(30 އޯގަސްޓްގެ އަދަދާ ގުޅޭ)
އަނެއްކާވެސް އިރު ކޮޅަކު ވާހަކަ ދައްކަން އިދެފައި ރަޒީނާ ފުންމައިގެން ތެދުވުމާއ ިއެކު އޭނާ ލައިގެން ހުރި ޓީސަރޓްގަނޑު ހަށިގަނޑުން ދަމައި ގަތުމާއ ިއެކު މަގުމައްޗަށް ހޫރާލައިފި އެވެ.
ނިހާއަށް ލިބުނީ ޝޮކެކެވެ! ރަޒީނާގެ އެ ބޮޑު ހަށިގަޑަށް ދެލޯ ބޮޑުކޮށްގެން އޭނާއަށް ބަލާލެވުނީ ބޭއިހުތިއާރުގައެވެ. ނިހާ އަވަސް އަވަހަށް އެކި ދިމަދިމާއަށް ނަޒަރު ހިންގާލިއެވެ. އެއާއ ިއެކު ރަޒީނާގެ އަތުގައި ހިފައިގެން ގެއާ ދިމާއަށް ބާރަށް ދުއްވައިގަތެވެ. ރަޒީނާ ގޮވައިގެން، ވައިސޫރިއެއްހާ ބާރަށް ގެއާ ދިމާއަށް ދަމުން ވެސް ބިންމަތީގައި އޮތް ރަޒީނާގެ ޓީޝަރޓް ނިހާ ނެގީ ހުޝިޔާރު ކަމާއި އެކުގައެވެ. ގޭތެރެއަށް ވަދެ ގޭގެ ދޮރު ތަޅުލުމަށް ފަހު ނިހާ ރަޒީނާއަށް ބަލައިލި އެވެ. ނިހާވެސް ހުރީ މާ ނޭވާ ލެވިފައެވެ. ރަޒީނާ އަކީ ނިހާ ހީނުކުރާހާ ތަފާތު މީހެކެވެ! ރަޒީނާ އަށް ހޭވެރިކަމެއް ވީ އަދި ކިރިޔާއެވެ. އޭނާ އަވަސް އަވަހަށް ގޭތެރެއަށް ބަލާލުމަށް ފަހު ނިހާގެ އަތުން އޭނާގެ ޓީޝަރޓް ގަނޑު ޖަހައިގަންނަމުން އަތް ދަމާފައި ނިހާގެ ކޯ މަތީގައި ބާރު އެތި ފަހަރެއް އަޅާލައިފި އެވެ. މިފަދަ ކަމަކަށް ތައްޔާރު ނުވެ ހުރި ނިހާގެ މޫނު މައްޗަށް ވެސް އަނދިރި ވެގެން ދިއައެވެ.
" ކަލޭ ޖެހޭތަ މަ ގަދަކަމުން ވެސް މިގެއަށް ވައްދަން!"
އެހެން ބުނެފައި ޓީޝަރޓްގަނޑު ގަޔަށް ފައްތަމުން ރަޒީނާ ނުކުމެގެން ދިއައިރު ގުޑިލަން ނޭގިފައި ނިހާ ހުރީ ހައިރާންވެ އަންތަރީސް ވެފައެވެ. ރަޒީނާ އެހާ ހަލުވިކޮށް ގެއަށް ނުވެއްދިނަމަ ދުރުގައި ތިބި ޒުވާން ގުރޫޕަށް އެ މަންޒަރު ފެނުނީހެވެ. ހަށިގަޑުގައި ހެސް ކިޔާފަ ލޮކިމަސް ޖަހައި، ޖެލީ ގަނޑެއްހެން ދެފަރާތަށް މަސްތައް އެލިފައި އޮތް އިރު އެއީ މާރީތި މަންޒަރަކަށް ނުވާނެއެވެ. އެވަރުގެ ބޭޒާރަކުން ރަޒީނާ ސަލާމަތް ކޮށް ދިނީތީ ރަޒީނާ އެދިޔައީ ނިހާ އަށް "ސަޅި" ހަދިޔާއެއް ދީފައެވެ. ނިހާގެ ކޮލުގެ އެތެރޭގައި ހުރި ދަތްތައްވެސް ނުގުޑާ ކަމެއް ނޭގެއެވެ! ހެޔޮ ކަމެއްގެ ބަދަލުގައި ތެޔޮ ހަމެކެވެ!
ނިހާ ގޭތެރެއަށް ވަދެ ގަޑުފެން ކޮޅެއް ކޮލުގައި ޖައްސަމުން ސޯފާގައި އިށީނީ ދެންމެގައި ހިނގައިދިޔަ ހާދިސާއާ ދޭތެރޭ ފުންކޮށް ވިސްނަމުންނެވެ. ހުސް ސުވާލު މާރކެވެ! ރަޒީނާ އެގޭ ދޮށަށް އައިސް އެހާ ރީތިކޮށް ވާހަކަ ދެއްކުމާއި، އޭނާ އެކުރި ސުވާލު ތަކާއި، އޭނާއަށް އެވީގޮތް.. މީ ވިސްނައިގަންނަން ދަތި ކަނތައްތަކެވެ! އަދި ކޮންމެހެން މަޖުބޫރުވެގެން އެގެއަށް ވެއްދީމައިވެސް އޭނާ ހާދަ ރުޅިގަދަ ވެއްޖެއެވެ. އަޖައިބެއް ކަހަލަ އަންހެނެކެވެ. މަޑުމަޑުން ކޯތާފަތުގައި ގަނޑުފެން ކާއްތަކާއްތާ އިން ނިހާގެ ހަރަކާތަށް ހުއްޓުމެއް އައީ އެއްޗެއް ހަނދާން ވުމުންނެވެ. ނިހާގެ ކޯ މަތީގައި ޖަހާފައި ހެދުންގަނޑު ލަމުން އެނބުރި ދާން ހިނގައިގަތް އިރު ނިހާއަށް ރަޒީނާގެ ބުރަކަށީގެ ބަޔެއް ފެނުނެވެ. އޭނާގެ ބުރަކަށީގައި ރޮނގުރޮނގަށް ލޭ ހިލިފައި ހުއްޓެވެ. އެއީ ކޮން އެއްޗެއް ހެއްޔެވެ!
ރަޒީނާ ގެއަށް އައި އިރުވެސް މުޅި ގައި ހިރުވަނީ އެވެ. ގެއަށް އައިސް އޭނާ އަވަހަށް ފާޚާނާއަށް ވަދެ ގަޔަށް ފެން އަޅަން ފަށައިފިއެވެ. ހަށިގަނޑުގެ އެތަން މިތަނުން ދިލަ ނަގައިގަތެވެ. ކެތް ނުވާވަރަށެވެ. އަވަސް އަވަހަށް ނުކުމެ ތުވާލިން ގައި ހިއްކާލުމަށް ފަހު އޭނާ ގެންގުޅޭ ޝަވަރ ޓު ޝަވަރ ފުއްދަޅު ބުރަކައްޓަށާއި ގައިގެ އެތަން މިތަނަށް އޮއްސާލިއެވެ. ފަތްފަތް ޖެހިފައި ހުރި މަސްގަނޑުގެ ދޭތެރެއަށް މާ ބޮޑަށް ހޫނުވެގެން ފާރުވީމައި އޭނާ އާންމުކޮށް ބޭނުން ކުރަނީ އެ ފުށެވެ. މިއަދު އޭނާ އަވީގައި ގިނަ އިރު އުޅުނީމައި ހޫނު ވީ ކަންނޭގެ އެވެ. ނޫނީ.. އެއީ ނިހާގެ ގޭދޮށަށް ދިއައީމައި ވީގޮތެއް ނޫން ބާއެވެ! އެ ހިސާބު ގަނޑަށް އަރާ މީހުންނަށް ވެސް އޭގެ އޭތީގެ އުދަގޫ ޖެހެނީ ހެއްޔެވެ! އެކަމަކު ނިހާ އެ ހުންނަނީ ހާދަހާ ހިނިއައިސްފައެވެ! ނޫނެކެވެ، ނިހާ ބުނި ގޮތުން އެގޭތެރެ ވެސް ވަރަށް ނާމާން ވެއްޖެ އެވެ. އަދި ރަނގަޅަށް އެ ސޮރުގެ އަހުވާ ނިހާއަށް ނުފެންނަނީ އެވެ! އެކަމަކު އޭގެ އަސަރު އެފެންނަނީ ހާދަ ލަސްލަހުންނެވެ. ރަޒީނާ އެކުރި މަސައްކަތުގެ ނަތީޖާ ދެކިލާ ހިތުން ރަޒީނާ އަށް މިހާރު ކެތްވަނީއެއް ނޫނެވެ!
އަޝްރަފަށް ލިބިފައިވާ ވަގުތު ހަމަވަނީ އެވެ. އަންނަ ހުކުރުގެ ކުރީން ކައިވެނި ކުރަން މަޖުބޫރެވެ. ކޮންމެސް އެއްގޮތެއް އޭނާ އަވަހަށް ނުނިންމައިފި ނަމަ ވަރަށް ގޯސް ވެދާނެއެވެ. އަޝްރަފަށް އޮތީ އެންމެ ގޮތެކެވެ. އާޒިމާ ފަރީޝާގެ ކައިވެނި ކުރުވުމެވެ. އެއަށް ފަހު ޗިޓް ގައި އެވާ ދުވަހު ފުލުސް އޮފީހަށް އޭނާ އާ ފަރީޝާ ހާޒިރު ވާނީ ފަރީޝާއާ އާޒިމްގެ ކައިވެނީގެ ސެޓްފިކެޓާ އާޒިމްގެ ސިޓީއަކާއި އެކުގައެވެ. އޭރުން ފަރީޝާއާ އަޝްރަފާ ދޭތެރޭ ގައި ގުޅުމެއް ނެތް ކަމަށާއި ފަރީޝާ އަޝްރަފް ގާތުގައި ހުރީ އާޒިމްގެ އަމާނާތެއްގެ ގޮތުގައި ކަން އެމީހުންވެސް ޖެހޭނީ ގަބޫލު ކުރާށެވެ. އެމީހުން އެކަން ގަބޫލު ނުކުރިއަސް ހަމަ ގައިމުވެސް އޭރުން ފަރީޝާއާ އަޝްރަފް އެ ތުހުމަތުން ސަލާމަތް ވާނެއެވެ. އަދި ފަރީޝާ އެބުނާހެން ރަށު މީހުން ފަރީޝާއަށް އިނގިލި ދިއްކުރުމުގެ ފުރުސަތެއް ނޯންނާނެއެވެ.
އަދިވެސް އަޝްރަފް އާޒިމް ގަތުގައި އެވާހަކައެއް ނުދައްކައެވެ. ކިތަންމެ ފަހަރަކު އެވާހަކަ ދައްކަން އުޅެފިއެވެ. އެހެން ނަމަވެސް ހަމަ ނުދެއްކެނީއެވެ. އެކަމަކު ދެން ލަސް ކޮށްގެން ވާކަށް ނެތެވެ.
އަޝްރަފް ގެއަށް އައީ އާޒިމް ހޯދާށެވެ. ހިތްވަރު ކޮށްލާފައި މިއަދު އެވާހަކަ ދައްކާނީ އެވެ. އަޝްރަފް ކޮޓަރީގެ ދޮރުމައްޗަށް އެރިއިރު ކޮޓަރީގެ ދޮރު ހުރީ ހުޅުވާފަ އެވެ. އާޒިމް ފެންނާކަށް ނެތެވެ. އެތެރެއަށް ވަންނަން ފިޔަވަޅު އެޅި ގޮތަށް އަޝްރަފަށް ދޮރުމަތީގައި މަޑުކޮށްލެވުނީ އެވެ. އެނދުމަތީގައި އިން ފަރީޝާ ފެނުމުން ނެވެ. މޭގައި ކަކޫ ޖައްސާލައިގެން އެނދު މެދުގައި އިށީންދެ، އެއްދިމާއަކަށް ނަޒަރު ހުއްޓާލައިގެން އިންއިރު މިނިވަންކަމާއެކު ވިހުރެމުން ދިއަ އެ ފަން އިސްތަށި ގަނޑާ އެ ސާފު އަލި މޫނު ފެނުމުން ހީވަނީ ސާދަވިލޭރޭގެ ހަނދު ފަލަކުން ނައްޓާލައިގެން އައިސް އެތަންމައްޗަށް ތިރިކޮށްލާފައި ވާހެން ނެވެ. ފަރީޝާގެ މިސާލު ޖަހާލަން ދަތި އެ ރީތިކަން ފެނިފައި އަޝްރަފްގެ ހަށިގަނޑުގައި ހަލަ ބޮލިކަމެއް އުފައްދައިފި އެވެ. ނޭވާ ހިފަހައްޓާލައިގެން އޭނާއަށް ހުރެވުނީ އެ މަންޒަރު ދެމިގެން ދާން އެދޭތީ އެވެ. އެހާވެސް ހިތްގައިމެވެ. ފަރީޝާގެ އެ ދިގު އެސްފިޔަ ތަކުގެ ކޮޅުން ފެށިގެން ހީނާފަތުން ޖަރީ ކުރެވިފައިވާ އެ ދޮން ރީތި ފައިތިލައިގެ ހިމަހިމަ ދިގު އިނގިލިތަކާ ހަމައަށް އަޝްރަފަށް ބާލައިލެވުނީ ޝައުޤުވެރ ިކަމާއި އެކުގައެވެ. އެއީ މާތް ﷲ ގެ ކުޅަދުންވަންތަ ކަމުގެ ރީތި މިސާލެކެވެ.
އެހެން އިނދެފައި ފަރީޝާ އެއްލި ކަޅިއަކުން އަޝްރަފާ ހަތަރު ކަޅި ހަމަވެގެން ދިއައެވެ. ފަރީޝާގެ ކޯތާފަތް މަތީން ރަތްކުލަ ފާއްދާލި ވަރުން ހީވީ ހަށިގަނޑުގެ ހުރިހާ ލެއެއް އެއްތާކަށް ޖަމާވި ހެންނެވެ. ވާނީވެސް އެހެންނެވެ. އޭނާ އަށް އިނދެވުނީ ޚިޔާލީ ދުނިޔެއަކަށް ގެއްލިފައެވެ. ފެންނަމުން ދިއައީ އަޝްރަފާ އޭނާގެ އާ ކައިވެނީގެ ރެއެވެ. އެނދުގައި ކެތް މަދުވެފައި ފަރީޝާ އެއިނީ އެއުފާވެރި ވަގުތަށް އިންތިޒާރު ކުރާށެވެ. އިރުކޮޅަކުން ދޮރު ހުޅުވާލައިފައި އަޝްރަފް އަންނާނެއެވެ. ހިތް ފުރެންދެން ލޯބި ދޭނެއެވެ. ދޮރާ ދިމާއަށް ބަލާލެވުނީ އެހުވަފެނުގައި އިނދެއެވެ. އަޝްރަފް ފެނުމުން ލިބުނީ ސިހުމެކެވެ. ލަދުން ހަލާކު ނުވީ ކިރިޔާއެވެ!
އަޝްރަފް ވެސް އެހާ ލަދުގަތެވެ. ފަރީޝާއާ ދިމާއަށް އޭނާއަށް ބަލަހައްޓައިގެން ހުރެވުނީ ދަހިވެތި ނަޒަރަކުން ނެވެ. ނޭގޭ ކަމަށް ހަދާލާފައި އިސް ޖަހާލައިގެން އައިސް އަޝްރަފް ކުޑަދޮރު ކައިރިއަށް ހުއްޓުނީ ފަރީޝާއަށް ފުރަގަސް ދީގެންނެވެ. މިވަގުތު އަޝްރަފް ފަރީޝާއަށް މޫނު ދައްކާލަން ނުކެރިގެން އުޅޭ ސަބަބު ފަރީޝާއަށް ވިސްނުނެވެ. ރަކި ހިނިތުން ވުމަކާއި އެކު އިސް ޖަހާލައިގެން ފަރީޝާ ވެސް އިނީ އަދިވެސް އިސް އުފުލާލަން ނުކެރިފައެވެ.
"ކޮބާ އާޒިމް؟"
އަޝްރަފް އެހެން ހުރެފައި އަހާލިއެވެ. ފަރީޝާ އެއްޗެއް ނުބުނެއެވެ. އަޝްރަފް އޮޅުވާލަން ދައްކާނެ ވާހަކައެއް ހޯދާހެން ހީވުމުން ފަރީޝާގެ ހިތުގައި ހީލިކެރުވުމެއް އުފެދިގެން ދިއައެވެ. އަޝްރަފަށް އެހެން ސިއްރު ކުރެވޭނީ ކިހާ ދުވަހެއް ވަންދެން ހެއްޔެވެ! ފަރީޝާގެ އެ ހިނިތުންވުން ދެމިގެން ދިއައެވެ.
"އަހަރެން މިއައީ އާޒިމް ކައިރީ ބުނަން، މާދަމާ ރޭ ނޫން އަނެއްރޭ ކައިވެނި ކުރަން ހަމަ ޖައްސައިފީމޭ! ފަރީޝާ ވެސް ތައްޔާރުވޭ!"
ފަރީޝާގެ ދުނިޔެ ހީވީ އެނބުރިގެން ހެންނެވެ. މިހާތަނާ ޖެހެންދެންވެސް އުއްމީދު ކަނޑާނުލާ، ދެކެމުން އައި ހުވަފެންތައް އެއްފަހަރުން ވިއްސިވިހާލުވެ، ބިނާ ކުރަމުން އައި ލޯބީގެ ގަނޑުވަރު ބިމާ ހަމަވެ ވެއްޔާ މޮޑެވިގެން ދިއައީ އެވެ. ހިލައިގެ ބުދެންހެން ހަރަކާތް ހުއްޓިފައި އޭނާއަށް އިނދެވުނީ ކުރި އަސަރެއްގެ ބޮޑު ކަމުން ނެވެ. ފަރީޝާގެ އެއްވެސް ޚަބަރެއް ނުވެ އިރުކޮޅެއް ވުމުން އަޝްރަފް އެނބުރި ފަރީޝާއަށް ބަލާލިއެވެ. ކުޑައިރު ކޮޅެއްގެ ކުރީން ފެނުނު އިރު ފަރިވެ ފޮޅިފައިވާ ފިނިފެން މަލެއްފަދަ އެ ރީތި މޫނުމަތިން މިހާރު ފެންނަނީ މިލާ މޯޅިވެފައިވާ އަސަރެވެ. ކެތްނުވާފަދަ ވޭނާ ހިތާމައިން އެ ރީތި މޫނު ބަނަކޮށްލައިފި އެވެ. އެތައް ސުވާލު ތަކެއް އުފެދިފައިވާ ނަޒަރަކުން ދެލޯ ބޮޑުކޮށްގެން އަޝްރަފާ ދިމާއަށް ބަލަން އިންއިރު އެ ދެލޮލުގެ ތެރެއަށް ޖަމާ ވަމުން އައި ކަރުނަ ތިކިތައް އަޝްރަފްގެ ހިތުގެ ރިހުންތައް އިތުރު ކުރުވަމުން ދިއަ އެވެ. މާގިނައިރު ފަރީޝާއަށް ބަލަން ހުންނާކަށް އަޝްރަފަކަށް ކުޅަދާނައެއް ނުވިއެވެ. އޭނާ އަވަސް އަވަހަށް ދާން ހިނގައިގަތެވެ.
އެހެން ނަމަވެސް ވަކި ހިސާބަކަށް ގޮސްފައި އޭނާއަށް ހުއްޓެވިއްޖެއެވެ. ފަރީޝާގެ އަޑު އިވުމުންނެވެ.
"އަޝްރަފް!"
އަޑުގައިވާ ތުރުތުރުލުމާއި އެކުވެފައިވާ ރިހުންތައް ފާހަގަވި ވަގުތު އަޝްރަފަށް ލޯ މަރާލެވުނެވެ.
"ކީއްވެ ތިހެން ތިހަދަނީ..؟"
ފަރީޝާ ވާހަކަ ދެއްކީ ވަރަށް އުނދަގުލުންނެވެ.
"ފަރީޝާއަށް ރަނގަޅަކަށް!"
އަޝްރަފަކަށް ވެސް މިވަގުތު ވާހަކަ ދައްކާކަށް ފަސޭހައެއް ނޫނެވެ.
"ކީއްވެ އާޒިމް؟"
ފަރީޝާގެ އަނގައިން ބޭރުވީ ވައިއަޑެކެވެ. އޭނާ އެއުޅެނީ ވާހަކަ ނުދެއްކިގެންނެވެ. އަޝްރަފް އަށް ބުނާނެ އެއްޗެއް ނޭގިފައި އިރުކޮޅަކު ހުރެވުނެވެ.
"ފަރީޝާ.. އަހަރެން ބުނީމެއްނުން އަހަންނަކީ މީހެއްގެ ފިރިއެކޭ!"
"އަހަރެން ބުނީމެއްނުން އަހަންނަށް ހެވޭ!"
ފަރީޝާއަށް ރަނގަޅަށް ރޮވިއްޖެއެވެ.
"އަހަރެން ބުނީމެއްނުން އަހަރެން ލޯބިވަނީ ..ހަމަ އެކަނި ނިހާ ދެކެއޭ!"
އެހެން ބުނަން އަޝްރަފަށް އެހާ ބޮޑަށް ދަތިވީ ކީއްވެ ކަމެއް އަޝްރަފަކަށް ވެސް ނޭގުނެވެ.
"ދޮގު!"
ފަރީޝާ ޔަގީން ކަމާއެކު ބުންޏެވެ. އަޝްރަފް ގެ ގައިން ހީބިހި ނަގައިގެން ދިއައެވެ. ފަރީޝާ އެއުޅެނީ ކޮން އެއްޗެއް ސާބިތު ކުރަން ހެއްޔެވެ! އޭނާ ބިރުގަނެއެވެ.
ފަރީޝާ އައިސް އަޝްރަފްގެ ކުރިމަތީގައި ހުއްޓިއްޖެއެވެ. އަޝްރަފަށް ފަރީޝާއާ ދިމާއަށް ބަލާލަން މަޖުބޫރު ވެއްޖެއެވެ. ފަރީޝާގެ ދެލޮލުން ހިފެހެއްޓުމެއް ނެތި އޮހޮރެމުން ދިއަ ކަރުނަ ތިކިތައް އަޝްރަފްގެ ހިތް ކުދިކުދި ކުރަމުން ދިއައެވެ.
"އަހަންނާ ދިމާއަށް ބަލަން ހުރެ ބުނެބަލަ..އަހަރެން ދެކެ ލޯތްބެއް ނުވެޔޭ!"
އާދޭހާ ރިހުމުން ފުރިފައިވާ ރާގެއްގައި ފަރީޝާ ބުންޏެވެ. މިހާރު އޭނާއަށް ގިސްލެވެން ވެސް ފަށައިފިއެވެ.
"ބުނެބަލަ..! އެންމެ ފަހަރަކު ބުނެބަލަ.. އޭރުން އަހަރެން ގަބޫލު ކުރާނަން!"
އަޝްރަފްގެ ސީދާ ދެލޮލަށް ބަލަން ހުރެ ފަރީޝާ ބުންޏެވެ. އަޝްރަފް ބޭނުން ވަނީ އެހެން ބުނާށެވެ. އެކަމަކު ނުބުނެވުނެވެ. ހިނދު ކޮޅަކަށް އެދެމެދަށް ވެރިވެގެން ދިއަ ހަމަ ހިމޭން ކަމުގެ ތެރޭން އިވެމުން ދިއައީ ހަމަ އެކަނި ފަރީޝާގެ ގިސްލުމުގެ އަޑެވެ. އަޝްރަފް ކިތަންމެ ސިއްރު ކުރަން އުޅުނަސް ފަރީޝާއަށް އެދެލޮލުން ފެންނަމުން ދިއައީ ލޯބީގެ ނިޝާންތަކެވެ. އަޝްރަފްގެ ދެ ލޮލުގެ ތެރެއަށް ގިނަވަމުން ދިއަ ކަރުނަ ތިކިތައް އެކަމަށް ހެކިދޭން ފަށައިފި އެވެ. ފަރީޝާ އަށް އަޝްރަފްގެ ގައިގައި ބައްދާލެވުނީ ކެތް ނުކުރެވިގެންނެވެ. ބަޔާން ކުރަން ދަތި އިޙުސާސް ތަކެއް ހަށިގަޑަށް ވެރިވެގެން ދިއަ ހިނދު އަޝްރަފަށް ލޯމަރާލެވުނެވެ.
ކޮޓަރީގެ ދޮރު ހުޅުވާލުމާއި އެކު އާޒިމްގެ ފައި ދަށުން ބިންގަނޑު ދެމިގެން ދިއަ ކަހަލައެވެ. އަތުގައި އޮތް ތަނޑި ދިގު، ރަތް ފިނިފެންމާ އަތުން ދޫވެގެން ބިންމައްޗަށް ވެއްޓުނު އިރުވެސް ނޭގުނެވެ.
(ނުނިމޭ)