އަރައިގެން އައި އިރާއެކު އަވިކްގެ ކޮޓަރިތެރެ ފުރާލީ ރަންދޯދި ތަކުންނެވެ. ދޮރު ފޮތިތައް ހުރީ ރޭ ނިދުމުގެ ކުރިން ކަހާލި ގޮތަށެވެ. ލޮލަށް އުނދަގޫވެގެން ނިދިން ހޭލެވުނު ޒުވާނާ އެނބުރުނީ އަނެއްކާވެސް ބިތްދޮށަށެވެ. އެކަމަކު އެގޮތުގައި އޭނާއަށް އޮވެވުނީ ހިނދުކޮޅެއް ވާންދެންނެވެ. ނޭފަތުގައި ޖެހުނު ކޮފީގެ މީރު ވަހާއެކު ނިދިވެސް އުދުހިގެން ދިޔަ ކަހަލައެވެ. ގަދަކަމުން އެސްފިޔަތައް ދުރުކޮށްލާފައި މަގަތަށް އެނބުރުނު އިރު ހީނާ ކޮފީތަބައް ސައިޑު ޓޭބަލް މަތީ ބަހައްޓަނީއެވެ.
"ގުޑް މޯނިން. ހިތަށް އެރީ އަވިކްއަށް ކޮފީ ކަމުދާނެއޭ." އަވިކް ގައިމަތީ އޮތް ބޯ ރަޖާ ތިރިކޮށްލާފައި ތެދުވެ އިށިންތަން ފެނިގެން އޭނާ ބުނެލިއެވެ. "މޯނިން. އާ ވަރަށް ރަނގަޅަށް ތިހެދީ. ކޮފީ ބޭނުންވާނެ ހެނދުނު ގަޑިއަށް. ކޮބާ މަންމަ؟" އަވިކް ވާހަކަ ދައްކަމުން އަހައިލިއެވެ. "ދައްތަ އެބައިން ބޭރުގަ." ހީނާ ޖަވާބު ދީފައި ނިކުމެގެން ދިއުމުން އަވިކް ކޮފީ މަގު ހިފައިގެން ޖެހިލީ އިރުގެ ދަޅައިން ރަންކުލަ ފެވިފައިވާ ދިގު ދޮރުފަތް ކައިރިއަށެވެ. އެ ދޮރުފަތް ކަހާލައިފައި އޭނާ ބެލްކަންޏަށް ނިކުމެ ހުއްޓިލުމުން ދަޅަތަކުގެ މަޑު ހޫނުން ހަށިގަނޑަށް އަރާމުވިއެވެ. ރޭ ވެހުނު ވާރެއަށް ފަހު މިއަދު މޫސުން ފެންނަނީ މުޅިން ތަފާތު ގޮތަކަށެވެ. އުޑުމަތި ސާފުވެފައި ރީއްޗެވެ. ދުރު ބަލަހައްޓައިގެން އިރުކޮޅަކު އަވިކް ހުރެފައި ލައިގެން ހުރި ހަރުވާޅުގެ ޖީބަށް އެއް އަތް ޖަހާލައިގެން އަނެއް އަތުން ކޮފީ މަގު އުފުލާލައި ތުނބުގައި ޖަހާލިއެވެ. އިރުކޮޅެއްނުވެ ކަންފަތުގައި ހަރުލީ ނިކަން ހިތްގައިމު ރާގެއްގެ އަޑެވެ. ހީވާ ގޮތުން ޖެހިގެން ހުރި ބެލްކަނިން ވަދެވެން ހުރި ކޮޓަރީގައި ކޮންމެވެސް މީހަކު ގިޓާ ކުޅެނީއެވެ. އަވިކް އެއަޑު އަހަން ހުއްޓާ އިރުކޮޅަކުން ހީނާ ގޮވާލި އަޑަށް އެނބުރި ބަލައިލިއެވެ. ކޮޓަރި ދޮރުމަތީގައި ހީނާ ހުރެފައި ބުނެލީ މަންމަ ބައްދަލު ކުރަން އެދޭ ވާހަކައެވެ.
ކޮޓަރިން ނިކުމެފައި ހޯދައިލުމުން މަންމަ ފެނުނީ ސިޓިންރޫމް ސޯފާގައި ސައި ތައްޓެއް ބޯން އިންދައެވެ. އަވިކް އުފާވެރި ހިނިތުންވުމަކާއެކު ގޮސް މަންމަގެ ކައިރީގައި އިށީނެވެ. "ހާދަ އަވަހަކަށް ހޭލީ؟ ރޭއްސުރެ ނުނިދަނީތަ އެއްގޮތަކަށްވެސް؟" ސުދާ ތުނބުން ވަކިކޮށްލި ސައިތަށީ އަނެއް އަތްތިލަ މަތީ ހުރި ވަތު ތަށީ ބަހައްޓާލަމުން އަވިކްގެ މޫނަށް ފުން ނަޒަރެއް ދިނެވެ. "ނޫނޭ. ނިދިން. އެކަމަކު ދެން ތަން ބަދަލުވީމަ އުދަނގުވާނެތާ." އަވިކް ޖަވާބުދިނެވެ. ސުދާ ހިނިތުންވެފައި މަދު ސިކުންތުކޮޅެއްގެ ތެރޭގައި މޫނުން ސީރިއަސްކަން ފައުޅުވާން ފެށިއެވެ. ހިތަށް އެރީ ކީކޭ ކަމެއް ނޭނގެއެވެ. "ނާޝިފް ގުޅި." ސުދާ ބުނެލިއެވެ. އަވިކްގެ މޫނަށް އޭނާ އެވަގުތު ބަލަން އިން ގޮތުން ހީވަނީ އެއްޗެކޭ ބުނޭތޯ އިންތިޒާރު ކުރާ ހެންނެވެ. "އެހެންތަ؟ އޭނަ އޮފީހަށް ދަމުން ޗެކްކޮށްލީ ކަމަށް ތި ވާނީ." އަވިކް އަނެއްކާވެސް ހިނިތުންވެލިއެވެ. އަވިކް ވަށައިގެން ހޯދައިލާފައި މޫނު އަނބުރާލިއިރު ސުދާ އަދިވެސް އެގޮތުގައި ބަލަން އިނެވެ.
"ދަރިފުޅު ކޮންއިރަކުން ބައްޕަމެން ގެއަށް ދަނީ؟" ސުދާ ކުއްލި އަކަށް އަހައިލި އެވެ. ވަގުތުން އަވިކްގެ ހިނިތުން ފިލައި ހިމޭންކަން އިޚުތިޔާރު ކޮށްފިއެވެ. އަވިކްއަށް ވިސްނުނެވެ. ނާޝިފް ގުޅިހާއިރުން މަންމަ ރަނގަޅަށް ސުވާލު ކޮށްލީއެވެ. "މަންމާ ކޮބާތަ އީމާ؟ އޭނަ ކޮންއިރަކުން ތެދުވާނީ؟ ވަރަށް ދެކިލާ ހިތުން މިއިނީ؟" އިރުކޮޅެއް ނުވެ އަވިކް ތެދުވެފައި އެތަނުން ދާންވެގެން އުޅުނެވެ. "މަންމަ އަވިކްއާއި ސުވާލެއް ކޮށްފީމޭ. އެސުވާލުގެ ޖަވާބު ދީބަލަ. ތިގޮތަށް ކޮންމެ ކަމަކުން ފިލީމަ އެކަމެއް ދެން ނިމުނީއެއް ނޫނޭ ދަރިފުޅާ. އެއީ ހައްލެއް ނޫން." ވާހަކަ ދެއްކި އަޑަށް އަވިކްގެ ފިޔަވަޅު މަޑު ޖައްސާލައިފައި އެނބުރި ބަލައިލިއިރު ސުދާއަށް އެދެލޯ ފެންކަޅި ވެފައިވާ ތަން ފެނުނެވެ. "ބައްޕަ ހުންނާނީ ދަރިފުޅު ދެކިލާހިތުން ކެތްމަދުވެފަ." ސުދާ އިތުރަށް ބުނެލިއެވެ. އަވިކް މޮޅިވެރިކަމާއެކު އިސްޖަހާލަމުން އެނބުރި އައިސް އަނެއްކާ އިށީންދެއްޖެއެވެ. އެއްޗެއް ނުބުނެ އިނދެފައި ދެއަތުން މޫނު ފޮރުވާލުމުން ސުދާގެ ހިތަށް ތަދުވިއެވެ. އޭނާ ސައިތަށި މޭޒުމަތީ ބަހައްޓާފައި އަވިކްގެ ބުރަކަށީ ނިކަން ލޯބިން ފިރުމަން ފެށިއެވެ.
"އަހަރެންވެސް ބޭނުން ބައްޕަ ކައިރިއަށް ދާން. ވަރަށް ދެކިލާހިތްވެސް ވޭ. އެކަމަކު ހަމަ ޖެހިލުން ވަނީ. ބިރުގަންނަނީ ބައްޕަ ހިތްހަމަ ނުޖެހޭ ކަމެއް ކުރެވިދާނެތީ. އެއަންހެން މީހާ ފެނުނީމަ ރުޅި އައިސް ކޮންޓްރޯލް ނުކުރެވިދާނެތީ." އަވިކް އެގޮތުގައި އިނދެގެން ވާހަކަ ދެއްކިއެވެ. " މަންމައަށް އިނގޭ ދަރިފުޅުގެ ސަަބަބުން އިތުރަށް އެއްވެސް ކަމެއް ގޯސް ނުވާނެކަން." ސުދާ ޔަޤީން ކަމާއެކު ވާހަކަ ދެއްކުމުން އަވިކް ދެއަތް ތިރިކޮށްލާފައި ބަލައިލިއެވެ. "މަންމަ ކީއްވެ ތިހާ ރަނގަޅީ؟" އަވިކް ގެ ކުއްލި ސުވާލުން ސުދާއަށް ބުމަ އަރުވާލެވުނެވެ. "މަންމަ ބޭނުމެއް ނުވޭތަ އަހަރެން ބައްޕަދެކެ ނަފްރަތު ކުރާކަށް؟" އަވިކް އަނެއްކާވެސް އަހާލިއެވެ. "ކޮންކަހަލަ ސުވާލެއް ތީ؟ މަންމަ ކީއްވެ ތިގޮތް ބޭނުން ވާނީ؟ މަންމަ ބޭނުމެއް ނުވެއޭ ދަރިފުޅާއި ބައްޕަގެ މެދުގައި ހުރަހެއްހެން ހުންނާކަށް. ބައްޕަ އާއި މަންމަ މެދުގަ ވީ ކަންތައް އެއީ އެހެން ކަމެއް. އެކަމަކު އެހެނެކޭ ކިޔާފައި މަންމަގެ ދެދަރިން ބައްޕަގެ ލޯބިން މަހުރޫމު ކުރުމަކީ އެއްވެސް އިރެއްގައި ބޭނުންވި ގޮތެއް ނޫން." ސުދާ ޖަވާބުދިނެވެ. އަވިކް ބަލަން އިނދެފައި އެވާހަކަ އަހައިގެން ދުރު ބަލާލިއެވެ.
"ތެދު ތެދަށް ބުނަންޏާ އަހަރެން އަދިވެސް ބައްޕައަށް މާފެއް ނުކުރަން. އެކަމަކު އަހަންނަށް ބައްޕައަށް ނަފްރަތެއް ނުކުރެވުނު. އަޖައިބެއް ކަހަލަ ކަމެއް މީ. ފުރައިގެން ދިޔައިރު ހިތަށްއެރި ދެން ދުވަހަކުވެސް ބައްޕަ އާއި އަނގައިން ނުބުނާނަމޭ. އެކަމަކު ނުވަ އަހަރު ފަހުން މިއަދު ނޭނގެ ވީގޮތެއް. ބުނަން މިއުޅޭ ވާހަކައަކީ. މިއަދު އަހަރެން.... އައެމް ނޮޓް އެންގްރީ..." އަވިކްގެ ހިތުތެރޭވި ވާހަކަތައް އުދަނގުލުން ނަމަވެސް ހާމަ ކުރިއެވެ. ސުދާ ހިނިތުންވެފައި އެއަޑު އަހަން އިނެވެ. އެވަގުތު ކުރިމަތީ ހުރި ކޮޓަރީގެ ދޮރު ހުޅުވިގެން ދިޔަ އަޑަށް ދެމީހުންގެ ނަޒަރު އެދިމާއަށް ދަތުރު ކުރިއެވެ. ނުވަ އަހަރުގެ އީމާ ނިދާ ހޭލައިގެން ކޮޓަރިން ނިކުތީއެވެ. ފުރަތަމަ ނަޒަރުންވެސް އަވިކްގެ ހިތް އެއީ އީމާކަން ބުނެލުމުން ދެލޯ ބޮޑުކޮށްފައި ކުއްލިއަކަށް ކޮޅަށް ތެދުވެވުނެވެ. ފުށްކޮށް ފަލަކޮށް ހުރި އީމާ އެއުމުރުގެ ކުއްޖެއްގެ އިސްކޮޅުން ހުއްޓަސް މޫނުކޮޅުން އަދި އެއަށްވުރެވެސް ޅަ ގޮތް ދައްކައެވެ. ފަން ކަޅު އިސްތަށިކޮޅަކާއި ނުހަނު ވަށް ލޯބި މޫނެކެވެ. ދޮން ކަމުން ރުއްކުރި ފަދައެވެ.
"އެންމެ ފިޔަވަޅެއްވެސް ކުރިއަށް ނާޅާތި! ހަމަ މިހާރު ހުއްޓޭ!" އަވިކް ކުރިއަށް އަޅާލި ފިޔަވަޅާއެކު އީމާ ދެބުމަ ގޮށް ޖަހާފައި އެދެމެދަށް އަތް ހުރަސްކޮށްލި ގޮތް ފެނިގެން ހައިރާންވެފައި ހުއްޓެވިއްޖެއެވެ. ސުދާވެސް ހުރީ އީމާގެ މި ހަރަކާތުން އަނގަ ހުޅުވިފައެވެ. "ދަރިފުޅު ކިހިނެތް ތިއުޅެނީ؟" އީމާ އަދިވެސް އަވިކްއަށް ކުނި މޫނު ދައްކައިގެން ހުއްޓާ ސުދާ ވާހަކަދެއްކިއެވެ. "ނީ ބުނީ ކޮއްކޮ ކައިރީ އެއްވެސް ނުދަންނަ މީހަކު ކައިރިއަށް އަންނަން އުޅެންޏާ މިގޮތަށް ބުނާށޭ." އީމާ މަންމައަށް ބަލައިލަމުން ސުވާލުގެ ޖަވާބުދިނެވެ. ދެވަނަ ސިކުންތުގައި ސުދާގެ ހީލުމުގެ އަޑުން ތަނުގެ ހިމޭންކަން ނަގާލިއެވެ. "ކާކު ނީ އަކީ؟" އަވިކްގެ ނަޒަރުވެސް ސުދާއަށް ހުއްޓުނެވެ. "ނީ އަކީ ކޮއްކޮގެ ބެސްޓްފްރެންޑް." އީމާ މިފަހަރުވެސް ސުދާއަށްވުރެ ކުރިން އަވިކްއަށް ޖަވާބުދިނެވެ. "އޯހ." އެއަޑު އަހައިގެން އަވިކް ބުނެލީ މިހެންނެވެ. ހަށަން ބަނދެލައިގެން އޭނާ އީމާގެ ކައިރިއަށް ގޮސް ހުއްޓުމުން އީމާ ފާޑަކަށް ބަލައިލާފައި ދެފިޔަވަޅެއް ފަހަތަށް ޖެހި ހުއްޓުނެވެ. "ރަނގަޅު. ނުދަންނަ މީހަކު ކޮއްކޮ އެކަނި ހުއްޓާ ކައިރިއަށް އަންނަން އުޅެފިއްޔާ ތިހެން ބުނެވިދާނެ. އެކަމަކު ކޮއްކޮ މަންމަ ކައިރީ ހުއްޓާ ކޮއްކޮ އާއި ވާހަކަ ދައްކަން އުޅޭނީ ގާތްމީހެއްނު ދޯ." އަވިކް އީމާގެ ކައިރީ އުޑަފައިން އިށީންދެފައި ބުނެލިއެވެ. އީމާގެ ނަޒަރު އަނެއްކާވެސް ސުދާއަށް އަމާޒު ކޮށްލުމުން ސުދާ ހެވިފައި އިނދެގެން ބޯ ޖަހައިލީ އަވިކްގެ ވާހަކަ ތެދުކޮށްދޭ ފަދަ ގޮތަކަށެވެ.
"ހައި! މީ އަވިކް. އީމާގެ ދޮންބެ." އަވިކް ވާހަކަ ދައްކަމުން ސަލާމަތް އަތް ދިއްކޮށްލުމުން އީމާ ކަޅި ޖަހާނުލައި ބަލަން ހުއްޓެވެ. "ދޮންބެ އެބުނީ ތެދެއް." އީމާ ސަލާމް ކޮށްލީ ސުދާ އެހެން ބުނީމައެވެ.
ތައާރަފްވި ހިސާބުން އީމާގެ ބީރަތްޓެހިކަން ކެނޑުނީއެވެ. އަވިކްގެ ކައިރީގައި އޭނާގެ ކިޔައިދޭން ހުރި ވާހަކަތައް ގިނައެވެ. އުފާ އުފަލުން ފުރަތަމަވެސް ބުނެލީ ދޮންބެއެއް ހުންނަ ވާހަކަ އެކުވެރީން ކައިރީ ބުނާނެ ވާހަކައެވެ. އީމާގެ އާއިލާގައި ދޮންބެއެއް ދައްތައެއް ނުހުންނާތީ އެކަމާއި ދެރަވާ ވާހަކަ އާއި އެކުވެރީންގެ އާއިލާ ބޮޑު ވާހަކައެވެ. އަވިކް ފޫހިކަމެއްނެތި އެހުރިހާ ވާހަކައެއް އަހަމުން އީމާގެ ހުއްޓުމެއް ނެތް ސުވާލު ތަކަށް ޖަވާބު ދެމުން ދިޔައިރު އެންމެ ފާހަގަ ކުރެވުނީ "ނީ" މިނަމެވެ. އީމާ ދެއްކި ވާހަކައިގައި ދެބައި ކުޅަ އެއްބައި ވާހަކަ އެއީ ނީ އާއި ގުޅުވިގެން އައި ވާހަކަތަކެވެ. އީމާގެ އެފަދަ ގާތް އެކުވެރިއަކު ހުރުމުން އަވިކް ހިތާއި ހިތުން އުފާ ކުރިއެވެ.
ސުދާގެ ފުށުން ކަރަމް އޮފީސް ނިމޭގަޑި އޮޅުން ފިލުވައިގެން އަވިކް ބޭރަށް ނިކުތީ ހަވީރު ހިޔާލީފަހުން ކަރަމް ފޮނުވައިގެން މީހަކު އައީމައެވެ. އެކުވެރިންތަކެއް މާލޭގައި ނެތުމުން ނިކުންނާނެ ބަހަނާއެއްވެސް ނުފެނުނީއެވެ. ޑްރައިވަރު ސީޓުގައި އިން ޒުވާނާ ކާރު ދުއްވަމުން ދިޔައިރު އަވިކް ބިއްލޫރިގަނޑުން ފެނި ގެއްލެމުން ދިޔަ މަންޒަރުތަކަށް ބެލިއެވެ. އައިސްފައިވާ ބަދަލުތައް އަޅާކިއެވެ. އަދި އެހެންމެ ޓްރެފިކްގެ އުދަނގުލާއިމެދު ހިތާއި ހިތުން ޝަކުވާ ކުރެވުނެވެ. ކުރިން ނިންމައިގެން ހުރީ މާލެ އަންނަ ގޮތަށް ލައިސެންސް ނަގައި ކާރެއް ގަންނަން ކަމަށެވެ. އެކަމަކު މިހާރު މިފެންނަ މަންޒަރުތަކުން އެއީ ވާނެ ކަމެއް ކަމާއިމެދުވެސް ޝައްކެވެ.
"ކިހާ ދުވަހެއް ފަހުން މާލެ ތިއައީ؟" ރަތްބޮށްކަށް ކާރު ހުއްޓައިގެން އޮވެފައި ޒުވާނާ ވާހަކަ ދެއްކިއެވެ. އަވިކްގެ ނަޒަރު ބިއްލޫރިގަނޑުން ވަކި ކޮށްލާފައި ކުރިއަށް ހުއްޓާލިއެވެ. "ނުވަ އަހަރު ފަހުން. އަވިކް ޖަވާބު ދިންއިރު ލޯގަނޑުން ފެންނަން ހުރި ޒުވާނާގެ ދެލޮލަށް ބަލާލިއެވެ. "އަހަންނަށް ކިޔަނީ މިކިޔާލް. އަވިކްގެ ބައްޕަ އޮފީހުގައި މަސައްކަތް ކުރަނީ. ބުނެވިދާނެ ކަރަމްގެ އެއްްއަތޭވެސް." މިކިޔާލް އަމިއްލަ ތައާރަފް ދިނުމުން އަވިކް އިޚުތިޔާރު ކުރީ ހިމޭންކަމެވެ. ބައްޕަގެ އެހާ ގާތް މީހަކު ކައިރީ އެއްވެސް ވާހަކައެއް ދެއްކުން އޭނާ ރައްކާތެރި ކަމަކަށް ނުބެއްޔެވެ.
މިކިޔާލް ކާރު ގެންގޮސް ގޭގެ ދޮރުމައްޗަށް މަޑު ކޮށްފައި އަވަހަށް ނިކުތީ އަވިކް ނިކުންނަން ދޮރުފަތް ހުޅުވާލަން ވެގެންނެވެ. އެކަމަކު އޭގެ ކުރިން އަވިކް ހުރީ ނިކުމެ ގެއާއި ދިމާއަށް ބަލަހައްޓައިގެންނެވެ. އަވިކްއަށްވެސް މިކިޔާލް ރަނގަޅަށް ފެނުނީ އެވަގުތުއެވެ. މަޑު ނޫ ކުލައިގެ އަތްދިގު ގަމީހާއި ފަޓްލޫނުގައި ޓައީ އަޅާލައިފައި ހުރި ޒުވާނާ، ފެންނަ ފެނުމަށް އޭނާ އާއި އުމުރުގެ ތަފާތެއް ހުންނާނެ ވައްތަރެއް ނުޖަހައެވެ. "އަވަހަށް ހިންގަވާ!" މިކިޔާލް ވާހަކަދެއްކުމުން އަވިކް އެއްޗެއް ނުބުނެ ކުރީގައި ހިނގައިގަނެގެން ގޮސް ގޭގެ މައިދޮރުން އެތެރެއަށް ވަދެއްޖެއެވެ. އެވަގުތު ކަރަމް ފެނުނީ ހަލުވި ފިޔަވަޅު ތަކެއްގައި ސިޑިން ފައިބައިގެން އަންނާތީއެވެ. ކަރަމް އައިސް ކައިރިއަށް ހުއްޓުމާއި މެދު ހޭދަވި މަދު ވަގުތުކޮޅު އަވިކްއަށް އެސޫރަ އާއި ނުވަ އަހަރު ކުރިން ފެނުނު ސޫރަ އަޅާ ކިޔާލެވުނެވެ. ހަމައެކަނި ތަފާތަކަށް ފެނުނީ އިސްތަށިގަނޑުން ފައުޅުވާން ހުރި ހުދު އިސްތަށިތަކެވެ. އޭގެ އިތުރުން ހަންގަނޑުގައި ކުރިއަށްވުރެ ގިނަވެފައިވާ ރޫތަކެވެ. ކަރަމް އައިސް ބަހެއްވެސް ނުބުނެ ފުރަތަމައިނުންވެސް އަވިކްއާއި ކަރާކަރު ޖައްސައި ސަލާމް ކޮށްލީ އިޒުނަ އަހާލުމެއް ނެތިއެވެ. ބައްޕަގެ އެހަކަރާތުން ޚުދު އަވިކްގެ ހިތަށްވެސް އަސަރު ކޮށްގެން ލަޮލުގައި ކަރުނަ ހިނގާލިއެވެ. ބައްޕަގެ ބުރަކަށީގައި އޭނާއަށް ދެއަތުން ބާރު ކޮށްލެވުނެވެ.
"ބައްޕަ ހާދަ އިންތިޒާރެއް ކޮށްފީމޭ ދަރިފުޅު ދެކޭހިތުން." ސިކުންތު ކޮޅެއް ފަހުން ދުރަށް ޖެހިލާފައި ކަރަމް ވާހަކަ ދެއްކިއިރު އަވިކްގެ ކޮނޑުގައި ހިފަހައްޓާލިއެވެ. އަވިކް ލުއި ހިނިތުން ވުމެއް ތުންފަތަށް ވެރިކޮށްލީ ބުނާނެ އެއްޗެއް ނޭނގުމުންނެވެ. "އާޝިމާ! ސިމޯން! ހަސަން! ސައި ތައްޔާރު ކުރޭ. އާޝިމާ ދޭ އަވިކްގެ ރޫމު ހުރީ ރަނގަޅަށް ތޯ ޗެކް ކުރަން. މިކިޔާލް ތިއައީ ފޮށި ހިފައިގެން ދޯ." ވެފައި ހުރި އުފަލާއެކު ކަރަމް ބާރު ބާރަށް އެންމެންނަށް ގޮވާ ވާހަކަދައްކަމުން އެންމެ ފަހުން ބަލައިލީ އެދެބަފައިން ކައިރީ ހުރި މިކިޔާލް އަށެވެ. އެވަގުތު އަވިކް ފަދައިން މިކިޔާލްގެ މޫނުންވެސް ނުތަނަވަސްކަން ފެނުނެވެ. "ފޮށި ނުގެންނަނީތަ؟" ކަރަމްގެ އަޑަށް ކުއްލި ބަދަލެއް އައިސް އަވިކް އާއި ހަތަރުކަޅި ހަމަ ކޮށްލިއެވެ. "އިޓްސް އޯކޭ. އެހެން ފަހަރަކުން ގެނެވިދާނެ." އަވިކް އެއްޗެއް ބުނަން ތައްޔާރު ވިތަނާ ކަރަމް އަނެއްކާވެސް ހިނިތުންވެލިއެވެ. އަދި އަވިކް ގޮވައިގެން އަވަހަށް ކާކޮޓަރިއާއި ދިމާއަށް ދާން ފަށައިފިއެވެ.
އެކި ނޯކަރުން އެކި ތަނަށް ބެހުނުއިރު ކަރަމްގެ ފަހަތުގައި ހުރީ ސިމޯންއެވެ. ސިމޯން ދެބަފައިން ފަހަތުން ކާކޮޓަރިއަށް ވަންނަން ދިޔައެވެ. ދޮރުމައްޗަށް އެމީހުން އެރުމުން ފަރޫޝާ އެތެރޭގައި ހުރެފައި އިސްއުފުލާލިއެވެ. ނިކަން ރީތި ހެދުމެއްލައި ފަރިވެގެން ހުރި ގޮތުން ކުރިއްސުރެ ތައްޔާރުވެގެން ހުރިކަން އެނގެއެވެ. އަދި އެދެބަފައިން ގޮސް ކައިރިވުމުން އަވަހަށް ހިނިތުންވެފައި އަވިކް އިށީންނަން ގޮނޑި ދުރުކޮށްގެން ދިނެވެ. އަވިކް ހަނދާން ހުއްޓެވެ. އެއީ ކުޑައިރުވެސް އޭނާ ކެއުމުގެ ވަގުތު ތަކުގައި އިންނަ ގޮނޑިއެވެ. އެއްޗެއް ނުބުނެ އޭނާ އެގޮނޑީގައި އިށީނުމުން ކަރަމްގެ ހިތަށްވެސް އެތައް ގުނައެއް ލުއި ވިއެވެ. "އަވަހަށް ފަށާ!" މޭޒުމަތީ ވައްތަރުތައް ގިނަ ކަމުން ނަގާނެ އެއްޗެއް ނޭނގިފައި އަވިކް އިންދާ ފަރޫޝާ ބުނެލިއެވެ. އޭނާ ބޯ ޖަހައިލީ ފަރުޝާއަށް ބަލައި ނުލައެވެ. ކަރަމްގެ އެދުމަށް އިރުކޮޅަކުން މިކިޔާލްވެސް އައިސް އެމީހުނާއި ބައިވެރިވިއެވެ. ބައްޕަ ދައުވަތު ދިނުމުން މިކިޔާލް ބަހެއް ނުބުނެ އިށިން ގޮތުން އޭނާގެ ކިޔަމަންތެރިކަން ބައްޕައަށް ހުރި މިންވަރު އަވިކްއަށް އެވަގުތުކޮޅު ވެސް ފާހަގަވިއެވެ. ވީއިރު ބައްޕަގެ އެއް އަތަށް މިކިޔާލް ނުވާނީ ކީއްވެ ހެއްޔެވެ؟ އެގޮތަށް ކިޔަމަނުގައި އުޅޭ މީހުންނާއި ބައްޕަ އަބަދުވެސް ގަޔާވާނެއެވެ.
ސައިބޯން ތިބެގެން ކަރަމް ބޮޑަށް ދެއްކީ ވިޔަފާރީގެ ވާހަކައެވެ. މިހާރު ދެން އަވިކް އެކަމާއި ހަވާލު ވާން ވީ ކަމުގައި ނުސީދާ ގޮތަކަށް ބުނެލިއެވެ. ދެކެވުނު އެވާހަކައިގައި އަވިކް ބޭނުންވާ ގޮތްވެސް އޭނާ ހާމަ ކުރިއެވެ. ދުވަސްކޮޅެއް ފަހުން ނޫނީ އަދި އެއްވެސް ކަމެއްގެ ތެރެއަށް ވަންނަން ބޭނުން ނުވާ ވާހަކައެވެ. ކަރަމްވެސް ކޮންމެހެން ގަދަ ބާރު އަޅަން އުޅޭ ގޮތަކަށް އެއްޗެއް ނުބުނެއެވެ. ނުވަ އަހަރު ފަހުން އަވިކް އެނބުރި އައުމާއެކު އޭނާއަށް ކުރެވޭ ކަމަކުން އަލުން ގެއްލިދާނެތީ ކަރަމް ޖެހިލުންވެއެވެ.
ސައިން ނިންމާފައި އަވިކް ކޮޓަރިއަށް ދާން ވެގެން ދިޔައިރު މިކިޔާލް އެކުގައި ދިޔައެވެ. މިކިޔާލް ދެއްކީ ވީ އެންމެ އަވަހަކަށް ލައިސަންސް ނެގުމުގެ ވާހަކައެވެ. އަވިކްއަށް ފަސޭހަ ވާނެ އެންމެ އަވަސް އިރަކުން އެކަން ނިންމައިދޭން އޭނާ އެހީތެރި ވެދޭނެ ވާހަކައެވެ. ގެއަށް އަންނަން ދަތުރު ކުރި ކާރު ކަމުދޭތޯ މިކިޔާލް އެހުމުން އަވިކް ހުރީ ސުވާލު އުފެދިފައެވެ. އޭނާ ބޯ ޖަހައިލުމުން މިކިޔާލް ހިނިތުންވެފައި އަތުގައި އޮތް ތަޅުދަނޑި އަވިކް އަތަށް ދިނެވެ. އެކާރު އެއީ އަވިކްއަށް ހާއްސަ ކޮށް ކަރަމް ގެނުވި ކާރެއް ކަމާއި ދެންމެ ކުރި ދަތުރު އެއީ އޭގެ ފުރަތަަމަ ދަތުރު ކަމުގައި ބުންޏެވެ. އަވިކް އަންނަން ވާއިރަށް ގޭގައި ތައްޔާރު ކުރެވުނު ޕާޓީއާއެކު ފުރަތަމަ ހަދިޔާއެއްގެ ގޮތުން ކާރު އޮތީ ދޭން ތައްޔާރު ކުރެވިފައި ކަމުގައި މިކިޔާލް ކިޔައިދިނެވެ. އެވަގުތު އޭނާ ނުލައި އެނބުރި އަންނަން ޖެހުމުން ބައްޕަގެ ހިތަށް ކުރާނެ އަސަރާމެދު އަވިކްއަށް ވިސްނާލެވުނީ މިކިޔާލް ދިޔަފަހުން އެވާހަކަތައް ހަނދާންވެފައެވެ.
ބައްޕައަށް އެނގިގެން ދާން އުޅެފިއްޔާ ނުދެވިދާނެހެން ހީވެގެން އަވިކް ހިޔާރު ކުރީ އެހެން މަގެކެވެ. ބައްޕަ އިޝާ ނަމާދު ކުރަން މިސްކިތަށް ގޮސް ލަސްވާން ފެށުމުން އޭނާ އެފުރުސަތު ބޭނުން ކޮށްގެން ގެއިން ނިކުތީއެވެ. ދޮރާއި ހަމައިން މިކިޔާލް ދިމާވެގެން ބައްޕައަށް ދޭންވީ މެސެޖް މިކިޔާލްއަށް އިއްވިއެވެ. އަވިކް ހުއްޓުވަން މިކިޔާލް މަސައްކަތް ކުރި ނަމަވެސް އެންމެ ފަހުން ޖެހުނީ ހަތިޔާރު ބަހައްޓާށެވެ.
ޓެކްސީއެއްގައި ގެއަށް އައި އަވިކް ހަލުވި ފިޔަވަޅު ތަކެއްގައި ގޮސް ލިފްޓް ކައިރިއަށް މަޑުކޮށްލިއެވެ. މަދު މިނިޓް ކޮޅެއްގެ ތެރޭގައި ލިފްޓް ހުޅުވިފައި ދެމީހަކު ނިކުމެގެން ދިއުމުން އޭނާ އަވަހަށް ވަދެ ހުއްޓާ ކޮންމެވެސް މީހަކު ދުވެފައި އަންނަ އަޑު އިވުނެވެ. ލިފްޓްގެ ދޮރު ކިރިޔާ ނުލެއްޕި ހުއްޓާ އެތެރެއަށް ދެމިގަތް އަންހެންކުއްޖާ ވަން ބާރުމިނުގައި އައިސް ޖެހުނީ އަވިކްގެ ގައިގައެވެ. އެފަދަ ހަމަލައަކަށް ތައްޔާރު ނުވެ ހުރި އަވިކްގެ ހަށިގަނޑު ނުހިފޭއްޓިގެން އިސާހިތަކު ދެމީހުން އެކީ ވެއްޓި ޖެހިއްޖެއެވެ.