(29 ޖުލައިގެ އަދަދާ ގުޅޭ)
ނިހާއާ އަޝްރަފްގެ ކައިވެނި ކުރެވިއްޖެއެވެ. ނިހާގެ ބައްޕަ ނިހާއަށް ދީފައިވާ ބިންކޮޅުގައި ކުޑަ ތަންކޮޅެއް ހަދައިގެން އަޝްރަފާ ނިހާ އެތަނުގައި ދިރިއުޅުން ފެށީއެވެ. ކިތަންމެ އާދައިގެ ގޮތަކަށް ދިރިއުޅުމުގެ ކަންތައް ހަމަޖެހިފައި ވީ ނަމަވެސް އަޝްރަފާ ނިހާ އުޅެމުން ދަނީ ވަރަށް އުފަލުގައެވެ. އެހެން މީހެއްގެ ނުފޫޒު ނުފޯރާ ދިރިއުޅުމެއް އެދެމީހުންނަށް ވެސް އެލިބުނީ އަދިކިރިޔާއެވެ. އަޝްރަފްމެން ދިރިއުޅެމުން އަންނަ ގެ ހުންނަނީ ދޮންމަންމަ މެން އުޅޭ ގެއާ ވަރަށް ދުރު ހިސާބެއްގައެވެ. އެހެންނަމަވެސް ހަމަ ދޭތެރެއަކުން އެމީހުންގެ އުނދަގޫ އަދިވެސް ޖެހެއެވެ. ކިތަންމެ ފިލައިގެން އުޅުނަސް ނިހާ މަގުމަތީން އަތުލައިގަނެގެން ނަމަވެސް ރަޒީނާ ނިހާ އާ ދިމާކޮށްލެވޭތޯ ބަލައެވެ. އަޝްރަފާ ނިހާވެސް އެކަމަކާ މާ ބޮޑު ފަރުވާލެއް ނުބަހައްޓައެވެ. އެއީ މިހާރު އެމީހުންނަށް މާ މުހިންމު ކަންތައްތަކެއް ނޫނެވެ.
ނިހާ އަކީ އަޝްރަފް އުއްމީދު ކުރި ވަރަށް ވުރެވެސް ރަނގަޅު އަންބެކެވެ. ނިހާއާ އެކުގައި ދިރިއުޅެން ފެށިފަހުން އަޝްރަފަށް ދިރިއުޅުން ވަރަށް ފަސޭހަ ވެއްޖެއެވެ. މިހާރު އަޝްރަފްގެ އެއްވެސް ފިކުރެއް ނެތެވެ. ކޮންމެ ކަމެއްގެ ހައްލު ނިހާގެ އަތުގައި އޮންނާނެކަން އަޝްރަފަށް އިނގެއެވެ. ނިހާ އަކީ އެހާމެ ވިސްނުން ތޫނު ކުއްޖެކެވެ. އެންމެ ފުރިހަމަ އަށް ދިރިއުޅުން ރާވައި، ބައްޓަން ކުރަން އޭނާ ދަނެއެވެ. އެދެމަފިރީންގެ ދިރިއުޅުމުގައި މިހާރު ފުރިހަމަ ނުވެ އޮތީ އެންމެ އެދުމެކެވެ. އެއީ އެދިރިއުޅުން އިތުރަށް އުޖާލާ ކުރުމަށްޓަކައި އެ ދެމަފިރީންނަށް ލޯބިލޯބި ދަރިއަކު އުފަންވުމެވެ. ނިހާ ގެ ތަރުބިއްޔަތުގެ ދަށުން ދަރިއަކު ބޮޑު ކުރެވިއްޖެއްޔާ އަޝްރަފް ވެސް ވާނީ ވަރަށް ބޮޑު ނަސީބު ވެރިއަކަށެވެ.
ކައިވެންޏަށް ދެ އަހަރު ވެގެން ދިޔައިރު ވެސް އެދެމަފިރީންނަކަށް ދަރިއަކު ނުލިބެއެވެ. ކޮންމެވެސް ވަރަކަށް ބޭސް ވެސް ކުރެވިއްޖެއެވެ. ކޮންމެ ޑޮކްޓަރަކު ވެސް ބުނަނީ ދަރިއަކު ނުލިބެންވީ އެއްވެސް ސަބަބެއް ދެމީހުން ކުރެ އެކަކުގެ ވެސް ނެތް ކަމަށެވެ. އެހެން ކަމުން އަދި ރަނގަޅު ވަގުތު ނުޖެހެނީ ކަމަށް އެކަކު އަނެކަކު ގާތުގައި ބުނެލާފައި ހިތްހަމަ ޖެހިގެން ތިބޭކަމަށް ހަދާލިއަސް، ހަގީގަތުގައި މިހާރު އެދެމަފިރީން ވެސް އެކަމާ ވަރަށް ކަންބޮޑުވެއެވެ.
ބޭކާރު ގޮތުގައި މާ ބޮޑަށް ފިކުރު ބޮޑުވާހެން ހީވުމުން ނިހާ ވެސް ވަޒީފާއަކަށް ވަންނަން ގަސްތު ކުރިއެވެ. އަޝްރަފް ދުވާލުގެ ގިނަވަގުތު އުޅެނީ މަދަރުސާގައި ކަމުން ނިހާއަށް ހުސްވަގުތު ލިބެއެވެ. އެވަގުތުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފަން ވާނެއެވެ.
ނިހާއަށް ވަރަށް ފަސޭހައިން ރަށު އޮފީހުން ވަޒީފާ ލިބުނެވެ.
އަޝްރަފް ބޭނުންވީ ނިހާއަށް ލިބޭ މުސާރަ ހުރިގޮތަށް ފޮރުވާށެވެ. ނިހާގެ އަތުން ބޭނުން ކުރި ފައިސާ އަނބުރާ ނުދެއްކިގެން އޭނާ އަދިވެސް ކަންބޮޑުވެއެވެ.
އަޝްރަފް ސްކޫލް ނިމިގެން ގެއަށް ދިއައިރު ނިހާ އިނީ ފޯމެއް ފުރާށެވެ.
"ކޮން އެއްޗެއް؟"
އަޝްރަފް އަހާލިއެވެ.
"މީ އަޝްރަފްގެ ވަތްގަނޑުގަ އަޝްރަފް ފޮރުވާފަ އޮތް ފޯމެއް..."
ނިހާ އެހެން ބުނުމުން އަޝްރަފަށް ވިސްނިއްޖެއެވެ. އެއީ ރަށު ސްކޫލުން އަޝްރަފަށް ދީފައިވާ ފޯމެކެވެ. ހެޑް މާސްޓަރ ކޯހުގައި ބައިވެރިވާން އެދޭ ފޯމެވެ. އަޝްރަފް އެފޯމް އެއޮތީ ނިހާއަށް ފޮރުވާފައެވެ. ވަޒީފާގެ ތަރައްގީ އާއި ކުރިއެރުން ބޭނުން ނުވާތީއެއް ނޫނެވެ. ނިހާ ދޫކޮށްލާފައި މާލެ އަށް ދާން ބޭނުން ނުވާތީއެވެ.
"އަހަރެން ނުދާނަން..."
ކުޑަ ކުއްޖަކު ފަދައިން އަޝްރަފް ބޮޑާހާކާލިއެވެ.
"އަޝްރަފް ދާނެ..."
ނިހާ އަޝްރަފްގެ ޓައީގެ ގޮށް ދޫކޮށްލަދެމުން ލޯތްބާ އެކު ބުންޏެވެ.
"ދާނަން ނިހާ ދަންޏާ..."
އަޝްރަފް ނިހާގެ އުނަގަނޑުގައި ހިފާ އޭނާއާ ގާތަށް ދަމާލިއެވެ.
އަދިވެސް ނިހާގެ ނޭވާގެ މީރުވަސް ޖެހޭ ކޮންމެ ފަހަރަކު އޭނާ މަސްތު ކޮށްލައެވެ. ދުވަހަކުވެސް އޭނާއަކަށް ނިހާ ބަލެއް ނުވާނެއެވެ.
"ދެން އިހަށް މަޑުކޮށްލަބަލަ....އަޝްރަފްގަނޑާ!"
މުޅީން އެހެން ކަމެއްގެ ތެރެއަށް ވަދެވިދާނެހެން ހީވުމުން ނިހާ އަޝްރަފް ދުރުކޮށްލިއެވެ. އޭނާ ބޭނުން ވަނީ އިހަށް އެވާހަކަ ދައްކާށެވެ.
ނިހާ އެވާހަކަ އެ ދައްކަނީ ވަރަށް ސީރިއަސްކޮށް ކަން އަޝްރަފަށް އެނގުނެވެ. މީގެ ކުރީން އަޝްރަފް ނިހާއާ ކައިރިވެލަން އުޅެނު ކޮންމެ ފަހަރަކު ނިހާ އަޝްރަފަށް ދީފައިވަނީ ހޫނު މަރުހަބާއެކެވެ.
"މަށަކަށް ނުދެވޭނެ....އެކަން އަޝްރަފަށް އިނގޭނު....! އެކަމު އަޝްރަފް ދާންވާނެ.... އޭރުންނޭ ކުރިއަރާނީ... އެހެން ނޫނީ...އަބަދު އެއްވަރެއްގަ ހުންނާނީ.... މިކަހަލަ ފުރުސަތެއް ނުލިބޭނެ އަބަދަކު....! "
ނިހާ އަޝްރަފަށް ވިސްނައިދޭން މަސައްކަތް ކުރިއެވެ.
އަޝްރަފް ނިހާގެ ލޯބި ލޯބި މޫނުގައި ދެއަތުން ހިފަހައްޓާލިއެވެ.
"އަހަރެން ކިހިނެއް އެންމެ ދުވަހަކުވެސް ނިހާ ނުފެންނަ ހިސާބުގަ ހުންނާނީ.... ހަމަ ޔަގީން އަހަންނަކަށް އެހެން އެއްވެސް ކަމަކަށް ސަމާލުކަމެއް ނުދެވޭނެ ނިހާ ފެންނަ ހިސާބުގަ ނެތިއްޔާ.....!"
" އުހުނ.... ތިއުޅެނީ ހަޑިކޮށް....! "
ކުޑަކުއްޖަކާ ވާހަކަ ދައްކާ ފަދަ ގޮތަކަށް ނިހާ ބުނެލިއެވެ.
"ނިހާ ތި ހީކުރާހާ ފަސޭހައެއް ނުވާނެ މާލޭގަ ހުންނާކަށް.... ވަރށް ފައިސާ ބޭނުންވާނެ.... އަހަރެން ކޯހުގަ ދާން ޖެހޭނީ މުސާރަ ނުލިބޭ ގޮތަށް.... ދެން ކިހިނެއް އެތާ ހުރުމުގެ ހަރަދުތައް ހަމަ ޖައްސާނީ ވެސް...."
"އަހަރެން އިތުރު ގަޑީގަ މަސައްކަތް ކުރާނީ....! "
"ނޫން ނޫން....!"
އެއްގޮތަކަށް ވެސް އަޝްރަފް އަކަށް އެގޮތެއް ކަމަކު ނުދެއެވެ. މިހާރުވެސް ނިހާ އޭނާއަށް ޓަކާ ވަމުންދާ ގުރުބާނީ އެހާ ބޮޑެވެ. އެވަރު އޭނާއަށް ފުދިފައި އިތުރުވެސް ވެއެވެ.
"އެއީ އަހަރުމެން ދެމީހުންގެ މުސްތަޤުބަލަށް ކުރަން ޖެހޭ ކަމެއް އަޝްރަފް.... އަހަރުމެންނަށް ދަރިއަކު ލިބެން ވާއިރަށް އަޝްރަފް ޖެހޭނެ އިތުރު ކުރިއެރުން ހޯދަން.... އިތުރަށް ކިޔަވަން.... އޭރުން ދަރިފުޅު ވެސް އުފާވާނީ.... ފަހުރުވެރި ވާނީ....!"
ހަމަ އެއްގޮތަކަށް ވެސް ދޫކުރާ ހިޔާލެއް ނިހާ ނުކުރިއެވެ. އެންމެ ފަހުން އަޝްރަފް ޖެހުނީ އެއްބަސްވާށެވެ.
ނިހާގެ އެދުމަށް އަޝްރަފް މާލެ ދާން ފުރީ ހިތާ ދެކޮޅަށެވެ. ހަގީގަތުގައިވެސް ނިހާއާ ވަކީން އެންމެ ގަޑިއިރެއް ހޭދަކުރަން ވެސް މިހާރު އަޝްރަފަށް ދައްޗެވެ.
އަޝްރަފް މާލެ ފޭބިއިރު އަދި ހުންނާނެ ވަކި ތަނެއް ހަމައެއް ނުޖެހެއެވެ. އެންމެ ފުރަތަމަ އޭނާ ޖެހޭނީ ކޮންމެވެސް ގެސްޓް ހައުސް އަކުން ތަނެއް ކުއްޔަށް ހިފާށެވެ. އެތަނުގައި ހުރެގެން ތަންކޮޅެއް އަގުހެޔޮތަނެއް ހޯދާނީއެވެ.
އަޝްރަފް ޓެކްސީ އަކަށް މަޑުކޮށްލައިގެން ހުއްޓާ ސައިކަލެއްގައި އައި މީހަކު އައިސް އަޝްރަފް ކައިރިއަށް ހުއްޓާލިއެވެ.
"ކޮބާ އަރާ....!"
އޭނާ ބުނިއަޑު އަޝްރަފަށް އިވުނެވެ. ފުރަތަމަ އަޝްރަފް ހީކުރީ އެއީ އެހެން މީހަކު ބަލައި އައި މީހެއް ކަމަށެވެ. އެހެން ކަމުން މާބޮޑު ސަމާލު ކަމެއް ނުދީ އަޝްރަފް ޓެކްސީ އަކަށް އަތް ނެގިއެވެ.
"ކޮންތާކަށް ދާން ތިއުޅެނީ.... މިއަށް އަރާބަލަ....!"
އަނެއްކާވެސް އޭނާ ބުނެލި އަޑު އަޝްރަފަށް އިވުނެވެ. އެ އަޑާ ދޭތެރޭ ވިސްނާލެވުނީ ދެނެވެ. އަޝްރަފް އޭނާއާ ދިމާއަށް ބަލާލިއެވެ. އެއާ އެކު އަޝްރަފް ގެ މޫނުމަތި އުޖާލާވެގެން ދިޔައެވެ. އޭނާ އުފަލުން ފުރުނެވެ. ދުވަސްވީ އެކުވެރިޔާ ފެނުމުންނެވެ. އަޝްރަފާ އާޒިމް އެބައްދަލުވީ ދެ އަހަރަށް ވުރެ ގިނަ ދުވަސް ފަހުންނެވެ. ރަށުން ފުރައިގެން ދިޔަފަހުން އާޒިމް ޗުއްޓީ އަކަށް ވެސް ރަށަކަށް ނުދެއެވެ. މަދު މަދުން އަޝްރަފަށް މެސެޖް ކޮށްލާ ހެދިއަސް ފަހަކަށް އައިސް އާޒިމް އަޝްރަފްމެންނާ ވެސް މާބޮޑު ގުޅުމެއް ނުބާއްވައެވެ. އެކަމާ ޝަކުވާ ކުރުމުން މާ ބޮޑަށް "ބިޒީ" ކަމަށް ބުނެލާފައި ނިންމާލަނީއެވެ. އެހެން ނަމަވެސް ނިހާގެ ފަރާތުން އަޝްރަފް މާލެ އަންނަކަން އެނގުމުން މިއަދު އާޒިމް އެހެރީ އޭނާގެ ވާޖިބު އަދާ ކުރަން އައިހެވެ.
އަޝްރަފް އާޒިމަށް ފަރުވާތެރި ކަމާއެކު ބަލައިލިއެވެ. އޭނާ ފެންނަނީ ވަރަށް ތަފާތު ގޮތަކަށެވެ.
"މަމީ އަންހެން ކުއްޖެއް ނޫނޭ.... ތި ވަރަށް ނުބަލާ ދެން މިއަށް އަރާބަލަ...!"
އަޝްރަފް މާވަރަކަށް ބަލަން ފެށުމުން އާޒިމް ބުންޏެވެ.
މާލެ އައި ފަހުން އާޒިމަށް އެވަނީ ވަރަށް ބޮޑު ބަދަލެއް އައިސްފައެވެ. އޭނާގެ ސްޓައިލާ މިޒާޖަށް ވެސް ވަނީ ބަދަލު އައިސްފައެވެ.
އާޒިމް އަކީ އަބަދުވެސް ސަކަރާތް ބޮޑު މަޖާ މީހެކެވެ. ދިރިއުޅުމުގައި ދިމާވި ކަންތައްތަކެއްގެ ސަބަބުން އޭނާގެ މިޒާޖަށް ހިސާބެއްގަ ބަދަލު ތަކެއް އައި ނަމަވެސް އަނެއްކާ ވެސް މިހާރު އޭނާގެ ފަރާތުން އެފެންނަނީ ކުރީގެ ސަކަ ގޮތެވެ. އަޝްރަފް ހައިރާންވީ އާޒިމް ގެ އެ މިޒާޖު ފެނިފައެއް ނޫނެވެ. ކުރީގަ ހުންނަ "މާތް" ގޮތެއް މިހާރަކު އޭނަގެ ކިބައަކުން ނުފެނެއެވެ. މިހާރު އާޒިމް ފެންނަނީ މާ ޒަމާނީ ގޮތަކަށެވެ.
"އާޒިމް ފެނުނީމަ މަށަށް ނުވެސް އެނގުނު.... މިހާރު ތިހިރީ ބޮލުގަވެސް ދަބަރު ޖަހާފަ....."
އާޒިމްގެ ބޮލުގައި ޖައްސާފައި ހުރި ކުލަ އަޝްރަފަކަށް ކަމަކު ނުދިޔައެވެ.
ޖަވާބުގައި އާޒިމް ޖަހާލީ ހިނިގަނޑެކެވެ. އޭނާގެ އަމިއްލަ ކަންތަކުގެ ވާހަކަ އެއްވެސް މީހަކާ މާ ބޮޑަށް ހިއްސާ ކުރާކަށް އޭނާ މިހާރު ބޭނުމެއް ނޫނެވެ.
އާޒިމް އަޝްރަފް ގޮވައިގެން ދިޔައީ އޭނާ ކުއްޔަށް ހިފާފައި ހުންނަ ތަނަށެވެ. ގެޔަށް ވަންނަ އިރު ހުންނަ ހަނި ގޯޅީގެ ދެފަރާތުގައި ހުރީ ކޮޓަރިތަކެކެވެ. އާޒިމް އުޅޭ ކޮޓަރި ހުރީ ހަތަރު ވަނައަށެވެ.
އެއީ ހެޔޮވަރު ސައިޒެއްގެ ކޮޓަރިއެކެވެ. މާ ފެންވަރު ރަނގަޅު ނޫނަސް ދެ ފިރިހެނުން ތިބެލަން ފުދެއެވެ.
"އާޒިމް އެކަނިތަ މިތާ ހުންނަނީ....."
އަޝްރަފް ދަބަހުން އެއްޗެހި ނަގައި އެނދު މަތީ އަތުރަމުން އެހިއެވެ.
"އާންމުކޮށް އެކަނި..."
އާޒިމް ހިނިގަނޑެއް ޖަހައިލި އެވެ.
"ތި ބުނީ....؟"
އަޝްރަފަކަށް ނުވިސްނުނެވެ.
"އެ ދެއަންހެނުންގެ ކައިރިން ސަލާމަތް ވެގެން މާލެ އާދެވުނީމަ ހީވީ ދިގުމުއްދަތަކަށް އަނދަގޮޑީގަ އިނދެފަ ސަލާމަތް ވިހެން. މިހާރު މަމީ މިނިވަނެއް.....! ބޭނުން ގޮތަކަށް އުޅެލެވޭނެ....!"
އާޒިމް އެބުނި އެއްޗެއް އަޝްރަފަށް މިހާރު ވިސްނިއްޖެއެވެ.
"ޗީޑި..... ތިހެން އުޅެނިކޮށް ބޮނޑިއެއް ލިބިދާނެ.....! ބައްޔެއް ޖެހިދާނެ....!"
އަޝްރަފް އަނގައަށް ވައްތަރު ޖައްސާލިއެވެ.
"މިހާރު ތިހެން ކިޔަސް ދުވަސްކޮޅަކުން ތިހިނެއް ނުކިޔާނެ.... ސަޅި ބިޓުންތައް ފެނުނީމަ.... މޭނުބައި ކުރުން ހުއްޓިދާނެ"
"ނިހާ ނޫން މީހަކު ފެނިގެން ދުވަހަކުވެސް މަށަކަށް އެހެން ގޮތެއް ނުވޭ......ނުވެސް ވާނެ.....
ކަލޭ މަ ބަދަލު ކުރަން ނޫޅެއްޗޭ، ނިހާ ބުންޏޭ.... ކަލެއާ ދިމާވިއަސް ކަލޭ ދައްކާ ވާހަކަ އަޑު ނާހައްޗޭ.....!"
އަޝްރަފް އެހެން ބުނުމުން އާޒިމްވެސް ހިނިގަނޑެއް ޖަހައިލިއެވެ.
އާޒިމް ބޭނުންވީ އަޝްރަފް ގޮވައިގެން ބޭރަށް ނުކުމެލައި ކޮފީއެއް ބޯލައި ހަދައިލާށެވެ. އެހެން ނަމަވެސް އަޝްރަފް އެއިން އެއްވެސް ކަމެއް ކުރާހިތެއް ނެތެވެ. އޭނާ ބޭނުންވީ އޮށޯވެލައިގެން އޮންނާށެވެ. މާބޮޑަށް ނިހާ ހަނދާން ވަނީއެވެ. ކޯސް ފެއްޓޭނީ އަދި ތިން ދުވަސް ފަހުންނެވެ. އެ ތިން ދުވަސް އޭނާއަށް ވަރަށް ދިގުވާނެއެވެ.
އަޝްރަފް ފުރައިގެން ދިޔުމުން ނިހާއަށް އެކަނިވެރިކަން އިހުސާސް ކުރެވެން ފަށައިފިއެވެ. ކޮންމެވެސް ނޭނގޭ ބިރެއްގެ ސަބަބުން އޭނާގެ ހިތް ނުތަނަވަސް ވަމުން ދިޔައެވެ. އެއީ ކީއްވެބާއެވެ!. ކައިވެންޏަށް ފަހު އަޝްރަފްއާ ވަކިވި ފުރަތަމަ ފަހަރު ވީމާވެސް އެފަދަ ގޮތެއް ވެދާނެއެވެ. އެއިން އެއްވެސް ވާހަކައެއް ނިހާ އަޝްރަފް ކައިރީ ނުބުނެއެވެ. އަޝްރަފް ގުޅާ ކޮންމެ ފަހަރަކު ވަރަށް ހަމަޖެހޭ ގޮތް ދައްކަމުން އަޝްރަފް ކޯސް ނިންމައިފައި އަންނަ ދުވަހަކަށް އިންތިޒާރު ކުރާވާހަކަ ބުނެ އޭނާގެ ކިޔެވުމަށް ހިތްވަރު ދެމުން ދިޔައެވެ.
ނިހާ އަށް އޮފީހުން އާދެވުނީ އިރުއޮއްސެން އުޅެނިކޮށެވެ. ގެއަށް އައިސް ވަދެ ކޮޓަރިޔާ ހިސާބަށް ނުދެވި އުޅެނިކޮށް ބޭރު ދޮރު ހުޅުވާލި އަޑު އިވުނެވެ. ރަޒީނާ ދޮރުން އެތެރެއަށް ވަންތަން ފެނިފައި ނިހާ ހައިރާންވިއެވެ. އަދި ބިރުވެސް ގަތެވެ. ރަޒީނާ އަކީ ވަރަށް ނުރައްކާތެރި މީހެކެވެ. އޭނާ އަންނާނީ ކޮންމެވެސް ނުބައި ރޭވުމަކާއިގެންކަން ކަށަވަރެވެ. މީގެ ކުރީން އެއްފަހަރުވެސް އޭނާ އެގެއަށް އައިސްފައެއް ނުވެއެވެ. މިއަދުވެސް އޭނާ އެގެއަށް އަންނަން ޖެހޭނެ އެއްވެސް ސަބަބެއް އޮތްހެނެއް ނިހާ އަކަށް ހިއެއް ނުވެއެވެ. އަޝްރަފް ރަށުގައި ނެތްކަން އެނގުނީ ތާއެވެ. ކޮންމެވެސް ކަންތައްގަނޑެއް ލައިގަންނަން އުޅޭހެން ނިހާއަށް ހީވިއެވެ.
ރަޒީނާގެ މޫނުމަތި ފެނުމުން އޭނާ ހުރީ ހިތްހަމަ ނުޖެހިފައިކަން އެނގުނެވެ. އާންމުކޮށް ވެސް އޭނާގެ މޫނުމަތިން ފެންނާނީ އެކަހަލަ މަންޒަރެކެވެ. ރަޒީނާ ބުނާއެއްޗެއް ބަލަން ނިހާ މަޑުކޮށްލައިގެން ހުއްޓެވެ.
"ގެނޭ....ޗެކް ފޮތް!"
ރަޒީނާ ގެ ބަރު އަޑުން ނުރުހިފައި ބުންޏެވެ.
"ކޮން.....؟"
ނިހާ އަކަށް ނުވިސްނުނެވެ.
"ބައްޕަގެ އަނެއް އެކައުންޓްގެ ޗެކް ފޮތް ދޭށޭ.....! ކަލޭގެ ފިރިމީހާ ސޮއިކޮށްފަ ދިޔަ ޗެކްތައް ދޭށޭ.....!"
ރަޒީނާ ވާހަކަ ދެއްކީއެއް ނޫނެވެ. އޭނާ ހަޅޭއްލެވީއެވެ.
އެބުނާ އެކައުންޓެއްގެ ވާހަކަ ނިހާ އަކަށް ނޭނގެއެވެ. އޭނާ އެހެރީ އަޑުއެހި ތާނގައެވެ.
"ނޭނގެ ތިބުނާ އެކައުންޓެއްގެ ވާހަކައެއް..... "
ނިހާ މަޑުމަޑުން ބުންޏެވެ.
"އަމިއްލަ އެކައުންޓަކަށް ބައްޕަގެ ފައިސާގަނޑު ޖަމާ ކޮށްގެން ކައިކައެއް ނުހުރެވޭނެ ތިހިނެއް..... ބައްޕަ ގެ ހުރިހާ އެއްޗެއް އޮތީ އަހަރުމެންނަށް ދީފަ....."
ރަޒީނާ ވާހަކަ ދައްކަމުން ދިޔައިރު އޭނަގެ ނަޒަރު ގޭގެ އެކި ދިމަދިމާއަށް ހިންގަމުން ދިޔައެވެ.
މިހާރު ނިހާއަށް ޝައްކުވާން ފަށައިފިއެވެ. އޭނާ އެއުޅެނީ ކޮންމެވެސް އެއްޗެކޭ ކިޔައިގެން މޮޅުކަމެއް ކޮށްލާށެވެ.
"އެ ލާރިގަނޑު އެއޮތީ މިތަނަށް ހަރަދު ކޮށްފަދޯ.....!"
ރަޒީނާ މޫނުމައްޗަށް ވައްތަރު ޖައްސަމުން ބުންޏެވެ.
ނިހާ ވަރަށް ހިތްހަމަ ނުޖެހުނެވެ.
"އަހަރުމެން އަތަކު ބައްޕަގެ އެއްވެސް އެއްޗެއް ނެތް.... ހުރިހާ އެއްޗެއް ވީ ކަލޭމެންގެ އަތުގަ.....
މަށަކަށް ހިއެއްނުވޭ ތިބުނާ އެކައުޓެއް އޮންނަ ހެނެއްވެސް..... ތިއުޅެނީ ކޮންމެވެސް އެހެން ކަމަކު.....!"
ނިހާ އެހެން ބުނުމުން ރަޒީނާގެ މޫނު ރަތްވެގެން ދިޔައެވެ. އޭނާގެ ރުޅިގަނޑު އެތައް ގުނައެއް އިތުރުވެގެން ދިޔައެވެ. ކޮންމެ އެއްޗެއް ކިޔަސް ނިހާއަށް އަނގައިން ބުނަން ކެރޭނެ ކަމަކަށް އޭނާ ހިއެއް ނުކުރެއެވެ. ރަޒީނާ ވަރަށް ބާރަށް ހިނގާފައި އައިސް ނިހާ އާ ވަރަށް ގާތަށް ހުއްޓުނެވެ. ނިހާގެ ގަޔަށް ނޭވާ އެޅޭހާ ގާތަށެވެ. ގަދަރުޅީގެ ސަބަބުން އޭނާގެ ނޭވާ ވެސް ވަނީ އަވަސްވެފައެވެ. ނިހާ ވަރަށް ބިރުގަތެވެ.
"ކަލޭ އަނގަވެސް ހާދަ ގަދަވެއްޖޭދޯ.....!"
ރަޒީނާ އެހެން ބުނީ ވަރަށް ބާރަށެވެ. އެހާ ގާތުގައި ހުރެގެން އެވަރަށް އަނގަ ހުޅުވީމައި ނިހާގެ ގަޔަށް އޭނާގެ އަނގައިން ކުޅުވެސް ބުރައިފިއެވެ.
"މައިތިރި ކޮށްލާނަން ބަލަން ހުންނައްޗޭ.....!"
އެހެން ބުނެފައި ދެލޯއަޅައި، ނުބައި ވައްތަރެއް މޫނަށް ޖައްސަމުން ރަޒީނާ ދާން ހިނގައިގަތެވެ.
ނިހާ އަވަސް އަވަހަށް ދެއަތުން އޭނާގެ މޫނު ފޮހެލިއެވެ. އެހާ ދުވަސްވަންދެން އަޝްރަފަށް އެމީހުންނާ އެއްގޭގައި ކެތްކޮށްލެވުނީ ކިހިނެއްބާއެވެ!. އާޒިމްއަށް ރަޒީނާއާ އިނދެގެން އުޅެވުނީތީ ހަމަ ސާބަހެވެ!
ތަންކޮޅެއް ހެނދުނާ ހޭލައިގެން އަޝްރަފް ދިޔައީ ބާޒާރަށެވެ. ރަށު ދޯނި ފުރާއިރު ނިހާއަށް ފޮނުވަން ހަދިޔާއެއް ގަންނާށެވެ. ބާޒާރުން ކްރިމްކޭކަރު ބިސްކޯދު ޑަބިޔަލެއް ގަނެގެން އައިސް، ޑަބިޔާ ކޮޓަރިތެރޭގައި ބަހައްޓަމުން އަޝްރަފް ވާހަކަ ފެށިއެވެ.
"އާޒިމް ތެދުވެބަލަ އަހަރެން ދޯންޏާ ހިސާބަށް....."
އެހެން ބުނެފައި އަޝްރަފަށް އެއްޗެއް ހީވެގެން ބަލައިލިއެވެ. އެއާއެކު އޭނާގެ ދެލޮލުގެ ކަޅި ހުއްޓިގެން ދިއައެވެ.
ޑަބިޔާ ބަހައްޓާފައި ތެދުވަން ހިފާލި ގޮތަށް ހިންދެމިލަންވެސް ނޭނގި، އާގަމަ ވެފައި އަޝްރަފަށް އޮވެވުނީ އަޖައިބެއް ފަދަ އެ ސޫރަ ފެނިފައެވެ.
"ސުބުޙާނައްﷲ!" އޭ އޭނާއަށް ބުނެވުނީ ބޭއިޚުތިއާރުގައެވެ.
މީ ދުނިޔެ މަތީގެ ކަމެއްބާވައޭ އޭނާގެ ހިތަށް އެރިއެވެ!
(ނުނިމޭ)