ބޭރުން އައި ދެމީހުން ފޮނުވައިލާފައި ނަޒްލާ ނިދަން ވަންއިރު ދިހަ ގަޑި ބައިވެއްޖެއެވެ. އެންމެ ބޭނުން ނުވި ހިޔާލު އައިސް ސިކުނޑި ވަށާލީ ފޯން އެލާމް ކޮށްފައި ނިދަންވެގެން ލޯމަރާލި ތަނާއެވެ. 

"ނަސީބެއް ކަންނޭނގެ މިއަދު މީ އެތަނުގައި ފަހު ދުވަސްކަން." ނަޒްލާ ހިތާއި ހިތާ ކިޔާލިއެވެ. ކަންނޭލުގައި ބައްދާލައިގެން އޭނާ އެނބުރުނީ ފާރާއި ވީ ފަރާތަށެވެ. "އޯ ގޯޑް. ކީއްވެ އަހަރެން މިގޮތަށް މި ވިސްނަނީ؟ އަވިކްއަށް ކޮންކަމެއް އަހަރެން އެތާ ވޯކް ކުރާ ފަހު ދުވަހަށް ވިއަސް ނޫނީ ފުރަތަމަ ދުވަހަށް ވިއަސް. އޭނަ ނުދާނެ އަހަރެން ހޯދާކަށް. އަވިކްއަށް ރަނގަޅު ވާނީވެސް އަހަރެން ނުފެނުނިއްޔާ. ދެން ނޭނގެ އެރެސްޓޯރެންޓް ހުންނަ މަގުންވެސް ދާނެ ކަމެއް. މިއަދުވެސް އެކުން އެމަޑުކުރީ އަހަރެންނަށް އޭނަ އެތަނުން ފެނުނީމަ އެހެންވެ ވާހަކަ ނުދައްކައި ދާން ނުކެރިގެން. މަށަށް ނުފެނި އެކަނި އަވިކްއަށް އަހަރެން ފެނުނުނަމަ ޔަޤީނޭ ފިލާ ރައްކާވީސްކަން." ނަޒްލާ ލޯމަރައިގެން އޮވެފައި ތުން އަނބުރާލިއެވެ. އެހިޔާލުން ހިތަށް އުދަނގޫވިކަން ޔަޤީނެވެ. ނިދި ނިދި އޮތްވާވެސް އިރުކޮޅަކުން ލޮލަށް ކަރުނަ ގިނަވެގެން ތެދުވެ އިށީންދެވުނީ އެހެންވެއެވެ. އޭނާ ބަލާލިއިރު ނަސީބަކުން ސަމާ އޮތީ ނިދާފައެވެ. ނަޒްލާ ބަލަން އިނދެލައިފައި އެނދުން ފައިބައިގެން ގޮސް އިށީންދެލީ ލިޔާ މޭޒު ކައިރީގައެވެ. ޓޭބަލް ލައިޓް ދިއްލާލުމާއެކު އޭނާ ކިޔަވާ ފޮތް ތަކުން ފޮތެއް ނަގައިގެން ކިޔަމުން ހައި ލައިޓް ކުރަން ފެށިއެވެ. އެހެން އިންނަތާ އިރުގަނޑެއް ފަހުން އާ ފުރޭ ގޮތްވެގެން ބޯ އަޅާލެވުނީ މޭޒުގައެވެ. ނަތީޖާއެއްގެ ގޮތުން ފަތިސް ވަންދެން އޭނާއަށް ނިދުނީ އެގޮތަށް މޭޒުގައި ބޯ އަޅާލައިގެން އޮވެއެވެ. 

"ނަޒޫ! ކިހިނެތްވީ ހާދަ ވަރަކަށް ދެފަރާތަށް ބޯ އަނބުރަނީ؟ ތަދެއް އެރީތަ؟" ނަޒްލާ ފަތިސް ނަމާދު ކޮށްގެން ނިކުމެ ހެނދުނު ސަޔަށް ރޮށި ފިހަން ހުއްޓާ ނިހާޒް ވާހަކަ ދެއްކި އަޑު އިވުނެވެ. ނަޒްލާ ބަލާލިއިރު ނިހާޒް ހޭލައިގެން ކޮޓަރިން ނިކުންނަނީއެވެ. "ހޫމ ރޭގައި ފޮތް ކިޔަން އިނދެގެން މޭޒުގައި ބޯ އަޅާލިތަނާ ނިދުނީ. ހޭލިއިރު ކަނދުރާއަށް ތަދު އަރާފަ ހުންނަނީ." ނަޒްލާ ހިނިތުންވެލީ ނިހާޒްއަށް އިތުރު ހާސްކަމެއް ނުދީ އެއީ ކުޑަކަމެއްކަން އެންގުމުގެ ގޮތުންނެވެ. އެވަގުތު ޝީރީންވެސް ނިހާޒްގެ ފަހަތުން ނިކުތްތަން ފެނިގެން ނަޒްލާ އަވަހަށް އިސްޖަހާލައިގެން މަސައްކަތް އަވަސް ކޮށްލިއެވެ. އެންމެ ފަހު ރޮށި ތައްޓަށް ލައިފައި އޭނާ މޭޒުމައްޗަށް ކާ އެއްޗެހި ނަގަން އުޅުނުއިރު ޝީރީންވެސް ނިހާޒްއަށް ކޮފީ ހަދަން ކައިރީގައި އުޅުނެވެ. "ފުރަތަމަ ދުވަހަށް ވިއަސް ސައިބޮއިގެން އޮފީހަށް ދާތި އިނގޭ ނަޒޫ. މަސައްކަތް ކުރެވޭނީ ބަނޑު ފުރައިގެން." ނަޒްލާ ދާންވެގެން ހިނގައިގަތްތަނާ ނިހާޒް ބުނެލިއެވެ. އޭނާ ބޯ ޖަހައިލާފައި ނިހާޒް ބަލަން އިނުމުން ލުއި ހިނިތުންވުމެއް ތުންފަތަށް ވެރިކޮށްލިއެވެ. ނަޒްލާ ކޮޓަރިއަށް ވަންއިރު ސަމާ އޮތީ އަނެއްކާވެސް ނިދައިފައެވެ. އޭނާ ގޮވީމައި ތެދުވެ ނަމާދު ކޮށްލައިގެން ސަމާގެ ކަމަކަށް އޮންނާނީ އަނެއްކާވެސް ނިދުމެވެ. އެކަމަަކު އެހެނެކޭ ކިޔާފައި ނަޒްލާގެ ހިތުގައި އެއްފަހަރުވެސް ޝަކުވާއެއް ނުއުފެދެއެވެ. އެއަށްވުރެ ބޮޑަށް އޭނާގެ ހިތުގައި ސަމާ އާއިމެދު ގާތްކަން އޮވެއެވެ.

ވަގުތު އޮތުމުން ނަޒްލާ ތައްޔާރު ވާން އުޅުނީ ނުހަނު ހަމަޖެހިލައިގެންނެވެ. އޮފީހަށް ދާން އޭނާ އިސްތިރި ކޮށްފައި ހުރި މަޑު ފިޔާތޮށި ކުލައިގެ އަތްދިގު ގަމީހާއިއެކު ހުދު ކުލައިގެ ލެގިންސް އެންމެ ގުޅޭ ހޮވުމަކަށް ވިއެވެ. ކުރީ ދުވަހާއި ޚިލާފަށް އެއިސްތަށިގަނޑު ބޭއްވީ ހުޅިޖަހައި ހައްޔަރު ކޮށްފައެވެ. އެވަރުންވެސް ގިނަ އަދަދެއްގެ ކުރު އިސްތަށިތައް އެހުޅިގަނޑާއި ނުކިޔަމަން ތެރިވެގެން ކަންފަތް ކައިރިންނާއި ނިއްކުރިމަތިން ތިރިއަށް ފައިބައިގަތެވެ. "ގްރްރްރްރް.....މި އިސްތަށިތައްވެސް ދޯ." ނަޒްލާ ތުންކޮޅު ހަދާފައި ލޯގަނޑަށް ބަލަން ހުއްޓާ ސަމާ ހީގަތް އަޑު އިވިގެން އެނބުރި ބަލާލިއިރު އިނީ ތެދުވެއެވެ. "ނިކަން ދައްކަބަލަ އަހަރެން ތި އިސްތަށިތައް މައިތިރި ކޮށްދޭނަން." ސަމާ އައިސް ނަޒްލާގެ ކުރިމައްޗަށް ހުއްޓިފައި އެހުރިހާ އިސްތަށިކޮޅެއް އެއްކޮށްފައި ކުޑަކޮށް އޮޅާލުމަށްފަހު ކަޅު ދައްޗަކުން އިސްތަށިގަނޑުގެ އަނެއްބައިގައި ހަރުކޮށްލިއެވެ. "އަހ. މިހާރު ހީވަނީ ސްވާންއެެއްހެން." ނަޒްލާ ބަލައިލާފައި ފާޑަކަށް އަނގަ ހަދާލިއެވެ. "މޮޔަ ކުއްޖާ މީ ފެޝަނޭ. ދެން މިގޮތް ކަމުނުދަންޏާ ތި ކުރު އިސްތަށިތައް ދެފަރާތުން ކަންފަތް ކައިރިއަށް ލައްވާލީމަ އޯކޭވާނެ." ސަމާ ނަޒްލާގެ ނިއްކުރީގައި ދެއިނގިލި ޖައްސައި ކުޑަކޮށް ކޮށްޕައިލާފައި ވާހަކަ ދެއްކިއެވެ. "ހޫމ އެންމެ ރަނގަޅޭ ދެން. ގިނަ ގޮތް ގޮތަށް ޗޭންޖް ކުރަން އުޅެގެން އަނެއްކާ އިއްޔެ ވީހެން ގަޑި ޖެހިދާނެ." ނަޒްލާ އެންމެފަހުން ހުއްޓާލިއެވެ. އޭނާ ދަބަސް ހިފައިގެން ނިކުތްއިރު ޝީރީން އާއި ނިހާޒް ތިބީ ސައިބޯން މޭޒު ދޮށުގައެވެ. ހެނދުނު ހެނދުނާ ސައިބުމަކީ އާދައަކަށް ނުވި ނަމަވެސް ނިހާޒް އިނުމުން ނަޒްލާ ސައިބުޔެވެ. އޮފީހަށް ދާންވެގެން މަގުމައްޗަށް ނިކުތީ ދެމީހުން އެކުއެކީގައެވެ. 

ނިހާޒް ސައިކަލުގައި ގެން ގޮސްދޭން ދައުވަތު ދިނުމުން ނަޒްލާ ދެކޮޅު ހެދީ ދެ މިސްރާބެއްގައި ދެމީހުންގެ އޮފީސް ހުރުމުން އިތުރަށް ނިހާޒްއަށް އުދަނގޫ ނުޖައްސަން ވެގެންނެވެ. އެހެންނޫަނަސް އޭނާ ދާން ޖެހޭ ތަން ހުރީ ނުހަނު ކައިރީގައެވެ.

އޮފީހަށް ވަދެގެން ދިޔައިރު ގިނަ ބައެއްގެ އަމާޒު ފަތްގަނޑަކަށް ނަޒްލާ ވިއެވެ. ފިރިހެން ކުދިންތައް އޭނާގެ ބޮލުން ފެށިގެން ފައިގެ ބޮޑުވައި އިނގިއްޔާއި ހަމައަށް އެކްސްރޭ ކުރަމުން ދިޔައިރު އަންހެން ކުދިންތައްވެސް ވަކި ތަފާތެއް ނެތެވެ. ނަޒްލާ އައިސް މޭޒު ދޮށުގައި އިށީންދެފައި ބަލާލިއިރު ޖެހިގެން ހުރި ދެމޭޒު ދޮށުގައި އިންނަ ރިދީ އާއި ޒުލްފާ ބަލަހައްޓައިގެން އިނެވެ. "ހައި! މީ ނަޒްލާ!" ނަޒްލާ ކަނާއަތް ހިއްލާލަމުން އަމިއްލަ ތައާރަފް ދިނެވެ. އެކަމަކު އޭނާ ހީކުރި ގޮތާއި ޚިލާފަށް އެތަނުން އެކަކުވެސް އޭގެ ރައްދު ޖަވާބެއް ނުދިނެވެ. ރިދީ ބަލައިލީ ޒުލްފާއަށެވެ. ހީވީ އޭނާ ނަޒްލާއާއި ވާހަކަ ދެއްކުމުގެ ކުރީން ޒުލްފާގެ ހުއްދައަށް އެދެން ޖެހޭ ކުއްޖެއް ހެންނެވެ. ނަޒްލާގެ ކުލަވަރު ފަނޑުވެގެން ދިއުމާއެކު ލަސްލަހުން އެސްފިޔަތައް ތިރިކޮށްލިއެވެ. އެވަގުތު ޒުލްފާ ތެދުވެ ހަށަން ބަނދެލިތަނާ އިތުރު ކުއްޖަކު އެތަނަށް ވަން އަޑު އިވިގެން އެންމެންގެ ސަމާލުކަން އެކުއްޖާއަށް ހުއްޓުނެވެ. އެކުއްޖާ ގޮސް ޒުލްފާ މޭޒު ކައިރިއަށް ހުއްޓުމާއެކު ރިދީވެސް ކައިރިވެލައިގެން އޭނާ ދައްކަން އެއުޅޭ ވާހަކައަށް ސަމާލުވެއްޖެއެވެ. ނަޒްލާ އަނެއްކާވެސް އިސްޖަހާލައިގެން އިނދެފައި ފޯނާއި ކުޅޭ ކަމަށް ހެދުނަސް އެމީހުން ދައްކަން އުޅޭ ވާހަކައަށް ކަންފަތް ދީގެން އިނެވެ.

"އޭ އަހަރެން މިއައީ އޮޅުން ފިލުވައިގެން. ޒުލްފާ ބުނީ ތެދެއް. އަދި މަޤާމަށް އިންޓަވިއު ކުރުން މިއަދުވެސް ކުރިއަށް ދާ ގޮތަށް އޮތީ. އެކަމަކު ޔައީޝްއަށް އެކުއްޖާ ފެނިގެން ކުއްލިއަކަށް އިންޓަވިއު ކެންސަލް ކޮށްފަ ޖޮބް ދިނީ. މަހިތަށް އަރާ އޭނަ ޔައީޝްއަށް ކޮންކަމެއްބާއޭ ކޮށްދިނީ." ތިންވަނަ ކުއްޖާ ވާހަކަ ދައްކަމުން އެވަގުތުވެސް ނަޒްލާއާއި ދިމާއަށް ތުންކޮޅު ހަދާލިއެވެ. "އޭނަ ކަމެއް ކުރަން ޖެހޭނެތަ ބަލާބަ އެހެރަ މޫނެއް. އެންމެ ޕިންޕަލްއެއްވެސް ނެތް. ލިޕްސްޓިކް ނުޖައްސާ ހުންނައިރުވެސް ތުންފަތަށް އަރަނީ ފިޔާތޮށި ކުލަ. އެހާ ބޮޑު ދެލޯ. މިހެން ކިޔާނެ ކަމެއް ނެތް. ކޮން ސިފައެއް ނެތީ އެކުއްޖާގެ؟ އަޅެ އައެމް ސޯ ޖެލަސް." ރިދީ ޅަކުއްޖެއްހެން ތުން އޫކޮށްފައި އެކުވެރިޔާގެ ވާހަކަ އާއި ގުޅުވައިގެން ބުނެލިއެވެ. އެއަޑަށް ޒުލްފާ ރުޅިއައިސްގެން ރިދީގެ ކޮނޑުގައި ތަޅައިގަތެވެ. "ރިދީ އެކުއްޖާއަށް އެއްޗެހި ކިޔަނީތަ ނޫނީ ތައުރީފް ކުރަނީތަ؟ އެން ޕްލީޒް ކޮންތަނެއް ރީތީ އޭނަގެ؟" ޒުލްފާއަށް ކަމުނުދިޔައީ އޭނާގެ ކުރިމަތީ ނަޒްލާގެ ރީތި ވާހަކަ ދެއްކީމައެވެ. "އަދި ކޮބާ އައިޓީ ޑިޕާޓްމެންޓްގަ އުޅޭ ހޮޓް ބޯއީސްތައްވެސް އިއްޔޭން ފެށިގެން އެދައްކަނީ މީނަގެ ވާހަކަ. އެންމެން ރާވާތީ އަހަރެން އެހިން އަލަށް ޖޮއިންވި ބިއުޓީއަށް އިންޓްރޮޑިއުސްވާން އެމީހުން އެކުއްޖާއަށް ވެލްކަމް ޑިނަރއެއް ދޭގޮތަށް." ޚަބަރު ހިފައިގެން އައިސް ހުރި ކުއްޖާ އިތުރު ކޮށްލިއެވެ. "ވަޓް؟ ބިއުޓީއޭ ކޮން އެންގަލްއަކުން އޭނަ ބިއުޓީއަކަށް ވީ؟ އަހަރެން މީ މިއޮފީހުގައި އުޅޭ އެންމެ ރީތި ކުއްޖާ. ޔައީޝް އާއި އަވިކްވެސް އަހަރެންނާއި ވާހަކަ ދައްކާއިރު ހާއްސަ ގޮތެއް ގެންގުޅޭކަން އެންމެން ދަންނާނެ. ވީއިރު އަހަންނަށްވެސް ނުކިޔާ އެއްޗެއް އެކުދިން މި އަންހެނާއަށް ކިޔަންވީ ކީއްވެ؟ ބިއުޓީ.. މައި ފުޓް..." ޒުލްފާ ދަތްކުނޑި ވިކާލައިފައި މޭޒުގައި މުށްކަވާފައި ޖެހިއެވެ. މެސެޖެއް އައިސްގެން ކިޔާލައިފައި އުފަލުން ހިނިތުންވެލި ނަޒްލާވެސް ކުއްލިއަކަށް ސިހިފައި އެމީހުން ތިބި ދިމާއަށް ބަލާލައިފިއެވެ. "އޯހ ނޯ. ލުކް އެޓް ހަރ. ހީލާއިރު ކޮލުގައި ޑިމްޕަލްއެއްވެސް އެބައިން... ވާއު!" އެވަގުތު ރިދީއަށް ނަޒްލާގެ ދެކޮލުގައިވާ އަޑިކޮޅު ފެނިގެން ބުނެލެވުނެވެ. 

ލޭ ހޫނުވެގެން ދިޔަ ޒުލްފާއަށް ކެތްކުރެވުނީ އެހިސާބަށެވެ. އޭނާ ބާރު ބާރަށް ގޮސް ނަޒްލާގެ ކައިރިއަށް ހުއްޓިއްޖެއެވެ. "ހަނދާން ކުރާތި މިތަނުގައި ކައުންޓް ކުރެވޭނީ މުވައްޒަފު ކުރާ މަސައްކަތް. ސިފައެއް ނޫން." އިންޒާރެއް ފަދައިން އެބަސްތައް އިއްވައިލާފައި ޒުލްފާ އެހޫނުގައި ނިކުމެގެން ދިއުމުން ދެންތިބި ދެކުދީންވެސް އޭނާގެ ފަހަތުން ނައްޓާލައިފިއެވެ. ޒުލްފާ އެބުނި އެއްޗެއްގެ މުޅިން ފަހުމް ނުވި ނަމަވެސް މަސައްކަތުގެ ބައި އޭނާއަށް ދޭހަވިއެވެ. އޭނާ އެތަނަށް އައުމުގެ މަޤްސަދަކީވެސް އެއީއެވެ. ކިޔަވަމުން އަމިއްލަ ޚަރަދުތައް ބަލަހައްޓަން އެހާ ބޭނުންވާ ކުއްޖަކަށް އެވަޒީފާ އެއީ ލިބުނު ރަނުގެ ފުރުސަތެކެވެ. ވީއިރު އޭނާ މަސައްކަތަށް ފަރުވާ ކުޑަ ކުރާނެ ގޮތް އެއީ ނެތް ގޮތެކެވެ.

"މިއަދު ކޮފީއަށް ނުދާ ދުވަހަކީތަ؟" މިކިޔާލް އައިސް ވަދެފައި އަވިކް ކުރެން އަހާލިއެވެ. ގޮނޑީގައި ލެނގިލައިގެން އަމިއްލަ ހިޔާލަކަށް ގެއްލިފައި އޮތް އަވިކް ލޯ ހުޅުވައިލީ އެއަޑަށެވެ. "ދާންވެފަ މިއިނީ." އަވިކް ތެދުވެ އިށީންދެފައި ޖަވާބުދިނެވެ. "ކޮން ފައިލެއް މީ؟ ނިއު އެމްޕްލޯއީގެ ތަ؟" އެވަގުތު މިކިޔާލްގެ ނަޒަރު ހުއްޓުނީ މޭޒުމަތީ އޮތް ފައިލަށެވެ. " އެންމެ ރަނގަޅު ގަޑިއަށް މިއާދެވުނީ." މިކިޔާލްގެ ތުންފަތަށް ވެރިވީ ކާމިޔާބީގެ ހިނިތުންވުމެކެވެ. އަވިކް އިނީ އެކުވެރިޔާގެ އެކުލަ ފެނިގެން ސުވާލު އުފެދިފައެވެ. "އެންމެން ދައްކަނީ އެކުއްޖާގެ ވާހަކަ. އެހެންވެ މިއަދު ޗާންސް ލިބުނީމަ އަހަރެންވެސް އެކުއްޖާގެ މޫނު ދެކިލާފަ ދާނީ." އަވިކް ބަލަން އިން ގޮތް ފެނިގެން މިކިޔާލް ކިޔައިދިނެވެ. އެއަޑު އަހައިގެން ހީގެންފައި އަވިކް އިންޓަކަމް އަތްގަނޑު ނަގައި ނަޒްލާއަށް ގުޅާލިއެވެ. ކަންފަތުގައި ނަޒްލާގެ އަޑު ޖެހުމުން އެވަގުތުވެސް އޭނާ ހުއްޓުން އަރާ ގޮތްވިއެވެ. ގައިމު ދެވަނަ ފަހަރަށް ކުށްހީއެއް ކުރެވިގެން ނުވާނެ ކަމުގައި އެހިތް ބުނެލިއެވެ. އެއްގޮތަކީ އަންހެން ކުއްޖާގެ އަޑު ނަޒްލާގެ އަޑާއި ވައްތަރީއެވެ. ނޫނީ... އަވިކް ދެފަރާތަށް ބޯ ހޫރުވާލީ ހިތުގައި ހިނގަމުން ދިޔަ އެހިޔާލާއި ދެކޮޅު ހެދުމުގެ ގޮތުންނެވެ. ހިތަށް އެރިއެވެ. ނަޒްލާ ރެސްޓޯރެންޓެއްގައި ކޭޝިއަރއެއްގެ މަޤާމް ފުރާތަން އޭނާއަށް ފެނުނީ އިއްޔެއެވެ. ވީއިރު މިއަދު ކުއްލިއަކަށް އެތަނުގައި އިންނާނެ ގޮތް އެއީ ނެތް ގޮތެކެވެ. އެހެންނޫނަސް ޔައީޝް ވަޒީފާ ދިނީ އޭނާ ދަންނަ އެކުވެރިއަކަަށެވެ.

"އަހަރެން ހިތަށް އަރަނީ ފޯމެލިޓީސްތައް ފުރިހަމަ ކުރަންވީމަ އަހަރެންގެ ބޭނުން މިޖެހުނީ ކީއްވެބާއޭ. އަމިއްލައަށް ވަޒީފާ ދިންއިރު މިކަންކަންވެސް އޭނަ އަމިއްލައަށް ކުރިނަމަ އެންމެ ރަނގަޅު ވީހެއްނު." އަވިކް ބަލައިލިއިރު މިކިޔާލް އިނީ ފައިލް ހުޅުވާލައިގެން ބަލާށެވެ. "ވޯހ.. އަވިކް ރަށު ކުއްޖެއްނު މީ." އަވިކްގެ ވާހަކައަށް ބަހެއް އިތުރު ކުރުމުގެ ބަދަލުގައި މިކިޔާލްގެ ސަމާލުކަން ހުރީ ފައިލުގައިވާ މައުލޫމާތު ތަކަށެވެ. އަވިކްގެ ހިތުގައި ޝައްކު އިތުރުވެގެން ދިޔަ ވަގުތު ކޮޅަކަށް އެވަގުތުވިއެވެ. އެވަރުންވެސް އޭނާ އިނީ މަޑުންނެވެ. ކުރީގެ ވިސްނުން އޭނާ އަނެއްކާވެސް ސިކުނޑިއަށް ވައްދައިދިނެވެ. ކުޑަ އެންމެ ޗާންސައަކުންވެސް އެއީ ނަޒްލާއަށް ނުވާނެކަން ޔަޤީން ކޮށްދިނެވެ. "މީހުން އެދައްކަނީ ތެދު ވާހަކައެއް. ޝީޒް ރިއަލީ ޕްރިޓީ." މިކިޔާލް ދެވަނަ ގަނޑު އެއްލާފައި އައިޑީ ކާޑު ކޮޕީގައި އިން ނަޒްލާގެ ފޮޓޯ ފެނުމުން ހިނިތުންވެލައިފިއެވެ. މިކިޔާލްގެ މިހަރަކާތުން އަވިކް ގާތަށްވެސް ހިނި އައެވެ. އޭނާ ފައިލް ނެގީ މިކިޔާލް ބަލައި ނިމިގެން މޭޒުމަތީ ބައްވާލީމައެވެ. އިރުކޮޅެއް ނުވެ އޭނާ ހުރީ ފުންމައިގެން ތެދުވެ ކޮޅަށެވެ. މިކިޔާލް ބަލާލިއިރު އަވިކްގެ މޫނުމަތީގައިވީ ބިރެއް ފެނިގެން އުޅޭ މީހެއްގެ މޫނުމަތީގައި ހުންނާނެ ފަދަ ކުލައެކެވެ.

"ނަޒޫއަށް އެނގިއްޖެއްޔާ މިއިން އެއްވެސް ލިއުމެއްގައި ސޮއެއް ނުކުރާނެ. އޭނައަށް އެނގިއްޖެޔާ މި ވަޒީފާ ދޫކޮށްލާކަށްވެސް ފަހަކަށް ނުޖެހޭނެ. ހެލްޕް މީ މިކިޔާލް. ނަޒޫ އައިސް ވަނީމަ އޭނާ ސޮއި ކުރުވަން ހުރި ހުރިހާ ޑޮކިއުމެންޓެއް ހަވާލު ކޮށްދީ. އަހަރެން އެބަ އަންނަން." ނޭވާ ހައްޓަށް ނުފެތިގެން އުޅޭ މީހަކު ފަދައިން އަވަސް އަރުވާލައިފައި އަވިކް ވާހަކަ ދެއްކިއެވެ. އޭނާ މިކިޔާލްގެ ޖަވާބަކަށް އިންތިޒާރު ކުރުމަކާއި ނުލައި ދިޔަ ގޮތަށް ގޮސް ފާޚާނާއަށް ވަދެ ދޮރު ލައްޕާލައިފިއެވެ.

ނަޒްލާ ދޮރު ހުޅުވާލައިފައި ސަލާމް ގޮވާލިއިރުވެސް މިކިޔާލް ހައިރާންކަމުގައި ވިސްނުމަކަށް ގެއްލިފައި އިނެވެ. އެކަމަކު ނަޒްލާގެ އަޑު ކަންފަތުގައި ޖެހޭއިރަށް އޭނާ އަވަހަށް ތެދުވެ ސަލާމް ބަލައިގެންފިއެވެ. ފަރި ހިނގުމެއްގައި ކައިރިއަށް އައި އަންހެން ކުއްޖާ ފެނިފައި މިކިޔާލްގެ ހިތަށްވެސް ގޮތެއް ވެލިކަން ޔަޤީނެވެ. އެމޫނުން ނަޒަރު ވަކިކޮށްލަން އުދަނގޫވެފައި އޭނާއަށް ހުރެވުނެވެ. އެކަމަކު ނަޒްލާއަށް އެކަން ފާހަގަ ވުމުގެ ކުރީން އޭނާ އަމިއްލަ ނަފްސް ހަމައަކަށް އަޅުވާލައިފައި ނަޒްލާ އިށީންނަން ތަން ދައްކައިފިއެވެ. ފައިލް ދައްކާލުމުން ނަޒްލާ ސޮއި ކުރަން އިންއިރު މިކިޔާލް އެފުރުސަތުގެ ބޭނުން ރަނގަޅަށް ހިފިއެވެ. ކަޅި ޖަހާނުލައި އިނދެގެން އެމޫނަށް ބެލިއެވެ. ދިގު ދިގު އެސްފިޔަތަކުން ހިޔާ އަޅައިފައިވާ ބޮޑު ދެލޮލަށް އޭނާ ހިތާއި ހިތުން ތައުރީފް ކުރިއެވެ. ބައްޓަންތައް ބޮޑަށް ފައުޅު ނުވާ ފަދަ ދޫ ގަމީހުގައިވެސް ހަށިގަނޑުގެ ލޫޅާފަތިކަން ސިއްރެއް ނުވެއެވެ. އަދި އެފިޔާތޮށި ކުލަ ނަޒްލާގެ އޮމާން ދޮން ހަންގަނޑާއި ގުޅެނީ މާބޮޑަށެވެ. 

"އިތުރު ކަމެއް އެބައޮތްތޯ؟" ނަޒްލާ އިސްއުފުލައިލިއެވެ. "ނޫނޭ. މިވަގުތަށް އިހަށް ދެން ނިމުނީ. ކަމެއް އޮތިއްޔާ ގުޅާލާނަން. ދެން އެންމެ ރަނގަޅު ދިޔަޔަސް." މިކިޔާލް ކޮޅަށް ތެދުވެފައި ވާހަކަ ދެއްކިއެވެ. ނަޒްލާ ތެދުވެ ބޯ ޖަހައިލުމާއެކު ދާންވެގެން ހިނގައިގެންފިއެވެ. ތަންކޮޅަކަށް ގޮއްސައި އޭނާގެ ފިޔަވަޅުތައް މަޑުޖެހޭ ގޮތްވީ ހިތުގައި ހިނގާލި ޝައްކެއްގެ ސަބަބުންނެވެ. ހިތް ބުނެލީ އޭނާ ދެންެމެ ސޮއި ކުރަން އިށީން މޭޒުމަތީ އިން މެނޭޖަރ ނަންބޯޑުގެ ތިރީން އޭނާއަށް އަވިކްގެ ނަން ފެނުނު ކަމުގައެވެ. އެނބުރި ދާންވެގެން އޭނާ ހީކޮށްލިތަނާ ފޯން ރިންގް ވާން ފަށައިފިއެވެ. ފޯނު ޖީބުން ނަގާފައި ބަލާލިއިރު ދޮންދަ ގުޅަނީއެވެ. ނަޒްލާ މޫނު އަނބުރާލިއިރު މިކިޔާލް ބަލަން އިނުމުން އަވަހަށް ފޯނު ނަގާފައި އެތަނުން ނިކުމެއްޖެއެވެ.

ނަޒްލާ ނިކުތްހާ އަވަހަކަށް މިކިޔާލް ގޮސް ފާޚާނާ ދޮރުގައި ޓަކި ޖަހާލިއެވެ. "ފުރަތަމަ އަހަރެން ވާހަކަ ދައްކާނީ." އެވަގުތު އަވިކް ނިކުމެފައި އެއްޗެއް ބުނަން އުޅޭހެން ހީވެގެން މިކިޔާލް އެކަން މަނާ ކުރިއެވެ. "އަހަންނަަކަށް ނޭނގެ ވިކް އާއި އެކުއްޖާ ދެމެދު ހިނގާފައި އޮތީ ކޮންކަހަލަ ކަންތައްތަކެއް ކަމެއް. އޮޅުން ފިލުވާކަށް އިންޓްރެސްޓެއްވެސް ނެތް. އެކަމަކު އަހަރެން މިބުނަނީ މިވަގުތުން ފެށިގެން... ޝީޒް މައިން." މިކިޔާލް ދެއްކި ވާހަކަ ނިމުނުއިރު ތުންފަތަށް ހިނިތުންވުމެއް ވެރިވެއްޖެއެވެ. "ފަނީ." އަވިކްއަށް ބުނެލެވުނީ އެހެންނެވެ. އޭނާ އައި ގޮތަށް އައިސް ގޮނޑީގައި އިށީންދެފައި މޭޒުމަތީ އޮތް ފައިލް ނަގައިގެން ނަޒްލާ ސޮއި ކޮށްފައިވާ ހުރިހާ ލިއެކިއުމެއް ބަލަން ފެށިއެވެ. "މިވަގުތުން ފެށިގެން އެކުއްޖާ ސެޓު ކުރަން އަހަރެންނަށް ކުރެވުނު ހުރިހާ ކަމެއް ކުރާނަން. އެކަމަކު ވިކް ވާނެ އަހަރެންނަށް ހެލްޕްވެދޭން. މިބުނީ ވިކްއަށް އެކުއްޖާގެ ލައިކްސް، ޑިސްލައިކްސް ކަހަލަ ކަންތައްތައް އެނގެންޏާ ވާނެ އަހަންނަށް ބުނެދޭން." މިކިޔާލް އައިސް ކުރިމަތީ އިށީންދެފައި ކުރީގެ ވާހަކައަށް އިތުރު ކޮށްލިއެވެ. ފައިލް ލައްޕާލައިފައި އިސްއުފުލާލި ގޮތަށް އަވިކް ފުރަތަމަ ހިނިތުންވެލީއެވެ. ދެން އިނދެފައި މިކިޔާލްގެ ވާހަކަ އާއި އެއްބަސް ވުމުގެ ގޮތުން ބޯ ޖަހާލައިފިއެވެ. އަވިކްއަށް ނޭނގުނީ އެޖަވާބު ކުރިއަށް އޮތްތާގައި އޭނާގެ ކޮނޑަށް ބަރުވެގެން ދާނެ މިންވަރެވެ.

"ހޫމ ދޮންދާ މިއަދު އަދި އޮފިޝިއަލްކޮށް ނިކުންނަން ފެށީ މި. ކުރިން ބުނިހެން އިއްޔެ އެހާ ކުއްލި ގޮތަކަށް ހުރިހާ ކަމެއް ހަމަޖެހުނީ. އިއްޔެ ގޮސް އުޅުނީ ރެސްޓޯރެންޓްގަ. ޒިހާންގެ އިންފުލުއެންޒުގެ ސަބަބުން އެތަނުންވެސް އެހާ ފަސޭހައިން ވަކިވެވުނީ. އެހެންނޫންނަމަ މެނޭޖަރ ހުރީ އަހަރެން ދޫކޮށްލާ ގޮތަކަށް ނޫން. ނަސީބެއް ދެން." ނަޒްލާ އުފާވެރި ގޮތަކަށް ހެމުން ފޯނުން ވާހަކަ ދައްކަމުން އައިސް ކެބިންއަށް ވަންނަން ހަދާލިތަނާ ކުރިމަތީ ހުއްޓުނު ދެޒުވާނުން ފެނިގެން ހުއްޓެވިއްޖެއެވެ. އަތްދިގު ގަމީހާއި ފަޓްލޫނުގައި ޓައީ އަޅާލައިފައި ތިބި އެދެމީހުންވެސް އެއީ އޮފީހުގެ ބައެއްގައި މަސައްކަތް ކުރާ ދެމުވައްޒަފުން ހެން ހީވެއެވެ. ނަޒްލާ އަދި ގުޅާނަމޭ ބުނެ ފޯން ކަނޑާއިލާފައި އެދެޒުވާނުންނަށް ރަނގަޅަށް ބަލާލިއެވެ. އިސްކޮޅުންވެސް އެމީހުން ދާދި އެއްވަރެެވެ. އެކަމަކު މުޅިން ތަފާތު ދެސިފަ އާއި ހެދުން އެޅުމުގެ ގޮތްގަނޑުގައި ފަރަގު ހުއްޓެވެ. އެކެއްގެ އިސްތަށިގަނޑު ތުނިކޮށް ކޮށާލެވިފައި އޮތްއިރު ތުނިކޮށް ސްޓައިލް ކޮށްފައި ހުރި ފްރެންޗް ތުނބުޅި މޫނާއި ގުޅިފައި ފިރިހެންވަންތަ ގޮތް ދައްކައެވެ. އަނެކެއްގެ މޫނު އަދި ޖެހިގެން ހުރި ޒުވާނާއަށްވުރެވެސް ދޮންވެފައި ތުންފަތްވެސް ނިކަން ރަތެވެ. އޭނާގެ ފަން އިސްތަށިގަނޑު ސްޓައިލް ކުރެވިފައިވާ ގޮތުން ހިތްގައިމުވެފައި ތުނި ތުނބުޅީގެ ސަބަބުން ވަކިން ފުރިހަމައެވެ. ނަޒްލާ ދެލޯ ބޮޑު ކޮށްލައިގެން މައުސޫމު ގޮތަކަށް ބަލަން ފެށުމުން އެޒުވާނާ ލުއި ހިނިތުންވުމަކާއެކު އަނެއްފަރާތަށް މޫނު އަނބުރާލި ގޮތް ނިކަން ހިތްގައިމެވެ.

"ނަޒްލާ! އަޅުގަނޑަށް ކިޔަނީ ފަތުހުﷲ. އައިޓީ މެނޭޖަރ. ނަޒްލާ ދެން ކިޔުއްވަން ވާނީ ފަތުހު." ފްރެންޗް ތުނބުޅީގެވެރިޔާ އިސްނަގާފައި ސަލާމަށް އަތް ދިއްކޮށްލިއެވެ. "އޯހ... އަޅުގަނޑަށް ކިޔަނީ ނަޒްލާ... ވިޗް ޔޫ އޯލްރެޑި ނޯ..." ނަޒްލާ ފަތުހުގެ އަތުގައި ހިފާލުމާއެކު ފަހު ތަންކޮޅު ބުނެލީ ދެދަތްޕިލާ ކައިރިކޮށްލައިގެން ކުރިއަށްވުރެ މަޑުންނެވެ. "ލައްމާހު." ފަތުހު ނަޒްލާ އަތުން ދޫކޮށްނުލަނީސް ދެން ހުރި ޒުވާނާ ބުނެލިއެވެ. ނަޒްލާ ހީކުރީ ލައްމާހުވެސް ފަތުހު ފަދައިން ސަލާމް ކުރަން އަތް އިސްކޮށްގެން ހުރި ކަމަށެވެ. އެހެން ހިތައި އޭނާ އަތް ތިރިކޮށްނުލައި ހުރެގެން ބަލައިލާފައި ފާޑަކަށް ރަކިވާ ގޮތްވެގެން އެއަތް ތިރިކޮށްލަން އުޅެނިކޮށް ލައްމާހު ކުރު ހިނިގަނޑެއް ޖަހާލައިފައި ހިފަހައްޓައިފިއެވެ. ފަތުހު އާއި ޚިލާފަށް ލައްމާހު ފުރުސަތުގެ ބޭނުން ހިފައި ނަޒްލާގެ އަތަށް ނިކަން ރަނގަޅަށް ފިތާލިއެވެ. ތަދުވާގޮތްވެގެން އަތް ދަމައިގަންނަން އުޅުނުއިރުވެސް ލައްމާހު އެރީތި ހިނިތުންވުމާއެކު ބާރަށް ހިފަަހައްޓައިގެން ބަލަން ހުއްޓެވެ. 

"އައިޓީ ޑިޕާޓްމެންޓްގެ ރިކުއެސްޓަކާއިގެން އަޅުގަނޑުމެން މިއައީ. އުންމީދު ކުރަން ނަޒްލާ އަޅުގަނޑުމެންގެ އެދުން ފުއްދައިދައި ދެއްވާނެ ކަމަށް." ފަތުހު ވާހަކަ ކުރިއަށް ގެންދިޔައެވެ. ނަޒްލާ އެއީ ކޮން އެދުމެއްހޭ އަހައިލަމުން ފަތުހުއަށް ކަޅިއެއް އެއްލާފައި އަނެއްކާވެސް ލައްމާހުގެ ކިބައިން އަތްތިލަ މިނިވަން ވޭތޯ މަސައްކަތް ކުރިއެވެ. "އަޅުގަނޑުމެން ބޭނުންވަނީ ނަޒްލާ މިރޭ އަޅުގަނޑުމެން ދޭން ހަމަޖެހިފައިވާ ވެލްކަމް ޑިނަރގައި ބައިވެރި ވެލައްވަން. ތަންވެސް ބުކް ކުރެވި އަދި ކާއެއްޗެއްސަށްވެސް އޯޑަރ ދެވިފައި މިހާރު ހުރީ. އެހެންވީމަ ނަޒްލާއަށް ނުދުރުވެވިއްޖެއްޔާ އެއީ އަޅުގަނޑުމެންގެ ސްޓާފުންކޮޅަށްވެސް ލިބިލައްވާ ވަރަށް ބޮޑު ގެއްލުމަކަށް ވާނީ." ފަތުހު އިތުރަށް ނަޒްލާ އެމަޅީގައި ބަނދެލަން މަސައްކަތް ކުރިއެވެ. 

"އެންމެ ރަނގަޅު. ދާނަން. އެކަމަކު ޝަރުތެއް އެބައޮތް." ނަޒްލާ ޖަވާބު ދީ ނިމުނުއިރު ޒުލްފާ އާއި ރިދީ އައިސް ވަންނަން ތައްޔާރުވެފައި އެމީހުން ތިބުމުން ފަހަތުގައި ހުއްޓުނެވެ. "އަޅުގަނޑު ތި ކެއުމުގައި ބައިވެރި ވާނަން. އެކަމަކު އަޅުގަނޑާއެކު ޖެހިގެން އިންނަ ދެމޭޒުގައި ތިބޭ ރިދީ އާއި ޒުލްފާވެސް ބައިވެރިވާނެ." ނަޒްލާގެ ވާހަކަ އިވިގެން ރިދީ ފުންމައިގެންފައި ކެބިންތެރެއަށް ވަދެގަނެގެން ނަޒްލާ ކުރިމަތީ ހުއްޓިފައި ހަމަތެދެއްހޭ އަހާލައިފިއެވެ. "އޯކޭ." ފަތުހު އެއްބަސްވިތަން ދެކެފައި ނަޒްލާވެސް ރިދީއަށް ބޯ ޖަހާލިއެވެ. ރިދީ ފޮނިވެގެން ދެއަތްތިލަ ފައްތަރުކޮށްލީ މޭގައެވެ. "އޯލްރައިޓް ދެން. މިވަގުތަށް ގޮސްލަނީ. ގަޑިއާއި ވެނިއު މެސެޖް ކޮށްލާނަން." ފަތުހު ފަހު ބަސް އިއްވާފައި ހިނގައިގަތުމުން ލައްމާހުވެސް ނަޒްލާ އަތުން ދޫކޮށްލައިފައި އެކުގައި ދާން ފެށިއެވެ. ވިންދު ޖަހަ ޖަހާ ހުރި އަތްތިލައިގައި އަނެއް އަތުން ފިރުމައިލާފައި ނަޒްލާ ގޮނޑިއާއި ދިމާއަށް ދާން ހީކޮށްލިތަނާ ރިދީ ފުންމައިގެންފައި އޭނާގެ ކުރިމައްޗަށް އަރައި ތޭންކްސްއޭ ކިޔަން ފެށިތަނާ ޒުލްފާއަށް ނުހުރެވިގެން އައިސް ރިދީ އަތުގައި ހިފާ ދަމާފައި ދުރަށް ގެންދިޔައެވެ. ނަޒްލާ ލުއި ހިނިގަނޑެއް ޖަހާލައިފައި ގޮސް ގޮނޑީގައި އިށީންދެލިއެވެ. އިރުކޮޅަކުން ޒުލްފާ އައިސް އޭނާގެ މޭޒު ކޮޅުގައި ދެއަތް އަޅުވާލައިފައި ހުއްޓިލުމުން އެދިމާއަށް މޫނު އަނބުރާލިއެވެ.

"ކީއްވެ ތިގޮތަށް ކަންތައް ތިކުރަނީ؟" ޒުލްފާ ޖާސޫސެއްހެން ބަލަމުން ސުވާލު ކުރިއެވެ. "ތިއަހަނީ ޑިނަރގެ ވާހަކަތަ؟ އެއީ ބުނަންތަ... ނުދަންނަ ބަޔަކާއެކު އެކަނި ދާން ބޭނުން ނުވާތީ. ކިހިނެތް އެނގެނީ އެމީހުން އަހަރެންނަށް ލަނޑެއް ނުދޭނެ ކަމެއް. އަލަށް ސުކޫލަށް ދާ ކުދިންނާއި ޖޮބަށް ވަންނަ ކުދިންނަށް ބުލީ ކުރާ ވާހަކައަކީ އާ ވާހަކައެއް ނޫން." ނަޒްލާ ހަމަޖެހިލައިގެން އިނދެފައި ޒުލްފާ އާއި ހަތަރުކަޅި ހަމަކޮށް ސުވާލުގެ ޖަވާބު ދިނެވެ. އެވަގުތު ޒުލްފާ ޖަހާލީ ކުރު ހިނިގަނޑެކެވެ. "ކަލެއަށް ކިހިނެތް އެނގެނީ އަހަރެމެން ދެމީހުން ލަނޑެއް ނުދޭނެ ކަމެއް؟" ޒުލްފާ ހިންދެމިލާފައި ފަޚުރުވެރިކަމާއެކު ހަށަން ބަނދެލައިފިއެވެ. "އެއީ ތީ އަންހެންކުދިން ވީމަ. އަހަންނަށް އިނގޭ އެއްވެސް އަންހެނަކު އަނެއް އަންހެނަކަށް ދެރައެއް ނުދޭނެކަން. އަންހެނެއްގެ އިހުސާސްތައް އެންމެ ރަނގަޅަށް އެނގޭނީވެސް ހަމަ އަންހެނަކަށް. އެހެންވެ އަހަންނަށް އިނގޭ އަހަރެން ބިރުގަންނަ ވަރުގެ ކަމެއް ވާން ތިދެމީހުން އަހަރެން ދޫކޮށްނުލާނެކަން." ނަޒްލާ ޖަވާބު ދީފައި ރިންގް ވާން ފެށި އިންޓަކަމް އަތްގަނޑު ނެގި ހިސާބުން ޒުލްފާ ގޮސް ގޮނޑިއަށް ވެއްޓިގަތެވެ. "އޯ ގާރލް. އެއީ ބުނަން، އާދައިގެ ކުއްޖެއް ނޫން." ރިދީ ކައިރިވެލާފައި ޒުލްފާއަށް އިއްވާލިއެވެ. އޭނާ ބަލައިލިއިރު ރިދީ އިނީ ދެލޯ ބޮޑުކޮށްލައިގެންނެވެ. ޒުލްފާ ފާޑަކަށް އަނގަ ހަދާލުމާއެކު ރިދީ އަތުގައި ޖަހައި މަސައްކަތް ކުރާށޭ ބުނެ ދުރަށް ފޮނުވާލައިފިއެވެ.

އެރޭ ދިހައެއް ޖެހިތަނާ ނަޒްލާ ކުލާސް ނިންމާފައި ކޮލެޖުން ނިކުތެވެ. ފޯނު އެލާމްވީ އޭނާ ގެއަށް ދިޔަ މަގުމަތީގައެވެ. ހަނދާން ނެތިދާނެތީ އޭނާ ކެއުން އޮންނަ ގަޑިއަށްވުރެ ބައިގަޑި އިރު ކުރިއަށް ފޯނު އެލާމް ކުރީއެވެ. އެކަން އެގޮތަށް ކުރެވުނީވެސް ނަސީބަކުންނެވެ. ނޫންނަމަ އޭނާ ހަނދާނުން ފުހެވުން އޮންނާނީ ގާތުގައެވެ. މާލެ އެރީއްސުރެ އޭނާއަކީ ކުލާހުން އަންނަ ގޮތަށް ނިދާ ކުއްޖެކެވެ. ފެށުނީއްސުރެ އެއާދަ ގެންގުޅޭތީ ބައެއްފަހަރު އެކުވެރި ކުދިންގެ ފަރާތުން ލިބޭ ދައުވަތު ތަކަށްވެސް ނުދެވި ކެންސަލް ވަނީއެވެ.

ހިނގުން އަވަސް ކޮށްލައިފައި ނަޒްލާ ގޮސް ގެއަށް ވަދެ ތައްޔާރު ވާން ފެށިއެވެ. އޭނާ މޫނު ދޮވެލައިގެން ނިކުމެ ފުނާ އަޅަން ހުއްޓާ ސަމާ އެތެރެއަށް ވަދެފައި ތަނަކަށް ދަނީތޯ އެހިއެވެ. "ހޫމ. އޮފީސް ކުދިންތަކެއް މިރޭ ކެއުމަކަށް ދައުވަތު ދީގެން މިދަނީ." ނަޒްލާ ޖަވާބުދިނެވެ. "އޯހ ގަދައޭ ދޯ. ފުރަތަމަ ދުވަހުވެސް ދައުވަތެއް ލިބުނީ. ފިރިހެން ކުދިންތަ އަނެއްކާ؟" ސަމާ ޝައުޤުވެރިވެފައި ގޮސް އިށީންދެލީ އެނދުގައެވެ. "ހޫމ ފިރިހެން ކުދިންނާއި އަންހެން ކުދިން." ނަޒްލާގެ އަޑުގައި މާބޮޑު ޖޯޝެއް ނެތެވެ. އެއަށްވުރެ ބޮޑަށް އޭނާ ހުރީ ނިދަން ބޭނުންވެފައެވެ. "ސާބަސް ނަޒޫއަށް. ފިރިހެން ކުދިންގެ ކުރިމައްޗަށް ދާއިރު ތިގޮތަށް ހުރެގެންތަ ދަނީ؟ ތަންކޮޅެއް ސެކްސީ ސްޓައިލިޝް ހެދުމެއް ލައިބަލަ!" ސަމާއަށް ނަޒްލާގެ ޖަވާބު އިވުނު ހިސާބުން ފުންމައިގެން ތެދުވެއްޖެއެވެ. "އަޖައިބެއް. އަހަރެން އަބަދުވެސް ލަނީ މިކަހަލަ ހެދުމެއްނު. މީގަ ގޯހަކީ ކޮބައިތަ؟" ނަޒްލާ ފުނާ އެޅުން ހުއްޓައިލާފައި ލޯގަނޑުން، ލައިގެން ހުރި ފެހި ގަމީސްކޮޅަށް ބަލައިލިއެވެ. ހަވީރު ފަހެއް ޖެހާއިރަށް ކުލާހަށް ދާން ލީ އެގަމީހުގެ އަތުގެ އުޅަބޮށްޓާއި ދިމާގަ އާއި އަދިވެސް ފަސްބައިގެ އެކި ހިސާބުގައި ރޫ ޖެހި ހުރީ މުޅިން ރީތިކަން ގެއްލިފައެވެ. އޭނާ އިތުރު އެއްޗެއް ނުބުނެ އަދިވެސް ލޯގަނޑަށް ބަލަން ހުއްޓާ ސަމާ އައިސް ފުރަގަހަށް ހުއްޓިފައި ލޯގަނޑުން ފެންނާނެހެން އޭނާގެ ގައިގައި ހެދުމެއް ޖައްސާލިއެވެ. 

"މީ އަހަރެންގެ ހެދުމެއް ނޫން." ނަޒްލާ ހެދުމުގައި ހިފާލަމުން ވަގުތުން ބުނެލިއެވެ. "އޮފްކޯސް މީ އަހަރެންގެ. މަންޖެ އަތުގައި ހުރޭތަ ގަމީހާއި ކުރުތާ ނޫން އެއްޗެއް." ސަމާ އެހެން ބުނެލާފައި ހެދުން ކޮނޑާއި ވަކި ކޮށްލިއެވެ. "އެކަމަކު އަހަރެން ކިހިނެތް ތިހެދުން ލާނީ؟ ތީ އަހަރެން ދުވަހަކު ލީ ވައްތަރެއްވެސް ނޫން." ނަޒްލާ ކަންބޮޑުވެފައި ވާހަކަދެއްކިއެވެ. "ބަހަނާ ނުދައްކާ ދޭ ލައިގެން އަންނަން!" ސަމާ ގަދަ ކޮށްލާފައި ފޮނުވާލުމުން ނަޒްލާއަށް ޖެހުނީ އެހެދުން ލާށެވެ. ނިކުމެފައި އޭގެ އަތް ކުރުވެ އެކަމާއި ޝަކުވާ ކުރިއެވެ. ކަކުލަށްވުރެ ތިރިއަށް ހުއްޓާވެސް ހެދުން ކުރޭ ކިޔައިގެން ލެގިންސް ބޭނުން ކުރަން ބޮޑާ ހޭކިއެވެ. އެންމެ ފަހުން ގެއިން ނިކުންނަން ހިނގައިގަތް އިރު ހުރީ ކުރިންވެސް ލައި އުޅޭ ނޫ ގަމީހަކާއި ހުދު ސްކިނީއެއްލައި ދެއަތު ކުރި އުޅަބޮށްޓާއި ހަމައަށް އޮޅާލައިފައެވެ. ސަމާ އިސްތަށިގަނޑު ސްޓައިލް ކުރަން އުޅުމުން އެކަމުންވެސް ރެކި ގަނެގެން އިސްތަށިގަނޑު ބޭއްވީ ވޫލްކޮޅަކުން އައްސާލައިފައެވެ. އައިލައިނަރ އާއި ލިޕްސްޓިކްވެސް އެއީ ނަޒްލާއަށް ބީރަތްޓެހި އެއްޗެހި ކަހަލައެވެ. ސަމާ ރުޅިގަދަ ވެފައި ނިއްކުރީގައި ތަޅާލަ ތަޅާލަ އިންދާ ފެނުނީ ނަޒްލާ ގޮސް ލޯމަތިން ގެއްލުނު ތަނެވެ.

ނަޒްލާއަށް ދެވުނުއިރު ޒުލްފާ އާއި ރިދީ ނޫން އެންމެން ހަމަވެއްޖެއެވެ. މަދީ އެކަނި އެދެމީހުންކަން އެނގުނީ ފަތުހު ކައިރީ އޭނާ ސުވާލު ކޮށްލީމައެވެ. ހަ ފިރިހެން ކުދީންގެ މެދުގައި އެކަނި އިންނަންވުމުން އޭނާ އިނީ ނުތަނަވަސްވެފައެވެ. އެހެން ހުރިހާ ކުދިންނަށްވުރެ ލައްމާހުގެ ތޫނު ބެލުމުން އޭނާއަށް އުދަނގޫ އިހްސާސްވިއެވެ. ހިތް ބުނެލީ ލައްމާހުގެ އެ ބެލުމުގެ ފަހަތުގައިވާ ނިޔަތް ނުރައްކާ ވާނެ ކަމުގައެވެ. ގަޑި ބަލަބަލާ އިންދާ ނަސީބަކުން ރިދީ އާއި ޒުލްފާވެސް އަތުވެއްޖެއެވެ. ތިން އަންހެން ކުދިން ޖެހި ޖެހިގެން އިށީންދެލުމުން އެހާ އަވަހަށްވެސް އެންމެންނަށް ފާހަގަ ކުރެވުނީ ނަޒްލާ އާއި ދެން ތިބި ދެކުދީންގެ ތަފާތެވެ. އެދެމީހުން ވަރުގެކޮޅަށް ހެދިލައިގެން ގަދަޔަށް މޭކަޕް ކޮށްގެން އައިސް އިންއިރުވެސް ނަޒްލާގެ ސާދާ ސޫރައިގެ ކުރިމަތީގައި އެކައްޗަކަށްވެސް ނުވެއެވެ. ފަތުހު އިސްވެ އެހެން ކުދިން ތައާރަފް ކޮށްދީ ނަޒްލާ އާއި އެކުވެރި ކޮށްދީފައި ކެއުމާއިގެން އެންމެން ކުރިއަށް ދިޔައެވެ. ރިދީމެން އައި ފަހުން ނަޒްލާގެ ތުންފަތުންވެސް ހިނިތުންވުން ފެންނަން ފެށިއެވެ. އެޒުވާނުންގެ މަޖާ ވާހަކަ ތަކަށް ޝައުޤުވެރިކަން ދެވި އެންމެން އެއްފަހަރާ ޖަހާލާ ހިނިގަނޑުގައި އޭނާވެސް ބައިވެރިވެލައެވެ.

"އަވިކް!" އިރުގަނޑެއް ފަހުން ލައްމާހު ބުނެލި އެއްޗަކުން އެންމެންގެ ސަމާލުކަން އޭނާއަށް ހުއްޓުނެވެ. އެހެން އެންމެންނަށްވުރެ ބޮޑަށް ސިހިގެން ދިޔަ ނަޒްލާ އަނގައިގައި ހުރިހާ އެއްޗެއް ހަފައިވެސް ނުލައި ދިރުވާލެވިއްޖެއެވެ. "ނަޒޫއަށްވެސް މިހާރު މީޓްވެފަ ދޯ ހުރީ އެޑްމިން މެނޭޖަރ އާ. އެކަމަކު ނޭނގޭ އެއްޗެއް ބުނެފާނަން. އަވިކް އެއީ އަހަރުމެން ސީއީއޯގެ ފިރިހެން ދަރިފުޅު." ފަތުހު ނަޒްލާއަށް އެވާހަކަ އޮޅުންފިލުވައި ދިންއިރު އަވިކް އާއި މިކިޔާލް އަމިއްލަ ވާހަކައިގައި ތިބެގެން އައިސް އެހިސާބާއި އަރާ ހަމަވަނީއެވެ. އެވަގުތު ލައްމާހު ގޮވާލުމުން އަވިކް ހިނިތުންވެލައިފައި އެންމެންެގެ މޫނަށް ހިންގާލި ނަޒަރު ގަނޑުވީ ނަޒްލާ އާއި ހަމައިންނެވެ. ބުދެއްހެން ދެލޯ ބޮޑުވެފައި އިން ނަޒްލާ ކުއްލިއަކަށް ކޮށި އަރައި ކެއްސައިގެން އަޑަށް އެހެން އެންމެންވެސް އޭނާއަށް ބަލާލައިފިއެވެ.

ކޮމެންޓް 0