"އަވިކް އަހަރެންގެ މަންމަ މާލޭގައި. ދެންމެ ގުޅާފަ އެބުނީ ޝީރީން ދައްތަ ގޭގައޭ މިހުރީ އެތަނަށް ދާށޭ." ނަޒްލާ ވާހަކަދެއްކި އިރު މޭގަނޑު ރޫރޫ އަޅަން ފަށައިފިއެވެ. "އަވިކް އަހަރެން ދާން ޖެހިއްޖެ." އަވިކްއަށް ރައްދު ނުދެވިގެން އުޅެނިކޮށް ނަޒްލާ ހަރުކޮށް ހިނގައިގެންފިއެވެ. ތަންކޮޅަކަށް ދެވުނުތަނާ ފަހަތުން މީހަކު އަންނަހެން ހީވެގެން ނަޒްލާ އެނބުރި ބަލާލިއިރު އަވިކް އައިސް ކައިރިވެފައި އަތުގައި ހިފާލައިފިއެވެ. ނަޒްލާ އަވަހަށް އަތް ފޮޅުވާލަން އުޅެނިކޮށް އަވިކް ކުރިއަށްވުރެވެސް ބޮޑަށް ބާރު ކޮށްލިއެވެ. "ވަޓްސް ވިތް ދި ލުކް؟ ނަޒޫ ހީކުރީ މިކަހަލަ ވަގުތެއްގައިވެސް އަހަރެން ނަޒޫ އެކަނި ދޫކޮށްލާނެ ކަމަށްތަ؟" ނަޒްލާ ފާޑަކަށް ބަލައިލުމުން އަވިކް ބުނެލިއެވެ.
"ނޫން. ވިކް މަޑުކުރޭ. ޕާޓީ އަދި ކިރިޔާ ފެށުނީ. އިވެންޓްތައްވެސް ކުރިއަށް ހުރީ. ވިކް މިކޮޅުގައި ހުރުން ކޮންމެހެން މުހިންމު. އެހެންނޫނަސް މިކަމަކީ އަހަރެންނާއި މަންމަގެ މެދުގައި އޮތް ކަމެއް. އަހަރެން މަންމަ އާއި ބައްދަލުވާއިރު އެހެން އެކަކުވެސް ނެތިއްޔާ ރަނގަޅު ވާނީ." ނަޒްލާގެ ވާހަކަ އިވިގެން އަވިކް ކައިރިއަށް ޖެހިލާފައި ހުއްޓުނީ ނަޒްލާގެ ކުރިމަތީގައެވެ. އަނެއް އަތުން ކޮނޑުގައި ހިފާލައިފައި ހަތަރުކަޅި ހަމަކޮށްލި ގޮތުން ބުނަން އުޅޭ ވާހަކައިގެ ސީރިއަސްކަން ދޭހަ ކޮށްދިނެވެ. "ނަޒޫ! ލެޓް މީ ބީ އޮނަސްޓް. މިވަގުތު އަހަރެންނަށް ނަޒޫއަށްވުރެ މުހިންމު އެހެން އެއްވެސް ކަމެއް ނެތް." އަވިކް ބުނެލިއެވެ. ނަޒްލާގެ ހިތަށް ކުރީ ފުން އަސަރެކެވެ. ނޭނގި ހުއްޓާ ލޮލަށް ކަރުނަތައް ގިނަވެގެން އައެވެ. ދެމީހުން އެކަކު އަނެކަކަށް ބަލަން ތިއްބާ ފޯން ރިންގް ވާން ފެށިއެވެ. ނަޒްލާ ފޯނު އުފުލާލި ވަގުތު ސްކްރީނަށް އަރާފައިވާ "މަންމަ"ގެ ނަން ފެނުނީ ދެމީހުނަށް އެއްކޮށެވެ. "ލެޓްސް ހަރީ!" ދެވަނަ ސިކުންތުގައި އަވިކް ނަޒްލާ އަތަށް ދަމަމުން ބާރު ބާރަށް ނިކުންނަން ހިނގައިގެންފިއެވެ.
ކާރުގައި އެމީހުން ގޮސް ނަޒްލާ އުޅުނު ގެ ހުންނަ މަގަށް ވަންއިރު ޞައީދާ ނިކުމެ ހުރީ އެގޭ ދޮރުމަތީގައެވެ. ނަޒްލާ އަވަހަށް އަވިކް ކައިރީ ކާރު މަޑު ކުރަން ބުނެފައި ފައިބައިގެން ހިނގައިގެންފިއެވެ. އަވިކްގެ ފޯނު ރިންގް ވެގެން ބަލާލިއިރު މިކިޔާލް ގުޅާތަން ފެނުމުން އޭނާ މަޑުކުރީ ފޯނަށް ޖަވާބު ދީފައި ފައިބަން ވެގެންނެވެ. "ކީކޭ މިކިޔާލް؟" އަވިކް ފޯނު ކަންފަތުގައި ޖަހައިލަމުން ދުރަށް ހިނގަ ހިނގާ ހުރި ނަޒްލާއަށް ބަލައިލިއެވެ. ޞައީދާ ނަޒްލާ ކާރުން ފޭބި ހިސާބުން ކަޅި ޖަހާނުލާ ބަލަން ހުއްޓެވެ. އެވަގުތު ޞައީދާގެ މޫނުގައިވި ނުރުހުމުގެ ކުލަވަރު އަވިކްއަށްވެސް ރީތިކޮށް ފެނުނެވެ. އޭނާގެ ހިތް އާދަޔާ ޚިލާފަށް ތެޅިލުމުން ހަމަޖެހިލުމުގެ ގޮތުން ފުން ނޭވައެއް ދޫކޮށްލެވުނެވެ. އަދި ނަޒްލާއަށް ކިހާ ވަރެއް ވާނެބާއޭ ހިތަށް އެރިއެވެ.
"އަވިކް އެބަ އަޑު އަހަންތަ އަހަރެން މިދައްކާ ވާހަކަ؟ އަހަރެން މިއަހަނީ އަވިކް ކޮންތާކުހޭ؟ ކޮންއިރަކުންހޭ އަންނަނީ؟ އަވިކްގެ މަންމަ އާއި ކޮއްކޮވެސް މިތަނަށް އަތުވެއްޖެ. ކަރަމް މިފަހަރު ދެފަހަރު އަހައިފި އަވިކް އަދިވެސް ނާންނަނީހޭ." އަވިކްގެ ފަރާތުން ޖަވާބެއް ނައިސްގެން މިކިޔާލްގެ ވާހަކަ ދެވަނަ ފަހަރަށް ތަކުރާރު ކުރިއެވެ. "އަހަރެން މިއުޅެނީ ނަޒޫ ގޮވައިގެން. ބައްޕަ ކައިރީ މިކިޔާލް ކޮންމެވެސް އެއްޗެކޭ ބުނެގެން ހަމަޖައްސާލާ." އަވިކް ޖަވާބު ދިނެވެ. އޭނާއަށް ފެނުނީ ނަޒްލާ ޞައީދާގެ ކުރިމަތީ ދެއަތް ޖޯޑު ކޮށްލައިގެން ހުއްޓުނު ތަނެވެ. ޞައީދާ ދެބުމަ ގޮށް ޖަހާލައިގެން އިރުކޮޅެއް ވަންދެން ހުރީ އަނގައިން ނުބުނެއެވެ. "ނަޒޫއޭ ބުނީމަ މި ހަނދާންވީ. ވިކްގެ ބައްޕަ އަހަރެން ކައިރީ ބުނެފި ނަޒޫ އެއީ ކާކުކަން އޮޅުން ފިލުވަދޭން. ބުނީ މާދަމާ ހެނދުނު ވާންވާއިރަށް ނަޒޫގެ ހުރިހާ މައުލޫމާތެއް ބައްޕަގެ ޑެސްކް މަތިން ފެންނަން ހުންނަން ވާނެއޭ. މަށަށް ހީވަނީ ބައްޕައަށް ތިދެމީހުންގެ ގުޅުމާއިމެދު ޝައްކެއް ވީހެން. ވިކް ބުނެބަލަ. އަހަރެން ކިހިނެތް ހަދަންވީ؟" މިކިޔާލް މިފަހަރު ބުނި އެއްޗަކުން އަވިކްގެ ހުރިހާ ސަމާލުކަމެއް ފޯނަށް ހުއްޓުނެވެ. "ބައްޕަ ބުނި ގޮތަށް ކަންތައް ކުރޭ!" ވިސްނައިލާފައި އޭނާ ޖަވާބު ދިނެވެ. މިކިޔާލްއަށް ގަބޫލު ނުކުރެވިގެން ބާރު ބާރަށް ވަޓްއޭ އަހާލިއެވެ.
"ހޫމ. މިހާރު ބައްޕައަށްވެސް ނަޒޫ އެއީ ކާކުކަން އަންގަންވީ ވަގުތު އައިސް ޖެހިއްޖެ." އަވިކްގެ ނަޒަރު އަނެއްކާވެސް ދުރުގައި ތިބި ދެމައިންނަށް ހުއްޓާލަމުން ފޯން ކަނޑާލައިފިއެވެ. ނަޒްލާ އެދުނު ގޮތަށް އިހަށް އެދެމައިން އެކަނި ދޫކޮށްލަން ވެގެން އޭނާ އިނީ މަންޒަރު ބަލާށެވެ.
"ޝީރީން ގުޅާފައި އެހުރިހާ ވާހަކައެއް ދެއްކި ފަހުންވެސް އަހަރެން ނިންމައިގެން މިހުރީ ލޮލަށް ފެނުނީމަ ނޫނީ ޤަބޫލު ނުކުރަން. މުޅި ދަތުރުމަތީގައިވެސް އަހަރެން ދުޢާ ކޮށްލަ ކޮށްލާ އިނީ އަޑު އިވުނު ވާހަކަތައް ކޮންމެވެސް ގޮތަކުން ކުށްހީއަކަށް ވުމަށް. އެކަމަކު އަހަރެން ހަމަ ހައިރާންވެއްޖެ ނަޒްލާގެ ތިހިރަ އުޅުމަކުން. ތީތަ އަހަރެން ނަޒްލާއަށް ދިން ތަރުބިއްޔަތަކީ؟ އަހަންނާ ދޭތެރޭ އަދި ނުވިސްނިއަސް ނަޒްލާއަށް ފުރުސަތު ދީފައި ކިޔަވަން ފޮނުވި ޒާހިދު މަތިން ހަނދާންކޮށްލި ނަމަ....." މަންމަގެ ވާހަކައިގެ މިސްރާބު ހުރި ގޮތުން ނަޒްލާ ކަންބޮޑުވިއެވެ. މަންމަގެ ވިސްނުން އެހުރީ ގޯހުން ގޯހަށެވެ. "މަންމައަށް ތިވިސްނެނީ އަދި ރަނގަޅަކަށް ނޫން. އަހަރެން...."ނަޒްލާ ވާހަކަ ދައްކަން އުޅެން ފެށުމުން ޞައީދާ އަތް އުފުލާލައިފައި އެވާހަކަ ހުއްޓުވައިފިއެވެ.
އައިސް ހުރި ރުޅިގަނޑު ކޮންޓްރޯލް ކުރަން މަސައްކަތް ކުރާ ފަދަ ގޮތަކަށް އޭނާ އިރުކޮޅަކަށް އިސްޖަހާލައިގެން ހުއްޓެވެ. ތުންފަތުގައި ދަތް އަޅާލަ އަޅާލާ ނަޒްލާ ހުރިއިރު ކަރުނަތައް ވީ ހައްތަހާ ގިނައެވެ. މަންމައަށް ވިސްނައިދޭން އޭނާ ހަނދަންވީ ގޮތެއްވެސް ހިތަކަށް ނައެވެ. މަންމަ އެއީ މިހާރަކަށް އައިސް އޭނާގެ ކުރިއަށް އެހެން މީހުންގެ ވާހަކަ ނެރެ އިތުބާރު ކުރާ މީހާއެވެ. ޝީރީންގެ ވާހަކަ ދޮގު ކޮށްފައި އެމަންމަ އަދިވެސް އޭނާގެ ވާހަކަ ޤަބޫލު ކުރާނެ ނަމަ ކިހާ ރަނގަޅު ހެއްޔެވެ؟
"މަންމާ ޕްލީޒް އަހަރެން ދައްކާ ވާހަކަ އަޑުއަހާބަލަ. އަހަރެން ނޫޅެމޭ ގޯސްކޮށެއް. އަހަރެން އަދިވެސް މިހުރީ ޒާހިދު އާއި އިންނަން ތައްޔާރުގަ. ކޯސް ނިމޭއިރަށް އަހަރެން ކައިވެނި ކުރާނަން. ހަމަތެދެއް މިބުނީ. ޝީރީން ދައްތައަށް ކުށްހީއެއް ކުރެވުނީ ކުއްޖަކު ދެއްކި ވާހަކަ އަކުން." ނަޒްލާ އަނެއްކާވެސް ވާހަކަ ކުރިއަށް ގެންދެވޭތޯ މަސައްކަތް ކުރިއެވެ. އޭނާ ކުރިއަށް ޖެހިލާފައި މަންމަގެ ކޮނޑުގައި ހިފާލިތަނާ މަންމަ އެއަތުގައި ހިފައި ފޮޅުވާލީ ދުރަށެވެ. ކާރުގައި އިން އަވިކްގެ ކެތްތެރިކަން ކޮޅުންލީ އެހިސާބުންނެވެ. މާހައުލުގެ ހޫނުކަން އިހްސާސްވި ނަމަވެސް ނަޒްލާ އެކަނި ދޫކޮށްލާކަށް ހިތެއް ނުރުހުނެވެ. އޭނާ އެއްބައިގައި ވާހަކަ ދައްކައިފިއްޔާ ޞައީދާއަށް ހެޔޮ ބަދަލެއް އަތުވެދާނެ ކަމުގައި އުންމީދު ކުރެވުނެވެ. އަވިކް އެމީހުން ކައިރިއަށް ދާންވެގެން ދޮރު ހުޅުވާލި ވަގުތަކީ ޞައީދާ ދުރު ބަލާލި ވަގުތެވެ. އެވަގުތު ނަޒްލާ ފޭބި ކާރުގެ ދޮރު ހުޅުވުނު ތަން ފެނިގެން އިތުރަށް އޭނާ ހޫނުވިއެވެ. ޝީރީން ދެއްކި ވާހަކަތަކުން އެނގުނު ގޮތުގައި ނަޒްލާ ގުޅިގެން އުޅެނީ އެކުގައި އޮފީހުގައި މަސައްކަތް ކުރާ ޒުވާނަކާއެވެ. އަދި ގޭގައި ނޫޅޭ ހުރިހާ ވަގުތެއް ނަޒްލާ ހޭދަ ކުރަނީ އެޒުވާނާ ފަހަތުލައިގެންނެވެ. އެހެން އެކަން އޮތްއިރު އެކާރުގައިވެސް އިންނާނީ ނަޒްލާގެ ލޯބިވެރިޔާ ކަމުގައި ޞައީދާއަށް ވިސްނުނެވެ.
"އަދި ލަދު ނުގަނެގެން ލޯބިވެރިޔާވެސް ގޮވައިގެންނޭ މަގޭ ކުރިމައްޗަށް އެއައީ."ޞައީދާ ބުނި އެއްޗެއް އިވިގެން ނަޒްލާ ސިއްސައިގެން ގޮއްސައި ދެފަރާތަށް ބޯ ހޫރާލެވުނެވެ. އަވަސް އަވަހަށް އޭނާ އެނބުރުނީ ކާރާއި ދިމާއަށެވެ. އެވަގުތު އެކާރުން އަވިކް ފޭބީ ދެމައިން ބަލަން ތިއްބައެވެ. ނަޒްލާ އެވަގުތު ވާހަކަ ދައްކަން އުޅެ އަޑުވެސް ނުނިކުތެވެ. ކުރެވުނުހާވެސް ކަމަކީ ތަކުރާރުކޮށް ދެފަރާތަށް ބޯ ހޫރާލުމެވެ. "މަން... މާ.... އަވިކް....." ނަޒްލާ އަވިކް ނާންނަނީސް ޞައީދާއަށް ވިސްނަދޭން ވެގެން ކުރި މަސައްކަތް ހުއްޓުނީ ކޯތާފަތަށް އަރައިގެންދިޔަ ހޫނު ދިލައަކުންނެވެ. ޞައީދާ ޖެހިލެއް ބާރު ކަމުން ދިޔައީ އަޑު ކިޔާލައިގެންނެވެ. ވަގުތުން ނަޒްލާއަށް ރޮވުނެވެ. ވީ ތަދަށްވުރެ ހިތަށް ކުރި ފުން އަސަރަކުންނެވެ. އޭނާ އަވަސް އަވަހަށް އަނގަމަތީ އަތް އަޅާލައިގެން އަނެއްފަރާތަށް މޫނު އަނބުރާލިއެވެ. ދާދި ކައިރިއަށް އާދެވިފައި ހުރި އަވިކްގެ މޫނުންވެސް ދިޔައީ ތަރި ބުރައިގެންނެވެ. އޭނާއަށް ބޭއިޚުތިޔާރުގައި އެދެމައިންނާއި ދިމާއަށް ދުއްވައިގަނެވުނެވެ. އަވިކް އަށް އާދެވުނު އިރު ޞައީދާ ދެވަނަ ފަހަރަށް ޖަހަން އަތް މަޅައިލަނީއެވެ. އެވަގުތު އަވިކް އެދެމެދަށް ހުއްޓިފައި ނަޒްލާ ހިމާޔަތް ކޮށްފިއެވެ.
"ތެދެއް މިބުނަނީ އަހަރެން ހަމަ އަންތަރީސް ވެއްޖެ ނަޒްލާ. މިހާ އަވަހަށް ހަނދާން ނެތުނީތަ ނުވަ އަހަރު ކުރިން ވީގޮތް." ޞައީދާ އަތްތިރިކޮށްލާފައި ބުނެލި ވާހަކައަކުން އަވިކްއަށް އިސްޖަހާލެވުނީއެވެ. ނަޒްލާ އެއްއަތުން ކަރުނަ ފުހެމުން އަނެއް އަތް އަނގައާއި ވަކި ކޮށްނުލައި ހުރެފައިވެސް އެވާހަކަ އިވިގެން އަވިކްގެ މޫނަށް ބަލައިލެވުނެވެ. އަވިކްގެ ކުރިމަތީ މަންމަ އެކަހަލަ ވާހަކައެއް ދައްކާކަށް އޭނާ ނޭދެއެވެ. ކުރީގެ ވާހަކަ ހަނދާނަށް ގެނެސްގެން މިހާރު ދެން ވާނެ ކަމެއް އޮންނާނެ ހެއްޔެވެ؟
"ދެން ތިޔަ އުޅޭ ތާކަށް ގޮސް ވާނެ ތައްޔާރެއް ވިއްޔާ ވޭ. މާދަމާގެ ހެނދުނު ނުވައެއްގެ ޖަހާއިރަށް ފުރާ ބޯޓުން ރަށަށް ދާން ޖެހޭނެ. ތިޔަ ހުރީ ކިޔެވޭނެ ވަރަކަށް ކިޔެވިފަ." ޞައީދާ އަނެއްފަރާތަށް އެނބުރިފައި ދާން ފެށުމުން އަވިކް ވާހަކަ ދައްކަން ތައްޔާރުވެލިތަނާ ނަޒްލާ އަތުގައި ހިފެހެއްޓުމުން ބަލާލެވުނެވެ. ނަޒްލާ ބޮލުގެ އިޝާރާތުން އެދުނީ އެއްވެސް އެއްޗެއް ނުބުނުމަށެވެ. ނޫފައިގަނެފައި ހުރި އެކޯތާފަތް ފެނުމުން އަވިކްގެ ހިތަށް ތަދުވިއެވެ. އަމިއްލަ ނަފްސް ކޮންޓްރޯލް ކުރަން އިތުރަށް އުދަނގުވިއެވެ. އެވަރުންވެސް އޭނާ ޞައީދާއަށް އެއްޗެއް ނުބުނެވޭތޯ ބެލިއެވެ. އެންމެ ފަހުން ނަޒްލާއަށް ވުރެ ކުރިން އަނެއް ފަރާތަށް އެނބުރިފައި ގޮސް ކާރަށް އަރައި އިށީންދެއްޖެއެވެ. ޞައީދާ ވަދެ ދޮރު ލައްޕާލުމުން ނަޒްލާ އައިސް ފަހަތުން އެރިއިރު އަވިކް އޮތީ ހުންގާނުގައި ބޯ އަޅާލައިގެންނެވެ. އިރުކޮޅަކުން އޭނާ ސިއްސައިގެން ދިޔައީ އަވިކް ބޯ ހިއްލާލައިފައި ހުންގާނުގައި ނިކަން ބާރަށް ގޮށް މުށުން ޖެހި އަޑަށެވެ.
"ނަޒޫ ކިހާ ދުވަހަކު ތިގޮތަށް ވިކްޓިމްއަކަށް ވެގެން ހުންނާނީ؟ އެންމެ ފުރަތަމަ އަހަރެންގެ ބައްޕަވެސް ނަޒޫއާއި ދިމާއަށް ހިތަށް އެރިހާ އެއްޗެއް ކީ. އެދުވަހުވެސް ނަޒޫ އަމިއްލަ ދިފާޢުގައި އެއްޗެއް ނުބުނޭ. އޭގެ ފަހުން އަހަރެންވެސް ނަޒޫގެ ހިތް ހަލާކު ކޮށްލީ. އެކަމަކު ދެންވެސް ނަޒޫ އަޅާވެސް ނުލާ އެހިސާބުން ދެއަތް ފޮޅާލީ. އެންމެ ފަހަރަކުވެސް މަސައްކަތެއް ނުކުރޭ އަހަރެންގެ ހިތް ހޯދާކަށް. މިހާރު ތިއުޅެނީ މަންމަ ބުނީތީ އެޒާހިދު އާއި އިންނަން އެއްބަސްވެގެން. ޤަބޫލު ކުރަން ނަޒޫ މަންމަ ނަޒޫ ބެލީ ބައްޕައެއްގެ އެއްވެސް އެހީތެރިކަމާ ނުލާ އެކަނިމާއެކަނި ކަން. އެކަމަކު ނަޒޫ އެމަންމައަށްޓަކައި ޒާހިދު އާއި އިނދެގެން ދިރިއުޅުން އުޅެން ޖެހޭނެ މީހަކީވެސް ހަމަ ނަޒޫއޭ. މަންމައަކަށް ނޭނގޭނެ މަންމައަކަށް އިހްސާސެއް ނުވާނެ ނަޒޫ އުޅޭނެ ހާލެއް. ނަޒޫ ހިތަށް ކުރާނެ އަސަރެއް." އަވިކް ވާހަކަ ދައްކަދައްކާ ހުއްޓާ ނަޒްލާ އަނެއްފަރާތަށް މޫނު އަނބުރާލައިގެން ބޭރު ބަލަން ފެށިއެވެ. އެއްޗެއް ނުބުނެ އިނދެގެން އޭނާ ކުރި ކަމަކީ ދެފަހަރު މަތިން ލޮލުން ފައިބަމުން ދިޔަ ކަރުނަތައް ފުހެލުމެވެ. ނުރޯންވެގެން ތިރީ ތުންފަތުގައި ދަތް އަޅާލައިގެން އިންލެއް ބާރު ކަމުން ތުންފަތުންވެސް ހީވަނީ ދެންމެ ދެންމެ ލޭ އޮހޮރިގެންފާނެ ހެންނެވެ. އެވަރުންވެސް އަވިކް ކުރިމަތީ ހިތްވަރުގަދަ ކުއްޖަކަށް ވާން ނަޒްލާ ބޭނުން ވިއެވެ. އަވިކް އެމޫނަށް ބަލަން އިނދެ އިނދެފައި ހަނދާނެ ގޮތް ހުސްވެފައި އިން މީހަކު ފަދައިން އަތުން ނިއްކުރިއަށް ބާރު ކޮށްލުމާއެކު އެންމެފަހުން ކާރު ދުއްވާލިއެވެ.
ގެއަށް ވަދެވުމާއެކު ނަޒްލާ ދާން ފެށީ ކޮޓަރި އާއި ދިމާއަށެވެ. އަވިކް ސިޓިންރޫމް ތެރޭ ދެކޮޅަށް ހިނގާލަ ހިނގާލަ ހުރީ ދެން ހަދާނެ ގޮތެއް ވިސްނާށެވެ. މިކިޔާލް ގުޅީ އޭނާ އެގޮތަށް ހިނގާލަ ހިނގާލާ ހުއްޓައެވެ. ފޯނަށް ބަލަން ހުރެފައި އަވިކް ހިނގައިގަތީ ނަޒްލާ ފަހަތުންނެވެ. އޭނާ އެތެރެއަށް ވަންއިރު ނަޒްލާ އަލަމާރި ތެރެއިން ހެދުންތައް ނަގައިގެން އެނދުމަތީ ހުޅުވާފައި އޮތް ފޮށްޓަށް އަޅަނީއެވެ. އަވިކް ބަލާކަށް ނުހުރެ ދިޔަ ގޮތަށް ގޮސް ނަޒްލާ އަތުގައި ހިފެހެއްޓިއެވެ. "އަވިކް!" ނަޒްލާ އަވިކްގެ މޫނަށް ބަލާލަމުން ތަންކޮޅެއް ހަރުކަށި އަޑަކުން ގޮވާލިއެވެ. "ނަޒޫ ނުވާނެ ރަށަށް ގޮސްގެނެއް. އަހަރެން ނަޒޫ ދިޔަކަ ނުދޭނަން. އަހަންނަށް އިނގޭ މަންމަ ނަޒޫ ގެންގޮސް ޒާހިދު އާއި ކައިވެނި ކުރުވާނީކަން. އަދި ނަޒޫވެސް އެމަންމަގެ އެދުމާއި ދެކޮޅެއް ނުވާނެ. އެހެންވެގެން އަހަރެންނަކަށް ނެތް ނަޒޫ ބޭނުން ގޮތަށް ކަންތައް ކުރެވޭކަށް." އަވިކްވެސް ހަމަ އެހާ ހަރުކަށި ރާގެއްގައި ރައްދު ދިނެވެ. "ދޫކޮށްލާ އަހަރެން އަތުން. އަހަރެން ދާނީ ރަށަށް. އަވިކްއަށް އިތުބާރު ކޮށްފަ އަހަރެންނަށް މަންމައާއި ދެކޮޅެއް ނުވެވޭނެ. ކިހިނެތް އެނގެނީ ދުވަސްކޮޅެއް ވާއިރަށް އަވިކްއަށް ހެޔޮ ވިސްނުން ނާންނާނެ ކަމެއް. އަހަރެންދެކެ ލޯބިވާކަމަށް ކުރެވުނީ އަނެއްކާވެސް ކުށްހީއެއްކަން ރިއަލައިޒް ވެއްޖެއްޔާ ވާނެ ގޮތް އެނގޭތަ؟" އަސަރު ކޮށްފައި ހުރިވަރުން ނަޒްލާ މިހާ ދުވަހު ނުބުނަން ހުރި ވާހަކަވެސް ދޫ މައްޗަށް ގެނެވިއްޖެއެވެ. އެވާހަކަ އަހައިގެން އަވިކް ކުއްލިއަކަށް ހިމޭންވިތަން ފެނުމުން އޭނާ ކަންބޮޑުވެގެން އަތް ފޮޅުވާލައިފައި ގޮސް އަނެއްކާ އަލަމާރި ހާވަން ފެށިއެވެ.
"އެހެންވެތަ ނަޒޫ އަހަރެންގެ ލޯބި ޤަބޫލު ނުކުރަން ތިއުޅެނީ؟" އަވިކް މަޑުމަޑުން އަހާލި އަޑު އިވުނެވެ. " އާ ކިހިނެތް އެނގޭނީ. ކުރިންވެސް އަހަރެން ނޫން ކުއްޖަކާއި ނީންނަން ބުނި މީހާ ރާއްޖޭން ބޭރުގައި ހުއްޓާ އެނގުނީ އެއީ އަދި ހަމަ ކުރު މުއްދަތެއްގެ އެފެކްޝަންއެއްކަން. ހަމަ އެގޮތަށް މިފަހަރު އެކަން އެނގޭއިރު ކައިވެނި ކޮށްގެން ކިޑެއް ލިބިފަ ހުރިއްޔާ ދެން އޮންނާނީ ވަކި ނުވެވިފަ. އެހެންނޫނަސް އަހަރެން ނުވޭ މިހާރު އަވިކްދެކެ ލޯއްބެއް. އަހަންނަށްވެސް ފާޑަކަށް އިހްސާސްވެއްޖެ އަހަންނާއި އަވިކްމެދުގައި އޮތް ކަމެއް ވިއްޔާ އޮތީ ނުވަ އަހަރު ކުރިންކަން." ނަޒްލާ ވާހަކަ ދައްކަ ދައްކާ ހުއްޓާ އަވިކް މެދުތެރޭން ދެފަހަރު މަތިން "ދޮގު ނުހަދާށޭ" ބުނެލި ނަމަވެސް ނަޒްލާ ހުއްޓާލީ ބޭނުން ހުރިހާ ވާހަކައެއް ބުނެވުނީމައެވެ. އޭނާ އެއީ އާދައިގެ ވާހަކައަކަށް ހަދައިގެން ދެއްކިއިރު ލޮލުން ތިއްކަކަށް ފަހު ތިއްކެއް ފައިބަމުން ދިޔައެވެ. އެނބުރިލަން ވެގެން އަވަހަށް ކަރުނަ ފުހެލިއެވެ.
"ސޮރީ ނަޒޫ." ނަޒްލާ އަތަށް ނެގި ހެދުންތައް ގެންގޮސް ފޮށްޓަށް އަޅައިލިތަނާ އަވިކް ބުނެލި އަޑު އިވުނެވެ. ނަޒްލާ ހައިރާންވެގެން އިސް އުފުލާލިތަނާ އަވިކް ބަލަން ހުރެފައި އައިސް ހިފެހެއްޓީ އަނެއްކާވެސް އޭނާގެ އަތުގައެވެ. "މިހާރު ކީއްކުރަން ތިއުޅެނީ؟" އަވިކް ދޮރާއި ދިމާއަށް ދާން ފެށުމުން ނަޒްލާ އެހިއެވެ. އެކަމަކު އެސުވާލަށް ޖަވާބު ދިނުން އަވިކްއަށް މުހިންމެއް ނުވިއެވެ. އޭނާ ނަޒްލާ ގޮވައިގެން އެޕާޓްމެންޓުން ނިކުމެފައި ދެކޮޅު ބަލައިލީ ވައްކަން ކުރަން އުޅޭ ވަގެއް ހެންނެވެ. ދެން ބާރު ބާރަށް ގޮސް މާނީ އުޅުނު އެޕާޓްމެންޓްގެ ދޮރު ކައިރިއަށް ހުއްޓި ކޯޑު ޖަހަން ފެށިއެވެ. "ކީއްކުރަން ތިއުޅެނީ؟" ނަޒްލާގެ ސިކުނޑީގައި ތަފާތު ހިޔާލުތައް އެނބުރިގަތުމުން ކަންބޮޑުވެފައި އަނެއްކާ އަހާލެވުނެވެ. މިފަހަރުވެސް އަވިކް ޖަވާބެއް ނުދިނެވެ. ހުޅުވިގެން ދިޔަ ދޮރުން އޭނާ ނަޒްލާއެކު އެތެރެއަށް ދެމިގެންފައި ދޮރު ލައްޕައިލީއެވެ.
"އޯހ ގޯޑް. އަވިކް ކީއްކުރަން އަހަރެން މިތަނަށް ތިގެނައީ؟ އަނެއްކާ ތިއުޅެނީ އަހަރެން....." ނަޒްލާއަށް ވާހަކަ ކުރިއަށް ނުގެންދެވިގެން ހުއްޓުނެވެ.. ހާސްވެގެން އަޑު ކެނޑުނީއެވެ. "ރަނގަޅު. އައެމް ކިޑްނެޕިން ޔޫ." އަވިކް ނަޒްލާ އަތުން ދޫކޮށްނުލައި ހުރެގެން ގޮސް ބަދިގެއަށް ވަދެ މޭޒު ކައިރީ ހުރި ގޮނޑި ބޭރަށް ނެރުނެވެ. ނަޒްލާ ދެލޯ ބޮޑުކޮށްގެން އެކި ސުވާލުތައް ކޮށްކޮށް ހުއްޓާ އަވިކް އެތާހުރި ޑްރޯވަރއެއް ހުޅުވާފައި ނެގި ވަރުގަދަ ޓޭޕް ރޯލެއް ހިފައިގެން ގޮނޑި ކައިރިއަށް ގޮސް ނަޒްލާ އެގޮނޑީގައި ބައިންދައިފިއެވެ.
"މިކަން ހުއްޓާލާ އަވިކް. އަހަރެންނަށް ތިހެން ނުހަދާ! މަންމަ ހައްތަހާ ބޮޑަށް އަހަރެންދެކެ ރުޅި އަންނަންތަ އަވިކް ބޭނުމީ؟ އަވިކް ހީކުރީ މިގޮތަށް އަހަރެން ދިޔަ ނުދީ ހިފަހައްޓައިގެން އަވިކްއަށް އަހަރެން ހާޞިލްވާނެ ކަމަށްތަ؟ ދެންމެވެސް ބުނެފިން ލޯއްބެއް ނުވެއޭ. އަވިކް އަހަރެން ރަށަށް ދާން ދޫކޮށްލާ!" ނަޒްލާ ދައްކަމުން ދިޔަ އެއްވެސް ވާހަކައަކަށް އަވިކް ސަމާލުކަމެއް ނުދިނެވެ. އޭނާ ނަޒްލާއަށް ނުތެދުވެވޭނެހެން ކުރިމަތީ ހުރެގެން އެދެއަތް ގެންގޮސް ގޮނޑީގެ ފުރަގަހަށް ލާފައި ޓޭޕް އަޅައި ނުތެދުވެވޭނެހެން ހައްޔަރު ކޮށްލިއެވެ. އަވިކްގެ ފޯނު އަނެއްކާވެސް ރިންގް ވާން ފެށީ އެވަގުތުއެވެ. ފޯނަށް ބަލާލިއިރު މަންމަ ގުޅަނީއެވެ. "ތޭންކްސް ޓު ޔޫ އީމާ. އީމާ މިއެޕާޓްމެންޓްގެ ޕާސްވޯޑް ދިން ކަމުން މިއަދު އަހަރެން ބޭނުން ވާ ގޮތަށް ކަންތައް މިކުރެވުނީ." ސްކްރީނަށް އަރާފައިހުރި އީމާގެ ފޮޓޯއަށް ބަލަން ހުރެގެން އަވިކް ހިނިތުންވެލިއެވެ. ފޯނު ނަގަން އުޅެފައި އޭނާ ފުރަތަމަ ކަމަކަށް ނަޒްލާގެ އަނގަމަތީވެސް ޓޭޕްގަނޑެއް އަޅައި ބަންދު ކޮށްލިއެވެ.
"ކީކޭ މަންމާ؟" ފޯނު ނެގިއިރު އަވިކް ހުރީ ނިކަން ހަމަޖެހިފައެވެ. "އަވިކް ކޮންތާކު ތިއުޅެނީ. ބައްޕަވެސް އަވިކް ނުފެނިގެން ވަރަށް އުޅުއްވި. މަޤާމާއި ހަވާލުވާން ކޮންޕެނީގެ އާ ސީ.އީ.އޯ ނައި ވާހަކަ އެންމެން ދައްކަނީ." ސުދާ ދެއްކި ވާހަކައަކުން އަވިކްގެ ސިކުނޑި ސުވާލުން ފުރުނެވެ. "އާ ސީ.އީ.އޯ އަކީ ކާކު؟" އަވިކްއަށް އަހާލެވުނެވެ. ޖަވާބެއް ނުލިބިގެން އޭނާ މަންމައަށް ގޮވާލައިފައި ޗެކް ކޮށްލިއިރު ފޯނު އޮތީ ނިވިފައެވެ. އަވިކް ފާޑަކަށް އަނގަ ހަދާލައިފައި އައިސް ޖެހިގަތީ ނަޒްލާއާއި ކުރިމަތި ވާގޮތަށް ހުރި އަރާމު ސޯފާއަށެވެ. އޭނާ ދެފައި ދަމާލައިގެން ސޯފާގައި ދިގު ދެމިލައިގެން އޮތްވާ ކުރިމަތީ ހުރި ފާރުގައި ހަރުކޮށްފައިވާ މާނީގެ ދެ ފޮޓޯގަނޑަށް ނަޒަރު ހުއްޓުނެވެ. އިސާހިތަކު އެތުންފަތަށް ލާނެތް ހިނިތުންވުމެއް ވެރިވެއްޖެއެވެ. ނަޒްލާ އޭރު ސަލާމަތް ވާން ތެޅި ތެޅި ވަރުބަލި ވެގެން އިނީ އަވިކްގެ މޫނަށް ބަލަހައްޓައިގެންނެވެ.
މަންމަ އެނބުރި އަންނަން ވާއިރަށް އަވިކް ގޮސް އޮތީ ކޮޓަރީގައެވެ. އޭގެ ކުރިން އޭނާ އެތަނަށް ވަދެފައި ނަޒްލާގެ ފޮށި ބަންދު ކޮށްގެން ގެންގޮސް ނަޒްލާ އިން އެޕާޓްމެންޓަށް ލިއެވެ. އެހެން ހެދުމުން މަންމަ އޭނާއަށް ޝައްކު ކުރުން ދުރުވާނެތީއެވެ. އަވިކް ފޯނު ޗާޖަށް ޖަހާފައި އޮންކޮށްލިތަނާ މެސެޖްތައް އައީ ފުލުފުލުންނެވެ. އޮފީސް ކުދިންތައް މަރުހަބާ ކިޔާފައި އާ ސީ.އީ.އޯއޭ މުޚާތަބު ކޮށްފައި ހުރީ ޚުދު އޭނާއަށެވެ. އަވިކް މަންމަ އައިތޯ ނިކުންނަން އުޅެނިކޮށް މިކިޔާލް ގުޅުމުން އަވަހަށް ފޯނު ނެގިއެވެ. "މިފަހަރު ކީއްވެ ތިނެގީ؟" މިކިޔާލް މަލާމާތުގެ ރާގެއްގައި އެހިއެވެ. "އެންމެން ކޮންކަހަލަ މެސެޖެއް ފޮނުވާފަ މިއޮތީ؟" އަވިކް ކެތްތެރިކަމެއް ނެތި ސުވާލު ކުރިއެވެ. "އަހަރެން ކުރިންވެސް ބުނީމެއްނު އަވިކް ބައްޕަ ކަމެއް އެބަ ރާވައޭ. މިރޭގެ ޕާޓީ އެހާ ހާއްސަވީ ގޮތެއްވެސް އެނގުނީ އިވެންޓްތެރޭން. އަވިކްގެ ކާފަ، ކޮމްޕެނީގެ ޗެއަރޕާސަން ކަމުން އިސްތިއުފާ ދީފަ އެ މަޤާމަށް ކަރަމް ހަމަޖެއްސީ. ދެން އެހިސާބުން އަހަރެންނަށްވެސް އެނގުނު ޔައިޝް އަދި އެމްޑީއަކަށް ހުއްޓަސް ސީ.އީ.އޯކަން ކަރަމް ދޭނީ އަމިއްލަ ދަރިފުޅަކަށް ކަން. ޔައިޝްއަށްވެސް މިދުވަސް އަންނާނެކަން އެނގޭތީ ކަންނޭނގެ ވިކް ދެކެ އެހާ ރުޅިއެއް އަންނަނީ. ވިކް ކިޔަވައިގެން އައިސް ތަޖުރިބާ މަދުވީމަ އެޑްމިން މެނޭޖަރ އަކަށް ބެހެއްޓިއަސް ކޮންމެވެސް ދުވަހަކުން ކަރަމް ޗެއަރޕާސަންގެ މަޤާމަށް ބަދަލުވެފަ ވިކްއަށް ސީ.އީ.އޯގެ މަޤާމު ދޭނެކަން ޔައީޝްއަށް އޮތީ މާކުރިން އެނގިފަ." މިކިޔާލް ނިކަން ސީރިއަސް ވެފައި ކިޔައިދިނެވެ. އެދެމެދަށް ޔައީޝްގެ ނަން އައި ހިސާބުން އަވިކް ހުރީ މައުޟޫ ބަދަލު ކޮށްލަން ބޭނުން ވެފައެވެ. އެހެން ވެގެން އޭނާ ބަހަނާއެއް ދައްކާލައިފައި އިރުކޮޅެއް ނުވެ ފޯން ބާއްވައިފިއެވެ. ސުދާ ބުނެގެން ހީނާ އައިސް ޓަކި ޖަހާލިއިރު އަވިކް އޮތީ މިކިޔާލް ދެއްކި ވާހަކަތަކާއި މެދު ވިސްނުން ހިންގާށެވެ. އޭނާ ޖަވާބެއް ނުދިނުމުން ހީނާ ގޮސް ސުދާ ކައިރީ އަވިކް ނިދީ ކަންނޭނގެއޭ ބުނި އަޑު އިވުނެވެ. އަވިކް ލޯމަރާލައިގެން އޮތްވާ އިރުކޮޅެއް ނުވެ ހީނާ އަނެއްކާ އައިސް ދޮރުގައި ތަޅަން ފެށިއެވެ. އަވިކް ހިތްހަމަ ނުޖެހިފައި ހުރެގެން ގޮސް ދޮރު ހުޅުވިއިރު ސުދާ އިނީ ސިޓިންރޫމް ސޯފާގައެވެ.
"ކޮބާ ނަޒްލާ މިރޭ؟ އީމާ ބުނި ނަޒްލާ ނެތޭ ކޮޓަރިއަކު. ފޯނަށް ގުޅީމަ ފޯނެއްވެސް ނުނަގާ." ކިތަންމެ ތައްޔާރު ވެގެން ހުއްޓަސް މަންމަ އެވާހަކަ ދެއްކުމުން އަވިކް ހާސްވިއެވެ. "ނަޒޫ މަންމަ އައިސްގެން މަންމަ ކައިރިއަށް ބަދަލުވީހެން ހީވަނީ. ފޮށި ހިފައިގެން ހިނގައްޖެ." އަވިކް ދޮގެއް ހަދައިލިއެވެ. ސުދާ ބަލަން އިނުމުން އެވަގުތު އޭނާއަށް ވަރަށް އުދަނގޫވިއެވެ. ސުދާ އަނެއްފަރާތަށް އެނބުރިފައި ހީނާ އާއި ވާހަކަ ދައްކަން ފެށުމުން އަވިކް އެތެރެއަށް ވަދެފައި ފުރަތަމަވެސް ފާރުގައި މުށްކަވާފައި ޖެހިއެވެ. އަމިއްލަ އެދުން ހާޞިލްކުރަން ހަދައިގެން މިޖެހުނީ މަންމައަށްވެސް ދޮގު ހަދާށެވެ. އަދި ކިރިޔާ ތޫފާން ބޯ މަތިވީއެވެ. އޭގެ ވައި އަންނާނީ އަދި މާދަމާ އެވެ.
އެންމެން ނިދާހައި ކޮށްފައި އަވިކް ނަޒްލާ ކައިރިއަށް ދިޔައެވެ. އޭނާ އެތެރެއަށް ވަންއިރު ނަޒްލާ އިނީ ލޯމެރިފައެވެ. ހީވަނީ ދެންމެވެސް ރޮއި ރޮއިފައި ހުއްޓާލައިގެން އިންހެންނެވެ. އެކޯތާފަތުގައި ތާޒާ ކަރުނަ ރޮނގުތައް ފައުޅުވާން ހުއްޓެވެ. ދެރަވެގެން އަވިކްގެ ލޯވެސް ފެންކަޅިވިއެވެ. އޭނާއަށް އަމިއްލަ ނަފްސްދެކެވެސް ރުޅި އާދެވުނެވެ. ބަލަން ހުރެލައިފައި އަވިކް ނަޒްލާގެ ފުރަގަހަށް ހުއްޓި އެދެއަތް މިނިވަން ކުރިއެވެ. ނަޒްލާ ލޯ ހުޅުވައިލީ އެވަގުތުއެވެ. އަވިކް އައިސް ކުރިމައްޗަށް ހުއްޓުމުން އޭނާ އަވަހަށް އަނގަމަތީ އިން ޓޭޕްގަނޑު ނައްޓަން އުޅެގަތެވެ. އެކަމަކު އެއްތަންކޮޅު ނައްޓާލައިފައި ތަދުވެގެން ދެލޯ ތަގުޅި ކޮށްލައިފިއެވެ. "ނަޒޫ ތި އެއްފަހަރުން ކުއްލިއެއް ޖެހީމަ އެންމެ ތަދު ނުވާނީ." އަވިކް ވާހަކަ ދެއްކި އަޑަށް ނަޒްލާ ބަލައިލާފައި އަތްލާން އުޅެން ފެށުމުން ތެދުވެގެން ދުރަށް ޖެހުނެވެ. އަވިކް އެވަރުންވެސް ނަޒްލާ އުނަގަނޑުގައި ހިފާ ހިފާ ކައިރި ކޮށްލައިގެން ކުއްލިއެއް ޖަހާފައި ޓޭޕްގަނޑު ނައްޓާލައިފިއެވެ. ނެއްޓުނު އަޑާއެކު ނަޒްލާވެސް ތަދުވެގެން އަޑެއް ލައްވާލައިފައި އަނެއްކާ ލޯ މަރައިލިއެވެ. ދެން ލޯ ހުޅުވައިލިއިރު އަވިކް ހުރީ ކަޅިޖަހާ ނުލާ ބަލާށެވެ. އެހާ ކައިރިން އެމޫނު ފެނުމަށްވުރެ އެވަގުތު ނަޒްލާގެ ހިތް އަވަސްވީ އަވިކްގެ ތޫނު ލޮލުގައިވި އެހެން ވިދުވަރަކުންނެވެ.