"މަޢާފު ކުުރުމުގައި މީ އަހަރެން ގެންގުޅޭ ސްޓައިލް." އެއްޗެއް ނުބުނެވިފައި މާނީ ބުދެއްހެން ހުއްޓާ އަވިކް އޭނާގެ ކަންފަތް ދޮށުގައި ސިއްރެއް ބުނެލާފައި ގޮސް ކާކޮޓަރިން ނިކުމެއްޖެއެވެ.
*****
ސިކުނޑި މަސައްކަތް ކުރަން ފެށިއިރު މާނީއަށް ހުރެވުނީ ދެއަތް މުށްކަވާލައިގެންނެވެ. އެތެރެ ހަށި ކެކެމުން އައި ގަދަ ރުޅީގައިވެސް އޭނާ ކެތްކޮށްލީ ހުރެވުނު ތަނުގެ ގޮތުންނެވެ. އެވަރުގެ ނުބައި ސަމާސާއެއް އަވިކް ކޮށްފާނެ ކަމަށް ކުޑަކޮށްވެސް މާނީ އުންމީދެް ނުކުރެއެވެ. ހަޔާތުގައި ފުރަތަމަ ފަހަރަށް އޭނާ އަމިއްލަ ޤަދަރާއި އިއްޒަތަށްވުރެ ކުރިއަށް އެހެން މީހަކު ނެރުނު މީ ފަހަރެވެ. ފުރަތަމަ ފަހަރަށް އަމިއްލަ ކުށް ޤަބޫލު ކޮށް ކުޑަވެގަނެގެން މަޢާފަށް އެދުނު މީ ފަހަރެވެ. އެކަމަކު ބަދަލުގައި މި ލިބުނީ ކޯއްޗެއް ހެއްޔެވެ؟ ޕާސްތެރެއިން ފޯނު ނަގައިގެން މާނީ އަނެއް ފަރާތަށް އެނބުރިލީ ސިކުނޑިއަށް އައި ފުރަތަމަ ހިޔާލު ބޭނުން ކޮށްގެން އެގެއިން ނިކުތުމުގެ ގޮތުންނެވެ. ލަވަކިޔާފައި ކުޅުނު އެއްވެސް މިއުޒިކް ވީޑިއޯގައިވެސް ކުރަން ނުޖެހޭ ވަރަށް މޫނުގެ ކުލައާއިމެދު އޭނާއަށް މަސައްކަތް ކުރަން ޖެހުނެވެ. ރުޅި އައިސް ރަތްވެގެން ހުރެ ގަދަކަމުން ދަތްޕިލާ ދައްކާނެ ގޮތް އޭނާ ޕްރެކްޓިސް ކޮށްލި އެވެ. ނިކުތްއިރު އެންމެން ތިބީ ސޯފާތަކުގައި އޭނާގެ އިންތިޒާރު ގައެވެ. "ދައްތާ މިވަގުތު ދެން ގޮސްލަނީ އިނގޭ. ބައްޕަ ގުޅާފަ އެބަހުރި. ހީވަނީ މުހިންމު ވާހަކައެއް ދައްކާލަންހެން." މާނީ ހަމައެކަނި ސުދާއަށް ބަލާލައިފައި ބުނެލިއެވެ. އެވަގުތު ސުދާ އެއްޗެއް ބުނަން ތައްޔާރު ވެލިތަނާ އަވިކް އެއަތުގައި ހިފާލިތަން މާނީއަށްވެސް ފެނުނެވެ. "ހޫމ އެންމެ ރަނގަޅު." ސުދާ އެންމެފަހުން ހުއްދަދިނެވެ. މާނީ ދެފަޔަށް ލެވުނުހާ ބާރެއްލައިފައި ގޮސް އެގޭގެ ދޮރުން ނިކުތެވެ.
އަމިއްލަ ބަޔަށް ވަންނަން ވެގެން ގޮސް ދޮރު ކައިރިއަށް ހުއްޓުނުއިރު އަތްވެސް ތުރު ތުރު އަޅާހެން ހީވިއެވެ. އަވަހަށް ވަންނަން ވެގެން ދޮރުގެ ކޯޑް ދެފަހަރަށް ޖެހިއިރު އަދި ދިމައެއް ނުވިއެވެ. "ޝިޓް ޝިޓް. މިގަޑީގަތަ ކޯޑްވެސް ހަނދާން ނެތެންވީ؟" މާނީ ރުޅިއައިސްގެން ފާރަށް ގޮށްމުށުގެ އެތިފަހަރެއް ބާލައިފައި ދެވަނަ ސިކުންތުގައި ތަދުވެގެން ރޮއިގަނެވުނެވެ. ރަތްވެފައިވާ ދެލޮލުން އޮހިގަތް ކަރުނައަށްވެސް އަރަނީ އަލިފާން ކުލަ ނޫންކަމެއް ނޭނގެއެވެ. ތިންވަނަ ފަހަރުވެސް ކާމިޔާބު ނުވުމުން އެހެން ގޮތެއް ނެތިގެން އޭނާއަށް ޖެހުނީ ބެލް ޖަހާށެވެ. އިރުކޮޅެއް ނުވެ ދޮރު ހުޅުވާލި ފާތިން ހައިރާން ކަމާއިއެކު ބަލަން ފެށުމުން އޭނާ ތުން ފިތާލައިފައި ވަދެގެން މިސްރާބު ޖެހީ ބަދިގެއާއި ދިމާއަށެވެ. ފާތިން ސުވާލު އުފެދިފައި އަމިއްލައަށް ކޮނޑު އަރުވާލުމާއެކު ދޮރު ލައްޕަން ވެގެން އަނެއްފަރާތަށް އެނބުރުނު ތަނާ އަޑުފަތްގަނޑެއް އިވިގެން އެނބުރުނުއިރު މާނީ ވަދެގެން ދިޔަ ދޮރު ކައިރީ އޮތީ އެއްލާލައިފައި ދިޔަ ޕާހާއި ބައިބައިވެފައިވާ ފޯނުގެ ބައިތަކެވެ. އޭނާއަށް އެތަން ފެނިގެން ގަތް ބިރުން ދޮރުވެސް ހަނދާން ނައްތާލައިފައި މާނީ ފަހަތުން ބަދިގެއާއި ދިމާއަށް ދުއްވައިގަތެވެ.
"މާނީ! ކީއްތިކުރަނީ؟" ފާތިން ވަންއިރު މާނީ ވަޅިއެއް އަތަށް ނައިގެން ހުއްޓާ ފެނުމުން މޭގަނޑު އަނގަޔަށް އައެވެ. "އައެމް ގޮނަ ކިލް ޔޫ." މާނީ ވާހަކަދެއްކި އިރު ނަޒަރު ހުއްޓިފައި ހުރީ މޫނާއި ހަމައިގައި ތެދަށް ބަހައްޓާފައި ހުރި ވަޅީގެ ތޫނު މިޔައަށެވެ. "ކަ..ކާކު؟ އަޅުގަނޑުތަ؟ އަޅުގަނޑު ކި.... ކީއް..ކުރީ؟" މޭގައި ދެއަތް އަޅާލި ފާތިންއަށް ރަނގަޅަށް ވާހަކަވެސް ނުދެއްކުނެވެ. ޖަވާބު ދިނުން މާނީއަށް މުހިންމެއް ނުވިއެވެ. އޭނާ ދުރު ދުރުގައި ފިޔަވަޅު އަޅާލައިފައި އައިސް ފްރިޖް ހުޅުވާލިއެވެ. ފާތިން ވަނުވާ ނޭނގިފައި ބަލަން ހުއްޓާ މާނީ ފްރިޖް ތެރެއިން ނެގި މެދުމިނުގެ ކަރާ ހިފައިގެން މޭޒު ކައިރިއަށް ޖެހިލައިފިއެވެ. މޭޒުގައި ކަރާ ބޭއްވުމާއެކު ބަލާކަށް ނުހުރެ ކުއްލިއަކަށް ކަރާގެ މެދަށް ވަޅި ޖެހިއެވެ. ފާތިންއަށް އެތަން ފެނިގެން ލޯ ބޮޑު ކޮށްލުމާއެކު ދެއަތްތިލައިން އަނގަ ފޮރުވާލެވުނީއެވެ. އެކަރާއަށް ކުރެވުނީ ކޮން ކުށެއްބާއޭ ހިތަށް އަރާފައި އޭނާ އެތަނުން ދާން އެނބުރިލީ މާނީގެ އެމޮޔަކަން ދެކެން ހުރެގެން އެއްޗެއް ބުނެވިދާނެތީއެވެ.
"މޮޔަތަ އެގެއަށް ދާން؟ މޮޔަތަ އެފިރިހެނާ ކައިރިން މަޢާފަށް އެދެން؟ ރަނގަޅުވީހީ އަޅާނުލިނަމަ. އެއްޗެއް ނުބުނެ ހުރިނަމަ." މާނީ އެތިވަރު ގޮވަމުން ކަރާގެ އެކި ހިސާބަށް ވަޅި ހަރައި އެކީ އެކަށް ހަލާކު ކޮށްލައިފިއެވެ. އަދިވެސް އޭނާގެ ލޮލުން ކަރުނަ އައުމެއް ނުހުއްޓެއެވެ. "އަޅެ މޮޔަތަ؟ މޮޔަތަ އަހަރެން؟" މާނީ މިފަހަރު ވާހަކަދެއްކީ ވަޅި އުފުލާލުމުން އޭގެ މިޔައިން ފެންނަން ހުރި އަމިއްލަ ސޫރައާއި މުޚާތަބު ކޮށްފައެވެ. އެވަގުތު އެވަޅީގެ މިޔައިން އޭނާއަށް އެހެން ސޫރައެއް ވިހެން ހީވެގެން ތެޅިގަނެވުނެވެ. މާނީ އެއީ ވަހުމެއް ކަމަށް ނުނިންމަން ވެގެން ހިމޭންކަމާއެކު ރަނގަޅަށް ބަަލައިލިއެވެ. އެއީ ހަމަ އަވިކް އެވެ. ސިއްސައިގެންދިޔަ ފަދަ ގޮތަކަށް އޭނާ އަވަސް އަވަހަށް އެނބުރި ބަލައިލި އިރު އަވިކް ހުރީ ދޮރު ކަނީގައި އަތް އަޅުވާލައިގެން ނުހަނު ހަމަޖެހިފައެވެ.
"މި ހީކުރެވުނީ ނުބައި ކޮށް ނޫނިއްޔާ ތިކަރާ މާޑަރ ކުރީ އަހަރެން އިމޭޖިން ކޮށްގެން. ނޫންތަ؟" މާނީ ހުއްޓުން އަރައިފައި ހުއްޓާ އަވިކް ކައިރިއަށް އަންނަމުން ވާހަކަދެއްކިއެވެ. "އެގްޒެޓްލީ." ކައިރިއަށް އައިސް ހުއްޓުނު ތަނުން މާނީ ވަޅި ދިއްކޮށްލުމުން އަވިކްއަށް "ވޯހ" އޭ ކިޔާލައިފައި ފަހަތަށް ޖެހިލެވުނެވެ. "އަހަރެން ބޭނުމެއް ނުވޭ މަދު މިނިޓްކޮޅެއްގެ އަމަލަކާހުރެ ލައިފްގެ ދެން އޮތް ބައި ޖަލުގަ އޮންނާކަށް. އެހެންނޫންނަމަ....." މާނީ އެއްއަތުން މޫނު ފުހެލާފައި ވަރަށް ގަޓުގައި ބުނެލިއެވެ. "އޯހ. އޯކޭ. އަހަރެން ދެން ދަނީ. މަންމަ ބުނެގެން ޑެޒަޓް ހިފައިގެން މިއައީ. ހުންނާނެ ސިޓިންރޫްމްގަ ބަހައްޓާފަ." އަވިކް އެނބުރިފައި ގޮސް ދޮރާއި ހަމައަށް ދެވުނު ތަނުން މާނީ ގޮވާލިއެވެ. "ބިރުގަތީތަ؟" އަވިކް އެނބުރި ބަލައިލުމުން މާނީ ކޮށްލި ސުވާލަކީ އެއީއެވެ. އަވިކް ގާތަށް ހިނި އަންނަން އުޅެން ފެށުމުން ތުންފަތުގައި އިނގިލިތައް އަޅައި ކޮންޓްރޯލް ދަށަށް ގެނައެވެ. "ބިރުގަންނާނެ އެއްނު. މިއޮތީ ފޯނަށް ހަދާފަ އޮތް ގޮތް. މޭޒުމަތީ އެއޮތީ ކަރައެއް މާޑަރ ކޮށްލާފަ." އަވިކް ޖަވާބުދީފައި އިތުރަށް މަޑުނުކޮށް ނިކުމެގެން ދިޔައެވެ. ބަލަހައްޓައިގެން ހުރެލާފައި އަވިކް ގޮސް ގެއްލުމުން މާނީ އަޑުގައި ނެތްތަނަށް ތުއި އަޑުން ހަޅޭތްލައި ގަތުމުން ކޮޓަރީގައި އޮތް ފާތިން ވެސް ތެޅިގަނެފައި ދުވަމުން އައެވެ.
އަވިކް އެނބުރި ގޮސް ގެއަށް ވަންއިރު ސުދާ ފޯނެއްގައި އިނެވެ. އޭނާ ކޮޓަރިއަށް ދާންވެގެން ހިނގައިގަތްތަނާ އަޑުފަތްގަނޑެއް އިވިގެން ބަލާލިއިރު މަންމަ އިނީ ގަބު އަރާފައެވެ. އެއިވުނު އަޑަކީ މަންމަ އަތުން ފޯނު ވެއްޓި ޖެހުނު އަޑެވެ. "މަންމާ! ކިހިނެތްވީ؟" އަވިކް ދުވެފައި އައިސް މަންމަގެ ކައިރީ ކުޑަކަކޫ ޖަހާލައިގެން ސުވާލު ކުރިއެވެ. އަނގައިން ނުބުނެ އިނދެފައި ސުދާ ފެށީ ރޯށެވެ. ހަނދާނެ ގޮތެއް ނުވިސްނިގެން އަވިކް ދެކޮޅު ހޯދާލައިފައި ހީނާއަށް ގޮވިއެވެ. އަވިކްގެ އެދުމަށް ހީނާ ފެންތައްޓެއް ގެނެސް ދިއްކޮށްލުމުން އޭގައި ހިފާފައި މަންމައަށް އާދޭސް ކޮށްގެން އެތި ފޮދެއް ބުޔެވެ. ސުދާ ވާހަކަ ދެއްކީ އަދި އޭގެ ފަހުންނެވެ. "ދަރިފުޅުގެ މާމަ ކުއްލިއަކަށް ނިޔާވީ." ސުދާގެ ޖަވާބުން އަވިކްއަށްވެސް ނޫނެކޭ ބުނެ ދެފަރާތަށް ބޯ ހޫރުވާލެވިއްޖެއެވެ. އިޚުތިޔާރެއްނެތި އަވިކްގެ ލޮލަށް ކަރުނަ ބޮޑިވިއެވެ. މަންމަގެ ރުއިމުގެ އަޑަށް ދުވަމުން އައި އީމާވެސް ތުންފިއްތާލައިގެން ކައިރީގައި އިށީންދެލިއެވެ. "މަންމަ މީގެ ކުރިންވެސް ބަލިވެގެން ހޮސްޕިޓަލުގައި ބޭއްވި. އެކަމަކު އަހަރެމެންނަށް ގޮސް އައިސް އުޅެން އުދަނގު ވާނެތީ އެމީހުން ނޭންގީ. ދެން މިހާރު ރަނގަޅު ވިފަހުން ގެއަށް ބަދަލު ކޮށްފަ އޮތްވާ އެ ނިޔާވީ." ކަރުނައިގެ ތެރެއިން ސުދާ ބުނެލިއެވެ. "ހިތްވަރު ކުރޭ މަންމާ. މިވަގުތު އަހަރެމެން ކުރަންވީ ކަމަކީ މާމައަށް އެންމެފަހުގެ އިޚުތިރާމް އަދާ ކުރަން ދާން ތައްޔާރު ވާންވީ." އަވިކް މަންމައަށް ހިތްވަރު ލައިދޭން މަސައްކަތް ކުރިއެވެ. ޖީބުން ފޯނު ނަގައިގެން އޭނާ އެއްފަރާތަކަށް ޖެހިލައިފައި ގުޅީ ބައްޕަ އަށެވެ.
"ކާކު ގުޅީ؟" ފޯނު ބޭއްވިއިރު ކަރަމްގެ މޫނުގެ ކުލަ ބަދަލުވެފައިވާތަން ފެނިގެން ފަރުޝާ ސުވާލު ކުރިއެވެ. ދެމަފިރިން ތިބީ ކާމޭޒު ދޮށުގައެވެ. ކައިރީގައި އެމީހުންގެ އަންހެން ދަރިފުޅު ލިލީއަށް ކާންދޭން އާޝިމާ އުޅެއެވެ. "އަވިކް އެގުޅީ. ސުދާގެ މަންމަ ނިޔާވީ." ކަރަމް ޖަވާބު ދިނެވެ. "އިނާ ލިއްލާހި ވައިއްނާ އިލައިހި ރާޖިއޫން." ފަރޫޝާ ހިމޭންކަމާއެކު ކިޔާލިއެވެ. "ދެން؟" ކަރަމް ހިމޭންވެފައި މޭޒުގައި ދެއުޅަބޮށި ވިއްދާލައިގެން އިންދާ ވާހަކަދެއްކީ އަނެއްކާވެސް ފަރޫޝާ އެވެ. "އަހަރެން މިކިޔާލްއަށް ގުޅާފަ ބުނާނީ އެމީހުންނަށް ޓިކެޓް ހަމަޖައްސައި ދޭން. އަވިކް ބުނީ އޭނައަށް ސުދާ ގެންގޮސް ގެނެވިދާނެއޭ. ދެން އަވިކް ޒިންމާ ނަގަން ހުރިއްޔާ އެކަން ހުއްޓުވަން އަހަރެންމީ ކާކު؟" ކަރަމް ކުއްލި އަކަށް ތެދުވެގެން ގޮސް އެތަނުން ނިކުތެވެ.
ފަރޫޝާ ކޮފީ ހިފައިގެން ނިކުތްއިރު ކަރަމް އިނީ ސިޓިންރޫމް ސޯފާގައެވެ. ދުރު ބަލަހައްޓައިގެން އިން ގޮތުން ވިސްނުމެއްގައިކަން ދޭހަވިއެވެ. ފަރޫޝާ ގޮސް ކޮފީމަގު ދިއްކޮށްލާފައި ކަރަމްއޭ ގޮވައިލުމުން ސިހިފައި އިސްއުފުލާލި އެވެ. "ސުދާގެ މަންމައަކީ ވަރަށް މާތްމީހެއް. އަހަރެން އޭނާގެ ދަރިފުޅާއި މެދު އެހާ އިހާނެތިކޮށް ކަންތައް ކުރީމައިވެސް ނުރުހުމުގެ ގޮތުން ޗުއްޕުވެސް ނުބުނޭ." ކަރަމް ކޮފީ ތަށީގައި ހިފާފައި ވާހަކަދެއްކިއެވެ. އެވަގުތު ފަރޫޝާގެ މޫނަށް ވީގޮތް ފެނިގެން އޭނާ ވާހަކަ ކުރުކޮށްލާފައި ކޮފީ ބޯން ފެށިއެވެ. ފަހު ފަހަރަށް ސުދާ މަންމަގެ މޫނު ދެކިލުމުގެ އެދުން ކަރަމްގެ ހިތުގައި އޮތަސް އެރަށާއި އެއާއިލާގެ މީހުންނާއި ކުރިމަތިލާނެ ހިތްވަރެއް އޭނާގެ ނެތެވެ. އެރަށު މީހުން އޭނާ އާއި ސުދާގެ ޖޯޑަށް މިސާލު ޖަހައި އުޅުނު ފަހުން އޭނާ ދެއްކީ ކޮންފަދަ އިހާނެތި މަންޒަރެއް ހެއްޔެވެ؟
ކަރަމް ފަދައިން ފަރޫޝާގެ ވިސްނުންވެސް ގުޅިފައި ހުރީ ބޮޑުދައިތަގެ މަރާއެވެ. ކަރަމް އާއި ކައިވެނި ކުރަންވެގެން އޭނާ އާއިލާގެ އެންމެންނާއި ގުޅުން ކަނޑާލިއެވެ. ވީއިރު މިއަދު ކިތަންމެ ބޭނުންވިއަސް އެމީހުން ކުރިމައްޗަށް ދާން އޭނާ ޖެހިލުންވަނީއެވެ. އަދި އަމުދުން ސުދާާ އާއި ދެމީހުން އެކުގައި ރަށުގައި ހުންނަން ޖެހުމުން ދެމީހުންނަށްވެސް އުދަނގޫވާނެ ކަން ގައިމެވެ. އެންމެން ސުދާ ފަހަތުން އެނބުރޭއިރު އޭނާއާއި ދިމާއަށް ބަަލައިލާނެ މީހަކުވެސް ވާނެ ކަމެއް ނޭނގެއެވެ. އަދި މިހުރިހާ ކަމަކަށްވުރެ އޭނާ ކަންބޮޑުވާ އެހެން ކަމެއް ވެއެވެ.
"ކަރަމް!" ފަރޫޝާ ލިލީ ނިންދަވާފައި އެނބުރި އައީ ވަކި ގޮތަކަށް ނިންމައިގެންނެވެ. ކަރަމް އަދިވެސް ސިޓިންރޫމްގައި އިނީ ފުން ވިސްނުމެއްގައެވެ. ފަރޫޝާ ގޮވާލި އަޑަށް އޭނާ އިސްއުފުލާލި ގޮތުން ވާހަކައެއް ބުނަން އުޅޭކަހަލަ އިޝާރާތެއް ފެނުނެވެ. "އަހަރެން ނިންމައިފިން ދާން." އެޖުމްލަ ބުނެލެވުނީ ދެމީހުންނަށް އެއްފަހަރާ އެއް އަޑަކުންނެވެ. "އެންމެ ރަނގަޅު އަހަރެން މިކިޔާލްއަށް ގުޅައިގެން ދަތުރު ހަމަޖައްސަނީ މި. ފަރޫޝާ ތައްޔާރުވޭ!" ކަރަމް ފޯނު ނަގާފައި އަނެއްކާވެސް މިކިޔާލްއަށް ގުޅިއެވެ.
ކާގޭގައި ފެންތައްޓެއް ބޯން ސަޢީދާ އިންދާ ނަޒްލާ މާ ބާރަކަށް ގޮވާއަޑު އިވިގެން ނިކުތެވެ. ގޭގެ ދޮރާއި ހަމައިގައި ނަޒްލާ ހުރީ ސުކޫލުން އައި ގޮތަށެވެ. ކޮނޑުގައި އަތް ދަބަހާއި އަތުގައި ފޯނު އޮތެވެ. "ކިހިނެތްވީ؟ ކީއްވެ މާ ބާރަކަށް ތިގޮވަނީ؟" ސަޢީދާ އާދައިގެ ގޮތަކަށް އަހާލިއެވެ. ޖަވާބު ދިނުމުގެ ބަދަލުގައި ނަޒްލާ ދުއްވައިގެން އައިސް ސަޢީދާގެ ގައިގައި އޮޅުލައިގެންފިއެވެ. ސުވާލު ކުރަން އުޅެނިކޮށް ކަންފަތުގައި ނަޒްލާގެ ރުއިމުގެ އަޑު ޖެހުމުން ސައީދާގެ ހިތަށް ތަދުވިއެވެ. "ދަރިފުޅާ. ކީއްވެ ތި ރޮނީ؟ ހުއްޓާލައިފަ މަންމައަށް ކިޔައިދީބަލަ. މީހަކު އެއްޗެކޭ ބުނީތަ؟ ކަމެއް ދިމާވީތަ؟" އޭނާ އޯގާތެރިކަމާއެކު ދަރިފުޅުގެ ބުރަކަށީގައި ފިރުމަމުން އެއްޗެއް އޮޅުންފިލާތޯ މަސައްކަތް ކުރިއެވެ. "މަންމާ ދަލޭކަ ދައިތަ ނިޔާވެގެން އެބައުޅޭ." އިރުގަނޑެއް ފަހުން ނަޒްލާ ދުރަށް ޖެހިލައިފައި ޖަވާބުދިނެވެ. ސަޢީދާއަށްވެސް ލިބުނީ ޝޮކެކެވެ. "އެކަމަކު ދަލޭކަ ދައިތަ ރަނގަޅުވެގެން ދޯ ހޮސްޕިޓަލުން ގެއަށް ފޮނުވާލީވެސް." ސަޢީދާ ނަޒްލާ އަތުގައި ހިފައިގެން ގެއަށް ވަންނަން ދަމުން ވާހަކަދެއްކިއެވެ. "ހޫމ އަހަރެން ސުކޫލްގަ އިންދާ މުއުމިނާއަށް މީހަކު ގުޅާފަ ބުނީ. މުއުމިނާ ބުނި ހަމަ ކުއްލިއަކަށޭ ނިޔާވީ." ނަޒްލާ އޭނާއަށް އެނގިފައިވާ މިންވަރު މަންމައަށް ކިޔައިދިނެވެ. "ހިނގާ ތިދަބަސް ކޮޓަރިއަށް ލާފައި އައިސް އެގެއަށް ދާން." ސަޢީދާ އެދުނު ފަދައިން ނަޒްލާ ދަބަސް ކޮޓަރިއަށް ލައި ދެކޮޓަރި ތަޅުލާފައި ގެއިން ނިކުމެގެން އެގެއަށް ދާން މިސްރާބު ޖެހިއެވެ.
ނަޒްލާމެނަށް ދެވުނުއިރު ރޭގަނޑުގެ އެގަޑީގައިވެސް އެގެއާއި ގޯތިތެރޭ އެކީ އެކަށް މީހުންތަކުން ފުރާލައިފައި އޮތެވެ. މަންމަގެ އަތުގައި ހިފާ ބާރު ކޮށްލައިގެން ދަލޭކަދައިތަ ބާއްވާފައި އޮތް އެނދު ކައިރިއަށް ގޮސް ހުއްޓުނުއިރު އޭނާގެ ލޮލުގައި ކަރުނަތައް އިތުރުވިއެވެ. އާއިލާގެ އިތުރު ދެތިން މީހެއްގެ ރުއިމުގެ އަޑު އޭރުވެސް މެދުކެނޑުމެއްނެތި އިވި އިވި ހުއްޓެވެ. ނަޒްލާ ތުންފަތުގައި ދަތް އަޅާލައިގެން ކަރުނަތައް ކޮންޓްރޯލް ކުރަން މަސައްކަތް ކުރިއެވެ. ފުން ނިދީގައި އޮތް މީހަކު ފަދައިން ދަލޭކަ ދައިތަގެ މޫނު ރީތިކަމުން އޭނާއަށް ބަލަން ހުރެވުނެވެ.
"ނަޒްލާ އެކަނި ގެއަށް ދާން ނުކެރެންޏާ ދޮންދައަށް ގުޅައިގެން ގެނޭ. ހިއެއްނުވޭ ނުހާ އަދި ނިދާނެ ހެނެއް. ފަހަރެއްގައި މިޚަބަރު ނުލިބިވެސް ހުރެދާނެ. ގުޅާފަ ބުނެބަލަ. މަންމަ މިދަނީ ހިނަވާ މީހުންނަށް އެހީވާން. އެތާގައި ކުރަން ޖެހޭ އެތައް ކަމެއް އެބަހުރި." އިރުކޮޅަކުން ސައީދާ ނަޒްލާ ގޮވައިގެން ނިކުމެ އެއްފަރާތެއްގައި ހުއްޓިފައި ވާހަކަދެއްކިއެވެ. ނެގިމަޑުވެފައި ހުރި ނަޒްލާ ހަމައެކަނި ބޯ ޖަހާލިއެވެ. މަންމަ ވަދެގެން ދިއުމުން އޭނާ ފޯނަށް ބަލަހައްޓައިގެން ހުއްޓާ މީހަކު ގޮވާލުމުން ބަލައިލެވުނެވެ.
"ނަޒްލާ ގެއަށް ދާންތަ ތިއުޅެނީ؟" އިހުސާނާ އަކީ ސުދާ އެއްބަނޑުގައި އެންމެ ހަގަށް ހުންނަ މީހާއެވެ. "ކިހިނެތްވީ؟" ނަޒްލާ ބޭނުންވީ އޭނާއަށް އިހުސާނާއަށް އެހީވެވެން އޮތީ ކިހިނަކުންތޯ އޮޅުންފިލުވާށެވެ. ސުވާލު ކޮށްލި ގޮތުން ކަމަކު އެދެން އުޅޭހެން އޭނާއަށް ހީވީއެވެ. "ނަޒްލާއަށް އުދަނގު ނޫނިއްޔާ އަހަރެން ކޮޓަރީގައި ކުދިން ކައިރީ އޮވެލަދޭންވީނު. އަހަރެން މިއުޅެނީ މަންމަ ކައިރީ. ނަޒްލާ މަންމަވެސް މިކޮޅުގައެއްނު." އިހުސާނާ އާދޭހާއެކު އެދުނެވެ. "ހޫމ މިދަނީ." ނަޒްލާ އަވަހަށް އެއްބަސްވިއެވެ. އިހުސާނާ އެތަނުން ދާން ހިނގައިގަތުމުން އޭނާ ފަހަތުން ދަނިކޮށް އެއްފަރާތެއްގައި ތިބި ދެއަންހެނަކު ވެގެން ދެއްކި ވާހަކައަށް ކަންފަތް ދެވުނީ ސަބަބެއް ނެތިއެއް ނޫނެވެ. އެމީހުން ސުދާ ދައްތަގެ ނަން ކިޔާހެން އޭނާއަށް ހީވީއެވެ. "ސުދާ އަވިކް އާއި އީމާވެސް ގޮވައިގެން އަންނަނީ. އަޑު އެހިން ކަރަމްވެސް ފަރޫޝާ ގޮވައިގެން އެމީހުންނާއެކު އަންނަ ވާހަކަ. މިހާރު އެމީހުން ލަފަން ކައިރިވެދާނެ. ބަލައި ގޮސްވީ." އޭނާ އަޑުއަހަން ފެށިފަހުން އެމީހުން ވާހަކަ ނިންމައިލާފައި އެހެން ދިމާއަކަށް އެނބުރުނެވެ. ނަޒްލާއަށް ވީގޮތަކީ އަވިކްގެ ވާހަކަ އިވިފައި ދެފައި ބިމުގައި ތަތްލީއެވެ. އުފާވުމުގެ ބަދަލުގައި އޭނާގެ ލޮލުން ކަރުނަ އައީ އަވިކްއާއި ސުދާދައްތައަށް ވާނެ ގޮތް ހިތަށް އަރުވާލައިފައެވެ. އެމީހުންގެ ހިތަށް ހާދަ އަސަރެއް ކުރާނެއެވެ. "ނަޒްލާ އަދިވެސް ހުރީތަ؟" އިހުސާނާއަށް ނަޒްލާ ފެނިގެން އައިސް އަތުގައި ހިފާލުމުން ސިއްސައިގެން ދިޔައެވެ. "މިދަނީ ދައްތާ." އިހުސާނާ އިތުރު އެއްޗެއް ނުބުނަނީސް އޭނާ އަވަހަށް ގޮސް ކޮޓަރީގެ ދޮރު ހުޅުވާލައިފައި ވަދެއްޖެއެވެ.
ލޯންޗް ފާލަމާއި ކައިރިކޮށްލިއިރު އާއިލާއަށް ނިސްބަތްވާ ދެ މީހަކު ބަލާ އައިސް ތިއްބެވެ. ދެފަރާތުގައި ޖަހާފައި ހުރި ސީޓު ބަރިއަށް ބެހިފައިވާ އާއިލާވެސް ރަށަށް އަރަން ތައްޔާރު ވެއްޖެއެވެ. އަވިކް އެންމެ ކުރިން ތެދުވެފައި މަންމަ އަތުލަފި ކޮށްގެން ލޯންޗް ފައިބަން ދިޔައެވެ. ފާލަމުގައި ތިބި މީހުންވެސް އޭނާއަށް އެހީވިއެވެ. ކަރަމް ފުރަތަމަ އީމާ އާއި ލިލީ ފާލަމަށް އެރުވިއެވެ. އެންމެ ފަހުން ބޭލީ ފަރޫޝާއެވެ. އަވިކް މަންމަ އަތްދަނޑިމައްޗަށް އުފުލާލައިގެން އެންމެ ކުރީގައި ގޮސް ކާރަށް އެރުވިއެވެ. މަންމަ ކައިރީގައި އީމާ ބައިންދާފައި އޭނާ އިށީންދެލީ ކުރީގައި ޑްރައިވަރާއި ޖެހިގެންނެވެ. ކަރަމް އާއި ފަރޫޝާ އެރީ އަނެއް ކާރަށެވެ. ބަލާ އައިސް ތިބި މީހުން ޑިކީއަށް އެމީހުން ގެނަ ސާމާނު އަރުވާފައި ލައްޕާލުމުން ދެކާރު އެކުއެކީގައި ކަހަލަ ގޮތަކަށް ދުއްވާލިއެވެ. ބަލާ އައިސް ތިބި ރައްޒާޤު އާއި ރަޝީދު ނައްޓާލީ އެމީހުން އައި ސައިކަލު ގައެވެ.
ނިދިފައި އޮތް ދެކުދީންގެ ކައިރީ އެނދުގައި އޮތްވައި ނަޒްލާއަށް ނިދުނީ ކޮންއިރަކު ކަމެއްވެސް ނޭނގުނެވެ. އޭނާއަށް ހޭލެވުނީ ސަޢީދާ އައިސް ގޮވާލުމުންނެވެ. ނަޒްލާ ލޯ ހުޅުވައިލާފައި ދެވަނަ ސިކުންތުގައި ފުންމައިގެން ތެދުވެއްޖެއެވެ. "ގަޑިން ކިހާއިރެއް މަންމާ؟" ނަޒްލާ ވަށައިގެން ހޯދާލީ ގަޑިއެއް ފެންނަ ހިސާބުގައި ހުރިތޯއެވެ. "ފަތިސްވީ." ސަޢީދާ ޖަވާބުދިނެވެ. ނަޒްލާ ހޭވިފައިވާ އިސްތަށިގަނޑުގައި އަތް ފުނާ އަޅައިލައިފައި ނިދިފައި އޮތް ދެކުދީންނަށް ނަޒަރެއް ދިނެވެ. "މިހާރު މޫނު ބަލައި ނިމެން އުޅެނީ. މޫނު ދޮވެލައިގެން އަވަހަށް ހިނގާ. ބޭރު ރަށް ރަށުގައި ތިބި އެންމެންވެސް އަތުވެއްޖެ. އިރުކޮޅަކުން ވަޅުލަން އެއުޅެނީ." ސަޢީދާ ނަޒްލާގެ ކޮނޑުގައި ހިފާލައިގެން އިނދެ ވާހަކަ ދެއްކިއެވެ. ނަޒްލާ ބޯ ޖަހާލައިފައި ތެދުވެގެން ގޮސް ފާޚާނާއަށް ވަދެ ފެން ފޮދަކުން މޫނު ދޮވެލައިގެން ނިކުތެވެ. ޑްރެސިން ޓޭބަލް މަތީ ހުރި ޓިޝޫ ފޮށިން ޓިޝޫއެއް ނަގައި މޫނު ހިއްކައިލާފައި އޭނާ ލޯގަނޑުން އަމިއްލަ ސޫރައަށް ބަލާލިއެވެ. އިސްތަށިގަނޑުގައި އަދިވެސް އަތުން ފުނާ އަޅައިލައިފައި ކޮޓަރިން ނިކުތްއިރު މަންމަ ހުރީ ނަސީބަކުން ދޮރު ކައިރީގައެވެ.
"ހިނގާ!" ސަޢީދާ ނަޒްލާ ފެނިގެން އަތުގައި ހިފާލައިފައި ސިޓިންރޫމަށް ނިކުންނަން ދިޔައެވެ. ކަފުން ކޮށްފައި އޮތް މައްޔިތާގެ އޮތް މޭޒުގެ ވަށާލައިގެން މީހުންތައް އެވަގުތުވެސް ތިއްބެވެ. ނަޒްލާ ސަޢީދާއަށް ނަޒަރެއް ދީފައި ގޮސް ދަލޭކަ ދައިތަގެ ހަށަމަށް ނަގާފައިވާ އަތްމަތީގައި އަތް ތިލަ ބާއްވައިލަމުން ހިތާއި ހިތުން ހެޔޮ ދުޢާ ކުރިއެވެ. އެނބުރި ދާންވެގެން ހިނގައިގަނެފައި ކޮންމެވެސް މީހަކު ބަލާހެން ހީވެގެން އިސްއުފުލާލިއިރު އޭނާއަށް ހީވީ ރަނގަޅަށެވެ.