(12 ޖުލައިގެ އަދަދާ ގުޅޭ)

އެންމެ ޒަމާނީ ފެންވަރަށް ހެދިފައިވާ މުއްސަނދި އިމާރާތުގެ 28 ވަނަ ފަންގިފިލާގައި ވާ މާސްޓަރ ބެޑްރޫމުން ބޭރަށް ނުކުމެވެން ހުރި ބެލްކަނީ ގައި އާޒިމް ހުއްޓެވެ. ހުޅުމާލޭގެ ބީޗް ސަރަހައްދުގައި ހުރި އާޒިމް ގެ އަމިއްލަ މި އިމާރާތުގައި ހުންނައިރު އޭނާއަށް ފެންނަ މަންޒަރު ވަރަށް ވެސް ފުރިހަމައެވެ.

ދުވަހުގެ އިރު އަރަމުން އައިއިރު އުޑުމައްޗަށް އަރާ ފައިބަމުން ދިއަ ކުލަވަރު އޭނާގެ ހިތަށް ތަފާތު އެކި އަސަރުތައް ވެރިކުރުވަމުން ގެންދިޔަ އެވެ. ދުނިޔެ އަކީ ހާދަހާ ތަފާތު އެއްޗެކެވެ. ލޯމަރާލާފައި ލޯހުޅުވާލި އިރު ކުރީން ފެނުނު ކުލަތަކާ މަންޒަރުތައް އެވަނީ ބަދަލު ވެފައެވެ. މިހާރު ފެންނަމުން ދަނީ މުޅީން އާ ކުލަތަކެކެވެ. އާ މަންޒަރެކެވެ. ކުރީން އެފެނުނު ކުލަތައް މިހާރު އެވަނީ ގެއްލިގެން ގޮސްފައެވެ. އަލުން އަނބުރާ ނުފެންނަ ހިސާބަށެވެ. ދިރިއުޅުމަކީ ވެސް ހަމަ އެކަހަލަ އެއްޗެކެވެ. ދިރިއުޅުން ބަދަލުވާނީ ކޮން ދުވަހަކު ކޮން ހިނދު ކޮޅެއްގައި ކޮން ގޮތަކަށް ކަމެއް އިނގޭނީ ކާކަށް ހެއްޔެވެ! އޭނާގެ ދިރިއުޅުމަކީ ވެސް އެފަދަ މިސާލެކެވެ.

އޭނާއަކީ ހދ އަށް އުފަން އާދައިގެ ދިރިއުޅުމެއް އުޅުނު މީހެކެވެ. ރަށު މަދަރުސާގެ ޓީޗަރެކެވެ. މަދަރުސާއިން އެލިބޭ މުސާރައިން އޭނާ ބޭނުންވާ ކަންތައްތައް ހަމަޖައްސައިލެވޭ ވަރެއް ނުވެއެވެ. ސަބަބެއް ނެތިއެއް ނޫނެވެ. އޭނާއަކީ ރީތިކަމާ މަޖަލާ އުފަލަށް ލޯބިކުރި މީހެކެވެ. އަންހެން ކުދީންނަށް ފޮނި ދައްކާލުމަށްޓަކައި އޭނާ ތަންކޮޅެއް ގިނައިން ފައިސާ ބޭނުންވެއެވެ. މީރުވަސް ދުވާ ސެންޓުފުޅިއެއް ގަނެލާ އިރަށް މުސާރަ ހުސްވެއެވެ. ސެންޓުފުޅި އަކުން މަސްދުވަސް ވެސް ނުވެއެވެ. ދެން ޖެހެނީ ކޮންމެވެސް މީހެއްގެ އަތުން ފައިސާ ކޮޅެއް ހޯދާށެވެ. އަނެއް މަހު މުސާރަ ލިބުނީމައި ދޭގޮތަށެވެ. މުސާރަ ލިބޭ އިރު ބޮޑުބައި އޮންނަނީ އެގޮތަށް ހުސްވެފައެވެ. އެހެންކަމުން އަބަދުވެސް އޭނާ ވިސްނަމުން ދިއައީ ގިނަ ފައިސާ ލިބޭނެ ގޮތަކާދޭތެރޭގައެވެ. އެއީ އޭނާ ވިސްނާ ފިކުރުކުރި ހަމަ އެކަނި ކަންތަކެވެ. އާޒިމް ކަންބޮޑުވާ އެނޫން އެއްވެސް ކަމެއް ނޯވެއެވެ. އޭނާ ގަބޫލުކުރި ގޮތުގައި ދުނިޔޭގައި ފައިސާއިން ނުގަނެވޭނެ އުފަލެއް އަރާމެއް ނޯންނާނެއެވެ.

އެހެން ނަމަވެސް އެއީ ކުށް ހީއެކެވެ. ނުބައި ވިސްނުމެކެވެ. މިއަދު އޭނާއަށް އެކަން ޔަގީން ވެއްޖެއެވެ. ފައިސާއިން ހުރިހާއެއްޗެއް ގަނެވުނަސް ނުގަނެވޭނެ އެއްޗެއް އެބައޮތެވެ. އެއީ ލޯތްބެވެ. ހަގީގީ ލޯތްބެވެ.

ހަގިގީ ލޯބި ހޯދުމަށް އޭނާ ކުރި މަސައްކަތުން އޭނާ ފައިސާވެރިއަކަށް ވެއްޖެއެވެ. މުއްސަނދި ވެއްޖެއެވެ. އެހެން ނަމަވެސް އަދިވެސް..... އުމުރުގެ ބޮޑުބައި ފާއިތުވެގެން ގޮސް، މުޅި ބޯ ހުދުވެ، ގައިބާރު ދެރަވެ، މުސްކުޅިވި އިރުވެސް އޭނާއަށް އެލޯބި ލިބޭ ގޮތެއް ނުވިއެވެ. އެ ލޯތްބެއް ނުލިބުނެވެ. ނުވެސް ލިބޭނެއެވެ.

" ޑެޑީ! "
އެއިވުނީ އިޝާގެ އަޑެވެ. އެއަޑުގައިވާ ނުތަނަވަސް ކަން އާޒިމަށް ފާހަގަ ކުރެވުނެވެ. އޭނާ ހައިރާނެއް ނުވެއެވެ. އެވަގުތު އަންނާނެކަން އާޒިމަށް ކުރީން ވެސް އެނގެއެވެ. އޭނާ އެހުންނަނީ އެ ވަގުތަށް ތައްޔާރު ވެގެނެވެ. 
އާޒިމް ހަމަ އެހުރި ގޮތަށް ހުއްޓެވެ. އިޝާއާ ދިމާއަށް އެނބުރިވެސް ނުލައެވެ. އިޝާގެ އަޑު ނީވޭތީއެއް ނޫނެވެ. އޭނާ ކިތަންމެ ހިތްވަރު ކުރިނަމަވެސް އިޝާއާ ކުރިމަތިލާން މިވަގުތު އޭނާއަކަށް ފަސޭހައެއް ނޫނެވެ. 

" ޑެޑީ..... މިވާ ގޮތެއް ބުނެދީފާނަންތަ؟ ހާދަ ދުވަހެއް ވެއްޖޭ މިކަމުގަ އުޅޭތާ.....! ހާދަ އުނދަގުލެއްވެޔޭ.....! ހާދަ ބޮޑަކަށް ކޮންފިއުސް ވެފައޭ މިހުންނަނީ.....!"

އިޝާގެ އަޑުގައިވަނީ އާދޭހުގެ އަސަރެވެ. އޭނާ ހުރީ ވަރަށް ކަންބޮޑުވެފައިކަން އާޒިމަށް އެނގެއެވެ. 
އަދިވެސް އާޒިމް އިޝާއަށް ފުރަގަސް ދީގެން ހުރީއެވެ. އެތައް ޒަމާނެއް ވަންދެން އިޝާއަށް ސިއްރު ކުރެވިފައިވާ އެ ހަގީގަތް އިޝާއަށް ހާމަ ކުރުމަކީ އޭނާއަށް އުނދަގޫ ކަމަކަށް ވިއެވެ.

މިހާ ދުވަސް ވަންދެން ދެމީހުން ކުރެ އެކަކުވެސް އެކަމާ ބެހޭ ގޮތުން އެއްވެސް ވާހަކައެއް ދައްކާފައި ނުވަނީ ދެމީހުންގެ ހިތުގައި ވެސް އެކަން ބޮޑުވެފައި ނުވާތީއެއް ނޫނެވެ. ކަމުގެ ބޮޑުކަން އިހުސާސް ކުރެވޭތީއެވެ. އިޝާގެ ހިތުގައި ސުވާލު އުފެދޭނެވަރު އާޒިމަށް އިނގެއެވެ. އެކަމާ ބެހޭ ގޮތުން އިޝާ ސުވާލު ކޮށްފާނެތީ އާޒިމް އަބަދުވެސް ކަނބޮޑުވެއެވެ. އަދި މިހާތަނަށް އިޝާ އެކަމާ ސުވާލެއް ކޮށްފައި ނުވާތީވެސް އާޒިމް ކަންބޮޑުވެއެވެ. ކޮންމެވެސް ދުވަހަކުން އެހުރިހާ ވާހަކައެއް އިޝާއަށް ކިޔައިދޭން ޖެހޭނެކަން އާޒިމަށް އެނގެއެވެ. އޭނާ އައީ އެދުވަހަކަށް ތައްޔާރު ވަމުންނެވެ. އެހެން ނަމަވެސް މިއަދު އެވަގުތު އައިސް ޖެހުމުންވެސް އާޒިމް އެއުޅެނީ ކުރިމަތިލާހާ ހިތްވަރު ނުލިބިގެންނެވެ.

އާޒިމް އަކީ އިޝާދެކެ އިންތިހާއަށް ލޯބިވާ ބައްޕައެކެވެ. އިޝާއަކީ އޭނާގެ ދިރިއުޅުމުގެ ހަމަ އެކަނި މަގްސަދެވެ. އާޒިމް ގަބޫލު ކުރާ ގޮތުގައި މި ދުނިޔޭގައި އާޒިމްދެކެ ލޯބިވާ ހަމަ އެކަނި މީހަކަށް ހުރީ އިޝާއެވެ. އިޝާ އާޒިމްދެކެ ވާ ލޯތްބަށް ކުޑަވެސް އުނިކަމެއް އަންނާކަށް އޭނާ ދުވަހަކުވެސް ނޭދެއެވެ.

"ޑެޑީ ކިތައް އަހަރު ވަންދެން އަހަރެން މިހެން އޮޅުމެއްގެ ތެރޭ ހުންނަންވީ....! އުމުރުން އެންމެ ހަ އަހަރުގަ އަހަރެން އޮސްޓްރޭލިއާ އަށް ފޮނުވާލީ، އެތާހުރެ އަހަރެން ކިޔަވައި ނިމި، ދިރިއުޅުމެއްފަށައި، މިހުރިހާ ދުވަސްތަކެއް ވޭތުވެގެން ދިއައީ.... އޭރުއްސުރެ މިއަދާ ޖެހެންދެން ވެސް އަހަރެންގެ ހިތުގަ އުފެދިފަވާ ސުވާލުތައް ބައިވަރު.... އަދިވެސް އެއިން އެންމެ ސުވާލަކަށް ވެސް ޖަވާބެއް ލިބޭގޮތެއް ނުވޭ.....! "

އިޝާގެ އަޑުއަހަން ހުރި އާޒިމް ކަރުކެހިލި އަޑު އިޝާއަށް އިވުނެވެ. އެހެން ނަމަވެސް ބައްޕަ އިޝާއަށް ޖަވާބެއް ނުދޭނެކަން އިޝާއަށް ކުރިން ވެސް އެނގުނެވެ. 

"ޑެޑީ އަހަންނަށް އިނގޭ ޑެޑީ އަހަރެން ދެކެ ވަރަށް ލޯބިވާކަން..... ގަބޫލު ކުރަން މިހާތަނަށް ދުވަހަކުވެސް އަހަރެންނަށް އެއްވެސް ކަމެއް އުނިވިޔަ ނުދޭކަން.... އެކަމަކު..... އަހަރެންނަކަށް މި ދިރިއުޅުން ފަސޭހައެއް ނޫން..... ޑެޑީއަށް އެވަރު ނުވިސްނެނީ ކީއްވެ....؟"

ހިތްވަރު ގަދަ ޑޮކްޓަރ އިޝާގެ އަޑުން ކަރުނައިގެ އަސަރު ފާޅުވެގެން ދިޔައެވެ. އާޒިމްގެ މޭގެ ތެރެއަށް ދިލަ ހޫނެއްގެ އަސަރު ވެރިވެގެން ދިޔައެވެ. އެދަރިފުޅުގެ ލޮލުން އެންމެ ކަރުނަ ތިއްކެއް ވެއްޓެން ވެސް އޭނާ ދުވަހަކު ވެސް ބޭނުމެއް ނޫނެވެ.

"މިހުރިހާ އަހަރު، އަހަރެން ރާއްޖޭން ބޭރުގަ ބަހައްޓައިގެން އިރުއިރުކޮޅާ ޑެޑީ އަހަރެންނަށް ވިސިޓް ކުރަން ދިޔުމަކީ ފަސޭހަ ކަމެއް ނޫންކަން އިނގޭ..... އެކަމަކު ވެސް.... އަހަރެން އާދޭސް ކޮށްކޮށް ވެސް ޑެޑީ އަހަރެން މާލެ ގެންނަން ބޭނުން ނުވި ސަބަބެއް ވެސް އޮންނާނެދޯ.....! މިފަހަރު އަހަރެން މާލެއަށް މި ބަދަލުވީ ވެސް އަސްލުގަ ޑެޑީގެ ނުގަބޫލުގަ..... އެހެން ގޮތެއް ނެތީމަ ޑެޑީއަށް އެއްބަސްވާން މަޖުބޫރުވީ.... އިނގޭ ޑެޑީ ނުބުންޏަސް ޑެޑީ އުޅެނީ އުފަލުގަ ނޫންކަން.....އިނގޭ ޑެޑީ އަބަދުވެސް ވަރަށް ބޮޑު ފިކުރެއް ކުރާކަން....! އިނގޭ އަހަންނަށް ނޭނގޭ ކޮންމެވެސް ވަރަށް ބޮޑު ސިއްރެއް އެބަ އޮތްކަން....!"

އެތައް ޒަމާނެއް ވަންދެން އިޝާގެ ހިތަށް އުދަގޫ ކުރަމުން ދިޔަ އެ ސުވާލުތަކުގެ ޖަވާބު މިއަދު އޭނާ ކޮންމެހެން ވެސް ހޯދަން ބޭނުން ވިއެވެ.

އިޝާ ވާހަކަ ދެއްކުން މެދު ކަނޑައިލުމަށް ފަހު އިރުކޮޅަކު މަޑުކޮށްލިއެވެ. ބައްޕަ އެއްޗެއް ބުނާނެ ފުރުސަތެއް ދިނުމަށްޓަކައެވެ. 
އެހެން ނަމަވެސް އާޒިމް އެއްވެސް އެއްޗެއް ބުނަން އުޅޭހެން ހިއެއް ނުވެއެވެ.

"އަސްލުގަ އަހަރެން ހީކުރި ވަރަކަށް ޑެޑީ އަހަރެން ދެކެ ލޯތްބެއް ނުވޭ..... އެހެން ނޫންނަމަ....އަހަރެންނަށް އެއްވެސް ކަމެއް ސިއްރެއް ނުކުރާނެ....! "

އިޝާ އެހެން ބުނުމުން އާޒިމްއަށް ވަރަށް އަސަރު ކުރި އެވެ. އޭނާ އިޝާއާ ދިމާއަށް އެނބުރިލިއެވެ.

އާޒިމްގެ މޫނު ފެނުމުން އިޝާއަށް އުނދަގޫވިއެވެ. އާޒިމްއަކީ އާދައިގެ ދިވެހީންނަށް ވުރެ ކަޅު މީހެކެވެ. މީގެ ކުރީން ދުވަހަކު ވެސް އިޝާއަށް ބައްޕަގެ މޫނުމަތިން ފަނޑު ރަތް ކުލައެއްގެ އަސަރު ފެނިފައި ނުވަނީ އެހެންވެ ކަމަށް ވެދާނެއެވެ. ބައްޕަގެ ދެލޯވެސް މިއަދު އާދަޔާ ހިލާފަށް ރަތެވެ.

އިޝާ އެހުރިހާ ވާހަކަ ދެއްކި އިރުވެސް އިޝާއާ ދިމާއަށް އެނބުރެން ބޭނުން ނުވެފައި އާޒިމް ހުރި ސަބަބު މިހާރު އިޝާއަށް ވިސްނިއްޖެއެވެ. އާޒިމްގެ މޭގެތެރޭގައި އަނދަމުން ދިޔަ އަލިފާނުގެ އަސަރު އޭނާގެ މޫނާއި ދެލޮލުން ފާޅުވަމުން ދާ ކަހަލައެވެ. އިޝާ އިތުރަށް ބިރުގަތެވެ. އެވަރުގެ ބޮޑުކަމެއް..... އެވަރުގެ ބޮޑު ސިއްރެއް.... އޮޅުން ފިލުވަން މިހާރު އިޝާ ވެސް ޖެހިލުންވެއްޖެއެވެ.

އާޒިމް އިސް ޖަހާލައިގެން ކޮޓަރީގެ ތެރެއަށް ހިނގައިގަތެވެ. އިޝާ ހުރީ އާޒިމް ގެ ހަރަކާތްތަކަށް ބަލާށެވެ. ބައްޕަ އެހާ ކަންބޮޑުވެފައި ހުއްޓާ އޭނާ މީގެ ކުރީން ދުވަހަކުވެސް ނުދެކެއެވެ.

އާޒިމް ގޮސް ހުއްޓުނީ ކޮޓަރީގައި ހުރި މޭޒުގެ ކައިރިއަށެވެ. މޭޒު މަތީގައި ފޮތެއް އޮތެވެ. އެއީ ވަރަށް ބޯ ފޮތެކެވެ. ފޮތުގެ ސައިޒާ ކަވަރަށް ބަލައިލައިފައި އެއީ ވަރަށް ދުވަސްވީ ފޮތެއްކަން އެނގެއެވެ.

"ދަރިފުޅުގެ ތި ހުރިހާ ސުވާލެއްގެ ޖަވާބު މީ.....! "
ފޮތުގެ މަތީގައި އަތްޖައްސާލަމުން އާޒިމް އިޝާއާ ހަތަރުކަޅި ހަމަކޮށްލިއެވެ.
"ގެންދޭ" އޭނާ ބުނެލިއެވެ.

"ކޮންއެއްޗެއް؟"
އިޝާ ހައިރާން ކަމާއެކު މަޑުމަޑުން އަހާލިއެވެ.
"ތި އޮޅުންފިލުވަން ބޭނުންވާ ހުރިހާ ހަގީގަތެއް....! "

އާޒިމް މަސައްކަތް ކުރީ ވީހާވެސް ކުރު ޖަވާބެއް ދޭށެވެ. މިވަގުތު އޭނާއަކަށް މާގިނަ ވާހަކަ އެއް ނުދެއްކޭނެއެވެ. އިޝާއަށް ވެސް އެކަން ފާހަގަ ކުރެވުނެވެ. މިވަގުތު ޑެޑީއާ މާގިނަ ވާހަކަދައްކަން މަސައްކަތް ކުރުން ރަނގަޅު ނުވާނެކަން އޭނާއަށް ވެސް އިނގެއެވެ. 
އިޝާ އެ ފޮތަށް ބަލައިލިއެވެ. ހީވާގޮތުން އެއީ ޑައިރީއެކެވެ. އެހެން ވީމާ ޑެޑީ މާ ކުރީއްސުރެ އެއަންނަނީ އެ ދުވަހަށް ތައްޔާރު ވަމުން ތާއެވެ. 

ތެޅިތެޅި އޮތް ހިތަކާއެކު އިޝާ އެފޮތް ނަގާ އުފުލައިލިއެވެ. އޭގައި ފޮރުވިފައި ވަނީ ކޮންފަދަ ބޮޑު ސިއްރެއްބާވައޭ އޭނާގެ ހިތަށް އަރަމުން ދިޔައެވެ. 

އިޝާ ފޮތް ހިފައިގެން ބޭރަށް ނިކުންނަން ހިނގައިގަތުމާ އެކު ހުއްޓުނެވެ. ދޮރުމަތީގައި ހުރި އޭނާގެ މަންމަ ފެނުމުންނެވެ. 
މަންމަ ހުރީ އެފޮތަށް ބަލާށެވެ. ހައިރާން ކަމާއެކުގައެވެ. އެ ޑައިރީ އިޝާއަށް ދޭން މަންމަ ނުރުހެނީބާވައޭ.... ނޫނީ އެއާ ބެހޭ އެއްވެސް މައުލޫމާތެއް މަންމަ އަށް އެނގިފައި ނުވަނީބާވައެވެ. މަންމަގެ މޫނު މަތީން ފެންނަނީ އެފަދަ ނިޝާން ތަކެކެވެ.

"މަމް!" 
އިޝާ މަންމައާ ދިމާއަށް ހިނިތުން ވެލަން މަސަތްކަތް ކުރިއެވެ. މަންމަގެ މޫޑު ހުރިގޮތެއް ބަލައިލަން އޭނާ ބޭނުން ވިއެވެ.
އިޝާގެ އަޑު އިވިފައި އާޒިމް ވެސް އެދިމާއަށް ބަލައިލިއެވެ. ފަރީޝާ އެތަނަށް އައީ ކޮންއިރަކު ބާވައޭ އާޒިމްގެ ހިތަށް އެރިއެވެ.
ފަރީޝާ އާޒިމާ ހަތަރު ކަޅި ހަމަކޮށްލިއެވެ. އެވަގުތު ފަރީޝާގެ މޫނުމަތީގައިވާ ނުތަނަވަސްކަން އާޒިމަށް ފާހަގަ ކުރެވުނެވެ. 

"މިއަންނަނީ އިނގޭ ސައިބޯން" 
އިޝާ އަވަސް އަވަހަށް އެތަނުން ނިކުންނަން ހިނގައި ގަންނަމުން ބުންޏެވެ.

"އިޝާ!"
ހަމަ ހިނގައިގަތްތަނާ އިޝާއަށް މަންމަގެ އަޑުއިވުނެވެ. އިޝާ ހުއްޓުނެވެ. މަންމަ ކޮންމެވެސް ބޮޑު ވާހަކައެއް ބުނަން އުޅޭހެން އިޝާއަށް ހީވިއެވެ. މަންމައަކީ އާންމުކޮށް މާގިނަ ވާހަކަ ދައްކާ ހަދާ މީހެއް ނޫނެވެ. ކަންކަމާ ގޮތްކިޔާ ހަދާ މީހެއް ވެސް ނޫނެވެ. މަޑުމައިތިރި މިޒާޖެއްގެ މީހެކެވެ. އިޝާގެ ދިރިއުޅުމުގެ ގިނަ ކަންތައް ނިންމާނީ ބައްޕައެވެ. ބައްޕަގެ ނިންމުމަކާ މަންމަ ދުވަހަކުވެސް ދެކޮޅެއް ނަހަދައެވެ.

އިޝާ އެނބުރި މަންމައަށް ބަލާލިއެވެ. 
"ކީކޭ؟"

އާދައިގެ ގޮތެއް ދައްކަން މަސައްކަތް ކުރަމުން އިޝާ އަހާލިއެވެ. 
އާޒިމް ހުރީ ފަރީޝާ އިޝާ ގާތުގައި ބުނަން އެއުޅޭ އެއްޗެއް އަޑުއަހާށެވެ. ފަރީޝާ މަޑުމަޑުން އައިސް އިޝާގެ ކުރިމައްޗަށް ހުއްޓުނެވެ. އޭނާ އެއްޗެއް ބުނާކަށް ގަސްތެއް ނުކުރެއެވެ. ފަރީޝާ އިޝާގެ މޫނަށް ބަލަހައްޓައިގެން އިރުކޮޅަކު ހުއްޓެވެ. ދެން އޭނާ މަޑުމަޑުން އިޝާއާ ދިމާއަށް އަތް ދިއްކޮށްލިއެވެ. މަންމަ އެބުނަނީ ކީކޭ ކަމެއް ފުރަތަމަ އިޝާއަކަށް ނުވިސްނުނެވެ. އެހެން ނަމަވެސް އާޒިމަށް ވިސްނިއްޖެއެވެ. އާޒިމް ފުން ނޭވައެއް ލިއެވެ. އަދިވެސް ރަނގަޅު ވަގުތު އައިސް ނުޖެހެނީތާއެވެ.

މަންމަ އާ ދިމާއަށް ބަލަން އިރުކޮޅަކު އިޝާ ހުއްޓެވެ. މަންމަ އެބުނާ އެއްޗެއް ވިސްނައިގަތުމަށް އޭނާ އިރުކޮޅެއް ނެގީއެވެ. ދެން އޭނާ އެފޮތް މަންމައަށް ދިއްކޮށްލިއެވެ. އިތުރު އެއްވެސް ސުވާލެއް ވެސް ނުކޮށެވެ. 

އިރުކޮޅެއް ވަންދެން އިޝާ މަންމަގެ މޫނަށް ބަލަން ހުއްޓެވެ. މަންމަ އެއްވެސް އެއްޗެއް ބުނޭތޯއެވެ. ފަރީޝާ ދެން ވެސް އެއްޗެއް ބުނާކަށް ބޭނުމެއް ނުވިއެވެ. އޭނާ އިޝާއަށް ބަލަން ހުރީއެވެ. އިޝާއަށް ވިސްނިއްޖެއެވެ. މަންމަ އެޑައިރީ އިޝާގެ އަތަށް ދޭން ބޭނުން ނުވީއެވެ. އިޝާ ބައްޕައަށް ބަލައިލިއެވެ. ބައްޕަވެސް އިތުރު އެއްޗެއް ނުބުނެއެވެ. އެހެން ކަމާއެކު އިތުރު އެއްޗެއް ބުނުމުގެ އަދި އެހުމުގެ ފުރުސަތެއް އިޝާއަށް ވެސް ނެތްކަން ގަބޫލު ކޮށްގެން އިޝާ އެތަނުން ދާން ހިނގައިގަތެވެ. އޭނާގެ ހިތުގައި ކުރިއަށް ވުރެވެސް ގިނަ ސުވާލު ތަކެއް މިހާރު ވަނީ އުފެދިފައެވެ.

އިޝާ ދިއުމުން ފަރީޝާ އައިސް އާޒިމް ކައިރިއަށް ހުއްޓުނެވެ. އޭރު އާޒިމް ހުރީ އަނެއް ފަރާތަށް އެނބުރިއެވެ. ފަރީޝާއަށް ފުރަގަސް ދީގެންނެވެ.

"ހަމަ މީތި އިޝާ އަތަށް ދޭން ބޭނުންތަ.....؟ " ފަރީޝާ އޭނާގެ ފިރިމީހާއާ ސުވާލު ކޮށްލިއެވެ. މަޑުމައިތިރި ކަމާއެކުގައެވެ.
"ކިހާ ދުވަހެއް ވަންދެން އިޝާއަށް އޮޅުވާލައިގެން އުޅޭނީ! ކިހާ ދުވަހެއް ވަންދެން އޭނައަށް ހުރިހާ ކަމެއް ސިއްރުކޮށްގެން ތިބެވޭނީ ....! "

އާޒިމް ފަރީޝާއަށް ނުބަލާހުރެ ވާހަކަ ދެއްކިއެވެ. 
"ހަގީގަތް އެނގިގެން ވާނީ ކޮންފައިދާއެއް؟"

ފަރީޝާ މަޑުމަޑުން އަހާލިއެވެ. 
އާޒިމް ފަރީޝާއާ ދިމާއަށް އެނބުރި އޭނާއާ ހަތަރު ކަޅި ހަމަކޮށްލިއެވެ. ދެން އޭނާ މަޑުމަޑުން ވާހަކަދައްކަން ފެށިއެވެ.
"ކޮން ގެއްލުމެއް އިތުރަށް ވާނީ..... ކޮންއެއްޗެއް އަހަންނަށް އިތުރަށް ގެއްލެން އޮތީ.....؟"

އާޒިމްގެ ލޮލުގެ ތެރެއަށް ޖަމާވަމުން ދިއަ ކަރުނަތައް ފަރީޝާއަށް ފާހަގަ ކުރެވުނެވެ. 
"ލޯބި..... އިޝާގެ ލޯބި....!"

ފަރީޝާ އިސް ޖަހާލަމުން މަޑުމަޑުން ބުނެލިއެވެ.
"މިހާރު އަހަރެން ...... އެއްވެސް ކަހަލަ ލޯތްބެއް ގަބޫލެއް ނުކުރަން.... ލޯބި އަހަންނަކަށް ނުލިބޭނެ ދުވަހަކުވެސް ފަރީޝާ..!"

އާޒިމް ފަރީޝާއަށް ބަލަން ހުރެ އަސަރާއެކު ވާހަކަ ދެއްކިއެވެ. 
"އަހަރެންގެ އުމުރުން މިހާރު ފަސްދޮޅަހުން މައްޗަށް ދިޔައީ..... އިންތިޒާރު ކޮށްކޮށް ވަރުބަލި ވެއްޖެ....! "

ފަރީޝާ އަނެއް ފަރާތަށް މޫނު އަނބުރައިލިއެވެ. މިވަގުތު އޭނާ އާޒިމްއާ ހަތަރު ކަޅި ހަމަ ކުރާކަށް ބޭނުމެއް ނޫނެވެ.
ދެން އައީ ހަމަ ހިމޭން ވަގުތު ކޮޅެކެވެ. އާޒިމްވެސް ދެން އެވާހަކަ އިތުރަށް ދައްކާކަށް ބޭނުމެއްނޫނެވެ. އެއީ އޭނާ މިހާ ދުވަސް ވީއިރުވެސް ނުދައްކާ ވާހަކައެކެވެ. 

"އެއްވެސް ކަހަލަ ލޯތްބަކީ.... ގަދަބާރުން ހޯދޭނެ އެއްޗެއް ނޫން.... އިޝާ އަހަރެން ދެކެ ވީ ލޯބި ބަދަލު ވެދާނެ ކަމަށް ބިރުން އޭނަ އަނދިރީގަ ބަހައްޓާކަށް އަހަރެން ބޭނުމެއްނޫން. މިހާރުވެސް މާ ލަސްވެއްޖެ.... ކޮންމެ ގޮތެއް ވިއަސް މީ އަހަރުމެން ކޮންމެވެސް ދުވަހަކުން ކުރިމަތިލާން ޖެހޭނެ ހަގީގަތެއް!"

އިރުކޮޅަކު ހުރުމަށް ފަހު އާޒިމް ބުނެލިއެވެ. ހަގީގަތަކީ އެއީއެވެ. ފަރީޝާވެސް ޖެހޭނީ އެކަން ގަބޫލު ކުރާށެވެ. 

ޒިހާން އައިސް ކޮޓަރިއަށް ވަންއިރު އިޝާ އެނދުގައި ބަންޑުން އޮށޯވެލައިގެން އޮތެވެ. އޭނާއަކީ މާއަވަހަށް ކަންކަމާ ފިކުރު ބޮޑުވާ މީހެއް ނޫންކަން ޒިހާން އަށް އިނގެއެވެ. އެހެން ކަމުން މިއަދު އިޝާގެ އެ ހާސްކަން ފެނިފައި ޒިހާން ކަންބޮޑުވިއެވެ.

"ކިހިނެއްވީ އިޝާ! "
ލޯބިވާ އަނބިމީހާގެ ބުރަކަށީގައި ފިރުމާލަމުން ޒިހާން އެހިއެވެ.

"ނޭނގެ ޒިހާން.... އަހަރެން ހަމަ ބޯ ގޮވާނީ ދެން...."
ބަންޑުން އޮށޯވެ އޮތް އިޝާ އޭނާގެ ބޮލުގެ ފުއްކިބައިގައި ދެ އަތުން ހިފަހައްޓާލަމުން ބުންޏެވެ.

"ކިހިނެއްވީ.....! ހޮސްޕިޓަލުން ކަމެއް ދިމާވީތަ....؟ ކަންބޮޑުވާ ކަހަލަ ކޭސްއެއް ކުރިމަތިވީތަ....؟ އެކަމަކު އިޝާ ބުނާނެ ޑޮކްޓަރުން ވަރަށް ހިތްވަރު ގަދަވާނޭ...!"

ޒިހާން އަންހެނުންނާ ސަމާސަ ކޮށްލަން މަސައްކަތް ކުރިއެވެ.
" އަހަރެން ކަންބޮޑު ވެގެން މިއުޅެނީ މަށަށް ....."
އެހާ ހިސާބަށް ބުނިތަނާ އިޝާގެ ނަޒަރު ގޮސް ހުއްޓުނީ ޑްރެސިންގް ޓޭބަލްއަށެވެ. އިޝާ ފުންމައިގެން ތެދުވިއެވެ. އޭނާއަށް ފެނުނު އެއްޗަކުންނެވެ.

"ޒިހާން....! "
ޒިހާން އަށް ގޮވާލަމުން އިޝާ އަވަސް އަވަހަށް ގޮސް ޑްރެސިންގް ޓޭބަލް ކައިރިއަށް ހުއްޓުނެވެ. އޭނާއަށް ހީވީ ރަނގަޅަށެވެ. އެއީ އެފޮތެވެ. ބައްޕަގެ ޑައިރީއެވެ.

"މީ.....! ކާކު މިތަނަށް ގެނައީ...؟"
އިޝާ އެފޮތް ނަގަމުން ހައިރާން ކަމާއެކު ޒިހާންއާ ސުވާލު ކުރިއެވެ. 
"އަހަރެން.....!"

"އިޝާ އަތަށް ދޭށޭ ކިޔާފަ ދެންމެ އިޝާގެ މަންމަ ދިނީ..... "
އެހެން ބުނިތަނާ ޒިހާނަށް ފޯނެއް ވެއްޖެއެވެ. 
" އަންނާނަން ބޭރަށް ގޮސްލާފަ " 
އެހެން ބުނެފައި ޒިހާން ދިޔައީއެވެ. އިޝާ ބޭނުން ވީވެސް އެގޮތެވެ. މިވަގުތު އޭނާ ބޭނުންވަނީ ވެސް އެކަނިވެލާށެވެ.

އިޝާ ފޮތް ހިފައިގެން މޭޒު ކައިރީގައި އިށީންއިރު އޭނާގެ ނިތްކުރިމަތީން ދާ ތިކިތައް ފާޅުވޭވޭ ހުއްޓެވެ. ފޮތް ހުޅުވައިލުމުގެ ކުރީން އޭނާ ފުންނޭވާއެއް ލިއެވެ. އޭނާގެ ހިތް އާދަޔާ ހިލާފަށް ބާރަށް ތެޅެނީއެވެ. ހިނދުކޮޅަކަށް ވުރެ ހިނދުކޮޅެއް އޭނާގެ ނޭވާ ވެސް ދިޔައީ އަވަސް ވަމުންނެވެ. 
އެފޮތުގެ ތެރޭގައި ފޮރުވިފައިވާ ސިއްރުތަކުގެ ހަގީގަތް އޮޅުން ފިލުވަން އޭނާ އިންތިހާއަށް ބިރުގަންނަނީ ކީއްވެ ހެއްޔެވެ!
އިޝާ އޭނާގެ ތުރު ތުރުއަޅަމުން ދިއަ އިނގިލިތަކުން މަޑުމަޑުން އެފޮތް ހުޅުވާލިއެވެ.

(ނުނިމޭ)

ކޮމެންޓް 0