"އަހަރެން ދުވަހަކު މީހަކާއި ނީނދެ ހުންނަން ޖެހުނަސް ނަޒޫ ނޫން ކުއްޖަކާއި ނުގުޅޭނަން." އެހަނދާނުން އަވިކްގެ ސިކުނޑި ހާސްކޮށްލައިފިއެވެ. އޭނާ އިތުރު އެއްޗެއް ބުނަން އުޅެނިކޮށް ނަޒްލާ އައިސް އެމޭގައި އަތް އަޅައި ކޮޓަރިން ނެރެފައި ދޮރު ލައްޕާ ތަޅުލައިފިއެވެ.
*****

"މަންމާ! ކޮބާ ނަޒޫ؟" ދޮރާށިން ވަދެވުމާއެކު ނުހާ ސުވާލު ކޮށްލިއެވެ. ސަޢީދާ ކަނަމަދު ފަޅަން އަނބުގަހުގެ ހިޔަލުގައި އިނދެފައި އިސް އުފުލާލީ އެއަޑު އިވިގެންނެވެ. "އަނާން ސުކޫލަށް ލައިފަ ދޯ ތި އަންނަނީ. ނަޒްލާ އުޅޭ ތަނަކީ ކޮޓަރިއެއްނު." ސަޢީދާ ޖަވާބު ދިންއިރު އަޑުގައި ހިތްހަމަ ނުޖެހުމުގެ އަސަރު ހުއްޓެވެ. ނުހާ އިތުރު އެއްޗެއް ނުބުނެ ގެއަށް ވަދެގެން ގޮސް ނަޒްލާގެ ކޮޓަރި ހުޅުވާލައިފައި ވަނެވެ. އޭނާއަށް ފެނުނީ ނަޒްލާ ތިރިއަށް ދެފައި އެލުވާލައިގެން ކުޑަދޮރު މަތީ އިންދައެވެ. ކޮއްކޮގެ މޫނުން ނުހާއަށް ފެނުނީ މީގެ ތިން ދުވަސް ކުރީންވެސް ފެނުނު ހިމޭން ކަމެވެ. މިޑޯވިއުއަށް ހުއްޓިފައިވާ ދެލޮލުން އެސްފިޔަ ޖަހާހެންވެސް ހިއެއް ނުވެއެވެ. އެންމެ ތިން ދުވަސް ތެރޭވެސް އެމޫނުން އުޖާލާކަން ނިގުޅައިގަނެވިފައިވާ ކަހަލައެވެ. ކޯތާފަތުގެ ޖަންބުކަން ނެތި މަޑު ރީނދޫ ކުލައަކަށް ބަދަލުވެފައިވެއެވެ. އެސްފިޔަތައް ހުންނަނީ އަބަދުވެސް ތެމިފައެވެ. އިސްތަށިގަނޑުގައިވެސް ފުނާ އެޅި ކަމެއް ނޭނގެއެވެ. ނިއްކުރި ފައިބައިވާ އިސްތަށިތަކުން ކަނާތު ލޮލަށް ނިވާ އަޅައިފައި އޮތްއިރު އެކަން ރަނގަޅު ކުރުމުގެ ހިޔާލެއްވެސް ނަޒްލާގެ ނެތްމެއެވެ. ކޮއްކޮގެ މިހާލަތު ދެކެފައި ނުހާގެ ހިތަށް ކުރީ ބަޔާން ކުރަން ދަތި ފުން އަސަރެކެވެ. ކަރުނަ ގިނަވެގެން ދިޔަ ދެލޮލާއެކު އޭނާ ގޮސް ނަޒްލާގެ ކައިރީގައި ޖެހިގެން ހުރި އަނެއް ދޮރު ދާރައިގައި އިށީންދެލައިފިއެވެ. 

"ނަޒޫ! މިހާރު ތިން ދުވަސް މިވަނީ ތިހެން އިންނަތާ." ނުހާ ފެށިއެވެ. ނަޒްލާ ޖަވާބެއް ނުދިން ތާގައި މޫނު އަނބުރާލައި ނުހާއަށް ބަލައިވެސް ނުލިއެވެ. "ނަޒޫ ޕްލީޒް ދޮންދައަށް ކިޔައިދީބަލަ ވެގެން ތިއުޅޭ ގޮތުގެ ވާހަކަ. ނުބުންޏަސް އެބަ އެނގޭ އަވިކް ފުރައިގެން ނޫންކަން ނަޒޫ ތިހާލަތަށް އައީ." ނުހާ ދެއްކި ވާހަކައަށް ނަޒްލާގެ ފުށުން އިޖާބައެއް ނައުމުން ކަރު އެލުވާލެވުނެވެ. 

"ދޮންދަ ބުނެފާނަން ވާހަކައެއް. ނަޒޫ ތިހެން އިންދާ ފެނުނު މީ ފުރަތަމަ ފަހަރެއް ނޫން. ރަނގަޅަށް ހަނދާން އެބަހުރި މީގެ ނުވަ އަހަރު ކުރިންވެސް ނަޒޫ ތިހެން އުޅުނު ދުވަސްކޮޅެއް އައި. އެއީ އަވިކް ފުރަތަމަ ފަހަރަށް މި ރަށް ދޫކޮށްފައި ދިޔަ ދުވަސް. މިއަދު މީ އެފަދަ ދެވަނަ ދުވަސް. އެހެންވެ އަހަންނަށް އިނގޭ ނަޒޫ މިފަހަރުވެސް ތިގޮތަށް ތިއުޅެނީ ބޮޑުކަމެއް ވެގެންކަން." ނުހާގެ ވާހަކަ ކިރިޔާ ނިމުނުއިރަށް ކަންފަތުގައި ހަރުލައިގެން ދިޔަ ގިސްލުމުގެ އަޑުން ހިތް ކުދި ކުދި ވާހާވިއެވެ. އޭނާ ބަލައިލިއިރު ނަޒްލާގެ ދެލޮލުން ކަރުނަ އޮހެނީއެވެ. ދެރަވެގެން އޭނާއަށް ހިފަހައްޓާލެވުނީ ނަޒްލާގެ ކޮނޑުގައެވެ. އެވަގުތު ނަޒްލާ ތިރީގައި ދެފައި ހަރުލައްވާފައި ތިރިވި ގޮތަށް ޓައިލްސްމަތީ އިށީންދެއްޖެއެވެ. ޒަމާންތަކަކަށް ފަހު ޅަކުއްޖެއްހެން އެކޮއްކޮ ރޯތަން ފެނުމުން ހިނދު ކޮޅަކަށް ނުހާގެ އަނގައިން ބަސް ހުސްވިއެވެ. ލޮލަށް އިތުރަށް ކަރުނަ ގިނަވެގެން އެސްފިޔަތައް ފޫދުއްވާލަން ނެގީ ސިކުންތު ކޮޅެކެވެ. 

"ނޫން. ނުރޮއެ ހުއްޓާލާ! އެއްގޮތަކަށްވެސް ރޯނެ ކަމެއް ނެތް. އެއްގޮތަކަށްވެސް ރޯނެ ކަމެއް ނެތް." ނުހާ ތިރީގައި އިށީންދެ ނަޒްލާގެ މޫނުގައި ދެއަތުން ހިފާ އުފުލާލައިގެން ވާހަކަ ދެއްކިއިރު ދެފަރާތަށް ބޯ ހޫރުވައިލިއެވެ. "ދޮންދާ! ނުރޮއެ އަހަރެން ކީއްކުރާނީ ދެން... ؟" ނުހާގެ ވާހަކަ އަހާފައި ރޮވިފައިވާ އަޑަކުން ނަޒްލާ ބުނެލިއެވެ. އެވަގުތު އެސުވާލަށް ދޭނެ ޖަވާބެއް ޚުދު ނުހާ އަކަށްވެސް ނޭނގުނެވެ. ވީ ގޮތެއް އަދި ނޭނގުނު ކަމުގައި ވިއަސް ނުހާއަށް ޔަޤީންވި އެއްޗަކީ ކޮއްކޮގެ ހިތަށް ލިބިފައި އެވަނީ ފޫނުބެއްދޭނެ ފަދަ ހިތާމައެއް ކަމެވެ. ދެރަވެގެން ތުން ފިއްތާލުމާއެކު އޭނާއަށް ކުރެވުނުހާވެސް ކަމަކީ ނަޒްލާގެ ގެނެސް މޭގައި ޖައްސާލުމެެވެ. އޭރު ސަޢީދާ، ނަޒްލާ ރުއިމުގެ އަޑު އަހައިގެން މަސައްކަތް ހުއްޓާލައިފައި އައިސް ހުރީ ދޮރު ކައިރީގައެވެ. ދެ ދަރިންގެ ވާހަކަ އަހައިގެން އޭނާގެ ތަޖުރިބާކާރު ސިކުނޑިއަށް އެކަމުގެ ހަޤީޤަތް ނަގައިގަންނަން ނެގީ މަދު މިނިޓް ކޮޅެކެވެ. ހަމަހޭވެރިކަން އައިއިރު ސަޢީދާއަށް ހުރެވުނީ ޒާހިދު އުޅޭ ގޭ ދޮރުމަތީގައެވެ.

ރަނގަޅަށް ނުކައި ނުބޮވި ހުރެ ހަފްތާއެއް ވިފަހުން ނަޒްލާގެ ހަށިގަނޑު ނިކަމެތިވެ ޞިއްޚަތަށްވެސް އޭގެ އަސަރު ނުކޮށެއް ނުދިޔައެވެ. ނަތީޖާއެއްގެ ގޮތުން އޭނާ ހުން އައިސް ހޮޑުލެވި ދެދުވަސް ވާންދެން ހޮސްޕިޓަލުގައި އޮންނަން ޖެހުނެވެ. އެކަމަކު ގެއަށް ދޫކޮށްލުމުން ނަޒްލާ ސުކޫލަށް ނިކުންނަން ފެށިއެވެ. ކޮޅަށް ހުރެވޭ ވަރު ވުމުން، ނެތް ހިއްވަރާއެކުވެސް އޭނާގެ ހަމައެކަނި މަޤްސަދަކަށްވީ ކޮނޑުގައި އެޅިފައިވާ ޒިންމާ އެންމެ ފުރިހަމައަށް އަދާ ކުރުމެވެ. ޒާތީ ކަންތައްތަކެއްގެ ސަބަބުން ދަރިވަރުންނަށް އޭގެ އަސަރު ފޯރުމަކީ ނަޒްލާ އެދޭނެ ފަހު ކަންތަކެވެ. އެކަމަކު އެކަނިވާއިރަށް އަދިވެސް އެސްފިޔަތައް ތެމިގެން އަންނަނީ އަމިއްލަ އިޚުތިޔާރެއް ނެތިއެވެ. ނުވަ އަހަރު ވަންދެން ކުރި އިންތިޒާރު ފެނަށް ދިއުމުން އެކަން ހަނދާން ނައްތާލަން ނުވަ ދުވަސް ފުދޭނީ ކިހިނެތް ހެއްޔެވެ؟

ރޭގަނޑެވެ. މަސައްކަތް ނިންމާފައި ގެއަށް އައި ނަޒްލާ މުއުމިނާ އާއި ވަކިވީ ގޭގެ ދޮރާށި ކައިރިންނެވެ. އިސް އޮބާލައިގެން ހުރެ އެތެރެއަށް ވަދެގެން އައިސް ސިޓިންރޫމާއި ހަމަވެފައި ޝައްކެއްވިއެވެ. އިސްއުފުލާލިއިރު ހީވީ ރަނގަޅަށެވެ. އެތާ ހުރި ގޮނޑިއެއްގައި މަންމަ އާއި ވާހަކަ ދައްކަން އިނީ ޒާހިދުއެވެ. "ނަޒްލާ ދޭ ތިއެއްޗެހި ބަހައްޓާފަ ކާން އަންނަން!" ނަޒްލާ އެއްފަހަރު މަންމައަށް އަނެއްފަހަރު ޒާހިދުއަށް ބަލައިލިތަނާ ސަޢީދާ ބުނެލިއެވެ. ވިސްނަން ގިނައިރެއް ނުވެ ނަޒްލާ ބޯ ޖަހާލައިފައި ދިޔައެވެ. އޭނާ ނިކުތްއިރު މަންމަމެންނާއިއެކު ނުހާ އާއި ނުހާގެ ފިރިމީހާ ޝާމިންވެސް ތިއްބެވެ. ވާން މިއުޅޭ ގޮތެއް ނޭނގި ހުރެ އެމީހުންގެ ފަހަތުން އޭނާވެސް ގޮސް ކާގެއަށް ވަދެ ކެއުމުގައި ބައިވެރިވިއެވެ. މީހަކު އަދި ނުބުންޏެއް ކަމަކު މޭޒުމަތި ފަޅުފިލުވާ ލެވިފައިވާ ކާއެއްޗެއްސަށް ބަލާލުމުން ނަޒްލާއަށް ދޭހަވީ ކޮންމެވެސް ހާއްސަ މުނާސަބާއެއް ފާހަގަ ކުރެވެމުން ދިޔަ ކަމެވެ. ސުވާލު ކުރަންވެފައި ބޭނުންވެ އިނދެ ބަލައިލުމުން ނުހާ މޫނަށް ހަދާލި ގޮތުން އޭނާ ހިސާބަކަށް ކަންބޮޑުވިއެވެ.

"ނަޒޫ! އަހަރެން ވާހަކައެއް ބުނަން ބޭނުން." ކެއުން ފަށަން އެންމެން ތައްޔާރުވި ތަނުން ޒާހިދު ބުނެލިއެވެ. ނަޒްލާގެ އިތުރަށް ދެންތިބި މީހުންގެ ނަޒަރުވެސް އެވަގުތު ހުރީ ޒާހިދުއަށެވެ. "ނަޒްލާއަށް މީ ސަޕްރައިޒް އަކަށް ނުވާނެހެން ހީވަނީ. ސީދާ އަދި ބުނެވިފަ ނެތަސް އަަހަރެން ބޭނުން ވާގޮތް މިހާރު ކޮންމެވެސް ވަރަކަށް އޮޅުންފިލާފަ ހުންނާނީ. އެކަމަކު މިރޭ ބުނަން މިއުޅެނީ އަދި އެއަށްވުރެ ބޮޑު ވާހަކައެއް. ޤަބޫލު ކުރަން އެންމެ ފުރަތަމަ އަހަރެންހޯދަން ޖެހޭނީ ނަޒޫގެ ރުހުންކަންވެސް. އެކަމަކު އޭގެ ކުރިން ދެއާއިލާގެ ބޮޑެތި މީހުން ރުހޭކަން އަމިއްލައަށް އަންގާފައި އޮތީމަ އޭގެ އިދިކޮޅަށް މިވަނީ. ނަޒޫ! އަހަރެން ބޭނުން ވަނީ ނަޒޫ އާއި ކައިވެނި ކުރަން." ޒާހިދު މޭޒުގައި ދެއަތް އަޅުވާލައިގެން އިނދެފައި ހުރިހާ ވާހަކައެއް ބަންޑުން ކޮށްލިއެވެ. ޝާމިން އާއި ޚިލާފަށް މަންމަ އާއި ދޮންދަގެ މޫނުން ނަޒްލާއަށް ހައިރާންކަމެއް ނުފެނުނެވެ. "ނަޒޫ ކޮންމެހެން މިގަޑީ ޖަވާބު ދޭކަށް މުހިންމެއް ނޫން. ނަޒޫ ބޭނުމިއްޔާ ރަނގަޅަށް ވިސްނާފަ އަހަރެންނަށް ޖަވާބެއް ދީ." ނަޒްލާ ހިމޭނުން އިންދާ ޒާހިދު އިތުރު ކޮށްލިއެވެ. އެވަގުތު ނަޒްލާއަށް ބަލައިލެވުނީ މަންމަގެ މޫނަށެވެ. ބަހެއް ބުނުމެއްނެތި އެމަންމަ ބޭނުންވާ ގޮތް ލޮލާއި ބޮލުން ފައުޅު ކޮށްލުމުން ދެން އޭނާގެ ނަޒަރު ހުއްޓުނީ ދޮންދައަށެވެ.

"ފަސް މިނިޓް." ނަޒްލާ ބުނެލިއެވެ. "ތިބުނީ؟" ޒާހިދުއަށް ނަޒްލާ ބުނި އެއްޗެއްގެ މާނަ ދޭހަ ނުވެގެން ނިތް އަރުވާލިއެވެ. "އަހަރެންނަށް ފަސް މިނިޓް ދީ. ފަސް މިނިޓް ތެރޭ ޖަވާބު ހިފައިގެން މިއަންނަނީ." ނަޒްލާ ގޮނޑިން ތެދުވެފައި ކާގެއިން ނިކުންނަން ހިނގައިގަތުމުން ނުހާވެސް ފަހަތުން ތެދުވެއްޖެއެވެ.

"ނަޒޫ މޮޔަވީތަ؟" ނަޒްލާގެ ފަހަތުން ގޮސް ކޮޓަރިއަށް ވަދެފައި ނުހާ ސުވާލު ކުރިއެވެ. ނަޒްލާ އެއަޑު ނާހައި ގޮސް ހުއްޓިލީ ޑްރެސިންޓޭބަލް ކައިރިއަށެވެ. "ފަސްމިނިޓުން ދިރިއުޅުމުގެ ބާކީ އޮތް ބަޔަށް ނިންމުން ނިންމޭނެތަ؟ މީ ކުޅިވަރެއް ނޫނޭ." ނުހާ ވާހަކަ ކުރިއަށް ގެންދިޔައިރު ނަޒްލާ ވަތްގަނޑެއް ހުޅުވާލައިފައި ނެގި ލިއުމަކަށް ބަލަން ހުއްޓެވެ. "ހޫމ ދޮންދާ. ފަސްމިނިޓް ތެރޭގައި އަހަރެން އެކަން ނިންމަން މިއުޅެނީ." ނަޒްލާ އިސް އުފުލާލިއިރު ހުރީ ހަމަޖެހިލާފައެވެ. "ދޮންދަ ކަންބޮޑުނުވޭ އަހަރެން ނުކުރާނަން މޮޔަކަމެއް." ނުހާއަށް ވުރެ ކުރިން ނަޒްލާ ބުނެލިއެވެ. "އެކަމަކު ނަޒޫ..." ނަޒްލާ ހިނގައިގަތްތަނާ ނުހާ އަތުގައި ހިފާލުމުން ހުއްޓިފައި އެނބުރި ބަލާލިއެވެ. "ދޮންދާ! އަހަރެންނަކީ ފިނޑިއެއް ނޫން. އަހަރެން ހާލަތަށް ފިލާކަށް ނުދުވާނަން. އަދި އަހަރެން ވަކި ހާލަތަކުން މައްޗަށް އަރައިގަންނަން ނޫނީ ވަކި މީހަކު މަތިން ހަނދާން ނައްތާލަން ވެގެންނޭ ކިޔާފައި އެއްވެސް ކަމެއް ކުއްލިއަކަށް ނުކުރާނަން. އެގޮތަށް ނިންމާ ކުއްލި ނިންމުމެއްގެ ސަބަބުން ބާކީ އޮތް ދިރިއުޅުން ދާނެ ގޮތް އެނގެނީ ކާކަށް. ވިކް ދިޔައިއްޔޭ ކިޔާފައި އަހަރެން ޒާހިދު އާއި އިންނާކަށް ނޫން މިހުރީ. ކުޑަމިނުން އަހަރެން މިހާލަތުން ދުރަށް ދާން ވަގުތު ބޭނުން ވާނެ. ނުވަ އަހަރު ހަނދާން ނައްތާލަން ނުވަ ދުވަސްއެއީ ޔަޤީނުންވެސް މަދު ދުވަސްކޮޅެއް ދޯ؟ ކައިވެންޏަކަށްވުރެ ކުރިން މިވަގުތަށް އަހަރެން ކުރަން ޖެހޭ އިތުރު ކަންތައް އެބަހުރި. އަހަރެންގެ ކޮންސެންޓްރޭޝަން ބަހައްޓަން ޖެހޭ އެހެން ދިމާތައް އެބަހުރި. އެހެންވެ އަހަރެން ކުރިމަތިލާން ބޭނުމީ ފުރަތަމަ މިބުނާ ދިމާއަށް." ނަޒްލާގެ އަޑުގައި ހުރި ސާބިތު ކަމަކުން ނުހާގެ ހިތަށްވެސް ހަމަޖެހުން ގެނެސްދިނެވެ. އެކަމަކު އަދިވެސް އޭނާ ހުރީ ނަޒްލާ ޒާހިދު ކައިރީ ބުނަން އުޅޭ އެއްޗެއް އޮޅުން ފިލުވަން ބޭނުންވެފައެވެ.

"ޒާހިދު!' ނަޒްލާ އެނބުރި ގޮސް ކާގެއެށް ވަދެފައި ގޮވާލިއެވެ. "ޒާހިދުތީ އަހަރެންނާއި ގުޅެން ހުރި ފަރާތަކަށް ވީމަ އަހަރެން ކޮންމެހެން އަންގަން ޖެހޭ ވާހަކައެއް އެބައޮތް. އަހަރެން ބޭނުން އަދިވެސް އިތުރަށް ކިޔަވަން. އަހަރެންގެ އެންމެ ބޮޑު ހުވަފެނަކީ މިހާރު މިރޮނގުން ޑިގްރީ ހެދުން." ނަޒްލާގެ ޖުމްލަ ނިމުނުއިރަށް ޒާހިދު ހިނިތުންވެލިއެވެ. "ޔަޤީނެއްނު. އަހަރެން ނަޒްލާ ބޭނުން ހިސާބަކަށް ކިޔަވައިދޭން މިހުރީ ތައްޔާރަށް." ޒާހިދު އަވަހަށް ބުނެލިއެވެ. "އަހަރެން ބޭނުންވަނީ ޒާހިދު އަހަންނަށް ވަފާތެރި ވާނެ ކަމުގެ ގެރެންޓީ. އެކަން ސާބިތު ކުރުމަށްޓަކައި އަހަރެން ދޭނަން ފުރުސަތެއް. އެއީ އަހަރެން ޑިގްރީ ނިންމާފައި އަންނަންދެން ތިގޮތުގައި ހުރެފިއްޔާ..... އެނގިއްޖެ ދޯ މިބުނަން އުޅޭ އެއްޗެއް؟" ނަޒްލާގެ ވާހަކަ ނިންމާލަމުން އަތުގައި އޮތް ލިއުން ޒާހިދު އާއި ހަވާލު ކޮށްލިއެވެ. ނަޒްލާގެ ވާހަކަތައް އިވިގެން އެއްޗެއް ނުބުނެވިފައި އިނދެ އެލިއުމުގައި ހިފައި ބަލާލުމުން ޒާހިދުގެ ހައިރާންކަން އިތުރުވިއެވެ. "މަންމާ އަހަރެން ޑިގްރީ ކޯހަށް ހޮވުނު ލިއުން އެއީ. މިހަފްތާގައި ފުރަން ޖެހޭ." ނަޒްލާއަށް ސަޢީދާގެ މޫނު ފެނިގެން އޮޅުންފިލުވައިދިނެވެ. 

"އެންމެ ރަނގަޅު." ނަޒްލާގެ ވާހަކަ އިވިފައި ދެލޯ ބޮޑުކޮށްލި ސަޢީދާ އެއްޗެއް ބުނަން ތައްޔާރުވެލިތަނާ އެއަށްވުރެ ކުރިން ޒާހިދު އިއްވާލިއެވެ. "ނަޒްލާ ބޭނުން ވަނީ މިގޮތް ކަމުގައި ވަންޏާ އަހަރެން މިގޮތާއިވެސް ޤަބޫލު." ޒާހިދު ހިނިތުންވެލިއެވެ. ނަޒްލާގެ ތުންފަތަށްވެސް ހިނިތުންވުމެއް ވެރިވެއްޖެއެވެ. ޝާމިން އާއި ނުހާވެސް އެވަގުތު އެކަކު އަނެކަކަށް ބަލައިލީ އުފާވެރި ގޮތަކަށެވެ. ހަމައެކަނި ހިތްހަމަ ނުޖެހިފައި ހުރީ ސަޢީދާ އެވެ.

ނަޒްލާ ހީކޮށްގެން ހުރި ގޮތަށް ޒާހިދު ނިކުތްއިރަށް ސަޢީދާ ފަށައިގެންފިއެވެ. ނަސީބު ރަނގަޅު ކަމުން އެވަގުތު ޝާމިން އާއި ނުހާ ވެގެން އެކި ވާހަކަ ދައްކައިގެން ނަޒްލާއަށް މަންމަގެ އާބަސް ހޯދައިދިނެވެ.
*****

ތިންމަސް ފަސް
ހަފަރާތުން ވަށާލައިފައި އޮތް ކަޅު ވިލާތަކުގެ ސަބަބުން އުދަރެސް އެކީ އެކަށް ފުސްވެފައި ވެއެވެ. ހެނދުނު އަށެއް ޖެހުމާއި ގާތްވެފައިވާއިރު އަދި އިރުގެ އެންމެ ދޯދި ފަށެއްވެސް ފެންނަން ނެތީ މިސަބަބާ ހުރެއެވެ. މާހައުލުގައި ތެތް ފިނިކަމެއް ހިފާފައި ވުމުގެ އިތުރަށް ވައިރޯޅިވެސް އާދައިގެ ވަރަކަށް ގަދައެވެ. ފާޚާނާއިން ނިކުތް ނަޒްލާގެ ދެދަތްޕިލަ ކޭއްތިގެން ދިޔަ އަޑު ބާރަށް އިވުނެވެ. ތެތް އިސްތަށިގަނޑު ހިއްކަމުން އޭނާ ފުރަތަމަވެސް ބަލައިލީ ޑްރެސިން ޓޭބަލް މަތީ އޮތް ފޯނަށެވެ. "އޯހ ނޯ. މިހާރު ގަޑި ޖެހެން އެއުޅެނީ." ކަންބޮޑުވެފައި އޭނާއަށް ބުނެލެވުނެވެ. ތުވާލި އެނދުމައްޗަށް އެއްލާފައި އޭނާ ލޯޝަން ފުޅިން އަތަށް އެތިކޮޅެއް އަޅާލައިގެން ދެއަތުގައި ހާކަން ހުއްޓާ ކޮޓަރީގެ ދޮރު ހުޅުވުނު އަޑު އައެވެ. އޭނާ ބަލާލިއިރު ސަމާ އެތެރެއަށް ވަދެ ހުރީ ކޮފީ ޖޯޑެއް ހިފައިގެންނެވެ. "ލަސްވެގެން އުޅޭހެން ހީވެގެން އަވަސް ކޮށްލަ ދޭން ކޮފީވެސް މިގެނެސް ދިނީ." ސަމާ އައިސް ޖޯޑު ބެހެއްޓީ ނަޒްލާގެ ކުރިމަތީގައެވެ. މާލެ އައިއްސުރެ ދެއަންހެން ކުދިން އެއްކޮޓަރިއެއްގައި ނިދައި އެކީ އުޅެން ފެށުމުން އެދެމެދުގައި މިހާރު އޮތީ ނުހަނު ގާތް އެކުވެރިކަމެއް އުފެދިފައެވެ. ނަޒްލާ ޝުކުރު އަދާ ކޮށްފައި އެނބުރި ކޮފީ ތަށިން ކޯވަރެއް ބޯލައިފައި ގަޑި ފެނިގެން އަވަަހަށް ނިކުންނަން ދުއްވައިގެންފިއެވެ. "އަޅެ ނަޒޫ މިއަދު އިންޓަރވިއު އޮންނަކަން އެނގޭއިރު ތަންކޮޅެއް ކުރިން ފެންވަރަން ވަންނަމަ ދޯ." ސަމާ ހުރީ ނަޒްލާއަށް ނުދެވިދާނެތީ ކަންބޮޑުވެފައެވެ. ދޮރާއި ހަމައިގައި ހުއްޓާ އޭނާ ގޮވާލައިފައި ނަޒްލާ ހަނދާން ނައްތާލި ފައިލް ގެންގޮސް އަތަށް ދިނެވެ. ކުޑަ ދޮރުން ބޭރު ބަލައިލުމުން ވިއްސާރަ ވާން އުޅޭ ކަމުގެ އަލާމާތްތައްވެސް ފެންނަން ފަށައިފިއެވެ. އުދަރެސް އިތުރަށް ކަޅުވެ ދުނިޔެމަތި އަނދިރިވެއްޖެއެވެ. ނަޒްލާ ދެވަނަ ފަހަރަށްވެސް ތޭންކްސް އޭ ބުނެލާފައި ކޮޓަރިން ނިކުމެގެން ދިޔައެވެ.

މަގުމައްޗަށް ނިކުތްއިރު ދުއްވާ އެއްޗެހިތައްވެސް ހަލުވި ކަމާއެކު ދެކޮޅަށް ދަތުރު ކުރަމުން ދަނީއެވެ. ހިނގާ މީހުންގެ ތެރެއިން ކޮންމެ މީހެއްގެވެސް މަޤްސަދަަކަށް އެވަގުތު ވެފައި ވަނީ ވާރޭ އޮއްސާލުމުގެ ކުރީން ހިޔާވަހި ކަމެއް ހޯދުމެވެ. ނަޒްލާ ހިތާއި ހިތުން ދުޢާ ކުރަމުން ހަލުވި ފިޔަވަޅު ތަކެއްގައި ކުރިއަށް ދިޔައެވެ. ނާކާމިޔާބު އަތުގައި ހިފީ މަންޒިލާއި ދެމެދު ހަމަ އެންމެ ފަސްވަރަކަށް މިނިޓްގެ ދުރުމިން އޮތްވައެވެ. ގަދަވަޔާއެކު އައި ބޮޑު ތިކި ވާރޭއިން ސަލާމަތްވާން އޭނާއަށް މަޖުބޫރުވީ އެންމެ ކައިރިން ފެނުނު ފިހާރައިގެ އަސްކަނި ދޮށަށް ވަންނާށެވެ. ވާރޭ ހުއްޓާ ނުލައިގެން ގަޑި ބަލަ ބަލާ އިންދާ އިރުކޮޅަކުން ފެނުނީ ގަޑިޖެހުނު ތަނެވެ. ވީ ދެރައިން ނުރޮވުނީ ކިރިޔާއެވެ. އެއީ ކިހާ މުހިންމު ފުރުސަތެއްކަން އޭނާއަށް އެނގެއެވެ. 

ވާރޭ ތުނިކޮށްލުމުން ނަޒްލާ ހުރިތަނުން ނިކުމެގެން ދިޔައިރު ވެއިޓިން ރޫމްގައި އެކަކުވެސް ނެތެވެ. ސެކިއުރިޓީ ބަލަހައްޓަން ހުރި މީހާ ކުރެން އޭނާ ސުވާލު ކޮށްލުމުން އެނގުނީ އެދުވަހަށް އިންޓަވިއު ކުރަން ހަމަޖެހިފައިވާ ވަގުތު ހަމަވެފައިވާ ކަމަށާއި އެންމެ ފަހު ކުއްޖާ ވީ އެތެރޭގައި ކަމެވެ. ހިތަށް ނުބައި އަސަރުތަކެއް ކުރި އެވަގުތު ލޮލުގައި ކަރުނަ ހިނގާލިއެވެ. މާޔޫސްކަމާއެކު އޭނާއަށް އެތާހުރި ސޯފާގައި އިށީންދެލެވުނެވެ. ސެކިއުރިޓީ އޮފިސަރވެސް ނިކުމެގެން ދިއުމުން އެކަނިމާއެކަނި އިންދާ ދުރުން ފިޔަވަޅު ތަކެއްގެ އަޑު އިވިގެން އެދިމާއަށް ބަލައިލެވުނެވެ. މޫނަށްވުރެ ކުރީން ނަޒްލާގެ ދެލޯ ހުއްޓުނީ އޭނާ އާއި ކައިރިއަށް އައި ފިޔަވަޅު ތަކާއި ދިމާއަށެވެ. ފަހަތުގައި ހުރި ދެ އެހީތެރިންނާއެކު އައިސް ކައިރިއަށް ހުއްޓުނު ޒުވާނާއަށް ނަޒްލާ ފެނުމުން އުފާވެރި އަޑަކުން އޭނާއަށް ގޮވާލައިފިއެވެ. އެއަޑުގައި ދަންނަ ގޮތެއް ހުރިކަން ޔަޤީންނެވެ. ވިސްނާލަން ވެގެން ސިކުނޑިއަށް ބާރު ލަމުން ނަޒްލާ އިސް އުފުލާލައިފިއެވެ.

ކޮމެންޓް 0