(29 ނޮވެމްބަރގެ އަދަދާ ގުޅޭ)

" ތީ ދޮގެއް....! ކައިވެނީގެ ކުރީން އަހަރެންނާ ފަރީޝާއާ ދޭތެރޭގަ އެއްވެސް ގުޅުމެއް ނުހިނގާ.... ގަދަކަމުން ފަރީޝާއާ ގުޅުން ހިންގި މީހަކީ އަހަންނެއް ނޫން....! އާޒިމް!"
ފަރީޝާ އަށް ހީވީ އޭނާގެ ގެ މޫނުމަތީގައި ބާރު އެތިފަހަރެއް ޖަހާލެވުނު ހެންނެވެ. ލިބުނު ޝޮކުގައި އޭނާގެ ބޮލަށް ވެސް އެނބުރުން އެރި އެވެ.

" އަހަރެން އެ ވަރުގެ ނުބައި ކަމެއް ކޮށްފާނެ ކަމަށް ފަރީޝާއަށް ހީވީތީވެސް ދެރަވެއްޖެ... ދުވަހަކު ވެސް އަހަރެން މަސްތުވާ އެއްޗެއް ބޭނުމެއް ނުކުރަން.... އެދުވަހު ފަރީޝާ ގެއަށް އައިއިރު އަހަރެން އޮތީ ނިދާފަ.... ރަނގަޅަށް ވިސްނާލި ނަމަވެސް އެކަން ފަރީޝާއަށް އިނގޭނެ....! އެ ގަމީހަކީ އާޒިމްގެ ގަމީހެއް.... އެ ގަމީސް އަހަންނަށް ލިބުނު އިރުވެސް އިނީ ޖީބު ނައްޓާލާފަ..... އަހަރެންނަށް ނުވެސް އެނގި އަހަރެންގެ ބޮލުގަ ކިހާ ނުބައި ތުހުމަތެއް އަޅުވައިގެން ތި އުޅެނީ!"
އަޝްރަފް އަސަރާއި އެކު ދެއްކި ވާހަކަތައް ފަރީޝާއަށް ރަނގަޅަށް އަޑުވެސް އިވޭހެން ހިއެއްނުވެ އެވެ. އޭނާގެ ބޮލުގެ ތެރެއަށް މި ވަގުތު ވަނީ ތޫފާނެއް އައިސްފަ އެވެ. އެކި އެކި ހާދިސާތަކާ އެކިއެކި ވާހަކަތައް ސިކުނޑިއަށް ވެރިވަމުން ދިއަ އެވެ. ހިތުގައި އެތަކެއް ސުވާލެއް އުފެދުނެވެ. އެހުރިހާ ކަމެއް ކޮށްފައި ވެސް އާޒިމް ހަމަ ނޭގޭ ކަމަށް ހަދައިގެން ހިމޭނުން ހުރީ ހެއްޔެވެ! ޤަބޫލު ކުރަން ހާދަހާ ދައްޗެވެ!

" އަޝްރަފަށް ތި ހުރިހާ ކަމެއް އެނގުނީ ކިހިނެތް....؟"
ފަރީޝާއަށް އަހާލެވުނެވެ.
" މާލެ އައުމުގެ ކުރީން އާޒިމް ކިޔާދިނީ....! އެވެސް އޭނައަށް މަޖުބޫރުވެގެން.....! އަހަރެން ދަރިފުޅު އަތުލަފާނެތީ! އަހަރެން އެންމެ ދެރަވީ.... ފަރީޝާ ބަލިވެ އިނީ ކައިވެނީގެ ކުރީން ކަން ފަރީޝާއަށް އެނގި ހުރެ އަހަންނަށް އޮޅުވާލީމަ...! އެހާ ދުވަސްފަހުން އަހަންނަކީ އިޝާގެ ބައްޕަ ނޫންކަން އެނގުނީމަ....!"
އަޝްރަފް ސިއްރު ކުރަން އުޅުނު ނަމަވެސް އޭނާގެ ދެލޮލުގެ ތެރޭގައި ވިދަމުން ދިޔަ ކަރުނަ ތިކިތައް ކިތަންމެ ރީތި ކޮށްވެސް ފަރީޝާއަށް އެބަ ފެނެއެވެ. އެހެން ނަމަވެސް އެކަމާ ދޭތެރޭގައި ވިސްނާލެވޭ ވަރަށް ވުރެ މިވަގުތު ފަރީޝާގެ ހާލު ބޮޑެވެ.

ފަރީޝާ އަކަށް ބުނާނެ އެއްވެސް އެއްޗެއް ނުވިސްނުނެވެ. އަޝްރަފާ އިތުރު ސުވާލެއް ކުރާހާ ހިތްވަރެއްވެސް އޭނާއަކަށް ނުލިބުނެވެ. މިވަގުތު އޭނާ ބޭނުންވަނީ އެކަނި ވެލާށެވެ. ކަން ހިނގާ ދިޔަ ގޮތާއި ދޭތެރޭގައި އަމިއްލަ އަށް ވިސްނާލާށެވެ. އާޒިމަކީވެސް އެހާ ނުބައި މީހަކަށް ވެދާނެ ކަމަކަށް އޭނާގެ ހިތް ޤަބޫލެއް ނުކުރެ އެވެ. އޭނާ އާޒިމް ދެކެ ލޯތްބެއް ނުވެ އެވެ. އެހެން ނަމަވެސް އާޒިމްގެ ރީތި އަޚުލާޤާ މާތް ކަމުގެ މައްޗަށް އޭނާއަށް ދެވިފައި ވަނީ މަތިވެރި ޤަދަރެކެވެ. އާޒިމާ އޭނާއާ ދޭތެރޭގައިވާ ގުޅުން ބިނާ ވެފައި ވަނީ ހަމަ އެކަނި އެ ކަމުގެ މައްޗަށެވެ. އެހެން ކަމުން އާޒިމާ ދޭތެރޭގައި އެދައްކާ ވާހަކަ ޔަގީން ކޮށްފައި ނޫނީ އެވާހަކަ ޤަބޫލު ކުރާކަށް އޭނާ ބޭނުމެއް ނޫނެވެ. ފަރީޝާ ތެދުވެ މަޑުމަޑުން ހިނގައި ގަތެވެ. އަޝްރަފްވެސް ފަރީޝާ ހުއްޓުވާކަށް ނޫޅެއެވެ. ދަތްދޮޅީގައި އަތް ވިއްދާލައިގެން ދުރުބަލަން އިނީ އެވެ. އޭނާގެ މަޤްޞަދު ޙާޞިލް ވެއްޖެ އެވެ. ދެން އޭނާ އިތުރަށް ދައްކާނެ ވާހަކައެއް ނެތެވެ. 

ފަރީޝާ އަށް ގެއަށް ދެވުނު ގޮތްވެސް ނޭގުނެވެ. އޭނާގެ ސިނކުޑީގައި ޚިޔާލު ތައް ގިނަވެގެން ގޮސް ވާނުވާ ނޭގޭ ހިސާބަށް ވަނީ ގޮސްފަ އެވެ. މިދުނިޔޭގައި އޭނާއަށް އިތުބާރު ކުރެވުނު ހުރީ ހަމަ އެކަނި އެންމެ މީހެކެވެ. އެއީ އާޒިމެވެ. އެހެނަސް އާޒިމްވީ އެހެން ހުރިހާ އިންސާނުންނަށް ވުރެ ނުބައި މީހަކަށެވެ. އޮޅިގެން އާޒިމަށް އެކުރެވުނު ކުށަކީ ކިތަންމެ ނުބައި ކުށެއް ނަމަވެސް ފަރީޝާ އާޒިމަށް މައާފް ކޮށްފާނެ އެވެ. އެހެން ނަމަވެސް ގަސްތުގައި އާޒިމް އެ އޮޅުވާލި އޮޅުވާލުމަކަށް ފަރީޝާ ދުވަހަކުވެސް މައާފެއް ނުކުރާނެ އެވެ. 

އާޒިމަށް ގެއަށް އާދެވުނު އިރު ބާރަވެސް ޖަހައި ފި އެވެ. ލުޗާނޯއާ އެކު ކަންކަން ރޭވުމުގައި މިދުވަސް ކޮޅު އާޒިމް އުޅެނީ ވަރަށް އަވަދި ނެތި އެވެ. އާޒިމް ގެއަށް އައިއިރު ފަރީޝާ އޮތީ ނިދަން އޮށޯވެ އެވެ. މީގެ ކުރީން ދުވަހަކުވެސް އާޒިމަށް ވުރެ ކުރީން ފަރީޝާ ނިދަން އޮށޯވެފައެއް ނުވެ އެވެ. ގެއަށް ވަނުމާއި އެކު ކަމެއް ގޯސް ވެއްޖެ ކަމުގެ އިޙުސާސް އާޒިމަށް ކުރެވުނެވެ. ސުވާލު ކޮށްލުމުން ފަރީޝާ ބުނީ ބޮލުގައި ރިއްސަނީ ކަމަށެވެ. އަދިވެސް ފަރީޝާ ބޭނުން ވަނީ އެވާހަކަ އާޒިމް ކިޔާ ދޭތޯ ބަލަން ހުންނާށެވެ. އެރޭގެ ގިނަ ވަގުތު އާޒިމް އުޅުނީ ހޭލަ އެވެ. ފަރީޝާގެ ހިދުމަތުގަ އެވެ. ފަރީޝާގެ ބޮލުގައި ފިރުމުމުގަ އެވެ. ދަރިފުޅު އަޑެއް ލައްވާލާ އިރަށް ފަރީޝާއަށް ހޭލެވިދާނެތީ އަވަހަށް ގޮސް ނަގަ އެވެ. އޭނާ ފަރީޝާ ދެކެ ލޯބި ވަނީ އިންތިހާ އަށެވެ. އެހެން ނަމަވެސް އެ ލޯބި ފަރީޝާއަށް ޤަބޫލު ކުރެވޭނީ ކިހިނަކުން ހެއްޔެވެ!


ނިހާއާ އެކުގައި އޮފީހުގައި މަސައްކަތް ކުރާ ޝާޒްލީއާ ސޮފިއްޔާ މާ އަވަހަށް އޮފީހުގެ މަސައްކަތް ނިންމާލާފައި ގެއަށް ދާން ބޭނުން ވެގެން އުޅެން ފެށުމުން ނިހާ އެކުދީންނާ ސުވާލު ކުރި އެވެ. 
" މާ ބޮޑު ކަމެއް އޮތީތަ؟"
ނިހާ އަހާލީ އާދައިގެ ގޮތަކަށެވެ. ޝާޒްލީއާ ސޮފިއްޔާ އެކަކު އަނެކަކަށް ބަލާލި އެވެ. ނިހާ ގާތުގައި އެވާހަކަ ބުނަން އެމީހުން ފަސް ޖެހުނެވެ. އެހެނަސް ނިހާ ދެ ފަހަރަކު ސުވާލު ކޮށްލުމުން ޖެހިލުން ވެފައި ހުރެ ޝާޒްލީ އެވާހަކަ ބުންޏެވެ.

" މަޤްރިބް ނަމާދުން ފައިބައިގެން އެބޮތް ރަޒީނާ މެންގެއަށް ދިއުން.... މިރޭ ހުސޭނުބޭ ރަޒީނާގެ ޖިންނި ގެންނަ ރޭ....! އެތަން ބަލަން ދާން މިއުޅެނީ....!"
ނިހާ އެއްޗެއް ނުބުނެ އިރު ކޮޅަކު ހުއްޓެވެ. ހުސޭނުބޭ އަކީ ފަންޑިތަ ހަދާ މީހެކެވެ. ރަށުގެ ގިނަ ބަޔަކު ރަޒީނާ ގެ އެ ނުކުޅެދުންތެރި ކަމުގެ ފައިދާ ނަގާތީ ނިހާ ހުރީ ހިތްހަމަ ނުޖެހިފަ އެވެ. 
" އެ ކީއްކުރަން ކުރާ ކަމެއް؟"
ނިހާ އަހާލިއެވެ. 
" އެއީ ހާޝިމްގެ އަންހެނުންގެ ހުރިހާ ގަހަނާތައް ހަފްތާއެއް ކުރީން ވަގަށް ނެގީމަ އެކަން ކުރި މީހަކު ހޯދަން!"
ޝާޒްލީ ބުންޏެވެ. އެމީހުން ރަޒީނާ ބޭނުން ކޮށްގެން އެކުރާ ކަމެއް ބެލުމުގެ ޝައުގުވެރިކަން ނިހާގެ ހިތުގައިވެސް ބޮޑުވެގެން ދިޔަ އެވެ. 

މަޤްރިބް ނަމާދުން ފައިބައިގެން ނިހާ ވެސް މިސްރާބު ޖެހީ ރަޒީނާ މެންގެ ގެއާއި ދިމާ އަށެވެ. ގޭ ދޮށަށް ދިޔައިރު ބޭރުގައި ވެސް ބަޔަކު ތިއްބެވެ. ރަޒީނާ ގެ ހަޅޭކުގެ އަޑު ދުރަށް ވެސް އިވެމުން ދިޔަ އެވެ. ނިހާ ގޭގެ ދޮރުމައްޗަށް އެރުމާއި އެކު ވަރަށް ބާރަށް ރަޒީނާ އެއްޗެއް ބުނެލި އަޑު އިވުނެވެ.

" އެއަންނަނީ އެއްކަލަ އަންހެނާ.....އޭނަ އެއަންނަނީ ކަލޭމެން ކުރާކަންތައް ބަލަން!"
އެއަޑު އިވުމުން ބޭރުގައި ތިބި މީހުންވެސް ނިހާއަށް ބަލާލި އެވެ. އެމީނުންނަށް ވުރެ ބޮޑަށް ޙައިރާން ވީ ނިހާ އެވެ. އެގެއަށް ނުވެސް ވަންނަނިސް ނިހާ އަންނަކަން ރަޒީނާ އަށް އެނގުނީތީ އެވެ. ނިހާ އިސް ޖަހާލައިގެން އެތެރެއަށް ވަން އިރު ގޭތެރޭގައި ތިބި އެންމެންހެން ތިބީ ދޮރާ ދިމާއަށް ބަލާށެވެ. ރަޒީނާ އެބުނީ ކާކުގެ ވާހަކައެއްތޯ ބަލާލަން ބޭނުން ވެގެން ނެވެ. ގޯތިތެރޭގައި ހުރި ދަގަނޑު އެދެއްގައި ރަޒީނާ ބަދެފައި އޮތެވެ. ހުސޭނުބެއާއި އެކު އެތާނގައި ވިއްސަކަށް މީހުން ތިއްބެވެ. ބަޔަކު މީހުން އަމިއްލަ މަޤްޞަދެއް ޙާޞިލް ކުރަމުން ދިޔަ އިރު އަނެއް ބަޔަކު ތިބީ ކުޅި ބަލާށެވެ. 

ނިހާ ފެނުމާއި އެކު ރަޒީނާ ބާރަށް ތެޅިގަތެވެ. ފުންމައިގެން ނިހާއާ ދިމާއަށް އަންނަން އުޅުނުހެން ހީވި އެވެ. ހީވީ އޭނާގެ ގައިގައި ޖަހާފައިވާ ޗޭނު ގަނޑުވެސް އުފުރާލަފާނެ ހެންނެވެ. 

" ކަލޭ ހީކުރީ މަށަށް މިހެން ހަދާފަ ކަލެއަށް އުފަލުގަ އުޅެވިދާނެ ކަމަށްތަ؟"
އެނދު މައްޗަށް ބާރަށް ޖެހިގަންނަމުން ނިހާއާ ދިމާއަށް ދެލޯ ބޮޑުކޮށް ނުބައި ވައްތަރެއް ޖައްސަމުން ރަޒީނާ ބާރަށް ބުންޏެވެ. އެވަގުތު އެތާނގައި ތިބި އެންމެންހެން ޙައިރާން ކަމާއި އެކު ނިހާއަށް ބަލަން ފަށައިފި އެވެ. ނިހާވެސް ހުރީ ބުނާނެ އެއްޗެއް ނޭގިފަ އެވެ. ރަޒީނާ ނިހާއާ ދިމާއަށް އެހެން އެ ބުނީ ކީއްވެ ކަމެއް ނިހާ އަކަށް އެއްގޮތަކަށް ވެސް ނޭގެއެވެ. 

" ކަލޭގެ ފިރިމީހާ ކަލެއަށް ވެސް ދިނީ ލަނޑު.... ކަލެއަށް ސިއްރުން އެ އަންހެން މީހާއާ އޭނަ ދެއަންބަށް އިނީ.... ކަލެއާ އެހާ ކައިރީގަ އޭނަ ގެންގުޅުނު އިރުވެސް ކަލެއަށް ނޭގުނު..... ކަލޭ ތިހިރީ ހައްދާފަ.....!"
އެހެން ބުނަމުން ރަޒީނާ ބާރަށް ހޭން ފަށައިފި އެވެ. 

" ހެއްދީ ހެއްދީ...ހެއްދީ....!"
ރަޒީނާ އެބުނީ ކޮންކަހަލަ ވާހަކައެއް ހެއްޔެވެ! ނިހާގެ ގައިން ހީބިހި ނަގައިގެން ދިއަ އެވެ.

ދެއަތް ދެއަތާ ތަޅަމުން ރަޒީނާ ޖެއްސި ވައްތަރުން އެތާނގައި ތިބި ބަޔަކު ހިނިއައި ނަމަވެސް ނިހާ ހުރީ ސީރިއަސް ވެފަ އެވެ. އެ އެންމެންގެ ތެރޭގައި އޭނާ ބޭޒާރު ވެދާނެތީ ގަތް ލަދަށް ވުރެ ބޮޑަށް އޭނާ ބިރުގަތީ އެވާހަކަ ޙަޤީޤަތަކަށް ވެދާނެތީ އެވެ. ރަޒީނާ އެ ދައްކަނީ ފަރީޝާގެ ވާހަކައެވެ. އެތަނުގައި ތިބި ބައެއް މީހުންނަށް ވެސް އެކަން އިނގޭނެއެވެ.

" މިފަހަރުވެސް އޭނަ ބަހަނާއެއް ހޯދައިގެން މާލެ އެދިޔައީ އެ އަންހެން މީހާގެ ފަހަތުން....! ބޮޅެއް....ބޮޑު ބޮޅެއް....!"
އެހެން ބުނަމުން ބާރަށް ހެމުން ރަޒީނާ އެ ދަގަނޑު އެނދު މައްޗަށް ނެގިނެގިފައި ޖެހެން ފަށައިފި އެވެ. މީހުން ގަނޑު ހޭއަޑު ގަދަވެގެން ދިޔަ އެވެ. އެހެން ނަމަވެސް އެއަޑު ނިހާއަށް އިވޭ ވަރަށް ވުރެ ނިހާ ހުރީ ކަންބޮޑުވެފަ އެވެ. ރަޒީނާ އެބުނި އެއްޗެއް މުޅީން ޙަޤީޤަތަކަށް ނުވިއަސް ހަމަޔަގީނުން ވެސް ކޮންމެސް ވަރެއްގެ ޙަޤީޤަތެއް ވާނެކަން ކަށަވަރެވެ. ފަރީޝާއާ ބެހޭ މައުލޫމާތުވެސް ރަށުގެ އެހެން މީހަކަށް ނޭގޭ ވަރަށް ރަޒީނާއަށް އެބަ އިނގެއެވެ. ފަރީޝާ މިހާރު ވީ މާލޭގަކަންވެސް ރަޒީނާއަށް އެނގިއްޖެ އެވެ. ނިހާއަށް ވިސްނައިގަނެވުނީ އިރު ކޮޅެއްގެ ފަހުންނެވެ. އޭރުވެސް އެންމެން ހެން ތިބީ ނިހާއަށް ބަލާށެވެ. ނިހާ ވަރަށް ލަދުގަތެވެ. އަވަސް އަވަހަށް އޭނާ އެތަނުން ދާން ހިނގައި ގަތެވެ.

ގެއަށް އާދެވުނު އިރު މުޅި މީހާ ހުރީ އައްސިވެފަ އެވެ. ސިކުނޑީގައި ގިނަވެގެން ދިޔަ ސުވާލު ތަކުގެ ސަބަބުން ސިނކުޑީގެ މަސައްކަތް ހުއްޓެން އުޅޭ ކަހަލަ އެވެ. 

ރަޒީނާއަށް އެ ބައްޔެއް ޖެހުނު ފަހުން އޭނާ އަޝްރަފާ ދިމާވި ފުރަތަމަ ދުވަހުވެސް އަޝްރަފާ އެހެން އަންހެނަކާ ގުޅުމެއް އޮތް ފަދަ ވާހަކައެއް ރަޒީނާ ވަނީ ދައްކާފަ އެވެ. އޭރު ރަޒީނާއަށް ފަރީޝާ ނުވެސް ފެންނާނެ އެވެ. އަދި މިފަހަރު އަޝްރަފް މާލެ ދިއަކަން އެނގޭ މީހަކުވެސް ރަށުގައި މަދުވާނެ އެވެ. އެހެން ވީއިރު އެހުރިހާ އެއްޗެއް ރަޒީނާ އެ ކިޔަނީ އެހެން މީހުންނަށް ނޭގޭ އެއްޗެހި ތަކެއް އޭނާއަށް އެނގޭތީ އެވެ. ރަށު މީހުން ރަޒީނާގެ ވާހަކަ ޤަބޫލު ކުރާނީވެސް ސަބަބެއް އޮވެގެންނެވެ. އެހެން ނަމަވެސް އަޝްރަފޭ ކިޔައިގެން އެކިޔާ އެއްޗެއް ޤަބޫލު ކުރާނީ ކިހިނެއް ހެއްޔެވެ! އަޝްރަފަކީ ދުވަހަކުވެސް ނިހާ އަށް ދޮގު ހަދާނެ މީހެއް ނޫނެވެ. ނިހާ ދެކެ އަޝްރަފް ލޯބިވާވަރު ނިހާއަށް އިނގެ އެވެ. ފެނެއެވެ. އެހެން ނޫނަސް ރަޒީނާގެ އެވާހަކަ މުޅީން ހަމައެއްވެސް ނުޖެހެ އެވެ. ފަރީޝާއާ އަޝްރަފް އިނދެގެން އުޅޭނަމަ އާޒިމް ފަރީޝާއާ އިންނާނީ ކިހިނެއް ހެއްޔެވެ! ނިހާ ވިސްނަމުން ދިޔައިރު ރަޒީނާ ދެއްކި ވާހަކައިގައި ކޮންމެވެސް ޙަޤީޤަތެއް އޮވެދާނެ ކަމަށް ބައެއް ފަހަރު ޤަބޫލު ކުރެވެ އެވެ. ބައެއް ފަހަރު އެއީ މުޅީން ދޮގެއް ކަމަށް ވެސް ނިންމެ އެވެ. ރަޒީނާ އެދެއްކި ވާހަކައިގައި ޙަޤީޤަތެއް ނުވާނެ ކަމަށް ޤަބޫލު ކުރަން ނިހާ ބޭނުންވި އެވެ. އަދި އޭނާގެ ނުތަނަވަސްވެ ބިރުގެންފާވާ ހިތަށް ވިސްނަ ދެމުން ހުއްޓުމެއް ނެތި ދުޢާ ކުރަމުން ދިޔަ އެވެ. ދެން ހަދާނެ ގޮތަކާއި ދޭތެރޭގައި ނިހާ ވިސްނިއެވެ. މިވަގުތު އޭނާއަށް ރަށުގައި ހުންނަންވެސް އުނދަގުލެވެ. އޮފީހަށް ދާން އަދި މާ އުނދަގުލެވެ. އެހެން ކަމުން ނިހާ ނިންމީ އަނެއްދުވަހު ފުރާ ދޯނިން އަޝްރަފް ކައިރިއަށް މާލެ ދާށެވެ.

ވޭތުވެ ދިޔަ ދެދުވަސް ފަރިޝާއަށް ވަރަށް ދިގެވެ. ހިތުގައި އެވާހަކަ ފޮރުވައިގެން އާޒިމްގެ ކުރިމަތީގައި އުޅެން ހާދަ އުނދަގުލެވެ. ފަރީޝާގެ މިޒާޖަށް އައި ބަދަލު އާޒިމަށް ފާހަގަ ކުރެވިގެން ނަމަވެސް އެވާހަކަ އާޒިމް ދައްކާނެ ނަމައޭ ފަރީޝާ ހިތަށް އަރަމުން ދިޔަ އެވެ. އާޒިމް ފެންނަ ކޮންމެ ފަހަރަކު އާޒިމް އެވާހަކަ ދައްކަން އުޅޭހެން ފަރީޝާއަށް ހީވެ އެވެ. އެހެން ނަމަވެސް އެފަދަ އެއްވެސް އިޝާރާތެއްވެސް ނެތެވެ. މިހާރު އާޒިމް ފެނުނީމައި ފަރީޝާ ވަނީ ފޫއްސެކެވެ. އޭނާގެ ނުބައި ކަން ހިތަށް ވަންނަނީ އެވެ. އަޝްރަފަށް އެހުރިހާ ވާހަކައެއް ކިޔައިދީފައި ފަރީޝާއަށް އެ ސިއްރު ކުރީ ހަމަ އަމިއްލަ އެދުން ބޮޑު ކަމުންނެވެ. 

ފަރީޝާއަށް އަޝްރަފާ ދޭތެރޭގައި ވިސްނާލެވުނެވެ. އެރޭ އަޝްރަފް އިނީ ހާދަހާ ދެރަވެފަ އެވެ. އަޝްރަފްގެ ދެލޮލުން ކަރުނައިގެ އަސަރު ފެނުނެވެ. ހިތްދަތިވި ވަރުން އަނގައިން ނުބުނެވިގެން އުޅުނު ތަން ފެނުނެވެ. ވާނީވެސް އެހެން ނެވެ. ފަރީޝާއަށް އަޝްރަފާ ދޭތެރޭ ކަންތައް ކުރެވުނީވެސް ރަނގަޅަކަށް ނޫނެވެ. ފަރީޝާ އެވާހަކަ އަޝްރަފް ގާތުގައި ކުރީން ނުބުނުމުގެ ސަބަބުން އަޝްރަފަށް އެ ލިބުނީ ކިހާ ނިކަމެތި ކަމެއްހެއްޔެވެ! އިޝާއާ ދޭތެރޭގައި އޭނާ ކިހާ އުއްމީދެއް ކުރި ހެއްޔެވެ! ނިހާއަށް ސިއްރުން އޭނާ ފަރީޝާގެ ރަށަށް އައިސް ފަރީޝާއަށް ޚަރަދު ކޮށް އެ ހުރިހާ ކަމެއް ކޮށްފައި އެވަނީ ވެސް ހަމަ އިޝާއަށްޓަކައެވެ. އެހުރިހާ ކަމަކަށް ފަހު އިޝާއަކީ އަޝްރަފްގެ ދަރިއެއް ނޫންކަން އެނގުމުން އަޝްރަފް ދެރަވާނެ ވަރު ފަރީޝާގެ ހިތަށް ވަން ހިނދު ފަރީޝާގެ ހިތް އަޝްރަފަށްޓަކައި ހަމްދަރްދީ އިން ފުރުނެވެ. އޮޅިގެން ނަމަވެސް އޭނާއަށް އެ ދެވުނީ އަޝްރަފަށް ބޮޑު ލަޑެކެވެ. އަޝްރަފާ ދޭތެރޭގައި އޭނައަށް ހީކުރެވުނީ ވެސް ކިހާ ނުބައި ކޮށް ހެއްޔެވެ! އެއިން އެއްވެސް ކަމެއް އަޝްރަފަކަށް ޙައްޤެއް ނޫނެވެ. 

ފަރީޝާގެ ހިތުގައި އަޝްރަފްގެ މައްޗަށް އޮތް ލޯބި އިތުރުވެ އަޝްރަފާ ބައްދަލު ކޮށްލާ ހިތުން ހިތް އޮބި ނޯންނަ ވަރު ވުމުން އޭނާ އަޝްރަފަށް ގުޅާލި އެވެ. އަދި ބައްދަލު ކޮށްލަން ބޭނުން ކަމަށް ބުންޏެވެ. އަޝްރަފް ފަރީޝާއާ ބައްދަލު ކުރުމަށް އުޒުރުވެރި ވި އެވެ. ފަރީޝާ ގާތުގައި އަޝްރަފް ބުނީ ކުޑަ އޮޕަރޭޝަނެއް ކޮށްގެން ގޭގައި އޮންނަން ޖެހޭތީ ބައްދަލު ކުރެވެން ނެތް ވާހަކަ އެވެ. އޭނާ ދެން ފަރީޝާއާ އެއްވެސް ގުޅުމެއް ބާއްވާކަށް ބޭނުމެއް ނޫނެވެ. އޭނާގެ ދިރިއުޅުމުގެ އެ ބާބު ނިމުނީ އެވެ. ދެން އޮތީ އެދުވަސް ތައް ހަނދާން ނައްތާލަން މަސައްކަތް ކުރުމެވެ. އަޝްރަފް ބޭނުން ވަނީ ރަށުން އެއަންނަ ދޯނި މިކޮޅުން ފުރާއިރު އޭގެން އަވަހަށް ރަށަށް ދާށެވެ. އޭނާގެ މާޒީ މާލޭގެ ވައިގެތެރެއަށް ދޫކޮށްލުމަށް ފަހު އަބަދަށްޓަކައި އޭގެން ސަލާމަތް ވާށެވެ. މިހާރު އޭނާއަށް ކުރެވުނު ކުށުގެ އަދަބު ލިބެން ވާވަރަށް ލިބި ނިމިއްޖެ އެވެ. ދެން އޮތީ ތައުބާ ވުމެވެ. އަދި ނިހާއާ އެކުގައި އުޅުނު ލޯބީގެ ދިރިއުޅުން އަލުން އާ ފެށުމަކުން ފެށުމެވެ. 

އަޝްރަފް ގަސްތުގައި ފަރީޝާއާ ބައްދަލު ކުރަން ދެކޮޅު ހެދިކަން ޔަޤީންވުމުންވެސް ފަރީޝާއަށް ރުޅި އާދެވުނީ އާޒިމް ދެކެ އެވެ. އެވަރުގެ ބޮޑު ހިތާމައެއް އަޝްރަފަށް ލިބެން ޖެހުނީ އާޒިމާ ހެދި އެވެ. އެހެން ހިތަށް އެރުމާއި އެކު އާޒިމް ދެކެ ރުޅި އާދެވުނީ އިންތިހާ އަށެވެ. ދެން އާޒިމް އެވާހަކަ ދައްކަފާނެ ކަމުގެ އުއްމީދުގަ ފަރީޝާ އަކަށް ކެތެއް ނުކުރެވޭނެ އެވެ. އާޒިމާ ދިމާއަށް އެ ވާހަކަ ގޮވާލާފައި ނޫނީ ދެން ހަމަ، ހަމަ ނޭވާ އެއްވެސް ނުލެވޭނެ އެވެ. ފަރީޝާ ކޮޓަރިއަށް ވަން އިރު އާޒިމް އިނީ ބޭބީއާ ސަކަރާތް ޖަހާށެވެ. އިޝާ އާޒިމާ ދިމާއަށް ބަލާފައި ހެނީ އެވެ.

" ދަރިފުޅުގެ ޙަޤީޤީ ބައްޕަ ދަރިފުޅަށް އިނގެނީ ދޯ!"
ފަރީޝާގެ އަޑު އިވިފައި އާޒިމަށް ބަލާލެވުނެވެ. އެއީ ފަރީޝާ ކޮށްލި ސަމާސައެއް ނޫންކަން ފަރީޝާ ފެނުމުން އާޒިމަށް ވިސްނުނެވެ. އާޒިމްގެ ހިތް ލަތްކެއް ޖަހާލި އެވެ. 
" އަހަރެން ނަކީ އެހުރިހާ ކަމެއް ތަހައްމަލް ކުރަން ޖެހުނު މީހާ.... އެކަމަކު އަހަންނަކަށް ނޭގުނު!"
ފަރީޝާ ވާހަކަ ދެއްކީ ބާރަކަށް ނޫނެވެ. އެހެން ނަމަވެސް އޭނާގެ އަޑުގައިވާ ނަފްރަތު އާޒިމަށް ފާހަގަ ކުރެވުނެވެ. އާޒިމް އިންތަނުން ތެދުވީ ބިރުން ހުރެ އެވެ. ފަރީޝާ އެ ކިޔަން އުޅޭ އެއްޗެއް އޭނާއަށް އެބަ އިނގެ އެވެ. 

" ކީއްވެ އަހަންނަށް ސިއްރު ކުރީ....! ކީއްވެ އެވަރުގެ ދެރަގޮތެއް އަހަންނަށް ހަދާފަ... އޭގެ ފަހުގަވެސް އަހަންނަށް ސިއްރު ކުރީ....!"
ރޮވިފައި ހުރި ފަރީޝާގެ އަޑު ދިޔައީ ގަދަ ވަމުންނެވެ. 
" ކާކު ކީކޭކީ....؟"
އާޒިމަށް އަހާލެވުނެވެ. އެހާ ފޮރުވައިގެން އުޅެނިކޮށްވެސް އަޝްރަފަށް ފަރީޝާއާ ހިސާބަށް އާދެވިއްޖެ ހެން އާޒިމަށް ހީވި އެވެ.
" އަދިވެސް އަހަރެން ކައިރީ ބުނި މީހާތަ ގޯސްވީ....! އަހަރެންނާ ދޭތެރޭ އެހާ އަނިޔާވެރި ކޮށް ކަންތައްކޮށް، އަހަރެންނަކީ އަގެއްނެތް އެތިގަޑަކަށް ހަދާ ގަދަ ކަމުން އަހަރެން ބޭނުން ކޮށްލީ އަހަރެންނަކީ ހިލޭ މީހަކަށް ވީމަ... އެކަމަކު މިއަދު އަހަންނަކީ އާޒިމްގެ އަންހެނުންނޭ..... އަހަރެންނަށް އަހަރެންގެ އަމިއްލަ ޙަޤީޤަތް އޮޅުވާލާއިރު ތީ އަހަރެންގެ ފިރިމީހާއޭ...!"
ހިތުގައި ޖެހިފައި ހުރި ވަރުންނާއި އައިސްފައިވާ ގަދަ ރުޅީގެ ސަބަބުން ފަރީޝާ ހީވަނީ މޮޔަވެއްޖެ ހެންނެވެ. އޭނާއަށް ހަޅޭއްލެވެން ފަށައިފި އެވެ. އާޒިމް ކުރިއަށް ޖެހިލާ ފަރީޝާގެ ގައިގައި އަތް ޖައްސާލަން މަސައްކަތް ކުރި އެވެ. 

" ފަރީޝާ...! ޕްލީސް!"
ފަރީޝާ އާޒިމް ގެ އަތް ފޮޅުވާލަމުން ދުރަށް ޖެހުނެވެ. 
" ފަރީޝާ ހަމަޖެހިބަލަ.... އަހަރެން ފަރީޝާއަށް އެ ވާހަކަ ކިޔާދެން ބޭނުމޭ....!"
އާޒިމް ހުރީ ހަދާނެ ގޮތް ބޮޑުވެފަ އެވެ. އާޒިމަށް އެކަން އެ ލައިގަތީ އެކަމަށް ތައްޔާރުވެސް ނުވެ ހުއްޓާ އެވެ. 

" ކިޔާދެން ބޭނުން ނަމަ މިހާ ދުވަސް ވީއިރު ކިޔާ ދެވިފަ އޮންނާނީ.....! އާޒިމް ތި އޮޅުވާލީ އަހަންނަށް އެކަންޏެއް ނޫނޭ...! އާޒިމް ބޭނުމެއް ނުވޭ އިޝާއަކީ އާޒިމްގެ ދަރިއެއް ކަމަށް ޤަބޫލު ކުރާކަށް....އެހެންވެގެން އެކަން ސިއްރު ކުރީ...!"
އާޒިމްގެ ހިތަށް ހީވި ތޫނު ހަންޖަރެއް ކޮށްޕާލި ހެންނެވެ. ޙަޤީޤަތުގައިވެސް އޭނާ ވަރަށް ހިތުގައި ޖެހިއްޖެ އެވެ. އޭނާއާ ދިމާއަށް އެހެން ބުނާކަށް ނުވާނެ އެވެ. އިޝާއަކީ އޭނަގެ ދަރި އެކެވެ. އެއަށް ވުރެ އޭނާ އުފާވާ ޙަޤީޤަތެއް ނެތެވެ. އެހެން ނަމަވެސް އެހެން ވެސް އާޒިމަކަށް ބުނެވޭކަށް ނެތެވެ. އާޒިމް އަނގައިން ބުނާނެ ފުރުސަތެއް ފަރީޝާ ނުދެ އެވެ. ފަރީޝާ ރޮމުން ގިސްލަމުން ހިތަށް އައި ހުރިހާ އެއްޗެއް ކިޔާފައި ކޮޓަރީން ނުކުމެގެން ދުއްވައި ގަތީ އެވެ. ފަރީޝާ ގޮސް ގޭން ނުކުންނަން ދެން އާޒިމް ފަރީޝާގެ ފަހަތުން ދިޔަ އެވެ. އެއަށް ވުރެ އިތުރަކަށް ނުދެވުނެވެ. ގޭގައި ބޭބީ އޮތީ އެކަންޏެވެ. ފަރީޝާ ދިއުމުން އާޒިމް ހުރިދިމާ ތަޅުން މަތީގައި އިށީނެވެ. އޭނާ ވަނީ ގޮތް ހުސްވެ މާޔޫސް ވެފަ އެވެ. ކިތަންމެ ލޯބި ވިއަސް ފަރީޝާ ހިފަހައްޓަން އޭނާއަށް ދެން ކުރެވޭނެ މާ ބޮޑު ކަމެއް ނެތެވެ. އެތައް މަސައްކަތަކުން ފަރީޝާގެ ހިތުގައި ބިނާ ކުރެވުނު ލޯބި ވެސް ކުޑަ ހިނދު ކޮޅެއްގެ ތެރޭގައި ފަނާވެގެން ދިޔައީ އެވެ. ފަރީޝާ އެގޭން ނުކުމެގެން ދާނީ އަޝްރަފްގެ ކައިރިއަށް ހެން އާޒިމަށް ހީވި އެވެ. ކުރެވުނު ބޮޑު ކުށުގެ އާހިރު ނިމުން ހިތި ވާނެކަން އަބަދުވެސް އާޒިމަށް އިނގެ އެވެ. އެހެނަސް މިހާ ހިތި ވާނެކަމެއް ނޭގެ އެވެ.
(ނުނިމޭ)

ކޮމެންޓް 0