ނަޒްލާ މޫނާއި ދިމާއަށް އަތް އެއަތް އުފުލާލައިގެން ހުރެފައި މަގުގެ އަނެއްފަރާތުގައި ހުރި ފިހާރައެއްގެ އަސްކަނި ދޮށަށް ދާންވެގެން މަގު ހުރަސް ކުރަނިކޮށް ކާރެއް އައިސް މަޑުކޮށްލީ ސީދާ އޭނާގެ ކުރިމައްޗަށެވެ. ގަތް ބިރުން ހުއްޓުން އަރައިފައި އެދިމާއަށް ބަލައިލިތަނާ އެކާރުގެ ދޮރުފަތް ހުޅުވާލައިފައި ނިކުތްތަން ފެނުނީ އަވިކްއެވެ. ދުރުގައި ތިބި މަދު މީސްކޮޅުގެ ނަޒަރުވެސް އެވަގުތު އެދެމީހުންނަށް ހުއްޓުނެވެ. ނަޒްލާ ކަންބޮޑުވެފައި ހުއްޓާ އަވިކް އައިސް ކައިރިއަށް ހުއްޓިފައި އެއެންމެންގެ ކުރިމަތީ އޭނާގެ ދެއަތުގައި ހިފާލައިފި އެވެ.
"ނަޒޫ އަހަރެން މިބުނާ އެއްޗެއް ރަނގަޅަށް އަޑުއަހާތި. މިއަތުން ދޫކޮށްނުލައި އަހަރެން ނަޒްލާ ގެންގޮސް އަރުވާނީ ކާރަށް. ދެން ގެންދާނީ ގެއަށް. ގަދަ ނުދައްކައި އަހަރެންނާއެކު ދިޔައިއްޔާ ނަޒޫއަށް ހަމަ ރަނގަޅު ވާނީ. މިތާ ތިބި މީހުންގެ ނަޒަރު މިހާރުވެސް އެހުރީ އަހަރެމެނަށް. ސީންއެއް ކްރިއޭޓް ކުރަން ބޭނުން ނޫނިއްޔާ މަޑުމަޑުން ހިނގާ." އަވިކްދެއްކި ވާހަކަ ވާރޭގެ އަޑާއި އެކުވެގެން ދިޔައެވެ. ނަޒްލާ ދުރުގައި ތިބި މީހުންތަކަށް ބަލައިލާފައި ބަހެއް ނުބުނެ އިސްޖަހާލުމުން އަވިކް ދުށީ އެއީ އޭނާ ބޭނުންވި ޖަވާބު ކަމުގައެވެ. އެއަތުން ދޫކޮށްނުލައި އަނެއް އަތުން ނަޒްލާގެ ސޫޓް ކޭސް އަތުލާފައި ގެންގޮސް ޑިކީ ތެރެއަށް ލުމާއެކު އަވިކް ނަޒްލާ ކާރަށް އަރުވައި ދޮރުފަތް ޖަހާލިއެވެ.
އަވިކް އަރައި ކާރު ދުއްވާލުމުގެ ކުރީން ނަޒްލާގެ ތެމިފައިވާ އިސްތަށިގަނޑާއި މޫނު ފެނުމުން އަވަހަށް ޓިޝޫ ފޮށި އުނގަށް ލައިދިނެވެ. އެކަމަކު ނަޒްލާ އިނީ އިސްޖެހި ގޮތަށް ގަބުވެފައެވެ. "ގެއަށް ދެވެން ވާއިރަށްވެސް ތިފެންތައް ހިއްކާލަބަލަ ނަޒޫ. ރޯގާޖެހިދާނެ." އަވިކް އެންމެފަހުން ޓިޝޫއެއް ދަމައިގެންފައި ނަޒްލާގެ މޫނު ހިއްކައިދޭން އުޅުނެވެ. ނަޒްލާ ހަރަކާތް ކުރީ އެވަގުތުއެވެ. އަވިކް އެކަން ކުރިއަ ނުދޭން އޭނާ އެއަތުން ޓިޝޫ ދަމައިގެންފިއެވެ. އެވަރުންވެސް އިސްއުފުލައެއް ނުލައެވެ. "އޯކޭ." އަވިކް ބުމަ އަރުވާލައިފައި މަގަށް ސަމާލުވިއެވެ. އިރުކޮޅެއްނުވެ ކަންފަތުގައި ހަރުލައިގެން ދިޔައީ ނަޒްލާ އެޅި ކިބިހީގެ އަޑެވެ. އަވިކްއަށް ބޭއިޚުތިޔާރުގައި "ކޮބާ"އޭ ބުނެލެވުނެވެ. "ހުރޭ ގެއަށް ދެވުނީމަ ރަނގަޅު ސައިތައްޓެއް ހަދައިދޭނަން. އެއްފަހަރުން ރަނގަޅުވާނެ...." އަވިކް ޖޯޝާއެކު ވާހަކަ ދައްކަމުން ދަނިކޮށް ނަޒްލާ އެދޭތެރެއިން ކޮންމެވެސް އެއްޗެކޭ ބުނި އަޑު އިވުނެވެ. ސާފު ނުވެގެން އަވިކްއަށް ޖެހުނީ އަލުން ސުވާލު ކުރާށެވެ.
"ކީއްވެ ތިހެން ކަންތައް ތިކުރަނީ؟ ކީއްވެ އަހަރެން އެކަނި ދޫކޮށްނުލެވިގެން ތިއުޅެނީ؟" ނަޒްލާ ކުއްލިއަކަށް މޫނު އަނބުރާލައި އަވިކްގެ މޫނަށް ބަލައިލިއެވެ. ފަނޑު އަލީގެ ތެރޭގައިވެސް އެދެލޯ ރަތްވެފައިވާ ވަރާއި ގިނަވެފައި ހުރި ކަރުނަތައް ފެނިގެން އަވިކްގެ ހިތަށް އަސަރު ކުރުވިއެވެ. "ލޯބިވާތީ." ޓްރެފިކް ލައިޓަށް ކާރު މަޑުކޮށްލާފައި އަވިކް ނަޒްލާގެ މޫނަށް ބަލައިލިއިރު ނަޒްލާ އަދިވެސް އިނީ ބަލަހައްޓައިގެންނެވެ. އެވަގުތު އޭނާގެ އެޖެހިލުން ކުޑަ ޖަވާބުން ނަޒްލާ ސިހުނުކަން ޔަޤީނެވެ. "އެން މާކް މައި ވޯޑްސް... އަހަރެން ދުވަހަކުވެސް ނަޒޫ އެހެން މީހެއްގެ ހައްޤަކަށް ވާން ދޫކޮށެއް ނުލާނަން. ދުވަހެއްގެ ކޮޅުންވެސް. އައި ޕްރޮމިސް." އަވިކް ވާހަކަދެއްކިއިރު ނަޒްލާގެ އަތްތިލައިގައި ހިފާ ބާރުކޮށްލީ އެވާހަކައިގެ ތެދުކަން ސާބިތުކޮށް ދިނުމަށް ކަހަލައެވެ. ބުނާނެ އެއްޗެއް ނޭނގިފައި ނަޒްލާ އިންދާ ލައިޓް ފެހިވެގެން ކާރު ދުއްވާލަމުން އަވިކް ސެޓު އޮންކޮށްލީ ނަޒްލާ ވާހަކަ ދައްކަން އިތުރު ފުރުސަތެއް ނުދޭން ވެގެންނެވެ. އެއިވުނު ވާހަކަތަކަށް ފަހު ނަޒްލާވެސް އެވަގުތު އިނީ އިތުރަށް އަވިކްއާއި ކުރިމަތިލާން ބޭނުން ނުވެފައެވެ. އަނެއްފަރާތަށް މޫނު އަނބުރާލައިގެން އޭނާ ބަލަން ފެށީ ލޯގަނޑުގައި ބޮސްދީފައި ތިރިއަށް ފިރުކެމުން ދިޔަ ވާރޭތިކި ތަކަށެވެ.
އަވިކް ހީކޮށްގެން ހުރީ ގެއަށް އައިސް ވަންނައިރަށް މަންމަގެ ސުވާލުތަކާއި ކުރިމަތިލާން ޖެހޭނެ ކަމަށެވެ. އެކަމަކު އެމަންމަ ވީ އޭނާ ހީކުރި ވަރަށްވުރެ ވިސްނުންތެރި އަކަށެވެ. އަމިއްލަ ސުވާލުތައް ފަހަށް ޖައްސާލައިފައި މަންމަ އަވަސް ވެގަތީ ނަޒްލާގެ ކަންކަން ކޮށްދިނުމަށެވެ. ހީނާއަށް ގޮވާފައި އީމާގެ ކޮޓަރީގައި ނަޒްލާއަށް ހުރެވޭނެހެން އިންތިޒާމު ހަމަޖައްސައި ދިނުމަށް އެންގިއެވެ. ހީނާ ނަޒްލާގެ ފޮށި ހިފައިގެން ދާން ފެށުމުން ނަޒްލާ ކައިރީ ހީނާ ފަހަތުން ދާން އަންގާފައި އަވިކް ހިނގައިގަތީ ބަދިގެއާއި ދިމާއަށެވެ. ނަޒްލާއަށް ސައިތަށި ތައްޔާރު ކުރަން އަވިކް ބޭނުންވީ އަމިއްލަ އަތުންނެވެ. ހީނާއަށް ނުގޮވައި ކުދި ކުދި ކަންތައް އޭނާ އަބަދުވެސް ކޮށްލައެވެ.
ކުޑައިރުކޮޅެއް ފަހުން އަވިކް ސައިތަށި ކުޑަ ތަބަކަކަށް ލައިގެން ކޮޓަރިއަށް ދިޔައިރު ނަޒްލާ ހުރީ ފާރުގައި ހަރުކޮށްފައި ހުރި ފޮޓޯ ލޯގަނޑުތަކަށް ބަލާށެވެ. އަވިކް ވަން އަޑަށް އޭނާ އެނބުރި ބަލައިލާފައި ޖެހި ޖެހިގެން ދެ ކިބިހި އަޅާލިއެވެ. "އަދިވެސް ފެން ނުހިއްކާ ދޯ ތިހުންނަނީ. ލެޓް މީ ހެލްޕް ޔޫ." އަވިކް ތަބައް ސައިޑު ޓޭބަލްމަތީ ބަހައްޓާފައި ތުވާލި ހިފައިގެން ހިނގައިގަތީ ނަޒްލާގެ ކައިރިއަށެވެ. ނަޒްލާ މިފަހަރުވެސް އަވިކް އަރާ ހަމަވީއިރަށް އެއަތުން ތުވާލި އަތުލިއެވެ. އެކަމަކު ކުރިއާއި ޚިލާފަށް އޭނާ މިފަހަރު މޫނާއި އިސްތަށިގަނޑު ހިއްކާލައިފިއެވެ. "ގުޑް ގާރލް." އަވިކް ލުއި ހިނިތުންވުމެއް ތުންފަތަށް ވެރިކޮށްލައިގެން ބަލަން ހުއްޓެވެ. ނަޒްލާ ބީރަތްޓެހި ގޮތަކަށް ބަލާލައިފައި ތުވާލި ހިފައިގެން ގޮސް އެނދުގައި އިށީންދެލިއެވެ. "އަހަރެން ވަރަށް އަވަހަށް ތަނެއް ހޯދައިގެން މިގެއިން ނިކުންނާނަން." އަވިކް ސައިތަށި ނަގައި ދިއްކޮށްލިއިރު ނަޒްލާ އެމޫނަށް ބަލަން އިނދެފައި އިއްވާލިއެވެ. އަވިކް ސައިތަށި ނަޒްލާ އަތަށް ދީފައި އިށީންދެލީ ދާދި ކައިރީގައެވެ. "ނަޒޫ ނުޖެހޭނެ ދެން ތިކަމާއި ހާސްވާކަށް. ނަޒޫ މިގެއިން ނިކުންނަން ވާއިރަށް އަހަރެން ނަޒޫއާއި މެރީ ކުރާނަން." އަވިކް ބުނި ވާހަކަ އަހާފައި ނަޒްލާ އަޑަށް ބާރުލަމުން އަވިކްއޭ ގޮވާލިއެވެ. އޭނާގެ މަޤްސަދަކީ އަވިކް ހުއްޓުވުމެވެ. އަވިކްއަށްވެސް އެކަން ވިސްނިގެން "އޯކޭ އޯކޭ" އޭ ކިޔާލައިފައި އަވަހަށް ދާންވެގެން ތެދުވިއެވެ. ނަޒްލާއަށް އެވަގުތު ރަނގަޅު ވާނީ އެކަނި ދޫކޮށްލިއްޔާއެވެ. އޭނާ ދޮރާއި ހަމައަށް ގޮސް އެނބުރި ބަލާލިއިރު ނަޒްލާ ސައިތަށި އުފުލާލައިފައި އެތިފޮދެއް ރަހަ ބަލާލިއެވެ. އެވަގުތު ނަޒްލާ އަނގައަށް ޖައްސާލި ވައްތަރު އޭނާއަށް މަޖާވިއެވެ. "ބޭހަކީ ހިތި އެއްޗެކޭ." އަވިކް ހިނިގަނޑެއް ޖަހާލައިފައި ނަޒްލާ އަނެއްކާ ރުޅި ނުދައްކަނީސް ކޮޓަރިން ނިކުތެވެ.
ސުދާ ސޯފާގައި އިނުމުން އަވިކް ގޮސް އިށީންދެލީ ސުދާގެ ކައިރީގައެވެ. "ކިހިނެތްވީ؟" ސުދާ އަވިކްއާއި ވީ ފަރާތަށް މޫނު އަނބުރާލިއެވެ. "ނަޒޫގެ މައްސަލައެއް ނޫން. އެގޭ މީހުންގެ ކަމުނުދަނީ." އަވިކް މާބޮޑު ތަފްޞީލަކަށް ނުދިޔައެވެ. ސުދާއަށްވެސް ނަޒްލާގެ އުޅުމާއި އަހްލާޤު ހުންނަ ގޮތް އެނގޭތީ އަވިކްގެ ވާހަކަ ޤަބޫލު ކުރެވުނެވެ. ހީނާ ރޭގަނޑަށް ކާން ތައްޔާރުކޮށްފައި އައިސް ބުނީ ދެމައިން އެތާ ތިއްބައެވެ. އެވަގުތު އީމާވެސް ޓިއުޝަން ނިންމާފައި އައިސް ވަދެއްޖެއެވެ. "އީމާ ތި ދަބަސް ބަހައްޓާފަ ދޭ ނަޒޫ ގޮވައިގެން އަންނަން. ނަޒޫ އިންނާނެ ދޮންބެ ކޮޓަރީގައި." ސުދާ އީމާއަށް ގޮވައިލާފައި ބުނެލިއެވެ. އީމާ "ހަމަ ތެދެއްހޭ" ކިޔާ ފޮނިފައި އަވަހަށް އެދިމާއަށް ދުއްވައިގެންފިއެވެ. އިރުކޮޅަކުން ދެއަންހެން ކުދީން އެނބުރި އައިސް ވަންއިރު ސުދާމެން ތިބީ މޭޒު ދޮށުގައެވެ. އީމާ އަބަދުވެސް އިންނަ ގޮނޑީގައި އިށީނުމުން ނަޒްލާއަށް އިންނަން ޖެހުނީ އަވިކްއާއި ޖެހިގެންނެވެ.
"މަންމާ! ނަޒޫ ކޮންމެ ރެއަކުވެސް އަހަރެންގެ ކޮޓަރީގައިތަ ނިދާނީ؟" އީމާ އުފާވެރި އަޑަކުން ސުވާލު ކޮށްލިއެވެ. "ހޫމ. ނަޒޫ ދެން މިގޭގައި އުޅޭނީ." ނަޒްލާ ޖަވާބުދޭން ތައްޔާރު ވެލިތަނާ އަވިކް އޭނާގެ އުނގުމަތީ އޮތް އަތްތިލައިގައި ހިފާލުމުން މެއަށް ފިނިވެގެން ދިޔައެވެ. ބިރުން ހިންދިރުވާލަން ނުކެރިފައި އޭނާ އެއްފަހަރު ސުދާއަށް އަނެއްފަހަރު ކުރިމަތީ ދެކޮޅަށް ހިނގަ ހިނގާ ހުރި ހީނާއަށް ބަލައިލީ އަވިކްގެ އެހަރަކާތް ފާހަގަ ކުރެވުނު ތޯ ބަލަން ވެގެންނެވެ. ސުދާ އިނީ ހެވިފައެވެ. އީމާ ފަދައިން އަވިކްވެސް މިރޭ ކުރިއަށްވުރެ އުފާވެފައި އިންކަން އޭނާ ފާހަގަ ކުރިއެވެ. އެކަމަކު އޭނާ ކަންބޮޑުވާ އެއްކަމެއް ވިއެވެ. އެއީ ނަޒްލާ އެގޭގައި ގެންގުޅޭކަން ކަރަމްއަށް އެނގިއްޖެއްޔާ ވާނެ ގޮތެކެވެ. އަވިކްގެ ވާހަކައަށް އެއްބަސްވެ ބަހެއް އިތުރު ނުކޮށް އޭނާ އިނީ އެހެންވެއެވެ.
"ނަޒްލާ ކީއްވެ ނުފަށާ ތި އިންނަނީ؟" އެންމެން ފެށިއިރުވެސް ނަޒްލާ ދެއަތް ތިރިކޮށްލައިގެން އެއިން ގޮތަށް އިނުމުން ސުދާ އެހިއެވެ. ޖަވާބު ދިނުމުގެ ކުރިން ނަޒްލާ އަނެއްކާވެސް މަސައްކަތް ކޮށްލީ އަވިކްގެ ކައިރިން ސަލާމަތް ވާށެވެ. އެކަމަކު ނަތީޖާ ސުމެކެވެ. އަވިކް ފަދަ ފިރިހެނެއްގެ ކުރިމަތީ އޭނާއަށް ދެއްކޭނީ ކޮން ބާރެއް ހެއްޔެވެ؟ "ދައްތާ އަވިކް....." ނަޒްލާގެ ޖުމްލަ ފުރިހަމަ ނުވަނީސް އަވިކް ކޮށި އަރައިގެން ކެއްސަން ފަށައިފިއެވެ. އެވަގުތު ނަޒްލާ އަވަހަށް ފުންމައިގެން ތެދުވި ގަޑީ އަވިކްވެސް އެއަތުން ދޫކޮށްލައިފިއެވެ. ކައިރީ ހުރި ޖަގުން އަވަހަށް ފެންތައްޓެއް އަޅާލައިގެން އަވިކް އަތަށް ދީފައި ނަޒްލާ އޭނާގެ ބުރަކަށީ މަޑުމަޑުން ތަޅަން ފެށިއެވެ. ދެލޯ ބޮޑުވެފައި ހުރިއިރު އޭނާ ކަންބޮޑުވެފައިވާ ވަރު މޫނުން ދައްކައެވެ. ހީވަނީ ކޮށި އަރައިގެން ނޭވާ ނައިސްގެން އުޅެނީ ޚުދު އޭނާހެންނެވެ. އެވަގުތު ސުދާގެ ނަޒަރުވެސް ނަޒްލާއަށް ހުއްޓާލެވިފައި ހިނދުކޮޅަކު ހުއްޓެވެ. "މިހާރު ރަނގަޅުތަ؟ އަދި ފެން އަޅައިދެންތަ؟" އަވިކް ފެންތަށި ހުސްކޮށްލައިފައި ބެހެއްޓުމުން ނަޒްލާ އަދިވެސް ބުރަކަށީ ފިރުމަމުން އެހިއެވެ. އޭނާ އިށީންދެލީ އަވިކް ނޫނެކޭ ބުނެ ދެފަރާތަށް ބޯ ހޫރާލީމައެވެ.
ކެއުން ނިންމާފައި ނަޒްލާ ކޮޓަރިއަށް ވަދެ އިނީ މޯބައިލް މުށުތެރެއަށް ލައިގެންނެވެ. އޭނާ އުޅެނީ ފޯނު ހުޅުވަން ބިރުންނެވެ. ޝީރީން ނޫނީ ނިހާޒްގެ ފަރާތުން މަންމަމެނަށް މިހާރު ހުރިހާ ވާހަކައެއް އެނގިފައި އޮތްނަމަ އެފޯނު ހުޅުވާއިރަށް ފުރަތަމަވެސް އަންނާނީ މަންމަގެ ފޯނެކެވެ. އެމަންމަ ރުޅި އައިސްގެން އޭނާއަށް އެތިވަރު ގޮވާނީ ކީކޭ ކިޔާފައި ކަމެއްވެސް ނޭނގެއެވެ. އަދި މިހާރު އޭނާ ހުރީ ސުދާދައްތަގެ ގޭގައި ކަން އެނގިއްޖެއްޔާ ވަކިން ރުޅިގަދަ ވާނެއެވެ. މަންމަގެ މިޒާޖު މިހާރަކަށް އައިސް ހުންނަ ގޮތުން އޭނާއާއި ދެކޮޅަށް މީހަކު ބުނާ ކޮންމެ ވާހަކައެއް ޤަބޫލު ކޮށްލަނީ ކަމުގެ ހަޤީޤަތް އޮތީ ކިހިނެތްތޯވެސް ބަލައި ނުލައެވެ.
ބިރުން އިނދެވެސް ނަޒްލާ އެންމެ ފަހުން ފޯނު ހުޅުވާލިއެވެ. ތެޅި ތެޅި އޮތް ހިތަކާއެކު އޭނާ ސްކްރީނަށް ބަލަން އިންދާ ނެގީ އެންމެ ދެ މިނިޓެއްހާ ވަގުތު ކޮޅެކެވެ. އަތުތެރޭ އޮތް ފޯނު ވައިބްރޭޓް ވާން ފަށައިފިއެވެ. އެކަމަކު.... އެކަމަކު އޭނާ ބަލާލިއިރު ސްކްރީނަށް އަރާފައިވާ ނަން ތަފާތެވެ. މަންމަގެ ބަދަލުގައި އޭނާއަށް ގުޅަނީ އަވިކްގެ ބޮޑުދައިތައެވެ. އިހުސާނާއެވެ. ނަޒްލާ ބަލަން ނީނދެ އަވަހަށް ފޯނު ނަގާފައި ހަލޯއޭ ބުނެލައިފިއެވެ. ފޯނު ނިންމާފައި ނަޒްލާ ނިކުތީ ބެލްކަންޏަށެވެ. ތުނިކޮށް ވާރޭ ވެހުނަސް އޭނާ ފަރުވާލެއް ނުބެހެއްޓިއެވެ. އެއަށްވުރެ ބޮޑަށް އެކަނިވެލަން ބޭނުމީ ހިތަށް ކޮށްފައި ހުރި ފުން އަސަރަކުންނެވެ. މިއަދު އެހުރިހާ ކަމެއް ވެފައި އޮތްވާ އަނެއްކާ އިހުސާނާ ގުޅާފައި ދިނީ ނުބައި ޚަބަރެކެވެ. ރިފާތްއަކީ އޭނާ ނުހަނު ލޯބިވާ ކުއްޖެކެވެ. އެކަމަކު ރިފާތްގެ ސިއްރު އޭނާއަށްވެސް ވަންހަނާވެފައި އޮތުމުން ހިތާއި ހިތުން ޝަކުވާ ކުރެވުނެވެ. އޭނާ ރަށުގައި އުޅުނު އިރު ފަހަކަށް އައިސް އެކުއްޖާގެ ފުށުން ފެނުނު އާދަޔާ ޚިލާފް މިޒާޖުގެ ހަޤީޤަތް އަދި ކިރިޔާ އެނގުނީއެވެ. ފިރިހެނުންގެ ވަހުޝީ އެދުމާއި ހެދި ކިތައް ކުޑަ ކުދިން ހަލާކު ވެގެންދާނެ ހެއްޔެވެ؟
ނަޒްލާ ދުރު ބަލަން ހުރެގެން ދެފަހަރަކު ކަރުނަ ފުހެލިތަނާ އަވިކް ކޮޓަރީގެ ދޮރު ހުޅުވާލި އަޑަށް އަވަހަށް އެދިމާއަށް ބަލައިލެވުނެވެ. އަވިކްގެ ކޮޓަރިއާއި އީމާގެ ކޮޓަރިން ނިކުމެވެނީ އެއް ބެލްކަންޏަކަށެވެ. އެވަގުތު އަވިކްއަށް ނަޒްލާ ފެނިގެން އަންނަން ފެށުމުން ނަޒްލާ އުޅުނީ އަވިކްއަށް އަތު ނުޖެހި ކޮޓަރި ތެރެއަށް ދެމިގަންނާށެވެ. އެކަމަކު އަވިކް މާ ހުޝިޔާރެވެ. ނަޒްލާއަށް ދޮރު ހުޅުވާލެވުނު އިރަށް އަވިކް ނަޒްލާ އަތުގައި ހިފާ ދުރު ކުރުވާފައި އެދޮރުގައި އަތުން ޖަހާ ކުއްލިއަކަށް ލައްޕާލިއެވެ."ބޭނުންވިއަސް ދެން ނުފިލޭނެ. އަހަރެން އަބަދުވެސް ހުންނާނީ ނަޒޫގެ އެންމެ ކައިރީގަ." އަވިކް އުފާވެރި އަޑަކުން ވާހަކަދެއްކިއެވެ. "އެހެންވެދޯ އެވަރަކުން އަހަރެން މިގެއަށް ގެނައީ." ނަޒްލާ އެނބުރި ބަލައިލާފައި ތުން އަނބުރައިލީއެވެ. އަވިކް ޖަހައިލީ ހިނިގަނޑެކެވެ. ނަޒްލާ ނުރުހިގެން ދުރު ބަލާލި ވަގުތު އަވިކް ކުރިކަމަކީ ނަޒްލާ އަތަށް ދަމާލައިފައި ގެންގޮސް ކޮޓަރިއަށް ވެއްދީއެވެ.
"މަންމައަށް އަޑު އިވިދާނެ." ނަޒްލާ ރުޅި އައިސްގެން ބާރުބާރަށް ގޮވާލުމުން އަވިކް ތުންފަތުގައި ޝަހާދަތް އިނގިލި ޖައްސާލައިފައި ހަނދާން ކޮށްދިނެވެ. ނަޒްލާވެސް އަވަހަށް ހިމޭންވިއެވެ. އަވިކްގެ ކޮޓަރީގައި އޭނާ މިގަޑީގައި ހުއްޓާ ސުދާ ދައްތައަށް ފެންނާކަށް ބޭނުމެއް ނޫނެވެ. "އެކަމަކު އަހަރެން އަތުން ދޫކޮށްލާ!" ނަޒްލާ އަތް ފޮޅުވާލަން އުޅުނެވެ. އެނދާއި ދިމާއަށް ގޮސް ގޮސް ހުރި އަވިކް ހުއްޓުނީ އެވަގުތުއެވެ. "އަތުގައި ހިފައިގެން ހުރީމަ ކިހިނެތް ވަނީ؟ ހިތް އަވަސް ވަނީތަ؟ އަހަންނަށް އިނގޭ. މެއަށް ފިނި ވަނީ ދޯ." އަވިކް އެނބުރިފައި ނަޒްލާ ކުރިން ބުނެފައިވާ ވާހަކަތައް ހަނދާން ކޮށްގެން ކިޔަން ފެށުމުން ނަޒްލާ އަދި މާ ކަންބޮޑުވިއެވެ. "މިރޭ ހުވަފެނުގަ ފެންނާނެ ދޯ. މިރޭ ހުވަފެން ބަލަން ކޮޓަރިއަށް ދާނެ ކަމެއް ނެތް. އަހަރެން މޫނަށް ބަލަން މިތާ އޮވޭ. މާ ރަނގަޅު ވާނެ." ނަޒްލާގެ ރަތްވަމުން އައި މޫނު ފާހަގަ ވެގެން އިތުރަށް ތަޅުވާލަން އަވިކް ހީކުރިއެވެ. އެކަމަކު ހީކުރި ގޮތާއި ޚިލާފަށް ނަޒްލާ ރުޅި އައީ އެވާހަކަ އަހާފައެވެ. "އަހަރެން ހިތަށް އަރާ ފިރިހެނުންނަކީ ކީއްވެފަ ތިބޭ ބައެއް ބާއޭ. މީހަކު ދެކޮޅު ހެދީމަ އޭގެ މާނަ އެމީހުންނަށް ވިސްނެނީ އިދިކޮޅަށް. އެހެންނޫންނަމަ ތުއްތު ކުދިންގެ ރުހުމަކާ ނުލާ ގަދަކަމުން އެކުދިންގެ ގަޔަށް ބޮލަކަށް ނާރާނެ. އެއޮތް ކުޑަ ކުޑަ ރިފާތްގެ ކޮން ކުށެއް އޮވެގެން އެކުއްޖާއަށް މިއަދު އެހާލު ޖެހުނީ؟" ނަޒްލާ މައުޟޫ ބަދަލު ކޮށްލި ތަނުން އަވިކްވެސް ހައިރާންވެގެން ނަޒްލާ އަތުން ދޫކޮށްލައިފައި ސުވާލު ކުރަން ފެށިއެވެ. ރިފާތްވީ ކީއްތޯ އާއި ކާކު ބުނި ވާހަކައެއް ތޯއެވެ.
"އިހުސާންތަ ދެންމެ ގުޅާފަ ބުނީ. އަވިކް.... އެކުއްޖާ މިފަހުން މަޑުމަޑުން އެހުންނަނީ އެހެންވެ. އަދި ކިރިޔާ އިހުސާންތައަށްވެސް ހަޤީޤަތް އެނގުނީ." ނަޒްލާ އޮޅުން ފިލުވައިދިނެވެ. އެއް އަތުން ނިއްކުރީގައި ހިފަހައްޓާލި ގޮތަށް އަވިކް ގޮސް ޖެހިގަތީ އެނދަށެވެ. "ކާކު؟" އަވިކް އެއީ ކާކުކަން ބަލަން ބޭނުންވިއެވެ. ނަޒްލާ ފަސްޖެހުނީ އެހިސާބުންނެވެ. އިހުސާނާ އޭނާ ކައިރީ އެވާހަކަ ކީވެސް އޭނާ ކުރިންވެސް ރިފާތްގެ މިޒާޖާއި ބެހޭގޮތުން ވާހަކަ ދައްކާފައި ވާތީއެވެ. "ކާކުތަ؟" ނަޒްލާ ޖަވާބެއް ނުދިނުމުން އަވިކް އަނެއްކާ އެހިއެވެ. "ފަރޫޝާދައްތަގެ ބައްޕަ" ނަޒްލާ ޖަވާބު ދިން ވަގުތު އަވިކް ފުންމައިގެން ތެދުވިއެވެ. އޭނާ ރުޅި އައިސްގެން އަތް މުށްކަވާލިތަން ފެނުމުން ނަޒްލާވެސް ޖެހިލުންވިއެވެ. އަވިކް އެހާ ރުޅިއެއް އައީ އެމީހަކީ ފަރޫޝާގެ ބައްޕައަށް ވާތީކަން ނަޒްލާ ދެނެގަތެވެ. އަވިކް އެކަން ނުދެއްކިއެއް ކަމަކު ފަރޫޝާ ދެކެ އަވިކް އިންތިހާއަށް ނަފްރަތު ކުރެއެވެ.
"ނަޒޫ ދެން ދޭ ކޮޓަރިއަށް." އަވިކް ނަޒްލާ ގެންގޮސް ބެލްކަންޏަށް ނެރެފައި ދޮރު ލެއްޕިއެވެ. އިވުނު ޚަބަރަކުން މޫޑު ބަދަލުވީއެވެ. އޭނާ މަންމަ ކައިރީ ބޭރަށް ދާ ވާހަކަ ބުނެފައި ކާރުގައި ނައްޓާލައިގެން ގޮސް މަޑުކޮށްލީ ޝޭޑީ ލޭންޑް ގޭޓުން ވަދެފައެވެ. އަވިކް ކާރުން ފައިބަން ވާއިރަށް ސެކިއުރިޓީ އޮފިސަރުންގެ އެކަކު ދުވެފައި އައިސް ދޮރު ހުޅުވަދިނެވެ. "އަވިކް ވަރަށް ރަނގަޅު ގަޑިއެއްގަ ތި ދުރުވީ." ސެކިއުރިޓީ އޮފިސަރ ހިނިތުންވެފައި ވާހަކަ ދެއްކިއެވެ. އަވިކް ބޯ ޖަހާލައިފައި ގޮސް ގޭގެ މައި ދޮރުން ވަނުމާއެކު ފިޔަވަޅަށް ހުއްޓުމެއް އައެވެ. ސިޓިންރޫމްގައި ކަރަމް އާއި ފަރޫޝާ އިނީ އަޒްމީލްއާއި މާނީ ކައިރީގައި ބައިންދައިގެންނެވެ. "އަހަ! އަވިކް. އަވަހަށް އާދޭ. އަވިކްއަށް ގުޅަން ބައްޕަ އުޅުއްވަނިކޮށް ތިއައީ." ފަރޫޝާއަށް އަވިކް ފެނިގެން އެންމެ ކުރީން ކޮޅަށް ތެދުވެފައި ގޮވާލިއެވެ. އެއަޑަށް އެހެން އެންމެންގެ ނަޒަރުވެސް އަވިކްއަށް ހުއްޓުނެވެ. އަވިކް ގަދަކަމުން ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިކޮށްފައި ގޮސް ހުސް ސޯފާއެއްގައި އިށީންދެއްޖެއެވެ. "ބައްޕަމެން މިދައްކަނީ ދެކުދީންގެ ކައިވެނީގެ ވާހަކަ." ކަރަމްގެ ވާހަކައިން އަވިކް ފުރަތަމަ ސިހުނެވެ. އެކަމަކު އޭނާ އެއްޗެއް ނުބުންޏެވެ. އަވިކް ބަލާލިއިރު މާނީ އިނީ އިސްޖަހައިގެންނެވެ. ފަހަކުން މާނީ އެޕާޓްމަންޓް ދޫކޮށްލައިފައި އަޒްމީލް ކައިރިއަށް ބަދަލު ވިފަހުން އޭނާއަށްވެސް މިފެނުނީ އަލަށެވެ.
"ބައްޕާ އަޅުގަނޑުވެސް މިހާރު ބޭނުމީ ކައިވެނި އަވަސް ކުރަން." އަވިކް ބުނި ވާހަކަ އިވިގެން މާނީ ކުއްލިއަކަށް އިސް އުފުލާލައިފައި ބަލަން ފެށިއެވެ. ކަރަމް އާއި އަޒްމީލް އުފާވެގެން ހިނި އައިސްފައި ވަގުތުން އަތާއި އަތް ޖޯޑުކޮށް ސަލާމް ކޮށްލިއެވެ. ފަރޫޝާވެސް ހެވިލާފައި ހުރެގެން ތެދުވެފައި ކާން ހިނގާށޭ ކިޔަމުން އެތެރެއަށް ދާން ހިނގައިގެންފިއެވެ.
"އަދިވެސް ތިއުޅެނީ އަހަރެން ރުޅިއަރުވަން ވެގެންތަ؟ އެޓްލީސްޓް މިހާރު ދެން ތިކަން ހުއްޓާލަން ވެއްޖެއެއްނު. އަހަރެންނަށް އިނގޭ އަވިކް އަހަރެންނާއި ކައިވެނި ކުރަން ބޭނުން ވެގެން ނޫންކަން ތިއުޅެނީ." މާނީ ވާހަކަދެއްކީ ކަރަމް އާއި އަޒްމީލް ތެދުވެގެން ފަރޫޝާ ދިޔަ މަގުން ގޮސް ގެއްލުނު ފަހުންނެވެ. "ކާކުތަ ބުނީ އަހަރެން މިއުޅެނީ މާނީއާއި އިންނާށޭ؟" އަވިކް ތެދުވެފައި މިފަހަރު ބުނި ވާހަކަވެސް މާނީއަށް އަޖައިބަކަށް ވިއެވެ. އޭނާ ލޯ ބޮޑުކޮށްގެން ހުއްޓާ އަވިކް އެއް މިޔަކަނުން ހެވިލާފައި ކަރަމްމެން ފަހަތުން ހިނގައިގެންފިއެވެ.