"ޔައީޝް!" އަނދިރި ކަމުންނާއި ހަމައެކަނި ފުރަގަސް ފެންނަން ހުރުމުން ކުރީގައި އިނީ ޔައީޝްކަން ޔަޤީން ކޮށްލަން ވެގެން ނަޒްލާ ގޮވާލިއެވެ. "ކިހިނެތްވީ؟ އެހެން މީހަކަށްތަ އިންތިޒާރު ތިކުރަނީ؟" ޔައީޝްގެ އަޑު ޖެހުމުން ނަޒްލާއަށް ދޫކޮށްލެވުނީ ހަމަޖެހުމުގެ ނޭވައެކެވެ. "ނޫނޭ. އެހެނެއް ނޫން. މީހަކު މާ މިސްޓީރިއަސް ވެގެން އުޅުނީމަ." ނަޒްލާ އުފާވެފައި ބުނެލިއެވެ. އެއަޑަށް ޔައީޝް މަޑުމަޑުން ހީލިއެވެ.
ކުޑައިރުކޮޅެއް ފަހުން ކާރު މަޑުކޮށްލާފައި ފައިބައިގެން ގޮސް ދެމީހުން ރެސްޓޯރެންޓަށް ވަންނަން ދިމާކުރިއެވެ. އެވަގުތު ޔައީޝް ކުޑަކޮށް އެއްފަރާތް ވެލާފައި ލޭޑީސް ފަސްޓްއޭ ކިޔާލި ގޮތް ނަޒްލާއަށް މަޖާވިއެވެ. އީޚުތިޔާރެއް ނެތިވެސް އޭނާގެ ތުންފަތަށް ހިނިތުންވުމެއް ގެނުވި ސަބަބަކަށް އެކަން ވިއެވެ. މައްޗަށް އަރައިގެން އެމީހުން ގޮސް އިށީންދެލީ އެންމެ ދުރުގައި ހުރި މޭޒު ދޮށުގައެވެ. ބޭރު ފެންނަ ގޮތަށް ފުޅާ ބިއްލޫރި ޖަހާފައިވާ ކުޑަ ދޮރާއި އެންމެ ކައިރީގައި އެމޭޒު ހުރުމުން ކުރިމަތިން އިމާރާތްތަކުގެ އަލިތަކާއި މަގުމަތީ ދެކޮޅަށް ދުއްވާ އުޅަނދު ފަހަރުގެ ބޮކިތައް ފެންނާތީ ނިކަން ހިތްގައިމެވެ. ނަޒްލާ ގަޔާވެފައި އެދިމާއަށް ބަލަން އިންދައި ދުރުން މަތިންދާ ބޯޓެއް ހުރަސްކޮށްލި ތަން ފެނިގެން ޅަކުއްޖެއްހެން ހިނިތުންވެލިއިރު ޔައީޝް އިނީ ބަލާށެވެ. އެވަގުތު ޔައީޝް ލުއި އަޑަކުން ހީލުމުން ނަޒްލާ އަވަހަށް މޫނު އަނބުރާލައިފި އެވެ. "ޅަކުދިންވެސް ތިހެން އުފާވާނެ ޕްލޭންއެއް ފެންނައިރަށް." ޔައީޝް ދިމާކޮށްލުމުން ނަޒްލާ ކުރިއަށްވުރެ ބޮޑަށް ހިނިތުންވެލިއެވެ.
"ކުޑައިރު އެންމެ އުފާވާ އެއް ކަންތައް އެއީ މަތިންދާ ބޯޓެއް ފެނުން. ހަމަ އަޑު އިވޭއިރަށް އެއަޑު އަންނަ ދިމާ ހޯދަމުން ހުރިހާ ކުދިން އެކުއްޖަކު ހުރި ތަނަކުން ނިކުމެގެން މަގުމައްޗަށް ދުވާނެ. ދެން ހަމަ ފެންނައިރަށް އެކަކު އަނެކަކަށް އެބޯޓު ދައްކާނެ. މިހާރުވެސް އެގޮތަށް މަތިންދާ ބޯޓެއް ފެނުނީމަ ބުނެދޭން ނޭނގޭކަހަލަ އުފަލެއް ލިބެނީ." ނަޒްލާ ރަށުގެ ހަނދާންތައް އާ ކުރަމުން ކިޔައިދިނެވެ. އޭނާ ބަލާލިއިރު ޔައީޝް އިނީ ދަތްދޮޅީގައި އަތްވެސް އަޅުވާލައިގެންނެވެ. އަނެއްކާވެސް އޭނާ އާއި ދިމާކޮށްލަން ވެގެން ހެދި ގޮތެއް ކަންނޭނގެއެވެ. ނަޒްލާ ރަކިވެގެން ދެއަތްތިލަ އުފުލާލައި ޔައީޝް އާއި މޫނާއި ދެމެދަށް ހުރަސްކޮށްލިއެވެ. ޔައީޝްގެ ހުނުމުގެ އަޑު ދެވަނަ ފަހަރަށްވެސް އިވިގެން ދިޔައީ އެވަގުތުއެވެ. "ހާދަ ގޯހޭ." ނަޒްލާ އަދިވެސް ނިވާވެގެން އިނދެފައި ތުންކޮޅު ހަދާލިއެވެ. ކުރިއްސުރެ އޯޑަރ ދީފައި ހުރި ކާއެއްޗެހިތައް ގެންނަން ފެށީ އެހިސާބުންނެވެ. ފުރޮޅުލާފައި ހުރި ކުޑަ މޭޒުގަނޑު ދުއްވަމުން އައި ވޭޓަރ އައިސް ކައިރިއަށް ހުއްޓުމުން ނަޒްލާވެސް އަވަހަށް ދެއަތް ތިރިކޮށްލައިފިއެވެ.
"އަވިކް ކީއްވެފަ ނުފަށާ ތިއިންނަނީ؟" ކަރަމް ވާހަކަ ދެއްކި އަޑަށް އަވިކް އަވަހަށް ފޯނު ތިރި ކޮށްލައިފައި އެމޫނަށް ބަލައިލިއެވެ. ދެވަނަ ސިކުންތުގައި އޭނާ ކަމެއްނުވެއޭ ބުނާ ފަދަ ގޮތަކަށް ކުޑަކޮށް ބޯ ހޫރާލުމާއެކު ދެފަރާތުގައި އޮތް އުލާއި ވަޅި ނަގައި ކާން ތައްޔާރުވެލިއެވެ. ފުރަތަމަ އެތިކޮޅު އަނގައަށް ލައިފައި އެވަގުތުވެސް މޭޒުމަތީ އޮތް ފޯނަށް ކަޅިއެއް އެއްލިއެވެ. އޭނާގެ ކުރިމަތީގައި ބައްޕަ އާއި އަޒްމީލް އިންއިރު މާނީ އާއި މިކިޔާލް އިނީ އޭނާގެ ދެފަރާތުގައެވެ. ފަރޫޝާ އާއި އާޝިމާ އަދިވެސް މޭޒުމައްޗަށް ވައްތަރުތައް އިތުރު ކުރަމުން ދިޔައެވެ. ކަރަމްގެ ފޯނު އައީ އަވިކް ބޭރަށް ދާން ތައްޔާރުވެގެން މަންމަގެ އެޕާޓްމެންޓުން ނިކުމެ ނިކުމެ ހުއްޓައެވެ. އޭނާ ހިތުން ރާވާފައި އޮތީ އެހެން މަންޒިލެއް ކަމުގައި ވީ ނަމަވެސް ބައްޕަގެ އެދުމުގައި ކޮޅުފައިން ޖަހާނެ ހިތްވަރު ނެތިގެން ގެއަށް އައީއެވެ.
"ކޮބާތަ މިރޭ ޔައީޝް؟ ގޭގަ ނޫޅެނީތަ؟" އަޒްމީލް ކުއްލިއަކަށް ކުރި ސުވާލުން އަވިކްގެ ނަޒަރުވެސް ބައްޕަގެ މޫނަށް ހުއްޓާލެވުނެވެ. ޔައީޝް ކެއުމުގައި ބައިވެރި ނުވާން ދެއްކި ބަހަނާއެއް ބަލައިލަން އޭނާ އިނީ ނުހަނު ބޭނުން ވެފައެވެ. "ޔައީޝް ރައްޓެހި ކުއްޖަކާއެކު ކާން ބޭރަށް ދިޔައީ. އަޒްމީލް އަންނަކަން އެނގުނީމަ އޭނަ ހުރީ މިކޮޅުގަވެސް މަޑުކުރާހިތްވެފަ. އެކަމަކު އެބުނާ އެކުވެރިޔާއަށް ކުރިއްސުރެ ވަޢުދުވެފަ އޮތީމަ އެދިޔައީ." ކަރަމް ޖަވާބުދިނެވެ. މިކިޔާލް ބަލައިލިއިރު އަވިކް އިނީ އިސްޖަހައިގެންނެވެ. ކަރަމްގެ ވާހަކަ އަހާފައި އެމޫނަށް އައި ކުއްލި ބަދަލު އޭނާއަށްވެސް ފާހަގަވިއެވެ. ޔައީޝްގެ ހިތްވަރު ފެނިފައި އޭނާ އަމިއްލަ ނަފްސްގެ ނިކަމެތި ކަމާއިމެދު ލަދުގަތީ ކަންނޭނގެއެވެ. އެހިސާބުން އަވިކް ކެއުމަށް ހުރި ޝައުޤުވެރިކަން އަދި ކުރިއަށްވުރެވެސް ކުޑަވިކަން މިކިޔާލް ފާހަގަ ކުރިއެވެ. މިކިޔާލް އިނީ ބަލާށެވެ. އަވިކް އިންތިޒާރު ކުރީ ބައްޕަ އާއި އަޒްމީލް އެތަނުން ތެދުވާނެ އިރަކަށެވެ. އެމީހުން ހަމަ ތެދުވިތަން ބަލާފައި އޭނާވެސް ދާންވެގެން އަތުގައި އޮތް އޫ ތަށި ތެރެއަށް ދޫކޮށްލިއެވެ. ދެވަނަ ސިކުންތުގައި ފާޑަކަށް "އައުޗް" އޭ ބުނެލައިފިއެވެ.
"ކިހިނެތްވީ؟" މިކިޔާލް ސުވާލު ކޮށްލި ނަމަވެސް އަވިކް އެކަމަށް ސަމާލުކަމެއް ނުދިނެވެ. އޭނާ މޫނު ހަދާފައި ބަލައިލީ މާނީ އަށެވެ. އޭނާ ތެދުވަން އުޅެން ފެށުމުން ފައިގައި ޖަހާފައި މާނީ އިނީ ނުވެސް އެނގޭ ކަމަށް ހެދިގެންނެވެ. ރުޅިގަދަވެގެން ދަތްކުނޑި ވިކާލައިފައިވެސް އަވިކް އެއްޗެއް ނުބުނެ ތެދުވެގެން ދިޔައީއެވެ. އިރުކޮޅެއް ނުވެ މާނީ ހީގަތް އަޑަށް މިކިޔާލްގެ ނަޒަރު އެމޫނަށް ހުއްޓުނެވެ. "އާހ. އައެމް ފީލިން ގޫޑް...." އެވަގުތު މާނީ ގޮނޑިއަށް އެއްފައި ނަގައި ކުރިއަށް ވުރެވެސް ހަމަޖެހިލާފައި ކެއުން ކުރިއަށް ގެންދަން ފެށިއެވެ.
"ކިހިނެތްވީ؟" ފޯނަށް މެސެޖެއް އައިސްގެން ނަޒްލާ ފޯނު ނަގައި ބަލައިލުމާއެކު އެމޫނުގެ ކުލަ ބަދަލުވިކަން ޔައީޝްއަށް ފާހަގަ ވެގެން އަހާލިއެވެ. "ދިރާގުން އައި މެސެޖެއް." ނަޒްލާ ކުއްލި އަކަށް ފޯނު ތިރި ކޮށްލާފައި ކެއުން ކުރިއަށް ގެންދަން ފެށިއެވެ. އަވިކް ގެ މެސެޖްގައި އޭނާ ހުރީ ކޮންތާކުހޭ އަހާފައި އޮތްތަން ފެނުމުން ނަޒްލާ ފާޑަކަށް ޖެހިލުން ވާ ގޮތް ވެއްޖެއެވެ. އަވިކް އަނެއްކާ އޭނާ ހޯދަމުން އެތަނަށް ނައިސް ހުރެދާނެ ބާވައޭ އޭނާ ހިތަށްއެރިއެވެ. ރޭ އެދެމެދުގައި ދެކެވުނު ވާހަކަތަކަށް ފަހު އަވިކްގެ މޫޑު މިހާރު ހުންނާނެ ގޮތަކާއި މެދު ނަޒްލާއަށް ވިސްނުނެވެ. އަސަރު ކޮށްފައި ހުރުމުން އޭނާއަށް ބުނަން ނުވާ ވަރުގެ ވާހަކަތައްވެސް ބުނެވިފައި ހުރި ކަމަށް ފަހުން އެއްބަސް ވެވުނެވެ. އަވިކްގެ ސަބަބުން އޭނާއަށް ކުރާ އަސަރާއި ވާ ގޮތްތައް ބުނެދެވުނު ކަމަށްޓަކައި ދެން އަލުން އެސޫރަ ފެންނަ ހިސާބަށް ދާންވެސް އޭނާ އެބަ ކަންބޮޑުވެއެވެ. "ނަޒޫ އަހަރެންނާއި މެދު ދެކެނީ އެކުވެރިއެއްގެ ގޮތުގައި ދޯ." ޔައީޝް ވާހަކަ ދެއްކި އަޑަށް ނަޒްލާ ސިހުނެވެ. "ކީއްވެ ތިހެން ތިބުނީ؟" އޭނާ ޔައީޝްގެ މޫނަށް ކަޅި ހުއްޓާލައިފި އެވެ.
"ދިރާގުން މެސެޖެއް އައިސްގެން ތިހާ ކަންބޮޑުވާނެހެން ހީނުވާތީ. އަހަންނަށް ފާހަގަ ކުރެވިއްޖެއޭ. އެމެސެޖް އައި ފަހުން ތި އިންނަނީ އެހެން ދުނިޔެއެއްގައި. މިހެން ބުންޏަސް ނަޒޫ ބުނަން ބޭނުން ނޫން ވާހަކައެއް ކޮންމެހެން ބުނާކަށް ނުޖެހޭ. އަހަރެން ހަމައެކަނި އަންގާލަން ބޭނުންވާ ވާހަކައަކީ ނަޒޫއަށް ކޮންމެ ވަގުތަކު ކޮންމެ ކަހަލަ ހެލްޕެއް ބޭނުންވިއަސް އަހަރެން މަތިންވެސް ހަނދާން ކޮށްލިއްޔާ ވަރަށް ރަނގަޅޭ." ޔައީޝް ކެއުން މެދުކަނޑާލައިފައި މޭޒުގައި ދެއުޅަބޮށި ވިއްދާލަމުން ވާހަކަދެއްކިއެވެ. ނަޒްލާ އަޑުއަހަން އިސްޖަހައިގެން އިނެވެ. ޔައީޝްގެ އެ ހުށައެޅުން އޭނާއަށް ކިތަންމެހާވެސް ރަނގަށެވެ. އެކަމަކު ނިމިފައި އޮތް ވާހަކައެއް އަލުން ފަށައިގެން އިތުރު މީހަކަށް ކިޔައިދިނުމުގެ ބޭނުމެއް އޭނާއަށް ނުފެނުނެވެ. "ތޭންކްސް ޔައީޝް. އަހަރެން އަބަދުވެސް ހަނދާން ބަހައްޓާނަން." ނަޒްލާ ހަތަރުކަޅި ހަމަކޮށްލާފައި ބުނެލިއެވެ. އެހިސާބުން ޔައީޝް ހިތްހަމަޖެހިގެން އަނެއްކާވެސް ކެއުން ކުރިއަށް ގެންދަން ފެށިއެވެ.
ނިމިގެން ނަޒްލާ ބިލް ދައްކާފައި އެނބުރިލިއިރު މޭޒުމަތީގައި ކުރިން ނެތް އެއްޗެއް ހުއްޓެވެ. މެރޫން ކުލައަކަށްދާ މަހުމާ ފޮށްޓެކެވެ. މެދުގައި ހުދު މަލެއް ހަރުކޮށްފައި ހުއްޓެވެ. ނަޒްލާ ސުވާލު އުފެދިފައި އިންދާ ޔައީޝް އެފޮށި ނަޒްލާގެ ކައިރިއަށް ޖައްސާލިއެވެ. ނަޒްލާ ފޮށީގައި އަތްލުމުގެ ބަދަލުގައި އަނެއްކާވެސް ބަލައިލީ ޔައީޝްގެ މޫނަށެވެ. ޔައީޝް ހިނިތުންވެފައި އިނދެގެން އަތުގެ އިޝާރާތުން އެފޮށި ހުޅުވަން އަންގާލިއެވެ. ނަޒްލާ ނިކަން އަވަސްކޮށް ދެތިންފަހަރު އެސްފިޔަ ޖަހާލައިފައި ފޮށީގެ މަތި ހިއްލާލިއެވެ. އެތެރޭގައި އޮތް ކެވެލިކޮޅު ދެއިނގިލިން ނަގައި ހިއްލާލައިފައި ސިކުންތެއްނުވެ އަނެއްކާ އަނބުރާ އެތެރެއަށްލައި މަތިގަނޑު ބާއްވާލިއެވެ. "މި ޤަބޫލެއް ނުކުރެވޭނެ." ނަޒްލާގެ ޖަވާބު އަހާފައި ޔައީޝްގެ ނިތަށް ރޫ ގިނަވިއެވެ. "އެއީ؟ ކޮބާ މައްސަލައަކީ؟ މިކިހާ ރީތި؟ ނަޒޫއާ ވަރަށް ގުޅޭނެ." ޔައީޝް ވާހަކަ ދައްކަމުން ފޮށީގެ މަތި އެއްފަރާތް ކޮށްލައިފައި ކެވެލިކޮޅު އަތަށް ނެގުމާއެކު އަނެއް އަތުން ނަޒްލާގެ އަތްތިލައިގައި ހިފެހެއްޓިއެވެ.
"ނަޒޫ ޕްލީޒް!" އެވަގުތު ނަޒްލާ އަތް ފޮޅުވާލަން އުޅެން ފެށުމުން އަވިކް އެއަތަށް ބާރު ކޮށްލިއެވެ. އަވިކް ކުރި އާދޭހުން ނަޒްލާއަށްވެސް މަޖުބޫރުވީ ގޮތް ދޫ ކުރާށެވެ. ނަޒްލާ ހިމޭންވިތަން ބަލާފައި އޭނާ ހަމަޖެހިލައިގެން ކެވެލިކޮޅު އެއަތުގައި އަޅުވާލަދިނެވެ.
ހެނދުނު އަވިކް ގޮސް އޮފީހަށް ވަންއިރު ޒުލްފާ އާއި ރިދީ ވެގެން އަދިވެސް ގިނަ ބަޔަކު އެއް ކޮށްގެން ނިކަން ފޯރީގައި ކޮންމެވެސް ވާހަކައެއް ދައްކައެވެ. އަވިކް އަރާ ހަމަ ވުމުން ކޮންމެވެސް އެކަކަށް ފެނިގެން އެވާހަކަ އެހެން ކުދިންނަށް އަންގާލި ތަނުން ވާހަކަވެސް ހުއްޓުނެވެ. އެކަމަކު އެމީހުން ދެއްކި ވާހަކައިގައި ނަޒްލާގެ ނަން ބުނި އަޑު އަވިކްއަށް ރީތިކޮށް އިވުނެވެ. އަވިކް ނޭނގޭ ކަމަށް ހެދިގެން ދަމުން ރިދީ ކައިރީ ފަހަތުން ދިއުމަށް އެންގިއެވެ. އޭނާ ގޮސް ގޮނޑީގައި ހަމަޖެހިލި ތަނާ ރިދީވެސް ފަހަތުން ވަދެއްޖެއެވެ.
"ކޮން ވާހަކައެއް އެމީހުން އެދައްކަނީ؟" ރިދީ އަދަބު ވެރިކަމާއެކު އަތް ޖޯޑު ކޮށްލައިގެން އަވިކް ކުރިމަތީ ހުއްޓުނު ތަނުން ފުރަތަމަވެސް އަހާލިއެވެ. ރިދީގެ މޫނުން ހާސްކަން ފެނުމުން އަވިކްގެ ކެތްތެރިކަން ހައްތަހާ ކުޑަވިއެވެ. "އަޅުގަނޑު ރޭގަ ރައްޓެހި ކުއްޖަކާއެކު ޑިނަރއަށް ދެވުނީ ޔައީޝް އާއި ނަޒްލާވެސް ދިޔަ ރެސްޓޯރެންޓަށް." ރިދީގެ ޖަވާބު އިވިފައި އަވިކް ފުންމައިގެން ތެދުވެއްޖެއެވެ. އިތުރު އެއްޗެއް ނުބުނެވެސް އަވިކް މޭޒާއި ދިމާއަށް އަރިވެލައި ދެއަތް ވިއްދާލި ގޮތުން ކުރިއަށް ގެންދަންވީ ކަން ރިދީ ދެނެގަތެވެ. "އަޅުގަނޑު އެކުދިން ކައިރީ ބުނީ އެދެމީހުން ރޭ ޑިނަރއަށް ދިޔަ ވާހަކަ. ޔައީޝް ނަޒްލާއަށް ހަދިޔާއެއްގެ ގޮތުގައި ކެވެލިގަނޑެއްވެސް ދިން. އަޅުގަނޑު ފޯނުން ފޮޓޯވެސް ނެގިން." ރިދީގެ ވާހަކަ އެހިސާބަށް ދާއިރަށް އަވިކް އަތް އުފުލާލައިފައި ހުއްޓުވައިފިއެވެ.
"ކޮބާ ފޮޓޯތައް؟" އަވިކް މޭޒު ވަށާލައިފައި އައިސް ރިދީގެ ކައިރިއަށް ހުއްޓުނެވެ. ރިދީ އަދިވެސް ކަންބޮޑުވެފައި ހުރެގެން މުށުތެރޭ އޮތް ފޯނު އަވިކްއަށް ދައްކާލިއެވެ. އަވިކް ކަނާއަތްތިލަ ހުޅުވާލައި ދިއްކޮށްލިތަން ފެނިގެން ރިދީ ފޯނުވެސް އަވިކްގެ އަތަށް ލައިދީފިއެވެ. "އިތުރު މީހަކު އަތުގައި ފޮޓޯތައް ހުންނާނެތަ؟" އަވިކް އިތުރަށް އަހާލިއެވެ. ރިދީ ދެފަރާތަށް ބޯ ހޫރާލުމުން އޭނާ އަތުގެ އިޝާރާތުން އެދުނީ ބޭރަށް ނިކުތުމަށެވެ. އޭނާ ފޯނުގެ ސްކްރީނަށް ބަލައިލީ އެއަށްފަހުއެވެ. ފުރަތަމަ ގަނޑުގައިވެސް ނަޒްލާ އިނީ ޔައީޝްއަށް ހިނިތުންވުމެއް ދައްކާލައިގެންނެވެ. އަވިކްގެ ހިތަށް ކުރީ ނުބައި އަސަރެކެވެ. މާލެ އައި ފަހުން އޭނާގެ ކުރިމަތީ އެގޮތަށް ނަޒްލާ ހިނިތުންވެލި ވަގުތެއް ނާދެއެވެ. ފޮޓޯތައް ބަދަލުވަމުން ދިޔަ ވަރަކަށް މަންޒަރުވެސް ދިޔައީ ބަދަލު ވަމުންނެވެ. އަވިކްގެ އަތަށް ހުއްޓުމެއް އައީ ނަޒްލާ އަތުގައި ޔައީޝް ހިފަހައްޓާލައިގެން ހުރި ފޮޓޯ ފެނިފައެވެ. އަދި އެންމެފަހުން ނަޒްލާ އަތުގައި ޔައީޝް ކެވެލިކޮޅު އަޅުވައިދިން ފޮޓޯއަށް ބަލަން އިރުގަނޑަކު އިނެވެ. އެންމެފަހުން ޖީބުގައި އޮތް ފޯނު ނަގާފައި ނަޒްލާގެ ނަންބަރަށް ގުޅަ ގުޅާ ހުއްޓާ ކެބިންގެ ދޮރު ހުޅުވާލައިފައި ނަޒްލާ ވަދެއްޖެއެވެ. ފުރަތަމަވެސް އަވިކްގެ ލޮލުގައި އަޅައިގަތީ ނަޒްލާ އަތުގައި އޮތް ހިމަ ކެވެލިފަށެވެ. ރިހި ކުލައިގެ ރީތި ގެތުމަކަށް އިތުރު ފުރިހަމަ ކަމެއް ގެނެސް ދެނީ ތިރިއަށް އެލިފައިވާ ހުދު ޑައިމަންޑް ތަކާއި ކުދި ހިތްތަކުންނެވެ. ނަޒްލާ އެކައްޗެއްވެސް ނުބުނެ އަތުގައި އޮތް ފައިލު އަވިކް އިން މޭޒުމަތީ ބާއްވާފައި ނިކުންނަން ދާންވެގެން އެނބުރިލި އެވެ.
"އެހާ އަވަހަށް ގެޓްއޯވަރ ވީތަ؟" އެވަގުތު އަވިކް ވާހަކަ ދެއްކި އަޑަށް އޭނާ ހުއްޓުނު ނަމަވެސް ފަސްއެނބުރި ބަލައެއް ނުލިއެވެ. "ކީކޭތޯ؟" ނަޒްލާ އަވިކް އިތުރު އެއްޗެއް ނުބުނުމުން އަހާލިއެވެ. "ނަޒޫއަށް ވަގުތު ބޭނުންވަނީ އަހަރެންނާއި ގުޅުން ބާއްވަން އެކަނި ދޯ. ރިލޭޝަންޝިޕަކަށް ދާން އެވަގުތު ބޭނުމެއް ނުވޭތަ؟ އަހަރެން ބުނެފާނަން ވާހަކައެއް. ޔައީޝްއަށް ނަޒޫ ތީ އަހަރެންނާއި ކިހާ ގުޅުމެއް އޮތް ފަރާތެއްކަން އެނގޭލެއް ލަސްވާނެ އޭނަ ނަޒޫ ދޫކޮށްލާފަ ދާން. އަނެއްކާވެސް ހާޓް ބްރޭކްވާން ބޭނުން ނޫނިއްޔާ ތިހިޔާލު ދޫކޮށްލާ!" އަވިކްއަށް ދުރުގައި ނުހުރެވިގެން ގޮނޑިން ތެދުވެފައި އައިސް ނަޒްލާފެ ފުރަގަހަށް ހުއްޓިއްޖެއެވެ. ނަޒްލާ އެނބުރި ބަލާލިއިރު އެމޫނަށް އެއްފަހަރާ އެތައް ކުލައެއް އަރާ ފައިބަމުން ދިޔައެވެ. އެކުލަތައް ތަރުޖަމާ ކުރަން ޚުދު އަވިކްވެސް ނުކުޅެދުނެވެ.
"އެންމެ ފުރަތަމަ އަޅުގަނޑާއި އަވިކްގެ މެދުގައި ގުޅުމެއް އޮންނަމަ ނޫންތޯ އެކަހަލަ މައްސަލައެއް ދިމާވާނީ؟" ނަޒްލާގެ އެޖުމްލަ ވިހަ ތީރެއް ފަދައިން އައިސް އަވިކްގެ ހިތަށް ހެރިއްޖެއެވެ. އޭނާއަށް ދެއަތް މުށްކަވާލެވުނެވެ. "ކޮބާ ތީގެ މާނައަކީ؟ ތިބުނީ ނަޒޫ ހަމަ ހަޤީޤަތުގައިވެސް ނަޒޫ އާއި ޔައީޝް ޑޭޓް ކުރަނީއޭތަ؟" އަވިކްއަށް ލިބުނު ޝޮކާއެކު އަދިވެސް ދެވަނަ ޖަވާބެއް ލިބުމުގެ އުންމީދުގައި އަހާލެވުނެވެ. "މާފުކުރައްވާ! އަޅުގަނޑު ނުދެކެން އަޅުގަނޑުގެ ޕާރސަނަލް ކަންތައްތައް އަވިކް އާއި ހިއްސާ ކުރުމުގެ ބޭނުމެއް އޮތް ކަމަކަށް." ނަޒްލާ އެތަނުން ދުވެ ފިލަން ބޭނުންވި ވަރުން އަވަހަށް ނިކުމެގެން ދިޔައިރު އަވިކްއަށް ހުރެވުނީ އެދިމާއަށް އަތް ދިއްކޮށްލައި ގެންނެވެ. ދެން އަނެއްކާވެސް ގޮނޑިއަށް ވެއްޓިގެންފައި އަތުން ނިއްކުރިއަށް ބާރު ކޮށްލެވުނެވެ.
އެދުވަހު އޮފީސް ތެރޭގައި އެހެން ވާހަކައެއްވެސް އެންމެން ބާރު ލާފައި ދައްކަން ފެށިއެވެ. އޮފީހުގެ މުވައްޒަފުންގެ މެދުގައި އެކުވެރިކަން ބަދަހިކޮށް މަޖާ މާހައުލެއް ގާއިމު ކޮށް ދިނުމަށްޓަކައި ކޮންމެ އަހަރަކުވެސް ދާ ދަތުރު މިއަހަރުވެސް އޮންނަ ވާހަކައެވެ. އެހެން އެންމެންނަށްވުރެ އުފާވެފައި ހުރީ ޒުލްފާ އާއި ރިދީއެވެ. ނަޒްލާ މަސައްކަތެއް ކުރެވޭތޯ މޭޒުދޮށުގައި އިށީންދެލައިގެން އިންއިރު އެދެމީހުން އިރުކޮޅަކަށްވެސް ދަތުރުގެ ވާހަކަ ހުއްޓާނުލައެވެ. ބޭނުންވާނެ އެއްޗެހި ހަމަ ކުރަން ޝޮޕިންއަށް ދާނެ ވާހަކައާއި ކުރާނެ ކަންތައް ތަކެވެ. އެކަމަކު ނަޒްލާގެ ހިޔާލު ހުރީ މުޅިން ތަފާތު ކޮށެވެ. އޭނާ އެދަތުރު ދާކަށް ގަސްތެއް ނުކުރިއެވެ. އޮފް ދުވަސްތަކުގައި ހިންދެމި ނުލެވޭވަރަށް ކޮންމެ ފަހަރަކު އެސައިމެންޓްތައް ދޭނެއެވެ. އޭނާއަށް ޔަޤީންވާ އެއްޗަކީ މިފަހަރުވެސް ހަފްތާ ބަންދުގައި އޭނާ އިންނަން ޖެހޭނީ ލިޔާމޭޒު ދޮށުގައި ކަމެވެ.
"އަވިކް!" ޒުލްފާ ކުއްލިއަކަށް ގޮވާލި ގޮތުން ނަޒްލާއަށްވެސް އެއަޑު އިވިގެން އިސްއުފުލާލެވުނެވެ. އެވަގުތު އޭނާއަށް ފުންމައިގެން ތެދުވެވިއްޖެއެވެ. އަވިކް އައިސް ހުރީ އެމީހުންގެ ކުރިމަތީގައެވެ. އެމޫނުގައިވި ސީރިއަސް ކުލަވަރު ފެނުމުން ނަޒްލާގެ ހިތް ތެޅިގަތެވެ. އޭރު ކައިރި ހިސާބު ތަކުގައި ތިބި އެހެން ހުރިހާ އެންމެންގެ ސަމާލުކަންވެސް އެދިމާއަށް ހުއްޓިގެން ދިޔައެވެ. ނަޒްލާ ކަންބޮޑުވެފައި އެއްޗެއް ބުނަން އަނގަ ހުޅުވާލިތަނާ އަވިކް އައިސް ހިފެހެއްޓީ އޭނާގެ އަތުގައެވެ. އަދި ކުޑަވެސް ޖެހިލުމެއް ނެތި އެންމެން ކުރިމަތީ އޭނާގެ އަތަށް ދަމަމުން ދުރުގައި ހުރި ލިފްޓާއި ދިމާއަށް ހިނގައިގެންފިއެވެ.