(16 ނޮވެމްބަރގެ އަދަދާ ގުޅޭ)

ސިހިގެން ދިޔައީ ގޭގެ ބެލް ޖަހާލި އަޑަށެވެ. މިވަގުތު ގެއަށް އެއައި މެހުމާނަކީ ކާކުތޯ ބަލާލުމުގެ ޝައުގުވެރިކަން އިޝާގެ ހިތުގައި ބޮޑުވެގެން ދިޔައީ ކީއްވެ ކަމެއް ޚުދު އިޝާ އަކަށް ވެސް ނޭގުނެވެ. ސިޓިންރޫމްގެ ތެރެއަށް ހުރި ބެލްކަނީ އަށް ނުކުމެ ތިރި ބަލާލި ވަގުތު ގޭގެ ދޮރު ހުލުވާލާފައި އެތެރެއަށް ފިޔަވަޅު އަޅާލި މީހާ ފެނުމުން އިޝާއަށް ބެލްކަނީގެ ދަގަނޑުގައި ބާރަށް ހިފަހައްޓާލެވުނެވެ. 

މަޑު ހިނގުމެއްގައި ގޭތެރެއަށް ވަދެގެން އެ އައި ދުވަސްވީ ފިރިހެން މީހާއަކީ އޭނާއަށް ހޮސްޕިޓަލުން ފެނުނު މީހާ އެވެ. ހީވާ ގޮތުން އެއީ އިޝާގެ ބައްޕަ އެވެ. އަޝްރަފް އެވެ. މަތިން ތިރި ބަލަން ހުރި އިޝާގެ ހިތުގައި މިވަގުތު އުފެދެމުން ދިއައީ ކޮންކަހަލަ ޝުއޫރު ތަކެއް ކަމެއް ބުނެދޭންވެސް ނޭގެ އެވެ. އޭނާގެ ޙަޤީޤީ ބައްޕަ ކަމަށް ބުނާ މީހަކީ އެއީ އެވެ. އިޝާއަށް އެކަން އެނގުނު ފަހުން އޭނާ އިޝާއަށް އެފެނުނީ އަދި ކިރިޔާ އެވެ. ހޮސްޕިޓަލްގެ އައިސީޔޫގެ ބިއްލޫރި ގަނޑުގެ އަނެއް ފަރާތުން އޭނާއަށް އެ މީހާ ފެނިފައި ވަނީ ހަމަ އެކަނި ޕޭޝަންޓެއްގެ ގޮތުގަ އެވެ. އިޝާއަށް އަޝްރަފާ ދިމާއަށް ބަލަން ހުރެވުނީ އެވެ. މިހާރު އޭނާ އަޝްރަފް ދެކެމުން ދަނީ އެހެން ނަޒަރަކުން ނެވެ. އެހެން ނަމަވެސް އަދިވެސް އޭނާއަށް ހަމަ ޤަބޫލު ކުރަން ދަތި ވަނީ އެވެ. އެއީ ހަމަ އިޝާގެ ބައްޕަ ބާއެވެ.

އަޝްރަފްގެ ފަހަތުން ގޭތެރެއަށް ވަންތަން ފެނުނީ އާޒިމެވެ. އާޒިމް އަޝްރަފް އިށީނުމަށްޓަކައި ސޯފާއަށް އިޝާރާތް ކޮށްލަމުން އަޝްރަފްގެ ކޮނޑުގައި އަތް ޖައްސާލާ އެހީތެރި ވެދިނެވެ. އާޒިމާ އެއް ދުވަސް ވަރެއްގެ މީހަކަށް ވިއަސް މިއަދު އަޝްރަފް ފެންނަނީ މާ ދުވަސްވީ، ބަލި މީހެއްގެ ގޮތުގަ އެވެ. އިޝާ ހުރީ ސުވާލު އުފެދިފަ އެވެ. މިހުރިހާ ދުވަސް ވަންދެން އިޝާއަށް ހުރިހާ ޙަޤީޤަތެއް ސިއްރު ކޮށްފައި އޮތުމަށް ފަހު މިއަދު އޭނާ އަށް އެހުރިހާ ކަމެއް އެއްފަހަރާ ހާމަ ކުރުމުގެ ސިއްރަކީ ކޮބައި ބާއެވެ. 

އަޝްރަފް ސޯފާގައި ބޭންދުމަށް ފަހު އާޒިމް ސިޑިން މައްޗަށް އަރައިގެން އައިސް އިޝާގެ ކައިރިއަށް ހުއްޓުނެވެ. އިޝާ އާޒިމާ ދިމާއަށް ބަލާލި އެވެ. ތަފާތު ނަޒަރަކުންނެވެ. މިހާ ދުވަސް ވަންދެން އޭނާގެ ބައްޕަ ކަމަށް ޤަބޫލު ކޮށް އިންތިހާއަށް ލޯބިވި އެ އިންސާނާ އަކީ މިއަދު އޭނާއަށް ބީރައްޓެއްސެކެވެ. އެހެން ހިތަށް އެރުމާއިއެކު އިޝާގެ ލޮލުގެ ތެރެއަށް ކަރުނަ ތިކިތައް ގިނަވެގެން ދިޔަ އެވެ. އެންމެ ދެރަވީ އެވަރުގެ ބޮޑު ކަމެއް އޭނާ އަށް ސިއްރު ކުރީތީ އެވެ. އެހާ ދުވަސް ވަންދެން އެވަރުގެ ބޮޑު އޮޅުވާލުމެއްގެ ތެރޭގައި އޭނާ ގެންގުޅުނީތީ އެވެ. އިޝާގެ ހިތުގައި ޝަކުވާ ގިނަވެގެން ދިޔަ އެވެ. އެކަން އާޒިމަށް ވެސް އިޝާގެ މޫނު މަތީން ފެނުނެވެ. އިޝާއަށް އާޒިމާ ވާހަކަ ދައްކާލާނެ ފުރުސަތެއް ވެސް ނުދީ އަޝްރަފް އެގެއަށް ގެންނަން ޖެހުނީތީ އާޒިމް ވެސް ކަންބޮޑު ވިއެވެ. އެހެން ނަމަވެސް އެނޫން ގޮތެއް ނެތެވެ. ބޭކާރު ކުރާނެ އެއްވެސް ވަގުތެއް މިހާރަކު ނެތެވެ.

އެތައް ސުވާލު ތަކަކާ ޝަކުވާ ތަކެއް އިޝާގެ ހިތުގައ ގިނަވެގެން ދިޔަ ނަމަވެސް މިއީ އެއިން އެއްވެސް ވާހަކައެއް ދެއްކޭނެ ދަޑިވަޅެއް ނޫނެވެ. އެހެން ކަމުން ހިތުގައި އަތް އަޅާލައިގެން އިޝާ ކެތްތެރި ވިއެވެ.

" ދަރިފުޅާ ބައްދަލު ކޮށްލަން... އަޝްރަފް!"
އާޒިމް ބުނީ އެހެން ނެވެ. އަނެއް ކާވެސް އިތުރު ސުވާލު ތަކެއް ހިތަށް ވެރިވެގެން ދިޔަ އެވެ. އަދިވެސް "ބައްޕަ" އިޝާއާ މުހާތަބު އެކުރީ "ދަރިފުޅު" ކިޔާފަ އެވެ. އެއީ ވޭތުވެ ދިޔަ ބާވީހަކަށް އަހަރު ތެރޭގައި އާދަވެފައިވާ ގޮތަށް ވީމައިވެސް ވެދާނެ އެވެ. އެކެމަކު "އަޝްރަފް" އޭ އެބުނީ ކީއްވެ ހެއްޔެވެ! "ބައްޕަ" އޭ ނުބުނީ ކީއްވެ ހެއްޔެވެ!

ބޯ ހާސްވާހާ ގިނަ، ވަރުގަދަ ސުވާލެވެ! ޑައިރީ އެކީގަ ކިޔާ ނިމެންދެން ކެތް ކޮށްލި ނަމަ ކިހާ ރަނގަޅުވީސް ހެއްޔެވެ! އަނެއްކާ ޑައިރީގައި އަނެއްބައި ލިޔެވިފައި ނެތީ ބާއެވެ. އެހާ ހިސާބަށް އެނގިފައި ވެސް ދިރިއުޅުމުގެ ބާކީބައި އަނދިރީގައި ހޭދަ ކޮށްލަން ޖެހިދާނެ ބާއެވެ! ނޫނީ މިވަގުތު އެ ހުރިހާ ޙަޤީޤަތެއް ފަޅާ އަރަން އުޅެނީ ބާއެވެ! މިހުރިހާ ސުވާލަކާއި އެކު އިޝާއަށް ތިރި ބަލާ ލެވުނެވެ. އެވަގުތު އިޝާއާ ދިމާއަށް ދުރުން ބަލަހައްޓައިގެން އިން އަޝްރަފާ، އިޝާގެ ހަތަރު ކަޅި ހަމަވެގެން ދިޔަ އެވެ. ދުވަސްވެ ރޫ ގިނަވެފައި ވީނަމަވެސް އެ މޫނު މަތީން ފާޅުވަމުން ދިއައީ "މާތް" ގޮތެކެވެ. ބަލީގެ ސަބަބުން މިލާ، ވަޅު ވަދެފައިވާ ދެލޮލުން އާދަޔާ ޚިލާފް އަސަރު ތަކެއް ފެނިގެން ދިޔަ ހިނދު ޑޮކްޓަރ އިޝާގެ ހިތުގައި އަޝްރަފްގެ މައްޗަށް ބުނަން ނޭގޭ ފަދަ އިޙުސާސެއް އުފެދިގެން ދިޔަ އެވެ. އިޝާ މަޑުމަޑުން އެދިމާއަށް ހިނގައި ގަތެވެ. ސިޑިން ފައިބަމުން ދިޔައިރު ފަރުވާތެރި ކަމާއިއެކު އިޝާގެ ކޮންމެ ހަރަކާތަކަށް ބަލަން އިން އަޝްރަފްގެ ދެލޮލުގެ ތެރެއަށް ގިނަވަމުން ދިޔަ ކަރުނަ ތިކިތައް އިޝާއަށް ފާހަގަ ވަމުން ދިޔަ އެވެ. 

ސިޑިން ފޭބުމަށް ފަހު އިޝާ މަޑު ޖެހިލި އެވެ. އެއީ ހަމަ އޭނާގެ ބައްޕަ ބާއެވެ! އިޝާގެ ހަށިގަނޑުގައި ހިނގަމުން ދަނީ އޭނާގެ ލޭ ބާއެވެ! އެހެން ހިތަށް އެރުމާއި އެކު ހަށިގަނޑުގެ ތެރޭގައި އާދަޔާ ހިލާފު ހޫނެއް އުފެދިގެން ދިއަ އެވެ. އެހެން ކަމަށް ވާނަމަ އެއީ ރަނގަޅު އިންސާނެއް ނޫނެވެ. އޭނާގެ މަންމަ ގެ އިއްފަތް ތެރިކަން ނަގާލި މީހަކީ އެއީ އެވެ! އޭނާއަށް ވުރެ އެތައް ތަނެއް ހަގު އުމުރުގައި އޭނާގެ މަންމައަށް އެހާލު ޖެއްސި އިންސާނަކީ އެއީ ތާ އެވެ! އެދުވަހު އޭނާގެ މަންމަ ރޯނެ ވަރު އޭނާއަށް އިޙުސާސް ކުރެވެ އެވެ. ކުރާނެ އާދޭސް ކުރާނެ ވަރު އިނގެއެވެ. އިޝާގެ ހިތް އަވަސް ވެ ހިތުގައި ނަފްރަތުގެ އޮއި ވަރެއް އުފެދިގެން ދިޔަ އެވެ. އެވަރުގެ އަނިޔާއެއް މަންމައަށް ދިނުމަށް ފަހު މަންމަ ދެދުނިޔެއަށް ގިނަކޮށްލާ... އިޝާ ވެސް ބިކަ ކޮށްލި އިންސާނަކީ އެއީ އެވެ. އަމިއްލަ އުފަލަށްޓަކައި މަންމަގެ ބޭނުން ހިފާލުމަށް ފަހު ލިބުނު ދަރިފުޅުވެސް ހިލޭ މީހެއްގެ ބޮލަށް ޖަހާފައި ގޮސް ދިރިއުޅުން އުޅޭނެ ގޮތަކަށް އުޅެފައި ގައިބާރު، ދެރަވެ ހާލުގައި ޖެހުމުން ދެން މިއަދު ދަރިފުޅޭ ކިޔާފައި އައުމުގެ ބޭނުމެއް ނެތެވެ. މިފަދަ އިޙުސާސް ތަކެއްގައި ހުއްޓާ ފެނުނީ އަޝްރަފް މަޑުމަޑުން ތެދުވެގެން އިޝާއާ ދިމާއަށް އަންނަ ތަނެވެ. އެވަގުތު އިޝާ ބޭނުން ވީ އެތަނުން ދުވެ ފިލާ ށެވެ. އެމީހާގެ ހިޔަނި ދެކެވެސް އިޝާ ނަފްރަތް ކުރާނެ އެވެ. އެހެން ނަމަވެސް އަޝްރަފާ ހަތަރު ކަޅި ހަމަވުމުން އިޝާއަށް އެކަން ކުރާކަށް ވެސް ނުކެރުނެވެ. އެ ހުރި ގޮތަށް ހުރެވުނީ އެވެ. 

އަޝްރަފް އައިސް އިޝާގެ ކައިރިއަށް ހުއްޓުނު އިރު، ދުވަސް ވުމުގެ ސަބަބުން ކުޑަވެފައިވާ އަޝްރަފްގެ ދެލޮލުން އޮހޮރިގެން ދިޔަ ކަރުނަ ތިކިތައް އަޝްރަފްގެ ކޯތާފަތް މައްޗަށް ފައިބަމުން ދިޔަ އެވެ. އޭރު އޭނާގެ ހަށިގަނޑު ތުރުތުރު ލަމުން ދިޔަކަން އިޝާއަށް ފާހަގަ ކުރެވުނެވެ. އެއީ އޭނާގެ ސިއްހީ ހާލަތު ހުރި ގޮތުން ކަމެއް ނޫނީ ކޮށްފައިވާ އަސަރެއްގެ ބޮޑު ކަމުން ކަމެއް ބުނާކަށް ނޭގެ އެވެ.

އަޝްރަފް އިޝާގެ މޫނަށް ބަލަން އިރުކޮޅަކު ހުއްޓެވެ. އިޝާގެ ނަފްރަތުން ފުރިފައިވާ ހިތް ވެސް އެދެލޮލުގެ ވިދުވަރުން މަޑު ކޮށްލައިފި އެވެ. އޭނާގެ ދެލޮލުން އިޝާއަށް ފެނިގެން ދިޔައީ އިންތިހާ ދަރަޖައިގެ ލޯތްބެވެ. މިހާތަނަށް ދުވަހަކުވެސް އިޝާގެ "ބައްޕަ" އާޒިމްގެ ކިބައިންވެސް އެފަދަ ކުލުނެއް އޭނާއަށް ފެނިފައި ނުވެއެވެ. އަޝްރަފް އޭނާގެ ތުރުތުރު ލަމުން ދާ ދެއަތް އުފުލާލާ ފިނިވެފައިވާ އެ ދެއަތް ތިލައިން އިޝާގެ ކޯތާފަތުގައި ހިފަހައްޓާލި އެވެ. 

"ދަރިފުޅާ!"
އެ ކުޑަކުޑަ ބަހުގެ އަޑު އެކީގައި އިވޭ ގޮތެއް ނުވި އެވެ. އެއަޑު އިވިގެން ދިޔައީ ވައިކޮޅެއްގެ ސިފައިގަ އެވެ. 

އެ ލަފްޒްގައި އެކުލެވިފައިވާ އިންތިހާ ވޭން ފެނުނު ހިނދު އިޝާގެ ހިތަށް ވެސް ތަފާތު ޝުއޫރު ތަކެއް ވެރިވެގެން ދިޔަ އެވެ. އެއީ ޙަޤީޤީ ބައްޕައެއްގެ ކިބައިން ނޫނީ ފެނިގެން ނުދާނެ ފަދަ އަސަރު ތަކެކެވެ. އެހެން ނަމަވެސް އެއިން އެއްވެސް ކަމެއް ދެން އިޝާއަކަށް ޤަބޫލެއް ނުކުރެވޭނެ އެވެ. އެ ލޯބި ދަރިއަކަށް އެންމެ ބޭނުން ވި ދުވަހު ނުދިނީ ކީއްވެ ހެއްޔެވެ! އޭނާގެ އެ ނުބައި އަމަލަށް މަންމަ މާފް ކުރި ނަމަވެސް އިޝާއަކަށް މާފެއް ނުކުރެވޭނެ އެވެ. ހަމަ ގައިމުވެސް އަދި މާފެއް ނުކުރެވެ އެވެ. 

ޑޮކްޓަރެއްގެ ހިތަކީ މާ ހަރު އެއްޗަކަށް ނުވާނެ އެވެ. އެހެން ނަމަވެސް އެއީ އެހާ ފަސޭހައިން ޖަޒުބާތުގައި ޖެހޭނެ އެއްޗެއްވެސް ނޫނެވެ. ކައިރީގައި ހުރި އަޝްރަފްގެ މޫނުން ނަޒަރު ވަކި ކޮށްލައިގެން ދުރު ބަލަން ހުރި އިޝާގެ މޫނުމަތީން އަޝްރަފަށް ފެނިގެން ދިޔައީ ހިތްހަމަ ނުޖެހިފައިވާ ގޮތެވެ. އެވަގުތު އަޝްރަފްގެ ބަލިކަށި ހިތަށް ތަދު އިޙުސާސް ކުރެވުނެވެ. އެހެން ނަމަވެސް އެ އިޙުސާސްވެސް އޭނާ ބަލައި ގަތެވެ. ދަރިފުޅަށް ވާނީ ވެސް އެހެން ނެވެ. 

" ދަރިފުޅާ... ބައްޕައަށް މާފް... ކުރޭ!"
އަޝްރަފަށް ބުނެލެވުނީ އުނދަގުލުން ނެވެ. އިޝާއަށް އަޝްރަފާ ދިމާއަށް ބަލައި ލެވުނެވެ. އެއީ ޙަޤީޤަތުގައި ވެސް އޭނާގެ ބައްޕަ ކަން އޭނާއަށް މިހާރު ޔަޤީން ވެއްޖެ އެވެ. އެވަގުތު އިޝާގެ ހިތުގައި އުފެދިގެން ދިޔައީ ލޯތްބާ ކުލުނުގެ އަސަރު ތަކެއް ނޫނެވެ. ގައިގައި ވަރު ހުރި ދުވަހު އެ އިންސާނާ ކޮށްފައިވާ ނުބައި، ހަޑި ހުތުރު އަމަލުތައް އިޝާގެ ލޮލުގެ ކުރިމަތީގައި ސިފަވެގެން ދިޔަ އެވެ. އިޝާ އިރުކޮޅަކު އަޝްރަފްގެ މޫނަށް ބަލަން ހުއްޓެވެ. ގިނަ އިރު އެތަނުގައި ހުންނަން ވެއްޖެއްޔާ އިޝާއަށް ކަމުނުދާ އެއްޗެއް ބުނެވިދާނެ އެވެ. ނުބައި ސުވާލެއް ވެސް ކުރެވިދާނެ އެވެ. ނިކަމެއްޗެއްގެ ހިތުގައި ޖެއްސުމަކީ އޭނާ މިހާތަނަށް ކޮށްފައިވާ ކަމެއް ނޫނެވެ. އެހެން ކަމުން އިޝާ އަވަސް އަވަހަށް އެތަނުން ދާން ހިނގައި ގަތެވެ. އިޝާގެ މި ހަރަކާތުގެ ސަބަބުން އަޝްރަފަށް ކުރާނެ އަސަރު އާޒިމަށް އިޙުސާސް ކުރެވުނެވެ. އެހެން ނަމަވެސް އިޝާއާ ދިމާއަށް އެއްޗެއް ބުނާކަށް އޭނާއަކަށް ވެސް ނުކެރުނެވެ. އިޝާގެ ނަޒަރުގައި އެމީހުންނަކީ ހުސް ކުށްވެރީންނަށް ނޫނީ ނުވާނެ އެވެ.

އިޝާ ސިޑިން މައްޗަށް އެރުމަށް ފަހު ހުއްޓުނެވެ. މަތީގައި ހުރި ކޮޓަރީގެ ދޮރުމަތީގައި ހުރި އޭނާގެ މަންމަ ފެނުމުން ނެވެ. ދޮރު ކަނީގައި ބައްދާލައިގެން ކަހަލަ ގޮތަކަށް އަސަރާއި އެކު ތިރި ބަލަން ހުރި މަންމަގެ ދެލޮލުން ކަރުނަ އޮހޮރެމުން ދިޔަ އެވެ. އިޝާ އެނބުރި ތިރި ބަލާލި އިރު އަޝްރަފް ވެސް ހުރީ މަންމައަށް ބަލާށެވެ. އަނެއްކާވެސް އިޝާއަށް މަންމަގެ މޫނަށް ބަލައި ލެވުނެވެ. އެހާ ޒަމާނަށް ފަހުގައި ވެސް މަންމަގެ ހިތުގައި އޭނާގެ މައްޗަށް އެވަރުގެ ލޯތްބެއް ވަނީ ބާއެވެ! މަންމަގެ ޒުވާން އުމުރު ގެއްލުވާލި އެނުބައި އިންސާނާއަށް އަދިވެސް އެހިތުން ޖާގައެއް ހުސް ވެފައި ވާ ކަހަލަ އެވެ. އަޖައިބެކެވެ. އިޝާ ބާރަށް ހިނގާފައި ގޮސް ކޮޓަރިއަށް ވަދެ ދޮރު ލައްޕާ ލުމަށްފަހު އެނދު މައްޗަށް ވެއްޓި ގަތެވެ. ބޮލުގައިވެސް ރިއްސަން ފަށައިފި އެވެ. 

އިރު ކޮޅެއްގެ ފަހުން ފެނުނީ ކޮޓަރީގެ ތެރެއަށް އާޒިމް އައިސް ވަންތަނެވެ. އާޒިމް އައިސް މޭޒުމަތީގައި އެއްޗެއް ބާއްވާލި އެވެ. އާޒިމް އިޝާއާ ހަތަރު ކަޅި ހަމަ ނުކުރަން އުޅުނުކަން އިޝާއަށް ފާހަގަ ކުރެވުނެވެ.

" އޭނަ އެ އައީ މީތި ހަވާލު ކުރަން.... މީ ނިހާގެ އަމާނާތެއް!" 
އެހެން ބުނެފައި އާޒިމް ކޮޓަރީން ނުކުމެގެން ދިޔައީ އެވެ. ނިހާގެ ނަން އިވުމުން އިޝާގެ ހިތް މަޑުވި އެވެ. އެއީ އިޝާ އެމީހަކަށް ޓަކައި ދަރަނިވެރި ވެފައިވާ އިންސާނެކެވެ. އިޝާގެ ދިރިހުރުމުގެ އަސްލެވެ. 

"ބައްޕަ" މޭޒުމަތީގައި ބާއްވާފައި ދިޔައީ ކުޑަ ފޮއްޓެކެވެ. އެ ފޮށީގައި އޮތީ ރަން ފަށެކެވެ. އިޝާ ގެ ހިތުގައި އިތުރު ސުވާލު ތަކެއް އުފެދިގެން ދިޔަ އެވެ. އެސުވާލު ތަކުގެ ޖަވާބު ހޯދުމަށް އޭނާ އަވަސްވެ ގަތެވެ.
އާޒިމާ ފަރީޝާގެ ކައިވެނީގެ ދުވަސްތައް ގުނަމުން ދިޔަ އެވެ. އާޒިމް ގެ ފަރާތުން ލިބެމުން ދިޔަ އޯގާތެރި ކަމާއި އަޅާލުމުގެ ސަބަބުން އޭނާގެ މައްޗަށް ފަރީޝާގެ ހިތުގައި ޚާއްޞަ ކަމެއް އުފައްދައިފި އެވެ. މަޑުމަޑުން އާޒިމްގެ މައްޗަށް ކުލުނު ޖެހެން ފަށައިފި އެވެ. އަދި އެ ހިތުގައި ހަމްދަރްދީ އުފެދި އަންބެއްގެ ފުރިހަމަ ވާޖިބު އަދާ ކުރުމަށް އެހިތް މަޖުބޫރު ކުރަން ފެށި އެވެ. ފަރީޝާއާ އާޒިމްގެ ކައިވެންޏަށް މަހެއް ވީފަހުން އެ ދެމަފިރީންނަށް ފުރިހަމަ ދެމަފިރީން ގެ ލަގަބު ލިބޭވަރު ވެއްޖެ އެވެ. އެހާދުވަހުގެ އިންތިޒާރަކަށް ފަހުގައި އަނބިމީހާގެ ފަރާތުން ހިތް ހަމަ ޖެހުން ޙާޞިލް ކުރުމުގެ ނަސީބު ލިބުނު ހިނދު ދުވަހެއްގައި ވެސް ފަރީޝާ ދޫކޮށް ނުލުމަށް އާޒިމަށް އަޒުމް ކަނޑަ އެޅުނެވެ. ފަރީޝާވީ ހުރިހާ ގޮތަކުންވެސް އާޒިމްގެ އެންމެ ހިތްރުހޭ އަންހެނާ އަށެވެ. އެހެން ނަމަވެސް ފަރީޝާގެ އިޙުސާސްތައް އެނގޭނީ ކާކަށް ހެއްޔެވެ! އަލަތު ލޯބީގެ އިޙުސާސް ހިނދު ކޮޅަކަށް ވެސް ފަރީޝާއާ ވަކިވެގެން ނުދެ އެވެ. އަޝްރަފް ފެންނަ ހިސާބަށް ނުދާން މަސައްކަތް ކުރަނީވެސް އެހެން ވެއެވެ. 

އަޝްރަފްގެ ހަނދާން ތަކާ ދުރަށް ދާން އޭނާ ކިތަންމެ ހާވެސް ބޭނުމެވެ. އަދިވެސް އެކަމުން އޭނާގެ ހިތް ސަލާމަތް ވާ ގޮތެއް ނުވެ އެވެ. އެހެން ވާން ޖެހެނީ ސަބަބެއްވެސް ނެތިއެއް ނޫނެވެ. އާޒިމާ ކައިވެނި ކުރީއްސުރެ އަޝްރަފް ހީވަނީ ފަރީޝާއަށް ފާރައަށް ހުންނަ ހެންނެވެ. އިޝާ ގޮވައިގެން ނިހާ ކައިރިއަށް ދިޔަޔަސް އަޝްރަފްގެ ނަޒަރު ފަރީޝާއާ ވަކިކޮށް ނުލަ އެވެ. ނިހާގެ ގެއަށް ދާ ކޮންމެ ދުވަހަކު އެނބުރި ގެއަށް އައުމަށް ފަހު ފަރީޝާ އުޅެން ޖެހެނީ ބޮލުގައި ރިއްސާތީ، ނޫނީ ހިތުގައި ރިއްސާތީ އެވެ. އެހެން ވާތީ ފަރީޝާ ދެރަވެ އެވެ. ހިތާ ނަފްސުން އާޒިމަށް ވަފާތެރިވާން ފަރީޝާ ބޭނުން ވި އެވެ. އެކަމަށް ޓަކައި ކުރެވެން އޮތް ހުރިހާ ކަމެއް ކުރަން ފަރީޝާ ނިންމި އެވެ. 

ފަރީޝާގެ އަތުގައި އަޝްރަފްގެ އެއްވެސް ހަނދާނެއް ވާނަމަ ނެތި ކޮށްލުމަކީ މުހިންމު ކަމެކެވެ. އަލަމާރީގައި ހުރި އަޝްރަފާ ގުޅުން ހުރި ހުރިހާ ސާމާނެއް އުކާލަން ފަރީޝާ ގަސްދު ކުރި އެވެ. ފަރީޝާއާ އަޝްރަފް ކައިވެނި ކުރި ރޭ ފަރީޝާ ލީ ހެދުން ގަނޑުވެސް އަންދާލާނީ އެވެ! ފަރީޝާ އަލަމާރި ހާވަނިކޮށް ފެނުނީ އޭނާ ފޮރުވާފައި އޮތް އަޝްރަފްގެ ގަމީހެވެ. އެއީ އެއްކަލަ ބޮޑު ގޮޅި ޖެހި ގަމީހެވެ. އޭނާ އެ ގަމީސް އަޝްރަފަށް ސިއްރުން ފޮރުވީ އެވެ. އެ ގަމީހަކީ އޭނާގެ ހަނދާނުން ދުވަހަކުވެސް ފޮހެވިގެން ނުދާނެ ބިރުވެރި ހާދިސާ އަކާ ގުޅިފައިވާ ގަމީހެކެވެ. އެ ގަމީސް ފެނުނު ހިނދު ފަރީޝާގެ ހިތުގައި އަޝްރަފްގެ މައްޗަށް އުފެދިގެން ދިޔައީ ނަފްރަތެވެ. އެރޭގެ ހަނދާންތައް ފަރީޝާގެ ސިކުނޑި އަށާއި ހިތަށް ވެރިވެގެން ދިޔަ ހިނދު ގަމީހުގައި ދެއަތުން ބާރަށް ހިފަހައްޓާލެވުނެވެ. ދަތްކުނޑި ވިކާލެވުނެވެ. 

އަޝްރަފަކީ ހާދަހާ ނުބައި އިންސާނެކެވެ. އެކަން ފަރީޝާއަށް ރަނގަޅަށް އެ އިޙުސާސް ކުރެވުނީ އަދި ކިރިޔާ އެވެ. ބަނޑުބޮޑު ވެފައި އިންދާ، ދަރިފުޅުގެ ބައްޕައަކީ އަޝްރަފް ކަން އެނގުނީމައި ހިތަށް ހަމަ ޖެހުމެއް ލިބުނު ނަމަވެސް މިއަދު އެހިތުގައި އުފެދިގެން ދިޔައީ އިންތިހާ ދަރަޖައިގެ ރުޅިވެރިކަމެވެ. އަޝްރަފަކީ މާތް ސިފައެއްގައި ހުރި ވިހަ ހަރުފަ އެކެވެ. އޭނާގެ ނުބައިކަން ފަރީޝާއަށް މިހާރު ވަނީ އެތައް ގޮތަކަށް ފެނިފަ އެވެ. މާޒީގެ ހިތި ހަނދާންތައް ހިތުގައި ތަކުރާރު ވާން ފެށި ހިނދު ފަރީޝާގެ ލޮލުން ކަރުނަ އޮހެން ފެށި އެވެ. އެހެން ނަމަވެސް މިއަދު އެއީ ހިތާމައިގެ ކަރުނައެއް ނޫނެވެ. އެއީ ހިތުގައި އުފެދިފައިވާ ބަދަލު ހިފުމުގެ ރޫހުން އަރައިގެން ދިލައިގެ އަސަރެވެ. މި ވަގުތު ފަރީޝާ ބޭނުން ވަނީ އަޝްރަފުގެ ކިބައިން ބަދަލު ހިފާށެވެ. ފަރީޝާގެ ކާފަގެ ވަސިއްޔަތަށް ރަޙުމް ނުކުރި އެ ނުބައި އިންސާނާއަށް އޭގެ ބަދަލު ލިބެން ޖެހޭނެ އެވެ. ފަރީޝާއަށް އެކަމުގައި އެހީތެރި ވާނެ މީހަކުވެސް މިހާރު އެބަހުއްޓެވެ. އެއީ އާޒިމެވެ.

ފަރީޝާ ފޯނު ނަގާ އާޒިމަށް ގުޅާލި އެވެ. ހަމަ މިވަގުތު ވާހަކައެއް ދައްކަން ބޭނުން ކަމުގައި ބުނެ އަވަހަށް ގެއަށް އައުމަށް އޭނާ އާޒިމަށް އެންގި އެވެ.

ފަރީޝާ އާޒިމަށް ގުޅީ ބަޔަކާއެކު ކޮފީއެއްގައި އިންދާ އެވެ. ފަރީޝާ ގެ ވާހަކަ ހުރި ގޮތުން ކަމުގެ ސީރިއަސް ކަން އިޙުސާސް ކުރެވިގެން އާޒިމް ގެއަށް އައީ ދުވެފަ އެވެ. ބާރަށް އައިސް ކޮޓަރީގެ ތެރެއަށް ވަނުމާއި އެކު އާޒިމަށް ހުއްޓެވުނެވެ. އެ ގަމީސް އަތަށް ލައިގެން އެހާ ވަރަށް ރުޅި ގަދަވެފައި ފަރީޝާ އެއިނީ ކީއްވެފައި ހެއްޔެވެ!

"ކިހިނެތްވީ!"
އަނގުރު ކޮޅެއް ފަދަ ފަރީޝާގެ ދެލޯ ފެނިފައި އާޒިމަށް އަހާލެވުނެވެ. 
" މީ އަޝްރަފް ގެ ގަމީހެއް!"
ދަތް ތަކަށް ބާރު ލަމުން ފަރީޝާ އެހެން ބުނީ ރުޅިވެރި ކަމާއި އެކުގައެވެ.
އާޒިމް ވިސްނާލި އެވެ. ފަރީޝާއަށް އެހެން ބުނެވިދާނެއެވެ. އެ ގަމީސް އަޝްރަފް ބޭނުން ކުރާތާ މިހާރު ދުވަސް ކޮޅެއް ވެއްޖެ އެވެ.
(ނުނިމޭ)

ކޮމެންޓް 0