އަވިކް ވާހަކަ ދައްކަން ހުޅުވާލި އަނގަ ބަންދުވީ ކޯތާފަތަށް އަރައިގެންދިޔަ ދިލަ އަކުންނެވެ. ޤަބޫލު ނުކުރެވިފައި ނަޒްލާގެ މޫނަށް އޭނާ ބަލާލިއެވެ. "ޖަވާބު ލިބިއްޖެ ކަމަށް އުންމީދު ކުރަން." ނަޒްލާގެ ހަތަރުކަޅި ހަމަކޮށްގެން ހުރެފައި ބުނެލިއެވެ. އަވިކް އެހުރި ގޮތަށް ހުންނަން ދޫކޮށްލާފައި އޭނާ ފޯނު ކަންފަތުގައި ޖަހާލައިގެން ޒާހިދު އާއި ވާހަކަ ދައްކަމުން ދާން ހިނގައިގެންފިއެވެ. އެކަމަކު އެގޮތުގައި އޭނާއަށް ދެވުނީ އަވިކް ފަސްދެވޭން ދެނެވެ. ލޮލަށް ޖަމާވި ކަރުނަތައް ހިފަހައްޓައިލުމުގެ އެއްވެސް ބާރެއް އެވަގުތު ނަޒްލާއަކަށް ނުލިބުނެވެ. ދާދި ދެންމެ އަކު އަވިކް ކުރިމަތީ އޭނާ ދެއްކި ހުރިހާ ހިތްވަރެއް އުދުހިގެން ދިޔައީ ކޮންތާކަށް ކަމެއްވެސް ނޭނގެއެވެ. "ސޮރީ އަވިކް. ނުޖެހިއަސް އަހަރެންނަށް އަވިކްއަށް ޖަވާބު ދެވުނީސް. އެއީ އަހަރެންނަށް ހެދުނު ގޯހެއް." އަމިއްލަ ހާލަށްވުރެ ބޮޑަށް ނަޒްލާ އެވަގުތުވެސް ދެރަވީ އަވިކްއަށް އަނިޔާއެއް ދެވިގެންނެވެ. އޭނާ ރޯލަން ބޭނުންވެފައި ހުރި ވަރުން މަގުމައްޗަށް ނިކުމެފައި އެހެން ދިޔަ ޓެކްސީއަކަށް އަރައިފިއެވެ. ޑްރައިވަރ ސުވާލު ކޮށްލުމުން ބުނީ އެހިސާބުން ދުއްވާފައި ދެވޭނެ އެންމެ ދުރަކަށް ދިއުމަށެވެ. ޑްރައިވަރ ހައިރާންވެގެން އެނބުރި ބަލައިލާފައި ނަޒްލާގެ ކަރުނުން ފުރިފައިވާ ދެލޯ ފެނިގެން ބަހެއް ނުބުނެ އެގޮތަށް ކަންތައް ކުރަން ފެށިއެވެ. ޖަހާފައި ހުރި ލަވައިގެ އަޑު ބާރު ކޮށްލީ އޭނާ އަމިއްލަ އަށެވެ.
ނަޒްލާ ގޮސް ހަމަ ގެއްލުނުތަނުން އަވިކް ބޮނޑިބޭލީ ފާރަށެވެ. އެފާރަށް އޭނާ ގޮށް މުށުގެ އެތިފަހަރުތައް ދޫކޮށްލައިފައި އޭނާ ނިކުތްއިރު ނަޒްލާ ފެންނަންވެސް ނެތެވެ. އަވިކް ކުޑަކޮށް ހައިރާންވިއެވެ. ނަޒްލާ އަބަދުވެސް ފައިމަގުގައި ގެއަށް ދާ ކުއްޖަކު އެހާ އަވަހަށް ވަދެ ފިލީ ކޮންތާކަށް ބާވައޭ ހިތަށް އެރިއެވެ. ބޯގޮވާފައި ހުރެގެން އަވިކް ދިޔައީ މިކިޔާލް ކައިރި އަށެވެ.
ހިތުގެ އުދާސްގަނޑު ބޭރު ކޮށްލެވުނު ފަހުން ނަޒްލާ ގެއަށް ގޮސް ދޮރު ހުޅުވާލިއިރު އެންމެން ސިޓިންރޫމްގައި ތިބި ގޮތުން ހައިރާންވިއެވެ. ދޮރު ހުޅުވާލި އަޑަށް އެންމެން އެއްފަހަރާ ބަލައިލި ގޮތުން ހީވަނީ އޭނާގެ އިންތިޒާރުގައި ތިބިހެންނެވެ. ނަޒްލާ ސުވާލު އުފެދިފައި ކުރިއަށް ދާން ފެށިތަނާ އެންމެ ފުރަތަމަ ނިހާޒް ތެދުވެގެން ގޮސް ކޮޓަރިއަށް ވަދެ ދޮރު ޖަހާލިއެވެ. އޭނާ ހާސްވީ މީގެ ކުރިން ދުވަހަކުވެސް ނިހާޒް އެގޮތަށް ކަންތައް ކޮށްފައި ނުވާތީއެވެ. ކަމެއް ވެއްޖެކަމުގައި ނަޒްލާގެ ހިތް ބުނެލީ އެވަގުތުއެވެ. އޭނާ ދެން ބަލައިލީ ސަމާއަށެވެ. ސަމާ އިސްޖެހިފައި އިނީ ނިކަން މޮޅިވެރި ގޮތަކަށެވެ. "ކަމެއް ވީތަ؟" ނަޒްލާ ޖެހިލުންވެފައި މަޑު މަޑުން އަހާލިއެވެ. ޝީރީން ރުޅިވެރި ގޮތަކަށް އަނެއްފަރާތަށް މޫނު އަނބުރާލުމުން އޭނާގެ ހިތް ކުރިއަށް ވުރެވެސް ބާރު ވެގެން ދިޔައެވެ. އެކަކުވެސް ޖަވާބެއް ނުދިނުމުން އޭނާ ކުދި ފިޔަވަޅު ތަކެއްގައި ގޮސް ކޮޓަރިއަށް ވަންނަން ދިމާކޮށްލި ތަނުން ހުއްޓެވިއްޖެއެވެ. ކޮޓަރި ދޮރުމަތީ ކޮޅަށް ޖަހާފައި އެހުރީ އޭނާގެ ސޫޓު ކޭހެވެ. ނަޒްލާ އަވަސް އަވަހަށް އަނެއް ފަރާތަށް އެނބުރުނުއިރު ޝީރީންވެސް ތެދުވެގެން ކޮޓަރިއާ ދިމާއަށް ހިނގައިގެންފިއެވެ.
"ދައްތާ! ދައްތާ!" ނަޒްލާ ދުވެފައި ގޮސް ޝީރީންގެ އަތުގައި ހިފެހެއްޓިއެވެ. "ދައްތާ އަހަންނަށް ތިހެން ނުހަދާ ހެޔޮނުވާނެ. އަހަރެން ދައްތަ ބުނިހާ ކަމެއް ކޮށްދޭނަން. ދައްތަ ބުނި ކޮންމެ ގޮތަކަށް އުޅޭނަން. އަހަންނަށް ނޭނގުމުގެ ތެރޭގައި ކުށެއް ކުރެވިފައިވާނަމަ މާފުކޮށްފަ އަހަރެން މިގޭގަ ބަހައްޓަދީ. އަހަރެން ނިކުމެގެންދާނެ އެހެން އެއްވެސް ތަނެއް ނެތް. ޕްލީޒް ދައްތާ އަހަރެން މިގެއިން ފޮނުވާ ނުލާ!" ނަޒްލާ އާދޭސް ކޮށްކޮށް ހުއްޓާ ކަންފަތުގައި ހަރުލައިގެން ދިޔައީ ސަމާގެ ރުއިމުގެ އަޑެވެ. ސަމާ ހިތުގައި ޖެހިގެން ރޮއިގެންފައި ދެއަތުން މޫނު ފޮރުވާލިއެވެ. އެވަރުންވެސް ޝީރީންގެ މޫނަށް ބަދަލެއް ނައެވެ. "އޭނާ ފަސޭހަކަމާއެކު ނަޒްލާގެ އަތް ފޮޅުވާލައިފައި ނިހާޒް ފަދައިން ކޮޓަރިއަށް ވަދެ ދޮރު ލައްޕައިފިއެވެ. ނަޒްލާ އެދޮރުގައި ތަޅަ ތަޅާފައި ރޮމުން ދެން އެނބުރިލީ ސަމާއާއި ދިމާއަށެވެ.
"ސަމާ އަހަންނަށް އެހިވެދީ. ސަމާ ބުނީމަ ސަމާ މަންމަ އަހަރެން މިގޭގަ ބަހައްޓަދޭނެ. ސަމާއަށް އެނގެއެއްނު އަހަރެން މިގެއިން ނިކުމެއްޖެއްޔާ ކޮންމެ ގޮތެއްވެސް ވެދާނެކަން. "ނަޒްލާ އައިސް ސަމާގެ ކައިރީ ކުޑަކަކޫ ޖަހާލައިގެން ބުނަން ފެށިއެވެ. އެވާހަކަތަކުން ސަމާގެ ކަރުނަތައް ވީ އިތުރެވެ. "ސޮރީ ނަޒޫ އަހަރެންނަށް މިއަދު ނަޒޫއަށް ހެލްޕެއް ނުވެވޭނެ. މަންމަ އެހުރީ މާބޮޑަށް ރުޅި އައިއްސަ. ބައްޕަވެސް އެއަންހެންކުއްޖާ ދެއްކި ވާހަކަ ގަބޫލު ކޮށްގެން މަންމަ ކައިރީ ބުނެލީ މަންމަ ބޭނުން ކޮންމެ އަދަބެއް ނަޒޫއަށް ދިނުމަށް." ސަމާ ރޮއި ރޮއިފައި ދިން ޖަވާބު ނަޒްލާގެ ހިތުގައި ސުވާލު އުފައްދައިފިއެވެ. އެއީ ކޮން އަންހެންކުއްޖެއް ކަމާއި އޭނާ ދެއްކި ވާހަކައަކީ ކޮބައިކަން އޮޅުންފިލުވަން އޭނާ ބޭނުންވިއެވެ.
"މަންމަ ބުނީ ނަޒޫގެ ސަބަބުން އަހަރެންގެ އުޅުމަށް ނުބައި އަސަރު ކުރާނެއޭ. ނަޒޫ އުޅޭ ގޮތަށް އަހަރެން އުޅޭކަށް ބޭނުމެއް ނޫނޭ. އެކަމަކު އަހަރެންނަށް އިނގޭ ނަޒޫއަކީ އެކަހަލަ ގޯސް ކުއްޖެއް ނޫންކަން. އަހަރެންނަށް އިނގޭ ނަޒޫ އެހެނެއް ނޫޅޭނެކަން...." ސަމާ ރޮއި ރޮއި ހުއްޓާ ޝީރީން ދޮރު ހުޅުވާލައިފައި އައިސް ސަމާ އަތުގައި ހިފާ ދަމަމުން އެތެރެއަށް ގެންދަން ފެށިއެވެ. "ލަދުވެތިކަމުގެ ކަންފުޅެއްވެސް ކަލޭ ގައިގަ ހުރިއްޔާ ދެންވެސް ނިކުމެގެން ދޭބަލަ!" ޝީރީން ކޮޓަރީގައި އެތެރެއަށް ސަމާ ކޮށްޕައިލާފައި މޫނު އަނބުރާލައިގެން ބާރަށް ބުނެލިއެވެ. ރޮވިފައި ހުރެގެން ނަޒްލާ ސޫޓް ކޭސް ކައިރިއަށް ދިޔައީ ދެނެވެ. އޭނާ އެސޫޓް ކޭސް ދަމަމުން ގޮތް ހުސްވެފައިވާ މީހަކު ފަދައިން އެގެއިން ނިކުތެވެ. ފަހު ފަހަރަށް އެނބުރި ބަލާލިއިރު ސަމާ ހުރީ ކުޑަ ދޮރު ކައިރީ ފޮތިގަނޑު ދުރު ކޮށްލައިގެންނެވެ. ލޮލުން ކަރުނަ ފުހެލާފައި ނަޒްލާ ގަދަކަމުން ހިނިތުންވެލިއެވެ.
"އަނެއްކާ ނަޒޫ ރަނގަޅުތަ؟" މިކިޔާލްއަށް ކިޔައި ދިނުމުން މިކިޔާލް ފުންމައިގެން ތެދުވެފައި އަވަސް އަވަހަށް އަހާލިއެވެ. "ނޭނގެ." އަވިކް ގޮނޑީގައި އިށީންދެފައި މޮޅިވެރިކަމާއެކު އިސްޖަހާލިއެވެ. "ނަޒޫ ރުޅިއައީ އަވިކް ބުނި އެއްޗަކުން ކަންނޭނގެ." މިކިޔާލް ވިސްނަން އިނދެފައި އިރުކޮޅަކުން ބުނެލިއެވެ. "ޖަވާބު ދޭށޭ އަވިކް ބުނީ ކޮން މޮޔައެއް ވެގެން؟ ނަޒޫގެ ޖަވާބު އަބަދުވެސް އޮތީ ސާފުކޮށް. ނަޒޫ އަވިކްދެކެ ލޯބިވޭ. ދެން ކޮން ޖަވާބެއްތަ ބޭނުންވާނީ. އެހެންވެ އަވިކް ޖަވާބު ބޭނުމޭ ބުނީމަ ކަންނޭނގެ ނަޒޫ ރުޅިއައީ. އޭނަ ހިތަށް އެރީ ކަމަށް ވެދާނެ އަވިކް އޭނާގެ ލޯއްބަށް ޝައްކު ކުރީއޭ. މިހާރު ހިތް ބަދަލުވެފަ ހުރެދާނެއޭ އަވިކް ހީކުރި ކަމަށް ނަޒޫ އެ ނިންމީ." މިކިޔާލް ކޮޓަރިތެރޭ ދެކޮޅަށް ހިނގަ ހިނގާފައި ހުއްޓި ކިޔައިދިނެވެ. "ނޫން. އެހެންވެއެއް ނޫން ނަޒޫ ރުޅިއައީ. އަހަރެން ދުށިން ނަޒޫގެ މޫނު. އެދެލޯ. ނޭނގުމުގެ ތެރޭގަ އަހަރެން އަނެއްކާވެސް ނަޒޫއަށް ހާޓް ކުރީ. އަހަރެންގެ ސަބަބުން ލައްމާހުކަހަލަ ނުލަފާ މީހެއްގެ ނަޒަރުގައި ނަޒޫ ނާސިއަކަށް ވީ. އަހަރެން ލޯބިނުވެއޭ ބުނުމުން ނަޒޫ އެއްވެސް ޝަކުވާއެއް ނުކޮށް އެކަންވެސް ޤަބޫލު ކުރި. އޭނަ ހަމައެކަނި ދެކޮޅު ހެދީ އަހަރެންނާއި އެކުވެރިކަން ބޭއްވުމަށް. އެއީ އަހަރެން ފެންނަ ކޮންމެ ފަހަރަކު ނަޒޫ ދެރަވާތީ. އޭނައަށް އުދަނގޫ ވާތީ. އެންމެފަހުން މިއަދު އަހަރެން ލޯބިވެއޭ ބުނިއިރު ނަޒޫ އެހުރީ އޭނާގެ ހިތް ވިސްނައިދީގެން އެހެން މީހަކާއި ގުޅެން ހުރިހާ ގޮތަކުން އެހިތް އެއްބަސް ކުރުވާފަ. ނަޒޫ އެންމެ ބޭނުންވި ވާހަކަ އަޑު އިވުނުއިރު އޭނާ އެހުރީ މަޖުބޫރީ ހާލެއްގައި ބަނދެވިފަ. އޭނަ ކިތަންމެ ބޭނުން ވިއަސް އެހެން މީހަކަށް ކޮށްފައިވާ ވަޢުދެއް އުވައެއް ނުލާނެ. އަހަރެންނަށް ނަޒޫގެ ގޮތް މިހާރު ކުރިއަށް ވުރެ ބޮޑަށް ދަސްވާން ފަށައިފި. އަހަންނަށް އެނގޭ ނަޒޫ ރުޅި އައީވެސް އަދި ދެރަވީވެސް މިސަބަބު ތަކާހުރެ." އަވިކް ހަމަ އެގޮތުގައި އިސް އޮބާލައިގެން އިނދެ ރައްދު ދިނެވެ. އޭނާ އިސްއުފުލާލިއިރު އެދެލޯ ފެންކަޅިވެފައި ވާ ތަން ފެނުމުން މިކިޔާލްވެސް ސީރިއަސް ވިއެވެ.
"ދެން އަވިކް ކިހިނެތް ހަދާނީ؟" މިކިޔާލް އަވިކް ބުނާ އެއްޗެއް ބަލާލަން ބޭނުންވިއެވެ. އެކަމަކު ޖަވާބު ދިނުމުގެ ބަދަލުގައި އަވިކް ތެދުވެގެން ހިނގައިގަތީ އެތަނުން ނިކުންނާށެވެ.
އަވިކް އިންތިޒާރު ކުރީ ޖެހިގެން އައި ހެނދުނަށެވެ. އޭނާ ކިތަންމެ ކެތްމަދު ވެފައި ވިއަސް މަޑުކުރީ އޮފީހުން ނަޒްލާ އާ ބައްދަލު ކުރުމަށެވެ. ގެއަށް ހިނގައްޖެއްޔާ ނަޒްލާ އަދި ހައްތަހާ ރުޅި އަންނާނީއެވެ. ކުރިން ދުވަހު ގޮތަށް އެންމެ ކުރީން ގޮސް ކެބިންގައި އިނދެގެން އޮފީހަށް ވަންނަމުން ދިޔަ މުވައްޒަފުން ތަކަށް ބަލަން އިނެވެ. އެކަމަކު ގަޑި ޖެހުނުއިރުވެސް ނަޒްލާ ދައްކައެއް ނުލިއެވެ. އަވިކް ކަންބޮޑުވީ މީގެ ކުރިން އެއްފަހަރުވެސް ނަޒްލާ ގަޑި ޖެހިގެން އޮފީހަށް އައިއްސައި ނުވާތީއެވެ. ތެޅި ތެޅި އޮތް ހިތަކާއެކު އޭނާ ފޯން ނަގައި ނަޒްލާއަށް ގުޅާލިއެވެ. އެކަމަކު އެފޯނުވެސް އޭނާއަށް ނަޒްލާގެ ޚަބަރު ހޯދައި ދެވޭނެ މެދުވެރިއަކަށް މިފަހަރު ނުވިއެވެ. ނަޒްލާގެ ފޯނު އޮތީ ނިއްވާލައިފައެވެ. އަވިކް ދެން ގުޅީ މިކިޔާލްއަށެވެ. އެކަމަކު އޭނާއަށް ނޭނގުނު އެއްޗެއް މިކިޔާލްއަށް އެނގޭނެ ހެއްޔެވެ؟
އަވިކް ފުރަތަމަ ސުވާލު ކުރީ ނަޒްލާއެކު މަސައްކަތް ކުރާ ދެ މުވައްޒަފުންނާއެވެ. ރިދީ އާ ޒުލްފާ ކައިރީ އަހާލުމުން އެކައްޗެއްވެސް އެނގުނު ކަމަކަށް ނުހެދިއެވެ. އޭނާ އެދެމީހުންދެކެ ރުޅި އައިއްސައި ހުރި ނަމަވެސް އެވަގުތު އެކަމަށް ފިޔަވަޅެއް އަޅާކަށް ނޫޅެވުނެވެ. ހަވީރު ވާންދެން އޭނާ ނަޒްލާއަށް ގުޅީ ކިތައްފަހަރު ކަމެއް ނޭނގެއެވެ. އޭނާދެކެ އަދި ރުޅި އައިއްސާ ހުރި ކަމަށްވިއަސް އެގޮތަށް މުޅި ދުވާލު ފޯން ނިއްވާލާފައި އޮތުން އެއީ ރަނގަޅު ކަމަކަށް ނުވާނެ ކަމުގައި އަވިކްގެ ހިތް ބުނެލިއެވެ. ގައިމު ނަޒްލާގެ މަންމަ އާއި ދައްތަމެންވެސް ގުޅާނެއެވެ.
އޮފީސް ނިންމާފައި އަވިކް ކާރުގައި މިސްރާބު ޖެހީ ނަޒްލާ އުޅޭ ގެއަށެވެ. ނަޒްލާ ބަލިވެ އުޅޭ ކަމުގައި ވާނަމަ އެކަންވެސް އޭނާ ޔަޤީން ކުރަން ބޭނުންވިއެވެ. އެގޭ ކުރިމައްޗަށް ކާރު މަޑުކޮށްލާފައި އަވިކް އިރުކޮޅަކު ބަލަން އިނެވެ. މީގެ ކުރިން ދެތިން ފަހަރު އޭނާ އެތަނަށް އައެވެ. އެކަމަކު އެގޭ އެތެރެއަށް ވަންނާނެ މީ ފުރަތަމަ ފަހަރެވެ. ނަޒްލާ ރުޅިގަނޑު އިތުރުވިއަސް އަވިކް ނިންމީ އެތެރެއަށް ވަނުމަށެވެ. އޭނާ ކާރު އެއްފަރާތުގައި ބާއްވާފައި ދިގު ފިޔަވަޅުތަކެއްގައި ގޮސް ނަޒްލާ އުޅޭ ބައިގެ ބެލް ޖަހާލައިގެން ހުއްޓުނެވެ. އިރުކޮޅެއް ނުވެ ސަމާ ދޮރު ހުޅުވާލައިފައި ބޯދިއްކޮށްލިއެވެ. "އަވިކް؟" ސަމާގެ ދެލޯ ބޮޑުވިއެވެ. "ކޮބާ ނަޒޫ؟ ނަޒޫ ބަލީތަ؟" އަވިކް އެތެރެއަށް ލޯ ހިންގާލަމުން ކުރި ސުވާލަކުން ސަމާއަށް މަޖުބޫރުވީ އިސްޖަހާލާށެވެ. އިސާހިތަކު އޭނާގެ ދެލޮލަށް ކަރުނަތައް ގިނަވެއްޖެއެވެ. "ކީއްވީ؟ ނަޒޫ ނެތީތަ؟ އަނެއްކާ އޭނައަށް ކަމެއް ދިމާވީތަ؟" ސަމާގެ ކުލަވަރު ބަދަލުވިތަން ފެނިގެން އަވިކް ހާސްވެއްޖެއެވެ.
"ސޮރީ އަވިކް. ނަޒޫ މިހާރު ނޫޅޭ މިގެއަކު. އަހަރެން މަންމަ އޭނަ މިގެއިން ފޮނުވާލައިފި. ނޭނގެ ނަޒޫ ދިޔަތަނެއްވެސް. އޭނަ ނިކުތްފަހުން އަހަރެންވެސް ވަރަށް މަސައްކަތް ކުރިން ގުޅޭތޯ. އެކަމަކު ފޯން އޮންނަނީ ނިއްވާލައިފަ. އަދި ނަޒޫ އޮފީސް ކުދިން ފިޔަވައި އެހާ ގާތް އެކުވެރިންނެއްވެސް ނުތިބޭނެ." ވާހަކަ ދައްކަ ދައްކާ ހުއްޓައި ސަމާގެ ލޮލުން ކަރުނަ އަތުވެއްޖެއެވެ. އޭނާ އިސްޖަހައިލާފައި އަވަހަށް ކޯތާފަތް ފުހެލިއެވެ. އިތުރު އެއްޗެއް ނުބުނެވިގެން އުޅެނިކޮށް އަވިކް އަނެއް ފަރާތަށް އެނބުރިފައި ބާރު ބާރަށް ގޮސް ކާރަށް އަރައި އަނެއްކާ އެހެން ދިމާއަކަށް ދުއްވާލައިފިއެވެ. މިކިޔާލް ކައިރީ އެވާހަކަ ބުނުމުން މިކިޔާލްވެސް ނަޒްލާ ހޯދަން ނިކުމެއްޖެއެވެ. އެމީހުން ނަޒްލާ ދާނެހެން ހީވާ ހުރިހާ ތަނެއް ބެލިއެވެ. ނަޒްލާ ކުރިން މަސައްކަތް ކުރި ރެސްޓޯރެންޓާއި އެކުގައި މަސައްކަތް ކުރި ޒިހާނުއާއިވެސް ބައްދަލު ކުރިއެވެ. އަވިކް ކިތަންމެ ނުރުހުނަސް އެންމެ ފަހުން ޔައީޝްއަށްވެސް ގުޅާލިއެވެ. ޔައީޝް އާ ދެމީހުން އޮންނަ އެކުވެރި ކަމަކުން ނަޒްލާ އެހީއަށް އެދި ޔައީޝްއަށް ގުޅައިފާނެ ކަމަށް އޭނާ ހީކުރިއެވެ.
"ކީއްކުރަން އަހަރެން ކައިރީ ނަޒްލާ ގުޅިތޯ ތިއަހަނީ؟" ޔައީޝް އޮޅުންފިލުވަން ބޭނުންވިއެވެ. "އެއެއް ކީއްކުރަން ބަލަނީ. ނަޒޫ ގުޅިއްޔާ ގުޅިއޭ ނުގުންޅަންޏާ ނުގުޅައޭ ބުނެބަލަ." އަވިކް ހުރީ ޔައީޝްއަށް ޖަވާބުދާރީ ވާ ކަހަލަ މޫޑެއްގައެއް ނޫނެވެ. "ނުގުޅާ. މިއަދަކު. އަވިކްގެ ބައްޕަ އާ އިންނަން އުޅޭ ކުއްޖާއަށް އެނގޭތަ އަވިކްއާ ނަޒްލާ...." ޔައީޝްގެ ވާހަކަ ފުރިހަމަ ކުރާނެ ފުރުސަތެއް ނުދީ އަވިކް ފޯން ކަނޑާލިއެވެ. އިރުކޮޅެއްނުވެ މިކިޔާލް ގުޅިއެވެ. "އަވިކް! ނަޒޫ ނެތް އެއްވެސް ގެސްޓްހައުސްއެއްގަވެސް. ވެދާނެއެއްނު މިހާ އަވަހަށް ރޫމެއް ކުއްޔަށް ހިފައިގެން ދިޔައީ ކަމަށް. ކިހިނެތް އަހަރުމެން މިއޮތްބޮޑު މާލެއިން ނަޒޫ ހޯދާނީ؟" އަވިކް ފޯން ނަގައި ކަންފަތުގައި ޖަހާލިތަނާ މިކިޔާލް އެކޮޅުން ވާހަކަ ދެއްކިއެވެ. އެވާހަކައަށް ރައްދު ނުދެވިގެން އުޅެނިކޮށް އެހެން ފޯން އަންނަން ފެށިއެވެ. "ރިދީ؟" އަވިކް ބަލައިލާފައި ރިދީގެ ނަންބަރުން ގުޅާތަން ފެނުމުން ސިހުނެވެ. "މިކިޔާލް ފޯން ބާއްވާ އަހަރެންނަށް އެބައާދޭ އެހެން ކޯލެއް." އަވިކް އަވަހަށް ރިދީގެ ކޯލު ނެގިއެވެ.
"އަވިކް. އަހަރެންނަށް އިނގޭ ނަޒޫ ވީތަން." ރިދީ ފުރަތަމަވެސް ބުނެލި އެއްޗަކީ އެއީއެވެ.
"ރިދީ ކައިރީ ބުނެދޭތި އަހަރެން ބުންޏޭ ޝުކުރިއްޔާއޭ. އިނގޭ." ނަޒްލާ މުޚާތަބު ކުރީ ރިދީގެ މަންމައާއެވެ. އޭނާ ސަލާމް ކޮށްލައިފައި ސޫޓް ކޭސް ހިފައިގެން މަގުމައްޗަށް ނިކުތްއިރު ވިއްސާރައިގެ ކުލަވަރު ފައުޅުވާން ހުއްޓެވެ. ގަޑިން އޭރު ރޭގަނޑު އަށެއް ޖަހައިފިއެވެ. ނަޒްލާ ކުރިއަށް ދިޔައެއް ކަމަކު ދާންވީ މިސްރާބެއް ޚުދު އޭނާއަކަށްވެސް ނޭނގެއެވެ. ރޭގައި އޭނާ އެކަނި ދަނިކޮށް ރިދީ އައިސް ބައްދަލު ކޮށްފައި ބުނީ އެއް ރެއަށް އޭނާ އެގޭގައި ހުރުމުގެ ފުރުސަތު ހަމަޖައްސައިދޭނެ ވާހަކައެވެ. އަދި ދެން އަންނަރޭ އޭނާ ޖެހޭނީ ކޮންމެވެސް އެހެން ތަނެއް ހޯދައިގެން ނިކުންނަން ކަމުގައެވެ. ރިދީ ޖެހިލުންވީ ނަޒްލާ ގިނަ ދުވަހު އެގޭގައި ބަހައްޓަން ވެއްޖެއްޔާ ޒުލްފާއަށް ފަޅާއަރައިފާނެތީއެވެ. ކޮންމެ ގޮތެއްވިއަސް ޒުލްފާ އެއީ އޭނާގެ އެންމެ ގާތް އެކުވެރިޔާއެވެ. ޒުލްފާ ނުރުހޭ ކަމެއް ކުރާކަށް އޭނާވެސް ބޭނުމެއް ނޫނެވެ.
އިސްޖަހައިގެން ހުރެ ޕޭމެންޓް މަތިން ނަޒްލާ ހިނގަ ހިނގާ ހުއްޓާ އިރުކޮޅަކުން ގަދަވަޔާއެކު ބޯކޮށް ވާރޭ ވެހެން ފަށައިފިއެވެ. ބާރު ސްޕީޑްގައި ދެކޮޅަށް ދުއްވަމުން ދިޔަ ޓެކްސީތަކެކޭ އެއްގޮތަށް ފައިމަގުގައި ދިޔަ އާންމުންގެ މީހުންވެސް ފިހާރަތަކުގެ އަސްކަނި ދޮށުންނާއި އެތަން މިތަނުން ހިޔާވަހިކަން ހޯދަން ކޮޅު ކޮޅަށް ދުވެފައިދާން ފެށިއެވެ. އެވަގުތު ވާރެއާ ހިޔާވުން ނަޒްލާއަށްވެސް ކޮންމެހެން މަޖުބޫރުވިއެވެ. އޭނާ މޫނާއި ދިމާއަށް އަތް އެއަތް އުފުލާލައިގެން ހުރެފައި މަގުގެ އަނެއްފަރާތުގައި ހުރި ފިހާރައެއްގެ އަސްކަނި ދޮށަށް ދާންވެގެން މަގު ހުރަސް ކުރަނިކޮށް ކާރެއް އައިސް މަޑުކޮށްލީ ސީދާ އޭނާގެ ކުރިމައްޗަށެވެ. ނަޒްލާ ގަތް ބިރުން ހުއްޓުން އަރައިފައި އެދިމާއަށް ބަލައިލިތަނާ އެކާރުގެ ދޮރުފަތް ހުޅުވާލައިފައި ނިކުތްތަން ފެނުނީ އަވިކްއެވެ. ދުރުގައި ތިބި މަދު މީސްކޮޅުގެ ނަޒަރުވެސް އެވަގުތު އެދެމީހުންނަށް ހުއްޓުނެވެ. ނަޒްލާ ކަންބޮޑުވެފައި ހުއްޓާ އަވިކް އައިސް ކައިރިއަށް ހުއްޓިފައި އެއެންމެންގެ ކުރިމަތީ އޭނާގެ ދެއަތުގައި ހިފާލައިފިއެވެ.