(19 އޯގަސްޓްގެ އަދަދާ ގުޅޭ)

މާގިނަ އިރަކު ރަޒިނާ އިންތިޒާރު ކުރާކަށް ނުޖެހުނެވެ. ކުއްލި އަކަށް ފެނުނީ ގޭގެ ދޮރު ހުޅުވާލި ތަނެވެ. ދޮރު މަތީގައި އެހެރީ ނިހާ އެވެ. ނިހާ ހުރީ އޮފީހަށް ދާން ތައްޔާރު ވެގެންނެއް ނޫނެވެ. ކޮންމެ ތަނަކަށް ދިއައަސް ރަޒީނާއަށް ވަރިހަމަ އެވެ. އޭނާ ބޭނުން ވަނީ ނިހާ، ހަމަ އެކަނި އެ އޮޅި ގިރާކޮށްލާށެވެ. އޭރުން އެވީ އެވެ.

ނިހާ ދޮރު ހުޅުވާލައިގެން ދޮރުމަތީގައި ހުރެ އޭނާގެ އަތްދަބަސް ހާވަނީ އެވެ. ރަޒީނާގެ ހިތް އަވަސް ވަމުން ދިއައެވެ. އަތްދަބަހުގަ އޮތް އެއްޗެއް ހޯދަން ބޭރަށް ނުކުންނަ ނަމައޭ ރަޒީނާގެ ހިތަށް އަރަމުން ދިއައެވެ. އިރުކޮޅަކު އެހެން ހުރެފައި ފެނުނީ ދޮރު ލެއްޕި ތަނެވެ. އޭނާ ބޭރަށް ނުކުންނަން އުޅެފައިވެސް އަނެއްކާ އެވަނީ އެތެރެއަށެވެ. އަނެއްކާވެސް ރަޒީނާއަށް އެޖެހުނީ ނިހާ ނުކުންނާނެ އިރަކަށް އިންތިޒާރު ކުރަން ހުންނާށެވެ. 

ރަޒީނާ ހުރި ގެއަކީ ފަޅު ގެއެކެވެ. މުޅި ގޭތެރެ އޮތީ ކުނިބުނިން ފުރިފައެވެ. ފަޅަށް އެހެން ހުންނަތާ ޒަމާން ގަޑެއް ވެފައިވާއިރު އެތަނަކީ ބައެއް މީހުން ކުނި އުކާލަން ބޭނުން ކުރާ މަރުކަޒަކަށް ވެސް ވަނީ ވެފައެވެ. މާ ކުރީން އެތަނަށް އަޅާފައިވާ ޒާތްޒާތުގެ ކުނީގެ އިތުރުން ތާޒާ ކަރުގޮހޮރު ތައްވެސް އެތަނުގައި އެބަހުއްޓެވެ. ބައެއް ފަހަރު ވައި ޖެހިލާ ގޮތުން ހީވަނީ ސިކުނޑިވެސް ތޮރުފާލަފާނެ ހެންނެވެ. އެހާލުގަވެސް ރަޒީނާ އެތަނުގައި ކެތް ކުރެވޭތޯ މަސައްކަތް ކުރިއެވެ. ފާރު މަތީން ބޯ ދިކޮށްގެން ބޭރު ބަލަން އެހެން ހުއްޓާ ރަޒީނާ އަށް އާދަޔާ ހިލާފް ގޮތެއް އިޙުސާސް ވާން ފަށައިފި އެވެ. ކޮންމެވެސް މީހަކު ކައިރީގައި ހުރިހެން އޭނާއަށް ހީވިއެވެ. ރަޒީނާ ބިރުގަތެވެ. އޭނާ އެތަނުގައި ހުއްޓާ މީހަކަށް ފެނުނީ ކަމަށް ހިތައެވެ. ރަޒީނާ އޮޅުވާލުމަށްޓަކައި ފާރު މަތީގައި ބާއްވާފައި އޮތް އެއްޗެއް ހޯދަނީ ކަމަށް ހަދަމުން ފަހަތް ބަލައިލި އެވެ. އެތަނުގައި މީހަކު ފެންނާކަށް ނެތެވެ. އެއީ ރަޒީނާއަށް ހީވި ގޮތެވެ. އޭނާ ހިތްހަމަޖެހުމުގެ ނޭވާއެއް ބޭރަށް ދޫކޮށްލަމުން އަނެއްކާވެސް ނިހާ ނުކުމޭތޯ ބަލައިލި އެވެ. އެވަގުތު އެ ޖެހުނު ވައިރޯޅި އެއްގެ ސަބަބުން ރަޒީނާ ގާފުނި މަތީން ކައްސާނުލީ ކިރިޔާއެވެ. ރަޒީނާގެ މޭގަނޑު ތެޅިގަތެވެ. ހަނދާންވެގެން ދިއައީ ކުރީރޭ ވަލުފަރާތު މަގުން ދިމާވި ކަންތަކެވެ. އޭނާ ބިރު ގަތެވެ. އެތަނުގައި ހުންނާކަށް ދެން ނުކެރޭނެ އެވެ. މިހާ އަވަހަށް ސައްތާރުބޭ އެ ވަޅުލި އެތީގެ އަސަރު ފެންނަން ފެށީ ކަންނޭގެއެވެ. 

ތެޅިތެޅި އޮތް ހިތަކާއެކު އަވަސް އަވަހަށް ގާފުނިން ފައިބައިގެން ދުވެފައި ކަހަލަ ގޮތަކަށް ގޮސް ރަޒީނާ އަށް ނުކުމެވުނީ ނިހާގެ ކުރި މައްޗަށެވެ. ނިހާ ފެނުމުން އޭނާގެ މޫނު މަތީގެ ކުލަ ނޫ ވެގެން ދިއައެވެ. އެހުރިހާ އިރު ފިލާ އޮވެފައި އެންމެ ފަހުން ފަޅާއެރީއެވެ. ނިހާ ހުރީ ރަޒީނާއަށް ބަލަހައްޓައިގެން ނެވެ. އެހާ އަވިގަދަ ގަޑި އެއްގައި ގޮނޑެއް ކަހަލަ އެގޭގެ ތެރޭގައި ރަޒީނާ އެ ކުރަނީ ކީއް ހެއްޔެވެ! ރަޒީނާ ނިހާއާ ދިމާއަށް ކަޅި އަޅާލާފައި ކުރިއަށް ހިނގައިގަތީ ބޭޒާރު ވެއްޖެކަން ފޮރުވަން މަސައްކަތް ކުރަމުން ނެވެ. ވަކި ހިސާބަކަށް ގޮސްފައި އޭނާ ހުއްޓިލި އެވެ. ހަނދާންވީ އަދި ކިރިޔާ އެވެ. ރަޒީނާ އެނބުރި ނިހާއަށް ބަލައިލި އެވެ. އޭރު ނިހާ ގޮސް ކައިރީގައި ހުރި ފިހާރައަށް ވަންނަނީ އެވެ. ރަޒީނާއަށް އުފަލުން ނަށައި ގަނެވުނެވެ. ނިހާ އެހެރީ ބޭރުގަ އެވެ! އޭނާ އެ އޮޅި ގިރާ ކުރީ އެވެ! ރަޒީނާ ގެ އެދުން ޙާޞިލް ވީއެވެ! 

ދެންމެގައި ނިހާ ގޭން އެނުކުތީ އެކަންޏެވެ، އެހެން ނަމަވެސް ދެން އޭނާ ގެއަށް ވަންނާނީ އިތުރު ބައިވެރިއަކު ގޮވައިގެން ނެވެ! އެ ދެލޯބިވެރީންގެ ލޯބީގެ ވަގުތުތައް ކިހިނެއް ވާނެ ބާއެވެ! އެ މަންޒަރު ބަލާލާ ހިތުން ރަޒީނާއަށް ކެތް ވަނީކީ ނޫނެވެ! 

އާޒިމްގެ ހަބަރެއް ވޭތޯ އެތައް ވަރަކަށް މަސައްކަތް ކޮށްގެން އެނގުނީ އާޒިމް ބަންދު ކޮށްފައިވަނީ މަސްތުވާ ތަކެތީގެ މައްސަލައެއް ގައި ކަމެވެ. އަޝްރަފް ވަރަށް ޙައިރާން ވިއެވެ. ދުވަހަކުވެސް އާޒިމްގެ ފަރާތުން އެފަދަ އެއްވެސް ކަމެއްގެ ނިޝާނެއް އަޝްރަފަށް ފެނިފައެއް ނުވެއެވެ. އަބަދުވެސް އާޒިމް އުޅޭނީ ކޮންމެސް އަންހެން ކުއްޖެއްގެ ކަމެއްގަ އެވެ. އަޝްރަފް ހީކޮށްގެން ހުރީ މިފަހަރު އޭނާ ތާށިވީ ވެސް އެކަހަލަ މައްސަލައެއް ގައި ކަމަށެވެ. އާޒިމް ބުނި ގޮތުން ހީވަނީ އެބުނާ ރައުއްޓޭ ކިޔާ މީހަކު އޭނާއަށް ދިން ލަނޑެއް ކަމަށެވެ. އެހެން ނަމަވެސް ސުވާލަކީ އެބުނާ މީހަކުވެސް ހަމަ ހުރެފަ އެވަރުގެ ބޮޑު ކަމެއްގެ ތުހުމަތު އާޒިމްގެ ބޮލުގައި އަޅުވަފާނެ ބާއެވެ!

ރަނގަޅަށް ވިސްނާލީމައި ޝައްކު ވާފަދަ ކަންތައްތަކެއް ހުރި ކަމަށް ގަބޫލު ކުރަން ވެސް ޖެހެއެވެ. ބައެއް ރޭރޭ ގެއަށް ނިދަން ނައުމާއި، ވަޒީފާ އެއްގައި ނޫޅޭ އިރުވެސް ފައިސާ ގެންގުޅުމާއި އަދި ބައެއް ވާހަކަ ތައް އަޝްރަފާ ހިއްސާކުރަން އެނާ ބޭނުން ނުވުން ފާހަގަ ކުރެވެއެވެ. އެތައް ސަބަބު ތަކަކާއި ހެދި އަޝްރަފްގެ ބޯ ހާސްވާން ފަށައިފި އެވެ. އާޒިމް އަށް ވެދާނެ ގޮތަކާ ދޭތެރޭގައި އޭނާ ހާސްވިއެވެ. އާޒިމް ނެތި ފަރީޝާ ގޮވައިގެން އޭނާ އުޅޭނެ ގޮތަކާ ދޭތެރޭ ކަންބޮޑުވިއެވެ. މި ހުރިހާ ކަމެއް ނިހާއަށް އެނގިއްޖެނަމަ ދެން ވާނީ ކިހިނެއްބާއޭ ހިތަށް އަރަމުން ދިއައެވެ. 

ކްލާސް ނިންމާފައި އަޝްރަފް ދިއައީ ބާޒާރަށެވެ. ފަރިޝާ އެކަނި ގޭގައި ހުންނަ އިރު އޭނާގެ ކެއުމަށް ބޭނުން ވާނެހެން ހީވާ ހުރިހާ ސާމާނެއް ގެއަށް ވައްދާފައި ބަހައްޓަން އަޝްރަފް ބޭނުން ވިއެވެ. އަޝްރަފަށް ގެއާ ހިސާބަށް އާދެވުނު އިރު އަށެއް ޖަހާ ބޮޑު ވެއްޖެއެވެ.

މިއަދު ކަންތައް ވީ ގޮތުން އަޝްރަފަށް ގެއަށް ވަންނަން އުނދަގޫ ވިއެވެ. ފަރީޝާ ފެންނަ ހިސާބަށް ދާން ދަތިވިއެވެ. އެހެން ނަމަވެސް އެތަނަށް ނުވަދެވެސް ވާކަށް ނެތެވެ. ކަމެއް ނުވާ ކަމަށް ހަދާލައިފައި އަޝްރަފް ކޮޓަރިއަށް ވަންނަން ނިންމީ އެވެ. ކޮޓަރީ ދޮރު ހުޅުވާލުމާއި އެކު ފަރީޝާއާ ހަތަރު ކަޅި ހަމަ ވެއްޖެއެވެ. ފަރީޝާ ހުރީ ބޭރު ދޮރާ ދިމާއަށް ބަލަހައްޓައި ގެންނެވެ. ހީވަނީ އަޝްރަފަށް އިންތިޒާރު ކޮށްކޮށް ހުރިހެންނެވެ. މިއިން އެއްވެސް ކަމަކަށް ސަމާލުކަން ނުދޭން މަސައްކަތް ކުރަމުން، އޭނާ ހިފައިގެން އައި ސާމާނުތައް މޭޒުމަތީގައި ބަހައްޓާފައި އަޝްރަފް ފާޚާނާ އާއި ދިމާއަށް ހިނގައިގަތެވެ. ކޮންމެހެން ފާޚާނާއަށް ވަންނަން ޖެހޭތީ އެއްވެސް ނޫނެވެ. ދިހަ ފޫޓު ދިހަ ފޫޓު ކޮޓަރިއެއްގެ ތެރޭގައި ސަލާމަތް ވާން ކުރެވޭނެ މާ ބޮޑު ކަމެއް ވެސް ނޯންނާނެ އެވެ.

އަޝްރަފް ފާޚާނާއިން ނުކުތް އިރަށް އަނެއްކާވެސް ފަރީޝާއާ ހަތަރު ކަޅި ހަމަވެއްޖެއެވެ. މިރޭ ފަރީޝާ އަޝްރަފާ ދިމާއަށް އެބަލަނީ މާ ވަރަކަށެވެ. އަޝްރަފް އަވަސް އަވަހަށް އޭނާގެ ނަޒަރު އެހެން ދިމާއަކަށް ބަދަލު ކޮށްލަމުން ހިނިތުން ވެލިއެވެ. އެ ނުސީދާ ހިނިތުން ވުމުން އަންގައި ދެނީ އަޝްރަފް ފަރީޝާއާ ދުރަށްދާން ކުރާ މަސައްކަތެވެ. އަޝްރަފްގެ ވަފާތެރިކަން ފެނިފައި ފަރީޝާގެ ހިތުން އަޝްރަފަށް ދެވިފަވާ ޤަދަރު އެތައް ގުނައެއް އިތުރު ވެގެން ދިއައެވެ. އަޝްރަފް ފަދަ ރަނގަޅު ފިރިއަކު އޭނާއަށް ދެއްވާތޯ ހިތާ ހިތުން ދުޢާ ކުރެވުނެވެ. 

އަޝްރަފް ތަޅުންގަނޑު މަތީގައި ގޮދަޑި އަޅާލާފައި އޭގައި އިށީނދެލިއެވެ. ދެން ލައިގެން ހުރި ޓީޝާރޓް ބާލައިފައި ގޮޑި މައްޗަށް އެއްލުމަށް ފަހު އަވަސް އަވަހަށް ނިދަން އޮށޯތީ ބެޑްޝީޓުން ހަށިގަނޑު ނިވާ ކޮށްލަމުންނެވެ. 

މިއަދު ފަރީޝާ ހުރީ އަޝްރަފާ ވާހަކަ ދައްކާލަން ވަރަށް ބޭނުން ވެފައެވެ. އާޒިމާ ބެހޭ ގޮތުންވެސް މައުލޫމާތެއް ލިބުނުތޯ އަހާލަން ބޭނުމެވެ. ފަރީޝާގެ ދިރިއުޅުމާ ބެހޭ ގޮތުން އަޝްރަފް ސުވާލު ކޮށްލާނެ ނަމައޭވެސް ހިތަށް އަރައެވެ. އޭނާގެ ދިރި އުޅުމާ ބެހޭ ގޮތުން އަޝްރަފްގެ ޚިޔާލު ހުރި ގޮތެއްވެސް ބަލާލަން ބޭނުމެވެ. އަބަދަކު އޭނާއަކަށް ވެސް އެހެނެއް ނުހުރެވޭނެ އެވެ. އަޝްރަފަކީ އޭނާއަށް ހިލޭ މީހެކެވެ. އެހެން ނަމަވެސް ފަރީޝާގެ ހިތް އެގޮތަކަށް ގަބޫލެއް ނުކުރެއެވެ. ކޮންމެ ދުވަހެއްގެ އިރު އެރީއްސުރެ އިރު އޮއްސެންދެން ފަރީޝާ އިންތިޒާރު ކުރެއެވެ. އަޝްރަފް އަނގައިން ބުނެލާތޯއެވެ. މިއަދު ވެސް ނިމިގެން ދިއައީއެވެ.

އަޝްރަފަށް ރަނގަޅަށް ނިދިއްޖެކަން ޔަގީން ވަންދެން ފަރީޝާ ހޭލައި އުޅުނެވެ. ކޮންމެ ރެއަކުވެސް ފަރީޝާ ނިދަން އޮށޯންނަނީ އަޝްރަފް ނިދީމައެވެ. އަދި އަޝްރަފް ހޭލުމުގެ ކުރީން އޭނާ ތެދުވެ ފާޚާނާއަށް ވަދެ ތައްޔާރުވެ ހަދައެވެ. އެއީ އޭނާ ނިދަންލާ ތުނި ޓީޝާރޓާ ހަރުވާޅު ކޮޅު ލައިގެން ހުއްޓާ އެއްވެސް މީހަކަށް ފެންނަން ނޭދޭތީ އެވެ. 

ފަރީޝާ ވެސް ރަޖާގަނޑު ގައިމަތީގައި ރަނގަޅަށް އަޅާލަމުން ލޯމަރާލީ ތަޤްދީރުގައި އޭނާއަށް ދެން އޮތީ ކޮން ގޮތެއްބާއޭ ހިތަށް އަރާ ހާލުގައެވެ.

ކޮޓަރީގެ ދޮރުގައި ވަރަށް ބާރަށް ތަޅައިގެން އަޑަށް އަޝްރަފާ ފަރީޝާ އަށް ވެސް ހޭލެވިއްޖެއެވެ. އަޝްރަފްގެ ހިތަށް ފިނިކަމަކާއި އެކު ހޫނު ކަމެއް އިހުސާސް ކުރެވިގެން ދިއައެވެ. އެގޮތަށް ދޮރުގައި ތަޅާނީ އާޒިމް އެވެ. ނޫނީ.... އަޝްރަފް އިރު ކޮޅަކަށް މަޑު ޖެހުނެވެ! ހިތަށް ވަތް އެއްޗެއްގެ ސަބަބުންނެވެ. ދޮރު ހުޅުވަން ނުކެރިފައި އޭނާއަށް ފަސްޖެހެވުނެވެ. އެހެން ނަމަވެސް ހެދޭނެ އެހެން ގޮތެއް ނެތެވެ. ދޮރުހުޅުވުން ލަސްވި ވަރަކަށް ވާނީ ގޯހެވެ. މިހާރު ވެސް މާލަސް ވެއްޖެއެވެ. ހީވަނީ ދޮރު ވައްޓާލަ ފާނެހެން ނެވެ. ދުވެފައި ކަހަލަ ގޮތަކަށް އަޝްރަފް ދޮރާ ދިމާއަށް ދިއައިރު އެނދުގައި ކޮޅަށް ޖެހިފައި ފަރީޝާ އިނެވެ.

ދޮރު ހުޅުވާލުމާއި އެކު ލިބުނީ ސިހުމެކެވެ. ހިތުގައި އުފެދުނު ހޫނުކަން މޭގެތެރެއަށް ފެތުރިގެން ދިއައެވެ. ދޮރުމަތީގައި ތިބީ ފުލުހުންގެ ބައެކެވެ. 

އަޝްރަފް ދޮރު ހުޅުވާލުމުން އެމީހުން ކޮޓަރީގެ ތެރެއަށް ނަޒަރު ހިންގާލިއެވެ. އެވަގުތު އެ މީހުންނާއި ދިމާއަށް ބަލަމުން، އެނދުން ތެދުވި ރީތި ޒުވާން އަންހެން ކުއްޖާ އެމީހުންގެ ލޮލުގައި އަޅައި ގަތެވެ. އެ ދޮން ހަށިގަޑާއި ދާދި އެއް ކުލަ އަކަށްދާ މަޑު ފިޔާތޮށި ކުލައިގެ ތުނި ޓީޝަރޓް އަކާއި ހަރުވާޅު ކޮޅެއްގައި ހުރިއިރު ޒުވާން ކަމުން ފުރިފައިވާ ފަރީޝާގެ ހަށިގަނޑު ފެންނަ ކޮންމެ ފިރިހެނެއްގެ ހިއްސުތައް ހޭލައްވާލާނެ ކަން ކަށަވަރެވެ. ދޫކޮށްލާފައިވާ ފަށުވި އިސްތަށިގަނޑުގެ ތެރޭން އެ ދޮން މޫނު ފެންނަ އިރު މިސާލު ޖަހަން ދަތިވާހާ ފުރިހަމަ އެވެ. 

އެމީހުން މާ ވަރަކަށް ފަރީޝާއަށް ބަލަން ފެށުމުން އަޝްރަފް ވެސް އެދިމާއަށް ބަލައިލި އެވެ. އެވަގުތު އަޝްރަފަށް ވެސް ފެނުނީ މީގެ ކުރީން ނުފެންނަ މަންޒަރެކެވެ. ފަރީޝާ ފެނުމުން މިރޭ އަޝްރަފް ގަތީ ބިރެވެ. ފަރީޝާއަށް ހުރެވުނީ ނިދާ ހެދުމުގައިކަން ފަރީޝާ ހަނދާންވީ އެންމެން ގެ ނަޒަރު އޭނާއަށް ހުއްޓިފައި ވާތަން ފެނުމުންނެވެ. އޭނާ އަވަސް އަވަހަށް ފާޚާނާގެ ތެރެއަށް ދެމިގަތެވެ. 

ފަރީޝާ އެމީހުންގެ ނަޒަރުން ގެއްލުމުން އެމީހުން އަޝްރަފާ ދިމާއަށް އެބުރުނެވެ.

"މި ކޮޓަރީގަ ބަދުއަޚުލާޤީ ޢަމަލު ހިންގާ ކަމަށް ބައަކު ރިޕޯޓް ކޮށްގެން މިއައީ..!"

އެތަނުން ފުލުހަކު އަޝްރަފާ ދިމާއަށް ހަސަދަވެރި ގޮތަކަށް ބަލައިލަމުން ބުންޏެވެ. އެ އަޑު އިވިފައި އަޝްރަފް ގެ ހަށިގަނޑު ރޫރޫ އަޅައިގެން ދިއައެވެ.

"އޭނަ ގޮވައިގެން އާދޭ..! މިތިބީ ބޭރުގަ!"

އެހެން ބުނެފައި އެމީހުން ނުކުތީ ބޭރަށެވެ. އެއްފަހަރުން އަޝްރަފްގެ ހަށިގަނޑުގެ ވަރު ދޫވެގެން ހިގައްޖެއެވެ. ބޮލަށް އެނބުރުން އަރައިފި އެވެ. 

ފާޚާނާއަށް ވަދެ ހެދުން ބަދަލު ކޮށްގެން ބޭރަށް ނުކުތް އިރު އަޝްރަފަށް ވެފައި ހުރިގޮތް ފެނުމުން ފަރީޝާ އަށް ވިސްނިއްޖެއެވެ. އޭނާ އެންމެ ބިރުން އުޅުނު ކަންތައް އެވީއެވެ.

އަޝްރަފާ ފަރީޝާ ގެ މައްޗަށް ކުރެވުނު ތަޙުޤީޤަކީ، އެކަހެރި ތަނެއްގައި ތިބެ ބަދުއަޚުލާޤީ އަމަލު ހިންގާކަމަށް ފުލުހުންނަށް ލިބުނު ރިޕޯޓަކާއި ގުޅިގެން، މަޢުލޫމާތު ލިބުނު ތަނަށް ދުރުވެ، މައުލޫމާތު ލިބުނު ކޮޓަރި ބަލާ ފާސްކުރި އިރު ކޮޓަރި ތަޅުލައިގެން މިދެމީހުން ތިބިކަން ސާބިތު ވެފައި ވާތީ ކުރެވުނު ތަޙުޤީޤެވެ. ދިފާޢުގައި އަޝްރަފަށް ދެއްކޭނީ ކޮން ވާހަކައެއް ހެއްޔެވެ! ސިފައިންނަށް އެދެމީހުން ފެނިފައި ވަނީ ތަޅުލާފައިވާ ކޮޓަރިއެއްގެ ތެރެއިން ރޭގަނޑު ދަންވަރެވެ. އެހެން ތިއްބާ އަތުލައިގަންނަ ކޮންމެ ބައަކުވެސް ދިފާއުގައި އެތައް ބަހަނާއެއް ދައްކާނެއެވެ. ކޮންމެ އެއްޗެއް ކިޔަސް ގަބޫލެއް ނުކުރެވޭނެއެވެ. އަދި އަމުދުން ފަރީޝާ ކަހަލަ އަންހެން ކުއްޖަކު ގޮވައިގެން ކޮޓަރި ތަޅުލައިގެން ހިމޭނުން ތިބެދާނެ ކަމަކަށް އެއްވެސް ފިރިހެނަކު ގަބޫލެއް ނުކުރާނެ އެވެ. 

ތަޙުޤީޤު ކުރަން އިންމީހާ އަޝްރަފް ދައްކާ ވާހަކަ އަޑުއަހަން ބޭނުން ނުވިނަމަވެސް އޭނާ ގޯހެއް ނޫނެވެ. އޭނާ ގަބޫލު ކުރީ ފަރީޝާއަކީ އަޝްރަފްގެ ލޯބިވެރިޔާ ކަމަށެވެ. އެހެން ކަމުން ހަޑި ހުތުރު ނަމެއްގައި ނުބެދި ސަލާމަތް ވާނެ ފުރުސަތެއް އޭނާ ދީފިއެވެ. އެއީ ހަފްތާއެއްގެ ތެރޭގައި އެ ދެމީހުންގެ ކައިވެނި ކުރުމެވެ.

ގެއަށް އައިސް އެތައް އިރެއް ވީއިރުވެސް ދެމީހުންކުރެ އެކަކުވެސް އެއްޗެއް ނުބުނެއެވެ. އަޝްރަފް ހަމަ ގަނޑުވެފައި އިނީއެވެ. ވިސްނާނެ އެއްޗެއްވެސް އޭނަ އަކަށް ނޭގުނެވެ. ހަދާނެ ގޮތް ހުސްވެ ހަތަރު އުދަރެސް ފެނުޖެހިއްޖެއެވެ.

ފަރީޝާއަށް ހަމަ ރޮވެނީ އެވެ. އެއްވެސް ކުށެއްނެތި އޭނާ ބަދުނާމު ވެދާނެތީ ދެރަވަނީ އެވެ. މީހުންގެ މަލާމާތާ ބަދުނާމުން ސަލާމަތް ވުމަށްޓަކައި އޭނާ ނުކުރަނީ ކީއްހެއްޔެވެ! ދިރި އުޅުމުގައި ދިމާވި އެންމެ ބިރުވެރި އެންމެ ވޭން ހުރި ހިތާމަތައް ވެސް އޭނާ އެކަނި މާއެކަނި ތަޙައްމަލު ކޮށްފައި އެވަނީ ބަދުނާމުން ސަލާމަތް ވުމަށްޓަކައެވެ.

ކެތްނުވާވަރަށް ބަރު ވެފައިވާ އޭނާގެ ބޮލުގައި ހިފަހައްޓާލައިގެން ދުރަށް ނަޒަރު ހުއްޓާލައިގެން އަޝްރަފް އިން އިރު ފަރީޝާގެ ގިސްލުމުގެ އަޑު އޭނާއަށް އިވިއިވި ހުއްޓެވެ. މިއަދު ފަރީޝާ އަށް އެހީވެދޭނެހާ ހިތްވަރެއް އަޝްރަފްގެ ކިބައަކު ނެތެވެ. ޚުދު އޭނާވެސް މިއަދު އެވަނީ މީހެއްގެ އެހީތެރިކަމަށް ބޭނުން ވެފައެވެ. ހިތްދަތިވާ ކޮންމެ ދަޑިވަޅެއްގަ އޭނާއަށް އެހީތެރިވެދޭ ބައިވެރިޔަކީ އޭނާގެ ނިހާއެވެ. އެހެން ނަމަވެސް މިއަދު އޭނާގެ އެހީތެރިކަން ހޯދޭކަށް ވެސް ނެތެވެ. އޭނާއާ ނިހާގެ ދިރިއުޅުން ހަލާކު ވިޔަ ނުދިނުމަށްޓަކައި ކުރެވެން އޮތް ހުރިހާ މަސައްކަތެއް އޭނާ ކޮށްފިއެވެ. އޭނާ އައީ ކެތްތެރިކަމާ ތެދުވެރި ކަމުގެ މިސާލެއް ދައްކަމުންނެވެ. އެހެން ނަމަވެސް ފިލަން ދުވެދުވެ އޮއްވާ މިއަދު ތަގުދީރު އޭނާ ގެނެސް އެ ވައްޓާލީ ކޮންކަހަލަ އަނދަ ވަޅަކަށް ހެއްޔެވެ!

މިއަދުގެ "މިޝަން" ކާމިޔާބު ވުމުން ލިބުނު ހިތްހަމަ ޖެހުމާއެކު ރަޒީނާ އޮތީ ގަދައަށް ނިދާލާފަ އެވެ. ކޮޓަރީގެ ހުރިހާ ބޮކިތަކެއް ނިވާލާފައި ވާއިރު ބިއްލޫރި ކުޑަ ދޮރުތަކަށް ބޭރު ގޭތެރެއިން އެޅިފައިވާ އަލީގެ އެހީގައި ކޮޓަރި ތެރެއަށް ފަނޑު އަލި ކަމެއް ގެނެސްދީ ފައި ވެއެވެ. ބާރަށް ހިންގާފައިވާ ފަންކާއިން އިވެމުން ދިއަ މަޑުމަޑު އަޑުގެ އިތުރުން އެހެން އަޑެއް ނީވެއެވެ. ރަޖާގަނޑުގެ ތެރެއަށް ގުޅަވެގެން އަރާމު ނިންޖަކުން ނިދާފައިވާ ރަޒީނާއަށް އެ ކޮޓަރީގެ ތެރޭގައި މިރޭ އާދަޔާ ޚިލާފް ކަންތައް ގަނޑެއް ހިނގަމުން ދާ ކަމުގެ އެއްވެސް ހިލަމެއް ނުވެއެވެ. ކޮޓަރިގެ މަތީގައިވާ ފެންލައިޓުން ކޮޓަރިގެ ތެރެއަށް އެ ވަނީ އޮލަ ދުންކޮޅެއް ފަދަ އެއްޗެކެވެ. އެ ދުން ކޮޅު ކޮޓަރީގެ މަޑު ރީދޫ ކުލައިގެ ފާރަށް ފެތުރެމުން، ބޮޑުވަމުން، ކޮންމެވެސް އެއްޗެއްގެ ސިފަ ޖެހެން ފަށައިފި އެވެ. އެއީ ބުނަން ނޭގޭ ފަދަ ސިފައެކެވެ. އިންސާނެއްގެ ސިފައާ ވައްތަރު ނަމަވެސް އިންސާނެއްގެ ސިފައެއް ނޫނެވެ. ފާރުގައި އެ ސޫރަ ހަރަކާތް ތެރި ވަމުން ދިއައިރު އޭތީގެ އަތް، ފައި ހެން ހީވާ ގުނަވަންތަކެއް ފާރުގެ އެކި ދިމަ ދިމާއަށް ފެތުރެމުން ހަރަކާތް ކުރަމުން ދިއައެވެ. އިންސާނީ ސޫރައަކާ، ބޯވައެއްގެ ހަށިގަނޑާ ގުޅިފައިވާ ފަދަ އެއްޗެއް ހެން ވެސް ހީވެއެވެ. އަނދިރީގެ ތެރެއިން އެސިފަ މާ ބޮޑަށް ވަކި ކުރަން ނޭގުނު ނަމަވެސް އެއީ ބިރުވެރި ސޫރައެކެވެ. 

ރަޒީނާއަށް ހޭލެވުނީ ކުޑަ ދޮރުގެ ދޮރު ފޮތިގަނޑު ދަމާލި އަޑަށެވެ. 
(ނުނިމޭ)

ކޮމެންޓް 0