ގެއަށް އައި މަގުމަތީގައި ނަޒްލާގެ ހިމޭންކަން ފާހަގަ ވެގެން މުއުމިނާވެސް ސުވާލު ކޮށްލި އެވެ. ނަޒްލާގެ ޖަވާބަކަށް ވީ ވަރުބަލި ވެފައި ހުރުމުން ނިދި އަންނަ ވާހަކައެވެ. ދޮރާށިން ވަންއިރު ސައީދާ އުޅެނީ ގޯތިތެރޭ އޮތް އަވިކޮޅުގައި ސަތަރިއެއް ފަތުރައިގެން އޭގެ މަތީ ކަނަމަދު އޮށް އަވީލާށެވެ. ނަޒްލާގެ ފިޔަވަޅު އަޑަށް އެނބުރި ބަލައިލާފައި އޭނާ ހިނދުކޮޅަކަށް އަތުގެ ހަރަކާތް މެދުކަނޑާލިއެވެ. "ނަޒްލާ ތިއައީ ދޯ. ދޮންދަ ނަޒްލާ ހޯދަންވެގެން އައިސް އުޅެފަ އެދިޔައީ." ސައީދާ ނަޒްލާގެ މޫނަށް ބަލައިލަމުން ވާހަކަދެއްކިއެވެ. އިސްއުފުލައި މަންމަގެ މޫނަށް ބަލައިލި ނަޒްލާ ހަމައެކަނި ބޯ ޖަހައިލާފައި އެތެރެއަށް ވަދެގެން ދިއުމުން ސައީދާވެސް އަނެއްކާ މަސައްކަތަށް އެނބުރިއްޖެއެވެ. ނަޒްލާ ފެންވަރާލައިގެން ނިކުމެ ނަމާދު ކޮށްފައި ފުރަތަމަ ކަމަކަށް ދޮންދައާއި ބައްދަލު ކުރަން ދާން ނިންމިއެވެ. ދާދި ކައިރީގައި އެގެ ހުންނާތީ މާ ލަސްނުވެ އެނބުރި އާދެވިދާނެއެވެ. އެހެންނޫނަސް ދޮންދަ އެވަރަކުން ހޯދަން އައި ސަބަބެއް އޮޅުން ނުފިލުވައި އޭނާ ކާން އިންނަ ހިތެއް ނުވިއެވެ.
ފެނުގެ އަސަރު ހުރި އިސްތަށިގަނޑުގައި ފުނާއަޅަން ނުހަދައި ހުޅިއެއް ޖަހާލައިގެން ނިކުތް ނަޒްލާ މަންމަގެ ހުއްދަ އަތުލައިގެން މަގުމައްޗަށް ނިކުތެވެ. މެންދުރުގެ އެންމެ ހޫނުގަދަ ގަޑީގައި މީހުންވެސް ފެންނަނީ މަދުންނެވެ. ނަޒްލާ ގޮސް އެގޭ ފޫޓުން އެތެރެވީއިރު ނުހާ ގޯތިތެރޭ ހުރި އަނބު ގަސް ދޮށުގައި ތުއްތު އަނާންއަށް ކޮންމެވެސް އެއްޗެއް ކާންދޭން އިނީ ޖޯލިފަތީގައެވެ. ނަޒްލާ ފެނުމުން ދެމައިންގެ މޫނު އުޖާލާވެގެން އައެވެ. "ދޮންދަ ކީއްކުރަންތަ އަހަރެން ހޯދަން ދިޔައީ؟ މަންމަ އެހެން ބުނީމަ ސުކޫލުން އައި ގޮތަށް ފެންވަރާލައިގެން ފުރަތަމަ މިއައީ މިގެއަށް." ނަޒްލާ ވާހަކަ ދައްކަމުން ގޮސް ޖެހިގެން ހުރި ހުސް ޖޯލީގައި އިށީންދެފައި އަނާންގެ ކުޑަ އަތްތިލައިގައި ހިފަހައްޓާލިއެވެ. "އަންނަގޮތަށް ކާންއުޅެފާނެތީ އެހެންވެ އެކުން ދިޔައީ. ގުޅަން ބަލާލިއިރު ފޯނުގަ ނެތް ރުފިޔާއެއް. ކައިގެންތަ ތިއައީ އަނެއްކާ؟" ނުހާ އޮޅުންފިލުވައިދެމުން ކުއްލިއަކަށް އަހާލިއެވެ. "ނޫނޭ. ނުކަން. އަނެއްކާ ކޯއްޗެއް ތައްޔާރުކުރި ދުވަހެއް؟" ނަޒްލާ ޝައުޤުން ފުރިފައި އުފާވެރި ގޮތަކަށް ހިނިތުންވެލިއެވެ.
ނުހާ ކައްކާ އެއްޗެހި އޭނާއަށް އަބަދުވެސް ވަރަށް މީރެވެ. "ދިޔައީމައެއްނު އިނގޭނީ. އަނޫ ހިނގާ ކުޑާ ގޮވައިގެން އެތެރެއަށް." ނުހާވެސް ހީލައިފައި ކޮޅަށް ތެދުވިއެވެ. އަނާން ޖޯލިން ފައިބާފައި އަވަހަށް ނަޒްލާ އަތުގައި ހިފާލިތަން ފެނުނެވެ. އެދެއަންހެން ކުދީންނަށްވުރެ ކުރީގައި ހުރެގެން ނުހާ ގޮސް ކާކޮޓަރިއަށް ވަނެވެ.
"މިއަދު ޝާމިންގެ ރަތްޓެއްސަކު އައިސްގެން ގަދަޔަށް ކައްކާލީ." ނަޒްލާ އިށީނުމުން ހުސް ތައްޓެއް ފޯރުކޮށްލަ ދީފައި ތަށިތަކުގެ މަތި ނަގަމުން ނުހާ ކިޔައިދިނެވެ. ވައްތަރުތައް ގިނަވެ ނަޒްލާ ފުރަތަމަ އިނީ ކާންވީ އެއްޗެއް ނުނިންމިފައެވެ. "ނަޒޫ ހޯދަން ގެއަށް ދިޔަތަނާ މަންމަ ބުނި ސާމަތުގެ އަހަންމަދު ޕޮލިހަށް ގެންދިޔަ ވާހަކަ." އަނާން އިތުރަށް ނުކާންވެގެން އުޅެން ފެށުމުން ތުން ދޮއްވާފައި ކުޅެން ފޮނުވާލި ގޮތަށް ނުހާ އެނބުރުނީ އަނެއްކާވެސް ނަޒްލާ އާއި ދިމާއަށެވެ. އޭނާ ކުރިމަތިން ހުސް ގޮނޑިއެއް ދަމާލައިގެން ނަޒްލާ ކާތަން ބަލަން އިނެވެ. ނުހާގެ ވާހަކަ އަހައިގެން އޭނާ ހަމައެކަނި ބޯ ޖަހާލިއެވެ. ވިސްނަން އިރުކޮޅަކު އިނދެފައި ނުހާވެސް ދެއްކީ މުއުމިނާ ދެއްކިފަދަ ވާހަކަ ތަކެކެވެ. ނަޒްލާގެ ހިތަށް މުއުމިނާގެ ހިޔާލު ވަދެފައި ހޮސްޕިޓަލު ތެރެއިން އިވުނު ވާހަކަތައް އަލުން ހިތަށް ވަނެވެ.
"ކިހިނެތްވީ؟ ކަމުނުދަނީތަ؟" ނަޒްލާ ކުއްލި އަކަށް ސަމުސާ ތަށިތެރެއަށް ދޫކޮށްލިތަން ފެނިގެން ނުހާއަށް އަހާލެވުނެވެ. ޖަވާބު ދިނުމުގެ ބަދަލުގައި ނަޒްލާ އެވަގުތު ދެއުޅަބޮށި މޭޒުގައި ވިއްދާލައިގެން އަތްތިލައިގައި ދަތްދޮޅި ވިއްދާލިއެވެ. އިސްޖަހައިލައިގެން އިންއިރު އެމޫނުގައިވި ހިމޭންކަން ދޭހަ ކޮށްދިނީ އެސިކުނޑީގައި ފުން ހިޔާލު ތަކެއް ދައުރުވަމުން ދިޔަ ކަމެވެ. ނުހާ އިންތިޒާރު ކުރީ ނަޒްލާ އެވާހަކަތައް ބޭރު ކުރާނެ ވަގުތަކަށެވެ. އޭނާ ބަލަން އިނދެފައި ތެދުވެގެން ގޮސް ނަޒްލާގެ ކައިރިއަށް ހުއްޓި ކޮނޑުގައި އަތް ޖައްސާލިއެވެ. "ދޮންދާ!" ނަޒްލާ އެސިކުންތުގައި ގޮވާލި ގޮތުން ނުހާ އަވަހަށް ހޫމ އަޅުވާލިއެވެ. "އަހަރެން ވާހަކައެއް އަހާލަންތަ؟" ނަޒްލާ މޫނު އަނބުރާލައިފައި ނުހާއާއި ހަތަރު ކަޅި ހަމަކޮށްލައިގެން އިނެވެ. "ދޮންދައަށް ހީވަނީ ކިހިނެތް؟ ނަޒްލާ މުޅިވާހަކަ ފުރިހަމަ ނުކޮށް އިރުކޮޅެއްގެ ހިމޭންކަން ގެނައެވެ. ނުހާ ކެތްތެރި ކަމާއިއެކު ބަލަން ހުރީ ނަޒްލާ ބުނަން އެއުޅޭ އެއްޗެއްގެ އިންތިޒާރުގައެވެ. އެވަރުން އޭނާއަށް ވިސްނުނެވެ. ނަޒްލާ ބުނަން އެއުޅެނީ ބޮޑު ވާހަކައެކެވެ.
"އަވިކް އަހަރެން މަތިން ހަނދާން ހުންނާނެތަ؟" ޖުމްލަ ފުރިހަމަ ކޮށްލިއިރު ނަޒްލާގެ ލޮލުގައި ވިދާލި ކަރުނަތައް އެންމެ ރީއްޗަށް ފައުޅުވިއެވެ. އެސުވާލަށް ކުއްލި ޖަވާބެއް ދޭން ނުހާ ޖެހިލުންވި ސަބަބަކީވެސް އެއީއެވެ. "ނަޒޫ!..."ނުހާ ޖަވާބު ދިނުން ލަސް ކުރަން ފެށުމުން ނަޒްލާގެ ހިތް ތެޅިގަތެވެ. ދޮންދަގެ ސީރިއަސް މޫނު އޭނާ ބިރުގަންނަވާލިއެވެ. "އަހަންނަށް ހީވަނީ ހަނދާން ހުންނާނެހެން." ޖުމްލަ ނިންމާލިއިރު ނުހާގެ ތުންފަތަށް ހިނިތުންވުމެއް ވެރި ކުރުވިއެވެ. "އޯހ ދޮންދާ. ތެންކިއު." އުފަލުން ފުރިގެން އައި ނަޒްލާ އަވަހަށް ނުހާގެ އަތުގައި ހިފާ ބާރުކޮށްލީ ނިކަން ލޯބިންނެވެ. ދޮންދަގެ ހިތުގައި އަދި އޮތީ ކޮންމެ އެއްޗެއް ކަމަށް ވިއަސް އެބަސްތަކުން އޭނާގެ އުންމީދު އާކޮށްދީފިއެވެ. "ކީއްވެ ކުއްލިއަކަށް އަވިކްގެ ވާހަކަ ތިއެހީ." ނުހާ ސުވާލު ކުރީ ނަޒްލާ އަލުން ކާންފެށި ފަހުންނެވެ. "މިއަދު އަހަރެން ހޮސްޕިޓަލަށް ގޮސްލިން. އެތަނުން އޮޅުންފިލީ އަވިކް މާމަ ގެއަށް ފޮނުވާލަން އުޅޭކަން. އެމީހުން ބުނީ މާމަގެ ހާލު އިތުރަށް ގޯސްނުވާތީވެ ރަށުން ބޭރުގަ ހުރި އެކަކަށްވެސް ނާންގަމޯ. އެހެންވެ އަވިކް ދެން ނާންނާނެއެއްނު." ނަޒްލާ ކިޔައިދިނެވެ. "ހޫމ. މިވަގުތަށް ނައިސް ހުރެދާނެ. އެކަމަކު ޗުއްޓީއަކަށް ނަމަވެސް އާއިލާ ކައިރިއަށް ނައިސް ހުންނާނެހެން ހިއެއް ނުވޭ." ނުހާގެ ހިޔާލު ހުރި ގޮތް އެނގުމުން ނަޒްލާ އިތުރަށް ހިތްހަމަޖެހުނެވެ.
އަޞުރު ނަމާދަށްފަހު އަވިކް ކުޑަކޮށް ނިދާލައިފައި ހޭލިއިރު ފަހެއް ޖަހައިފިއެވެ. އާފުރެމުން އޭނާ އެނދުން ފައިބައިގެން ފާޚާނާއަށް ވަންނަން ދަނިކޮށް އީމާ ދޮރު ހުޅުވާލިއެވެ. "އީމާ..." އަވިކް އީމާއަށް ގޮވާލިއިރަށް އަނެއްކާ އާ ފުރުނެވެ. "ދޮންބެ ހޭލީތަ؟ މަންމަ ބުނެގެން ސައިބޯން ހޯދަން މިއައީ؟" އީމާ ދެއުކުޅުގައި އަތްވިދެލައިގެން ހުރެފައި ވާހަކަ ދެއްކިއެވެ. "ހޫމ. މިދަނީ. ކޮއްކޮ ދޭ." އަވިކް އެދިޔަ ގޮތަށް ގޮސް ފާޚާނާއަށް ވަދެއްޖެއެވެ. އޭނާ ތައްޔާރު ވެލައިގެން ނިކުތްއިރު ސުދާ އަދި އިނީ ސިޓީންރޫމްގައެވެ. "އަވިކް ފޯނު މިއޮތީ ބޭރުގައެއްނު. މިކިޔާލްގެ ފޯނެއްވެސް އައި" ސުދާ އިޝާރާތް ކޮށްލީ ސޯފާމައްޗަށެވެ. އަވިކް އަވަހަށް އައިސް ފޯނު ނެގުމާއެކު ޗެކް ކޮށްލިއެވެ. ދެވަނަ ސިކުންތުގައި އޭނާ އެމޫނަށް ބަލަން އިން ސުދާއަށް ހިނިތުންވުމެއް ދައްކާލައިފައި ފުރޮޅުލީ ގޮނޑީގެ މުއްގަނޑުގައި ހިފައި ކާކޮޓަރިއަށް ދާން ދުއްވާލިއެވެ. އެމީހުނަށް ދެވުނުއިރު އީމާ މޭޒު ދޮށުގައި ސައިބޯން ތައްޔާރުވެފައި އިނެވެ. ހީނާ އަވަހަށް ތިން ޖޯޑަށް ކަޅު ސައި އަޅައި ކޮންމެ މީހެއްގެ އަތް ފޯރާފަށުގައި ބަހައްޓާލިއެވެ. "ދަރިފުޅާ އީމާ ކީއްވެތަ މިހާރު މާނީ މިގެއަށް ނުވަންނަނީ؟" ސުދާގެ ވާހަކަ އަހާފައި އަވިކް ނަގަ ނަގާ އިން ބަޖިޔާ ތަށިތެރެއަށް ވެއްޓިއްޖެއެވެ. އެއަޑަށް އީމާގެ ނަޒަރުވެސް އަވިކްއަށް ހުއްޓުނެވެ.
"މާނީއަށް އީމާގެ ދޮންބެވެސް ތައާރަފްކޮށްދޭން ވާނެއެއްނު." ދެބެން ކުރެ އެކަކުވެސް އަނގައިން ނުބުނެ ތިއްބާ ސުދާ އިތުރު ކޮށްލިއެވެ. އީމާގެ މޫނަށް ވެރިވި ކުލަ ފެނިގެން އަވިކް އަވަހަށް ކަރު ކެހިލައިފިއެވެ. އޭނާގެ މަޤްސަދަކަށްވީ އީމާ އެއްވެސް ވާހަކައެއް މަންމަގެ ކަންފަތާއި ހަމައަށް ފޯރުވިޔަ ނުދިނުމެވެ. "ހޫމ މަންމާ. އީމާ ފުރަތަމަ ދުވަހުން ފެށިގެން އެނީއެއްގެ ވާހަކަ އަބަދު ދައްކާތީ އަހަރެންވެސް މިހުންނަނީ އެކުއްޖާ އާއި ބައްދަލުކޮށްލާ ހިތުން." އަވިކް ބަޖިޔާގެ ކަނެއް ވަކި ކޮށްލައިގެން ކާލަމުން ނުހަނު ހަމަޖެހިފައި ބުނެލިއެވެ. އަވިކްގެ މިޖަވާބުން އީމާ ހައިރާންވިއެވެ. އެކަމަކު އެއްޗެއް ނުބުނެއެވެ. ސުދާ ކުރިމަތީ އަވިކް އެގޮތަށް ވާހަކަ ބެހެއްޓީ ކޮންމެވެސް ހިކުމަތަކުން ކަމުގައި އެޅަސިކުނޑިއަށްވެސް ފަހުމް ވެއްޖެއެވެ.
"އެހެންވީމަ މިރޭ ކެއުމަށް މާނީއަށް ދައުވަތު ދޭނަން." ސުދާ އިރުކޮޅަކުން ބުނެލިއެވެ. އަވިކް ވަރަށް ފަސޭހައިން ބޯ ޖަހާލިއެވެ. އީމާ ބަލަން އިނީ އަވިކްއަށެވެ.
އެނބުރި ގޮސް ކޮޓަރިއަށް ވަދެފައި މިކިޔާލްގެ ނަންބަރަށް ޑައިލް ކޮށްލަމުން އަވިކް ނިކުމެލީ ބެލްކަންޏަށެވެ. އެވަގުތު އޭނާއަށް މާނީ ފެނުނީ ފޯނު ކަންފަތުގައި ޖަހާލައިގެން ހުއްޓައެވެ. އަވިކް ފޯނު އިހަށް ކަނޑާލައިފައި މާނީ ދައްކާ ވާހަކައެއް އަޑު އަހާލުމުގެ ގޮތުން ރެއިލިންގައި ދެއަތް އަޅުވާލައިގެން ހުއްޓުނެވެ.
"އީމާ އެއީ އަހަރެންގެ ކުރިމަތީގަ އާދައިގެ ކުއްޖެއް ނޫނޭ ނައު. އެއީއެއްނު މައްސަލައަކީ. ކޮންމެ ގޮތެއް ވިއަސް އީމާ އާއި މީޓް ވާއިރު އަވިކް އާއި ކުރިމަތިލާން ނުޖެހި ނުދާނެ. އަޅެ އަހަރެން މޮޔަތަ؟" މާނީ ޖުމްލަ ނިންމާލައިފައި އަމިއްލައަށް ނިއްކުރީގައި ތަޅާލި ގޮތް ފެނިގެން އަވިކްއަށް މަޖާވިއެވެ. ކަކުލަށްވުރެ އިންޗިއެއްހާ ތަން މައްޗަށް ހުރި ސްކާޓް ކޮޅާއި ޓޮޕްގައި އަދި ކުރިއަށްވުރެވެސް މާނީ ޅަވައްތަރު ޖަހައެވެ. ކޮންމެ ސިފެއްގައި ހުއްޓަސް އެކޮށްލާ ޅަ ހަރަކާތްތަކުން ފެންނަ މީހަކަށް އެއީ ފުރާވަރުގެ ކުއްޖެކޭ ހިނުވާނެ ގޮތެއް ނެތެވެ. "އަހަރެން އެގެއަށް ނުދަންޏާ އަނެއްކޮޅުން ސުދާ ދައްތަ ހީކޮށްފާނެ އަހަރެން ރުޅީއޭ. އަމިއްލަ ގޭގައި ބައްޕަގެ ކައިރީގައިވެސް އިހްސާސް ނުކުރާ އަމިއްލަވަންތަކަން އަހަރެންނަށް ސުދާދައްތަ އާއި އީމާގެ ފުށުން އިހްސާސްވޭ. އެހެންވެ ބޭނުމެއް ނުވޭ އަހަރެންނަށް ކުރެވުނު ސްޓުޕިޑް ކަމަކާއި ހުރެ އެގުޅުން ކެނޑޭކަށް. އަޅެ ނައު ބުނެބަލަ އަހަރެން އަވިކް ކައިރިން މަޢާފަށް އެދުނިއްޔާ އެފިރިހެނާ މަޢާފު ކުރާނެތަ؟" މާނީ އެކުވެރިޔާ އާއި ސުވާލު ކޮށްފައި ހިމޭންވެލީ އެކޮޅުން ދޭނެ ޖަވާބެއްގެ އިންތިޒާރުގައެވެ. އަނެއްކޮޅުން އަވިކްގެ ހިތުގައިވެސް މާނީގެ އެވާހަކަތައް އަހައިގެން ފުރަތަމަ ފަހަރަށް ޝައުޤުވެރިކަން އުފެދުނެވެ. އޭނާގެ މަންމަ އާއި ކޮއްކޮ އެހާ މުހިންމުވެގެން އެއުޅެނީ ރާއްޖޭގެ އެންމެންގެ ލޯބިއޭނާއަށް ނުފުދެނީ ހެއްޔޭ ހިތަށް އެރިއެވެ. "އޯލްރައިޓް ދެން. އަހަރެން ގޮސް ބުނާނީ މަޢާފު ކުރާށޭ. ހޫމ. ނައު ތިބުނިހެން ހުރިހާ ކަމެއް ކުރާނީ. މިވަގުތު ދެން ބާއްވަނީ. ބައި." މާނީ ފޯނު ކަނޑާލައިފައި އެނބުރިލުމާއެކު އަވިކް ފެނިއްޖެއެވެ. ސިއްސައިގެން ގޮސް ހަށިގަނޑު އެކީ ތެދުކޮށްލުމާއެކު އޭނާ ހުރީ ލޯވެސް ބޮޑުކޮށްލައިގެންނެވެ.
"ހީވޭ އަހަރެންގެ ނަން އިވުނުހެން." އަވިކްގެ ތުންފަތަށް ވެރިވާން އުޅުނު ހިނިތުންވުން ކޮންޓްރޯލް ކޮށްފައި ބުނެލިއެވެ. މާނީ ކޮންމެވެސް އެއްޗެކޭ ބުނެ އެވާހަކަ ދޮގު ކުރަމުން ޒުވާބުގަނޑެއް ފަށާނެ ކަމަށް ހިތާ ހުއްޓާ ފެނުނީ މުޅިން އެހެން މަންޒަރެކެވެ. ބަލަން ހުރެފައި މާނީ ކުއްލިއަކަށް ދެއަތުން މޫނު ފޮރުވައިލީއެވެ. "އަޅެ ޕްލީޒް މީ ހޭލާ ހުއްޓާ ފެންނަ ހުވަފެނަކަށް ވާތި. އަވިކް މިވަގުތު ނުހުންނާނެ އަހަރެން ފެންނަ ހިސާބަކު. އަބަދު އޭނަ ވާހަކަ ދައްކާތީ ހީވެގެން އުޅޭ ގޮތެއް މީ. ޔެސް ޔެސް. ބީ އެ ޑްރީމް. ބީ އެޑްރީމް! ޕްލީޒް ޕްލީޒް ބީ އެ ޑްރީމް!" ތަސްބީހައެއް ކިޔަވާލިހެން މާނީ އަމިއްލައަށް އެބަސްތައް އަމުނާލައިފައި ދެއަތްތިލަ މޫނުން ވަކިކޮށްލިއިރު އަދި ހުރީ ލޯ މަރައިގެންނެވެ. އަވިކް ހިނި އަންނަ ގޮތް ވެފައި ހުއްޓާ މާނީ ފުރަތަމަ އެއްލޯ ހުޅުވައިލާފައި ސިހިގެންދާ ގޮތަށް އަނެއް ލޯވެސް ހުޅުވާލިއެވެ. "ހުވަފެނެއް ނޫން މީ. އަހަރެން މިހުރީ ރަނގަޅަށްވެސް ފެންނަ ހިސާބުގައި." އަވިކްއަށް މާނީގެ ވާހަކަތައް ސާފުކޮށް އިވުނުކަން އަންގާލަން ވެގެން ބުނެލިއެވެ.
"އޯހ ޝިޓް." މާނީ އެވަގުތު މޫނު ކުނިކޮށްލައި ބޮލުގައި ދެއަތުން ހިފަހައްޓާލި ގޮތަށް ދޮރުން ކޮޓަރިއަށް ދެމިގެންފިއެވެ. އަވިކްގެ ހިނިގަނޑު ކޮންޓްރޯލުން ނެއްޓި ހިސާބަކީ އެއީއެވެ. އޭނާ ހެމުން ހެމުން ގޮސް ބަނޑުގައިވެސް ހިފަހައްޓާލެވުނެވެ.
މާނީއަށް ސުދާ ގުޅީ އެރޭ އިރު އޮއްސުނު ފަހުންނެވެ. ޖެހިލުންވި ނަމަވެސް މާނީ އެދައުވަތު ޤަބޫލު ކުރީ ކުރިއްސުރެވެސް އެގޮތަށް ރާވާފައި އޮތީމައެވެ. އަވިކްއަށް އަދި އޭނާގެ ވާހަކަ އިވިފައި އޮތަސް ރާވާފައި އޮތް ގޮތަށް ކަންކުރަން އޭނާ ހުރީ އަޒުމް ކަނޑައަޅައިގެންނެވެ.
ސުދާ ބުނެފައި އޮތް ގަޑިއަށް މާނީ އައެވެ. ބެލް ޖަހައިލުމުން އަވިކް ސިޓިންރޫމް ސޯފާގައި އިނދެފައި އެދިމާއަށް މޫނު އަނބުރާލިއެވެ. މާނީ އެތެރެއަށް ވަދެފައި ފުރަތަމަވެސް ހިފަހައްޓާލީ ހީނާ ފަހަތުން ހުރި އީމާ އަތުގައެވެ. ހުދު ކުލައި ކަކުލާއި ހަމައަށް އަންނަ އަތް ކުރު މެކްސީ ގައި އޭނާ ރީތި ވާހަކަ އީމާ ބުނެލުމުން ނިކަން ބޮޑަށް ހިނިއައިސް އީމާގެ ކޮލުގައި ބޮސްދިނެވެ. އެކަމަކު ތެދުވެ ހިންދެމިލިހާއިރުން އަވިކް ފެނިގެން އެމޫނުގައިވި އުފާވެރިކަން ވަޅު ޖަހައިފިއެވެ. "މާނީ. އަވަހަށް އާދޭ! މީ އަހަރެންގެ ދޮށީ ދަރިފުޅު. އަވިކް. އީމާގެ ދޮންބެ." ސުދާ ސޯފާގައި އަވިކް ކައިރީ އިނދެފައި މާނީ އައިސް ހަމަވުމުން ވާހަކަދެއްކިއެވެ. އެވަގުތު އަވިކް އާއި ހަތަރުކަޅި ހަމަކޮށްލި މާނީ ގަދަކަމުން ހިނިތުންވެލިއެވެ. "ހައެ!" އަވިކް ހަމަ ގަސްތުގައި މާނީ ތަޅުވާލަން ވެގެން ސަލާމަށް އަތް ދިއްކުރިއެވެ. އެވަގުތު އެކަޅު ދެލޮލުން އަވިކްއަށް ކަންބޮޑުވުން ފެނުނެވެ. "ހައި!" މާނީ ސަލާމްކޮށްލިއިރު އަތްތިލަ ފިނިކަމުން އަވިކްވެސް ހަމްދަރްދީވިއެވެ. އައިސްކިއުބެއް މުށަށްލައި ބާރުކޮށްލެވުނުހެން އޭނާއަށް ހީވިއެވެ.
ގިނައިރެއް ނުވެ ހީނާ ކާން ހެދުނު ވާހަކަ ބުނުމުން އެންމެން އެކުގައި ދިޔައެވެ. މާނީ އާއި އޭނާގެ އާއިލާ ގުޅުން ބަދަހިކަން ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އަވިކްއަށް ފާހަގަ ކުރެވުނެވެ. އީމާ އަބަދު މާނީގެ ވާހަކަ އެދައްކަނީ ސަބަބެއް ނެތިއެއް ނޫނެވެ. މާނީ އުޅޭ ގޮތުން ހީވަނީ އީމާ އެއީ އޭނާގެ ކޮއްކޮ ހެންނެވެ. އަދި ސުދާއާއި ވާހަކަދެއްކުމުގައި އަމިއްލަ މަންމަ އާއި މުޚާތަބު ކުރާ ފަދައެވެ. އަވިކް ހިމޭނުން ހިނިތުންވެފައި އިން ނަމަވެސް މާނީއަށް ލަނޑެއް ދޭނެ ގޮތަކާއިމެދު އައީ ވިސްނަމުންނެވެ. އެކަމަކު އޭނާގެ ހިތުގައި މިހާރު ކުރިން އޮތް ރުޅިއެއް ނެތެވެ. މާނީގެ ޅަ އަދާތައް ދެެކެފައި ވީނުވީއެއް ނޭނގި އެރުޅިގަނޑު ކޮންމެވެސް ދިމާއަށް އުދުހި ހިނގައްޖެއެވެ.
"އީމާ ދޭބަލަ ދޮންބެގެ ފޯނު ގެނެސްދޭން! އޮންނާނެ ކޮޓަރީގަ." ސުދާ ކެއުން ނިންމާފައި ހީނާއެކު ނިކުތުމުން އަވިކް ވާހަކަދެއްކިއެވެ. އޭނާގެ ބޭނުމަކީ އީމާވެސް އެތަނުން ފޮނުވާލުމެވެ. އަވިކް ނެޕްކިން ނަގައި ތުން ފުހެލާފައި ބޭއްވިގޮތަށް އިތުރު ފެންތައްޓެއް އަޅަން ވެގެން ކޮޅަށް ތެދުވިއެވެ. މާނީ ފާޑަކަށް އިނދެފައި އެސްފިޔަތައް އުފުލައިލީއިރު އަވިކް ހުރީ ކުރިމަތީ ބަލަހައްޓައިގެންނެވެ. "އަވިކް!" މާނީ އެނަން ކިޔާލިއެވެ. "ހޫމ.." އަވިކް ހޫމ އަޅުވާލައިފައި ދުރު ބަލަން ހުރެގެން ފެންތަށީގައި ތުންޖަހައި ބޯން ފެށިއެވެ. ދެއަތް ދެއަތާއި ކުޅެމުން މާނީ އެމޫނަށް ބަލަން އިނދެފައި ދެވަނަ ފަހަރަށްވެސް އެނަމުން ގޮވާލިއެވެ. "އަހަރެން މަޢާފަށް އެދުނިއްޔާ މަޢާފު ކުރާނަންތަ؟" މާނީގެ ސުވާލު ނިމުމުން އަވިކް ކުއްލިއަކަށް ފެންތަށި ދުރުކޮށްލައިފައި ބަލާލި ގޮތުން އޭނާއަށް ހީވީ ބުނެވުނު ގޮތް ކަމުނުދިޔައީ ކަމަށެވެ. "މިބުނީ އޭރުން އަހަރެން ކުރި ކަންތައްތައް ހަނދާން ނައްތާލާނަންތަ؟" މާނީ އާދޭސް ކުރާ ރާގަކަށް އިތުރު ކޮށްލިއެވެ. "އަޅެ މަޢާފަށް އެދިބަލަ ވާގޮތް ބަލައިލަން." އަވިކްގެ ޖަވާބު ހުރީ މާނީގެ ވާހަކަ އާއި އެންމެ ގުޅޭ ގޮތަށެވެ. ސީރިއަސް ކުލަ ދައްކައިގެން ހުރެފައި އޭނާ ތަންކޮޅެއް ކައިރިއަށް އައިސް ހުއްޓުނެވެ.
މާނީ ފުން ނޭވައެއް ދޫކޮށްލައި އަމިއްލަ ނަފްސް ހަމައަކަށް އަޅުވާލައިފައި ތެދުވިއެވެ. މޭޒުމަތީ އޮތް ޕާސްނަގައި ދެއަތުން ބާރަށް ހިފަހައްޓާލީ ވާހަކަ ދެއްކުމަށް އިތުރު ހިތްވަރެއް ދޭ ކަހަލަ ގޮތަކަށެވެ. ދާދި ކައިރީގައި ހުރި އަވިކްގެ މޫނަށް ބަލައިލަމުން އޭނާ އެންމެ ފަހުން "ސޮރީ" އޭ ބުނެލައިފިއެވެ. އިސާހިތަކު އަވިކްގެ ސީރިއަސް މޫނަށް ލާނެތް ހިނިތުންވުމެއް ވެރިވެގެން އައެވެ. މާނީއަށް އެކަން ފާހަގަ ވެގެން ސުވާލު އުފެދިފައި ހުއްޓާ އަވިކް ޖެހިލީ ހައްތަހާ ކައިރިއަށެވެ. އަދި މާނީ ތަޅުވައިލަން އުޅޭ ފަދަ ގޮތަކަށް އެމޫނާއި މޫނު ކައިރިކޮށްލިއެވެ. "އެޕޮލޮޖީ އެކްސެޕްޓެޑް." ކަންފަތުގައި އަވިކްގެ ޖުމްލަ ޖެހުނު ހިނދު މާނީ ހިނިތުންވެލިތަނާ މުޅި މޫނަށް ފިނިވެގެން ދިޔައީ އަވިކް އަތުގައި ހުރި ފެންތަށި ކުއްލިއަކަށް ޖަހާލުމުންނެވެ. "އަައުޗް!" ތެޅިގަނެފައި އޭނާއަށް ބުނެލެވުނެވެ. ދެލޯ ބޮޑުކޮށްލެވުމާއެކު މާނީގެ އަނގަވެސް ހުޅުވުނެވެ. "މަޢާފު ކުުރުމުގައި މީ އަހަރެން ގެންގުޅޭ ސްޓައިލް." އެއްޗެއް ނުބުނެވިފައި މާނީ ބުދެއްހެން ހުއްޓާ އަވިކް އޭނާގެ ކަންފަތް ދޮށުގައި ސިއްރެއް ބުނެލާފައި ގޮސް ކާކޮޓަރިން ނިކުމެއްޖެއެވެ.