"ކާކު ޒާހިދުއަށް ދައުވަތު ދިނީ؟" ނަޒްލާގެ ހިތް ތެޅިގަތުމާއެކު ބުނެލެވުނެވެ. "މަންމަ." އަޑު އިވޭ ހިސާބުގައި އެމަންޒަރު ބަލަން އިން ނުހާ އެވަގުތު ޖަވާބު ދިނެވެ.
"އަޅެ އަހަރެން ހިތަށްއަރާ މަންމަ ކޮން ކަމެއްގެ ބަދަލެއްބާއޭ އަހަރެން ކިބައިން އެހިފަނީ؟" ނަޒްލާ އެމީހުންނަށް ނުފެންނާނެހެން ފުރަގަސްދީފައި އަނގައަށް ވައްތަރެއް ޖައްސާލިއެވެ. "ވެދާނެ ނަޒޫ ކުޑައިރު މަންމަ ގަޔަށް މާގިނައިން ޕުއްޕުލީކަމަށް." ނުހާ ހަށަން މޮހައިލާފައި ލެނގިލައިގެން ހުރި ދޮރުކަންޏާއި ދުރަށް ޖެހިލިއެވެ. "ދޮންދަ އަދިވެސް ޖޯކުދޯ ޖަހަނީ؟ ވަރަށް ހެއްވާ އިނގޭ." ނަޒްލާ ހިތްހަމަ ނުޖެހިފައި ހުރެ އެދިމާއަށް އައި މަންމަ އާއި ދެޒުވާނުންނަށް ބަލަން ފެށިއެވެ. ނުހާ ލުއި ހީލުމަކާއެކު މިސްރާބު ޖެހީ ގެއަށް ވަންނަން ދާށެވެ. މަންމަ އިޝާރާތް ކޮށްލިތަން ފެނިގެން ނަޒްލާ އަނެއްކާ އަނބުރާލައިފައި ވަދެ ތަށިތަކުގެ މަތި ނަގައި ކެވޭނެހެން ތައްޔާރު ކުރިއެވެ.
"ވިކް! ކޮބާ އީމާ؟ ސުދަދައްތަވެސް ނެތެއްނު؟" ނަޒްލާގެ ނަޒަރު ފުރަތަމަވެސް އަވިކްއަށް ހުއްޓާލަމުން ވާހަކަދެއްކިއެވެ. އޭނާ މޭޒުގެ ކޮޅުގައި ހުރި ގޮނޑި ދުރު ކޮށްލިތަނާ ސަޢީދާ ޒާހިދުއަށް އެދިމާއަށް ދާން އިޝާރާތް ކޮށްލިތަން ފެނިގެން އައި ރުޅި ޖެހުނީ އެކަނި މުށްކަވާލުމަކުން ނިންމައިލާށެވެ. އޭނާ އަވިކްއަށް "ވިކް"އޭ ކިޔައި މުޚާތަބު ކުރީވެސް ޒާހިދުއަށް އެދެމެދުގައި އޮތީ މާ ގާތް ގުޅުމެއްކަން ދޭހަ ވުން އެދިގެންނެވެ. "އެބަ އާދޭ އެމީހުން." އަވިކް ޖަވާބު ދީފައި އެއްފަރާތުގައި ގޮނޑިއެއްގައި އިށީންދެއްޖެއެވެ. "ހާދަ ވައްތަރު ގިނައޭ. ކޮން މުނާސަބާއަކާއި ގުޅިގެންތަ މިހާވަރެއް ކޮށްލާފަ މިއޮތީ؟" ޒާހިދު ނަޒްލާ ހުރި ދިމާއަށް މޫނު އަނބުރާލައި ކުޑަކޮށް އުފުލާލައިގެން އެހިއެވެ. "ވިކްމެން ފުރާތީ ފެއަރވެލް." ނަޒްލާ ދަތްކުނޑި ވިކާލީ ޖަވާބު ދީފައެވެ. ހިތް ބުނެލީ ހަމަ އެވަގުތުން ޒާހިދުގެ ދެލޯ ކޮނެލުމަށެވެ. އަވިކްއާއި ގުޅިގެން އޭނާ އެވަގުތު ހުރީ ފާޑެއްެގެ ކޫސަނި ރުޅިއެއް އައިއްސައެވެ. ތާކުން ތާކު ނުޖެހޭ މޮޔަ ހިޔާލުތައް ހިތުތެރޭ ބޮނޑިވަމުން އައީ އެހެންވެގެންނެވެ. އަދި ސަޢީދާވެސް ކަންތައް ކުރީ ނަޒްލާ އެންމެ ހިތްހަމަ ނުޖެހުނު ގޮތް ގޮތަށެވެ. އަވިކް ކުރިމަތީ ޒާހިދުއަށް ތަށްޓަށް އެއްޗެހި އަޅަން ބުނެދީ ޖޫސްއަޅައިދޭން ބުންޏެވެ. މަޖުބޫރުވެފައިވާ މީހަކު ފަދައިން ނަޒްލާ އެކަން ކުރިއިރު އެތެރެހަށީގައި ރޯވެފައިވާ އަލިފާންގަނޑު ހުޅުފަޅާލައިފައި ބޭރަށް ނިކުމެދާނެ ކަހަލައެވެ.
"މަންމަ ދެން ދޭބަލަ ސުދާދައްތަމެން ލަސްވަނީ ކީއްވެތޯ ބަލައިލަން." ނަޒްލާ މަންމަ ފޮނުވައިލާނެ ގޮތެއް ނޭނގިގެން ބުނެލިއެވެ. ސަޢީދާ އާއެކޭ ބުނެ ބޯ ޖަހައިލާފައި ނިކުމެގެން ދިއުމުން އޭނާ ހަމަޖެހުމުގެ ނޭވައެއް ލިއެވެ. އަވިކް އަދި އޭރު ކާން ނޫޅެ އިނީ ފޯނަށް އައި މެސެޖަކަށް ރިޕްލައި ކުރާށެވެ. "ވިކް ކޯއްޗެއް އަޅަނީ؟" ފުރުސަތު ލިބުމުން ނަޒްލާ އަވިކްގެ އެންމެ ކައިރީގައި ހުއްޓިލަމުން ބަތް ސަމުސަލެއް ތަށްޓަށް އަޅާލިއެވެ. ފޯނުން ނަޒަރު ވަކި ކޮށްލާފައި އަވިކް ހިނިތުންވެލިއެވެ. "ގެނޭ ފޯނު!" ނަޒްލާ ކުޑަކޮށް ތުންކޮޅު އޫކޮށްފައި އަވިކް އަތުން ފޯނު ޖަހައިގަނެގެން ބޭއްވީ ތަންކޮޅެއް ދުރުގައެވެ. އަވިކްގެ ތައްޓަށް އެއްޗެހި އަޅައި ދީ ނިމިގެން އޭނާ ބަލާލިއިރު ޒާހިދު ބަލާލިތަން ފެނިގެން ހިތަށް ފާޑެއްގެ ހަމަޖެހުމެއް ލިބުނެވެ. "މަޑުކުރޭ!" ލުއި ހީލުމަކާއެކު އަވިކް ކާންވެގެން ގަމީހުގެ އޮޅާފައިވާ އަތް މައްޗަށް ޖައްސާލަން އުޅެނިކޮށް ނަޒްލާ ދުވެލާފައި ގޮސް އަށިގަނޑުގައި ހުރި ސަމުސާ އަޅާ އެއްޗަކުން އުލަކާއި ސަމުސަލެއް ގެނެސް ދިނެވެ. އަވިކް ކޮންމެ އިރެއްގެ ކެއުމުގައި އުލާއި ސަމުސާ ބޭނުން ކުރާތަން އޭނާއަށް އޮތީ ފެނިފައެވެ. އިރުކޮޅަކުން ސުދާ އާއި އީމާ އެކު ސައީދާ އާއި އިހުސާނާ އައުމުން ނަޒްލާ ހުރީ ކުޑަކޮށް ދުރަށް ޖެހިލައިގެންނެވެ. ސުދާ ދައްތަ އާއި މަންމަ އެކަކު އަނެކަކާއި ގާތްކޮށް ވާހަކަ ދައްކާތާ ފެނުމުން ނަޒްލާ ހުރީ އުފާވެފައެވެ. މަންމަ އާއިމެދު އޭނާގެ ހިތް ލޯބިން ފުރުނެވެ. ހިތުގައި ކިތަންމެ ކިލަނބު ކަމަކާއި ޝަކުވާއެއް ވި ނަމަވެސް މަންމަ އެކަމެއް ނުދެއްކިއެވެ.
އަވިކް އާއި ޒާހިދު ދާދި އެކުއެކީ ނިންމާފައި ތެދުވިއެވެ. "ނަޒްލާ ދޭ ދުފާއެއްޗެހި ތައްޔާރު ކުރަން." ސަޢީދާ އަވަހަށް ދެން ކުރަންވީ ކަންތައް ބުނެދިނެވެ. ދެޒުވާނުންގެ ފަހަތުން ނިކުމެފައި ޖޯލިފަތީ ތިބެން ބުނަމުން ނަޒްލާ ގޮސް ވަނީ ގެއަށެވެ. ނުހާ އާއި އަނާންގެ ހުނުމުގެ އަޑު އޭނާއަށް އިވުނީ ކޮޓަރި ތެރެއިންނެވެ.
ޖޯލިފަތީގައި ދެމީހުން އިށީންދެލީ މެދަށް އެއް ޖޯލި ދޫކޮށްފައެވެ. އަވިކް އެވަގުތުވެސް ފޯނު ނަގައިގެން ކުޅެން ފެށިއެވެ. ޒާހިދު އެއްފަހަރު އަވިކްއަށް އަނެއްފަހަރު ނަޒްލާ ވަދެގެން ދިޔަ ދޮރާއި ދިމާއަށް ބަލާލައިފައި އިސްޖަހާލީ ވިސްނުމެއްގައި އިން މީހަކު ފަދައިންނެވެ. އިރުކޮޅެއް ނުވެ ނަޒްލާ ނިކުމެގެން އަންނާތީ ފެނުނީ ދުފާއެއްޗެހި ފަޅު ފިލުވާލެވިފައިވާ ކުޑަ ތަބަކެއް ހިފައިގެންނެވެ. ހުސްކޮށް ހުރި ޖޯލީގައި އޭނާ ތަބައް ބެހެއްޓުމުން ޒާހިދު ފުރަތަމަ ބިލެއް ކޮޅެއް ނަގައި މަތީގައި ފޯއް ފޮތިތަކެއް އަތުރައިލިއެވެ.
"ނެތްތަ ސުޕާރީއެއް؟" އަވިކް ފޯނުން ނަޒަރު ވަކި ކޮށްލާފައި އެހިއެވެ. "ހުންނާނެ ގޭގައި. އެބަ އަންނަން އިނގޭ." ނަޒްލާ ކުއްލިއަކަށް އެނބުރިފައި ދާން ހިނގައިގަތް ތަނުން އަވިކް ގޮވާލުމުން ހުއްޓިފައި އެނބުރުނެވެ. އެވަގުތު އޭނާގެ މޫނަށް ބަަލަން އިނީ އެކަނި އަވިކްއެއް ނޫނެވެ. ޒާހިދުވެސް ހަރަކާތް ހުއްޓާލައިފައި އޭނާއަށް ނަޒަރު ހުއްޓާލިއެވެ. "ހިނގާ އަހަރެންވެސް މިދަނީ." އަވިކް ތެދުވެފައި އައިސް އަހާލުމެއްވެސް ނެތި ހިފެހެއްޓީ ނަޒްލާގެ އަތުގައެވެ. ހައިރާންވެ ފިނިވެފައި އޭނާ ހުއްޓާ އަވިކް އެއަތަށް ދަމާލައިގެން ގެންގޮސް ގެއަށް ވަދެއްޖެއެވެ.
ގެއަށް ވަދެފައި ނަޒްލާ އަތުން ދޫކޮށްލި އަތްތިލަ އަވިކް ކޮށްޕައިލީ ޖިންސްގެ ޖީބަށެވެ. ނަޒްލާ އެވަގުތު ގޮސް އެތާހުރި ކަބަޑެއް ހުޅުވާލައިފައި ނެގި ދެ ސުޕާރީ ފެކެޓާއެކު އޭނާއާއި ކުރިމަތިވާ ގޮތަށް އެނބުރުނެވެ. "އަން!" ނަޒްލާ އަތް ދިއްކޮށްލުމުން އަވިކް ގޮސް ކައިރިއަށް ހުއްޓުނުއިރު ހުޅުވާފައިވާ ކުޑަދޮރުން ޒާހިދު ފެނުނީ އެދެމީހުނަށް ބަލަން އިންދައެވެ. "ކެން އައި ހަގް ޔޫ؟" އޭނާ ބަލައިލީ ސީދާގެ ނަޒްލާގެ ދެލޮލަށެވެ. "ހަނ!" ނަޒްލާއަށް ކުރެވުނުހާވެސް ކަމަކީ ދެލޯ ބޮޑުކޮށްލުމެވެ. ދެކޮޅު ހެދުމުގެ ގޮތުން އެއްޗެއް ނުބުނުމުން އަވިކް ހިނިތުންވެލިއެވެ. އަދި ބަސްބުނާހައި ހިނދުން ނަޒްލާ ގެނެސް އެއަތުތެރޭގައި ހައްޔަރު ކޮށްލައިފިއެވެ. "ކާއެއްޗެހި ވަރަށް މީރު. ވަރަށް ރަނގަޅަށް ކެވިއްޖެ. ތޭންކްސް ޓު ޔޫ." އަވިކް ނަޒްލާގެ ކަންފަތް ދޮށުގައި ބުނެލިއެވެ. ދެއަތްވެސް ހިއްލާލަން ނޭނގި ބުދެއްހެން ނަޒްލާ ހުއްޓާ އަވިކް ދުރަށް ޖެހިލާފައި އެނބުރި ދާން ހިނގައިގަތެވެ. ފެނުނީ ހުވަފެނެއް ނޫންކަން ޔަޤީން ކުރުމަށްޓަކައި ނަޒްލާ ވިކައިގަތީ އަމިއްލަ އަތުގައެވެ. ތަދުވިވަރުން ހަޅޭތްވެސް ލަވައިގަނެވުނެވެ. "ކިހިނެތްވީ؟" އަވިކް ކުއްލިއަކަށް އެނބުރި ބަލައިލިއެވެ. "ސުޕާރީ ބޭނުމެއް ނޫންތަ؟" ބުނާނެ އެއްޗެއް ނޭނގިގެން ނަޒްލާ ދައްކާލީ އަތުގައި އޮތް ސުޕާރީ ޕެކެޓެއެވެ. "އޯހ ސުޕާރީ ދޯ." އެނބުރި އައިސް ސުޕާރީ ޕެކެޓް ޖަހައިގެންފައި ނިކުމެގެން ދަމުން އަވިކް އެޕެކެޓް ކޮށްޕައިލީ ޖީބަށެވެ. ސަޢީދާ އޭރު އެހެން މީހުންނާއެކު ނިކުމެ ޖޯލިފަތި ކައިރިއަށް އަތުވެއްޖެއެވެ. "މިވަގުތު ދެން ގޮސްލަނީ އިނގޭ." އަވިކްއަށް ގޮސް ހުއްޓެވުނުއިރު ޒާހިދު ތެދުވެފައި ސައީދާގެ ހުއްދަ ހޯދީއެވެ. ސަޢީދާ އެއްބަސްވެ ބޯ ޖަހާލުމުން އޭނާ ތެދުވެފައި ބަލައިލީ އަވިކްއަށެވެ. ދެން އެއްވެސް އެއްޗެއް ނުބުނެ ގޮސް މަގުމައްޗަށް ނިކުމެއްޖެއެވެ.
"މިހާރު ޤަބޫލު ކޮށްފިން ނަޒޫ ބުނީ ތެދެއްކަމަށް." އަވިކްމެން ދިއުމުން ނަޒްލާ ކާގޭގައި ތަށިތައް ނަގަން ހުއްޓައި ނުހާ އައިސް ވަދެފައި ބުނެލިއެވެ. "ކޮން ވާހަކައެއް؟" ނަޒްލާ އާދައިގެ ގޮތަކަށް އަހާލިއެވެ. އޭނާ އުޅުނީ އަވަހަށް މަސައްކަތް ނިންމާލެވޭތޯއެވެ. "އަވިކް ނަޒޫދެކެ ލޯބިވާކަމަށް." ނުހާގެ ޖަވާބު އިވުމުން ނަޒްލާ ކުއްލިއަކަށް ދެލޯ ބޮޑުކޮށްލިއެވެ. "އަސްލުތަ؟" އޭނާ އެނބުރި ބަލައިލީ އަދި އެއްފަހަރު އެއަޑު އަހާލަން ބޭނުންވެފައި ހުރި މީހަކު ފަދައިންނެވެ. "ހޫމ. އަވިކްއަށް ކޮންމެވެސް ގޮތަކުން އެނގުނީ ޒާހިދު ނަޒޫ ފަހަތުން އުޅޭކަން. އެހެންވެ އޭނައަށް ދައްކަން ނަޒޫ ކައިރިކޮށްލި ގޮތް ބަލާބަ. އެހާ ވަރަކަށް ދެން މީހަކަށް އަނެކަކު ކައިރީ ބުނެވޭނީ އަމިއްލަ ހައްޤެކޭ." ނުހާ ހިނިތުންވެފައި ހުރެ ކިޔައިދިނެވެ. އެކަމަކު ނަޒްލާއަށް ވީ ގޮތަކީ އެވާހަކަ އިވިގެން ވީއުފަލަށްވުރެ ދޮންދައަށް އެމަންޒަރު ފެނުނުކަން އެނގިގެން ލަދުގަތީއެވެ. އޭނާ އަވަހަށް މަސައްކަތް ނިންމާލައިފައި ގެއާއި ދިމާއަށް ދުއްވައިގަތުމުން ނުހާ އިނީ ހީލަ ހީލައެވެ.
ގެއަށް އެނބުރި އައިސް ވަން އަވިކްގެ މިސްރާބަކަށް ވީ ކޮޓަރިއެވެ. އޭނާ ފޯނާއި ކުޅެމުން ސިޑިން އަރައިގެން ގޮސް އެނދަށް ވެއްޓިގަތެވެ. އޭރު އަލަމާރި ކައިރީގައި އޭނާގެ ދަބަސް ހުރީ ތައްޔާރު ކޮށްފައެވެ. ކުއްލިއަކަށް ފޯނު ރިންގް ވާން ފެށުމުން ބަލާލިއިރު މިކިޔާލްއެވެ. "ކީކޭ މިކިޔާލް؟" އަވިކް ފޯން ނަގާފައި އަހާލިއެވެ. "އޮންލައިންތަ؟" މިކިޔާލްވެސް ކޮށްލީ ސުވާލެކެވެ. "ނޫން. ކިހިނެތްވީ؟" އަވިކް ހައިރާންވެގެން އެހިއެވެ. "އޮންވެބަލަ. އިންނާނެ މެސެޖް ފޮނުވާފަ." މިކިޔާލް ޖަވާބު ދީފައި ހިނިގަނޑެއް ޖަހާލިއެވެ. އަވިކްއަށް އިތުރު އެއްޗެއް ނޭހި އުޅެނިކޮށް ދާންވެއްޖެ ކަމުގައި ބުނެފައި ފޯން ކަނޑާލައިފިއެވެ. ވިސްނާލައިފައި އަވިކް ނެޓަށް ވަންއިރު މެސެޖް ފޮނުވާފައި އިނީ ފޭސްބުކް އެކައުންޓަށެވެ. އަވިކް އެމެސެޖް ހުޅުވާލައިފައި ކުރިއަށް ވުރެވެސް ހައިރާންވިއެވެ. އެއީ މިކިޔާލް ފޮނުވާފައި އިން ވީޑިއޯއެކެވެ. ވީޑިއޯ ޕްލޭ ކޮށްލުމުން އެނގުނީ އެއީ ލަވައެއް ކަމެވެ.
"ހަނ!" އަވިކް ބަލަން އޮތްވައި މާނީ ފެނުމުން އެނދުން ތެދުވެވުނީ ބޭއިޚުތިޔާރުގައެވެ. "އަވަށްޓެރިޔާ" ގެ ނަމުން ނަންދީފައިވާ ވީޑިއޯ ލަވަ ފެށިގެން ނިމޭންދެން ފެންނަނީ މާނީ އޭނާގެ އަވަށްޓެރިޔާއަށް ލަނޑު ދޭ ތަނެވެ. އަވަށްޓެރިޔާ ދެކެ އޭނާ އަންނަ ރުޅިއާއި ކިޔާ އެއްޗެއްސެވެ. އެންމެފަހުން ނިމޭއިރު އަވަށްޓެރިޔާގެ ރޯލު ކުޅެފައި އިން ފިރިހެންކުއްޖާ އޮންނަނީ މަމީއެއްހެން މުޅިގައިގައި ބެންޑޭޖް އޮޅައި މަގުމަތީގައެވެ. "ދެޓް ގާރލް!....." އަވިކްއަށް ދަތްކުނޑި ވިކާލެވުނެވެ. މާނީގެ އެހާ ހިތްވަރު އެބަހުރި ހެއްޔޭ ހިތަށްއެރިއެވެ. ވަގުތުން އޭނާ ނިންމީ މާލެ ދެވުނުހާ އަވަހަކަށް އޭގެ ރައްދު ޖަވާބު މާނީއަށް ދިނުމަށެވެ.
ފުރުމާއިމެދު ގަޑި އިރަކަށް ވެފައި އޮތްވައި އާއިލާގެ އެންމެން ކަހަލަ ގޮތަކަށް މިޑޯވިއުއަށް އަތުވެއްޖެއެވެ. ކޮންމެ ގެއަކުންވެސް އެމީހުން ގެންދާނެ ކޮންމެވެސް ހަދިޔާއެއް ތައްޔާރު ކޮށްފައި ހުއްޓެވެ. ވަކި ވުމުގެ ވަގުތު ޖެހުމުން ސުދާ އިނީ ދެރަވެފައެވެ. އީމާ އެވަގުތުވެސް އާއިލާގައި ތިބި އެވަރުގެ އެހެން ކުދިންނާއެކު ކޮންމެވެސް ސަކަރާތެއް ޖަހައެވެ. އަވިކް ވަރަށް ގިނައިރު ވަންދެން އެންމެން ކައިރީ ސޯފާގައި އިނދެފައި ގެއިން ނިކުތީ ނަޒްލާ ދައްކައި ނުލީމައެވެ. މެންދުރު އަދި ދިމާވިއެއް ކަމަކު ފަހު ވަގުތު އޭނާ އާއި ބައްދަލު ކުރަން ނަޒްލާ އަންނާނެ ކަމުގައި އޭނާ އެހުންނަނީ އުންމީދު ކޮށްގެންނެވެ. އަތު ކުރީ އޮތް ގަޑިއަށް ކަޅިއެއް އެއްލާފައި ގޮސް ގޭޓާއި ހަމަވިތަނާ އިހުސާނާ އައިސް ވަންނަނީއެވެ. "ކޮންތާކަށް ތިދަނީ؟" އިހުސާނާ ހުއްޓިފައި އަހާލިއެވެ. "ނަޒޫ ނައިސްގެން ކޮބައިތޯ ބަލައިލަން." އަވިކް ޖަވާބުދިނެވެ. އިހުސާނާ އެހެން ހެއްޔޭ ބުނެލީ ނިކަން ބޮޑަށް ހެވިލާފައެވެ. އަވިކްއަށް އިހުސާނާގެ އެހަރަކާތުގެ ފަހަތުގައިވާ ސަބަބެއް ނޭނގިގެން ވިސްނައިލާފައި ގޮސް މަގުމައްޗަށް ނިކުތްތަނާ ގޮވާލައިފިއެވެ. އޭނާ އެނބުރި ބަލައިލިއިރު އިހުސާނާ ހުރީ ހުއްޓިއެވެ.
"ކޮންއިރަކުން ދެން އަހަރެމެންނަށް ސައިކޮޅެއް ލިބޭނީ؟" އިހުސާނާގެ ރާގުގައި ދިމާކުރާ ގޮތެއް ހުއްޓެވެ. ހަށަން ބަނދެލައިގެން އޭނާ އައިސް އަވިކް ކުރިމައްޗަށް ހުއްޓުނުއިރު އަވިކް ބުމަ އަރުވާލަނީއެވެ. "އަދިވެސް ނޭނގޭ ކަމަށްތަ ހަދަނީ؟ އަވިކް ހީކުރީ އަހަރުމެންގެ ހުންނަނީ މީދާކޭ އުނބެއް ކަަމަށް ދޯ." އިހުސާނާ މިއަދު ހުރީ ސަމާސަ ކުރާ މޫޑެއްގައިހެން ހީވެއެވެ. "ނޭނގެ ތިދައްކާ ވާހަކައެއް؟" އަވިކް ސީރިއަސް ވެލިއެވެ. "ނަޒޫ ބަލައި ފަހުން އަންނަނީތަ؟ ނޫނީ މާލެ ގެންގޮސްތަ ކައިވެނި ކުރަނީ؟" އިހުސާނާ ކުއްލިއަކަށް ބުނެލިއެވެ. އެއަޑު އަހާފައި އަވިކް އަވަސް އަވަހަށް އެތަކެއް ފަހަރު އެސްފިޔަ ޖަހާލިއެވެ. ދެވަނަ ސިކުންތުގައި ބާރަށް ހީގެންފިއެވެ. އިހުސާނާވެސް ހުރީ ހެވިފައެވެ. އޭނާ ހީކުރީ އޭނާއަށް އެނގިގެން އަވިކް އެހެނީ އެހެންވެ ކަމަށެވެ. "ކައިވެންޏަކީ ދެ ލޯބިވެރިންގެ ބަދަލުގައި ދެ އެކުވެރިންގެ މެދުގައި ކުރެވޭ އެއްޗަކަށް ބަދަލުވާ ދުވަހަކުން އަހަރެންވެސް ނަޒޫ އާއި ކައިވެނި ކުރާނަން." އަވިކް ޖީބަށް ދެއަތް ޖަހާލަމުން ބުނެލިއެވެ. "ތިވަރަށް އޮޅުވާނުލިއަކަސް ވެދާނެ. ދެންވެސް ސަވާބެއް ލިބެން އޮތްތާކަށް އަޒާބެއް ހޯދަން ތިއުޅެނީ ކީއްކުރަން." އިހުސާނާއަށް އަވިކްގެ ވާހަކަ ޤަބޫލެއް ނުކުރެވުނެވެ. އަވިކް މިފަހަރުވެސް ހީގަތުމުން އޭނާގެ މޫނަށް ހައިރާންކަން ވެރިވެއްޖެއެވެ.
"ސީރިއަސް ވާހަކައެއްތަ ތިބުނީ؟ ދެން އެެހެންވިއްޔާ ތީގެ މާނައަކީ ނަޒްލާ އަދިވެސް މީހަކާއި ނީނދެ އެހުންނަނީ ކަމުދާ މީހަކު ނުފެންނާތީއޭތަ؟ ނުވަ އަހަރުވަންދެން އަވިކްއަށްޓަކައި އޭނަ ކުރީ އިންތިޒާރެއް ނޫނޭތަ؟" އިހުސާނާ ހަށަން މޮހާލައިފައި ވާހަކަދައްކަމުން އަނެއްފަރާތަށް މޫނު އަނބުރާލިއެވެ. އެމޫނުން ފެނުނު ހައިރާންކަމާއި ކަންބޮޑުވުން ދެކިފައި ޚުދު އަވިކްވެސް ސީރިއަސްވެއްޖެއެވެ. "ނަޒޫތަ ތިހެން ބުނީ؟ މިބުނީ.. ނުވަ އަހަރުވަންދެން..." އަވިކް ބަލަން ހުރެފައި ވާހަކަދައްކަން ފެށިތަނާ އިހުސާނާ ބަލައިލުމުން އިތުރަށް ކުރިއަށް ނުގެންގޮސް ހުއްޓާލިއެވެ. ހިތުގައި ހައިޖާނު އުފެއްދި އެތައް ހިޔާލެއްގެ ސަބަބުން އަނގަމަތީ އަތް އަޅާލެވިއްޖެއެވެ. "ސޮރީ އަވިކް. އަހަންނަށް ހީވަނީ އަހަންނަށް އޮޅުނީހެން. ކުޑައިރު ހިނގި ހާދިސާ އަހަރެންނަށްވެސް އޮތީ އެނގިފަ. އޭގެފަހުން އަހަރެން މިގެ ބެލެހެއްޓިހާ ދުވަހު ނަޒްލާ އައިސް އުޅުނު ގޮތުން އަހަރެންނަށް ގޯސް އެއްޗެއް ވިސްނުނީހެން ހީވަނީ." އިހުސާނާގެ ހިޔާލު އެހެން މިސްރާބަކަށް ދަތުރު ކޮށްލިއެވެ. އޭނާ ހިނިތުންވެލީ މާހައުލުގެ ސީރިއަސްކަން ނައްތާލުމުގެ ގޮތުންނެވެ.
"ނަޒޫ އާދޭތަ މިގެއަށް؟" އަވިކްގެ ސަމާލުކަމަށް އައީ އިހުސާނާގެ ވާހަކައިން އެތަންކޮޅެވެ. "ނަޒޫ ވަރަށް ބިރުން އުޅެނީ އެގޭ މީހަކަށް އެނގިދާނެތީ. ވަރަށް ސިއްރުން އަންނަނީ. އެކަމަކު ކިތަންމެ ޖެހިލުންވިއަސް ގަވާއިދުން މިގޭގެ މަސައްކަތް ތަކުގައި އަހަރެންނަށް އެހީތެރި ވެދޭނެ. މިގޭގައި ހައްދާފައި މިއޮތްހާ މާގަސްތަކަކީ އަހަރެން ހެއްދި އެއްޗެއްސެއް ނޫނޭ އަވިކް. އެއީ ނަޒޫގެ މަސައްކަތް. އަހަރެން ހީކުރީ ނަޒޫގެ ހިތުގައި އަވިކް އާމެދު އެކުވެރިކަމަށްވުރެ ގާތް ގުޅުމެއް އޮތީމަ ކަމަށް އެގޮތަށް މިގެއަށް އެވަރުގެ ހާއްސަކަމެއް ދީގެން ބަލަހައްޓަނީ." އިހުސާނާގެ ޖަވާބު އަހާފައި އެންމެ ސިކުންތެއްވެސް ނަގާނުލައި އަވިކް ނިކުމެގެން ދިޔައެވެ.
ފެންވަރާލައިގެން ނިކުތް ނަޒްލާ ތުވާލިން އިސްތަށިގަނޑު ހިއްކަމުން އައިސް އިށީންދެލީ ލޯގަނޑު ކުރިމަތީގައެވެ. އޭނާގެ ނަޒަރު އެތާހުރި ސޯނާ ގަޑިއަށް ހުއްޓިފައި އަތުގެ ހަރަކާތް ހުއްޓުނެވެ. ތުވާލި، އިށީންދެ އިން ގޮނޑީގެ ލެނގޭބައިގައި އަޅުވައިލާފައި އޭނާ އިސްޖަހާލިއެވެ. ސިކުންތު ކޮޅެއްގެ ތެރޭގައި ދެލޮލަށް ޖަމާވެގެން އައި ތަން ފެނުނީ ބޮޑެތި ބޮޑެތި ކަރުނަ ތިކިތަކެވެ. ހިތްވަރު ކުރަން އުޅޭ ފަދަ ގޮތަކަށް ތުންފަތުގައި ދަތް އަޅާލައިފައި އޭނާ ވަތްގަނޑު ހުޅުވާލައިފައި އެތެރޭ އޮތް ފޮޓޯގަނޑެއް ނެގިއެވެ. "ފުރުމުގެ ކުރިން ދެކިލަން ވަރަށް ބޭނުން. އެކަމަކު ވަކިވެގެން ދާ މަންޒަރު ބަލަން ކެތެއް ނުވާނެ. މިހާރުވެސް ބިރުގަންނަން ފަށައިފި އަލުން ނުފެނިދާނެތީ." ނަޒްލާ އަތުގައި އޮތް އަވިކްގެ ފޮޓޯގަނޑައި އިނގިލިތަކުން ފިރުމާލަމުން ވާހަކަ ދެއްކިއެވެ. އިރުކޮޅަކުން ކޮންމެވެސް މީހަކު ދޮރު ހުޅުވާލިއަޑަށް އެނބުރި ބަލާލިއިރު އަވިކް ވަންނަނީއެވެ. އެވަގުތު ނަޒްލާގެ ދެލޯ ބޮޑުވީ އަވިކް އެކޮޓަރީގެ ދޮރު ތަޅުލިތަން ފެނިފައެވެ.
"ވިކް! ކީއްތިކުރީ؟" ނަޒްލާ އަވަހަށް ކޮޅަށް ތެދުވިއެވެ. "ނަޒޫ އަހަރެންނާއި ދޭތެރޭ ދެކެނީ ކިހިނެތް؟" އަވިކް އައިސް ހުއްޓުނުއިރު މޫނުގައިވީ ނަޒްލާ މީގެ ކުރިން ދުވަހަކުވެސް ނުދެކޭފަދަ ސީރިއަސް ކަމެވެ.
"ކޮބާ ތީގެ މާނައަކީ؟" ނަޒްލާ ހީލިއެވެ. "ހޭންވީއެއް ނޫން. އަހަރެން ކުރި ސުވާލަށް ޖަވާބު ދޭންވީ." އަވިކް އަންނަން ފެށީ ފިޔަވަޅަކަށް ފަހު ފިޔަވަޅެއް ކައިރިއަށެވެ. "އަހަރެން މިއަހަނީ އަހަރެންމީ ނަޒްލާގެ ކާކުހޭ؟ ކިހިނެތްހޭ އަހަރެންނާއި ދޭތެރޭ ދެކެނީ؟" އަވިކް އަނެއްކާވެސް ތަކުރާރު ކޮށްލިއެވެ. ނަޒްލާ ކަންބޮޑުވި ހިސާބަކީ އެއީއެވެ. އަވިކް އެކަހަލަ ސުވާލު ތަކެއް އެކުރަނީ ކީއްވެ ކަމެއް އޭނާގެ ސިކުނޑިއަކަށް ނަގައެއް ނުދިނެވެ. އެނގި ހުރެ އެގޮތަށް ވާހަކަ ދައްކަނީ ކީއްވެ ހެއްޔެވެ؟ އަނެއްކާވެސް މީ އޭނަ އިމްތިހާނު ކޮށްލަން ބޭނުން ކުރި އާ އުކުޅެއް ހެއްޔެވެ؟ ނޫނީ އަމިއްލަ ދުލުގައި އޮތް ވާހަކަ ފުރަތަމަ އޭނާގެ ފުށުން އަހަން ބޭނުން ވަނީ ބާވައެވެ؟ ދޮންދަ ބުނިހެން ލޯބި މިލަފްޒް ދުލާއި ހަމައަށް ގެންނަން އަވިކް އުޅެނީ ކަމަށް ވެދާނެއެވެ. އެކަމަކު އޭގެ ކުރިން އޭނާގެ ހިތް އޮތް ގޮތް އަދިވެސް ޔަޤީން ކުރަނީއެވެ. "ނަޒޫ އަހަރެން ރުޅި ނާރުވާ ބުނެބަލަ! ވާހަކަ ދައްކަބަލަ!" ނަޒްލާ ވިސްނުމަކަށް ގެއްލިފައި ހުއްޓާ އަވިކް އައިސް ދާދި ކައިރިއަށް ހުއްޓިފައި ބާރަށް ބުނެލުމުން ސިއްސައިގެން ދިޔައެވެ.
"ވިކްއަށް އެނގޭއިރު ކީއްވެ ތިއަހަނީ." ނަޒްލާ އިސްޖަހާލިއިރު މޭގަނޑު ރޫރޫ އަޅަނީއެވެ. އަވިކް އޭނާ ލައްވާ ލޯބިވާ ވާހަކަ ބުނުވަން އައި ކަމުގައި ވަންޏާ ދުވަސް ދިޔައީއެވެ. "ނޭނގޭތީ މިއަހަނީ." އަނެއްކާވެސް ހަމަ އެހަރުކަށި އަޑެވެ. ނަޒްލާގެ ހައިރާންކަން ވީ އިތުރެވެ. އަވިކް އެއުޅެނީ އޭނާއަށް ބިރުދައްކައިގެން ހިތުގެ މުރާދު ހާޞިލް ކުރަން ހެއްޔެވެ؟ އެހެންޏާ ދުވަހަކު ނުފެންނަ ކުލައެއް މިއަދު އެދައްކަނީ ކީއްވެ ހެއްޔެވެ؟
"ނަޒްލާ!" ބަލަން ހުރެލައިފައި އަވިކް ކުއްލިއަކަށް އަތުގައި ހިފާލުމުން ނަޒްލާ ސިހިގެން ދިޔައެވެ. "އައި ލަވް ޔޫ." އޭނާ އަތް ފޮޅުވާލައިފައި ދުވެ ގޮސް މޫނު ފޮރުވައިލީ އަލަމާރީގައެވެ. އޭގެ އެތައް އިރެއް ވީއިރުވެސް ޖަވާބެއް ނައުމުން ނަޒްލާ އެނބުރި ބަލައިލިއިރު އަވިކް ހުރީ އިސްޖަހައިގެންނެވެ. އެދެލޮލުން ކަރުނައިގެ އަސަރު ފެންނަން ހުރުމުން ނަޒްލާގެ ހިތް ތެޅިގަތެވެ.
"ކީއްވެ؟ ކާކު ބުނީ އަހަރެންނަށް ޓަކައި އެހެން ހުރިހާ ހުށައެޅުމެއް ޤަބޫލު ނުކުރާށޭ؟ ކާކު ބުނީ އަހަރެންނަށް ޓަކައި ނުވަ އަހަރު ވަންދެން އިންތިޒާރު ކުރާށޭ؟ ކާކު ބުނީ އަހަރެންގެ އިންތިޒާރުގައި ނަޒޫގެ މުޅި ލައިފް ތިގޮތަށް ބޭކާރު ކޮށްލާށޭ؟ ކާކު ބުނީ... ކާކުހޭ؟" އަވިކް ވާހަކަ ދައްކަން ފެށުމުން ނަޒްލާ ޤަބޫލު ނުކުރެވިފައި އަޑު އަހަން ހުއްޓާ އެންމެ ފަހުން ކާކުހޭ ބުނެ ހަޅޭތްލަވައިގަތް ލެއް ބާރު ކަމުން ތެޅިގަނެވުނެވެ. "އަހަންނަކަށް ނުވިސްނުނު." ހިމޭން ކަމާއެކު ނަޒްލާ ބުނެލިއެވެ. ވާނުވާ ނޭނގިފައި އޭނާ ހުރިއިރު ލޮލުގައި ކަރުނައިގެ އަސަރެއްވެސް ނެތެވެ.
"ވަކިވެގެން ދިޔަ ފަހުން އެންމެ މިނިޓެއް ނުދޭ އަހަރެން ނަޒޫ މަތިން ހަނދާން ނުކުރާ. އެންމެ ރެއެއް ނުދޭ ނަޒޫގެ ހަނދާނުގައި އަހަރެން ލޮލުން ކަރުނަ ނާންނަ. ކޮންމެ އަންހެން ކުއްޖެއްގެ މޫނުން ނަޒޫ ސިފަވީ. ކޮންމެ ކަމެއް ކުރިއަސް ނަޒޫ ހަނދާން ވަނީ. މާލޭގައި ކުޑަ ދުވަސްކޮޅެއް ކޮށްފައި އަހަރެން ދިޔައީ ބޭރަށް. އެކަމަކު އެތާގައިވެސް އަހަރެން ކިޔަވާ ހިތެއް ނުވި. އެއްވެސް ކަމަކާއި ގަޔައެއް ނުވި. އެކަކަށްވެސް ނޭނގޭނެ އަހަރެން އެހަނދާންތައް ހިތުން ފިލުވައިލަން ކުރި މަސައްކަތެއް. އެކަކަށްވެސް ނޭނގޭނެ އަހަރެން އެހާލަތުން އެނބުރި އަންނަން ކުރި މަސައްކަތެއް. އެހާ އުދަނގުލުން އަހަރެންނަށް ނަޒޫގެ އެކުވެރިކަން އަލުން ބަަލައިގަނެވުނީ. ދެން މިއަދު.... މިއަދު ނަޒޫ ތިހެން ބުނެގެން ކިހިނެތް އިންސާފަކަށް ވާނީ؟" މާޒީގެ ހިތި ހަނދާން ތަކުން ހިތަށް އަސަރު ކުރިވަރުން އަވިކްއަށް ބޮނޑި ބޭލުނީ ފާރަށެވެ. އެފާރުގައި އޭނާ ދެފަހަރު މަތިން ގޮށްމުށުގެ އެތިފަހަރެއް އަޅާލިއެވެ.
"ތީގެ މާނައަކީ އަވިކް އަހަރެންދެކެ ލޯބިނުވެއޭތަ؟ ދެން އެހެންވިއްޔާ ކީއްވެ ޒާހިދުއަށް ދައްކަން އަހަރެން ގައިގަ ބައްދާލީ؟ ކީއްވެ ޑޭޓް ނައިޓަކަށް ތިގެއަށް ގެންދިޔައީ؟ ކީއްވެ ބުނީ އަހަރެން ކައިރީ މާލެ ގޮސް އަންނަންދެން ވެއިޓް ކުރާށޭ. ފުރަތަމަ ދުވަހު އަހަރެން ދިމާވެގެން ހަޤީޤަތެއްކަން ޤަބޫލު ކުރަން ދަތިވިއޭ ކިޔައިގެން ދެއްކި ވާހަކަތަކުގެ މާނައަކީ ކޮބާ؟" ނަޒްލާގެ ހިތުގައި ބިންވަޅު ނެގިފައި ހުރި ފަހުގެ ހަނދާންތައް އާ ކުރަމުން އެސުވާލުތައް ކުރިއިރު ލޮލުން ކަރުނަ އަންނަން ތައްޔާރު ވެއްޖެއެވެ. "ނަޒޫގެ ހިތުގައި އެހެން އެއްޗެއް އޮތީމަ ވިސްނުންވެސް ތިހުރީ އެހެން ގޮތަކަށް. އަހަރެން ތިދެއްކި ހުރިހާ ވާހަކައެއް އަދި ހަރަކާތެއްވެސް ކޮށްފަ ހުންނާނީ ހަމައެކަނި އެކުވެރިއެއްގެ ހައިސިއްޔަތުން. ތެދު ތެދަށް ބުނަންޏާ އަހަރެން ހުރީ އުފާވެފަ. އުފާވެފަ ހުރީ ނަޒޫ އަހަރެންދެކެ ރުޅި ނައިސް ވާހަކަ ދެއްކީމަ. އެހެންވެ އަހަރެން ބުނީ ކުރިމަތިން މިފެންނަނީ ހަޤީޤަތެއްކަން ޤަބޫލު ކުރަން ދަތި ވާހަކަ. ސަޕްރައިޒް ވި ނުވަ އަހަރު ފަހުން އައިސް ނަޒޫ ކުރިމަތީ ހުރެވުނީމަ. އަދި ޒާހިދު ކުރިމަތީ އަހަރެން ކުރި ކަމެއްވެސް ކޮށްފަ ހުންނާނީ އެކުވެރިއެއްގެ ހައިސިއްޔަތުން. އަހަރެން ބޭނުމެއް ނުވޭ ނަޒޫ އެއްވެސް މީހެއްގެ ނުފޫޒުގަ ހިތް ނޭނދޭ މީހަކާއި ގުޅޭކަށް. ދެޓްސް އޯލް." އަވިކް ޖަވާބު ދިންއިރު ކުރިއަށްވުރެ މައިތިރި ގޮތެއް އަޑުގައި ހުއްޓެވެ. އޭނާގެ ހަރަކާތް ތަކާއި ބަސްތަކުން ނަޒްލާއަށް ނުބައި މެސެޖެއް ދެވުނުކަން އިހްސާސް ވުމުން ހިތަށް ތަދުވެއްޖެއެވެ.
"އެކަމަކު ދެން ޖެހޭނީ އަހަރެން ހިތް ނޭނދޭ ފަރާތަކާއި ގުޅެން. ހިތް އެދޭފަރާތް... އެއީ ލިބެން ނެތް ފަރާތެއްކަން އެނގިއްޖެ." ނަޒްލާ ބުނެލި އެއްޗަކުން އަވިކްއަށް ބަލާލެވުނެވެ. އޭނާއަށް ފެނުނީ ނަޒްލާ ލޯ ފުހެލި ތަނެވެ. ހިތުގައި ރިހެމުން ދިޔަ ނަމަވެސް ދެން އަލުން އަވިކް ކުރިމަތީ ރޯކަށް އޭނާ ބޭނުމެއް ނޫނެވެ. ދެމީހުންގެ ދެމެދުގައި އިތުރު ވާހަކައެއް ނުދެކެވި ގިނައިރު ވާން ފެށުމުން އަވިކް އަނބުރާލައިފައި ނިކުންނަން ގޮސް ދޮރާއި ހަަމައިން އަނެއްކާ ހުއްޓުނެވެ. "ނަޒޫ ހަނދާން އެބަހުރިތަ އެދުވަހު ވީ ގޮތް. ހަނދާން އެބަހުރިތަ އަހަރެން ފުރުމުގެ ކުރިން އަހަރެމެންގެ ފަހު ބައްދަލުވުން ކުރިއަށް ދިޔަ ގޮތް." އަވިކް ފުރަގަސްދީގެން ހުރެފައި ކުއްލި ހަނދާނެއް އާކޮށްލިއެވެ.
"އަހަރެން މިއަދު ލަދުގަނޭ އަވިކްތީ އަހަރެންގެ އެކުވެރިއެކޭ ބުނަންވެސް. މިއަދު އަވިކްގެ ސަބަބުން ހުރިހާ ކަމެއް މިވީ. އަވިކްގެ ސަބަބުން އަހަރެން މަންމަ އާއި ތިގޭ މީހުންގެ ގުޅުން އެކެނޑުނީ. އަވިކްގެ ސަބަބުން އަވިކްގެ ބައްޕަ އަހަރެން މަންމަ އާއި ދިމާއަށް އެހުރިހާ އެއްޗެއް ގޮވީ. އަހަރެން އަވިކް ކައިރީ ބުނެލަން އޮތީ އެންމެ ވާހަކައެއް. އެއީ އަހަރެން ދުވަހެއްގެ ކޮޅުންވެސް އަވިކްގެ ލޯބި ޤަބޫލެއް ނުކުރާނަން. އަހަރެން ދުވަހަކުވެސް އަވިކްގެ ލޯބިވެރިއަކަށް ނުވާނަން. ދުވަހަކުވެސް އަވިކްދެކެ އަހަރެން ލޯއްބެއް ނުވާނަން." ބަސްބުނާހައި ހިނދުން ނަޒްލާގެ ކަންފަތުގައި ގުގުމާލީ ފަހު ވަގުތު އޭނާ އަވިކް އާއި ދިމާއަށް ގޮވާލި އެތިވަރުތަކެވެ. ފުރުމުގެ ކުރިން އަވިކް ގޭ މީހުންނާއި ސިއްރުން ބައްދަލު ކުރަން އައިސް ދެވަނަ ފަހަރަށް ލޯބިވާ ވާހަކަ ބުނުމުން އޭގެ ޖަވާބު އޭނާ ދިން ގޮތެވެ. ކޮށްފައި ހުރި އަސަރާއެކު ހުރިހާ ކަމެއްގެ ޒިންމާ އެކަނި އަވިކް ބޮލުގައި އެޅުވި ހަނދާނެވެ.
"ހަނދާންވެއްޖެ ދޯ." އަވިކް ވާހަކަ ދެއްކި އަޑަށް ނަޒްލާ ސިހިފައި އިސްއުފުލާލިއިރު ހުރީ ބަލަަހައްޓައިގެންނެވެ. "ވިކް އަހަރެންނަށް ދިން ޖަވާބު ހަނދާން އެބަހުރިތަ؟" ނަޒްލާވެސް ބުނެލިއެވެ. "އަހަރެން ދުވަހަކު މީހަކާއި ނީނދެ ހުންނަން ޖެހުނަސް ނަޒޫ ނޫން ކުއްޖަކާއި ނުގުޅޭނަން." އެހަނދާނުން އަވިކްގެ ސިކުނޑި ހާސްކޮށްލައިފިއެވެ. އޭނާ އިތުރު އެއްޗެއް ބުނަން އުޅެނިކޮށް ނަޒްލާ އައިސް އެމޭގައި އަތް އަޅައި ކޮޓަރިން ނެރެފައި ދޮރު ލައްޕާ ތަޅުލައިފިއެވެ.