ކިޔާ ނިމުނު އިރު ކަރުދާސްކޮޅު އޮތީ އަވިކްގެ މުށުތެރޭގައި ބޮނޑިވެފައެވެ. އޭނާ އެކަރުދާސްކޮޅު ތިރިއަށް ދޫކޮށްލައިފައި ދެން ނެގީ ސިޓީ އުރަ ތެރޭ އޮތް ލިއުމެވެ. މަތީގައި ބޮޑު އަކުރުން ވަރީގެ ފޯމް ޖަހާފައި އޮތް ލިއުމުގައި އޮތީ ނަޒްލާ ސޮއި ކޮށްފައެވެ.
*****
ލިލީގެ މަރަށްފަހު ގޭތެރެއަށް ވެރިވެފައި އޮތީ ފުން ހިތާމައެކެވެ. އެތުއްތު ފުރާނައަށްޓަކައި ކޮންމެ ލޮލެއްމެ ކަރުނުން ފުރުނެވެ. ފަރޫޝާއަށް ދިމާވީ އަދި މާ ދެރަ ގޮތެކެވެ. ހުރި ހަމައެކަނި ދަރިފުޅަށް ފަހު އިނދެގެން އުޅުނު ފިރިމީހާވެސް ގެއްލުނީއެވެ. ހަޤީޤަތް ހާމަވުމުން އެންމެ މިނިޓަކަށް ފަރޫޝާ އަންބެއްގެ ގޮތުގައި ބައިންދާކަށް ކަރަމް ބޭނުމެއް ނުވިއެވެ. ނުވަ އަހަރު ކުރިން އޭނާ ކަރަމްގެ ދިރިއުޅުމަށް ގަދަކަމުން ވެރިވެގަތް ދުވަހެކޭ އެއްފަދައިން އެނބުރި ދާން ޖެހުނީވެސް ހުސްއަތާއެވެ. އޭގެ ބަދަލުގައި ސުދާއަށް އޭނާގެ ދިރިއުޅުން އަލުން ލިބުނީއެވެ. އެކަނި ނަމެއްގައި ކަރަމްގެ އަންބެއްގެ ގޮތުގައި އޭނާ އިން ދުވަސްތަކަށް އެހިސާބުން ނިމުން އައީއެވެ. އެކަމަކު ނުވަ އަހަރުގެ ދުރުމިނަކީ އެނގޭނެ ފަދައިން ނުވަ މިނިޓުން ގާތްވެގެންދާނެ ކަމެއް ނޫނެވެ.
"ކަރަމް؟" މީހަކު ދޮރު ހުޅުވާލި އަޑަށް އިސްއުފުލާލައިފައި ސުދާ ގޮވާލިއެވެ. އޭނާ އަތުގައި ހުރި ސައިތަށި ސައިޑުޓޭބަލް މަތީ ބަހައްޓާފައި ބަލަން ފެށުމުން ކަރަމް ވަދެގެން އައެވެ. "އީމާ ނިދީތަ؟" ކަރަމް އެތާ ހުރި ގޮނޑިއެއްގައި އިށީންދެފައި ސުދާއަށް ބަލައިލިއެވެ. ސުދާ ހޫމ އަޅުވާލައިފައި އިނީ އިސްޖަހައިގެންނެވެ. "ސުދާ ތިއުޅެނީ ނިދަންތަ؟" އަނެއްކާވެސް ވާހަކަދެއްކީ ކަރަމްއެވެ. އޭނާ އަތް އުފުލާލައިފައި ނިތުގައި ހާކާލި ގޮތުން ވާހަކައެއް ބުނަން ބޭނުންވެ ނުކެރިގެން އުޅޭ ވައްތަރު ޖެހިއެވެ. ސުދާ އަނެއްކާވެސް ހޫމ އަޅުވާލުމުން އޭނާ މަޑުމަޑުން ބޯ ޖަހާލައިފައި ދާންވެގެން ތެދުވިއެވެ. "ލިލީއަކީ ވަރަށް މައުސޫމު ލޯބި ކުއްޖެއް." އެވަގުތު ސުދާ ވާހަކަދެއްކި އަޑަށް އޭނާ ހުއްޓިފައި އެނބުރި ބަލާލިއިރު ސުދާ އިނީ ބަލަހައްޓައިގެންނެވެ. އެލޮލުގައި ކަރުނައިގެ އަސަރު ހުއްޓެވެ. "ވަރަށް ދެރަވޭ ލިލީ އެފަދަ ގޮތަކަށް ނިމިގެން ދިއުމުން. މިއާއިލާއަށް އެލިބުނީ ދުވަހަކުވެސް ފޫ ނުބެއްދޭނެ ގެއްލުމެއް." ސުދާ ވާހަކަ ކުރިއަށް ގެންދިޔައިރު ކަރަމް ހުރި ގޮތަށް ހުރީއެވެ. ދަރިފުޅުގެ ހަނދާން އާވުމުން އިސާހިތަކު އޭނާގެ ލޮލަށްވެސް ކަރުނަ ގިނަވެއްޖެއެވެ. އަނިޔާވެރިއެއްގެ ފުށުން ލިބުނަސް އެއީވެސް އޭނާގެ ދަރިއެކެވެ.
"ކަރަމް؟" ސުދާގެ ވާހަކަ ނިމުމުން ކަރަމް ދެވަނަ ފަހަރަށް ހިނގައިގަތްތަނާވެސް ސުދާ ގޮވާލިއެވެ. ކަރަމް ހުއްޓިފައި މިފަހަރު ހުރީ ފުރަގަސްދީގެންނެވެ. "އަހަންނަށް މަޢާފު ކުރާނަންތަ؟" އެވަގުތު ސުދާ ބުނި އެއްޗަކުން ކަރަމްއަށް އަވަސް އަވަހަށް އެނބުރި ބަލައިލެވުނެވެ. އޭނާ އައިސް ސުދާ ކުރިމައްޗަށް ހުއްޓުނީ ސުވާލު މާކު ޖެހިފައި ހުރެގެންނެވެ. "އަހަރެންނަށް އެނގޭ މިހާ ދުވަހު ކަރަމްވެސް އުޅުނީ ފަސޭހަ ދިރިއުޅުމެއް ނޫންކަން. އަހަރެންގެ އެދުމަށް ކަރަމް ފަރޫޝާ އާއި ކައިވެނި ކުރީ. އަދި އަހަރެން ބުނީތީ ކަރަމް ފަރޫޝާ އަންބެއްގެ ގޮތުގައި ގެންގުޅުނީ. ކުށް ކުރެވޭނީ އިންސާނުންނަށް. ކަރަމް ކުރި ކުށަށް ކަރަމް އަހަރެން ކައިރިން މަޢާފަށް އެދުނު. ބަދަލުގައި އަހަރެން ކަރަމްއަށް މަޖުބޫރު ކުރީ ލޯބިނުވާ މީހަކާ އިނދެގެން އުޅެން. އަހަރެންނަށް އެނގޭ ކަރަމްއަށް ފަރޫޝާދެކެ ލޯބި ނުވެވޭނެކަން. ކަރަމް އެންމެ ލޯބިވާ މީހާގެ އެންމެ ކައިރީގައި އެހެނަސް އެންމެ ދުރުގައި އުޅެން އަހަރެން ޖެއްސީ ކަރަމްގެ ހިތަށް އަނިޔާ ދޭން. އަންބެއްގެ މަޤާމުގައި ހުރެވެސް ހުރިހާ އުފަލަކުން ކަރަމް މަހުރޫމް ކުރީ އަހަރެން. އެކަނި ނަމެއްގައި ކަރަމްގެ އަންބެއްގެ ގޮތުގައި އަހަރެންއިނީ އަހަރެންގެ ބާރުން. އަހަރެން އެގޮތް ބޭނުންވީތީ. އެންމެފަހުން އަމިއްލައަށް ގެ ދޫކޮށް އެހެންތާކަށް ދިޔައީވެސް. އަހަރެން ބޭނުން ވެގެން ކަރަމް ނުވަ އަހަރު ވަންދެން ސަޒާ ލިބިގެންފި. މިހާރު އަހަންނަށް ފުދިއްޖެ. ފުދި އިތުރުވެއްޖެ..." ސުދާ ވާހަކަދައްކަމުން ގޮސް އެންމެ ފަހުން ރޮވިއްޖެއެވެ. ހޯސްލާފައި ލޮލުން ކަރުނަ އޮހިގަތް ވަގުތު އޭނާ އިސްޖަހާލިއެވެ. އެވަގުތު ކަރަމް ކުޑަކަކޫ ޖަހައިގެން އިށީންދެލީ ސުދާގެ ކުރިމަތީގައެވެ. ސުދާ ރޮއި ރޮއި އިންދާ އޭނާގެ އުނގުމަތީ އޮތް އަތްތިލައިގައި ކަރަމް ހިފާލިއެވެ.
"ސުދާ. އަހަރެންގެ ހިތުގައި ކުޑަވެސް ޝަކުވާއެއް ނެތް. އަހަރެންގެ ނަޒަރުގަ ސުދާ ނުޖެހޭނެ މަޢާފަށް އެދޭކަށް. އަހަރެން ސަޒާ ލިބިގަތީ ކުށެއް ކުރެވުނީތީ. އަދި އަހަރެން ކުރިކަމެއް ވިއްޔާ ކުރީ އަހަރެންގެ އަންހެނުންދެކެ ވާލޯބިން އޭނާއަށްޓަކައި. އެހެންވެ އަހަރެން ކުޑަކޮށްވެސް ހިތާމައެއް ނުކުރަން. އޭގެ ބަދަލުގައި އަހަރެންނަށް މިހާރު އިހްސާސް ކުރެވޭ އޭރު ކުށުން ބުރަވެފައި އޮތް ބޯމަތި ލުއިވެފަ އޮތްކަން. މިއަދު އަހަރެން ސުދާގެ ކިބައިން އެދެނީ އެންމެ ކަމެއް. އެއީ ދެން ދުވަހަކުވެސް އަހަރެންނާ ދުރަށް ނުދިއުން." ކަރަމްގެ ވާހަކަ ނިމުނުތަނާ ސުދާ ރޮއި ރޮއިފައި ތަކުރާރުކޮށް ބޯ ޖަހައިލިއެވެ.
*****
"ނަޒޫއަށް އެނގޭތަ ލިލީ ނިޔާވިކަން؟" ނަޒްލާ ކާގޭައި މުރަނގަ ފަތްކޮޅެއް ނޮޅަން އިންދާ ނުހާ ކުއްލިއަކަށް އައިސް އަހާލިއެވެ. ގޯތިތެރޭގައި ގޮނޑިއަކަށް ފައި ނަގައިގެން ޖޯލީގައި އިން ޞައީދާއަށް އެއަޑު އިވިގެން އޭނާވެސް އެނބުުރި ބަލަން ފެށިއެވެ. "ނިޔާވީއޭ؟" ނަޒްލާ ފުންމައިގެން ތެދުވެފައި ގަބޫލު ނުކުރެވޭ ފާޑަކަށް އަހައިލިއެވެ. ނުހާ ބޯ ޖަހާލިތަން ދެކެފައި ބަސްބުނާހައި ހިނދުން އޭނާގެ ލޮލުން އޮހިގަތީ ކަރުނަ ތިކިތަކެވެ. އޭނާ އެއްއަތުން އަނގަމަތީ އަޅައިގެން ހުރެ ދެފަރާތަށް ބޯ ހޫރާލިއެވެ. "އަހަރެން އަނާން ސުކޫލަށް ލައިފައި އަންނަނިކޮށް އަވިކް ބޮޑުދައިތަ ގޭދަށުން އަޑުގަދަ ވެގެން ކައިރިކޮށްލީމަ އެނގުނީ ފަރޫޝާ ރަށަށް އައިސް އުޅޭކަން. އަދި އެނގޭތަ ފަރޫޝާ ހުރީ މޮޔަވެފަ." ނުހާ ވާހަކަދައްކަ ދައްކާފައި ފަހު ޖުމްލަ ބުނީ އަޑު މަޑުކޮށްލާފައެވެ. ނަޒްލާ އިތުރަށް ހައިރާންވީ އެވާހަކަ އަހައިފައެވެ. "އަހަރެންނަކަށްވެސް މާރަނގަޅަކަށް އެއްޗެއް ސާފުވާ ގޮތެއް ނުވި. އެތާ އެހާ މީހުންވެސް ގިނަ. އެކަމަކު މީހަކު ބުނާތީ އެހިން ފަރޫޝާ އެކަންޏޭ އައީ. އޭނާ ލާކަށްވެސް މީހަކު ނާދެއޭ. އެހެންވެ ނިކަން އަޖައިބުވެފަ މިހުންނަނީ. ލިލީ އަދި ނިޔާވިއަސް އެގޭ މީހުންނާ ފަރޫޝާގެ ގުޅުން އަދި އެހިސާބުން ކެނޑުނީއެއް ނޫނެއްނު. ނަޒޫ ނިކަން އަވިކްއަށް ގުޅާފަ އޮޅުންފިލުވާބަލަ." ނުހާ ދެއްކި ވާހަކަ އަހަން ހުރެގެން ނަޒްލާ ނިކަން އަވަހަށް ބޯ ޖަހާލައިފައި ފޯނު ނަގައި ގުޅަން ތައްޔާރު ވިއެވެ. ދެން ކުއްލިއަކަށް މޫނުގެ ކުލަވަރު ބަދަލުވުމާއެކު ފޯނު އަނބުރާ މޭޒުމަތީ ބާއްވައިފިއެވެ.
"ކިހިނެތްވީ؟" ނުހާ ހައިރާންވިއެވެ. ނަޒްލާ ޖަވާބެއް ނުދީ އިސްޖަހާލައިފައި އިށީންދެ އަނެއްކާވެސް މަސައްކަތް ފެށީއެވެ. ނުހާ އިތުރަށް ކުރަން ފެށި ސުވާލުތަކާހެދި އުދަނގޫ ވެގެން އޭނާ ނުހާގެ އަނގަ ބަންދުކޮށްލީ އަވިކް އާއި ވަރިވާން ފޯމްގައި ސޮއި ކުރި ވާހަކަ ބުނެފައެވެ. ނުހާއަށް ވަގުތުން އަނގަމަތީ އަތް އަޅައިލެވުނެވެ. އެވަގުތު އެހުރިހާ ވާހަކައެއް އަހަން ކަންފަތް ދީގެން އިން ޞައީދާވެސް ދެލޯ ބޮޑުވިއެވެ. ނަޒްލާ ހީކުރި ގޮތާއި ޚިލާފަށް އެވާހަކަ އިވިގެން ނުހާގެ ސުވާލުތައް ވީ އިތުރެވެ. އޭނާ ބޯ ހާސްވެގެން މަސައްކަތް ދޫކޮށްލައިފައި އެތަނުން ނިކުމެގެން ދަނިކޮށް ޞައީދާ ބަލަން އިންތަން ފެނިގެން ހުއްޓި އެމޫނަށް ބަަލައިލިއެވެ. "މަންމާ. މަންމަ އުފާކުރޭ. އަދި މަންމައަށް ދެން އަހަރެންނާ ވާހަކަދައްކައި ގުޅުން ބޭއްވިދާނެ. އަހަރެންނާއި އަވިކްގެ ގުޅުންކެނޑޭކަށް ގިނަ ދުވަހެއް ނެތް. ޔަޤީނުންވެސް ދެން އަހަރުމެން އަލުން ގުޅުމެއް ނެތް." ނަޒްލާ މަންމައަށް އިއްވާލައިފައި ދުވެލާފައި ގޮސް ކޮޓަރިއަށް ވަދެއްޖެއެވެ.
ޞައީދާގެ ބޭސްގަނޑު ނަގަން ހަމަޖެހިފައި އޮތް ދުވަހު ނުހާ ބަލިވެ އެކުގައި ދާން ޖެހުނީ ނަޒްލާއަށެވެ. މަންމަ އަށް އަވިކްގެ ވާހަކަ އެންގި ފަހުން އަބަދުހެން އެކަނި ކޮޓަރީގައި ނަޒްލާ ހޭދަ ކުރާތީ އެދެމީހުންނަށް ނުލިބުނު ފުރުސަތު އެދުވަހު ލިބުނީ ޞިއްހީމަރުކަޒު ތެރެއިންނެވެ. ޑްރެސިން ރޫމްގައި އެމީހުން އެދެމައިން ބައިތިއްބާފައި ޑޮކްޓަރ ބަަލައި ނަރުސް ބޭރަށް ޖެހިލި ވަގުތު ޞައީދާ ނަޒްލާއަށް ގޮވާލިއެވެ. މަހެއް ވެގެން ދިޔައިރު މަންމަ ފުރަަތަމަ ފަހަަރަށް އެގޮތަށް ގޮވާލުމުން ނަޒްލާ އަޖައިބުވެފައި ބަލައިލިއެވެ. އޭނާ ރަށަށް އައިއްސުރެ މަންމައަށް ކަންތައް ކޮށްދީ އެންމެ ކައިރީ އުޅުނަސް މަންމަ އުޅެނީ އަނގައިން ނުބުނެއެވެ. އަދި އަވިކްއާ ދެމީހުން މައްސަލަ ޖެހުނުކަން އެންގި ފަހުން ޚުދު އޭނާވެސް އުޅެނީ މަންމައާ ދުރުވެގަނެގެންނެވެ. "އެއްވެސް މަޔަކު އުފަލެއް ނުވާނެ އެމީހެއްގެ ދަރިއަކަށް ދެރައެއް ލިބިގެނެއް." ނަޒްލާ ބަލަން އިންދާ ޞައީދާ ފެށިއެވެ. "މަންމަ އެއްވެސް އިރެއްގައި އަވިކްދެކެ ރުޅިއެއް ނާދޭ. މަންމައަށް ޔަޤީންކަން އޮތް އަވިކް ނަޒްލާއަށް ދެރައެއް ނުދޭނެކަން. މަންމަ ތިކައިވެންޏާ ނުޤަބޫލުވީ ކަރަމްގެ ސަބަބުން. ނުވަ އަހަރު ކުރިން އަވިކްއާ ގުޅުވައިގެން ނަޒްލާ ބޮލުގަ ކަރަމް އަޅުވާފަ ހުރި އިލްޒާމުގެ ސަބަބުން މަންމަ ނުރުހުންވީ. މަންމަ ބޭނުން ނުވީ ކަރަމްއަށް އަލުން އެ އިލްޒާމު ނަޒްލާ ބޮލުގަ އެޅުވުމުގެ ފުރުސަތު ދޭން. އެއްވެސް މަޔަކަށް ކެތެއް ނުވާނެ އެމީހެއްގެ ދަރިއޭ ކިޔައިގެން ދޮގު ވާހަކަތަކެއް ދައްކައި ނުކުރާ ކުށެއްގެ އިލްޒާމު ބޮލުގަ އަޅުވާ އަޑު އަހާކަށް." މަންމަގެ ވާހަކަ އެހިސާބަށް ދިޔައިރު ނަޒްލާގެ ހިތް ފުށްކޮޅެއް ފަދައިން މަޑުވެއްޖެއެވެ. އޭނާ ފެންކަޅިވެފައިވާ ދެލޮލާއެކު ކުއްލިއަކަށް ތެދުވެގެން އައިސް މަންމަގެ މަންމަގެ މަގަތުގައި އެނދުގައި އިށީންދެ ކޮނޑުގައި ބޯ އަޅާލައިފިއެވެ. ޞައީދާ ހިނިތުންވެފައި ނަޒްލާގެ ބޮލުގައި ފިރުމަން އިންދާ ޑޮކްޓަރ އައިސް ބަލާފައި ދިނީ އެމީހުން އުންމީދު ކުރި އުފާވެރި ޚަބަރެވެ.
ތިންމަސް ފަސް
ހެނދުނެވެ. ނޫ އުޑުގައި ވިލާ ރޮއްޖެއް ނެތްއިރު ވައިރޯޅިއެއްހާ ހިސާބުންވެސް ނުވެއެވެ. އަވިކް ތައްޔާރު ވެގެން ގެއިން ނިކުތް ގޮތަށް އަތުކުރީ އޮތް ގަޑި ބަލަމުން އަވަަހަށް ދުވެލާފައި ގޮސް ކާރަށް އަރަ އަރައި ހުއްޓާ މިކިޔާލް ގުޅިއެވެ. އަވިކް ކާރަށް އަރައިފައި ފޯނު ކަންފަތުގައި ޖެހިހާއިރުން މިކިޔާލް ބުނީ ލޯންޗް ހުޅުލެއިން ނައްޓާލި ވާހަކައެވެ. އަވިކް އެހިސާބުން ފޯނު ބާއްވާފައި އަވަަހަށް ކާރުގައި ގޮސް މަގުމައްޗަށް ނިކުތެވެ. އޭނާ ގޮސް ޖެޓީ ކައިރިއަށް މަޑުކޮށްގެން އޮތްވާ އިންތިޒާރު ކުރި ލޯންޗް އައިސް ކައިރި ކޮށްލުމުން ފައިބައިގެން ވާޓަރާއި ކައިރި ވެލައިފިއެވެ. އެވަގުތު ހިޔާގަނޑު ތެރެއިން ނިކުތް މާނީ ބާލުވަން ވެގެން އޭނާ އަތް ދިއްކޮށްލިއެވެ.
"އިންތިޒާރުކޮށް ކޮށް ވަރުބަލި ވެއްޖެ." މާނީ އޭނާގެ އެހީގައި ވާޓަރު މައްޗަށް ފޭބިވަގުތު އަވިކް ބުނެލިއެވެ. "ސޮރީ." އޭނާ ތުއިވެފައި އިއްވާލިއެވެ. މިކިޔާލް މާނީގެ ފޮށި ހިފައިގެން ފަހަތުން ފޭބިއެވެ. އެވަގުތު އަވިކް އަވަހަށް ކުރިއަށް ޖެހިލައިފައި މާނީ އިށީންނަން ކާރުގެ ދޮރުފަތް ހުޅުވާލަ ދިނެވެ. މާނީ އަރައި އިށީނުމާއެކު މިކިޔާލް ފޮށި ޑިކީއަށް ލައި ދިނުމުން ދެން އޭނާވެސް އަރާފައި ނައްޓާލިއެވެ. އިރުކޮޅެއް ނުވެ އަވިކްގެ ފޯނު ވައިބްރޭޓް ވާން ފެށިތަން ފުރަތަމަ ފެނުނީ މާނީއަށެވެ. "ކްރޭޒީ ބިޗް؟" މާނީ ސްކްރީނަށް އަރާފައިވާ ނަން ކިޔާލައިފައި ހިނިގަނޑެއް ޖަހާލިއެވެ. އަވިކް ފާޑަކަށް ބަލައިލާފައި ފޯނު އަތަށް ނެގި ވަގުތު މާނީ ކުއްލިއަކަށް އެއަތުގައި ހިފެހެއްޓުމުން ސިހުނެވެ. ޝައްކު ވެގެން މާނީ ބަަލައިލީ ނަމުގެ ތިރިއަށް އަރާފައި ހުރި ނަންބަރަށެވެ. ދެވަނަ ސިކުންތުގައި އޭނާގެ އަނގަ ހުޅުވުނެވެ. އެއްޗެއް ނުބުނެ އޭނާ ކުރިކަމަކީ ޖިންސް ޖީބުގައި އޮތް ފޯނު ނަގައި ބެލީއެވެ. އޭނާއަށް ހީވީ ރަނގަޅަށެވެ. އޭނާއަށް ނޭނގި ފޯނު ޖީބުގައި އޮވެގެން އަވިކްއަށް ގުޅުނީއެވެ. އޭނާ ބަލާކަށް ނުހުރެ އަވިކްގެ ކޮނޑުގައި ތަޅައިގެންފިއެވެ.
"ކްރޭޒީ ބިޗް. ރިއަލީ؟" މާނީ ދަތްކުނޑި ވިކައިފައި ޅަކުއްޖެއްހެން ރުޅިއައިސްގެން ހަށަން ބަނދެލައި އަނެއްފަރާތަށް މޫނު އަނބުރާލުމުން އަވިކްއަށް އަދި މާ މަޖާވެގެން ހީގެންފައިވެސް އަވަަހަށް ކޮންޓްރޯލް ކުރިއެވެ. މާނީ މާގަދައަށް ރުޅި އަތުވެއްޖެއްޔާ ގެއްލުން އޮތީ އޭނާއަށެވެ.
އަވިކް ހަވީރު އޮފީސް ނިމިގެން އައިސް ވަންއިރު ކަރަމްއާ ސުދާ ތިބީ ގޯތިތެރޭ ހުރި ވަށް މޭޒު ދަށުގައި ސައިބޯށެވެ. އެމީހުން ފެނިގެން އޭނާ އެތެރެއަށް ދިއުމުގެ ބަދަލުގައި އެތާ ހުރި ހުސް ގޮނޑީގައި އިށީންދެފައި ދަބަސް މޭޒުމަތީ ބާއްވައިލިއެވެ. "މާނީ ގުޅި ދެންމެ." ކަރަމް ބުނި އެއްޗެއް އަހާފައި އަވިކް ޖަހާލީ ހިނިގަނޑެކެވެ. "ދަރިފުޅު ޖެހޭނެ އިނގޭ އޭނަ ރުއްސަން." ކަރަމް އިތުރަށް ބުނެލިއެވެ. "ބައްޕަ ހާސްނުވެބަލަ. ޗޮކްލެޓެއް ދޭއިރަށް އޭނަ ހުންނާނީ ރުހިފަ. އީމާއަށްވުރެ ފަސޭހައިން މިހާރުވެސް ހައްލާލެވޭނެ." އަވިކް ދިން ޖަވާބު އިވިގެން ސުދާވެސް ހީލިއެވެ. އާޝިމާ ކޮފީ ގެނެސް ދިނުމުން ކޮފީ ބޮއިގެން ގިނައިރެއް ނުވެ އޭނާ އެތެރެއަށް ވަދެގެން ދިޔައެވެ.
*****
އިރު އޮއްސި އަނދިރިވެފައި ހުއްޓާ ނަޒްލާ ހޯދަން ފިރިހެނަކު އައިސް އިން ވާހަކަ ނުހާ ކައިރީ ބުނީ ނަދުހާއެވެ. ނަދުހާ އެއީ ޝާމީންގެ ކޮއްކޮ އެކެވެ. އޭނާ މަންމަ ގެއަށް ލަސްވެގެން ނަދުހާ އައީ އަނާން ހޯދާތީ އަނާން ގޮވައިގެންނެވެ. ނުހާ އޭރު އުޅެނީ ބަދިގޭގައި ނަޒްލާ ކައްކަން ތައްޔާރު ކޮށްފައި ދިޔަ ރިހަކޮޅު ކައްކާށެވެ. ޓިއުޝަން ގަޑި ޖެހުމުން ނަޒްލާއަށް ދާން ޖެހުނީއެވެ. ނަދުހާ ގޮޮސް ގެއްލުމުން ނުހާ އަތް ފުހެލައިފައި އިރުކޮޅަކުން ގޮސް ޖޯލިފައްޗާއި ކައިރިވެފައި ސިއްސައިގެން ގޮސް ހުއްޓެވުނެވެ. "އަވިކް؟" އޭނާ ސުވާލު ކޮށްލީ ގަބޫލު ނުކުރެވޭ ފަދަ ގޮތަކަށެވެ. "ހޫމ. ކޮބާ ނަޒޫ؟" އަވިކް ކޮޅަށް ތެދުވެފައި އަހާލިއެވެ. "ނަޒޫ ކޮޓަރީގަ ކުދިންތަކަކަށް ޓިއުޝަން ނަގަނީ. ގޮވަންވީތަ؟" ނުހާ ކުއްލިއަކަށް އަނެއްފަރާތަށް އެނބުރިފައި ދާން އުޅެނިކޮށް އަވިކް ގޮވާފައި މަޑު ކުރުވިއެވެ. "އޭނަ ނިމޭންދެން އަހަރެން މަޑުކުރާނީ." އަވިކް އަނެއްކާ ޖޯލީފަތީގައި އިށީންދެއްޖެއެވެ. ނުހާ ބޯ ޖަހާލައިފައި ގޮސް ބަދިގޭގައި އުޅެމުން އިރު އިރު ކޮޅާ ސިއްރުން އަވިކްއަށް ބަލައިލައެވެ.
"ދަރިފުޅާ ތިގޮތަށް ކިހާ ދުވަހަކު ހަޤީޤަތާއި ދުރަށް ދުވާނީ؟ އެއް މަހުގެ ޗުއްޓީއެއްގަ ބޭރުގަ ހުރެފަ ތިއައީ. އަދި އެވަރުން ނުވެގެން އިތުރަށް ދެމަސް ދުވަހު ހުސްއެކަނި މަސައްކަތުގަ ވަގުތު ހޭދަކޮށްގެން އުޅެވިއްޖެ. އެއީ ފުދޭވަރުގެ ވަގުތެއް ނޫންތަ؟ ބައްޕަމެން މިހުރީ އަޅައިނުލާން. އެވަރު ބޮޑުކަމެއް ވެގެން ދިޔައީމަ އަވިކް ވިސްނަން ފުރުސަތު ދީގެން އެއްޗެކޭ ބުނެނެ ތިބީ. އެކަމަކު މިހާރު ހީވާން ފަށައިފި ތިންމަސް ތިން އަހަރަށް ވެދާނެއޭ. ދަރިފުޅު ދުށީމެއްނު މަންމައާއި ބައްޕަ އުޅުނު ގޮތް. ބައްޕަމެން އެކަކު އަނެކަކާއި ވާހަކަ ދައްކައިގެން މައްސަލަ ހައްލު ނުކޮށް ތިބީމަ ނުވަ އަހަރު ނެގި އަލުން ގުޅެން. ބައްޕަ މިހާރު ބިރުގަނޭ ދަރިފުޅާ ނަޒްލާއަށްވެސް ބައްޕަ މެނަށް ދިމާވިފަދަ ގޮތެއް ދިމާވެދާނެތީ. ދެން ލަސްނުކޮށް ނަޒްލާއާއި ބައްދަލު ކުރަން ދޭ." އަވިކް ޖޯލީގައި އިންއިރު ބައްޕަ މިއަދު އޮފީހުން އައިސް ކޮޓަރީގައި އޮތްވާ ގޮސް ދެއްކި ވާހަކަަތައް ހަނދާންވިއެވެ. ގިނައިރެއް ނުވެ ޓިއުޝަން ނިމިގެން ކުދިންތައް ނިކުމެގެން ދާތަން ފެނިގެން ނުހާ ގޮވާލައިފައި ނަޒްލާ މިހާރު ހުސްވެދާނެއޭ ބުނެލިއެވެ. އަވިކް ބޯ ޖަހާލައިފައި ގޮސް ގެއަށް ވަދެ ނަޒްލާގެ ކޮޓަރި ދޮރު ހުޅުވާލިއިރު ނަޒްލާ އަދިވެސް އިނީ ލިޔާމޭޒު ދޮށުގައެވެ. ނަޒްލާ ކުރިމަތީ އޮތް ފޮތަށް ބަލަމުން ރިހަކޮޅު ކެއްކީހޭ ބުނެ ކުރި ސުވާލަށް އަވިކް ޖަވާބު ދިނީ ނުހާ އެބަ ކައްކައޭ ބުނެފައެވެ. އެވަގުތު ނަޒްލާ ސިއްސައިގެން ގޮއްސައި އިސް އުފުލާލި ގޮތަށް ދެލޯ ބޮޑުވިއެވެ.
"ކިހިނެތް؟" އަވިކް ބަލަން ހުރެފައި ހިނިތުންވެލި ގޮތުން އެދެމެދުގައި ކަމެއް ހިނގިހެންވެސް ހީނުވެއެވެ. ނަޒްލާ އަނގައިން ނުބުނެވިފައި އިންދާ އޭނާ އައިސް ޖެހިގެން ހުރި ގޮނޑި ދަމާލައިފައި އިށީނެވެ. "އަވިކް ކީއްކުރަނީ މިތާ؟" ނަޒްލާ އިސްޖަހާލައިފައި އާދައިގެ ގޮތަކަށް ވާހަކަ ބެހެއްޓޭތޯ މަސައްކަތް ކުރިއެވެ. އެކަމަކު އޭރު ލޮލު ތެރެއަށް ކަރުނަ ޖަމާވާން ފަށައިފިއެވެ. "އަަހަރެންގެ ވައިފްއާ ބައްދަލު ކޮށްލަން އައިސް މިއުޅެނީ. އަވިކް ބަލަން އިނީ ސީދާ ނަޒްލާގެ މޫނަށެވެ. އެމޫނަށް އަރާފައިބަމުން ދިޔަ ހުރިހާ ކުލައެއް އޭނާ އެންމެ ރަނގަޅަށް ދިރާސާ ކުރަން ބޭނުންވިއެވެ. "އަހަރެންގެ ވައިފްއަކަށް ނޭނގެ ފޯމެއްގަ ސޮއިއެކަނި ކޮށްގެން ޑިވޯސް ނުވާނެކަމެއް. އޭނަ ހީކުރީ އެހިސާބުން ހުރިހާ ގުޅުމެއް ކެނޑުނީ ކަމަށް." އަވިކް ޖަވާބު ދިނެވެ. ފޮތުގެ ގަނޑު އުކަން ނަޒްލާ މޭޒުމައްޗަށް ނަގާފައި އޮތް އަތްތިލަ ފިނިވެ ތުރުތުރެއް ވެރިވުމުން އޭނާ އެއަތްވެސް މޭޒު ދޮަށަށް ކޮށްޕާލިއެވެ. "އަހަންނަށްވެސް އެނގޭ ނޭނގި ޑިވޯސްއެއް ނުވާނެކަން. އެކަންވާއިރު އަހަރެންނަށްވެސް ކޯޓުން ލިއުން އަންނާނެކަން." ނަޒްލާ ހިމޭންކަމާއެކު އިއްވާލިއެވެ.
"އެހެންވެ އެލިއުމުގެ އިންތިޒާރުގައިތަ ތި އިންނަނީ؟" އަވިކް ކުއްލިއަކަށް މޭޒުގައި ޖަހާލި ގޮތުން ނަޒްލާއަށް ތެޅިގަނެވުނެވެ. "އޭނާ އިސްއުފުލާލިއިރު އަވިކްގެ ބުމަ ވަނީ ގޮށްޖެހިފައެވެ. "އެންމެ ފުރަތަމަ ޑިވޯސްއަށް އެދިގެން ފޯމް ފުރިމީހާ ކޯޓަށް އެފޯމް ލައިގެނެއްނު މައްސަލަ ބެލޭނީވެސް. އެވަރުވެސް ނޭނގޭދޯ. ހަޤީޤަތް ނުބަލާ މީހަކު ބުނާހާ އެއްޗެއް ޤަބޫލު ކުރަންޏާ މިކަހަލަ ކިތަންމެ ކަމެއް ދިމާވާނެ." އަވިކް ރުންކުރުކޮށް ވާހަކަދައްކާފައި ޖީބުން ނެގި ކަރުދާސްގަނޑު ނަޒްލާ ކުރިމަތީ ބޭއްވިއެވެ. "މިއޮތީ ފޯމު. މިއާ އެއްގޮތަށް ކަންކަން ކުރިއަށް ގެންދަންޏާ އިތުރަށް ލާންޖެހޭ އައިޑީކާޑު ކޮޕީއާ އެހެން އެއްޗިއްސާއެކު ލީމަ މައްސަލަ ކުރިއަށް ދާނީ." އަވިކް އެހެން ބުނެފައި ދާންވެގެން ތެދުވިތަން ފެނިގެން ނަޒްލާގެ ހިތް ތެޅިގަތީ އެންމެ ބާރު މިނުގައެވެ. އަވިކް ފުރަަގަސްދިން ތަނާ އޭނާ ކުއްލިއަކަށް ކޮޅަށް ތެދުވެފައި ގޮސް އަވިކް އަތުގައި ހިފެހެއްޓިއެވެ. ނަޒްލާގެ އެހަރަކާތުން އަވިކް ހިތަށް އަސަރު ކުރިއެވެ. އެކަމަކު އެކަން އެހާ އަވަަހަށް ދައްކާކަށް އޭނާ ބޭނުމެއް ނުވިއެވެ.
"މިހާރު ދެން ކީއްކުރަން އަހަރެން ތި ހުއްޓުވަނީ؟" އަވިކް ފުރަގަސްދީގެން ހުރެ ވާހަކަދެއްކިއެވެ. "ނުދޭ. ޕްލީޒް ނުދޭ!" ނަޒްލާއަށް ބުނެވުނީ ހަމައެކަނި އެހެންނެވެ. "އާ. ނަޒޫ ބުނީމަ މިއަދުވެސް އަހަރެން ޖެހޭނީ މަޑުކުރަން. އަހަރެން މީ ނަޒޫ ކުޅެން ގެންގުޅޭ ޓޯއިއެއްނު ދޯ؟" އަވިކް އެނބުރި ބަލާލި ގޮތުން ނަޒްލާއަށް އިސްޖެހުނެވެ. ރުޅި ކޮންޓްރޯލް ކުރަން އަވިކް ދެލޯމަރާ ބާރު ކޮށްލައިފައި އަލުން ހުޅުވާލިއެވެ. ނަޒްލާގެ ލޮލުން އޭރު ކަރުނަ އަންނަނީއެވެ. "ނަޒޫ ކީއްވެ އަހަރެންނަށް ތިހެން ތިހަދަނީ؟ އެންމެ ފަހަރަކުވެސް އަހަރެންނާ ދޭތެރޭ ވިސްނާލިންތަ؟ މީހަކު ހަމަ އެއްޗެކޭ ބުނާއިރަށް ޖެހޭތަ އެގޮތަށް ކަންތައް ކުރަން؟ ނަޒޫ އެންމެ ފަހަރަކުވެސް އަހަރެން ކައިރީ ބުނެގެން ސޮލިއުޝަންއެެއް ހޯދަން މަސައްކަތް ކުރިނަމަ.... އަހަރެން ކުރިން ހީކުރީ ނަޒޫއަކީ ވަރަށް ހިތްވަރުގަދަ ކުއްޖެއް ކަަމަށް.ފަސޭހައިން ކަންކަމުން އަތްދޫކޮށް ނުލާނެކަމަށް. އެކަމަކު ފަރޫޝާ އެންމެ އިންޒާރެއް ދޭއިރަށް ޑިގްރީ ކޯސްވެސް ދޫކޮށްފަ ތިއައީ.." އަވިކް ހިނދުކޮޅަަކަށް ހުއްޓާލައިފައި ނަޒްލާ މޫނަށް ބަލަން ހުއްޓެވެ. "ތެދަށް ބުނަންޏާ އަހަރެން ދުވަހަކު ނާންނަވަރަށް ނަޒޫދެކެ ރުޅި އައި.... އެހެންވެ މިކޮޅަށް ނައިސް އެހާ ގިނަ ދުވަސްވީވެސް. އެކަމަކު ވަކިވުމުގެ ހިޔާލު ކޮށްލިއިރަށް އަމިއްލަވެސް ގަބޫލު ކުރެވުނު ނަޒޫއާ ނުލާ އަހަރެންނަށް ނޫޅެވޭނެކަން." އަވިކް ފަހުން ބުނި ވާހަކަ އިވިގެން ނަޒްލާ ބަލައިލިއިރު އެރީތި ލޮލުންވެސް ކަރުނަ ވިދަނީއެވެ. ވަގުތުން އޭނާއަށް ތުންފިތާލެވުނެވެ.
އެވަގުތު އަވިކް ހިނިތުންވެފައި ނަޒްލާ ގެންގޮސް މޭގައި ޖައްސާލި ގޮތަށް ހަމައެސިކުންތިުގައި ކުއްލިއަކަށް ދުރުވެސް ކޮށްލައިފިއެވެ. ފާޑެއްގެ ޝައްކެއް ވީ އެހެންޏާ ނަޒްލާ ކައިރިކޮށްލާ އެއްވެސް ފަހަރަކު ނުކުރެވޭ ކަހަލަ އިހްސާސެއް ކުރެވުނު ހެން ހީވެގެންނެވެ. ފަރުވާވެ ބަލައިލުމުން އަވިކްގެ ސަމާލުކަން ދަަމައިގަތީ ކުރިއާ ޚިލާފަށް ނިކުމެފައި ހުރި ނަޒްލާގެ ތިންމަހުގެ ބަނޑެވެ. މީގެ ކުރިން އެއީ ހިނދި ހިނދިކޮށް ހުންނަ ބަނޑެކެވެ. އަވިކް ސުވާލު އުފެދިފައި ނަޒްލާގެ މޫނަށް ބަލައިލިތަނާ ނަޒްލާ ހިނިތުންވެފައި ބޯ ޖަހައިލިއެވެ. "ވަޓް؟" އަވިކް އަދިވެސް ޔަޤީން ނުވެގެން ލޯ ބޮޑުކޮށްލިއެވެ. "އައެމް ޕްރެގްނެންޓް." ނަޒްލާ އުފަލުން ބާރަށް ބުނެލިއެވެ. އަވިކް ބުދެއްހެން ހުރެފައި ކުއްލިއަކަށް ނަޒްލާގެ ގައިގައި އޮޅުލައިގެންފިއެވެ. "ބޭބީ އައި ލަވް ޔޫ....." އުފަލުން ގޮސް އޭނާއަށް ބުނެވުނެވެ.
ނުހާ ފަރާތުން އެނގިގެން ޞައީދާ އައިސް ޓަކި ޖަހާލި އަޑަށް ދެމީހުން ދުރަށް ޖެހިފައި ނަޒްލާ ދޮރު ހުޅުވާލިއެވެ. ކުރިމަތިން މަންމަ ފެނުމުން އޭނާއަށް އިސްޖަހާލެވުނެވެ. އެކަމަކު އަވިކް ހުރީ ޞައީދާ ހަދާއެއްޗެއް ބަލާށެވެ. "މިހާރު މަންމަ ހިތްހަމަޖެހިއްޖެ." ޞައީދާ ވާހަކަދެއްކި އަޑަށް ނަޒްލާ ހައިރާންވެފައި ބަަލައިލިއެވެ. "މަންމަ މިދަނީ. ނަޒްލާ އިރުކޮޅަކުން އާދޭ އަވިކް ގޮވައިގެން ކާން." ޞައީދާ ހިނިތުންވެފައި ހުރެގެން ވާހަކަދައްކާފައި އެނބުރި ދިއުމުން ނަޒްލާއަށް ބަަަލައިލެވުނީ އަވިކް މޫނަށެވެ. އެވަގުތު އަވިކް އައިސް އޭނާގެ ފަހަތުން ވަށާލައިފައި މޫނު ތިރިކޮށްލައި ކޮނޑުގައި ތުންފަތް ޖައްސާލިއެވެ.
އެރޭ ނިދަން ތިބެގެން ނަޒްލާ ގޭގައި އުޅޭ އެހެން މީހުންގެ ވާހަކަ އެހިއެވެ. ސުދާ ދިވެހި ބޭސްހަދާ މީހަކު ގެއަށް ގެންގޮސްގެން ފައިގެ ފަރުވާ ފެށިފަހުން ކުޑަކޮށް ހިނގޭ ވާހަކަ އާއި ދުވަހަަކަށްވުރެ ދުވަހެއް ރަނގަޅު ވަމުން އަންނަ ވާހަކަ ބުނުމުން ނަޒްލާ އުފަލުން ފޮޅުނެވެ. އޭނާއަށް އެންމެ މަޖާވީ އަވިކް ގޭގެ ވާހަކަ ކިޔަމުން ގޮސް މާނީގެ ވާހަކަ ކީމައެވެ. އަޒްމީލް އާއި ކަރަމްގެ ގުޅުން މިހާރު ރަނގަޅު ވެފައި ވަނީ މާނީ އާއި އޭނާގެ ލޯބިވެރިޔާ ހާފިޒްގެ ކައިވެނި ހަމަޖެހުމުންނެވެ. އަދި ކޮމްޕެނީގެ އިޝްތިހާރެއް ކުޅުވަން މާނީ އެއްބަސްވެ ސޮއި ކުރުމުން އަވިކް އެހާވަރުން މާނީ ތުއިކޮށްގެން ގެންގުޅެނިކޮށް މިއަދު ކާރު ތެރޭ ކަންތައް ދިމާވީ ހީނުކުރާ ގޮތަށެވެ.
"ވެއިޓް ހިއަރ." އަވިކް ކުއްލިއަކަށް ކަމެއް ހަނދާން ވެގެން އެނދުން ފައިބާފައި ގޮސް މޭޒުމަތީ އޮތް ދަބަހުން ކޮންމެވެސް އެއްޗެއް ނަގައިގެން އައިސް ނަޒްލާއަށް ދިއްކޮށްލިއެވެ. ނަޒްލާ ބަލާލިއިރު އެއީ ޔައީޝް އޭނާއަށް އަނގޮޓިއާއެކު ދިން މަހުމާ ފޮށްޓާއި އިތުރަށް ފަތްޖަހާފައި އޮތް ކަރުދާސްގަނޑެކެވެ. ނަޒްލާ ހައިރާންވެ އިނދެ އޭއްޗެހީގައި ހިފާފައި ފޮށީގެ މަތި ހިއްލާލިއިރު އެތެރޭގައި އިނީ އޭނާއަށް ކުރިންވެސް ފެނުނު އަނގޮޓިއެވެ. އަވިކްއަށް ކަޅިއެއް އެއްލާފައި ދެން އޭނާ ނިއުޅާލީ އެކަރުދާސްގަނޑެވެ.
"ވިކްދެކެ ފުރަތަމަ އަހަރެން ހަސަދަ ވާން ފެށީ އެކްސިޑެންޓްގައި އަހަރެންގެ މައިންބަފައިން މަރުވުމަށް ފަހު އަހަރެންނަށް ނުވެސް އެނގިއެވެ. ދޭތެރެއަކުން މާލެ އައިސް ހޭދަ ކުރާ ދުވަސްތަކުގައި އަހަރެންނަށް ފެނުނީ އަހަރެން ޔަތީމު ހާލުގައި ހުއްޓާ ވިކްއަށް މަންމަ އާއި ބައްޕަގެ ފުރިހަމަ ލޯބި ލިބެނިކޮށެވެ. ދެބެން ހުއްޓާ ދޮށީ މީހާ ދުނިޔެ ދޫކުރުމުން ގެއާއި ހުރިހާ މުދަލެއްގެ ބޮޑުމީހަކަށް ވިކްގެ ބައްޕަ ވިއެވެ. އޭރު ހަސަަދައިން ދެމީހުން އެކަކު އަނެކަކަށް ޖެއްސުންކޮށް ގެއްލުން ދޭން ފެށިގޮތަށް ނަފްރަތަށް ބަދަލުވީ ކިހިނެތް ކަމެއް ނޭނގެއެވެ. އެންމެފަހުން އަހަންނަށް ލޯބިވެވުނީވެސް ވިކްގެ ނަޒޫދެކެއެވެ. އަހަރެން ނަޒޫ ދޫކޮށްލީ އެހެން މީހަކުދެކެ ލޯބިވާކަން އެނގުނީމައެވެ. ހަޤީޤީ ލޯއްބަކީ އެއީއެވެ. އެއީ ތެދު ހިތުން އަހަރެންނަށް ކުރެވުނު ކަމެކެވެ. ފަހުން އެކަމަކު އެއީ ކުށެއް ކަމަށް އިހްސާސްވިއެވެ. ނަޒޫ ބޭނުންވި ވަރުންނެވެ. އެކަަމަކު އެމީހަކީ ވިކްކަން އެނގުމުން ނަޒޫ އަލުން އަނބުރާ ހާޞިލް ކުރަން އަދި މާބޮޑަށް ބޭނުންވިއެވެ. އެކަމަކު ފަހު ވަގުތު ނަޒޫ އަހަރެންގެ ލޯ ހުޅުވަދީފިއެވެ. ނަޒޫ އެދިޔައީ ލޯބިވާ ފަރާތަށްޓަކައި އަމިއްލަ ލޯބި ޤުރުބާން ކޮށްލައިފައެވެ. ނަޒޫ ކުރިކަމެއް ވިއްޔާ ކުރީ އަވިކްދެކެ ވާ ލޯބިންނެވެ. މިހާރު އަހަރެންނަށްވެސް ގަބޫލު ކުރެވިއްޖެއެވެ. ނަޒޫ ލިބެން ޖެހޭނީ އަވިކްއަށެވެ. އެއީ ތިދެމީހުން އެކަކު އަނެކަކުދެކެ ވާލޯއްބާއި ގާތް ކުރާވަރަށްވެސް އަހަރެންނަށް ނަޒޫދެކެ ލޯބި ނުވެވޭކަން އިހްސާސްވެފައެވެ. އެކަމަކު މިހިސާބުން އަދި އަހަރުމެންގެ މައްސަލަ ހައްލުވީއެއް ނޫނެވެ. ދުވަހަކު ވާނެ ކަމެއްވެސް ނޭނގެއެވެ. އެހެންވެ މުސްތަޤްބަލުގައި އަހަރެންގެ ފުށުން އިތުރު މައްސަލައެއް ކުރިމަތި ނުކުރުމަށްޓަކައި އަހަރެން ދަނީއެވެ. ވިކް އަހަރެންނަށް ކަމެއް ކޮށްދެންޏާ ނަޒޫ އަނބުރާ ގެއަށް ގެންނާށެވެ. އަދި އަހަރެން އަހަރެންނާ ނަޒޫގެ އަކުރު ކަނޑާ ނަގާފައިވާ ފެމެލީ ރިންގް ނަޒޫއަށް ރައްދު ކޮށްދޭށެވެ. އެ ރިންގް އެއީ ފުރަތަމަ ދުވަހުއްސުރެ ނަޒޫގެ ހައްޤެކެވެ. އެއީ ނަޒޫއެއީ އަވިކްގެ ލޯއްބަށް ވީތީއެވެ."
"ޔައީޝް އަހަރެންނަށް މި އަނގޮޓި ދިނުމުގެ ކުރިން އަހަރެން އެހެން މީހަކު ދެކެ ލޯބިވާކަން އެނގުނީ. ދެން އެހެންވެ އޭނަ ބުނީ އެކުވެރިކަމުގެ ރަމްޒެއް ގޮތަށް އަތުގައި ބާއްވަން." ނަޒްލާ ކަރުދާސްގަނޑު ކިޔާ ނިމިގެން ތިރިކޮށްލާފައި އޭނާއަށް އަނގޮޓި ލިބުނު ގޮތް ހާމަކޮށްލިއެވެ. ދަންވެފައި ހުރުމުން ނިދަން ވެގެން އޭނާ ކުޑަ ދޮރު ލައްޕަން ގޮއްސައި މިޑޯވިއު ފެނިގެން އިރުކޮޅަކު ބަލަން ހުރެވުނެވެ. ދެން އެނބުރި އައިސް އަވިކްގެ މޭގައި ބޯއަޅައިގެން ނިދަން އޮށޯވެއްޖެއެވެ. އޭރު ސިޓިންރޫމްގައި ހޭލާ އުޅޭ މަންމަ ފަންގެ ވިންނަން އިނދެގެން އޮންކޮށްފަ ހުރި އެފްއެމް ރޭޑިއޯއިން ރީތި ދިވެހި ލަވައެއްގެ އަޑު އެތަނަށްވެސް އިވި އިވި ހުއްޓެވެ.
"ވާ ލޯބިންނޭ ދިވާނާ ވަނީ
ގާތުގާ ވާށޭ ބޭނުން ވަނީ
ޔާރާ ތިޔަ ލޯތްބަށް އެދި އެދި ވީމޭ
ދީފިން މަގޭ ހިތް އެކީ ތީ ހިތުގެ ލޯތްބަކީ"
ނިމުނީ