(04 އޮކްޓޯބަރގެ އަދަދާ ގުޅޭ) 

ފަރީޝާ ސުވާލެއް ކޮށްފާނެތީ އަޝްރަފް ނުކުމެގެން ދިއައީ ކާން އިން ބަތް ތަށިވެސް ހުސް ނުކޮށެވެ. އެއީ އަޝްރަފް ދައްކަން ބޭނުން ވާހަކައެއް ނޫނެވެ. މާޒީ އަކީ އަބަދަކު އެހާ ފޮނި އެއްޗެއް ނޫނެވެ. 

ފަރީޝާއަށް އެތަނުގައި އިނދެ ބާރަށް ރޮވުނީ ކިހާ އިރެއް ވަންދެން ކަމެއްވެސް ނޭގެ އެވެ. އޭނާގެ ދިރިއުޅުމުގެ ހުރިހާ ކަމެއް ވަމުން އެއަންނަނީ އޭނާ ހީނުކުރާ ފަދަ ގޮތަކަށެވެ. ފަރީޝާގެ އެ ކަރުނަ ތަކަކީ ކޮން އަސަރެއްގެ ސަބަބުން އޮހޮރުނު ކަރުނަތަކެއް ކަމެއް ބުނެދޭންވެސް އޭނާ އަކަށް ނޭގެ އެވެ. އޭނާގެ ފިރިމީހާ އަކީ އުއްމީދު ކުރި ވަރުގެ މީހެއް ނޫންނަމަވެސް މިއަދު އޭނާ އުފާކުރަން ޖެހެއެވެ. މިހާރު އޭނާގެ ސިކުނޑިން އެބޮޑު ބުރަ ނެގިއްޖެ އެވެ. ފަރީޝާ ދެން އެވާހަކަ ދައްކާކަށް ބޭނުމެއް ނޫނެވެ. އަޝްރަފްގެ ކުށް އަޝްރަފަށް އިތުރަށް އިޙުސާސް ކޮށްދީގެން އަޝްރަފާ ފަރީޝާއާ ދެމެދުގައި އިތުރު ދުރު ކަމެއް އުފެދުން ނޫން ކަމެއް ނުވާނެ އެވެ. ވީ އެއްޗެއް ވެ ނިމުނީ އެވެ. އެދަރިފުޅަކީ އަޝްރަފްގެ ދަރިއަކަށް ވުން އެއީ ފަރީޝާގެ ނަސީބެވެ.

ސައްތާރުބޭ ބުނި ގޮތުން އެންމެ ފުރަތަމަ ޖެހޭނީ ރަޒީނާ ގެ ހިތް އާޒިމުގެ މައްޗަށް އަނބުރާލާށެވެ. މިރޭ ހަސީނާ އެހުންނަނީ ސައްތާރުބޭ ބުނި ގޮތަށް ހުރިހާ ކަމެއް ރާވައިގެން ނެވެ. ނުވައެއް ޖަހާއިރު އާޒިމް އެގެއަށް އަންނާނެ އެވެ. ސައްތާރު ބޭވެސް އެ ގަޑިއަށް އެގެއަށް އަންނާނެ އެވެ. އާޒިމަށް ވެސް ހަދާ ނަހަދާ އަންގާނުލާ ރަޒީނާ އާޒިމާ ހެދި މޮޔަކޮށްލުމަކީ ސައްތާރުބޭއަށް ފަސޭހަ ކަމެކެވެ. 

ނުވައެއް ޖަހަން ހަތް މިނެޓަށް ވީތަނާ އާޒިމްގެ ފޯނު ރިންގް ވާން ފަށައިފި އެވެ. އެއީ ރަޒީނާގެ މަންމަ ގެ ފޯނެކެވެ.
ނޭވާލާން އުނދަގޫވެގެން ތެޅިފޮޅެމުން ހަސީނާ ވާހަކަ ދެއްކި ގޮތުން އާޒިމް ވެސް ބިރުގަތެވެ. އޭނާ ފޯނު ނިއްވާލާފައި އެގެއާ ދިމާއަށް މިސްރާބު ޖެހިއެވެ. އެހާ ހިސާބަށް ދާން ވާއިރަށް މައިދައިތަ ދުނިޔޭގަ ހުންނާނެ ކަމުގެ ޔަގީން ކަމެއް ވެސް ނެތެވެ. 

އާޒިމް ދުވެފައި އައިސް އެގެއަށް ވަން އިރު ގޯތި ތެރޭގައި ހުރި ފަތް ޖެހި އެނދެއްގައި އެއްބުރި އެލުވައިގެން އޮވެ ހަސީނާ ތެޅި ފޮޅެނީ އެވެ. އާޒިމް އައިސް ވަން ތަނާހެން ސައްތާރުބެ ވެސް އަތުވެއްޖެ އެވެ. ސައްތާރުބޭވެސް ހުރީ އެހާ ހާސްވެފަ އެވެ. 

"ދަރިފުޅާ.. އަވަހަށް މަންމަ ބާއްވާލާ ރީތިކޮށް"
ސައްތާރުބޭގެ އެހީގައި އާޒިމް ހަސީނާ ފަތްޖެހި އެނދުގައި ބޭއްވި އިރު އާޒިމްވެސް ހުރީ ހާސްވެގެން ގޮސް ދާހިއްލާ ފޯވެފަ އެވެ.
"ބޭބެ ޖެހޭނީ ކުޑަކޮށް ކިއަވާލަން... މިހާރަކަށް އައިސް މީނައަށް ވާގޮތެއްމީ... މާ ބޮޑަށް ވިއްޔަ ފިކުރު ކުރަނީ!"
އެހެން ބުނެފައި ހަސީނާގެ މަގަތުގައި ސައްތާރުބޭ އިށީން ނަމުން ކައިރީގައި ހުރި ޕްލާސްޓިކް ގޮނޑިއަކަށް އިޝާރާތްކޮށް އާޒިމް ގާތުގައި ވެސް އިށީންނަން ބުންޏެވެ. ހަމަ ކިޔަވަން ފެށިތަނާ ހަސީނާއަށް ލޯ މެރިއްޖެ އެވެ. 

އިރުކޮޅެއް ވީއިރު ރަނގަޅަށް ނިދިއްޖެ އެވެ. އާޒިމް އިނީ ޙައިރާން ވެފައެވެ. ހަސީނާއަށް ޖެހިފަ އެހެރީ ފަންޑިތަ ވެރި ކަމަކަށް ނުވާއިރު އެހެދި އެއްޗަކުން ލުއިވާން ޖެހުނު ސަބަބެއް އޭނާ އަކަށް ނުވިސް ނުނެވެ. 

އާޒިމް ސުވާލެއް ނުކޮށް ބަލަން އިންދާ ސައްތާރުބޭ އަތުން ކޮންމެސް އިޝާރާތެއް ކުރާތަން ފެނުނެވެ. ފުރަތަމަ އޭނާ އެބުނާ އެއްޗެއް އާޒިމަކަށް ނުވިސްނުނެވެ. 

"އެކޮއި އަވަހަށް ދޭ... މަންމަ ނިދަން ބާއްވާފަ ސައްތާރުބޭ ވެސް މިދަނީ ދާން."
ސައްތާރުބޭ އަތުގެ އިޝާރާތުން އާޒިމް ގާތުގައި އެބުނަނީ ދެން ދާށޭ އެވެ. އާޒިމް އެއްޗެއް ނުބުނެ އެ ގޭން ނުކުމެގެން ދިއައީ އެވެ. އާޒިމް ހަމަ ދާއިރަށް ހަސީނާ ފުންމައިގެން ތެދުވި އެވެ. ސައްތާރުބޭ އަވަސްވެ ގަތީ އާޒިމް އިށީދެ އިން ގޮޑިއަށް ކަމެއް ކުރާށެވެ. ހަސީނާ ޖެހޭނީ އަވަހަށް ގޮސް ރަޒީނާ ގޮވައިގެން އަންނާށެވެ. އާޒިމް އިށީންތަނުން ހޫނުކަން ނުކެނޑެނިސް ރަޒީނާ އެ ގޮނޑީގައި ބައިންދަން ޖެހޭނެ އެވެ. އާޒިމް ގެ ހޫނުކަން ނުކެނޑެނިސް އެގޮނޑީގައި އިށީންނަ މީހަކު އާޒިމް އާއި ހެދި ހެސް ގަންނާނެ ކަމުގެ ޔަގީންކަން ސައްތާރުބެ ވަނީ ދީފަ އެވެ. އެހެން ނަމަވެސް އެ ކުޑަ ވަގުތު ކޮޅުގެ ތެރޭގައި އެކަން ކުރުން އެހާ ފަސޭހައެއް ނުވާނެ އެވެ. 

ހަސީނާ އަވަހަށް ގޮސް ރަޒީނާގެ ކޮޓަރި ދޮރާ ހިސާބަށް އެރި އިރު ދޮރުމަތީގައި ރަޒީނާ ހުއްޓެވެ. ހަސީނާ އެދިއަ ގޮތަށް ގޮސް ބަހެއްވެސް ނުބުނެ ރަޒީނާގެ އަތުގައި ހިފައިގެން ބޭރަށް ނުކުންނަން ބާރަށް ހިނގައިގަތީ އެވެ. އެއްވެސް ވަރަކަށް ރަޒީނާ ގަދަ ހަދާކަށް ނޫޅެ އެވެ. އޭނާ ވެސް ސުވާލެއް ނެތި ހަސީނާއާ އެކުގައި ބާރަށް ހިނގާފައި އައިސް ގޯތިތެރެއަށް ނުކުތެވެ. ހަސީނާ ހީކުރި ވަރަށް ވުރެ އެކަން ކޮށްލަން މާ ފަސޭހައެވެ. 

ރަޒީނާ ގޮވައިގެން ހަސީނާ އައިސް އެގޮނޑި ކައިރިއަށް ހުއްޓުނެވެ. 
"މިތާ އިށީނދެބަލަ!" 
ރަޒީނާގެ ބުރަކަށީގައި އަތް ޖައްސާލަމުން އަވަސް އަވަހަށް ހަސީނާ އެހެން ބުނުމާއެކު ރަޒީނާ ކުއްލި އަކަށް ހަސީނާއާ ދިމާއަށް އެނބުރުނެވެ.
"މަށެއްނޫން ކަލޭ!"
ރަޒީނާގެ އަނގައިން ބަރު އަޑެއް ބޭރުވެގެން ދިއުމާއި އެކު އޭނާ ބާރަށް އެނބުރިގަތެވެ. ހެދި ނެހެދިއެއް ނޭގުނެވެ. ހޭވެރިކަން ވީއިރު އެގޮޑީގައި ރަނގަޅަށް އިށީނދެވިފައި އެއިނީ ހަސީނާ އަށެވެ. ހަސީނާ އަވަހަށް ތެދުވަން މަސައްކަތް ކުރި އެވެ. ތެދުވެވޭ ގޮތެއްނުވި އެވެ. ފުރަގަހުން ހަސީނާގެ ކޮނޑުގައި ބާރަށް ހިފަހައްޓައިގެން ހުރި ބާރު ގަދަ އަތެއްގެ ސަބަބުން ނެވެ. ފޮޅުވާލަން މަސައްކަތް ކުރަމުން ހަސީނާ އިސް އުފުލާ އެމީހަކަށް ބަލާލި އެވެ. އެއީ ރަޒީނާއެއް ނޫނެވެ. އެ ސިފަ ހުތުރު، ކަޅު، ބިޔަ ޖިންނީގެ މޫނު ހަސީނާއަށް ފެންނަ ވަރުވީ ހަސިނާގެ ކަނދުރާ އެކީ ކޮޅަށް ޖެހުނު ފަހުންނެވެ. ގޭތެރެއަށް ވަދެ އަތުގައި ހިފައިގެން ހަސީނާއަށް އެގެނެވުނީ ރަޒީނާއެއް ނޫނެވެ. ގަތް ބިރެއްގެ ސަބަބުން ތުރުތުރު އަޅައިގެންގޮތަށް ގޮޑިވެސް ތެމިއްޖެ އެވެ. ގަޔަށް ކުޑަކަމު ދެވުނު އިރުވެސް ނޭގުނެވެ. ހަސީނާއާ ހަތަރު ކަޅި ހަމަވި ވަގުތު ޖިންނީގެ އަނގައިން ނުކުތް ބާރު އަޑަކާއެކު ބިންގަނޑުވެސް ތެޅިގަތެވެ. އޭތީގެ އަނގަ، ތަން މިނަށް ހުޅުވާލަމުން އެ ޖަހާލި ހިނިގަނޑާއެކު ހިސާބު ގަނޑުގެ ވެލިގަނޑުވެސް އެ އަނގައިގެ ތެރެއަށް ކެހިގެން ދިއައެވެ. ހަސީނާގެ ގައިން ޖަހުރީގެ އަތް ދޫކޮށްލުމުން، ގޮނޑިއާއި އެކު ހަސީނާ ބިންމައްޗަށް ވެއްޓުނީ ޚަބަރު ހުސްވެގެންނެވެ.

އާޒިމް މަގުމަތީ ހިނގާފައި ދަނިކޮށް މީހަކު ގޮވާލި އަޑު އިވުނެވެ. އާޒިމް އިވޭ ކަމަށް ނެހެދީ ގަސްދުގައެވެ. ނިހާއާ އޭނާ ކުރިމަތި ލާނީ ކޮން މޫނަކާއިގެން ހެއްޔެވެ؟ އަޝްރަފަށް އެހާ ފަސޭހައިން އެކަން ކުރެވުނަސް އާޒިމަކަށް އެހާ ފަސޭހައެއް ނޫނެވެ. ނިހާއާ ވާހަކަ ދައްކަން ވެއްޖެ ނަމަ ބުނަން ނުވާ އެއްޗެއް ވެސް އޭނާއަށް ބުނެވިދާނެ އެވެ. 

ފުރަތަމަ ދުވަހު މަގުމަތީން ނިހާ ފެނުމުންވެސް އޭނާ ނުފެންނަ ކަމަށް ހެދީ އެހެންވެ އެވެ. 
ނިހާ ބާރަށް ދުވެފައި އައިސް އާޒިމްގެ ކުރިމައްޗަށް ހުއްޓުނެވެ.
"މަށާ ވާހަކަ ދެއްކުން މަނާތަ؟"
ނިހާގެ މަޢުޞޫމް ލޯބި މޫނުކޮޅު ފެނުމުން އާޒިމަކަށް ފުރަގަހެއް ނުދެވުނެވެ. ނިހާގެ އެދުމަށް އާޒިމް ދިއައީ އެގެއަށް ކާށެވެ. އޭނާގެ މަގްސަދު އާޒިމަށް އެނގުނެވެ. ބޭނުމަކީ އަޝްރަފްގެ ވާހަކަ ދައްކާލާށެވެ. މީހަކު އަޝްރަފޭ ކިއާ އަޑު އަހާލެވުނަސް ނިހާގެ ހިތް އުފާވެއެވެ. އާޒިމް ވާހަކަ ދައްކަން ޖެހުނީ ވަރަށް ވިސްނައިގެން ނެވެ. ނިހާގެ އުއްމީދު ތަކުގެ ވާހަކަ އަޑުއަހަން އިން އާޒިމްގެ ހިތް ކުދިކުދި ވާހާވިއެވެ. މިކޮޅުގައި ނިހާ ރެއާ ދުވާލު މަސައްކަތް ކޮށްގެން އެ ހޯދާ ފައިސާއިން އަޝްރަފް ކިއަވައިގެން އައިސް، ދަރިއަކު ހޯދައިގެން ދިރިއުޅޭނެ ގޮތެއްގެ ޚިޔާލު ކުރުމުގައި ނިހާ ރޭދުވާ ހޭދަ ކުރަމުން ދާއިރު އަޝްރަފްގެ ދިރިއުޅުމުގެ ހުތުރު ޙަޤީޤަތާ މެދު ނިހާއަށް ކުޑަވެސް ހިލަމެއް ނުވެއެވެ. 

ކުރީ ދުވަހުގެ ހާދިސާ ގެ ފަހުން ރަޒީނާ ވީތަނެއް ނޭގުނެވެ. ހަސީނާ އެކަމާ ވަރަށް ހާސްވިއެވެ. ޖެހިގެން އައި ދުވަހުވެސް ރަޒީނާ ގެއަކަށް ނާދެއެވެ. އަނެއްކާވެސް ސައްތާރުބޭގެ ގެއަށް ހަސީނާ ދިއައީ ޝަކުވާ ގަނޑަކާއި އެކުއެވެ. އެ ހާދިސާގެ ވާހަކަ ކިއައި ދިނުމުން ސައްތާރުބޭ ވަރަށް ހާސްވެ، ކަންބޮޑު ވިއެވެ. އޭނާ ކުރާ ހުރިހާ ކަމެއް އެ އަންނަނީ އެކޮޅުކޮޅުން ޖެހެމުން ނެވެ. ހަސީނާ ބޮޑަށް ހާސްވެފައި ހުރީ ރަޒީނާއަށް ވީ ގޮތެއް ނޭގިގެންނެވެ. ސައްތާރުބޭ ބުނި ގޮތުގައި ޖިންނީން ހިތާވާ މީހުން ވަކި ހިސާބަކުން ގެއްލިފައި ވެސް އެބަހުއްޓެވެ. ޖިންނި އެމީހާ ގޮވައިގެން ދަނީ އެވެ. ހަސީނާ އެކަމާ ވަރަށް ކަންބޮޑުވިއެވެ. އެހެން ނަމަވެސް ސައްތާރުބޭ ރަޒީނާ ފެނޭތޯ އެއްޗެއް ހަދާދޭކަށް ނޫޅުނެވެ. ސައްތާރުބޭ ބުނީ އިހަށް ކަމެއް ނުކޮށް މަޑު ކުރުމަށެވެ. އެހެން ގެންގުޅެ ގެންގުޅެފައި ދުވަސް ގަނޑަކުން ރަޒީނާ ފޮނުވާލަ ފާނެ ކަމަށެވެ. ސައްތާރު ބޭ އެއަށް ވުރެ ކަންބޮޑުވީ އެހެން ކަމަކާ އެވެ. އޭނާ އެންމެ ފަހުން އެހެދި އެތި ފަހަރަށް ވީ ގޮތަކުންނެވެ. އޭގެ ނުރައްކާތެރިކަން އަދި ހަސީނާއަށް ނޭގެނީ އެވެ. އެވާހަކަ ހަސީނާއަށް ކިޔައިދޭން ވެސް ސައްތާރުބޭ ބޭނުމެއް ނޫނެވެ. މިހާރު އެ ހުރިހާ ކަމެއް އެވަނީ އޭނާގެ އަތް ފޯރާ ހިސާބަށް ވުރެ ދުރަށް ގޮސްފައެވެ. ސައްތާރުބޭ ދެން ބޭނުން ވަނީ އެކަމުން ސަލާމަތް ވާށެވެ.

އަނެއް ދުވަހުގެ އިރު އެރިއިރު ހަސީނާ ހުރީ ވަރަށް އުފާވެރި މޫޑެއްގަ އެވެ. މިއަދު އޭނާ ކޮންމެވެސް މޮޅު އެއްޗެއް ކައްކާލަން ބޭނުން ވިއެވެ. ކައްކާ ނިމުމުން އޭނާ ފެންވަރާލި އެވެ. ކުރީން ދުވަހަކުވެސް ރީތި ނުވާ ވަރަށް އޭނާ ރީތިވެލާ ހިތްވި އެވެ. ހުސްވެދާނެތީ ބޭނުން ކުރަން ނުކެރިގެން މާ ކުރީ ޒަމާނެއްގައި ފޮރުވި އަތަރު ފުޅީން އަތަރު ކޮޅެއްވެސް މިއަދު ގައިގައި ހާކާލެވިއްޖެ އެވެ. ރީތިވެ ނިމުނު އިރު ފަންސާހަށް ވުރެ މައްޗަށް ގޮސްފައިވާ ހަސީނާ ހީވަނީ ޅަ ކުއްޖެއް ހެންނެވެ. 

ދުވާލަކު އެތައް ފަހަރަކު އަޝްރަފް އާޒިމަށް އެބަ ގުޅައެވެ. އާޒިމް ފޯނު ނަގާކަށް ބޭނުމެއް ނުވެއެވެ. އޭނާ އަދި ފޯނު ނަގާހިތް ނުވަނީ އެވެ. އަޝްރަފް އެއުޅެނީ ފަރީޝާގެ ރަށަށް އާޒިމް ގެންދެވޭނެ ގޮތެއް ވޭތޯ ބަލާށެވެ. ނިހާ މެންގެ ގެއަށް އާޒިމް ދާން ފެށި ފަހުން އަޝްރަފް ގުޅާވަރު އިތުރު ވެއްޖެ އެވެ. އަޝްރަފް ބިރުން އުޅޭކަން އެނގުނީމައި އާޒިމް ހިތްހަމަ ޖެހުނެވެ. އެކަހަލަ ކަންތައް ކޮށްގެން އުޅޭ މީހުން ތިބެން ޖެހޭނީ އަބަދުވެސް ބިރުން ނެވެ. 

އާޒިމް ބޭރަށް ދާން ކޮޓަރީން ނުކުތްއިރު އެ ދުވައިގެން ތޫނު ވަހަކުން ބޯ އަނބުރާ ގޮތްވިއެވެ. އެއީ ކޮންމެސް އަތަރެއްގެ ވަހެކެވެ. ކަރު ވަސްގަނޑެއްވެސް އެބަހުއްޓެވެ. ގޯތިތެރެއަށް ނުކުމެވުނު ތަނާ އާޒިމް މޭނުބައި ކުރާގޮތް ވިއެވެ. އެއްކަލަ މުސްކުޅި މައިދައިތަ އުމުރާ ނުގުޅޭ ގޮތަކަށް ހެދިގެން ހުރިތަން ފެނުމުން ނެވެ. އޭނާ އެއައީ އާޒިމަށް ތަށި ބަރިއެއް ހިފައިގެން ނެވެ. 

"މިއައީ ކާއެއްޗެހި ހިފައިގެން!"
ހަސީނާ އެގޭގެ ކާ މޭޒު މަތީގައި ތަށިތައް އަތުރާލާ ކާން ތައްޔާރު ކުރިއިރުވެސް އަނގައިން ނުބުނެ ބަލަހައްޓައިގެން އާޒިމަށް ހުރެވުނީ ޙައިރާންވެފައެވެ. އެ ފެންނަނީކީ އާދައިގެ ކަންތަކެއް ނޫނެވެ. ބަފާބެގެ ޒަމާނުގައި ވެސް މައިދައިތަ އެވަރަށް ފެންވަރައިގެން ހުރި ދުވަހެއް އާޒިމް ހަނދާނެއް ނެތެވެ. 

ކާއެއްޗެހީގެ މީރުވަސް ދުވައި ގަތުމުން އާޒިމަށް ވެސް ބަނޑުހައިކަން އިޙުސާސް ކުރެވުނެވެ. މައިދައިތަ މާ ގިނައިން ކައްކާ ނޫޅުނަސް ކައްކާ އެއްޗެހި އަބަދުވެސް ވަރަށް މީރުވާނެ އެވެ. ރަޒީނާއާ އާޒިމް އަލުން ކައިވެނި ކުރޭތޯ އޭނާ ހާދަ ވަރެއް އެބަ ދައްކަ އެވެ. އާޒިމް ކާން އިށީނުމުން ކުރިމަތީގައި ހުރި ފާރުގައި ލެގިލައިގެން ހަސިނާ ހުއްޓެވެ. އާޒިމް ކާން އިނދެފައި ބަލާލާއިރު ހަސީނާ ހުންނަނީ ކަޅި ޖަހާނުލާ އާޒިމަށް ބަލާށެވެ. އިރުއިރު ކޮޅާ އާޒިމަށް ހަސީނާއާ ދިމާއަށް ބަލައިލެވެނީ ހަސީނާ އާޒިމާ ދިމާއަށް ބަލަން ހުރި ގޮތަކުން ނެވެ. އާޒިމްގެ ހިތުގައި ހީލި ކެރުވުމެއް އުފެދިގެން ދިއަ އެވެ. ކުރަން ނުވާ ވަރުގެ ނުބައި ޝައްކު ތަކެއް ވެސް ކުރެވެން އުޅުނެވެ. ވާނީވެސް އެހެންނެވެ. ރަޒީނާއާ ރައްޓެހިވެގެން އުޅުނު އިރުވެސް ރަޒީނާ އެފަދަ ގޮތަކަށް އާޒިމާ ދިމާއަށް ބަލައިލާފައިވެސް ނުވެއެވެ. އާޒިމް ގަތީ ބިރެވެ. އެދުވަހު ސައްތާރު އެކިޔެވި އެއްޗަކުން މައިދައިތަގެ ބޯ ގޯސްވީ ބާއޭވެސް ހިތަށް އެރިއެވެ. އާޒިމަށް ވަރަށް އުނދަގޫ ވިއެވެ. އޭނާ އަވަސް އަވަހަށް ކާލައިގެން އަނގައިންވެސް ނުބުނެ އެތަނުން ދާން ހިނގައިގަތެވެ.

އެރޭ ވެސް ހަސީނާއަށް ނިދޭ ގޮތެއް ނުވި އެވެ. ފާޑެއްގެ އުނދަގުލެއް ވަނީއެވެ. ދެފަރާތަށް ފުރޮޅި ފުރޮޅި އޮވެފައި އޭނާ ތެދުވެއްޖެ އެވެ. 

އާޒިމަށް ހޭލެވުނީ ގައިމަތީގައި މީހަކު އެއްޗެއް ބާއްވާލިހެން ހީވެގެން ނެވެ. މޫނު ހުދުވާ ވަރަށް ފުއްޖަހާފައި ހުރި މައިދައިތަ އެކޮޓަރި ތެރޭން ފެނުމުން އޭނާ ސިހުނެވެ.

"މިއުޅެނީ އާޒިމަށް ފިނިވެދާނެތީ!"
އޯގާތެރި ކަމާއެކު ހަސީނާ ބުންޏެވެ. އާޒިމް ހަމަ ޙައިރާންވެ އަންތަރީސް ވެއްޖެ އެވެ. މައިދައިތަ އަކީ ދަރިއަކަށް ވެސް އެހާ ހެޔޮ މީހެއް ނޫނެވެ. އާޒިމް ތެދުވެ އެނދުގައި އިށީނެވެ. އޭނާއަށް މިހާރު މިކަން ބޮޑު ވެއްޖެ އެވެ. 

"އަހަރެންނަށް ކިތަންމެ ހެޔޮ ވެގެން އުޅުނަސް، އަހަރެން ދެން ރަޒީނާއަކާ ނީންނާނަން!"
އާޒިމް ރަނގަޅަށް ސާފު ކޮށް ބުނެފި އެވެ. އާޒިމްގެ ނުރުހިފައިވާ މޫނުމަތި ފެނުމުން ހަސީނާ ވަރަށް ހިތުގައި ޖެހިއްޖެ އެވެ. އޭނާ އަމިއްލަ ހިތާ ސުވާލު ކޮށްލި އެވެ. އެހާ ވަރުން އާޒިމްގެ ފަހަތުން އޭނާ އެއުޅެނީ ރަޒީނާ އަށް ޓަކައި ބާއެވެ! ރަޒީނާ މިހާރު ނުވެސް ނެތެވެ. އާޒިމް ފެންނަ ހިސާބުން ދުރަށް ދާން ބޭނުން ނުވެގެން ހަސީނާއަށް އެ އުޅެވެނީ ކީއްވެ ހެއްޔެވެ! ހަސީނާ އަށް ވިސްނިއްޖެ އެވެ! ވަރަށް ލަދުވެސް ގަނެއްޖެ އެވެ. އޭނާ އަވަސް އަވަހަށް އެ ކޮޓަރީން ނިކުމެގެން ބާރަށް ހިނގައިގަތެވެ. މިހާރު އޭނާއަށް އެ ވެގެން އުޅޭ ގޮތް ރަނގަޅަށް އެނގިއްޖެއެވެ. ރަޒީނާ އާޒިމާ ހެދި މޮޔަ ކޮށްލަން ސައްތާރުބޭ ހެދި އެތިފަހަރު އެ ޖެހުނީ އޭނާ އަށެވެ! އާޒިމް އިށީން ގޮނޑިން ހޫނުކަން ނުކެޑެނިސް އެގޮނޑީގައި އިށީންދެވުނީ އޭނާއަށެވެ. ސުބްހާނަﷲއެވެ! މިކަމުން ސަލާމަތް ވާނީ ކިހިނެއް ހެއްޔެވެ! މީ ކިހާ ނުބައި، ހަޑި ހުތުރު ކަމެއް ހެއްޔެވެ! 

ހަސީނާ އެދިޔަ ގޮތަށް ގޮސް ސައްތާރުބޭގެ ދޮރުގައި ތަޅައި ގަތެވެ. ސައްތާރުބޭ ދޮރު ހުޅުވާލުމާއި އެކު ހަސީނާ އެއްޗެއް ބުނުމުގެ ކުރީން އޭނާ ޖަވާބު ދިނެވެ.

"ދެން ތިއިން އެއްވެސް ކަމަކަށް މަށަކަށް ކަމެއް ނުކޮށްދެވޭނެ..! އެހެންވީމަ ދެން މަގޭ ކައިރިއަށް ނާންނާތި!"
އެއްވެސް ރަހުމެއް ނެތް ގޮތަކަށް ސައްތާރުބޭ އެހެން ބުނެފައި އެތެރެއަށް ވަދެ ދޮރު ޖެހީ އެވެ. ހަސީނާ ގޮތް ހުސްވެފައި އިރުގަނޑަކު އެތަނުގައި ހުއްޓެވެ. ރަޒީނާ އެ ޖިންނީގެ ކިބައިން ސަލާމަތް ކުރަން ހަސީނާ ކުރި މަސައްކަތް ނާކާމިޔާބުވުމުގެ އިތުރުން ރަޒީނާއަށް ވީގޮތެއް ވެސް ނޭގުނެވެ. އަދި ސަލާމަތް ނުވާވަރުގެ އަނދަވަޅަކަށް ހަސީނާގެ އަމިއްލަ ނަފްސު ވެސް ވެއްޓުނީ އެވެ.

އަޝްރަފް ފަރީޝާގެ ރަށުގައި ހުރި މަދު ދުވަސްކޮޅުގެ ތެރޭގައި ފަރީޝާއާ އަޝްރަފާ ދޭތެރޭގައި މާ ބޮޑު ގާތް ކަމެއް ނުއުފެދެއެވެ. އިރު އެރީއްސުރެ ރޭގަނޑުގެ ދަން ވަންދެން އަޝްރަފް އުޅުނީ މަސައްކަތުގަ އެވެ. ފަރީޝާއަށް ޓަކައި އެންމެ ވަގުތު ކޮޅެއްވެސް ހުސް ކޮށްލުމަކީ މުހިންމު ކަމެއް ކަމަކަށް އަޝްރަފް ނުދެކެ އެވެ. ދޭތެރެއަކުން ފަރީޝާ އަޝްރަފް އަތުލައި ގަނެވޭތޯ މަސައްކަތް ކުރެ އެވެ. އެހެން ނަމަވެސް އެއަށް ވުރެ އަޝްރަފް މާ ހުޝިޔާރެވެ. އޭނާ ދެން ފަރީޝާއާ އެފަދަ ގާތް ކަމެއް ނުބާއްވަން އަޒުމު ކަނޑައަޅާފައި ވާ ކަހަލަ އެވެ. ކުޑަ ދުވަސް ކޮޅެއްގެ ތެރޭގައި އަޝްރަފްގެ މަސައްކަތް ނިންމާ ލެވިއްޖެ އެވެ. މާލެ ދާން މިހާރު ލަސްވެސް ވެއްޖެ އެވެ. ކިޔެވުމުގެ ބޮޑުބައެއް ގެއްލިއްޖެއްޔާ ރަނގަޅު ނަތީޖާއެއް ނުލިބޭނެ އެވެ. ބޯ ހާސް ކަމުގައި އުޅެމުންވެސް ނިހާ އުފާވާވަރުގެ ނަތީޖާއެއް ހޯދަން އޭނާ ބޭނުން ވިއެވެ.

އަޝްރަފް މާލެ ދާން އުޅެން ފެށުމުން ފަރީޝާ ވަރަށް ރުޔެވެ. އޭނާ ދެރަ ވާނެ ވަރު އަޝްރަފަށް އިޙުސާސް ކުރެވެ އެވެ. އެހެން ނަމަވެސް އެހެން ގޮތެއް އަޝްރަފަކަށް ނެތެވެ. އަޝްރަފް ފޮށި ހިފައިގެން ހިނގައިގެން ތަނާ ފޯނު ރިންގު ވާން ފަށައިފި އެވެ. އެއީ ނިހާގެ ފޯނެކެވެ. ނިހާ ދިން ޚަބަރަކުން ގަނޑުވެފައި އަޝަރަފަށް އިރުގަނޑަކު ހުރެވުނެވެ.
(ނުނިމޭ)

ކޮމެންޓް 0