(27 ސެޕްޓެމްބަރގެ އަދަދާ ގުޅޭ)

ފަރީޝާ އިސް ޖަހާލި އެވެ. އޭނާ ހިސާބަކަށް ލަދުވެސް ގެންފިއެވެ. އިއްޔެގައި އިގުބާލާ ދޭތެރޭގައި އޭނާއަށް ކަންތައް ކުރެވުނީ ކިހިނެއް ހެއްޔެވެ! އެދެމަފިރީން ނަކީ އެހާ ހެޔޮކޮށް އޭނާއާ ދޭތެރޭގައި ކަންތައް ކޮށްފައިވާ ބައެކެވެ. ފަރީޝާއަށް އިގުބާލާ ދޭތެރޭ ޝައްކު ކުރެވުނީތީ ފާފަވެރި ވާނެ އެވެ.

"ހިނގާ ރިޕޯޓް ކުރަން އެމީހާއަށް ހޭ އަރުވާލަން ވާނެ!"
ނާޒިމާ ރުޅިގަދަވެފައި ފަރީޝާގެ އަތުގައި ބާރަށް ހިފަހައްޓަމުން ބުންޏެވެ. ފަރީޝާ ބޯ ހޫރާލި އެވެ.
"އެމީހަކު އަހަންނަކަށް ނޭގެ.. ކާކު ކަމެއް ނޭނގެ!"
އޭރުވެސް ފަރީޝާގެ ދެލޮލުން ކަރުނަ އޮހޮރެމުން ދިއަ އެވެ.
ނާޒިމާ އިނީ ޙައިރާންވެފައެވެ. އެމީހަކު ނޭގެންވީ ކީއްވެ ހެއްޔެވެ؟

"ކިހިނެއް ހުރި މީހެއް؟"
ޙައިރާން ކަމާއެކު ނާޒިމާ އަހާލި އެވެ.
"އަހަންނަށް ހޭލެވުނު އިރު މުޅިގޭން ހުރީ ކަރަންޓު ކަޑާލާފަ. އެއްވެސް އެއްޗެއް ވަކިވާ ވަރެއް ނޫން.. އެއްވެސް ތަނެއްވެސް ނުފެނޭ.. އަހަރެން އެއްލި ފުޅިއެއް ބިއްލޫރި ގަނޑުގަ ޖެހިފަ ބިއްލޫރި ގަނޑު ތަޅައިގެން ދިއައީ... ސަލާމަތް ވާން އުޅެނިކޮށް އަހަރެން ވެއްޓިފަ ބުރަކަށި ހަލާކު ވީވެސް.. އެ މީހަކު އަހަންނަކަށް ނުފެނޭ..!" 

ހިތުގައި ޖެހިފައި ފަރީޝާ ދެއްކި ވާހަކަތައް ނާޒިމާ ގަބޫލު ކުރި އެވެ. ބުނާނެ އެއްޗެއް ނޭގިފައި އޭނާ އިނެވެ. ކޮންމެ އަކަސް އެމީހަކީ ނާޒިމާމެންގެ ގެއަށް ވަދެ އުޅޭ މީހަކަށް ނޫނީ ނުވާނެ އެވެ. އެހެން ނޫންނަމަ ގޭން ކަރަންޓު ކަނޑާލަންވެސް ނޭގޭނެ އެވެ.

"އަހަރެން އެއްވެސް މީހެއްގެ ކައިރީގަ މިވާހަކައެއް ނުބުނަން.. ނާޒިމާއްތަވެސް ޕްލީސް ނުބުނާތި! އަހަރެން ދެން އެވާހަކަ ދައްކާކަށް ބޭނުމެއް ނޫން..!"
ފަރީޝާ ބުންޏެވެ. އެއީ ރަނގަޅު ވާހަކަ އެކެވެ. އެމީހަކު ނޭގެންޏާ ދެން ދެއްކޭނެ ވާހަކައެއްވެސް ނޯންނާނެ އެވެ. އެކަމަކު ނިކަމެތި ފަރީޝާއާ ދޭތެރޭގައި ނާޒިމާ ހަމަ ދެރަވަނީ އެވެ. އޭނާގެ ދިރިއުޅުމަށް ދެން ވެދާނެ ގޮތަކާ ދޭތެރޭގައި ނާޒިމާއަށް ވިސްނެނީ އެވެ. އެރީތި އަންހެން ކުއްޖާގެ ބޭނުން ކެނޑުނީ ބާއެވެ! ހާދަ ދެރައެވެ.

"އަހަރެން މިހާރު މީހަކާ އިނދެފިން!"
ފަރީޝާގެ އެ ޖުމުލައިގެ އަޑު އިވިފައި ނާޒިމާގެ ހިތަށް ފިނިކަމެއް ލިބުނެވެ. ހަމަ ޙަޤީޤަތުގަވެސް ފަރީޝާއަށް ދެން ރަނގަޅު ވާނީ އެ ހާދިސާ ހަނދާން ނައްތާލީއާއެވެ! އެވާހަކަ ދުވަހަކުވެސް ދުލު ކުރިއަށް ނުގެނެއްޔާއެވެ. އިގުބާލު ގާތުގައިވެސް އެވާހަކަ ނުބުނަން ނާޒިމާ ވަޢުދު ވިއެވެ.

މާލެ ދާން ނިންމުމަށް ފަހުގައިވެސް އާޒިމަށް މާލެ ދެވޭ ގޮތެއް ނުވި އެވެ. އޭނާ ދެ ފަހަރަކު ދާން ތައްޔާރުވެސް ވިއެވެ. ފޮއްޓަށް އެއްޗެހިވެސް އެޅިއެވެ. އެހެން ނަމަވެސް ހަމަ އެކަން ކުރާކަށް ނުކެރުނެވެ. އެންމެ ފަހުން އެ ރަށުގައި މަޑުކުރަން ނިންމީ އެވެ. ދާއިމީ ވަޒީފާ އަކަށް ވަންނާކަށް އޭނާ ބޭނުމެއް ނޫނެވެ. ކިރިޔާވެސް މާލެ ދާން ހިތްވަރެއް ލިބޭ އިރަށް އޭނާ މާލެ ދާނެ އެވެ. ރަށަކީ މަސްވެރި ރަށަކަށް ވެފައި މަހަށް ދިއުމަކީ އަބަދުވެސް އާޒިމް ކުރާ ހިތްވާ ކަމަކަށް ވެފައި ހިތްހަމަ ޖެހޭ ވަރުގެ އެއްޗެއް ލިބޭތީ އާޒިމް ދަނީ މަހަށެވެ. އެލިބޭ ފައިސާއިން ފަރީޝާގެ ކަންތައްތައް އޭނާ ހަމަ ޖައްސާދެމުން އައީ ފަރީޝާ ނުރުހުނު ނަމަވެސް އާޒިމް ގެ އަމިއްލަ ހިތްހަމަ ޖެހުން ކަމުގައި ދެކިގެން ނެވެ. ދުނިޔެއަށް އުފަން ނުވާ އެ ކުޑަކުޑަ ދަރިފުޅާ އެންމެ ގާތުގައި އުޅެމުން އައީ އާޒިމެވެ. މަޑުމަޑުން އާޒިމްގެ ހިތުގައި އެ ކުޑަކުޑަ ފުރާނަ ދެކެ ލޯބިޖެހެމުން އައެވެ. އެ ދަރިފުޅު ދުށުމުގެ ޝައުގުވެރިކަން އޭނާގެ ހިތުގައި ބޮޑުވަމުން އައެވެ. އާޒިމްގެ އެ އިޙުސާންތެރިކަން ފަރީޝާ ދުވަހަކުވެސް ހަނދާން ނައްތާ ނުލާނެ އެވެ. މިއަދު އޭނާ ހިތްވަރާއެކު ކޮޅަށް އެހުންނަނީ އާޒިމްގެ ސަބަބުންނޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ.

ސައްތާރުބޭ ދިން ފެން ފުޅިން ކުޑަފެން ފޮދެއްވެސް ހަސިނާއަށް ކޮޓަރީގެ ތެރޭގައި ބެހެއްޓޭ ގޮތެއް ނުވި އެވެ. އެތައްފަހަރަކު މަސައްކަތް ކުރެވިއްޖެ އެވެ. ކޮންމެ ފަހަރަކު ކޮންމެސް ކަންތައް ގަނޑަކާ ދިމާވަމުން ގޮސް އެންމެ ފަހުން މިހާރު ފެންފުޅިއަށް ވީ ގޮތެއްވެސް ނޭގެ އެވެ. މިއަދު ހެނދުނު ހޭލައިގެން ބަލާލިއިރު ފެންފުޅި ގެއްލިއްޖެ އެވެ. ހަސީނާ އެވަރުންވެސް ދޫ ކުރާކަށް ގަސްތެއް ނުކުރެއެވެ. އޭނާ ދިއައީ ސައްތާރުބޭގެ ގެއަށް އެހެން ގޮތެއް އޮތްތޯ އަހާށެވެ. 

މާ ބޮޑު ކަމެއް ނުކުރެވޭނެ ކަމަށް ސައްތާރުބޭ ކުރީން ވެސް އޮތީ ބުނެފަ އެވެ. އެހެން ނަމަވެސް ހަސީނާ އަތުގައި ހުރި ހުރިހާ ފައިސާ އެއް ހުސްވަންދެން ސައްތާރުބޭ ވެސް ޖެހޭނީ އެކަން ވޭތޯ ބަލާދޭށެވެ. މިފަހަރު ސައްތާރުބޭ ބުނީ އެއްވެސް ކަމެއް ނުވެގެން އެއުޅެނީ ގޭގެ އޮޅި ދަށުގައި ވަޅުލި އެތީގެ ބާރު އަދިވެސް ގަދަކަމުން ކަމަށެވެ. އެހެން ކަމުން އޭތި އެތާނގައި ފަނާ ނުވެ އޮވެދާނެ ކަމަށް ގަބޫލު ކުރެވޭ ވާހަކަ ސައްތާރުބޭ ބުންޏެވެ. ސައްތާރުބޭ ބުނީ އެދިމާ ކޮނެގެން، ވަޅުލި ބޯކަރުދާސް ގަނޑުގެކުޑަ އެތި ކޮޅެއް ނަމަވެސް ހިފައިގެން އައުމަށެވެ. ހަސީނާ ގެއަށް ދިއައީ އަނެއްކާ އަނެއް މަސައްކަތާ ހަވާލުވެގެން ނެވެ. 

ދެ ދުވަސް ވަންދެން ފުރުސަތަކަށް ބަލަބަލާ ވެސް ފުރުސަތެއް ލިބޭ ގޮތެއް ނުވެއެވެ. އާންމުކޮށް ކޮޓަރީގައި އޮންނަ ރަޒީނާ އެ ދެދުވަހުގެ ގިނަވަގުތު ހޭދަ ކުރީ ފެންޑާގަ އެވެ. ފެންޑާގައި އިންނަ އިރު ކުޑަކޮށް ގުދުވެލިއަސް ބޭރު ދޮރުމަތި ފެންނާނެ އެވެ. އެހެން ނޫނަސް ރަޒީނާ ފެންޑާގައި އިނިއްޔާ ބަލަން ޖެހޭނީ އެ ޖިންނި ގަނޑުވެސް އޭނާގެ ކައިރީގައި އިންނާނެ ކަމަށެވެ. އެ ސިފަ ހުތުރު ޖިންނިއާ ރަޒީނާއާ ދޭތެރޭގައި ވަނީ އިންސާނުންގެ މެދުގައި އުފެދޭ ލޯތްބަށް ވުރެ ވަރުގަދަ ލޯތްބެކެވެ. 

ޖެހިގެން އައީ ހުކުރު ދުވަހެވެ. ހަސީނާ ހުރީ ރަނގަޅު ފުރުސަތަކަށް ވިސްނައިގެން ނެވެ. ހުކުރު ވަގުތަކީ އަމާން ވަގުތަކަށް ވާނެ ކަމުގެ ޔަގީންކަން އޭނާއަށް އޮތެވެ. ހުކުރުގެ ކުރީން ރަޒީނާ ކޮޓަރިއަށް ވަން ގޮތަކަށް ނުނިކުމެ އެވެ. ހުކުރު ޚުޠުބާ ފަށަންދެން ހަސީނާ މަޑުކޮށްލީ އަމާންކަން ޔަގީން ކޮށްލުމުގެ ގޮތުން ނެވެ. ރަނގަޅު ދަނޑި ވަޅެއްކަން ޔަގީން ވުމުން ހަސީނާ ދަގަނޑު ތަށިގަނޑެއް ހިފައިގެން އައިސް އެހިސާބު ކޮންނަން ފަށައިފި އެވެ. އޮޅިގަނޑުގެ ދަށަށް ވާ ގޮތަށް މުޅި ހިސާބު ގަނޑު ކޮންނަމުން ދިއަ އެވެ. އެއްޗެއް ފެންނަ ގޮތެއް ނުވެއެވެ. ބިރުން އިން ވަރުން އިރު އިރު ކޮޅާ ފަހަތް ބަލާލެވެ އެވެ. ވަށައިގެން ހޯދާލެވެ އެވެ. ހީވަނީ މީހަކު ކައިރީގައި ހުންނަ ހެންނެވެ. ސިހިގެން ގޮސްފައި އެތައް ފަހަރަކު ބަލައި ލެވިއްޖެ އެވެ. މީހެއްގެ ހިޔަނި އޭނާގެ ގަޔަށް އެޅޭހެން ވެސް ބައެއް ފަހަރު ހީވެ އެވެ. އަވަސް އަވަހަށް ކޮންނަމުން ދަނިކޮށް އޮޅިގަނޑުގެ ސީދާ މެދާ ދިމާލު އަޑިން ބޭރަށް ފެންނަން އޮތް ބޯކަރުދާސް ގަޑެއް އޭނާއަށް ފެނިއްޖެ އެވެ. ހިސާބަކަށް ހަލާކުވެ އެތަން މިތަނުން އުތުވި ވީދިފައިވާ ކަހަލަ ގޮތަކަށް އެ ކަރުދާސް ގަނޑު އޮތަސް ވަރިހަމަ އެވެ. ބޭނުމީ އޭގެން އެތިކޮޅެކެވެ. ފެންނަން އޮތްބައި އިތުރަށް ހަލާކު ކޮށްނުލާ އެއްކޮށް ނެގިއްޖެއްޔާ ވަރަށް ރަނގަޅެވެ. 

އޭނާ ދެފަރާތުގެ ވެލިގަނޑު ކަހަމުން މަޑުމަޑުން ކަރުދާސް ގަނޑުގައި ހިފާ ދަމާލި އެވެ. އެއީ ބޮޑު ކަރުދާސް ގަނޑެކެވެ. ބޮޑުބައި އޮތީ ވީރާނާ ނުވެކަން އެނގުނީ ކަރުދާސް ގަނޑު ބޮޑަށް ދަމާލެވެން ފެށުމުން ނެވެ. ވީ އުފަލެއްގެ ބޮޑުކަމެއް ބުނަންވެސް ނޭގެއެވެ. މަޑުމަޑުން ކަރުދާސް ގަނޑުގައި ހިފާ ދަމަމުން ދަނިކޮށް ކުއްލި އަކަށް އޭނާގެ އަތުގެ ކުޑަހުޅުގައި ބާރުގަދަ އަތަކުން ހިފައިފި އެވެ. ހީވީ ހަސީނާގެ އަތުގެ ކަށިގަނޑުވެސް މުގުރުނު ހެންނެވެ. އެއީ ކެހެރިން ފުރިފައިވާ އަޅި ކުލައިގެ އަތްތިލަ އެކެވެ. ވަކިދިގު އިގިލި ތަކެކެވެ. ހަސިނާއަށް ބިރުން ހަޅޭއްލަވައި ގަނެވުނެވެ. ވީތަދުން ކަރުދާސް ގަނޑުން އަތްދޫކޮށްލެވުނެވެ. އެވަގުތު ކަރުދާސް ގަނޑު އެތެރެއަށް ދެމިގެން ތަން އޭނާއަށް ފެނުނެވެ. 

އަދި ބަލަބަލާ ހުއްޓާ، ހަމަ އެސިކުންތު ކޮޅުގެ ތެރޭގައި، ކޮނުނު ތަނަށް ފަސްއެޅި އެހިސާބު ގަނޑު އިހުހުރި ގޮތަށް ބަދަލު ވެއްޖެއެވެ. 

އެ މަންޒަރު ފެނިފައި ތަދު ހަނދާން ނެތޭ ވަރަށް ހަސީނާ ބިރުގަތެވެ. އެ ބިރުވެރި ސޫރަ އޭނާއާ ދާދި ގާތުގައި ހުރިކަން ޔަގީން ކުރަމުން ހަސީނާ މަޑުމަޑުން އެނބުރި ބަލައިލި އެވެ. ޙައިރާންވީ އެއްވެސް އެއްޗެއް ފެންނަން ނެތުމުންނެވެ. އޭނާ އެނބުރި އޭނާގެ އައްސިވެފައިވާ އަތަށް ބަލައިލުމުން އާދަޔާ ހިލާފު ގޮތެއް ހީވި އެވެ. އެއަތުގެ ކުޑަހުޅުން ތިރީގައި ބާރެއް ނެތެވެ. ހަސީނާ އޭނާގެ ވާއަތުން ކަނާއަތުގެ އަތްތިލައަށް ފިތާލި އެވެ. އިޙުސާސެއް ވެސް ނެތެވެ. ހަސީނާއަށް ރޮއިގަނެވުނެވެ. އޭނާ އެއް އަތުގައި ހިފައިގެން ދުވެފައި ގޮސް ރަޒީނާގެ ކޮޓަރީ ދޮރުމައްޗަށް ހުއްޓުނެވެ. ރަޒީނާ ހަމަޖެހިލާފައި އެނދުގައި އޮތްތަން ފެނުމުން ހަސީނާ އިތުރަށް ރުޅިގަދަވި އެވެ. 

"ރަޒީނާ! ކަލޭގެ ކާފަރު ޖިންނި، ހުކުރު ވަގުތު އަހަންނަށް ހަދާލި ގޮތް ދެކިބަލަ!"
ހަސީނާ އެތަނުގައި ހުރެގެން އަޑުގެ ކޮޅަށް ހަޅޭއްލެވި އެވެ. ރަޒީނާއަށް އިވޭ ކަމަކަށް ވެސް ނުވި އެވެ. 

އާދައިގެ މަތީން ފަތިސް ނަމާދު ކޮށްލައިގެން އާޒިމް ނުކުތީ އަތިރިމައްޗަށެވެ. މަހަށް ފުރެން އަންނަނީ ކުޑަކޮށް މޫސުން ރަނގަޅު ވީމަ އެވެ. ރަށު ބަޔަކާއި އެކު ހޮޅުއަށި މަތީގައި ރާޒުވާ ގަނޑެއްގެ ފޯރީގައި އިންދާ މީހަކު އައިސް ބުރަކަށީގައި އަތް ޖައްސާލުމުން އާޒިމް ބަލައިލި އެވެ. އެއީ އަޝްރަފެވެ. އަޝްރަފް ފެނުމުން އާޒިމް ޙައިރާން ވިއެވެ. އަންގާވެސް ނުލާ އައީމަ އެވެ. ފުރައިގެން ދިއަފަހުން ދޭތެރެއަކުން ޚަބަރު ބަލާލާ ހަދައެވެ. އެހެން ނަމަވެސް އެއް ފަހަރުވެސް ފަރީޝާއަށް ގުޅާލާފައި ނުވެއެވެ. 

އާޒިމް އަޝްރަފާ އެކީ ގެއާ ދިމާއަށް ހިނގައި ގަތެވެ. އަޝްރަފް ބުނީ އޭނާއަށް އެދުވަހު ބޯގޮވައިގެން އަވަހަށް މާލެ ދެވުނީ ފަރީޝާއަށް އެއްވެސް ކަމެއް ހަމަ ޖައްސާނުދީ ކަމަށް ވާތީ އެކަންކަން ކޮށްލާފަ ދާން އައީ ކަމަށެވެ. 

އަޝްރަފް އެހެން ބުނިނަމަވެސް ހަގީގަތަކީ އެއެއް ނޫނެވެ. މާލެ ދިއައިއްސުރެ އަޝްރަފްގެ ހިތް ވަނީ ނުތަނަވަސް ވެފައެވެ. ކޮންމެ ރެއަކާ ދުވާލަކީ އޭނާއަށް ދަތި، އުދަގުލުން ހޭދަވާ ވަގުތު ތަކަކަށް ވިއެވެ. އޭނާގެ ހިތް އެދެމުން ދިއައީ ފަރީޝާގެ ރަށަށް ދާށެވެ. ފަރީޝާ ދެކެ އޭނާ ލޯބި ނުވިނަމަވެސް ފަރީޝާއާ ދޭތެރޭ ވިސްނުނީ މަދެއްކޮށް ނޫނެވެ. ފަރީޝާއަށް ގުޅާ ހާލު ބަލައި ނެހެދި ނަމަވެސް ފަރީޝާ ހެޔޮހާލުގައި ލެހެއްޓެވުމަށް އެދި ދުޢާ ކުރެވެނީ ގިނަގިނައިން ނެވެ. ކިތަންމެ ނޫން ކަމަށް ހެދި ނަމަވެސް ފަރީޝާގެ ހަށިގަނޑުގެ ތެރޭގައި ވިންދު ޖަހަމުން އެދާ ފުރާނައަކީ އޭނާގެ ދިރިހުރުމުގެ އުއްމީދެވެ. ފަރީޝާ ބަނޑު ބޮޑުވުމުން އޭނާ ކަންބޮޑު ވިއެވެ. އިންތިހާ އަށް އޭނާ ހާސްވި އެވެ. އެހެން ނަމަވެސް މަޑުމަޑުން ހިތުގައި ލޯބި އުފެދި ބޮޑުވަމުން އައިސް އެ ދަރިފުޅު ދެކިލާހިތުން ކެތް ނުވާ ހިސާބަށް ދިއައީ އެވެ. ވާނީ ވެސް އެހެންނެވެ. އަޝްރަފަކީ އަބަދުވެސް ކުޑަކުދީން ދެކެ ލޯބިވާ މީހެކެވެ. ފުރަތަމަ ކައިވެނި ކުރީއްސުރެ ދަރިއަކު ލިބޭތޯ މަސައްކަތް ކުރަމުން ގޮސް މާޔޫސް ވާ ހިސާބަށް ގޮސްފައި ވަނިކޮށް އޭނާއަށް ދަރިއަކު ލިބެނީ އެވެ. އެ ދަރިފުޅަކީ އޭނާގެ ފިރިހެން ވަންތަ ކަމުގެ ނިޝާނެވެ. ވީއިރު އެދަރިފުޅަށް އޭނާ ފުރަގަސް ދޭނީ ކިހިނެއް ހެއްޔެވެ! 

ފަރީޝާއަށް އަޝްރަފް ފެނުމުން އުފަލުން ރޮވުނެވެ. އޭނާއަށް ރޭގައިވެސް އަޝްރަފް އައިސްގެން އުޅެނި ކޮށް ހުވަފެނުން ފެނުނެވެ. ފަރީޝާ އަށް ރޮވެން ފެށުމުން އަޝްރަފް ފަރީޝާ ގާތް ކޮށްލި އެވެ. މިހާރު ފަރީޝާ އެގޮތަށް ރޯކަށް އަޝްރަފް ބޭނުމެއް ނޫނެވެ. އަޝްރަފްގެ އެ ބީހިލުމުން ފަރީޝާގެ ހަށިގަނޑުގެ ހުރިހާ ރިހުމަކަށް ޝިފާ ލިބިގެން ދިއަ ކަހަލަ އެވެ. ފަރީޝާ ގޮވައިގެން އަޝްރަފް ގޮސް ކޮޓަރީގެ ދޮރު ލައްޕާލުމުން އާޒިމަށް ބިންގަނޑުގައި ފައިން ޖަހާލެވުނުލެއް ބާރުކަމުން އޭނާގެ ކަށިމަތި މުގުރައިގެން ނުދިއައީ ކިރިޔާ އެވެ. ކޮޓަރި ތެރޭގައި ކަން ހިނގީ އާޒިމް ހީކުރި ގޮތަކަށް ނޫނެވެ. އަދި ފަރީޝާ އުއްމީދު ކުރި ގޮތަކަށް ވެސް ނޫނެވެ. އަޝްރަފް ފަރީޝާ އެނދުގައި ބާއްވާފައި ކައިރީގައި އިށީނދެލި އެވެ. ދެން ފަރުވާތެރި ކަމާއެކު ފަރީޝާގެ ހަށިގަނޑަށް އަޝްރަފް ބަލާލި ގޮތުން ފަރީޝާ ލަދުން ބާލީހުގައި މޫނު ފޮރުވާލި އެވެ. އަޝްރަފްގެ އަތްތިލަ ފަރީޝާގެ ބަނޑުގައި ޖައްސާލި ވަގުތު ހަށިގަނޑަށް ވެރިވި އަސަރަކުން ފަރީޝާއަށް ލޯ ހުޅުވާލެވުނެވެ. 

އަޝްރަފް ފަރީޝާއަށް ރީތި ހިނިތުން ވުމެއް ހަދިޔާ ކޮށްލިއެވެ. އަޝްރަފްގެ ދެލޮލުން އުފާވެރިކަން ފެނިގެން ދިއަ ހިނދު ފަރީޝާގެ މޫނު ރަތް ވެގެން ދިއަ އެވެ. އެއީ އުފަލަކުން ނޫނެވެ. އަދި ލަދަކުންވެސް ނޫނެވެ. 

"ފަރީޝާ އަރާމު ކޮށްލާ!" 
އެހެން ބުނެފައި އަޝްރަފް ތެދުވި އެވެ.
"އަހަރެން މިއައީ ދެތިން ދުވަސް ތެރޭގަ ގޭތެރޭގަ ހުރި މަސައްކަތްތައް ކޮށް ނިންމާފަ ދާން. ބޭބީ އަންނަން ވާއިރަށް ތައްޔާރު ކޮށްލަން ވާނެ އެއްނުން!" 
ބުނާނެ އެއްޗެއް ނޭގިފައި ފަރީޝާ އޮތީއެވެ. އަޝްރަފް އައުމުން ވީ އުފަލަށް ވުރެ ބޮޑު ބިރުވެރިކަމެއް އޭނާގެ ހިތަށް ވަދެގެން ދިއަ އެވެ. އަޝްރަފް އެ ދަރިފުޅު ދެކެ އެހާ ލޯބިވީމައި ވާނީ ކިހިނެއް ހެއްޔެވެ؟ 

"މިދަނީ އާޒިމް ގޮވައިގެން މަސައްކަތް ފަށަން.. އެފަރާތް ސާފުކޮށްލާނީ މިއަދު!"
ފަރީޝާ އަނެއް ފަރާތަށް މޫނު އަނބުރާލައިގެން އޮއްވާ އަޝްރަފް ނުކުތީ ބޭރަށެވެ. އަޝްރަފް ދިއުމުން ފަރީޝާ ތެދުވެ ދެކޮޅަށް ހިނގަން ފަށައިފި އެވެ. އިތުރު އެއްވެސް މަސައްކަތެއް އަޝްރަފް ކުރުމުގެ ކުރީން އަޝްރަފް ގާތުގައި އޭނާ އެވާހަކަ ދައްކަން ބޭނުމެވެ. ހަގީގަތުގައިވެސް އެދަރިފުޅަކީ އަޝްރަފްގެ ދަރިއެއް ކަމެއް އޭނާއަކަށް ޔަގީނެއް ނޫނެވެ. އެކަން ހިނގާފައި ވަނީ ފަރީޝާގެ އެއްވެސް ކުށެއް ނެތި އެވެ. އެހެން ނަމަވެސް އަޝްރަފަށް އޮޅުވާލައިގެން ސިއްރު ކޮށްގެން ހުރެއްޖެ ނަމަ ފަރީޝާ ވަރުގެ ކުށްވެރިއަކު ނުހުންނާނެ އެވެ. އޭނާ އަކީ އެހާ ގޯސް މީހެއް ނޫނެވެ. އެވަރުގެ ކަމެއް ކުރާކަށް އޭނާއަކަށް ހަމަ ނުކެރޭނެ އެވެ. އެހެން ނަމަވެސް ތެދުތެދަށް އެވާހަކަ ކިއައި ދީފި ނަމަ އޭނާއަށް އަޝްރަފް ގެއްލި ދާނެ އެވެ. އަޝްރަފްގެ ދަރިއަކަށް ވުމުގެ ފުރުސަތު އޮތް ނަމަވެސް އެކަން ގަބުލު ކުރަން ދަތިވާނެ އެވެ. ހަދާނީ ކިހިނެއް ހެއްޔެވެ! ދާހިއްލާ ފޯވެއްޖެ އެވެ. 

ކޮންމެ ގޮތެއް ވިއަސް ވަރިހަމަ އެވެ. މާތް ރަސްކަލާނގެއާ ވަކީލެވެ! 
ފަރީޝާ ފުން ނޭވާއެއް ލައިގެން ބޭރަށް ނުކުތެވެ. ގޯތިތެރެއަށް ނުކުތް އިރު ގިފިލީގައި މީހަކު އުޅޭ އަޑު އިވެ އެވެ. ކޮންމެވެސް މީހަކު ފެން ވަރަނީ އެވެ. ގިފިލީގެ ތިރި ފާރުގެ މަތީން ރޯނަށް އެއްލާފައިވާ ތުވާލި ފެނުމުން ފަރީޝާއަށް އެކަން ޔަގީންވި އެވެ. ގިފިލީގައި އުޅެނީ އަޝްރަފް ކަމަށް ވެސް ވެދާނެ އެވެ. ނޫނީ އާޒިމަށް ވެސް ވެދާނެ އެވެ. މަހަށް ނުދާ ދުވަހެއްގަ ވިއްޔާ އާޒިމް ފެންވަރާނީ އެގަޑީގަ އެވެ. ފަރީޝާ އިރުކޮޅަކު ހުރެފައި ބޭރު ދޮރާ ދިމާއަށް ހިނގައި ގަތީ އެތަނުން މީހަކު ފެނޭތޯ އެވެ. ހިނގައިގަތުމާއި އެކު އޭނާއަށް ހުއްޓެވިއްޖެ އެވެ. ދެލޯ ބޮޑުވެ ހަރަކާތް ހުއްޓުނީ ވިސްނުނު އެއްޗަކުން ނެވެ. ހަނދާނަށް އައި އެއްޗެއްގެ ސަބަބުން ނެވެ. ކުއްލިއަކަށް އެނބުރި އެދިމާއަށް ބަލައިލެވުނެވެ. އެވަގުތު އޭނާގެ ދެލޯ ޔަގީން ކޮށްދިން އެއްޗެއްގެ ސަބަބުން އޭނާގެ ވަށައިގެންވާ މާޙައުލު އޭނާގެ ލޮލުގެ ކުރިމަތީގައި އެނބުރިގަތީ ބުރު ނޭގޭ ވަރަށެވެ. އޭނާގެ ބޮލަށް އެނބުރުން އެރި އެވެ. ފައި ދަށުން ބިންގަނޑު ދެމިގެންގޮސް އެތަށް ހިސާބު އަޑިއަކަށް އޭނާ ގެބިގެން ދިއަ ކަހަލަ އިޙުސާސެއް އޭނާއަށް ކުރެވުނެވެ. އެއީ އޭނާއަށް ހީވި ގޮތެއް ނޫނެވެ. އެއީ އެ ގަމީހެވެ. ހަމަ ޔަގީނެވެ! އަނދިރިކަމުން އެޔެއް މިޔެއް ވަކި ނުވިނަމަވެސް އޭނާއަށް އެ ގަމީސް އޮޅުވައެއް ނުލެވޭނެ އެވެ. އެރޭ އެ މީހާ ލައިގެން ހުރީ އެ ގަމީހެވެ. އެކަން ވަރަށް ރަނގަޅަށް ފަރީޝާއަށް ސާބިތު ވެސް ކޮށްދެވޭނެ އެވެ!

ފަރީޝާ އިތުރަށް ބިރުގަންނަން ފެށީ އެ ގަމީހަކީ ކާކުގެ ގަމީހެއް ކަން އަދި ޔަގީން ނުވާތީ އެވެ. ގިފިލީގައި އުޅޭ މީހަކީ ކާކު ކަމެއް ނޭގޭތީ އެވެ. 

އެމީހަކު ފެންވަރާ ނިމިގެން ރޯނުގައި އިން ގަމީސް ދަމައިގެންފި އެވެ. ތުންފަތުގައި ބާރަށް ދަތް އަޅައިގެން ހުރިއިރު ފަރީޝާ ރޫރޫ އަޅަމުން ދިއައީ އާދަޔާ ހިލާފަށެވެ. އެމީހަކު ނުކުތުމުގެ ކުރީން ހޭހުސް ނުވެއްޖެއްޔާ ކިތަންމެހާވެސް ރަނގަޅެވެ. އެހެން ހުއްޓާ ފެނުނީ ގިފިލީގެ ދޮރު ހުޅުވާލާފައި ނިކުތްތަނެވެ. އެއީ އަޝްރަފެވެ!
(ނުނިމޭ)

ކޮމެންޓް 0