(18 ނޮވެމްބަރގެ އަދަދާ ގުޅޭ)
" މީ އަޝްރަފް ގެ ގަމީހެއް!"
ދަތް ތަކަށް ބާރު ލަމުން ފަރީޝާ އެހެން ބުނީ ރުޅިވެރި ކަމާއި އެކުގަ އެވެ.
އާޒިމް ވިސްނާލި އެވެ. ފަރީޝާއަށް އެހެން ބުނެވިދާނެއެވެ. އެ ގަމީސް އަޝްރަފް ބޭނުން ކުރާތާ ދުވަސް ކޮޅެއް ވެއްޖެ އެވެ.
" ތީ އަސްލު އަހަރެންގެ ގަމީހެއް!"
އާޒިމް ބުނެލި އެވެ. އާޒިމާ ދިމާއަށް ބަލަން ފަރީޝާ އިރުކޮޅަކު އިނެވެ.
" އެހެން ވީމަ އަޝްރަފް އެ މަސައްކަތް ކުރީ އާޒިމް ގެ މަތި އަޅުވަންދޯ...! އަޝްރަފަކީ ވަރަށް ނުބައި މީހެއް... ރީތި ސިފައެއްގަ ހުރި ޖަނަވާރެއް!"
އެރޭގެ ހަނދާންތައް އާވެގެން ދިޔަ ހިނދު ފަރީޝާގެ ހިތުގައި ހުޅު ހިފައިފި އެވެ. އާޒިމް ހުރީ ޙައިރާންވެފަ އެވެ. ފަރީޝާ އެވަރަށް އަޝްރަފް ދެކެ ރުޅި އަންނަން ޖެހޭ ސަބަބެއް އޭނާ އަކަށް އަދިވެސް ނޭގެ އެވެ.
" މަޑުމަޑުން ހުއްޓަސް އެއީ ވަރަށް ނުބައި މީހެއް...! އޭނަގެ ޙަޤީޤަތް އޮޅުވާލައިގެން އުޅެނީ ހަމަ އެކަނި ނިހާ އަކަށް ނޫން... މުޅި ދުނިޔެއަށް....! އޭނައަކީ މަސްތުވާ ތަކެތިވެސް ބޭނުން ކުރާ މީހެއް!"
ފަރީޝާ އެހާ ޔަގީން ކަމާއި އެކު އެވާހަކަ ބުނުމުން އާޒިމް ހުރީ ޤަބޫލު ކުރާނެ އެއްޗެއްވެސް ނޭގިފަ އެވެ. ދުވަހަކުވެސް އަޝްރަފް އެ ޒާތުގެ ކަމެއް ކުރިކަމެއް އާޒިމަށް އެނގިފައެއް ނެތެވެ. އަދި ކޮށްފާނެ ކަމަކަށް ޤަބޫލެއްވެސް ނުކުރެވެ އެވެ.
" ނުކުރެވޭ ދޯ ޤަބޫލެއް...؟ އެއަށް ވުރެ މާ ނުބައި ކަންތައްވެސް ކޮށްފަ ހުރި މީހެއް އެއީ...!"
އެހެން ބުނަމުން ފަރީޝާ ތެދުވި އެވެ. އޭރު ފަރީޝާގެ ލޮލުން ކަރުން އޮހޮރެމުން ދިޔަ އެވެ. އޭނާ އައިސްފައިވާ ގަދަ ރުޅީގެ ސަބަބުން އެހެން ދުވަސް ދުވަހަށް ވުރެ މިއަދު އަޑުވެސް ގަދަ އެވެ.
" ބަލާލަ...! މިއޮތީ....! އެރޭ އޭނަ ލައިގެން ހުރި ގަމީސް... މީ ހަމަ އެ ގަމީސް...!"
އެހެން ބުނަމުން ފަރީޝާ އެ ގަމީހުގެ ޖީބާ ދިމާ މޭމަތި ދައްކާލި އެވެ. ޖީބު ހަރުކޮށްފައި ވާ ތަނުން ޖީބު ނައްޓާލާފައިވާ ކަން އެނގެ އެވެ.
" މި ގަމީހުގެ ޖީބު އިރާލީ އަހަރެން... އަހަރެން ސަލާމަތް ވާން ވެގެން އުޅެނިކޮށް ދަމައި ގަނެވުނީ!"
ފަރީޝާ ދައްކަމުން ދިއަ ވާހަކަ ތައް އަޑު އަހަން ހުރި އާޒިމަށް އޭނާގެ ނިއްކުރީގައި ހިފަހައްޓާލެވުނެވެ. އެވާހަކަ ތަކުގެ ސަބަބުން އޭނާގެ ބޮލަށް ފާޑެއްގެ ގޮތެއް ވާން ފަށައިފި އެވެ. އޭނާ ލޯ މަރާ ބާރު ކޮށްލި އެވެ. ދެން އަނެއްކާވެސް އެ ގަމީހަށް ބަލާލި އެވެ. ގަމީހުގެ ޖީބު ހަރުކުރި ހިސާބުން ވީދައިގެން ގޮސްފައިވާ ދިމާއަށް ވަނީ ރޮދި ޖަހާފަ އެވެ. އާޒިމް މަޑުމަޑުން މޫނު އަނބުރާލި އެވެ. އެ ގަމީސް އޭނާ އެންމެ ފަހުން ލީ ކޮން ދުވަހަކު ހެއްޔެވެ! ގަމީހުގެ ޖީބު ނައްޓާލުމުގެ ފަހުން އޭނާ އެ ގަމީހެއް ނުލަ އެވެ. އަޝްރަފަށް އެ ގަމީސް ލިބޭނީ އާޒިމް ފަރީޝާއާ އެކުގައި ފުރައިގެން ދިޔަ ފަހުންނެވެ. އެހެން ވިއްޔާ ފަރީޝާ އެދައްކަނީ ކޮން އިރެއްގެ ވާހަކައެއް ހެއްޔެވެ! އަޝްރަފް ކައިރިން ފަރީޝާ ސަލާމަތް ވާން މަސައްކަތް ކުރަން ޖެހުނީ ކޮން އިރަކު ހެއްޔެވެ؟
" އަހަރެންގެ ކާފަ އޭނައާ އަހަރެން ހަވާލު ކުރީ އަމާނާތެއްގެ ގޮތުގަ...އެކަމަކު މާތް މީހެއް ކަން ދައްކަން ވެގެން އަހަރެންނަށް މާލޭގަ ހުރެގެން ކިޔެވޭނެ ގޮތެއް ހަދާދޭށޭ ކިޔާފަ އަހަރެން ގެންގޮސް އިގުބާލު މެންގެ ގެއަށް ލާފަ.. އިގުބާލުމެން ރަށުގަނެތް ދަންވަރެއްގަ އައިސް އަހަރެންގެ...."
ފަރީޝާ އަށް ގިސްލެވެން ފަށައިފި އެވެ. އެވާހަކަ އެހާ ތަފްސީލް ކޮށް އޭނާ އެއްވެސް މީހަކަށް އަދި ކިޔައެއް ނުދެ އެވެ.
އާޒިމް ޝައުގުވެރި ކަމާއިއެކު އެވާހަކަ އަޑުއަހަން ހުރިއިރު ނޭގޭ ހާސްކަމެއްގެ ސަބަބުން އޭނާގެ ހިތުގެ ތެޅުން އަވަސް ވަމުން ދިޔަ އެވެ.
" އަހަރެން އެކަނި ގޭގަ ނިދާފަ އޮއްވާ އަހަރެންގެ ކޮޓަރިއަށް އޭނަ ވަނީ ކަރަންޓު ބޯޑުން ބްރޭކަރު ވައްޓާލާ ގެއިން ކަރަންޓުވެސް ކަނޑާލާފަ...!"
ފަރީޝާގެ އަޑު އަހަން ހުރި އާޒިމްގެ މޫނު މަތީގެ ކުލަވަރު ހިނދު ކޮޅަކަށް ވުރެ ހިނދުކޮޅެއް ދިޔައީ އަނދިރި ވަމުންނެވެ. މަޑުމަޑުން ކައިރީގައި ހުރި ގޮނޑީގައި އިށީން އިރު އާޒިމް ވަނީ ދާ ހިއްލާ ފޯވެފަ އެވެ.
" އަހަރެންގެ ކޮޓަރިއަށް އޭނަ ވަން އިރު ހުރީ މި ގަމީސް ލާފަ.... މި ގަމީހުގެ ޖީބު އަހަރެން އެގޭން ނުކުމެގެން ދުއްވައިގެން އިރުވެސް އަހަރެންގެ އަތުގަ އޮތް...!"
ފަރީޝާގެ މޫނަށް ކަޅި ހުއްޓާލައިގެން އިން އިރު އާޒިމްގެ ނިއްކުރި މަތީން އެތަށް ހާސް ރުލެއް ފާޅުވަމުން ދިޔަ އެވެ. އޭނާ އިނީ ބޮލުގައި ދެއަތުން ހިފަހައްޓާލައިގެންނެވެ. މިހާރު އެވާހަކަ އަޑުއަހަން އޭނާއަށް ކެތް ވަނީކީ ނޫނެވެ. ފަރީޝާ ގިސްލާ ރޮމުން، ކުޑަކޮށް ހަޅޭއްލަވަމުން އެދައްކާ ވާހަކައިގެ ހުރި ހިތިކަން މިއަދު އާޒިމަށް އެބަ އިޙުސާސް ކުރެވެއެވެ.
" އަހަރެން ހާދަ ރުއީމޭ.... ހާދަ އާދޭހެއް ކުރީމޭ.... ސަލާމަތް ވާން އުޅެނިކޮށް ގޮސް ބިއްލޫރި ގަނޑުގަ ޖެހިފަ ތަޅައިގެން ގޮސް އަހަންނަށް އަނިޔާވި އިރުވެސް ދޫކޮށް ނުލި... އެހާވަރަށް އަމަލުވެފަ އޭނަ ހުރީ... އެންމެ ފަހުން އެ ރަޙުމް ކުޑަ މީހާ ދިޔައީ އަހަރެންގެ..."
" ހުއްޓާލާ...!"
އާޒިމަށް ބާރަށް ބުނެވުނެވެ.
" ޕްލީސް! "
އެވާހަކަ އިތުރަށް އަޑުއަހާކަށް އޭނާއަކަށް ކުޅަދާނައެއް ނުވި އެވެ. އަވަސް އަވަހަށް އާޒިމް އިން ތަނުން ތެދުވެއްޖެ އެވެ. އޭރުވެސް ފަރީޝާ ގިސްލަ ގިސްލާފައި ރޮނީ އެވެ. އެތައް ދުވަހެއް ވަންދެން ހިތުގައި ފޮރުވައިގެން ހުރި ހުރިހާ ރިހުންތަކެއް ބަންޑުން ޖަހާލާނެ ފުރުސަތު އެ ލިބުނީ އަދި ކިރިޔާ އެވެ.
އާޒިމް ބަރު އަދި އުދަނގޫ ފިޔަވަޅު ތަކެއް އަޅަމުން ކުރިއަށް ހިނގައި ގަތެވެ. ހީވަނީ ހަށިގަނޑުގެ ވަރު ދޫވެ ދެންމެ ދެންމެ އަރި އަޅާލަ ފާނެ ހެންނެވެ. އެވާހަކަތައް އާޒިމަށް ކިޔާދީފިއްޔާ އެވަރު ވާނޭކަން ފަރީޝާއަށް ކުރީންވެސް އެނގުނެވެ.
އާޒިމް ފާޚާނާއަށް ވަދެ އަވަސް އަވަހަށް މޫނަށް ފެން ޖަހާލި އެވެ. ބޮލާ މޫނުން އަރަމުން ދިޔަ އާވީގެ ސަބަބުން ހީވަނީ މީހާ ވިރުވާލަފާނެ ހެންނެވެ. މޫނު ދޮވެލުމަށްފަހު އިސް އުފުލާލި ވަގުތު އޭނާއަށް އޭނާގެ އަމިއްލަ މޫނު ލޯގަނޑުން ފެނުނެވެ. އެވަގުތު އޭނާ ބޭނުން ވީ އެ މޫނު މަތި ތަޅާ ޗިސްކޮށްލާށެވެ! ކޮށި ވަޅިއަކުން ކޮށާ ކުދި ކޮށްލާށެވެ! އޭނާއަށް ޙައްޤު އަދަބަކީ އެއީއެވެ!
ގަމީހުން ބައެއް ގޮއްތައް ނެއްޓިފައިވާއިރު މޭމަތީން ފެންނަން ހުރި އިސްތަށި ތަކުގައި އާޒިމަށް އަތް ކާއްތާލެވުނީ ބޭއިޚުތިއާރުގަ އެވެ. މޭމަތީން އިސްތަށި ނުފަޅާ އެހެރަ ކުޑަ ތަންކޮޅަކީ އެރޭގެ ހަނދާނެވެ! އާޒިމް އޭނާގެ ބޮލުގެ ދެފަރާތުގައި ދެއަތުން ބާރަށް ހިފަހައްޓާލި އެވެ. އެވަގުތު އެރޭގެ ބައެއް ތަންތަންކޮޅު އޭނާގެ ހަނދާނަށް އަންނަމުން ދިޔަ އެވެ.
އެރޭ އާޒިމް ރައުއްޓޭ ގެއަށް ދިޔައީ އެ ގަމީސް ލައިގެންނެވެ. އެގެއަށް ދިޔަ އިރު ރައުއްޓޭގެ ގުރޫޕްގަނޑު ފޯރި ނަގަމުން ދިޔަ އެވެ. ހަތަރު ފިރިހެނުންނާ ތިން އަންހެން ކުދީންނާއެކު އާޒިމަށް ވެސް އެކަމުގައި ބައިވެރިވެވުނެވެ. އެރެއަކީ އާދަޔާ ޚިލާފަށް މަޖާ ނެގުނު ރެއެކެވެ. ލަދެއްނެތި އެންމެން އެކުގައި ބަލަމުން ދިޔަ އިގިރޭސި ފިލްމަކީ އެރޭގެ ފޯރި އިތުރު ވެގެން ދިޔަ ސަބަބެވެ. ފިލްމުގެ ވަކި ހިސާބަކަށް ދިޔައިރު ޖޯޑު ޖޯޑަށް އެކި މީހުން އެކި ތަނަށް ވަދެ ހުސް ވެއްޖެ އެވެ. ފިލްމުގައި ފެންނަމުން ދިޔަ ކޮންމެ މަންޒަރެއް އާޒިމަށް ސިފަވަމުން ދިޔައީ އޭނާއާ ފަރީޝާގެ މަންޒަރެއްގެ ގޮތުގަ އެވެ. އެހެން ކަމުން އެ މަންޒަރު ތަކުން ހިތް އުފާ ކުރަމުން ދަނިކޮށް އާޒިމަށް ނިދުނީ އެވެ. ގޮނޑިއަކަށް ވެއްޓުނު ގޮތަށް ފާޑަކަށް ދެމިފައި އޮއްވާ އާޒިމަށް ހޭވެރިކަން ވީ ފޯނު ރިންގް ވާން ފެށުމުންނެވެ. ގުޅީ ރައުއްޓޭ އެވެ. ރައުއްޓޭ ބުނީ ސޯމާ އޭނާގެ އެޕާޓްމެންޓްގައި އާޒިމަށް އިންތިޒާރު ކުރަން އޮތް ވާހަކަ އެވެ.
އާޒިމް އަވަސްވެ ގަތީ ސޯމާގެ ގެއަށް ދާށެވެ. ކުޑައިރު ކޮޅެއްގެ ކުރީން " ޗާރޖު" ވެފައިވާ އޭނާގެ ހިއްސުތައް މައިތިރި ނުކުރެވެނިސް އޭނާގެ ސިކުނޑިއަކަށް ލުޔެއް ނުލިބޭނެ އެވެ. ސޯމާ އަކީ އެފަދަ ވަގުތު ތަކުގެ ބައިވެރިޔާ އެވެ. ލާނެއް އަންހެން ކުއްޖެކެވެ. ސޯމާއާ އެކީ ހޭދަ ކުރާ ކޮންމެ ރެއަކީ ކޮންމެ މީހަކަށް ވެސް ތަފާތު ރެއެކެވެ. ކޮންމެވެސް އާދަޔާ ޚިލާފް ގޮތަކަށް ކޮންމެ ރެޔެއް ނިންމާލުމަކީ ސޯމާގެ ކުޅަދާނަ ހުނަރެވެ. އެރޭ އާޒިމް އެގެއަށް ދިޔައިރު ސޯމާ އޮތީ ކޮޓަރީގަ އެވެ.
އާޒިމްވެސް ބޭނުންވީ އާޒިމްގެ ހުރި ތަފާތު ހުނަރެއްވެސް ދައްކާލާށެވެ. އެހެން ކަމުން ސިޓިންގް ރޫމަށް ވަނުމަށް ފަހު ފުރަތަމަ ވެސް ގޭގެ ކަރަންޓު ކަނޑާލީ އެވެ. ސޯމާގެ ކޮޓަރިއަށް ވަނުމަށް ފަހު އޭނާ އެރޭ ކުޅުނީ އާ ވައްތަރެއްގެ ކުޅިވަރެކެވެ. ގަދަކަމުން އުފާ ހޯދުމަކީ ދުނިޔޭގެ ހިސާބު ތަކުގައި ދެމަފިރީންވެސް ޖަހާ ސަކަރާތެކެވެ. އެކަމުގައި އާޒިމާ އެކު ސޯމާވެސް ބައިވެރިވި އެވެ. ނޫން ކަމަށް ހަދައިގެން އެރޭ ސޯމާ ލެވި ހަޅޭކާ ކުޅެލި ފިލްމު އާޒިމަށް ވަރަށް ކަމުދިޔަ އެވެ. އެ ސަކަރާތުގައި އާޒިމަށް ވެސް ހިސާބަކަށް އަނިޔާ ވިއެވެ. އެހެން ނަމަވެސް އެރޭ ލިބުނު ހިތްހަމަ ޖެހުމަށް ވުރެ ބޮޑު ހިތްހަމަ ޖެހުމެއް ދުވަހަކުވެސް ނުލިބެ އެވެ. ގެއަށް އައިސް ނިދުނު ގޮތަށް އާޒިމަށް ހޭލެވުނީވެސް އެއް ދުވަސް ފަހުންނެވެ. ހޭލެވުނު އިރު އެރޭ ހިނގި ކަންތައްތައް މާ ރަނގަޅަކަށް ހަނދާނެއް ނެތެވެ. އަނެއް ދުވަހު ދަބަހަށް އެއްޗެހި އަޅަނިކޮށް އެ ގަމީސް ފެނުނެވެ. ގަމީހުގެ ޖީބަށް ވީ ގޮތެއް ކުޑަކޮށް ހަނދާން ކޮށްލަން އުޅެގެންވެސް ހަނދާންވާ ގޮތެއް ނުވި އެވެ. އެއީ އާޒިމްގެ ހަޔާތުގައި އަލަށް އުޅެވުނު ގޮތެއް ނޫނެވެ. އެހެން ނަމަވެސް އެރެއަށް ފަހު އާދަޔާ ޚިލާފް ބިރުވެރި ކަމެއް ހިތުގައި އުފެދި ބޮޑު ވަމުން ދިޔަ އެވެ.
އާޒިމް ހީކުރީ އެއީ ފަރީޝާ އަށް ހިތް ލެބެމުން ދިއުމުގެ ސަބަބުން ވީ ގޮތް ކަމަށެވެ. ފަރީޝާ ފަދަ ތޯހިރު އަންހެން ކުއްޖެއްގެ ފިރިއަކަށް ވާން އުއްމީދު ކުރެވިފައި ވާތީ ވާ ގޮތް ކަމަށެވެ. އާޒިމްގެ އެ ހުތުރު އަމަލު ތައް ފަރީޝާއަށް އެނގިދާނެތީ ޖެހިލުން ވާތީ ވާ ގޮތް ކަމަށެވެ. އަޝްރަފް މެންގެ ކޮޓަރިއަށް އާޒިމް ބަދަލުވެ އެފަދަ އަމަލެއް ދެން ނުކުރުމަށް އާޒިމް ނިންމީވެސް ފަރީޝާއަށް ޓަކައެވެ. އެހާ ހިސާބުން އާޒިމް އޭނާ ކުރީން އުޅެމުން އައި ގޮތް ބަދަލު ކޮށްލުމަށް އަޒުމް ކަނޑަ އެޅީ އެވެ. ނުބައިކަން ބޮޑު އެ ހުތުރު އަމަލުތައް ހަނދާން ނައްތާލާ، ކުރެވުނު ހުރިހާ ކަމަކަށް ތައުބާވެފައި ވާއިރު އޭނާގެ ވިހަ މާޒީގައި މިފަދަ ބޮޑު ޙަޤީޤަތެއް ފޮރުވިފައި ވާކަން ޚުދު އޭނާއަށް ވެސް ނޭގެ އެވެ. މިއަދު އެ މަންޒަރުތައް އޭނާގެ ކުރިމަތީގައި އަލުން ތަކުރާރުވެ ކަޅާ ހުދުން ސިފަވެގެން ދިޔައިރު އެއީ ސޯމާއާ އެކުގައި އޭނާއަށް ޖެހުނު ލޯބީގެ ސަކަރާތެއް ނޫނެވެ. ނޫން ކަމަށް ހެދި ދުވަން ފިލާ، ރޮއި އާދޭސް ކުރުން އެއީ އެމީހުން ކުޅުނު ކުޅިވަރެގެ ބައެއް ނޫނެވެ. އެ މަންޒަރު ތަކުގައި ވަނީ ސޯމާއެއް ވެސް ނޫނެވެ. އެއީ އާދައިގެ ކަމަކަށް ހަދާ، އެރޭގެ އެކަންތައް އާޒިމްގެ ހަނދާނުން ފޮހެލާފައި ވާއިރު އެއީ ފަރީޝާގެ ހަޔާތުން ދުވަހަކުވެސް ފިލައިގެން ދާނެ ހަނދާން ތަކެއް، އަސަރު ތަކެއް ވެސް ނޫނެވެ.
އާޒިމް އޭނާގެ މޫނުގައި ދެއަތުން ހިފަހައްޓާލަމުން ހުރި ދިމާއަށް ތިރިވި އެވެ. ފާރުގައި ލެނގިގަނެގެން އިން އިރު އޭނާގެ ގައިގައި އެއްވެސް ވަރެއް ނެތެވެ. މަސްތުގައި ޖެހިގެން އޭނާއަށް އެ ކުރެވުނީ ކިހާ ނުބައި ކަމެއް ހެއްޔެވެ! ދުވަހަކުވެސް މަޢާފް ޙައްޤު ނުވާފަދަ ނުބައި އަމަލެކެވެ. އަދި އެ ނުބައި އަމަލުގެ ތުހުމަތު އެޅިފައި އެވަނީ އަޝްރަފްގެ ބޮލުގަ އެވެ. އާޒިމް ކިތަންމެ ވަރަކަށް ތައުބާ ވާން މަސައްކަތް ކުރިއަސް އަދި އޭނާއަށް މުޅީން ސަލާމަތް ވެވޭކަށް ނެތެވެ. ފަރީޝާއާ އަޝްރަފް އޭނާއަށް މައާފް ކުރުމެވެ. އެހެން ނަމަވެސް އެވާހަކަ ފަރީޝާއަށް އެނގިއްޖެ ނަމަ ދުވަހަކު ވެސް ފަރީޝާ އޭނާއަށް މާފު ނުކުރާނެ އެވެ. ފަރީޝާ އަޝްރަފް ދެކު އެހާ ލޯބިވީ އިރުވެސް އެކަމަށް ޓަކައި އަޝްރަފަށް ކުރާ ނަފްރަތު މިއަދު އާޒިމަށް ފެނިއްޖެ އެވެ. އެވާހަކަ ފަރީޝާ ގާތުގައި ބުނާ ހިސާބުން އާޒިމަށް ފަރީޝާ ގެއްލޭނެ އެވެ. އެއީ އާޒިމަށް ކެތް ވާނެ ކަމެއް ނޫނެވެ.
އެފަދަ ޚިޔާލު ތަކެއްގައި މާޔޫސް ވެފަ އިންދާ ފެނުނީ ފަރީޝާ ދޮރު ހުޅުވާލި ތަނެވެ. ފަރީޝާއަށް އާޒިމް ފެނުމުން ބާރަށް ރޮއި ގަނެވުނެވެ. ފާހާނާގެ ކަނެއްގައި ވެއްޓިފައި ފަދަ ގޮތަކަށް އާޒިމް އެއިނީ ފަރީޝާ ދެންމެގައި ކިޔާދިން ވާހަކައިން ލިބުނު ހިތާމައަށް ކެތް ނުކުރެވިގެންނެވެ. ފަރީޝާ ދުވެފައި އައިސް އާޒިމްގެ އުނގުތެރެއަށް ވަދެގަތެވެ. އެއީ އޭނާ ދެކެ ލޯބިވާ އޭނާގެ ފިރިމީހާ އެވެ. ފަރީޝާއަށް އެފަދަ އަނިޔާއެއް ލިބުނު ކަން އެނގުމުން އާޒިމަށް ކުރިމަތި ވެފައި އެވަނީ ހާދަ ބޮޑު ހިތާމަ އެކެވެ. އާޒިމް ހަމަ އެއިން ގޮތަށް އިނީ އެވެ. ފަރީޝާގެ ގައިގައި ބައްދާލަންވެސް މިއަދު އޭނާއަށް ނުކެރުނެވެ. އެހެން ނަމަވެސް ފަރީޝާ އާޒިމްގެ މޫނުގެ އެތަން މިތަނުގައި ބޮސް ދިނެވެ. ރޮމުންނެވެ. ފަރީޝާގެ ހިތުގައި އާޒިމްގެ މައްޗަށް މާ ބޮޑު ލޯތްބެއް ނެތް ނަމަވެސް ފަރީޝާ ދެކެ އާޒިމް އެވާ ލޯތްބަށް ފަރީޝާ ޤަދަރު ކުރެ އެވެ. މިހާރުވެސް އާޒިމް އެ އުފުލާ ހިތާމައަކީ ފަރީޝާއަށް ޓަކައި އުފުލާ ހިތާމަ އެވެ. އެވަރުގެ ފިރިއަކު ލިބޭނީ ނަސީބު ވެރި އަކަށެވެ.
ތެމިފައި ވާ ޓައިލްސް ތަކުގެ މަތީގައި ދެފައި ދަމާލައިގެން އިން އާޒިމްގެ މޭގައި ލެގިގެން އިނދެ، އިރު ގަނޑެއް ވަންދެން ފަރީޝާ ކަރުނަ އޮހޮރި އެވެ. އޭނާގެ މާޒީގެ ހުރިހާ ހިތި އަސަރު ތަކެއް ބޭރު ކޮށްލާނެ ފުރުސަތު އޭނާއަށް މިއަދު ވަނީ ލިބިފަ އެވެ. އެވަރުގެ ވާހަކައެއް އަޑު އަހާލާ، އެއްބާރު ލުން ދޭވަރުގެ ފިރިއަކު އޭނާއަށް ލިބުނީތީ އޭނާ އުފާ ކުރި އެވެ. އިރުގަނޑެއް ވަންދެން އެހެން އިނދެފައި ފަރީޝާ އާޒިމްގެ މޫނަށް ބަލައިލި އެވެ. އަދިވެސް އޭނާ ނުބުނާ އެއްވާހަކަ އެބައޮތެވެ. އެވާހަކަ ވެސް މިއަދު އާޒިމް ގާތުގައި ބުނަން ބޭނުމެވެ.
" އަހަރެން އެރޭގެ ވާހަކަ އެންމެނަށް ސިއްރު ކުރީ... އެއީ އެނގިއްޖެއްޔާ އަހަންނާ އިންނާނެ މީހަކުވެސް ނުވެދާނެ ކަމަށް ބިރުން....!"
އަނެއްކާވެސް ފަރީޝާ ވާހަކަ ފެށި އެވެ. އާޒިމް އިނީ ހިތްވަރު ކޮށްގެން އެވާހަކަ އަޑު އަހާށެވެ.
" ހަމަ ނަސީބެއް އަޝްރަފް އަހަންނާ ކައިވެނި ކުރިކަން...! އެހެންނޫން ނަމަ އެ ސިއްރު ސިއްރެއްގެ ގޮތުގަ ނޯންނާނެ... އަހަރެން މިދުނިޔެއަށް ގިނަވެ ބޭޒާރު ވީސް.... އެރޭގެ ހާދިސާއަށް ފަހު އަހަރެން އިނީ އަޝްރަފްގެ ދަރިއަކަށް ބަލިވެ!"
އެއަޑު ކަންފަތުގައި ޖެހުނު ވަގުތު އާޒިމަށް ތެޅިގަނެވުނެވެ. ހީވީ މަތީގައި އޮތް ސީލިންގް ގަނޑުވެސް ނައްޓައިގެން އައިސް ބޯމައްޗަށް ވެއްޓުނު ހެންނެވެ. އާޒިމަށް ޤަބޫލު ކުރަންވެސް ދަތިވި އެވެ. އިޝާއަކީ އޭނާގެ ދަރިއެއް ހެއްޔެވެ!
ހާސްވެގެން ގޮސް އާޒިމަށް ނޭވާލާން ވެސް ދަތި ވެއްޖެ އެވެ. އޭނާއަށް އެ ކުރެވުނީ ހާދަހާ ނުބައި ކަމެކެވެ. މިހާތަނަށް އާޒިމް ހީކޮށްގެން ހުރީ އެ ތުއްތު ދަރިފުޅަކީ އަޝްރަފްގެ ހަލާލު ދަރިއެއް ކަމަށެވެ. އަޝްރަފަށް ވެސް ހީވާނީ އެހެންނެވެ. އެހެން ނަމަވެސް އެ ކުށެއް ނެތް ދަރިފުޅު ވެސް އެވީ އޭނާގެ ނުބައި އަމަލެއްގެ ނަތީޖާ އަށެވެ! އިޝާއަށް އެކަން އިނގޭ ދުވަހަކުން އިޝާ އޭނާއަށް ދުވަހަކު ވެސް މައާފް ނުކުރާނެ އެވެ. އެހެން ވިއަސް އާޒިމް ޖެހޭނީ ޙަޤީޤަތާ ކުރިމަތިލާށެވެ. އެހެން ނޫނީ ދުވަހަކުވެސް އޭނާއަށް ތައުބާ ނުވެވޭނެ އެވެ. ހުރިހާ އެއްޗެއް ގެއްލި ބިކަ ވިއަސް އޭނާ މިއަދު ބޭނުން ވަނީ ފަރީޝާ އަށާއި އަޝްރަފަށް ވެސް ޙަޤީޤަތް އަންގާށެވެ.
އާޒިމް މަޑުމަޑުން ފަރީޝާ ދުރު ކޮށްލާފައި ތެދުވި އެވެ. އޭނާ ބޭނުން ވަނީ ވީހާވެސް އަވަހަކަށް އަޝްރަފާ ބައްދަލު ކުރާށެވެ. އެހެން ނަމަވެސް އޭނާ އަޝްރަފާ ކުރިމަތިލާނީ ކޮން މޫނަކާއި ގެން ހެއްޔެވެ!
(ނުނިމޭ)