"އަދިވެސް ތިއުޅެނީ އަހަރެން ރުޅިއަރުވަން ވެގެންތަ؟ އެޓްލީސްޓް މިހާރު ދެން ތިކަން ހުއްޓާލަން ވެއްޖެއެއްނު. އަހަރެންނަށް އިނގޭ އަވިކް އަހަރެންނާއި ކައިވެނި ކުރަން ބޭނުން ވެގެން ނޫންކަން ތިއުޅެނީ." މާނީ ވާހަކަދެއްކީ ކަރަމް އާއި އަޒްމީލް ތެދުވެގެން ފަރޫޝާ ދިޔަ މަގުން ގޮސް ގެއްލުނު ފަހުންނެވެ. "ކާކުތަ ބުނީ އަހަރެން މިއުޅެނީ މާނީއާއި އިންނާށޭ؟" އަވިކް ތެދުވެފައި މިފަހަރު ބުނި ވާހަކަވެސް މާނީއަށް އަޖައިބަކަށް ވިއެވެ. އޭނާ ލޯ ބޮޑުކޮށްގެން ހުއްޓާ އަވިކް އެއް މިޔަކަނުން ހެވިލާފައި ކަރަމްމެން ފަހަތުން ހިނގައިގެންފިއެވެ. އޭނާ ވަދެފައި އަބަދުވެސް އިންނަ ގޮނޑި ދަމާލައިގެން އިށީނެވެ.
އިރުކޮޅަކުން މާނީ އައިސް ވަންއިރު ފަހަތުގައި ޔައީޝް ހުއްޓެވެ. "ޔައީޝް ކިހިނެތް؟" އަޒްމީލްއަށް ޔައީޝް ފެނިގެން އަހާލިއެވެ. ޔައީޝް ލުއި ހިނިތުންވުމަކާއެކު ރަނގަޅޭ ބުނެފައި އިށީންދެ އެހެން މީހުންނާއި ބައިވެރިވެއްޖެއެވެ. "ޔައީޝްވެސް ދެން ވާނެ ތަންކޮޅެއް ގިނަ ވަގުތު ގޭގައި ހޭދަ ކުރަން. އަވިކްގެ ކައިވެނީގެ ކަންތަކުގައި ޔައީޝްގެ ހިޔާލުވެސް ބޭނުން ވާނެ." ކަރަމް ބުނެލި އެއްޗަކުން އަވިކް އާއި ޔައީޝްގެ ނަޒަރު ދިމާވާ ގޮތްވިއެވެ. "ތިކައިވެންޏަށް އަޅުގަނޑުގެ ފަރާތުން ދެވެން ހުރި ހުރިހާ އެހީއެއް ދޭނަން." ޔައީޝް ވާހަކަ ދައްކަން ފަށާފައި އަވިކް ބަލާލުމުން ނުލަފާ ވައްތަރަކަށް ހެވިލިއެވެ. ވަގުތުން އަވިކް މޫނު އަނބުރާލީ ދުރަށެވެ. އޭނާ ކުރިންވެސް ކައިގެން ހުރުމުން ކުޑަ ގޮތެއް ހަދާލައިގެން އެންމެ ކުރީން ކާކޮޓަރިން ނިކުތެވެ. އާޝިމާ އޭރު ހުރީ ސިޓިންރޫމްގައި ކޮފީ ތައްޔާރު ކުރެވޭނެހެން އެއްޗެހި ގެނެސް ބަހައްޓާފައެވެ. އަވިކް މަގެއްގެ މެދާއި ހަމައަށް ކޮފީ އަޅާފައި އެހިފައިގެން ޖެހިލީ ކުޑަ ދޮރުތައް ކައިރިއަށެވެ. ފޮތިގަނޑު ކަހާލައިފައި ހުންނައިރު ބޭރަށް ވެހެމުން ދިޔަ ވާރޭ ތިކިތައް ވަޔާއެކު އައިސް ބިއްލޫރިގަނޑު ފުސްކުރަން މަސައްކަތް ކުރަމުން ދިޔައެވެ. އަވިކްގެ ނަޒަރު އެބިއްލޫރި ގަނޑަށް ހުއްޓިފައި ވިއަސް ސިކުނޑީގައި އެނބުރެމުން ދިޔައީ ތަފާތު ހިޔާލު ތަކެކެވެ.
"އަވިކް ދެން ކޮންއިރަކުން ގެއަށް އަންނަނީ؟" އަވިކް ކުޑަކޮށް ސިހޭ ގޮތްވެފައި ބަލާލިއިރު ކައިރީގައި ބައްޕަ ހުއްޓެވެ. ޖަވާބު ދިނުމުގެ ބަދަލުގައި އޭނާ އެނބުރި ބަލައިލީ އެހެން މީހުން ކޮބައިތޯއެވެ. އަޒްމީލް އާއި މާނީ ތިބީ ސޯފާގައެވެ. ފަރޫޝާ އަޒްމީލްއަށް ދުފާ ތަބައް ދިއްކޮށްގެން ހުރެ ކޮންމެވެސް ވާހަކައެއް ދައްކައެވެ. މާނީ އެވަގުތުވެސް ކުޑަ ކުއްޖެއްހެން ބަބްލް ޝޫޓް ކުރުމުގައެވެ. "ކައިވެނީގެ ފަހުންވެސް އެކުޑަ ކުޑަ އެޕާޓްމެންޓްގައިތަ އުޅެން ގަސްތު ކުރަނީ؟ މިއެއްނު އަވިކްގެ ގެއަކީ. ތީ މިގޭގައި އުޅެން ހުރި މީހަކީ. ބައްޕަގެ ވިޔަފާރިއާއި ހުރިހާ މުދަލެއްގެ ހައްޤުވެރިޔަކީ." އަވިކް ފަސްއެނބުރި ބަލަން ހުއްޓާ ކަރަމް ވާހަކަ ކުރިއަށް ގެންދިޔައެވެ. "ނޫނޭ ބައްޕާ. ކައިވެނީގެ ފަހުން މިގޭގައި އުޅޭނީ." އަވިކް ހަތަރުކަޅި ހަމަކޮށްލާފައި ޖަވާބުދިނެވެ. ކަރަމްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. އޭނާ އަތް އުފުލާލައިފައި އަވިކްގެ ބުރަކަށީ މަޑުމަޑުން ޖަހާލުމާއެކު އެނބުރި ގޮސް އަޒްމީލް އާއި ބައިވެރިވެއްޖެއެވެ.
އެހިސާބުން އަވިކް ބޭނުންވީ އެނބުރި ގެއަށް ދާށެވެ. ކޮންމެ ގޮތެއް ވިއަސް އަޒްމީލްމެން ތިއްބާ ފަރޫޝާއަށް އެއްޗެއް ބުނާނެ ފުރުސަތެއް ނުލިބޭނެއެވެ. ބުނުން ރަނގަޅެއްވެސް ނުވާނެއެވެ. އައި ފޯރިގަނޑުގައި ފުރުސަތު ނުލިބުމުން މިހާރު ދެން އެވާހަކަ ދައްކާ ހިތެއްވެސް ނެތެވެ. ނަސީބަކުން ގިނަ އިރެއްނުވެ އަޒްމީލް އާއި މާނީ ގެއަށް ދާން ނިކުމެއްޖެއެވެ. ބައްޕަގެ ހުއްދަ އަތުލައިގެން އެމީހުންގެ ފަސް ފަހަތުން އަވިކްވެސް ނިކުތެވެ.
ގެއަށް ގޮސް ވަންއިރު ސިޓިންރޫމްގައި އިނީ ސުދާ އެކަންޏެވެ. "އީމާމެން ނިދީތަ؟" އަވިކް އެއްފައި މައްޗަށް އަނެއްފައި ނަގައި މަޑުމަޑުން ހަލުވާލަމުން ސުދާ ކުރެން އެހިއެވެ. "ހޫމ. އީމާ ހެނދުނު އިމްތިހާނު އޮވެއޭ ކިޔާފައި ކައިގެން ނިދަން ވަނީ. ނަޒްލާވެސް އޭރު ވަންގޮތަށް ބޭރަކަށް ނުނިކުމޭ. ހީވަނީ ނިދީހެން." ސުދާ ޓީވީ ނިވާލައިފައި ރިމޯޓް މޭޒުމަތީ ބާއްވައިލަމުން އޮޅުންފިލުވައި ދިނެވެ. "މަންމަ ނިދަންވެއްޖެތަ؟" އަވިކް އެޖަވާބު އަހާފައި ކޮޅަށް ތެދުވި ގޮތަށް ބުނެލިއެވެ. "އަވިކް ނިދަންވެއްޖެއްޔާ ދޭ މަންމަ ހީނާ އައީމަ ވަންނާނީ." ސުދާ ބަލައިލީ ބަދިގެއާއި ދިމާއަށެވެ. އެވަގުތު އަވިކް ބޯ ޖަހާލައިފައި ގޮސް ކޮޓަރިއަށް ވަނެވެ. ފޯނުން ގަޑި ބަލާލައިފައި އަވިކް އެނދުގައި އޮށޯވެލަމުން ގުޅީ ނަޒްލާއަށެވެ.
ޖެހިގެން ހުރި ކޮޓަރީގައި ނުނިދިފައި އޮތް ނަޒްލާ ފޯން ނަގައި ބަލައިލާފައި ސްކްރީނަށް އަރާފައިވާ އަވިކްގެ ނަން ފެނުމުން ފޯނު ކުރިން އޮތްތާގައި ބާލީސް ކައިރީ ބޭއްވީއެވެ. އިރުކޮޅެއް ނުވެ މެސެޖެއް އައިސްގެން ވައިބްރޭޓް ވުމުން ބަލާލިއިރު އަވިކް ލިޔެލާފައި އޮތީ "ގުޑްނައިޓް ލަވް." މިހެންނެވެ. ޖަވާބުދޭކަށް ނަޒްލާ ނުހަދައެވެ. އޭނާ ބެލީ އަނެއްކާވެސް ނިދޭތޯއެވެ.
ޖެހިގެން އައި ދުވަހު އަވިކްއަށް ހޭލެވުނީ އެހެން ދުވަސް ދުވަހަށްވުރެ ތަންކޮޅެއް ލަހުންނެވެ. ނަޒްލާ ޖެހިގެން އޮތް ކޮޓަރީގައި އޮތުމުން ލިބުނު އުފަލުން އޭނާއަށް ނިދުނީ ނިކަން ލަހުންނެވެ. އޭނާ ހޭލައްވަން ޖެހުނީ ހީނާއަށެވެ. ނަޒްލާ ތައްޔާރުވާން ހުއްޓައި ސުދާ އެދިގެން ހީނާ ގޮސް އަވިކްގެ ކޮޓަރީ ޓަކި ދޭ އަޑު އިވުނެވެ. އޭނާ ބެލީ އަވިކް ތައްޔާރު ވެގެން ނިކުންނަންވާއިރަށް މަގުމައްޗަށް ނިކުމެވޭތޯއެވެ. ނޫނިއްޔާ އަވިކް އޭނާ ފައިމަގުގައި އޮފީހަށް ދިޔަކަ ނުދޭނެއެވެ. އަވިކްގެ ކާރުގައި ގޮސްގެން އޮފީސް ކުދިންގެ ލޮލުގައި އަޅައިގަތުން އެއީ މިވަގުތަށް ނަޒްލާ އެދޭނެ ފަހު ކަންތަކެވެ.
ނަޒްލާ ކެބިންއަށް ވަންނަން ދިޔައިރު ރިދީ އާއި ޒުލްފާ ސިއްރުން ވާހަކަތަކެއް ދައްކަން ތިބެފައި އޭނާ ހަމަ ފެނުނު އިރަށް ހުއްޓާލައިފިއެވެ. ޒުލްފާ މޭޒާއި ދިމާއަށް ގޮނޑި އަނބުރާލުމުން ރިދީވެސް ފަހަތަށް ގޮނޑި ދުއްވާލައިފައި ގޮސް އޭނާގެ މަޤާމުގައި ހަމަޖެހިލައިފިއެވެ. އޭނާ ހީކުރީ އެދެމީހުން މިއަދުވެސް ކޮންމެވެސް އެއްޗެކޭ ކިޔައިގެން އޭނާއަށް އުދަނގޫ ކުރާނެ ކަމަށެވެ. އެކަމަކު އެހެނެއް ނުވިއެވެ. އެއަށްވުރެ ބޮޑަށް އެމީހުން ތިބީ ކަމަކާއި ހާސްވެފައެވެ. ޒުލްފާ ކުރި ކަންތައް އަވިކްއަށް އެނގިގެން އެއްޗެކޭ ބުނީބާއޭ ނަޒްލާ ހިތަށް އެރިއެވެ. އޭނާ މަސައްކަތުގައި އިންދައި ދުރުން އަޑު ގަދަވެގެން ބަލާލިއިރު ލައްމާހު ފޮށިގަނޑެއް ހިފައިގެން ދަނީއެވެ. ހީވާގޮތުން އެފޮށިގަނޑުގައި ހުރީ ލައްމާހުގެ އަމިއްލަ އެއްޗެއްސެވެ. އަދި އޭނާއާއި އެކުގައި އައިޓީ ޑިޕާޓްމެންޓްގެ އެހެން ދެކުއްޖަކުވެސް އައެވެ. އެވަގުތު ލައްމާހު ދަމުން ނަޒްލާމެން ކެބިން ހުރަސް ކުރި ވަގުތު ބަލައިލީ ސީދާ ނަޒްލާއަށެވެ. ވަގުތުން ނަޒްލާގެ މޭގަނޑު ރޫރޫ އަޅައިގަތެވެ. ލައްމާހުގެ އެބެލުމުގައި ވި ނުރައްކާތެރިކަން އެހާ ހިނދު ކޮޅެއްގެ ތެރޭވެސް އޭނާއަށް ލަފާ ކޮށްލެވުނެވެ.
ޒުލްފާމެން ތެދުވީ ލައްމާހު ފަސްދިނީމައެވެ. އެމީހުން ކެބިން ދޮރު ކައިރިއަށް ގޮސް ތިބެގެން ލައްމާހު ލިފްޓްގެ ދޮރާއި ދިމާއަށް ގޮސް ގެއްލޭން ދެން ބެލިއެވެ. އަނގައިން ނުބުނެ އެކަކު އަނެކަކަށް ބަލަބަލާފައި ދެން އަނެއްކާވެސް އައިސް ގޮނޑި ތަކުގައި ތިބީ މުޅިން ނެގިމަޑު ވެފައެވެ. ގިނައިރުތަކެއް ނުވެ ދެމީހުންގެ ފޯނަށް އެކީ މެސެޖެއް އައިސްގެން ޓޯންގެ އަޑު ކިޔާލުމުން ފޯނު ބަލާފައި ރިދީ ފުރަތަމަވެސް ފެށީ ކަރުނަ ފުހޭށެވެ. ޒުލްފާ އެވަގުތުވެސް ހުރީ ހަށަން ބަނދެލައިގެން ގޮތުގައެވެ. ދެން ދެމީހުން އެކީގައި ނިކުމެގެން އަވިކްގެ ކެބިންއަށް ހިނގައްޖެއެވެ. ނަޒްލާ މިވާނުވާއެއް ނޭނގިފައި އެމީހުން ދިއުމުން މަސައްކަތް ހުއްޓާލައިގެން ވިސްނަން ފެށިއެވެ.
"އަވިކް! އަޅުގަނޑުމެން މިތިބީ އައިސް." ދޮރު ހުޅުވާލައިފައި ދެމީހުން ވަދެ ރިދީ ވާހަކަ ދައްކަން ފެށިއެވެ. "އާދޭ މިކޮޅަށް!" އަވިކް އިސްއުފުލާވެސް ނުލައި މަސައްކަތެއްގައި އިނދެގެން އަމުރު ކުރިއެވެ. ދެއަންހެން ކުދީން ގޮސް މޭޒު ކުރިމަތީ ހުއްޓިލައިގެން ހުންނަތާ އިރުކޮޅެއް ފަހުން އަވިކް އިސް އުފުލާލައިފައި ވަކި ވަކިން ދެމީހުނަށް ބަލައިލިއެވެ. ރިދީގެ ލޮލުގައި ކަރުނަ ގިނަވެފައި ހުއްޓަސް ޒުލްފާ ހުރީ ހަމަޖެހޭ ގޮތް ދައްކާލައިގެންނެވެ. އެކަމަކު އޭނާވެސް ޖެހިލުންވެފައި ހުރިކަން ހަރަކާތްތަކުން ދޭހަ ކޮށްދެއެވެ. "އަހަރެން ކަލޭމެން ދެމީހުނަށް ކިހިނެތް ހަދަންވީ؟ ލައްމާހުއަށް ދިން ކަހަލަ ރެޒިގްނޭޝަން ލެޓަރ އެއްތަ ދޭންވީ؟" އަވިކް މޭޒުގައި އުޅަބޮށި އަޅުވާލަމުން ބުނެލިއެވެ. ތުންފަތުގައި ދަތް އަޅާލައިފައި ރިދީ ބަލައިލީ ޒުލްފާގެ މޫނަށެވެ. ޒުލްފާ އަދިވެސް ހުރީ ދުރު ބަލަހައްޓައިގެންނެވެ. "ޒުލްފާ މިތަނަށް ގެނެއްސައި ތިހުރީ މަގުމަތިން ދުއްވާފައިދާ ކާރު ބަލަންތަ؟" އަވިކް ކުއްލިއަކަށް މޭޒުގައި ޖެހި އަޑަށް ޒުލްފާ ސިއްސައިގެން ގޮއްސައި ހަތަރުކަޅި ހަމަކޮށްލިއެވެ. "މިހާރު ރަނގަޅު." އަވިކް ގޮނޑީގައި ރީތިކޮށް ލެނގިލިއެވެ.
"ރިދީ ބުނެބަލަ ރިދީގެ ނަޒަރުގައި ކަލޭމެން ދެމީހުންނަށް ދޭން އެންމެ ރަނގަޅު އަދަބަކީ ކޮބާ؟" އަވިކްގެ ނަޒަރު ރިދީއަށް ހުއްޓާލިއެވެ. "އަވިކްއަށް ފެނިލައްވާ ކޮންމެ އަދަބެއް ރަނގަޅުވާނެ." ރިދީގެ ލޮލުން ވެއްޓުނު ކަރުނަ ތިކި ފުހެލާފައި ކުރެހިފައިވާ އަޑުން ޖަވާބު ދިނެވެ. "އެއް ގޮތަކުން ބުނަންޏާ މިކަމަކީ ވަޒީފާ އާއި މާބޮޑު ގުޅުމެއް ހުރި ކަމެއް ނޫނޭ ބުނެވިދާނެ. އެކަމަކު އަނެއްކޮޅުން ބަލާލިއިރު ނަޒްލާ އެއީ މިތަނުގެ މުވައްޒިފެއް. އެކަކު އަނެކަކަށް އެއްވެސް ކަހަލަ ގޯނާއެއް ކޮށް ލަނޑުދީ ހެދުމަކީ މިތަނުގެ ޤަވާއިދު މަނާ ކުރާ ކަމެއް. އެހެންވީމަ މުޅިއަކުން ކަމާއި ނުބެހޭ އަމަލެކޭ ބުނެފަ ދޫކޮށްލެވޭކަށްވެސް ނެތް. އެހެންވިއަސް މިކަހަލަ ކަމެއް ހިނގި ފުރަތަމަ ފަހަރުވީމަ އެއް ޗާންސް ދެވިދާނެ. އެއީވެސް އިތުރު ޝަރުތަކާއި އެއްކޮށް... އެޝަރުތު ޤަބޫލު ކުރަންޏާ......" އަވިކްގެ ވާހަކަ ފުރިހަމަ ނުވަނީސް ރިދީ ދުވެފައި ގޮސް މޭޒު ވަށާލައިފައި އަވިކްގެ ކުރިމަތީ ދެއަތް ޖޯޑުކޮށްގެން ހުއްޓި އާދޭސް ކުރަން ފަށައިފިއެވެ. ދެން ދުވަހަކުވެސް އެކަހަލަ އެހެން ކަމެއް ތަކުރާރު ނުވާނެ ކަމަށާއި އިތުރަށް އެއް ފުރުސަތު ދިނުމަށް އެދިފައެވެ. "އެކަކު އަދި ވާހަކަ ދެއްކިއަކަސް ނުނިމޭނެ ދޯ." އަވިކް ފަރުވާ ކުޑަގޮތަކަށް ދުރު ބަލާލިއެވެ. އޭނާ އެބުނީ ޒުލްފާގެ ވާހަކަ ކަން ރިދީ ދެނެގަތެވެ. ރިދީ ކަރުނަތައް ފުހެމުން އަނެއްކާ ދުވެ ގޮސް ޒުލްފާ ކުރިމައްޗަށް ހުއްޓިއްޖެއެވެ.
"ޒުލްފާ ހެޔޮނުވާނެ އަވިކް ކައިރީ އަހަރެން މިބުނި ގޮތަށް ބުނޭ. ބުނޭ މަޢާފު ކޮށްފަ އެއްޗާންސް ދޭށޭ. ބުނޭ ދެން އެހެން ނުވާނެއޭ. ޕްލީޒް ޒުލް. މިވަޒީފާ އަހަރެންނަށް ވަރަށް މުހިންމު. މިވަރު ކަމެއް ކޮށްގެން އަހަރެމެންގެ ޤަދަރު ނުވެއްޓޭނެ." ރިދީ އާދޭސް ކޮށްކޮށްފައި ރޯން ފެށުމުން ޒުލްފާ ބޮލަށް އުދަނގޫ ވެގެން އާއެކޭ ކިޔާފައި ގޮސް އަވިކް ކުރިމައްޗަށް ހުއްޓިއްޖެއެވެ. ރިދީ ދެއްކި ވާހަކަތައް ޒުލްފާވެސް ތަކުރާރު ކުރުމުން އަވިކް އެންމެ ފަހުން ހިތްހަމަ ޖެހިގެން އިތުރަށް ވާހަކަ ދައްކަން ތައްޔާރުވިއެވެ.
"ވަޒީފާގައި ކުރަން ޖެހޭނީ މިހާރުވެސް ތިކުރާ މަސައްކަތް. އެކަމަކު މިވަގުތުން ފެށިގެން އެއް ކަމެއް އިތުރަށް ކުރަން ޖެހޭނެ. އެއީ އަހަރެން ޝަރުތަކީ. ކަލޭމެން ކުރަން ޖެހޭނެ ކަމަކީ ނަޒޫ ބެލެހެއްޓުން."އަވިކްގެ ޖުމްލަ ނިމުނުތަނާ ޒުލްފާ ބާރަކަށް ކީކޭހޭ އަހާލައިފިއެވެ. "ރަނގަޅަށް ތި އިވުނީ. މިވަގުތުން ފެށިގެން މިތާ އެތެރޭން ނަޒްލާއަށް ލިބޭ ކޮންމެ ގެއްލުމެއް ޒިންމާ ނަގާނީ ތިދެމީހުން. އެހެންވީމަ ކަލޭމެންގެ ވާޖިބެއް އެއީ ނަޒޫއަށް ގެއްލުން ވާން ހުރި ގޮތްތައް ދެނެގަނެ އެކަން ކަމުން ނަޒޫ ސަލާމަތް ކުރުން." އަވިކްގެ ވާހަކަ ނިމުނު އިރަށް ދެއަންހެން ކުދީން ލޯ ބޮޑުކޮށްފައި އެކަކު އަނެކަކަށް ބަލާލައިފިއެވެ. އެމީހުންގެ ފަރާތުން ނަޒްލާ ސަލާމަތް ކޮށް އަދި އެމީހުން ނަޒްލާއަށް ކުރި ކަންތައްތަކުގެ ބަދަލު ހިފަން އަވިކްއަށް މޮޅު ގޮތެއް ފެނުނީއެވެ. "ދެން އެންމެ ރަނގަޅު ދިޔަޔަސް." އަވިކް އިރުކޮޅަކުން އިއްވާލިއެވެ. އެކަމަކު ދެމީހުން ގޮސް ދޮރާއި ހަމަވީތަނާ އަނެއްކާ ގޮވާލައިފިއެވެ.
"މިއަދު ދެން އިތުރު ކަމެއް ފެށުމުގެ ކުރީން ފުރަތަމަ ކަމަކަށް ނަޒޫ އާއި ދެމެދު އޮތްހާ ކުންޏެއް ފިލުވާ!" އަވިކް އިއްވާލިއެވެ. ޒުލްފާމެން އެކަކު އަނެކަކަކަށް ބަލަބަލާ ތިއްބާ އަވިކް އަނެއްކާވެސް މަސައްކަތަށް އެނބުރިއްޖެއެވެ.
ޒުލްފާމެން އެނބުރި ދިޔައިރު ނަޒްލާ އިނީ ފޯނަށް ބަލަހައްޓައިގެންނެވެ. އެއް ދުވަސް ފާއިތުވެގެން ދިޔައިރު އަދި ގެއިން އެކަކުވެސް ނުގުޅައެވެ. ނަޒްލާއަށް މަންމަގެ ގޮތް ވަރަށް ރަނގަޅަށް އެނގެއެވެ. އެމަންމަ އެންމެ ރުޅި އައުމުން ކުރާނެ ކަމަކީ ވާހަކަ ނުދެއްކުމެވެ. އޭނާ އެންމެ ފަހުން ކޯހަށް އަންނަން އުޅުނު އިރުވެސް ދެދުވަސް ވަންދެން މަންމަ އަނގައިން ނުބުނެ ހުއްޓެވެ. ނަޒްލާ ފޯނު މޭޒުމަތީ ބާއްވާފައި ތިރީ ތުންފަތުގައި ދަތް އަޅައިލަ އަޅައިލާ އިންދާ ޒުލްފާ އާއި ރިދީ ސިއްރުން ކޮންމެވެސް ވާހަކަތަކެއް ދައްކާލައިފައި އައިސް ކައިރިއަށް ހުއްޓިއްޖެއެވެ. ނަޒްލާ އިސް އުފުލާލައިފައި ހައިރާންކަމުގެ ލޮލަކުން އެދެމީހުންނަށް ބަލައިލިއެވެ.
"އަހަރެމެން މިއައީ ނަޒޫ ކައިރީ މަޢާފަށް އެދެން." ފުރަތަމަ ވާހަކަދައްކަން ފެށީ ރިދީއެވެ. "އެއީ ކީއްވެ؟" ނަޒްލާ ކަންބޮޑު ވެގެން ގޮނޑިން ތެދުވެއްޖެއެވެ. އޭނާ އެދެމީހުންގެ މޫނަށް ވަކި ވަކިން ބަލަން ފެށިއެވެ. "ނަޒޫއަށް މިހާ ތަނަށް ދިމާވެފައި ހުރި ކަންތައްތަކުގެ ފަހަތުގައި ތިބީ އަހަރެމެން ދެމީހުން. އެރޭ ލައްމާހު ކައިރިއަށް ނަޒޫ ގެންދަން އެއްބާރުލުން ދިނީ އަހަރެމެން. އަދި އެކަން ކާމިޔާބު ނުވީމަ ގޮސް ނަޒޫ ދައްތަ ކައިރީ ދޮގު ވާހަކަ ހަދައިގެން ދެއްކީވެސް އަހަރުމެން. އެކަމަކު މިހާރު އަހަރެމެން މިތިބީ އެކަމާއި ދެރަވެފަ. އަހަރެމެނަށް އަހަރެމެންގެ ކުށް ގަބޫލު ކުރެވިއްޖެ. ނަޒޫ އަހަރެމެނަށް މަޢާފު ކޮށްފަ އެއް ފުރުސަތު ދީފިއްޔާ ކުރިއަށް އޮތްތާގައި އަހަރެމެން ނަޒޫގެ ގާތް އެކުވެރިންނަށް ވާނަން." ރިދީ ހުރިހާ ވާހަކައެއް ދައްކާ ނިމުމުން ޒުލްފާވެސް އެއީ ތެދެކޭ ބުނެ އެއްބައި ވެލިއެވެ. ނަޒްލާއަށް ވީގޮތަކީ އަނެއްކާވެސް ގޮނޑިއަށް ވެއްޓިގަނެވުނީއެވެ. އެމީހުން އޭނާދެކެ ވާފޫހިން އެކުރީ ކިހާ ވިޔާނުދާ އަމަލުތަކެއް ހެއްޔެވެ؟ ކުރިން އަދި އެނގިފައި އޮތަސް އެގޮތަށް ކުރިމަތީ ހުރެ އެއްބަސް ވުމުން ނަޒްލާގެ ހިތަށް މާބޮޑަށް އަސަރު ކުރިއެވެ. ފެންކަޅި ވެފައި އިނދެގެން އޭނާ އަނެއްކާވެސް މޭޒުމަތީ އޮތް ފޯނު ނަގައި ބަލަން އިނެވެ. ދުލުން ބުނެލަން ކިހާ ފަސޭހަ ހެއްޔެވެ؟ އެކަމަކު އެއާއި ޚިލާފަށް އޭނާއަށް ކުރިމަތިލާން ޖެހިފައި މިވަނީ ހާދަ އުދަނގޫ ހާލަތަކާއެވެ.
"އަހަރީ ދުވަހަށް ހެދުން ފެހިއްޖެތަ މިހާރު؟ އަހަރެންނާއި ޒުލް މިއުޅެނީ ހަވީރު އޮފީސް ނިންމާފައި ކުޑަކޮށް ޝޮޕިންކޮށްލަން ދާން. ފައިވާނަކާއި އެކަހަލަ ކުދި ކުދި އެއްޗެހި ގަނެލަން ހުރީމަ." ނަޒްލާ އަނގައިން ނުބުނެގެން ދުރަށް ގޮސް އިށީންދެ ތިބެފައި ރިދީ އިރުކޮޅަކުން ފުންމައިގެންފައި އައިސް ވާހަކަ ދެއްކިއެވެ. ރިދީ އެއުޅެނީ ނަޒްލާގެ ރުހުން ހޯދަންކަން ނަޒްލާ ދެނެގަތެވެ. ޒުލްފާ ދުރުގައި އިނީ ނަޒްލާ ބުނާ އެއްޗެއް ބަލާށެވެ. "އަހަރެންވެސް ޖެހޭ ޝޮޕިންއަށް ގޮސްލަން." ނަޒްލާ އިސްއުފުލާލައިފައި ހިމޭން އަޑަކުން ބުނެލިއެވެ. އެކަމަކު އެމޫނުގައި އެއްވެސް ކަހަލަ ޖޯޝެއް ނެތެވެ. "އެހެންވީމަ ނިންމާ ގޮތަށް ޝޮޕިންއަށް ދާނީ." ނަޒްލާގެ ޖަވާބުން ހިތްހަމަ ޖެހިގެން ރިދީ އެނބުރި ގޮސް ގޮނޑީގައި ޖައްސާލިއެވެ.
ނަޒްލާ އެދުވަހު އޮފީސް ނިންމާފައި ނިކުތީ އަނެއް ދެ އަންހެންކުދިންނާއި އެކީގައެވެ. މަގުމައްޗަށް ނިކުތްތަނާ އަވިކް ކާރުގައި އައިސް ކައިރިއަށް މަޑުކޮށްލުމުން ނަޒްލާ އަވަހަށް ފޯނު ނަގައި އަވިކްއަށް މެސެޖެއް ފޮނުވާލިއެވެ. މެސެޖް ކިޔާލައިފައި އަވިކް ނަޒްލާއަށް ބަލާލިއިރު ޒުލްފާ އާއި ރިދީގެ ނަޒަރުވެސް ހުރީ އޭނާއަށެވެ. އަވިކް މަޑުމަޑުން ބޯ ޖަހާލައިފައި ކާރު ދުއްވާލުމުން ނަޒްލާއަށް ހަމަޖެހުމުގެ ނޭވައެއް ލެވުނެވެ. އޭނާ އަވިކްގެ ގޭގައި ހުންނަކަން ޒުލްފާ އާއި ރިދީއަށްވެސް އެނގިގެން ނުވާނެއެވެ.
ދެދުވަސް ފަހުން ކޮމްޕެނީގެ އެނިވަރސަރީ ފާހަގަ ކުރުން އޮތީ ރޭގަނޑެއްގައެވެ. ތަނުގެ ހުރިހާ މުވައްޒަފުންގެ އިތުރުން ސަރުކާރުގެ މަތީ ފަންތީގައި މަސައްކަތް ކުރާ ގިނަ އަދަދެއްގެ ބޭފުޅުންގެ އިތުރުން ނޫސްވެރިންނަށްވެސް ދައުވަތު އެރުވުނެވެ. ނަޒްލާ އެރޭވެސް އިނީ އުދާސްވެފައެވެ. ޕާޓީ ތީމް އާއި ގުޅުވައިގެން އޭނާ ލީ ހުދު ހެދުމާއެކު ޑްރެސިން ޓޭބަލް ކުރިމަތީ އިށިން ގޮތަށް ވިސްނުމަކަށް ގެއްލިފައެވެ. އޭނާއަށް ހޭވެރިކަންވީ އަވިކް ފޮނުވައިގެން އީމާ އޭނާ ތައްޔާރުވިތޯ ބަލަން އައިސް ވާހަކަ ދެއްކީމައެވެ. އިރުކޮޅަކުން ނިމެނީއޭ ކިޔާފައި ނަޒްލާ އަވަހަށް ބޮލުގައި ފުނާ އަޅަން ފެށިއެވެ. އޭނާ ޕާސްތެރެއަށް ފޯނު ލައިގެން ދޮރު ހުޅުވާލައިފައި ނިކުތްއިރު އަވިކް ޖީބަށް އަތް ޖަހާލައިގެން ދެކޮޅަށް ހިނގާލަ ހިނގާލާ ހުރީ ސިޓިންރޫމްގައެވެ. ދޮރު ހުޅުވުނު އަޑަށް އެދިމާއަށް ބަލައިލާފައި އޭނާ ފާޑަކަށް ހުއްޓުން އެރިއެވެ. ހުދު މެކްސީގައި ނަޒްލާ ރީތިކަމުން އޭނާއަށް ބުނާނެ އެއްޗެއްވެސް ނޭނގިފައި ބަލަން ހުރެވުނީއެވެ. އަވިކްއަށް އެންމެ ކަމުދިޔައީ ނަޒްލާ އިސްތަށިގަނޑުގައި ހުޅި ޖަހައި ނިއްކުރިއަށްވުރެ ތަންކޮޅެއް ބިތްދަށުގައި އޭނާ ހަދިޔާ ކުރި ހުދު ކުލައިގެ ކުޑަ ކުޑަ ތާޖުކޮޅު ހަރުކޮށްލާފައި ހުރީމައެވެ. ލޭހުގައި އަތްދިގުކޮށް ފަހާފައި ހުރުމުން ދެއަތް ފަޅުފިލާފައި ވިއަސް ކަރުގައި ހިމަ ފަށެއްހާ ހިސާބުވެސް ނެތުމުން އަވިކްއަށް އެކަން ފާހަގަވިއެވެ. ހިތަށް ކުއްލި ހިޔާލެއް އައުމުން ހިނިތުންވެލާފައި އޭނާ އައީ ސީދާ ނަޒްލާގެ ކައިރިއަށެވެ.
"އަވިކް ކައިރިން އަހަރެން މިރޭ އެދޭ ވަރަށް ބޮޑު އެދުމެއް އެބައޮތް." އަވިކް އައިސް އަތުގައި ހިފާލަން އުޅެނިކޮށް ނަޒްލާ ފަހަތަށް ފިޔަވަޅެއް އަޅާލައިފައި ބުނެލިއެވެ. އަވިކް ނިތް އަރުވާލީ ޖަވާބަށް އެދޭފަދަ ގޮތަކަށެވެ. "އަހަންނަށް ވަރަށް ރަނގަޅު ޕާޓީތެރޭގައި އަވިކް އަހަރެންނާއި ތަންކޮޅެއް ދުރުން އުޅުނިއްޔާ. އެއީ ތަނުގެ ހުރިހާ މުވައްޒަފުންނާއި އަދި ސަރުކާރަށް ނިސްބަތްވާ ގިނަ ބޭފުޅުންވެސް މިރޭ އުޅުއްވާނެ. އަދި ނޫސްވެރިންވެސް." ނަޒްލާ އިސްޖަހައިގެން ހުރެފައި ހާމަކުރިއެވެ. އަވިކް ޖަވާބު ނުދިނުމުން އޭނާ އިސްއުފުލާލިއިރު ހުރީ ދުރު ބަލަހައްޓައިގެންނެވެ. އެމޫނުން ނަޒްލާއަށް ހިތްހަމަ ނުޖެހުން ފައުޅުވިއެވެ. އެކަމަކު އެއްޗެއް ބުނުމުގެ ބަދަލުގައި އަނެއްފަރާތަށް އެނބުރިގެން އޭނާ ހިނގައިގަތީ ނިކުންނާށެވެ. ނަޒްލާވެސް ފަހަތުން ހިނގައިގެންފިއެވެ.
ދިޔަ މަގުމަތީ އަވިކް ފިހާރައެއްގެ ކައިރިއަށް ކާރު މަޑުކޮށްފައި ނިކުމެގެން ދިއުމުން ނަޒްލާގެ ހިތުގައި ސުވާލު އުފެދުނެވެ. އޭނާ އިންތިޒާރުގައި ގަޑި ގުނާލަ ގުނާލާ އިންދާ އަވިކް އެނބުރި އައިސް އިށީންދެފައި ފަޓްލޫނު ޖީބުން ނެގި ކުޑަވަރެއްގެ ފޮށްޓެއް ހުޅުވާލިއިރު އެތެރޭގައި އޮތީ ރިހި ކުލައަށްދާ ހިމަ ފަށެކެވެ. ފުލުގައި ހިތެކެވެ. ނަޒްލާއަށް އެފެނިގެން އެއްޗެއް ބުނަން ތައްޔާރު ވެލިތަނާ އަވިކް ފަށުގައި ދެއަތުން ހިފާފައި އޭނާގެ ކަރުގައި އަޅުވަން ވެގެން ކައިރިވެލައިފިއެވެ. "ޕްލީޒް ނަޒޫ!... ޕްލީޒް! އަހަރެންނަށްޓަކައި!" ނަޒްލާ މަނާ ކުރުމުގެ ކުރުން ދެއަތް ހުރަސްކޮށް މޭގައި ޖައްސާލުމުން އަވިކް އާދޭހާއެކު އެދުނެވެ. އެލޮލުގައިވި އަސަރަކުން ވަގުތުން އޭނާގެ ހިތް ވިރުނެވެ. ބަލަން އިނދެފައި އޭނާ އަތް ތިރިކޮށްލިއެވެ. އަވިކް އުފަލާއެކު ހިނިތުންވެފައި އަވަހަށް ފަށް އަޅުވަދޭން އުޅެގަތެވެ. ނަޒްލާގެ ހިތް އިތުރަށް އަވަސްވެލީ އެވަގުތެވެ. އަވިކް ބުޅިކޮޅު ނޭޅުވިގެން ކުރިއަށްވުރެވެސް ކައިރިވެލައިގެން އިން އެކުޑަ ހިނދުކޮޅެވެ. ދުރަށް ޖެހިލާފައި ކާރު ދުއްވަން ފެށުމުން ނަޒްލާ ފެންކަޅި ވެފައިވާ ލޮލަކާއެކު ސިއްރުން އެމޫނަށް ބަލަން އިރުކޮޅަކު އިނދެފައި އަނެއްފަރާތަށް މޫނު އަނބުރާލިއެވެ.
"އަވިކް!" ދެމީހުން ކާރުން ފައިބައިގެން ހޯލަށް ވަންނަން ގޮއްސައި ނަޒްލާ ކުއްލިއަކަށް ހުއްޓުނެވެ. އަވިކް އެނބުރި ބަލާލިއިރު ނަޒްލާ ހުރީ ދެއަތް ދެއަތާއި ގުޅުވާލައިގެން އިސްޖެހިފައެވެ. "ކިހިނެތްވީ؟" އަވިކް ހައިރާންވެފައި ސުވާލު ކުރިއެވެ. "އަހަރެން ކުރިން ދުވަހަކުވެސް މިކަހަލަ ބޮޑު ޕާޓީއަކަށް ނާންނަން." ނަޒްލާ އިސް އުފުލައިލިއިރު ނިތުގައި ވި ރޫތައް އެކަނިވެސް އޭނާގެ ހާލަތު ބަޔާން ކޮށްދިނެވެ. "ނޯ ވޮރީސް. އަހަރެން މިހުރީނު." އަވިކް ހިނިތުންވެލައިފައި ނަޒްލާގެ އަތުގައި ހިފާލިއެވެ. ނަޒްލާ އެއީ ދުރުން އުޅެން އަވިކްއަށް އެންގި ކުއްޖާއެވެ. އެކަމަކު ނަޒްލާވެސް އެވަގުތު ކުރިކަމަކީ ހިނގައިގަނެފައި އަނެއް އަތުން އަވިކްގެ މުލައްދަނޑީ ހިފާލުމެވެ. އަވިކް ތަންކޮޅެއް ކުރީގައި ހުރުމުން އަވިކް އޭނާ ދަމާފައި ގެންދަނީ ކަމުގައިވެސް ބައެއް މީހުނަށް ހީވެދާނެއެވެ. އެކަމަކު އެގޮތުގައި އެމީހުން ދިޔައީ ދޮރާއި ހަމައަށެވެ. ވަންނަ ވަގުތު ޖެހުމުން ނަޒްލާ ވިސްނައިގެން ހުރެފައި އަވަހަށް އަވިކްގެ އަތް ނައްޓުވާފައި ދުރަށް ޖެހިލައިފިއެވެ.
އެތެރެއަށް ވަދެވުމާއެކު ނަޒްލާ ހޯދައިލީ ރިދީއެވެ. ރިދީ ފެނުމުން އޭނާ އަވަހަށް އަވިކް ދޫކޮށްލައިފައި އެންމެން ތެރޭން ރެކިގެން ގޮސް ރިދީ ކައިރިއަށް ހުއްޓިއްޖެއެވެ. އަވިކް އޭނާ ދާ ތަން ބަލަން ހުރެފައި މިސްރާބު ޖެހީ ދުރުގައި ތިބި އަޒްމީލް އާއި ކަރަމްގެ ކައިރިއަށެވެ. އެމީހުންގެ ކައިރީގައި އެއުމުރުގެ އަދިވެސް ދެތިން މީހަކު ތިއްބެވެ. މާނީ އާއި ފަރޫޝާ ވާހަކަ ދައްކަމުން އެހެން ދިމާއަކުން ނިކުމެގެން އައިސް ކަރަމްގެ ކައިރިއަށް މަޑުކޮށްލިއެވެ. މާނީ ފެނިގެން އަވިކްގެ ނަޒަރު ހިނދު ކޮޅަކަށް އެސޫރައަށް ހުއްޓާލިއެވެ. މާނީ އެހެން ދުވަސްތަކާއި ޚިލާފަށް ތަންކޮޅެއް އަންހެންވަންތަ ހެދުމެއްގައި ފެނުމުން އޭނާ ދިމާ ކޮށްލިހާއިރުން ތުން ދަމާފައި ގޮސް އެހެން ކުއްޖެއްގެ ކައިރީ އިށީންދެއްޖެއެވެ. ކަރަމް އެތާހުރި ބޮޑެތި މީހުންނަށް އަވިކް ތައާރަފް ކޮށްދީ ނިމުމުން ހުއްދަ އަތުލައިގެން އެއްފަރާތަކަށް ޖެހިލިއެވެ. އޭނާ ހުސް މޭޒެއް ހޯދައިގެން އިށީންދެ ނަޒްލާގެ ހަރަކާތްތަކަށް ބަލަން އިންދާ މިކިޔާލް އައިސް ކައިރީގައި އިށީންދެއްޖެއެވެ.
"ނަޒޫ ގެއަށް ގެންދެވުނީމަ މިހާރު ދެން ގެއިން ނުވެސް ނިކުންނަނީތަ؟" މިކިޔާލް އަވިކްގެ ނަޒަރު ހުއްޓިފައި ހުރި ދިމާއަށް ކަޅިއެއް އެއްލާފައި ވާހަކަ ދައްކަން ފެށިއެވެ. "ގައިމެއްނު." އަވިކް ނަޒްލާގެ މޫނުން ނަޒަރު ވަކިކޮށްނުލައި ޖަވާބުދިނެވެ. "އަހަރެން ހިތަށް އަރަނީ ދެމީހުން ކައިވެނި ކުރީމަ އަދި ކިހާވަރަކުން ދާނެބާވައޭ. ކޮޓަރިން ނުވެސް ނިކުންނާނަން ދޯ." މިކިޔާލް ދިމާކޮށްފައި ހިނިގަނޑެއް ޖަހާލުމުން އަވިކް އެނބުރި އެމޫނަށް ބަލައިލިއެވެ. "ތީ މިކިޔާލް ރާވާފައި އޮތް ގޮތް ދޯ." އަވިކް އެންމެ ތަންކޮޅެއްވެސް ދޫ ނުކުރިއެވެ. "އަހަރެންނަށް ހީވޭ އަވިކްގެ ބައްޕަ މިރޭ ކަމެއް ޕްލޭންކޮށްގެން އުޅޭހެން." މިކިޔާލް ތަންކޮޅެއް ސީރިއަސްވެފައި އިއްވާލިއެވެ. "ކަރަމް ބުނެގެން އަހަރެން ތިގޭގައި އުޅޭ ހީނާއަށް ގުޅާފައި ބުނެފިން އީމާ އާއި ސުދާ ތައްޔާރު ކުރަން. އެމީހުން ތައްޔާރުވީމަ އަހަރެން ދާނަން ބަލައި." މިކިޔާލްގެ ވާހަކައިން އަވިކްގެ ނިތަށް ރޫ ގިނަވިއެވެ. އޭނާ އެނބުރިފައި ބަލައިލީ ބައްޕަގެ މޫނަށެވެ. އެބައްޕަގެ މޫނުން އަޖައިބެއްފަދަ ވިދުވަރެއް ފައުޅުވާން ހުއްޓެވެ. ކައިރީގައި ފަރޫޝާ އާއި އަޒްމީލްވެސް ތިބީ ނިކަން އުފާވެރި މޫޑެއްގައެވެ. އަނެއްކާ އެމީހުން އޭނާ އާއި މާނީގެ ކައިވެނި މިތާ އިއުލާނު ކޮށްފާނެ ބާވައެވެ؟ އަވިކްގެ ހިތް ތެޅިގަތެވެ. އޭނާ ކުއްލިއަކަށް ތެދުވީ ނަޒްލާގެ ކައިރިއަށް ދާށެވެ. އެކަމަކު ނަޒްލާ ކުރިން ހުރި ދިމާ ހޯދައިލުމުން އެތަނުން ފެންނާކަށް ނެތެވެ. އަވިކް ވަށައިގެން ހޯދަނިކޮށް ނަޒްލާ ފެނުނީ އެތާހުރި ތަނބެއްގެ ފުރަގަހުގައި ހުއްޓައެވެ. ކުރިމައްޗަށް ގޮސް ހުއްޓުމުން އެމޫނުން އަނެއްކާވެސް ހާސްކަން ފެންނަން ހުއްޓެވެ.
"ކިހިނެތްވީ؟" އަވިކް އިޝާރާތް ކޮށްލުމުން ނަޒްލާ ދައްކާލީ ފަރޫޝާއެވެ. ނަޒްލާއަށް އެތަނުން ފަރޫޝާ ފެނުނީއެވެ. "ފަރޫޝާދައްތައަށް އަހަރެން ފެނިއްޖެއްޔާ ވަގުތުން ފާހަގަ ކުރާނެ." ނަޒްލާ އިތުރަށް ބުނެލިއެވެ. "ކަމް ވިތް މީ!" އަވިކް ވިސްނައިލާފައި ނަޒްލާ އަތުގައި ހިފައިގެން ހިނގައިގަތީ އެންމެ ކައިރިއަށް ހުރި ދޮރާއި ދިމާއަށެވެ. ނަޒްލާ ކައިރީ އޭނާވެސް ކޮންމެހެން ދައްކަން ޖެހޭ ވާހަކައެއް އެބައޮތެވެ. އަވިކް ހަމަޖެހިލާފައި ގޮސް ހޯލުގެ އެންމެ ކައިރިއަށް ހުރި ދޮރުން ބޭރަށް ދެމިގެންއިރު ނޭނގުނީ އެމަންޒަރު ބަލަން ކަރަމް ހުރި ކަމެވެ. ކަރަމް ވަގުތުން މިކިޔާލްއަށް ގޮވާ ގެނައެވެ.
"މިކިޔާލް ދުށީމެއްނު ދެންމެ އަވިކްއާއިއެކު އުޅުނު އަންހެން ކުއްޖާ؟ އެއީ ކާކު؟" ކަރަމް އެހާ ސާފު ބަހުން އެހުމުން މިކިޔާލް ކަންބޮޑުވިއެވެ. "އެއީ މިއޮފީހުގައި މަސައްކަތް ކުރާ ކުއްޖެއް." މިކިޔާލްއަށް ދޮގު ހަދާކަށް ނުކެރުނެވެ. "އެންމެ ލަސްވެގެން މާދަން ވާއިރަށް އެކުއްޖާގެ ހުރިހާ މައުލޫމާތެއް ހުންނަންވާނީ އަހަރެންގެ މޭޒު މަތިން ފެންނަން." ކަރަމް އަވިކްމެން ގޮސް ގެއްލުނު ދިމާއަށް ބަލަން ހުރެގެން ސީރިއަސް އަޑަކުން އެންގިއެވެ. މިކިޔާލް ލައްބައޭ ބުނެފައި އެއްބަސްވިއެވެ.
އަވިކް ނަޒްލާ ގޮވައިގެން ދިޔައީ ސާފު ވައިލިބޭ ގޮތަށް ބޭރުގައި ޖަހާފައި ހުރި މޭޒުތައް ކައިރިއަށެވެ. އަވިކް ގޮނޑިއެއް ދަމާލައިފައި ބޭންދުމުން ނަޒްލާ ފުން ނޭވައެއް ލައިފައި ބޮލާއި ދިމާލު މަތީ ބަރިއަކަށް އެލުވާފައިވާ ހުދުކުލައިގެ ޕޭޕަރ ލެންޓަން ތަކަށް ބަލަން އިނެވެ. ވޭޓަރއަކަށް ގޮވާފައި އަވިކް އެންގީ އެތަނަށް ފިނި ބުއިމެއް ގެނެސް ދިނުމަށެވެ. އިރުކޮޅެއްނުވެ ނަޒްލާގެ ފޯނު ވައިބްރޭޓް ވާން ފެށުމުން ޕާސްތެރެއިން ނަގާ ބަލައިލާފައި ފުންމައިގެން ތެދުވިއެވެ. "ކިހިނެތްވީ؟" އަވިކް ނަޒްލާގެ މޫނަށް ބަލަން އިނދެގެން އެހިއެވެ. "މަންމަ އެގުޅަނީ." ނަޒްލާ ހުރީ ޖެހިލުންވެފައެވެ. އަވިކް އިޝާރާތުން ނަގާށޭ ބުމުން ނަޒްލާ ފޯނު ނަގާފައި ކަންފަތުގައި ޖައްސާލައިފައި ދާދި އަވަހަށް ކަނޑާވެސް ލައިފިއެވެ."އަވިކް އަހަރެންގެ މަންމަ މާލޭގައި. ދެންމެ ގުޅާފަ އެބުނީ ޝީރީން ދައްތަ ގޭގައޭ މިހުރީ އެތަނަށް ދާށޭ." ނަޒްލާ ވާހަކަދެއްކިއިރު މޭގަނޑު ރޫރޫ އަޅަން ފަށައިފިއެވެ. "އަވިކް އަހަރެން ދާން ޖެހިއްޖެ." އަވިކްއަށް ރައްދު ނުދެވިގެން އުޅެނިކޮށް ނަޒްލާ ހަރުކޮށް ހިނގައިގެންފިއެވެ.