(26 އޯގަސްޓްގެ އަދަދާ ގުޅޭ)

އަނެއްކާވެސް ދޮރުގައި ޖަހާލުމުން ތެދުވެގެން ގޮސް ދޮރު ހުޅުވާލީ ފަރީޝާ އެވެ.

ބާވެފައިވާ ޓިޝަރޓް ގަނޑަކާ ހަޑިވެފައިވާ ފަޓުލުނެއްގައި ހުރި އާޒިމް ފެންނަނީ ވަރަށް ނިކަމެތި ގޮތަކަށެވެ. ބޮލުގެ އިސްތަށިގަނޑު ވަރަށް ތުނިކޮށް ކޮށާލެވިފައި ވާއިރު ތުބުޅި ވަނީ ހުތުރު ވާވަރަށް ދިގުވެފައެވެ. އާޒިމަށް ވަނީ ބޮޑު ބަދަލެއް އައިސްފައެވެ. ބޭރުން އެފެންނަ ބަދަލަށް ވުރެ ބޮޑު ބަދަލެއް އައިސްފައި ވަނީ އޭނާގެ އެތެރެއަށެވެ. މިހާރު އެއީ ކުރީގެ އާޒިމެއް ނޫނެވެ. އޭނާ ދުނިޔެއާއި ދޭތެރޭގައި ދެކޭ ގޮތް ވަނީ ބަދަލުވެފަ އެވެ. ޖަލުގެ ގޮޅީގެ ހަތަރު ފާރުގެ ތެރެއިން އޭނާއަށް ރަނގަޅު ފިލާވަޅެއް ދަސްވެއްޖެ އެވެ. އެތަނުގައި ހޭދަވި ކޮންމެ ސިކުންތެއް އަހަރު ތަކެއް ފަދަ އެވެ. ބައެއްގެ ހަރުކަށި ކަމުގެ ދަށުވެ، ލޯބިވާ މީހުންނާ ދުރުގައި އެހާލުގައި އޮތުމަކީ ވޭން ހުރިކަމެކެވެ. އޭނާއަށް އެލިބުނު އަދަބަކީ އޭނާއަށް ހައްގު އެއްޗެކެވެ. ދަސްވި ފިލާވަޅެކެވެ. ދެން އޭނާ އެފަދަ ކުށެއް ދުވަހަކުވެސް ނުކުރާނެ އެވެ. 

ދުވަސް ކޮޅަކަށް ފަހު ފަރީޝާގެ އެ ރީތި މޫނު ފެނުމުން އާޒިމްގެ ހިތަށް އާދަޔާ ޚިލާފު ފިނިކަމެއް އިޙުސާސް ކުރެވިގެން ދިއަ އެވެ. ހީވީ ގަދައަށް ރިހެމުން ދިޔަ ޒަހަމް އަކަށް ދާއިމީ ޝިފާއެއް ލިބުނު ހެންނެވެ. ފަރީޝާ އާއި ހަތަރު ކަޅި ހަމަވި ވަގުތު އާޒިމަށް އިސް ޖަހާލެވުނެވެ. ކުރެވުނު ކުށުގެ އިޙުސާސް އޭނާއަށް ކުރެވިގެން ދިއަ އެވެ. އޭނާގެ ހިތް އެދެމުން ދިއައީ ފަރީޝާގެ ކުރިމަތީގައި ކުޑަކަކޫ ޖަހާލުމަށެވެ. މައާފަށް އެދުމަށެވެ. 

"އާޒިމް!"
ފަރީޝާގެ އަޑު އިވިފައި އާޒިމް އުއްމީދާއެކު ފަރީޝާއަށް ބަލާލި އެވެ. ފަރީޝާގެ އެ ބޮޑު ދެލޮލުގެ ތެރެއަށް އާޒިމް ފީނައިގަތީ އޭނާ އެދޭ ކަހަލަ ނިޝާނެއް ފެނޭތޯއެވެ. އާޒިމަށްޓަކައި ފަރީޝާ ކުރި ވޭނީ އިންތިޒާރުގެ ރިހުންތައް ފަރީޝާގެ ދެލޮލަކުން އާޒިމަކަށް ނުފެނުނެވެ. ވާނީވެސް އެހެންނެވެ. ފަރީޝާގެ ހިތުގައި މިހާރު އެއަށް ވުރެ ބޮޑުވެފައި ވާނީ ޝަކުވާ އެވެ. އެހިތް އާޒިމްގެ މައްޗަށް ސާފުވާން އަދި ވަގުތު ކޮޅެއް ބޭނުން ވާނެއެވެ. 

ފަރީޝާއަށް އާޒިމް ފެނުމުން ގަތީ ބިރެވެ. އާޒިމް ތަފާތު ގޮތަކަށް ހުރުމަކުން ނޫނެވެ. ފަރީޝާގެ ދިރިއުޅުމަށް ދެން ވެދާނެ ގޮތަކާއި ދޭތެރޭ ގައި ވިސްނާއިލެވުނީ އެވެ. އާޒިމް އެނބުރި އެއައީ ނުބައި ދަޑިވަޅެއްގައޭ ފަރީޝާގެ ހިތް ބުނެލިއެވެ. ފަރީޝާ މަޑުމަޑުން ފަހަތަށް ޖެހިލާ އާޒިމް ވަންނަން ތަން ދެއްކިއެވެ. 

އާޒިމް ފެނުމުން އަޝްރަފްގެ މޫނު މަތި އުޖާލާ ވެގެން ދިއައެވެ. އެކުވެރިޔާ ސަލާމަތް ވެގެން އެނބުރި އައީތީ ކުރި އުފަލަށް ވުރެ ބޮޑު އުފަލެއް އޭނާއަށް އިޙުސާސް ކުރެވިގެން ދިއައީ، ބޮޑު ކަމަކުން އަމިއްލަ ނަފްސު ސަލާމަތް ވާނެ މަގު ފެނިއްޖެހެން ހީވުމުންނެވެ. އާޒިމް އިސް ޖަހާލައިގެން އައިސް އަޝްރަފްގެ ކުރިމަތީގައި، އެނދުގައި އިށީނެވެ. 

"ސަލާމަތް ވީތަ ނޫނީ ގޭ ބަންދަށްތަ؟"
އަޝަރަފް އަހާލިއެވެ. އާޒިމް ގެންދިއައީ ކޮން ކުށެއްގެ ތުހުމަތު ގައިކަން އަޝްރަފަށް މިހާރު އޮންނާނީ އެނގިފަކަން އާޒިމަށް އެނގުނެވެ. 
"ސާބިތު ނުވެގެން ދޫކޮށްލީ، ރައުއްޓޭ ކުރި ތުހުމަތެއް."
އާޒިމް ވާހަކަ ދައްކަމުން ދިއައިރު ހަތަރު ކަޅި ހަމަ ނުކުރާން މަސައްކަތް ކުރާކަން އަޝްރަފަށް ފާހަގަ ކުރެވުނެވެ.
"ރައުއްޓޭ އެއީ ކާކު؟"
އަޝްރަފް އޮޅުން ފިލުވަން ބޭނުންވީ ސަބަބެއް ނެތިއެއް ނޫނެވެ.
"ރައްޓެއްސެއް.. ޑްރަގް ވިޔަފާރި ކުރާ!"
އާޒިމަށް ދޮގު ހަދާކަށް ނުކެރުނެވެ.

"އަހަރެން އެގެއަށް ގޮސް އުޅުނިން.. އެކަމަކު އޭނަ އެކަން ކުރާތީ ދެން އަހަރެން އެގެއަށް ނުދާން ނިންމީމަ އޭނަ ހީކުރީ އަހަރެން އޭނަ ބަސްޓު ކޮށްލަފާނޭ.. އެހެންވެ ކުރީބައިގަ އޭނަ އަހަންނަށް ލަނޑެއް ދޭން އުޅުނީ.. އެމީހުން ރޭވި ގޮތަށް ހުރިހާ ކަމެއް ނުދިއައީމަ އަހަރެން މި ސަލާމަތްވީ. އުޅުނީ އަހަރެންގެ ސައިކަލު މަޑި ދަށަށް އެމީހުން ގެންގުޅޭ ބައެއް ސާމާނު ލާން، އެކަން ނުވީ"

އާޒިމް ދެއްކި ވާހަކަ އަޑުއަހާފައި އަޝްރަފް ހިތްހަމަ ޖެހުނެވެ. އާޒިމް އެކަހަލަ ބަޔަކާއި އެކީ ނޫޅެން ނިންމީތީ އަޝްރަފް އަދި ވަކިން އުފާވި އެވެ. 

"އަހަރެންވެސް އެބައޮތް އާޒިމް ކައިރީ ވާހަކައެއް ބުނަންވެފަ"
އަޝްރަފް ބުނެލިއެވެ. ފަރީޝާ ހުރީ އަޝްރަފް ބުނެފާނެ އެއްޗަކާ ދޭތެރޭ ބިރުގެންފަ އެވެ.
"އިހަށްދޭ ފެންވަރާލައިގެން އަންނަން"
އަޝްރަފް ސަރަންފީގައި ހަމަޖެހިލަމުން ބުނެލިއެވެ.

އާޒިމް ފެންވަރަން ދިއުމުން ފަރީޝާ އައިސް އަޝްރަފްގެ ކުރިމަތީގައި، އެނދުގައި އިށީދެލިއެވެ. މާ ލަސް ނުވަނީސް އޭނާ އަޝްރަފާ ވާހަކަ ދައްކަން ބޭނުން ވިއެވެ.
"އާޒިމް ކައިރީ އަހަންނާ އިންނާށޭ ބުނަންތަ ތިއުޅެނީ؟"
ޖެހިލުމެއްނެތި ފަރީޝާ އަހާލިއެވެ. އަޝްރަފް ފަރީޝާއަށް ބަލަން އިނީއެވެ. ލުއި ހިނިތުން ވުމަކާއި އެކުގައެވެ. އެގޮތަށް ހާސްވެފައި އިންނައިރު ފަރީޝާ ވަކިން ލޯތްބެވެ.
"އެގޮތަށް އެކަން ވެއްޖެއްޔާ މާރަނގަޅެއްނު؟"
އަޝްރަފް ބޯޖަހާލަމުން ބުނެލިއެވެ. 
"ރަނގަޅެއް ނޫން!"
ފަރީޝާގެ ދެލޮލަށް ގިނަވެގެން ދިއަ ކަރުނައިގެ ތިކިތައް އަޝްރަފްގެ ހިތުގައި ނުތަނަވަސް ކަމެއް އުފައްދައިފި އެވެ. 
"އަހަރެން އާޒިމް ދެކެ ލޯތްބެއްނުވޭ!"

އަޝްރަފްގެ މޫނު މަތީގެ ކުލަވަރު ބަދަލުވެގެން ދިއައެވެ. ސީރިއަސް ކަމާއި އެކު އޭނާއަށް ފަރިޝާގެ މޫނަށް ބަލަހައްޓައިގެން އިނދެވުނީ ފަރީޝާ އެބުނި ޖުމްލައިގެ ސަބަބަކުން ނޫނެވެ. އޭނާ ނުބުނެ ދޫކޮށްލި ޖުމުލައިގެ ސަބަބުންނެވެ. އަޝްރަފް އަވަސް އަވަހަށް އެތަނުން ތެދުވެގެން ދުރަށް ހިނގައިގަތެވެ. ދެން އިތުރަށް ފަރިޝާ ބުނެފާނެ އެއްޗަކާ ދޭތެރޭ އޭނާ ބިރުގަތެވެ. 

"ފަރީޝާ..އެ ނޫން ގޮތެއް އަސްލުގަ ނެތް"
އަޝްރަފް ހަރުކަށި ގޮތެއް އަޑުގައި ބަހައްޓަން މަސައްކަތް ކުރިއެވެ. ހީވަނީ ބަސްނާހައިގެން އުޅޭ ކުޑަކުއްޖަކު މައިތިރި ކޮށްލަން އުޅޭހެން ނެވެ. 
"ފަރީޝާއަށް އިނގޭނެ.. އަހަންނަކީ މީހެއްގެ ފިރިއެއް.. އަހަރެން ލޯބި ވަނީ ނިހާ ދެކެ!"
ފަރީޝާ ތުންފަތުގައި ބާރަށް ދަތް އަޅާލީ ލޮލުގައި ގިނަވެފައިވާ ކަރުނަ ތިކިތައް ލޮލުގެ ތެރޭގައި ހިފަހައްޓަން މަސައްކަތް ކުރަމުންނެވެ.

"އަހަރެންނާ ކައިވެނި ކުރުމަށްވުރެ އާޒިމާ ކައިވެނި ކުރެވިއްޖެއްޔާ ފަރީޝާ އަށްވެސް މާ ރަނގަޅުވާނެ.. އަހަންނާ އިންނަން ޖެހެނީ ދެ އަންބަށް"
"ހެޔޮ!"
އަޝްރަފްގެ ޖުމްލަ ރަނގަޅަށް ފުރިހަމަ ނުވަނިސް ފަރީޝާ ބުނެލި އަޑު އިވުނެވެ. އަޝްރަފް އެނބުރި ފަރީޝާއަށް ބަލާލީ ކުރި އަސަރެއްގެ ބޮޑު ކަމުންނެވެ. ފަރީޝާ އިނީ އަޝްރަފާ ދިމާއަށް ބަލަހައްޓައިގެން ނެވެ. އޭނާގެ އެ ބޮޑު ދެލޯ ކަރުނުން ފުރިފައިވާއިރުވެސް އެ ދެލޮލުން އަޝްރަފަށް ފެންނަމުން ދިއައީ ލޯބީގެ އަސަރު ތަކެވެ. އެއީ މީގެ ކުރީން އަޝްރަފަށް އެ ދެލޮލުން ފެނިފައިވާ އެއްޗެއް ނޫނެވެ. މިހުރިހާ ދުވަހު ފަރީޝާ އެ ލޯބި ފޮރުވައިގެން ގެންގުޅުނީ ކޮންތާކު ހެއްޔެވެ؟ 

"ހެވެއް ނުވާނެ... ފަރީޝާ ދެކެ ލޯބިނުވާ މީހަކާ އެކީ ކިހިނެއް ފަރީޝާ ދިރި އުޅޭނީ؟"
އެއަޑު އިވިފައި ފަރީޝާ ހިފަހައްޓައިގެން ހުރި ކަރުނަ ތިކިތައް އޭނާގެ ކޯތާފަތް މައްޗަށް އޮހިގަތް ތަން އަޝްރަފަށް ފެނުނެވެ. އަޝްރަފް އަވަސް އަވަހަށް މޫނު އަނބުރާލީ އޭނާގެ މޫނުމަތީގެ ކުލަވަރަށް އައި ބަދަލު ފަރީޝާއަށް ފާހަގަ ކުރެވިދާނެތީ އެވެ. އަޝްރަފް އެހެން ބުނީ ފަރީޝާ ހިތުގައި ޖައްސާކަށް ނޫނެވެ. އޭނާގެ އަމިއްލަ ނަފްސަށް އެހީތެރި ވުމުގެ ގޮތުންނެވެ. ފަރީޝާ ގެ އެ އިޙުސާސްތައް ފަރީޝާ ޖެހޭނީ ކޮންޓްރޯލް ކުރާށެވެ. އެހެން ނޫނީ އެ ލޯބީގައި އަޝްރަފްވެސް އެކޮޅުކޮޅުން ވެއްޓުމަކީ ދުރުކަމެއް ނޫނެވެ. އަޝްރަފް މިހާރުވެސް އޭނާގެ ހިތް އޮބި އަޅަމުން އެދަނީ ގަދަބާރުންނެވެ. އެހެން މީހަކު ދެކެ ލޯބި ވުމުގެ ހައްގު އަޝްރަފަށް ނެތް ކަން އެ ހިތަށް ވިސްނާ ދެމުންނެވެ. މަޖުބޫރުވެގެން ފަރީޝާއާ ކައިވެނި ކުރި ނަމަވެސް އެކަން އޮންނަން ވާނީ އެހެންނެވެ. އަޝްރަފް ލޯބިވާނީ ހަމަ އެކަނި ނިހާ ދެކެއެވެ. އެކަން ފަރީޝާވެސް ޖެހޭނީ ގަބޫލު ކުރާށެވެ.

ފަރީޝާ އަކަށް އިތުރު އެއްޗެއް ނުބުނެވުނެވެ. ފަރީޝާ ދެކެ އަޝްރަފް ލޯބި ނުވިއަސް ހަގީގަތުގައި ފަރީޝާއަށް ހެޔޮއެވެ. ދެއަންބަށް ވިއަސް ހެޔޮއެވެ. ފަރީޝާ ބޭނުމީ އަޝްރަފާ ކައިވެނި ކުރާށެވެ. މީގެ ކުރީން ދުވަހަކުވެސް ފަރީޝާ އެހެން ފިރިހެނަކު ދެކެ ލޯތްބެއް ނުވެއެވެ. ދެން އަމުދުން ނުވެވޭނެއެވެ. 

ފާޚާނާގެ ދޮރު ހުޅުވާލި އަޑަށް ފަރީޝާ ތެދުވެގެން ހިނގައިގަތެވެ. އާޒިމަށް އެއިން އެއްވެސް ކަމެއް އިނގޭކަށް ފަރީޝާ ވެސް ބޭނުމެއް ނޫނެވެ. ފަރީޝާ ނުކުމެ ބޭރު ޖޯލި ފަތީގައި އިނދެގެން ހިތް ފުރެންދެން ރުޔެވެ. އޭނާއަކީ ކިހާ ނަސީބު ދެރަ މީހެއް ހެއްޔެވެ! ހަޔާތުގައި ފުރަތަމަ ފަހަރަށް ރޭގައި އޭނާއަށް އުއްމީދުގެ ހުޅުކޮޅެއް ފެނުނެވެ. އެހެނަސް ރަނގަޅަށް ރޯވުމުގެ ކުރިން އެވެސް ނިވިގެން ދިއައީއެވެ. އޭނާ އާޒިމާ ކައިވެނި ކުރާކަށް ބޭނުމެއް ނޫނެވެ. އާޒިމް ދެކެ މިހާރު އޭނާ ބިރު ގަނެއެވެ. މަސްތުވާ ތަކެތީގެ ހުރި ނުބައިކަމާއި ބިރުވެރިކަން އޭނާއަށް ވުރެ ބޮޑަށް އެނގޭނީ ކާކަށް ހެއްޔެވެ! އާޒިމް އެއްބަސް ނުވި ނަމަވެސް އާޒިމް ވަނީ އެފަދަ ކުށެއްގައި ތުހުމަތު ކުރެވިފަ އެވެ. އާޒިމަކަށް ފަރީޝާ އިތުބާރެއް ނުކުރެއެވެ. 

އާޒިމް ނުކުތުމުން މުޅި ކޮޓަރި ތެރޭގައި އާފްޓަރ ޝޭވްގެ މީރު ވަސް ހިފާލިއެވެ. "ފްރެޝް" ވެލައިގެން ނުކުތް އިރު އޭނާގެ މޫނު މަތީން ފެނުނު އާރޯ ކަމަކީ ފަރީޝާއަށް ހާއްސަ ކުރެވިފައިވާ އެއްޗެއްކަން އިޚުސާސް ކުރެވުނު ހިނދު އަޝްރަފްގެ ހިތުގައި ހޫނު ކަމެއް އުފެދިގެން ދިއައެވެ. އެ ހިތް ހަސަދަ ވާން ވެސް ދަސްކޮށްފި އެވެ.

ކުޑަދޮރު ކައިރީގައި ހުރި އަޝްރަފްގެ ކައިރިއަށް ދަމުން އާޒިމް، ފަހަތަށް ލެބިލާ ބޭރު ބަލާލީ ފަރީޝާ ޖޯލި ފަތީގައި އޮތްކަން ޔަގީން ކޮށްލުމުގެ ގޮތުން ނެވެ. މިއަދު އާޒިމް އުޅޭ ގޮތުން އަޝްރަފްވެސް ލަދުގަނެ އެވެ. އޭނާ ހީވަނީ ފަރީޝާއަށް ތުއި ދައްކާލަން އުޅޭ ހެންނެވެ. 

"ކީކޭ... ކޮން ވާހަކައެއް ދައްކަން އުޅުނީ؟"
އުއްމީދާ އެކު އާޒިމް އަހާލި ނަމަވެސް އަޝްރަފް ދެއްކީ މުޅީން އެހެން ވާހަކަ އެކެވެ. ކީއްވެ ކަމެއް ނޭގެއެވެ، އަޝްރަފް ކުރީން ދައްކަން އުޅުނު ވާހަކަ ދައްކާ ހިތެއް މިހާރަކު ނެތެވެ.

ނިހާ އޮފީހަށް ދާން ގެއިން ނުކުތްތަނާ ރަޒީނާގެ ގައިގައި ނުޖެހުނީ ކިރިޔާއެވެ. ނިހާ ދިއައީ ސިއްސައިގެން ނެވެ. އެގޭގެ ދޮރާ އެހާ ކައިރީގައި ގުދުވެ އޮވެ ރަޒީނާ އެކުރަނީ ކީއް ހެއްޔެވެ! ހީވާ ގޮތުން އޭނާ އެއުޅުނީ ތަޅުވަޅުން އެތެރެ ބަލާލާށެވެ. ރަޒީނާ ހުރީ ހިސާބަކަށް ލަދުގެންފައެވެ. އަނެއްކާވެސް ކުޑަ ބޭޒާރެއް ވީއެވެ. 

"ކިހިނެއްވީ؟"
ނިހާ ހިސާބަކަށް ހައިރާން ވެފައި އަހާލިއެވެ. މިހާރު ދެ ފަހަރަކު ރަޒީނާ އެގޭ ދޮށުން ފެނިއްޖެއެވެ. ކޮންމެވެސް ކަންތައްގަނޑެއް ލައިގަންނަން އުޅޭހެން ނިހާއަށް ހީވިއެވެ.

ނިހާ ސުވާލު ކޮށްލުމުން ރަޒީނާ ހިނިތުންވެލި އެވެ. ނިހާ އަދި ވަކިން ބޮޑަށް ޙައިރާން ވިއެވެ. ރަޒީނާގެ އެ "ކުނި" މޫނުމަތީން ހިނިތުން ވުމެއް އޭނާއަށް ފެނިފައި އެވަނީ އަލަށެވެ.

"މިއައީ..ހާލު ބަލާލަން!"
ރަޒީނާ ވަރަށް ގާތް ގޮތަކަށް ބުނެލިއެވެ. ނިހާއަށް އަނގަ ހުޅުވިފައި ހުރެވުނީއެވެ. ހައިރާންވެ އަންތަރީސް ވެއްޖެއެވެ. 
"ބޭބެ ގެއިން ދިއަ ފަހުން ގެ ވަރަށް ފަޅު.. އެއްޗެއްގެ މުހިއްމުކަން އެނގޭނީ އެއެއްޗެއް ގެއްލިގެން ދިއައީމައޭ ބުނެއެއްނު.. އެއީ ތެދެއް!"

އިސް ޖަހާލަމުން ރަޒީނާ އެހެން ބުނުމުން ނިހާގެ ހިތްވެސް މަޑުވެލައިފި އެވެ. ނިހާ ދުވަހަކުވެސް ރަޒީނާ އެހާ ކުޑަ ވެފައި ހުއްޓައި ނުދެކެއެވެ. އެހާ ނިކަމެތި ބަސްތަކެއް ރަޒީނާ އަކާއި ނުވެސް ގުޅެއެވެ. ރަޒީނާ ވާހަކަ ދެއްކީ ދުރުބަލަން ހުރެއެވެ. އޭނާގެ މޫނު ނިހާއަށް ރަނގަޅަށް ފެނިއްޖެނަމަ ހަގީގަތް ފަޅާއަރާ ފާނެތީ ބިރުން އުޅޭހެން ހީވެއެވެ. ނިހާ ރަޒީނާއަށް ގޭތެރެއަށް ވަންނަން ދައުވަތު ދިނެވެ. އެއީ އަޝްރަފްގެ ކޮއްކޮކަން އޭނާ ހަނދާން ކުރަން ވާނެއެވެ.

ރަޒީނާ އެ ގޭތެރެއަށް ވަންނަން އިންކާރު ކުރަމުން ބޭރުގައި ހުރި ލަކުޑި އަށްޓާއި ދިމާއަށް ހިނގައިގަތެވެ. އެގޭގެ އޮޅި ގިރާ ކުރާކަށް އަދިވެސް އޭނާ އަކަށް ނުކެރޭނެއެވެ.

ބޭރުގައި ހުރި ބޮޑު ބަބުކެޔޮ ގަހުން ހިޔާއަރާފައިވާ އަށީގައި ރަޒީނާ އާއި އެކުގައި ނިހާ ވެސް އިށީންދެލި އެވެ. ރަޒީނާ ބުނި ގޮތުން މިއަދު އޭނާ ކޮންމެހެން ނިހާގެ ހާލު ބަލާލަން ބޭނުންވީ ރޭގައި އޭނާއަށް ފާޑެއްގެ ހުވަފެނެއް ފެނިގެން ނެވެ. އޭނާ ބުނީ ނިހާގެ ގޭތެރެއިން އާދަޔާ ޚިލާފް ކަންތައްތަކެއް ފެންނާތީ ނިހާ ބިރުން އުޅެނިކޮށް ހުވަފެނުން ފެނުނު ކަމަށެވެ.

"އެއީ ތެދެއްތަ؟ އެކަހަލަ ކަމެއް އުޅޭތަ މިގޭގަ؟"
ރަޒީނާ މާ ނޫން ގޮތަކަށް އަހާލިއެވެ. ރަޒީނާ ކޮންމެސް އެއްޗެއް އޮޅުން ފިލުވަން އުޅޭކަން ނިހާއަށް ކުރީންވެސް އެނގުނެވެ. ރަޒީނާ ހީކުރި ވަރަށް ވުރެ ނިހާގެ ބޯ މާ ރަނގަޅެވެ.
"ވެދާނެ.. މިގެ ފަޅަށް ހުންނަތާ ވަރަށް ދުވަސްކޮށްފަ އަހަރުމެން މިއައީ.. ބައެއް ފަހަރު ހީވޭ ގޭތެރޭން ފާޑުފާޑުގެ އަޑުއަޑު އިވޭހެން ވެސް" 

ރަޒީނާގެ ސީދާ ދެލޮލަށް ބަލަން އިނދެ ނިހާ ބުނެލިއެވެ. އެވަގުތު ރަޒީނާގެ ދެލޮލުން ފާޅުވި ވިދުވަރު ނިހާއަށް ފާހަގަ ކުރެވުނެވެ. ރަޒީނާ ދުރު ދުރުން ފާޑުފާޑުގެ ސުވާލު ކުރަމުން ދިއައެވެ. ނިހާ ހަމަ ރަޒީނާ އުފާވާ ޒާތުގެ ޖަވާބުތައް ދެމުން ދިއައެވެ. ނިހާ އަކީ ރަޒީނާ ހީކުރާހާ ބޮޑު ގަމާރެއް ނޫނެވެ.

ވާހަކަ ދައްކަ ދައްކާ އިނދެފައި ރަޒީނާ ކުއްލިއަކަށް އޭނާގެ ކޮނޑު މަތި ފޮޅާލިއެވެ. ހީވީ ގަޔަށް އެއްޗެއް އަރާތީ ފޮޅާލި ހެންނެވެ. އަނެއްކާވެސް އިރު ކޮޅަކު ވާހަކަ ދައްކަން އިދެފައި ރަޒީނާ ފުންމައިގެން ތެދުވުމާއިއެކު އޭނާ ލައިގެން ހުރި ޓީޝާރޓްގަނޑު ހަށިގަނޑުން ދަމައި ގަތުމާއިއެކު މަގުމައްޗަށް ހޫރާލައިފިއެވެ. 
(ނުނިމޭ)

ކޮމެންޓް 0