ބަލަހައްޓައިގެން ހުރެފައި މާނީ އަތުގައި އޮތް އެއްޗެއް މޭޒުމަތީ ބާއްވާލުމުން އަވިކް އާއި މިކިޔާލްގެ ނަޒަރުވެސް އެދިމާއަށް ދަތުރުކުރިއެވެ. އެއީ އަވިކްގެ ފޯނެވެ. އަވިކް ފޯނު އަތަށް ނަގާފައި އެނބުރެން ވާއިރަށް މާނީ "ޔޯ ވެލްކަމް" އޭ ބުނެލި އަޑު އައެވެ. އޭނާއަށް ފެނުނު އިރު މާނީ ދާންވެގެން ނައްޓާލައިފި އެވެ.
"ވާހަކައެއް އަހާލަންތަ؟" އެނބުރި ދިޔަ މަގުމަތީ މިކިޔާލް ވާހަކަ ދެއްކި އެވެ. އަވިކް ހޫމ އަޅުވާލި އިރު ނަޒަރު ހުއްޓިފައި ހުރީ ފޯނުގެ ސްކްރީނަށެވެ. "ބެކް އެޓް ރެސްޓޯރެންޓް، އަވިކް ހަމަ ކުއްލިއަކަށް ވަރަށް ޓެންސް ވެގެން ކީއްވެ ފަސްއެނބުރި ބެލީ؟ ހީވި ކޮންމެވެސް މީހަކު ހޯދިހެން." މިކިޔާލް އެވަގުތުން ފެށިގެން ހުރީ އެކަން ހަނދާން ކޮށްގެންނެވެ. އަވިކް ފޯނުން ނަޒަރު ވަކި ކޮށްލާފައި ބަލާލިއިރު މިކިޔާލްވެސް އެމޫނަށް ބަލާލިއެވެ. "އެތާ އިން ކުއްޖަކު އެހެން ކުއްޖަކަށް ގޮވާލިއިރު ބޭނުން ކުރި ނަން އަހަރެން އަޅައިގަތް އެއްޗަކީ. އެއީ ވަރަށް ސްޕެޝަލް ނަމެއް. އެހާ ދުވަސްފަހުން ހަމަ ކުއްލިއަކަށް އެ ނަން އަޑު އިވުނީމަ ސިއްސައިގެން ދިޔައީ." އަވިކް ވާހަކައިގެ މާ ފުނަށް ދާން ނުހަދައި މިކިޔާލްގެ ސުވާލަށް ޖަވާބު ދިނެވެ. އެކަމަކު އެހާ ހިސާބުން އޭނާގެ ސިކުނޑި މާޒީގެ ފުން ކަމުގެ ތެރެއަށް ފީނަން ފެށިއެވެ.
******
"ބައްޕާ އަޅުގަނޑު ނުދާނަން. އަޅުގަނޑު މިރަށުން ނުގެންދޭ. ބައްޕާ ހެޔޮނުވާނެ އަޅުގަނޑު މިރަށުގައި ބަހައްޓާ!" ގެއަށް ވަދެގެން ދިޔައިރު ތަކުރާރުކޮށް އަވިކް ބުނަމުން ދިޔައީ އެއްް ވާހަކަތަކެކެވެ. އެފަސްގަނޑާއި ލޯބިވާ މީހުންނާއި ވަކިވުމުގެ ހިޔާލުން އޭނާގެ ލޮލުގައި ކަރުނަ ޖަމާވެފައި ވެއެވެ. އެކަމަކު ދަރިފުޅުގެ އެއާދޭހުގައި ކަރަމްގެ ރުޅިގަނޑު ފިނިކޮށްލެވޭ ފަދަ ބާރެއް ނެތެވެ. އެއަށްވުރެ އޭނާގެ އެތެރެ ހަށީގައި އަނދަމުން އައި އަލިފާންގަނޑު ބޮޑެވެ. ބޭރުތެރޭގައި އަޑުގަދަ ވެގެން ނިކުތް ސުދާވެސް ހުރީ އެދެބަފައިންގެ ހަރަކާތްތައް ފެނިގެން ބުނާނެ އެއްޗެއް ނޭނގިފައެވެ. ކަރަމް ކޮށްޕާލުމުން އަވިކް ގޮސް ސޯފާއަށް ޖެހުނުތަން ފެނިގެން ސުދާ ބާރު ބާރަށް ދުވެފައި އަވިކް ކައިރިއަށް އަތުވެއްޖެއެވެ. ޒުވާން ދަރިފުޅުގެ ލޮލުގައިވާ ކަރުނަތައް ފެނިގެން އިސާހިތަކު އޭނާގެ ދެލޯވެސް ކަރުނައިން ތެމިގެން އައެވެ. ސުދާ އަވިކްގެ ގާތުގައި އިށީންދެފައި މޫނުގެ ދެއަތުން ހިފާލައި ނުރޯށޭ ބުނާފަދަ ގޮތަކަށް ދެފަރާތަށް ބޯ ހޫރާލިއެވެ.
"ކަރަމް ކިހިނެތްވެގެން ތިއުޅެނީ؟" ސުދާ ކަރަމް އާއި ވީ ފަރާތަށް މޫނު އަނބުރާލައިފައި ނުރުހިފައިވާ އަޑަކުން ސުވާލު ކުރިއެވެ. "ސުވާލު ޖަވާބު ކުރެވިދާނެ ފަހުން. މިހާރު މިވަގުތަށް ކުރަންވީ ކަމަކީ ފުރަން ތައްޔާރުވުން. އަހަރެންގެ އާއިލާ މިރަށުގައި މަޑުކުރާނެ މީ ފަހު ދުވަސް." ކަރަމްގެ ނިންމުން ސުދާއަށްވެސް އަންގާފައި ގެއިން ނިކުތީ ދަތުރުގެ ކަންކަން ހަމަޖައްސަން ދާށެވެ.
ހިތާއި ދެކޮޅަށްވެސް ސުދާ ދަރިފުޅަށް ވިސްނައިދިނީ ބައްޕަގެ ނިންމުމާއި އެއް ގޮތަށް އަމަލު ކުރުމަށެވެ. ވެގެން އުޅޭ ގޮތެއް ސާފު ނުވި ނަމަވެސް އޭނާއަށް އެނގޭ އެއްޗަކީ ކަރަމް އެވަރުގެ ބޮޑު ނިންމުމެއް ހަމަ ހުރެލާފައި ނުނިންމާނެ ކަމެވެ. ކަރަމް އެއީ ހަަމައެކަނި އޭނާގެ އުފަލަށްޓަކައި އެރަށުގައި އިނުމުގެ ހުއްދަ ދިން މީހާއެވެ. ކަންމިހެން ހުއްޓާ މިއަދު ހަމަ ކުއްލިއަކަށް އަވިކް އާއިއެކު އޭނާވެސް އެރަށާއި ދުރަށް ގެންދަން ބޭނުންވާ މުހިންމު ސަބަބެއް އޮންނާނެއެވެ. ސުވާލު ކޮށް ކޮށްވެސް އަވިކް އެއްްވެސް އެއްޗެއް ނުކިޔައި ދިނުމުން ސުދާ އިންތިޒާރު ކުރީ ކަރަމް އެނބުރި އަންނާނެ ވަގުތަކަށެވެ. ތުއްތު އީމާ ފަރޫޝާ އަތަށް ދީފައި އޭނާ އޭރު އުޅެނީ ތިންމީހުންގެ އެއްޗެހި ހޯދައި ފޮށިތަކަށް އެޅުމުގައެވެ.
ކަރަމް އައީ އިރުއޮއްސުނު ފަހުންނެވެ. އީމާ ރޯން ފެށުމުން ފަރޫޝާ އައިސް އެކުއްޖާ ހަވާލު ކުރުމުން ސުދާ އިންނަން ޖެހުނީ އެވަގުތުވެސް ކަރަމް އާއި ވާހަކަ ދައްކަން ބޭނުންވެ، ނުދެވިފައެވެ. ނަސީބަކުން ގިނައިރެއް ނުވެ އެކުއްޖާ ނިދިއެވެ. ސުދާ ކަރަމް ނުފެނިގެން ގޮސް އަވިކްގެ ކޮޓަރި ދޮރު ހުޅުވާލިއިރު އަވިކްވެސް ފެންނާކަށް ނެތެވެ. އޭނާ ހާސްކަމާއިއެކު ނިކުމެ ހުރެފައި އަވިކް ހޯދަން ފަރޫޝާ ފޮނުވަން ނިންމިއެވެ. ކަރަމް ދެން އަންނަން ވާއިރު އަވިކް ގޭގައި ނެތިއްޔާ ޤިޔާމަތެއް ލައިގަތުން ގާތެވެ. ތެޅި ތެޅި އޮތް ހިތް ހަމަަކަށް އަޅުވަން މަސައްކަތް ކުރަމުން އަވަސް އަވަހަށް ސިޑީގެ ހަރުފަތްތައް ގިރާކޮށްފައި ގޮސް ހުއްޓުނުއިރު ފަރޫޝާ އެތެރޭގައި ހުރެފައި ކޮންމެވެސް މީހަކާއި މުޚާތަބުކޮށް ބުނެލި އަޑު އިވުނީ "އަހަރެން ބަނޑުބޮޑު" މިހެންނެވެ. ސުދާގެ ހިތަށް ވެގެން ދިޔަ ގޮތާއިއެކު އެއީ ކާކުތޯ ބަަލަން ޝައުޤުވެރިވީ ވަރުން ބާރު ބާރަށް ދޮރު ހުޅުވާލިއެވެ.
"ކަރަމް؟" ސުދާއަށް އަނގަމަތީ ދެއަތް އަޅައި ފޮރުވާލެވުނީއެވެ. އެއަޑަށް ކޮޓަރި ތެރޭގައި ތިބި ފަރޫޝާ އާއި ކަރަމްވެސް ދެލޯބޮޑުވެފައި ބަލައިލިއެވެ.
އަވިކް ގެއަށް އައިސް ވަންއިރު މާހައުލު އޮތީ އަނެއް ފުށަށް ޖެހިފައެވެ. ސުދާ ކޮޓަރިއަށް ވަދެ ދޮރު ތަޅުލައިގެންނެވެ. ކަރަމް ބޭރުގައި ހުރެގެން ދޮރު ހުޅުވަން އެދި އާދޭސް ކުރަމުން ދިޔައިރު ފަރޫޝާ ކަރަމް ފެންނަ ހިސާބުގައި ބަލަން ހުއްޓެވެ. އަވިކް އެކި މީހުންގެ މޫނަށް ވަކި ވަކިން ބަލައިލާފައި ގޮސް މަންމަ ކޮޓަރި ދޮރުކައިރީ މަޑުކޮށްލިއެވެ. އެވަގުތު އޭނާ ފެނިގެން ކަރަމްވެސް ހިމޭންވެއްޖެއެވެ. "ބައްޕާ އަޅުގަނޑު ދާން ތައްޔާރު." އަވިކް ކަރަމްގެ މޫނަށް ބަލައިލަމުން އިއްވާލި އެވެ. އެތެރޭގައި އިން ސުދާއަށް ވެސް އެއަޑު އިވުނެވެ. އޭނާ އަވަސް އަވަހަށް އައިސް ދޮރުހުޅުވާއިރަށް އަވިކް އެކު ކަރަމް ވެސް އެތެރެއަށް ދެމިގަތެވެ. "ޔަޤީންތަ އެއީކަން ދަރިފުޅު ބޭނުންވާ ގޮތަކީ؟" ސުދާ އަވިކް އާއި ހަތަރުކަޅި ހަމަކޮށްގެން އަހާލި އެވެ. އަވިކް ބޯ ޖަހައިލީ އެއްބަސްވުމުގެ ގޮތުންނެވެ.
"އެހެންވިއްޔާ އަހަރެންވެސް މިހުރީ ދާ ގޮތަށް. އެކަމަކު އަހަރެންގެ ޝަރުތެއް އެބައޮތް." ސުދާ މިފަހަރު ވާހަކަދެއްކީ ކަރަމްގެ މޫނަށް ނަޒަރު ހުއްޓާލައިގެން ހުރެއެވެ. "ކޮބާ އެޝަރުތަކީ؟ ބުނޭ. އަހަރެން ސުދާ އެދެފި ކޮންމެ ކަމެއް ކޮށްދޭން މިހުރީ ތައްޔާރަށް." ކަރަމް ވާހަކަދެއްކި އިރު އަވިކް ހުރިކަންވެސް ހަނދާންނެތެވެ. "އަހަރެންނަކީ ކުށެއް ނެތް ދަރިއަކާއި ބައްޕައެއްގެ ހުރަހަކަށް ވާނެ މީހެއް ނޫން. އަދި އަހަރެންގެ ކޮއްކޮ އެކަން ނުދަތަސް އަހަރެން ދަންނާނަން އެއީ އަހަރެންގެ ކޮއްކޮކަން. އެހެންވެ އަހަރެން ބޭނުމެއް ނުވޭ ފަރޫޝާ މުޅި ރަށަށް ބަދުނާމުވެ މުޅި ދިރިއުޅުން ބަރުބާދު ވެގެން ދާކަށް. އަހަރެން ބޭނުންވަނީ ކަރަމް މާލެ ގޮސް ފަރޫޝާ އާއި ކައިވެނި ކުރަން." ސުދާ ސާބިތު ކަމާއެކު ބުނެލިއެވެ. ކަރަމް ފަދައިން އަވިކްވެސް ދިޔައީ ސިއްސައިގެންނެވެ. އަދި ހަމަ އެހިނދުން ކަރަމް އެޝަރުތާއި ޤަބޫލުވެ ބޯ ޖަހާލިތަންވެސް އޭނާ ދުށްޓެވެ.
ސުދާ އެދުނު ފަދައިން މާލެ ގޮސް ފުރަތަމަ ކަމަކަށް ފަރޫޝާ އާއި ކަރަމްގެ ކައިވެނި ކުރެވިއްޖެއެވެ. އެކަމަކު ރަށުގައި ހޭދަ ކުރި ފަހު ދުވަހުއްސުރެ ގޭގެ މާހައުލު އޮތީ ކުރިންވެސް އޮތް ގޮތަށެވެ. މަންމަ އާއި ބައްޕަ އެކަކު އަނެކަކާއި އަނގައިން ބުނަނީ ހަމައެކަނި އީމާ ނޫނީ އޭނާގެ ކަމެއްގައެވެ. ބައްޕަ ނެތް ގަޑިއެއް އައިއްޔާ ދެއަންހެނުންގެ ޒުވާބު އެއީ އާންމު ކަމަކަށް ވެއްޖެއެވެ. ފަރޫޝާގެ އަސްލު ސޫރަ ފެންނަން ފެށީ ކައިވެންޏަށް ފަހުގައެވެ. އަވިކް ހައިރާން ވަނީ މަންމަ ފަރޫޝާގެ އެއްވެސް ވާހަކައެއް ކަރަމްއަށް ހުށަނާޅާތީއެވެ.
ދުވަހެއް ދުވަހަކަށް އަވިކްގެ ހާލަތުވެސް ދިޔައީ ގޯސްވަމުންނެވެ. އޭނާއަށް ގޭގައި އުޅުން އޮންނަނީ ބޮޑު ކަމަކަށް ވެފައެވެ. ގިނަ ވަގުތު އެކުވެރިންނާއި އެކު އެކުދިންގެ ގޭގައި އޭނާ ހޭދަ ކުރަން ފެށިއެވެ. ސުދާއަށް ފެނުނު އިރު އެއްދުވަހަކު އިނީ އެކުވެރިންތަކެއް ގެނެސް ކޮޓަރިއަށް ވައްދައިގެން ސިގިރޭޓް ބޯށެވެ. އަވިކް ކިޔެވުމުގެ ބަހަނާގައި ބޭރަށް ފޮނުވަން ސުދާ ހުށައެޅި ދުވަހަކީ އެއީއެވެ. ދަރިފުޅަށް އެއަންނަމުން ދާ ބަދަލުގެ އަސްލު އޭނާއަށް އެނގޭތީ މާހައުލު ބަދަލު ކުރުން މުހިންމު ކަމުގައި އޭނާ ދެކުނެވެ. ކަރަމް ގެއަށް އައިސް އެވާހަކަ ދެއްކުމުން ވަރަށް ފަސޭހައިން އަވިކް ޤަބޫލު ވިއެވެ. ހީވީ އެފަދަ ހުށައެޅުމެއް ނައިސްގެން ހުރިހެންނެވެ.
*****
"އަވިކް! މިއޮތް އާދެވުނީ." މިކިޔާލް ވާހަކަދެއްކި އަޑަށް ސިއްސައިގެން ގޮސް އަވިކް ބަލާލިއިރު ކާރު މަޑުކޮށްފައި އޮތީ އޭނާ އުޅޭ އިމާރާތުގެ ގޭޓު ކައިރި އަށެވެ. "ކިހިނެތްވީ؟" މިކިޔާލް ސުވާލު އުފެދިފައި ބަލަން އިނެވެ. "އުހު. ކަމެއް ނުވޭ." އަވިކް ލުއި ހިނިތުންވުމަކާއެކު ކާރުން ފައިބައިގެން ގޮސް ގެއްލެންދެން މިކިޔާލް ބަލަން އިނދެފައި ކާރު ދުއްވާލިއެވެ.
"އީމާ އަދިވެސް ނުނިދަންތަ؟" އަވިކް ވަންއިރު އީމާ ސޯފާގައި ދެފައި ވަށް ކޮށްލައިގެން އިންދާ ފެނިގެން ގޮސް ކައިރީގައި އިށީނެވެ. އީމާ ބޯ ޖަހައިލާފައި ބަލަން އިނީ ޓީވީއަށެވެ. ކުރިމަތީ ބަހައްޓާފައި ހުރި ބިއްލޫރި ބޯތަށި މަތިމައްޗަށް ފުރޭންދެން އަޅާފައިވާ ޕޮޕްކޯން އިން އިރު އިރުކޮޅާ އެތިކޮޅެއް އަނގައަށް ލައެވެ. އަވިކްވެސް އެ ބޯތައްޓަށް އަތް ފޯރުކޮށްލައިފައި ޕޮޕްކޯންއެއް ނަގައި ހަފާލަމުން ސޯފާގައި ހަމަޖެހިލިއެވެ. "ދޮންބޭ!" އިރުކޮޅަކުން އީމާ ގޮވާލި އަޑަށް އޭނާ ދިޔައީ ސިއްސައިގެންނެވެ. "ހަނދާންނެތިފަ މިހުންނަނީ. އިނގޭތަ ބެސްޓީ އަތުވެއްޖެ." އީމާ ފޮނިވެފައި ތެދުވީ ސޯފާމައްޗަށް ކޮޅަށެވެ. "ބެސްޓީ. ބެސްޓްފްރެންޑް. ނީ." އަވިކް ނޭނގިފައި އިން ގޮތަކަށް ބަލަން ފެށުމުން އީމާ ހަނދާން ކޮށްދިނުމުގެ ގޮތުން ފަހަރަކު ބަހެއް ބުނެލިއެވެ. "އިނގޭތަ ނީ ކޮއްކޮއަށް ގެނެސްދިން ބައިވަރު ލިޕްސްޓިކްވެސް. ރީތި ރީތި ބޫޓެއްވެސް." އީމާ އިތުރަށް ކިޔައިދިނެވެ. "އެހެންތަ؟" އަވިކް ޝައުޤުވެރިކަން ފައުޅު ކުރިއެވެ. "ދޮންބެ ހިނގާ ނީ އާއި މިޓް ކުރަން ދާން. ކޮއްކޮ ވަރަށް ބޭނުން ކޮއްކޮގެ ދޮންބެ އާއި ނީ މީޓްކޮށްދޭން." އީމާ އުފާވެފައި އެދުމުން ދެކޮޅު ހަދާކަށް އަވިވެސް ބޭނުމެއް ނުވިއެވެ. ބޯ ޖަހައިލާފައި އޭނާ އަދިވެސް އޮތީ ޓީވީއަށް ނަޒަރު ހުއްޓާލައިގެންނެވެ. "ހިނގާބަލަ!" އީމާ ކެތްތެރިކަން ކުޑަވެފައިވާ ގޮތަކަށް ތިރިއަށް ފުންމާލައިފައި އަވިކް އަތުގައި ހިފާ ނަގަން މަސައްކަތް ފެށިއެވެ.
"މިހާރު ކީއްކުރަން؟ ކޮއްކޮގެ ނީ މިހާރު ނިދައިފާނެ." އަވިކްއަށް އީމާގެ އެއަމަލުން މާބޮޑު އެއްޗެއް އޮޅުމެއް ނުފިލިއެވެ. އީމާ ބައްދަލު ކުރުވަން އެއުޅެނީ ޖެހިގެން ހުރި އެޕާޓްމަންޓްގައި އުޅޭ އަންހެން ކުއްޖާ އާއި ކަމެއް އޭނާއަށް އިނގޭނީ ކިހިނެތް ހެއްޔެވެ؟
"ނުނިދާނެ. ނީ ވަރަށް ލަހުން ނިދާނީ. ދޮންބެ ދެން ހިނގާބަލަ ޕްލީޒް!" އީމާ އާދޭސް ކުރަން ފެށުމުން އަވިކް އެންމެ ފަހުން ތެދުވިއެވެ. މިކިޔާލްއަށް ގުޅައިގެން ކާރު ގެންނަ ވާހަކަ ބުނުމުން އީމާ ފެށީ ހޭށެވެ. "ދޮންބޭ. ނީ އުޅެނީ މިތާގައޭ. މިއެޕާމަންޓުން ނިކުންނައިރު ކަނާތް ފަރާތުން ޖެހިގެން އެހުރީ ނީ އުޅޭ އެޕާޓްމަންޓް." އީމާ ހެމުން ހެމުން ކިޔައިދިނެވެ. ކުޑައިރުކޮޅެއް ފަހުން އީމާ އަވިކް ގޮވައިގެން ގޮސް ހުރީ ޖެހިގެން ހުރި އެޕާޓްމަންޓް ދޮރުމަތީގައެވެ. ބެލް ޖަހާލުމުން ބޭރު އަންހެނަކު ދޮރު ހުޅުވާލައިފައި އެމީހުން ވަންނަން ތަން ދެއްކިއެވެ. "ދޮންބެ މަޑު ކުރޭ މިތާ. އަންނާނަން ނީ ގޮވައިގެން." އީމާ އަވިކް އިށީންނަން ސޯފާ ދައްކާފައި އެތެރެއަށް ދުއްވައިގަތެވެ.
ބޭރު އަންހެންމީހާ ގޮސް ކުރިމަތީ ހުރި ކޮޓަރިއަށް ވަނުމުން އަވިކް އިށީންދެލީ ސޯފާގައެވެ. އޭނާ އެޕާޓްމަންޓްގެ އެކި ތަންތަނަށް ލޯ ހިންގައިލާފައި ކުރިމަތީ ހުރި މޭޒުމަތީ ލައްޕާފައި އޮތް ފޮތެއް ނެގިތަނުން ތިރިއަށް ވެއްޓުނީ ފޮޓޯތަކެކެވެ. އަވިކް ފޮޓޯތައް ނަގައި ބަހައްޓައަން އުޅެނިކޮށް އެއަށް ސަމާލުކަން ހުއްޓުނެވެ. އިޚުތިޔާރެއް ނެތި އޭނާއަށް މަޑުމަޑުން ހީލެވުނެވެ. އަވިކް އަތުތެރޭ އޮތީ ދާއިރާއަށް ކުރިމަތިލާފައިވާ ސިޔާސީ ބޭފުޅުންތަކެއްގެ ފޮޓޯތަކެކެވެ. އަދި އެއިން ކޮންމެ ފޮޓޯއެއްގައި ރަތް މާކަރުން ތުންފަތުގައި ކުލަ ޖައްސައި ކަޅު ކުލައިން ބޮޑު މަތިމަހެއް ކުރަހައި ބައެއް ބޭފުޅުންގެ ހެއަރ ސްޓައިލްވެސް ހުރީ މުޅިން ބަދަލު ކޮށްލާފައެވެ. އަވިކް ފޮޓޯތައް ފޮތް ތެރެއަށް އަނބުރާ ލައިފައި އަދިވެސް ހިނިއައިސް ހުރެގެން ކޮޅަށް ތެދުވިތަނާ ފިޔަވަޅުގެ އަޑު އިވުނީ ފުރަގަހުންނެވެ. އަވިކް އެނބުރި ބަލައިލާފައި ދެވަނަ ސިކުންތުގައި ހައިރާންވިވަރުން އަނގަވެސް ހުޅުވުނެވެ. ފެންތައްޓެއް ހިފައިގެން ބަދިގެއިން ނިކުތް މާނީއަށްވެސް އަވިކް ފެނިފައި ވީ ހަމަ އެފަދަ ގޮތެކެވެ. "ޔޫ.. ؟" މާނީ ބަލާކަށް ނުހުރެ ތުންކޮޅު އޫކޮށްލި ގޮތަށް އަތުގައި ހުރި ފެންތަށި ޖެހީ އަވިކްެގެ މޫނަށެވެ.
"ވަޓް ދަ....." އުންމީދުވެސް ނުކުރާ ކަހަލަ ކަމެއް މާނީ ކޮށްލުމުން އަވިކް ގާތަށް ރުޅި އަތުވެއްޖެއެވެ. އެކަމަކު އޭނާ ޖުމްލަ ފުރިހަމަ ކުރުމުގެ ބަދަލުގައި އަނެއް ފަރާތަށް މޫނު އަނބުރާލައި އަތުން ފުހެލިއެވެ. "ވަޓް ދަ ކޯއްޗެއް... ބުނެބަލަ ބުނެބަލަ. އަދިވެސް ކަލޭ ދޯ ހިތަށް އައިހާ އެއްޗެއް ކިޔަންވީ. ކުޑަމިނުން އެއްބަސްވާން ކެރެނީއެއްވެސް ނޫނޭ. ތިވަރުގެ ފިނޑިން ކީއްކުރަން މީހުނަށް ފާރަލަނީ؟" މާނީ ހީވަނީ ރުޅި އައިސްގެން ފިޔޮއް ކުކުޅެއް ހެންނެވެ. ހުސްތަށި ސޯފާއަށް އެއްލާފައި އޭނާ އައިސް ހުރީ އަވިކްގެ ކުރިމަތީގައެވެ. ބޭނުންވާއިރަށް އެންމެ ފަސޭހައިން އެމޫނު ނޮޅާލަން ތައްޔާރަށް ހުރި ކަހަލައެވެ.
"އީމާ......!!!" އަވިކް މާނީއަށް ބަލައިވެސް ނުލައި ހަރުއަޑުން ގޮވާލީ ކޮއްކޮއަށެވެ. "އީމާ؟" އެވަގުތު މާނީވެސް ހައިރާންވެފައި އެނަން ކިޔާލައިފިއެވެ. "ކިހިނެތްވީ ދޮންބޭ؟ ނީ! މިތާގަ؟ ނީ ފެނޭތޯ ރޫމް ހޯދާފަ މިއައީ." އަވިކް ގޮވި އަޑަށް އީމާ ދުވަމުން އައިސް ހުއްޓިފައި ދެފަހަރު ދެމީހުނާއި މުހާތަބުކޮށް ވާހަކަދެއްކިއެވެ. އީމާ އަވިކްއަށް ދޮންބެ ކީ ހިސާބުން މާނީގެ ކުލަ ބަދަލުވާން ނެގީ ސިކުންތު ކޮޅެކެވެ. "އީމާގެ ދޮންބެ؟ އޯހ ނޯ...." މާނީ އަވަސް އަވަހަށް އަނެއްފަރާތަށް އެނބުރިފައި ދެއަތް މުށްކަވާލައިގެން ނިއްކުރީގައި ތަޅާލައިފައި އަނެއްކާ އެނބުރުނެވެ. "އީމާގެ ދޮންބެތަ މީ؟" މާނީ ޖެހިލުންވެފައި އަވިކްގެ މޫނަށް ބަލައިލަމުން ސުވާލު ކުރީ އީމާއާއެވެ. "އީމާ ހިނގާ ދާން!" އީމާއަށް ޖަވާބެއް ނުދެވެނީސް އަވިކް އެއަތުގައި ހިފާ ކުއްލިއެއް ޖެހީނުން ދަމާފައި އެތަނުން ބޭރަށް ގެންދަން ފަށައިފިއެވެ. ވާނުވާ ނޭނގިގެން އީމާ އެއްފަހަރު މާނީއަށް އަނެއް ފަހަރު އަވިކްއަށް ބަލަބަލާ ހުއްޓާ އަވިކް އޭނާ ގޮވައިގެން އެތަނުން ނިކުމެއްޖެއެވެ.
އިތުރަށް ހަފްތާއެއް ފާއިތުވެގެން ދިޔައިރު މާލޭގެ އެމާހައުލަށް އަވިކް އައީ މަޑުމަޑުން ހޭނެމުންނެވެ. އެކަމަކު އަދިވެސް ގިނަ ވަގުތު އޭނާ ހޭދަ ކުރަނީ ގޭގައެވެ. ބައެއްފަހަރު ކެއުމުގެ ވަގުތުތައް ބައްޕަގެ ގޭގައި އޭނާ ހޭދަ ކުރެއެވެ. ލައިސެންސް ނެގި ފަހުންވެސް މަގުތައް ރަނގަޅަށް ދަސް ނުވާތީ މިކިޔާލްގެ އެހީ ހޯދައެވެ. އަދި މި ކުރު މުއްދަތުގެ ތެރޭގައި މިކިޔާލް އާއި އަވިކްގެ ގުޅުންވެސް އިންތިހާއަށް ބަދަހިވެފައި ވެއެވެ.
މެންދުރުގެ ވަގުތެވެ. ކޮންމެ ހަފްތާ ނިމޭ ދުވަހެއްގައި އޮންނަ މުވައްޒަފުންގެ ބައްދަލުވުން ނިންމާފައި ނަޒްލާ އާއި މުއުމިނާ ނިކުތީ އެކުއެކީގައެވެ. ދެޒުވާނުން ސްޓާފް ރޫމަށް ވަދެ ދަބަސް ހިފައިގެން މިސްރާބު ޖެހީ ސުކޫލުން ނިކުންނާށެވެ. ރާވާފައިވާ ގޮތަށް އެމީހުން ގަސްތު ކުރީ މިއަދު ގެއަށް ދިއުމުގެ ކުރިން ހޮސްޕިޓަލަށް ވަދެލާށެވެ. އަވިކްގެ މާމަ އެޑްމިޓް ކޮށްފައި އޮންނަތާ މިއަދަށް ހަފްތާއެއް ވީއިރު މީގެ ކުރިންވެސް އެމީހުން އެއްފަހަރަކު ހޮސްޕިޓަލަށް ހާލު ބަލައިލަން ހިނގައްޖެއެވެ.
"ނަޒޫ ބަލާބަލަ ޝަހުދު މިހާރުވެސް އެހުރީ ޔުނީފޯމްގަ. އަޅެ މިހާރު ކުލާސް ނިމުނުފަހުން ގަޑިއެއްގެއިރު ވީއޭ." މުއުމިނާއަށް ދުރުން ފެނުނު އޭނާގެ ދަރިވަރެއް ނަޒްލާއަށް ދައްކާލިއެވެ. "ނަޒޫ އަހަރެން ހިތަށްއަރާ ކޮންކަހަލަ ބައެއްބާއޭ އެ އާޒިމާމެންނަކީ. ދަރިން ވިހެވުނީމަ އެމީހުންނަށް ނިމުނީ. ތަރުބިއްޔަތެއް ދެނީއެއް ނޫން. ސުކޫލަށް ގެންގޮސް އަޅާލީމަ އަހަރެމެން ދެންވީ ސަފަރ ކުރަން. ޝަހުދުގެ ސަބަބުން އެހެން ކުއްޖަކަށް ކިޔެވެނީއެއް ނޫން. އެކަމަކު އިސްލާހު ކުރަންވެސް އެއްޗެއް ބުނާއިރަށް އާޒިމާ އާއި ފަރުހާން އާއި އެމީހުންގެ މުޅި އާއިލާ ފޫގަޅާފަ އަންނާނެ ސުކޫލް އިމާރާތް ތަޅާލަން. ނޫނީ އެއެއްޗެއް ބުނި މީހެއްގެ ދުވަސް ދުއްވާލަން." މުއުމިނާގެ ނަޒަރު ޝަހުދުގެ މޫނުން ވަކި ނުކޮށްލައި ހުރެގެން ވާހަކަ ކުރިއަށް ގެންދިޔައެވެ. "ގޯސްކަމެއް ކުރީމާ މައިންބަފައިންނަށް އެއީ ގޯސްކަމަށް ނުވާތީ ވާގޮތް. އަހަންނަށް އިނގޭނެއެއްނު އެއާއިލާގައި ދެން ހުރި ސާމަތު އެއުޅެނީ ޖެހިގެން ހުރި ގޭގައި. އޭނާގެ ދޮށީ ދަރި ވައްކަން ކޮށްގެން ޕޮލިހުން އައިސް ގެންދިޔައީމަވެސް ގޯސްވީ ޕޮލިހުން. އެކަން ރިޕޯޓް ކުރި މީހުން." ނަޒްލާ ފުން ނޭވައެއް ދޫކޮށްލިއެވެ.
ހޮސްޕިޓާ ކައިރިއަށް ދެވުމުން އެމީހުން ވާހަކަ ހުއްޓާލައިފައި އެތެރެއަށް ވަދެގެން ދިޔައެވެ. ވޯޑުގައި ޒުލޭޚާ އޮތް އެނދު ކައިރިއަށް ގޮސް ހުއްޓުނުއިރު އެއާއިލާއަށް ނިސްބަތްވާ ދެމީހަކު ތިއްބެވެ. އިސްވެ ވާހަކަ ދެއްކީ މުއުމިނާއެވެ. ނަޒްލާ ހުރީ ހިމޭނުންނެވެ. ދެކެވުނު ވާހަކައިން އެމީހުންނަށް އޮޅުންފިލީ ރޭގަނޑު ޑޮކްޓަރ ވޯޑް ރައުންޑަށް އައިސް ބަލާފައި ރަނގަޅިއްޔާ ދޫކޮށްލާނެ ކަމެވެ. "ދެވަނަ ދުވަހުން ފެށިގެން ހާލު ރަނގަޅުވަމުން އައީމަ އަހަރެމެން ރަށުން ބޭރުގައި ތިބި އެއްވެސް ދަރިއަކަށްވެސް ނާންގަން. ދެން އަނެއްހެން މާބޮޑު ވަރު ނުވަންޏާ އެއެންމެންނަށް ގުޅައިގެން، އަންނަންވީމަ އެމީހުންނަށްވެސް ވާނީ އުދަނގޫ." އެވަގުތު އެތާގައި ބޮޑަށް ހުރި އަންހެން މީހާ ކިޔައިދިނެވެ. ނަޒްލާގެ ހިތް މަޑުޖެހިލީ އެހިސާބުންނެވެ. ގެއަށް އައި މަގުމަތީގައި އޭނާގެ ހިމޭންކަން ފާހަގަ ވެގެން މުއުމިނާވެސް ސުވާލު ކޮށްލިއެވެ. ނަޒްލާގެ ޖަވާބަކަށް ވީ ވަރުބަލި ވެފައި ހުރުމުން ނިދި އަންނަ ވާހަކައެވެ.