ނަޒްލާ ދޮރު ހުޅުވާލި ވަގުތު އަވިކް އެދިމާއަށް އެނބުރިލީ ފޯނެއްގައި ހުރެފައެވެ. އެވަގުތު އޭނާ ފެނިގެން ފޯނު ތިރި ކޮށްލައިފައި ބާރު ބާރަށް ކައިރިއަށް އަންނަން ފެށުމުން ނަޒްލާއަށް ބިރުން ހުރި ހިސާބަށް ހުއްޓެވުނީއެވެ. އަވިކްގެ ލޮލުގައި ހުރި ވިދުވަރަށް ބަލާފައި އޭނާ ކުރަން ނިންމާފައި ވަނީ ކޮންކަހަލަ ކަމެއްކަން ލަފާކޮށްލަންވެސް ނަޒްލާ ނުކުޅެދުނެވެ. ކައިރިއަށް އައިސް އަވިކް ފުރަތަމަ ނަޒްލާ އަތުގައި ހިފާ ކުއްލިއެއް ޖަހާފައި ކޮޓަރިއަށް ވައްދައި ދޮރު ލެއްޕީއެވެ. ނަޒްލާއަށް ބިރުން އަތް އެޅުނީ މޫނުގައެވެ. އަވިކް އެގޮތަށް ކޮޓަރިތެރެއަށް އެވެއްދީ އަތް އިސްކުރަން ކަމަށް އޭނާ ހީކުރިއެވެ.
"ހެޔޮނުވާނެ ވިކް. އަހަރެންނަށް އަނިޔާ ނުކުރޭ. އާދޭސް މިކުރަނީ." ނަޒްލާ ބިރުން ރޮއިގަތެވެ. އޭނާ ހައިރާންވީ ހީކުރި ގޮތަށް އެއްވެސް ކަމެއް ނުވީމައެވެ. މިނިޓެއްހާއިރު ވެގެން ދިޔައިރުވެސް އަވިކް އަނގައިން ނުބުނިތާ އެއަތުން އޭނާގެ ހަށިގަނޑުގައި ބީހިވެސް ނުލައެވެ. ނަޒްލާ ކަންބޮޑުވެފައި ދެއަތް ތިރިކޮށްލިއިރު އަވިކް ގޮސް އިނީ އެނދު ކޮޅުގައި އިސްޖަހައިގެންނެވެ. ނަޒްލާގެ ނިތުގައި ސުވާލު މާކުތައް ޖެހުނެވެ. އަވިކް ހަމަ ކުއްލިއަކަށް އޭނާ ދޫކޮށްލައިފައި ދުރަށް އެދިޔައީ ކީއްވެ ހެއްޔެވެ؟ ޖެހިލުންވެގެން ޖަވާބެއް ނުލިބޭނެ ކަމަށް އޭނާ އަމިއްލަ ހިތަށް ވިސްނައިދިނެވެ. އެހެންނޫނަސް އަވިކްގެ ހިމޭންކަން ދެކެ އޭނާ މާބިރުގަނެއެވެ.
"އަހަރެން ދިޔައީ ފަރޫޝާ ދައްތަގެ އެކުވެރިއެއްގެ ގެއަށް ޓިއުޝަން ދޭން. މިއަދު ކޮލެޖުން އައިތަނާ ދައްތަ ފާޑަކަށް ބޮލުގަ އެޅުވިކަމެއް އެއީ. ވިކްއަށް ގުޅާ ގުޅާ ފޯނު ނުނެގީމަ އަންގާނުލެވުނީ." ނަޒްލާ ކުރިއަށް ފިޔަވަޅެއް އަޅާލައިފައި ގޮސް ހުއްޓި މަޑުމަޑުން އިއްވާލިއެވެ. "ނަޒްލާ ނުޖެހޭނެ ފަރޫޝާ ބުނާހާ ކަމެއް ކުރާކަށް." އިރުކޮޅަކުން އަވިކް ބުނެލިއެވެ. ނަޒްލާ ބަލަހައްޓައިގެން ހުއްޓާ އަވިކް އެނބުރި ބަލާލުމުން ނަޒްލާއަށް ނޭވާ ހިފަހައްޓާލެވުނެވެ. "...ސޮރީ." ނަޒްލާ އަވަހަށް މަޢާފަށް އެދުނެވެ. އަވިކް ތެދުވެގެން އޭނާ ފަސްދީ ފާޚާނާ އާއި ދިމާއަށް ދާން ފެށުމުން ނަޒްލާ ވިސްނާލައިފައި ކުއްލިއަކަށް އަވިކް އަތުގައި ހިފެހެއްޓިއެވެ. "ނަޒޫ ޕްލީޒް އަހަރެން އަތުން ދޫކޮށްލާ. މިގަޑީ އަހަރެންގެ މޫޑު އެހާ ރަނގަޅެއް ނޫން. ފަހަރެއްގަ ކުއްލިއަކަށް އަތް ފޮޅުވާލެވޭ ގޮތަކުން ނަޒޫއަށް އަނިޔާވެދާނެ." އަވިކް އެހެން ބުނެލިގޮތުން އެކަނިވެސް ނަޒްލާ ލަދުގަތެވެ. އަވިކް އޭނާ ބަހައްޓާފައި ދުރަށް އައީ އެހެންވެތާއެވެ. އިތުރަށް ބުނާނެ އެއްޗެއް ހިތަށް ނައުމުން ނަޒްލާ އަވިކް އަތުން ދޫކޮށްލައިފައި ދުރަށް ޖެހުނެވެ.
"ނަޒޫ ފަސްޓް ކިސް ޝެއަރ ކުރީ ޔައީޝްއާ އެކުގައިކަން އެނގުނު ވަގުތަށްވުރެ ބޮޑަށް ހާޓްވީ އަހަރެން ނަޒޫއަށް އަނިޔާ ކޮށްފާނެކަމަށް ނަޒޫ ހީކުރީމަ." އަވިކް ފަސްދީފައި އިއްވާލިއެވެ. "ވަޓް؟ ޔައީޝްތަ ބުނީ ތިވާހަކަ؟" ނަޒްލާ ކުއްލިއަކަށް އިސްއުފުލާލި ވަގުތު ހިތުން އަޑު އައެވެ. އެކަމަކު އަވިކް އެނބުރި ބަލައިލުމުން އަނެއްކާ އިސްޖެހިއެވެ. އަވިކްއަށް އެސުވާލު ހުށައަޅާނެ ހިތްވަރެއް އޭނާގެ ނެތެވެ.
އަވިކް ގޮސް ފާޚާނާއަށް ވަނުމުން ފޯނު ޗާޖަށް ޖަހާފައި ދެން އޭނާ ގޮސް ހުރީ ބެލްކަންޏަށް ނިކުންނަ ދޮރުފަތް ކުޑަ ކޮށް ކަހާލައިގެންނެވެ. ބޯކޮށް ވެހެމުން ދިޔަ ވާރޭގެ އަސަރު އެހިސާބުންވެސް ނަޒްލާއަށް ކުރިއެވެ. އިރުއިރުކޮޅާ ޖެހިލާ ވައިރޯޅިއާއެކު އެތައް ބައިވަރު ފެންތިކިތައް އައިސް އެމޫނުގައި ބޮސްދީފައި ތިރިއަށް ފިރުކެން ފަށައެވެ. ނަޒްލާ ހީކަރުވާ ގޮތް ވެގެން ހަށަން ބަނދެލައިގެން ހުއްޓާ އަވިކް ފާޚާނާއިން ނިކުތް އަޑު އިވިގެން އެނބުރި ބަލައިލިއެވެ. އުނގައި އޮޅާފައި އޮތް ހުދު ތުވާއްޔާއެކު އަވިކް ހުސްގަޔާ ހުރުމުން އެވަގުތުވެސް އޭނާގެ ސަމާލުކަން އެރީތި ހަށިގަނޑަށް ހުއްޓުނެވެ. އިސްތަށިގަނޑުގައި ފެނުގެ އަސަރު ހުރުމުން ވަކިން ހިތްގައިމެވެ. އަދި އެމޭމަތިން ތިރިއަށް ފިރުކެމުން ދިޔަ ފެންތިކިތަކުގައި ބޮސްދޭން ނަޒްލާ ބޭނުންވިއެވެ. ކިތަންމެ ވަރަށް ފެނުނަސް އޭނާ ބަލާ ފޫހި ވާނެ ހެނެއް ހިއެއްނުވެއެވެ. ދެރައީ އެއޮތްފަދަ "ރޮމޭންޓިކް" ރޭވެސް އަވިކް އޭނާދެކެ ރުޅި އައިއްސަ ހުރީމައެވެ. ހުރިހާވެސް މައްސަލައަކީ ޔައީޝްއެވެ. ނަޒްލާގެ ހިތް ޔައީޝްއަށް ޓަކައި ނަފްރަތުން ފުރުނެވެ. އޭނާ ދެވަނަ ފަހަރަށް ޔައީޝްގެ އެކުވެރިއަކަށް ވީ މާޒީގެ އެއްވެސް ހަނދާނަކުން އެދެމެދުގައި އޮންނަ އެކުވެރިކަމަށް ބުރޫ ނާރާނެ ކަމުގެ ޔަޤީންކަން ދިނީމައެވެ. ދެން މިއަދު ކުއްލިއަކަށް އެދެމެދަށް ވަންނަން ޔައީޝް އެމަސައްކަތް ކުރަނީ ކީއްވެ ހެއްޔެވެ؟
ނަޒްލާ އަވިކްއަށް ބަލަމުން ކުޑަކޮށް ތުންކޮޅު އޫކޮށްލިތަނާ އަވިކް ބަލައިލުމުން އަަވަހަށް ނޫންކަމަށް ހެދިފައި އަނެއްކާ ބޭރު ބަލަން ފެށިއެވެ. އިރުކޮޅަކުން އިވުނީ އަވިކް ދޮރު ހުޅުވާލައިފައި ނިކުތް އަޑެވެ. ދެން ސިކުންތެއް ނުވެ ނަޒްލާ ޗާޖަށް ޖަހާފައި ބޭއްވި ފޯނަށް މެސެޖެއް އައި އަޑު އިވިއްޖެއެވެ. ނަޒްލާ ގޮސް މެސެޖް ހުޅުވާލިއިރު އަވިކް ލިޔެފައި އޮތީ އޭނާ އެދަނީ ބިޒްނެސް ޕާޓްނަރުން ކޮޅަކާއެކު ރޭގަނޑުގެ ކެއުމަކަށް ކަމަށެވެ. "ވިލް ވެއިޓް ޓިލް ޔޫ ގެޓް ބެކް." ބަލަން ހުރެފައި ނަޒްލާ މެސެޖަށް ޖަވާބު ފޮނުވާލިއެވެ. ފަސް ވަރަކަށް މިނިޓް ފަހުން އަވިކް އަނެއް މެސެޖް ފޮނުވީ ނަޒްލާ އެނދަށް ވެއްޓި ގަނެގެން އޮތްވައެވެ. "ގޯ ޓު ސްލީޕް. އައި ވިލް ބީ ލޭޓް." އަވިކްގެ މެސެޖް ކިޔާލުމުން ނަޒްލާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. ރުޅި އައިއްސަ ހުއްޓަސް އަވިކް އޭނާއަށް އަޅާލައެވެ. "އައެމް ސޮރީ ފޯ ވަޓް އައި ސެޑް." ނަޒްލާ އަނެއްކާ ޖަވާބު ލިޔެލިއެވެ. އަވިކް އަނެއްކާ މެސެޖް ފޮނުވިއެވެ. ކިޔާލިއިރު އޮތީ "ޔޫ ޝުޑް ބީ." މިހެންނެވެ. ނަޒްލާ ހިނިތުންވެފައި ދެން ލިޔެލީ "އައި ރިއަލީ އޭމް." މިހެންނެވެ. އަވިކްގެ ފަހު މެސެޖްގައި "ގުޑް." މިހެން އިނުމުން އޭނާ ހިތްހަމަ ޖެހިއްޖެއެވެ. އަވިކްގެ ރުޅިގަނޑު ފިނިވީ ކަންނޭނގެއެވެ.
އަވިކްގެ އިތުރު މެސެޖެއް ނައުމުން އޭނާ ނިދިދާނެތީ ތެދުވެގެން ދިޔައީ ތިރިއަށެވެ. ސުދާ އާއި ހީނާ ހޫނު ސައި ބޯން ސޯފާގައި ތިބެފައި ނަޒްލާއަށް ސުދާ ގޮވައިލިއެވެ. "އަވިކް މިރޭ ނަޒޫ ގެއްލިގެން އުޅުނު ވާހަކައެއް އާޝިމާ ބުނި. ކޮންތާކަށްތަ ދިޔައީ؟" ސުދާ ކުއްލިއަކަށް ފެށި ވާހަކައަކުން ނަޒްލާގެ ހިނިތުންވުން ފިލިއެވެ. ސުދާ ކުރިމަތީ ފަރޫޝާގެ ނަންކިޔާކަށް އޭނާ ބޭނުމެއް ނުވިއެވެ. "އެއީ ވިކް ކައިރީ ނުބުނެ ދެވުނީމަ." ނަޒްލާ ވީހާވެސް ކުރުކޮށް ޖަވާބު ދެވޭތޯ ބެލިއެވެ. ނަސީބަކުން ސުދާ އިތުރު ތަފްޞީލަކަށް ނާހައެވެ.
"ނަޒްލާ!" އިރުކޮޅަކުން ފަރޫޝާ ފައިބާފައި ސިޑީގެ އެންމެ ތިރީ ހަރުފަތުގައި މަޑުކޮށްގެން ހުރެ ގޮވާލިއެވެ. އެއަޑަށް އެންމެންގެ ނަޒަރު އެދިމާއަށް ދަތުރުކޮށްލިއެވެ. ސުދާ ފިޔަވައެވެ. "ނަޒްލާއަށް އުދަނގޫ ނުވަންޏާ މަންމަގެ ފައި މަސާޖްކޮށްލަ ދޭން އާދެބަލަ. ރިއްސާތީ ނުނިދިގެން މިއުޅެނީ." ފަރޫޝާގެ ވާހަކަ ނަޒްލާއަށް ގަބޫލެއްވެސް ނުކުރެވުނެވެ. ފަރޫޝާ އެފެންވަރަށް ވެއްޓިދާނެ ކަމަކަށް އޭނާ ހިއެއް ނުކުރެއެވެ. މިހާރު ކިތަންމެ ރުހޭކަން ދައްކައިގެން އުޅުނަސް މީގެ ކުރިން ފަރޫޝާ ފާޅުގައި އޭނާއަށް ނުކިޔާ އެއްޗެއް ނެތެވެ. އެކަމަކު ނަޒްލާ ދަށްކޮށްލުމަށްވުރެ ބޮޑަށް ފަރޫޝާގެ މަޤްސަދަކަށް ވެފަ އޮތީ ސުދާ ކުރިމަތީ ނަޒްލާއަށް އޭނާގެ ބާރު ހިނގާކަން ދައްކައިލުމެވެ. އެންމެ ފުރަތަމަ ކަމަކަށް ނަޒްލާ އާއި އަވިކްގެ ކައިވެނި ވެފަ އެއޮތީވެސް އޭނާ އެގޮތް ބޭނުންވީމައެވެ. އެހެންނޫންނަމަ މިއަދު ފެންނަން ހުންނާނީ އެހެން މަންޒަރެކެވެ. ނަޒްލާ އެގެއަށް ގެންނަން އެދިގެން ފަރޫޝާ ހަމަ ގަސްދުގައި ކަރަމް ކައިރީ އެކައިވެންޏަށް ބާރު އަޅާފައި ވެއެވެ. އޭނާއަށް "ސަޕްރައިޒް" އަކަށްވީ ކައިވެންޏާ ގުޅިގެން ކަރަމް ސުދާއަށް ހުށައެޅި ޝަރުތެވެ. އެކަމަކު އޭނާ އެހުރީ އެކަމާއިވެސް ކުރިމަތި ލާން ރަނގަޅަށް ތައްޔާރު ވެގެންނެވެ. ކުރިން ނުކުރެވުނު ކަމެއް މިހާރު ވަކި ސުދާއަކަށްވެސް ނުކުރެވޭނެއެވެ. އޭރު އަދި އެއީ ހަތަރެސްފައި ސަލާމަތުން ހުރިއިރެވެ. މިހާރު އެއީ ސުވާލުވެސް އުފެދޭ ކަމެއް ނޫނެވެ.
"ނަޒްލާ ނިދަން ދާންވެގެން އެއުޅެނީ." ފާޑަކަށް އިނދެގެން ތިރީ ތުންފަތުގައި ދަތް އަޅާލައިފައި ނަޒްލާ ތެދުވަން ހީކޮށްލިތަނާ ސުދާ އޭނާގެ އަތުގައި ހިފަަހައްޓާފައި ފަރޫޝާއަށް ޖަވާބުދިނެވެ. ނަޒްލާ ސިހިފައި މިފަހަރު ބަލައިލީ ސުދާ އަށެވެ. އޭނާގެ ސަބަބުން މިދެ އަންހެނުން ހަނގުރާމައަކަށް ހިނގައިދާނެތީ ނުހަނު ކަންބޮޑު ވެއްޖެއެވެ. އެވަގުތު ސުދާ ނަޒްލާގެ ދިފާޢުގައި ތެދުވުމުން ފަރޫޝާއަށްވެސް ލިބުނީ ކުޑަވަރެއްގެ ޝޮކެކެވެ. އޭނާ ލޯ ބޮޑުކޮށްލައިފައިވެސް ދެވަނަ ސިކުންތުގައި ހަމަޖެހިލިއެވެ. "ނުވާނެ ގިނައިރެއް. މަންމަ ވަރަށް އަވަހަށް ނަޒްލާ ފޮނުވާލާނަން. އާދޭ ދެން." ފަރޫޝާ އަދި އެއްފަހަރު މަސައްކަތް ކޮށްލިއެވެ. ނަޒްލާ ބަަލައިލުމުން އަތުން ހަނާ އަޅާލައިފައި އޭނާ ތަންކޮޅަކަށް ގޮސް ހުއްޓިފައި އަންނަމުން އަދި ސައިތައްޓެއްވެސް ގެންގޮސްލަދޭން އެދުނެވެ.
"އަހަރެން މިބުނީއެއްނު ނަޒްލާއެއް ނުދާނެއޭ. ތިޔަ ބުނާ ކަންކަން ކުރަން މިގޭގަ ނޯކަރުން ތިބޭނެ. ނަޒްލާ އެއީ މިގޭ ނޯކަރެއް ނޫން. އަވިކްގެ އަނބިމީހާ." ސުދާ ކުރިއަށްވުރެ ހަރުކަށި ވެލާފައި ގޮވާލިއެވެ. ފަރޫޝާ ހުއްޓި ބަލައިލި ވަގުތު ސުދާވެސް އެނބުރި ފަރޫޝާއަށް ބަލައިލިއެވެ. ފަރޫޝާ ދަތްކުނޑި ވިކާފައި ބާރުބާރަށް މައްޗަށް އަރައިގެން ދިޔަ ގޮތުން އޭނާ ފައޭ ކިޔައިގެން ދެއްކީ ދޮގު ވާހަކައެއްކަން އެންމެންނަށް ސާބިތުވިއެވެ. ފުން ނޭވައެއް ލައިފައި ނަޒްލާއަށް އަތް އަޅާލެވުނީ މޭގައެވެ. ސުދާ ނިދަން ދާން އެދޭކަން ހާމަ ކުރުމުން ހީނާ އާއި އެމަސައްކަތް ހަވާލު ކޮށްފައި އޭނާ ކޮޓަރިއަށް ގޮސް އަނެއްކާވެސް އިންތިޒާރު ކުރަން ފެށީ އަވިކްއަށެވެ. އެސައިމެންޓް ހަދަން އިނދެގެން އިރު އިރުކޮޅާ ގަޑިން ވީއިރެއް ބަލައިލެވެއެވެ. އެވަރުން އުޅެގެން އެންމެ ފަހު ވަގުތު މޭޒުގައި ބޯ އަޅާލި ގޮތަށް އޮވެގެން ނިދުނީއެވެ. ދެން އޭނާއަށް ހޭލެވުނީ ހެނދުނު އަވިކްގެ ގާތުގައި އޮވެގެންނެވެ. މަގަތަށް އެނބުރިގެން އޮވެ ހިތް ފުރޭންދެން އެމޫނަށް ބަލައިލަން ނިންމައިގެން އޮތްވާ އަވިކް އެސްފިޔަތައް ތަޅުވައިލުމުން ކުއްލިއަކަށް ލޯމަރާފައި ނިދާފައި ކަމަށް ހެދުނެވެ. އިރުކޮޅެއް ނުވެ އަވިކް ތެދުވެ އެނދުގައި އިށީންކަން އެނގުނެވެ.
"ގުޑް މޯނިން މައިލަވް." ނަޒްލާ ހިމޭނުން ވިސްނަން އޮތްވާ އަވިކްެގެ އަޑު އައީ ނުހަނު ގާތުންނެވެ. ދެން ކުއްލިއަކަށް އޭނާގެ ނިތުގައި އަވިކް ތުންފަތް ޖައްސާލިކަން އިހްސާސްވިއެވެ. ވަގުތުން ނަޒްލާގެ އަތްފައި ފިނިވިއެވެ. އޭނާއަށް ނިދިފައި އޮންނަ ކޮންމެ ދުވަހަކުވެސް އަވިކް ހަމަ އެގޮތަށް ކަންތައް ކުރޭ ބާވައޭ ހިތަށް އެރިއެވެ. އަވިކް ތެދުވެގެން ގޮސް ފާޚާނާއަށް ވަން އަޑަށް ނަޒްލާ ތެދުވެފައި ފުރަތަމަ ކަމަކަށް ގޮސް ފޮތިގަނޑު ކަހާލައިގެން ބޭރުތެރެއަށް ކަޅި ހިންގާލިއެވެ. އޭރުވެސް ވެހޭ ވާރެއަކަށް ހުއްޓުމެއް ނާދެއެވެ. އެކަމަކު މިހާރު ތުނި ކޮށްލައިފިއެވެ. ނަޒްލާ އަވިކް ނިކުންނަން ވާއިރަށް ލާންވީ އެއްޗެހި ނަގައި އެނދުމަތީ ބަހައްޓާފައި ތިރިއަށް ހިނގައްޖެއެވެ.
ހެނދުނުގެ ނާސްތާއަށް އެންމެން މޭޒު ދޮށަށް އެއްވިއެވެ. ތިން ފިރިހެނުން ކާކޮޓަރިއަށް ވަނީއްސުރެ މަސައްކަތުގެ ވާހަކަ ފަށައިގެން ކުރިއަށް ގެންދިޔައެވެ. ނަޒްލާ އެންމެންނަށް ނާސްތާ ތައްޔާރު ކޮށްދީފައި އިށީންނަން އުޅެނިކޮށް އޭނާގެ ފޯން ރިންގް ވި އަޑަށް އެންމެންގެ ނަޒަރު ހުއްޓުނެވެ. ނަޒްލާ ކަންބޮޑުވެފައި އެކި މީހުންނަށް ބަލައިލުމަށްފަހު ފޯނު ހިފައިގެން ނިކުތީ ބޭރަށެވެ. ނުހާ ގުޅާތަން ފެނުމުން އޭނާ އަވަހަށް ފޯނު ނަގައި ކަންފަތުގައި ޖަހާލިއެވެ. އެކޮޅުން ނުހާ ދިން ޚަބަރު އަހާފައި ލޮލު ތެރެއަށް ކަރުނަ ގިނަވެގެން އައީ ހިފެހެއްޓުމެއް ނެތިއެވެ. ޞައީދާ ފާޚާނާއަށް ވެއްޓި ފައި ބިނދުނީއެވެ. ނަޒްލާ ބޭނުންވީ އޭނާއަށް ވާނެ ނަމަ ހަމަ އެވަގުތުވެސް ރަށަށް ދާން ފުރާށެވެ.
"ނަޒޫ. އާ ޔޫ އޯކޭ؟" ނަޒްލާ ފޯނު ތިރިކޮށްލާފައި ކަރުނަ ފުހެލިތަނާ އެންމެ ކުރިން ކާކޮޓަރިން ނިކުމެގެން އައިސް ހުއްޓުނު ޔައީޝް އަހާލިއެވެ. ނަޒްލާ އެނބުރި ބަލައިލިތަނާ ޔައީޝްގެ ފަހަތުން އަވިކް ނިކުންތަން ފެނިގެން ކަންބޮޑުވިއެވެ. އަވިކް ކުރިމަތީ ޔައީޝްއާ އަނގައިން ބުނާކަށްވެސް އޭނާ މިހާރު ބޭނުމެއް ނޫނެވެ. އެވަގުތު އޭނާ މޫނަށް ވީ ގޮތުން އަވިކް ފަހަތުގައި ހުރިކަން އެނގިގެން ޔައީޝް ކޮށްލީ ހީނުކުރާ ފަދަ ކަމެކެވެ. ނުރޯށޭ ބުނެފައި ޔައީޝް ނަޒްލާ މޫނުގައި އެއްއަތުން ހިފާލައި އަނެއް އަތުން ކޯތާފަތް ފުހެލީއެވެ. ނަޒްލާއަށް ލިބުނު ޝޮކްގައި ގޮތެއް ނުހެދިފައި ހުއްޓާ އަވިކް އައިސް އެދެމީހުން ފަހަތަށް ހުއްޓިފައި ޔައީޝްއާއި އޭނާ ދުރު ކުރިއެވެ. އަވިކް ނަޒްލާ އަތުގައި ހިފާ ބާރު ކޮށްލައިގެން ކުރިއަށް ހިނގައިގަތް ގޮތަށް ދިޔައީ ގެއިން ނިކުންނާށެވެ. އޭނާ ނަޒްލާ އަތުން ދޫކޮށްލީ ގޭޓުން ނިކުމެފައި ކުރިމަތީ އޮތް ކާރަށް އަރަން ދާންވެގެންނެވެ.
"ވިކް އަހަރެން މަންމަ ފާޚާނާއަށް ވެއްޓި ފައި ބިންދުނީ." އަވިކް ސުވާލެއްވެސް ނުކޮށް ކާރަށް އަރަން ދާން ފެށުމުން ނަޒްލާ ގޮވާލިއެވެ. "ދެން؟" އަވިކް އެނބުރިފައި އެސުވާލު ކޮށްލިލެއް ފަރުވާކުޑަ ކަމުން ނަޒްލާ ހިތުގައި ޖެހުނެވެ. "އަހަރެން ބޭނުން މަންމަ ކައިރިއަށް ދާން." ނަޒްލާ އިސްޖަހާލިއެވެ. "ދޭ. އަހަރެން އޮފީހަށް ގޮސް ދަތުރުު ހަމަޖައްސަދޭނަން." އަވިކްގެ ޖަވާބު އިވިގެން ނަޒްލާ ސިހިފައި ބަލައިލިއެވެ. އޭނައަށް އިތުރު އެއްޗެއް ނުބުނެވެނީސް އަވިކް ކާރަށް އަރައި ދޮރު ޖަހައިފިއެވެ. "ތިގޮތަކަށް ނޫން ވިކް އަހަރެން ފޮނުވާލަން ބޭނުމީ. ތިގޮތަށް ރުޅި އައިސްގެނެއް ނޫން. ޕްލީޒް ޑޯން ހޭޓް މީ!" ނަޒްލާ ދެރަވެފައި ހުރެގެން އެކަނި ވާހަކަދެއްކިއެވެ. އޭނާ އަވިކްގެ ކާރު ގޮސް ލޯމަތިން ގެއްލުމުން ގެއަށް ވަންނަން ދިޔައިރު ޔައީޝް ހުރި ދޮރުކައިރީ ހުންނަ ދެތަނބުން ކުރެ ތަނބެއްގައި ލެނގިލައިގެން ކުޑަކޮށް ހިނި އައިއްސައެވެ.
"ޔައީޝްގެ މައްސަލައަކީ ކޮބާ؟ ކީއްވެ އަހަރެންނާ ދޭތެރޭ ތިގޮތަށް ކަންތައް ތިކުރަނީ؟" ނަޒްލާއަށް ރުޅި އައިސްގެން ދަތްކުނޑި ވިކާލެވުނެވެ. ޖަވާބު ދޭންވެގެން ޔައީޝް އައިސް ހުއްޓުނީ ނަޒްލާގެ ކުރިމަތީގައެވެ.އެވަގުތު ނަޒްލާ އެމޫނަށް ނުބަލަން އަނެއް ފަރާތަށް މޫނު އަނބުރާލިއެވެ. "ޓުބީ އޮނެސްޓް... ނަޒޫގެ ލޯބިވެރިޔަކީ އަވިކްކަން އޭރު އެނގުނުނަމަ އަހަރެން އެހާ ފަސޭހައިން ނަޒޫ ދޫކޮށެއް ނުލީމުސް." ޔައީޝް ޖަވާބުދިނެވެ. "ކީއްވެ ވިކްދެކެ ތިހާ ރުޅި އަންނަނީ؟ ކޮބާ ތިދެމީހުން އެކަކު އަނެކަކަށް ތިހާ ހޭޓް ކުރާ ސަބަބީ؟" ނަޒްލާ ހަތަރުކަޅި ހަަމަކޮށްފައި ޖެހިލުމެއްނެތި އެހިއެވެ. "އަހާބަލަ އޭނަ ކައިރީ. އޭރުން އެނގިދާނެ." ޔައީޝް އެސުވާލަށް ޖަވާބު ދޭކަށް ބޭނުމެއް ނުވިއެވެ. އޭނާ ޓައީ ރަނގަޅު ކޮށްލާފައި ވައިބްރޭޓް ވާން ފެށި ފޯނުގެ ސްކްރީނަށް ބަލަމުން ގޭޓާއި ދިމާއަށް ހިނގައިގެންފިއެވެ. ޔައީޝް ކުރިމަތިން ދުރަށް ދިއުމުން ނަޒްލާ އިސްއުފުލާލިއިރު ނިކުންނަން އައި ކަރަމް އާއި ފަރޫޝާ ފެނުމުން މޫނުގެ ކުލަ ރަނގަޅު ކޮށްލާފައި އަވަހަށް ގޮސް ގެއަށް ވަނެވެ.
ނަޒްލާ ގެއަށް ވަދެފައި ދިޔައީ ސުދާ ކައިރިއަށެވެ. ސުދާ ނާސްތާ އިން ނިމިގެން ކޮޓަރީގައި މަޖައްލާއެއް ކިޔަން އިންތަން ފެނިގެން އޭނާ ގޮސް ކުރިމަތީ ހުރި ގޮނޑިއެއްގައި އިށީންދެލިއެވެ. "ކިހިނެތްވީ؟" ނަޒްލާގެ މޫނަށް ބަލައި ނުލައިވެސް ކަމެއް ގޯސްވެއްޖެކަން ސުދާ ދެނެގަތެވެ. "ދޮންދަ ދެންމެ ގުޅާފަ ބުނީ މަންމަ ފާޚާނާއަށް ވެއްޓި ފައިބިނދުނީއޭ." ނަޒްލާ ބުނީ އެއްބައެވެ. އަނެއް ވާހަކަ އޭނާ ސުދާއަށް އިއްވާކަށް ބޭނުމެއް ނުވިއެވެ. އޭނާގެ ނަޒަރުގައި ސުދާ ވިސްނަން ޖެހޭ ކަންކަން މިހާރުވެސް މަދެއް ނުވާނެއެވެ. "އެހެންތަ؟ މިހާރު ދެން ކޮބާ ޞައީދާ؟ ޞިއްހީ މަރުކަޒުގައިތަ؟ އަހަރެންވެއްޖެ ގުޅާލަން." ސުދާ ހާސްކަމާއެކު ސުވާލު ކޮށްފައި ސޯފާމަތީ އޮތް ފޯނު ނަގައިގެން ގުޅަން ތައްޔާރު ވުމުން ނަޒްލާ އިނީ ހިމޭނުންނެވެ. އިރުކޮޅަކުން ފޯނު ބާއްވާފައި ސުދާ ބަަލައިލިއިރު ނަޒްލާ އިނދެފައި ކަރުނަ ފުހެލީއެވެ. "ނަޒްލާ! ވެގެން ތިއުޅޭ ގޮތެއް މަންމަ ކައިރީ ބުނެބަލަ. މަންމައަށް ޔަޤީން ޞައީދާއަށް ވީގޮތުން އެކަނި ނޫންކަން ނަޒްލާ ތިރޮނީ؟" ސުދާ ނަޒްލާ މޫނަށް ފުންކޮށް ބަލަމުން އަނެއްކާ އެހިއެވެ. ޖަވާބު ނުދީ ނަޒްލާ އިނީ ދުރު ބަލަހައްޓައިގެންނެވެ. އެހެން އިނދެފައި ދެފަހަރަކު ނޭފަތް ދަމައިލިތަނާ ސުދާ ގޮވާލައިފައި ކައިރިއަށް އައުމަށް އެދުނެވެ. ނަޒްލާ ތެދުވެގެން އައިސް ސުދާގެ ކޮނޑުގައި ބޯ އަޅައިލާފައި ސިކުންތެއް ވީއިރު ޅަކުއްޖެއްހެން ގިސްެލެވިއްޖެއެވެ. ސުދާ އޭނާގެ އިސްތަށިގަނޑުގައި ފިރުމަމުން ހިތްވަރު ދިނެވެ.
"މަންމަ ކައިރީ އަހަރެން ވާހަކައެއް އަހާލަންތަ؟" ކަރުނައިގެ ތެރޭން ނަޒްލާ އެހިއެވެ. "މަންމައަށް ފުރަތަަމަ ފަރޫޝާދައްތަ އާއި ބައްޕަ ކަންތައް އެނގުނު ދުވަހު ކީކޭ ހިތަށް އެރީ؟" ނަޒްލާ ކުއްލިއަކަށް ކުރި ސުވާލުން ސުދާ ހައިރާންވިއެވެ. އޭނާ ނަޒްލާގެ މޫނަށް ބަލައިލިއެވެ. "އެދުވަހު އެވަގުތު ހިތަށް އެރި ހުރިހާ އެއްޗެއް ކިޔައިދޭކަށް އަދިވެސް ނޭނގެ. ބޮޑަށް އަމިއްލަ ނަފްސް ކުށްވެރި ކުރެވުނީ. ހިތަށްއެރީ މަންމަގެ ސަބަބުންނޭ ބައްޕައަށް އެފަދަ ފިޔަވަޅެއް އަޅަން މަޖުބޫރުވީ. ދުވަހަކު ހިތުގާ ނުޖެހޭ ވަރަށް ހިތުގާ ޖެހުނު. މަންމަގެ އުފާވެރި ހަޔާތުން އެއްބައި ނެތިގެން ދިޔަ ދުވަސް އެއީ. އެދުވަހަށްފަހު އަނެއްބައިގެ އެހީގައި މަންމަ މިއުޅެނީ. އެއީ އަވިކްއާ އީމާ. އެދެކުދީން މަންމަ ކައިރީ ނެތްނަމަ މިހާ ހިސާބަށް އާދެވިދާނެ ކަމާމެދުވެސް ޝައްކު." ސުދާ ވީހާވެސް ކުރުކޮށް ނަޒްލާގެ ސުވާލަށް ޖަވާބު ދިނެވެ.
"މަންމަ އެކަކު ކައިރީވެސް އަދި ނުބުނާ ވާހަކައެއް ނަޒްލާއަށް ބުނެދެންތަ؟" ސުދާ ހިމޭނުން ވިސްނާލައިފައި އައި ހިޔާލަކުން ވާހަކަދެއްކިއެވެ. ނަޒްލާ ބޯ ޖަހާލައިފައި ބޯ ތެދު ކޮށްލައިގެން ސުދާގެ މޫނަށް ބަލަން ފެށިއެވެ. ދެވަނަ ސިކުންތުގައި އޭނާއަށް އަނގަމަތީ އަތް އަޅާލެވުނީ ސުދާ އެބުނި ވާހަކައެއް އަހައިފައެވެ.
މެންދުރު ފަސްވެފައި ހުއްޓާ މިކިޔާލް އައީ އަވިކް ފޮނުވައިގެން ނަޒްލާގެ ޓިކެޓު ދޭށެވެ. ޓިކެޓް ފެނިފައި ނަޒްލާއަށް ހުއްޓުން އަރައިފައި ހުރެވުނީއެވެ. އަވިކް އޭނާ ފޮނުވައިލަން ދެރައެއްވެސް ނުވޭ ބާވައޭ ހިތަށް އެރިއެވެ. އިރު އޮއްސުނުއިރުވެސް އަވިކް ދައްކައެއް ނުލިއެވެ. ނަޒްލާ ހަތެއްގެ ފްލައިޓުން ދާން ތައްޔާރު ވެގެން އަވިކްގެ އިންތިޒާރުގައި އިނެވެ. އެކަމަކު އޭނާ ހީކުރި ގޮތާ ޚިލާފަށް އެންމެ ފަހު ވަގުތުވެސް ބަލާ އައީ މިކިޔާލްއެވެ. ކޮޓަރިން ނުނިކުމެވި އުޅެނިކޮށް ފޯނެއް އައިސްގެން އަވަހަށް ބަލާލިއިރު ގުޅަނީ ފަރޫޝާއެވެ. ނަޒްލާ ފަރޫޝާގެ ވާހަތައް އަހައި ނިމިގެން ކޮޓަރިން ނިކުތުމުގެ ކުރީން ގޭގައި އުޅޭ ނޯކަރަކު އައިސް ދިން ބޮޑު ސިޓީ އުރައިގައި ހިފާފައި އޭގައި އޮތް ލިއުމުގައި ސޮއި ކޮށްލިއެވެ. އެއަށްފަހު ލިޔާ މޭޒު ކައިރިއަށް ގޮސް ނޯޓެއް ލިޔެލާފައި އަވިކްއަށް ފެންނާނެހެން ސިޓީއުރައާއެކު ބޯއަޅާ ބާލީސް ދަށުން އެއްބައި ފެންނަ ގޮތަށް ބޭއްވިއެވެ. ދެން ކަރުނަ ފުހެލާފައި ނިކުންނަން ވެގެން ދިޔައެވެ. "ގުޑްބައި އަވިކް" ނަޒްލާ ނިކުމެފައިފަހަތުން ދޮރު ލައްޕާލިއިރު ހިތާހިތުން ބުނެލިއެވެ.