"ޗެކް ދިސް އައުޓް!" ބޭނުންވާ ގޮތް ވުމުން ލާނެތް ގޮތަކަށް ހެވިލާފައި އަވިކް ފަހަތަށް އަތް ފޮރުވާލައިގެން މާގަނޑު ދޫކޮށްލުމުން ހޯސްލާފައި އޮހިގަތް އެތައް ހާސް ފެންތިކިތަކުން ނަޒްލާ ތެންމާލިއެވެ. "އައްޗީ....!" ނަޒްލާއަށް ހަޅޭތްލަވައިގަނެވުނެވެ. "މިހާރު އެނގިދާނެ ނިދާފަ އޮތްވާ މޫަނަށް ފެންއެޅީމަ ކުރެވޭ އިހްސާސް." ނަޒްލާ ބަލައިލުމުން އަވިކް ހަމަޖެހިލާފައި އެއްލޯ މަރާލިއެވެ. ދެވަނަ ސިކުންތުގައި އޭނާއަށް ހުރެވުނީ ތެމިފޯވެފައިވާ ނަޒްލާގެ މޫނަށް ކަޅި ހުއްޓާލައިގެން އެސްފިޔަ ޖަހާލަން ހަނދާން ނެތިފައެވެ. އިރުކޮޅަކުން އިހުސާނާ މައްޗަށް އައިސް ގޮވާ އަޑަށް ނަޒްލާ އަވަހަށް ސަލާމަތް ވެގެން ދުވެފައި ނިކުތެވެ.
އިތުރު ހަރަކާތެއްގައި ބައިވެރިވެގެން އުޅޭ އަނާން ސުކޫލަށް ލައިފައި ނުހާ އައި މަގުމަތީ މަންމަ ގެއަށް ވަދެލިއެވެ. ބަންދު ދުވަހެއްގެ އެގަޑީގައި ނަޒްލާ ފެންނަން ނެތުމުން ސުވާލު ކޮށްލި އިރަށް ސަޢީދާ ބުނި އެއްޗަކުން އޭނާ ހައިރާންވިއެވެ. "މަންމަ ދެން ހަމަ އޭނާ ފޮނުވީތަ؟" ނުހާއަށް ޤަބޫލު ނުކުރެވިގެން އަހާލިއެވެ. ނުހާ އިށީންދެލީ ސަޢީދާ ފަންގެ ވިންނަން އިންއިރު ފެންނަ ހިސާބުގައެވެ. "ކީއްވެ ތިހެން ތިބުނީ؟" ދަށުވަތް ޖަހަން ނެގި ފަންވަތާއެކު އިލީގައި ހިފަހައްޓާލައިގެން އިނދެފައި ސަޢީދާ ނުހާއަށް ބަލާލިއެވެ. ނުހާ ޖަވާބު ނުދެނީސް ސަޢީދާއަށް ޖަވާބު ލިބުނު ކަހަލައެވެ. މަސައްކަތް ކުރިއަށް ގެންދަމުން އޭނާ ކުޑަކޮށް ހީލައިފިއެވެ. "ނުހާ އަދިވެސް ހަނދާން އެބަހުރިތަ؟ އެއީ ދެން މާކުރީގެ ކަމެކެއްނު. އެހެންނޫނަސް ސުދާމެން އެހާ ދުވަސްފަހުން އައިސް އުޅޭއިރު އެމީހުންނަށް އެހީގެ އަތެއް ފޯރުކޮށްލައި ނުދީ މިހާ ކައިރީގައި އުޅޭކަށް އަހަރެންނަކަށް ނުކެރޭނެ. އެމީހުންވެސް ހިއެއްނުވޭ އެހާ ކުރީގެ ހާދިސާއެއް ހިތުގައި ބާއްވައިގެން އުޅޭނެހެނެއް." ސައީދާ ޖަވާބުދިނެވެ. ނުހާ އިތުރު އެއްޗެއް ނުބުނެ ތެދުވެގެން ގޮސް މަގުމައްޗަށް ނިކުތްއިރު ނަޒްލާ މިޑޯވިއުއަށް ނިކުންނަން އަންނަނީ ދުވެލާފައެވެ. އެތުންފަތުގައި ހިނިތުންވުމާއި މިޒާޖުގައި އުފާވެރިކަން ވިއެވެ. ނުހާ ކޮއްކޮގެ އިންތިޒާރުގައި މަޑުކޮށްލައިގެން ހުއްޓާ ނަޒްލާ އައިސް އޭނާ ފެނިގެން ސިއްސައިގެންދާ ފަދަ ހަރަކާތަކާއެކު ކުއްލިއަކަށް ހުއްޓިއްޖެއެވެ.
"ހާދަ ބިރެއްތިގަތީ؟ ކީއްްވެ ތެމިފަ ތިހުރީ؟" ނުހާ ނަޒްލާގެ މޫނަށް ބަލަން ހުރެގެން އަހާލިއެވެ. "ނޫނޭ. ދޮންދަ މިތާ ހުރިކަމެއް ނޭނގެ ވިއްޔަ. އެހެންވެ ސިއްސައިގެން ދިޔައީ." ނަޒްލާ ޖަވާބު ދިނީ ފުރަތަމަ ސުވާލަށެވެ. ނޭވާ ހަމައަކަށް އަޅުވަން މަސައްކަތް ކުރަމުން އޭނާ ތެމިފައިވާ އިސްތަށިގަނޑު ކުރިމައްޗަށް ގެނެސްގެން ފެން ފޮޅާލިއެވެ. އިތުރު އެއްޗެއް ބުނުމުގެ ކުރިން ގެއާއި ދިމާއަށް ދާން ހީކޮށްލިތަނާ ނުހާ ގޮވާލައިފިއެވެ. "އަވިކް ކީކޭ ބުނީ؟" ނުހާގެ ސުވާލުން ނަޒްލާކަންބޮޑުވެފައި ބަލައިލެވުނީ ގެއާއި ދިމާއަށެވެ. މަގުމަތީ ހުރެގެން ދޮންދަ އެހާ ބާރަށް އަވިކްގެ ވާހަކަ ދައްކަނިކޮށް މަންމަ އަޑު އަހައިފިއްޔާ ދެން ވާނީ ކިހިނެތް ހެއްޔެވެ؟ "ދޮންދާ ޝްޝްޝް....!" ނަޒްލާ ތުންފަތުގައި ޝަހާދަތްއިނގިލި ޖައްސާލީ ލޯބޮޑު ކޮށްލައިފައެވެ. ނަޒްލާގެ އެހަރަކާތުން ނުހާވެސް އަވަހަށް މަންމަ ފެންނަން ހުރިތޯ ބަލާލިއެވެ. "ފެންވަރައިގެން އަހަރެންމެން ގެއަށް ދޭބަލަ. އަހަރެން ބޭނުން މިވާހަކަ އަދި ދައްކަން." ނުހާ އެދުނު ފަދައިން ނަޒްލާ ބޯ ޖަހާލިއެވެ.
"ހޫމ ދެން ބުނެބަލަ." ސައިބޯން ހަތަރު މީހުން ތިބެފައި ޝާމީން އަނާން ގޮވައިގެން ނިކުތުމުން ނުހާ ފެށިއެވެ. ނަޒްލާ އިސްއުފުލާލއިއިރު ދޮންދަ އިނީ ނުހަނު ޝައުޤުވެރިވެފައެވެ. އޭނާއަށް ވިސްނުނެވެ. ދޮންދަ އެއަހަނީ އަވިކްގެ ވާހަކައެވެ. "އަވިކް ބުނީ އޭނަަށް ޤަބޫލު ކުރަންވެސް ދައްޗޭ މިހާރު މިހިނގާ ކަންތައްތަކަކީ ހަޤީޤަތެއް ކަަމަށް." ނަޒްލާ ހަނދާނަށް ގެންނަމުން ބުނެލިއެވެ. އަވިކްގެ ނަން ބުނި ހިސާބުން އޭނާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެއްޖެއެވެ. "ދެން؟" ނުހާ އަނެއްކާ އަހާލިއެވެ. "ދެން؟" ނަޒްލާ ސުވާލު އުފެދިފައި ނިތަށް ރޫ ގިނަކޮށްލައިފިއެވެ. "ދެން ކޮންއިރަކު ބުނީ ލޯބިވާ ވާހަކަ؟" ނުހާގެ ދެވަނަ ސުވާލު އަހާފައި ނަޒްލާ ފެށީ ހޭށެވެ. "ދޮންދަ ދައްކާ ވާހަކަ." ނަޒްލާ އެހެން ބުނެލިގޮތުން ހީވީ ނުހާއަށް ހެއްވާ އެއްޗެއް ކިއުނުހެންނެވެ. "ކީއްތަވީ؟" ނުހާ ހީކުރީ ނަޒްލާ ބުނަން ނުކެރިގެން އުޅެނީ ކަމަށެވެ. "ދޮންދަ އާއި ޝާމިންބެ މެރީ ކުރުމުގެ ކުރިން ކޮންއިރަކު ފުރަތަމަ ލޯބިވާ ވާހަކަ ބުނީ؟" ނަޒްލާ ހެވިލާފައި އިނދެގެން ކޯތާފަތުގައި ހިފަހައްޓާލި އަތުގެ އުޅަބޮށި މޭޒުގައި ވިއްދާލިއެވެ. "އަހަރުމެން ދެމީހުން ގުޅުވީ މަންމަ އާއި އޭނާގެ ފެމެލީ ވެގެނެއްނު." ނުހާގެ ނަޒަރުގައި އެއީ މުޅިން ތަފާތު ދެވާހަކައެކެވެ.
"އެކަމަކު ކައިވެނީގެ ކުރިންވެސް ދެމީހުންނަށް އެކަކު އަނެކަކު ކަމު ގޮސްގެނެއްނު އިނީ. މެރީ ކުރުމުގެ ކުރިން ޝާމިންބެ ނުބުނޭތަ ލޯބިވާ ވާހަކައެއް؟" ނަޒްލާ އިނީ ހަމަޖެހިލާފައެވެ. "ނުބުނޭ ސީދާ ލޯބިވެއެކޭ އެކަކުވެސް. އެކަމަކު ދެމީހުންނަށްވެސް އެކަކު އަނެކަކުގެ ހިތް އޮތް ގޮތް އެނގޭ އުޅޭގޮތުން." ނުހާ ވިސްނާލަން ދުރު ބަލަހައްޓައިގެން އިނދެފައި ކުއްލިއަކަށް ނަޒްލާއާއި ހަތަރުކަޅި ހަމަކޮށްލައިފިއެވެ. ނަޒްލާ އެކުރި ކަމަކީ އޭނާގެ އަމިއްލަ ދުލުން އޭނާގެ ސުވާލަށް ޖަވާބު ހޯދީއެވެ. "ތިބުނާ ވާހަކައަކީ...." ނުހާގެ ޖުމްލަ ފުރިހަމަ ކުރާނެ ފުރުސަތެއް ނަޒްލާ ނުދިނެވެ. "އަހަރެން ކީ ވާހަކަ ފޮތެއްގައިވެސް އޮތް ތެދުހިތުން ލޯބިވަންޏާ ދުލުން ބުނެ ފައުޅު ކުރުމުގެ ބޭނުމެއް ނުޖެހޭނެއޭ. ހަމައެގޮތަށް އަހަރެންނަށް އެނގޭ ވިކް އަހަރެންނާއި ދޭތެރޭ ދެކޭ ގޮތް. ނުސީދާ ގޮތް ގޮތުން ބުނެވެސްފި." ނަޒްލާ ސާބިތު ކަމާއެކު ބުނެލިއެވެ. "ދޮންދަވެސް ބުނެފާނަން ވާހަކައެއް. ވަރަށް ގިނަ މީހުންނަށް ވާ ގޮތެއް މީ އަނެކާގެ ހިތް އޮތް ގޮތް ނޭނގުން. އޭނަ ލޯބިވެއޭ ހިތުލައިގެން ހުއްޓާ މާފަހުން އެނގިދާނެ އެމީހަކު ހަމައެކަނި ދެކުނީ އެކުވެރިއެއްގެ ގޮތުގަ ކަމަށްވެސް. މީވެސް ވެފަ ހުރި ކަންތައް. އަނެއްކޮޅުން އަވިކް އެއައީ ނަޒޫ އާއި ދުރުގަ ނުވަ އަހަރު އުޅެފަ. ދިއުމުގެ ކުރިން އޭނަ ހަމަ އެންމެފަހަރަކު ލޯބިވެއޭ ބުނިކަން އެކަނި. ކިހިނެތް އެނގެނީ އެއީ ހަމައެކަނި ވަގުތީ ގޮތުން ކުޑަ ހިނދުކޮޅަކަށް އިހްސާސްތައް އޮޅުން ބޮޅުން ވެގެން ވީ ގޮތެއް ކަމަށް އަވިކް ނުނިންމާ ކަމެއްވެސް. ދޮންދަ ބޭނުމެއް ނޫން ނަޒޫއަށް ދެރައެއް ލިބޭކަށް އެހެންވެ މިބުނަނީ އަވިކް ސީދާ ލޯބިވެއޭ ނުބުނަނީސް މާބޮޑަށް އުންމީދު ނުކުރާތި." ނުހާ ވާހަކަ ދައްކަމުން ނަޒްލާ އަތްތިލައިގައި ހިފާ މަޑުމަޑުން ފިތާލިއެވެ.
"ކިހިނެތް އެނގެނީ ވިކް އަހަރެން އިމްތިހާނު ކުރަނީ ނޫންކަމެއް؟ ވެދާނެ ނޫންކަަމަށް ހެދިގެން އަހަރެން ފުރަތަމަ ބުނޭތޯ އުޅެނީ ކަމަށް." އަޑުއަހަން އިނދެފައި ނަޒްލާ އެވަގުތުވެސް ވިސްނާލީ އެންމެ ޕޮޒިޓިވް ކޮށެވެ. ކޮއްކޮގެ އެ އާދަ ނުހާ އަބަދުވެސް ދަނެއެވެ. އިހުތިޔާރެއްނެތި އޭނާއަށް ހީލެވުނީ އެހެންވެއެވެ.
ރޭގަނޑު ކެއުން ހިފައިގެން ނަޒްލާ ދިޔައިރު ސުދާ ދައްކަމުން ދިޔައީ އެނބުރި ދިއުމުގެ ވާހަކައެވެ. ނަޒްލާ މަޑުމަޑުން ގޮސް މޭޒުމަތީ ކާއެއްޗެހި އަތުރާފައި ސޯފާގައި ތިބި ދެމައިންނަށް ބަލައިލިއެވެ. "މަންމަވެސް ދާހިތެއް ނުވޭ. އެކަމަކު އީމާ ސުކޫލަށް ނުފޮނުވައި ގިނަ ދުވަހު ބެހެއްޓުން ރަނގަޅެއް ނުވާނެ. ހަފްތާ ބަންދާއި ދިމާވި ކަމުން މިދެ ދުވަސްވެސް ސަލާމަތް މިވީ." ސުދާ އަވިކްއަށް ބަލަން އިނދެގެން ވާހަކަ ދެއްކިއެވެ. ނަޒްލާ ތެޅި ތެޅި އޮތް ހިތަކާއެކު އަވިކްގެ ޖަވާބަކަށް އިންތިޒާރު ކޮށްގެން ހުއްޓާ އަވިކް ތެދުވެގެން އައިސް އިީށީންނީ ކާށެވެ. އޭނާ އައުމުގެ ކުރިން އަވިކް ސުދާއަށް ޖަވާބު ނުދޭ ކަމެއްވެސް ނޭނގެއެވެ. ނަޒްލާގެ ހިތް ތެޅިގަތީ އެހެން ހިތަށް އަރާފައެވެ. "ދެން ކިހިނެތް ހަދަނީ؟ މާދަން ފުރަނީތަ؟" ނަޒްލާއަށް ނުހުރެވިގެން ސުވާލު ކުރިއެވެ. އޭނާ އަވިކްއަށް ތަށި ކައިރިކޮށްލަ ދީފައި ކުރިމަތީ ހުރި ހުސް ގޮނޑީގައި އިށީންދެ އެމޫނަށް ބަލަން ފެށިއެވެ. "މަންމަ ގެންގޮސް ލައިފަ އަހަރެން އަދި އެނބުރި އަންނާނަން. ވެއިޓް ކުރާނަންދޯ އަހަރެން އަންނަން ދެން؟" އަވިކް ބުނެލި އެއްޗަކުން ނަޒްލާގެ މޭގަނޑު ފިނިވެއްޖެއެވެ. އޭނާ ވާހަކަ ނުދެއްކިފައި އިންދާ އީމާ އައިސް ކާން އެރުމުން އަވަހަށް ތެދުވެގެން އެކުއްޖާއަށް ކެވޭނެ ގޮތް ހަދައިދިނެވެ. އިރުކޮޅަކުން ސުދާއަށް އެހީވެގެން ސުދާވެސް ގެނެސް ދަރިންނާއެކު ކާން މޭޒު ކައިރީ ބޭންދިއެވެ.
އެރޭ ނަޒްލާ ނިދަން އޮވެފައި ކުއްލިއަކަށް ހޭލެވުނީ ކުޑަދޮރުގައި ތަޅާލި އަޑަށެވެ. ފުންމައިގެންކޮޅަށް ތެދުވި ކުއްޖާ ގުޑިލަން ނުކެރިފައި އެދޮރާއި ދިމާއަށް ބަލަން ހުއްޓާ ދެވަނަ ފަހަރަށް ތަޅައިގަތުމުން ހަޅޭތްލަވައިގަނެވުނެވެ. "ނަޒޫ. މީ އަހަރެންނޭ އަވިކް. ދޮރު ހުޅުވާލަބަލަ!" އަވިކްގެ އަޑު އިވިފައި އޭނާ ވަކިން ބޮޑަށް ފިނިވެއްޖެއެވެ. "އަހަރެން ކިހިނެތް ޤަބޫލު ކުރާނީ ތީ ތެދެއްކަމަށް؟" ފިޔަވަޅެއް އަޅާލައިފައި ނަޒްލާ ހިޔާލު ބަދަލުވެގެން ހުއްޓުނެވެ. "ހުޅުވީމަ އެނގިދާނެއެއްނު." އަވިކް ގޮވާލިއެވެ. "ޝަހާދަތް ކިޔާ!" ތެޅި ތެޅި އޮތް ހިތާ ދިމާލުންމޭގައި ހިފަހައްޓާލަމުން ނަޒްލާ އެދުނެވެ. އެއަަޑަށް އަވިކް ހިނިގަނޑެއް ޖަހާލައިފިއެވެ. ބިރުގަނެފައި ހުރުމުން އެކަންވެސް ނަޒްލާއަށް ނެގުނީ ނުބައި ކޮށެވެ. "ލޮލުން ދެކި އަތުން ހިފޭނީވެސް ހުޅުވީމައެއްނު." އަވިކް އިރުކޮޅަކުން ބުނެލިއެވެ. "ކޮބާ ޝަހާދަތުގެ ދެކަލިމަ!" ނަޒްލާ ހުރީ ގޮތް ދޫ ކުރާ މޫޑެއްގައެއް ނޫނެވެ. ދޮރު ހުޅުވުމުގެ ކުރީން އެއީ އަވިކްކަން ޔަޤީން ކުރަން އޭނާ ބޭނުންވިއެވެ. އަވިކްއަށް އެންމެ ފަހުން ގޮތެއް ނެތިގެން ބޯ ކަހައިލާފައި ޝަހާދަތް ކިޔާލިއެވެ. ދެވަނަ ސިކުންތުގައި ދޮރުފަތުގެ ތަންޑު ނެއްޓި އަޑު އިވިގެން ދިޔައެވެ.
"ކީއްކުރަން ތިއައީ؟" އަވިކްއަށް ނަޒްލާގެ މޫނު ނުފެނިގެން އުޅެނިކޮށް އަހާލި އަޑު އިވުނެވެ. ފަނޑު އަލި ކަމެއް ވެރިވެފައިވާ ކޮޓަރި ތެރެއިން އޭނާއަށް ނަޒްލާ ފާހަގަވާން ވަގުތުކޮޅެއް ނެގިއެވެ. ލައިގެން ހުރި ޓީޝާޓް އަތްކުރުވެ ދޮރު ފޮތިގަނޑުން ދެކޮނޑާއެކު ފޮރުވާލައިގެން ހުރިތަން ފެނިގެން އަވިކްއަށް އަނެއްކާވެސް ހެވެން އުޅުނެވެ. ނަޒްލާ މައުސޫމު ކަމުންވެސް ފެންނަ މީހުން ހިތް ކިޔާނެއެވެ."އަހަންނާއެކު ބޭރަށް ނިކުމެވިދާނެތަ؟" އަވިކް އަހައިލީ ހުއްދަ ހޯދާ އުސޫލުންނެވެ. ދާރަމަތީގައި ދެއަތް އަޅުވާލައިގެން އޮވެ އޭނާ ބަލައިލި ގޮތުން ނަޒްލާ އަވަަހަށް ފުރަގަސްދިނީ ވިސްނާލި ކަމަށް ހެދިފައެވެ. "ކީއްކުރަން؟" ނަޒްލާއަށް ސުވާލު ނުކޮށެއް ނުހުރެވުނެވެ. ހިތް އޮތީ އެގޮތާއި އިދިކޮޅަށް ނަމަވެސް އަވިކް ކުރިމަތީ އެކަން ދައްކާހިތެއް ނުވިއެވެ. "ހާދަ ސުވާލު ގިނައޭ. އަހަންނަށް އިތުބާރު ނުކުރެވެނީތަ؟" އަވިކްވެސް އޭނާގެ ކޮޅު މޮޅުކޮށްލިއެވެ. އެއީ ޔަޤީނުންވެސް ނަޒްލާއަށް ދެކޮޅުހެދެން ނެތް ސުވާލެކެވެ. "ހޫމ އެބަ އަންނަން. އިހަށް ބޭރުގަ ހުރޭ." ނަޒްލާ އެންމެފަހުން އެއްބަސްވިއެވެ. އަވިކް ދެއަތް ނެގި އިރަށް އޭނާ އަވަހަށް ކުޑަދޮރު ލައްޕާލައިފައި ހެދުން ބަދަލު ކުރަން އަވަސްވެގަތެވެ.
" ރަތްކުލަ ލީމަ ނަޒޫގެ ސްކިންއާ ވަރަށް ގުޅޭނެ." އަލަމާރި ހުޅުވާލައިގެން ނަޒްލާ ހުއްޓާ އަވިކް ވާހަކަދެއްކި އަޑަށް އޭނާއަށް އެދިމާއަށް ބަަލައިލެވުނެވެ. ތުންފަތަށް ވެރިވި ހިނިތުންވުމާއެކު އޭނާ ލައިގެން ހުރި ހުދު ސްކިނީގެ މަތިން ރަތް ގަމީސްލިއެވެ. ލޯގަނޑުކުރިމައްޗަށް ހުއްޓިފައި ބޮލުގައި އިން ވޫލްކޮޅު ނައްޓާލައި އެއިސްތަށިގަނޑުންވެސް އެއްބައި ކޮނޑުމައްޗަށް ވައްޓާލިއެވެ. އަނެއްކާވެސް ދޮރު ހުޅުވި އަޑަށް ފުރަގަސްދީގެން ހުރެފައި އަވިކް ބަލާލިއިރު ނަޒްލާ ހުރީ ބަލަހައްޓައިގެންނެވެ. "މިދޮރުންތަ ނިކުންނަނީ؟" އަވިކް ސިކުންތު ކޮޅެއް ވަންދެން އެރީތި މޫނަށް ބަލަން ހުރެފައި ކައިރިއަށް އައިސް ވާހަކަދެއްކިއެވެ. "މަންމައަށް ހޭލެވިދާނެ މައި ދޮރު ހުޅުވާއިރަށް." ނަޒްލާ ޖަވާބުދިނެވެ. އޭނާ ދާރައިގައި އިށީންދެފައި ފަސޭހަކަމާއެކު އަނެއްފަރާތަށް ފައިބޭލުވިއެވެ. ބިމުގައި އެދެފައި ޖެހުނުއިރު އަވިކް ހިނގައިގެންފިއެވެ. ސުވާލު ކުރަން ބޭނުންވި ނަމަވެސް ނަޒްލާ އަނގަ ހިމޭނުން ލައިގެން ހުންނަން ނިންމީ އަވިކް ކުރިންވެސް އެޝަކުވާ ކޮށްފައިވާތީއެވެ. އެކަމަކު މިޑޯވިއުގެ ގޭޓުން ވަން ހިސާބުން އޭނާގެ ކެތްތެރިކަން ކޮޅުންލާ ގޮތްވިއެވެ. "ވިކް! ކީއްކުރަންތަ ތިއުޅެނީ؟" ނަޒްލާ ހިނގަ ހިނގާފައި ހުއްޓިއްޖެއެވެ.
ގޯތިތެރޭގެ އެކި ހިސާބުގައި ހަރުކޮށްފައި ހުރި ގާޑެން ލައިޓްތައްވެސް އެވަގުތަށް ނިއްވާލައިފައި ހުރުމުން އޭނާގެ ހިތުގައި ސުވާލު މާކުތައް ގިނަވިއެވެ. ގަސްތަކުތެރެ އަނދިރިވެ ޖެހިލުންވާ ގޮތެއްވެސް ހުއްޓެވެ. "ހީވަނީތަ އަހަރެން ކަމެއް ކޮށްފާނެހެން؟" އަވިކް ކުއްލިއަކަށް އެނބުރިލި ގޮތުން ދެމީހުންނަށް ތިބެވުނީ ނުހަނު ކައިރީގައެވެ. ފަނޑު އަލީގައި އެދެލޯ ވިދާލި ގޮތާއި އޭނާގެ ކޮނޑުގައި ދެއަތުން ހިފަހައްޓާލުމުން ނަޒްލާ ފިނިވެއްޖެއެވެ. "އަމް.... ތިހެނެއް ނުބުނަމެއްނު." ނަޒްލާއަށް ވާހަކަ ދެއްކުނީ ކުޑަކޮށް މަސައްކަތް ކޮށްލައިގެންނެވެ. "ނައު ދެޓްސް މައި ގާރލް." ނަޒްލާގެ ނޭފަތުގައި ޝަހާދަތް އިނގިލިން ކޮށްޓައިލުމާއެކު އަވިކްގެ ސީރިއަސްކަން ނެތިގެން ދިޔައެވެ. ކުރިއަށް ހިނގައިގަތް އިރު އޭނާ މިފަހަރު ހުރީ ނަޒްލާ އަތުގައި ހިފައިގެންނެވެ.
ގެއަށް ވަނުމުގެ ބަދަލުގައި އަވިކް މިސްރާބު ބަދަލު ކޮށްލީ އެއްފަރާތުން ގެއާއި ފާރާއި ދެމެދުން ބިތްދޮށް ފަރާތަށް ދެވެން އޮންނަ ހިމަ މަގާއި ދިމާއަށެވެ. އެސަރަހައްދުގައި ކުރާ ބޭނުމެއް ނޯންނާތީ ގިނަ އަދަދެއްގެ ގަސްހެދި ޖަންގަލިވެފައި އޮންނަތާ ވީ އަހަރެއްވެސް ނޭނގެއެވެ. އެވަރުގެ ތަނަކަށް އަވިކް އޭނާ ގެންދަން ބޭނުންވި ސަބަބެއް ސިކުނޑިއަށް ނައެވެ. ޖަންގަލި ފަރާތަށް ވަނުމަށްޓަކައި ކަޑައްތު ކުރަން ޖެހުނު ދޮރާއި ހިސާބުން ނަޒްލާ އަވަހަށް އަވިކް ހިފަހައްޓައިގެން ހުރި ހިސާބުގައި އަނެއް އަތުން ހިފަހައްޓާލިއެވެ. އޭނާ އެދޮރުން ނިކުތީ ލޯމަރާލައިގެންނެވެ. ނިކުމެވުނުކަން އެނގުނީ ފައިދަށުވެ މުރު މުރު ލައިގެން ދިޔަ ހިކިފަތްތަކުގެ އަޑު އިވިފައެވެ. އަދި ހަމަ އެ ސިކުންތުގައި އަވިކް ހުއްޓުނުކަން އޭނާއަށް އިހްސާސްވިއެވެ. ޖެހިލުންވި ނަމަވެސް ލަސްލަހުން އެސްފިޔަތައް ދުރު ކޮށްލެވުނެވެ.
ހޭލާ ހުއްޓާ ހުވަފެނެއް ފެންނަނީ ހެއްޔެވެ؟ ލޮލަށް ފެނުނު މަންޒަރާއެކު ނަޒްލާގެ ސިކުނޑި ހުރަސްކޮށްލި ފުރަތަމަ ހިޔާލަކީ އެއީއެވެ. އަވިކް އަތުން ދޫކޮށްލުމުން އޭނާ ކުރިއަށް ދެފިޔަވަޅު އަޅާފައި ހުއްޓިގެން ހުރީ ދެލޯވެސް ބޮޑުކޮށްލައިގެންނެވެ. ފުޅާ މިނުގައި ވިހި ދިގުމިނުގައި ފަންސަވީސް ވަރު ހުންނަ އެބޮޑު ސަރަހައްދު އެކީ އޮރެންޖާއި ހުދު އަލީން ޖަރީވެފައި ވެއެވެ. ވެތޮޔަކުގައި އެގޮތް މިގޮތަށް އެލިފައިވާ ހުދު އަލީގެ ކުދި ކުދި ބޮކިތަކެވެ. ވަށައިގެން ފެތުރިފައިވާ ބިޔަ ގަސްތަކުގެ ގޮފިތަކުން ތިރިއަށް އެލިފައި ހުރީ ހުދު ޕޭޕަރ ލެންޓަން ތަކެވެ. ހިކިވެ އޮޅިފައިވާ މުރަނަ ފަތްތައްވެސް އެއަލިތަކުން ފެވި ފެންނަނީ އަޖަިއބުވާހާ ނަލަކޮށެވެ. އަދި ނަޒްލާއާއި ދިހަ ވަރަކަށް ފިޔަވަޅު ދުރުގައި ހުދު ފޮތި އަޅާފައިވާ ވަށް މޭޒާއި ދިމާވާ ގޮތަށް އެތާހުރި ގަހުގެ ގޮފިގަނޑުން ތިރިއަށް އެލިފައިވާ ފާނޫޒާއެކު އެމޭޒުމަތީގައި މަތި ޖަހާފައިވާ ތަށިތައް އެއީ ކެއުމަކާއި ވައްތަރެވެ.
"ސަޕްރައިޒް!" ނަޒްލާ އަޖައިބު ކަންމަތީގައި ހުއްޓާ އަވިކް އައިސް ކަންފަތް ދޮށުގައި ބުނެލިއެވެ. އޭނާއަށް ވުރެ ކުރިން މެޒާއި ކައިރިވެލާފައި އަވިކް އެމޭޒުގެ ދެފަރާތުގައި ހުރި ދެގޮނޑިން ކުރެ އެއްގޮނޑި ދުރުކޮށްލީ އަންނާށޭ ބުނެލިފަދަ ގޮތަކަށެވެ. ނަޒްލާގެ ލޮލަށް ޖަމާވި ކަރުނަތަކާއެކު އޭނާ ހިނިތުންވެލައިފައި ގޮސް ގޮނޑީގައި އިށީންދެއްޖެއެވެ. "ވިކް.... މި ހުރިހާ ކަމެއް؟... މިހުރިހާ އެއްޗެއް..." ޖަޒުބާތީވި ވަރުން ނަޒްލާއަށް ވާހަކަ ކުރިއަށް ގެންދަން އުދަނގޫވިއެވެ. އިސް އޮބައިލަމުން އޭނާ ލޮލުން ވެއްޓެން ތައްޔާރުވެފައިވާ ކަރުނަތިކި އަވަހަށް އެލޮލުގެ ކަނުގައި އޮއްވައި ވަގަށް ނަަގައިފިއެވެ. "ނަޒޫ! ނަޒޫ އަހަރެންދެކެ ރުޅިއެއް ނާދެއޭ ބުނިކަން އެއީ ނަޒޫގެ ހިތްހެޔޮކަން. ނަޒޫގެ ރަނގަޅުކަން. އެކަމަކު ނުވަ އަހަރު ވަންދެން އަހަރެން އުޅުނީ ޚަބަރެއްވެސް ވެނުލައި. އަދި ހަމަ އައިސް ދޮންވެލި ނުހިކިގެން އުޅެނިކޮށް އަނެއްކޮޅުން މާދަން ހަވީރު ފުރަންވީ. އެހެންވެ ހީކޮށްލާ މީ އެހުރިހާ ކަމެއްގެ ބަދަލުގައި އަހަރެން ނަޒޫއަށްޓަކައި ދޭ ކުޑަ ކުޑަ ހަދިޔާއެއް ކަމަށް." އަވިކް ވާހަކަ ދައްކަމުން މޭޒުމައްޗަށް އުފުލާލި ދެއަތުން ހިފަހައްޓާލީ ނަޒްލާގެ ހިމަ ހޯލި އިނގިލިތަކުގައެވެ. އެއްޗެއް ނުބުނެވިފައި ނަޒްލާ އިންދާ އޭނާގެ ކަނާއަތްތިލަ އުފުލާލައި އަވިކް ތުންފަތް ޖައްސާލިހިނދު ނޭވާ ނުލެވިފައި އޭނާ އިރުކޮޅަކު އިނެވެ.
"ހިނގާ ކާން! ވަރަށް ބަނޑުހައިވެއްޖެ." ނަޒްލާ އެގޮތުގައި އިންނަން ދޫކޮށްލައިފައި އަވިކް ގޮނޑީގައި ލަތްގަނެލި ގޮތަށް އެއަތުން ބަނޑުގައިވެސް ފިރުމާލިއެވެ. ކާތަށި ތަކުގެ މަތި ނެގި ހިސާބުން ނަޒްލާގެ ޝައުޤުވެރިކަންވެސް އެއެއްޗެއްސަށް ހުއްޓުނެވެ. "ބައި ދަ ވޭ... ޔޫ ލުކް ވެރީ ބިއުޓިފުލް." ކެއުމުގެ ތެރޭން އަވިކް ކުއްލިއަކަށް ބުނެލިއެވެ. ނަޒްލާއަށް ވީ ގޮތަކީ އަތުގައި އޮތް ސަމުސާ ދޫކޮށްލެވުނީ ތަށި ތެރެއަށެވެ. އަވިކް ބަލައިލުމުން އޭނާ ނޫންކަމަށް ހެދެން ވެގެން ކުޑަކޮށް ކަރުކެހިލާފައި އަވަހަށް ކުރިއަށް ގެންދިޔައެވެ. އެކަމަކު ނަޒްލާއަށް ވީގޮތް އަވިކްއަށް ވިސްނުނެވެ. ދުރު ބަލައިލަމުން އެތުންފަތަށް ވެރިކޮށްލި ސިއްރު ހިނިތުންވުން އެކަމަށް ހެކިވިއެވެ.
ދެމީހުން ވަކިވީ އޭގެ ބައިގަޑިއެއްހާއިރު ފަހުން ނަޒްލާމެން ގޭ ގޯތިތެރެއިންނެވެ. ދަނީ ކަމުގައި ބުނެ ނަޒްލާ ކުޑަ ދޮރާއި ދިމާއަށް ގޮސް ހުއްޓުނުތަނާ އަވިކް ގޮވާލުމުން ހުއްޓެވުނެވެ. އޭނާ ބަލާލިއިރު އަވިކް ހުރީ ދޮރާށި ކައިރީ ހުއްޓުނު ގޮތަށެވެ. އެތަނަށް އަލިވާ ގޮތަށް ދިއްލާފައިވާ ބޮކީގެ އަލީގައި އަވިކްގެ މޫނު ސާފުކޮށް ފެނެއެވެ. "މީހުން ފާހަގަ ކުރާ ދުވަސްތަކަކީ އާންމުކޮށް މިއަންނަ އުފަންދުވަސް. އެނިވަރސަރީ ކަހަލަ ދުވަސްތައް. އެހުރިހާ ދުވަހެއް އެއްސައިޑުގަ ބާއްވާފަ މިރޭގެ ތާރީޚު އެއީ ހަމައެކަނި އަހަރެމެން ދެމީހުންގެ ހާއްސަ ރެއެއްގެ ގޮތުގައި ފާހަގަ ކުރަން އަހަރެން ނިންމައިފިން. އޭރުން އަހަރެމެން ކޮންމެތާކު ހުއްޓަސް އެކަކު އަނެކަކު މަތިން ހަނދާނެއްގެ ގޮތުގައި މިތާރީޚު ވެގެން ދާނެ." އަވިކްގެ ޖުމްލަތައް ނަޒްލާގެ ހިތާއި ކުޅެލާފައި ލޮލުގައި އަނެއްކާވެސް ކަރުނަ ހިންގާލިއެވެ. އޭނާ ހިނިތުންވެލި ގޮތުން އަވިކްއަށް ވިސްނުނެވެ. ރޭގަނޑުގެ ސަލާމް ކޮށްލާފައި އޭނާ އެނބުރި ލުމުން ނަޒްލާވެސް އަވަހަށް ކޮޓަރިއަށް ވަދެ ދޮރު ލައްޕާލިއެވެ.
ހަވީރު އަވިކްމެން ފުރާ ވާހަކަ ބުނުމުން ސަޢީދާ ހެނދުނު ހެނދުނާ މަސައްކަތް ފަށައިފިއެވެ. އާންމުކޮށް ކޮންމެ ދުވަހަކު ދޭ ކެއުމާއި އެދުވަހުގެ ކެއުން ތަފާތު ވާނެ ކަމުގައި ބުނަމުން ނަޒްލާގެ ފަރާތުންވެސް ހުރިހާ ކަމަކަށް އެހީ ހޯދިއެވެ. މެންދުރު ނަމާދުން ފައިބަން ވާއިރަށް ތައްޔާރު ކުރި ކެއުން މޭޒުމަތީ ތައްޔާރު ކޮށްގެން ނަޒްލާ އިނދެފައި ބޭރަށް ނިކުމެލީ މަންމަ ގޮވާލި އަޑަށެވެ. އޭނާ ނިކުތްއިރު ގޭގެ ދޮރާށިން ވަދެގެން އައި އަވިކް އާއި ޒާހިދު އެކަކު އަނެކަކަށް ބަލައިލީ ބީރަތްޓެހި ލޮލަކުންނެވެ. "ކާކު ޒާހިދުއަށް ދައުވަތު ދިނީ؟" ނަޒްލާގެ ހިތް ތެޅިގަތުމާއެކު ބުނެލެވުނެވެ. "މަންމަ." އަޑު އިވޭ ހިސާބުގައި އެމަންޒަރު ބަލަން އިން ނުހާ އެވަގުތު ޖަވާބު ދިނެވެ.