(05 އޯގަސްޓްގެ އަދަދާ ގުޅޭ)

ފަރީޝާ ދިއުމުން އަޝްރަފް އެނދުގައި އިށީނދެލިއެވެ. އޭނާއަށް އެވާ ގޮތް މިފަހަރު އޭނާއަށް ވިސްނިއްޖެއެވެ. އަޝްރަފަށް އިސް ޖަހާލެވުނެވެ. އެއާ އެކު ވަރަށް ފަސޭހައިން އޭނާގެ ލޮލުގެ ތެރެއަށް ކަރުނަ ތިކިތައް ގިނަވެގެން ދިއައެވެ. ތަފާތު ގިނަ އިހުސާސް ތަކެއްގެ ސަބަބުން މިވަގުތު އޭނާގެ ހަށިގަނޑުވެސް ވަނީ ބަލިކަށި ވެފައެވެ. ދެންމެ ކުރެވުނު އިހުސާސް ތަކާ ދޭތެރޭ އޭނާ ލަދުވެތި ވެއެވެ. މިއަދު އޭނާ އެވަނީ އޭނާގެ އަމިއްލަ ނަފްސާ ދޭތެރޭ ހަމްދަރުދީވެފައެވެ. އޭނާ އަކީ ކިހާ ނިކަމެތި އިންސާނެއް ހެއްޔެވެ!. އަމިއްލަ ނަފްސަށް ބާރުވެސް ނުފޯރުވެނީއެވެ. ކުރީން އޭނާގެ ހިތަކީ އެހާ ބަސްނާހާ ހިތެއް ނޫނެވެ. ދުނިޔޭގެ އުފަލާ އަރާމަށް ވުރެ އޭނާ ލޯބި ކުރަމުން އައީ ރީތި ރަނގަޅު އާދަތަކަށެވެ. އޭނާއަކީ މާތް ﷲ އޭނާއަށް ދެއްވި ނިއުމަތް ތަކަށް ޝުކުރުވެރިވާ މީހެކެވެ. އޭނާ ދެމިހުންނަން ބޭނުން ވަނީ އެގޮތުގައެވެ. ތެދުވެރި ވަފާ ތެރިއެއްގެ ގޮތުގައެވެ.

އަޝްރަފް ފުންމައިގެން ތެދުވެއްޖެއެވެ. ހަދަން ވީގޮތް އޭނާއަށް ވިސްނިއްޖެއެވެ. އޭނާ ބޭނުންވަނީ އެކަމުން ސަލާމަތް ވާށެވެ. 
އާޒިމް އައިސް ކޮޓަރިއަށް ވަންއިރު އަޝްރަފް ފޮއްޓަށް އެއްޗެހި އަޅަނީއެވެ.

"ތީ ކޮންކަމެއް؟"
އާޒިމް ހިސާބަކަށް ހައިރާން ވިއެވެ.
"މިއުޅެނީ މިތަނުން ދާން.....!"
ކޮޓަރި ކުޑަވެފައި ކޮޓަރީގައި އެންމެ އެނދެއް ހުންނާތީއާއި، އާޒިމް ތަޅުންގަނޑުގަ ގޮދަޑި އަޅައިގެން ނިދާތީ އެ ކޮޓަރީގައި ހުންނަން އަޝްރަފަށް ފަސޭހަ ނޫން ކަމަށް ބުނެ އެތައް ބަހަނާއެއް އަޝްރަފް ދެއްކުމުން އެންމެ ފަހުން އާޒިމްވެސް ޖެހުނީ އެއްބަސްވާށެވެ. އަޝްރަފް ދަބަސް ތައްޔާރު ކުރާތަން ބަލަން އާޒިމް އިނީ ދެރަވެފައެވެ. އެހާ ދުވަސް ކޮށްފައި އަޝްރަފާ ދިމާވުމުން އޭނާ ބޭނުންވީ އެކުވެރިޔާއާ އެކު ދުވަސްކޮޅެއް ހޭދަކޮށްލާށެވެ. ހަގީގަތުގައި އަޝްރަފް އެ ކޮޓަރީގައި ހުންނަން ފެށުމުން އާޒިމުގެ މިނިވަން ކަމަށް ވެސް ވަނީ ބުރޫ އަރާފައެވެ. އޭނާ ބޭނުން ބައެއް އެހެން މީހުން އެ ކޮޓަރިއަށް ވެއްދުމުގެ ފުރުސަތު ވެސް ވަނީ ގެއްލިފައެވެ. އަދި އޭނާ އެކަހެރި ގޮތުގައި ކޮށްލަން ބޭނުންވާ ބައެއް އަމިއްލަ ކަންތައްތައް ވެސް ނުކުރެވެއެވެ. އެހެން ވިއަސް އާޒިމަށް އަޝްރަފާ އެކީ ދުވަސް ކޮޅެއް ހޭދަކޮށްލުން މުހިންމުވި ވަރުން އަޝްރަފް އެކޮޓަރިއަށް ގެނައީއެވެ. ކުއްލިއަކަށް އަޝްރަފް ދާ ހިޔާލު ކުރީމައި އޭނާ ވަރަށް ދެރަވިއެވެ.

"މި ފޮތްތައް ފޮއްޓަކަށް ނޭޅުނު..."
ކިޔަވަން ގެންގުޅޭ ފޮތްތައް ދުރުގައި ބަހައްޓާފައި ތެދުވެ ހިންދެމިލަމުން އަޝްރަފް ބުންޏެވެ.
"ފޮތްތައް އަޅަން ފޮށިގަނޑެއް ހޯދަން ވީނު.....! އަންނާނަން އިނގޭ ހިފައިގެން....!"
އެހެން ބުނެފައި އާޒިމް ދިޔައީ ފޮށިގަނޑެއް ބަލައެވެ.

އަޝްރަފް އޭނާގެ ފޮށީގެ ޒިބު އަޅުވާލިއެވެ. މިހާރު އޭނާއަށް ހިސާބެއްގެ ހިތްހަމަ ޖެހުމެއް ލިބިއްޖެއެވެ. ކުރިމަތި ވެފައިވާ ބޮޑު ނުރައްކަލަކުން ސަލާމަތްވެއްޖެ ކަމުގެ އިޙުސާސެއް އޭނާއަށް ކުރެވިއްޖެއެވެ. އާޒިމް ފަދަ މީހުންގެ ލިސްޓަށް އޭނާގެ ނަން ނާރާ ސަލާމަތް ވީތީ އޭނާ އުފާކުރިއެވެ. އަމިއްލަ ނަފްސަށް ބާރުފޯރުވުނީތީ އޭނާ ފަޚުރުވެރިވިއެވެ. ނޭނގި ހުއްޓާ ކަމެއްގެ ތެރެއަށް ވަދެވިގެން ގޮސް ދިރިއުޅުން ހަލާކުވާކަށް އޭނާ ބޭނުމެއް ނޫނެވެ.

ގެސްޓްހައުސް އެއްގައި ހުރެއްޖެނަމަ އޭނާއަށް ޚަރަދު ބޮޑުވާނެއެވެ. ކުޑަ އަގަކަށް އެހެން ކޮޓަރިއެއް ކުއްޔަށް ލިބުނަސް އޭނާގެ އަތުން ކޮންމެވެސް އެއްޗެއް ދާނެއެވެ. އާޒިމްގެ ކޮޓަރީގައި ހިލޭ ހުރެވޭތީ ނިހާވެސް ހުރީ ވަރަށް އުފާވެފައެވެ. އެހެންނަމަވެސް މިއަދު އޭނާ އެ ނިންމުން އެނިންމަނީވެސް ހަމަ ނިހާއަށް ޓަކައެވެ. ނިހާއާ އޭނާގެ މުސްތަޤްބަލަށް ޓަކައެވެ.

ފޯނުހިފައިގެން އާޒިމް އެނދުގައި އިށީނދެލީ ގެސްޓްހައުސް އަކުން ކޮޓަރިއެއް ހަމަޖައްސާށެވެ. ރަށުން އަންނަމުން އޭނާއައީ ގެސްޓްހައުސް ތަކުގެ ލިސްޓެއް ވެސް ހޯދައިގެންނެވެ. އޭގެތެރެއިން ނަންބަރަކަށް އޭނާ ގުޅާލައިފިއެވެ. އެވަގުތު ބޭރުން މީހަކު ވަރަށް ބާރަށް ރޮއެގަންއަޑު އިވުނެވެ.

"މީހެކޭ....! މީހެކޭ....!" 
އެއަޑުގައިވާ ހާސްކަން އިހުސާސް ކުރެވުމާއި އެކު އަޝްރަފަށް އެދިމާއަށް ދުއްވައިގަނެވުނެވެ. އެދިޔަ ބާރު މިނުގައި އަޝްރަފަށް ގޮސް މަޑުކޮށްލެވުނީ ފަރީޝާގެ ކޮޓަރީގެ ތެރޭގައެވެ. 
އެނދުގައި އޮތް ފަރީޝާގެ މުސްކުޅި ކާފައަށް ކޮންމެވެސް ގޮތެއް ވަނީއެވެ. އޭނާ ނޭވާ ނުލެވިގެން ތެޅި ފޮޅެނީއެވެ. 

އަޝްރަފް އެމީހާއަށް އެހީވެދިނުމަށް އަވަސްވެގަތެވެ. އޭނާ އެމީހާގެ ގައިގައި ހިފާ ތަޅުވައިގަތެވެ. މޭމަތީގައި ދެއަތުން އޮއްބާ، ބުރަކަށީގައި ތަޅާ، މަދު ސިކުންތު ކޮޅެއްގެ ތެރޭގައި އޭނާއަށް ހެދުނު އެއްޗެއް ހަދައިފިއެވެ. އެމީހާއަށް ނޭވާއެއް ލެވެންދެނެވެ.

"ކާފާ...!"
އިންތިހާއަށް ބިރުގެންފައި ހުރި ފަރީޝާ ރޮއެގަންނަމުން ކާފަގެ ކައިރިއަށް ޖެހިގަތެވެ. ކާފަ އަދިވެސް މުޅީން ރަނގަޅު ނުވާކަން ފަރީޝާއަށް އެނގުނެވެ. އަޝްރަފް ވެސް ހުރީ މާނޭވާ ލެވިފައެވެ. ފަރީޝާ އައިސް ކާފަ ކައިރީ، ތަޅުންގަނޑުމަތީ ދެކަކޫޖަހައިގެން އިށީނުމުން އަޝްރަފް ތަންކޮޅެއް ދުރަށް ޖެހިލަން އުޅުނެވެ. އެވަގުތު އެމީހާގެ އަތުން އަޝްރަފްގެ އަތުގައި ހިފައިފިއެވެ. ގަދައަށް ތުރުތުރު އަޅަމުން ދިއަ އެ އަތްތިލަ އަޝްރަފްގެ އަތުގައި ބީހުމުން އޭނާއަށް އިތުރު ބިރުވެރި ކަމެއް އިހުސާސް ކުރެވުނެވެ. އަޝްރަފް އޭނާއާ ދިމާއަށް ބަލައިލިއިރު އޭނާގެ ކަޅި މައްޗަށް އަރަމުންދާތަން ފެނުނެވެ. މަޑުމަޑުން އަޝްރަފަށް އެދިމާއަށް ތިރިވެވުނެވެ. އެމީހާއަށް ވަމުން އެދާ ގޮތް ފެނިފައި އަޝްރަފްގެ ހާސްކަން އިތުރުވިއެވެ.

"ދަރިފުޅާ....!"
އޭނާ އަޝްރަފްގެ އަތްތިލައަށް ފިތާލަން މަސައްކަތް ކުރަމުން، އުނދަގުލުން އަނގައިން ބަހެއް ބޭރު ކުރިއެވެ.
"އަހަރެންގެ މި .....އަމާނާތާ....ހަވާލުވެދީ..... ﷲ އަށް ޓަކާ.....!"

އެއަޑު އިވިފައި އަޝްރަފަށް ތެޅިގަނެވުނެވެ. ފަރީޝާއަށް ވެސް އަޝްރަފަށް ބަލާލެވުނެވެ. އެހެނަސް އެކަމަށް އިތުރު ސަމާލު ކަމެއް ދެވޭ ވަރަށް ވުރެ ވަގުތުގެ ނާޒުކުކަން ބޮޑެވެ.

"ދަރިފުޅާ...!"
ކާފަގެ އަތުން ފަރީޝާގެ އަތުގައި ހިފާލަން މަސައްކަތް ކުރިއެވެ. އެހެންނަމަވެސް އެކަން ވާގޮތެއް ނުވިއެވެ. އުފުލާލަން މަސައްކަތް ކުރި އަތް ފަރީޝާގެ އަތުގައި ޖެހުމުގެ ކުރީން ބާރު ދޫވެގެން އެނދު މައްޗަށް ވެއްޓުނީއެވެ. 

"ކާފާ....!"
ރޮއިގަންނަމުން ފަރީޝާ ކާފަގެ ފުރާނަ ނެތް މަސްގަނޑުގެ މައްޗަށް ވެއްޓިގަތެވެ. މި ދުނިޔޭގައި އޭނާގެ ހުރި ހަމަ އެކަނި މީހަކީ ކާފައެވެ. ކާފަވެސް އޭނާއާ ވަކިވެގެން އެދިޔައީ އެވެ. އޭނާ މި ދުނިޔެއަށް ބިކަވެ އެކަނި ވީއެވެ.

ފަރީޝާއަށް ދިމާވެފައިވާ އެ ހިތާމައިގެ ވަގުތުގައި އަޝްރަފްގެ ހިތުގައި ނުތަނަވަސް ކަމެއް އުފެދި ބޮޑުވަމުން ދިޔައީ ފަރިޝާގެ ކާފަ ނިޔާވަމުން އެބުނި ބަސްތައް ހަނދާން ވުމުންނެވެ. އެއީ އޭނާ ކުރި ވަޞިއްޔަތެކެވެ. އެ ވަޞިއްޔަތް އަޝްރަފް ފުރިހަމަ ކުރަން ޖެހޭނެ ހެއްޔެވެ!. އަޝްރަފަކީ އެއިން އެކަކާވެސް ގުޅުމެއް ހުރި މީހެއް ނޫނެވެ. މިއީ ކޮންކަހަލަ އިއްތިފާޤެއް ހެއްޔެވެ! ބޯހާސްވި ވަރުން އަޝްރަފް ކުޑައިރުކޮޅަކު ދުރުގައި މަޑުކޮށްލައިގެން ހުއްޓެވެ.

އެހެންނަމަވެސް ފަރީޝާ އެގޮތަށް ރޯތަން ބަލަން މާގިނައިރު ދުރުގައި ހުންނާކަށް އަޝްރަފަކަށް ފަސޭހައެއް ނުވިއެވެ. މިވަގުތު ފަރީޝާ އެވަނީ ކޮންމެވެސް އިންސާނެއްގެ އެހީތެރި ކަމަށް ބޭނުންވެފައެވެ. އަޝްރަފް ގުދުވެ ފަރީޝާގެ ކޮނޑުގައި ހިފަހައްޓާލިއެވެ. އަޝްރަފްގެ އެ ބީހުން ފަރިޝާއަށް މިވަގުތު އިހުސާސް ކުރެވޭ ހެނެއް ހިއެއް ނުވެއެވެ. ކާފަގެ ފުރާނަ ނެތް މަސްގަނޑުގައި ބާރަށް ހިފަހައްޓައިގެން އޮވެ ފަރިޝާ ގިސްލަ ގިސްލާފައި ރޮނީއެވެ. އޭނާ ވަނީ ގޮތް ހުސްވެ އެކަނިވެފައެވެ.

އަޝްރަފް ފަރީޝާގެ ކޮނޑުގައި ހިފައި، ގަދަކަމުން އޭނާ އެތަނުން ނެގިއެވެ. އެވަގުތު ފަރީޝާއަށް އަޝްރަފްގެ މޭގައި ބޯޖައްސާލެވުނެވެ.

އެވަގުތު ފަރީޝާއަށް އަޝްރަފްގެ ބީހުން އިހުސާސް ނުކުރެވުނު ނަމަވެސް، އަޝްރަފަށް އިހުސާސް ކުރެވެމުން ދިޔަ ފަރީޝާގެ ހޫނު ނޭވާތައް އަޝްރަފްގެ މޭ ތޮރުފަމުން ހިތަށް ހަމަލާދެމުން ދިޔައެވެ.

އަޝްރަފްގެ ކޯތާފަތުގައި ފަރީޝާގެ އިސްތަށިގަނޑު ބީހެމުން ދިޔައިރު ދުވަމުން ދިޔަ މަޑުމަޑު މީރުވަސް އަޝްރަފްގެ ސިނކުޑިއާ ހަމައަށް ވަނީ ފޯރާފައެވެ. މަޑުމަޑުން ފަރީޝާގެ އެ ފަށުވި އިސްތަށިގަޑުގައި އޭނާއަށް އަތް ކާއްތާލެވުނީ ބޭއިޚުތިއާރުގައެވެ. 

ފޮށިގަނޑު ހިފައިގެން ކޮޓަރިއާ ދިމާއަށް ދަނިކޮށް ފަރީޝާގެ ކޮޓަރި ތެރޭން އެފެނުނު މަންޒަރަކުން އާޒިމްގެ ދެލޯ ބޮޑުވެގެން ދިޔައެވެ. އޭނާގެ އަތުން ފޮށިގަނޑުވެސް ނުވެއްޓުނީ ހަމަ ކިރިޔާއެވެ.

"އަޝްރަފް!"
އާޒިމަށް ގޮވާލެވުނީ ވެސް ތަންކޮޅެއް ބާރަށެވެ.
އަޝްރަފާ ފަރިޝާވެސް އާޒިމަށް ބަލައިލިއެވެ. ފަރީޝާގެ މޫނުމަތި ފެނުމުން އާޒިމަށް އެއްޗެއް ވިސްނިއްޖެއެވެ. 

ފަރިޝާގެ ކާފަގެ ކަށުކަމާކެމީގެ ހުރިހާ ކަމެއް ހަމަޖެއްސީ އަޝްރަފްއެވެ. އެކަން ނިންމާފައި ގެއަށް އައި މަގުމަތީގައި ކާފަ ކުރި ވަޞިއްޔަތުގެ ވާހަކަ އާޒިމަށް ކިޔައިދިނުމުން އާޒިމް ވެސް ކަންބޮޑުވުން ފާޅުކުރިއެވެ.

"ތި ޖެހުނީ ވަރަށް ބޮޑުކަމެއް އަޝްރަފް....! ދެން އޭނަގެ ހުރިހާ ޚަރަދެއް ވެސް ބަލަހައްޓަން ޖެހޭނީ އަޝްރަފް......"
އާޒިމް އެވާހަކަ ދެއްކީ ވަރަށް ސީރިއަސްވެފައެވެ. 
"އަހަރެން ކިހިނެއް މީހަކަށް ޚަރަދު ކުރާނީ.... އެފެންވަރެއް އަހަރެންގެ ނެތް..... އޭނަ ރަށަށް ފޮނުވާލަމާ ހިނގާ....!"
މިހާރު އަޝްރަފް ބޭނުންވަނީ ފަރީޝާ ވީހާވެސް ދުރަކަށް ފޮނުވާލާށެވެ.

ފަރީޝާ ރަށަށް ފޮނުވާލާކަށް އާޒިމް އެހާ ބޭނުމެއް ނޫނެވެ. ފަރީޝާ އަކީ އާޒިމް ކައިރީގައި ގެންގުޅެލަން އެންމެ ބޭނުންވާ ފަދަ އަންހެނެކެވެ. އެކަމަކު ފަރީޝާއަށް ޚަރަދުކޮށްގެން މާލޭގަ ބެހެއްޓޭހާ ފެންވަރެއް އާޒިމް ގެ ކިބައިގައި ވެސް ނެތެވެ.

ގެއަށް އައިސް ފަރީޝާ ގާތުގައި ރަށަށްދާ ވާހަކަ ދެއްކީ އާޒިމެވެ. އެވާހަކަ ދެއްކުމުން ފަރީޝާގެ މޮޅިވެރިކަން އިތުރު ވެގެން ދިޔައެވެ. ރަށުގައި އޭނާއަށް އެހީވާނެ އެކަކުވެސް ނެތް ކަމަށް ބުނެ މާލޭގެ ގެއެއްގެ ގެންގުޅޭ ކުއްޖެއްގެ ގޮތުގައި ހުރުން ވެސް މާރަނގަޅު ކަމުގައި ބުނުމުން އަޝްރަފްގެ ހިތަށް ވަރަށް އަސަރު ކުރިއެވެ. އެހެން ނަމަވެސް ހިތުގެ މައްޗަށް ބާރު ފޯރުވަމުން ފަރީޝާ ބަހައްޓާނެ ގެއެއް ހޯދުމުގެ މަސައްކަތް އަޝްރަފް ފަށައިފިއެވެ. 

އަޝްރަފަށް ޖެހުނީ އެހެން ތާކަށް ބަދަލުވުމުގެ ޚިޔާލު މުޅީން ދޫކޮށްލާށެވެ. އޭނާ އެމީހެއްގެ ކިބައިން ސަލާމަތް ވާން މަސައްކަތް ކުރަމުން ދިޔަ މީހާގެ ބަލަދުވެރިއަކަށް މިހާރު އޭނާ އެވަނީ ވެފައެވެ. 

މަސް ހަމަވުމުގެ ކުރީން ފަރީޝާ އެހެން ތަނަކަށް ބަދަލު ނުކޮށްފިނަމަ އެ ކޮޓަރީގެ ކުލިވެސް ދައްކަން ޖެހޭނީ އަޝްރަފްއަށެވެ. އެކަމާ އަޝްރަފަށް ވުރެ ބޮޑަށް ކަންބޮޑުވީ އާޒިމްއެވެ. އަޝްރަފް އެއަށް ވުރެ ކަންބޮޑުވާ އެހެން ކަމެއް އެބައޮތެވެ. ފަރީޝާ މާ ގިނަ ދުވަހު ކައިރީގައި ހުންނަން ވެއްޖެނަމަ އޭނާ އެކުރަމުންދާ ހިތްވަރު ފެއިލް ވެދާނެއެވެ. މިހާރުވެސް އަޝްރަފް ބަލަނީ ފަރީޝާ ފެންނަ ހިސާބަށް ނުގޮސްވޭތޯއެވެ. ފަރީޝާ ކައިރީ އެއްޗެއް ބުނަން ބޭނުން ވިއަސް އެކަން ކުރުވަނީ އާޒިމް ލައްވައެވެ. އަދި ގިނަ ވަގުތު އަޝްރަފް މިހާރު އުޅެނީ ގޭން ބޭރުގައެވެ. ކްލާސް ގަޑި ނިމިއްޖެއްޔާ ލައިބްރަރީ ފަދަ ތަނެއްގައެވެ. ބައެއް ފަހަރު އޭނާގެ ހިތުގައި ކުޑަކުޑަ ބިރުވެރި ކަމެއް އުފެދެއެވެ. އާޒިމް އަކަށް އޭނާ އިތުބާރެއް ނުކުރެއެވެ. ގިނަ ވަގުތު ފަރީޝާއާ އާޒިމް އެކަނި ތިބެން ވެއްޖެނަމަ ގޯހެއް ވެދާނެހެން އަޝްރަފަށް ހީވެއެވެ. އެހެން ވިއަސް ހަގީގަތުގަ އެއީ މައްސަލައެއް ނޫނެވެ. އާޒިމް އަކީ ހުސްހަށިބައި މީހެކެވެ. އޭނާ އަށް މިހާރު ބޭނުން ވަނީވެސް ފަރީޝާ ކަހަލަ އަންބެކެވެ. އެހެން ހިތަށް އަރާ ކޮންމެ ފަހަރަކު އަޝްރަފްގެ މޭގެ ތެރެއަށް ދިލަ ހޫނެއް ވެރިވެގެން ދެއެވެ. އެއީ ކީއްވެކަން އަޝްރަފަށް އިނގެއެވެ. އެހެން ނަމަވެސް އެފަދަ ކުދިކުދި ބޭކާރު އިހުސާސް ތަކަކުން އަޝްރަފަކަށް ދެން އަސަރެއް ނުކުރާނެއެވެ. މިހާރު އޭނާ އެހެރީ އޭނާގެ ހިތުގެ މައްޗަށް ސިކުނޑި އިސް ކޮށްގެންނެވެ. އެ އަޒުމުގައި ދެމިހުންނަން އޭނާ ބޭނުމެވެ. 

ނަސީބު ރަނގަޅު ކަމުން ވަރަށް ފަސޭހައިން ފަރިޝާ ހުންނާނެ ގެއެއް ހަމަ ޖެހިއްޖެއެވެ. އަޝްރަފްއާ އެއް ކްލާހުގައި ކިޔަވަމުން އަންނަ އިގުބާލުގެ ގޭގައި ގެންގުޅޭ މީހަކު ނެތިގެން އަންހެނުންނަށް ވަޒީފާއަށް ނުނިކުމެވިފަ ހުންނަ ވާހަކަ އިގުބާލު ބުނުމުން އަޝްރަފް ވަރަށް އުފާވިއެވެ. އިގުބާލަކީ ރަނގަޅު އަޚުލާގެއްގެ ކުއްޖެކެވެ. އޭނާއާ ސީނާ އުޅެނީ ވަރަށް ލޯބިލޯބި ދިރިއުޅުމެކެވެ. އެހެން ކަމުން އެތަނަކީ ފަރީޝާއަށް ރައްކާތެރި ތަނަކަށް ވާނެ ކަމުގެ ޔަގީންކަން އަޝްރަފަށް އެބައޮތެވެ.

އާޒިމް މެދުވެރި ކޮށް ފަރީޝާއަށް އެވާހަކަ އެންގުމުން ފަރީޝާ އެކަމަކާ ދެކޮޅެއް ނަހަދައެވެ. އޭނާވެސް ބޭނުން ވަނީ އޭނާއަށް އިތުރު ޚަރަދު ތަކެއް ހިނގުމުގެ ކުރީން އެތަނުން ދާށެވެ. މުޅީން ހިލޭ ބަޔަކަށް އޭނާއާ ހެދި އުނދަގޫ ތަކެއް ވާކަށް އޭނާވެސް ނޭދެއެވެ. އަޝްރަފަކީ ވެސް އޭނާއަށް ހިލޭ މީހެކެވެ. އޭނާގެ ހިތުން ހާއްސަ ޖާގައެއް އަޝްރަފަށް ދެވިފައި ވީނަމަވެސް އަޝްރަފަށް ޓަކައި އޭނާއަކީ ބީރައްޓެއްސެކެވެ. ކާފަ ނިޔާވުމަށް ފަހު ވޭތުވެ ދިޔަ މަދު ދުވަސް ކޮޅުގެ ތެރޭގައި އެކަން އޭނާއަށް ވަނީ ސާބިތުވެފައެވެ. އޭގެ ފަހުން އެކަނިވެރި ކަމާއެކު ފަރީޝާ ވޭތުކުރަމުން ދިޔަ ކޮންމެ ދުވަހަކީ ކޮންމެ މިނެޓަކީ އަޝްރަފްގެ އިންތިޒާރުގައި ހޭދަވި ވަގުތު ތަކެކެވެ. އެހެން ނަމަވެސް ފަރިޝާގެ ލޮލަށް ފެންނަ ހިސާބަށް ވެސް އަޝްރަފް އައިސްފައެއް ނުވެއެވެ. އެހެން ކަމުން އަޝްރަފްގެ ހިތުން ފަރީޝާއަށް ހުސްވެފައިވާ އެއްވެސް ޖާގައެއް ނެތްކަމަށް ފަރިޝާ ގަބޫލު ކޮށްފިއެވެ.

އިގުބާލުމެން ގެއަށް ފަރިޝާ ގޮވައިގެން ދިޔައީވެސް އާޒިމްއެވެ. ފަރީޝާ ހީކުރީ ވަކިވެގެން ދިޔުމުގެ ކުރީން އަޝްރަފް ސަލާންކޮށްލަން އަންނާނެ ކަމަށެވެ. އެކަމަކު އެވަރުވެސް އަޝްރަފް ބޭނުން ނުވީތާއެވެ.

އަޝްރަފް، ފަރީޝާ އެހެން ތާކަށް ބަދަލު ކުރުމަށްފަހު އޭނާ އުޅުނު ކޮޓަރި ވެސް ދޫކޮށްލައިފިއެވެ. އަޝްރަފަށް ހިތްހަމަ ޖެހުމުގެ ނޭވާއެއް ލެވުނީ އަދި ކިރިޔާއެވެ. މިހާރު އަޝްރަފް ގެސްޓްހައުސް އަކަށް ބަދަލުވާ ވާހަކައެއް ވެސް ނުދައްކައެވެ. ސުވާލު އުފެދުނު ނަމަވެސް އާޒިމް އަޝްރަފްއާ އެސުވާލެއް ނުކުރެއެވެ.

ފަހަކަށް އައިސް ގިނަ ވަގުތު އަޝްރަފް އުޅެނީ ގޭގައެވެ. ކްލާހުން ދޭ ފިލާވަޅުތައް މުޠާލިއާ ކުރުމުގައި ވަގުތުތައް ހޭދަކުރަނީ ރަނގަޅު ނަތީޖާއެއް ހޯދުމަށެވެ. އޭރުން ނިހާ ވަރަށް އުފާވާނެއެވެ. މިހާރު އަޝްރަފަށް ވަރަށް ބޮލަށް ފަސޭހައެވެ. އާޒިމްވެސް ގިނަ ވަގުތު އުޅެނީ ބޭރުގައެވެ. ރޭގަނޑު ގެއަށް އަންނަނީވެސް އެހާ ލަހުންނެވެ. އަޝްރަފް އެކަމަކާ ސުވާލެއް ނުކުރެއެވެ. އާޒިމް ގެ މިނިވަންކަމަށް ހުރަސް އެޅިދާނެހެން ހީވާތީއެވެ.

ރޭގަނޑުގެ ގަޑިން 2.30 ވެ ބޮޑުވެއްޖެއެވެ. އަޝްރަފަށް ހޭލެވުނީ ދޮރުގައި މީހަކު ބާރަށް ތަޅާ އަޑަށެވެ. ކޮންމެ ރެއަކު ނިދޭ ފަހަން އައިސް އާޒިމް ދޮރުގައި ތަޅާތީ އަޝްރަފަށް ވަރަށް އުނދަގޫވެސް ވެއެވެ. މިރޭ އަދި އެތަޅަނީ މާ ބާރަކަށެވެ. ހީވަނީ ދޮރުވައްޓާލަ ފާނެހެންނެވެ. މިރޭ އާޒިމް މާވަރެއް ދައްކައިގެން އުޅޭހެން ހީވުމުން އަޝްރަފް ހިސާބަކަށް ހިތްހަމަ ވެސް ނުޖެހުނެވެ.

"މިހުޅުވަނީއޭ...!"
އަޝްރަފް އެހެން ބުނަމުން ގޮސް ދޮރު ހުޅުވާލިއެވެ. އަޝްރަފަށް ސިހުމެއް ލިބުނީ ދޮރުމަތީގައި ހުރި ފަރީޝާ ފެނުމުންނެވެ. 
ދޮރުހުޅުވާލުމާއި އެކު ފަރީޝާ އައިސް އަޝްރަފްގެ ގައިގައި ބާރަށް ހިފައިގަތެވެ. ފަރީޝާ ހުރީ މާނޭވާލެވިފައެވެ. ދާހިއްލާ ފޯވެފައެވެ. މީހާ ތުރުތުރު އަޅަމުން ދިޔައިރު އަނގައިން ގިސްލުމެއްގެ އަޑު ބޭރުވަމުން ދިއައެވެ. 

ފަރީޝާގެ ހިތުގެ ތެޅުން އިހުސާސް ކުރެވުނު ހިނދު އޭނާ ބިރުގެންފައިވާ މިންވަރު އަޝްރަފަށް ހާމަވެގެން ދިޔައެވެ. 
ވެގެން އުޅޭ ގޮތެއް ވިސްނާލަން ވެސް ނޭނގިފައި ހުރެ އަޝްރަފް ފަރީޝާގެ ބުރަކަށީގައި އަތް ޖައްސާލިއެވެ. އެއާއެކު އޭނާއަށް ކުރެވުނު ބިރުވެރި އިހުސާސަކުން އޭނާގެ އަތް ދަމައިގަނެވުނެވެ. އަޝްރަފްގެ އަތްތިލައަށް ތެއްކަމެއް އިހުސާސް ކުރެވުނީ ކީއްވެ ހެއްޔެވެ!. އަޝްރަފް ބިރުން ހުރެ މަޑުމަޑުން އޭނާގެ އަތް އުފުލާ ބަލާލިއެވެ. އެއަތްތިލަ ވަނީ ލެއިން ތަތްތެޅިފައެވެ. 

(ނުނިމޭ)

ކޮމެންޓް 0