިއެވެ. އޭނާ ބޯ ޖަހައިލާފައި ދާންވެގެން އަނެއްކާ ހިނގައިގަތެވެ. "ސުދާއަށް އަންގާ ވާހަކައެއް އެމީހުން ދެއްކި. ބުނާއަޑު އެހިން އަވިކްވެސް ކިޔަވާ ނިންމާފައި މިހާރު މާލެ އަތުވެއްޖެއޭ. ދެން އަވިކް ގެންނަން ހުރިއްޔާ ސުދާއަށް އަތުވެވިދާނެއެއްނު." ނަޒްލާ ދޮރުން ނިކުތްފަހުން މަންމަގެ ޖުމްލަ ކަންފަތުގައި ޖެހިފައި ކުއްލިއަކަށް އެނބުރި ބަލާލެވުނެވެ. ވަގުތުން އޭނާގެ މޭގަނޑު އެކީ ފިނިވެގެން ދިޔައެވެ. ފާރުގައި އަތްޖައްސާލެވުނީ ކަކުލު ހުޅުން ވާގި ދޫވާން އުޅޭހެން ހީވެގެންނެވެ. އިސާހިތަކު ދެލޮލަށް ކަރުނަ ޖަމާވެ ހިފަހައްޓަން އުދަނގޫ ވެއްޖެއެވެ.
ހިތްވަރު ކޮށްލާފައި ފުރަތަމަ ފިޔަވަޅު އަޅައިލުމުން ފަޔަށް އަލުން ބާރު ލިބިގެން އޭނާ ބާރު ބާރަށް ގޮސް ކާގެއަށް ވަދެ އެތެރެއިން ދޮރު ލައްޕާލިއެވެ. "އަވިކް...... އަވިކް މާލެ އައީ..... އަދި މިރަށަށްވެސް އަންނާނެ....." ނަޒްލާ މޮޔައެއްހެން ހެމުން ހެމުން ގޮސް ގޮނޑިއަށް ވެއްޓިގެންފައި މޭޒު ކަނުގައި ބޯއަޅައިލި އިރު ރޮވިއްޖެއެވެ. ލޯމަރައިލުމުން ލޮލުގައި ހުރި ކަރުނަތައް އެސްފިޔަތައް ފޫދުއްވައިލާފައި ކޯތާފަތް މަތިން ތިރިއަށް ދެމިގަތެވެ. އަވިކްއަށްޓަކައި އޭނާ އިންތިޒާރު ކުރާތާ ކޮން ދުވަހެއް ހެއްޔެވެ؟ އެންމެ ފަހުން އެއިންތިޒާރުގެ ނިމުން ފެންނަން އުޅޭ ކަމުގެ ފެހި ސިގްނަލް ލިބުނީއެވެ. އޭނާއަށް ޔަޤީނެވެ. މާމަ ބަލިވިކަން އެނގޭއިރަށް އަވިކް އަންނާނެއެވެ. އަދި އެއީ ހަމައެކަނި އަވިކްގެ މާމައަށްޓަކައެއް ނޫނެވެ. އޭނާއަށްޓަކައިވެސް މެއެވެ.
އަވިކް ތައްޔާރުވެގެން ނިކުމެ ދެޒުވާނުން ކާރުގައި ނައްޓާލައިގެން ދަތުރު ކޮށްފައި ދިޔައިރު ކަރަމްގެ ވާހަކައެހިއެވެ. "އަވިކްއަށް ގުޅި ފަހުން މާބޮޑަށް އެވާހަކައެއް ނުދައްކަވާ. ހިއެއްނުވޭ އެކަން އެހާވަރުގެ އިޝޫއަކަށް ހެއްދެވިހެނެއް. އެހެންނޫނަސް ކަރަމް އެއީ ވަރަށް ޕޮޒިޓިވް ބޭފުޅެއް." މިކިޔާލް ކިޔައިދިނެވެ. އަވިކް މިކިޔާލްގެ މޫނަށް ބަލަން އިނދެފައި ހިނިތުންވެލިއެވެ. ނަސީބެކޭ އޭނާ ހިތަށް އެރިއެވެ. "ހިނގާ މައްޗަށް!" ރެސްޓޯރެންޓުގެ ދޮރުން ވަދެފައި މިކިޔާލް އިޝާރާތް ކޮށްލީ އެއްފަރާތުގައި ހުރި ސިޑިއާއި ދިމާއަށެވެ. އަވިކް ބޯ ޖަހައިލާފައި މިކިޔާލްގެ ކުރީގައި ހުރެގެން ސިޑީގެ ހަރުފަތްތައް ގިރާ ކުރަން ފެށިއެވެ. ގިނަ އަދަދަކަށް މޭޒު ޖަހާފައިވާ މަތީ ބަޔަށް ހުރަހެއް ނެތި އައިސް ގޮސްވާ ވައިރޯޅިތަކުގެ އިހްސާސުން އަވިކްގެ ހިތަށް ހަމަޖެހުން ގެނުވިއެވެ. އޭނާ ގޮސް އިށީންދެލީ ރެއިލިން އާއި އެންމެ ކައިރިއަށް ހުރި އެއް މޭޒުގައެވެ. މިކިޔާލް އިށީންނަން އުޅެފައި ފޯނު ރިންގްވެގެން ނަގައި ބަލާލިއެވެ. އަވިކްގެ ހުއްދައަށް އެދިފައި އަވިކް ބޯ ޖަހާލުމުން އޭނާ ތަންކޮޅެއް ދުރުގައި ގޮސް ހުއްޓުނެވެ.
ވޭޓަރ އައިސް މެނޫ ދިއްކޮށްލުމުން އަވިކް އޭގެ ގަނޑުތައް އުކަން އިންދާ ކޮންމެވެސް މީހަކު އައިސް ކައިރިއަށް ހުއްޓުނުކަން އެނގިގެން އިސްއުފުލާލިއެވެ. ދެވަނަ ސިކުންތުގައި އޭނާ ފުންމައިގެން ތެދުވެއްޖެއެވެ. "ކަލޭ؟" އަވިކްއަށް އަހާލެވުނެވެ. ކުރިމަތީގައި ހުރީ އެރޭ ލިފްޓް ތެރެއިން ދިމާވި އަންހެން ކުއްޖާއެވެ. "ކަލޭއޭ...؟" އަވިކް މުޚާތަބް ކުރި ގޮތުން އަންހެންކުއްޖާގެ މޫނުކޮޅު ލައިގެން ހުރި މިޑީގެ ރަތްކުލަ އާއި އެއްވަރުވިހެން ހީވިއެވެ. "އެންމެފަހުން އަހަރެންނަށް ފޮލޯ ކުރަމުން މިތަނަށްވެސް އައީ ދޯ. ބުނޭ. ކޮންކަމެއް ބޭނުންވަނީ؟ އޮޓޯގްރާފް ދޭންވީތަ. ނޫނީ ސެލްފީއެއްތަ ނަގަންވީ ދެމީހުން އެއްކޮށް؟ ބުނޭ އަހަރެން ކީއްކުރިއްޔާ ތިކަން ހުއްޓާލާނީ؟" އަންހެންކުއްޖާ ބާރު ބާރަށް ވާހަކަދައްކަން ފެށުމުން ވަށައިގެން މޭޒުތަކުގައި ތިބި މީހުންވެސް ބަލަން ފަށައިފިއެވެ. ފޯނުގައި ހުރި މިކިޔާލް އަވަހަށް ފޯނު ބާއްވާފައި އެމީހުން ކައިރިއަށް އައެވެ.
"އަހަރެން ފާރައެއް ނުލަން." އަވިކް ޒުވާބަކަށް ނުދާންވެގެން މާގިނަ ވާހަކަ ދައްކާކަށް ގަސްތެއް ނުކުރިއެވެ. "ފާރަ ނުލަންޏާ މީ އިއްތިފާޤެއްތަ؟ ބުނަން ތިއުޅެނީ އަހަރެން ފޯނެއްގައި ހުރެގެން އެއްފަރާތަކަށް ޖެހިލާއިރަށް އަހަރެން އިށިން މޭޒުގައި އައިސް ތިއިނީ ހަމަ ނޭނގިގެންނޭތަ؟" އަންހެންކުއްޖާ ޖެހިގެން ހުރި ގޮނޑި މަތީ އޮތް ހުދު ކުލައިގެ ޕާސްނަގައި ދައްކާލުމުން އަވިކް ހިމޭންވިއެވެ. އެޕާސް އެތާ އޮތްވާ އޭނާއަށް ކުރިން ނުފެނުނީ ކީއްވެ ހެއްޔޭ ހިތަށްެއެރިއެވެ. "ރަނގަޅަށް ތިބުނީ. މިތާ އިށީންއިރު ތިޕާސްއެއް ނުދެކެން. އެހެންނޫނަސް ފާރަލައިގެން ސެލްފީ ނަގަން ތީ ސެލެބްރިޓީއެއްތަ؟" އަވިކް ހިތްހަމަ ނުޖެހިގެން އަނެއްފަރާތަށް އެނބުރިފައި ގޮސް އެހެން މޭޒެއްގެ ދޮށުގައި އިށީންދެއްޖެއެވެ. މިކިޔާލް ބަލައިލިއިރު އަންހެންކުއްޖާ ހުރީ އަނގަ ހުޅުވުނު ގޮތަށެވެ. އަވިކް އެންމެ ފަހުން އެބުނި އެއްޗަކުން އޭނާ އަށް ޤަބޫލު ކުރަންވީ އެއްޗެއް ނޭނގުނެވެ. އަވިކް އެހެން އެބުނީ އޭނާއަށް މަލާމާތް ކުރަން ކަމެއް ނޫނީ އޭނާގެ ހުނަރުވެރިކަމާއި ހަސަދަވެރިވެގެން ބުނި އެއްޗެއް ކަމެއް ނިންމަން އުދަނގޫވިއެވެ.
"އަވިކްގެ ފަރާތުން އަހަރެން މަޢާފަށް އެދެން." މިކިޔާލް ވާހަކަދެއްކުމުން އަންހެންކުއްޖާ ބަލާއިވެސް ނުލައި ހުރެފައި އަތް އުފުލާލީ އިތުރަށް ވާހަކަދެއްކުން މަނާ ކުރަމުންނެވެ. މިކިޔާލް ފާޑަކަށް ބުމަ އަރުވާލައިފައި ގޮސް އަވިކްގެ ކައިރީ އިށީންދެއްޖެއެވެ.
"މާނީ! ކިހިނެތްވީ؟ ކިހިނެތްވެގެން މާ އަޑުގަދަ ކޮށްލައިގެން ތިއުޅެނީ؟" ކޮންމެވެސް މީހަކު ކޮނޑުގައި އަތްޖައްސާލުމުން ބަލައިލިއިރު އެކުގައި އައި އެކުވެރިޔާ ހުއްޓެވެ. "އަހަރެން ކައިރީ ބުނެވެސް ނުލާ ކޮންތާކަށް ގޮއްސަ ތިއައީ؟" މާނީ ހިތްހަމަ ނުޖެހިފައި ގޮނޑި ދަމާލައިގެން އިށީނެވެ. އޭނާގެ ނަޒަރު ހުއްޓާލެވުނީ ދުރުގައި އިން އަވިކްއަށެވެ. "ވޮޝް ރޫމަށް ވަދެލާފަ މިއައީ. ނީ ފޯނެއްގައި ހުރީމަ އުދަނގޫ ނުކުރަންވެގެން ނުބުނީ." ނައުޝީން ދެރަވެލާފައި ކިޔައިދިނެވެ. "ނައު ބުނެބަލަ. މާލޭގައި އުޅޭނެތަ އަހަރެން ނުދަންނަ މީހަކު؟" ވޭޓަރ އައުމުން އޯޑަރ ދީފައި މާނީ ގޮނޑީގައި ލެނގިލަމުން އެހިއެވެ. "މާލޭގައި އުޅުނަސް ބަންގާޅިންނަށް ނޭނގި ހުރެދާނެ." ނައުޝީން ހިނިގަނޑެއް ޖަހާލިއެވެ. "އެގްޒެޓްލީ މައި ޕޮއިންޓް. އެހެންވީމަ އޭނަ ހަމަ އަހަރެން ރުޅިއަރުވަން ވެގެން ބުނި އެއްޗެއް ދޯ އެއީ." މާނީ ފެންތަށި އެތި ފޮދެއް ބޯލައިފައި ހަމަޖެހުމުގެ ނޭވައެއް ލިއެވެ. އަވިކްގެ މޫނަށް ނަޒަރު ހުއްޓުނުހާއިރުން އަނެއްކޮޅަށް ހިޔާލު އެނބުރުނެވެ. "ވަޓް އިފް ހީ ރިއަލީ ޑޯންނޯ....؟" މާނީ ވިސްނާލިއެވެ.
"ނުވާނެ އެހެނެއް." މާނީ ދެކޮޅު ހެދިއެވެ. "ކޯއްޗެއް؟" ނައުޝީންއަށް މިފަހަރު އަޑު އިވިގެން އަހާލިއެވެ. "އިނގޭތަ އޭނެއާއި މިރޭ އަހަރެންނާއި ފުރަތަމަ ދިމާވީ ލިފްޓް ތެރެއިން. ފުރަތަމަ ބައިގަ ހުރެފަ ލިފްޓަށް ވަން މީހާ އެންމެ މައްޗާ ހަމައަށް އަހަންނާއެކު ދިޔަ. ދެން އޭނަ އެބުނަނީ އޭނަ އަހަރެންނަށް ފޮލޯ ކުރީއެއް ނޫނޭ. އަހަންނަށް އިނގޭ އެއެްޗަކީ އެންމެ މަތީބައިގަ އަހަރެންގެ އިތުރުން އުޅެނީ އެންމެ ބަޔަކުކަން. ސުދާދައްތަގެ ބައިގަ ފިރިހެނެއް ކީއްކުރަން. ފިރިހެން މަދިރިއެއްވެސް ނޫޅޭ." މާނީ ޔަޤީންކަމާއެކު ކިޔައިދިނެވެ.
"ދަންނަންތަ އެކުއްޖާ؟" އަވިކް ވާހަކަދެއްކީ ވޭޓަރ ކޮފީ ބަހައްޓާފައި ދިޔަފަހުންނެވެ. މިކިޔާލްއަށް އަވިކް އެއިޝާރާތް ކުރީ މާނީއަށް ކަން އެނގިގެން އެމޭޒާއި ދިމާއަށް ބަލާލިއެވެ. "ލިފްޓް ތެރެއިން ދިމާވެގެންވެސް އޭނަ ބުނާ އެއްޗަކީ، އަނެއްކާ ނިކުމެފަ އޭނަ އޭ ކިޔައިގެން ދޮގު ޚަބަރު ފަތުރާނީއެއް ނޫނޯ." މިކިޔާލް ޖަވާބު ދިނުމުގެ ކުރިން އަވިކް އިތުރު ކޮށްލިއެވެ. އެވަގުތު މިކިޔާލް މަޑުމަޑުން ހީލިއަޑު އިވުނެވެ. "ލަވަކިއުންތެރިއެއް އެއީ." މިކިޔާލް ޖަވާބުދިނެވެ. "ތިބުނީ ހަމަ މަޝްހޫރު ލަވަކިއުންތެރިއެއް؟" އަވިކް ހައިރާންކަމާއެކު ސުވާލު ކުރިއެވެ. ."ހޫމ." މިކިޔާލް ބޯ ޖަހައިލާފައި ކޮފީތަށި ތުނބުގައި ޖެހިއިރު އަނެއްކާވެސް ނަޒަރު ހުއްޓިފައި ހުރީ މާނީމެން ތިބި މޭަޒަށެވެ. "ސެލެބްރިޓިއަކަށް ވީމަ އެކަންޏެއް ނޫން އޭނަ އެހާ މަޝްހޫރީ. މާނީ ބައްޕައަކީ މިވަގުތު ރާއްޖޭގައި ވިޔަފާރީގެ ދުނިޔެއިން ހޮވާލެވޭ އެކަކު. އަޒްމީލްގެ އަމިއްލަ ރިސޯޓްތަކާއި އަމިއްލަ ކުންފުނިތައް ވަރަށް ގިނަ. އަދި މާނީ އެއީ އަޒްމީލްގެ މުޅި އާއިލާގައި ވެސް ދިރިހުރި ހަމައެކަނި ފުރާނަ. އެއްގޮތަކުން ބުނެވިދާނެ ބޯން ސެލެބްރިޓީއެކޭވެސް." މިކިޔާލް ކޮފީ ބޮމުން އިތުރަށް އޮޅުންފިލުވައިދިނެވެ.
"އަވިކް ބައްޕަ އާއިވެސް އަޒްމީލް ވަރަށް ގާތް ގުޅުމެއް އޮންނަނީ." މިކިޔާލް އިރުކޮޅަކުން ހަނދާންވެގެން އިއްވާލިއެވެ. އޭނާ ބަލާލިއިރު އަވިކް އިސްޖަހާލައިގެން އިނީ ކޮފީ ބޯށެވެ. އެމޫނަށް ބަލައިލުމުން ދެއްކި ވާހަކަތަކަށް މާބޮޑު ޝައުޤުވެރިކަމެއް ހުރި ހެނެއް ހިއެއް ނުވެއެވެ.
ބިލް ދައްކާފައި ދާންވެގެން ތެދުވިއިރު އަނެއްކޮޅުން މާނީމެންވެސް ތެދުވެއްޖެއެވެ. އަވިކްއަށް ފޯނު ނެތްކަން އެނގުނީ އެވަގުތުއެވެ. އޭނާ ފޯނު އޮތްތޯ ދެފަރާތު ޖީބުގައި އަތް ޖައްސާލައިފައި މޭޒުމަތިވެސް ރަނގަޅަށް ބަލާލައިފިއެވެ. އެވަގުތު ވަރަށް ކައިރިން އަންހެން ކުއްޖަކު "ނަޒޫ" އޭ ގޮވާލުމުން ސިއްސައިގެންދާ ފަދަ ގޮތަކަށް ފަސްއެނބުރިގެން އަޑު އައި ދިމާ ހޯދާލިއެވެ. "ކިހިނެތްވީ؟" މިކިޔާލްއަށް އަވިކްގެ މޫނުން ނުތަނަވަސްކަން ފާހަގަ ވެގެން ސުވާލު ކުރިއެވެ. "ނަޒޫ...." އަވިކްއަށް ބުނެވުނީ އެހިސާބަށެވެ. މާނީ އާއި އެކުވެރިޔާ އައިސް ކައިރިއަށް މަޑުކޮށްލުމުން އޭނާގެ ސަމާލުކަން އެދެމީހުންނަށް ހުއްޓިއްޖެއެވެ. އަވިކް ހުރީ އިސްވެ އެއްޗެއް ނުބުނާން ކަމަށެވެ. ބަލަހައްޓައިގެން ހުރެފައި މާނީ އަތުގައި އޮތް އެއްޗެއް މޭޒުމަތީ ބާއްވާލުމުން އަވިކް އާއި މިކިޔާލްގެ ނަޒަރުވެސް އެދިމާއަށް ދަތުރުކުރިއެވެ. އެއީ އަވިކްގެ ފޯނެވެ. އަވިކް ފޯނު އަތަށް ނަގާފައި އެނބުރެން ވާއިރަށް މާނީ "ޔޯ ވެލްކަމް" އޭ ބުނެލި އަޑު އައެވެ. އޭނާއަށް ފެނުނުއިރު މާނީ ދާންވެގެން ނައްޓާލައިފިއެވެ.