(04 ނޮވެމްބަރގެ އަދަދާ ގުޅޭ)
އެހުރިހާ ގޮތެއް ހެދި އިރުވެސް އެދަރިފުޅު ކުކުރާވެސް ނުލާ ނިހާއާ ދިމާއަށް ބަލަން އޮތެވެ. ހީވަނީ އެ ކުޑަކުޑަ ދަރިފުޅަށް ނިހާ ފެންނަ ހެންނެވެ. އެ ތުއްތު ދެލޮލުން ނިހާ ގާތުގައި ބޮޑު ވާހަކައެއް ބުނަން މަސައްކަތް ކުރާ ކަހަލަ އެވެ. ނުވަމަހާ ނުވަ ދުވަހުގެ ބުރައަށް ފަހުގައިވެސް އެ ދަރިފުޅަށްޓަކައި އިންތިހާ ވޭން އުފުލި ލޯބިވާ މަންމައާ ވަކި ނުކުރުމަށް އެދި އެދޮލުން އާދޭސް ކުރަމުން ދާ ކަހަލައެވެ!
ފަރީޝާ އިރުކޮޅެއް ވަންދެން އެތަނުގައި މަޑުކޮށްގެން ހުއްޓެވެ. އަދިވެސް ނިހާ އޭނާގެ މައްޗަށް ހަމްދަރްދީ ވެދާނެ ކަމުގެ އުއްމީދު ގައެވެ. އެހެންނަމަވެސް ފަރީޝާ އެތަނުގައި ހުރިކަމެއްވެސް ނިހާ ހަނދާން ހުރިހެނެއް ހިއެއް ނުވެއެވެ. ނިހާ ބޭބީ ގޮވައިގެން އަޝްރަފާ ދިމާއަށް އެނބުރި ލަންދެން ފަރީޝާ އެތަނުގައި ހުއްޓެވެ. ދެން ފަރީޝާ އެނބުރި ކޮޓަރިއާ ދިމާއަށް ދާން ހިނގައިގަތެވެ. އުނދަގޫ ބަރު ފިޔަވަޅު ތަކަކާއެކު މަޑުމަޑުން ކުރިއަށް ހިނގައިގެން އިރު އޭނާގެ ހަށީގައި ދިރުމެއް ނެތް ފަދަ އެވެ. ދެންމެ އާ ޖެހެންދެން، އޭނާގެ ދެއަތުގެ ތެރޭގައި އޭނާއަށްޓަކައި މިދުނިޔޭގައި ވާހާ ހުރިހާ އުފަލެއް އުފުލުމަށް ފަހު މިހާރު އެ ދެއަތް ވަނީ ފަޅުވެފަ އެވެ. އިޙުސާސް ކުރެވެމުން ދިއައީ އިންތިހާ ދަރަޖައިގެ އެކަނި ވެރި ކަމާއި މާޔޫސް ކަމެވެ. ވަރަށް ހިތްވަރު ކޮށްގެން މަޑުމަޑުން ހިނގާފައި ގޮސް އޭނާއަށް ކޮޓަރިއަށް ވަދެވުނުކަން އެނގުނެވެ.
ނިހާ ދަރިފުޅު ގޮވައިގެން ގޮސް އަޝްރަފްގެ ކައިރިއަށް ހުއްޓުމުން އަޝްރަފް އެނބުރި ބަލާލި އެވެ. އަޝްރަފް ބަލާލީ ދަރިފުޅަކަށް ނޫނެވެ. ނިހާ އަށެވެ. ނިހާގެ މޫނުމަތީގެ އަސަރުތައް ދެނެގަންނަން އޭނާ ބޭނުން ވި އެވެ. ނިހާ ހުރީ އުފަލުން ފޮޅިފަ އެވެ. އޭރުވެސް ނިހާ ބޭބީގެ މޫނު ކޮޅުގެ އެތަން މިތާގައި ވަސް ގަންނަނީ އެވެ. ފުއްގަނޑެއް ފަދަ ލޯބިލޯބި ބޭބީ، ހިމޭން ކަމާއެކު ނިހާ ބޭނުން ގޮތެއް ހަދާލާނެ ފުރުސަތު ދީގެން އޮތެވެ.
ބޭބީ އޮތްލެއް ލޯބި ކަމުން އަޝްރަފްވެސް މޮޑެލަން ބޭނުން ވި އެވެ. އެހެން ނަމަވެސް އެވަގުތު އަޝްރަފްގެ ހިތަށް ވަން އެއްޗަކުން ފަސް ޖެހެވުނެވެ. އެހެން މީހުންނަށް ވުރެ އެތައް ހާސް ގުނައެއް އިތުރަށް އެދަރިފުޅު ގައިގައި ޖައްސާލަން، މޮޑެލަން ބޭނުން ވާނީ ދަރިފުޅު ބަނޑު އަޅާ ވިހެއި ދަރިފުޅުގެ މަންމަ އެވެ. އެ ޙައްޤު އޭނާގެ އަތުން ފޭރިގަންނަން ހެޔޮ ވާނޭ ހެއްޔެވެ! އެހެން ނަމަވެސް އެވާހަކަ ދުލު ކުރިއަށް ގެންނާކަށް އަޝްރަފަކަށް ނުކެރުނެވެ. ނިހާ އެ ދަރިފުޅަށް ޓަކައި ވެފައިވާ ޤުރުބާނީ ހިތަށް ވަނުމުން ނިހާއާ ދޭތެރޭގައިވެސް ވިސްނާލެވުނެވެ. ފަރީޝާ އެބުނިހެން ދަރިފުޅުގެ ފުރާނަ ސަލާމަތް ކުރެވިފައި އެވަނީ ނިހާގެ ސަބަބުން ނެވެ. ނިހާ އެދަރިފުޅު ބޭނުން ވާވަރު އަޝްރަފަށް އިނގޭއިރު ނިހާގެ ހިތުގައި ޖައްސާކަށް އަޝްރަފަކަށް ނުކެރުނެވެ. އެ ދަރިފުޅު ނިހާ ގާތުގައި ހުރެއްޖެ ނަމަ އަޝްރަފްގެ އުއްމީދު ތައްވެސް ފުރިހަމަވީ އެވެ. ފަޅުވެފައިވާ އޭނާގެ ހަޔާތް އުޖާލާވެ، ހުރިހާ ކަމެއް މަޑުމަޑުން ހަމަޖެހޭނެ އެވެ. ފަރީޝާއާ އޮތް ގުޅުންވެސް މަޑުމަޑުން ވަޅު ޖެހިގެން ގޮސް އަލުން ރީތި ދިރިއުޅުމެއް އަޝްރަފަށް ފެށިދާނެ އެވެ. އެހެން ނަމަވެސް އަޝްރަފްގެ ހިތަށް އުނދަގޫވަނީ އެވެ.
" ދޮންދޫނީ!"
ލޯތްބާއެކު ތުއްތު ތުއްތު ނޭފަތުގެ ކުރީގައި ނިހާ ތުންފަތް ޖައްސާލި ވަގުތު ބޭބީގެ އަނގައިން މަޑު ރުއިމެއްގެ އަޑު އިވިގެން ދިޔަ އެވެ. އެއާ އެކު އެ ދަރިފުޅުގެ ހަޔާތުގައި ފުރަތަމަ ފަހަރަށް ކުޑަކުޑަ ލޮލުން ކަރުނަ ފާއްދާލި ތަން ފެނިގެން ދިޔަ އެވެ. ނިހާގެ ހިތަށް ތޫނު ތަދެއް އިޙުސާސް ކުރެވުނެވެ. މިހުރިހާ އިރު ގުޑިވެސް ނުލާ ނިހާގެ ހަރަކާތް ތަކަށް ބަލަން އޮތް އެ ދަރިފުޅުގެ ހިތުގައި ރިހެމުން ދިޔަ މިންވަރު ނިހާއަށް އިޙުސާސް ވެގެން ދިޔަ އެވެ.
ބޭބީގެ އެއް ލޮލުން ފޭދިގެން ދިޔަ ކަރުނަ ތިކި ލޮލުގެ ބޭރު އަރި މަތީގައި މަޑުކޮށްލާފައި ވާއިރު ނިހާއަށް ކަޅި ހުއްޓާލައިގެން އޮތް އެ ތުއްތު މޫނުމަތީން ނިހާއަށް ފެންނަމުން ދިޔައީ ހިތާމައިގެ އަސަރެވެ. ނިހާއަށް ވިސްނާ ލެވުނީ އަދި ކިރިޔާ އެވެ. ނިހާގެ ލޯބިވެތި ކޮންމެ ބީހުމެއް ދަރިފުޅަށްޓަކައި ވިހަ ތީރު ތަކެއް ފަދަ އެވެ. ބުނަން ނޭގުނު ނަމަވެސް އެ މޫނު ކޮޅުން އެއަސަރުތައް ނިހާއަށް މިހާރު އެބަފެނެ އެވެ. ނިހާގެ މޭގައި ރިހެން ފަށައިފި އެވެ. ބޭބީގެ ބަލި ކަށި، ނާޒުކު ހިތުގައި ކުޑަކޮށްވެސް ރިހުމެއް އުފެދޭކަށް ނިހާ ބޭނުމެއް ނޫނެވެ. ނިހާ އެ ދަރިފުޅު ދެކެ ލޯބިވަނީ އެއަށް ވުރެ މާ ބޮޑަށެވެ. އަދި އެއަށް ވުރެ މާ މަތިވެރި ލޯތްބެއް އެ ދަރިފުޅުގެ މަންމަ އެދަރިފުޅު ދެކެ ވާނެކަން ނިހާއަށް އިޙުސާސް ކުރެވުނެވެ. ވީއިރު އެ ލޯބިން ފަރީޝާ މަޙުރޫމް ކުރެވޭނީ ކިހިނެއް ހެއްޔެވެ! ނިހާއަށް ކުރެވެން އެއުޅެނީ ކޮން ކަމެއް ހެއްޔެވެ! އެއީ ދަރިފުޅުގެ ފުރާނަ ސަލާމަތް ކުރުމަށް ފަހު ދަރިފުޅުގެ މައިމީހާ ދިރިދިރި ހުއްޓާ ކަތިލުމެވެ! އެވަރުގެ އަނިޔާއެއް މީހަކަށް ދޭކަށް ނިހާ އަކަށް ލާހިކެއް ނޫނެވެ! ނިހާ އަނެއްކާވެސް ބޭބީ އޭނާގެ ގަޔާލާ ބޮނޑި ކޮށްލި އެވެ.
" ދަރިފުޅާ!"
ކަރުނުން ތެމިގެންވާ ހާލު ރިހުމުން ފުރިގެންވާ އަޑަކުން އޭނާ ބުނެލި އެވެ. ކުޑަ ވަގުތު ކޮޅަކަށް އެ ލިބުނު އުފާ ދާއިމަށް އޭނާއާ ވަކިވެގެން ދިއުމުގެ ކުރީން މައިވަންތަ ކަމުގެ އިޙުސާސުން ހިތް ފުރާލަން އޭނާ ބޭނުން ވި އެވެ. އަމިއްލަ ދަރިއަކު ލިބުނު ފަދަ އުފާވެރި އިޙުސާސެއް އޭނާއަށް ދެންމެ ކުރެވުނެވެ. އެހެން ނަމަވެސް އެއީ ދެމިގެން ދާނެ އުފާވެރި ކަމެއް ނޫންކަން މިހާރު އޭނާއަށް އިޙުސާސް ކުރެވިއްޖެ އެވެ. މަޖުބޫރުވެފައިވާ އަންހެނެއްގެ އުފާތައް ފޭރިގަނެގެން އޭނާއަށް ދާއިމީ ހިތްހަމަ ޖެހުމެއް ނުލިބޭނެ އެވެ. އެ ކުޑަ ދަރިފުޅުގެ ހަރަކާތް ތައް އޭނާއަށް އެކަން އަންގައި ދީފި އެވެ.
ފަރީޝާއަށް ހޭވެރިކަންވީ ކުޑަ އިރުކޮޅެއްގެ ފަހުންނެވެ. އޭރު އާޒިމް އޭނާގެ މަގަތުގައި އިނދެގެން އޭނާއަށް ގޮވަނީ އެވެ. ފަރީޝާ ތެދުވެ އާޒިމްގެ ކޮނޑުގައި ބޯޖައްސާލި އެވެ. އޭނާ އެއްވެސް ވާހަކައެއް ދައްކާކަށް ބޭނުމެއް ނުވި އެވެ. ހިތްދަތި ވެގެން ހިތް ފަޅައިގެން ދާހާ ވިއަސް އެދަރިފުޅު ނިހާއާ ހަވާލު ކުރީ އޭނާގެ އަމިއްލަ ދެ އަތުންނެވެ. އެއީ އޭނާ ގެ ނިންމުމެވެ. ދެން އެކަމާ ކުރަން އޮތީ ކޮން ޝަކުވާއެއް ހެއްޔެވެ! އާޒިމް އިނީ ސުވާލު އުފެދިފަ އެވެ. އެހެން ނަމަވެސް ފަރީޝާއަށް ގިސްލެވެމުން ދިޔައީ އަނގައިން ބުނެވޭ ވަރަށް ވުރެ ބޮޑަށެވެ.
" ފަރީޝާ!"
ނިހާގެ އަޑު އިވިފައި ފަރީޝާއަށާ އާޒިމަށް ބަލާލެވުނެވެ. އޭރު އަޝްރަފާ ނިހާ ދޮރުމަތީގައި ތިއްބެވެ. ނިހާގެ އަތުތެރޭގައި ދަރިފުޅު އޮތީ އަރާމް ނިންޖަކުން ނިދާލާފަ އެވެ. ނިހާ އައިސް ފަރީޝާގެ ގާތަށް ހުއްޓުމުން ފަރީޝާ ތެދުވެލި އެވެ. އުއްމީދާ އެކުގަ އެވެ.
" އަހަރެން ކިތަންމެ ބޭނުން ވިއަސް މިދަރިފުޅު ފަރީޝާއާ ވަކި ކޮށްލައިގެން ގެންދާހާ ހިތްވަރެއް އަހަރެންނަކަށް ނުލިބުނު...!"
ހިނިތުން ވުމަކާއެކު ވާހަކަ ދެއްކި ނަމަވެސް ނިހާގެ ދެލޮލުން ކަރުނަ އޮހޮރެމުން ދިއަ އެވެ.
" އަންހެނަކަށް އެންމެ މުހިންމު އެއްޗަކީ އޭނަގެ ދަރީން... އަހަރެން ތާ އަބަދު މިކުރާ ދުޢާ އަކީ އެކަމަށް އެދި ކުރާ ދުޢާ...!"
އަމިއްލަ ހާލުގެ ވާހަކަ ދައްކަން ފެށުމާއި އެކު ނިހާގެ ތުންފަތް މައްޗަށް ވެރިކުރުވަން މަސައްކަތް ކުރި އެ ހިނިތުންވުންވެސް މަޑުމަޑުން ގެއްލިގެން ހިނގައްޖެ އެވެ.
"އަންހެނަކަށް ދަރިއަކު މުހިންމު ވާނެވަރު އަހަންނަށްވުރެ ބޮޑަށް އިޙުސާސް ކުރެވޭނެ މީހަކު މިދުނިޔޭގަ ނުހުންނާނެ... އެހެންވީއިރު އަހަރެންނަށް ކިހިނެއް... މިދަރިފުޅަށާ މިދަރިފުޅުގެ މަންމައަށް އެހާ އަނިޔާވެރިވާން ކެރޭނީ...! "
ނިހާގެ އެ ވޭނީ ރިހުންތައް ބަންޑުން ޖަހަމުން ދިޔައިރު އަޝްރަފްގެ އިތުރުން އާޒިމްވެސް ހުރީ ކެތް ނުވާ ވަރުވެފަ އެވެ.
" މައި ވަންތަ ކަމަކީ މާތް ﷲ ދެއްވާ އެންމެ އަގުހުރި އެއް ނިއުމަތް... އެ ނިއުމަތް ފަރީޝާގެ އަތުން ފޭރިގަނެގެން އަހަރެންގެ ދިރިއުޅުމުގަ ކޮން ބަރަކާތެއް ލައްވާނީ....!"
ފަރީޝާ އިސް ޖަހާލި އެވެ. ނިހާގެ ކޮންމެ ބަހެއް އޭނާގެ ހިތަށް ހަރާލެވޭ ތޫނު ތީރު ތަކެއް ފަދަ އެވެ.
އެހާ މާތް އިންސާނަކާ ދޭތެރޭގައި އޭނާއަށް ކަންތައް ކުރެވުނު ގޮތް ތަކުރާރުކޮށް ހިތަށް ވަންނަމުން ދިޔަ އެވެ.
" ފަރީޝާ ފަރީޝާގެ ވާޖިބު އަދާ ކޮށްފި. ފަރީޝާ ބުނިހެން ފަރީޝާ، މި ދަރިފުޅު އަހަންނަށް ދީފި... އެކަން އަހަރެން ގަބޫލު ކުރަން.... އަހަރެން މިއަދު މިދަރިފުޅު އަނބުރާ ފަރީޝާއަށް މިދެނީ.... ހަމަ އެކަނި ފަރީޝާއަށް ޓަކައެއް ނޫން..... މިދަރިފުޅަށްޓަކާ.... އަހަރެން ދަރިފުޅުދެކެ ކިތަންމެ ލޯބިވިއަސް، އަދި ކިތަންމެ މަސައްކަތެއް ކުރިއަސް، ދަރިފުޅު ބަނޑުއަޅާ ވިހެއި މައިމީހާ ދޭ ލޯތްބެއް ނުދެވޭނެ....!"
ނިހާ އޭނާގެ ތުންފަތުގައި ދަތް އަޅާލަމުން އިސް ޖަހާލި އެވެ. ގަބޫލު ކުރަން ބޭނުން ނޫނަސް ޙަޤީޤަތް ވާނީ ޙަޤީޤަތަށެވެ. ކުޑަ ހިނދުކޮޅަކު އިސް ޖަހައިގެން ހުރެފައި ނިހާ އިސް އުފުލާލީ ހިނިތުން ވުމަކާއި އެކުގަ އެވެ.
" އެހެން ނޫނަސް ބުއް ބޯ ކުއްޖަކު މަންމަޔާ ވަކި ކޮށްލައިގެން އަހަރެން ކިހިނެތް ގެންގުޅޭނީވެސް...!"
ނިހާގެ އެހިނިތުން ވުމަށް ޖަވާބެއް ދިނުމުގެ ގޮތުން ފަރީޝާ ވެސް ހިނިތުން ވެލަން މަސައްކަތް ކުރި އެވެ. ނިހާ ކުރިއަށް ޖެހިލާ ބޭބީ ފަރީޝާގެ އަތް މަތީގައި ބާއްވާލަ ދިނެވެ. ފަރީޝާގެ ރިހެމުންދާ ހިތަށް ޝިފާއެއް ލިބުނު ފަދަ އެވެ.
" އެކަމަކު އަހަރެން އެދޭ އެދުމެއް އެބޮތް!"
ނިހާގެ ވާހަކަ އަދި ނުނިމެ އެވެ. ފަރީޝާ އެ ވާހަކައަށް ސަމާލު ވެލި އެވެ. ނިހާ ކޮންމެ ކަމަކު ބުނި ކަމުގައި ވިއަސް ހަށީގައި ނޭވާ ހިނގަންޏާ އެކަމެއް ކޮށްދެވޭތޯ އަބަދުވެސް ފަރީޝާ ބަލާނެ އެވެ.
" އަހަރެންވެސް ބޭނުމެއް ނޫން... މިދަރިފުޅާ ދުރަށް ދާކަށް... ފަރީޝާ އަންނަން ވީނުން އަހަރުމެންނާ އެކީ އަހަރުމެންގެ ރަށުގަ ދިރި އުޅެން...؟"
އެއަޑު އިވިފައި އާޒިމަށް އަޝްރަފާ ދިމާއަށް ބަލައި ލެވުނެވެ. އަނެއްކާ އަނެއް ކަންތަކެވެ. ދުވަހަކު ސަލާމަތެއް ނެތެވެ. ފަރީޝާ އިސް ޖަހާލި އެވެ. ބުނާނެ އެއްޗެއް އޭނާ އަކަށް ނޭގެ އެވެ. އަޝްރަފާ ގުޅުމެއް ނެތަސް އަޝްރަފް ފެންނަ ހިސާބުގައި ދިރިއުޅުން ހޭދަކޮށްލާނެ ފުރުސަތު ލިބުނަސް އެއީ ފަރީޝާއަށް ނަސީބެކެވެ. އެހެން ނަމަވެސް އެއީ ނިހާ އަށް ކުރެވޭ ބޭ އިންސާފެކެވެ. ފަރީޝާ ދުރު ބަލާލާ ކަމަށް ހަދަމުން ކުޑަ ހިނދު ކޮޅަކަށް އަޝްރަފާ ހަތަރު ކަޅި ހަމަކޮށްލިއެވެ. އަޝްރަފްގެ މޫނު މަތިން ފެނިގެން ދިޔައީ ހާސްކަމެވެ. އަޝްރަފް ދަރިފުޅު ދެކެ ކިތަންމެ ލޯބި ވިއަސް ފަރީޝާ އެމީހުންނާ އެކީ އުޅޭކަށް ބޭނުމެއް ނުވާނެކަން ފަރީޝާއަށް އެނގެ އެވެ. އަޝްރަފް ހުރީ ފަރީޝާ ދޭނެ ޖަވާބެއްގެ އިންތިޒާރުގަ އެވެ.
" މިހާރުވެސް އަހަރުމެންނަށްޓަކާ ކިހާ ކަމެއް ތި ކޮށްދެނީ.... އަހަރެން ރަށުގަ ހުއްޓަސް ދޭތެރެއަކުން ދާނަމޭ ނިހާމެން ކައިރިއަށް... އެގޮތް މާ ރަނގަޅުވާނެ!"
ހިސާބަކަށް އުނދަގޫވެފައި ފަރީޝާ ބުންޏެވެ.
" ނޫން ތި ގޮތް އަހަރުމެންނަކަށް ކަމަކު ނުދޭ... އަހަރުން ބޭނުންވަނީ ފަރީޝާމެން އަބަދުވެސް އަހަރުމެން ކައިރީ އުޅެން، ދޯ އަޝްރަފް!"
ނިހާ އަޝްރަފުގެ ތާއީދު ހޯދަން އެހެން ބުނުމުން އަޝްރަފްވެސް ހިނިތުން ވެލަމުން ބޯޖަހާލި އެވެ. އެހެން ނަމަވެސް ހަމަ އެ ސިކުންތު ތެރޭގައި އެ ހިނިތުންވުން ސީރިއަސް ކަމަށް ބަދަލު ވެގެން ދިއަތަން ފަރީޝާއަށް ފެނުނެވެ.
ކޮންމެ ވާހަކައެއް ދެއްކިއަސް ނިހާ ބޭނުން ގޮތާ ހިލާފަށް މިހާރު އެއް ކަމެއް ވެސް ނުނިމޭނެ ކަން އެތާތިބި އެންމެނަށް ވެސް އެނގެ އެވެ. އެންމެ ފަހުން ނިމުނީ ނިހާގެ ރަށުގަ ނިހާގެ ގޭގައި އަޝްރަފްގެ ކުރިމަތީގައި ފަރީޝާ ވެސް ދިރި އުޅޭ ގޮތަށެވެ. އެކަމާ ދޭތެރޭ ކިތަންމެ ނުރުހުނަސް އެކަން ނުވާނެ ގޮތެއް ނެތް ކަން އާޒިމަށް ވެސް އިނގެ އެވެ. ދެން އާޒިމް ވިސްނީ އެހެން ގޮތަކަށެވެ. ހުރިހާ ކަމެއްވެސް ވާނީ ރަނގަޅަކަށެވެ. މިހާރު ފަރީޝާ އެބަދަލު ވަނީ އާޒިމްގެވެސް ރަށަށެވެ. ކުޑަ ދުވަސްކޮޅަކުން އާޒިމްގެ ގެއަށް ފަރީޝާ ބަދަލު ކޮށްލެވިދާނެ އެވެ. މިހެން ހިތަށް އަރުވާލައިގެން އާޒިމް ހިތްހަމަ ޖައްސާލި އެވެ.
ރަށުގައި ނިހާގެ ގޭގައި ހަދާފައި ހުރި ތިން ކޮޓަރީގެ ތެރެއިން އެއް ކޮޓަރި ފަރީޝާ ހުންނަން ތައްޔާރު ކޮށްދޭން ޖެހުނީ އަޝްރަފަށެވެ. ދަރިފުޅާ ފަރީޝާ އަޝްރަފްގެ އާއިލާއިން ބަޔަކަށް ވެ ނިމުނީ އެވެ.
އާޒިމް ހުރީ އޭނާގެ މަންމަގެ ގޭގަ އެވެ. ދޮން ބައްޕައާ އެކު އުޅެން އާޒިމަށް މާ ފަސޭހަ ކަމަކަށް ނުވާތީ އާޒިމް އެގެ ދޫކޮށްލާފައި ނުކުތްތާ އަހަރު ތަކަކަށް ފަހު އެންމެ ފަހުން އޭނާ އެނބުރި އެގޭގައި ދިރިއުޅެން ފެށުމުން އޭނާގެ މަންމަ ޒުލްފާ ވަރަށް އުފާވި އެވެ. މިހާރު އެގޭގައި އުޅޭކަށް އޭނާއަކަށް އެހާ އުނދަގުލެއްވެސް ނުވާނެ އެވެ. އިރެއްގައި ދޮންބައްޕަ ވަރު ދެއްކިއަސް މިހާރު އޭނާވެސް ވަނީ އުމުރުން ދުވަސްވެ ގައިބާރު ދެރަވެ މީހުންގެ އެހީއަށް ބޭނުން ވާވަރު ވެފައި ކަމަށް ވާތީ އޭނާވެސް މިހާރު ހުރީ ހިސާބަކަށް ހެޔޮ ވިސްނެން ފަށާފަ އެވެ.
އާޒިމްގެ އާއިލާގައި ހުންނަނީ އެއްބަފާ ފިރިހެން ކުއްޖެއް އެކަންޏެވެ. އޭނާ ދިރި އުޅެނީ އަންހެނުންގެ ރަށުގަ އެވެ. އެހެން ކަމުން އާޒިމް މަސައްކަތް ކުރީ ކައިވެނި ކޮށްގެން މަންމަ ގޭގައި އޭނާ ދިރިއުޅުން ފެށުމަށްޓަކައި އެގެ ތައްޔާރު ކުރާށެވެ. ދެން އޭނާ ކޮންމެ މީހަކާ ކައިވެނި ކުރިއަސް އޭނާ ދިރިއުޅޭނީ އޭނާގެ ގޭގަ އެވެ. އަންހެނުންގެ ގޭގައި އަޅުވެތި ވެގެން އުޅުނު ދުވަސް އެއީ މާޒީ އެވެ.
ފަތިސް ނަމާދު ކޮށްލައިގެން ފަރީޝާ ވަނީ ބަދިގެ އަށެވެ. ނިހާ ހެދުނު އޮފީހަށް ދާން ވާއިރަށް ސައި ތައްޔާރު ކުރުމަކީ ފަރީޝާ ކުރަން ޖެހޭ ކަމެއްކަމުގައި ފަރީޝާ ގަބޫލު ކުރިއެވެ. ބަދިގޭގައި އުޅެނިކޮށް އަޝްރަފް އައިސް ދޮރު މައްޗަށް ހުއްޓުނުތަން ފެނުނެވެ. އަޝްރަފް ފަރީޝާއާ ދިމާއަށް ބަލާވެސް ނުލާ އެތެރެއަށް ވަދެ ފެން ހޫނު ކުރަން އުޅުނެވެ. އެވަގުތު ފަރީޝާ އޭނާ އަޝްރަފަށް ތައްޔާރު ކޮށްފައި ހުރި ކޮފީތަށި މޭޒުމަތީގައި ބަހައްޓާލި އެވެ.
" ކޮފީ!'
ފަރީޝާ ބުނެލި އެވެ. އަޝްރަފަށް ބަލާވެސް ނުލަ އެވެ. ފަރީޝާ އަޝްރަފަށް ކޮފީ ތައްޔާރު ކޮށްގެން ހުރިކަން އެނގުމުން އަޝްރަފަށް އުނދަގޫ ވި އެވެ. އެވަގުތު މާޒީގެ ހަނދާންތައް އޭނާގެ ސިކުނޑިއަށް ވެރިވެ ގަތެވެ. އަޝްރަފް ކޮފީތަށި ހިފައިގެން އަވަސް އަވަހަށް ނުކުތީ ބޭރަށެވެ. ސިޓިންގް ރޫމްގައި ކޮފީ ބޯން އިން އިރު، ފަސް އެޅިފައިވާ މާޒީގެ ތެރެއަށް ނުވަންނަން އޭނާ އިންތިހާއަށް މަސައްކަތް ކުރަމުން ދިޔަ އެވެ. އެހެން ނަމަވެސް މިވަގުތު އަރުތެރެ ތެންމަމުން ދިޔަ ކޮފީތަށީގެ މީރު ރަހަ މަޑުމަޑުން އޭނާ މާޒީގެ ތެރެއަށް ގެންދަން ފަށައިފި އެވެ. ފަރީޝާއާ ފުރަތަމަ ދިމާވި ގޮތާއި، އެވަގުތުވެސް އޭނާއަށް ކުރެވުނު އިޙުސާސް އަދިވެސް ރަނގަޅަށް ހަނދާން އެބަހުއްޓެވެ. ފަރީޝާގެ ނިކަމެތި ހާލުގެ މައްޗަށް ހަމްދަރްދީ ވެވުނު ވަރާއި އެރީތި ކަމުގެ ޖާދޫގައި ޖެހިގެން ދިއަ ވަގުތުތަކާއި އަމިއްލަ ނަފްސް ކޮންޓްރޯލުން ނައްޓާލި ދަޑިވަޅުތަކާއި އެވަގުތު ތަކުގެ އިޙުސާސްތައް ސިކުނޑިއަށް ވެރިވެގެން ދިޔަ ހިނދު ހިތުގައި ހީލި ކެރުވުމެއް އުފެދިގެން ދިއަ އެވެ. އެރޭގެ ބީހުންތަކާ ފަރީޝާގެ ހަރަކާތްތަކާ މަޢުޞޫމް ކަން ހަނދާން ވެގެން ދިޔަ ހިނދު އަޝްރަފަށް ލޯ މަރާ ލެވުނެވެ. އެ ހަނދާން ތަކުގައި ވަނީ ހާދަ ފޮނި އިޙުސާސެކެވެ.
އަޝްރަފަށް ލޯ ހުޅުވާލެވުނީ ކައިރީގައި ހުރި މޭޒުމަތީގައި ފެންތަށި ބަހައްޓާލި އަޑަށެވެ. އޭރު ފަރީޝާ އޭނާގެ ކުރިމަތީގައި ހުއްޓެވެ. އަޝްރަފް ފަރީޝާއާ ދިމާއަށް ބަލާލި ގޮތުންވެސް ފަރީޝާގެ ގައިން ހީބިހި ނަގައިގެން ދިޔަ އެވެ. ފަރީޝާ އަށް ވެސް ކުޑަ ހިނދު ކޮޅަކަށް މަޑުކޮށްލެވުނެވެ. އިހުނަށް ވުރެ އެތައް ތަނެއް އިތުރު ވެފައިވާ ފަރީޝާގެ ޒުވާންކަން އަޝްރަފްގެ ހިތުގައި ހަލަބޮލި ކަމެއް އުފައްދައިފި އެވެ.
މިހުރިހާ ދުވަހު އަޝްރަފް މަސައްކަތް ކުރަމުން ދިޔައީ މާޒީގެ އެއްވެސް ކަމެއް ހިތަށް ވެސް ނުގެންނާށެވެ. އެހެން ނަމަވެސް އޭނާ އަކީ ވެސް އިންސާނެކެވެ. ފުރިހަމަ ފިރިހެނެކެވެ. ލޮލުގެ ކުރިމަތީގައި ފެންނަމުން ދާ މަންޒަރުތަކަށް ލޯމަރާލައިގެން ހުރެވޭނީ ކިހާ ދުވަހަކު ހެއްޔެވެ!
އަޝްރަފް ފަރީޝާއަށް ކަޅި ހުއްޓާލައިގެން ހުރެ އޭނާގެ އަތުގައިވާ ކޮފީ ހުސްކުރި ޖޯޑު ފަރީޝާއަށް ދިއްކޮށްލި އެވެ. ފަރީޝާ އިސް ތިރި ކޮށްލި އެވެ. އަޝްރަފްގެ އެ ތޫނު ބެލުމުގެ އަސަރު އޭނާއަށް ކޮށްފާނެތީ އޭނާ ބިރުގަތެވެ. ކޮފީ ތަށީގައި ހިފަން އަތް ދިއްކޮށްލަމުން ފަރީޝާ މޫނު އަނބުރާލި އެވެ. އެހެން ނަމަވެސް ޖޯޑުގައި ހިފުނު ވަގުތު ފަރީޝާގެ ހަށިގަޑުގައި ކަރަންޓުގެ އޮއިވަރެއް ހިނގައިގަތީ އަޝްރަފްގެ ހޫނު އަތްތިލައިން އޭނާގެ އަތްތިލައިގައި ބީހި ލުމުންނެވެ. ފަރީޝާ އަތް ދަމައި ގަންނަމުން އަޝްރަފަށް ބަލައިލި އެވެ. އަޝްރަފް ހުރީ ފަރީޝާއަށް ބަލަހައްޓައިގެން ނެވެ. ނޭގުމެއްގައި އަތް ޖެހުނީ ކަމެއް އަޝްރަފް ޤަޞްދުގައި ކުރިކަމެއް ކަމެއް ނޭގެ އެވެ. ފަރީޝާ އަވަސް އަވަހަށް އެތަނުން ދާން ހިނގައި ގަތެވެ. ބަދިގޭ ތެރެއަށް ވަނުމާއެކު ފާރުގައި ލެނގިގަންނަމުން އޭނާ ލޯމަރާލި އެވެ. އަޝްރަފްގެ އެ ބީހުމުގެ ސަބަބުން އޭނާގެ ހިތް އަވަސް ވެފައިވާއިރު އެ ހިތުގައި އުފެދުނު ބިރެއްގެ ސަބަބުން އެހިތުގެ ވިންދު ދެގުނައަށް އިތުރު ވެފައި ވެ އެވެ. ކޮންމެ ގޮތެއް ވިއަސް އަޝްރަފަކީ އޭނާ އިންތިހާއަށް ލޯބިވާ އިންސާނެކެވެ. ދެދުނިޔޭންވެސް އޭނާ ހަމައެކަނި އެދޭ ބައިވެރިޔާ އެވެ. ދެމީހުންގެ ދޭތެރޭގައި ކޮންމެ ގޮތަކަށް ކަންތައް ހިނގާ، ދެމީހުންނަށް ކިތަންމެ ދުރަކަށް ދެވިފައި ވީ ނަމަވެސް، އެއް އިރެއްގައިވެސް ގުޅުމެއް ހިނގާފައި ވާނަމަ އެކަން މުޅީން ހަނދާން ނެތުމަކީ ވާނެ ކަމެއް ނޫނެވެ. އެހެން ނޫން ނަމަ ދަރިފުޅުގެ ޙައްޤުގައިވެސް ފަރީޝާ އަޝްރަފް ހަނދާން ނައްތާލައިފީސް އެވެ.
ނިހާ އޮފީހަށް ދާން ތައްޔާރުވުމުން އަޝްރަފް ވެސް މަދަރުސާއަށް ދާން ތައްޔާރުވެގެން ނިހާއާ އެކުގައި ނުކުތެވެ. ބޮޑުމަގުގެ ވަކި ހިސާބަކަށް ދިޔަތަނާ މަގުގެ މެދެއްހާ ހިސާބުގައި ހުރި ބޮޑު އަންހެނަކު ދުރުންވެސް އަޝްރަފްގެ ލޮލުގައި އަޅައިގަތެވެ. ބޯހާވާލައިގެން ހުރި އަންހެނާ ލަކި ޖެހެމުން އަޝްރަފް މެންނާ ދިމާއަށް އަންނަތަން ފެނުނެވެ.
އެއީ ކާކުކަން ނިހާ އަށާއި އަޝްރަފަށް އެނގުނީ އޭނާއާ ވަރަށް ގާތްވި ފަހުންނެވެ. އެއީ ރަޒީނާ އެވެ.
ރަޒީނާ ހުރި ގޮތް ފެނުމުން ނިހާއަށް އަޝްރަފްގެ އަތުގައި ހިފާ ލެވުނެވެ. އެތައް ދުވަހެއް ވަންދެން ރަށު މީހުންނަށް ގެއްލިފައި ރަޒީނާ ފެނުނު އިރު އެހެރީ ކިހިނެއް ހެއްޔެވެ! އަޝްރަފް މެން ފެނިގެން މަގުމެދުގައި ހުއްޓި، ދެލޯ ބޮޑުކޮށްގެން ބަލަހައްޓައިގެން ހުރި ރަޒީނާ ފެންނަނީ ބިރުވެރި ސިފައެއްގަ އެވެ. ރަޒީނާ ފެންނަ ކަމަށް ވެސް ނަހަދާ، އަޝްރަފާ ނިހާ ކުރިއަށް ހިނގާފައި ގޮސް ރަޒީނާ ހުރަސް ކުރިވަގުތު ރަޒީނާ ކަރު ބުޑުން ބާރު އަޑެއްނެރި ހަޅޭއްލަވައި ގަތެވެ!
"އޭ! ބޮޑު ވަގު!"
އެއަޑު އިވިފައި ނިހާއާ އަޝްރަފްގެ އިތުރުން ދުރުގައި ތިބި މީހުންވެސް ސިހުނެވެ. އެވަގުތު ބޭއިޚުތިޔާރުގައި އަޝްރަފަށް އެދިމާއަށް ބަލާލެވެން އުޅުނެވެ. އެހެން ނަމަވެސް ނިހާ އަޝްރަފްގެ އަތަށް ފިތާލުމުން އަޝްރަފަށް ވިސްނުނެވެ. އެންމެ މޮޅުވާނީ އިނގޭ ކަމަށް ނަހަދާ އެތަނުން އަވަހަށް ދިއުމެވެ.
" ކަލޭ ހީކުރީ ކަލޭ މަ ނުދަންނަ ކަމަށް ހަދައިގެން ދިއައީމަ ސަލާމަތް ވާނެ ކަމަށްތަ؟"
އެއީ އެ ދެމީހުންނާ ދިމާއަށް ބުނި އެއްޗެއްކަން އެމީހުނަނަށް ވިސްނުނެވެ.
" އަންހެނުންގެ ފުރަގަހުގަ ކަލޭ ތިކުޅޭ ކުޅިގަނޑު އަހަރެން ފަޅާ އަރުވާލާނަން!"
އެއަޑު އިވިފައި އަޝްރަފަށް ވީ ގޮތް އަޝްރަފްގެ އަތުގައި ހިފަހައްޓައިގެން ހުރި ނިހާއަށް ނުވިސްނުނީ އޭނާ ބިރުން ހުރި ވަރުންނެވެ. ހީވާ ގޮތުން ރަޒީނާ އެހެރީ ދުނިޔެއިން މޮޔަވެފަ އެވެ. އެކަހަލަ މީހުން ޙަޤީޤަތަށް ވާހަކަތައް ކިޔާދީ އުޅޭ ވާހަކަ އަޝްރަފަށް ވަނީ އިވިފަ އެވެ. އަޝްރަފަށް ހިނގުން ބާރު ކޮށްލެވުނެވެ. ބޭނުންވަނީ އަވަހަށް އެތަނުން ދުރަށް ދާށެވެ.
" ކޮބާ ކަލޭގެ ވަގު އަނބި؟"
އެއަޑު އިވިފައި ބިރުން ހުރެވެސް ނިހާއަށް އަޝްރަފާ ދިމާއަށް ބަލައިލެވުނެވެ. އެއީ ރަޒީނާ އަޝްރަފާ ދިމާއަށް ބުނި އެއްޗެއް ކަން ނިހާއަށް ޔަގީންވީ އެވަގުތު އަޝްރަފްގެ ހަރަކާތް ތައް ހުރި ގޮތުންނެވެ. އަޝްރަފް ހާސްވެފައި ހުރި ވަރުންނެވެ.
(ނުނިމޭ)